-

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2020-05)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

ފުރަތަމަ ބާބު

ތައާރަފާއި ފެށުން

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ފަސްވަނަ ބާބުގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުގައި ގާއިމުކުރާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެ ގޮތުގެ ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވައިލައިފައިވަނީ ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ބ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

(ނ) މި ގަވާއިދަކީ "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ސެކްރެޓޭރިއަޓް ގާއިމުކޮށް ހިންގުމުގައި އިދާރީގޮތުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ފުރިހަމަ މިނިވަންކަމާއެކު އަދާކުރުމަށް މަގުފަހިކޮށްދިނުން.

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތަކުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކުރުން.

(ރ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެ ޔުނިޓަށް ގާނޫނީގޮތުން ލިބިދޭ ބާރުތަކާއި ހިމާޔަތް ބަޔާންކުރުން.

 

 

ދެވަނަ ބާބު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ސެކްރެޓޭރިއަޓް ގާއިމުކުރުމާއި ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް

 

3 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ގާއިމުކުރުން

ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމާއެކު، "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު" ގެ ނަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަނޑައަޅައިފައިވާ ހިއުމަން ރައިޓްސް ކޮމިށަނުގައި ޔުނިޓެއް އުފައްދަންވާނެއެވެ.

 

4 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތް ރޭވިފައިވާ ގޮތް

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަކީ، އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ޔުނިޓެކެވެ. (އިސްލާހު ކުރެވިފައި)

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ސީދާ ޖަވާބުދާރީވާންޖެހޭނެ ފަރާތެކެވެ. (އިސްލާހު ކުރެވިފައި)

(ނ) (އިސްލާހު ކުރެވި / އުނި ކުރެވިފައި)

 

5 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތައް އިދާރީގޮތުން ހިނގަމުންދާގޮތް ކޮމިށަނުން މޮނިޓަރކުރުން (އިސްލާހު1 / އިސްލާހު2 / އުނި ކުރެވިފައި)

 

6 ވަނަ މާއްދާ - ބަޖެޓް ހަމަޖައްސައިދިނުން

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ، ހިއުމަން ރައިޓްސް ކޮމިށަނުގެ ބަޖެޓުގެ ތެރެއިން ހަމަޖައްސައިދޭންވާނެއެވެ.

(ށ) ހިއުމަން ރައިޓްސް ކޮމިށަނުގެ ބަޖެޓް ކޮންމެ އަހަރަކު ތައްޔާރުކުރުމުގެ މަރުހަލާގެ ތެރޭގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަށްވަރާގެ މަތިން އެ ޔުނިޓުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ވަކިން ހިމަނައި، ކޮމިށަނުގެ ބަޖެޓް، ދައުލަތުގެ މާލީ ކަންކަން ބަލަހައްޓާ ވުޒާރާއަށް ފޮނުވަންވާނެއެވެ.

(ނ) (އުނި ކުރެވިފައި)

 

7 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ

(ހ) ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާގެ ގޮތުގައި ކޮމިށަނުގެ މެންބަރުންގެ ތެރެއިން މެންބަރަކު، ހިއުމަން ރައިޓްސް ކޮމިށަނުން އައްޔަނުކުރަންވާނެއެވެ. (އިސްލާހު1 އިސްލާހު2 ކުރެވިފައި)

(ށ) ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ގާނޫނީ ހައިސިއްޔަތު ބަޔާންކޮށްފައި ނުވާތީއާއި، އެ ޔުނިޓަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބުމުގެ ބާރު ލިބިފައިވ،ާ މިނިވަން ގާނޫނީ ށަހްޞެއް ކަމުގައި ބަޔާންކޮށްފައި ނުވާތ،ީ އެ ގާނޫނުގެ ބެލެނިވެރި ފަރާތަކީ ހިއުމަން ރައިޓްސް ކޮމިށަން ކަމުގައި ވީ ހިނދު، އަދި ގާނޫނު ނަންބަރު 2006-06 (ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) ގެ 19 ވަނަ މާއްދާގައި ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ކޮމިށަނުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެ ކަމަކަށް ލިބިގެން ކަމުގައި ބަޔާންކޮށްފައިވާތ،ީ ޔުނިޓަށް އައްޔަނުކުރާ އިސްވެރިޔާއަކީ ކޮމިށަނުގެ މެންބަރެއް ކަމުގައި ވީ ނަމަވެސް އަދި މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، ކޮމިށަނުގެ މެންބަރަށް ޔުނިޓާ ގުޅިގެން އެއްވެސް ކަމެއް ނިންމޭނީ އަދި ޔުނިޓުގެ މަސައްކަތާ ގުޅިގެން ޖަވާބުދާރީވާން ޖެހިއްޖެ ހާލަތެއްގައި ޖަވާބުދާރީވާން ޖެހޭނީ، ކޮމިށަނުގެ ގާނޫނުން ތަޞައްވުރުކުރާ ކޮމިށަނުގެ މެންބަރުންގެ ޖަމާއީ ވާޖިބުތަކާއި ކޮމިށަނުގެ ގާނޫނުގައި ކަނޑައަޅައިފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. (އިސްލާހު1 / އިސްލާހު2 / އިސްލާހު3 ކުރެވިފައި) 

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ. (އިތުރު ކުރެވި އިސްލާހު1 / އިސްލާހު2 / އިސްލާހު3 ކުރެވިފައި) (ނޯޓް: މި މާއްދާގެ (ނ) ދެފަހަރު ގެނެވިފައިވޭ)

  1. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން؛
  2. ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހަވާލުކޮށްފައިވާ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް، ހިންގުން؛
  3. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގުމާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުން؛
  4. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އަހަރީ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވުން. 

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ ނެތް ހާލަތެއް ދިމާވެއްޖެ ނަމަ, ޔުނިޓުގެ އިސްވެރިޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނެ، ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރަކު، ކޮމިށަނުން ކަނޑައަޅާންވާނެއެވެ. (އިތުރު ކުރެވިފައި) (ނޯޓް: މި މާއްދާގެ (ނ) ދެފަހަރު ގެނެވިފައިވޭ)

(ރ) (އުނި ކުރެވިފައި)

(ބ) (އިތުރު ކުރެވި / އުނި ކުރެވިފައި)

 

8 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުން 

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިދާރީ އޮނިގަނޑު ބިނާވަނީ، ޑިރެކްޓަރ ޖެނެރަލްއަކާއި، އެސިސްޓެންޓް ޑިރެކްޓަރުންނާއި، ސީނިއަރ އޮފިސަރުންނާއި، އޮފިސަރުންނާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ މައްޗަށެވެ. (އިސްލާހު ކުރެވިފައި)

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުން އައްޔަނުކޮށް ވަކިކުރާނީ، ހިއުމަން ރައިޓްސް ކޮމިށަނުންނެވެ. (އިސްލާހު ކުރެވިފައި)

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންނަކީ ހިއުމަން ރައިޓްސް ކޮމިށަނުގެ މުވައްޒަފުންނެވެ. އަދި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ކަންކަމުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 2006-06 (ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) އާއި، މުވައްޒަފުންނާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިށަނުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. (އިތުރު ކުރެވި / އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ރ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންގެ ތެރޭގައި އަންނަނިވި ދާއިރާތަކުގެ މުވައްޒަފުން ހިމަނަން އިސްކަން ދޭންވާނެއެވެ. (އިތުރު / އިސްލާހު ކުރެވިފައި)

  1. ގާނޫނީ ދާއިރާ؛
  2. އިންޓަރނޭށަނަލް ލޯގެ ދާއިރާ؛
  3. ޞިއްހީ ދާއިރާ؛
  4. ތިމާވެށި ރައްކައުތެރިކުރުމުގެ ދާއިރާ؛
  5. އެކައުންޓިންގއާއި އޮޑިޓިންގގެ ދާއިރާތައް؛
  6. އިންވެސްޓިގޭށަން ދާއިރާ.

(ބ) އަންނަނިވި މަސްއޫލިއްޔަތުތައް އަދާކުރަން، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މުވައްޒަފަކު އައްޔަނު ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

  1. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ވިލަރެސްކުރުމާއި، ޔުނިޓަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި ޔުނިޓުގެ އިސްވެރިޔާއަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުން؛
  2. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގުރާމުތައް، އިސްވެރިޔާގެ ލަފާގެ މަތީން ރާވައި ހިންގުމުގައި މުވައްޒަފުންނަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުން؛
  3. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޔުނިޓުގެ އިހްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލަތައް، ޔުނިޓުގެ އިސްވެރިޔާގެ ލަފާގެ މަތީން އިންވެސްޓިގޭށަން އޮފިސަރުންނާ ހަވާލުކުރުން؛
  4. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިޞްލާހުތައް، ޔުނިޓުގެ އިސްވެރިޔާގެ ލަފާގެ މަތީން ގެނައުން؛
  5. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އަހަރީ ރިޕޯޓު ނިންމުމުގައި މުވައްޒަފުންނާއެކު މަސައްކަތްކުރުން؛
  6. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންނަށް މަސައްކަތްތައް ހަވާލުކުރުމާއި، ސުޕަވައިޒްކުރުމާއި، މަސައްކަތުގެ ފެންވަރު ބަލަމުންދިއުން.

 

9 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހެޅޭ ލިޔެކިޔުންތަކުގެ އެންޓްރީ (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އޮފީހާއި، އެ އޮފީހުގެ އެންމެހައި ލިޔެކިއުންތަކާއި ތަކެތި ބަލަހައްޓަންވާނީ ހިއުމަން ރައިޓްސް ކޮމިށަނުގެ އެހެން ޑިޕާޓްމަންޓުތަކާ ވަކިންނެވެ. 

 

10 ވަނަ މާއްދާ - މައްސަލައާއި ލިޔެކިޔުންތައް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ވަކިން ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހެޅޭ މައްސަލަތަކާއި މައުލޫމާތުތައް އެންޓްރީވާންވާނީ ހިއުމަން ރައިޓްސް ކޮމިށަނުގެ އެންޓްރީއާ ވަކިން ގާއިމުކުރެވޭ އެންޓްރީ ނިޒާމެއްގެ ތެރެއިންނެވެ. އަދި މި ޔުނިޓުގެ ލިޔެކިޔުންތަކަށް ޔުނިޓުގެ އިސްވެރިޔާއާއި ޔުނިޓުގެ މުވައްޒަފުން ފިޔަވައި އެހެން ފަރާތަކަށް އެކްސެސް ދީގެން ނުވާނެއެވެ.

 

 

ތިންވަނަ ބާބު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތަކުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް

 

11 ވަނަ މާއްދާ - ނުފޫޒެއްނެތި މިނިވަންކަމާއެކު މަސައްކަތްކުރުން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަކީ ވަކި ފަރާތަކަށް ބުރަނުވާ މިނިވަން ޔުނިޓެކެވެ. ޔުނިޓުގެ މަސައްކަތްތައް ކުރަންވާނީ އެއްވެސް ފަރާތަކަށް ބުރަވުމެއްނެތި، ތައައްސުބުން އެއްކިބާވެ ތިބެގެންނެވެ.

 

12 ވަނަ މާއްދާ - ކޮރަޕްށަން ނުވަތަ ރިށްވަތުގެ އަމަލުތަކުން ދުރުވުން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއާއި އެންމެހައި މުވައްޒަފުން، ކޮރަޕްށަނުގެ އަމަލުތަކުން ނުވަތަ ރިށްވަތުގެ އަމަލުތަކުން ދުރުހެލިވާންވާނެއެވެ. އަދި މިފަދަ ހުށަހެޅުމެއް ހުށަހެޅިއްޖެ ނަމަ، އެކަން ކޮމިށަނުގެ ސަމާލުކަމަށް ގެންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

13 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފަރާތްތަކަށް އިހުތިރާމާއެކު މުއާމަލާތުކުރުން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް މައްސަލައެއް ހުށަހަޅާ ފަރާތަކަށް ނުވަތަ މައުލޫމާތެއް ދޭ ފަރާތްތަކާމެދު މުއާމަލާތުކުރަންވާނީ އިހުތިރާމާއެކުގައެވެ. އަދި މައްސަލައެއް ނުވަތަ ށަކުވާއެއް ހުށަހަޅާ އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކޮށް ނުވަތަ ބިރުދައްކައި ނުވަތަ އެނޫންވެސް ދެރަގޮތެއް ދިމާވާނެ ގޮތަކަށް މުއާމަލާތު ކޮށްގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - ފެންވަރު ރަނގަޅު މަސައްކަތްކުރުން

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ކުރާ މަސައްކަތްތަކަކީ ތައުލީމީގޮތުންނާއި އިދާރީގޮތުން ފެންވަރު ރަނގަޅު، ޕްރޮފެށަނަލް މަސައްކަތްތަކަކަށް ވާންވާނެއެވެ.

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންނަކީ ތައުލީމީގޮތުންނާއި އިދާރީގޮތުން ފެންވަރު ރަނގަޅު މަސައްކަތްކުރެވޭނެ ބަޔަކަށް ވާންވާނެއެވެ. އަދި އެ ޔުނިޓުގެ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ އިތުރު ތައުލީމާއި ތަމްރީނު ލިބޭނެ އިންތިޒާމްތައް ހިއުމަން ރައިޓްސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.

 

15 ވަނަ މާއްދާ - މަސްލަހަތު ފުށުނޭރުން

(ހ) އަދާކުރާ ވަޒީފާއެއްގެ ސަބަބުން ނުވަތަ ކުރާ މަސައްކަތެއްގެ ސަބަބުން ނުވަތަ ހިންގާ ހަރަކާތެއްގެ ސަބަބުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ވަޒީފާ މިނިވަންކަމާއެކު އަދާކުރަން ހުރަސްއެޅޭ ނަމަ, އެފަދަ ވަޒީފާއެއްގައި ނުވަތަ މަސައްކަތެއްގައި ނުވަތަ ހަރަކާތެއްގައި، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފަކު ބައިވެރިވެގެންނުވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފެއްގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހުށަހެޅިއްޖެ ނަމަ ނުވަތަ އެފަދަ މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ, އެ ޔުނިޓުގެ އިސްވެރިޔާއާ އެކަމުގެ މައުލޫމާތު ހިއްސާކޮށް، އެ ފަރާތަކުން އެ މައްސަލައަކުން ނުވަތަ އެ މަސައްކަތަކުން ވަގުތުން ތަނާޛުލްވާންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) (އުނި ކުރެވިފައި)

(ރ) (އުނި ކުރެވިފައި) 

 

16 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއާއި މުވައްޒަފުންނާއި އެ ޔުނިޓުގެ މަސައްކަތްތަކުގައި ހަރަކާތެރިވާ މާހިރުންނާއި ކޮންސަލްޓަންޓުންނާއި އެ ޔުނިޓުގެ މައުލޫމާތު ބޭނުންކުރުމުގެ ހުއްދަ އޮންނަ އެނޫން ކޮންމެ ފަރާތަކުން، އެ ފަރާތްތަކުގެ ވާޖިބުތައް އަދާކުރުމުގައި ލިބޭ ސިއްރު މައުލޫމާތު ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މައުލޫމާތު އެ ފަރާތްތަކުގެ ވާޖިބު އަދާކޮށް ނިމުމަށްފަހުގައިވެސް ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ. އެ ފަރާތްތަކަށް ލިބޭ އެފަދަ މައުލޫމާތު ބޭނުންކުރަންވާނީ ހަމައެކަނި ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން އާންމުކުރާ މައުލޫމާތާއި ދިރާސާތަކުގެ ހޯދުންތަކާއި، ތަފާސްހިސާބުތަކަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިއްރު މައުލޫމާތުގެ ގޮތުގައެއް ނުބެލެވޭނެއެވެ.

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް މައްސަލަ ހުށަހަޅާ ފަރާތްތަކުގެ ވަނަވަރާއި އެއީ ކޮން ފަރާތެއްކަން އެނގޭނެފަދަ މައުލޫމާތަކީ، މައްސަލަ ހުށަހަޅާ ފަރާތްތަކުން އެކަން އާންމުކުރަން ބޭނުންނުވާހައި ހިނދަކު ސިއްރު މައުލޫމާތުގެ ގޮތުގައި ބެލެވޭނެއެވެ.

 

17 ވަނަ މާއްދާ - ވިސްލްބްލޯކުރާ ފަރާތުގެ މައުލޫމާތު ސިއްރުކުރުން

ވިސްލްބްލޯކުރުމާއެކު ވިސްލްބްލޯކުރާ ފަރާތުގެ އަންނަނިވި މައުލޫމާތު، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ސިއްރުކުރަންވާނެއެވެ. އަދި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއާއި އެ ޔުނިޓުގެ މުވައްޒަފުން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް މި މައުލޫމާތުތައް ހިއްސާކޮށްގެން ނުވާނެއެވެ.

(ހ) ވިސްލްބްލޯކުރާ ފަރާތުގެ ޒާތީ އެންމެހައި މައުލޫމާތު:

  1. ވިސްލްބްލޯކުރާ ފަރާތުގެ ފުރިހަމަ ނަމާއި އާންމު ނަން؛
  2. ވިސްލްބްލޯކުރާ ފަރާތުގެ ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެސް؛
  3. ވިސްލްބްލޯކުރާ ފަރާތުގެ އުމުރު؛
  4. ވިސްލްބްލޯކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  5. ވިސްލްބްލޯކުރާ ފަރާތުގެ ކާކުކަން އަންގައިދޭ ލިޔެކިޔުމެއްގެ ނަންބަރު؛

(ށ) ވިސްލްބްލޯކުރާ ފަރާތުގެ އާއިލާއާބެހޭ މައުލޫމާތު؛

(ނ) ވިސްލްބްލޯކުރާ ފަރާތް ވަޒީފާ އަދާކުރާ ތަން، ނުވަތަ އޮފީސް، ނުވަތަ ބްރާންޗް އަދި ވިސްލްބްލޯކުރާ ފަރާތުގެ މަގާމު؛

(ރ) ވިސްލްބްލޯކުރާ ފަރާތާ މުވާސަލާތީގޮތުން ގުޅޭނެ ގޮތާއި، ފޯނު ނަންބަރުތަކާއި، އިލެކްޓްރޯނިކް މެސެޖް ނުވަތަ މެއިލް އެޑްރެސް އަދި މި ނޫނަސް އިންޓަރނެޓް މެދުވެރިކޮށް އެ ފަރާތަކާ ގުޅޭނެ ގޮތްތައް؛

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުންވެސް ވިސްލްބްލޯކުރާ ފަރާތުގެ ށަހްސު ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް.

 

 

ހަތަރުވަނަ ބާބު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ލިބިދޭ ބާރުތަކާއި ހިމާޔަތް

 

18 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

"ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު" އަކީ އަންނަނިވި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ ޔުނިޓެކެވެ.

(ހ) މައުލޫމާތު ހުށަހެޅޭނެ އިންތިޒާމްތައް ގާއިމުކުރުން؛

(ށ) މައުލޫމާތު ހުށަހެޅުމުން މައުލޫމާތު ބަލައިގަތުން؛

(ނ) މައުލޫމާތު ހުށަހަޅާ ފަރާތުގެ ވަނަވަރާއި އެހެނިހެން ޒާތީ މައުލޫމާތު ސިއްރުކުރުން؛

(ރ) މައުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ކުރުން؛

(ބ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ގާނޫނަކުން ވަކި އިދާރާއަކަށް ތަހުގީގުކުރުމުގެ އިހްތިސާސް ދީފައިވާ މައްސަލައެއްވާނަމަ، އެ ކަމެއް ތަހުގީގުކުރުމަށް އެ އިދާރާއަކަށް ފޮނުވުން؛

(ޅ) ވިސްލްބްލޯކުރުމުން ބަދަލު ހިފުމާ ގުޅޭގޮތުން ހުށަހެޅޭ މައުލޫމާތު ވިސްލްބްލޯކޮށްގެން ހުށަހަޅާ އާންމު އެހެނިހެން މައުލޫމާތާ އެއް އުސޫލަކުން ތަހުގީގުކުރުން؛

(ކ) ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކައުތެރިކަން ލިބިދޭންޖެހޭކަމަށް ފެންނަ ހާލަތްތަކުގައި ދައުލަތުގެ ސަލާމަތީ ހިދުމަތުން ސަލާމަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށް އެންގުން؛

(އ) ދައުލަތުގެ އިދާރާތަކުގައި ވިސްލްބްލޯކުރުމުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖައްސައި، އެ އިންތިޒާމުތައް ހިނގަމުންދާގޮތް މޮނިޓަރކުރުން؛

(ވ) ވިސްލްބްލޯކުރުމުގެ މުހިންމުކަމާއި، ވިސްލްބްލޯކުރާ ފަރާތްތަކަށް ގާނޫނީގޮތުން ލިބިދީފައިވާ ރައްކައުތެރިކަމާއި ހައްގުތަކަށް އިދާރާތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމްއިއްޔާތަކާއި އާންމުން ހޭލުންތެރިކުރުވުން؛

(މ) ވިސްލްބްލޯކުރުމުގެ ހައްގާއި ވިސްލްބްލޯކުރުމުން ބަދަލުހިފުމުން ރައްކައުތެރިކަން ލިބުމުގެ ހައްގާ ގުޅޭގޮތުން ދިރާސާތައްކޮށް، ދިރާސާތަކުގެ ހޯދުންތައް އާންމުކުރުން؛

(ފ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އަހަރީ ރިޕޯޓު، ކޮންމެ މީލާދީ އަހަރެއްގެ ފެބުރުވަރީ މަހުގެ ފުރަތަމަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވުން.

(ދ) މި މާއްދާގެ (ހ) އިން ފެށިގެން (ފ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ އިތުރުންވެސް، ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިތުރު ގާނޫނަކުން ނުވަތަ ގާނޫނުތަކަކުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓާ ހަވާލުކުރާ މަސައްކަތްތައް.

 

19 ވަނަ މާއްދާ - ހިއުމަން ރައިޓްސް ކޮމިށަނަށް ލިބިދީފައިވާ ބާރުތައް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިދިނުން

ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި ހިއުމަން ރައިޓްސް ކޮމިށަނުގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ގާއިމުކުރަންވާނެކަމަށް ބަޔާންކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 192 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 2006-06 (ހިއުމަން ރައިޓްސް ކޮމިށަންގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ބާރުތައް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންނަށް އިންޒާރުދިނުމާއި ބިރުދެއްކުން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އެއްވެސް މުވައްޒަފަކަށް އެއްވެސް ފަރާތަކުން އިންޒާރުދިނުމަކީ ނުވަތަ ބިރުދެއްކުމަކީ ނުވަތަ އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 511 މާއްދާގެ ދަށުން ކުށެކެވެ.

 

21 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިދޭ ހިމާޔަތްތެރިކަން

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ޔުނިޓަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެ މަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ޔުނިޓުގެ އިސްވެރިޔާ ނުވަތަ ޔުނިޓުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނޫފުލޭނެއެވެ.

 

ފަސްވަނަ ބާބު

އެހެނިހެން

 

22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ހިއުމަން ރައިޓްސް ކޮމިށަނުން މި ގަވާއިދު ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް އާންމުކުރާ ތާރީހުން ފެށިގެންނެވެ.

 

23 ވަނަ މާއްދާ - ޖަދުވަލަކީ ގަވާއިދުގެ ބައެއް ކަމުގައި ކަނޑައެޅުން (އުނި ކުރެވިފައި) 

 

24 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަޒުފުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހިއުމަން ރައިޓްސް ކޮމިށަން" ނުވަތަ "ކޮމިށަން" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 189 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށެވެ.

(ށ) "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް" ނުވަތަ "ޔުނިޓް" ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުގައި ގާއިމުކުރުން ލާޒިމްކޮށްފައިވާ ޔުނިޓަށެވެ.

(ނ) "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ސެކްރެޓޭރިއަޓް" ކަމުގައި ބުނެފައިވަނީ، ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ބ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުން ގާއިމުކޮށްދިނުމަށް ލާޒިމްކޮށްފައިވާ އިދާރީ އިންތިޒާމްތަކަށެވެ.

(ރ) "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ" ނުވަތަ "އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2006-06) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 5 (ފަހެއް) މެންބަރުންގެ ތެރެއިން ހިއުމަން ރައިޓްސް ކޮމިށަނުން ކަނޑައަޅާ މެންބަރަށެވެ. (އިސްލާހު ކުރެވިފައި) 

(ބ) "ވިސްލްވްބްލޯކުރުން" ކަމުގައި ބުނެފައިވަނީ، ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ އިދާރާއެއް ނުވަތަ އަމިއްލަ ފަރާތަކުން އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ނޭދެވޭ އަމަލެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެކަމުގެ މައުލޫމާތު ހުށަހެޅުމަށެވެ.

(ޅ) "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުން" ނުވަތަ "ޔުނިޓުގެ މުވައްޒަފުން" ކަމުގައި ބުނެފައިވަނީ، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭގޮތަށެވެ.

 

 

ޖަދުވަލު 1 (އުނި ކުރެވިފައި) 

 

 

މައި ގަވާއިދު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-05)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މައި ގާނޫނު

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-16)

ކިޔުންތެރިންގެ ހިޔާލު