gaanoon_logo
-

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2010-15) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2025-06)

(މި ގާނޫނަށް އަމަލުކުރަން ފެށީ 21 މޭ 2025 ގައި)

 

ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދުުންފަތުގެ ބާވަތްތަކާއި އުފެއްދުން ވަކި އުމުރަކަށް މަނާވުން 6.

(ހ) ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް، 1 ޖަނަވަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެއެވެ.

(ށ) ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް، އެއްވެސް ފަރާތަކުން، އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ވިއްކައިގެން ނުވާނެއެވެ.

  1. 1 ޖަނަވަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު؛
  2. އުމުރުން 21 (އެކާވީސް) އަހަރު ވެފައިނުވާ އެއްވެސް މީހަކު،

(ނ) ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް، ވިއްކުމުގެ މުއާމަލާތެއްގައި، އެއްވެސް މީހަކު، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތެއް ބައިވެރިކޮށްގެން ނުވާނެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާ 1-6.

(ހ) މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ދޫކުރާ ލައިސަންސެއް އޮވެގެން މެނުވީ، އަދި މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ތަނެއްގައި މެނުވީ، ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް، އެއްވެސް ފަރާތަކުން ވިއްކައިގެން ނުވާނެއެވެ. 

(ށ) ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ގަންނަނީ ކާކުކަން ނޭނގޭފަދަ ގޮތަކަށް، ވެންޑިންގ މެށިނަކުން، ނުވަތަ ޕޯސްޓްގެ ޒަރީއާއިން ނުވަތަ އޮންލައިންކޮށް ނުވަތަ އެނޫންވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަށް އެއިން އެއްޗެއް، އެއްވެސް ފަރާތަކަށް، އެއްވެސް މީހަކު ވިއްކައިގެން ނުވާނެއެވެ. ނުވަތަ ވިއްކަން ބަހައްޓައިގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިބަޔާންކުރަންވާނެއެވެ.

(ރ) ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ވިއްކުމުގެ ހުއްދަ ލިބިފައިވާ ތަނެއްގައިވިޔަސް ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކާއިރު، އެއިން އެއްޗެއް ގަންނަ މީހަކީ، މި ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތެއް ނޫންކަން ޔަގީންކުރުމަކީ، އެ އެއްޗެއް ވިއްކާ ފަރާތެއްގެ ޒިންމާއެކެވެ. އަދި ދުންފަތުގެ ބާވަތެއް ގަންނަ ފަރާތަކީ، އެފަދަ ފަރާތެއް ކަމުގައި ބެލެވޭނަމަ، އެފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އެފަރާތުގެ އުމުރު އަންގައިދޭ އެނޫންވެސް ސައްހަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން އެފަރާތުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެއްކަން އަންގައިދޭ ލިޔުން ބެހެއްޓުން 7.

ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ފަރާތްތަކުން، ވިޔަފާރިކުރާ ތަންތަނުގައި ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ އުފެއްދުމެއް މި ގާނޫނުގެ 6 ވަނަ މާއްދާގެ  (ށ) ގައި ބަޔާންކުރާ ފަރާތަކަށް ވިއްކުމަކީ ގާނޫނުގައި މަނާކަމެއްކަން އަންގައިދޭ، މިނިސްޓްރީން ކަނޑައަޅާ އު ސޫލުތަކާއި މިންގަނޑުތައް ފުރިހަމަވާ އިންޒާރެއް،  އާންމުންނަށް ފެންނާނެހެން ބަހައްޓަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ރ) ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައިވާ މެށިނަރީއާއި އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-10 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ގެންގުޅުމަކީ ނުވަތަ ބޭނުންކުރުމަކީ މަނާކަމެކެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-10 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް އަތުލުމާއި ނައްތާލުން 3-10.

(ހ) އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް މީހަކު އާންމު ތަނެއްގައި ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ، މި ގާނޫނުގެ 1-29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ އާލާތެއް އަތުލުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް އެއްވެސް ފަރާތަކުން ދިވެހިރާއްޖެއަށް އެތެރެކޮށްފިނަމަ،އެ އެއްޗެއް، މި ގާނޫނުގެ 2-29 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަތުލުމުގެ ބާރު ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އަތުލެވޭ އާލާތްތަކާމެދު އަމަލުކުރާނީ، މި ގާނޫނުގެ 29-3 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކުރުމާއެކު، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިންނެވެ. 

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންޒާރުގެ އިބާރާތާއި އެހެން އިބާރާތްތައް ހުންނަންވާނީ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކަކާ އެއްގޮތަށް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ލިޔެ ޗާޕުކޮށްފައެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މާނައިގައި، ދިވެހިރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް އަންނަ ފަސިންޖަރުން އެމީހުންގެ އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތެއް ގެންނަ ގެނައުމެއް ނުހިމެނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، "ދިވެހިރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް އަންނަ ފަސިންޖަރުން" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމުތަކުގެ ރައްޔިތުންނާއި ދިވެހި ރައްޔިތުން ހިމެނޭގޮތުންނެވެ. 

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދުންފަތުގެ ބާވަތްތައް އިށްތިހާރުނުކުރުން 14.

(ހ) އެއްވެސް ފަރާތަކުން ދުންފަތުގެ ބާވަތެއް އިށްތިހާރުކޮށް، ނުވަތަ ސްޕޮންސަރކޮށް ނުވަތަ ޕްރޮމޯށަންގެ ހަރަކާތެއް ހިންގައިގެން ނުވާނެއެވެ. ނުވަތަ އެއިން ކަމެއް އިންތިޒާމުކޮށްގެން ނުވާނެއެވެ. ނުވަތަ އެއިން ކަމެއްގައި ބައިވެރިވެގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(1) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން 1,000 (އެއްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. ޖޫރިމަނާކުރެވޭ ފަރާތުން ހިންގި އަމަލަކީ، ދުންފަތުގެ ހުއްދަ ނޫން ބާވަތްތަކުން މުއާމަލާތުކުރުން ނުވަތަ ހުއްދަ ނޫން ވިޔަފާރިކުރުން ނުވަތަ ސްމަގްލްކުރުން ނުވަތަ އިމްޕޯޓް އަދި އެކްސްޕޯޓް މަރުހަލާގައި ހާމަކުރަންޖެހޭ މައުލޫމާތު ހާމަނުކުރުން ނުވަތަ އޮޅުވައިލުން ނުވަތަ ޕެކެޓްކޮށް، ބަންދުކުރުމާއި ލޭބަލްޖަހަންޖެހޭ އުސޫލުތަކާ ހިލާފުވުންފަދަ ކަންކަންކަމުގައިވާނަމަ ޖޫރިމަނާގެ އަދަދު ކަނޑައަޅާނީ އެ އަމަލާ ގުޅުންހުރި މުދަލުގެ އަގުގެ ތެރެއަށް، އެ މަރުހަލާގައި ދައްކަންޖެހޭ ޓެކުހާއި ފީތައް އިތުރުކޮށްގެން އަންނަ ޖުމްލަ އަދަދުގެ 10 (ދިހައެއް) ގުނައިގެ ގޮތުގައެވެ. އަދި އެގޮތުން އަންނަ ޖުމްލަ އަދަދަކީ 1,000 (އެއްހާސް) ރުފިޔާއަށްވުރެ ކުޑަ އަދަދެއްނަމަ ޖޫރިމަނާގެ އަދަދު ކަމުގައި ވާނީ 1,000 (އެއްހާސް) ރުފިޔާއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) ގާނޫނާ ހިލާފުވި ފަރާތުގެ އަތުގައި ހުރި ނުވަތަ ބެލުމުގެ ދަށުގައިހުރި ދުންފަތުގެ އެހެނިހެން ބާވަތްތަކާއި ތަކެއްޗާއި، ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައިވާ މެށިނަރީއާއި އާލާތްތައް؛

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ތިން މާއްދާ އިތުރުކުރުން.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ބޭނުންކުރުމާ ނުވަތަ ގެންގުޅުމާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތު 1-29.

(ހ) އެއްވެސް މީހަކު، އާންމު ތަނެއްގައި އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފުލުހުންގެ އޮފިސަރަކަށް ފެނިއްޖެނަމަ، މި ގާނޫނުގެ 3-10 ވަނަ މާއްދާގެ ދަށުން އެ އެއްޗެއް އަތުލަންވާނީ އެ އެއްޗަކީ، އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއްކަމާއި، އެއީ ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓެއް ނު ވަތަ އެނޫންވެސް އެއްޗެއް ނޫންކަން ކަށަވަރުކުރުމަށްފަހ،ު އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރުމާ އެކުގައެވެ.

  1. ގާނޫނާ ހިލާފުވި ކަމަށް ތުހުމަތުކުރެވޭ ފަރާތް ހުއްޓުވައި، އެ އޮފިސަރަކީ މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވާ ފަރާތެއްކަން ހާމަކުރުމާއެކު، އެފަރާތުން މި ގާނޫނާ ހިލާފަށް ކުރި ކަމަށް ބެލެވޭ އަމަލަކީ ކޮބައިކަން ބަޔާންކުރުން؛
  2. ގާނޫނާ ހިލާފުވި ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ އަތުން ފެނުނު އާލާތް އެއީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއްތޯ ކަށަވަރުކުރުމަށްޓަކައި އެ އެއްޗެއް އެ އޮފިސަރާ ހަވާލުކުރުމަށް އެންގުމާއެކު، އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އެ އެއްޗެއް އެމީހެއްގެ ކިބައިން އަތުލެވިދާނެ ކަމާއި، އެކަމަށް އެއްބާރުލުން ނުދޭނަމަ، އެކަން ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ބާރުގެ ބޭނުންކުރެވިދާނެކަން އެމީހަކަށް ސާފުވާނެ ފަދައިން ބަޔާންކުރުން؛ 
  3. ގާނޫނާ ހިލާފުވި ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ އަތުން ފެނުނު އާލާތް ހަވާލުކުރުމަށް މި މާއްދާގެ މި އަކުރުގެ (2) ވަނަ ނަންބަރުގެ ދަށުން އަންގާ އެންގުމާ އެއްގޮތަށް އެ އެއްޗެއް ހަވާލުކުރުމަށް އެފަރާތުން އިއުތިރާޒްކޮށްފިނަމަ، އެ އެއްޗެއް އެފަރާތެއްގެ ކިބައިން އަތުލައި، މި މާއްދާގެ މި އަކުރުގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އަމަލުކުރުން؛ 
  4. ގާނޫނާ ހިލާފުވި ކަމަށް ތުހުމަތުކުރެވުނު ފަރާތުގެ އަތުގައި އޮތް އާލާތް ބަލައި، އަދި އެފަރާތުގެ އަތުގައި އޮތީ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް ކަމަށް ޔަގީންކުރެވިއްޖެނަމަ، އެފަރާތުން ކޮށްފައިވާ އަމަލަކީ، ގާނޫނުގެ ދަށުން މަނާކޮށްފައިވާ އަމަލެއް ކަމާއި، އޭގެ ނަތީޖާއެއްގެ ގޮތުން، އެ އާލާތެއް އަތުލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިދާނެ ކަމާއި، އެފަރާތް ޖޫރިމަނާކުރެވިދާނެކަން ބަޔާންކުރުމަށްފަހު އަންނަނިވި ގޮތުގެމަތިން އަމަލުކުރުން؛
    1. ގާނޫނުގައި ކަނޑައެޅިފައިވާ ޖޫރިމަނާކޮށް، އެފަދައިން ޖޫރިމަނާކުރިކަމުގެ ލިޔުން ހަވާލުކުރުން؛ 
    2. ގާނޫނާ ހިލާފަށް ގެންގުޅުނު ނުވަތަ ބޭނުންކުރި އާލާތް އެފަރާތުގެ ބެލުމުގެ ދަށަށް ގެންދަނީކަން އަންގައި، އެފަދައިން އެ އާލާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމުގެ ލިޔުން އެފަރާތާ ހަވާލުކުރުން.

(ށ) ގާނޫނާ ހިލާފުވި ކަމަށް ތުހުމަތުކުރެވޭ ފަރާތަކާމެދު ފުލުހުންގެ ހުއްދަކޮށްފައިވާ އޮފިސަރަކު ފިޔަވަޅު އެޅުމުގައި، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެފަރާތުގެ އަތުން ފެނުނު އާލާތް އެ އޮފިސަރާ ހަވާލުކުރުމަށް އެންގުމުން، އެ އެއްޗެއް ހަވާލުނުކޮށްފިނަމަ، އެ އެއްޗެއް އެމީހެއްގެ އަތުން އަތުލަންވާނީ، އަދި އެކަން ކުރުމުގައި އެމީހަކާ ދެކޮޅަށް ބާރުގެ ބޭނުންކުރަންވާނީ، ހަމައެކަނި އެ އެއްޗެއް އެމީހެއްގެ އަތުން އަތުލުމަށް ބޭނުންވާ މިންވަރަކަށެވެ. 

 

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތު 2-29.

(ހ) އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް އެއްވެސް ފަރާތަކުން ދިވެހިރާއްޖެއަށް އެތެރެކޮށްފިނަމަ، އެ އެއްޗެއް، ކަސްޓަމްސްގެ އޮފިސަރުންނަށް ނުވަތަ ފުލުހުންގެ އޮފިސަރުންނަށް މި މާއްދާގައިވާ ގޮތުގެމަތިން އަތުލެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަތުލެވޭ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް، ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ށިޕްމަންޓަކުން ނުވަތަ އެނޫންވެސް ގޮތަކަށް ގާނޫނާ ހިލާފަށް އެތެރެކުރަނިކޮށް އަތުލެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަތުލެވޭ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް، ދިވެހިރާއްޖެއަށް އަންނަ ފަސިންޖަރުންގެ އަތުން ނުވަތަ އެއިން ފަރާތެއްގެ ދާގީނާއިން އަތުލެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބާރުގެ ބޭނުންކުރަނީ، ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ށިޕްމަންޓަކާ ގުޅޭގޮތުން ކަމަށްވާނަމަ، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 6 ވަނަ ބާބުގައިވާ ގޮތުގެމަތިން ކަސްޓަމްސްގެ އޮފިސަރުންނެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބާރުގެ ބޭނުންކުރަނީ، އިމްޕޯޓްކުރުމަށް ނުވާ ގޮތަށް ގާނޫނާ ހިލާފަށް ދިވެހިރާއްޖެއަށް އެ އެއްޗެއް އެތެރެކުރުމަށް މަސައްކަތްކުރުމުގައި ކަމަށްވާނަމަ، މި ގާނޫނުގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފުލުހުންގެ އޮފިސަރުންނެވެ.

(ޅ) ދިވެހިރާއްޖެއަށް އެތެރެކުރާ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް މި މާއްދާގެ ދަށުން އަތުލަންވާނީ، އެ އެއްޗަކީ، އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއްކަމާއި، އެއީ ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓެއް ނުވަތަ 
އެނޫންވެސް އެއްޗެއް ނޫންކަން ކަށަވަރުކުރުމަށްފަހުގައެވެ. 

(ކ) މި މާއްދާގެ (ނ) ގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް އަތުލުމުގައި، މި ގާނޫނުގެ 1-29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިޖުރާއަތުތައް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުން ފުރިހަމަކުރަންވާނެއެވެ.

(އ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި ފަސިންޖަރުންގެ ދާގީނާ ބަލައި ފާސްކުރަންވާނީ، ދާގީނާ ސްކޭންކުރާ މެށިނުން އެފަދަ އެއްޗެއް އެމީހެއްގެ ދާގީނާގައި ވާކަމަށް ދައްކައިފިނަމައެވެ.

(ވ) ދިވެހިރާއްޖެއަށް އެތެރެކުރެވޭ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް މި މާއްދާގެ (ހ) ގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއަކުން އަތުލުމަށްފަހ،ު އެއާމެދު އަމަލުކުރަންވާނީ، މި ގާނޫނުގެ 3-29 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކުރުމާއެކު، އެ މާއްދާގައި ބަޔާންކުރާ
ގޮތުގެމަތިންނެވެ.

 

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް އަތުލުމަށްފަހު އެ އާލާތްތައް ބެލެހެއްޓުމާއި ނައްތާލުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު 3-29.

(ހ) މި ގާނޫނުގެ 1-29 ވަނަ މާއްދާގެ ދަށުން ނުވަތަ 29-2 ވަނަ މާއްދާގެ ދަށުން އަތުލެވޭ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތަކާގުޅޭ އަންނަނިވި މައުލޫމާތ،ު އެ އެއްޗެއް އަތުލި ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު، ހަމަ އެ ތާރީހުގައި ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

  1. އެ އާލާތް އެފަރާތެއްގެ އަތުން އަތުލެވުނު ފަރާތުގެ މައުލޫމާތު؛ 
  2. އާލާތް އަތުލެވުނު ތާރީހާއި ތަނާއި ވަގުތު؛ 
  3. އަތުލެވުނު އާލާތުގެ ތަފްސީލު (އާލާތުގެ ބްރޭންޑް އަދި މޮޑެލް ހިމެނޭގޮތުން)؛
  4. އާލާތް އަތުލެވުނުއިރު އޭގެ ހާލަތުގެ ތަފްސީލު (ހުސް އާލާތްތޯ ނުވަތަ އާލާތުގެ ރީފިލް ކޮންޓެއިނަރާއި އެނޫންވެސް ބައިތައް ހިމެނޭނަމަ، އެ ތަފްސީލު)؛
  5. އާލާތް އަތުލުމުގެ ކުރިން މި ގާނޫނުގެ 1-29 ވަނަ މާއްދާއާއި 2-29 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ މައުލޫމާތާއި ދޭންޖެހޭ އިންޒާރު ދިނުމުގައި އަދި އާލާތް އަތުލުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރި ގޮތް؛
  6. އާލާތް އަތުލުމުގައި ބާރުގެ ބޭނުންކުރަން ޖެހުނުނަމަ އެކަން އަދި  ބާރުގެ ބޭނުންކުރި ގޮތުގެ ތަފްސީލު؛
  7. އާލާތް އަތުލުމަށްފަހު މި މާއްދާގެ (ށ) ގެ ދަށުން ކަމާބެހޭ ޑިޕާޓްމަންޓާ ހަވާލުކުރެވުނު ކަމާއި، ހަވާލުކުރެވުނު ވަގުތާއި ހަވާލުވި އޮފިސަރުގެ ނަމާއި ސަރވިސް ނަންބަރ.ު

(ށ) މި ގާނޫނުގެ 29-1 ވަނަ މާއްދާ ނުވަތަ 2-29 ވަނަ މާއްދާގެ ދަށުން އަތުލެވޭ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް އެ މާއްދާގައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހ،ު އެ އެއްޗެއް، އެ އެއްޗެއް އަތުލެވޭ ތާރީހުގައި، ގާނޫނާ ހިލާފަށް އަތުލެވޭ ތަކެތި ބެލެހެއްޓުމަށް ކަނޑައެޅިފައިވާ އެ އިދާރާއެއްގެ ކަމާބެހޭ ޑިޕާޓްމަންޓާ ހަވާލުކުރަންވާނެއެވެ.

(ނ) މި ގާނޫނުގެ 29-1 ވަނަ މާއްދާގެ ދަށުން ނުވަތަ 29-2 ވަނަ މާއްދާގެ ދަށުން އަތުލެވޭ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް އަތުލައި، ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށަށް ގެނައުމަށްފަހ،ު އެ އެއްޗެއް މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ނައްތާލެވެންދެން، އެ އެއްޗެއްގެ ޗެއިން އޮފް ކަސްޓަޑ،ީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާއިން ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތ،ި ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ އިދާރާއަކުން ނައްތާލަންވާނެއެވެ.

(ބ) ދަށުން އަތުލެވޭ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތަކާގުޅޭ މައުލޫމާތ،ު މި މާއްދާގެ (ހ) ގެ ދަށުން ލިޔުމުން ރިކޯޑުކުރުމުގެ އިތުރުން، އެފަދައިން އަތުލެވޭ އަދި ނައްތާލެވޭ އެއްޗެހީގެ ތަފާސްހިސާބ،ު މަދުވެގެން ކޮންމެ 45 (ސާޅީސްފަހެއް) ދުވަހަކުން އެއް ފަހަރު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގަވާއިދު ހަދާނީ، ފުލުހުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާ ގުޅޭގޮތުންނަމަ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާ ގުޅޭގޮތުންނަމަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ. 

 (ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ގޮތުމަތިން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެކުލަވާލާ ގަވާއިދުގައި ހިމެނޭ އު ސޫލުތަކާއި އިޖުރާއަތުތަކަކީ އެއް ހަމައަކުން ކަނޑައެޅޭ އުސޫލުތަކަކާއި އިޖުރާއަތުތަކެއްކަން އެ އިދާރާތަކުން ކަށަވަރުކުރަންވާނެއެވެ. އަދި އެ ގަވާއިދުގައި މަދުވެގެން އަންނަނިވި ކަންކަން ހިމެނެންވާނެއެވެ.

  1. އަތުލެވޭ އާލާތްތައް، ގާނޫނު ތަންފީޒުކުރާ އިދާރާގެ ކަމާބެހޭ އޮފިސަރުން އަތުލުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި، އެ އެއްޗެހި ކަމާބެހޭ ޑިޕާޓްމަންޓާ ހަވާލުކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތު؛
  2. އަތުލެވޭ އާލާތްތައް، ގާނޫނު ތަންފީޒުކުރާ އިދާރާގެ ކަމާބެހޭ ޑިޕާޓްމަންޓްގައި އެންޓްރީކުރުމާއި، އެ ޑިޕާޓްމަންޓުން އެހެން ތަނަކަށް ގެންދިޔުމާއި، ނައްތާލުމާ ހަމައަށް އަމަލުކުރާނެ ގޮތުގެ އިޖުރާއަތު ހިމެނޭހެން، އެފަދަ އާލާތްތަކުގެ ޗެއިން އޮފް ކަސްޓަޑީ ބަލަހައްޓާނެ ގޮތުގެ އިޖުރާއަތު؛ 
  3. )އަތުލެވޭ އާލާތްތައް ނައްތާލުމަށް ހުއްދަދޭ އޮފިސަރުގެ މައުލޫމާތު ރިކޯޑުކުރުން ހިމެނޭހެން، އެފަދަ އާލާތްތައް ނައްތާލުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތު؛
  4. އަތުލެވޭ އަދި ނައްތާލެވޭ އާލާތްތަކުގެ ރިކޯޑު ބެލެހެއްޓުމާގުޅޭ އުސޫލުތަކާއި މި ގާނޫނުގެ ދަށުން ކަމާބެހޭ މައުލޫމާތު ހާމަކުރުމުގެ އިޖުރާއަތ.ު

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ގަވާއިދު ހެދުން 1-41 މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދާނީ މިނިސްޓްރީންނެވެ.

 

14 ވަނަ މާއްދާ - ނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ހހ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

)ހށ( "ދުންފަތުގެ ބާވަތެއް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ވިއްކުމަށް ނުވަތަ އެނޫންވެސް ގޮތަކުން ވިޔަފާރި އުސޫލުން ފޯރުކޮށްދިނުމަށްޓަކައި ދުންފަތުގެ ބާވަތެއް އުފެއްދުމަށެވެ. މި މާނަކުރުމުގައި "އުފެއްދުން" މި ލަފްޒު ބޭނުންކޮށްފައި އެވަނީ، "ޕްރޮޑަކްށަން" ގެ މާނައިގައެވެ. އަދި މި މާނަކުރުމުގައި، އަމިއްލަ ފަރުދަކު ދުންފަތުގެ ބާވަތެއް އިސްތިއުމާލުކުރުމަށްޓަކައި އެ ތައްޔާރުކުރުމަށް އޭނާ އަމިއްލައަށް ކުރާ ކަންކަމެއް ނުހިމެނެއެވެ.  

(ހނ) "ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައިވާ މެށިނަރީއާއި އާލާތްތައް" ކަމަށް ބުނެފައި އެވަނީ، "ދުންފަތުގެ އުފެއްދުން" ކަމަށްމި ގާނޫނުގައި ބަޔާންކުރާ އެއްޗެއް އުފެއްދުމަށްޓަކައި، ދުންފަތުގެބާވަތްތައް ޕްރޮސެސްކޮށް ތައްޔާރުކުރުމުގެ މަރުހަލާތަކުގައި ބޭނުންކުރުމަށްފަރުމާކޮށް، ވިއްކުމަށް ބާޒާރަށް ނެރެފައިވ،ާ އަދި ހަމައެކަނި އެ ބޭނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވ،ާ މެކޭނިކަލް ނުވަތަ އޮޓޮމެޓިކް މެށިނަރީއާއި އާލާތްތަކަށެވެ. އޭގެ ތެރޭގައި، ދުންފަތް އޮމާންކުރުމަށް ނުވަތަ ދުންފަތުގެ ފަތަށް އެޑިޓިވްސް އެޅުމަށް ބޭނުންކުރާ އާލާތްތަކާއި، ދުންފަތުގެ ފަތްތަކުގެ ކަނޑޫތައް ނައްތާލުމަށް ބޭނުންކުރާ މެށިނަރީއާއި، އިތުރަށް ޕްރޮސެސްކުރުމަށްޓަކައި ފަތްތައް ކުދިކުދިކޮށް ކޮށުމަށް ބޭނުންކުރާ އާލާތްތަކާއި، ދުންފަތުގެ ތެތްކަމުގެ މިންވަރު ދަށްކުރުމަށް ބޭނުންކުރާ މެށިނަރީއާއި، ދުންފަތުގެ ވަސް ނުވަތަ ރަހަ އިތުރުކުރުމަށް ފްލޭވަރ ނުވަތަ އެޑިޓިވްސް އެޅުމަށްޓަކައި ބޭނުންކުރާ މެށިނަރީއާއި، ދުންފަތުގެ ބާވަތްތައް ޕެކްކުރުމަށް ބޭނުންކުރާ މެށިނާއި އިކުއިޕްމަންޓާއި، ދުންފަތުގެ އިސްތިއުމާލުކުރުމަށްޓަކައި، ދުންފަތް އޮޅާ ކަރުދާހަށް ދުންފަތް އެޅުމަށްފަހު އެ އޮޅައި، ސިނގިރޭޓެއް ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް، ޕެކްކުރާ މެށިނަރީވެސް ހިމެނެއެވެ. މި މާނައިގެ ތެރޭގައި، ދިވެހިރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް އަންނަ ފަސިންޖަރުން އެމީހުންގެ އަމިއްލަ ބޭނުމަށް ގެންނ،ަ އަމިއްލަ ބޭނުމަށް ބޭނުންކުރުމަށް އުފައްދާފައި ހުންނަ އާލާތްތަކެއް ނުހިމެނެއެވެ.

 

15 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ. 

 

މައި ގާނޫނު

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2010-15)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2010-15)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު