ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2019-16)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، މި ގާނޫނުގައި ނޭދެވޭ އަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާފަދަ ކަމަކާ ގުޅޭ މައުލޫމާތު ހުށަހެޅުމުގައި، ނުވަތަ ވިސްލްބްލޯކުރުމުގައި، އަމަލުކުރާނެ އުސޫލުތަކާއި، ވިސްލްބްލޯކުރާ ފަރާތަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި، ވިސްލްބްލޯކޮށްގެން މައުލޫމާތު ހުށަހެޅުމުން މައުލޫމާތު ބަލައިގަންނަ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، ނޭދެވޭ އަމަލުތައް ހުއްޓުވައި، ދެފުށް ފެންނަ، ޖަވާބުދާރީވަނިވި، ނަޒާހަތްތެރި ސަގާފަތެއް އަށަގެންނެވުމަށް ބޭނުންވާނެ އެހެނިހެން އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި، ވިސްލްބްލޯކުރާނެ ނިޒާމެއް އެކަށައަޅައި، ވިސްލްބްލޯކުރުމަށް ހިތްވަރު ދިނުން؛
(ށ) ވިސްލްބްލޯކުރުމުން ލިބޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަހްގީގުކޮށް، ފިޔަވަޅު އެޅުން؛
(ނ) ވިސްލްބްލޯކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން؛
(ރ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ ނޭދެވޭ އަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށްފެންނަ، ނަޒާހަތްތެރި ސަގާފަތެއް ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ކިބައިގައި އަށަގެންނެވުން؛
(ބ) މި ގާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކުގެ ބޭނުން އެކަށީގެންވާ ޒިންމާދާރު ގޮތެއްގައި ހިފުމާއި، މި ގާނޫނުގައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއެޅުން.
އެއްވަނަ ބާބު
ފެށުން
3 ވަނަ މާއްދާ - ވިސްލްބްލޯކުރުން
ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދައުލަތުގެ އިދާރާއެއް ނުވަތަ އަމިއްލަ ފަރާތަކުން ތިރީގައި ބަޔާންކޮށްފައިވާފަދަ ނޭދެވޭ އަމަލެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެކަމުގެ މައުލޫމާތު، ހުށަހެޅުމަކީ ވިސްލްބްލޯކުރުމެވެ.
(ހ) ގާނޫނީ ޒިންމާއެއް އަދާނުކުރުން؛
(ށ) އިންސާނީ ހައްގަކާ ހިލާފު އަމަލެއް ކުރުން؛
(ނ) ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފުކަމެއް ކުރުން؛
(ރ) ކޮރަޕްށަން؛
(ބ) އާންމު ސިއްހަތަށް ނުވަތަ އާންމު ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވާ ފަދަ ކަމެއްކުރުން؛
(ޅ) ތިމާވެއްޓަށް ނުރައްކަލެއް ކުރިމަތިވާ ފަދަ ކަމެއްކުރުން؛
(ކ) ދައުލަތުގެ މަގާމުގެ ނަހަމަ ބޭނުންކުރުން؛
(އ) އަދުލު އިންސާފަށް ހުރަސްއެޅުމުގެ އަމަލެއް ކުރުން ނުވަތަ 'މިސްކެރިޖް އޮފް ޖަސްޓިސް' ގެ އަމަލެއް ކުރުން ؛
(ވ) ދައުލަތުގެ ވަސީލަތެއް ބޭކާރުކުރުން ނުވަތަ ބޭނުންކުރުމުގައި އިހުމާލުވުން؛
(މ) ޖިނާއީ ނުވަތަ އިދާރީ ކުށެއްކަމަށް ގާނޫނެއްގައި ބަޔާންކޮށްފައިވާ ކޮންމެ ކަމެއް ކުރުން؛
(ފ) ވިސްލްބްލޯކުރުމުން ބަދަލުހިފުން ؛ އަދި
(ދ) މި މާއްދާގެ (ހ) އިން ފެށިގެން (ށ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމުންކުރެ ކަމެއް ފޮރުވުމުގެ ގޮތުން ގަސްދުގައި ކުރާ އެއްވެސް ކަމެއް.
4 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ
ދިވެހިރާއްޖޭގައި ހިނގާ ކަންތައްތަކުގެ އިތުރުން، މައުލޫމާތު ރައްދުވާ ފަރާތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ކަންތައްތަކުގެ މައުލޫމާތުވެސް މި ގާނޫނުގެ ދަށުން ހުށަހެޅިދާނެއެވެ.
5 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅޭނެ ގޮތް
މި ގާނޫނުގައި މައުލޫމާތު ބަލައިގަންނަ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތަކަށް އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިކޮށް މައުލޫމާތު ހުށަހެޅިދާނެއެވެ.
(ހ) ސިޓީން؛
(ށ) ފެކްސް މެސެޖުން؛
(ނ) ފޯނު ކޯލުން؛
(ރ) އިންޓަރނެޓް މެދުވެރިކޮށް؛
(ބ) އެސްއެމްއެސް ނުވަތަ އެމްއެމްއެސް މެދުވެރިކޮށް؛
(ޅ) އިލެކްޓްރޯނިކް މެއިލް ނުވަތަ އިލެކްޓްރޯނިކް މެސެޖުން؛
(ކ) އޯޑިއޯ ފައިލުން؛
(އ) ވީޑިއޯ ކްލިޕްއަކުން؛
(ވ) ހާޒިރުވެ ހުރެގެން.
6 ވަނަ މާއްދާ - ވިސްލްބްލޯކުރެވިދާނެ ފަރާތްތައް
(ހ) ތިރީގައި ބަޔާންކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ވިސްލްބްލޯކުރުމުގެ ހައްގު ލިބިގެންވެއެވެ.
- ދައުލަތުގެ މުވައްޒަފެއް؛
- އަމިއްލަ ފަރާތެއްގެ މުވައްޒަފެއް؛
- އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ، ގާނޫނީ އެއްވެސް ށަހްސެއް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުވައްޒަފުންގެ މާނައިގައި ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންނާއި، ކޮންޓްރެކްޓް ނުވަތަ ޕްރޮޖެކްޓް އުސޫލުން މަސައްކަތްކުރާ ފަރާތްތަކާއި، ނުވަތަ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އެއްވެސް މާނައެއްގައި އެ ފަރާތުގެ މުވައްޒަފެއްގެ ގޮތުގައި ބެލެވޭ، ނުވަތަ އެއިން އެއްވެސް ހައިސިއްޔަތެއްގައި ތިބި ފަރާތްތަކުގެ ތެރެއިން ވަޒީފާއިން ވަކިވިތާ 2 (ދޭއް) އަހަރު ނުވާ ކޮންމެ މީހެއް ނުވަތަ ފަރާތެއް ހިމެނޭނެއެވެ.
(ނ) ވިސްލްބްލޯކުރުމުގެ ހައްގު ލިބިގެންވާ ކޮންމެ ފަރާތަކަށްވެސް އެއީ ކޮން ފަރާތެއްކަން ނޭނގޭ ގޮތަށް މައުލޫމާތު ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ. މިގޮތަށް ހުށަހަޅާ މައުލޫމާތެއްގައި މައުލޫމާތުގެ އަސާސް އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައިނުވާ ހާލަތުގައި މެނުވީ، މައުލޫމާތު ބަލައިގަނެ، ތަހްގީގުކުރަންވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ހިމާޔަތް ލިބޭ ހާލަތެއްގައި އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުންވެސް ހިމާޔަތް ލިބޭނަމަ، ވިސްލްބްލޯކުރާ ފަރާތުން އިހްތިޔާރުކުރާ ނިޒާމެއްގެ ތެރެއިން އެ މައްސަލައެއް ކުރިއަށް ގެންދިއުމަކަށް މި ގާނޫނުން ހުރަހެއް ނާޅާނެއެވެ. އަދި، އެފަދަ އެހެން ނިޒާމަކަށް މައުލޫމާތު ހުށަހެޅުމަކީ މި ގާނޫނުގެ ދަށުން މައުލޫމާތު ހުށަހެޅުމުގެ ހައްގަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫނެވެ.
(ބ) މައުލޫމާތު ބިނާކޮށްފައިވާ ހާދިސާ ހިނގާ ތާރީހުން ފެށިގެން ގިނަވެގެން 2 ( ދޭއް) އަހަރު ދުވަހުގެ ތެރޭގައި ވިސްލްބްލޯކުރާ ފަރާތުން މައުލޫމާތު ބަލައިގަންނަ ފަރާތަށް އެ މައުލޫމާތު ހުށަހަޅަންވާނެއެވެ.
7 ވަނަ މާއްދާ - ނޭދެވޭ އަމަލެއް ހިނގާކަމަށް ގަބޫލުކުރެވުން
(ހ) ނޭދެވޭ އަމަލެއް ހިނގާފައިވާކަމަށް، ނުވަތަ ހިނގާފާނެކަމަށް، ނުވަތަ ހިނގަމުންދާކަމަށް ވިސްލްބްލޯކުރާ ފަރާތަށް ގަބޫލުކުރެވިއްޖެނަމަ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ވިސްލްބްލޯކުރެވިދާނެއެވެ. މިގޮތުން، ވިސްލްބްލޯކުރި ފަރާތް ހުރި ހާލަތުގައި ހުރެ، އެ ފަރާތަށް އެ ވަގުތަކު އެނގިހުރި މައުލޫމާތެއްގެ މައްޗަށް ބުރަވެ، ވިސްލްބްލޯކުރާ ފަރާތަށް އެކަށީގެންވާ ބުއްދީގެ ހަމަތަކަށް ވިސްނާ މީހަކަށް އެގޮތަށް ގަބޫލުކުރެވިދާނެ ކަމަށް ފެނިއްޖެނަމަ، އެ ހާލަތުގައި މި ގާނޫނުގެ ދަށުން ވިސްލްބްލޯކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ގަބޫލުކުރާ މީހަކަށް ނޭދެވޭ އަމަލެއްގައި ބައިވެރިނުވުމުގެ ގޮތުން އަމުރަށް ނުކިޔަމަންތެރިވުމުގެ ހައްގު ލިބިގެންވެއެވެ. މި މާއްދާގެ ބޭނުމަށް، އަމުރަށް ނުކިޔަމަންތެރިވުމުގެ ގޮތުން ކަމެއް ނުކޮށް ދޫކޮށްލުމުގެ ސަބަބުން، އެ މީހަކު ބައިވެރިވާ އެއްބަސްވުމަކާ ހިލާފުވީކަމަށް ބަލައިގެންނުވާނެއެވެ. އަދި އެ ފަރާތަކުން ނުކޮށްދޫކޮށްލި ކަމެއްގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ޖިނާއީ ނުވަތަ މަދަނީ ދައުވާއެއް ކޮށް ނުވަތަ އިދާރީ ފިޔަވަޅެއް އަޅައިގެންނުވާނެއެވެ.
(ނ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ނޭދެވޭ އަމަލެއް ކަމަށް ބަޔާންކޮށްފައިވާ ކަމަކާ ގުޅޭގޮތުން ވިސްލްބްލޯކޮށް މައުލޫމާތު ހުށަހަޅާފައިވާ ކަމެއް އެގޮތަށް ހިނގާފައި ނުވިނަމަވެސް، އެ ފަރާތުން ވިސްލްބްލޯކޮށްފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ކަމަށްވާނަމަ، އެ ފަރާތަކަށް މި ގާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިދޭ ރައްކާތެރިކަން ލިބޭނެއެވެ. އަދި، އެ ފަރާތަކީ މި ގާނޫނުގެ ބޭނުމަށް ވިސްލްބްލޯކުރާ ފަރާތެއްގެ ގޮތުގައި ބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކަނޑައެޅިގެން ސައްހަ ނޫންކަން މައުލޫމާތު ހުށަހަޅާ ފަރާތަށް އެނގޭ މައުލޫމާތެއް ހުށަހަޅައިގެން މި ގާނޫނުގެ ދަށުން އެ ފަރާތަކަށް ރައްކާތެރިކަމެއް ނުލިބޭނެއެވެ.
8 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުމުގެ ތަރުތީބު
(ހ) ތިރީގައި ބަޔާންކޮށްފައި އެވަނީ މި ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާ ބަލައިގަންނަ ފަރާތްތަކެވެ . އަދި، މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ވިސްލްބްލޯކޮށް މައުލޫމާތު ހުށަހަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ތަރުތީބުން އެ ފަރާތްތަކަށެވެ.
- މައުލޫމާތު ރައްދުވާ ފަރާތުގައި މައުލޫމާތު ބަލައިގަތުމަށް ގާއިމުކޮށްފައިވާ އެތެރޭގެ އިންތިޒާމް މެދުވެރިކޮށް އެ ތަނަކަށް؛
- މައުލޫމާތު ރައްދުވާ ފަރާތުގެ އެންމެ އިސް ފަރާތް ނުވަތަ އެ ފަރާތުން މައުލޫމާތު ބަލައިގަތުމަށް ކަނޑައަޅާފައިވާ ފަރާތަކަށް؛
- މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު.
(ށ) މި ގާނޫނުގެ ދަށުން މައުލޫމާތު ހާމަކުރުމުގެ ތަރުތީބު ކަނޑައެޅުމުގައި އަމަލުކުރާނީ އަންނަނިވި އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ .
- މި ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މައުލޫމާތު ހާމަކުރުމުން، އެކަށީގެންވާ ގޮތެއްގައި އެ މައުލޫމާތު ތަހްގީގުކުރަމުން ގެންގޮސްފައިނުވާނަމަ، ނުވަތަ ވަކި ފަރާތަކަށް މައުލޫމާތު ހުށަހަޅައިފިނަމަ، ހެކި ނައްތާލައި ނުވަތަ ފޮރުވައި، ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވައި، ނުވަތަ ވިސްލްބްލޯކުރާ ފަރާތަށް ނުވަތަ އެހެން ފަރާތަކަށް ގެއްލުމެއް ލިބިދާނެ ކަމަށް، ނުވަތަ އެ ފަރާތަށް މައުލޫމާތު ތަހްގީގުކޮށް ފިޔަވަޅު އެޅުމުގެ ގާބިލުކަން ލިބިގެންނުވާ ކަމަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ، އެނޫން ފަރާތަކަށް އެ މައުލޫމާތެއް ހުށަހެޅިދާނެއެވެ.
- ވިސްލްބްލޯކޮށްގެން މައުލޫމާތު ބަލައިގަތުމަށް އެތެރޭގެ އިންތިޒާމެއް ހަމަޖައްސާފައިވާ ފަރާތަކަށް ހުށަހަޅާ މައުލޫމާތެއްނަމަ، މައުލޫމާތު ހުށަހަޅާނީ އެ އިންތިޒާމެއްގެ ތެރެއިންނެވެ.
- އެތެރޭގެ އިންތިޒާމް ހަމަޖައްސާފައިނުވާ ފަރާތަކާ ގުޅޭގޮތުން ވިސްލްބްލޯކުރާނަމަ، މައުލޫމާތު ހުށަހަޅާނީ އެ ފަރާތެއްގެ އެންމެ އިސް ފަރާތަކަށް ނުވަތަ އެ ފަރާތަކުން މިކަމަށް ކަނޑައަޅާފައިވާ އެހެން ފަރާތަކަށެވެ.
- މައުލޫމާތު ބަލައިގަތުމަށް ހަމަޖައްސާފައިވާ އެތެރޭގެ އިންތިޒާމަށް، ނުވަތަ އިދާރާއެއްގެ އިސް ފަރާތަށް ނުވަތަ އެ ފަރާތުން ކަނޑައަޅާފައިވާ ފަރާތަށް މައުލޫމާތު ހުށަހަޅައިފިނަމަ، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ހާލަތެއް ދިމާވެދާނެ ކަމަށް ގަބޫލުކުރާނެ އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ސީދާ އެ މައުލޫމާތު ހުށަހެޅުމުގެ އިހްތިޔާރު ވިސްލްބްލޯކުރާ ފަރާތަށް ލިބިގެންވެއެވެ.
- މި ގާނޫނުގައި ބަޔާންކުރާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް އެ މައުލޫމާތު ހުށަހަޅައިފިނަމަ މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ހާލަތެއް ދިމާވެދާނެ ކަމަށް ގަބޫލުކުރާނެ އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ، އެ މައުލޫމާތު އާންމުކޮށް ހާމަކުރުމުގެ އިހްތިޔާރު ވިސްލްބްލޯކުރާ ފަރާތަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް މައުލޫމާތު އާންމު ފަރާތަކަށް ހާމަކުރުމުގައި، އެ މައުލޫމާތުގައި އެކުލެވޭ ނޭދެވޭ އަމަލު ތަހްގީގުކުރުމަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް މައުލޫމާތެއް ހާމަކޮށްފިނަމަ، ނުވަތަ މައްސަލައާ ގުޅުމެއް ނެތް މައުލޫމާތެއް ހާމަކޮށްފިނަމަ، ނުވަތަ ގެއްލުމެއް ދިނުމުގެ ގޮތުން އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތެއް ނުވަތަ، ކަނޑައެޅިގެން ސައްހަނޫން މައުލޫމާތެއްކަން މައުލޫމާތު ހުށަހަޅާ ފަރާތަށް އެނގިހުރެ އެއީ ތެދު މައުލޫމާތުކަމަށް ދައްކައިގެން މައުލޫމާތު އާންމުކުރާނަމަ، މި ގާނޫނުގެ ދަށުން ރައްކާތެރިކަމެއް ނުލިބޭނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ، މައުލޫމާތެއް ވިސްލްބްލޯކުރުމުގައި ހާމަކުރާނަމަ، އެ މައުލޫމާތެއް ހުށަހަޅަންވާނީ އެފަދަ މައުލޫމާތެއް ހިމަނައިގެން ވިސްލްބްލޯކުރުމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މި މާއްދާގައި ވަކިގޮތަކަށް ބަޔާންކޮށްފައިނުވާ ކަންކަމުގައި ހިނގާނީ މި ގާނޫނުގައި ކަނޑައަޅާފައިވާ އާންމު މާއްދާތަކެވެ.
(ބ) 1. މި ގާނޫނުގެ ބޭނުމަށްޓަކައި އަންނަނިވި މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތު ކަމަށް ބެލެވޭނެއެވެ.
- ދިވެހިރާއްޖޭގެ ގައުމީ ސަލާމަތީ ބާރުތަކުގެ ހަނގުރާމަމަތީ ތައްޔާރީ ހާލަތު އަންގައިދޭ މައުލޫމާތު؛
- ގައުމީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ ހަނގުރާމަމަތީ އުކުޅުތަކާއި، ވަސީލަތްތަކާއި، މިނޫންވެސް އެ މައުލޫމާތެއް އެނގިއްޖެނަމަ، އެ މައުލޫމާތެއް ބޭނުންކޮށްގެން ސަލާމަތީ ބާރަކަށް ގެއްލުމެއް ދިނުމަށް ބޭނުންކުރެވިދާނެ މައުލޫމާތު؛
- އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކޮށްފާނެ ކަމަށް ބެލެވޭނެ މައުލޫމާތު.
(2) ވިސްލްބްލޯކުރުމުގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތެއް ހާމަކުރާނަމަ، މައުލޫމާތު ނިސްބަތްވާ އިދާރާއަކަށް ހުށަހެޅުމަކާ ނުލައި އެންމެ ފުރަތަމަ މަރުހަލާގައިވެސް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހެޅުމުގެ ހައްގު މައުލޫމާތު ހާމަކުރާ ފަރާތަށް ލިބިގެންވެއެވެ.
(3) ގައުމީ ސަލާމަތާގުޅޭ މައުލޫމާތެއް ހިމެނޭ މައުލޫމާތު ހުށަހެޅުމުން މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ހާލަތެއް ދިމާވެދާނެ ކަމަށް ގަބޫލުކުރާނެ އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ، އަދި، އެ މައުލޫމާތެއް އާންމު ފަރާތަކަށް ހާމަކުރުމުން މެނުވީ މީހެއްގެ ނުވަތަ ބައެއްގެ ފުރާނައަށް ނުވަތަ އާންމު ސިއްހަތަށް ލިބޭ ގެއްލުމެއް ނުވަތަ ނުރައްކަލަކުން ސަލާމަތްނުވެވޭނެ ކަމަށް ގަބޫލުކުރާނެ އެކަށީގެންވާ ސަބަބެއް އޮވެގެން، ނުވަތަ މި ގާނޫނުގައި ބަޔާންކުރާ އާންމު މަސްލަހަތުގެ ދިފާއު ސާބިތުކޮށްދީގެން މެނުވީ، ގައުމީ ސަލާމަތާގުޅޭ މައުލޫމާތެއް އާންމުކޮށް ހާމަކޮށްފިނަމަ މި ގާނޫނުގެ ދަށުން ހިމާޔަތެއް ނުލިބޭނެއެވެ.
ތިންވަނަ ބާބު
ވިސްލްބްލޯކުރާ ފަރާތުގެ ރައްކާތެރިކަން
9 ވަނަ މާއްދާ - ބަދަލުހިފުމުން ލިބިދޭ ހިމާޔަތް
ވިސްލްބްލޯކުރުމުގެ ސަބަބުން ނުވަތަ ވިސްލްބްލޯކުރަން އުޅުމުގެ ސަބަބުން، ނުވަތަ ބަދަލުހިފުމުން ލިބިދޭ ހިމާޔަތް 9 އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ބެލެވިގެން، ބަދަލުހިފުމުގެ ގޮތުން އެއްވެސް މީހަކާމެދު ނުވަތަ އެއްވެސް ފަރާތަކާމެދު އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. މި މާއްދާގެ ބޭނުމަށް މި ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަމުރަށް ނުކިޔަމަންތެރިވުމުން، ނުވަތަ އަމުރަށް ނުކިޔަމަންތެރިވާން އުޅުމުން، ނުވަތަ އެއިން ކަމެއް ކޮށްފިކަމަށް ބެލެވިގެން ބަދަލު ހިފުމުންވެސް މި ގާނޫނުގެ ދަށުން ހިމާޔަތް ލިބޭނެއެވެ.
10 ވަނަ މާއްދާ - ބަދަލުހިފުން ކަމަށް ބެލެވޭނެ ކަންކަން
.ވިސްލްބްލޯކުރުމުގެ ސަބަބުން އެ ފަރާތަކާ މެދުގައި އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އަޅައިފިނަމަ ނުވަތަ ވަޒީފާގެ މާހައުލުގައި އެއްވެސް ގޮތަކުން ބަދަލުހިފުމަކީ ނުވަތަ ތަފާތުކުރުމަކީ މި ގާނޫނުގެ ބޭނުމަށްޓަކައި ބަދަލުހިފުންކަމަށް ބެލެވޭނެއެވެ.
(ހ) ވަޒީފާއިން ވަކިކުރުން؛
(ށ) ޒިންމާތަކުން އެކަހެރިކުރުން؛
(ނ) ވަޒީފާއަދާކުރާ ތަން ނުވަތަ ޑިޕާޓްމަންޓް ނުވަތަ ސެކްށަން ބަދަލުކުރުން ނުވަތަ ޑިމޯޓްކުރުން؛
(ރ) މަސައްކަތު ގަޑި މަދުކުރުން، ގިނަކުރުން ނުވަތަ ބަދަލުކުރުން؛
(ބ)ޕްރޮބޭށަންގައި ބެހެއްޓުން؛
(ޅ) އަދަބެއް ދިނުމުގެ ގޮތުން ވަޒީފާއާ ގުޅޭ އެއްވެސް އިނާޔަތެއް ނުދިނުން، ނުވަތަ އެފަދަ އިނާޔަތަކާމެދު ގޮތެއް ނިންމުން ލަސްކުރުން؛
(ކ) ވަޒީފާގެ ކުރިއެރުން ނުވަތަ ތަމްރީނުގެ ފުރުސަތު ނުދިނުން ނުވަތަ ހަނިކުރުން؛
(އ) މަގާމު ނުވަތަ އިނާޔަތްތައް ދަށްކުރުން؛
(ވ) ވަޒީފާއާ ގުޅޭގޮތުން ނަސޭހަތްދިނުން ނުވަތަ އިންޒާރުދިނުން؛
(މ) ގެއްލުން ދިނުމާއި، ބިރުދެއްކުމާއި، އިންޒާރުދިނުން؛
(ފ) ވިސްލްބްލޯކުރާ މީހަކާމެދު ހިންގޭ އެފަދަ އެހެންވެސް ކަންކަން
11 ވަނަ މާއްދާ - ބަދަލުހިފުމުގެ މައުލޫމާތު ހުށަހެޅުން
(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ބަދަލުހިފުމުގެ ގޮތުން އަޅާފައިވާނަމަ، އެ ފިޔަވަޅަކީ ވަޒީފާއާބެހޭ ގާނޫނުގެ އިހްތިސާސްގައިވާ މައްސަލައެއްނަމަ އެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމާއި، އެނޫން އެހެނިހެން މައްސަލަތައް ށަރީއަތަށް ހުށަހެޅުމުގެ ހައްގު ބަދަލުހިފުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ލިބިގެންވެއެވެ.
(ށ) ބަދަލުހިފުމުގެ މައުލޫމާތު ބިނާކޮށްފައިވާ ހާދިސާ ހިނގާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ބަދަލުހިފުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ މައުލޫމާތު ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހަޅަންވާނެއެވެ.
(ނ) ބަދަލުހިފުމުގެ ގޮތުން ކުރާ ކަމެއް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު ނާޅައިފިނަމަ ގެއްލުން ލިބޭ ފަރާތަށް އިޔާދަނުކުރެވޭ ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރާނެ އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ، އެ ގެއްލުން ލިބުނަ ނުދިނުމުގެ ގޮތުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެކި ފަރާތްތަކަށް އެންގުމުގެ ބާރު ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިގެންވެއެވެ .
12 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ލިބިދިނުން
(ހ) ބަދަލުހިފުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ލިބުމުގެ ހައްގު މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ގެއްލުން ލިބުނު ފަރާތަށް ލިބިގެންވެއެވެ . އަދި މި މާއްދާގެ ދަށުން ބަދަލު ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް ނުވަތަ އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ކަނޑައަޅަންވާނީ އަންނަނިވި ކަންކަމަށް އެ ތަރުތީބުން އިސްކަންދީގެން، ތިރީގައިވާ ގޮތުގެމަތިންނެވެ.
- ގެއްލުން ލިބުނު ފަރާތުން އެދިފައިވާ ގެއްލުމުގެ ބަދަލު މަދަނީ މިންގަނޑުން ސާބިތުވާ މިންވަރަށް ލިބިދިނުމަށް އިސްކަންދިނުން؛ ނުވަތަ
- ގެއްލުން ލިބުމުގެ ކުރިން ކަން އޮތް ގޮތަށް، ނުވަތަ އެއާ އެއްގޮތް އެހެން ގޮތަކަށް ބަދަލުކުރެވޭނެ ހާލަތްތަކުގައި އެ ގޮތަކަށް އެ ކަމެއް ބަދަލުކުރުމަށް އިސްކަން ދިނުން؛ މިގޮތުން ވަޒީފާގެ މާހައުލުގައި، މަސައްކަތްކުރާ އޮފީސް ނުވަތަ ސައިޓު ބަދަލުކުރަން ގެއްލުން ލިބުނު ފަރާތުން އެދިއްޖެނަމަ، ވަޒީފާދޭ ފަރާތަށް މިފަދަ އިންތިޒާމެއް ހަމަޖެއްސެން އޮތްނަމަ އެ ގޮތަކަށް ހަމަޖައްސައިދިނުން؛ ނުވަތަ
- ހާލަތު ބަދަލުކުރެވެން ނެތްނަމަ، ލިބުނު ގެއްލުމަކަށް އެ ހިނދެއްގައި އިގްތިސާދީ އަގުތަކަށް ރިއާޔަތްކޮށް އެކަށޭނަ މާލީ ބަދަލެއް ލިބިދިނުމަށް އިސްކަންދިނުން.
(ށ) ވަޒީފާގެ މާހައުލުގައި ބަދަލުހިފުމުގެ އަމަލެއް ހިންގައިގެން ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް އެ އަމަލެއް ހިންގި ފަރާތުގެ އިތުރުން، ވަޒީފާދޭ ފަރާތްވެސް، އެކުއެކީގައި އަދި ވަކިވަކިން ޒިންމާވާންޖެހޭނެ ކަމަށް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، ވަޒީފާދޭ ފަރާތުން ބަދަލުހިފުމުގެ އަމަލެއް ހިންގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިވާކަން އެ ފަރާތުން ސާބިތުކޮށްދީފިނަމަ، މި މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ދިނުމަށް ވަޒީފާދޭ ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.
13 ވަނަ މާއްދާ - މަދަނީ އަދި ޖިނާއީ ދައުވާތަކާއި، އިދާރީ ފިޔަވަޅުތަކުން ރައްކާތެރިކަން ލިބިދިނުން
(ހ) ވިސްލްބްލޯކުރާ ފަރާތުން ވިސްލްބްލޯކުރުމުގެ ގޮތުން، މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ކުރާ ނުވަތަ ނުކޮށްދޫކޮށްލާ ކަމެއްގެ ސަބަބުން އެ ފަރާތުގެ މައްޗަށް އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރެވޭނެއެވެ. އަދި، އެކަމާ ގުޅިގެން އެއްވެސް އިދާރީ ފިޔަވަޅެއްވެސް ނޭޅޭނެއެވެ. އެހެންނަމަވެސް، ވިސްލްބްލޯކުރާ ފަރާތުން ހާމަކުރާ މައުލޫމާތުގައި ހިމެނޭ ކަމެއްގެ ސަބަބުން ވިސްލްބްލޯކުރާ ފަރާތުގެ މައްޗަށް ނުވަތަ އެހެންވެސް ފަރާތެއްގެ މައްޗަށް ޖިނާއީ ނުވަތަ މަދަނީ ދައުވާއެއް ކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ށ) ވިސްލްބްލޯކުރުމުގެ ގޮތުން ކުރާ ނުވަތަ ނުކޮށްދޫކޮށްލާ ކަމެއްގެ ސަބަބުން ވިސްލްބްލޯކުރާ ފަރާތާމެދު އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އެޅުމަށް ހުއްދަކުރާ، ނުވަތަ ވިސްލްބްލޯކުރުން މަނާކުރާ ނުވަތަ ކުށްވެރިކުރާ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އެއްބަސްވުމެއް އޮވެއްޖެނަމަ، އެ އެއްޗެއްގެ އެ މިންވަރެއް ބާތިލުވާނެއެވެ.
14 ވަނަ މާއްދާ - ވިސްލްބްލޯކުރާ ފަރާތުގެ މައުލޫމާތު ސިއްރުކުރުން
(ހ) ވިސްލްބްލޯކުރުމާއެކު، ވިސްލްބްލޯކުރާ ފަރާތުގެ އަންނަނިވި މައުލޫމާތު، އެ މައުލޫމާތު ބަލައިގަންނަ ފަރާތުން ސިއްރުކުރަންވާނެއެވެ.
(1) ވިސްލްބްލޯކުރާ ފަރާތުގެ ޒާތީ އެންމެހައި މައުލޫމާތު، މިގޮތުން:
- ވިސްލްބްލޯކުރާ ފަރާތުގެ ފުރިހަމަ ނަމާއި އާންމު ނަން؛
- ވިސްލްބްލޯކުރާ ފަރާތުގެ ދާއިމީ އަދި މިހާރު ދިރިއުޅޭ އެޑްރެސް؛
- ވިސްލްބްލޯކުރާ ފަރާތުގެ އުމުރު؛
- ވިސްލްބްލޯކުރާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު.
(2) ވިސްލްބްލޯކުރާ ފަރާތުގެ އާއިލާއާބެހޭ މައުލޫމާތު؛
(3) ވިސްލްބްލޯކުރާ ފަރާތް ވަޒީފާ އަދާކުރާ ތަން، ނުވަތަ އޮފީސް، ނުވަތަ ބްރާންޗް އަދި ވިސްލްބްލޯކުރާ ފަރާތުގެ މަގާމު؛
(4) ވިސްލްބްލޯކުރާ ފަރާތާ މުވާސަލާތީ ގޮތުން ގުޅޭނެ ގޮތާއި ނަންބަރުތަކާއި، އިލެކްޓްރޯނިކް މެސެޖް ނުވަތަ މެއިލް އެޑްރެސް، އަދި މި ނޫނަސް އިންޓަރނެޓް މެދުވެރިކޮށް އެ ފަރާތަކާ ގުޅޭނެ ގޮތްތައް؛
(5) މި އަކުރުގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ވިސްލްބްލޯކުރާ ފަރާތުގެ ށަހްސު ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް.
(ށ) ވިސްލްބްލޯކުރާ ފަރާތަށް މައުލޫމާތު ދީފައިވަނީ ތިންވަނަ ފަރާތަކުން ކަމުގައިވީނަމަވެސް، ތިންވަނަ ފަރާތެއްވާކަން ކަށަވަރުކުރުމުގެ ގޮތުން، އެ ފަރާތެއްގެ ޒާތީ ނުވަތަ އެނޫންވެސް މައުލޫމާތެއް ނުދިނުމުގެ އިހްތިޔާރު ވިސްލްބްލޯކުރާ ފަރާތަށް ލިބިގެންވެއެވެ . އަދި، މި އިހްތިޔާރުގެ ބޭނުންހިފާ ފަރާތްތަކާމެދު ހަމައެކަނި އެ ސަބަބަށްޓަކައި އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެއެވެ.
15 ވަނަ މާއްދާ - ސަލާމަތާއި ރައްކާތެރިކަން ލިބުން
މި ގާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތަށް ރައްކާތެރިކަން ލިބިދޭންޖެހޭކަމަށް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ފެނިއްޖެނަމަ، އެ ފަރާތަކަށް ދައުލަތުގެ ސަލާމަތީ ހިދުމަތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ނުވަތަ އެފަދަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވިސްލްބްލޯކުރާ ފަރާތުން އެދިއްޖެނަމަ، އެ ފަރާތަކަށް ވަކިގޮތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތަށް އެންގުމުގެ އިހްތިޔާރު ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިގެންވެއެވެ.
16 ވަނަ މާއްދާ - ސާބިތުކޮށްދިނުމުގެ ޒިންމާ
(ހ) ވިސްލްބްލޯކުރުމުގެ ސަބަބުން ތަހްގީގުކުރާ މައްސަލައެއްގައި ހިމެނޭ ކަންކަން ސާބިތުކުރުމަކީ ވިސްލްބްލޯކުރާ ފަރާތުގެ ޒިންމާއެއް ނޫނެވެ.
(ށ) ވިސްލްބްލޯކުރުމުން ބަދަލުހިފުމުގެ ގޮތުން ކުރާ ކަމެއްގެ މައުލޫމާތު ނުވަތަ އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކުގައި ވަކި ފިޔަވަޅެއް އަޅާފައިވަނީ ނުވަތަ ކަމެއް ހިންގާފައިވަނީ ވިސްލްބްލޯކޮށްފައިވާތީ ނޫން ކަމާއި، ވިސްލްބްލޯކޮށްފައި ނުވިނަމަވެސް، ހަމަ އެ ފިޔަވަޅު އެ ގޮތުގައި އެޅުމަށް ނުވަތަ ވަކި ކަމެއް ކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިކަން ސާބިތުކޮށްދިނުމަކީ ބަދަލުހިފުމުގެ އަމަލެއް ހިންގާފައިވާކަމަށް ބުނެ އެ ފަރާތަކާ ދެކޮޅަށް މައްސަލައެއް ހުށަހެޅިފައިވާ ފަރާތެއްގެ ޒިންމާއެކެވެ.
17 ވަނަ މާއްދާ - އެހެން ފަރާތްތަކަށް ރައްކާތެރިކަން ލިބިދިނުން
ވިސްލްބްލޯކުރުމާ ގުޅިގެން ކުރާ ތަހްގީގަކަށް އަމިއްލަ އިސްނެގުމުގައި އެހީތެރިވާ، ނުވަތަ ބައިވެރިވާ، ނުވަތަ އެހެންވެސް ގޮތަކުން އެއްބާރުލުންދޭ ކޮންމެ ފަރާތަކަށްވެސް މި ބާބުގެ ދަށުން ވިސްލްބްލޯކުރާ ފަރާތަށް ލިބިދޭ ރައްކާތެރިކަން ލިބޭނެއެވެ.
ހަތަރުވަނަ ބާބު
މައުލޫމާތު ބަލައިގަންނަ ފަރާތްތަކުގެ ޒިންމާ
18 ވަނަ މާއްދާ - މައުލޫމާތު ބަލައިގަންނަ ފަރާތްތަކުގެ ޒިންމާ
އަންނަނިވި ކަންކަން ކުރުމަކީ މައުލޫމާތު ބަލައިގަންނަ ފަރާތެއްގެ ހައިސިއްޔަތުން ދައުލަތުގެ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކުގެ ޒިންމާއެވެ.
(ހ) މި ގާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބިދޭ ހައްގުތަކާބެހޭ މައުލޫމާތާއި، ވިސްލްބްލޯކުރުމާބެހޭ މައުލޫމާތާއި، ވިސްލްބްލޯކުރުމުގެ އިޖުރާއަތުތަކާއި، ވިސްލްބްލޯކުރުމުން ބަދަލުހިފުމުގެ އަމަލުތަކުން ލިބިދޭ ރައްކާތެރިކަމާއި، މިނޫންވެސް، ވިސްލްބްލޯކުރުމާ ގުޅޭގޮތުން މުވައްޒަފުންނަށް ލިބިދޭ ހައްގުތަކާއި، އަދި، ޖުމްލަކޮށް މި ގާނޫނާގުޅޭ އެންމެހައި މައުލޫމާތު އެ ފަރާތެއްގެ މުވައްޒަފުންނަށް ފޯރުކޮށްދިނުން؛
(ށ) ވިސްލްބްލޯކުރުމުން ބަދަލުހިފުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ބެލެވިދާނެ ކަންކަމާއި، އެއިން ކަމަކާ ގުޅި ގެން މައުލޫމާތު އުފުލުމާއި، އެކަމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގާ ގުޅޭ މައުލޫމާތު އެ ފަރާތެއްގެ މުވައްޒަފުންނަށް ދައުލަތުގެ ފަރާތްތަކުންނާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދިނުން؛
(ނ) ހުށަހަޅާ މައުލޫމާތު ތަހްގީގުކޮށް، ވިސްލްބްލޯކުރާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކޮށް، އެ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފޯރުކޮށްދީ، ވިސްލްބްލޯކުރުމުން ބަދަލުހިފުމުގެ މައުލޫމާތު ތަހްގީގުކޮށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން؛
(ރ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމާ ގުޅޭގޮތުން، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އެހީތެރިކަމަށް މައުލޫމާތު ބަލައިގަންނަ ފަރާތަކުން އެދިއްޖެނަމަ، ނުވަތަ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމާ ގުޅޭގޮތުން އެ ޔުނިޓުގެ އަމިއްލަ އިސްނެގުމުގެ މަތިން މައުލޫމާތު ބަލައިގަންނަ ފަރާތަކަށް މި ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ޒިންމާތަކާގުޅޭ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ފެނިއްޖެނަމަ، އެ ޔުނިޓުން އެ ފަރާތަކަށް މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
19 ވަނަ މާއްދާ - މައުލޫމާތު ބަލައިގަންނަ ފުރަތަމަ ފަރާތް
(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ ގުޅޭ މައުލޫމާތެއްގައި މައުލޫމާތު ބަލައިގަންނަ ފުރަތަމަ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއެވެ.
(ށ) ވަކި ކޯޓަކާ ގުޅޭ މައުލޫމާތެއްގައި، މިގޮތުން އެންމެހައި މެޖިސްޓްރޭޓް ކޯޓުތަކާއި، ދަށުކޯޓުތަކާއި، އިސްތިއުނާފީ ކޯޓުތަކާއި، ޓްރައިބިއުނަލްތައް ހިމެނޭ ގޮތަށް، މައުލޫމާތު ބަލައިގަންނަ ފުރަތަމަ ފަރާތަކީ އެ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލްއެއްގައި ގާއިމުކޮށްފައިވާ އިދާރީ އޮފީހެވެ .
20 ވަނަ މާއްދާ - ދައުލަތުގެ އިދާރާތަކުން އިންތިޒާމް ހަމަޖެއްސުން
(ހ) މި ގާނޫނަށް އަމަލުކުރާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވުމުގެ ކުރިން، ދައުލަތުގެ އިދާރާތަކުގައި ވިސްލްބްލޯކުރުމުގެ އެތެރޭގެ އިންތިޒާމް ހަމަޖައްސައި، އެ އިންތިޒާމްތަކުގެ މައުލޫމާތު އެ ފަރާތުގެ މުވައްޒަފުންނަށް ދޭންވާނެއެވެ .
(ށ) މި ގާނޫނުގެ ދަށުން މައުލޫމާތު ބަލައިގަންނަ ފަރާތްތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރަމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން އެ ކަންކަން ގަވާއިދުން މޮނިޓަރކުރުމަކީ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ޒިންމާއެކެވެ. .
21 ވަނަ މާއްދާ - ވިސްލްބްލޯކުރު މުން ތަހްގީގުކުރުން
(ހ) ވިސްލްބްލޯކުރުމުން ތަހްގީގުކުރުމަށް އެތެރޭގެ އިންތިޒާމެއް، ނުވަތަ ވަކި ފަރާތެއް ކަނޑައަޅާފައިވާ ފަރާތްތަކާއި، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް މައުލޫމާތު ހުށަހަޅާތާ ނުވަތަ ހަވާލުކުރާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި:
- އެ ފަރާތަކަށް މައުލޫމާތު ތަހްގީގުކުރުމުގެ އިހްތިސާސް ލިބިގެންނުވާނަމަ، މައުލޫމާތު ހުށަހަޅާ ފަރާތަށް އެކަން އެންގުމަށްފަހު، އެ މައުލޫމާތު ތަހްގީގުކުރުމުގެ އިހްތިސާސް ލިބިގެންވާ ފަރާތަކަށް ނުވަތަ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް މައުލޫމާތު ހަވާލުކުރަންވާނެއެވެ.
- އެ ފަރާތަކަށް މައުލޫމާތު ތަހްގީގުކުރުމުގެ އިހްތިސާސް ލިބިގެންވާނަމަ، މައުލޫމާތު ރަޖިސްޓްރީކޮށް މައުލޫމާތު ހާމަކުރާ ފަރާތަށް އެކަން އަންގަންވާނެއެވެ. އަދި
- އެ މައުލޫމާތަކީ މި ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބިދޭ މައުލޫމާތަކަށް ނުވާނަމަ، ރައްކާތެރިކަން ނުލިބޭ ސަބަބާއެކު، މައުލޫމާތު ހުށަހަޅާ ފަރާތަށް އެކަން އަންގަންވާނެއެވެ. މި ހާލަތުގައި ވެސް މައުލޫމާތު ބަލައިގަންނަ ފަރާތުން މައުލޫމާތު ހުށަހަޅާ ފަރާތުގެ ސިއްރުކުރަންޖެހޭ މައުލޫމާތު އެހެން ފަރާތަކާ ހިއްސާކޮށްގެންނުވާނެއެވެ.
(ށ) ހުށަހަޅާ މައުލޫމާތެއް ރަޖިސްޓްރީކުރާ ދުވަހުން ފެށިގެން ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މައްސަލަ ތަހްގީގުކޮށް ނިންމަންވާނެއެވެ. އަދި، މި މުއްދަތުގެ ތެރޭގައި ތަހްގީގު ފުރިހަމަކުރެވެން ނެތްކަމަށް މައުލޫމާތު ބަލައިގަންނަ ފަރާތަށް ފެނިއްޖެނަމަ، މި މުއްދަތު ހަމަވުމުގެ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރު ކުރިން، ތަހްގީގު ފުރިހަމަކުރުމަށް އިތުރަށް ބޭނުންވާނެ 30 (ތިރީސް) ދުވަހަށްވުރެ ދިގުނޫން އިތުރު މުއްދަތެއް ކަނޑައަޅައި، އެކަން މައުލޫމާތު ހުށަހަޅާ ފަރާތަށް އަންގަންވާނެއެވެ.
(ނ) މި ގާނޫނުގައި ކަނޑައަޅާފައިވާ މައުލޫމާތު ބަލައިގަންނަ ފަރާތްތަކުން މި ގާނޫނުގެ ދަށުން ހުށަހަޅާ މައުލޫމާތު ތަހްގީގުކުރަންވާނެއެވެ. އަދި، މި ގާނޫނުގެ ދަށުން ހުށަހަޅާ މައުލޫމާތު ތަހްގީގުކުރުމުގައި މައުލޫމާތުގައި ބަޔާންކޮށްފައިވާ ނޭދެވޭ އަމަލެއް ހިނގާކަން ނުވަތަ ނޫންކަން ވީއެންމެ އަވަހަކަށް ކަނޑައަޅައި، އެ ކަމެއްގެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުގެ ބާރު މައުލޫމާތު ބަލައިގަންނަ ފަރާތްތަކަށް ލިބިގެންވެއެވެ.
(ރ) މި ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލައެއް ތަހްގީގުކުރުމުގައި ގާނޫނަކުން ތަހްގީގުކުރުމުގެ ބާރު ލިބިދީފައިވާ ކޮންމެ މުއައްސަސާއެއްގެ އެހީތެރިކަމަށް އެެދުމުގެ އިހްތިޔާރު ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިގެންވެއެވެ . އަދި، ތަހްގީގުކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތެއްގެ ނުވަތަ އާންމު ފަރުދުންގެ އެހީތެރިކަންވެސް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހޯދިދާނެއެވެ. އެހެންނަމަވެސް، މިފަދަ އެހީތެރިކަމަށް އެދޭއިރު، މައުލޫމާތު ހުށަހަޅާ ފަރާތުގެ ސިއްރުކުރަންޖެހޭ އެއްވެސް މައުލޫމާތެއް ހާމަނުވާނެ، އަދި މިނޫންވެސް ގެއްލުމެއް މައުލޫމާތު ހުށަހަޅާ ފަރާތަށް ނުލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި އިދާރާތަކުގެ މައްޗަށް ލާޒިމުކަމެކެވެ.
(ބ) މި ގާނޫނުގެ ދަށުން ސިއްރުކުރެވޭ މައުލޫމާތުގެ އިތުރުން، ހުށަހަޅާ މައުލޫމާތަކާ ގުޅިގެން ހިންގާ ތަހްގީގަށް ބާރުފޯރުވައި، ހެކި ނައްތާލުމުގެ ނުވަތަ ހެކިވެރިއަކަށް ބިރުދެއްކުމުގެ އަމަލެއް ހިންގަފާނެކަމަށް އެކަށީގެންވާ ހަމަތަކުގެ މަތިން މައުލޫމާތު ބަލައިގަންނަ ފަރާތަށް ގަބޫލުކުރެވޭނަމަ، ސިއްރު ތަހްގީގެއް ހިންގުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
22 ވަނަ މާއްދާ - ތަހްގީގު ރިޕޯޓު
(ހ) ތަހްގީގު ފުރިހަމަ ކުރުމަށްފަހު އަންނަނިވި ކަންކަން ހިމެނޭ ގޮތަށް މައްސަލަ ބަލާ ފަރާތަކުން ތަހްގީގު ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.
- ހުށަހެޅުނު މައުލޫމާތުގެ ތަފްސީލު؛
- ތަހްގީގުކުރެވުނު ގޮތުގެ ތަފްސީލު؛
- ތަހްގީގުން ހާމަވި ކަންތައްތަކުގެ ތަފްސީލު؛
- ތަހްގީގުކުރެވުނު އަމަލު ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް؛
- ތަހްގީގުގެ އަލީގައި އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާ އުފުލަން އެދޭނަމަ، އެ ދައުވާއެއްގެ ތަފްސީލާއި އެފަދައިން އެދޭ ސަބަބު.
(ށ) ތަހްގީގު ރިޕޯޓު އާންމުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.
- މައުލޫމާތު ހާމަކުރުމުގައި ފާހަގަކޮށްފައިވާ ފަދަ ނޭދެވޭ އަމަލެއް ހިންގާފައިނުވާނަމަ، ނުވަތަ ހުށަހަޅާފައިވަނީ މި ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބިގެންނުވާ މައުލޫމާތެއްނަމަ، މައުލޫމާތު ހާމަކުރި ފަރާތާގުޅޭ މައުލޫމާތު ސިއްރުކުރުމަށްފަހު، އަދި، އެއްވެސް ފަރާތެއްގެ އަބުރަށް ހުރަސްއެޅޭފަދަ މައުލޫމާތެއް ހިމެނޭނަމަ އެ މައުލޫމާތެއް އުނިކުރުމަށްފަހު، އެ މައުލޫމާތަކާ ގުޅޭ ތަހްގީގު ރިޕޯޓު އާންމުކުރެވިދާނެއެވެ.
- ތަހްގީގުގެ އަލީގައި އެއްވެސް ފަރާތަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކުރަންޖެހޭކަމަށް ފެނިއްޖެނަމަ، އެ ކަމެއް ދައުލަތުގެ ފަރާތުން ތަހްގީގުކުރުމާއި ދައުވާކުރުމުގެ ބާރު ލިބިދީފައިވާ މުއައްސަސާތަކާ ހިއްސާކުރަންވާނެއެވެ. މި ހާލަތުގައި ށަރުއީ ކޯޓަކުން ހުކުމެއް ކުރުމުގެ ކުރިން ތަހްގީގު ރިޕޯޓު އާންމުކުރެވޭނީ އެ ތަހްގީގަކާ ގުޅިގެން ކުރާ ދައުވާއަކަށް ހުރަސް ނޭޅޭނެ މިންވަރަށެވެ.
- ނޭދެވޭ އަމަލެއް ހިނގާފައިނުވާ ކަމަށް ތަހްގީގުގެ އަލީގައި ފެނިއްޖެނަމަ، މައުލޫމާތު ރައްދުވި ފަރާތަށާއި މައުލޫމާތު ހުށަހެޅި ފަރާތަށް އެކަން ހިއްސާކުރަންވާނެއެވެ.
- މައުލޫމާތު ހުށަހަޅާ ފަރާތަށް ތަހްގީގު ހިނގަމުންދާ ގޮތް، އަދި، ތަހްގީގު ނިމިފައިވާ ގޮތް ހިއްސާކުރުމަކަށް އިސްވެ ބަޔާންކޮށްފައިވާ މާއްދާތަކުން ހުރަހެއް ނާޅައެވެ.
ފަސްވަނަ ބާބު
ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު
23 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު" ގެ ނަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަނޑައަޅާފައިވާ ހިއުމަން ރައިޓްސް ކޮމިށަންގައި ޔުނިޓެއް އުފައްދަންވާނެއެވެ. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަކީ ވިސްލްބްލޯ ކުރާ ފަރާތްތަކަށް މި ގާނޫނުން ލިބިދޭ ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކޮށް، ވިސްލްބްލޯކުރާ ފަރާތްތަކުން ދޭ މައުލޫމާތުތައް ބަލައިގަނެ ކަމާބެހޭ ތަހްގީގީ އިދާރާތަކަށް އެ މައުލޫމާތު ފޯރުކޮށްދޭ އިދާރާއެވެ.
(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގުމުގެ އިސްވެރިޔާ އައްޔަންކުރާނީ ހިއުމަން ރައިޓްސް ކޮމިށަނުންނެވެ. މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އެ ޔުނިޓުގެ އިސްވެރިޔާ އައްޔަންކުރަންވާނެއެވެ.
(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަކީ އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ޔުނިޓެކެވެ.
(ރ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް ސީދާ ޖަވާބުދާރީވާންޖެހޭނެ ފަރާތެކެވެ. އަދި އެ ޔުނިޓަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ރިޕޯޓު ކޮންމެ 6 (ހައެއް) މަހަކުން އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވަންވާނެއެވެ. އަދި ކޮމިޓީއަށް ފޮނުވާ ރިޕޯޓުގައި ވިސްލްބްލޯކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހިމަނައިގެންނުވާނެއެވެ.
(ބ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ސެކްރެޓޭރިއެޓް ގާއިމުކުރާނީ އަދި އެ ޔުނިޓު ހިންގާނެ ގޮތުގެ ގަވާއިދު އެކުލަވާލާނީ ހިއުމަން ރައިޓްސް ކޮމިށަނުންނެވެ.
(ޅ) ވަކި ފަރާތަކުން އެދިގެން ނުވަތަ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އަމިއްލަ އިސްނެގުމުގައި މި ގާނޫނާ ގުޅޭ ކޮންމެ ކަމެއްގައިވެސް މައުލޫމާތާއި އިރުށާދު ދިނުމަކީ އެ ޔުނިޓުގެ ޒިންމާއެކެވެ. އެއްވެސް ފަރާތަކުން ވިސްލްބްލޯކޮށްފިކަމުގެ، ނުވަތަ ކުރަން އުޅޭކަމުގެ، ނުވަތަ ކުރަން ވިސްނާކަމުގެ މައުލޫމާތު އެ ޔުނިޓަށް ހުށަހަޅައިފިނަމަ އެ ފަރާތަކަށް އަންނަނިވި މައުލޫމާތާއި އިރުށާދު ދިނުމަކީ އެ ޔުނިޓުގެ ޒިންމާއެކެވެ.
- މި ގާނޫނުގެ ދަށުން ވިސްލްބްލޯކުރުން ކަމުގައި ބެލެވޭނެ، އަދި، މި ގާނޫނުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ލިބޭނެ ހާލަތްތަކަކީ ކޮބައިކަން
- މި ގާނޫނުގެ ދަށުން މައުލޫމާތު ހުށަހަޅަންޖެހޭ އިޖުރާއަތުތަކާއި އެކި ފަރާތްތަކަށް މައުލޫމާތު ހުށަހެޅިދާނެ ހާލަތްތައް؛
- ވިސްލްބްލޯކުރުމުން ބަދަލުހިފުމުގެ މައުލޫމާތު ހުށަހެޅުމުގެ އިޖުރާއަތުތަކާއި، އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމާ ގުޅޭ މައުލޫމާތު؛
- މި ގާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތަށް ލިބިދޭ އެންމެހައި އެހެނިހެން ހައްގުތަކާއި އިނާޔަތްތަކުގެ މައުލޫމާތު؛
- މި ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބިދޭ ފަރާތްތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން ލިބިދީފައިވާ އެހެނިހެން ފަރުވާތަކުގެ މައުލޫމާތު؛
- ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ކަނޑައަޅާ ގަވާއިދެއްގެ ދަށުން ގާނޫނީލަފާ ދިނުން.
24 ވަނަ މާއްދާ - ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ޒިންމާ
މި ގާނޫނުގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ޒިންމާގެ ގޮތުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަންކަމުގެ އިތުރުން، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މައުލޫމާތު ހުށަހެޅޭނެ އިންތިޒާމްތައް ގާއިމުކުރުން؛
(ށ) މައުލޫމާތު ހުށަހެޅުމުން މައުލޫމާތު ބަލައިގަތުން؛
(ނ) މައުލޫމާތު ހުށަހަޅާ ފަރާތުގެ ވަނަވަރު އަދި އެހެނިހެން ޒާތީ މައުލޫމާތު ސިއްރުކުރުން؛
(ރ) މައުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަހްގީގުތައް ކުރުން؛
(ބ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ގާނޫނަކުން ވަކި އިދާރާއަކަށް ތަހްގީގުކުރުމުގެ އިހްތިސާސްދީފައިވާ މައްސަލައެއްވާނަމަ، އެ ކަމެއް ތަހްގީގުކުރުމަށް އެ އިދާރާއަކަށް ފޮނުވުން؛
(ޅ) ވިސްލްބްލޯކުރުމުން ބަދަލު ހިފުމާ ގުޅޭގޮތުން ހުށަހަޅާ މައުލޫމާތު ވިސްލްބްލޯކޮށްގެން ހުށަހަޅާ އާންމު އެހެނިހެން މައުލޫމާތާ އެއް އުސޫލަކުން ތަހްގީގުކުރުން.
25 ވަނަ މާއްދާ - އަހަރީ ރިޕޯޓު
ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އަހަރީ ރިޕޯޓު ކޮންމެ މީލާދީ އަހަރެއްގެ ފެބުރުވަރީ މަހުގެ ފުރަތަމަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ. މި ރިޕޯޓުގައި އަންނަނިވި ކަންކަމުގެ ތަފްސީލު ހިމަނަންވާނެއެވެ.
(ހ) މި ގާނޫނުގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ހަދާފައިވާ ގަވާއިދުތަކާއި، ގަވާއިދަކަށް ގެނެސްފައިވާ އިސްލާހުތަކާއި، މި ގާނޫނުގެ ދަށުން ލިބިދޭ ބާރެއް ބޭނުންކޮށްގެން އެ ޔުނިޓުން ނެރެފައިވާ އަމުރުތައް؛
(ށ) މި ގާނޫނުގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ޖުމްލަ ހުށަހަޅާފައިވާ މައްސަލައިގެ އަދަދާއި، އެ ޔުނިޓުން ފިޔަވަޅު އަޅާފައިވާ ހާލަތްތަކުގެ އަދަދާއި، ހުށަހަޅާފައިވާ މައުލޫމާތުގެ ބާވަތް؛
(ނ) މި ގާނޫނުގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން އެހީތެރިކަމާއި ލަފާދީފައިވާ އަދަދާއި، ބާވަތް؛
(ރ) މި ގާނޫނުގައި ބަޔާންކުރާ ދާއިރާގެ ތެރެއިން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ކޮށްފައިވާ އެހެނިހެން ކަންކަން.
ހަވަނަ ބާބު
އެހެނިހެން
26 ވަނަ މާއްދާ - ޖިނާއީ ކުށް
(ހ) ވިސްލްބްލޯކުރުމުން، ނުވަތަ ކުރަން އުޅުމުން، ނުވަތަ މިއިން ކަމެއް ކޮށްފި ކަމަށް ހީކޮށް، ބަދަލުހިފުމުގެ ގޮތުން އެއްވެސް މީހަކާ ދޭތެރޭ ނުވަތަ އެއްވެސް ފަރާތަކާ ދޭތެރޭ ޖިނާއީ ކުށެއް ކޮށްފިނަމަ، މި ކުށުގެ އަދަބަކީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި އެ ކުށަކަށް ކަނޑައަޅާފައިވާ އަދަބެވެ.
(ށ) މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތެއް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މިންވަރަށް މެނުވީ ހާމަކުރުމަކީ މި ގާނޫނުގެ ދަށުން ކުށެކެވެ. އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް، މި އަކުރުގައި ބަޔާންކުރާ ކުށުގެ އަދަބަކީ، 3 (ތިނެއް) މަސް ދުވަހާއި، 5 (ފަހެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.
(ނ) ވިސްލްބްލޯކުރުމުން ކުރާ ތަހްގީގަކާ ގުޅޭ ލިޔުމެއް، ނުވަތަ އެހެންވެސް ހެއްކެއް ނައްތާލުން، ނުވަތަ ހެކިބަސް ދީފާނެ މީހަކަށް ބިރު ދެއްކުން، ނުވަތަ ނުފޫޒެއް ފޯރުވުމަކީ މި ގާނޫނުގެ ދަށުން ކުށެކެވެ . މި ކުށުގެ އަދަބަކީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި އެ ކުށަކަށް ކަނޑައަޅާފައިވާ އަދަބެވެ.
(ރ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށެއްގެ ތަހްގީގު ނުވަތަ ދައުވާއާ ގުޅިގެން ދިމާވާ އެއްވެސް ކަމެއްގެ ސަބަބުން، ވިސްލްބްލޯކުރާ ފަރާތަށް ލިބިގެންވާ ސަލާމަތާއި ރައްކާތެރިކަން ހޯދުމުގެ ހައްގާއި، ބަދަލުހިފުމުން ހިމާޔަތާއި، ގެއްލުމުގެ ބަދަލު ލިބިދިނުމާއި، އަދި، މިނޫންވެސް ވިސްލްބްލޯކުރާ ފަރާތަށް ލިބިގެންވާ ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ އެހެނިހެން ހައްގުތައް އެ ފަރާތަށް ލިބިދިނުމުގައި އެއްވެސް ތަފާތެއް ކުރެވިގެން ނުވާނެއެވެ.
(ބ) މި ގާނޫނުގައި ކުށުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެއްގައި ކުށްވެރިވާނީ އަންނަނިވި ގޮތުގެމަތިންނެވެ.
- ސީދާ އަމަލު ހިންގި މީހަކު ނުވަތަ ބައެއް ކުށްވެރިވުން؛
- ވަކި ފިޔަވަޅެއް އެޅުމުގައި ނުވަތަ ނާޅައި ދޫކޮށްލުމުގައި އެކަން އެގޮތަށް ކުރުމަށް ނިންމި ނިންމުމަކީ ވަކި މީހަކު ނުވަތަ މީހުންތަކެއް އެގޮތަކަށް ތާއީދުކޮށްގެން ނިންމާފައިވާ ނިންމުމެއްކަން އެނގޭނަމަ، އެ ނިންމުމެއް އެގޮތަކަށް ނިންމަން ތާއީދުކުރި ބަޔަކު ކުށްވެރިވުން؛
- ވަކި ފިޔަވަޅެއް އަޅާފައިވަނީ ނުވަތަ ނާޅައި ދޫކޮށްލީ އެ ކަމެއް ކުރުމަށް ނިންމި މީހަކަށް ނުވަތަ ބަޔަކަށް ވިސްލްބްލޯކުރިކަން އެނގުމަކާ ނުލައިކަމަށް ސާބިތުކޮށް ދެވިއްޖެނަމަ، އެ މީހަކު ނުވަތަ އެ ބަޔަކު މި ގާނޫނުގެ ދަށުން ކުށްވެރި ނުވުން.
(ޅ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ކުރާ އަމުރަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އަމުރާ އެއްގޮތަށް އަމަލުކުރުމަށް އުޒުރުވެރިވި ފަރާތެއް 1،000،000 (އެއް މިލިއަން) ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އެ ޔުނިޓަށް ލިބިގެންވެއެވެ. އަދި އަމުރާ އެއްގޮތަށް އަމަލުކުރުމުން މިގޮތަށް ކުރާ ޖޫރިމަނާއެއް މައާފުކުރުމުގެ ނުވަތަ އަނބުރާ ރައްދުކުރުމުގެ އިހްތިޔާރު ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ލިބިގެންވެއެވެ.
27 ވަނަ މާއްދާ - އާންމު މަސްލަހަތުގެ ދިފާއު
(ހ) މި ގާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތަށް ލިބިދޭ ރައްކާތެރިކަން ލިބިދިނުމަށް ކަނޑައަޅާފައިވާ ށަރުތެއް ފުރިހަމަ ނުވާ ހާލަތެއް ކަމުގައި ވީނަމަވެސް، އާންމު މަސްލަހަތަށް ފައިދާކުރަނީ އެ މައުލޫމާތެއް ސިއްރުކުރުމުގެ ބަދަލުގައި ހާމަކޮށްގެން ކަމުގައިވާނަމަ، އެ މައުލޫމާތު ހާމަކުރުމުގެ ސަބަބުން، މައުލޫމާތު ހާމަކުރާ ފަރާތާ ދެކޮޅަށް ޖިނާއީ ނުވަތަ
މަދަނީ ދައުވާއެއް ކޮށްގެންނުވާނެއެވެ. އަދި އިދާރީ ފިޔަވަޅެއްވެސް އަޅައިގެންނުވާނެއެވެ.
(ށ) އާންމު މަސްލަހަތު ހިމެނޭ މައުލޫމާތެއް ކަމަށް ކަނޑައެޅުމުގެ އިހްތިޔާރު ލިބިގެންވަނީ އަންނަނިވި ހާލަތްތަކުގައި އަންނަނިވި ފަރާތްތަކަށެވެ.
- މައުލޫމާތެއް ހާމަކުރުމާ ގުޅިގެން އުފުލޭ ޖިނާއީ ނުވަތަ މަދަނީ ދައުވާއެއްގެ ދިފާއުގައި ދައުވާ ރައްދުވާ ފަރާތުން އެގޮތަށް އެދިއްޖެ ހިނދެއްގައި އެ ދައުވާއެއް ބަލާ ށަރުއީ ކޯޓަކަށް؛
- ވަކި މައުލޫމާތަކީ އާންމު މަސްލަހަތު ހިމެނޭ މައުލޫމާތެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެއްވެސް ފަރާތަކުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހަޅައިފިނަމަ، އެ ޔުނިޓަށް؛
- އާންމު މަސްލަހަތު ކަނޑައެޅުމުގައި ރިއާޔަތްކުރާނީ މި ގާނޫނުގެ އެ ލަފްޒުތަކަށް ދީފައިވާ މާނައަށެވެ. އަދި، މި ގާނޫނުގައި ބަޔާންކޮށްފައި ނެތް ކަމެއްގައިނަމަ، ރިއާޔަތްކުރަންވާނީ އާންމު މަސްލަހަތު މާނަކުރުމުގައި މިނިވަން، ދީމިގްރާތީ މުޖުތަމައުތަކުގައިބޭނުންކުރާ މިންގަނޑުތަކަށެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އާންމު މަސްލަހަތު ހިމެނޭ މައުލޫމާތެއް ކަމުގައި ކަނޑައަޅާފައިނުވާ މައުލޫމާތު، ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން އާންމުކުރުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެންނުވާނެއެވެ. އަދި އެ މައުލޫމާތެއް ސިއްރުކުރުމަށް ނުވަތަ ށާއިއު ނުކުރުމަށް އެއްވެސް ފަރާތަކުން އަންގައިގެންނު ވާނެއެވެ.
(ރ) ާންމު މަސްލަހަތުގެ ދިފާއު ލިބިދޭކަމަށް ކަނޑައެޅުމުގައި، އެ މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކުގެ އިތުރުން، އަންނަނިވި މިންގަނޑަށް ރިއާޔަތްކުރަންވާނެއެވެ.
- ނޭދެވޭ އަމަލެއްގެ މައުލޫމާތު ހާމަކޮށްފައިވާ މިންވަރު؛ އަދި
- ނޭދެވޭ އަމަލަކާ ގުޅުމެއް ނެތް، ވަކި މީހެއްގެ ނުވަތަ ބައެއްގެ ޒާތީ މައުލޫމާތު ހާމަކޮށްފައިވާ މިންވަރު.
(ބ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީހެއް ފަހަނައަޅައި ދިޔުމަށްފަހު ހުށަހަޅާ މައުލޫމާތެއް ބަލައިގަތުމަކީ އެ މައުލޫމާތެއް ބަލައިނުގަތުމަށްވުރެ އާންމު މަސްލަހަތަށް ބޮޑަށް ފައިދާކުރާނެ ގޮތްކަމަށް ބަލާނެ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، މައުލޫމާތު ބަލައިގަންނަ ފަރާތުން އެ މައުލޫމާތެއް ބަލައިގަންނަންވާނެއެވެ.
28 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގެ ދަށުން އެ މުއައްސަސާއަކަށް ހަވާލުކޮށްފައިވާ ޒިންމާއެއް އަދާކުރުމަށް ބޭނުންވާ މިންވަރަށް ގަވާއިދު ހެދުމުގެ އިހްތިޔާރު އެ މުއައްސަސާއަކަށް ލިބިގެންވެއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ސިއްރުކޮށް މައުލޫމާތު ހުށަހެޅުމާއި، ބަލައިގަތުމާއި ، ތަހްގީގުކުރުމާއި، އެނޫންވެސް ކަމާގުޅޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދުތައް ހަދައި، ސިއްރު މައުލޫމާތު ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުމަކީ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ޒިންމާއެކެވެ.
(ނ) މި ގާނޫނަށް އަމަލުކުރާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވުމުގެ ކުރިން، ދައުލަތުގެ އިދާރާތަކުގައި އެ އިދާރާއެއްގެ އެތެރޭގައި ވިސްލްބްލޯކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އެ އިންތިޒާމްތަކުގެ މައުލޫމާތު އެ ފަރާތުގެ މުވައްޒަފުންނަށް ދިނުމަށް އެ އިދާރަތަކަށް ޒިންމާއެއް އޮތުމުން، ދައުލަތުގެ އިދާރާތަކަށް މިކަމަށް ތައްޔާރުވުމުގެ ގޮތުން މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
(ރ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ނުވަތަ އެހެންވެސް ފަރާތަކުން މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދެއް ހެދުމަށް، ނުވަތަ ފުރިހަމަ
ކުރަންޖެހޭ އެހެންވެސް ކަމަކަށް ވަކި ތާރީހެއް ކަނޑައަޅާފައިނުވާނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ކަމެއް ފުރިހަމަ ކުރަންވާނެއެވެ.
(ބ) މި ގާނޫނުގެ ދަށުން އެއްވެސް ޖޫރިމަނާއެއްކޮށް، ނުވަތަ އެހެންވެސް ގޮތަކުން ދައުލަތަށް ފައިސާ ނަގާނަމަ، މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރަކުން އެއް ފަހަރު މި އަދަދުތައް މުރާޖައާކުރުމަށްފަހު، އިގްތިސާދީ ހާލަތަށާއި މީހުންގެ ފުދުންތެރިކަމަށް ބަލައި ގެންނަންޖެހޭ ބަދަލެއް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުން ގެންނަން ވާނެއެވެ.
29 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު އަމަލުކުރަމުން އަންނަ އެއްވެސް ގާނޫނަކާ، ނުވަތަ ގަވާއިދަކާ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަކާ ދެމެދު އެއްވެސް ތައާރުޒުވުމެއް ވާނަމަ، މިހާރު އަމަލުކުރަމުން އަންނަ އެ ގާނޫނެއް ނުވަތަ ގަވާއިދެއްގެ އެބައެއް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ބާތިލުވީއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވިސްލްބްލޯކުރުމުގެ ގޮތުން ކޮށްފައިވާ ކަންކަމަށް މި ގާނޫނުގެ ބާރެއް ނުހިނގާނެއެވެ. ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަމެއް މި ގާނޫނުގެ ދަށުން ވިސްލްބްލޯކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
30 ވަނަ މާއްދާ - ގާނޫނު މާނަކުރުން
(ހ) މި ގާނޫނު މާނަކުރަންވާނީ، ގާނޫނުއަސާސީއާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމްތައް މި ގާނޫނުގައި ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ އަސްލު އެ ގޮތުގައި ދެމެހެއްޓުމަށާއި މި ގާނޫނުގެ މަގްސަދު އެންމެ ފުޅާ މިނުގައި ހާސިލުކުރުމަށް މަގުފަހި ކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، ނުވަތަ މާނަކުރަންވާނީ، އެ މަފްހޫމްތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
31 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ތިމާވެއްޓަށް ހުރި ނުރައްކާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާ ހިލާފު ކަމެއް، ނުވަތަ ތިމާވެއްޓަށް ނުރައްކާވާފަދަ އެހެންވެސް ކަމެކެވެ.
(ށ) "އާންމު ސިއްހަތަށް ނުވަތަ އާންމު ރައްކާތެރިކަމަށް ހުރި ނުރައްކާ" ކަމަށް ބުނެފައި އެވަނީ، ކުރާ އެއްވެސް ކަމަކުން ނުވަތަ ނުކޮށްދޫކޮށްލާ ކަމަކުން އާންމު ދިރިއުޅުމުގައި އުޅެމުންދާ މީހެއްގެ ނުވަތަ ބައެއްގެ ފުރާނައަށް، ނުވަތަ ސިއްހަތަށް، ނުވަތަ ސަލާމަތްތެރިކަމަށް ހުރި ނުރައްކަލެކެވެ.
(ނ) "ދައުލަތުގެ ވަސީލަތެއް ބޭކާރުކުރުން ނުވަތަ ބޭނުންކުރުމުގައި އިހުމާލުވުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއްގެ ބޭނުން އެ އެއްޗެއްގެ ފައިދާ ލިބެން އޮތް ގޮތަކާ ހިލާފަށް ކުރެވޭ ކަމެއް، ނުވަތަ އެންމެ ފުރިހަމައަށް ނުލިބޭގޮތަށް ކުރުން، ނުވަތަ އެ އެއްޗެ އް ބޭކާރުވާނެ ފަދަ ގޮތަކަށް އަމަލުކުރުމެވެ. މިގޮތުން:
- އެ އަމަލަކީ އެކަށީގެންނުވާ، ނުވަތަ އިންސާފާއި ހަމަހަމަ ކަމާ ހިލާފު، ނުވަތަ އެއްވެސް ފަރާތަކާމެދު ތަފާތުކުރެވޭ ފަދަ އަމަލެއް؛ ނުވަތަ
- ވަކި ކަމެއް ކުރުމުގައި ފަރުވާކުޑަކޮށްފައިވުން ނުވަތަ އެކަށީގެންނުވާ މިންވަރަށް ދިގުލައިގެން ގޮސްފައިވާ ކަމެއް؛ ނުވަތަ
- ހުއްދައެއް ނެތި ނުވަތަ ލިބިފައިނުވާ ބާރެއް ބޭނުންކޮށްގެން ކޮށްފައިވާ ކަމެއް.
(ރ) "ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު އަމަލު" ކަމަށް ބުނެފައި އެވަނީ، 1949 ގެ ޖެނީވާ ކޮންވެންށަންތަކާއި، އެ ކޮންވެންށަންގެ އެޑިށަނަލް ޕްރޮޓޮކޯލްތަކާއި އަދި ކޮމެންޓަރީ އަދި ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ގާނޫނުތަކުގެ ތެރޭގައި ހިމެނޭ އެހެނިހެން ބައިނަލްއަގްވާމީ މުއާހަދާތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައި ވާ މުއާހަދާއަކާ ހިލާފު އަމަލެކެވެ.
(ބ) "އިންސާނީ ހައްގަކާ ހިލާފު އަމަލު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި އިންސާނީ ހައްގަކާ ހިލާފު އަމަލެއް ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ކަމެކެވެ.
(ޅ)"ކޮރަޕްށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ވަކިން ހާއްސަކޮށް، "ޔޫއެން ކޮންވެންށަން އަގެއިންސްޓް ކޮރަޕްށަން" ގައި ކޮރަޕްށަންގެ އަމަލެއްގެ ގޮތުގައި ހިމަނާފައިވާ ކަންކަމެވެ.
(ކ) "ދައުލަތުގެ މަގާމުގެ ނަހަމަ ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މުސާރަ ލިބޭ އެއްވެސް މަގާމެއްގައި ހުރެ އެ މަގާމާމެދު ގާނޫނާއި ގަވާއިދުގައި، ނުވަތަ އެއްބަސްވުމެއްގައި، ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވުން، ނުވަތަ މިގޮތުން ހަވާލުކޮށްފައިވާ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރުން، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގައި ހިމެނިގެންނުވާ ކަންކަން ކުރުމާއި، މަގާމާއި ހައިސިއްޔަތު އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް ބޭނުންކުރުމެވެ.
(އ)
- "އަދުލު އިންސާފަށް ހުރަސްއެޅުން" ނުވަތަ "މިސްކެރިޖް އޮފް ޖަސްޓިސް" ކަމަށް ބުނެފައި އެވަނީ، އަދުލު އިންސާފު ގާއިމުކުރުމުގެ އެއްވެސް މަރުހަލާއެއްގައި، ދަށުކޯޓުތަކާއި އިސްތިއުނާފީ ކޯޓުތައްވެސް ހިމެނޭ ގޮތަށް، ނަހަމަ ނުފޫޒެއް ބޭނުންކުރުން؛ ނުވަތަ
- އަދުލު އިންސާފު ގާއިމުކުރުމާ ގުޅޭގޮތުން އާންމުކޮށް، ނުވަތަ ށަރުއީ ވަކި މައްސަލައެއްގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެއްވެސް ފަނޑިޔާރަކަށް ނުވަތަ ށަރުއީ ދާއިރާގެ މުވައްޒަފަކަށް ނުވަތަ އެހެންވެސް ފަރާތަކަށް ނަހަމަ ނުފޫޒު ފޯރުވުން؛ ނުވަތަ އިސްވެ ބަޔާންކޮށްފައިވާ ފަދަ ކަމެއް ކުރަން އުޅުމެވެ.
(ވ) "ބަދަލުހިފުން" ކަމަށް ބުނެފައި އެވަނީ، ވިސްލްބްލޯކުރާ ފަރާތަކާ ދެކޮޅަށް ވަޒީފާގެ މާހައުލުގައި މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމެވެ.
(މ) "ދައުލަތުގެ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ:
- ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާއި، އެފަދަ ތަންތަނުގެ ދަށުން ގާއިމުކުރެވިފައިވާ އެހެނިހެން އެންމެހައި އިދާރާތަކާއި؛
- ގާނޫނު ހެދުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި އެންމެހައި އޮފީސްތަކާއި؛
- ށަރުއީ ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި ހިމެނޭ އެންމެހައި ޑިޕާޓްމަންޓްތަކާއި، އޮފީސްތަކާއި އިދާރާތަކާއި؛
- ދައުލަތުގެ އެހެނިހެން އިދާރާތަކާއި؛
- ސަރުކާރުން ހިންގާ ކުންފުނިތަކާއި ސަރުކާރުން ބައިވެރިވާ ކުންފުނިތަކާއި؛
- އެއްވެސް ގޮތަކުން ދައުލަތުގެ މާލިއްޔަތުން ފައިސާ ދެވޭ ކުންފުނިތަކާއި އެހެނިހެން އިދާރާތަކާއި، ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި، ސިޔާސީ ޕާޓީތަކާއި؛ އަދ
- ދައުލަތުން ކުރާ އެއްވެސް ކަމަކާ ނުވަތަ ނިންމާ އެއްވެސް ނިންމުމަކާ ގުޅުންހުރި އިދާރާއެކެވެ.
(ފ) "އަމިއްލަ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ދައުލަތުގެ ފަރާތްތަކުގެ ގޮތުގައި ބަޔާންކޮށްފައިނުވާ ގާނޫނީ ށަހްސެއްގެ ހައިސިއްޔަތު ލިބިފައިވާ ކޮންމެ ފަރާތެކެވެ.
(ދ) "ނޭދެވޭ އަމަލު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ތަފްސީލުކޮށްފައިވާ ފަދަ ކޮންމެ އަމަލެކެވެ.
(ތ) "ވިސްލްބްލޯކުރުން" ކަމަށް ބުނެފައި އެވަނީ، ނޭދެވޭ އަމަލެއްގެ މައުލޫމާތު މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ހާމަކުރުމެވެ.
(ލ) "ހާމަކުރުން" ނުވަތަ "ވިސްލްބްލޯކޮށްގެން މައުލޫމާތު ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، ނޭދެވޭ އަމަލެއްގެ މައުލޫމާތު މި ގާނޫނުގައި ފޯރުކޮށްދޭންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ގޮތަކަށް، މި ގާނޫނުގައި ކަނޑައަޅާފައިވާ ފަރާތަކަށް ފޯރުކޮށްދިނުމެވެ.
(ގ) "މައުލޫމާތު ބަލައިގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ވިސްލްބްލޯކުރުމުގެ މައުލޫމާތު ބަލައިގަންނަ ފަރާތެއް ކަމަށް ކަނޑައަޅާފައިވާ ކޮންމެ ފަރާތެކެވެ.
(ޏ) "ދައުލަތުގެ ސަލާމަތީ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހި ދައުލަތުގެ ސިފައިންގެ ހިދުމަތާއި ފުލުހުންގެ ހިދުމަތާއި، މި ހިދުމަތުގައި އެކުލެވޭ އެންމެހައި އިދާރާތަށް ހިމެނޭ ގޮތަށް، އަދި، ދައުލަތުގެ ނަމުގައި ބާރުގެ ބޭނުންކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ލިބިގެންވާ ކޮންމެ ފަރާތެކެވެ.
(ސ) "ދައުލަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރު ހިމެނޭ ގޮތަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ގެ ދަށުން ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ދައުލަތެވެ.
(ޑ) "އާންމު މަސްލަހަތު" ކަމަށް ބުނެފައި އެވަނީ، ޖުމްލަކޮށް މުޖުތަމައުގެ ގިނަ އަދަދެއްގެ ބައެއްގެ ދިރިއުޅުމަށް އަސަރުކުރާ، އަދި މިގޮތުން އާންމު ސިއްހަތާއި ސަލާމަތާއި ރައްކާތެރިކަމާއި، މުޖުތަމައުގެ އިގްތިސާދީ އަދި އިޖްތިމާއީ ނިޒާމުތަކާއި، ތިމާވެއްޓާއި، ދެމެހެއްޓެނިވި ތަރައްގީއާ ގުޅިފައިވާ ، ކަންކަމެވެ.
(ޒ) "އާންމު ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 8 ވަނަ މާއްދާގެ ބޭނުމަށް، އެއްވެސް ތިންވަނަ ފަރާތެކެވެ. މިގޮތުން، ނޫސްމީޑިއާއާއި، ދައުލަތުގެ ނުވަތަ އެހެންވެސް ފަރާތެއްގެ ތަހްގީގީ އިދާރާތަކާއި ، އެންމެހައި ތިންވަނަ ފަރާތްތައް ހިމެނެއެވެ.
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު/އުސޫލު
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ވިސްލްބްލޯކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މަޢުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-59)
- ވިސްލްބްލޯވަރ ޕްރޮޓެކްށަން ކޮމިޓީން ވިސްލްބްލޯ ކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (15 ޖުލައި 2020)
- ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ސިއްރުކޮށް މައުލޫމާތު ހުށަހެޅުމާއި، ބަލައިގަތުމާއި، މައުލޫމާތުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-18)
- ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-05)
ކިޔުންތެރިންގެ ހިޔާލު