ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު
(ކޮންސޮލިޑޭޓެޑް ނަންބަރު 2010-15)
(1ވަނަ އިސްލާހުގެ ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލުކުރުމަށްޓަކައި، ދުންފަތް ހެއްދުން އަދި ދުންފަތުގެ ބާވަތްތައް އިށްތިހާރުކުރުން މަނާކުރުމާއި، ދުންފަތުގެ ބާވަތްތައް އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭ ގޮތްތަކާއި، ގަނޑުކޮށް އަދި ވަކިވަކިން ވިއްކޭ ގޮތްތަކާއި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ބަންދުކުރުމާއި، ލޭބަލްޖަހާނެ ގޮތްތަކާއި، ދުންފަތުގެ ބާވަތްތަކުން ޓެކްސް ނެގުމާއި، ދުންފަތުގެ ދުމުން ދުންފަތް ބޭނުންނުކުރާ ފަރާތްތައް ރައްކާތެރިކުރުމާއި، ދުންފަތުގެ ނުރައްކާތެރި ވަބާއިން މިންޖުވެތިބުމަށް ބޭނުންވާނެ މައުލޫމާތާއި، ތަމްރީނު ދިނުމާއި އަދި ދުންފަތް ބޭނުންކުރުމުގެ އާދަ ހިފާފައިވާ ފަރާތްތަކަށް ފަރުވާ ދިނުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު" އެވެ.
އެއްވަނަ ބާބު
ދުންފަތުގެ ދުމުން ރައްކާތެރިކަން ލިބިދިނުން
2 ވަނަ މާއްދާ - ދުންފަތުގެ
ދުމުން ރައްކާތެރިވެ ތިބުމުގެ ހައްގު2.އެހެން މީހަކު ބޭރުކުރާ ދުންފަތުގެ ދުމުން ތިމާގެ އަމިއްލަ ނަފްސު ދުރުކޮށް އަދި އެއިން ރައްކާތެރިވެ ތިބުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
3 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން
ތިރީގައި ބުނެފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.
(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މަސައްކަތްކުރާ ތަންތަން ނުވަތަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް.
(ށ) ސިނަމާތަކާއި ޖަލްސާކުރާ މާލަންތައް.
(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އާންމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އެންމެހައި އުޅަނދުފަހަރާއި ތަންތަން ނުވަތަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް.
(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން ސައި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތި ހަދާ ތަންތަނާއި، ވިއްކާ ތަންތަން ނުވަތަ އެފަދަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް.
(ބ) މިސްކިތްތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، އުނގަންނައިދޭ ތަންތަނާއި، ކުޑަކުދިން ބަލަހައްޓާ އަދި ތަރުބިއްޔަތުދޭ ތަންތަނާއި، އެތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކާއި، އެތަންތަނުގެ ގޯތި ތެރޭގައި ހުންނަ އެންމެހައި އިމާރާތްތަކާއި، އެތަންތަނުގެ ގޯއްޗާއި، ގުޅުވައިގެން ވަދެ ނިކުމެވޭ ގޮތަށް ހުންނަ ހިދުމަތްދޭ ތަންތަން.
(ޅ) (ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި އެތަންތަނުގެ ގޯތި، (އިސްލާހު ކުރެވިފައި)
(ކ) ކުޅިވަރުކުޅޭ އިމާރާތްތަކާއި، ކޯޓުތަކާއި، ދަނޑުތަކާއި، ސްޓޭޑިއަމްތައް.
(އ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެންމެހައި ތަންތަން.
3-1 ވަނަ މާއްދާ - މަނާ ތަންތަނުގައި، އަދި ހުއްދައާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރު މުން ފިޔަވަޅު އެޅުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 3 ވަނަ މާއްދާއިން މުޅިން މަނާކޮށްފައިވާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ، އަދި އެތަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ތަނެއްނަމަ، އެކަން ކުރި ފަރާތާއި، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތާމެދު މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން، އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަކޮށްފައިވާ ތަނެއްގައި އެ ހުއްދައާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ، އަދި އެ ތަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ތަނެއްނަމަ، އެކަން ކުރި ފަރާތާއި، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތާމެދު މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން، އެތަނެއް ހިންގާ ފަރާތާމެދު އަންނަނިވި ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- އެތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުން؛
- އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުން.
(ނ) ދުންފަތުގެ އިސްތިއުމާލުކުރުމަށް މި ގާނޫނުގެ ދަށުން ހުއްދަ ދީފައިވާ ތަނަކަށް ދޫކޮށްފައިވާ ހުއްދަ މި މާއްދާގެ ދަށުން މިނިސްޓްރީން ބާތިލުކުރަންވާނީ، ނުވަތަ އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ މި މާއްދާގެ ދަށުން ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް މިނިސްޓްރީން ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
4 ވަނަ މާއްދާ - ރިޕޯޓުކުރާ މީހާގެ ރައްކާތެރިކަން
މި ބާބުގައި ބުނެފައިވާ ކަމަކާ ހިލާފުވެއްޖެކަމަށް ބުނެ ކަމާބެހޭ ފަރާތަކަށް ރިޕޯޓުކުރުމުން ނުވަތަ އެހެން މީހަކު ބޭރުކުރާ ދުންފަތުގެ ދުމުން ރައްކާތެރިވެ ތިބުމުގެ ހައްގު ލިބިދިނުމަށް އެއްވެސް މީހަކު ނުވަތަ މުވައްޒަފަކު އެދުމުން، އެތަނެއްގެ ވެރިޔަކު ނުވަތަ އާންމު ދަތުރުފަތުރުގެ ވަސީލަތުގެ ކަންތައްތައް ބަލަހައްޓައި ހިންގާ ފަރާތަކުން ނުވަތަ އޭނާ އައްޔަންކުރާ ފަރާތަކުން އެފަދަ ރިޕޯޓެއްކުރާ މީހަކާމެދު ފިޔަވަޅު އަޅައި، އެކަމުގެ ބަދަލުހިފައިގެން ނުވާނެއެވެ.
5 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހައްގުތަކަށް އިސްކަންދިނުން
މި ބާބުގެ މާއްދާތައް މާނަކުރުމުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނާއި އެފަދަ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި އެއްވެސް އިރެއްގައި ވަކިތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިއްޖެ ހާލަތެއްގައި އެކަމަކާމެދު ގޮތެއް ނިންމަންވާނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހައްގުތަކަށް އިސްކަންދީގެންނެވެ.
ދެވަނަ ބާބު
ދުންފަތުގެ ބާވަތްތައް ގަނެވިއްކުމާއި، ދުންފަތް ހެއްދުމާއި ދުންފަތް އުފެއްދުން
6 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް ވިއްކުމާއި ގަތުން
(ހ) އެއްވެސް މީހަކު، ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް، 21 އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ވިއްކައިގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) އެއްވެސް މީހަކު، ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް ވިއްކުމުގެ މުއާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ބައިވެރިކޮށްގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ނުވަތަ ކުޑަކުއްޖެއް ނޫންކަން ޔަގީންކުރުމަކީ އެ އެއްޗެއް ވިއްކާ ފަރާތުގެ ޒިންމާއެކެވެ. އެގޮތުން، ދުންފަތުގެ ބާވަތެއް ގަންނަ ފަރާތަކީ، އުމުރުން 21 އަހަރުން ދަށުގެ މީހެއް ނުވަތަ ކުޑަކުއްޖެއް ކަމަށް ބެލެވޭ ނަމަ، އެފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އެފަރާތުގެ އުމުރު އަންގައިދޭ އެނޫންވެސް ސައްހަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން އެފަރާތުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި ގާނޫނުގައި ކަނޑައަޅާފައިވާ ފަދައިން، ދުންފަތުގެ ބާވަތްތަކުގެ މުއާމަލާތުކުރުމަށް ދޫކުރެވޭ ވަކި ލައިސަންސެއް ނުވަތަ ގަވާއިދުން އައު ކުރަންޖެހޭ ހުއްދައެއްގެ ދަށުން ހުއްދަކުރެވޭ ތަނެއްގައި މެނުވީ ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެއެވެ.
(ބ) ދުންފަތް ނުވަތަ ދުންފަތުން އުފައްދާފައިވާ ތަކެތި ގަންނަނީ ކާކުކަން ނޭނގޭފަދަ ގޮތަކަށް، ވެންޑިންގް މެށިނަކުން، ނުވަތަ ޕޯސްޓްގެ ޒަރީއާއިން ސިޓީ މެދުވެރިކޮށް، ނުވަތަ އިންޓަރނެޓް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަށް ދުންފަތުގެ ބާވަތެއް އެއްވެސް މީހަކު ވިއްކައިގެން ނުވަތަ ގަނެގެންވެސް ނުވާނެއެވެ. ދުންފަތުގެ ބާވަތް ވިއްކޭ ފަރާތުގެ އުމުރު ނޭނގޭ ގޮތެއްގައި ދުންފަތުގެ ވިޔަފާރި ކުރެވޭ އެހެނިހެން މަގުތައް ބަންދުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެއްކަން އަންގައިދޭ ލިޔުން ބެހެއްޓުން
ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ފަރާތްތަކުން، ވިޔަފާރިކުރާ ތަންތަނުގައި ދުންފަތުގެ އެއްވެސް ބާވަތެއް 21 އަހަރުން ދަށުގެ މީހުންނަށާއި ކުޑަކުދިންނަށް ވިއްކުމަކީ ގާނޫނުގައި މަނާކަމެއްކަން އަންގައިދޭ، މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވާ އިންޒާރެއް، އާންމުންނަށް ފެންނާނެހެން ބަހައްޓަންވާނެއެވެ. (އިސްލާހު ކުރެވިފައި)
8 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް ވިއްކާ ތަނުން އިށްތިހާރު ނުކުރުން (ސުރުހީ އިސްލާހު ކުރެވިފައި)
(ހ) ދުންފަތުގެ އެއްވެސް ބާވަތެއް އެ ވިއްކާ ފަރާތަކުން އިށްތިހާރުކޮށްގެން ނުވާނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި ދުންފަތުގެ އެއްވެސް ބާވަތެއް، ނުވަތަ ދުންފަތުގެ ބާވަތެއް އެކުލެވޭ ފޮށި ނުވަތަ ކާޓަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި ބަންދުކޮށްފައި ހުންނަ އެއްޗެއް، އާންމުންނަށް ފެންނާނެހެން ބަހައްޓައިގެން ނުވާނެއެވެ. އަދި އެފަދަ އެއްޗެއް ާންމުންނަށް ފެންނާނެހެން އެއް ތަނުން އަނެއް ތަނަށް އުފުލައިގެން ނުވާނެއެވެ. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް އެކުލެވޭ ފޮށި ނުވަތަ ކާޓަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި ބަންދުކޮށްފައި ހުންނަ އެއްޗެހިކަން އެނގޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ އެއްޗެހި ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި އާންމުކޮށް ފެންނާނެހެން ބެހެއްޓުމަކީ ނުވަތަ އާންމުންނަށް ފެންނާނެހެން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަކީ އެ އެއްޗެހި އިށްތިހާރުކުރުން ކަމުގައި ބެލެވޭނެއެވެ. (އިތުރު ކުރެވިފައި)
9 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުން އެހެނިހެން އެއްޗެތި ނުއުފެއްދުން
އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ކުޅޭއެއްޗެއްގެ ނުވަތަ ކާއެއްޗެއްގެ ނުވަތަ އެނޫން އެހެންވެސް އެއްޗެއްގެ ސިފައިގައި އުފައްދައި، ބަހައި، ވިއްކައި ނުވަތަ ވިއްކުމަށް މާނަކުރެވޭގޮތަށް އާންމުންނަށް ފެންނާނެހެން ބަހައްޓައިގެންނުވާނެއެވެ.
10 ވަނަ މާއްދާ - ދުންފަތް ހެއްދުމާއި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާވުން (ސުރުހީ އިސްލާހު ކުރެވިފައި)
(ހ) ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް ހެއްދުމަކީ، ނުވަތަ ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. (އިސްލާހު ކުރެވިފައި)
(ށ) ދުންފަތް ގަހާއި، ދުންފަތުގެ ގަހުގެ އޮށް ހިމެނޭހެން، ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެނޫންވެސް ބައެއް، ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ. (އިސްލާހު ކުރެވިފައި).
(ނ) ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަކީ މަނާކަމެކެވެ. (އިތުރު ކުރެވިފައި).
10-1 ވަނަ މާއްދާ - އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާވުން (ސުރުހީއާއި މުޅި މާއްދާ އިތުރު ކުރެވިފައި).
(ހ) އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭ ނެއެވެ. އޭގެ އިތުރުން، އެފަރާތަކުން ދިވެހިރާއްޖެއަށް އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 (ދިހަހާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭ ނެއެވެ.
10-2 ވަނަ މާއްދާ - އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުން (ސުރުހީއާއި މުޅި މާއްދާ އިތުރު ކުރެވިފައި).
(ހ) އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ވިއްކުމަކީ މަނާކަމެކެވެ.
(ށ) އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ހިލޭ ބެހުމަކީ މަނާކަމެކެވެ.
(ނ) އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
(ރ) މި މާއްދާގެ (ހ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެފަރާތެއް 20,000 (ވިހިހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭ ނެއެވެ. އޭގެ އިތުރުން، އެފަރާތަކުން ވިއްކި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 (ދިހަހާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭ ނެއެވެ.
(ބ) މި މާއްދާގެ (ށ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެ އަމަލެއްކުރި ފަރާތެއް 10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭ ނެއެވެ.
(ޅ) މި މާއްދާގެ (ނ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެފަރާތެއް 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭ ނެއެވެ.
(ކ) މި މާއްދާގެ (ހ) އަދި (ށ) އާ ހިލާފަށް އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތެއް ނުވަތަ އެފަދަ އެއްޗަކާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމުގައިވާނަމަ، މި މާއްދާގެ (ރ) އަދި (ބ) ގެ ދަށުން ެފަރާތެއް ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭ ނެއެވެ.
ތިންވަނަ ބާބު
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލްޖެހުން
11 ވަނަ މާއްދާ - ދުންފަތާބެހޭ މައުލޫމާތު ދިނުމާއި ހާމަކުރުން
(ހ) ދުންފަތުގެ ބާވަތްތަކުން ސިއްހަތަށްކުރާ ނޭދެވޭ އަސަރާއި ދުންފަތުގެ ބާވަތްތައް ބޭނުންކުރާ އެހެން މީހުން ބޭރުކުރާ ދުމުން ދުންފަތުގެ ބޭނުންނުކުރާ ފަރާތްތަކަށް ލިބިދާނެ ގެއްލުމާބެހޭ ފުރިހަމަ މައުލޫމާތު ލިބުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ފުރިހަމަ މައުލޫމާތު ލިބުމޭ މިބުނެވުނީ އެފަދަ މައުލޫމާތެއް ހޯދަންބޭނުންވާ ފަރާތްތަކަށް އެމައުލޫމާތު ލިބުމަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ކުރިމަތި ނުކުރުމަށާއި ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގައާއި ޕެކެޓްކުރުމުގައި މަކަރާއި ހީލަތް ހަދައި އޮޅުވައިނުލުމަށެވެ.
(ށ) ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއި، ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން، ދުންފަތުގެ ބާވަތްތައް ހިމެނޭ ފޮށްޓާއި ޕެކެޓާއި ކާޓަންތަކާ އި އެނޫންވެސް އެފަދަ އެއްޗެހި ބަންދުކޮށްފައި ހުންނަ އެއްޗެއްސާމެދު އަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)
- ދުންފަތުގެ ބާވަތްތައް ޕެކެޓްގައި ބަންދުކުރާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމުން ސިއްހަތަށް ލިބޭ ގެއްލުމާބެހޭ ގޮތުން މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އިންޒާރުގެ އިބާރާތްކޮޅާއެކު އޮންނަންޖެހޭ އިބާރާތެއްވާނަމަ އެފަދަ އިބާރާތަކާއި، އަދި ތަސްވީރެއް ނުވަތަ ފާހަގައެއްވާނަމަ އެފަދަ އެއްޗެއް، ދުންފަތުގެ ބާވަތް ބަންދުކޮށްފައި ހުންނަ އެއްޗެއްގެ ބޭރުގައި، ބޭރުން ފެންނާނެހެން ޗާޕުކޮށްފައި ހުންނަންވާނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ހިމެނޭ ޕެކެޓްތަކާއި ކާޓަންފަދަ އެއްޗެހީގައި ވަކި ނަމޫނާއަކާއެއްގޮތަށް ލޭބަލްޖެހުމަށްވެސް މިނިސްޓްރީން އެންގިދާނެއެވެ.
- ދުންފަތުގެ ބާވަތެއް ޕެކެޓްކުރެވިފައިވާ ކޮންމެ އެއްޗެއްގައި އޭގައި ހިމެނޭ ދުންފަތުގެ ބާވަތުގައި އެކުލެވޭ ބައިތަކާއި، އެއިން ބޭރުވާ މާއްދާތަކާބެހޭ ތަފްސީލާއި، މިނިސްޓްރީން ކަނޑައަޅާ މާއްދާތަކެއް އެއިން އެއްޗެއްގައި ހިމެނޭ މިންވަރު އެނގެން އޮންނަންވާނެއެވެ.
- ދުންފަތުގެ ބާވަތަކާމެދު ނުވަތަ އެއިން ސިއްހަތަށް ލިބޭ ގެއްލުމާމެދު ނުވަތަ އެއިން ބޭރުވާ މާއްދާތަކާބެހޭ ހަގީގަތް އޮޅޭފަދަ އެއްވެސް އިބާރާތެއް، ކުރެހުމެއް، ނޫނީ އެފަދަ އެހެންވެސް އެއްޗެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ދޭހަވާގޮތަށް ނުވަތަ އޮޅުވައިލުމުގެ މަގްސަދުގައި އެއްވެސް އެއްޗެއްގައި ހިމަނައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ (1) ގައި ބުނެފައިވާ މިނިސްޓްރީން ކަނޑައަޅާ އިންޒާރުގެ އިބާރާތްކޮޅާއި އެހެން އިބާރާތްތައް ހުންނަންވާނީ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކަކާއެއްގޮތަށް ދިވެހިބަހުން ލިޔެ ޗާޕުކޮށްފައެވެ.
(ރ) (އުނި ކުރެވިފައި)
12 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުގައި ލޭބަލްޖެހުން
ދުންފަތުގެ ބާވަތް ހިމެނޭ ކޮންމެ ފޮށްޓެއް ނުވަތަ ޕެކެޓެއް ނުވަތަ ކާޓަނެއް ނުވަތަ ދުންފަތުގެ ބާވަތެއް ބަންދުކޮށްފައި ހުންނައިރު އެ އެއްޗެއްގެ ބޭރުގައި އަންނަނިވި މައުލޫމާތު، އިނގިރޭސި ބަހުން ޗާޕުކޮށްފައި ހުންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) ތަކެތި އުފެއްދި ފަރާތުގެ ނުވަތަ ކުންފުނީގެ ނަމާއި ލައިސަންސް ނަންބަރު.
(ށ) ތަކެތި އުފައްދާ ފަރާތަށް ހާއްސަކުރެވިފައިވާ ސީރިއަލް ނަންބަރާއި ތަކެތި އުފެއްދި ތާރީހު.
(ނ) ތަކެތި އުފެއްދި ގައުމާއި ރަށް.
(ރ) އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނާ ކޮންމެ މައުލޫމާތެއް.
13 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އެތެރެކުރާ ނުވަތަ ވިއްކާ ފަރާތްތަކުން ގަވާއިދުތަކާއި މުއާހަދާތަކަށް ތަބާވުން (ސުރުހީ އިސްލާހު ކުރެވިފައި)
ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވިއްކާ ފަރާތްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރި ކަމުގައިވިއަސް، ދުންފަތުގެ ބާވަތްތަކުން ލިބޭ ގެއްލުމާބެހޭ މައުލޫމާތު އަނެކުންނަށް ފޯރުވައިދިނުމަށް ބާރުއެޅުމުގެ ގޮތުން އެފަދަ ފަރާތްތަކުން އަމަލުކުރަންޖެހޭ އަދި ހުރުމަތްތެރިކޮށް ހިތަންޖެހޭ އެނޫންވެސް ގަވާއިދުތަކާއި، އުސޫލުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާންވެފައިވާ އެފަރާތްތަކުގެ ޒިންމާތަކަކަށް އެއްވެސް ލުޔެއް ނުލިބޭނެއެވެ. (އިސްލާހު ކުރެވިފައި)
ހަތަރުވަނަ ބާބު
ދުންފަތުގެ ބާވަތްތައް އިށްތިހާރުކުރުމާއި ސްޕޮންސަރުކުރުމާއި އެހެނިހެން ޕްރޮމޯށަންތައް
14 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އިށްތިހާރުނުކުރުން
(ހ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތާ ހިލާފުވާގޮތަކަށް ދުންފަތުގެ ބާވަތެއް އިށްތިހާރުކޮށް، ނުވަތަ ސްޕޮންސަރުކޮށް ނުވަތަ ޕްރޮމޯށަންގެ ހަރަކާތެއް ހިންގައިގެން ނުވާނެއެވެ. ނުވަތަ އެއިން ކަމެއް އިންތިޒާމުކޮށްގެން ނުވާނެއެވެ. ނުވަތަ އެއިން ކަމެއްގައި ބައިވެރިވެގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އިން އިސްތިސްނާ ވަނީ؛
- ދުންފަތުގެ ބާވަތްތައް ހައްދައި، އުފައްދައި، އެތެރެކޮށް، ބޭރުކޮށް، ވިއްކާ ފަރާތްތައް އެއްފަރާތް އަނެއް ފަރާތާދެމެދު ހިންގާ މުއާމަލާތުތަކާއި؛
- (އުނި ކުރެވިފައި)
- ދުންފަތުގެ ބާވަތްތައް ވިއްކުމަށް ބާރުނާޅާގޮތެއްގައި އަދި ދުންފަތުގެ ބާވަތްތައް އިށްތިހާރުކުރުމުގެ މަގްސަދު ނުހިމެނޭ ގޮތަކަށް ތަނުގެ މުވައްޒަފުންނާއި، ހިއްސާދާރުންނާއި،
- (އުނި ކުރެވިފައި)
- ދުންފަތުގެ ބާވަތްތައް އުފައްދާ ތަންތަނުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ބެހެއްޓިފައި ހުންނަ ތަނުގެ ނަންބޯޑެވެ.
15 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް ހިލޭ ބެހުން މަނާވުން
ވިޔަފާރި ކުރިއެރުވުމުގެ ބޭނުމުގައި ދުންފަތުގެ ބާވަތްތައް ހިލޭ ބެހުމާއި އެފަދަ ބާވަތްތައް ނުވަތަ އޭގެ ނަމޫނާއަށް ބެލެވޭފަދަ އެއްޗެއް އާންމުންނަށް ބަހައި ހެދުމަކީ މަނާކަމެކެވެ. މިފަދަކަމެއް ކުރިބަޔަކާއި އެފަދަ ހަރަކާތެއް ހިންގުމުގައި ބައިވެރިވި ބަޔަކުވެސް ކުށްވެރިވާނެއެވެ.
16 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އިށްތިހާރުކުރަނީކަމަށް ބެލެވޭނެ މިންގަނޑުތައް
ދުންފަތުގެ އުފެއްދުންތައް އިށްތިހާރުކުރުމުގެ ގޮތުން، އެއިން ބާވަތެއްގެ ނަމެއް، ކުރެހުމެއް، ތަސްވީރެއް، ށިއާރެއް، ނުވަތަ އެއިން ބާވަތެއް ދޭހަކޮށްދޭ އެއްވެސް އެއްޗެއް ނުވަތަ އެފަދަ އެއްޗެއްގެ ބައެއް ވިޔަސް އާންމުންނަށް ފެންނާނެހެން ބަހައްޓައިގެންނުވާނެއެވެ. އަދި އިމާރާތްތަކާއި އެނޫންވެސް އެފަދަ ތަންތަނާއި ތަކެތި ހިމެނޭގޮތުން، ދުންފަތުގެ ބާވަތަކަށް ނުހިމެނޭ އެއްވެސް އެއްޗެއްގައި ދުންފަތުގެ ބާވަތެއް އިށްތިހާރުކުރުމުގެ ބޭނުމުގައި އެއިން ނަމެއް، ކުރެހުމެއް، ތަސްވީރެއް، ށިއާރެއް، ނުވަތަ އެއިން ބާވަތެއް ދޭހަކޮށްދޭ އެއްޗެއް ނުވަތަ އެއިން އެއްޗެއްގެ ބައެއް ޖަހައިގެން އާންމުންނަށް ފެންނާނެހެން ވިއްކުމަށް ނުވަތަ އިށްތިހާރުކުރުމަށް ބަހައްޓައިގެންނުވާނެއެވެ.
17 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުގެ ނުވަތަ ބާވަތްތަކަށް ނަމުގެ ރަޖިސްޓަރީ ބަދަލުކުރުން
މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދުންފަތުގެ ބާވަތްތަކަށް ބޭނުންކުރުމަށް ރަޖިސްޓަރީކުރެވިފައިވާ ނަމެއް، ނުވަތަ އާންމުކޮށް ދުންފަތުގެ ބާވަތަކަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އާލާތަކަށް ނުވަތަ އެފަދަ ނަމެއްގެ ބައެއްވެސް، ދުންފަތުގެ ބާވަތްތައް ނުހިމެނޭ އެއްޗަކަށް ނުވަތަ ތަނަކަށް ދީގެން ނުވާނެއެވެ. އަދި ދުންފަތުގެ ބާވަތަކަށް، ދުންފަތުގެ ބާވަތެއް ނޫން އެއްޗަކަށް ނުވަތަ ތަނަކަށް އެއްވެސް އިރެއްގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެފަދަ ތަނަކަށް ނުވަތަ އެއްޗަކަށް ބޭނުންކުރާ ނަމެއްވެސް ދީގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)
17-1 ވަނަ މާއްދާ - ގާނޫނާ ހިލާފަށް އިށްތިހާރުކުރާ، ސްޕޮންސަރކުރާ ނުވަތަ ޕްރޮމޯޓުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން (އިތުރު ކުރެވިފައި)
(ހ) ދުންފަތުގެ ބާވަތްތައް އިށްތިހާރުކުރުމާއި، ސްޕޮންސަރކުރުމާއި ޕްރޮމޯޓުކުރުމާ ގުޅޭ ގޮތުން މި ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ދުންފަތުގެ ބާވަތެއް އިށްތިހާރުކުރުމަކީ ނުވަތަ ޕްރޮމޯޓުކުރުމަކީ ނުވަތަ ސްޕޮންސަރކުރުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފަށް އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ދުންފަތުގެ ބާވަތެއް އިށްތިހާރުކޮށްފިނަމަ ނުވަތަ ޕްރޮމޯޓުކޮށްފިނަމަ ނުވަތަ ސްޕޮންސަރކޮށްފިނަމަ، އެކަން ކުރި ފަރާތާއި އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތާމެދު މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ފިޔަވަޅު ެޅުމުގެ އިތުރުން، އެތަނެއް ހިންގާ ފަރާތާމެދު އަންނަނިވި ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- އެތަނުގައި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުން؛
- އެތަނެއްގެ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުން.
(ނ) ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް މި ގާނޫނުގެ ދަށުން މިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސެއް މި މާއްދާގެ ދަށުން ބާތިލުކުރަންވާނީ، ނުވަތަ އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ މި މާއްދާގެ ދަށުން ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގަ އި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ފަސްވަނަ ބާބު
ޓެކްސް ނެގުން
18 ވަނަ މާއްދާ - ޓެކްސް ނެގުން
ދިދިވެހިރާއްޖޭގައި ވިއްކުމަށް އެތެރެކުރާ ދުންފަތާއި ދުންފަތުގެ ބާވަތްތަކާއި އަދި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ހުރިހާ ބާވަތްތަކަށާއި، ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެންމެހައި އާލާތްތަކުން ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިމްޕޯޓް ޑިއުޓީއާއި ކަމާބެހޭ ގާނޫނުތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުން ލާޒިމުވާނެއެވެ. (އިސްލާހު ކުރެވިފައި)
ހަވަނަ ބާބު
ދުންފަތުގެ ބާވަތްތަކުގެ ފެންވަރު ހިފެހެއްޓުން
19 ވަނަ މާއްދާ - ގާނޫނާއި ގަވާއިދާ ހިލާފަށް ދުންފަތުގެ މުއާމަލާތުކުރުން
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކޮށް، ނުވަތަ ދިވެހިރާއްޖެއިން ބޭރުކޮށް، ނުވަތަ ދިވެހިރާއްޖޭގައި ބަހައި، ނުވަތަ ވިއްކައި ހަދައިގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)
20 ވަނަ މާއްދާ - ދުންފަތުގެ އެހެން ބާވަތްތަކާއި އަޅާބަލާއިރު ސިއްހަތަށް ގެއްލުން ކުޑަކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތައް
އިތުބާރު ހިފޭ ތަހުލީލުތަކެއްގެ ނަތީޖާތަކެއް ނުވަތަ ހެކިތަކެއް ހުށަހަޅައި، ދުންފަތުގެ އެބާވަތަކީ ދުންފަތުގެ އެހެން ބާވަތްތަކާ އަޅާބަލާއިރު ސިއްހަތަށް ގެއްލުން ކުޑަ އެއްޗެއްކަން މިނިސްޓްރީއަށް ގަބޫލުކުރެވިގެން ހުއްދަދިނުމުގެ ކުރިން، ދުންފަތުގެ ބާވަތެއް ހިމެނޭ އެއްޗެއްގެ ޕެކެޓްގައި، އެބާވަތަކީ އެހެން ދުންފަތުގެ ބާވަތްތަކަށްވުރެ ސިއްހަތަށް ގެއްލުން ކުޑަ ބާވަތެއްކަމަށް ނުވަތަ އެފަދަ އެއްޗެއް ދޭހަވާ ގޮތަކަށް ލިޔެ ނުވަތަ ޗާޕުކޮށްގެން ނުވާނެއެވެ. މިގޮތުގެމަތިން ހުއްދަ ދޫކުރާއިރު އެހެން ކަންތައްތަކުގެ އިތުރުން ތިރީގައި ބުނެފައިވާ ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ.
(ހ) ދުންފަތުގެ އެބާވަތަކީ އެހެން އެފަދަ ބާވަތްތަކާ އަޅާބަލާއިރު ބޭނުންކުރާ މީހާގެ ސިއްހަތަށް ނުވަތަ އެބާވަތުގެ ދުމުން އެހެން މީހުންނަށް ލިބޭ ގެއްލުން ކުޑަ ބާވަތެއްކަން ދަލީލުކޮށްދޭ އިތުބާރު ހިފޭ ތަހުލީލުތަކެއްގެ ނަތީޖާތަކަށް.
(ށ) ދުންފަތުގެ ބޭނުންކުރާ މީހުން އޭގެ ބޭނުންކުރުމުގެ ދޭތެރެ ދުރުކޮށްދޭކަން ނުވަތަ ހުއްޓައިލުމަށް މަގުފަހިވާކަން ނުވަތަ ދުންފަތުގެ ބޭނުންނުކުރާ މީހުން އޭގެ ބޭނުންކުރުމަށް ހިތްވަރުލިބޭ މިންވަރެއްގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އެފަދަ އެއްޗަކީ އާބާދީގެ ނިސްބަތުން ބަލާއިރު ސިއްހަތަށް ފައިދާކުރާ އެއްޗެއްކަމުގައި ބެލެވިދާނެކަމުގެ ދަލީލުތަކަށް.
ހަތްވަނަ ބާބު
ދުންފަތުގެ ބާވަތްތަކުގައި ހިމެނޭ މާއްދާތަކާއި އެއިން ބޭރުވާ މާއްދާތަކުގެ މައުލޫމާތާއި ވިޔަފާރީގެ މައުލޫމާތު ރިޕޯޓުކުރުން
21 ވަނަ މާއްދާ - ދުންފަތާބެހޭ ރިޕޯޓު ހުށަހެޅުން
ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ ކޮންމެ މީހަކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މި ބާބުގައި ބުނެފައިވާ މައުލޫމާތު ރިޕޯޓެއްގެ ގޮތުގައި އެކުލަވާލައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
22 ވަނަ މާއްދާ - ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތު
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގޮތުން ބޭނުންކުރާ ދުންފަތުގެ ބާވަތްތަކާއި އެނޫން ބޭނުންތަކަށް ބޭނުންކުރާ ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖޭގައި ވިއްކާ ފަރާތްތަކާއި ދިވެހިރާއްޖެއިން ބޭރުކުރާ ފަރާތްތަކުން، އެފަދަ ކޮންމެ ބާވަތެއް އެ އެއްޗެއްގެ ބްރޭންޑު ނަމުން ރިޕޯޓުގައި ލިސްޓުކުރުމާއެކު އެ އެއްޗަކާބެހޭ އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) ތާރު އަދި ނިކޮޓިން އެކުލެވޭ މިންވަރާއި އެހެން ބާވަތްތަކާ ނުގުޅި ވަކިން ހުންނަ ނިކޮޓިން ދުމުގައި ހިމެނޭ ނިސްބަތް.
(ށ) ދުންފަތުގެ ދުމުގައި ޕީއެޗް ހުންނަ މިންގަނޑާއި އެކިފަހަރު މަތިން ބޭރުކުރެވޭ ދުމުގައި ޕީއެޗް ހުންނަގޮތުގެ ތަފްސީލު.
(ނ) ފިލްޓަރުން އޭގެ ބޭނުން ހާސިލްވާ މިންވަރު އަދި ފިލްޓަރުކުރެވޭ ނިސްބަތް އިންސައްތައިން.
(ރ) ދުންފަތުން ބޭރުކުރާ ދުމުގައި ވިހަ ތާސީރުފަދަ ތަކެތި ހިމެނޭ ނިސްބަތާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، އެކި ބާވަތްތަކުގެ ނިސްބަތް ނުވަތަ އެބާވަތަކާ ނިކޮޓިން އަޅައިކިޔައި އޭގެ ރޭށިއޯ ނުވަތަ ގަވާއިދުގައި ބުނާ އެހެން މިންގަނޑެއް.
23 ވަނަ މާއްދާ - ރިޕޯޓު ތައްޔާރުކުރަންޖެހޭ ދުންފަތުގެ ބާވަތްތައް
ރިޕޯޓު އެކުލަވާލަންވާނީ މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި ބުނާ މިންގަނޑުތަކާއެއްގޮތަށް ތައްޔާރުކޮށް ޓެސްޓުކުރެވިފައިވާ ދުންފަތުގެ ބާވަތްތަކަށެވެ.
24 ވަނަ މާއްދާ - ރާއްޖޭގައި ކުރިން ވިއްކާފައިނުވާ ދުންފަތުގެ ބާވަތްތައް
މި ގާނޫނަށް އަމަލުކުރުމުގެ ކުރިން ދިވެހިރާއްޖޭގައި ވިއްކާފައިނުވާ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިނުވާ ދުންފަތުގެ އުފެއްދުންތައް ވިއްކަންވާނީ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެންވާނީ އެއުފެއްދުމަކާގުޅޭ ގޮތުން ހުށަހަޅަންޖެހޭ އެންމެހައި ރިޕޯޓުތައް ހުށަހަޅައި މިނިސްޓްރީން ހުއްދަ ލިބުމަށްފަހުގައެވެ.
25 ވަނަ މާއްދާ - ރިޕޯޓުގައި ހިމަނަންޖެހޭ އިތުރު މައުލޫމާތު
މި ބާބުގެ ދަށުން ރިޕޯޓުގައި ހިމަނަންޖެހޭނެކަމަށް ބުނާ ބައިތަކުގެ އިތުރުން، މި ގާނޫނަށް އަމަލުކުރެވެން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފައްދާ ކޮންމެ ފަރާތަކާއި، އެތެރެކުރާ ކޮންމެ ފަރާތަކާއި، ބޭރުކުރާ ކޮންމެ ފަރާތަކުން ކަނޑައެޅިފައިވާ ގޮތެއްގެމަތިން، ތިރީގައި ބުނެފައިވާ މައުލޫމާތުތައް، ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާހިނދަކު، މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، އެފަދަ ރިޕޯޓެއްގައި ހުންނަން ޖެހޭނެކަމަށް މިނިސްޓްރީން ކަނޑައަޅާ ގަވާއިދެއްގައި ބުނާ އެންމެހައި މައުލޫމާތުވެސް ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) ރިޕޯޓުކުރާ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއަށް އެތެރެކުރި ނުވަތަ ބޭރުކުރި ބިޑި، ސުއްޓާ، ސިނގިރޭޓް، ދުންފަތް ޕެކެޓް، ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެހެނިހެން ތަކެތީގެ އަދަދާއި، ދުންފަތުގެ އިސްތިއުމާލުކުރުން ނޫން އެހެން ބޭނުންތަކަށް އެތެރެކުރި ނުވަތަ ބޭރުކުރި ދުންފަތުގެ ބާވަތްތަކުގެ ބަރުދަނާއި، އެއިން ކޮންމެ ބާވަތެއް ވިއްކައިގެން ލިބުނު ފައިސާގެ މިންވަރު ވަކިވަކިން އެނގޭނެގޮތަށް. (އިސްލާހު ކުރެވިފައި)
(ށ) ރާއްޖޭން ބޭރުކުރި ދުންފަތުގެ ބާވަތެއްނަމަ،
- ބްރޭންޑުގެ ނަންނަމުންނާއި، ތަކެތި ފޮނުވޭ ގައުމުތަކުގެ ނަންނަމުންނާއި، އަދި ހޯލްސޭލްކުރެވޭ ފަރާތްތަކުގެ ނަންނަމުން އެބާވަތެއް ބޭރުކުރެވުނު މިންވަރު.
- ބޭރުކުރެވޭ ށިޕްމަންޓުގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ބާވަތެއްނަމަ ޕެކެޓް ނުވަތަ ފޮށީގެ އަދަދު އަދި އެހެން ބޭނުމަކަށް ބޭނުންކުރާ ބާވަތެއްނަމަ އޭގެ ބަރުދަން ގްރާމުން.
- ދުންފަތުގެ ބާވަތް ބޭރުކުރެވުނު ތާރީހާއި ބޭރުކުރެވުނު ވަކިވަކި ށިޕްމަންޓުތަކަށް ދެވިފައިވާ ސީރިއަލް ނަންބަރުތައް.
(ނ) ރާއްޖެއަށް އެތެރެކުރި ދުންފަތުގެ ބާވަތެއްނަމަ،
- ބްރޭންޑުގެ ނަންނަމުންނާއި، ތަކެތި އުފެއްދި ގައުމުތަކުގެ ނަންނަމުންނާއި އަދި ހޯލްސޭލްކުރި ފަރާތުގެ ނަމުން، އެބާވަތެއް އެތެރެކުރި މިންވަރު.
- ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އައުމުގެ މަގުމަތީގައި އުފުލާ ގެންގުޅުމަށް ބޭނުންކުރި މަންޒިލުތަކުގެ ލިސްޓާއި އެތަކެއްޗަށް ދެވިފައިވާ ސީރިއަލް ނަންބަރުތައް.
- އެތެރެކުރި ށިޕްމަންޓުގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ޕެކެޓްގެ އަދަދު ނުވަތަ އެހެން ބޭނުމަކަށް ބޭނުންކުރާ ބާވަތެއް ނަމަ އޭގެ ބަރުދަން ގްރާމުން.
- ތަކެތި އެތެރެކުރި ތާރީހާއި އެތެރެކުރެވުނު ށިޕްމަންޓުގެ ސީރިއަލް ނަންބަރުތައް.
(ރ) ތަކެތި ބޭރުކުރި ފަރާތުން އެ އެއްޗެއް ވިއްކި އަގާއި، ރިޕޯޓުކުރާ މުއްދަތުގެ ތެރޭގައި ބްރޭންޑުތަކުގެ އަގަށް އައި ބަދަލުތަކާއި، އެ ބްރޭންޑުތަކުގެ ނަންތައް. (އިސްލާހު ކުރެވިފައި)
(ބ) ރިޕޯޓުކުރާ މުއްދަތުގެ ތެރޭގައި ދުންފަތުގެ އުފެއްދުންތައް ވިޔަފާރި ކުރާ ތަންތަނުގެ އޯޑިޓް ރިޕޯޓުގެ ކޮޕީ.
(ޅ) ދުންފަތުގެ ބާވަތް ހިމެނޭ ފޮށީގެ ނަމޫނާއަކާއި އޭގައި ޖަހާފައިވާ ލޭބަލްތަކުގެ ނަމޫނާ.
(ކ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނާ އެހެނިހެން މައުލޫމާތުތައް.
26 ވަނަ މާއްދާ - މައުލޫމާތު އާންމުކުރުން
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން މި ބާބުގެ ދަށުން އެއްކުރެވޭ މައުލޫމާތުތައް ވާންވާނީ، އާންމުންނަށް ފެންނަގޮތަށް ހުންނަ އާންމު މައުލޫމާތުތަކެއްކަމުގައެވެ. އަދި މި ބާބުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ހުށަހެޅޭ ދުންފަތުގެ ބާވަތްތަކާބެހޭ ރިޕޯޓުތައް މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތަކެއްގެ ގޮތުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.
27 ވަނަ މާއްދާ - ރިޕޯޓުގެ ފޯމެޓް
މި ބާބުގެ ދަށުގައި ބުނެފައިވާ ރިޕޯޓު ހުށަހަޅަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަނޑައެޅިފައިވާ ފޯމެޓަކަށެވެ.
އަށްވަނަ ބާބު
ހުއްދަ ދޫކުރުން
28 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް ލައިސަންސް ނެގުން ލާޒިމުވުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ދިވެހިރާއްޖެއިން ބޭރުކުރާ ކޮންމެ ފަރާތަކާއި، ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ދިވެހިރާއްޖޭގައި ވިއްކާ ކޮންމެ ފަރާތެއްގެ ކިބައިގައި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން، މި ގާނޫނުގެ ދަށުން މިނިސްޓްރީން ދޫކުރާ ސައްހަ ލައިސަންސެއް އޮންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސްގެ ތެރޭގައި ހިމެނޭނީ އަންނަނިވި ބާވަތްތަކުގެ ވިޔަފާރިއަށް ދޫކުރާ ލައިސަންސެވެ. (އިސްލާހު ކުރެވިފައި)
- ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް؛ (އިތުރު ކުރެވިފައި)
- ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސް؛ (އިތުރު ކުރެވިފައި)
- ދުންފަތުގެ ބާވަތްތައް ރީ-އެކްސްޕޯޓްކުރުމުގެ ލައިސަންސް، (އިތުރު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސް، ހަމައެކަނި ދުންފަތާގުޅޭ ވިޔަފާރިއެއް ހިންގުމަކަށް ދުލެއްނުކުރެވޭ ނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށެވެ. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ލައިސަންސް ދޫކުރުމާގުޅޭ އުސޫލުތަކާއި، ލައިސަންސް ދޫކުރުމުގައި ރިއާޔަތްކުރާނެ ކަންކަމާއި، ލައިސަންސްގެ މުއްދަތާއި، ލައިސަންސް އާކުރުމާގުޅޭ އިޖުރާއަތުތަކާއި، ލައިސަންސް ދޫކުރުމުގެ ށަރުތުތަކާއި، ލައިސަންސްގެ މުއްދަތު އާކުރުމާގުޅޭ އުސޫލުތަކާއި، ލައިސަންސް ފީއާއި، ލައިސަންސް ދޫކުރުމާގުޅޭ އެނޫންވެސް އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
28-1 ވަނަ މާއްދާ - ލައިސަންސް ހޯދުމަކާ ނުލައި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުން (ސުރުހީއާއި މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމުގެ ސައްހަ ލައިސަންސެއް ނެތި، އެއްވެސް ބާވަތެއްގެ ދުންފަތުގެ ވިޔަފާރިއެއް ދިވެހިރާއްޖޭގައި ހިންގުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިއެއް ކުރުން ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ ވިޔަފާރިތަކާއި، އެނޫންވެސް ދުންފަތުގެ ބާވަތެއް ގަނެވިއްކުމުގެ މުއާމަލާތެއް ކަމުގައިވާ ކޮންމެ މުއާމަލާތެއް ހިމެނޭ ގޮތުންނެވެ.
(ނ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމުގެ ސައްހަ ލައިސަންސެއް ހޯދުމަކާ ނުލައި އެއްވެސް ބާވަތެއްގެ ދުންފަތުގެ ވިޔަފާރިއެއް ހިންގައިފިނަމަ، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތާމެދު މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން، އެތަނެއް ހިންގާ ފަރާތާމެދު އަންނަނިވި ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- އެތަނުގައި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުން؛
- އެތަނެއްގެ ވިޔަފާރިކުރުމުގެ ލައިސަންސް ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުން.
(ރ) ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަށް މި ގާނޫނުގެ ދަށުން މިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސެއް މި މާއްދާގެ ދަށުން ބާތިލުކުރަންވާނީ، ނުވަތަ އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ މި މާއްދާގެ ދަށުން ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ނުވަވަނަ ބާބު
ގާނޫނާއި ގަވާއިދާ ހިލާފުވުމުން އެޅޭނެ ފިޔަވަޅުތައް
29 ވަނަ މާއްދާ - ގާނޫނު ހިންގުމާއި އަމަލުކުރުމާއި ހިލާފުވުމުން އެޅޭނެ ފިޔަވަޅުތައް
މި ގާނޫނު ހިންގުމާއި ނުވަތަ މި ގާނޫނާ ހިލާފުވެއްޖެނަމަ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އެފަރާތަކުން މި ގާނޫނާ ހިލާފަށްކޮށްފައިވާ ކަންތައްތަކަށް ބަލައި ވަކިވަކި އަމަލުތަކާމެދު ނުވަތަ ޖުމްލަގޮތެއްގައިވެސް ފިޔަވަޅުއެޅިދާނެއެވެ. މިގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ:
(ހ) ދުންފަތުގެ މުއާމަލާތުކުރުމަށް ދޫކުރެވިފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމާއި، ބާތިލުކުރުމާއި އަދި ހުއްދައިގައި ހިމެނޭ ވަކިވަކި ކަންތައްތަކެއް ހިފެހެއްޓުން.
(ށ)
- މި ގާނޫނުގެ އެގާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބޯޑުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން 1,000 (އެއްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. ޖޫރިމަނާކުރެވޭ ފަރާތުން ހިންގި އަމަލަކީ، ދުންފަތުގެ ހުއްދަ ނޫން ބާވަތްތަކުން މުއާމަލާތުކުރުން ނުވަތަ ހުއްދަ ނޫން ވިޔަފާރިކުރުން ނުވަތަ ސްމަގްލްކުރުން ނުވަތަ އިމްޕޯޓް އަދި އެކްސްޕޯޓް މަރުހަލާގައި ހާމަކުރަންޖެހޭ މައުލޫމާތު ހާމަނުކުރުން ނުވަތަ އޮޅުވައިލުން ނުވަތަ ޕެކެޓްކޮށް، ބަންދުކުރުމާއި ލޭބަލްޖަހަންޖެހޭ އުސޫލުތަކާ ހިލާފުވުންފަދަ ކަންކަންކަމުގައިވާނަމަ ޖޫރިމަނާގެ އަދަދު ކަނޑައަޅާނީ އެ އަމަލާ ގުޅުންހުރި މުދަލުގެ އަގުގެ ތެރެއަށް، އެ މަރުހަލާގައި ދައްކަންޖެހޭ ޓެކުހާއި ފީތައް އިތުރުކޮށްގެން އަންނަ ޖުމްލަ އަދަދުގެ 10 (ދިހައެއް) ގުނައިގެ ގޮތުގައެވެ. އަދި އެގޮތުން އަންނަ ޖުމްލަ އަދަދަކީ 1,000 (އެއްހާސް) ރުފިޔާއަށްވުރެ ކުޑަ އަދަދެއްނަމަ ޖޫރިމަނާގެ އަދަދު ކަމުގައި ވާނީ 1,000 (އެއްހާސް) ރުފިޔާއެވެ. (އިސްލާހު ކުރެވިފައި)
- ވަގުތުންކުރާ ޖޫރިމަނާއާއި ޖޫރިމަނާކޮށްފައިދޭ ޗިޓު ޖޫރިމަނާކުރެވޭ ފަރާތާ ހަވާލުކުރަންވާނީ އެކަމަށް ހުއްދަ ލިބިގެންވާ ފަރާތަކުންނެވެ. އަދި އެގޮތަށް ޖޫރިމަނާކުރަންވާނީ، އެމީހަކީ ރަސްމީގޮތުން އެކަންކުރުމުގެ ހުއްދަ ލިބިގެންވާ މީހެއްކަން ޖޫރިމަނާކުރެވޭ ފަރާތަށް ހާމަކުރުމަށްފަހުގައެވެ.
- މި މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުރާ ޖޫރިމަނާއަކާމެދު ޖޫރިމަނާކުރެވޭ ފަރާތް ހިތްހަމަނުޖެހޭނަމަ، އެކަން އިސްތިއުނާފު ކުރުމުގެ ހައްގު އެފަރާތަކަށް ލިބިގެންވެއެވެ.
(ނ) ދުންފަތުގެ ދުމުން އާންމުން ރައްކާތެރިކޮށްދިނުމަށް މި ގާނޫނުގެ މާއްދާތަކުގައި ބުނެފައިވާ ކަމަކާ ހިލާފުވެގެން ގާނޫނީގޮތުން ބާރުލިބިފައިވާ ފަރާތަކުން އެފަދަ މީހަކު އެފަދަ އަމަލެއް ކުރަންހުރި ތަނަކުން ދުރުކުރުމާއި ގާނޫނާ ހިލާފު އަމަލު ހިންގުމަށް ބޭނުންކުރާ ތަކެތި ވަގުތީ ގޮތުން ބާރުގެ ދަށަށް ގެނައުން ނުވަތަ ވަގުތީ ގޮތުން އަތުލުން.
(ރ) ގާނޫނާހިލާފު އަމަލު ހިންގުމަށް ބޭނުންކުރާ ތަކެތި އިހްތިޔާރު ލިބިފައިވާ ފަރާތުގެ ބާރުގެ ދަށަށް ގެނެސް، ތިމާވެށްޓަށް ގެއްލުންނުވާ ގޮތެއްގެމަތިން ނައްތާލެވިދާނެއެވެ. މިފަދަ ތަކެތީގެ ތެރޭގައި ހިމެނެނީ،
- މި ގާނޫނުގައި ދުންފަތުގެ ބާވަތް އިށްތިހާރުކުރުމާއި ސްފޮންސަރުކުރުމާއި ޕްރޮމޯށަންގެ ހަރަކާތާބެހޭ ގޮތުން އައިސްފައިވާ މާއްދާއަކާ ހިލާފަށް ގަސްދުގައި ނުވަތަ ނޭނގި ނަމަވެސް ގެންގުޅޭ ކޮންމެ އެއްޗަކާއި؛
- ޕެކެޓްކުރުމަށް ނުވަތަ ލޭބަލްޖެހުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ތިމާއަށް އެކަން އެނގިހުރެ ނުވަތަ ނޭނގިނަމަވެސް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްކުރުމަށް ނުވަތަ މި ގާނޫނުގެ މާއްދާއަކާއި ހިލާފުވުމަށް ބޭނުންކުރެވިދާނެ ގޮތަށް އަތުގައި އޮންނަ އެއްޗެއް ނުވަތަ މެށިނެއް ނުވަތަ ލިޔުމަކާއި؛
- ގާނޫނާ ހިލާފުވި ފަރާތުގެ އަތުގައި ހުރި ނުވަތަ ބެލުމުގެ ދަށުގައިހުރި ދުންފަތުގެ އެހެނިހެން ބާވަތްތަކާއި ތަކެއްޗާއި؛
- އަސްލު ނޫންތަކެތި އުފެއްދުމަށް ނުވަތަ ދުންފަތާބެހޭ ތަކެތި ސްމަގްލްކުރުމަށް ބޭނުންކުރި ސާމާނާއި، މެށިނަރީ އާއި ލޭބަލްކުރުމަށާއި، ޕެކެޓްކުރުމަށާއި އެހެނިހެން ކަންކަމަށް ބޭނުންކޮށްފައިވާ ތަކެއްޗާއި؛
- ޑިއުޓީ ނުދައްކައި އޮތް ދުންފަތުގެ ކޮންމެ ބާވަތަކާއި ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފަށް އެހެން ގައުމަކުން އެތެރެކޮށްފައިވާ ދުންފަތުގެ ކޮންމެ ބާވަތަކާއި؛ އަދި
- ދުންފަތުގެ ބާވަތްތަކުގައި ހުންނަންޖެހޭނެކަމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި ބުނެފައިވާ މިންގަނޑުތަކާ ހިލާފަށް ތައްޔާރުކުރެވިފައިވާ ދުންފަތުގެ ކޮންމެ އެއްޗަކާއި، ރާއްޖޭގެ ކޮންމެވެސް ތަނެއްގައި ބަޔަކު މީހުން ގަސްދުގައި ނުވަތަ އެނޫން ގޮތަކަށް ނަމަވެސް ބަހައްޓައިފައި ހުރި އަސްލުނޫން ދުންފަތުގެ ބާވަތްތަކެވެ.
30 ވަނަ މާއްދާ - ކޮންމެ ކުށަކަށް ވަކިން އަދަބު ދިނުން
ގާނޫނާ ހިލާފުވެގެން ކުރާ ކޮންމެކަމަކާއި ގާނޫނާ ހިލާފުވުމަށް ކުރާ ކޮންމެ އަމަލެއް ބެލެވޭނީ ވަކި ކުށެއްގެ ގޮތުގައެވެ. އަދި ކުރެވޭ ކޮންމެ ކުށަކަށް އެކުށަކާ އެކަށީގެންވާ އަދަބު ވަކިން ދެވޭނެއެވެ.
31 ވަނަ މާއްދާ - ތަކުރާރުކޮށް ކުށްކުރުމުން އަދަބު ބޮޑުކުރުން
މި ގާނޫނުގެ ދަށުން ތަކުރާރުކޮށް ކުށްކުރާ ކޮންމެ ފަހަރަކު ދެވޭ އަދަބު އެއްފަހަރުން އަނެއްފަހަރަށް ބޮޑުކުރަމުން ގެންދަންވާނެއެވެ.
32 ވަނަ މާއްދާ - ށަރީއަތް މެދުވެރިކޮށް ހޯދާ ފައިސާ އާއި ޖޫރިމަނާ
ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ކުރާ އަމަލެއްގެ ސަބަބުން މި ގާނޫނާ ހިލާފުވެގެން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހެއް ނުވަތަ ޑިއުޓީއެއް ނުދެއްކުމުގެ ސަބަބުން މީހެއްގެ ކިބައިން ށަރީއަތް މެދުވެރިކޮށް އަތުލެވޭ ފައިސާއެއް ހޯދުމުގެ އިތުރަށް އެމީހަކު އެކުރި ކުށަކަށް ކަނޑައެޅިފައިވާ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ.
33 ވަނަ މާއްދާ - ވެރިންގެ ޒިންމާ
މި ގާނޫނާ ހިލާފަށް އަމަލުކޮށްފި ތަނެއްގެ ވެރިޔަކު، ނުވަތަ އެފަދަ އަމަލެއް ކުރުމަށް ހުއްދަ ނުވަތަ ހިތްވަރުދީފި ވެރިޔަކު، ނުވަތަ މި ގާނޫނުގައި ބުނާ ކަމެއް ނުކޮށް ދޫކޮށްލައިފިކަން ނުވަތަ މި ގާނޫނާ ހިލާފަށް ކަމެއް ކުރާކަން ތިމާއަށް އެނގިހުރެ ހިނގާނަމަ އެކަން ދެނެހުރި ވެރިޔަކުވެސް އެފަދަ އަމަލެއްގެ ޒިންމާ އުފުލަންޖެހޭނެއެވެ.
34 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އުފައްދާ ފަރާތްތަކާއި ސަޕްލައިކުރާ ފަރާތްތަކުގެ ޒިންމާ
އަމިއްލަ ގައުމުގައި ދުންފަތުގެ ބާވަތްތައް އުފައްދައި ބޭރުކުރާ ފަރާތްތަކުން އެތަކެތި ފޮނުވުމަށް ކަނޑައެޅިފައިވާ މަންޒިލަށް ފޮނުވުމުގެ މަގުމަތީގައި އެތަކެތި އެތެރެވާ ގައުމުތަކުން ދައްކަން ބުނާ ޓެކުހާއި ޑިއުޓީ ދައްކާފައި ނުވާނަމަ، ނުވަތަ ސްމަގްލްކުރެވިފައިވާކަމަށް ބެލެވިއްޖެނަމަ، އެކަމުގެ ޒިންމާ އެތަކެތި އުފައްދާ ފަރާތަކުން ނުވަތަ އެތަކެތި ސަޕްލައިކޮށްދޭ ފަރާތަކުން އުފުލަންވާނެއެވެ.
ދިހަވަނަ ބާބު
ގާނޫނު ތަންފީޒުކުރުން
35 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުން
(ހ) ސަރުކާރުގެ ކޮންމެ އިދާރާއަކުން ވެސް އެ އިދާރާއަކާ ހަވާލުވެފައިވާ ދާއިރާއަކާ ގުޅުންހުރި މި ގާނޫނުގެ މާއްދާތައް ތަންފީޒުކުރަންވާނެއެވެ. އަދި އެ މާއްދާތަކުގައި ބަޔާންކުރާ ކަންތައްތައް އެންމެ އެދެވޭ ގޮތުގައި ތަންފީޒުކުރުމުގެ މައްޗަށް ސަމާލުކަންދީ، ދިވެހިރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރުމުގެ ގޮތުން އެކަމަކާ ގުޅޭ ގޮތުން ތަންފީޒުކުރަންޖެހޭ ގަވާއިދުތައް ތަންފީޒުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މި ގާނޫނާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ އަމަލުތަކާމެދު ފާރަވެރިވުމަށާއި، އެފަދަ ކަންތައްތައް ބަލައި ފިޔަވަޅު އަޅައި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް ބާރުއެޅުމަށްޓަކައި، މި ގާނޫނުގެ މާއްދާތައް ތަންފީޒުކުރަންޖެހޭ ސަރުކާރުގެ އިދާރާތަކުން، އެ އިދާރާއެއްގައި އެންމެ އިސްފަރާތުގެ ދަށުން އެ މަސައްކަތްކުރާނެ ވެރިޔަކު އައްޔަންކޮށް އެމީހަކަށް ފުރިހަމަ އިހްތިޔާރާއި ބާރުދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
އެގާރަވަނަ ބާބު
ދުންފަތް ކޮންޓްރޯލުކުރުމަށް ބޯޑެއް އެކުލަވާލުން
36 ވަނަ މާއްދާ - ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބޯޑު އެކުލަވާލުން
(ހ) ގައުމީ ފެންވަރުގައި މަސައްކަތްކުރާނެ މުއައްސަސާއެއްގެ ގޮތުގައި "ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބޯޑު" މިނަމުގައި ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ. މި ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓަރެވެ.
(ށ) މި ބޯޑުގެ މެންބަރުންގެ ގޮތުގައި އަންނަނިވި ފަރާތްތައް ހިމެނެންވާނެއެވެ.
- ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުން މަންދޫބުން.
- ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ތަޖުރިބާކާރުން.
- އާންމު ސިއްހަތުގެ ތަޖުރިބާކާރުން.
- ތަކެތި ގަންނަ މީހުންގެ ހައްގުތަކާބެހޭ މީހުން.
- މަދަނީ އަދި ވިޔަފާރި ޖަމްއިއްޔާތަކުގެ މަންދޫބުން.
37 ވަނަ މާއްދާ – ދައުރު
(ހ) ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބޯޑުގެ ދައުރަކީ ދުންފަތުން މީސްތަކުން ރައްކާތެރިކުރުމަށް ހިންގާ ކަންކަމުގައި ލަފަޔާއި މަށްވަރާ ދިނުމެވެ. އޭގެ ތެރޭގައި ތިރީގައި ބުނެފައިވާ ކަންތައްތަކާބެހޭ ގޮތުން ލަފަޔާއި މަށްވަރާ ދިނުން ހިމެނެއެވެ.
- ދުންފަތުގެ ބޭނުންކުރުމުންނާއި ދުންފަތަށް ހުށަހެޅުމުން ޖުމްލަގޮތެއްގައި އާބާދީގެ ސިއްހަތަށްކުރާ އަސަރާއި، ފަރުދުންގެ ސިއްހަތަށް އަންނަ ބަދަލު ދެނެގަނެ އެކަމާބެހޭ ދިރާސާތައްކުރުން.
- މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާ އިދުތައް ހެދުމާއި ފަންނީ މިންގަނޑުތައް އެކުލަވާލުން. (އިސްލާހު ކުރެވިފައި)
- މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން މަގްސަދު ހާސިލްވާ މިންވަރެއް ބަލައި އެއިރަކަށް އިސްލާހުކުރަންޖެހޭ ބައެއް އިސްލާހުކުރުން.
- ދުންފަތް ކޮންޓްރޯލުކުރުމާގުޅޭ ގޮތުން ގައުމީ ފެންވަރުގައި ކުރާނެ ކަންތައްތައް ކަނޑައަޅައި އެކުލަވާލުމަށްފަހު ކެބިނެޓަށް ލަފާދިނުން.
- މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކާއި ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ދުންފަތާ ދެކޮޅަށްކުރާ މަސައްކަތްތައް ވިލަރެސްކުރުން.
- ދުންފަތް ކޮންޓްރޯލުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ މިނިސްޓަރަށް ލިބިދޭ އިހްތިޔާރުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބާރުއެޅުން.
(ށ) ބޯޑުން ފާރަވެރިވެ ބަލަހައްޓާ ކަންކަމާގުޅިގެންނާއި، ދުންފަތް ކޮންޓްރޯލުކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުންނާއި، ބޯޑަށް ފެންނަ ކަންކަމުގައި ކެބިނެޓަށް މަށްވަރާ ދިނުމުގެ ގޮތުން އަހަރަކު އެއްފަހަރު ރިޕޯޓެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، ދުންފަތާބެހޭ މުއާހަދާތަކުގައި ބައިވެރިވާ ގައުމުތަކުގެ ފަރާތުން އެފަދަ ބައްދަލުވުންތަކުގައި ހުށަހަޅަންޖެހޭ ރިޕޯޓުތައް އެކުލަވާލައި ތައްޔާރުކުރަންވާނެއެވެ.
(ނ) ދުންފަތުގެ ބާވަތެއް އުފައްދާ ފަރާތެއް، އެތެރެކުރާ ފަރާތެއް، ބޭރުކުރާ ފަރާތެއް، ގަނޑުކޮށް ވިއްކާ ފަރާތެއް، ވަކިވަކިން ވިއްކާ ފަރާތެއް ނުވަތަ ދުންފަތާގުޅޭ ވިޔަފާރިއަކީ ގުޅުންހުރި އެއްވެސް މީހަކު ނުވަތަ އެފަދަ ފަރާތެއް ތަމްސީލުކުރާ މީހަކު މި ބޯޑަށް އައްޔަންކޮށްގެން ނުވާނެއެވެ. އަދި އެފަދަ މީހަކު މި މަޖިލީހުގައި މެންބަރެއްގެ ދައުރު އަދާކޮށްގެންވެސް ނުވާނެއެވެ.
(ރ) މި ބޯޑުގެ ހިންގާ ގަވާއިދު އެކުލަވާލުމާއި ނިންމުންތައް ނިންމުމުގައި އަމަލުކުރާނެގޮތް ކަނޑައެޅުމާއި އެބައިތައް އިސްލާހުކުރާނީ ބޯޑުގެ މެންބަރުންނެވެ. މި ހުރިހާ ބައިތަކެއް ލިޔެ އާންމުންނަށް ލިބޭނެފަދަ ގޮތަކަށް އާންމުކުރަންވާނެއެވެ.
(ބ) ފަންނީކަންކަމާގުޅޭ ގޮތުން ނުވަތަ ކަނޑައެޅޭ ވަކިކަންކަމާގުޅޭ ގޮތުން މި ބޯޑަށް ލަފަޔާއި މަށްވަރާ ދިނުމަށްޓަކައި ފަންނީ ތަޖްރިބާކާރުން އެކުލެވޭ ކޮމެޓީތަކެއް އައްޔަންކުރެވިދާނެއެވެ.
ބާރަވަނަ ބާބު
ދުންފަތުން ލިބޭ ގެއްލުމާގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމާއި، ދުންފަތަށް ދެވިހިފާފައި ތިބޭ މީހުން އެކަމުން ސަލާމަތްވުމަށް މަގުފަހިކޮށްދިނުން
38 ވަނަ މާއްދާ - ހޭލުންތެރިކުރުމަށް ހަރުދަނާ ހަރަކާތްތައް ރާވައި ހިންގުން
ދުންފަތް އުފެއްދުމާއި އޭގެ އިސްތިއުމާލުކުރުމުން ސިއްހަތަށާއި، އިގްތިސާދަށާއި، ތިމާވެށްޓަށާއި މުޖްތަމައަށް ލިބޭ ގެއްލުން އަންގައިދީ، އެކަމަށް އާންމުން ހޭލުންތެރިކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހަރުދަނާ ހަރަކާތްތައް ރާވައި ހިންގަންވާނެއެވެ. އެފަދަ ހަރަކާތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) ދުންފަތުން ލިބޭ އެންމެހައި ގެއްލުމާބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން.
(ށ) ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އެކަން ހުއްޓައިލުމުން ލިބޭނެ ފައިދާ އަންގައިދިނުން.
(ނ) ދުންފަތުގެ ވިޔަފާރިއާބެހޭ މައުލޫމާތު ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އާންމުކޮށް ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުން.
(ރ) ދުންފަތް ކޮންޓްރޯލުކުރުމާބެހޭ މައުލޫމާތާއި ތަމްރީނު ސިއްހީ ހިދުމަތްދޭ ފަރާތްތަކަށާއި، އިޖްތިމާއީ މަސައްކަތްކުރާ ފަރާތްތަކަށާއި، ނޫސްވެރިންނާއި މީޑިޔާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރާ ފަރާތްތަކަށާއި އަދި މިނޫންވެސް ކަމާގުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
(ބ) ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށްކުރާ މަސައްކަތުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ތެރެއިން ކަމާގުޅޭ އިދާރާތަކާއި ޖަމްއިއްޔާތައް ބައިވެރިކޮށް، އެފަރާތްތަކުން އެކަމަށްޓަކައި ކުރާ މަސައްކަތުގައި އެހީތެރިވެދިނުން.
39 ވަނަ މާއްދާ - ދުންފަތަށް ދެވިހިފާފައިވާ މީހުން އެކަމުން ސަލާމަތްކުރުމަށް މަގުފަހިކުރުން
ދުންފަތަށް ދެވިހިފާފައި ތިބޭ މީހުން އެކަމުން ސަލާމަތްވުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ ސިއްހަތާބެހޭ ވުޒާރާއާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުން މަސައްކަތްކުރަންވާނެއެވެ.
(ހ) ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލުމުގެ ފައިދާ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އަންގައިދިނުން.
(ށ) ދުންފަތަށް ދެވިހިފާފައި ތިބޭ މީހުން އެކަމުން ސަލާމަތްކޮށް، އެމީހުންނަށް ފަރުވާދިނުމަށްޓަކައި ވަކި އިދާރާއެއް ނުވަތަ ކްލިނިކެއް ސިއްހީ ހިދުމަތްދޭ ތަންތަނުގައި ނުވަތަ ސިއްހަތާބެހޭ ވުޒާރާއިން ކަނޑައަޅާ ތަނެއްގައި ގާއިމްކުރަންވާނެއެވެ. މިފަދަ ތަނެއްގައި، އެކަން ހުއްޓުމަށް ބޭނުންވާ މީހުންނަށް އެކަމާގުޅޭ އެންމެހައި މައުލޫމާތާއި، ކައުންސެލިންގް އަދި އެކަމަށް ބޭނުންވާ ބޭސްފަރުވާގެ ހިދުމަތް ލިބެން ހުންނަންވާނެއެވެ. އޭގެ ތެރޭގައި، ބޭހާއި، ބޭސްފޯރުކޮށްދޭ ވަސީލަތްތަކާއި، ތަހުލީލުކުރުމަށް ބޭނުންކުރާ ވަސީލަތްތައްވެސް ހިމެނެއެވެ.
ތޭރަވަނަ ބާބު
އެހެނިހެން ކަންތައްތައް
40 ވަނަ މާއްދާ - ބޯޑު އެކުލަވާލަންޖެހޭ މުއްދަތު
މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ އެގާރަވަނަ ބާބުގައި ބުނެފައިވާ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ.
41 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
ރައީސުލްޖުމްހޫރިއްޔާ މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ހަދައި ނިންމައި މި ގާނޫނަށް އަމަލުކުރަން ފަށަންވާނެއެވެ.
42 ވަނަ މާއްދާ – މާނަ
މި ގާނޫނުގައި އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާ ހިނދަކު:
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހަތާބެހޭ ކަންތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ.
(ށ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ސިއްހަތާބެހޭ ކަންތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ނ) "އާންމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، ވިޔަފާރި އުސޫލުން ނުވަތަ ފީއެއް ނުވަތަ އަގެއް ނަގައިގެން އެއްތަނުން އަނެއްތަނަށް މީހުން އުފުލާ އުޅަނދުފަހަރާއި، މިގޮތަށް މީހުން އުފުލުމުގެ ނުވަތަ ދަތުރުފަތުރު ކުރުމުގެ އެކި މަރުހަލާގައި ބޭނުންކުރަންޖެހޭ ތަންތަނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިފަދަ އެހެން އުޅަނދުފަހަރާއި ތަންތަނަށެވެ. ފީއެއް ނުވަތަ އަގެއް ނުނެގިނަމަވެސް، ވަކި މުނާސަބަތަކާ ނުވަތަ ހާދިސާއަކާއި ނުވަތަ މިނޫންވެސް އިޖްތިމާއީ ހަރަކާތަކާއި ނުވަތަ ޒިންމާއަކާއި ގުޅިގެން އާންމުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު އެއްތަނުން އަނެއްތަނަށް އުފުލުންވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ. ހަމައެކަނި ތަކެތި އުފުލާ އުޅަނދުފަހަރާއި މަސްވެރިކަމުގައި އުޅޭ އުޅަނދުފަހަރު، އެފަދަ އުޅަނދުފަހަރުން ވިޔަފާރި އުސޫލުން ނުވަތަ އަގެއްނަގައިގެން މީހަކު ނުވަތަ މީހުން އުފުލާ ހާލަތްތަކުގައި ނޫނީ މި މާނައިން އިސްތިސްނާވާނެއެވެ.
(ރ) "އިށްތިހާރު" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ ބާވަތްތަކާއި، އޭގެ ބްރޭންޑުތަކާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތްތަކާބެހޭ މައުލޫމާތު ވިޔަފާރީގެ އުސޫލުން ތަފާތު ވަސީލަތްތައް މެދުވެރިކޮށް އާންމުކުރުމާއި، ދުންފަތުގެ ބާވަތްތަކާއި ބްރޭންޑުތައް ވިއްކުމަށްޓަކައި ނުވަތަ ވިއްކ އަދަދު އިތުރުކުރުމުގެ ގޮތުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ އަމަލެއް ކުރިއެރުވުމުގެ ގޮތުން ހިންގާ ޕްރޮމޯށަން ހަރަކާތްތަކަށެވެ. ދުންފަތުގެ އިށްތިހާރުގެ މާނައިގައި، ދުންފަތުގެ ބާވަތާއި، ބްރޭންޑާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތުގެ ނުވަތަ އެފަދަ ފަރާތްތަކުން ބޭނުންކުރާ ނުވަތަ އެފަރާތްތަކަށް ނުވަތަ އެއްޗެއްސަށް އިށާރާތްކުރެވޭ ބަސްތަކާއި، ނަންތަކާއި، އިބާރާތްތަކާއި، ށިއާރުތަކާއި، އަކުރުތަކާއި، ނަންބަރުތަކާއި، ތަސްވީރުތަކާއި، ކުރެހުންތަކާއި، ޑިޒައިންތަކާއި، ލޯގޯތަކާއި، ކުލަތަކާއި އެނޫންވެސް އެފަދަ އެއްޗެހީގެ އިތުރުން އަޑާއި، ލަވަޔާއި، ރާގާއި މިއުޒިކު ހިމެނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) "އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، އެތަނެއްގައި މީހުން ހިނގައިބިނގައިވާ ނުވަތަ އެއްވެސް ހުރަހެއްނެތި އެތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި، އެފަދަ ގޮތަކަށް ބޭނުންކުރެވޭ އުޅަނދުފަހަރުފަދަ ތަކެއްޗަށާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އާންމު ތަންތަނަށެވެ.
(ޅ) "ވިޔަފާރީގެ އުސޫލުން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި ކުރިއެރުވުމުގެ ނުވަތަ ވިޔަފާރީގެ މަގްސަދު ހާސިލްކުރުމުގެ ގޮތުން ކަމެއްކުރުމަށެވެ.
(ކ) "ވިއްކުން" ކަމަށް ބުނެފައި އެވަނީ، އަގެއް ލިބޭގޮތަށް ނުވަތަ އަގެއް ކަނޑައަޅައިގެން މީހަކަށް ނުވަތަ ބަޔަކަށް އެއްޗެއް ހުށަހެޅުން ނުވަތަ ދިނުމަށެވެ.
(އ) "މީހަކު" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ށަހްސު ލިބިފައިވާ ކޮންމެ ފަރާތަކަށެވެ. މީގެތެރޭގައި ވަކިފަރުދުންނާއި ކުންފުނިތަކާއި އަދި އެހެން ގާނޫނެއްގައި ށަހްސެއްކަމަށް ބަޔާންކުރެވިފައިވާ ތަންތަން ހިމެނެއެވެ
(ވ) "މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ފުރާޅަކުން ނުވަތަ މިނޫންވެސް އެފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ހިޔާކޮށްފައިވާ ނުވަތަ ފާރަކުން ނުވަތަ ފާރުތަކަކުން ނުވަތަ ބިތްގަނޑަކުން ނުވަތަ ބިތްގަނޑުތަކަކުން ނުވަތަ މިފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެންވިއަސް ބަންދުކުރެވިފައިވާ ނުވަތަ ނިވާކުރެވިފައިވާ ތަންތަނުގެ ތެރެއިން އުޖޫރައެއް ލިބޭ ގޮތަށް ނުވަތަ ހިލޭސާބަހަށް ހިދުމަތްކުރުމުގެ ގޮތުން މީހަކު މަސައްކަތްކުރާ ނުވަތަ ވަޒީފާ އަދާކުރާ ކޮންމެ ތަނަކަށެވެ. މިގޮތުން، މަސައްކަތް އާންމުކޮށްކުރާ ތަނުގެ އިތުރުން އެތަނަކާ ގުޅިފައިހުންނަ، އަދި މަސައްކަތްކުރާ މީހުން މަސައްކަތުގެ ވަގުތުގައި ބޭނުންކުރާ ލިފްޓާއި، ކޮރިޑޯއާއި، ސިޑިއާއި، ލޮބީއާއި، ފާހާނާއާއި، ލައުންޖާއި، ކެފެޓީރިއާއި، ކެންޓީނާއި، ސައިކޮޓަރިފަދަ ތަންތަން މި މާނައިގެ ތެރޭގައި ހިމެނެއެވެ. ވިޔަފާރީގެ ބޭނުމުގައި ނުވަތަ އާންމު ހިދުމަތެއް ދިނުމުގައި ބޭނުންނުކުރާނަމަ، ދިރިއުޅުމަށް ބޭނުންކުރާ ތަންތަން މަސައްކަތްކުރާ ތަންތަނުގެ ތެރޭގައި ނުހިމެނެއެވެ. އަދި މަސައްކަތްކުރާ ތަނެއް މާނަކުރުމުގައި މުޅި ރަށް އެއީ މަސައްކަތްކުރާ ތަންކަމުގައެއް ނުބެލެވޭނެއެވެ.
(މ) "ޕްރޮމޯޓުކުރުމާއި ޕްރޮމޯށަންގެ ހަރަކާތްތައް" ކަމަށް ބުނެފައި އެވަނީ، އިށްތިހާރުކުރުންވެސް ހިމެނޭގޮތުން، އެހެންނަމަވެސް އެއަށްވުރެ ފުޅާ މާނައެއްގައި ދުންފަތުގެ ބާވަތްތަކުގެ ވިއްކުންތައް އިތުރުކުރުމުގެ މަގްސަދުގައި ދުންފަތާބެހޭ ބާވަތްތައް ބެހުމާއި، ހަދިޔާގެ ގޮތުގައި ދިނުމާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި ހިންގާ ހަރަކާތްތަކަށެވެ.
(ފ) "ދުންފަތް" ކަމަށް ބުނެފައި އެވަނީ، ދުންފަތް ގަހުގެ ހުރިހާ ބާވަތެއްގެ ގަހާއި އެ ގަސްގަހުގެ ފަތަށެވެ. (އިސްލާހު ކުރެވިފައި)
(ދ) "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، ދުންފަތާއި ދުންފަތުގެތަނޑިއާއި، ނިކޮޓިންއާއި، ދުންފަތާއި ދުންފަތުގެ ތަނޑިއާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ، ހަފައިގެން ނުވަތަ ބޮއެ ގެން ނުވަތަ ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިއަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެކެވެ. މިފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، ދުންފަތުން ދުރުހެލިވުމަށް "ސެޒޭށަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅާ ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ މިފަދަ އެހެން ބާވަތްތައް މި ގާނޫނުގެ ބޭނުމަށްޓަކައި ދުންފަތުގެ ބާވަތްތައްކަމަށް ނުބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ތ) "ދުންފަތް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ވައި، އަވި އަދި އަލިފާނުގެ ހޫނުން ދުންފަތް ހިއްކުން ނުވަތަ މިނޫންވެސް ގޮތަކަށް ދުންފަތް އުފެއްދުމުގައި ބޭނުންކުރުމަށްޓަކައި ދުންފަތުގެ ތާޒާ ފަތް އެކި ގޮތްގޮތަށް ތައްޔާރުކުރުމަށެވެ. (އިސްލާހު ކުރެވިފައި)
(ލ) "ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތެއް، އެއިން ބާވަތަކުން އުފެދ ދުން ނުވަތަ އާވި އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ ދުންފަތުގެ ބާވަތެއް އަނގައަށްލުން ނުވަތަ އަނގައިން ހެފުން ނުވަތަ ކެއުން ނުވަތަ ބުއިން ނުވަތަ ދުންފަތުގެ ބާވަތަކުން ވަސްދެމުން ނުވަތަ މިނޫންވެސް ގޮތަކަށް ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިއަސް ހަށިގަނޑަށް ވާސިލުކުރުމަށެވެ. (އިސްލާހު ކުރެވިފައި)
(ގ) "ދުންފަތުގެ އިސްތިޢުމާލުކުރުމަށް ބޭނުންކުރާ އާލާތް" ކަމަށް ބުނުފައި އެވަނީ، ދުންފަތުގެ ބާވަތަކުން ބޭރުވާ ދުމާއި އާވި އަދި އެހެން ބާވަތެއްވިއަސް ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ހަށިގަނޑަށް އެ އެއްޗެއްގެ ޒަރީއާއިން އެތެރެކުރުމަށް ބޭނުންކުރާ އެންމެހައި ތަކެއްޗަށެވެ. (އިސްލާހު ކުރެވިފައި)
(ޏ) "ދުންފަތް ސްޕޮންސަރކުރުން" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން، ދުންފަތުގެ އެއްވެސް ބާވަތެއް އުފައްދާ ފަރާތަކާއި ވިއްކާ ފަރާތަކާއި މާރކެޓްކުރާ ފަރާތަކާ ބައިވެރިވުމެއް ނުވަތަ ގުޅުމެއް، ތިރީގައި ބުނެފައިވާ ކަމަކާ ގުޅޭ ގޮތުން އޮތްކަން އެއްވެސް ތަނެއްގައި އެއްވެސް ގޮތަކަށް ދޭހަކޮށްދިނުމާއި، ދުންފަތާ ގުޅުންހުރި އެފަދަ ފަރާތެއް ރަމްޒުކޮށްދޭއެއްޗެއް އެއްވެސް ސިފައެއްގައި އެއިން ހަރަކާތެއްގައި ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި ބޭނުންކުރުމަށެވެ. (އިސްލާހު ކުރެވިފައި)
- މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، އިލްމީ އަދި އަދަބީ ހަރަކާތްތަކާއި، ސަގާފީ އަދި ފެށަނާގުޅޭ ކަންކަމާއި އަދި އެފަދަ އެނޫންވެސް ބާވަތްތަކުގެ މަސައްކަތްތަކާއި، ހަރަކާތްތަކާއި އަދި ށޯތަކާއި، ފިލްމުތަކާއި، ވީޑިއޯތަކާއި، ކުރެހުންތަކާއި، އޯޑިއޯތައް؛ (އިސްލާހު ކުރެވިފައި)
- އެއިން ކަމެއްގައި ބައިވެރިވާ ބަޔަކު ނުވަތަ މީހަކު ބޭނުންކުރާ ހެދުމާއި، ޔުނިފޯމާއި އަދި ގެންގުޅޭ ސާމާނުތަކާއި، ކަމާގުޅޭ ސޯށަލް މީޑިއާ އެކައުންޓްތައް؛ (އިސްލާހު ކުރެވިފައި)
- އެއްވެސް ސޯށަލް މީޑިއާ އަދި ޑިޖިޓަލް ޕްލެޓްފޯމެއްގައި އަދި އާންމު ތަންތަނުގައި ނުވަތަ މީހުން އެއްވެއުޅ ތަންތަނުގައި ބޭއްވޭ ހަރަކާތްތައް؛ (އިސްލާހު ކުރެވިފައި)
- އިމާރާތްތަކާއި، އުނގަންނައިދޭ ތަންތަނާއި، ހާމަކޮށް އޮންނަ ބިންބިމާއި އާންމު ތަންތަން. (އިސްލާހު ކުރެވިފައި)
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނާ އެހެނިހެން ކަންކަން އަދި ތަންތަން. (އިތުރު ކުރެވިފައި)
ސ) "ދައުލަތުގެ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުން ހިންގާ ގާނޫނީ ށަހްސުތަކާއި، ސަރުކާރުގެ ރަސްމީ ޒިންމާތައް އަދާކުރާ އެންމެހައި ތަންތަން ހިމެނޭ ގޮތުންނެވެ. (އިސްލާހު ކުރެވިފައި)
(ޑ) "ދުންފަތް ގަސް" ކަމުގައި ބުނެފައި އެވަނީ، ނިކޮށިއާނާ ޓަބޭކަމް އަދި ނިކޮށިއާނާ ރަސްޓިކާ ބާވަތުގެ ގަހަށެވެ. (އިތުރު ކުރެވިފައި)
(ޒ) "ވެރިން" ކަމުގައި ބުނެފައި އެވަނީ، ތަނެއްގެ އެންމެ އިސްފަރާތަށް ނުވަތަ އެފަރާތުގެ ޒިންމާ ވަކި މުއްދަތަކަށް ނުވަތަ ދާއިމަށް ހަވާލުކުރެވިފައިވާ ފަރާތަށާއި، ވަކި ވަގުތަކަށް ތަނެއް އިސްވެ ބަލަހައްޓަން ހަވާލުކުރެވޭ ފަރާތަށެވެ. މީގެ ތެރޭގައި، އާންމުކޮށް ހިދުމަތްދ ތަންތަނުގައި އެ ވަގުތެއްގައި އެތަނާ ހަވާލުވެގެން އެތަނު ގައި ހުންނަ ފަރާތްވެސް ހިމެނެއެވެ. (އިތުރު ކުރެވިފައި)
(ޓ) "ދުންފަތަށް ދެވިހިފާފައި ތިބޭ މީހުން" ކަމަށް ބުނެފައި އެވަނީ، ދުންފަތުގައި ހިމެނޭ ނިކޮޓިންގެ ސަބަބުން ނުވަތަ އެހެން ސަބަބަކާ ހުރެވިއަސް އެ ބާވަތެއް އާންމުކޮށް ބޭނުންކުރުމަށް އާދަވުމާއެކު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުންފަތުގައި ހިމެނޭ ނިކޮޓިންއަށް ބަރޯސާވާ ފަރާތްތަކަށެވެ. (އިތުރު ކުރެވިފައި)
(ޔ) "ދުންފަތުގެ ދުން" ކަމަށް ބުނެފައި އެވަނީ، ދުުންފަތުގެ އިސްތިޢުމާލުކުރުމުގެ ތެރެއިން ބޭރުވާ ދުމާއި އާތްވާއި އެނޫންވެސް އެންމެހައި މާއްދާތަކަށެވެ. (އިތުރު ކުރެވިފައި)
(ޕ) "އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް" ކަމަށް ބުނެފައި އެވަނީ، ނިކޮޓިން ނުވަތަ އެނޫންވެސް މާއްދާތައް އެކުލެވ ވޭޕަރ އަނގައިން ދެމޭ ގޮތަށް ފަރުމާކޮށްފައިވާ އެންމެހައި އާލާތްތަކަށެވެ. މީގެ ތެރޭގައި، ރީފިލް ކޮންޓެއިނަރެއް ނުވަތަ ޓޭންކެއް ނުވަތަ ސިންގަލް-ޔޫސް ކާރޓްރިޖެއް މެދުވެރިކޮށް ރީފިލްކުރެވޭ ގޮތަށް ނުވަތަ އެއްފަހަރު ބޭނުންކުރުމަށްފަހު ޑިސްޕޯސްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާލާތްތަކާއި، ކާރޓްރިޖާއި ޓޭންކާ ނުލައި ވަކިން އުފައްދާފައި ހުންނަ އެފަދަ އާލާތްތަކުގެ ކާރޓްރިޖާއި ޓޭންކާއި، ނިކޮޓިން އެކުލެވޭ ރީފިލް ކޮންޓެއިނަރާއި، އެނޫންވެސް އެފަދަ އާލާތްތަކުގެ ވަކިވަކި ބައިބައި ހިމެނެއެވެ. މި މާނައިގެ ތެރޭގައި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓް އަދި ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓެއް ނުހިމެނެއެވެ. (އިތުރު ކުރެވިފައި)
(ޖ) "އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކަށް އެޅުމަށް ނުވަތަ ލެއްވުމަށް ތައްޔާރުކޮށްފައި ހުންނަ އެންމެހައި ކެމިކަލްގެ އުފެއްދުންތައް ހިމެނޭ ގޮތުންނެވެ. (އިތުރު ކުރެވިފައި)
(ޗ) "ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓް" ކަމަށް ބުނެފައި އެވަނީ، ހޫނުކުރުމުން ނިކޮޓިން ނުވަތަ ނިކޮޓިންއާއި އެހެން ކެމިކަލް އެކުލެވޭ އެރޯސޮލް ބޭރުކޮށްދޭ ޓޮބޭކޯ ސްޓިކް ނުވަތަ އެނޫންވެސް ދުންފަތުގެ އުފެއްދުންތަކަށެވެ. (އިތުރު ކުރެވިފައި)
(ހހ) "ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓް" ކަމަށް ބުނެފައި އެވަނީ، އެއަށް ލައްވާ ޓޮބޭކޯ ސްޓިކް ނުވަތަ އެނޫންވެސް ދުންފަތުގެ އުފެއްދުމެއް ރޯކުރުމަކާ ނުލައި ހޫނުކޮށްދޭ، އަދި އެފަދައިން އެ ހޫނުކުރުމުން، އެއިން އުފައްދައިދ ނިކޮޓިން ނުވަތަ ނިކޮޓިންއާއި އެހެން ކެމިކަލް އެކުލެވޭ އެރޯސޮލް އަނގައިން ދަމައިގެން ހަށިގަނޑަށް ވާސިލުކުރެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ކޮންމެ ޑިވައިސަކަށެވެ. (އިތުރު ކުރެވިފައި)
މައި ގާނޫނު
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2010-15)
މި ގާނޫނަށް ގެނެވުނު އިސްލާހު
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2025-21)
- ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ބޯޑުގެ ހިންގާ ގަވާއިދު (ގަރާރު ނަންބަރު 2019-1022)
- ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-158)
- ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-41)
ކިޔުންތެރިންގެ ހިޔާލު