-

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-112) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-53)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 މޭ 2024 ގައި)

 

ގަވާއިދު ނަންބަރު 2021-112 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން، 

ވަަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލިސް އެކުލެވިގެންވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ މައްޗަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން، 

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ގާނޫނީ އަދަދު، އެއްވެސް ހާލަތެއްގައި 3 )ތިނެއް( މެންބަރުންނަށްވުރެ މަދުވެގެން ނުވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން،  

އާންމު މަޖިލީހުން ނިންމާ އެހެނިހެން ނިންމުންތައް 1-11.

(ހ) އާންމު މަޖިލީހުން ނިންމަންޖެހޭ ފަދަ ކަމެއް، އާންމު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމެއް ނެތި، އާންމު މަޖިލީހުން ނިންމާ ނިންމުންތަކުގެ ފޯމެޓަށް ތައްޔާރުކޮށްފައިވާ ފޯމެޓުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޖުމުލަ މެންބަރުންގެ މަދުވެގެން 2/3 (ތިންބައިކުޅަ ދެބައި) ގެ އަޣުލަބިއްޔަތުން ސޮއިކުރުމުން، އެ ކަމަކީ އާންމު މަޖިލީހުގެ ޖަލްސާއެއްގައި މަށްވަރާކުރި ކަމެއް ކަމުގައި ނުވިނަމަވެސް، އެފަދަ ނިންމުމަކީ މެންބަރުންގެ އާންމު މަޖިލީހުން ނިންމި ނިންމުމެއް ކަމުގައި ބަލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނިންމޭ ނިންމުމަކީ، މެންބަރުންގެ އާންމު މަޖިލީހުން ނިންމި ނިންމުމެއް ކަމުގައި ބަލަންވާނީ، އެ ނިންމުމަކާ ގުޅޭ މައުލޫމާތު އާންމު މަޖިލީހުގެ ހުރިހާ މެންބަރުންނާ ހިއްސާކުރެވ،ި އެ ނިންމުމަކާ ގުޅިގެން އާންމު މަޖިލީހުގެ މެންބަރުންގެ މެދުގައި މަށްވަރާ ކުރެވިފައިވާ ނަމައެވެ. އަދި މިފަދައިން ކުރެވޭ މަށްވަރާތައް ލިޔުމުން ފެންނަން ހުންނަންވާނެއެވެ.

(ނ) މި މައްދާގެ (ހ) ގެ ދަށުން ނިންމޭ ނިންމުންތަކުގައި، އެ ނިންމުމަކީ މި މާއްދާގެ ދަށުން ނިންމައިފައިވާ ނިންމުމެއްކަން އެނގެން އޮންނަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން،

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާތައް އޯޑިއޯ ކޮންފަރެންސިންގ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބޭއްވިދާނެއެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާއެއްގައި އޯޑިއޯ ކޮންފަރެންސިންގ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނަށް ލިބިގެންވެއެވެ. މިފަދައިން އާންމު މަޖިލީހުގެ ޖަލްސާއެއްގައި އޯޑިއޯ ކޮންފަރެންސިންގ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމަށް މެންބަރަކު އެދޭނަމަ، އެކަން އެ ދުވަހުގެ ޖަލްސާ ފެށުމުގެ މަދުވެގެން 30 (ތިރީސް) މިނިޓުގެ ކުރިން، އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓަށް އަންގަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާއަކަށް މެންބަރުން އޮފީހަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ މެންބަރަށް ފެނިއްޖެނަމަ، އަދި އެކަން މެންބަރުންނަށް އަންގައިފައިވާނަމަ، އެ ޖަލްސާއެއްގައި ބައިވެރިވާންވާނީ އޮފީހަށް ހާޒިރުވެގެންނެވ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) އާއި (ނ) އުނިކުރުމަށްފަހު، އެ މާއްދާ އަންނަނިވި ފަދައިން އިސްލާހުކުރުން.

15. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ޖަލްސާތައް އެޖެންޑާއާ އެއްގޮތަށް ކުރިޔަށް ގެންދިއުމަކީ، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. 

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން 2 މާއްދާ އިތުރުކުރުން،

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްގެ މަސްއޫލިއްޔަތުތައް 1-15.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އާންމު މަޖިލީހުން ފާސްވާ ކަންތައްތައް ތަންފީޒުވާކަން ކަށަވަރުކުރުން،

(ށ) އާންމު މަޖިލީހުން ފާސްކޮށްފައިވާ އެއްވެސް ކަމެއް ތަންފީޒު ކުރެވިފައި ނުވާނަމަ، އެކަން ތަންފީޒު ކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން، 

15-2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓް

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ،  އެކަމަށް ޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ކަނޑައަޅ،ާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެކެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.

  1. އާންމު މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކޮށް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މެންބަރުންނަށް ފޮނުވުން؛ 
  2. އާންމު މަޖިލީހުން ނިންމާ ނިންމުންތައް ލިޔުމުން ރިކޯޑުކޮށް، އެ ނިންމުންތައް ނިންމުމުގައި ބައިވެރިވާ މެންބަރުންގެ ސޮއި ހޯދުން؛ 
  3. އާންމު މަޖިލީހުގެ ޔައުމިއްޔާތައް ލިޔެ ތައްޔާރުކުރުމާއި، އެ ޔައުމިއްޔާތައް ފާސްކުރުމަށް ޓަކައި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހެޅުން؛
  4. އާާންމު މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ހާޒިރުވާ ގޮތުގެ ރިކޯޑު ލިޔުމުން ބެލެހެއްޓުން؛
  5. އާންމު މަޖިލީހަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛
  6. އާންމު މަޖިލީހުގެ ނިންމުންތައް، ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާކުރުން؛
  7. އާންމު މަޖިލީހުގެ ނިންމުންތައް ތަންފީޒުވާ މިންވަރު ބަލައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސާ އެކަން ހިއްސާކުރުން؛
  8. އާންމު މަޖިލީހުގެ ޔައުމިއްޔާތަކާއި، އާންމު މަޖިލީހުން ނިންމާ ނިންމުންތަކާއި، އާންމު މަޖިލީހާ ގުޅުންހުރި މި ނޫންވެސް އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި، އާންމު މަޖިލީހުގެ މެންބަރުންނަށް މި ލިޔެކިޔުންތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން؛ 
  9. އާންމު މަޖިލީހުން ހަވާލުކުރާ އެހެނިހެން ކަންކަން ކުރުން،

 

7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ އާންމު މަޖިލީހުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-112)

 

މައި ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-112)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު