ޕެންށަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަނުކުރުމާބެހޭ އުސޫލު
(އުސޫލު ނަންބަރު 2026-17)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 8 ޖޫން 2026 ގައި)
1 ވަނަ މާއްދާ - ތައާރުފާއި މި ނަން
(ހ) މިއީ ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ފ) އާއި (ތ) ގެ ދަށުން، ޕެންށަން އޮފީހުގެ ބޯޑަށް، މެންބަރުން ހޮވުމާއި، އެ މަގާމުތަކަށް، ކުރިމަތިލައިފައިވާ ފަރާތްތަކާއި ނަން ހުށަހަޅައިފައިވާ ފަރާތްތަކުގެ ކިބައިގައި، މަގާމުގެ ށަރުތުތައް ފުރިހަމަވޭތޯ ބެލުމާއި އިވެލުއޭޓްކުރުމާއި، ނޮމިނޭށަން ކޮމިޓީ ހިންގުމާބެހޭ އިޖުރާތުތަކާއި، ބޯޑަށް އައްޔަނުކުރުމަށް ނަން ފޮނުވުމާއި ބޯޑުގެ މެންބަރުކަމުގައި ތިއްބައި ވެސް، މަގާމުގެ ށަރުތުތައް ފުރިހަމަވޭތޯ ބެލުމުގައި އަމަލުކުރާނެ އިޖުރާތްތައް ބަޔާންކުރާ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ "ޕެންށަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަނުކުރުމާބެހޭ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލު އެކުލަވައިލުމުގެ މަގުސަދަކީ، ޕެންށަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަނުކުރުމާ ބެހޭ އެންމެހައި ކަންކަން ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން، މިނިވަންކަމާއި އިންސާފުވެރިކަމާއި، ދެފުށް ފެންނަ ގޮތަކަށް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ގާއިމުކުރުމާއި، ބޯޑަށް އައްޔަނުކުރެވޭ ފަރާތްތަކަކީ، އެ މަގާމުގެ ށަރުތުތައް ފުރިހަމަވާ، ގާބިލު މީހުންކަން ކަށަވަރުކުރުމެވެ.
3 ވަނަ މާއްދާ - ނޮމިނޭށަން ކޮމިޓީ
(ހ) ބޯޑުގެ މަގާމަށް ކުރިމަތިލައި، ނަން ހުށަހަޅައިފައިވާ ފަރާތްތަކުގެ ކިބައިގައި މަގާމުގެ ށަރުތުތައް ފުރިހަމަވޭތޯ ބަލައި ބޯޑަށް އައްޔަނުކުރަން ފެންނަ މީހުންނާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ޓަކައި ތިރީގައިވާ ބަޔާންކޮށްފައިވާ މެންބަރުން ހިމެނޭ
ގޮތަށް، ނޮމިނޭށަން ކޮމިޓީއެއް، ޕެންށަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަނުކުރަންޖެހޭ ކޮންމެ ފަހަރަކު، ޕެންށަން އޮފީހުން އެކުލަވައިލަންވާނެއެވެ.
- ޕެންށަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަން؛
- ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ އިސް މުވައްޒަފެއް؛
- ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފެއް؛
- ސޯށަލް ސެކިއުރިޓީއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފެއް؛
- ވަޒީފާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފެއް.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ނޮމިނޭށަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކުގެ ނަމާއި، މަގާމާއި، ގުޅޭނެ ފޯނު ނަންބަރާއި އިމޭލް އެޑްރެސް އެނގޭނެ ގޮތަށް، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ އަދި ކޮންމެ ވުޒާރާއަކުން، ޕެންށަން އޮފީހުން ލިއުމުން އެދިފައިވާ މުއްދަތުގެ ތެރޭގައި، ޕެންށަން އޮފީހަށް މައުލޫމާތު ފޮނުވަންވާނެއެވެ.
(ނ) ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ ފަރާތުންނާއި، ކަމާބެހޭ ވުޒާރާތަކުގެ ފަރާތުން ނޮމިނޭށަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކަކީ، އެ ތަނެއްގައި ޑިރެކްޓަރ ލެވަލްގެ ނުވަތަ އެޔަށް ވުރެ މަތީ މަގާމެއް އަދާކުރާ ފަރާތަކަށް ވާންވާނެއެވެ.
(ރ) ނޮމިނޭށަން ކޮމިޓީއަށް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ ފަރާތުންނާއި، ކަމާބެހޭ ވުޒާރާތަކުގެ ފަރާތުން ކަނޑައަޅައިފައިވާ ފަރާތެއް އެއްވެސް ސަބަބެއް މެދުވެރިވެގެން، ނޮމިނޭށަން ކޮމިޓީގެ މަސައްކަތުގައި ބައިވެރިވެވެން ނެތް ނަމަ، ނުވަތަ މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތެއް އެ ފަރާތެއްގެ ކިބައިން އުނިވެއްޖެ ނަމަ، ބަދަލުގައި ކޮމިޓީގައި ބައިވެރިވާނެ މެންބަރެއްގެ މައުލޫމާތު ޕެންށަން އޮފީހުން އެދިފައިވާ މުއްދަތުގެ ތެރޭގައި ލިޔުމުން ހުށަހަޅަންވާނެއެވެ.
4 ވަނަ މާއްދާ - ނޮމިނޭށަން ކޮމިޓީގެ މަސްއޫލިއްޔަތުތައް
(ހ) ނޮމިނޭށަން ކޮމިޓީގެ ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
-
ބޯޑު މެންބަރުކަމުގެ މަގާމަށް ކުރިމަތިލައިފައިވާ އަދި ނަން ހުށަހަޅައިފައިވާ ފަރާތްތަކުގެ ކިބައިގައި އެ މަގާމަށް ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވޭތޯއާއި ތަޖުރިބާއާއި ގާބިލުކަން ލިބިފައިވޭތޯ ބެލުން؛
-
ބޯޑު މެންބަރުކަމަށް ކުރިމަތިލާ ފަރާތްތައް، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާއި މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އިވެލުއޭޓްކުރުން؛
-
ބޯޑަށް އައްޔަނުކުރުމަށް ކެންޑިޑޭޓުން އިވެލުއޭޓްކުރުމުގައި އުސޫލުގައި ބަޔާންކުރާ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށް ކެންޑިޑޭޓުން ވަޒަންކުރާނެ ގޮތް ކަނޑައެޅުމާއި އާންމުކޮށް އިއުލާނުކޮށްގެން ހޮވާ ބޯޑުގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވައިލައިފައި ކުރާ އިއުލާނުގައި އެ ކަންކަން ހިމެނޭ ގޮތަށް އިއުލާނު ފާސްކުރުން؛
-
ކެންޑިޑޭޓުންގެ ތަޖުރިބާއާއި ގާބިލުކަމާއި މަގާމުގެ ށަރުތުތަކާ ގުޅޭ ލިޔުންތައް މުރާޖާކުރުމާއި، އިތުރު މައުލޫމާތެއް ބޭނުންވާ ނަމަ، އެ މައުލޫމާތެއް ހޯދުމާއި، ކެންޑިޑޭޓުންނާ އިންޓަވިއުކުރުން؛
-
ބޯޑު މެންބަރުކަމަށް ކުރިމަތިލާ އަދި ނަން ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި މަގާމުގެ ށަރުތުތައް ފުރިހަމަވާކަން، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ މެދުވެރިކޮށް ޔަގީންކުރުން؛
-
ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން، އުސޫލުގައި ކަނޑައަޅައިފައިވާ އިސްކަންދެވޭ ދާއިރާތަކަށް ރިއާޔަތްކޮށް އެ ދާއިރާތަކުގެ ފަންނީ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ބޯޑުގައި ހިމެނޭކަން ކަށަވަރުކުރުން؛
- ބޯޑުގެ ގަވަރނަންސްއަށާއި މަސައްކަތަށް އަސަރު ނުކުރާނެކަން ކަށަވަރު ކުރުމަށް ޓަކައި، ބޯޑުގައި ދިގު މުއްދަތަކަށް، ހުސް މަގާމުތައް ނުހުންނާނެ ފަދަ ގޮތަކަށް، ނޮމިނޭށަން ޕްރޮސެސްގެ ކަންކަން ކުރިޔަށް ގެންދިޔުން.
-
ބޯޑުގެ ޕްރައިވެޓް ސެކްޓަރަށް ނިސްބަތްވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ، ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރަމުންދާ އަދި އެ ދާއިރާގައި، އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން
-
ބޯޑަށް އައްޔަނުކުރަން ފެންނަ މީހުންނާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުން
(ށ) ނޮމިނޭށަން ކޮމިޓީގެ މަސްއޫލިއްޔަތުތައް އެ ކޮމިޓީގެ މެންބަރުން އަދާކުރަންވާނީ، މިނިވަންކަމާއި ނަޒާހަތްތެރިކަމާއި، އިންސާފުވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި، ނުފޫޒުތަކުން އެއްކިބާވެ ތިބެގެންނެވެ.
5 ވަނަ މާއްދާ - ނޮމިނޭށަން ކޮމިޓީގެ ބައްދަލުވުންތައް
(ހ) ނޮމިނޭށަން ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރަންޖެހޭ ހާލަތްތަކުގައި، ބައްދަލުވުންތައް ޕެންށަން އޮފީހުން އިންތިޒާމުކޮށް ބާއްވަންވާނެއެވެ.
(ށ) ނޮމިނޭށަން ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ޕެންށަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަނެވެ. ބޯޑުގެ ޗެއަރޕަރސަން ބައްދަލުވުމަކަށް ހާޒިރުނުވެއްޖެ ނަމަ ނުވަތަ ޗެއަރޕަރސަންގެ މަގާމު ހުސްވެފައިވާ މުއްދަތުގައި ނުވަތަ މަސްލަހަތު ފުށުއެރުން ފަދަ ސަބަބަކާހުރެ ބޯޑުގެ ޗެއަރޕަރސަނަށް ރިޔާސަތު ބެލެހެއްޓެން ނެތް ނަމަ، ނޮމިނޭށަން ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ، ބައްދަލުވުމަށް ހާޒިރުވި ކޮމިޓީ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެކެވެ.
(ނ) ނޮމިނޭށަން ކޮމިޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ 3 (ތިނެއް) މެންބަރުންނެވެ.
(ރ) ނޮމިނޭށަން ކޮމިޓީގެ އެއްވެސް ކަމެއް ނިންމަންވާނީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީން ނިންމާ އެއްވެސް ކަމެއްގައި ވޯޓު އެއްވަރުވެއްޖެ ނަމަ، ޗެއަރޕަރސަނަށް ނިންމުވޯޓު ދެވިދާނެއެވެ.
(ބ) ނޮމިނޭށަން ކޮމިޓީގެ ބައްދަލުވުންތައް، ޕެންށަން އޮފީހުން ކަނޑައަޅާ ތަނަކަށް ހާޒިރުވެގެން ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ނުވަތަ ހައިބްރިޑް ގޮތަކަށް ބޭއްވިދާނެއެވެ.
6 ވަނަ މާއްދާ - ނޮމިނޭށަން ކޮމިޓީގެ އުޖޫރަ
ނޮމިނޭށަން ކޮމިޓީގެ މެންބަރަކު ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ސިޓިންގ އެލަވަންސްގެ ގޮތުގައި 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ޕެންށަން އޮފީހުން، މެންބަރަކަށް ދޭންވާނެއެވެ.
7 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން
(ހ) ނޮމިނޭށަން ކޮމިޓީގެ މަސްއޫލިއްޔަތެއް އަދާކުރުމުގައި، ނުވަތަ މަސައްކަތެއް ކުރުމުގައި ނުވަތަ ނިންމުމެއް ނިންމުމުގައި ކޮމިޓީ މެންބަރެއްގެ މަސްލަހަތު ފުށުއަރާ ހާލަތެއް ސީދާކޮށް ނުވަތަ ނުސީދާކޮށް މެދުވެރިވިޔަސް ނުވަތަ އެ މެންބަރެއްގެ މަސްއޫލިއްޔަތުތައް މިނިވަންކޮށް އަދާކުރުމަށް އަސަރުކުރާ ފަދަ ހާލަތެއް އޮތް ނަމަ އެކަން، ލަސްނުކޮށް، ކޮމިޓީއަށް އެ މެންބަރަކު އަންގަންވާނެއެވެ. އަދި ތަނާޒުލުވުން، މީގެ އިތުރުން، އެ މަސްއޫލިއްޔަތަކުން، ނުވަތަ އެ މަސައްކަތަކުން ނުވަތަ އެ ނިންމުމަކުން އެ މެންބަރަކު ތަނާޒުލުވާންވާނެއެވެ.
(ށ) ނޮމިނޭށަން ކޮމިޓީގެ މަސައްކަތަކާ ގުޅިގެން ކޮމިޓީ މެންބަރެއްގެ މަސްލަހަތު ފުށުއަރާކަމަށް ކޮމިޓީއަށް ފެންނަ ނަމަ، އެކަމާ ގުޅޭ މަށްވަރާކުރުމާއި، އިވެލުއޭށަން ހެދުމާއި، އިންޓަވިއު ކުރުމާއި، ލަފާދިނުމާއި ނިންމުން ނިންމުމުގައި ނުވަތަ ކޮމިޓީގެ އެނޫންވެސް މަސްއޫލިއްޔަތެއް އަދާކުރުމުގައި އެ މެންބަރަކު ބައިވެރިކޮށްގެން ނުވާނެއެވެ.
(ނ) ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ވުޒާރާއަކުން ނޮމިނޭޓްކުރާ ކެންޑިޑޭޓެއްގެ ށަރުތުތައް ހަމަވޭތޯ ބެލުމާއި އިވެލްއޭޓްކުރުމާއި ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުންތަކުން، އެ ވުޒާރާގެ ފަރާތުން ނޮމިނޭށަން ކޮމިޓީގައި ހިމެނޭ މެންބަރު ތަނާޒުލުވާންވާނެއެވެ.
(ރ) ނޮމިނޭށަން ކޮމިޓީގެ މަސައްކަތްތައް ކުރުމުގައި މެދުވެރިވާ މަސްލަހަތު ފުށުއަރާ ހާލަތްތަކާއި ތަނާޒުލުވާ ހާލަތްތައް ކޮމިޓީގެ ޔައުމިއްޔާގައި ރިކޯޑު ކުރަންވާނެއެވެ.
8 ވަނަ މާއްދާ - ސެކްރެޓޭރިއަޓް
(ހ) ބޯޑު މެންބަރުން އައްޔަނުކުރުމާ ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްތަކާއި، ނޮމިނޭށަން ކޮމިޓީއަށް ބޭނުންވާ ސެކްރެޓޭރިއަޓް ހިދުމަތްތަކާއި އިދާރީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ފޯރުކޮށްދޭނީ ޕެންށަން އޮފީހުގެ ބޯޑުގެ ސެކްރެޓޭރިއަޓްގެ މަސައްކަތް ހަވާލުކޮށްފައިވާ ޑިޕާޓްމަންޓުންނެވެ.
(ށ) ނޮމިނޭށަން ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފަންނީ ލަފާ، ޕެންށަން އޮފީހުން އެ ކޮމިޓީއަށް ފޯރުކޮށްދޭންވާނެއެވެ. މީގެ ތެރޭގައި ގަވަރނަންސް، ގާނޫނީ، ހިއުމަން ރިސޯސަސް އަދި ނޮމިނޭށަން ކޮމިޓީގެ މަސައްކަތްތަކާ ގުޅުންހުރި އެނޫންވެސް ދާއިރާތަކުގެ ފަންނީ ލަފާ ފޯރުކޮށްދިނުން ހިމެނެއެވެ.
9 ވަނަ މާއްދާ - ސެކްރެޓޭރިއަޓުގެ މަސްއޫލިއްޔަތްތައް
(ހ) ސެކްރެޓޭރިއަޓުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- އާންމުކޮށް، އިއުލާނުކޮށްގެން ހޮވާ ބޯޑުގެ މަގާމުތަކަށް ބޭނުންވާ އިއުލާނާއި ފޯމުތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެކަށީގެންވާ ވަގުތުގައި، އެ މަގާމުތަކަށް ނޮމިނޭށަން ކޮމިޓީން ކަނޑައެޅުމުން އިއުލާން ކުރުން؛
- ނޮމިނޭށަން ކޮމިޓީން ކަނޑައެޅުމުން، ކަމާބެހޭ ވުޒާރާތަކުން ބޯޑަށް އައްޔަނުކުރުމަށް، ހުށަހަޅާ ފަރާތްތަކުގެ ނަން ފޮނުވައިދިނުމަށް އެކަށީގެންވާ ވަގުތުގައި، އެ ވުޒާރާތަކުގައި، ލިޔުމުން އެދުން؛
- ބޯޑުގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭށަންތަކާއި، ކަމާބެހޭ ވުޒާރާތަކުން ބޯޑަށް އައްޔަނުކުރުމަށް ހުށަހަޅާ ފަރާތްތަކާ ގުޅޭ ލިޔެކިޔުންތަކާ، ހަވާލުވުމާއި ބެލެހެއްޓުމާއި ނޮމިނޭށަން ކޮމިޓީއަށް އެފަދަ ލިޔުންތައް ފޯރުކޮށްދިނުން؛
- ނޮމިނޭށަން ކޮމިޓީގެ ބައްދަލުވުންތަކާއި އިންޓަވިއުތަކާއި، އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެހެނިހެން، އިދާރީ ކަންކަން ރާވައި އިންތިޒާމް ކުރުން؛
- ނޮމިނޭށަން ކޮމިޓީގެ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ހޯދަން ބޭނުންވާ މައުލޫމާތު، ކޮމިޓީ މެންބަރުންނަށް ފޯރުކޮށްދިނުން؛
- ނޮމިނޭށަން ކޮމިޓީގެ ނިންމުންތަކާއި ކޮމިޓީން ކަނޑައަޅާ އެހެނިހެން ކަންކަން، ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން؛
- ބޯޑު މެންބަރުކަމަށް ކުރިމަތިލައި ނަން ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި، މަގާމުގެ ށަރުތުތައް ފުރިހަމަވާކަން ޔަގީންކުރުމަށް ޓަކައި، ނޮމިނޭށަން ކޮމިޓީގެ ފަރާތުން ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރާ ވިލަރެސް ކުރުން؛
- ނޮމިނޭށަން ކޮމިޓީއަށް ބޭނުންވާ ފަންނީ ލަފާ، ޕެންށަން އޮފީސް މެދުވެރިކޮށް، ހޯދައިދިނުން؛
- ނޮމިނޭށަން ކޮމިޓީން ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ މެދުވެރިކޮށް ށަރުތުތައް ފުރިހަމަވާކަން ޔަގީންކުރުމަށްފަހު، ބޯޑަށް އައްޔަނުކުރަން ފެންނަކަމަށް ކަނޑައަޅައިފައިވާ ފަރާތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމާއި، ބޯޑު މެންބަރުން އައްޔަނުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ މުއާމަލާތުކުރުން؛
- ނޮމިނޭށަން ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި، ކޮމިޓީގެ ނިންމުންތަކާއި ކޮމިޓީގެ މަސައްކަތާ ގުޅޭ ރިކޯޑުތައް ތައްޔާރުކޮށް، ރައްކައުތެރިކަމާއެކު ބެލެހެއްޓުން.
- ނޮމިނޭށަން ކޮމިޓީގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި، އެ ކޮމިޓީން ބޭނުންވާ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.
(ށ) ސެކްރެޓޭރިއަޓުގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، ނޮމިނޭށަން ޕްރޮސެސްގެ ސިއްރު ހިފެހެއްޓޭނެ ގޮތަށްކަމާއި، ފަރުވާތެރިކަމާއި، ނަޒާހަތްތެރިކަމާއެކު ނުފޫޒުތަކުން އެއްކިބާވެ ތިބެގެންނެވެ
10 ވަނަ މާއްދާ - ބޯޑުގެ މަގާމުތަކަށް އިއުލާނު ކުރުން
(ހ) ޗެއަރޕަރސަންގެ މަގާމާއި ޕްރައިވެޓް ސެކްޓަރަށް ނިސްބަތްވާ މެންބަރުންގެ މަގާމު ފުރާ ފަރާތްތަކުގެ ދައުރު ހަމަވުމުގެ މަދުވެގެން 2 (ދޭއް) މަސްދުވަހުގެ ކުރިން، ނޮމިނޭށަން ކޮމިޓީން އިއުލާން ފާސްކުރުމުން، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލައި ޕެންށަން އޮފީހުން އާންމުކޮށް އިއުލާން ކުރަންވާނެއެވެ.
(ށ) ބޯޑު މެންބަރަކު އިސްތިއުފާ ދިނުމުގެ ސަބަބުން ނުވަތަ އެހެން ސަބަބަކާ ހުރެ ބޯޑުގެ މަގާމެއް ހުސްވެއްޖެ ނަމަ، އެ މަގާމު ހުސްވާތާ އެންމެ ގިނަވެގެން ވެސް ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ނޮމިނޭށަން ކޮމިޓީން އިއުލާނު ފާސްކުރުމުން، މަގާމަށް ކުރިމަތިލުމަށް ހުޅުވައިލައި ޕެންށަން އޮފީހުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
(ނ) ބޯޑުގެ މަގާމުތަކަށް ކުރިމަތިލުމަށް ޕެންށަން އޮފީހުން ކުރާ އިއުލާނުތަކާ ގުޅިގެން މަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުމާއި މައުލޫމާތު، ޕެންށަން އޮފީހުން ނޮމިނޭށަން ކޮމިޓީއަށް ފޯރުކޮށްދީ، ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމު ކުރަންވާނެއެވެ.
11 ވަނަ މާއްދާ - ވުޒާރާތަކުގެ ފަރާތުން ބޯޑަށް ނަން ހުށަހެޅުން.
(ހ) ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގެ ދަށުން ކަމާބެހޭ ވުޒާރާތަކުގެ ފަރާތުން ޕެންށަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަނުކުރުމަށް ނަން ހުށަހަޅާއިރު، ގާނޫނުގައްޔާއި މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތަކާއި އުސޫލުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން ޔަގީންކުރަންވާނެއެވެ.
(ށ) ކަމާބެހޭ ވުޒާރާތަކުން ޕެންށަން އޮފީހުގެ ބޯޑަށް ނަން ހުށަހަޅާއިރު، ދައުލަތުގެ މާލިއްޔަތާއި، ސޯށަލް ސެކިއުރިޓީއާއި، ވަޒީފާއާބެހޭ ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ނަން ހުށަހެޅުމަށް، އިސްކަންދޭންވާނެއެވެ.
12 ވަނަ މާއްދާ - ބޯޑު މެންބަރުން ހޮވުމުގައި އިސްކަންދޭންޖެހޭ ދާއިރާތައް
(ހ) ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ބ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާތަކުން ތައުލީމާއި ތަޖުރިބާއާއި ފަންނީ ގާބިލުކަން ލިބިފައިވާ ފަރާތްތައް، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޯޑު އެކުލަވައިލުމުގައި ހިމެނުމަށް ނޮމިނޭށަން ކޮމިޓީން މަސައްކަތް ކުރަންވާނެއެވެ.
(ށ) ޕެންށަން، ސޯށަލް ސެކިއުރިޓީ، އިންވެސްޓްމަންޓް، އިގްތިސާދީ، މާލީ، ގާނޫނީ، އިންފޮރމޭށަން ޓެކްނޮލޮޖީ ފަދަ ޕެންށަން އޮފީހުގެ މައިގަނޑު މަސައްކަތްތަކާ ސީދާގޮތުން ގުޅޭ ދާއިރާތަކުން، ތައުލީމާއި، ތަޖުރިބާއާއި ފަންނީ ގާބިލުކަން ލިބިފައިވާ ފަރާތްތައް ބޯޑު އެކުލަވައިލުމުގައި ހިމެނުމަށް ނޮމިނޭށަން ކޮމިޓީން އިސްކަންދޭންވާނެއެވެ.
(ނ) ޕެންށަން އޮފީހުގެ މައިގަނޑު މަސައްކަތްތަކާ ސީދާގޮތުން ގުޅޭ ދާއިރާތަކުގެ އިތުރުން، އޮޑިޓް، ވިޔަފާރި، ޕަބްލިކް ޕޮލިސީ، ހިއުމަން ރިސޯސްގެ ދާއިރާއިން ތައުލީމާއި، ތަޖުރިބާއާއި ފަންނީ ގާބިލުކަން ލިބިފައިވާ ފަރާތްތައް، އެ ދާއިރާތަކުގެ ބޭނުން ޕެންށަން އޮފީހަށް އޮތް މިންވަރަށް ބަލައި ބޯޑު އެކުލަވައިލުމުގައި ހިމެނުމަށް ނޮމިނޭށަން ކޮމިޓީން މަސައްކަތް ކުރަންވާނެއެވެ.
(ރ) ބޯޑު މެންބަރުން ހޮވުމުގައި އިސްކަންދޭނެ ދާއިރާތައް ދެނެގަތުމަށް ޓަކައި، ސެކްރެޓޭރިއަޓުން، ތިރީގައިވާ މައުލޫމާތު ނޮމިނޭށަން ކޮމިޓީއަށް ފޯރުކޮށްދޭންވާނެއެވެ.
- އެ އިރެއްގައި ބޯޑު އެކުލަވައިލައިފައިވާ ގޮތް؛
- ބޯޑުގައި ހިމެނޭ މެންބަރުންނަށް ތައުލީމާއި، ތަޖުރިބާއާއި، ފަންނީ ގާބިލުކަން ލިބިފައިވާ ދާއިރާތައް؛
- ބޯޑުގައި މަދުވާ ފަންނީ ދާއިރާތައް؛
- ޕެންށަން އޮފީހުގެ ބޯޑުން އިސްކަންދޭން ބޭނުންވާ ފަންނީ ދާއިރާތައް.
13 ވަނަ މާއްދާ - ށަރުތުތައް ފުރިހަމަވޭތޯ ބެލުން
(ހ) ބޯޑުގެ މަގާމަށް ކުރިމަތިލައިފައިވާ އަދި ނަން ހުށަހަޅައިފައިވާ އެންމެހައި ފަރާތްތަކުގެ ކިބައިގައި ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވޭތޯ ނޮމިނޭށަން ކޮމިޓީން ބަލައި ކަށަވަރުކުރަންވާނެއެވެ.
(ށ) ބޯޑު މެންބަރުކަމަށް ކުރިމަތިލައިފައިވާ ނުވަތަ ނަން ހުށަހަޅައިފައިވާ ފަރާތްތަކުގެ ރައްޔިތުކަމާއި، އުމުރާއި، ތައުލީމީ ށަރުތުތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އަދާކުރާ ވަޒީފާ ނުވަތަ މަގާމާ ބެހޭ މައުލޫމާތާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމާއި، ކުށުގެ ރިކޯޑާއި، ހިއްސާގެ މައުލޫމާތު ފަދަ ލިޔެކިޔުމުން ޔަގީންކުރެވޭ ށަރުތުތައް ނޮމިނޭށަން ކޮމިޓީން ބަލާނީ، އެ ފަރާތްތަކުގެ ކިބައިން ނުވަތަ ދައުލަތުގެ ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް، އެ މައުލޫމާތު ހިމެނޭ ލިޔެކިޔުން ހޯދައިގެންނެވެ.
(ނ) މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ލަޔާގަތާއި މަސައްކަތުގެ އަހުލާގު ހުރި މީހެއްތޯ ބެލުމުގައި، އެ ފަރާތެއްގެ ފަންނީ ތަޖުރިބާއާއި، އިދާރީ ތަޖުރިބާއާއި، ލީޑަރށިޕުގެ ތަޖުރިބާއާއި، ގަވަރނަންސް ތަޖުރިބާއާއި، ޕެންށަން ނިޒާމާއި ޕެންށަން އޮފީހުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ލިބިފައިވާ މިންވަރާއި، ނޮމިނޭށަން ކޮމިޓީން ކުރާ އިންޓަވިއުގެ ނަތީޖާއާއި، ލިބިފައިވާ ރެފަރެންސްތަކާއި، ކޮމިޓީއަށް މުހިންމުކަމަށް ފެންނަ ގުޅުންހުރި އެހެން ކަންކަމަށް ރިއާޔަތް ކުރެވިދާނެއެވެ.
(ރ) ބޯޑު މެންބަރުކަމަށް ކުރިމަތިލައިފައިވާ ނުވަތަ ނަން ހުށަހަޅައިފައިވާ ފަރާތަކީ މަގާމަށް އެކަށީގެންވާ ފަރާތެއްކަން ކަނޑައެޅުމުގެ ގޮތުން، އިފްލާސްކުރުމާއި، މާލީ ހާލަތާއި، ޖިނާއީ ކުށްތަކާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި، ސިޔާސީ ގުޅުންތަކާއި، މަސްލަހަތު ފުށުއަރާ ކަންކަމާއި، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ބޯޑު މެންބަރެއްގެ އެހެންވެސް ށަރުތުތަކާ ގުޅޭ މައުލޫމާތު ޔަގީންކުރުމަށް ޓަކައި "ފިޓް އެންޑް ޕްރޮޕަރ" އިގުރާރެއް ހޯދަންވާނެއެވެ. މި އިގުރާރުގައި ހާމަކުރާ މައުލޫމާތާ ގުޅިގެން އިތުރު ލިޔެކިޔުން ނޮމިނޭށަން ކޮމިޓީން ބޭނުންވާ ނަމަ، އެފަދަ ލިޔެކިޔުން މަގާމަށް ކުރިމަތިލައިފައިވާ ނުވަތަ ނަން ހުށަހަޅައިފައިވާ ފަރާތުގެ ކިބައިން އަދި ނުވަތަ ކަމާ ބެހޭ އިދާރާތަކުން ހޯދަންވާނެއެވެ.
(ބ) ބޯޑުގެ ޕްރައިވެޓް ސެކްޓަރަށް ނިސްބަތްވާ މެންބަރުކަމުގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން މަގާމަށް ކުރިމަތިލީ ތާރީހުގެ ނިޔަލަށް ޕްރައިވެޓް ސެކްޓަރުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހު ދުނިކެނޑި މި ވަޒީފާ އަދާކުރަމުން ނުވަތަ މަސައްކަތްކުރަމުން ގެންދޭތޯ ނޮމިނޭށަން ކޮމިޓީން ބަލަންވާނެއެވެ.
(ޅ) ބޯޑުގެ ޗެއަރޕަރސަނުގެ މަގާމަށް ޕްރައިވެޓް ސެކްޓަރަށް ނިސްބަތްވާ ފަރާތަކުން ކުރިމަތިލާ ނަމަ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވޭތޯ ބަލަންވާނެއެވެ.
(ކ) ބޯޑު މެންބަރުކަމަށް ކުރިމަތިލާ ނުވަތަ ނަން ހުށަހަޅާ ފަރާތަކުން ފޯރުކޮށްދޭ މައުލޫމާތު ސައްހަނޫން ނަމަ ނުވަތަ ފުރިހަމަނުވާ ނަމަ، އެ ފަރާތެއް މަގާމުގެ ށަރުތުތައް ފުރިހަމަނުވާކަމަށް ކަނޑައެޅުމުގެ އިހުތިޔާރު ނޮމިނޭށަން ކޮމިޓީއަށް ލިބިގެންވެއެވެ.
14 ވަނަ މާއްދާ - އިވެލުއޭޓް ކުރުން
(ހ) ބޯޑު މެންބަރުކަމަށް ކުރިމަތިލާ ނުވަތަ ނަން ހުށަހަޅާ ފަރާތްތައް އިވެލުއޭޓް ކުރުމުގައި، ނޮމިނޭށަން ކޮމިޓީން، ތިރީގައިވާ ކަންކަމަށް ބަލަންވާނެއެވެ.
-
ބޯޑުގެ މަގާމަށް އެކަށީގެންވާ ފަރާތެއްކަން ނުވަތަ ނޫންކަން؛
-
ލިބިފައިވާ ތައުލީމާއި، ތަޖުރިބާއާއި ފަންނީ ގާބިލުކަމާއި، އެ ފަންނީ ގާބިލުކަން ބޯޑަށް ބޭނުންވާ މިންވަރާއި މަގާމާ ގުޅޭ މިންވަރު؛
-
ފައިވިއޮށައީ ޒިންމާ އަދާކުރުމުގެ ގާބިލުކަމާއި، ނުފޫޒުން އެއްކިބާވެ ތިބެ މަސައްކަތް ކުރުމުގެ ގާބިލްކަމާއި، މިނިވަންކަމާއި، އަދި ނަޒާހަތްތެރިކަން ފަދަ ސިފަތައް؛
-
ބޯޑުގެ މަގާމަށް އެކަށީގެންވާކަމަށް ކަނޑައެޅުމަށް ނޮމިނޭށަން ކޮމިޓީއަށް މުހިންމުކަމަށް ފެންނަ އެހެން ކަންކަން.
(ށ) ކޮންމެ ނޮމިނޭށަން ޕްރޮސެސްއެއް ފެށުމަށް ބާއްވާ ފުރަތަމަ ބައްދަލުވުމުގައި، އިވެލުއޭށަން ކްރައިޓީރިއާއާއި އިންޓަވިއު ކުރިޔަށްގެންދާނެ ގޮތާއި، އިސްކަންދޭންޖެހޭ ފަންނީ ދާއިރާތަކާއި، މާކްސް ދޭނެ މިންގަނޑު، ނޮމިނޭށަން ކޮމިޓީން ނިންމަންވާނެއެވެ.
(ނ) އިވެލުއޭޓް ކުރުމުގެ ގޮތުން، ހުށަހަޅައިފައިވާ ލިއެކިޔުންތައް މުރާޖާކޮށް، އިންޓަވިއު ކުރިޔަށް ގެންގޮސް، ރެފަރެންސްތައް ހޯދައި، އަދި ނޮމިނޭށަން ކޮމިޓީއަށް މުހިންމުކަމަށް ފެންނަ އިތުރު މައުލޫމާތު ނުވަތަ ލިއެކިޔުން ހޯދިދާނެއެވެ.
(ރ) ނޮމިނޭށަން ކޮމިޓީން ކަނޑައަޅާ އިވެލުއޭށަން ކްރައިޓީރިއާއާއި މާކްސް ދޭނެ މިންގަނޑަށް ބިނާކޮށްގެން އިވެލުއޭޓް ކުރުމަށްފަހު، ބޯޑުން ހުސްވެފައިވާ މަގާމަށް ޖުމުލަގޮތުން ބަލާއިރު، އެ ވަގުތަކަށް އެންމެ އެކަށީގެންވާކަމަށް ފެންނަ ފަރާތް ނޮމިނޭޓް ކުރަންވާނެއެވެ. ނޮމިނޭށަން ކޮމިޓީން ކުރިޔަށްގެންދާ އިވެލުއޭށަނާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި ނޮމިނޭޓްކުރުމަށް ނިންމި ސަބަބުތައް ސެކްރެޓޭރިއަޓުން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ޅ) އިވެލުއޭޓް ކުރުމަށްފަހު، މަގާމަށް އެކަށީގެންވާ ކެންޑިޑޭޓަކު ނެތްކަމަށް ނޮމިނޭށަން ކޮމިޓީއަށް ފެނިއްޖެ ނަމަ، ނޮމިނޭށަން ޕްރޮސެސް އަލުން ފެށުމަށް ނޮމިނޭށަން ކޮމިޓީން ޕެންށަން އޮފީހަށް އަންގަންވާނެއެވެ.
15 ވަނަ މާއްދާ - ށަރުތުތައް ފުރިހަމަވޭތޯ ބެލުމާއި އިވެލުއޭޓް ކުރުމާބެހޭ ގައިޑްލައިންތައް
(ހ) ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ބ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާއަކުން ތައުލީމު ހާސިލުކޮށްފައިވާކަމަށް ބަލާނީ، އެ ދާއިރާއަކުން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސި ލުކޮށްފައިވާކަން އަންގައިދޭ ސެޓުފިކެޓަށް ބިނާކޮށެވެ. މިގޮތުން، އެ ސެޓުފިކެޓުގައި ބަޔާންކުރާ މައިގަނޑު ތައުލީމީ ރޮނގާއި ހާއްސަވެފައިވާ ދާއިރާއަށް ރިއާޔަތް ކުރަންވާނެއެވެ. ސެޓުފިކެޓުން މައިގަނޑު ދާއިރާ ސާފުނުވާ ނަމަ ނުވަތަ އެއް ދާއިރާއަށް ވުރެ ގިނަ ދާއިރާ ހިމެނޭ ނަމަ، ޓްރާންސްކްރިޕްޓް ނުވަތަ ތައުލީމީ އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ، ކިޔަވައިފައިވާ މާއްދާތަކާއި ގާނޫނުގައި ބަޔާންކޮށްފައިވާ ފަންނީ ދާއިރާއާ ހުރި ގުޅުމަށް ރިއާޔަތް ކުރަންވާނެއެވެ.
(ށ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ޕްރޮފެށަނަލް އެއްވެސް ކޮލިފިކޭށަނެއް ފުރަތަމަ ޑިގްރީއާ އެއްވަރުކަމަށް ކަނޑައަޅައިފައިވާ ނަމަ، އެކަމަށް ރިއާޔަތް ކުރަންވާނެއެވެ.
(ނ) ތައުލީމީ ސެޓްފިކެޓްތަކުގެ ސައްހަކަން ބެލުމުގައި އަމަލުކުރަންވާނީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކަނޑައަޅައިފައިވާ މިންގަނޑުތަކާއި އުސޫލުތަކަށެވެ. މިގޮތުން ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސެޓްފިކެޓެއް ނަމަ، އެކްރެޑިޓް ކޮށްފައިވޭތޯ ބަލަންވާނެއެވެ.
(ރ) ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ބ) (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް، ފަންނީ ތަޖުރިބާ ލިބިފައިވާކަން ލިޔެކިޔުމަށް ބިނާކޮށް ކަނޑައެޅުމުގައި ބަލާނީ ތިރީގައިވާ ކަންކަމަށެވެ.
- މަސައްކަތް ކޮށްފައިވާ ނުވަތަ ވަޒީފާ އަދާކޮށްފައިވާ މުއްދަތު؛
- މަސައްކަތުގެ ނުވަތަ ވަޒީފާގެ ބާވަތާއި، ޒިންމާތަކާއި އަދާކޮށްފައިވާ މަގާމުގެ ފެންވަރު ވިސްނާ؛
- ގަވަރނަންސްގެ ދާއިރާއިންނާއި ލީޑަރށިޕްގެ ދާއިރާއިން ލިބިފައިވާ އަމަލީ ތަޖުރިބާ؛
- ކޮންސަލްޓެންސީ ނުވަތަ އަމިއްލަ މަސައްކަތް، ނުވަތަ އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ހިންގުމުން ލިބިފައިވާ ތަޖުރިބާ.
(ބ) ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް، ފަންނީ ތަޖުރިބާ ލިބިފައިވޭތޯ ބެލުމުގައި، ހުށަހަޅައިފައިވާ ވަނަވަރު (ސީވީ)، ވަޒީފާ ނުވަތަ މަސައްކަތުގެ ޒިންމާތައް އަންގައިދޭ ލިޔުންތައް، ވަޒީފާ ނުވަތަ މަސައްކަތުގެ އެއްބަސްވުންތައް، ރެފަރެންސް ސިޓީތައް، އާންމުކޮށް ލިބެންހުރި ވަޒީފާ ނުވަތަ މަސައްކަތާ ގުޅޭ މައުލޫމާތު، އަދި ވަޒީފާދޭ ފަރާތުން ނުވަތަ ޕެންށަން އޮފީހުން ލިބެންހުރި މައުލޫމާތަށް ރިއާޔަތް ކުރެވިދާނެއެވެ.
(ޅ) ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ބ) ގެ (13) ވަނަ ނަންބަރުގެ ދަށުން، ޕެންށަން އޮފީހާ ހަވާލުކޮށްފައިވާ އެއްވެސް މަސައްކަތެއް ރެގިއުލޭޓްކުރުމުގެ ގާނޫނީ ޒިންމާ އޮތް އިދާރާއެއްގެ ނުވަތަ މުއައްސަސާއެއްގެ އޮފިށަލަކަށް ނުވަތަ މުވައްޒަފަކަށް ނުވަތަ ބޯޑު މެންބަރަކަށް ނުވެވޭތީ، މަސްލަހަތު ފުށުއަރާ ހާލަތެއް ކެންޑިޑޭޓަކަށް އޮތްކަމަށް ނޮމިނޭށަން ކޮމިޓީއަށް ފެންނަ ނަމަ، އެ މަސްލަހަތު ފުށުއެރުމުގެ ސަބަބުން ބޯޑުގެ މަސައްކަތާއި ގަވަރނަންސަށް ކުރިމަތިވާނެ އަސަރާއި ދަތިކަމަށް ބަލައި، އެ ކަންކަން ހައްލުކުރެވޭނެކަމަށް ފެންނަ ނަމަ، އެފަދަ ކެންޑިޑޭޓަކު އިވެލުއޭޓް ކުރެވިދާނެއެވެ.
(ކ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީ މަގާމެއް އަދާކޮށްފައިވާ ފަރާތަކުން، މަގާމަށް ކުރިމަތިލީ ތާރީހުގެ ނިޔަލަށް ސިޔާސީ ޕާޓީން ނުވަތަ ސިޔާސީ މަގާމުން ވަކިވެފައިވާތާ 1 (އެކެއް) އަހަރުދުވަސް ވެފައިވޭތޯ ނޮމިނޭށަން ކޮމިޓީން ބަލަންވާނެއެވެ.
(އ) މި އުސޫލު ތަންފީޒުކުރުމުގައި ނޮމިނޭށަން ކޮމިޓީން ކުރިން ނިންމައިފައިވާ ނިންމުންތަކަށާއި މިންގަނޑުތަކަށާއި ހަމަތަކަށް ކޮމިޓީން ރިއާޔަތް ކުރަންވާނެއެވެ.
16 ވަނަ މާއްދާ - ބޯޑަށް އައްޔަނުކުރުމަށް ނަން ފޮނުވަންޖެހޭ އަދަދު
(ހ) ބޯޑުގެ ޗެއަރޕަރސަނުގެ މަގާމަށާއި، ޕްރައިވެޓް ސެކްޓަރަށް ނިސްބަތްވާ މަގާމުތަކަށް މެންބަރުން އައްޔަނުކުރުމަށް، ކޮންމެ މަގާމަކަށް މަދުވެގެން 2 (ދޭއް) ކެންޑިޑޭޓުން އަދި ގިނަވެގެން 3 (ތިނެއް) ކެންޑިޑޭޓުންގެ ނަން ނޮމިނޭށަން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.
(ށ) ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ ވުޒާރާއެއްގެ ފަރާތުން ބޯޑަށް އައްޔަނުކުރުމަށްޓަކައި ނޮމިނޭށަން ކޮމިޓީން އިވެލުއޭޓް ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާނީ، 1 (އެކެއް) ނަމެވެ.
(ނ) ބޯޑުގެ ޗެއަރޕަރސަނުގެ މަގާމަށާއި ޕްރައިވެޓް ސެކްޓަރަށް ނިސްބަތްވާ މަގާމުތަކަށް މެންބަރުން އައްޔަނުކުރުމަށް ކުރެވޭ ފުރަތަމަ އިއުލާނަށްފަހު ށަރުތު ހަމަވާ ނުވަތަ ބޯޑަށް ނޮމިނޭޓްކުރުމަށް އެކަށީގެންވާ އަދަދަށް ކެންޑިޑޭޓުން ލިބިފައިނުވާކަމަށް ނޮމިނޭށަން ކޮމިޓީން ކަނޑައަޅައިފި ނަމަ ޕެންށަން އޮފީހުން އަލުން މަގާމުތަކަށް އިއުލާނު ކުރަންވާނެއެވެ. ދެވަނަ ފަހަރަށް ކުރެވޭ އިއުލާނުގެ ފަހުން ވެސް މި އުސޫލުގައި ބަޔާންކޮށްފައިވާ އަދަދަށް ނޮމިނޭޓްކުރުމަށް އެކަށީގެންވާ ކެންޑިޑޭޓުން ލިބިފައިނުވާ ނަމަ ދެ އިއުލާނުގެ ދަށުން ލިބިފައިވާ ށަރުތު ހަމަވާ އަދި އިވެލުއޭޓް ކުރުމުން ގާބިލުކަމަށް ފެންނަ ކެންޑިޑޭޓުންގެ ނަން ބޯޑަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.
17 ވަނަ މާއްދާ - ށަރުތުތައް ފުރިހަމަ ވާކަން ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ކަށަވަރުކުރުން
(ހ) ނޮމިނޭށަން ކޮމިޓީން އިވެލުއޭޓްކުރާ ކެންޑިޑޭޓުންގެ ގާނޫނީ ށަރުތުތައް ހަމަވާކަން ޔަގީންކުރުމަށް، ކަމާބެހޭ ލިޔެކިޔުމާއި މައުލޫމާތާއެކު ޕެންށަން އޮފީހުން ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް ފޮނުވަންވާނެއެވެ.
(ށ) ކެންޑިޑޭޓުންގެ ށަރުތުތައް ހަމަވާކަން ޔަގީންކުރުމަށްޓަކައި އިތުރު މައުލޫމާތު ނުވަތަ ލިޔެކިޔުން ހޯދުމަށް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ އަންގާ މުއްދަތެއްގެ ތެރޭގައި އެ މައުލޫމާތު ނުވަތަ ލިޔެކިޔުން ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް ކެންޑިޑޭޓުން ފޯރުކޮށްދޭންވާނެއެވެ.
(ނ) ށަރުތުތައް ހަމަވާކަން ޔަގީންކުރުމުގެ މަސައްކަތް އެކަށީގެންވާ، އަވަސް ގޮތެއްގައި ކުރިޔަށްގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޕެންށަން އޮފީސް މެދުވެރިކޮށް އެކަމަށް ބޭނުންވާ ލިޔެކިއުން ކެންޑިޑޭޓުންގެ ފަރާތުން ނުވަތަ ދައުލަތުގެ އެހެނިހެން އިދާރާތަކުން ދުރާލައި ހޯދުމަށް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް އެދެވިދާނެއެވެ.
(ރ) ށަރުތުތައް ހަމަވާކަން ޔަގީންކުރުމުގެ ގޮތުން ޕެންށަން އޮފީހުން، ނުވަތަ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ ފަރާތުން ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ލިޔުމެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދިނުމަށް އެދިފައިވާ ނަމަ، އެ މުއްދަތުގައި ކެންޑިޑޭޓް އެކަމަށް އިޖާބަދީފައިނުވާ ނަމަ، އެޕްލިކޭށަން ބާތިލުކުރުމުގެ އިހުތިއާރު ނޮމިނޭށަން ކޮމިޓީއަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ - ބޯޑު މެންބަރުންގެ ށަރުތުތައް ދެމިއޮތްކަމާއި ގާބިލުކަން ބެލުން
ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ބ) އާއި 10 ވަނަ މާއްދާގެ (ބ) ގެ ދަށުން، ބޯޑު މެންބަރުން މަގާމުގެ ށަރުތުތައް ހަމަވާކަމާއި، ގާބިލުކަމާއި މަސްއޫލިއްޔަތުތައް އަދާކުރާ ފެންވަރު ބެލުމުގެ ގޮތުން، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ރެގިއުލޭޓަރ ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޕެންށަން އޮފީހުންނާއި، ބޯޑުގެ މެންބަރުން ފޯރުކޮށްދޭންވާނެއެވެ.
19 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
ނޮމިނޭށަން ޕްރޮސެސްގެ މައުލޫމާތު ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ނޮމިނޭށަން ކޮމިޓީގެ ބައްދަލުވުންތަކާއި، އިވެލުއޭށަން ކުރިޔަށްދާ ގޮތާއި، ކެންޑިޑޭޓުންގެ ޒާތީ މައުލޫމާތުތަކާއި ފަންނީ މައުލޫމާތުތަކާއި ނޮމިނޭށަން ޕްރޮސެސްއާ ގުޅިގެން ލިބޭ އެންމެހައި މައުލޫމާތުތަކުގެ ސިއްރުކަން، ގާނޫނުން ނުވަތަ މި އުސޫލުން ހުއްދަކުރާ ގޮތެއްގެ މަތީން މެނުވީ، ހާމަކޮށްގެން ނުވާނެއެވެ.
20 ވަނަ މާއްދާ - ހިލާފުތައް ހައްލުކުރުން
ނޮމިނޭށަން ޕްރޮސެސްއާ ގުޅޭގޮތުން މި އުސޫލުގައި ބަޔާންކޮށްފައިވާ ކަމަކާ މެދު ނުވަތަ ބަޔާންކޮށްފައިނުވާ ކަމަކާ މެދު އެއްވެސް ހިލާފެއް އުފެދިއްޖެ ނަމަ، ނުވަތަ އޮޅުމެއް އަރައިފި ނަމަ، ނުވަތަ މާނަކުރުމުގެ މައްސަލައެއް ދިމާވެއްޖެ ނަމަ، ޕެންށަން އޮފީހުގެ ފަންނީ ލަފަޔަށް ބިނާކޮށް، އެކަމެއް ހައްލުކުރާނީ، އެ ކަމަކާ ގުޅޭ ކަންކަން ބަލަމުންދާ ނޮމިނޭށަން ކޮމިޓީންނެވެ.
21 ވަނަ މާއްދާ - އިންތިގާލީ އިންތިޒާމުތައް
(ހ) ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 24 ވަނަ ނަންބަރުގެ (ހ) ގެ ދަށުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ބޯޑަށް އަލަށް އައްޔަނުކުރަންޖެހޭ މެންބަރުން އައްޔަނުކުރަންވާނެކަމަށް ބަޔާންކޮށްފައިވާތީ، މި އުސޫލު ތަންބީގުކުރާނީ އެ މުއްދަތާ ގުޅޭ ތިރީގައި ބަޔާންކޮށްފައިވާ އިންތިގާލީ އިންތިޒާމުތަކަށް ރިއާޔަތްކޮށްގެންނެވެ.
- މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، އެންމެ ގިނަވެގެން ވެސް، ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ބޯޑުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ޕެންށަން އޮފީހުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
- މި އުސޫލުގެ ދަށުން ކޮންމެ މަގާމަކަށް މަދުވެގެން ކެންޑިޑޭޓުންގެ ނަން ފޮނުވަންޖެހޭ އަދަދަށް ކެންޑިޑޭޓުން ހަމަނުވާ ހާލަތެއްގައި، ކޮންމެ މަގާމަކަށް ވެސް 1 (އެކެއް) ކެންޑިޑޭޓުގެ ނަން ނޮމިނޭޓް ކުރެވިދާނެއެވެ.
(ށ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި އުސޫލުގެ އެހެން މާއްދަތަކަށް އަމަލުކުރަންޖެހޭ ގޮތަކަށް ބަދަލެއް ނާންނާނެއެވެ.
22 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި އުސޫލުގައި ހިމެނޭ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައި ވަނީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި އެ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވާ މާނައިގައެވެ.
23 ވަނަ މާއްދާ - އުސޫލަށް އަމަލުކުރުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08)
ކިޔުންތެރިންގެ ހިޔާލު