-

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެގޮތުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 120/2020)

 

ގަވާއިދު ނަންބަރު 5/2020 (ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

4. (ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތަކާ ގުޅިގެން އެ ޔުނިޓުގެ އިސްވެރިޔާ ނުވަތަ އެއްވެސް މުވައްޒަފަކު ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރަކަށް ނުވަތަ މުވައްޒަފަކަށް ޖަވާބުދާރީވާކަށެއް ނުޖެހޭނެއެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި މި މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތައް އިދާރީގޮތުން ހިނގަމުންދާގޮތް ކޮމިށަނުން މޮނިޓަރކުރުން 5.

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަކީ ހިއުމަން ރައިޓްސް ކޮމިށަނުގައި ގާއިމުކޮށްފައިވާ މިނިވަން ޔުނިޓެއް ކަމަށް ވުމާއެކު، މި ޔުނިޓުގެ ޓެކްނިކަލް މަސައްކަތްތަކާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިށަނަށް ޖަވާބުދާރީވާކަށެއް ނުޖެހޭނެއެވެ. ނަމަވެސް ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެގޮތުގެ ގަވާއިދު އެކުލަވައިލުމަކީ ކޮމިށަނުގެ ޒިންމާއެއް ކަމަށް ވުމާއެކު، މި ގަވާއިދާ އެއްގޮތަށް ޔުނިޓުގެ މަސައްކަތްތައް ހިނގަމުންދާގޮތް މޮނިޓަރ ކުރުމަށް ޓަކައި، އަންނަނިވި މައުލޫމާތުތައް ޔުނިޓުން ކޮމިށަނަށް ހިއްސާކުރަންވާނެއެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ 7.

(ހ) ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުން ޢައްޔަނުކުރާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއަކީ އަންނަނިވި ށަރުތުތައް ހަމަވާ ފަރާތަކަށް ވާންވާނެއެވެ.

  1. އިންސާނީ ހައްގުތަކާބެހޭ މާއްދާތައް ހިމެނޭގޮތަށް ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކުރުމަށްފަހު، މައްސަލަތައް ތަހުގީގުކުރުމުގެ ދާއިރާއަކުން މަދުވެގެން 8 (އަށެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް ވުން، ނުވަތަ
    ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށް، ހިއުމަން ރައިޓްސް ލޯ ނުވަތަ އިންޓަރނޭށަނަލް ލޯގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށް، މައްސަލަތައް ތަހުގީގުކުރުމުގެ ދާއިރާއަކުން މަދުވެގެން 6 (ހައެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް ވުން.
  2. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.
  3. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން.
  4. އުމުރުން 30 (ތިރީސް) އަހަރު ވެފައި ވުން.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. (ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާގެ މަގާމަކީ ސިވިލް ސަރވިސްގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑައަޅައިފައިވާ ޑިރެކްޓަރ ޖެނެރަލްގެ ލެވެލްގެ މަގާމެކެވެ. މި މަގާމުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ހިއުމަން ރައިޓްސް ކޮމިށަނުންނެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

7. (ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާގެ މަގާމުގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތެވެ.

(ރ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން.
  2. ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހަވާލުކޮށްފައިވާ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް ހިންގުން.
  3. ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގުމާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުން.
  4. ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ ފުރަތަމަ ހަފުތާގައި، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އަހަރީ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވުން.
  5. ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ގާއިމުކުރެވޭ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންނަށް މަސައްކަތްތައް ހަވާލުކުރުމާއި، އެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި، މަސައްކަތުގެ ފެންވަރު ބަލަމުންދިއުން.

(ބ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ ނެތް ހާލަތެއް ދިމާވެއްޖެނަމަ، އަދި ޔުނިޓުގައި ސީނިއަރ މުވައްޒަފަކު ނެތް ހާލަތެއް ދިމާވެއްޖެނަމަ، ޔުނިޓުގެ އިސްވެރިޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އާދަކުރާނެ މުވައްޒަފަކު، ހިއުމަން ރައިޓްސް ކޮމިށަނުން ކަނޑައަޅަންވާނެއެވެ.

 

6 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

8. (ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންގެ ތެރޭގައި އަންނަނިވި ދާއިރާތަކުގެ މުވައްޒަފުން ހިމަނަންވާނެއެވެ.

  1. ގާނޫނީ ދާއިރާ؛
  2. ހިއުމަން ރައިޓްސް ލޯގެ ދާއިރާ؛
  3. އިންޓަރނޭށަނަލް ލޯގެ ދާއިރާ؛
  4. ޕަބްލިކް ހެލްތުގެ ދާއިރާ؛
  5. ތިމާވެށި ރައްކައުތެރިކުރުމުގެ ދާއިރާ؛
  6. އެކައުންޓިންގއާއި އޮޑިޓިންގެ ދާއިރާތައް؛
  7. ވިސްލްބްލޯކުރުމާއި، ފްރޯޑާއި ވައިޓް-ކޯލަރ ކްރައިމްސްގެ ދާއިރާތައް.

(ރ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގައި، އަންނަނިވި މަގާމުތައް އުފައްދައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދާއިރާތައް ހިމެނޭގޮތަށް އެ މަގާމުތަކުގެ ށަރުތުތައް ކަނޑައަޅައި، މުސާރައާއި އިނާޔަތްތައް ހަމަޖައްސައި، އެ މަގާމުތަކަށް މީހުން ހަމަޖެއްސުމަކީ ހިއުމަން ރައިޓްސް ކޮމިށަނުގެ ޒިންމާއެކެވެ. އަދި ގާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަންނީ މަގާމުތަކާއި އިދާރީ މަގާމުތައް އުފައްދައި، އެ މަގާމުތަކުގެ ށަރުތުތަކާއި މުސާރައާއި އިނާޔަތްތައް، ހިއުމަން ރައިޓްސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

  1. ލީގަލް ކައުންސެލް؛
  2. ސީނިއަރ ލީގަލް އޮފިސަރުން؛
  3. ލީގަލް އޮފިސަރުން؛
  4. ސީނިއަރ އިންވެސްޓިގޭށަން އޮފިސަރުން؛
  5. އިންވެސްޓިގޭށަން އޮފިސަރުން؛
  6. ކޭސް ވޯކަރުން ނުވަތަ ޕެރަލީގަލް މުވައްޒަފުން؛
  7. އެޑްމިން ސަޕޯޓް މުވައްޒަފުން.

 

7 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި އިސްލާހުތައް ކޮމިށަނުން ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީޚުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 5/2020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު