ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު
(ގާނޫނު ނަންބަރު 2009-08)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ ވަޒީފާއަދާކުރާ މީހުންނަށް، ޕެންށަން ލިބިދިނުމަށްޓަކައި، ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ނަގައިގެން އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއިން ހިންގޭ ރިޓަޔަރމަންޓް ޕެންށަން ސްކީމަކާއި، ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގޭ ޕެންށަން ސްކީމްތައް ގާއިމުކޮށް ހިންގުމާބެހޭ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު" އެވެ.
މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީސް
2 ވަނަ މާއްދާ - ޕެންށަން އޮފީސް
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، "މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީސް" ގެ ނަމުގައި، ވަކި އޮފީހެއް އުފެދުނީއެވެ. މި ޕެންށަން އޮފީހަކީ، މެދުކެނޑުމެއްނެތި ހިނގަމުންދާނޭ ގޮތެއްގައި އުފައްދާފައިވާ، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި، ލިބިގަތުމާއި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައްގު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.
3 ވަނަ މާއްދާ - ޕެންށަން އޮފީހުގެ މައިގަނޑު މަސައްކަތްތައް
ޕެންށަން އޮފީހުގެ މައިގަނޑު މަސައްކަތްތަކަކީ:-
(ހ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ޕެންށަން ސްކީމްތައް ބެލެހެއްޓުން.
(ށ) ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ފޯރުކޮށްދިނުން.
(ނ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްތައް ހިންގުމާބެހޭ ގަވާއިދުތައް ހެދުމާއި، އެކަމާބެހޭ މިންގަނޑުތަކާއި ގައިޑްލައިންތައް ހެދުން.
(ރ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ދިވެހިރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ފައިސާ ދޫކުރުން.
(ބ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ޕެންށަން ސްކީމްތަކާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުން.
(ޅ) މި ގާނޫނުގެ ދަށުން ޕެންށަން އޮފީހުން ހަވާލުވެފައިވާ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާކަމަށް ޕެންށަން އޮފީހަށް ފެންނަ ކަންތައްތައް ކުރުން.
4 ވަނަ މާއްދާ - ޕެންށަން އޮފީހުން ހުށަހަޅަންޖެހޭ މައުލޫމާތު
(ހ) ތިރީގައިވާ މައުލޫމާތު، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް ޕެންށަން އޮފީހުން ހުށަހަޅަންވާނެއެވެ.
- އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ މުސްތަގިއްލު އެކައުންޓިންގ ފާރމަކުން އޮޑިޓްކޮށްފައިވާ، މުދަލާއި މާލީ ޒިންމާތަކާއި، އާމްދަނީއާއި ހަރަދުގެ އަހަރީ ހިސާބުތައް. މީގެތެރޭގައި އެކިބާވަތްތަކުގެ އެސެޓްތަކުގައި ޕެންށަން އެސެޓްސް އިންވެސްޓްކޮށްފައިވާ އަދަދާއި ނިސްބަތާއި، އެ އިންވެސްޓްމަންޓްތަކުގެ ގްރޮސް އަދި ނެޓް އިންވެސްޓްމަންޓުން ލިބޭ އެއްޗެއް އަދި މިކަމާގުޅޭ އެންމެހައި ފީތައް ހިމެނެއެވެ. މި ފީތަކުގެތެރޭގައި އެސެޓް މެނޭޖްމަންޓް ފީ އާއި ހިދުމަތްތަކަށް ނަގާ ފީ އަދި ފައިސާއާ ބެހޭ މުއާމަލާތްތަކަށް ނަގާ ފީވެސް ހިމެނެއެވެ. މިގޮތުން ހުށަހަޅާ ހިސާބުތަކާ ބެހޭގޮތުން ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ބޭނުންވެއްޖެނަމަ އިތުރު މައުލޫމާތު ދިނުމަށް ޕެންށަން އޮފީހުގެ އޮޑިޓަރަށް ނުވަތަ ޕެންށަން އޮފީހަށް ނުވަތަ ފަންނީ ހިދުމަތްދޭ އެހެންފަރާތެއްގައި އެދެވިދާނެއެވެ.
- ކޮންމެ ތިން މަހުން އެއްމަހު، ޕެންށަން އެސެޓްސް ވިއްކާފައިވާ އަދަދާއި ގަނެފައިވާ އަދަދުގެ ހިސާބުތަކުގެ ތަފްސީލު. މީގެތެރޭގައި އެސެޓްގެ ނަމާއި، މުއާމަލާތް ހިނގި ތާރީހާއި އަގާއި، އެއިންވެސްޓްމަންޓުން ލިބުނު އެއްޗެއް ހިމެނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން، ޕެންށަން އޮފީހުގެ ބޯޑުގެ އެއްވެސް ބައްދަލުވުމަކަށްފަހު "ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް" އަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެބަދަލު ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ބޭނުންވާ އެހެން މައުލޫމާތެއްވާނަމަ، އެމައުލޫމާތަކާއި، އެމައުލޫމާތު ހުށަހަޅަންވީގޮތް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް ކަނޑައެޅިދާނެއެވެ. އެކިއެކި ސަރވޭތައް ކުރުމަށާއި، އެކްޗުއޭރިއަލް އިވެލުއޭށަން ހެދުމަށާއި، ޕެންށަން އޮފީހުގެ ހިސާބުތަކާއި، ފޮތްތަކާއި، ލިޔުންތަކާއި އެހެންވެސް ރެކޯޑްތައް ބެލުމަށްޓަކައި، މުސްތަގިއްލު އޮޑިޓަރުންނާއި ފަންނީ ހިދުމަތްދޭ އެހެން ފަރާތްތައް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ބޭނުންވެއްޖެ ހާލަތެއްގައި އައްޔަންކުރެވިދާނެއެވެ.
(ރ) ޕެންށަން އޮފީހުން މި މާއްދާގެ (ހ) ގެ 1 ގައި ބަޔާންކޮށްފައިވާ މައުލޫމާތު، އާންމުކޮށް ހާމަކުރަންވާނެއެވެ. މި މައުލޫމާތު ށާއިއުކުރުމުގެ ކަންތައް ހަމަޖައްސާނީ ޕެންށަން އޮފީހުންނެވެ.
5 ވަނަ މާއްދާ - ޕެންށަން ސުޕަރވިށަން ޑިޕާރޓްމަންޓް
ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ޕެންށަން ސުޕަރވިށަން ޑިޕާރޓްމަންޓެއް، ތިރީގައިވާ ކަންތައްތައް ކުރުމަށް ގާއިމްކުރަންވާނެއެވެ.
(ހ) ޕެންށަން އެސެޓްސް އިންވެސްޓްކުރެވޭ ގޮތާއި، އެ އިންވެސްޓްމަންޓްތަކުގެ ޕާރފޯމަންސް ބެލެހެއްޓުން.
(ށ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްއާ ގުޅޭ ގޮތުން ހަދަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، އާންމުކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުން.
(ނ) ޕެންށަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަންކުރުމުގެ ކަންތައް ހިނގާ ގޮތް ބަލައި، މި ގާނޫނުގެ ދަށުން ޕެންށަން އޮފީހުގެ ބޯޑުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ ކަންތައް ކުރިއަށްދާގޮތް ބެލުން.
(ރ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
6 ވަނަ މާއްދާ - ޕެންށަން އޮފީހުގެ ބޯޑުގެ އާންމު ބާރުތައް
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ޕެންށަން އޮފީހުން ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ހުރިހާ ބާރުތަކެއް ޕެންށަން އޮފީހުގެ ބޯޑަށް ލިބިގެންވެއެވެ. މި ބާރުތަކުގެ ތެރޭގައި، އަންނަނިވި ކަންތައްތައް ކުރުމުގެ ބާރު ހިމެނެއެވެ.
(ހ) މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ފައިޑިއުށަރީން ކަމުގައި ހިމެނޭ އެކްސްޓާރނަލް އެސެޓް މެނޭޖަރުންނާއި ކަސްޓޯޑިއަނުންނާއި، އޯޕަން އެންޑަޑް ވެހިކަލް، ހޮވުމަށްޓަކައި ބީލަން ކުރުން.
(ށ) އެސެޓް މެނޭޖަރުންނާއި، ކަސްޓޯޑިއަނުންނާއި، އޯޕަން އެންޑަޑް ވެހިކަލް އާއި އެކައުންޓެންޓުންނާއި، އޮޑިޓަރުންނާއި އެހެންވެސް ހިދުމަތްދޭ ފަރާތްތަކާ އެކު އެގްރިމަންޓްކުރުމާއި އެގްރިމަންޓުގެދަށުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން.
(ނ) ސްކީމާ ގުޅޭގޮތުން އެސެޓް މެނޭޖަރުންނާއި ކަސްޓޯޑިއަނުންނާއި އޯޕަން އެންޑަޑް ވެހިކަލް އާއި އެހެންވެސް ހިދުމަތްދޭ ފަރާތްތަކުން ހިންގާ ހުރިހައި މުއާމަލާތްތަކާބެހޭ މައުލޫމާތު ދިނުމަށް އެންގުމާއި މައުލޫމާތު ލިބިގަތުން.
(ރ) ރިޓަޔަރމަންޓް ޕެންށަން ސްކީމް ހިންގުމަށްޓަކައި، ހިނގާ ހަރަދު ހޯދުމުގެ ގޮތުން ރެގިއުލޭޓިވް އޮތޯރިޓީގެ މަށްވަރާގެމަތިން އެކަށީގެންވާ ފީއެއް ސްކީމްގެ ބައިވެރިންގެ އަތުން ނެގުން.
(ބ) ޕެންށަން އޮފީސް ހިންގުމަށް ބޭނުންވާ އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގަތުމާއި ވިއްކުމާއި ކުއްޔަށް ހިފުން.
(ޅ) ޕެންށަން އޮފީސް ހިންގުމަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުން. މީގެތެރެއިން ޗީފް އެގްޒެކެޓިވް އޮފިސަރެއް އައްޔަންކުރުން.
(ކ) ޕެންށަން އޮފީހުގެ ބަޖެޓް ތައްޔާރުކުރުން.
(އ) އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމް ފަދަ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުގެ މުއައްސަސާތަކާއެކު ކޮންޓްރެކްޓްކޮށް އެގްރިމެންޓް ކުރުން. މިފަދަ އެއްބަސްވުންތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ އުސޫލު ކަނޑައެޅުން.
(ވ) ޕެންށަން އޮފީހުގެ ބޯޑުގެ ޖަލްސާތައް ބޭއްވުމާއި، އަދި ޕެންށަން އޮފީސް ހިންގުމުގެ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހެދުން. އަދި ޕެންށަން އޮފީހުގެ އެންމެހައި ކަންތައްތައް މި ގާނޫނާއި ގަވާއިދުގައި ހިމެނޭ ގޮތުގެމަތިން ހިންގުން.
7 ވަނަ މާއްދާ - ޕެންށަން އޮފީސް މާލީގޮތުން ހިންގުމާއި އެއޮފީހުގެ ބަޖެޓް
(ހ) ޕެންށަން އޮފީސް ހިންގާނީ މި ގާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންގެ އަތުން ނަގާ އެކަށީގެންވާ ފީ އަކުންނާއި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ސްކީމް ހިންގުމަށާއި ޕެންށަންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ ބަޖެޓުން، ޕެންށަން އޮފީހުގެ އަހަރީ ބަޖެޓަށް ލިބޭ ފައިސާއިންނެވެ. މި ގާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން މޯޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމް ހިންގުމުގެ ހުރިހާ ހަރަދެއް ސްކީމްގެ ބައިވެރިންގެ އަތުން ނެގޭވަރަށް ޕެންށަން އެސެޓްސް އިތުރުވަންދެން މި ސްކީމް ހިންގުމުގެ ހަރަދު ސަރުކާރުގެ ބަޖެޓުން ސަބްސިޑައިޒް ކުރެވިދާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ޕެންށަން އޮފީހުގެ ބަޖެޓަށް ސަރުކާރުގެ ބަޖެޓުން ލިބޭ ފައިސާއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހުއްދަ ހޯދަންވާނެއެވެ.
(ނ) ޕެންށަން އޮފީހުން އެ އޮފީސް ހިންގާ ބަޖެޓާއި ޕެންށަން އެސެޓްސް އެކުނުވާގޮތަށް ވަކިން ހުރިހާ އިރެއްގައިވެސް ބަހައްޓަންވާނެއެވެ.
8 ވަނަ މާއްދާ - ޕެންށަން އޮފީހުގެ ބޯޑު
(ހ) ޕެންށަން އޮފީސް ހިންގަންވާނީ ތިރީގައިވާ 8 (އަށެއް) މެންބަރުންގެ މައްޗަށް ހިމެނޭ ބޯޑަކުންނެވެ.
- ބޯޑުގެ ޗެއަރމަން.
- ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ އިސް މުވައްޒަފެއް.
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ސިވިލް ސާރވިސްގައި ހިމެނޭ އިސް މުވައްޒަފެއް.
- ސޯށަލް ސެކިއުރިޓީއާބެހޭ ކަންތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާރވިސްގައި ހިމެނޭ އިސް މުވައްޒަފެއް.
- ދައުލަތުގެ ވަޒީފާއެއް އަދާނުކުރާ ސަރުކާރުގެ ވަޒީފާގައި ނޫޅޭ، ޕްރައިވެޓް ސެކްޓަރުގެ 4 (ހަތަރެއް) މީހުން.
(ށ) ބޯޑުގައި ހިމެނޭ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ މަންދޫބަކީ، ވޯޓް ނުދެވޭ މެންބަރެކެވެ.
(ނ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުންފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕެންށަން އޮފީހުގެ ބޯޑު ފުރަތަމަ ފަހަރަށް އައްޔަންކޮށް ނިންމަންވާނެއެވެ. ޕެންށަން އޮފީހުގެ ބޯޑުގެ ޗެއަރމަން އާއި، ޕްރައިވެޓް ސެކްޓަރުން އައްޔަންކުރާ 4 (ހަތަރެއް) މެންބަރުން އައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިށަނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާއި، ސޯށަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީ ގުޅިގެން އުފައްދާ ސިލެކްށަން ކޮމިޓީއަކުން އެކުލަވާލާ ލިސްޓެއްގައި ހިމެނޭ ބައެއްގެ ތެރެއިންނެވެ. މިގޮތުން 8 ވަނަ މާއްދާގެ (ހ) ގެ 1 އަދި 5 ގައި ބަޔާންކޮށްފައިވާ ހުސް މަގާމްތަކަށް މެންބަރުން ހޮވުމަށްޓަކައި ސިލެކްށަން ކޮމިޓީން ކޮންމެ މަގާމަކަށްވެސް މަދުވެގެން 3 (ތިނެއް) ކެންޑިޑޭޓުން ހުށަހަޅަންވާނެއެވެ. މިގޮތުން ސިލެކްށަން ކޮމިޓީން ހޮވާ މީހުން އައްޔަންކުރުމާބެހޭ އިދާރީކަންތައް ބަލަހައްޓާނީ ޕެންށަން އޮފީހުންނެވެ. ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ކުރިން ސަރުކާރު އޮފީސްތަކުގެ ފަރާތުން ހޮވާ މެންބަރުންނާއި، ސިލެކްށަން ކޮމިޓީން ހޮވާ މެންބަރުން އެމެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް ހަމަވޭތޯ ޔަގީންކުރުމަށް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް ހުށަހަޅަންވާނެއެވެ. ސިލެކްށަން ކޮމިޓީން ހޮވާ އެއްވެސް މެންބަރަކީ އެކޮމިޓީގެ އެއްވެސް މެންބަރެއްގެ ނުވަތަ ޕެންށަން އޮފީހުގެ ބޯޑުގެ އެއްވެސް މެންބަރެއްގެ ނުވަތަ މިނިސްޓަރުންނާއި އެފެންވަރަށްވުރެ މަތީ މަގާމެއް ފުރަމުން ގެންދާ މީހެއްގެ އާއިލާގެ މީހަކަށް (އަނބިމީހާ/ފިރިމީހާ، މައިންބަފައިން، ދަރިއެއް، އެއްބަނޑު އެއްބަފާ މީހަކަށް) ވެގެން ނުވާނެއެވެ.
(ރ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންނަކީ، ހިޔާނާތެއް ސާބިތުވެފައިނުވާ، އަބުރު ގެއްލިފައިނުވާ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ އަދި ޕެންށަން ނުވަތަ މާލީ ކަންތައްތަކުގެ ނުވަތަ އިންވެސްޓްމަންޓާބެހޭ ފަންނީ ގާބިލުކަން ލިބިފައިވާ މީހުންކަމުގައި ވާންވާނެއެވެ. އަދި އެމީހުންނަކީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ މީހުންނަށް ވާންޖެހޭނެއެވެ.
- ޕެންށަން އޮފީހުގެ ބޯޑުގެ ޗެއަރމަން އާއި، ޕްރައިވެޓް ސެކްޓަރުން އައްޔަންކުރާ 4 (ހަތަރެއް) މެންބަރުންނަކީ ވިޔަފާރީގެ ރޮނގުން ނުވަތަ އިގްތިސާދީ ރޮނގުން ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވާ އަދި މާލީ ނުވަތަ ޕެންށަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ބަޔަކަށްވުން.
- އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން. އަދި ވައްކަން، ޓެކުން، ފޭރުން، ހިޔާނާތް ނުވަތަ ކޮރަޕްށަންގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ޕެންށަން އޮފީހުގެ އެސެޓް މެނޭޖަރު ނުވަތަ ކަސްޓޯޑިއަނެއްގެ އޮފިށަލެއް ނުވަތަ މުވައްޒަފެއް ކަމުގައި ނުވުން. އަދި މިފަދަ އެސެޓް މެނޭޖަރެއް ނުވަތަ ކަސްޓޯޑިއަނެއްގެ ފަހެއް އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ ހިއްސާއެއް ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މިލްކުކުރާ ފަރާތެއް ކަމުގައި ނުވުން.
(ބ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންނަށް ލިބިދެވޭނެ އިނާޔަތަކީ، މިފަދަ މާލީ އެހެނިހެން މުއައްސަސާތަކުގެ ނުވަތަ ޕެންށަން ފަންޑުތަކުގެ ބޯޑުގެ މެންބަރުންނަށް ނުވަތަ އެބޯޑުތަކަށް ފަންނީ ލަފާދެއްވާ މާހިރުންނަށް ލިބިދެވޭ އިނާޔަތާ ގާތްގަނޑަކަށް އެއްވަރުގެ އަދަދަކަށް ވާންވާނެއެވެ.
(ޅ) ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންކުރެވޭ މެންބަރުން، އެމެންބަރުންގެ އާމްދަނީއާއި މިލްކިއްޔާތުގައިވާ މުދަލުގެ މައުލޫމާތުގެ ސިއްރު ސްޓޭޓްމަންޓެއް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް، ޕެންށަން އޮފީހުގެ ބޯޑަށް އައްޔަން ކުރެވުމުން އަދި އެމަގާމުގައި ދެމިތިބޭ މުއްދަތުގެތެރޭގައި އަހަރަކު އެއްފަހަރު ހުށަހަޅަންވާނެއެވެ. މިގޮތުން މި ސިއްރު ސްޓޭޓްމަންޓްގައި ހިމަނަންޖެހޭ މައުލޫމާތު ހުންނަންވާ ގޮތް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ކަނޑައަޅަންވާނެއެވެ. އަދި މި މައުލޫމާތު އާންމުކޮށްގެން ނުވާނެއެވެ.
ޕެންށަން އޮފީހުގެ ބޯޑުގެ ބައްދަލުވުންތައް
(ކ) މި ގާނޫނަށް އަމަލުކުރަން ފުރަތަމަ ފަށައިގަންނައިރު ޕެންށަން އޮފީހުގެ ބޯޑުގެ ބައްދަލުވުންތައް ކޮންމެ ތިން މަހުން އެއް މަހު ބާއްވަންވާނެއެވެ. ނަމަވެސް، މި ގާނޫނަށް ފުރިހަމައަށް އަމަލުކުރަން ފެށުމުން ޕެންށަން އޮފީހުގެ ބޯޑުގެ ބައްދަލުވުންތައް މަދުކުރެވިދާނެއެވެ. ނަމަވެސް އެންމެ މަދުވެގެން އަހަރަކު ދެ ބައްދަލުވުން ބާއްވަންވާނެއެވެ. ޕެންށަން އޮފީހުގެ ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ޗެއަރމަންއެވެ. ޗެއަރމަން ހާޒިރުނުވެއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ އެބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ ތެރެއިން ހޮވާ މެންބަރެކެވެ. މިގޮތުން ހޮވާ މެންބަރަކީ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ މަންދޫބު ކަމުގައިވެގެން ނުވާނެއެވެ.
ގާނޫނީ އަދަދު
(އ) ޕެންށަން އޮފީހުގެ ބޯޑުގެ ގާނޫނީ އަދަދު ހަމަވާނީ ވޯޓު ދިނުމުގެ ހައްގުލިބިފައިވާ 4 (ހަތަރެއް) މެންބަރުން ހާޒިރުވެގެންނެވެ. ބޯޑުން ކަމެއް ނިންމޭނީ، ޖަލްސާގެ އަގްލަބިއްޔަތު ލިބިގެންނެވެ. އެއްވެސް ކަމެއްގައި ލިބޭ ވޯޓު އެއްވަރުވެއްޖެނަމަ، ޗެއަރމަންއަށް ވޯޓު ދެވިދާނެއެވެ.
9 ވަނަ މާއްދާ - އިންވެސްޓްމަންޓް ކޮމިޓީ
(ހ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އިންވެސްޓްމަންޓް ކޮމިޓީއެއް އޮންނަންވާނެއެވެ. މިކޮމިޓީގައި ހިމެނޭނީ ސަރުކާރުގެ ވަޒީފާ އަދާނުކުރާ، 2 (ދޭއް) މެންބަރުންނާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މެންބަރެވެ. މިކޮމިޓީގައި ހިމެނޭ ސަރުކާރުގެ ވަޒީފާ އަދާނުކުރާ 2 (ދޭއް) މެންބަރުން އައްޔަންކުރާނީ ޕެންށަން އޮފީހުގެ ބޯޑުންނެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި މި 2 (ދޭއް) މެންބަރުން ބަދަލުކުރެވިދާނެއެވެ.
(ށ) ޕެންށަން އެސެޓްސް އިންވެސްޓްކުރުމާބެހޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ހިމެނޭ ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް އެކުލަވާލާނީ އިންވެސްޓްމަންޓް ކޮމިޓީންނެވެ.
(ނ) އިންވެސްޓްމަންޓް ކޮމިޓީން ކަނޑައަޅާ ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްގައި ހިމެނޭ ސިޔާސަތުތަކަށް އަމަލުކުރަން ފެށޭނީ، އެސިޔާސަތުތައް ޕެންށަން އޮފީހުގެ ބޯޑުން ފާސްކުރުމުންނެވެ. ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ޕެންށަން އޮފީހުގެ ބޯޑުން ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް ދިރާސާކޮށް ގަވާއިދުން އިސްލާހުކުރަންވާނެއެވެ.
(ރ) މި ގާނޫނުގައި ބުނެފައިވާ އިންވެސްޓްކުރުމާބެހޭ ސިޔާސަތު ކަނޑައެޅުމުގައި ކަމާބެހޭ ތަޖްރިބާކާރުންގެ އެހީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ހޯދިދާނެއެވެ.
10 ވަނަ މާއްދާ - ޕެންށަން އޮފީހުގެ ބޯޑު މެންބަރުކަމުގެ ދައުރާއި ވަކިކުރުން
(ހ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުން އެމަގާމުގައި ދެމިތިބޭނެ މުއްދަތަކީ، އެމެންބަރަކު މަގާމާ ހަވާލުވާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާގުޅިގެން ފުރަތަމަ ފަހަރަށް މި ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ 5 ގެދަށުން ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންކުރެވޭ 4 (ހަތަރެއް) މެންބަރުންގެ ތެރެއިން 2 (ދޭއް) މެންބަރުން އެމަގާމުގައި ދެމިތިބޭނެ މުއްދަތަކީ 2 (ދޭއް) އަހަރުދުވަހެވެ.
(ށ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުން މަގާމުން ވަކިކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. މިގޮތުން މެންބަރަކު މަގާމުން ވަކިކުރެވޭނީ އެމެންބަރުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެނަމަ ނުވަތަ މި ގާނޫނުގައި މެންބަރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ށަރުތެއް އުނިވެއްޖެނަމަ ނުވަތަ ކުށެއް ސާބިތުވެއްޖެނަމަ ނުވަތަ ފައިޑިއުށަރީގެ ވާޖިބާ ހިލާފުވެއްޖެނަމަ ނުވަތަ 2 (ދޭއް) މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖިސްމާނީ ނުވަތަ ނަފްސާނީގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ނުވަތަ މަގްބޫލު އުޒުރެއްނެތި ޕެންށަން އޮފީހުގެ ބޯޑުގެ 3 (ތިނެއް) ނުވަތަ އެއަށްވުރެ ގިނަ ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމައެވެ.
(ނ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރަކު، މެންބަރުކަމުން ވަކިވާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ޕެންށަން އޮފީހުގެ އެސެޓް މެނޭޖަރަށް ނުވަތަ ކަސްޓޯޑިއަނަށް އެއްވެސް ޕްރޮފެށަނަލް ހައިސިއްޔަތަކުން ހިދުމަތެއް ފޯރުކޮށް ދީގެންނުވާނެއެވެ. މި މާއްދާއާ ހިލާފުވުމަކީ ކުށެކެވެ.
(ރ) ޕެންށަން އޮފީހުގެ ބޯޑުގެ އެއްވެސް މެންބަރެއް، އެއްވެސް ހައިސިއްޔަތަކުން ޕެންށަން އޮފީހުގެ އެސެޓް މެނޭޖަރެއް ނުވަތަ ކަސްޓޯޑިއަނެއް ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ ފަރާތަކުން ނުވަތަ ޕެންށަން އޮފީހަށް އެއްވެސް ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކުން ހަދިޔާއެއްގެ ގޮތުގައި ނުވަތަ ލޯނެއްގެ ގޮތުގައި ނުވަތަ އިނާޔަތެއްގެގޮތުގައި ދޭ އެއްވެސް އެއްޗެއް ގަބޫލުކޮށްގެން ނުވާނެއެވެ. ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ އާއިލާތައް (އަނބިމީހާ/ފިރިމީހާ، މައިންބަފައިން، ދަރިން، އެއްބަނޑު އެއްބަފާ މީހުން) ވެސް މިބައިގައި ށާމިލުވާނެއެވެ.
(ބ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ ޒިންމާ އުފުލުމަށް އެމެންބަރުންގެ ގާބިލުކަން ހުރި މިންވަރާއި އެމެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރަމުންދާ ފެންވަރާއި އަދި މި ގާނޫނުގެ ދަށުން މެންބަރުންގެ ކިބައިގައި ހުރުން ލާޒިމުކުރާ ށަރުތުތަކުން ށަރުތެއް އުނިވެއްޖެނަމަ ރާއްޖޭގެ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ރައީސުލްޖުމްހޫރިއްޔާއަށް އަންގަމުން ގެންދަންވާނެއެވެ.
އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން
11 ވަނަ މާއްދާ - އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ގާއިމުކުރުން
(ހ) މި ގާނޫނުގެ ދަށުން ޕެންށަން ލިބޭ އުމުރު ހަމަވާ މީހުންނަށް، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޕެންށަން އޮފީހުން ދޭންވާނެއެވެ. މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ލިބޭ ރިޓަޔަރމަންޓް ޕެންށަން ނުވަތަ ސަރުކާރު މުވައްޒަފުންގެ ޕެންށަން ނުވަތަ އެހެންވެސް ޕެންށަނެއްގެ ގޮތުގައި ލިބޭ އަދަދަށް ނިސްބަތްކޮށް އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ގޮތުގައި ލިބޭ އަދަދު ބަދަލުކުރެވޭނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ލިބޭ ޕެންށަނެއް ނުވަތަ އެހެންވެސް ޕެންށަނެއްގެ ގޮތުގައި ލިބޭ އަދަދަކީ އަސާސީ ޕެންށަނުގެ ދެގުނައަށް ވުރެ ކުޑަ އަދަދެއްނަމަ އެފަރާތައް އަސާސީ ޕެންށަން ލިބިދެވޭނީ އެޕެންށަންގެ ގޮތުގައި ލިބޭ އަދަދުގެ %50 (ފަންސާސް އިން ސައްތަ) އަސާސީ ޕެންށަނުން ކެނޑުމަށްފަހު ބާކީވާ އަދަދެވެ.
(ނ) މި ގާނޫނުގެ ދަށުން ލިބޭ ޕެންށަނެއް ނުވަތަ އެހެންވެސް ޕެންށަނެއްގެ ގޮތުގައި ލިބޭ އަދަދަކީ އަސާސީ ޕެންށަނުގެ ދެގުނައަށް ވުރެ ގިނަ އަދަދެއްނަމަ އެފަރާތައް އަސާސީ ޕެންށަން ނުލިބޭނެއެވެ.
(ރ) ދައުލަތުގެ ހަރަދުގައި ފުލްޓައިމްކޮށް ބަލަހައްޓަމުން ގެންދާ ފަރާތްތަކަށް އަދި ކުށެއް ސާބިތުވުމުގެ ސަބަބުން ޖަލުގައި ބަލަހައްޓަމުންގެންދާ ފަރާތްތަކަށް އަސާސީ ޕެންށަން ހައްގެއް ނުވާނެއެވެ.
(ބ) އަސާސީ ޕެންށަން ލިބެންޖެހޭ އުމުރަކީ 65 އަހަރެވެ. ކޮންމެ މީހެއްގެ އުމުރުން 65 އަހަރު ހަމަވާ މަހުގެ އެއްވަނަ ދުވަހު އެމީހަކަށް ޕެންށަން ލިބޭ އުމުރު ހަމަވީކަމުގައި ބެލެވޭނެއެވެ.
އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ބަޖެޓް
(ޅ) ސޯށަލް ސެކިއުރީޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ މަށްވަރާއާއެކު ޕެންށަން އޮފީހުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމަށްޓަކައި ބަޖެޓެއް ތައްޔާރުކުރުމަށްފަހު، އެއަހަރެއްގެ ސަރުކާރުގެ ބަޖެޓުގައި ހިމެނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ. މި ބަޖެޓުގައި އަސާސީ ޕެންށަން ދިނުމަށް ބޭނުންވާ ހަރަދާއި މި ސްކީމް ހިންގުމަށް ބޭނުންވާ އިދާރީ ހަރަދު ހިމަނަންވާނެއެވެ. މިއީ ސަރުކާރަށް ލިބޭ އާމްދަނީއިން ހިންގުމަށް ހަމަޖެހިފައިވާ ހަރަދުތަކެކެވެ.
(ކ) އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ގޮތުގައި އެންމެ ފުރަތަމަ ދޫކުރާގޮތަށް ހަމަޖައްސާނީ މީހަކަށް މަހަކު -/2000 (ދެހާސް) ރުފިޔާއެވެ. މިއަދަދު، ދިރިއުޅުމުގެ ހަރަދުތައް މައްޗަށްދާ މިންވަރަށް ނިސްބަތްކޮށް، ސޯށަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީން މަދުވެގެން އަހަރަކު އެއްފަހަރު މުތާލިއާކުރަންޖެހޭނެއެވެ. އަދި ދިރިއުޅުމުގެ ހަރަދު ޖުމްލަ %5 (ފަހެއް އިންސައްތަ) އަށްވުރެ މަތިވެއްޖެ ހާލަތެއްގައި އެ އިތުރުވާ މިންވަރުގެ ނިސްބަތަށް ބަލައި އަސާސީ ޕެންށަންގެ އަދަދު އިސްލާހު ކުރަންވާނެއެވެ. މިގޮތުން އަސާސީ ޕެންށަން އަލަށް ހައްގުވާ ފަރާތްތަކަށާއި މި ޕެންށަން ލިބެމުންދާ ފަރާތްތަކަށް ޕެންށަން ދެވޭނީ މިގޮތަށް ގެނެވޭ ބަދަލާ އެއްގޮތަށެވެ.
(އ) މި ގާނޫނުގެ ދަށުން ލިބޭ ޕެންށަނެއް ނުވަތަ އެހެންވެސް ގޮތަކުން ލިބޭ ޕެންށަނެއްގެ އަދަދަށް އަންނަ ބަދަލަކާ ގުޅިގެން އެ ބަދަލުތަކާ އެއްގޮތްވާ
ގޮތުގެމަތިން އެމީހަކަށް ލިބެމުން އައި އަސާސީ ޕެންށަންގެ އަދަދަށް ބަދަލު ގެނައުމުގެ އިހްތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.
(ވ) އަސާސީ ޕެންށަން ލިބުމަށް ށަރުތު ހަމަވާ މީހުން މިޕެންށަން ލިބިގަތުމަށްޓަކައި އަމަލުކުރަންވީ ގޮތުގެ އުސޫލު، ޕެންށަން އޮފީހުގެ ބޯޑު އައްޔަންކުރާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެއެވެ. އަސާސީ ޕެންށަން ލިބެންޖެހޭ މީހުން ފާހަގަކޮށް އެފަރާތްތަކަށް އެ ޕެންށަން ލިބިދިނުމުގެ އިންތިޒާމްތައް ޕެންށަން އޮފީހުގެ ބޯޑު އައްޔަންކުރެވޭތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.
(މ) އަސާސީ ޕެންށަން ދޭން ފަށާނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ސަބަބުން ޕެންށަން ހައްގުވާ ތާރީހުން ފެށިގެން ނުވަތަ އެތާރީހަށް ފަހު ޕެންށަން ލިބޭ އުމުރު ހަމަވާނަމަ، ޕެންށަން ލިބޭ އުމުރު ހަމަވާ ތާރީހާއި، މި ދެ ތާރީހުގެ ތެރެއިން ފަހުގެ ތާރީހަކުން ފެށިގެންނެވެ.
ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމް
12 ވަނަ މާއްދާ - ރިޓަޔަރމަންޓް ޕެންށަން ސްކީމް ގާއިމުކުރުން
(ހ) ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ނަގައިގެން އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާއިން ހިންގޭ ރިޓަޔަރމަންޓް ޕެންށަން ސްކީމެއް "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމް" ގެ ނަމުގައި މި ގާނޫނުގެ ދަށުން ގާއިމުކުރެވޭނެއެވެ.
(ށ) ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން، ޕެންށަން ލިބޭ އުމުރު ހަމަނުވާ ކޮންމެ މީހަކަށް، މި ގާނޫނުގައިވާ ގޮތުގެމަތިން ޕެންށަން ދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކުރުވުމަކީ، ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމްކަމެކެވެ. އަދި މި ސްކީމުގައި ބައިވެރިވުމަކީ ވަޒީފާ އަދާކުރާ ފަރާތުގެ މައްޗަށް ލާޒިމްކަމެކެވެ. ވަޒީފާ އަދާކުރާ ފަރާތުން ޕެންށަން ކޮންޓްރިބިއުށަންގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑާނެގޮތް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) އާ ހިލާފުވުމަކީ ކުށެކެވެ.
(ރ) ޕެންށަން ސްކީމްގެ ކޮންމެ ބައިވެރިއެއްގެ ނަމުގައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓެއް ހުޅުވަންވާނެއެވެ. ކޮންމެ މެންބަރެއް އަދި މެންބަރެއްގެ ފަރާތުން ޕެންށަން ސްކީމަށް ދައްކާ ފައިސާ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރަންވާނެއެވެ. އަދި އެފައިސާ އިންވެސްޓްކޮށްގެން ލިބޭ އެންމެހައި ފައިދާއާއި ގެއްލުން އެމީހެއްގެ އެކައުންޓަށް ނިސްބަތުން ބަހަންވާނެއެވެ. އަދި ސްކީމް ހިންގުމުގެ ހަރަދުތައްވެސް ނިސްބަތުން އެ އެކައުންޓުން ކެނޑިދާނެއެވެ. ހިންގުމުގެ ހަރަދު ކެނޑުމަށްފަހު އެކައުންޓުގެ ބާކީއަކީ އެ މެންބަރެއްގެ ގާނޫނީ މިލްކެކެވެ.
(ބ) ދައުލަތުގެ ވަޒީފާ އަދާކުރާ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކުރުމުގެ ކަންތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ، ގިނަވެގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ހަމަޖައްސަންވާނެއެވެ.
(ޅ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ލަސްވެގެން 12 (ބާރަ)މަސް ދުވަހުގެ ތެރޭގައި ދައުލަތް ފިޔަވައި އެހެން ފަރާތްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކުރުމަށްޓަކައި، ނަގާނެ މުއްދަތެއް ޕެންށަން އޮފީހުން ކަނޑައަޅަންވާނެއެވެ. އަދި ދައުލަތުގެ ވަޒީފާ ފިޔަވައި އެހެން ވަޒީފާ އަދާކުރާ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 2 (ދޭއް) އަހަރު ދުވަހުގެތެރޭގައި ބައިވެރިކޮށް ނިންމަންވާނެއެވެ.
13 ވަނަ މާއްދާ - ސްކީމް ހިންގުމުގެ ފައިޑިއުށަރީ ޑިޔުޓީ
(ހ) ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކުރުމުގެ މަސްއޫލިއްޔަތު އޮންނަ މީހުންނާއި ގާނޫނީ ށަހްސުތަކަކީ، ސްކީމްގެ ބައިވެރިންނާއި، ސްކީމްގެ ބެނިފިށަރީންގެ ކުރިމަތީގައި ފައިޑިއުށަރީން ކަމުގައިވާނެއެވެ.
- ސްކީމް ހިންގުމާބެހޭ އެއްވެސް ކަމެއްގައި، ނުވަތަ ޕެންށަން އެސެޓްސް މެނޭޖްކުރުމާއި ތަސައްވުރުކުރުމުގައި އެއްވެސް ކަމެއް ނިންމުމުގެ އިހްތިޔާރު ލިބިފައިވާ ފަރާތަކަށްވުން.
- އިންވެސްޓްކުރުމާބެހޭ ގޮތުން ބޯޑަށް އެއްވެސް ލަފައެއް ދިނުން ނުވަތަ އެފަދަ ލަފައެއް ނުދިން ކަމުގައިވިޔަސް، އެފަދަ ލަފައެއް ދިނުމުގެ މަސްއޫލިއްޔަތު އޮންނަ ފަރާތަކަށްވުން.
(ށ) ކޮންމެ ފައިޑިއުށަރީއަކުވެސް، އެމީހެއްގެ ވާޖިބު އަދާކުރަންވާނީ، މާލީ ކަންކަމުގައި އެކަށީގެންވާ މިންވަރަށް ހުނަރުވެރިކަމާއި ގާބިލުކަން ލިބިގެންވާ މީހެކޭ އެއްފަދައިންނެވެ. މިބުނެވުނު ފެންވަރާއި ހުނަރުވެރިކަމާއި ގާބިލުކަން ނެތްނަމަ، އެކަމުގެ މާހިރުންގެ ކިބައިން އެހިދުމަތް ހޯދަންވާނެއެވެ.
(ނ) ޕެންށަން އެސެޓްސް އިންވެސްޓް ކުރުމާބެހޭ އެއްވެސް ހުށަހެޅުމެއް، ސަރުކާރުން ނުވަތަ އެހެންވެސް ފަރާތަކުން ހުށަހަޅާނަމަ، ހުށަހަޅަންވާނީ ލިޔުމުންނެވެ. އަދި އެހުށަހެޅުމެއް އާންމުކޮށް ހާމަކުރަންވާނެއެވެ.
14 ވަނަ މާއްދާ - ސްކީމަށް ފައިސާ ދެއްކުން
(ހ) ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންށަނަށް ބަލާ މުސާރައިގެ (ޕެންށަނަބަލް ވޭޖްގެ) މަދުވެގެން %7 އެމުވައްޒަފަކު، އަދި ޕެންށަނަބަލް ވޭޖްގެ މަދުވެގެން %7 އެމުވައްޒަފަކަށް ވަޒީފާދީފައިވާ ފަރާތުން، ސްކީމަށް ދައްކަންވާނެއެވެ. މިގޮތުން ސްކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ ވަޒީފާ އަދާކުރާ މުވައްޒަފުންނަށެވެ. 65 އަހަރުން މަތީގެ މީހުންގެ މައްޗަށް ސްކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައެއް ނުވެއެވެ. ޕެންށަން އޮފީހުގެ ބޯޑު އައްޔަންކުރެވޭތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ސްކީމަށް ފައިސާ ދެއްކުމުގެ އުސޫލުތައް ކަނޑައަޅައި އެކަމާބެހޭ ގަވާއިދުތައް ޕެންށަން އޮފީހުން ހަދަންވާނެއެވެ. މިގަވާއިދުތަކުގައި ޕެންށަން ސްކީމަށް
ފައިސާދެއްކޭނެ އެންމެ މަތީ މިންވަރަކާއި ދަށް މިންވަރެއް ކަނޑައަޅަންވާނެއެވެ.
(ށ) ޕެންށަން އޮފީހުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ކޮންމެ މުވައްޒަފެއްގެ ފަރާތުންނާއި އެމުވައްޒަފަކަށް ވަޒީފާދީފައިވާ ފަރާތުން ދައްކާ ފައިސާގެ ރިޕޯޓްތައް ޕެންށަން އޮފީހަށް ގަވާއިދުން ހުށަހަޅަމުން ގެންދަންވާނެއެވެ. މިރިޕޯޓު ހުށަހެޅުމާބެހޭ ގަވާއިދު، ޕެންށަން އޮފީހުގެ ބޯޑު އައްޔަންކުރާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ޕެންށަން އޮފީހުން ހަދަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ގަވާއިދުގައި، އަމިއްލަ ވަޒީފާގައި އުޅޭ (ސެލްފް-އެމްޕްލޯއިޑް) ސްކީމްގައި ބައިވެރިވާން ބޭނުންވާ މީހުން ސްކީމަށް ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ. މިފަދަ މީހުން ޕެންށަން ސްކީމަށް ދައްކަންޖެހޭނީ ވަޒީފާދޭ ފަރާތުންނާއި ވަޒީފާ އަދާކުރާ ފަރާތުން ދައްކަންޖެހޭ ޖުމްލަ %14 އަށްވާ ފައިސާއެވެ. މިފަދަ މީހުން ދައްކަންޖެހޭ ފައިސާގެ އަދަދު ކަނޑައެޅުމަށްޓަކައި ޕެންށަނަށް ބަލާ މުސާރަ ކަނޑައަޅާނެ ގޮތާބެހޭ ގަވާއިދުތައް ޕެންށަން އޮފީހުން ނެރެންވާނެއެވެ.
(ރ) ޕެންށަން އޮފީހާއި ސަރުކާރާއި އެއްބަސްވާ ގޮތެއްގެމަތިން، އަދި ޕެންށަން އޮފީހުން ނެރޭ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތެއްގެމަތިން އަމިއްލަ ވަޒީފާގައި އުޅޭ މީހުންނާއި މަސްވެރިން ސްކީމަށް ދައްކަންޖެހޭ ފައިސާ ކަމަށް ޕެންށަން އޮފީހުން ކަނޑައަޅާ އަދަދުގެ ތެރެއިން ބައެއް ސަބްސިޑައިޒް ކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.
(ބ) ވަޒީފާ ދޭ ފަރާތުން އެއްބަސްވާނަމަ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ވަޒީފާ އަދާކުރާ މީހާގެ އަތުން ސްކީމަށް ފައިސާ ނުނަގާގޮތަށް، ހަމައެކަނި ވަޒީފާދޭ ފަރާތުން މުވައްޒަފުގެ ޕެންށަނަށް ބަލާ މުސާރައިގެ %14 އަށް ވުރެ މަދުނޫން އަދަދަކަށް ސްކީމަށް ފައިސާ ދައްކާ ގޮތަށް ހަމަޖެއްސުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ޅ) ސްކީމްގެ ކޮންމެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓާއި ބެހޭ ސްޓޭޓްމަންޓް އެމީހުންނަށް، ގަވާއިދުން ކޮންމެ އަހަރަކު ޕެންށަން އޮފީހުން ދޭންވާނެއެވެ. މިސްޓޭޓްމަންޓްގައި، އެމީހަކާ ބެހޭ މައުލޫމާތާއި، އެމީހެއްގެ އެކައުންޓަށް ދައްކާފައިވާ ފައިސާއާއި، ފައިސާ ދައްކާފައިވާ ފަރާތާއި، އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ އިންވެސްޓްމަންޓް ޕަރފޯރމަންސް އާއި، ސްކީމްގެ ދަށުން އެމީހަކަށް ދޫކުރެވިފައިވާ ބެނިފިޓްސްގެ ތަފްސީލު ހުންނަންވާނެއެވެ.
15 ވަނަ މާއްދާ - ސްކީމަށް ފައިސާ ކެނޑުން
ވަޒީފާ ދޭ ފަރާތުން މުވައްޒަފަކަށް މުސާރަ ދިނުމުގައި، ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
- އެމުވައްޒަފަކު ސްކީމަށް ދައްކަންޖެހޭ ފައިސާ މުސާރައިން ކެނޑުން.
- މި ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން އެމުވައްޒަފަކު ސްކީމަށް ދައްކަންޖެހޭ ފައިސާއާއި، ވަޒީފާދޭ ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު، ޕެންށަން އޮފީހުން ކަނޑައަޅާ އެކައުންޓަކަށް، މުވައްޒަފަށް މުސާރަދޭ ތާރީހުން ފެށިގެން ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ދައްކަންވާނެއެވެ.
16 ވަނަ މާއްދާ - ސްކީމްގެ ފައިސާ އިންވެސްޓްކުރުން
(ހ) ޕެންށަން އެސެޓްސް އިންވެސްޓްކުރަންވާނީ މި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، އަދި ހަމައެކަނި ސްކީމްގެ ބައިވެރިންނަށާއި ބެނިފިށަރީންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނޭ ގޮތުގެމަތިންނެވެ. މިގޮތުން އިންވެސްޓްކުރުމުގައި ބަލަންޖެހޭނެ ކަންތައްތަކުގެ ތެރޭގައި، އަންނަނިވި ކަންތައް ހިމެނެއެވެ.
- އެސެޓްސްގެ ރައްކާތެރިކަން.
- އިންވެސްޓްމެންޓްތަކުގެ ޑައިވަރސިޓީ.
- އެސެޓްސްގެ ރައްކާތެރިކަމަށް ބަލާއިރު އެންމެ ފައިދާބޮޑު އެސެޓެއްގައި އިންވެސްޓްކުރުން.
- އެކަށީގެންވާ މިންވަރަކަށް ލިކުއިޑިޓީ ދެމެހެއްޓުން.
(ށ) އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތައް ކަނޑައަޅާނީ، މުސްތަގިއްލު ފަންނީ ލަފަޔާއެކު އަދި ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ ގަވާއިދުތަކާ ހިލާފުނުވާނޭ ގޮތުގެމަތިން ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ ތެރެއިން އެކުލަވާލެވޭ ޕެންށަން އިންވެސްޓްމަންޓް ކޮމިޓީއަކުންނެވެ. އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތަކުގައި އަންނަނިވި ކަންތައްތައް ބަޔާންކުރަންވާނެއެވެ.
- މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަކުރާނެގޮތް.
- ޕެންށަން އެސެޓްސް އިންވެސްޓްކުރެވިދާނެ އިންސްޓްރޫމެންޓްތައް.
- ޕެންށަން އެސެޓްސް އިންވެސްޓްކޮށްގެން ޕެންށަން އޮފީހުގެ ބޯޑުން ހާސިލުކުރަން ބޭނުންވާ ޕަރފޯރމަންސް ބެންޗްމާކްތައް.
- ޕެންށަން އެސެޓްސް އިންވެސްޓްކުރުމުގައި ހުރި މައިގަނޑު ރިސްކްތަކާއި އެ ރިސްކްތައް މެނޭޖްކުރާނެ ގޮތްތައް.
- އިންވެސްޓްކުރާނޭ ގޮތާއި ފައިދާ ހޯދާނެގޮތްތައް ކަނޑައެޅުމަށް ޒިންމާވާ ފަރާތްތައް.
- އިންވެސްޓްކުރުމާބެހޭ ކަންތައްތައް ކަނޑައެޅުމުގައި އަމަލުކުރާނޭ އުސޫލު.
- އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތައް މުރާޖައާކުރާނޭ ގޮތް.
(ނ) އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތައް އިންވެސްޓްމަންޓް ކޮމިޓީން ޕެންށަން އޮފީހުގެ ބޯޑުގެ އެއްބަސްވުމާއެކު ގަވާއިދުން މުރާޖައާކުރަންވާނެއެވެ.
(ރ) ޕެންށަން އެސެޓްސް ދިވެހިރާއްޖޭގައި އިންވެސްޓްކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ބާވަތުގެ އެސެޓްތަކުގައެވެ.
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ލައިސަންސް ދީފައިވާ ބޭންކްތަކުގެ ތެރެއިން ތަންފީޒީ ފިޔަވަޅެއް އަޅަމުންދާ އަދި އެފަރާތެއްގެ ލައިސަންސް ހިފެހެއްޓުމުގެ ބިރު ހީވެފައިވާ ބޭންކްތައް ނޫން ބޭންކްތަކުގެ އެކައުންޓުތަކާއި، ބޭންކްތަކުގައި ހުންނަ ޑިޕޮޒިޓްތައް ފަދަ މަނިޓަރީ ފަންޑުތައް.
- ދިވެހިސަރުކާރުގެ ކަމާބެހޭ ފަރާތަކުން، އެފަރާތުން ގެރެންޓީކުރާ މިންވަރަކަށް ދޫކުރާ ސެކިއުރިޓީސްތައް.
- ވިޔަފާރި ކުރާ ތަންތަނުން ދޫކުރާ ސެކިއުރިޓީސްތަކުގެ ތެރެއިން ރާއްޖޭގައި ހުންނަ ލައިސަންސް އޮތް ސްޓޮކް އެކްސްޗޭންޖެއްގައި ލިސްޓްކުރެވިފައިވާ ސެކިއުރިޓީސްތައް.
- ރާއްޖޭގައި ގަވާއިދުން ހުއްދަލިބިފައިވާ މިއުޗުއަލް ފަންޑާއި އިންވެސްޓްމަންޓް ފަންޑުތައް.
(ބ) ޕެންށަން އެސެޓްސް ރާއްޖެއިން ބޭރުގައި އިންވެސްޓްކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ބާވަތުގެ އެސެޓްތަކުގައެވެ.
- އެ އިންވެސްޓްކުރާ ގައުމެއްގައި ހުންނަ ބޭންކް ރެގިއުލޭޓްކުރާ އޮތޯރިޓީއަކުން ލައިސަންސް ދީފައިވާ ބޭންކްތަކުގެ ތެރެއިން ތަންފީޒީ ފިޔަވަޅެއް އަޅަމުންދާ އަދި އެފަރާތެއްގެ ލައިސަންސް ހިފެހެއްޓުމުގެ ބިރު ހީވެފައިވާ ބޭންކްތައް ނޫން ބޭންކްތަކުގެ ބޭންކް އެކައުންޓުތަކާއި، ބޭންކްތަކުގައި ހުންނަ ޑިޕޮޒިޓްތައް ފަދަ މަނިޓަރީ ފަންޑުތައް.
- އެ އިންވެސްޓްކުރާ ގައުމެއްގެ ކަމާބެހޭ ފަރާތަކުން، އެފަރާތުން ގެރެންޓީކުރާ މިންވަރަކަށް ދޫކުރާ ސެކިއުރިޓީސްތައް.
- އެ އިންވެސްޓްކުރާ ގައުމެއްގެ މައި ސަރުކާރުން ނުވަތަ ސަރަހައްދީ ސަރުކާރުން، އެފަރާތުން ގެރެންޓީކުރާ މިންވަރަކަށް ދޫކުރާ ސެކިއުރިޓީސްތައް.
- އެ ގައުމެއްގެ ސެކިއުރިޓީސް މާކެޓް ރެގިއުލޭޓްކުރާ ފަރާތެއްގައި ރަޖިސްޓަރީ ކުރެވިފައިވާ ސެކިއުރިޓީސްތަކުގެ ތެރެއިން، ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކުރެވިގެން، ކަމާބެހޭ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރެއްގެ ބެލުމުގެ ދަށުން ބެލެމުންދާ ސެކިއުރިޓީސްތައް.
- އެތަނެއްގެ ސަރުކާރުން ހުއްދަކޮށްފައިވާ އޯޕަން އެންޑަޑް ވެހިކަލްތައް.
(ޅ) ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ އެސެޓެއްގައި ޕެންށަން އެސެޓްސް އިންވެސްޓްކޮށްގެންނުވާނެއެވެ.
- ލިސްޓްކޮށްފައިނުވާ ނުވަތަ އާންމުކޮށް ނުވިއްކާ ސެކިއުރިޓީސް.
- އެހެން އެސެޓްތަކާ ގާނޫނީ ގޮތުން ވަކި ނުކުރެވޭނެ އެސެޓްތައް.
- ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ކަނޑައަޅާ ވަކި ބާވަތްތަކެއްގެ ޑެރިވަޓިވް އިންސްޓްރޫމަންޓްތައް.
- ގަވާއިދުން އިންތިޒާމްކުރެވިގެން ހިނގާ ބާޒާރެއްގައި ލިސްޓްކޮށްފައިނުވާ ރިއަލް އެސްޓޭޓް އާއި އެހެންވެސް މުދަލުގެ ތެރެއިން ކަނޑައެޅިގެން ވަކި އަގެއް ހަމަނުޖެއްސޭނެ އެސެޓްތައް.
- ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ކަނޑައަޅާ އެހެނިހެން ބާވަތުގެ އެސެޓްސް.
(ކ) މި ގާނޫނުގެ ދަށުން ޕެންށަން އެސެޓްސް އިންވެސްޓްކުރުމުގެ ކަންތައް ކުރާނީ ގާނޫނާއި، ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްއާ އެއްގޮތަށްތޯ ބަލާނީ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރެވެ. އަދި ޕެންށަން އެސެޓްސް އިންވެސްޓްކުރުމަށް އެކަށީގެންވާ ވަރަށް ފައިނޭންށަލް މާރކެޓް ތަރައްގީވެފައިވާ ގައުމުތައް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ފާހަގަކުރަންވާނެއެވެ.
(އ) ޕެންށަން އެސެޓްތައް އިންވެސްޓްކުރުމުގައި ތަފާތު އަދި ވަކި އިންވެސްޓްމަންޓްތަކުގައި އިންވެސްޓްކުރެވޭނެ އަދަދު ކަނޑައަޅައި އެކަންފާހަގަކޮށް ޕެންށަން އޮފީހުގެ ބޯޑުން މިކަމާބެހޭ ގަވާއިދުގައި ބަޔާންކުރަންޖެހޭނެއެވެ.
- (ވ)
ޕެންށަން އެސެޓްސް އިންވެސްޓްކުރުމުގައި، ފައިނޭންށަލް މާރކެޓްގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ނުވަތަ ބޭރުފައިސާގެ އަގުތަކަށް އަންނަ ބަދަލަކާ ގުޅިގެން، ނުވަތަ ޕެންށަސް އެސެޓްސް އިންވެސްޓްކޮށްފައިވާ ތަންތަނުގެ މެދުގައިވާ އިގްތިސާދީ ގުޅުންތަކަށް ނުވަތަ އެތަންތަން އިންތިޒާމް ކުރެވިފައިވާގޮތަށް އައި ބަދަލަކާ ގުޅިގެން، ނުވަތަ އެސެޓް މެނޭޖަރުގެ ބާރުން ބޭރުގައިވާ ކަންތައްތަކުގެ ސަބަބުން މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސްޓޭމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްއާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ގާނޫނުގެ އެހެން މާއްދާތަކާ ހިލާފުނުވާނޭ ގޮތުގެމަތިން، އިންވެސްޓްކުރެވިފައިވާ ޕެންށަން އެސެޓްތަކުގެ އިންވެސްޓްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންވާނެއެވެ. - މިގޮތުން ޕެންށަން އެސެޓްތަކުގެ އިންވެސްޓްމަންޓަށް ގެންނަންޖެހޭ ބަދަލުތައް، ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްގައި ބަޔާންކޮށްފައިވާ ސިޔާސަތުތަކާ ހިލާފުވި ތާރީހާއި، ނުވަތަ އެސެޓްތައް އަގުކުރުމުގައި ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްގައި ބަޔާންކޮށްފައިވާ ސިޔާސަތުތަކާ ހިލާފުވިކަން އެނގުނު ތާރީހާއި ދެތާރީހުންކުރެ ފަހުގެ ތާރީހަކުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، އަލުން މި ގާނޫނާއި ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްގައި ބަޔާންކޮށްފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންވެސްޓްމަންޓްތައް ބަދަލުކުރަންވާނެއެވެ.
17 ވަނަ މާއްދާ - އިންށުއަރ ކުރުން
ޕެންށަން އެސެޓް އިންވެސްޓްކޮށްފައިވާ ފަރާތެއް ބަނގުރޫޓުވެގެން ނުވަތަ އެނޫންވެސް ގޮތަކުން ޕެންށަން ސްކީމްގެ ފައިސާ، ސްކީމްގެ ބައިވެރިންނަށް ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ސްކީމްގެ ފައިސާއާއި އިންވެސްޓްމަންޓް ހުންނަންވާނީ އިންށުއަރ ކުރެވިފައެވެ.
18 ވަނަ މާއްދާ - އެސެޓް މެނޭޖަރުން
(ހ) ރާއްޖޭގައިވާ އެސެޓް މެނޭޖަރުންނަކީ، އެސެޓް މެނޭޖްކުރުމަށް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ލައިސަންސް ދޫކޮށްފައިވާ ގާނޫނީ ށަހްސުތަކަށް ވާންވާނެއެވެ. އެސެޓް މެނޭޖަރުންގެ ކިބައިގައި ތިރީގައިމިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- އެއްވެސް ކަމަކަށް އަމަލުނުކުރުމުގެ ސަބަބުން ތަންފީޒީ ފިޔަވަޅެއް އަޅާފައިނުވުން ނުވަތަ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓިފައިނުވުން.
- ކަސްޓޯޑިއަނާއި ނުވަތަ ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރަކާ ގުޅިފައިވާ ފަރާތަކަށް ނުވުން؛ އަދި
- ކަސްޓޯޑިއަނަށް ނުވަތަ ގުޅިފައިވާ ފަރާތަކަށް ދަރަންޏަށް ފައިސާ ދޫކުރާ ނުވަތަ ނަގާ ފަރާތަކަށް ނުވުން.
(ށ) އެސެޓް މެނޭޖަރުން ހޮވާނީ، ވާދަވެރި ބީލަމަކުންނެވެ. ބީލަމުގެ ކަންތައް ހިނގާނޭ އުސޫލުތަކާއި ށަރުތުތަކާއި، އެސެޓް މެނޭޖަރަށްވުމަށް ކުރިމަތިލުމަށް ޕްރީ-ކޮލިފައިވުމަށް ބޭނުންވާ ކަންތައްތައް ޕެންށަން އޮފީހުގެ ބޯޑުން ފާސްކުރަންވާނެއެވެ.
(ނ) އެސެޓް މެނޭޖަރުން ޕެންށަން އެސެޓްތައް މެނޭޖްކުރަންވާނީ އެސެޓް މެނޭޖްކުރުމާބެހޭ ގޮތުން އެސެޓް މެނޭޖަރާއި ޕެންށަން އޮފީހާ ދެމެދު ކުރެވޭ އެގްރިމަންޓްގައިވާ ގޮތުގެމަތިންނެވެ.
(ރ) އެސެޓް މެނޭޖްމަންޓްގެ ކަންތައް ހިންގަންވާނީ ހަމައެކަނި، އެކަމަށް އައްޔަންކޮށްފައިވާ ކަސްޓޯޑިއަން މެދުވެރިކޮށްކަމަށް އެސެޓް މެނޭޖްމަންޓް އެގްރިމަންޓްގައި ބަޔާންކުރަންވާނެއެވެ. އެސެޓް މެނޭޖްމަންޓް އެގްރިމަންޓްގައި ހުންނަންޖެހޭ އެހެން ކަންތައްތައްވެސް ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ.
(ބ) މި ގާނޫނުގެ ދަށުން މެނޭޖްކުރެވޭ ޕެންށަން އެސެޓްތަކަކީ އެސެޓް މެނޭޖަރުގެ އަމިއްލަ މިލްކެއް ނޫނެވެ. އަދި އެއީ އޭނާގެ މައްޗަށް ތަންފީޒުކުރެވޭ ކަމެއްގައި، އަދި އެސެޓް މެނޭޖަރު ބަނގުރޫޓުވުމުގެ ކަމެއްގައި އަސަރުކުރާނޭ އެއްޗެއްވެސް ނޫނެވެ.
(ޅ) ޕެންށަން އެސެޓްތައް، ނުވަތަ އޭގެތެރެއިން ބައެއް، އިންވެސްޓްކުރުމަށް އެންމެ އެކަށީގެންވަނީ އޯޕަން އެންޑަޑް ވެހިކަލްތަކުގައި ކަމަށް ޕެންށަން އޮފީހުގެ ބޯޑުން ނިންމިދާނެއެވެ. އެހެންކަމުގައިވަނީނަމަ، ވާދަވެރި ބީލަމަކުން އެކެއް ނުވަތަ އެއަށްވުރެ ގިނަ އޯޕަން އެންޑަޑް ވެހިކަލް ހޮވުމަށްފަހު، އެފަރާތުން ބޭނުންކުރާ އާންމު އެގްރިމަންޓްގައި ސޮއިކުރެވިދާނެއެވެ. ބީލަމުގެ ކަންތައް ހިނގާނޭ އުސޫލުތަކާއި ށަރުތުތަކާއި، ކުރިމަތިލުމަށާއި ޕްރީ-ކޮލިފައިވުމަށް ބޭނުންވާ ކަންތައްތައް މި ގާނޫނުގެ ދަށުން ޕެންށަން އޮފީހުގެ ބޯޑުން ފާސްކުރަންވާނެއެވެ.
(ކ) ޕެންށަން އެސެޓްސް އިންވެސްޓްކުރުމަށް ބޭނުންކުރާ އޯޕަން އެންޑަޑް ވެހިކަލްތައް ހުންނަންވާނީ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ލައިސަންސް ދީފައެވެ. އަދި އެއީ ރާއްޖެއިން ބޭރުގެ ފަރާތެއްނަމަ، އެގައުމެއްގެ ސެންޓްރަލް ބޭންކްއިން ނުވަތަ މާލީ އިދާރާތައް ބަލަހައްޓާ ފަރާތުން ހުއްދަ ދީފައި އޮންނަންވާނެއެވެ.
(އ) މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ކަންތައް އޯޕަން އެންޑަޑް ވެހިކަލްގައި ބަހައްޓާ ޕެންށަން އެސެޓްސް އާ ގުޅިގެން ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.
(ވ) މި ގާނޫނުގެ ދަށުން ޕެންށަން އެސެޓްސް އިންވެސްޓްކުރުމަށް އެސެޓް މެނޭޖަރ ކުރަންޖެހޭ ކަންތައްކުރަނީ ގާނޫނާ އެއްގޮތަށްތޯ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ބަލަންވާނެއެވެ.
19 ވަނަ މާއްދާ - ކަސްޓޯޑިއަން
(ހ) އެސެޓް މެނޭޖަރުން އިންވެސްޓްކުރާ ޕެންށަން އެސެޓްސް ބެލެހެއްޓުމަށްޓަކައި ޕެންށަން އޮފީހުން އެއް ކަސްޓޯޑިއަން އައްޔަންކޮށް، ކަސްޓޯޑިއަން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރާ އެގްރިމަންޓެއް އެފަރާތާއެކު ކުރަންވާނެއެވެ.
(ށ) ކަސްޓޯޑިއަން އައްޔަންކުރާނީ، ވާދަވެރި ބީލަމަކުންނެވެ. ބީލަމުގެ ކަންތައް ހިންގާނޭ އުސޫލުތަކާއި ށަރުތުތަކާއި، އަދި ކަސްޓޯޑިއަން ކަމަށް ކުރިމަތިލުމަށް ޕްރީ-ކޮލިފައިވުމަށް ބޭނުންވާ ކަންތައްތައް މި ގާނޫނުގެ ދަށުން ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅައި ފާސްކުރަންވާނެއެވެ.
(ނ) ކަސްޓޯޑިއަންއަކަށް އެއްފަރާތަށްވުރެ ގިނަ ފަރާތުގެ އެސެޓްސް ބެލެހެއްޓުމާ ހަވާލުވެވިދާނެއެވެ. ނަމަވެސް، ޕެންށަން އޮފީހުގެ އެސެޓްސްއާއި، އޮޕަރޭށަންސްއާއި ރެކޯޑުތައް ހުންނަންވާނީ އެހެން ފަރާތްތަކުގެ އެސެޓްސްއާއި އަދި ކަސްޓޯޑިއަންގެ އަމިއްލަ އެސެޓްސްވެސް އެއްނުވާނޭ ގޮތުގެމަތިން ވަކިންނެވެ.
(ރ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ގާނޫނީ ށަހްސަކަށް ކަސްޓޯޑިއަނަކަށް ވެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.
- އެމަސައްކަތްކުރުމަށް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ހުއްދަ ދީފައިވުމާއެކު، ތަންފީޒުކުރުމުގެ އެއްވެސް އަމުރެއް އެފަރާތުގެ މައްޗަށް ހިނގަމުން ނުދިޔުމާއި، ލައިސަންސް ހިފަހައްޓާފައި ނުވުން.
- ޕެންށަން އޮފީހުގެ އެސެޓް މެނޭޖަރަށް ނުވުން އަދި އެސެޓް މެނޭޖަރަކަށް ނުވަތަ ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރަކާ ގުޅިފައިވާ އަދި ގުޅުންހުރި ފަރާތަކަށް ނުވުން.
- އެސެޓް މެނޭޖަރަށް ނުވަތަ އެފަރާތާ ގުޅިފައިވާ އަދި ގުޅުންހުރި ފަރާތަކަށް ދަރަންޏަށް ފައިސާ ދޫކުރާ ނުވަތަ އެފަރާތުން ދަރަންޏަށް ފައިސާ ނަގާ ފަރާތަކަށްނުވުން.
(ބ) ރާއްޖެއިން ބޭރުގެ ކަސްޓޯޑިއަނެއްނަމަ، އެފަރާތަކީ އެގައުމެއްގެ ބޭންކިންގ އާއި މާލީ ހިދުމަތްތަކާއި ނުވަތަ ސެކިއުރިޓީސް މާކެޓް ރެގިއުލޭޓްކުރާ ފަރާތުން ލައިސަންސް ލިބިފައިވާ، އަދި ތަންފީޒުކުރުމުގެ އެއްވެސް އަމުރެއް އެފަރާތުގެ މައްޗަށް ހިނގަމުން ނުދާ، އަދި ލައިސަންސް ހިފެހެއްޓިފައިނުވާ ފަރާތަކަށް ވުމާއެކު، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ކަނޑައަޅާ އެހެން ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.
(ޅ) ކަސްޓޯޑިއަންގެ މަސައްކަތުގެ ތެރޭގައި ތިރީގައި ބަޔާންކުރާ ކަންތައްތައް ހިމެނޭނެއެވެ.
- ޕެންށަން އެސެޓްސް ކަމުގައި ހިމެނޭ ޕޭޕަރ ސެކިއުރިޓީސް ބަލައިގަނެ، ބެހެއްޓުން.
- ޕެންށަން އެސެޓްސްކަމުގައި ހިމެނޭ ޕޭޕަރލެސް ސެކިއުރިޓީސްގެ ރެކޯޑް ބެހެއްޓުން.
- ޕެންށަން އެސެޓްސް ކަމުގައި ހިމެނޭ މަނިޓަރީ ފަންޑުތައް ޓްރާންސްފަރ ކުރުމާއި އިށޫ ކުރުމާބެހޭ ލިޔެކިޔުންތައް ލިބިގަނެ، ބެހެއްޓުން.
- ކަސްޓޯޑިއަންއާއި ހަވާލުކޮށްފައިވާ ޕެންށަން އެސެޓްސްގެ ރަޖިސްޓަރީގައި ހުންނަ ކޮރެސްޕޮންޑެންޓް އެކައުންޓުތަކުގައި، އެންޓްރީ ހެދުން.
- މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންތައް ކުރުމަށްޓަކައި ޕެންށަން އޮފީހަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން.
- ޕެންށަން އެސެޓްސް ލިބިގަތުމާއި ދޫކޮށްލުމާބެހޭގޮތުން ކުރާ އެގްރިމަންޓްތައް ހުންނަނީ މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޕެންށަން އޮފީހުން ކަނޑައަޅާ އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތަކާ އެއްގޮތަށްތޯ ބެލުން.
- މި ގާނޫނާ ނުވަތަ އެހެންވެސް ގާނޫނަކާ ނުވަތަ ކަމާބެހޭ ގަވާއިދަކާ ނުވަތަ އިންވެސްޓްމަންޓް ޕްރިންސިޕަލްސްތަކާ ހިލާފުނުވާހާ ހިނދަކު، ޕެންށަން އޮފީހުން އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުން.
- ޕެންށަން އެސެޓްސް އިންވެސްޓްކުރެވެނީ، މި ގާނޫނާއި، އެހެންވެސް އެސެޓްސް އިންވެސްޓްކުރުމާ ގުޅޭ ގަވާއިދުތަކާއި، އިންވެސްޓްކުރުމުގެ އުސޫލުތަކާ ހިލާފުނުވާނޭ ގޮތުގެމަތިންކަން ޔަގީންކުރުމާއި، އެއިން ކަމަކާ ހިލާފުވެއްޖެނަމަ، އެކަންތައް އެންގުމަށް ކަސްޓޯޑިއަނާއެކު ކުރެވިފައިވާ އެގްރިމަންޓްގައިވާ ގޮތުގެމަތިން އެކަން ޕެންށަން އޮފީހަށް އެންގުން.
- ޕެންށަން އެސެޓްސް އިންވެސްޓްކުރުމާބެހޭ ގޮތުން އެސެޓް މެނޭޖަރުން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރޭތޯ ބެލުން.
- ކަސްޓަޑީ އެގްރިމަންޓާއި، އަދި ކަސްޓޯޑިއަން އަމަލުކުރަންޖެހޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކުރުން.
(ކ) ޕެންށަން އޮފީހާއި ކަސްޓޯޑިއަންއާއި ދެމެދު ސޮއިކުރާ ކަސްޓަޑީ އެގްރިމަންޓްގައި، ތިރީގައިވާ ކަންތައްތައް ބަޔާންކުރަންވާނެއެވެ.
- ކަސްޓޯޑިއަންގެ މަސްއޫލިއްޔަތުތައް.
- ކަސްޓޯޑިއަންގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ގޮތް.
- ކަސްޓޯޑިއަންގެ އުޖޫރައާއި އަދި އެފަރާތަށް ދައްކަންޖެހޭ އެހެނިހެން ހަރަދުތަކާއި އަގުތައް ކަސްޓޯޑިއަންގެ ބެލުމުގެ ދަށުގައިވާ އެސެޓްސްގެ ނިސްބަތުން ކަނޑައަޅާނޭ ގޮތް.
- ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެހެނިހެން ކަންތައްތައް.
(އ) މި މާއްދާގެ ދަށުން ކަސްޓޯޑިއަންގެ ހަވާލުގައި ހުންނަ ޕެންށަން އެސެޓްތަކަކީ ކަސްޓޯޑިއަންގެ އަމިއްލަ މިލްކެއް ނޫނެވެ. އަދި އެއީ އޭނާގެ މައްޗަށް ތަންފީޒުކުރެވޭ ކަމެއްގައި، އަދި ކަސްޓޯޑިއަން ބަނގުރޫޓުވުމުގެ ކަމެއްގައި އަސަރުކުރާނޭ އެއްޗެއް ނޫނެވެ.
(ވ) އޯޕަން އެންޑަޑް ވެހިކަލްއެއް މެދުވެރިކޮށް އިންވެސްޓްކުރާ އެސެޓްތަކުގެ މައްޗަށް މި މާއްދާއެއް ނުހިނގާނެއެވެ.
20 ވަނަ މާއްދާ - ރިޓަޔަރމަންޓް ބެނިފިޓް
(ހ) މި ގާނޫނުގެ ދަށުން ޕެންށަން ލިބޭ އުމުރަކީ 65 އަހަރެވެ.
(ށ) ޕެންށަން ލިބޭ އުމުރު ހަމަވުމުން، ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ގާއިމުކުރެވޭ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ބާކީ ހުންނަ އަދަދަށް ބިނާކޮށް، މި ސްކީމްގެ ބައިވެރިންނަށާއި އެމީހުންގެ ވާރުތަވެރީންނަށް ހައްގުވާ އިނާޔަތްތަކުގެ ފައިސާ ފޯރުކޮށްދޭނެ ގޮތުގެ ގަވާއިދުތައް ޕެންށަން އޮފީހުގެ ބޯޑު އައްޔަންކުރެވޭތާ 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ޕެންށަން އޮފީހުން ނެރެންވާނެއެވެ.
(ނ) މިގޮތުން ތިރީގައިމިވާ އިނާޔަތްތައް ލިބިދެވޭނެއެވެ.
- މި ސްކީމްގެ ބައިވެރިންނަށް މަރުވަންދެން ލިބިދެވޭ ލައިފްޓައިމް އެނުއިޓީ.
- މި ސްކީމްގެ ބައިވެރިއަކަށް ނުވަތަ އެބައިވެރިއަކު ކަނޑައަޅާފައިވާ ވާރިސަކަށް އުމުރަށް ލިބިދެވޭ ޖޮއިންޓް އެނުއިޓީ.
- މަދުވެގެން ކަނޑައެޅިފައިވާ ވަކި އަހަރުތަކެއް ހަމަވަންދެން ގެރެންޓީޑް އަދަދެއް ދިނުމަށް ހަމަޖެހިފައިވާ، އުމުރަށް ލިބިދެވޭ ގެރެންޓީޑް އެނުއިޓީ.
- ދިވެހިރާއްޖޭގައި އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތުން ހުއްދަދީފައިވާ އެހެނިހެން އެނުއިޓީސް.
- މި ސްކީމްގެ ދަށުން އެމީހަކަށް ލިބިދެވޭ އެނުއިޓީއަކީ ހިނގާ ހަރަދުގެ މައްޗަށް ބަލާއިރު އެކަށީގެންވާ އެއްޗަކަށް ނުވާނަމަ، އެމީހެއްގެ އުމުރު ދުވަހަށް އަންދާޒާކުރެވޭ އަދަދަކަށް ބިނާކޮށް ދިގުމުއްދަތަކަށް ބަހާލައިގެން އެނުއިޓީ ގޮތުގައި ދެވޭ ފައިސާ ލިބިދެވޭނެއެވެ.
(ރ) ޕެންށަން އޮފީހުން ސްކީމްގެ ބައިވެރިންނަށް އިންށުއަރާއެއްގެ ގޮތުން އެނުއިޓީއެއް ފޯރުކޮށްދެވިދާނެއެވެ. މިގޮތުން މި އެނުއިޓީ ފޯރުކޮށްދެވޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ދިވެހިރާއްޖޭގައި އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތުން މި ޕްރޮގްރާމާއި އަދި މި އެނުއިޓީ ހިސާބުކުރުމުގައި ބަލާފައިވާ ކަންތައްތަކަށް ހުއްދަ ދީގެންނެވެ. މި އެނުއިޓީއަށް ފައިސާދޫކުރާނީ، ކޮންޓްރެކްޓް އުސޫލުން އައްޔަންކުރެވޭ އިންށުއަރެންސް ކުންފުނިތައް މެދުވެރިކޮށްކަމަށް ވާނަމަ، އެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ނުވަތަ ދިވެހިރާއްޖޭގައި އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތަށް އަންގަންވާނެއެވެ. މިހިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދިނުމާއި، އެފަރާތްތަކުން އަމަލުކުރަންވީ ގޮތާއި، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުންނަ ފައިސާ ހިދުމަތްދޭ ފަރާތްތަކަށް ޓްރާންސްފަރ ކުރެވޭނެގޮތާއި، އެފަރާތްތަކުން ފޯރުކޮށްދެވޭނެ ހިދުމަތްތަކުގެ ބާވަތްތަކާބެހޭގޮތުންނާއި، އެނޫންވެސް ކަމާބެހޭ ގަވާއިދުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނުވަތަ ދިވެހިރާއްޖޭގައި އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތުން ހަދަންވާނެއެވެ.
(ބ) ސްކީމްގައި ބައިވެރިވެފައިވާ ކޮންމެ މީހަކަށްވެސް، ޕެންށަން ލިބޭ އުމުރު ހަމަވާކަން، ލަސްވެގެން އުމުރު ހަމަވުމުގެ 6 (ހައެއް) މަސް ކުރިން ލިޔުމަކުން އަންގައި، ސްކީމްގެ ދަށުން ލިބިދެވޭ އިނާޔަތްތައް ލިބިގަތުމަށް އެދޭ ފޯމް އެފަރާތަށް ލިބޭނެގޮތް ޕެންށަން އޮފީހުން ހަމަޖައްސަންވާނެއެވެ.
(ޅ) ޕެންށަން އެކައުންޓުގެ ބާކީ، އެނުއިޓީ ދެވޭ ވަރަށްވުރެ ދަށްވުން ނުވަތަ ދިގުމުއްދަތެއްގައި ހަރަދުނުކުރެވޭނެފަދަ ހާލަތަކަށް އަންނާނީ ކޮން މިންވަރަކަށްވުރެ އެކައުންޓުގެ ބާކީ ދަށްވުމުންކަމުގައި ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ. އަދި މި އެކައުންޓުން ޕެންށަން ސްކީމްގެ ބައިވެރިންނަށް ފައިސާ ދޫކުރާނެ އުސޫލުތައްވެސް ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ. މި މާއްދާގައި ބަޔާންކުރެވިފައިވާ އެކައުންޓުގައި ބާކީ ހުންނަންޖެހޭ މިންވަރަށް ބަދަލު ގެނައުމުގެ އިހްތިޔާރު ޕެންށަން އޮފީހުގެ ބޯޑަށް ލިބިގެންވެއެވެ.
(ކ) ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ އެއްވެސް ބައިވެރިޔަކު ޕެންށަން ލިބޭ އުމުރު ހަމަވުމުގެ ކުރިން ނުވަތަ މި ގާނޫނުގެ ދަށުން އިނާޔަތެއް ލިބުމުގެ ކުރިން މަރުވެއްޖެނަމަ، އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުންނަ ފައިސާ އެމީހެއްގެ ވާރިސަށް ނުވަތަ ވާރިސުންނަށް ވާރުތަ މުދާ ބެހުމާއިބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ހަވާލުކުރަންވާނެއެވެ. މިފައިސާ އެއްފަހަރާވެސް ދޫކުރެވިދާނެއެވެ. ވާރިސް ނުވަތަ ވާރިސުންނަކީ ވަޒީފާއަދާކުރާ މީހަކަށް ނުވަތަ ބަޔަކަށްވާނަމަ، އަދި އެމީހަކު ނުވަތަ އެމީހުން އެގޮތަށް އެދިއްޖެނަމަ އެމީހެއްގެ ނުވަތަ އެމީހުންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިދާނެއެވެ.
(އ) ވާރުތަމުދާ ބެހުމަށް ކަމާބެހޭ ކޯޓުން ހަމަޖައްސާފައިވާ ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ދައުވާކުރުމުގެ ފުރުސަތު ލިބިފައިވާ މުއްދަތުގެތެރޭގައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ލިބިގަތުމަށް ވާރިސުންނަށް ދައުވާ ކުރެވިދާނެއެވެ.
(ވ) ވާރިސަކަށް ލިބެންޖެހޭ ފައިސާއަކާއި ގުޅިގެން އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަން ހައްލުކުރުމަށް ހުށަހަޅަންވާނީ ކަމާބެހޭ ކޯޓަށެވެ. މިގޮތުން ކޯޓުން ނިންމާ ނިންމުންތަކަށް ޕެންށަން އޮފީހުން އަމަލުކުރަންވާނެއެވެ.
(މ) މިސްކީމްގެ ބައިވެރިންނާއި ވާރިސުންގެ ގޮތުގައި ކަނޑައަޅާފައިވާ މީހުންގެ ތެރެއިން އެމީހެއްގެ މާލީ ކަންތައްތައް ނުބެލެހެއްޓޭ މީހުންގެ ކަންތައް
ހިންގުމަށް ކޯޓުން އައްޔަންކުރާ މީހުންނަށް އެކަން ކުރުމަށް ޕެންށަން އޮފީހުން ފުރުސަތު ދޭންވާނެއެވެ.
(ފ) ޕެންށަން އޮފީހުން ސްކީމްގެ ބައިވެރިއަކަށް ނުވަތަ ވާރިސަކަށް އޮޅުމަކުން ދޫކުރެވޭ ފައިސާ އަނބުރާ ހޯދުމުގެ ހައްގު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.
(ދ) ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި، އެމީހެއްގެ އުމުރުން 55 އަހަރު ހަމަވާއިރު، ޖަމާވެފައިހުރި ފައިސާގެ ނިސްބަތުން، ޕެންށަން އޮފީހުން ޕެންށަން ދިނުމަށް ކަނޑައަޅާ ގަވާއިދާ އެއްގޮތަށް ބަހާލުމުން ކޮންމެ މަހަކަށް ލިބޭ ޕެންށަންގެ އަދަދު އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ގޮތުގައި ލިބޭ އަދަދުގެ ދެގުނައަށްވުރެ ބޮޑުވާނަމަ، ސްކީމްގެ ދަށުން ބެނިފިޓް ލިބުމަށް އެމީހަކަށް އެދެވިދާނެއެވެ. މިފަދަ ހާލަތްތަކުގައި މުވައްޒަފެއްގެ ފަރާތުންނާއި ވަޒީފާދޭ ފަރާތުން ދޭންޖެހޭ ކޮންޓްރިބިއުށަން ހުއްޓުމަކަށް އަންނަންޖެހޭނެއެވެ. މިގޮތުން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ އަދަދަށް އަންނަ ބަދަލަކާ ގުޅިގެން، މި މާއްދާގެ ދަށުން ބެނިފިޓް ހޯދަމުންދާ ފަރާތްތަކަށް، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ހައްގުވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކަންތައްތައް ކުރާނެ ގޮތުގެ ގަވާއިދު ޕެންށަން އޮފީހުން ކަނޑައަޅަންވާނެއެވެ.
(ތ) ޕެންށަން އޮފީހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނުވަތަ އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތުން ހުއްދަކޮށްފައިވާ ގޮތެއްގެމަތިން ވަޒީފާ އަދާކުރާ ފަރާތްތައް ޑިސްއެބިލިޓީ އިންށުއަރެންސް ކުރުމުގެ ކަންތައް ހަމަޖެއްސިދާނެއެވެ. މިކަން ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ދައްކާނީ ވަޒީފާދޭ ފަރާތުންނެވެ. އަދި ޕެންށަން އޮފީހުން، ސޯށަލް ސެކިއުރިޓީގެ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ލަފަޔާއެކު، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި މަސްވެރިން ޑިސްއެބިލިޓީ އިންށުއަރެންސް ސްކީމުގައި ބައިވެރިކުރުވުމަށްޓަކައި ހަދަންޖެހޭ ހާއްސަ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލެވިދާނެއެވެ. ޕެންށަން އޮފީހުން އިންށުއަރެންސް ހިދުމަތްދޭ އަމިއްލަ ފަރާތަކާއިއެކު ކުރެވޭ އެއްބަސްވުމެއްގެ ތެރެއިން މި ސްކީމްގެ ދަށުން ލިބިދޭންޖެހޭ ހައްގުތައް ފޯރުކޮށްދެވިދާނެއެވެ.
21 ވަނަ މާއްދާ - ސްކީމަށް ދައްކާ ފައިސާއިން ޓެކްސް ދެއްކުމުން އިސްތިސްނާވުން
އެއްވެސް ގާނޫނެއްގެ ދަށުން މުވައްޒަފަކު ނުވަތަ ވަޒީފާ ދޭ ފަރާތަކުން ޓެކްސް ދައްކަން ޖެހޭ އާމްދަނީގެ އަދަދު ކަނޑައެޅުމުގައި، ސްކީމަށް ދައްކާ ފައިސާގެ އަދަދު ނުހިމެނޭނެއެވެ.
22 ވަނަ މާއްދާ - އެއްވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުވުން
މުވައްޒަފެއްގެ ވަޒީފާ ނުވަތަ ވަޒީފާއަދާކުރާ ތަން ބަދަލުވިކަމުގައި ވިޔަސް، އޭނާގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބަދަލުނުވާނޭ ގޮތުގެމަތިން ޕެންށަން އޮފީހުން އެ އެކައުންޓު ދަމަހައްޓަންވާނެއެވެ.
23 ވަނަ މާއްދާ - ސްކީމަށް ފައިސާ ނުދެއްކުން
(ހ) މި ގާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ސްކީމަށް ދައްކަންޖެހޭ ފައިސާ ވަޒީފާދޭ ފަރާތުން ނުދައްކައިފިނަމަ، ނުދައްކާ އޮތް ފައިސާއާއި، ޕެންށަން އޮފީހުން ކަނޑައަޅާ ޖޫރިމަނާއެއް، ވަޒީފާދޭ ފަރާތުން ދައްކަންވާނެއެވެ. މިގޮތުން ޖޫރިމަނާގެ ގޮތުގައި ދައްކާ ފައިސާއަކީ، މުވައްޒަފުގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާއެކެވެ. މިގޮތުން ޖޫރިމަނާ ކުރެވޭ އަދަދު ކަނޑައަޅަންވާނީ ދައްކަންޖެހޭ ފައިސާގެ އަދަދާއި އަދި ފައިސާ ނުދައްކައި ހިނގި މުއްދަތަށް ބެލުމަށްފަހުގައެވެ.
(ށ) މި ސްކީމް ގެ ދަށުން ދައްކަންޖެހޭ ފައިސާ ތަކުގެ ރިޕޯޓުތައް މި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޕެންށަން އޮފީހަށް ހުށަހެޅުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. މިފަދައިން އަމަލު ނުކުރާނަމަ ޕެންށަން އޮފީހުން ކަނޑައަޅާގޮތެއްގެމަތިން ޕެންށަން އޮފީހުގެ އެކައުންޓަށް ޖަމާވާގޮތަށް ވަޒީފާދޭ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.
(ނ) ޕެންށަން އޮފީހުން ވަޒީފާއަދާ ކުރާ ފަރާތްތަކާއި ވަޒީފާ ދޭފަރާތްތަކުން ދައްކާފައިވާ އަދި ދައްކަންޖެހޭ ފައިސާ ތަކުގެ ރެކޯޑު ވަކިވަކިން ބަލަހައްޓަންވާނެއެވެ.
(ރ) ވަޒީފާއަދާކުރާ ފަރާތްތަކާ ބެހޭގޮތުން ވަޒީފާދޭ ފަރާތުން ބަލަހައްޓަންޖެހޭ މައުލޫމާތު ހިމެނޭ ރެކޯޑްތަކާއި ލިޔެކިޔުންތައް ބަލައި ފާސްކުރުމުގެ ހައްގު ޕެންށަން އޮފީހަށް ލިބިގެންވެއެވެ. އަދި އެ ރެކޯޑްތައް ބަލަހައްޓަންވާ ގޮތުގެ ގަވާއިދު ޕެންށަން އޮފީހުން ހަދަންވާނެއެވެ.
(ބ) ވަޒީފާދޭ ފަރާތްތަކުން ޕެންށަން އޮފީހަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކޯޓަށް އެމައްސަލަ ހުށަހަޅަންޖެހޭނީ ކިހާ މުއްދަތެއްގައި ކިހާ އަދަދެއްގެ ފައިސާ ނުދައްކައިގެންކަމާއި މިގޮތުން ފައިސާ ނުދައްކާ ހުރެވޭނެ އެންމެ ދިގު މުއްދަތާއި ފައިސާގެ އަދަދުގެ ލިމިޓް ޕެންށަން އޮފީހުން ކަނޑައަޅަންވާނެއެވެ. މިފަދަ މައްސަލަތައް ކޯޓަށް ހުށަހަޅަންޖެހޭ ހާލަތްތަކުގައި މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ފައިސާއާއި ޖޫރިމަނާއާއި އަދި ޕެންށަން އޮފީހުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުމަށްޓަކައި ހިނގާ ގާނޫނީ ވަކީލެއްގެ ފީއާއި އެހެނިހެން ހަރަދުތައް ދައްކަންވާނީ ވަޒީފާދޭ ފަރާތުންނެވެ.
(ޅ) ވަޒީފާދޭ ފަރާތް އިފްލާސްވާ ހާލަތްތަކުގައިވެސް ވަޒީފާއަދާ ކުރާ ފަރާތްތަކަށް ހައްގުވާ އުޖޫރަ އަތުލުމަށް ވަޒީފާއާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކެކޭ އެއްގޮތަށް މި ގާނޫނުގެ ދަށުން ޕެންށަން އޮފީހަށް ވަޒީފާއަދާކުރާ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކަންވާނެއެވެ.
24 ވަނަ މާއްދާ - ފައިޑިއުށަރީން ގަވާއިދާ ހިލާފުވުން
(ހ) ފައިޑިއުށަރީން، ގަވާއިދާ ހިލާފުވެއްޖެނަމަ އެކަމުގެ ޒިންމާ އެފަރާތުން އުފުލަންޖެހޭނެއެވެ. އަދި އެއަމަލު ހިންގި މީހާއާއި ފައިޑިއުށަރީއަކީ ގާނޫނީ ށަހްސެއްނަމަ، އެފަރާތް ވަކިވަކިން ނުވަތަ އެކުގައި އެކަމުގެ މަދަނީ ޒިންމާ އުފުލަންޖެހޭނެއެވެ. އަދި ގަވާއިދާ ހިލާފުވިކަމާ ގުޅޭގޮތުން ކުރި އަމަލަކީ ކަމުގެ ބާވަތުން މަދަނީ ނުވަތަ ޖިނާއީ ކުށެއްކަމުގައި މި ގާނޫނުގެ ދަށުން ކަމާބެހޭ ކޯޓަށް ކަނޑައެޅިދާނެއެވެ.
(ށ) އެއްވެސް ފައިޑިއުށަރީއަކަށް އެހެން ފައިޑިއުށަރީއަކު އެފަރާތުގެ ވާޖިބުއަދާކުރަންވީ ގޮތާ ހިލާފު އަމަލެއް ކުރިކަން އެނގޭކަމަށްވާނަމަ، ނުވަތަ އެނގެންޖެހޭނަމަ އެފައިޑިއުށަރީއަކު ކުރި އަމަލަށް ދެފަރާތުން ވެސް ޒިންމާވާން ޖެހޭނެއެވެ. ގާނޫނީ ށަހްސެއްކަމުގައިވާ ފައިޑިއުށަރީއެއްގައި ވަޒީފާއަދާކުރާ މީހަކު ކުރާ އަމަލަކަށް، ފައިޑިއުށަރީން ފުރިހަމައަށް ޒިންމާވާންޖެހޭނެއެވެ.
(ނ) އެއްވެސް ފައިޑިއުށަރީއަކު، އޭނާގެ އަމިއްލަ ބޭނުމަކަށް ނުވަތަ ފައިދާއަކަށް ނުވަތަ އޭނާއާ ގުޅިފައިވާ ފަރާތެއްގެ ފައިދާއަކަށް ޕެންށަން އެސެޓްސްގެ ބޭނުންކުރުމަކީ ފައިޑިއުށަރީގެ ވާޖިބާ ހިލާފުވީކަމުގައިވާނެއެވެ. ޕެންށަން އެސެޓްސްއާ ބެހޭ އެއްވެސް މުއާމަލާތެއް ފައިޑިއުށަރީއާ ގުޅިފައިވާ ފަރާތަކާއެކު ކުރުމަކީ ފައިޑިއުށަރީގެ ވާޖިބާ ހިލާފުވީކަމުގައިވެސް ވާނެއެވެ.
(ރ) ތިރީގައިވާ ކަންކަމަކީ ފައިޑިއުށަރީގެ ވާޖިބާ ހިލާފުވާނޭ ކަންކަމުގެ ތެރޭގައި ހިމެނޭކަންތައްތަކެވެ.
- މި ގާނޫނާ ހިލާފަށް ޕެންށަނާގުޅޭ އެއްވެސް އިންވެސްޓްމަންޓެއް ނުވަތަ ހަރަދެއް ކުރުން ނުވަތަ އިންވެސްޓްމަންޓެއް ނުވަތަ ހަރަދެއް ކުރުމަށް ހުއްދަ ދިނުން.
- ތަކެއްޗާއި ހިދުމަތް ހޯދުމަށް، މި ގާނޫނާ ހިލާފަށް އެއްވެސް އެގްރިމަންޓެއް ކުރުން.
- ސްކީމާ ގުޅޭ ގޮތުން ކޮށްފައިވާ ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދާނުކުރުން.
(ބ) ފައިޑިއުށަރީއަކު ވާޖިބު އަދާނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގައި ފައިޑިއުށަރީއަކު ތިރީގައިމިވާ ގޮތަށް ފައިސާ ދެއްކުމަށް ކޯޓުން ނިންމަންވާނެއެވެ.
- ލިބުނު ގެއްލުމުގެ މައްޗަށް ބިނާކޮށް ލިބުނު ގެއްލުމުގެ ތިންގުނައަށްވުރެ ބޮޑުނޫން އަދަދަކަށް ފައިސާ ދެއްކުމަށް.
- ލިބުނު ގެއްލުން އަނބުރާ ހޯދުމަށް ހޭދަވާ ގާނޫނީ ވަކީލެއްގެ ފީއާއި އެހެނިހެން ހަރަދު.
(ޅ) ފައިޑިއުށަރީގެ ވާޖިބު އަދާނުކުރިކަން ސާބިތުވާ މީހަކު ނުވަތަ ގާނޫނީ ށަހްސަކުން، ސްކީމަށް އެއްވެސް ހިދުމަތެއް ދިނުން މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް މަނާކުރަންވާނެއެވެ.
(ކ) ޕެންށަން ސްކީމްގެ ބައިވެރިންނާއި، ވަޒީފާދޭ ފަރާތްތަކާއި، މިނޫންވެސް މި ސްކީމްގައި ހިއްސާވާ އެހެނިހެން ފަރާތްތަކުން ހުށަހަޅާ ށަކުވާތައް ބެލޭނެ ނިޒާމެއް ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ. އަދި ޕެންށަން އޮފީހުގެ ބޯޑުން އެކުލަވާލާ ގަވާއިދުތަކުގައި މި ނިޒާމު ބަޔާންކުރެވިފައި އޮންނަންވާނެއެވެ.
25 ވަނަ މާއްދާ - ދައުލަތުގެ މުވައްޒަފުންގެ ޕެންށަން ޕްރޮގްރާމްގެ އިންތިގާލީ އިންތިޒާމްތައް
(ހ) ދައުލަތުގެ މުވައްޒަފުންނަށް ލިބިދޭންޖެހޭ އެންމެހައި އެކްރޫޑް ޕެންށަންގެ ހައްގުތައް ރައްކާތެރިކުރެވެންވާނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާއިރު އުމުރުން 63 އަހަރު ނުވަތަ އެއަށްވުރެ ދުވަސްވީ މީހުންނަށް މި ގާނޫނުގެ ކުރިން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ލިބިފައިވާ އެކްރޫޑް ޕެންށަން ހައްގުތައް މި ގާނޫނުން ރައްކާތެރިކުރަންވާނެއެވެ
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު އުމުރުން 65 އަހަރުނުވާ ދައުލަތުގެ މުވައްޒަފުންނަށް ލިބެންޖެހޭ އެކްރޫޑް ޕެންށަން ހައްގުތައް ސަރުކާރުގެ ރިކޮގްނިށަން ބޮންޑްސް ގެ ގޮތުގައި އެމީހުންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވޭނެއެވެ. މިގޮތުން ޖަމާކުރެވޭ ރިކޮގްނިށަން ބޮންޑްސް ވާންޖެހޭނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެމީހަކަށް ލިބެންޖެހޭ އެކްރޫޑް ޕެންށަން ހައްގުތަކާ އެއްވަރުގެ ކެޕިޓަލް އެއްކަމުގައެވެ. އަދި ކެޕިޓަލްއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ކަމާބެހޭ ގަވާއިދުތަކުގެ ދަށުން ކަނޑައަޅާ އިންޓްރެސްޓް ރޭޓަކުން އިންޓަރެސްޓް ދެވޭނެއެވެ.
(ނ) ޕެންށަން އޮފީހުގެ ބޯޑު އައްޔަންކުރެވޭތާ 6 މަސްދުވަހުގެ ތެރޭގައި، މި ގާނޫނަށް އަމަލުކުރަންފަށާއިރު އުމުރުން 63 އަހަރު ނުވާ ދައުލަތުގެ މުވައްޒަފުންނަށް އެކްރޫޑް ޕެންށަންގެ ހައްގުތައް ދެނެގަންނާނެ އަދި ލިބިދެވޭނެ އިންތިޒާމުތައް ޕެންށަން އޮފީހުގެ ބޯޑުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ. މި އިންތިޒާމުތައް ކަނޑައެޅުމުގައި ތިރީގައިވާ ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.
- ޕެންށަން އުމުރު ހަމަވުމާ ހަމައަށް ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ މުއްދަތަށް ލިބެމުންދިޔަ ޕެންށަން، އެ އުމުރު ހަމަވަންދެން ލިބެންވާނެއެވެ.
- މި ގާނޫނުގެ ދަށުން ޕެންށަން އުމުރު ހަމަވުމުން ދައުލަތުގެ މުވައްޒަފުންނަށް، މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަސާސީ ޕެންށަން އަދި/ނުވަތަ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ލިބެންވާނެއެވެ.
- މި ގާނޫނުގެ ދަށުން ދޭން ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ކަނޑައެޅޭނީ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ޖުމްލަ ބާކީއަށެވެ. މީގެތެރޭގައި އެކްރޫޑް ރައިޓްސް ވަޒަންކުރުމަށް ޖަމާކުރެވިފައިވާ ރިކޮގްނިށަން ބޮންޑްސްވެސް ހިމެނެއެވެ.
- މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ މުވައްޒަފުންނަށް ލިބެންޖެހޭ އެކްރޫޑް ޕެންށަންގެ ހައްގުތައް މި ގާނޫނަށް އަމަލުކުރަން ފެށުމުން ސަރުކާރުގެ ރިކޮގްނިށަން ބޮންޑްސްގެ ގޮތުގައި އެމުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރަންވާނެއެވެ. އެކްރޫޑް ޕެންށަންގެ ހައްގުތައް ވަޒަންކުރުމުގެގޮތުން މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރެވޭ ރިކޮގްނިށަން ބޮންޑްސް ޖަމާކުރުމުން، އެ ރިކޮގްނިށަން ބޮންޑްސްތަކަކީ އެމެންބަރެއްގެ ގާނޫނީ މިލްކެކެވެ. އަދި އެ ބޮންޑްސް ބާތިލްކުރުމުގެ އެއްވެސް ހައްގެއް ސަރުކާރަށް ލިބިގެންނުވެއެވެ.
26 ވަނަ މާއްދާ - މާނަ
އެލަފްޒެއް ނުވަތަ އިބާރާތެއް ތިރީގައި މިވާ މާނަ ނޫން އެހެން މާނައެއްގައި ބޭނުންކޮށްފައި ވާކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ހާލަތުގައި އެލަފްޒުގެ ނުވަތަ އެއިބާރާތުގެ މާނަ މި ގާނޫނުގެ ބޭނުމަށްޓަކައި ތިރީގައި މިވަނީއެވެ.
"ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހިންގޭ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއަކަށް އަދި/ނުވަތަ ބައިވެރިއެއްގެ ފަރާތުން ދައްކާ ފައިސާއާއި، އެފައިސާ އިންވެސްޓްކުރުމުން އެއަށް ލިބޭ ފައިދާއާއި، ގެއްލުމާއި، ހުއްދަކުރެވޭ ހަރަދަށް ނިސްބަތްވާގޮތަށް ބަލަހައްޓަމުންދާ އެބައިވެރިއެއްގެ ވަކި އެކައުންޓަށެވެ.
"ޕެންށަން އެސެޓްސް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ފޯރުކޮށްދިނުމަށްޓަކައި، މި ގާނޫނުގެ ދަށުން ނަގާ ފައިސާއަށާއި، އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއަށެވެ.
"ސްކީމް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމަށެވެ.
"މުވައްޒަފު" ކަމަށް ބުނެފައިއެވަނީ، ވަޒީފާ އަދާކުރާ ފަރާތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ މީހުން ނުހިމެނޭގޮތަށް) އަދި ފުލުހުންނާއި ސިފައިން ހިމެނޭގޮތަށް، ވަޒީފާއާބެހޭ ގާނޫނުގައި މިލަފްޒަށް ދީފައިވާ މާނަ ދޭހަވާގޮތަށެވެ.
"ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައިއެވަނީ، ވަޒީފާއާ ބެހޭ ގާނޫނުގައި އެލަފްޒަށް ދީފައިވާ މާނަ ދޭހަވާ ގޮތަށެވެ.
"ޕެންށަނަށް ބަލާ މުސާރަ" ކަމަށް ބުނެފައިއެވަނީ، ޕެންށަން އޮފީހުގެ ބޯޑުން ހަދާ ގަވާއިދުތަކުގައި ޕެންށަނަށް ބަލާ މުސާރަކަމުގައި ކަނޑައަޅާ މުސާރަތަކާ އިނާޔަތްތަކަށެވެ.
"ކަސްޓޯޑިއަން" ކަމަށް ބުނެފައިއެވަނީ، ޕެންށަން އެސެޓް ބަލަހައްޓާ ނުވަތަ އެފަރާތުގައި ޕެންށަން އެސެޓް ޖަމާކޮށް ބެލެހެއްޓުމުގެ ހިދުމަތް އެކަމަށްޓަކައި ޕެންށަން އޮފީހާއެކު ކުރެވޭ އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދޭ ލައިސަންސް ދޫކޮށްފައިވާ ބޭންކް ފަދަ ފަރާތެކެވެ. ކަސްޓޯޑިއަނަކީ މި ގާނޫނުގެ ދަށުން ފައިޑިއުށަރީއެކެވެ.
"ޕެންށަން އޮފީސް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށެވެ.
"ބޯޑު" ކަމަށް ބުނެފައިއެވަނީ، ޕެންށަން އޮފީހުގެ ބޯޑަށެވެ.
"ގުޅިފައިވާ ފަރާތް" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ނުވަތަ ގާނޫނީ ށަހްސެއްގެ ފަރާތުން ކަންކަން ނިންމުމުގެ ބާރު ލިބިފައިވާކަމަށް ބެލެވޭ މީހުންނާއި ގާނޫނީ ށަހްސާއި، މީހަކު ނުވަތަ ގާނޫނީ ށަހްސަކު ކުރާ ކަމެއްގައި އެއްވެސް މަސްލަހަތެއް ސީދާ ނުވަތަ ނުސީދާ ގޮތުން ހިމެނޭ ފަރާތްތަކަށެވެ. އަދި ދިވެހިރާއްޖޭގެ ސެކިއުރިޓީސްއާބެހޭ ގާނޫނުގައި މިލަފްޒަށް ދީފައިވާ މާނަ ދޭހަވާގޮތަށެވެ.
"އެނުއިޓީ" ކަމަށް ބުނެފައިއެވަނީ، ސްކީމްގައި ބައިވެރިވާ ފަރާތަކުން، އެފަރާތަށް ނުވަތަ އެފަރާތުގެ ބެނިފިށަރީން އުމުރު ދުވަހަށް، މަހަކު ވަކި އަދަދެއްގެ ފައިސާއެއް ލިބޭނޭ ގޮތަށް، އިންށުއަރެންސް ކުންފުންޏަކުން ގަންނަ އިންށުއަރެންސް ޕޮލިސީއަކަށެވެ.
"އެސެޓް މެނޭޖަރު" ކަމަށް ބުނެފައިއެވަނީ، ޕެންށަން އެސެޓްސް އިންވެސްޓްކޮށް، މެނޭޖްކުރާ، ނުވަތަ ޕެންށަން އެސެޓްސް އިންވެސްޓްކުރުމާބެހޭގޮތުން، ޕެންށަން އޮފީހާއެކު ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ލަފާދޭ ގާނޫނީ މުއައްސަސާއަކަށެވެ. އެސެޓް މެނޭޖަރުން، މި ގާނޫނުގައި ބުނެފައިވާ ފައިޑިއުށަރީންގެ ތެރޭގައި ހިމެނޭނެއެވެ.
"ބެނިފިށަރީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ސްކީމްގައި ބައިވެރިވެފައިވާ މީހަކަށް ލިބިފައިވާ ހައްގުގެ ދަށުން ސްކީމްގެ ފައިސާ ލިބުން ހައްގުވާ އަދި ވާރުތަ މުދަލާއި ބެހޭ ގާނޫނުގެ ދަށުން އެފަރާތެއްގެ ވާރުތަވެރިންނަށެވެ.
"ފައިޑިއުށަރީ" ކަމަށް ބުނެފައިއެވަނީ، ޕެންށަން އާއި ޕެންށަން އެސެޓްސްއާ ބެހޭ ކަންތައް ހިންގުމުގެ ނުވަތަ މުއާމަލާތް ކުރުމުގެ ބާރު، ނުވަތަ އިހްތިޔާރު، މި ގާނޫނުގައިވާ ފަދައިން އެފަރާތާ ހަވާލުކުރުމުގެ ސަބަބުން، ނުވަތަ އެފަރާތުން އެކަން ކުރުމަށް ހަވާލުވުމުގެ ސަބަބުން، ލިބިފައިވާ ފަރާތަށެވެ.
"އޯޕަން އެންޑަޑް ވެހިކަލް" ކަމަށް ބުނެފައިއެވަނީ، އިންވެސްޓްމަންޓް ކުންފުނީގެ ގޮތުގައި ހިންގާ، އަދި އެކުންފުނީގެ ހިއްސާ ގަންނަ ފަރާތަށް، އެފަރާތަކުން ހިއްސާ ގަންނަ ނިސްބަތުން، ހިއްސާދާރަކަށް ވެވޭގޮތަށް، ވަކި މިންވަރެއްނެތި ހިއްސާ ދޫކުރުމުގެ ހުއްދަ ލިބިފައިވާ ކުންފުނި ތަކަށެވެ. މީގެ ތެރޭގައި މިއުޗުއަލް ފަންޑްސްއާއި، އިންވެސްޓްމަންޓް ފަންޑްސްއާއި، ޔުނިޓް ޓްރަސްޓްއާއި، އިންށުއަރެންސް ޕޮލިސީތަކާއި، ގިނަ ފަރާތްތަކެއް ބައިވެރިވާ ގޮތަށް އިންވެސްޓްކުރުމުގެ ވިޔަފާރި ހިންގާ އެނޫން އެހެންވެސް ވަސީލަތްތައް ހިމެނެއެވެ.
"ސްކީމްގެ ބައިވެރިން" ކަމަށް ބުނެފައިއެވަނީ، އެމީހެއްގެ ފަރާތުން އެމީހަކަށް ވަޒީފާދޭ ފަރާތުންނާއި ސްކީމްގައި ބައިވެރިވާ ފަރާތުން ސްކީމަށް ފައިސާ ދައްކާ މީހުންނަށެވެ.
"އަމިއްލަ ވަޒީފާގައި އުޅުން" ކަމަށް ބުނެފައިއެވަނީ، ވަޒީފާއާއި ބެހޭ ގާނޫނުގައިވާ ފަދައިން އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނޭހެން އަދި ވަޒީފާދޭ ފަރާތެއްގެ ބާރު ނުފޯރާނޭހެން ނުވަތަ ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުން ކުރާކަމަކަށް ނުވާނޭ ގޮތަށް، މުދާ ވިއްކައިގެން ނުވަތަ ހިދުމަތެއް ދީގެން ނުވަތަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދުމަށެވެ.
"މަސްވެރިން" ކަމަށް ބުނެފައިއެވަނީ، އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނޭހެން އަދި އެމީހެއް ދިރިއުޅުމަށް އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަން ކުރާ މީހުންނަށެވެ.
"ޑެރިވެޓިވް އިންސްޓްރޫމަންޓް" ކަމަށް ބުނެފައިއެވަނީ، އެއްޗެއްގެ އަގު، އެހެން ސެކިއުރިޓީއެއްގެ މައްޗަށް ބިނާވެފައިވާ މާލީ ސެކިއުރިޓީސް އަށެވެ.
"އެކްރޫޑް ޕެންށަން ހައްގު" ކަމަށް ބުނެފައިއެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ޕެންށަން ނުވަތަ ރިޓަޔަރމަންޓް ބެނިފިޓެއް ދިނުމަށް ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ލިބެންޖެހޭ އިނާޔަތަކަށް އޮތް ހައްގަށެވެ.
"ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާއަށެވެ.
"ދިވެހިރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ދިރިއުޅޭ ޕެންށަން އުމުރުގެ އެންމެހައި ދިވެހި ރައްޔިތުންނަށް އުމުރަށް ލިބިދޭންޖެހޭ ޕެންށަނެވެ.
"ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ތެރެއިން އެނުއިޓީގެ ގޮތުގައި ދެވޭ ފައިސާއަށާއި ނުވަތަ މިފަދަ އެހެން ފައިސާ ދެއްކުމުގެ ނިޒާމަކުން ޕެންށަންގެ ބައިވެރިންނަށް އުމުރު ދުވަހަށް ލިބިދެވޭ ޕެންށަނަށެވެ.
"ޕެންށަން އުމުރު" ކަމަށް ބުނެފައިއެވަނީ، 65 އަހަރަށެވެ.
"ދައުލަތުގެ މުވައްޒަފުން" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ބަޖެޓުން މުސާރަދޭ ކޮންމެ މުވައްޒަފަކަށެވެ.
"ރިކޮގްނިށަން ބޮންޑްސް" ކަމަށް ބުނެފައިއެވަނީ، ސަރުކާރުގެ މުވައްޒަފުންގެ އެކްރޫޑް ޕެންށަން ހައްގުތައް ވަޒަންކުރުމުގެގޮތުން ސަރުކާރުން ދޫކުރާ ބޮންޑްތަކަށެވެ.
"ޑިސްއެބިލިޓީ އިންށުއަރެންސް" ކަމަށް ބުނެފައިއެވަނީ، ހާއްސަ އެހީއެއް ބޭނުންވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މުވައްޒަފަށް ލިބެންޖެހޭ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވޭ އިންށުއަރެންސް އަށެވެ.
"މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން" ކަމަށް ބުނެފައި އެވަނީ އެނުއިޓީގެ ގޮތުގައި ނުވަތަ އެހެންގޮތަކުންވެސް މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ލިބިދެވޭ ޕެންށަނަށެވެ.
27 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހް
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކުރެވޭ ތާރީހުން ފެށިގެންނެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހް
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު/އެހެނިހެން
- އިންވެސްޓްމަންޓް ރެގިއުލޭށަން އެންޑް ޑިއުޑިލިޖެންސް ސްކްރީނިންގ ރެގިއުލޭށަން (ގަވާއިދު ނަންބަރު 2023-166)
- Statement of Investment Principles - Maldives Retirement Pension Scheme (އެހެނިހެން ނަންބަރު 2023-00)
- ގަވަނެންސް ކޯޑު އޮފް ދަ ޕެންށަން އޮފީސް (ގަވާއިދު ނަންބަރު 2023-140)
- ޕެންށަނަށް ބަލާ މުސާރަ ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-27)
- ފަރުޒު ހައްޖުވުމަށް މޯލްޑިވްސް ރިޓަރޔަމަންޓް ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1032)
- ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-25)
- އިންށޯރެންސް ކުންފުނިތަކުން އެނުއިޓީ ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-40)
- އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-22)
- ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2014-21)
- ދިވެހިރާއްޖޭގެ ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-20)
- ގެދޮރު ގަތުމަށްޓަކައި ޕެންށަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-50)
- ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-35)
- ކަސްޓޯޑިއަލް ހިދްމަތްދޭ މުއްސަސާތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-36)
ގުޅުންހުރި ގަވާއިދު
ރިފަރެންސް
29 އޭޕްރިލް 2009 ވި ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2009 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުޅަ "ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ބިލު" ބަލައި، ތަސްދީގުކޮށްފައިވަނީ 13 މެއި 2009 (18 ޖުމާދަލްއޫލާ 1430) ގައެވެ.
ކިޔުންތެރިންގެ ހިޔާލު