-

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލު ގެ ރަޖިސްޓްރަރގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2021-168)

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ 84 ވަނަ މާއްދާއާއި، 33 ވަނަ މާއްދާގެ (ތ) އާއި، އެ ގާނޫނުގެ 98 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، " މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގެ ރަޖިސްޓްރަރގެ ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ 84 ވަނަ މާއްދާގެ (ހ) ގެ ދަށުން، މޯލްޑިވްސް އެލައިޑް ހެލް ތްކައުންސިލުގެ ރަޖިސްޓްރަރ އައްޔަނު ކުރުމާއި، ވަކިކުރުމާއި، ރަޖިސްޓްރަރގެ ޒިންމާތަކާއިމަސްއޫލިއްޔަތުތަކާ ގުޅޭ ކަންކަން ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ރަޖިސްޓްރާރ އައްޔަނު ކުރުން

(ހ) ކައުންސިލުގެ ރަޖިސްޓްރަރގެ މަގާމަށް މީހަކު އައްޔަނު ކުރާނީ، އާންމު އިއުލާނެއް ކޮށް، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު، އިންޓަވިއު ކޮށްގެން،މެރިޓު އުސޫލުން، އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

(ށ) ކައުންސިލުގެ ރަޖިސްޓްރަރ އައްޔަނު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތަކެއް ކުރާނީ މިނިސްޓްރީންނެވެ. 

 

4 ވަނަ މާއްދާ - އިންޓަވިއު ޕެނަލް އެކުލެވިގެންވާ ގޮތް

މި ގަވާއިދުގެ ދަށުން ރަޖިސްޓްރަރ ހޮވުމަށް ބާއްވާ އިންޓަވިއު ފެނަލް އެކުލެވިގެންވަނީ، އަންނަނިވި 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ.
(ހ) ކައުންސިލުން ކަނޑައަޅާ މެންބަރެއް.

(ށ) މިނިސްޓްރީން ކަނޑައަޅާ ފަންނީ އިސް ފަރާތެއް.

(ނ) ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ފަންނީ އިސް ފަރާތެއް.

 

5 ވަނަ މާއްދާ - ރަޖިސްޓްރަރގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް

ކައުންސިލުގެ ރަޖިސްޓްރަރގެ ކިބައިގައި އަންނަނިވި ސިފަތައް ފުރިހަމަ ވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) ކައުންސިލުގެ ރަޖިސްޓްރަރގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ އިލްމީ ފެންވަރާއި ލަޔާގަތާއި މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައި ވުން.

(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކުކަމުގައި ވުން.

(ބ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރީން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.

(ޅ) ސިއްހި ހިދުމަތުގެ ފަންނުގައި މަސައްކަތް ކުރުމުގައި އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ށަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ސިއްހީ ހިދުމަތް ދޭ ތަނެއްގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.

(އ) ސިއްހީ ހިދުމަތް ދޭ ތަނެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަނު ކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.

(ވ) ގާނޫނެއްގައި ކަނޑައެޅިފައިވާ އިންތިހާބަކުން މަގާމަކަށް ހޮވިފައިވާ މީހަކު ކަމުގައި ނުވުން.

(މ) ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

 

6 ވަނަ މާއްދާ - މަގާމުގެ ށަރުތު

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ، މެނޭޖްމަންޓުގެ ދާއިރާގައި ނުވަތަ ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

 

7 ވަނަ މާއްދާ - މަގާމުގެ މުއްދަތު

(ހ) ކައުންސިލުގެ ރަޖިސްޓްރަރގެ މަގާމަށް އައްޔަނުކުރާ މީހަކު އެ މަގާމުގައި ދެމިހުންނާނީ މަގާމަށް އައްޔަނުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ރަޖިސްޓްރަރގެ މަގާމަށް އައްޔަނުކުރި އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ގޮތަކަށްވިޔަސް 5 (ފަހެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރަށްވުރެ ގިނަ ދުވަހު ރަޖިސްޓްރަރގެ މަގާމުގައި ދެމިއެއް ނުހުރެވޭނެއެވެ.

 

8 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

ރަޖިސްޓްރަރގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ނޭށަނަލް ޕޭ ކޮމިށަނުގެ ލަފާގެ މަތީން މިނިސްޓްރީންނެވެ.

 

9 ވަނަ މާއްދާ - ހާޒިރީ އާއި ސަލާމާއި ޗުއްޓީ

(ހ) ސަރުކާރުގެ ރަސްމީ ކޮންމެ ދުވަހަކު ރަޖިސްޓްރަރ މަސައްކަތަށް ހާޒިރުވާންވާނެއެވެ. އުޒުރެއް މެދުވެރިވެގެން މަސައްކަތަށް ނުކުމެވޭގޮތް ނުވެއްޖެނަމަ، ވީ އެންމެ އަވަހަކަށް ،ކައުންސިލުގެ ރައީސަށް ނުވަތަ ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތަކަށް އެކަން އަންގަންވާނެއެވެ.

(ށ) ރަޖިސްޓްރަރގެ ރަސްމީ މަސައްކަތު ގަޑިއަކީ، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއެވެ . މަސައްކަތަށް ހާޒިރުވުމާއި، ގަޑިޖެހުމާއި، އިތުރުގަޑީގައި މަސައްކަތް ކުރުމާއި، ސަލާމް ބުނުމާއި، ޗުއްޓީ ނެގުން ފަދަ ކަންކަމުގައި ރަޖިސްޓްރަރގެ މައްޗަށް ހިނގާނީ ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

10 ވަނަ މާއްދާ - އިދާރީގޮތުން ކައުންސިލް ހިންގުން

(ހ) ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން އިދާރީގޮތުން ކައުންސިލް ހިންގުމުގެ އިސް ޒިންމާ އަދާކުރާނީ ރަޖިސްޓްރަރއެވެ. އަދި ކައުންސިލް ހިންގުމުގައި ރަޖިސްޓްރަރ ޖަވާބުދާރީ ވާންވާނީ ކައުންސިލަށާއި، ކައުންސިލުގެ ރައީސަށް ނުވަތަ އެ އިރަކު ކައުންސިލާ ހަވާލުވެހުރި ފަރާތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ އިދާރީ ހިންގުމުގެ ކަންކަމާ ގުޅޭގޮތުން މިނިސްޓަރަށް ނުވަތަ އެ ވަގުތަކު މިނިސްޓަރު އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަށް ރަޖިސްޓްރަރ ރިޕޯޓު ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ޒިންމާއާއި މަސްއޫލިއްޔަތުތައް

ކައުންސިލުގެ ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ކައުންސިލުގެ ބައްދަލުވުންތައް ބާއްވައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

(ށ) ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކާއި ރިކޯޑުތައް ބެލެހެއްޓުން.

(ނ) ކައުންސިލުގެ އިހްތިސާސް ހިނގާ ދާއިރާގެ މަސައްކަތްތެ ރީންގެ ރަޖިސްޓަރީ ލިޔެ ދަފުތަރުކޮށް ބެލެހެއްޓުން.

(ރ) ކައުންސިލުން ދޫކުރާ ލައިސަންސްތަކާއި، ހުއްދަތަކާއި، ސެޓުފިކެޓު ފަދަ ލިޔުންތައް ދޫކުރުން.

(ބ) ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކައުންސިލުގެ ބޭންކް އެކައުންޓްތައް ހުޅުވައި، އެކައުންޓްތައް ބަންދުކޮށް، އެކައުންޓްތަކުގެ ހިސާބުތައް ބަލަހައްޓައި، ހިސާބުތައް އޮޑިޓްކުރުމަށް ބޭނުންވާ ކަންކަން ކުރުން.

(ޅ) ކައުންސިލުން ދޫކުރާ ލައިސަންސަކީ ސައްހަ ނޫން މައުލޫމާތެއް ހުށަހަޅައިގެން ހޯދައިފައިވާ ލައިސަންސެއް ކަމަށް ކައުންސިލަށް ފާހަގަކުރެވިއްޖެ ނަމަ، އެ ލައިސަންސެއް ބާތިލުކުރުން.

(ކ) ކައުންސިލުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން ކުރުން.

(އ) ކައުންސިލުގެ ނިންމުންތަކުގައި ސޮއިކުރަންޖެހޭ ހާލަތުގައި ސޮއިކޮށް، ނިންމުންތައް ތަންފީޒުކުރުން.

(ވ) ކައުންސިލުގެ ލިޔުންތަކުގައި ކައުންސިލުގެ ސިއްކަ ޖެހުމަށް ހުއްދަ ދިނުން.

(މ) ކައުންސިލަށް ލިބޭ އާމްދަނީއާއި ކުރާ ހަރަދުތައް ބެލެހެއްޓުން.

(ފ) ކައުންސިލުގެ މަށްވަރާގެ މަތީން ކައުންސިލުގެ ބަޖެޓް ތައްޔާރުކޮށްފައި މިނިސްޓްރީއަށް ފޮނުވުން.

(ދ) ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކަށް ކައުންސިލުގެ މަސައްކަތްތަކުގެ ތެރެއިން ދޭންޖެހޭ އެހީތެރިކަން ލަސްކުރުމެއްނެތި ފޯރުކޮށްދިނުން.

(ތ) ކައުންސިލް އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް ކައުންސިލުގެ މަށްވަރާއާއެކު އެކުލަވައިލައި، އެ ސިޔާސަތުތައް ހިންގައި ބެލެހެއްޓުން.

(ލ) ކައުންސިލުގެ މަށްވަރާއާއެކު، ކައުންސިލުގެ ކުރިއެރުމާއި ތަރައްގީއަށް، ދުރު ރާސްތާގެ މަށްރޫއުތަކާއި، މެދު ރާސްތާގެ މަށްރޫއުތަކާއި، ކުރު ރާސްތާގެ މަށްރޫއުތައް އެކުލަވައިލުމާއި، ކައުންސިލުގެ ސްޓްރެޓިޖިކް ޕްލޭން އެކުލަވައިލުމާއި، އެ ކަންކަން ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން.

(ގ) މިނިސްޓްރީއަށާއި، ދައުލަތާއި މުއައްސަސާތަކަށް ކައުންސިލް ޖަވާބުދާރީވުމުގައި އިދާރީގޮތުން އެކަމުގެ ފުރިހަމަ އެހީތެރިކަން ކައުންސިލަށް ފޯރުކޮށްދިނުން.

(ޏ) މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ކައުންސިލުގެ އިދާރީ އޮނިގަނޑު އެކުލަވައިލައި، މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތް ހަވާލުކޮށް، ލިޔެކިޔުންތައް ބެލެހެއްޓުން.

(ސ) ކައުންސިލް ހިންގުމަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް ބަޖެޓުގެ ތެރެއިން ހޯދޭނެ އިންތިޒާމު ހަމަޖެއްސުން.

(ޑ) މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް، މަސައްކަތުގެ މާހައުލުގައި ސުލްހަމަސަލަސްކަން ގާއިމުކުރުމަށް މަސައްކަތްކުރުން.

(ޒ) އައު ގޮތްތައް ދިރާސާކުރުމާއި، އެހެން ތަންތާނގައި ކަންކަން ކުރާ ގޮތްތައް ބަލައި، ރަނގަޅު، މޮޅު އައު ގޮތްތައް ހޯދައި، އެ ކަންކަން ދެނެގަނެ، ކައުންސިލުގެ މަށްވަރާގެ މަތީން އެ ގޮތްތައް ކައުންސިލަށް ތައާރުފު ކުރުމާއި، މަސައްކަތަށް ފަސޭހަ، ހަރަދު ކުޑަ އަދި އަވަހަށް ކަންކަން ނިންމޭނެ ޓެކްނޮލޮޖީ ހޯދައި ތައާރުފުކުރުން.

(ޓ) ކައުންސިލުގެ ރައީސްގެ އިރުށާދުގެ ދަށުން، ކައުންސިލުގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކޮށް ހެދުމާއި، މަސައްކަތާ ގުޅުންހުރި ދިރާސާތައް ކައުންސިލާއި މުވައްޒަފުންނާ ހިއްސާކުރުން.

(ޔ) ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ އިމުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ކަންކަމާއި، ކަނޑައަޅާ އެ ނޫން ޒިންމާތައް އަދާކުރުން.  

 

12 ވަނަ މާއްދާ - މަގާމު ހުސްވުން

ކައުންސިލުގެ ރަޖިސްޓްރަރގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، އަންނަނިވި ހާލަތްތަކުގައެވެ.

(ހ) ރަޖިސްޓްރަރގެ މަގާމުގެ ދައުރު ހަމަވުން.

(ށ) އިސްތިއުފާދިނުން.

(ނ) މަރުވުން.

(ރ) ރަޖިސްޓްރަރގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެފައިވާކަމަށް ކައުންސިލުން ނިންމުން.

(ބ) ރަޖިސްޓްރަރގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދޭކަމަށް ކައުންސިލުން ނިންމުން.

(ޅ) ރަޖިސްޓްރަރގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތައާރުޒުވާ ފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަމަންފާއެއް ނުވަތަ ދައުރެއް އޮތް ހާލަތެއް މެދުވެރިވެއްޖެކަމަށް ކައުންސިލުން ނިންމުން.

(ކ) ރަޖިސްޓްރަރގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެއްޖެކަމަށް ކައުންސިލުން ނިންމުން.

 

13 ވަނަ މާއްދާ - ވަގުތީގޮތުން ރަޖިސްޓްރަރގެ މަގާމު އަދާކުރުން

ރަޖިސްޓްރަރގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، އެ މަގާމަށް މީހަކު އައްޔަނު ކުރެވެންދެން، ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު،ކައުންސިލުގެ ރައީސް ކަނޑައަޅަންވާނެއެވެ. އަދި އެފަދައިން އަ އްޔަނު ކުރެވޭ މެންބަރަކީ ސިއްހީ ހިދުމަތުގެ ފަންނުގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. 

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

15 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް މާނަކޮށްފައި ނުވާހައި ހިނދަކު، ތިރީގައިވާ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ މާނައެވެ.

(ހ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގައި ބުނެފައިވާ މޯލްޑިވްސް އެލައިޑް ހެލްތްކައުންސިލަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލު ގެ ރަޖިސްޓްރަރގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-168)

 

މައި ގާނޫނު

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 2015-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު