-

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2021-112)

(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ)  މި ގަވާއިދަކީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 5-88 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މިއީ، ވަޒީފާއާބެހޭ ގާނޫނުގެ 5-88 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހާ ގުޅޭ އެންމެހައި ކަންތައްތައް ބަޔާންކުރާ ގަވާއިދެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހަށް ލިބިގެންވާ ބާރުތައް 

ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެހެނިހެން ގާނޫނުތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާ އިހްތިސާސްގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންތައްތަކާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތުތައް 

(ހ)  ވަޒީފާއާބެހޭ ޓްރައިބިއުނަލުންދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާމެދު މަށްވަރާކޮށް، ގޮތެއް ނިންމުން.

(ށ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި އެހެނިހެން ގާނޫނުތަކުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.

(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތް ހިންގާގޮތާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ގަވާއިދު ހެދުން.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ބަޖެޓު ތައްޔާރުކުރުމުގެ ކުރިން ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަމާމެދު ގޮތެއް ނިންމުން.

(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފުން ތަމްރީނުކުރަން ބޭނުންވާ ދާއިރާތައް ކަނޑައެޅުން.

(ޅ) ގާނޫނަކުން ކަނޑައެޅޭ ނުވަތަ ހަވާލުކުރެވޭ ކަމެއް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ކ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތަކުގެ މަރުކަޒީ ދަފްތަރެއް ޓްރައިބިއުނަލުގައި ގާއިމުކޮށް، އެ މައްސަލަތައް އެކަށީގެންވާ ހަލުއިމިނެއްގައި ހިންގުމަށް ބޭނުންވާ އިދާރީ ފަސޭހަތައް މަރުކަޒީ ގޮތެއްގައި ލިބެމުންދާނެގޮތް ހެދުން.

(އ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ހުށަހަޅާ އިދާރީ ކަންކަމާމެދު ގޮތެއް ނިންމުން. 

 

4 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލިސް އެކުލެވިގެންވާ ގޮތް

ވަަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލިސް އެކުލެވިގެންވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ މައްޗަށެވެ. (އިސްލާހު ކުރެވިފައި)

 

5 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލިސް ބޭއްވުމާއި ރިޔާސަތު

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލިސް މަދުވެގެން މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސެވެ.

 

6 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލު ގެ އާންމު މަޖިލީހުގެ ގާނޫނީ އަދަދު 

(ހ) ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ފިޔަވައި ޓްރައިބިއުނަލަށް ހުށަހެޅޭ އެހެން މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން، މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޖެންޑާ ކުރެވިފައިވާ ކަމެއް އާންމު މަޖިލީހުގެ ޖަލްސާގައި ކުރިޔަށް ގެންދަންވާނީ، ގާނޫނު ނަންބަރު 02-2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ ތެރެއިން އެ ވަގުތަކު އައްޔަނުކޮށްފައިވާ މެންބަރުންގެ ދެބައިކުޅައެއްބައި ނުވަތަ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން އެ ޖަލްސާއަށް ހާޒިރުވެ ތިބިނަމައެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ފިޔަވައި ޓްރައިބިއުނަލަށް ހުށަހެޅޭ އެހެން މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން، މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޖެންޑާ ކުރެވިފައިވާ ކަމެއް އާންމު މަޖިލީހުގެ ޖަލްސާގައި ކުރިޔަށްގެންދަންވާނީ، ގާނޫނު ނަންބަރު 02-2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުން ހާޒިރުވެ ތިބިނަމައެވެ. (އިސްލާހު ކުރެވިފައި)

(ނ) ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން، މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޖެންޑާ ކުރެވިފައިވާ ކަމެއް އާންމު މަޖިލީހުގެ ޖަލްސާގައި ކުރިޔަށްގެންދަންވާނީ، ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރަކާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ހާޒިރުވެ ތިބިނަމައެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ރ) މި މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި އެހެން ކަންކަމާ ގުޅޭ ގޮތުން މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޖެންޑާ ކުރެވިފައިވާ ކަމެއް އާންމު މަޖިލީހުގެ ޖަލްސާގައި ކުރިޔަށްގެންދަންވާނީ، އެ ވަގުތަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަންކޮށްފައިވާ މެންބަރުންގެ ދެބައިކުޅައެއްބައި ނުވަތަ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުންގެ ހާޒިރުގައެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ، އެ ޖަލްސާއަށް މަދުވެގެން 3 (ތިނެއް) މެންބަރުން ހާޒިރުވެ ތިބިނަމައެވެ. (އިތުރު ކުރެވިފައި)

 

7 ވަނަ މާއްދާ - ކުއްލި ޖަ ލްސާ ބޭއްވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާން މު މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަންޖެހޭނީ އެފަދަ ޖަލްސާއެއް ބާއްވަންޖެހޭ ފަދަ މުހިންމު ހާލަތެއް މެދުވެރިވެގެންނެވެ. މިގޮތުން، އަންނަނިވި ހާލަތްތަކުގައި އާންމު މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވިދާނެއެވެ.

  1. ވަކިކަމަކާ ގުޅިގެން ކުއްލި ޖަލްސާއެއް ބާއްވަންޖެހޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަށް ފެނުން.
  2. ވަކިކަމަކާ ބެހޭގޮތުން ކުއްލި ޖަލްސާއެއް ބޭއްވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނާއިބުރައީސް ނުވަތަ އެހެން މެންބަރަކު ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްލި ޖަލްސާއެއް ބޭއްވުމަށް ހުށަހަޅާނަމަ، ޖަލްސާ ބާއްވަން ބޭނުންވާ ކަމަކާއި ސަބަބު ބަޔާންކޮށް އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - އެޖެންޑާ ތައްޔާރުކުރުން

(ހ)  ކުއްލި ޖަލްސާތައް ފިޔަވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގައި ބަހުސްކުރާ ކަންތައްތަކާބެހޭ އެޖެންޑާ އެ ކަންތައްތަކާ ބެހޭގޮތުން ބަހުސްކުރުމުގެ މަދުވެގެން 1 (އެކެއް) ދުވަސް ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ މެންބަރުންނަށް ފޮނުވުމަކީ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތެކެވެ. އަދި މި ގަވާއިދުގެ 13 ވަނަ މާއްދާ ގެ (ހ) ގެ ދަށުން ފަސްކުރެވޭ ޖަލްސާއެއްގެ ބަދަލުގައި ބާއްވާ ޖަލްސާއެއްނަމަ، އެޖެންޑާގައި، ފަސްކުރެވުނު ޖަލްސާގެ ތާރީހާއި، އެ ތާރީހުގެ ޖަލްސާގެ ބަދަލުގައި ބާއްވާ ޖަލްސާއެއްކަން ބަޔާންކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ކުއްލި ޖަލްސާއެއް ބާއްވާނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓުން އެޖެންޑާ ތައްޔާރުކޮށް އާންމު މަޖިލީހުގެ މެންބަރުންނަށް އެޖެންޑާ ފޯރުކޮށްދޭން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ މަށްވަރާއަކަށް އެހިނދުން އެހިނދަށް ބޭނުންވާފަދަ ކުއްލި މައްސަލައެއް ދިމާވެއްޖެނަމަ، އެކަމަކީ އެޖެންޑާގައި ނެތްކަމެއް ކަމުގައި ވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާން މު މަޖިލީހުގެ ކޮންމެ މެންބަރަކަށް އެފަދަ މައްސަލައެއް ހުށަހެޅިދާނެއެވެ.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާގައި ބަހުސްކުރާ ކަންތައްތަކާބެހޭ އެޖެންޑާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ހުރިހާ މެންބަރުންނަށް ފޮނުވަންވާނެއެވެ. އެގޮތުން އެ ޖަލްސާއެއް ތާވަލުކުރެވިފައިވާ ތާރީހަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކު ޗުއްޓީގައި ހުރުމަށް ހަމަޖެހިފައިވާ ތާރީހެއް ކަމުގައިވީނަމަވެސް، އެ މެންބަރަކަށް ވެސް އެޖެންޑާ ފޮނުވަންވާނެއެވެ.

 

9 ވަނަ މާއްދާ - މެންބަރުން އެޖެންޑާކުރަން ބޭނުންވާ ކަންކަން ހުށަހެޅުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާން މު މަޖިލީހުގެ ނިންމުމެއް އެއްވެސް ކަމެއްގައި ބޭނުންވާކަމަށް ފެނިއްޖެ ހިނދެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް އެ މެންބަރަކު ހުށަހަޅަން ބޭނުންވާ ކަމެއް ނުވަތަ މައްސަލައެއް އެޖެންޑާކުރުމަށް އާންމު މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހުގެ މަދުވެގެން 1 (އެކެއް) ދުވަސް ކުރިން އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓަށް އެންގިދާނެއެވެ.

 

10 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާތަކުގައި އަމަލުކުރާނެ ގޮތް

(ހ) އާންމު މަޖިލީހުގެ ޖަލްސާތަކުގައި، އެޖެންޑާކުރެވޭ ކޮންމެ ކަމަކާ ގުޅިގެން ވާހަކަ ދެއްކުމަށްޓަކައި، އެ ޖަލްސާއަކަށް ހާޒިރުވާ ކޮންމެ މެންބަރަކަށް ވަކިން ރިޔާސަތުން ފުރުސަތު އަރުވަންވާނެއެވެ.

(ށ) އާންމު މަޖިލީހުގެ ޖަލްސާތަކުގައި ނިންމާ ނިންމުންތައް، ކޮންމެ ނިންމުމެއް ނިމުމުން، އެ ނިންމުމަށް ތާއީދުކުރި މެންބަރުންގެ އަދަދާއެކު، އެ ނިންމުން ރިޔާސަތުން އިއްވަންވާނެއެވެ.

 

11 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ އަގުލަބިއްޔަތުން ކަންކަން ނިންމުން 

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާއަކުން ނިންމުމެއް ނިންމަންވާނީ، އެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ވޯޓަކުންނެވެ.  (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ފިޔަވައި ޓްރައިބިއުނަލަށް ހުށަހެޅޭ އެހެން މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޖެންޑާ ކުރެވިފައިވާ ކަމަކާ ގުޅޭ ގޮތުން ނަގާ ވޯޓެއްގައި، ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެޖެންޑާ ކުރެވިފައިވާ ކަމަކާ ގުޅޭ ގޮތުން ނަގާ ވޯޓެއްގައި، ގާނޫނު ނަންބަރު 02-2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. މި މާއްދާގެ (ބ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ރިޔާސަތު ބަލަހައްޓާ މެންބަރަކު ވޯޓު ދޭންޖެހޭ ހާލަތުގައި ވޯޓު ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން ނިންމާ ނިންމުމެއް ފާސްވާނީ އެ ޖަލްސާގައި ބައިވެރިވި ވޯޓު ދެވ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. (އިތުރު ކުރެވިފައި)

(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ރިޔާސަތު ބަލަހައްޓާ މެންބަރަކު އާންމު މަޖިލީހުން ނިންމާ ނިންމުންތަކުގައި ވޯޓުދީގެން ނުވާނެއެވެ. އެހެންނަމަވެސް، އާންމު މަޖިލީހަށް ހުށަހެޅޭ ކަމަކާމެދު ނަގާ ވޯޓުގެ ފެންނަ ނުފެންނަ އަދަދު ހަމަހަމަވެއްޖެ ހާލަތެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ރިޔާސަތު ބަލަހައްޓާ މެންބަރަކު، އެ ފަރާތަކަށް ފެންނަ ކޮޅަކަށް ވޯޓުދޭންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން ނިންމާ ނިންމުންތައް ނިންމަންވާނީ، އާންމު މަޖިލީހުގެ ޖަލްސާތަކުގެ ސެކްރެޓީ ރިއެޓް ބަލަހައްޓާ ފަރާތުގެ ހާޒިރުގައެވެ. (އިތުރު ކުރެވިފައި)

 

11-1 ވަނަ މާއްދާ - އާންމު މަޖިލީހުން ނިންމާ އެހެނިހެން ނިންމުންތައް (އިސުރުހީއާއި މުޅި މާއްދާ އިތުރު ކުރެވިފައި)

އާންމު މަޖިލީހުން ނިންމުމެއް ނިންމަންޖެހޭ ފަދަ ކަމެއްގައި، އާންމު މަޖިލީހުގެ ޖަލްސާ ބޭއްވުމެއް ނެތި، އަންނަނިވި ކަންތައްތައް ފުރިހަމަވާގޮތަށް ނިންމުމެއް ނިންމައިފި ނަމަ، އެ ނިންމުމަކީ އާންމު މަޖިލީހުގެ ނިންމުމެއް ކަމުގައި ބަލަންވާނެއެވެ.

(ހ) އެ ނިންމުމަކާ ގުޅޭ މައުލޫމާތު އާންމު މަޖިލީހުގެ ހުރިހާ މެންބަރުންނާ ހިއްސާކޮށްފައިވުން. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ށ) އެ ނިންމުމަކާ ގުޅިގެން އާންމު މަޖިލީހުގެ މެންބަރުންގެ ފާހަގަކުރަން ބޭނުންވާ ކަންތައްތައް ލިޔުމުން ފާހަގަކުރުމަށް ފުރުސަތު ދީފައިވުން . (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ނ) އެ ނިންމުމަކީ ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ޓްރައިބިއުނަލަށް ހުށަހެޅޭ އެހެން މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން ނިންމާ ނިންމުމެއް ނަމަ، ގާނޫނު ނަންބަރު 02-2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ ތެރެއިން މަދުވެގެން 5 (ފަހެއް) މެންބަރުން އެ ނިންމުމެއް ނިންމަންފެންނަކަމަށް ބަޔާންކޮށް، ނިންމުމުގައި ސޮއިކޮށްފައި އޮތުން. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ރ) އެ ނިންމުމަކީ ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން ނިންމާ ނިންމުމެއް ނަމަ، ގާނޫނު ނަންބަރު 01-2024 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ 2 (ދޭއް) މެންބަރުން އެ ނިންމުމެއް ނިންމަން ފެންނަކަމަށް ބަޔާންކޮށް، ނިންމުމުގައި ސޮއިކޮށްފައި އޮތުން. (އިތުރު ކުރެވިފައި)

(ބ) އެ ނިންމުމަކީ މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ނިންމުމެއް ނޫން ނަމަ، މަދުވެގެން 6 (ހައެއް) މެންބަރުން އެ ނިންމުމެއް ނިންމަން ފެންނަކަމަށް ބަޔާންކޮށް، ނިންމުމުގައި ސޮއިކޮށްފައި އޮތުން.  (އިތުރު ކުރެވިފައި)

(ޅ) ސޮއިކޮށްފައިވާ ނިންމުން، އާންމު މަޖިލީހުގެ ސެކްރެޓީ ރިއެޓަށް ލިބިފައިވުން.  (އިތުރު ކުރެވިފައި)

 

12 ވަނަ މާއްދާ - ޔައުމިއްޔާ ފާސްކުރުން 

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުން އާންމު މަޖިލީހުގައި މަށްވަރާކުރެވޭ ކަންކަމާއި، ކަނޑައަޅާ އުސޫލުތަކާއި، ނިންމާ ނިންމުންތައް ބަޔާންކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް އެ މަޖިލީހުގެ ޔައުމިއްޔާ ސެކްރެޓޭރިއެޓުން ތައްޔާރުކޮށް، ޖެހިގެން އަންނަ ޖަލްސާއަށް އެ ޔައުމިއްޔާ ފާސްކުރުމަށްޓަކައި ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޔައުމިއްޔާ ހުށަހެޅުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން ޔައުމިއްޔާއަށް ގެންނަންޖެހޭ އިސްލާހެއް ވާނަމަ، އެކަން ފާހަގަކޮށް، ޔައުމިއްޔާ އިސްލާހުކުރުމަށް އަންގަންވާނެއެވެ.

(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާތަކުގެ ޔައުމިއްޔާތަކުގެ ކޮންމެ ސަފްހާއެއްގެ ތިރީގައި، އެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ސޮއި އޮންނަންވާނެއެވެ.

 

13 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލު ގެ އާންމު މަޖިލީހުގެ ޖަލްސާއަށް މެންބަރުންނަށް ހާޒިރުނުވެވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް، ޖަލްސާ ބޭއްވުމަށް ބޭނުންވާ އަދަދަށް މެންބަރުންނަށް ހާޒިރުނުވެވިއްޖެނަމަ، އިތުރު 15 (ފަނަރަ) މިނިޓަށް ބަލަންވާނެއެވެ. މިގޮތުންވެސް މެންބަރުންގެ އަދަދު ހަމަނުވާނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ރިޔާސަތުން ހަމަޖައްސާ އެހެން ދުވަހަކަށް ނުވަތަ އެހެން ގަޑިއަކަށް އެ ޖަލްސާ ފަސްކުރުމަށް ނުވަތަ އަލުން އައު ޖަލްސާއެއް ބޭއްވުމަށް ކަނޑައަޅައި ޖަލްސާ ފަސްކުރަންވާނެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވުމަށް އުޒުރުވެރިވާފަދަ ކަމެއް އެއްވެސް މެންބަރަކަށް ދިމާވެއްޖެނަމަ، އެކަން އެ ދުވަހުގެ ޖަލްސާ ފެށުމުގެ މަދުވެގެން 5 (ފަހެއް) މިނިޓް ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓަށް އަންގަންވާނެއެވެ.

 

14 ވަނަ މާއްދާ - އޯޑިއޯ ވީޑިއޯ ކޮންފަރެންސިންގ މެދުވެ ރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލު ގެ އާންމު މަޖިލީހުގެ ޖަލްސާ ބޭއްވުމާއި ޖަލްސާގައި ބައިވެރިވުން 

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާތައް އޯޑިއޯ ކޮންފަރެންސިންގ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބޭއްވިދާނެއެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާއެއްގައި އޯޑިއޯ ކޮންފަރެންސިންގ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނަށް ލިބިގެންވެއެވެ. މިފަދައިން އާންމު މަޖިލީހުގެ ޖަލްސާއެއްގައި އޯޑިއޯ ކޮންފަރެންސިންގ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމަށް މެންބަރަކު އެދޭނަމަ، އެކަން އެ ދުވަހުގެ ޖަލްސާ ފެށުމުގެ މަދުވެގެން 30 (ތިރީސް) މިނިޓުގެ ކުރިން، އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓަށް އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާއަކަށް މެންބަރުން އޮފީހަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ މެންބަރަށް ފެނިއްޖެނަމަ، އަދި އެކަން މެންބަރުންނަށް އަންގައިފައިވާނަމަ، އެ ޖަލްސާއެއްގައި ބައިވެރިވާންވާނީ އޮފީހަށް ހާޒިރުވެގެންނެވެ. (އިސްލާހު ކުރެވިފައި)

 

15 ވަނަ މާއްދާ - ރިޔާސަތުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް

މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާތައް އެޖެންޑާއާ އެއްގޮތަށް ކުރިޔަށްގެންދިއުމާއި، އާންމު މަޖިލީހުގެ ޖަލްސާތަކުގެ ނިޒާމު ބެލެހެއްޓުމަކީ ރިޔާސަތު ބަލަހައްޓާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ހ) އުނި ކުރެވިފައި)

(ށ) (އުނި ކުރެވިފައި)

(ނ) (އުނި ކުރެވިފައި)

 

15-1 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްގެ މަސްއޫލިއްޔަތުތައް (ސުރުހީއާއި މުޅި މާއްދާ އިތުރު ކުރެވިފައި)

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އާންމު މަޖިލީހުން ފާސްވާ ކަންތައްތައް ތަންފީޒުވާކަން ކަށަވަރުކުރުން،

(ށ) އާންމު މަޖިލީހުން ފާސްކޮށްފައިވާ އެއްވެސް ކަމެއް ތަންފީޒު ކުރެވިފައި ނުވާނަމަ، އެކަން ތަންފީޒު ކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 

15-2 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓް (ސުރުހީއާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ،  އެކަމަށް ޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ކަނޑައަޅ،ާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެކެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.

  1. އާންމު މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކޮށް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މެންބަރުންނަށް ފޮނުވުން؛ 
  2. އާންމު މަޖިލީހުން ނިންމާ ނިންމުންތައް ލިޔުމުން ރިކޯޑުކޮށް، އެ ނިންމުންތައް ނިންމުމުގައި ބައިވެރިވާ މެންބަރުންގެ ސޮއި ހޯދުން؛ 
  3. އާންމު މަޖިލީހުގެ ޔައުމިއްޔާތައް ލިޔެ ތައްޔާރުކުރުމާއި، އެ ޔައުމިއްޔާތައް ފާސްކުރުމަށް ޓަކައި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހެޅުން؛
  4. އާާންމު މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ހާޒިރުވާ ގޮތުގެ ރިކޯޑު ލިޔުމުން ބެލެހެއްޓުން؛
  5. އާންމު މަޖިލީހަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛
  6. އާންމު މަޖިލީހުގެ ނިންމުންތައް، ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާކުރުން؛
  7. އާންމު މަޖިލީހުގެ ނިންމުންތައް ތަންފީޒުވާ މިންވަރު ބަލައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސާ އެކަން ހިއްސާކުރުން؛
  8. އާންމު މަޖިލީހުގެ ޔައުމިއްޔާތަކާއި، އާންމު މަޖިލީހުން ނިންމާ ނިންމުންތަކާއި، އާންމު މަޖިލީހާ ގުޅުންހުރި މި ނޫންވެސް އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި، އާންމު މަޖިލީހުގެ މެންބަރުންނަށް މި ލިޔެކިޔުންތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން؛ 
  9. އާންމު މަޖިލީހުން ހަވާލުކުރާ އެހެނިހެން ކަންކަން ކުރުން،

 

15-3 ވަނަ މާއްދާ - އާންމު މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި މަޖިލީހުގެ ގާނޫނީ އަދަދާ ގުޅޭ އިސްތިސްނާ ހާލަތްތައް (ސުރުހީއާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅ މައްސަލަތަކާ ގުޅޭގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން ާއްވާ އާންމު މަޖިލީހުގެ ޖަލްސާތަކުގައި، ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންނެއް ނުހިމެނޭނެއެވެ. 

(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޖަލްސާއެއް ބޭއްވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ ތެރެއިން އެ ވަގުތަކު އައްޔަނުކުރެވިފައިވާ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ޖަލްސާއަށް ހާޒިރުވުމުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޖަލްސާއަކުން ނިންމާ ނިންމުމެއް ފާސްވާނީ، އެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ރ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން އާންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމެއް ނެތި ނިންމާ ނިންމުންތަކަކީ އާންމު މަޖިލީހުން ނިންމި ނިންމުންތަކެއް ކަމުގައި ބަލަންވާނީ، މި ގަވާއިދުގެ 1-11 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ މަދުވެގެން 2/3 (ތިންބައިކުޅަދެބައި) ގެ އަގުލަބިއްޔަތުން ސޮއިކުރުމުންނެވެ.

(ބ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޖަލްސާތަކުގެ ހާޒިރީ ބެލެހެއްޓުމުގައްޔާއި، ގާނޫނީ އަދަދު ބެލުމުގައްޔާއި، އެފަދަ ޖަލްސާތަކުގައި ނިންމާ ނިންމުންތަކާއި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ނިންމުންތައް ނިންމުމުގައި އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންނެއް ނުހިމެނޭނެއެވެ. 

(ޅ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން ބާއްވާ އާންމު މަޖިލީހުގެ ޖަލްސާތަކުގައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންނެއް ނުހިމެނޭނެއެވެ.

(ކ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދަ ޖަލްސާއެއް ބޭއްވޭނީ، ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންގެ ތެރެއިން އެ ވަގުތަކު އައްޔަނުކުރެވިފައިވާ މެންބަރުންނާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ހާޒިރުވެގެންނެވެ.

(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދަ ޖަލްސާއަކުން ނިންމާ ނިންމުމެއް ފާސްވާނ،ީ އެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ވ) ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅ މައްސަލަތަކާ ގުޅޭ ގޮތުން ނުވަތަ އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ ގޮތުން އާންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމެއް ނެތި ނިންމާ ނިންމުންތަކަކީ އާންމު މަޖިލީހުން ނިންމި ނިންމުންތަކެއް ކަމުގައި ބަލަންވާނ،ީ މި ގަވާއިދުގެ 1-11 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ ދަށުން އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންނާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ސޮއިކުރުމުންނެވެ. 

(މ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދަ ޖަލްސާތަކުގެ ހާޒިރީ ބެލެހެއްޓުމުގައްޔާއި، ގާނޫނީ އަދަދު ބެލުމުގައްޔާއި، އެފަދަ ޖަލްސާތަކުގައި ނިންމާ ނިންމުންތަކާއި އަދި މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދަ ނިންމުންތައް ނިންމުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ފިޔަވައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންނެއް ނުހިމެނޭނެއެވެ.

 

16 ވަނަ މާއްދާ - ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވުން 

މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެކަމަކާ ބެހޭ ގޮތުން ގޮތެއް ނިންމާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުންނެވެ. 

(ހ)  (އުނި ކުރެވިފައި)

(ށ) (އުނި ކުރެވިފައި)

 

17 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ ބޭނުމަށްޓަކައި، އިބާރާތް އޮތްގޮތުން އެހެންގޮތަކަށް ދޭހަނުވާހައި ހިނދަކު އަންނަނިވި ބަސްތަކާއި އިބާރާތްތަކުގެ މާނަކުރެވޭނީ ތިރީގައި އޭގެ މާނަ ދެވިފައިވާގޮތުގެ މަތިންނެވެ.

"ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުންނަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކަށެވެ. 

 

18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-112)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-112)

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

ކިޔުންތެރިންގެ ހިޔާލު