-

ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ހިންގާ ގަވާއިދު

(ގަވާއިދު ނަންބަރު 2026-77)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 ސެޕްޓެމްބަރު 2026 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ހިންގުމާ ގުޅޭގޮތުން، އެ ގާނޫނުގެ 98 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ކައުންސިލުގެ މަސައްކަތްތައް ހިންގާނެ ގޮތް ބަޔާންކުރުން.

(ށ) ގާނޫނުގައި ހިމެނިގެންވާ އުސޫލުތަކާއި، ގާނޫނުގެ ދަށުން އެކަށައަޅާ ހަމަތަކާއި، އަހްލާގީ މިންގަނޑުތަކާ ހިލާފަށް ހިންގާ ކަންކަމާ ގުޅިގެން ހުށަހެޅޭ ށަކުވާތައް ބަލައި، އެ ކަންކަމަށް ގޮތެއް ނިންމުން.

(ނ) ކައުންސިލުގެ މަސައްކަތް ތަރުތީބުކުރުމާއި، ކައުންސިލުގެ ބައްދަލުވުން ހިންގާނެ ގޮތް ބަޔާންކުރުން.

(ރ) ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓަރީކުރެވިފައިވާ ނަރުހުންނާއި މިޑްވައިފުން މަސައްކަތުގެ މާހައުލުގައި އަމަލުކުރަންވީ ހަމަތަކާއި، އެ ފަރާތްތަކުގެ އަހްލާގީ މިންގަނޑުތައް އެކަށައެޅުން.

(ބ) ދިވެހިރާއްޖޭގައްޔާއި ރާއްޖެއިން ބޭރުގައި ހިންގާ ނަރސިންގ އެންޑް މިޑްވައިފަރީ ދާއިރާއިން ތައުލީމާއި، ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޯސްތައް ކައުންސިލުގެ އެކްރެޑިޓޭށަން މިންގަނޑާ އެއްގޮތްކަން ކަށަވަރުކުރުން.

 

3 ވަނަ މާއްދާ - ކައުންސިލުގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި، ބާރުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމުގެ ށަރުތުތައް ކަނޑައެޅުން.

(ށ) ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރަން އެދޭ ފަރާތްތަކުގެ ތައުލީމީ ފާސް ގަބޫލުކުރާނެ މިންގަނޑުތައް ކަނޑައެޅުން.

(ނ) ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އެކި ފަރާތްތަކަށް ދިނުމުގެ ބޭނުމަށްޓަކައި ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ގަބޫލުކުރާ ތައުލީމީ މަރުކަޒުތަކާއި، ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުން.

(ރ) ދިވެހިރާއްޖޭގައި ހިންގާ، ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގެ ތައުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ގަބޫލުކުރާ ތައުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާއި، އެ ތަންތަނުގައި ތަމްރީނު ދިނުމުގެ މަސައްކަތްކުރާ ފަންނުވެރިންގެ ށަރުތުތައް ކަނޑައެޅުމާއި، އެ ތަންތަނުން ހިންގާ ކޯސްތައް އެކްރެޑިޓްކުރުން.

(ބ) ނަރުހުންނާއި، މިޑްވައިފުން ރަޖިސްޓަރީކުރުމާއި، އެ މީހުންގެ ރަޖިސްޓަރީ ބާތިލުކުރުން.

(ޅ) ނަރުހުންނާއި، މިޑްވައިފުންނަށް ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކޮށްދިނުމާއި، ލައިސަންސް ބާތިލުކުރުން.

(ކ) ނަރުހުންނާއި މިޑްވައިފުން އެ މީހުންގެ މަސައްކަތްކުރުމުގައި، އަމަލުކުރަންޖެހޭ އުސޫލުތަކާއި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ހަމަތައް ކަނޑައެޅުން.

(އ) ނަރުހުންނާއި، މިޑްވައިފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި އެ މީހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި، ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، އެ ކަންކަން ތަންފީޒުކުރުމާއި، ގަވާއިދުން އެ މީހުންގެ މަސައްކަތުގެ ފެންވަރު ބަލަމުންގެންދިޔުން.

(ވ) ނަރުހުންނާއި މިޑްވައިފުން އެމީހުންގެ ވަޒީފާ އަދާކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފަށް ކުރާ ކަންކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ބަލައި، އެފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(މ) ރަޖިސްޓަރީކުރުމާއި ލައިސަންސް ދޫކުރުމާއި، ލައިސަންސް ދޫކުރުމުގެ ކުރިން ހަދަންޖެހޭ އިމްތިހާނުތަކަށާއި ކައުންސިލުން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކާ ގުޅޭގޮތުން ނަގާނެ ފީ ކަނޑައެޅުން.

(ފ) ކައުންސިލުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ތައާރުޒުނުވާނޭ ގޮތެއްގެމަތިން ކޮމެޓީތަކާއި ބޯޑުތައް އުފެއްދުން.

(ދ) ނަރުހުންނާއި މިޑްވައިފުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އައު އުސޫލުތައް ތައާރުފުކުރުމާއި، އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށްޓަކައި އުސޫލުތައް ތައާރުފުކުރުމާއި، ނަރުހުންނާއި މިޑްވައިފުންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ އުސޫލުތަކަކީ ބައިނަލްއަގްވާމީ "ބެސްޓް ޕްރެކްޓިސް" ގެ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއްކަން ކަށަވަރުކުރުން.

(ތ) ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.

(ލ) ގާނޫނަކުން ކައުންސިލުން ކުރުމަށް ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުން.

 

4 ވަނަ މާއްދާ - ކައުންސިލް އެކުލެވިގެންވާ ގޮތް

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.

(ހ) ދިވެހިރާއްޖޭގައި މަސައްކަތްކުރާ ރަޖިސްޓަރޑް ނަރުހުންގެ ތެރެއިން އައްޔަނުކުރާ 3 (ތިނެއް) ނަރުހުން.

(ށ) ދިވެހިރާއްޖޭގައި މަސައްކަތްކުރާ ރަޖިސްޓަރޑް މިޑްވައިފުންގެ ތެރެއިން އައްޔަނުކުރާ މިޑްވައިފެއް.

(ނ) މިނިސްޓަރު އައްޔަނުކުރާ ފަރާތެއް.

(ރ) ނަރުހެއް ނުވަތަ މިޑްވައިފެއް ކަމުގައި ނުވާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް.

(ބ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރީން ތަމްރީނުކުރާ މަރުކަޒުތަކުގެ ތެރެއިން ނަރުހުންނާއި މިޑްވައިފުން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރީން ތަމްރީނުކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަރުހެއް ނުވަތަ މިޑްވައިފެއް.

(ޅ) ގާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ގާނޫނީ ވަކީލެއް.

(ކ) ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމުއިއްޔާއެއްގެ މެންބަރެއް.

 

5 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތުތައް

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް އައްޔަނުކުރާ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް އައްޔަނުކުރާ 3 (ތިނެއް) މެންބަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) މެންބަރު ވާންވާނީ، އަތޮޅުތަކުގައި މަސައްކަތް ކުރުމުގެ 1 (އެކެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް މިނިސްޓަރު އައްޔަނުކުރާ މެންބަރު ވާންވާނީ، ރަޖިސްޓަރޑް ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށްފައިވާ، ފާހަގަކޮށްލެވޭ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް އައްޔަނުކުރާ ކޮންމެ މެންބަރެއްގެ ކިބައިގައި، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު ސިފަތައް ފުރިހަމަވާންވާނެއެވެ.

 

6 ވަނަ މާއްދާ - މޯލްޑިވްސް ނަރސިނގ އެންޑް މިޑްވައިފަރީ ކައުންސިލަށް މެންބަރުން އައްޔަނުކުރުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކައުންސިލުގެ އެންމެހައި މެންބަރުން އައްޔަނުކުރުމާބެހޭ އިދާރީ އެންމެހައި ކަންކަން ކުރާނީ މިނިސްޓްރީންނެވެ.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މަގާމުތަކަށް މެންބަރުން އައްޔަނުކުރުމުގައި ބަލާނީ، މިނިސްޓްރީން އާންމުކޮށް އިއުލާނުކުރުމުން، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ފެންވަރަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަރވިއުއެއް ކުރާ ނަމަ، އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކެވެ.

(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މެންބަރަކީ، ގާނޫނުގެ 37 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއްކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

(ރ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) އިން ފެށިގެން (ކ) ގެ ނިޔަލަށް ހުރި އަކުރުތަކުގައިވާ ދާއިރާތަކަށް މެންބަރުން ހޮވާނީ، މިނިސްޓްރީން އާންމުކޮށް އިއުލާނުކުރުމުން އެ ދާއިރާތަކުން ކުރިމަތިލާ މީހުންގެ ތެރެއިން، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ސިލެކްށަން ކޮމިޓީންނެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން، މަގާމުތަކަށް މެންބަރުން ހޮވުމަށް ޓަކައި، އަންނަނިވި މެންބަރުންގެ މައްޗަށް އެކުލެވޭ، ސިލެކްށަން ކޮމިޓީއެއް، މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.

  1. މިނިސްޓްރީން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  2. ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  3. މަދަނީ ޖަމުއިއްޔާއެއްގެ 1 (އެކެއް) މެންބަރު.

(ޅ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) އިން ފެށިގެން (ކ) ގެ ނިޔަލަށް ހުރި އަކުރުތަކުގައިވާ މަގާމުތަކަށް ކުރިމަތިލާ މީހުން، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މަގާމުތަކަށް ހޮވުމުގައި ސިލެކްށަން ކޮމިޓީން މާކުސް ދޭނެ އުސޫލު މިނިސްޓްރީން ދުރާލައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ކ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ކައުންސިލުގެ މެންބަރުންގެ ގޮތުގައި ކަނޑައެޅޭ ފަރާތްތައް މެންބަރުކަމަށް އައްޔަނުކޮށް، ކައުންސިލް އެކުލަވައިލާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

 

7 ވަނަ މާއްދާ - މެންބަރުންގެ ސިފަތައް

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، މި ގަވާއިދުގެ ދަށުން ކައުންސިލަށް އައްޔަނުކުރާ މެންބަރުންގެ ކިބައިގައި ތިރީގައި ބަޔާންކޮށްފައިވާ އާންމު ސިފަތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހިރައްޔިތެއް ކަމުގައި ވުން؛
  2. ކައުންސިލުގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ އިލްމީ ފެންވަރާއި ލަޔާގަތާއި މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައި ވުން؛
  3. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  4. ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  5. ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން؛
  6. ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރީން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  7. ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ށަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  8. ސިއްހީ ހިދުމަތްދޭ ތަނެއްގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެނޫންވެސް މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛
  9. ސިއްހީ ހިދުމަތްދޭ ތަނެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން؛
  10. ގާނޫނެއްގައި ކަނޑައެޅިފައިވާ އިންތިހާބަކުން މަގާމަކަށް ހޮވިފައިވާ މީހަކު ކަމުގައި ނުވުން؛
  11. ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

(ށ) ކައުންސިލުގައި މަދުވެގެން 1 (އެކެއް) އަންހެން މެންބަރާއި، 1 (އެކެއް) ފިރިހެން މެންބަރު ހިމެނެންވާނެއެވެ.

(ނ) ކައުންސިލުގެ އިސް މުވައްޒަފެއްގެ ގޮތުގައި މެންބަރެއްގެ އާއިލާގެ މީހަކު ހުރެގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި އާއިލާގެ މީހެއް ކަމުގައި ބެލެވޭނީ، އަނބި ނުވަތަ ފިރިމީހާ ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ ދަރިއަކު ނުވަތަ އެއްބަނޑުއެއްބަފާ މީހަކު ނުވަތަ އެއްބަނޑު މީހަކު ނުވަތަ އެއްބަފާ މީހަކަށެވެ.

 

8 ވަނަ މާއްދާ - ކައުންސިލުގެ ރައީސާއި ނައިބުރައީސް އައްޔަނުކުރުން

(ހ) ކައުންސިލުގެ ރައީސާއި ނައިބުރައީސް އައްޔަނުކުރާނީ، ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ނަގާ ސިއްރު ވޯޓަކުންނެވެ. ރައީސް ނުވަތަ ނައިބުރައީސްގެ މަގާމަށް މީހަކު އައްޔަނުކުރުމުގެ ކަންކަން ކުރިޔަށްގެންދާނީ ތިރީގައިވާ ގޮތުގެމަތީންނެވެ.

  1. ރައީސްކަމުގެ މަގާމަށް ނުވަތަ ނައިބުރައީސްކަމުގެ މަގާމަށް ކުރިމަތިލާ މެންބަރުންގެ ނަން ހުށަހެޅުން؛
  2. އެއް މަގާމަކަށް އެކަކަށް ވުރެ ގިނަ މެންބަރުން ކުރިމަތިލައިފި ނަމަ، ހާޒިރުވި މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން، އެންމެ ގިނަ ވޯޓު ހޯދާ މެންބަރަކު އިންތިހާބުކުރުން؛
  3. ވޯޓު އެއްވަރުވެއްޖެ ނަމަ، ދެވަނަ ބުރުގެ ވޯޓުލުން ކުރިޔަށްގެންދިއުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ކަނޑައަޅައިފައި އޮތް ނަމަވެސް، ކައުންސިލުގެ ރައީސާއި ނައިބުރައީސް ވާންވާނީ ނަރުހުންގެ ތެރެއިން ނުވަތަ މިޑްވައިފުންގެ ތެރެއިން ކައުންސިލަށް އައްޔަނުކުރާ މެންބަރަކަށެވެ.

(ނ) ކައުންސިލުގެ ރައީސާއި ނައިބުރައީސްގެ މަގާމަށް އައްޔަނުކުރެވޭ މީހަކީ، މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން އުފެދޭ، ސިއްހީ ހިދުމަތުގެ ފަންނުގެ އެހެން ކައުންސިލެއްގެ ނުވަތަ ބޯޑެއްގެ މެންބަރެއް ނުވަތަ އިސް މުވައްޒަފެއް ކަމުގައި ވެގެން ނުވާނެއެވެ.

(ރ) މި ގަވާއިދުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކައުންސިލުގެ ރައީސްގެ މަގާމު ނުވަތަ ނައިބުރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމެއް ހުސްވިތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ނުވަތަ ޖެހިގެން އަންނަ ބައްދަލުވުމެއްގައި، މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އެ މަގާމަކަށް އައު މެންބަރަކު އައްޔަނު ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ކައުންސިލުގެ ރައީސްގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ ރައީސަކީ، ކައުންސިލުގެ އެންމެހައި ކަންކަން ބަލަހައްޓައި، ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. ކައުންސިލުގެ ރައީސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކައުންސިލުގެ މަސްއޫލިއްޔަތުތައް ކަމުގައި ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުން މެދުވެރިކޮށް ކުރުވުން.

(ށ) ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ނ) ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނެ ދުވަސްތަކާއި ވަގުތާއި ތަން ކަނޑައެޅުން.

(ރ) ކައުންސިލުގެ ބައްދަލުވުންތަކަށް އެޖެންޑާކުރާނެ ކަންކަން ކަނޑައަޅައި ތަރުތީބުކުރުން.

(ބ) ކައުންސިލުގެ ސެކްރެޓޭރިއޭޓަށް ކައުންސިލުގެ ފަރާތުން އިދާރީގޮތުން ދޭން ބޭނުންވާ ލަފަޔާއި އިރުށާދު ދިނުން.

(ޅ) ކައުންސިލުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.

(ކ) ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދީ، އެ މަސްއޫލިއްޔަތުތައް އަދާކުރެވެމުންދާކަން ކަށަވަރުކުރުން.

(އ) ކައުންސިލުގެ ނިންމުންތައް ތަންފީޒު ކުރެވެމުންދާކަން ކަށަވަރުކުރުން.
(ވ) ކައުންސިލުގެ މަސައްކަތްތަކާ ގުޅިގެން މިނިސްޓަރަށް ޖަވާބުދާރީވުން.

(މ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، ކައުންސިލުން ނުވަތަ މި ގަވާއިދުގެ ދަށުން ރައީސްގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން، ނުވަތަ ދީފައިވާ ބާރެއްގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުން.

 

10 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.

(ހ) ކައުންސިލުގެ ރައީސަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، ރައީސްގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުމާއި، ކައުންސިލުގެ ރައީސް، ނައިބު ރައީސާ ހަވާލުކުރާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.

(ށ) ކައުންސިލުގެ މަސައްކަތާ ގުޅޭގޮތުން ކައުންސިލުގެ ރައީސަށް އެހީތެރިކަން ފޯރުކޮށްދިނުން؛

(ނ) ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

11 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތު

(ހ) ކައުންސިލުގެ މެންބަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނެއެވެ.

  1. މަގްބޫލު އުޒުރެއް ދިމާވެގެން މެނުވީ، ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުން؛
  2. ކައުންސިލުގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛
  3. ކައުންސިލުން ބަލާ ށަކުވާތަކާ ގުޅިގެން ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި، ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން؛
  4. މުޖުތަމައުގެ ތެރޭގައި ހަރަކާތްތެރިވުމުގައި ކައުންސިލުގެ މެންބަރެއްގެ ހައިޘިއްޔަތުން ހިފަހައްޓަންޖެހޭ އަހްލާގީ މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން؛
  5. ޒާތީ ތައައްސުބުން އެއްކިބާވެހުރެ، ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި، އިންސާފުވެރިވުމާއި، ފަރުވާތެރިވުން؛
  6. މި އަކުރުގެ ދަށުން ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، ގާނޫނާއި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އެހެނިހެން މަސައްކަތްތައް ކުރުން.

(ށ) ކައުންސިލުގެ ކޮންމެ މެންބަރަކު ވެސް ހިދުމަތްކުރަންވާނީ މީހެއްގެ ފަންނީ އިލްމާއި ތަޖުރިބާގެ އަލީގައި މިނިވަންކަމާއި، އަދުލުވެރިކަމާއި، އިންސާފުވެރިކަމާއި، މުހްތަރިފްކަމާ އެކުގައެވެ. އަދި އޭނާއާ ހަވާލުކުރެވޭ ކަންކަން ކުރަންވާނީ އެއްވެސް މީހެއްގެ ނުވަތަ އެއްވެސް އިދާރާއެއްގެ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއް ނެތި، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް އޮތް މައްސަލައެއް ކައުންސިލުން ބަލާހިނދު އެ މައްސަލަ ބެލުމުގައި ނުވަތަ ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ކައުންސިލުން ބަލާ މައްސަލައަކީ، އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތް ނަމަވެސް، އެކަން އެނގޭ ހިނދު، އެ މައްސަލައަކީ އޭނާއާ ގުޅުމެއް އޮތް މައްސަލައެއްކަން ކައުންސިލުގެ ރައީސަށް އެނގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން، އެ މެންބަރަކު އެއްކިބާވާންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވީ ކައުންސިލުގެ ރައީސަށް ކަމުގައި ވާ ނަމަ، ކައުންސިލުގެ ނައިބު ރައީސަށް އެކަން އެނގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އޭނާ އެއްކިބާވާންވާނެއެވެ.

 

12 ވަނަ މާއްދާ - މެންބަރުކަމުގެ އިގުރާރު

ކައުންސިލުގެ މެންބަރަކަށް އެ މެންބަރެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފެށޭނީ، ކައުންސިލުގެ މެންބަރެއްގެ ގޮތުން އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މިނިވަންކަމާއި އަދުލުވެރިކަމާއި އަމާނާތްތެރިކަމާއި އިންސާފުވެރިކަމާއެކު، އެއްވެސް ނުފޫޒަކަށް ލެނބުމެއް ނެތި އިހްލާސްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އިގުރާރުގައި ސޮއިކުރުމަށްފަހުގައެވެ.

 

13 ވަނަ މާއްދާ - މެންބަރުންގެ ދައުރު

(ހ) ކައުންސިލަށް އައްޔަނުކުރާ މެންބަރުން، އެ މަގާމުގައި ދެމިތިބޭނީ، އެ މީހަކު އެ މަގާމަށް އައްޔަނުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލަށް މެންބަރުން އައްޔަނުކުރެވޭ މުއްދަތު ހަމަވުމުން، އިތުރު 5 (ފަހެއް) އަހަރުގެ 1 (އެކެއް) ދައުރަށް އެ މެންބަރުން، ކައުންސިލަށް އައްޔަނުކުރެވިދާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން މެންބަރުކަމަށް އައްޔަނުކުރެވޭ އެއްވެސް މީހަކަށް ތަކުރާރުކޮށް ނުވަތަ އެނޫން ގޮތަކަށްވިޔަސް 5 (ފަހެއް) އަހަރުގެ 2 (ދޭއް) ދައުރަށް ވުރެ ގިނަދުވަހު މެންބަރުކަމުގައެއް ނުހުރެވޭނެއެވެ.

(ރ) މަގާމުގެ ހައިސިއްޔަތުން ކައުންސިލަށް އައްޔަނުކުރާ މެންބަރުން އެ މަގާމުގައި ތިބޭނީ، އެ ފަރާތްތައް ކައުންސިލުގައި ހިމެނޭ މަގާމުތަކުގައި ދެމިތިބިހާ ހިނދަކުއެވެ. އަދި އެ ފަރާތްތައް އެ މަގާމުތަކުން ވަކިވެއްޖެ ނަމަ، ކައުންސިލުގެ މެންބަރުކަމުން ވަކިވާނެއެވެ.

 

14 ވަނަ މާއްދާ - އެލަވަންސް

(ހ) ކައުންސިލަށް އައްޔަނުކުރެވޭ މެންބަރުންނަށް އެ ފަރާތްތަކުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް އެލަވަންސެއް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސް ކަނޑައަޅާނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރެވެ.

 

15 ވަނަ މާއްދާ - މަގާމު ހުސްވުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ:

  1. މެންބަރުކަމުގެ ދައުރު ހަމަވުން؛
  2. މި ގަވާއިދުގައިވާ ގޮތުގެ މަތީން އިސްތިއުފާ ދިނުން؛
  3. މި ގަވާއިދުގެ 17 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ މެންބަރަކު ވަކިކުރުން؛
  4. މަރުވުން؛
  5. މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި އާންމު މެންބަރުންގެ ސިފަތައް ކަމުގައި ބަޔާންކޮށްފައިވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުން.

(ށ) އިސްތިއުފާދީގެން މެނުވީ، ކައުންސިލުގެ ރައީސްގެ މަގާމާއި، ނައިބު ރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ ކައުންސިލުގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވުމުންނެވެ.

 

16 ވަނަ މާއްދާ - ހުސްވާ މަގާމަށް 

(ހ) ކައުންސިލުގެ މެންބަރުކަމުގެ މަގާމެއް ހުސްކޮށް ނޯންނާނެ ގޮތެއްގެ މަތީން، މެންބަރުން ކައުންސިލުގެ މެންބަރުންގެ މެންބަރުކަމުގެ ދައުރު ހަމަވުމުގެ ކުރިން ކައުންސިލަށް އައްޔަނުކުރުން އައު މެންބަރުން އައްޔަނުކޮށް ނިންމަންވާނެއެވެ.

(ށ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކައުންސިލުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެ ނަމަ، އެ މަގާމެއް ހުސްވާތާ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އަލުން އައްޔަނުކުރަންވާނެއެވެ.

(ނ) ކައުންސިލުގެ ރައީސްކަމުގެ މަގާމު ނުވަތަ ނައިބު ރައީސްކަމުގެ މަގާމެއް ހުސްވެއްޖެ ނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ނުވަތަ ޖެހިގެން އަންނަ ކައުންސިލުގެ ބައްދަލުވުމުގައި، އެ މަގާމަށް މެންބަރަކު އަލުން އިންތިހާބު ކުރަންވާނެއެވެ.

(ރ) ކައުންސިލެއްގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެ ނަމަ، އެ މަގާމަށް މެންބަރަކު ހަމަޖައްސާނީ، އެ މަގާމަށް އެ މެންބަރަކު ހޮވުމަށް ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

17 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ކައުންސިލުގެ މެންބަރަކަށް އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މެންބަރަކު މަގާމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އެގޮތުން މަގާމުން ވަކިކުރާއިރު، މަގާމުން ވަކިކުރާ ސަބަބު ބަޔާންކުރަންވާނެއެވެ.

(ހ) ކައުންސިލުގެ މެންބަރެއްގެ ހައިޘިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުން.

(ށ) ކައުންސިލުގެ މެންބަރެއްގެ ހައިޘިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތައާރުޒުވާ ފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއް އޮތް ހާލަތެއް މެދުވެރިވުން.

(ނ) ކައުންސިލުގެ މެންބަރެއްގެ ހައިޘިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުން.

 

18 ވަނަ މާއްދާ - އިސްތިއުފާ ދިނުން

(ހ) ކައުންސިލެއްގެ ރައީސް ނުވަތަ ނައިބު ރައީސް އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ، ސަބަބު ބަޔާންކޮށްފައި، ކައުންސިލަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އަދި ކައުންސިލުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ، ސަބަބު ބަޔާންކޮށްފައި، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ.

(ށ) ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސް، މި މާއްދާގެ (ހ) ގެ ދަށުން އެ މަގާމުން އިސްތިއުފާ ދިންކަމުގައި ވިޔަސް، ކައުންސިލުގެ މެންބަރުކަމުން އޭނާ އިސްތިއުފާދިނީ ކަމުގައެއް ނުބެލެވޭނެއެވެ.

 

19 ވަނަ މާއްދާ - ކައުންސިލުގެ ސެކްރެޓޭރިއަޓް

(ހ) ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދޭނީ އެކަމަށްޓަކައި މިނިސްޓްރީގައި ގާއިމުކުރާ ސެކްށަނުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީގައި ގާއިމުކުރާ ސެކްށަނުގެ އިދާރީ، ހިންގުމުގެ އެންމެ އިސް ވެރިޔެއްގެ ގޮތުގައި ހުންނާނީ، ކައުންސިލުގެ ރަޖިސްޓްރާރއެވެ.

 

20 ވަނަ މާއްދާ - ކައުންސިލަށް ލަފާދޭ ފަންނީ ފަރާތްތައް

ކައުންސިލަށް ލަފާދިނުމަށް ޓަކައި ކޮންސަލްޓަންޓުންގެ ގޮތުގައި ފަންނީ ފަރާތްތައް ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިކުރެވިދާނެއެވެ. މިގޮތުން ކޮންސަލްޓަންޓް ހޯދާނެ ގޮތާއި އިޖުރާތުތަކާއި، ކަމާ ގުޅޭ އެހެނިހެން އުސޫލުތައް ކައުންސިލުން އެކަށައަޅަންވާނެއެވެ.

 

21 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތައް

(ހ) ކައުންސިލުގެ ބައްދަލުވުމެއް މަދުވެގެން މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.

(ށ) ކައުންސިލުގެ ކޮންމެ ބައްދަލުވުމަކަށް ވެސް އެޖެންޑާއެއް އޮންނަންވާނެއެވެ. ބައްދަލުވުމުގެ އެޖެންޑާކުރާނޭ ކަންކަން ކަނޑައަޅައި ތަރުތީބުކުރާނީ ކައުންސިލުގެ ރައީސެވެ.

(ނ) ކައުންސިލުގެ ދެބައިކުޅައެއްބައި މެންބަރުންނަށް ވުރެ މަދުނޫން އަދަދެއްގެ މެންބަރުން، ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ނަމަ، ސަބަބު ބަޔާންކޮށް ކައުންސިލުގެ ރައީސަށް އެކަން ހުށަހެޅިދާނެއެވެ. އަދި ކައުންސިލުގެ ރައީސަށް އެ ނޯޓިސް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ ނޯޓިހުގައި ހުށަހަޅައިފައިވާ ގޮތުގެ މަތީން ކައުންސިލުގެ ބައްދަލުވުމެއް ކައުންސިލުގެ ރައީސް ބާއްވަންވާނެއެވެ.

(ރ) ކައުންސިލުން އަވަސް ގޮތަކަށް މައްސަލައެއް ނިންމައިދޭން އެދި، ކައުންސިލުގެ ރައީސަށް ލިޔުމަކުން ހުށަހެޅުމުގެ އިހުތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އެގޮތުން ރަޖިސްޓްރާރ ހުށަހެޅުމެއް ހުށަހަޅައިފި ނަމަ، އެ ހުށަހެޅުން ކައުންސިލުގެ ރައީސަށް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، ކައުންސިލުގެ ބައްދަލުވުމެއް ބާއްވައި، ރަޖިސްޓްރާރ ހުށަހަޅައިފައިވާ މައްސަލައާމެދު ގޮތެއް ނިންމަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ރައީސަށް ފެނިއްޖެ ނަމަ ނުވަތަ ދިމާވާ ހާއްސަ ހާލަތަކަށް ރިއާޔަތްކޮށް ކައުންސިލްގެ އިތުރު ބައްދަލުވުންތައް ބޭއްވުމުގެ އިހުތިޔާރު، ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.

(ޅ) ކައުންސިލުގެ ބައްދަލުވުންތަކުގައި، ހުޅުވިފައިވާ މާހައުލެއްގައި މަށްވަރާތައް ކުރިޔަށްގެންދަން ބާރުއަޅަންވާނެއެވެ. އަދި މަށްވަރާކުރާ މައްސަލައަށް އަމާޒުކޮށްގެން، ބަހުސް ކުރިޔަށްގެންދިއުމާއި ހުރިހާ ފަރާތްތަކަކަށް ވެސް، ގަދަރުކުރެވޭ ގޮތެއްގައި، ހިޔާލުފާޅުކުރުމުގެ ފުރުސަތު ވެސް ދޭންވާނެއެވެ.

(ކ) ކައުންސިލުގެ ބައްދަލުވުންތައް، ކައުންސިލުގެ މެންބަރުން އެއްތަނަކަށް ހާޒިރުވެ ތިބެގެން ނުވަތަ އޯޑިއޯ ކޮންފަރަންސް ނުވަތަ ވީޑިއޯ ކޮންފަރަންސް ކުރެވޭ ފަދަ ޒަމާނީ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށްގެން ބޭއްވިދާނެއެވެ.

(އ) އޯޑިއޯ ކޮންފަރަންސް ނުވަތަ ވީޑިއޯ ކޮންފަރަންސް ކުރެވޭ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވިކަމުގައިވިޔަސް، ބައްދަލުވުމަކަށް ބޭނުންވާ ކޯރަމް ހަމަވާންޖެހޭނެއެވެ.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އޯޑިއޯ ކޮންފަރަންސް ނުވަތަ ވީޑިއޯ ކޮންފަރަންސް ކުރެވޭ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުންތަކުގައި، އަންނަނިވި ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

  1. ކޮންމެ މެންބަރަކު ވެސް ބައްދަލުވުމުގައި ބައިވެރިވާންވާނީ، އެ ބައްދަލުވުމަށް ބޭނުންކުރެވޭ ޒަމާނީ މުވާސަލާތީ ވަސީލަތެއްގައި ނުވަތަ އެޕްލިކޭށަނެއްގައި އެ މެންބަރަކަށް ހާއްސަކޮށް ސެކްރެޓޭރިއެޓުން ކަނޑައަޅާ ލޮގިން ނުވަތަ ލިންކް ނުވަތަ އައިޑީ މެދުވެރިކޮށްގެންނެވެ.
  2. ބައްދަލުވުމަށް ބޭނުންކުރެވޭ ޒަމާނީ މުވާސަލާތީ ވަސީލަތެއްގައި ނުވަތަ އެޕްލިކޭށަނެއްގައި، ކަނޑައަޅައިފައިވާ ލޮގިން މެދުވެރިކޮށް، ބައްދަލުވުމުގައި ބައިވެރިވަނީ ކޮން މެންބަރެއްކަން އެނގޭނެ މައުލޫމާތު ފެންނަން ހުންނަންވާނެއެވެ.
  3. ބައްދަލުވުމަށް ބޭނުންކުރެވޭ ޒަމާނީ މުވާސަލާތީ ވަސީލަތެއް ނުވަތަ އެޕްލިކޭށަނެއް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވާ ހާލަތުގައި ވޯޓަށް އަހާ މައްސަލަތަކުގައި ވޯޓުދޭގޮތް އޯޑިއޯއިން ސާފުވާންވާނެއެވެ. ނުވަތަ އެޕްލިކޭށަން މެދުވެރިކޮށް ވަކިގޮތަކަށް ވޯޓު ދިނުމުގެ އިންތިޒާމު ހަމަޖައްސައިފައިވާ ނަމަ އެގޮތަކަށް ވެސް ވޯޓު ދެވިދާނެއެވެ.
  4. ކައުންސިލުގެ ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނީ މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަންޖެހޭ އެއްވެސް ލިޔެކިޔުމެއް އޮންނަ ނަމަ، އެ މެންބަރެއްގެ ޑިޖިޓަލް ސޮއި އެ ލިޔެކިޔުމެއްގައި ކުރެވިދާނެއެވެ.
  5. އޯޑިއޯ ކޮންފަރަންސެއް ނުވަތަ ވީޑިއޯ ކޮންފަރަންސެއް މެދުވެރިކޮށް ބޯޑުން ބާއްވާ ބައްދަލުވުންތަކާއި، އެ ބައްދަލުވުމުގެ ބޭނުމަށް ހިއްސާކުރާ ލިޔެކިޔުމުގެ ސިއްރު ހިފަހައްޓާކަން މެންބަރުން ކަށަވަރުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގެ ހާޒިރީ

ކައުންސިލުގެ ބައްދަލުވުމެއްގައި މަގުބޫލު އުޒުރަކާހުރެ މެންބަރަކަށް ބައިވެރިނުވެވޭ ނަމަ، އެކަން އެންމެ އަވަހަކަށް ކައުންސިލުގެ ރައީސަށާއި ކައުންސިލުގެ ރަޖިސްޓްރާރަށް ލިޔުމުން އަންގަންވާނެއެވެ.

(ހ) މި މާއްދާގެ ބޭނުމަށް މަގުބޫލު އުޒުރެއްކަމަށް ބެލެވޭނީ، ތިމާ ނުވަތަ ތިމާ ބަލަންޖެހޭ މީހަކު ބަލިވެގެންނެވެ.

(ށ) ކައުންސިލުގެ ބައްދަލުވުމެއްގައި އެއްވެސް މަގުބޫލު އުޒުރަކާނުލައި ބައިވެރިނުވެވޭ ނަމަ، އެންމެ ލަސްވެގެން، ކައުންސިލުގެ ބައްދަލުވުން ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ކައުންސިލުގެ ރައީސަށާއި، ކައުންސިލުގެ ރަޖިސްޓްރާރއަށް އެކަން އަންގަންވާނެއެވެ.

(ނ) ކައުންސިލުގެ ބައްދަލުވުމަށް މެންބަރަކު ހާޒިރުވިކަމަށް ބެލެވޭނީ، ބައްދަލުވުން ފެށޭތާ 15 (ފަނަރަ) މިނިޓުގެ ތެރޭގައި އެ މެންބަރަކު ހާޒިރުވެފައިވާނަމައެވެ. އޭގެ ފަހުން ހާޒިރުވާ މެންބަރުން ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެވުނު ކަމުގައި ވީނަމަވެސް، އެއީ ހާޒިރުވި މެންބަރެއް ކަމުގައި ނުބެލެވޭނެއެވެ. އަދި އެ މެންބަރަކަށް ހާޒިރީ އެލަވަންސެއް ވެސް ނުލިބޭނެއެވެ. އަދި ކައުންސިލުގެ ބައްދަލުވުމުގައި ނިންމާ އެއްވެސް ނިންމުމެއްގައި، ނުވަތަ ވޯޓެއްގައި ވެސް އެ މެންބަރަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

(ރ) ކައުންސިލުގެ މެންބަރަކު، ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމަށް މަގްބޫލު އުޒުރަކާ ނުލައި ނުވަތަ ސަބަބު އެންގުމެއް ނެތި ހާޒިރުނުވާ ނަމަ، ކައުންސިލުގެ ފަރާތުން މިނިސްޓަރަށް އެކަން އަންގަންވާނެއެވެ. އަދި ގާނޫނުގެ 82 ވަނަ މާއްދާގެ (ނ) އަށް ބިނާކޮށް އެ މެންބަރަކު ވަކިކުރުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދު

ކައުންސިލުގެ ބައްދަލުވުމެއް ބޭއްވޭނީ، ކައުންސިލުގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. ކައުންސިލުގެ ކޯރަމަކީ 5 (ފަހެއް) އެވެ.

 

24 ވަނަ މާއްދާ - ކައުންސިލުގެ ނިންމުންތައް

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، ކައުންސިލުން އެއްވެސް ކަމެއް ނިންމޭނީ، ކައުންސިލުގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިގެންނެވެ.

(ށ) ކައުންސިލުގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާ މީހަކު، އެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކުގައި ވޯޓުދީގެން ނުވާނެއެވެ. އެހެންނަމަވެސް، ކަމަކާމެދު ނަގާ ވޯޓުގެ ފެންނަ ނުފެންނަ އަދަދު ހަމަވެއްޖެ ހާލަތެއްގައި، އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާ މީހަކު އޭނާއަށް ފެންނަ ކޮޅަކަށް ވޯޓުދޭންވާނެއެވެ.

(ނ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި، މިފަދަ މައްސަލައެއް ކުރިޔަށްދާކަން އެ މެންބަރަކަށް އެނގޭ ހިނދުން ފެށިގެން، ރިޔާސަތަށާއި ކައުންސިލުގެ އެހެން މެންބަރުންނަށް މިކަން އެންގުމާއެކު، އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކާއި އެކަމާ ގުޅޭ މަށްވަރާތަކުން އެއްކިބާވާންވާނެއެވެ.

(ރ) ކައުންސިލުން ނިންމާ ނިންމުމެއްގައި، އެ ނިންމުމެއް ނިންމި ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި، ކައުންސިލުގެ ރައީސް ނުވަތަ ކައުންސިލް މެންބަރު ލިޔުމުން ދީފައިވާ ހުއްދައެއް ނެތި، ކައުންސިލުގެ އެއްވެސް ލިޔުމެއްގައި ކައުންސިލުގެ ސިއްކަ ޖަހައިގެން ނުވާނެއެވެ.

 

25 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މެންބަރަކު އަދާކުރާ ވަޒީފާގެ ބޭނުން، އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

 

26 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު

ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުންނެވެ.

(ހ) ރައީސް.

(ށ) ރައީސް ނެތް ހާލަތެއްގައި ނައިބު ރައީސެވެ.

(ނ) ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި، ހާޒިރުވެތިބި މެންބަރުންގެ ތެރެއިން ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު އިންތިހާބުކުރާނީ އެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ ތެރެއިންނެވެ.

 

27 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުން ޔައުމިއްޔާކުރުން

(ހ) ކައުންސިލުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ކައުންސިލުގެ ސެކްރެޓޭރިއަޓުން ލިޔެފައި އޮންނަންވާނެއެވެ. އަދި ކައުންސިލުގެ ޔައުމިއްޔާގައި، އަންނަނިވި ކަންކަން ހިމަނައިފައި ހުންނަންވާނެއެވެ.

  1. ބައްދަލުވުމަށް ހާޒިރުވި މެންބަރުންނާއި، ހާޒިރުނުވާ މެންބަރުން؛
  2. ބައްދަލުވުމުގައި ބައިވެރިވި އިތުރު ފަރާތްތަކާއި، ބައިވެރިވި ހައިސިއްޔަތު؛
  3. މެންބަރެއްގެ މަސްލަހަތާ ގުޅިފައިވާ ކަމެއް އޮތް ނަމަ، އެ ކަމެއްގެ މައުލޫމާތު؛
  4. ބައްދަލުވުމަށް ހުށަހަޅައިފައިވާ ކަންތައްތަކާއި، އެ ކަންތައްތައް ނިންމި ގޮތުގެ ތަފްސީލު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެދިޔަ ޔައުމިއްޔާ ބަލަހައްޓާނީ ކައުންސިލުގެ ސެކްރެޓޭރިއެޓުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔައުމިއްޔާ، ކޮންމެ ބައްދަލުވުމެއް ނިންމައި، ޖެހިގެން އަންނަ ބައްދަލުވުމުގައި އެ ޔައުމިއްޔާ ފާސްކޮށް މެންބަރުން ސޮއިކުރުވަންވާނެއެވެ.

 

28 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

ކައުންސިލުގެ މެންބަރުންގެ ހާޒިރީއާއި، ބައްދަލުވުންތަކުގެ އެޖެންޑާއާއި، ނިންމުންތަކާއި، ކައުންސިލުން ތައްޔާރުކުރާ މުހިންމު ލިޔެކިޔުންތަކާއި އަހަރީ ރިޕޯޓާއި ގާނޫނާއި ގަވާއިދުތަކުން ބެލެހެއްޓުން ލާޒިމުކުރާ އެހެނިހެން ލިޔެކިޔުންތަކުގެ ރިކޯޑު، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، ސެކްރެޓޭރިއެޓުން ބަލަހައްޓަންވާނެއެވެ.

 

29 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ހިމަނައިފައިވާ ގޮތުން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް މާނަކުރަންވާނީ ތިރީގައިވާ ގޮތަށެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ރ) "ދިވެހިރާއްޖޭގައި މަސައްކަތްކުރާ ރަޖިސްޓަރޑް ނަރުހުން" ކަމަށް ބުނެފައި އެވަނީ، ގާނޫނަށް އަމަލުކުރަން ފަށާއިރު، ރަޖިސްޓަރޑް ނަރުހުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ނަރުހުންނާއި، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ ރަޖިސްޓަރޑް ނަރުހުން ހިމެނޭ ގޮތުންނެވެ.

(ބ) "ދިވެހިރާއްޖޭގައި މަސައްކަތްކުރާ މިޑްވައިފުން" ކަމަށް ބުނެފައި އެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރޑް ނަރސް މިޑްވައިފުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ ރަޖިސްޓަރޑް ނަރސް މިޑްވައިފުންނާއި މިޑްވައިފުން ހިމެނޭ ގޮތުންނެވެ.

(ޅ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އިސްލާހުތަކަށެވެ.

 

30 ވަނަ މާޢްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

ޖަދުވަލު 1

މެންބަރުންގެ އިގުރާރު

"އަހުރެން ............ (މީހާގެ ނަން) ......... ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިވަންކަމާއި، އަދުލުވެރިކަމާއި، އަމާނާތްތެރިކަމާއި، އިންސާފުވެރިކަމާއެކު އެއްވެސް ނުފޫޒަކަށް ބެލުމެއް ނެތި އިހްލާސްތެރިކަމާއެކު މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ މެންބަރެއްގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުންމަތީ ދެމިހުރުމަށް އިގުރާރުވަމެވެ."

ސޮއި: ................................................  ނަން: ...............................................

 

މައި ގާނޫނު

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 2015-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު