-

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2016-88)

(1ވަނަ, 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ ބާބު

ތައާރަފް

 

1 ވަނަ މާއްދާ - ތައާރަފު

(ހ) މިއީ ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗާއި، ތަރިކައިން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ގަނެގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބޭ ބަންޑާރަ ގޯއްޗާއި، އަމިއްލް ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދު ހަދާފައިވަނީ، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 13 ވަނަ މާއްދާއާއި 21 ވަނަ މާއްދާ އަދި 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެގާނޫނުގެ 41 ވަނަ މާއްދާގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ ބާބު 

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރުން

 

2 ވަނަ މާއްދާ - ރަޖިސްޓަރީ ދޫކުރާ އިދާރާ (އިސްލާހު ކުރެވިފައި)

ދިރިއުޅުމަށް ދޫކުރާ ކޮންމެ ބަންޑާރަ ގޯއްޗަކާއި ގޯތީގައި ހަދާ އިމާރާތެއް މި ގަވާއިދުގައިވާ ގޮތުގެމަތިން، އަންނަނިވި ތަންތަނުގެ ތެރެއިން ތަނެއްގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ހ) ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުގައި، ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައި، ނުވަތަ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަށްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއެއްގައި؛ ނުވަތަ (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) ސިޓީއެއް ނޫންނަމަ އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާގައި ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައި.

(ނ) ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަށްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއިން ރަޖިސްޓަރީ ހަދައިދިނުމުގައި، މި ގަވާއިދުގެ 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ. (އިތުރު ކުރެވިފައި)

 

3 ވަނަ މާއްދާ - ގޯތީގެ ވަގުތީ ރަޖިސްޓަރީ ދޫކުރުން.

(ހ) ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރާއިރު އެ ގޯއްޗެއް ދޫކުރާ ފަރާތަށް ވަގުތީ ރަޖިސްޓަރީއެއް ދޫކުރަންވާނެއެވެ. ވަގުތީ ރަޖިސްޓަރީ ދޫކުރާނީ، ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަކުންނެވެ. އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިން ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަކުންނެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ވަގުތީ ރަޖިސްޓަރީގައި މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމުން މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން އެ ގޯއްޗަކަށް ދޫކުރާ ދާއިމީ ރަޖިސްޓަރީ ދޫކުރަންދެން ދޫކުރެވޭ ވަގުތީ ރަޖިސްޓަރީއެކެވެ. އެގޮތުން ދޫކުރާ ކޮންމެ ވަގުތީ ރަޖިސްޓަރީއެއްގައި އެ ރަޖިސްޓަރީއަކީ ވަގުތީ ރަޖިސްޓަރީއެއްކަން ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް ގޯތި ދޫކުރާ ތާރީހުގައި ގޯތީގެ ވެރި ފަރާތަށް ގޯތި ހަވާލުކުރިކަމުގެ ލިޔުމެއް ދޫކޮށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރާތާ، ގިނަވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ގޯތީގެ ވަގުތީ ރަޖިސްޓަރީ ދޫކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

4 ވަނަ މާއްދާ - ވަގުތީ ރަޖިސްޓަރީގައި ހިމަނަންޖެހޭ މައުލޫމާތު.

މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ދޫކުރާ ވަގުތީ ރަޖިސްޓަރީގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ގޯތި ދޫކުރެވުނު ފަރާތް؛

(ށ) ގޯތި ދޫކުރެވުނު ތާރީހު؛

(ނ) ގޯތި އޮތް ރަށާއި ތަން؛ އަދި

(ރ) ގޯތީގެ ބޮޑުމިން އެނގޭނެ ޗާޓެއް.

(ބ) ރަޖިސްޓަރީގައި ހިމަނަންޖެހޭ އިތުރު އެންގުންތައް؛ (އިތުރު ކުރެވިފައި)

 

5 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް ހުށަހެޅުން.

(ހ) ދިރިއުޅުމަށް ގޯތި ދޫކުރާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކޮށް، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ގޯތީގެ ދާއިމީ ރަޖިސްޓަރީ ހެއްދުމަށް އެދި، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، ގޯތީގެ ވެރިފަރާތުން ހުށަހަޅަން ވާނެއެވެ. އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސި ލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، ގޯތީގެ ވެރިފަރާތުން ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ)ގެ ބޭނުމަށް، ގޯތި ދޫކުރި ތާރީހުކަމަށް ބަލާނީ، ގޯތި ލިބުނު ފަރާތަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ހަވާލުކުރާ ތާރީހެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދާއިމީ ރަޖިސްޓަރީ ހެދުމަށް ގޯތީގެ ވެރިފަރާތުން ހުށަނާޅައިފިނަމަ، އެ މުއްދަތު ހަމަވުމަށްފަހު ރަޖިސްޓަރީ ކުރާއިރު، ދުވާލަކަށް 5 (ފަހެއް) ރުފިޔާގެ ރޭޓުން، ގޯތީގެ ވެރިފަރާތް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އެ ގޯއްޗެއްގެ އިހްތިސާސް ހިނގާ ކައުންސިލުގެ އިދާރާއަކަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ދާއިމީ ރަޖިސްޓަރީ ހެދުމަށް ގޯތީގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭނީ، އެންމެ ގިނަވެގެން 2،000 (ދެހާސް) ރުފިޔާއާ ހަމައަށެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދާއިމީ ރަޖިސްޓަރީ ހެއްދުމަށް ގޯތީގެ ވެރިފަރާތުން ހުށަނާޅާނަމަ، މި މާއްދާގެ (ނ) ގެ ދަށުން އެ ފަރާތް ޖޫރިމަނާ ކުރުމާއެކު،ދާއިމީ ރަޖިސްޓަރީ ހެދުމުގެ ފުރުސަތު ދެވޭނީ، ގޯތި ހަވާލުކުރިކަމުގެ ލިޔުން އެ ފަރާތަކަށް ދޫކުރާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ. (އިތުރު ކުރެވިފައި)

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ގޯތީ ގެ ވެރިފަރާތުން ގޯތީގެ ދާއިމީ ރަޖިސްޓަރީ ހެދުމަށް ހުށަނާޅައިފިނަމަ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ވަގުތީ ރަޖިސްޓަރީއާއި ގޯތި ހަވާލުކުރިކަމުގެ ލިޔުން ބާތިލުކޮށް، އެ ފަރާތުގެ ކިބައިން ގޯތި ވަކިކުރުމުގެ އިހްތިޔާރު، އެ ގޯއްޗެއް ދޫކޮށްފައިވާ ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

 

6 ވަނަ މާއްދާ - ފުރިހަމަ ކުރަންޖެހޭ ކަންކަން.

މި ގަވާއިދުގެ 5 ވަމަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށް ހުށަހެޅޭ ގޯތީގެ ރަޖިސްޓަރީ ހަދައިދެވޭނީ އަންނަނިވި ކަންތައްތައް ފުރިހަމަވުމުންނެވެ.

(ހ) ގޯތީގައި އެހެން ފަރާތެއްގެ ނުވަތަ ދައުލަތުގެ ރުއްގަހާއި ނުއުފުލޭ މުދަލެއް ހުރިނަމަ އެ ތަކެއްޗަށް ބަދަލުދިނުން؛

(ށ) ގޯތި ދޫކުރާ އޮފީހުން ކަނޑައަޅާ ގޮތަކަށް ކަންމުޑި ރޭނުން؛

 

7 ވަނަ މާއްދާ - ހުށަހަޅަންޖެހޭ މައުލޫމާތު

(ހ) ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗާއި، ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރަން ހުށަހަޅާއިރު، އެކަމަށްއެދޭ ފޯމު ފުރިހަމަކޮށް، އެފޯމާއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  1. ގޯއްޗަށް ނަން ކިޔުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭނަމެއް؛
  2. ގޯތީގައި އެހެން ފަރާތެއްގެ ނުވަތަ ދައުލަތުގެ ރުއްގަހާއި ނުއުފުލޭ މުދަލެއް ހުރިނަމަ، އެ ތަކެއްޗަށް ބަދަލުދީފައިވާ ކަމުގެ ލިޔުން؛
  3. ގޯތީގެ ވަގުތީ ރަޖިސްޓަރީ ނުވަތަ ދާއިމީ ރަޖިސްޓަރީ؛ (އިސްލާހު ކުރެވިފައި)
  4. (އުނި ކުރެވިފައި)
  5. ރަޖިސްޓަރީ ހެއްދުމާގުޅޭ ގޮތުންނާއި، ރަޖިސްޓަރީއަށް ބަދަލު ގެނައުމާއި، ރަޖިސްޓަރީއާ ގުޅުންހުރި މުއާމަލާތްތައް ކުރުމަށްޓަކައި ލިޔެކިއުން ފޮނުވާނެ އެޑްރެސް؛

(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ހު ށަހަޅައިފައިވާ އެޑްރެސް ބަދަލުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއް ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް އެކަން އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގައިވާ ގޮތުގެމަތިން ހުށަހަޅާފައިވާ އެޑްރެހަށް ލިޔެކިޔުން ފޮނުވުމުން ރަޖިސްޓަރީއާ ގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް އެންގުނީކަމަށް ބެލެވޭނެއެވެ.

 

8 ވަނަ މާއްދާ – ރަޖިސްޓަރީ ނުވަތަ ގޯތި ދޫކުރިކަމުގެ ލިޔުން ދޫކުރުން (އިސްލާހު ކުރެވިފައި)

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައިވާ ކަންތައްތައް ފުރިހަމަވުމުނ،ް ގޯތި ރަޖިސްޓަރީކޮށްދ،ީ ރަޖިސްޓަރީ ހެދުމަށް ހުށަހެޅި ފަރާތަށް ގޯތީގެ ރަޖިސްޓަރީގެ އަސްލު ދޫކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަށްރޫއުތަކުގެ ދަށުން ގޯތި ހަވާލުކުރާއިރު، ގޯތީގެ ދާއިމީ ރަޖިސްޓަރ،ީ ގޯތި ލިބުނު ފަރާތަށް ދޫކުރަންވާނެއެވެ. މި ރަޖިސްޓަރީ ދޫކުރުމުނ،ް މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީކުރަން އަލުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ނ) ސަރުކާރުން ތަރައްގީ ކުރުމުގެ ގޮތުން ގޯތި ދިނުމަށް ކަނޑައަޅައިފައިވާ ސަރަހައްދަކީ ނުހިއްކައި ނުވަތަ އިން ވަކިނުކޮށް އޮތް ސަރަހަ އްދެއްނަމަ، އެފަދަ ސަރަހައްދަކުން ގޯތި ހަވާލުކުރާއިރު ގޯތި ދޫކުރިކަމުގެ ލިޔުމެއ،ް ގޯތި ލިބުނު ފަރާތަށް ދޫކުރެވިދާނެއެވެ. (އިތުރު ކުރެވިފައި)

(ރ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ދޫކުރާ ރަޖިސްޓަރީގެ ކޮޕީއެއ،ް އެ ކޮޕީގައި އަސްލާ އެއްގޮތް ކޮޕީއެއްކަން އަންގައިދޭ ތައްގަނޑު ޖަހައި، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުގައި ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާގައި، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާގައި ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާގައި ނުވަތަ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަށްރޫއުތަކުގެ ދަށުން ގޯތި ދޫކުރާ އިދާރާގައި ބާއްވަންވާނެއެވެ. (އިތުރު ކުރެވިފައި)

 

9 ވަނަ މާއްދާ – އިމާރާތް ރަޖިސްޓަރީކުރުން

(ހ) ގޯތި ދޫކުރާތާ 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެވޭ ފެންވަރަށް އިމާރާތްކުރުމަށްފަހު، އިމާރާތް ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ގޯތި ދޫކުރި ތާރީހުކަމަށް ބަލާނީ، ގޯތި ލިބުނު ފަރާތަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ހަވާލުކުރާ ތާރީހެވެ.

(ނ) މި ގަވާއިދުގެ ދަށުން ގޯއްޗެއްގައި ދިރިއުޅެވޭ ވަރަށް އިމާރާތްކޮށްފައިވާ ކަމަށް ބެލެވޭނީ، ގެދޮރު އިމާރާތްކުރުމާ ބެހޭގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ގޯތީގައި ކެއްކުމާއި، ކައިބޮއެ އުޅުމާއި، ނިދުން ފަދަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންވާވަރަށް އިމާރާތްކޮށްފައިވާނަމައެވެ.

(ރ) މިގަވާއިދުގެ ދަށުން އިމާރާތް ރަޖިސްޓަރީ ކޮށްދޭނީ، ގެދޮރު އިމާރާތްކުރުމާ ބެހޭގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއެއް ގޮތްވާ ގޮތުގެމަތިން ގޯތީގައި ކެއްކުމާއި، ކައިބޮއެ އުޅުމާއި، ނިދުން ފަދަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންވާވަރަށް އިމާރާތްކޮށްފައި ވުމާއެކު، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަންފުރިހަމަކޮށް އެމާއްދާގައިވާ ގޮތުގެމަތިން އިމާރާތް ރަޖިސްޓަރީކުރަން އެދި ހުށަހެޅުމުންނެވެ.

3 ވަނަ ބާބު (ބާބުގެ ނަންބަރާއި ސުރުހީ އިތުރު ކުރެވިފައި)

އަމިއްލަ ގޯތި ރަޖިސްޓަރީ ކުރުން

 

10 ވަނަ މާއްދާ - ބަންޑާރަ ގޯތި އަމިއްލަކުރުމަށް ފަހު ރަޖިސްޓަރީކުރުން

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރާ ހާލަތުގައި، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބޭހޭ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2022-18 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތީން ބިމުގެ އަގު އަދާކޮށް ނިމޭތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ބަންޑާރަ ގޯތީގެ ރަޖިސްޓަރީ ބާތިލުކޮށް، އަމިއްލަ ގޯއްޗެއްގެ ގޮތުގައި އެ ގޯތީގެ އައު ރަޖިސްޓަރީއެއް ހެއްދުމަށް، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް ނުވަތަ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަށްރޫއުތަކުގެ ދަށުން ގޯތި ދޫކުރާ އިދާރާއަށް ހުށަހަޅަންވާނެއެވެ. (ނޯޓް: މި މާއްދާގައި ގަވާއިދު ނަންބަރު 2022-18 އަށް ހަވާލާދެވިފައިވާ އޮޅުމަކުން ކަމަށާއި އަސްލު ގަވާއިދަކީ ނަންބަރު 2022-181 ކަމަށް ބެލެވޭ) (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) މި މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އަމިއްލަކުރާ ގޯތީގެ ވެރިފަރާތުން ރަޖިސްޓަރީއަށް ބަދަލު ގެނައުމަށް އެދި ހުށަހަޅާތާ ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ އިދާރާގައިވާ އެ ގޯއްޗާ ގުޅޭ މައުލޫމާތުތަކަށް ބަދަލުގެނައުމަށްފަހު، އަމިއްލަ ގޯއްޗެއްގެ ގޮތުގައި އެ ގޯތީގެ އައު ރަޖިސްޓަރީއެއް ހައްދައި، އެ ފަރާތަށް ދޫކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

11 ވަނަ މާއްދާ - ބަންޑާރަ ގޯއްޗަކުން ބައެއް އަމިއްލަ ކުރުމަށްފަހު ރަޖިސްޓަރީ ކުރުން (އިތުރު ކުރެވިފައި)

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބައެއް އަމިއްލަކުރާ ހާލަތްތަކުގައި، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2022-181 (ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތީން އަމިއްލަކުރާ ބައިގެ އަގު އަދާކޮށް ނިމުމުން ބަންޑާރަ ގޯތީގެ ރަޖިސްޓަރީ ބާތިލުކޮށް "އަމިއްލަ ބަންޑާރަ" ގޯއްޗެއްގެ ގޮތުގައި އެ ގޯތި ރަޖިސްޓަރީކޮށްދޭން ވާނެއެވެ. މިފަދައިން ހަދައިދޭ ރަޖިސްޓަރީގައި، އަމިއްލަ ބައިގެ ބޮޑުމިނާއި ބަންޑާރަ ބައިގެ ބޮޑުމިން އެނގެން އޮންނަންވާނެއެވެ.

(ށ) އަމިއްލަ ބަންޑާރަ ބިމެއްގައި ހިމެނޭ އަމިއްލަ ބަޔަށް ވަކި ރަޖިސްޓަރީއެއް ހަދައިދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދައިދޭ ވަކި ރަޖިސްޓަރީގައި، އެއީ އަމިއްލަ ބިމެއް ނަމަ، އެކަން އެނގޭގޮތަށް ލިޔަންވާނެއެވެ. އަދި އެއީ ބަންޑާރަ ބިމެއް ނަމަ، އެކަން އެނގޭ ގޮތަށްލިޔެފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބިމެއް ނުވަތަ ބިމަކުން ބައެއް އަމިއްލަކުރުމަށްފަހު، އެ ގޯތީގެ ރަޖިސްޓަރީ ހަދަން ހުށަހަޅާއިރު، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ އިތުރުން، އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  1. ބިމުގެ އަގު އަދާކޮށް ނިންމައިފައިވާކަން އަންގައިދޭން ލިޔުން؛
  2. ގޯތީގެ ނުވަތަ އިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ އަސްލު.

 

 

4 ވަނަ ބާބު (ބާބުގެ ނަންބަރު އިސްލާހު ކުރެވިފައި)

ތަރިކައިން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ގަނެގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބޭ ގޯތި ރަޖިސްޓްރީކުރުން

 

12 ވަނަ މާއްދާ – ރަޖިސްޓަރީކުރަން ހުށަހެޅުން

(ހ) ނުއުފުލޭ މުދަލުގެ ތަރިކައިން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ގަނެގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބިގެން ބަންޑާރަ ގޯއްޗެއް ނުވަތަ ބަންޑާރަގޯއްޗަކުން ބައެއް ނުވަތަ އަމިއްލަ ގޯތި ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް އެކަމަށް އެދޭ ފޯމ،ު އަންނަނިވި ލިޔެކިޔުންތަކާއެކު ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

  1. ގޯއްޗަށް ނަން ކިޔުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭނަމެއް؛
  2. ރަޖިސްޓަރީކުރަން އެދޭ ގޯތި ނުވަތަ ގޯތީގެ ބައިގައި ހިމެނޭ އިމާރާތް މިލްކުވެފައިވާ ކަމުގެ ށަރުއީލިޔުން؛
  3. (އުނި ކުރެވިފައި)
  4. ރަޖިސްޓަރީ ހެއްދުމާގުޅޭ ގޮތުންނާއި، ރަޖިސްޓަރީއަށް ބަދަލު ގެނައުމާއި، ރަޖިސްޓަރީއާ ގުޅުންހުރި މުއާމަލާތްތައް ކުރުމަށްޓަކައި ލިޔެކިޔުން ފޮނުވާނެ ފުރިހަމަ އެޑްރެސް؛

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ހުށަހަޅައިފައިވާ އެޑްރެސް ބަދަލުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް އެކަން އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގައިވާ ގޮތުގެމަތިން ހުށަހަޅާފައިވާ އެޑްރެހަށް ލިޔެކިއުން ފޮނުވުމުން ރަޖިސްޓަރީއާ ގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް އެންގުނީކަމަށް ބެލެވޭނެއެވެ.

 

13  ވަނަ މާއްދާ - ރަޖިސްޓަރީ ދޫކުރުން

މިގަވާއިދުގެ 11 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކުރުމުން، ގޯތި ރަޖިސްޓަރީކޮށްދީ، ގޯތީގެ ރަޖިސްޓަރީގެ އަސްލު ދޫކުރަންވާނެއެވެ.

 

14  ވަނަ މާއްދާ - އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ގޯތި ރަޖިސްޓަރީކުރުން

(ހ) ނުއުފުލޭ މުދާ ތަރިކައިން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ގަނެގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބިގެން ބަންޑާރަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ބެހުމަށްފަހު އެކަކަށްވުރެ ގިނަ މީހުންގެ ނަންމަތީ ރަޖިސްޓަރީ ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކޮށްދޭއިރު، މުޅި ގޯތީގެ ރަޖިސްޓަރީގެ މާސްޓަރ ރަޖިސްޓަރީއެއް ހަދައި ސަރުކާރުގެ ކަމާބެހޭ އިދާރާގައި ބާއްވަންވާނެއެވެ. އަދި މިރަޖިސްޓަރީގެ އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ ކޮޕީއެއް ގޯތީގެ ކޮންމެ ވެރިފަރާތަކަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކޮށްދޭއިރު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީގެ އިތުރަށް، ގޯތީގެ ކޮންމެ ވެރިފަރާތަކަށް ށަރީއަތުން އެ ވެރިފަރާތަކަށް ކަނޑައެޅި ބައި އެނގޭގޮތަށް ރަޖިސްޓަރީގެ އަސްލެއް ހަދައިދޭންވާނެއެވެ.

 

15  ވަނަ މާއްދާ - ވަކި ރަޖިސްޓަރީއެއް ހަދައިދިނުން

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ރަޖިސްޓަރީގައި ހިމެނޭ ފަރާތަކުން ވަކި ރަޖިސްޓަރީއެއް ހަދަން ބޭނުންވެއްޖެ ނަމަ މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކަމަށް އެދި ފޯމު ހުށަހެޅުމުން، އެ ފަރާތުގެ ބައި މާސްޓަރ ރަޖިސްޓަރީން އުނިކޮށް އެފަރާތަށް ވަކި ރަޖިސްޓަރީއެއް ހަދައިދީ، މި ބަދަލު އެހެން ރަޖިސްޓަރީތަކަށް ގެންނަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީ ހެއްދުމަށް މާސްޓަރ ރަޖިސްޓަރީގައި ހިމެނޭ އެހެން ރަޖިސްޓަރީތަކުގެ އަސްލު ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

16  ވަނަ މާއްދާ - ގަވާއިދު އައުމުގެކުރިން ހެދިފައިވާ ރަޖިސްޓަރީ

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެކުރިން އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީކުރެވިފައި ހުރި ގޯތިތަކަށް ވަކި ރަޖިސްޓަރީ ހަދައިދިނުމަށް އެފަރާތަކުން އެދުމުން، މިގަވާއިދުގައިވާ ގޮތުގެމަތިން ވަކި ރަޖިސްޓަރީއެއް އެފަރާތަކަށް ހަދައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ރަހުނުކޮށްފައިވާ ބައިގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ގެނެވޭނީ ރަހުނުގެ މުއާމަލާތް ނިމިއްޖެކަމުގެ ލިޔުން ހުށަހެޅުމުން ނުވަތަ ރަހުނު ބަހައްޓާފައިވާ ބޭންކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން ހުށަހެޅުމުންނެވެ.

 

17  ވަނަ މާއްދާ - އާއްމުކޮށް އަންގައި އިއުލާނުކުރުން

މި ގަވާއިދުގެ ދަށުން ވަކި ރަޖިސްޓަރީ ހަދައި ދިނުމަށްފަހު މުޅި ގޯތީގެ ރަޖިސްޓަރީއަށް ބަދަލުގެނެވިފައިވާކަން، ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކޮށްގެންނާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާއްމުކޮށް އަންގައި އިއުލާނުކުރަން ވާނެއެވެ.

 

18  ވަނަ މާއްދާ – ރަޖިސްޓަރީގައި ހިމަނަންޖެހޭ މައުލޫމާތު

މި ގަވާއިދުގެ ދަށުން ހަދައިދޭ ރަޖިސްޓަރީގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ހ) ގޯތި ރަޖިސްޓަރީކުރެވިފައިވާ މީހާ ނުވަތަ މީހުން؛

(ށ) ގޯއްޗަކީ އަމިއްލަ ގޯއްޗެއްކަން ނުވަތަ ބަންޑާރަ ގޯއްޗެއްކަން؛

(ނ) ގޯތި އޮތް ރަށާއި ތަން؛

(ރ) ގޯތީގެ ބޮޑުމިން އެނގޭނެ ޗާޓެއް؛ (އިސްލާހު ކުރެވިފައި)

(ބ) ގޯތި ރަޖިސްޓަރީކުރެވުނު ތާރީހު 

(ޅ) ރަޖިސްޓަރީގައި ހިމަނަންޖެހޭ އިތުރު އެންގުންތައް. (އިތުރު ކުރެވިފައި)

 

5 ވަނަ ބާބު (ބާބުގެ ނަންބަރު އިސްލާހު ކުރެވިފައި)

އާއްމު މާއްދާތައް

 

19  ވަނަ މާއްދާ - ރަޖިސްޓަރީ ގެއްލިގެން އަލުން ހަދައިދިނުން

(ހ) މި ގަވާއިދުގެ ދަށުން ހަދައިދެވިފައިވާ ރަޖިސްޓަރީއެއް ގެއްލިއްޖެނަމަ، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް ނުވަތަ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަށްރޫއުތަކުގެ ދަށުން ގޯތި ދޫކުރާ އިދާރާއަށް، ލަސްނުކޮށް އެކަން އަންގަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) ރަޖިސްޓަރީ ގެއްލުނުކަން އެންގުމުން މި ގަވާއިދުގައިވާ ގޮތުގެމަތިން އަލުން ރަޖިސްޓަރީ ހަދައިދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ރަޖިސްޓަރީއެއް ގެއްލިގެން އެ ރަޖިސްޓަރީގެ ބަދަލުގައި އަލުން ރަޖިސްޓަރީއެއް ހަދައިދެވޭނީ، އެ ގޯތި ނުވަތަ އިމާރާތް ރަހުނުކުރުމުގެ ގޮތުން އެ ގޯތީގެ ރަޖިސްޓަރީ ވިޔަފާރި ބޭންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ބޭއްވިފައިވޭތޯ ބަލައި، ނެތްނަމަ އެ ރަޖިސްޓަރީއެއް ހޯދުމުގެގޮތުން އާއްމުކޮށް އިއުލާނުކުރުމަށްފަހުގައެވެ.

(ރ) މި މާއްދާގެ ދަށުން އަލުން ރަޖިސްޓަރީއެއް ހަދައިދެވޭނީ 500 (ފަސްސަތޭކަ) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ.(އިސްލާހު ކުރެވިފައި)

 

20  ވަނަ މާއްދާ - އިތުރު އެންގުންތައް (އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ ރަޖިސްޓަރީގެ އިތުރު އެންގުންތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. 

  1. ގޯތީގެ މަގުމަތީ ފާރާއި މެދުފާރު ރާނައި ބަލަހައްޓަންވާނެއެވެ. މި ފާރުތައް ރާނަންވާނީ ނުވަތަ ފުޅައްތައް އަޅަންވާނީ، ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ އިދާރާގެ ހުއްދަ ލިބިގެންނެވެ.
  2. ގޯތީގެ އިން ވަކިކުރުމަށް ރޯގަސްޖެހުމަކީ މަނާކަމެކެވެ.
  3. ގޭގެ ނަމާއި ނަންބަރު އެނގޭގޮތަށް ނަންބޯޑު ބަހައްޓަންވާނެއެވެ. ނަންބަރު ނޭނގޭ ގޮތަށް ނަންބޯޑު ހުރިނަމަ ނުވަތަ ނަންބޯޑު ހަލާކުވެއްޖެނަމަ، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަންބޯޑު ހަދައި ފައި ބަހައްޓަންވާނެއެވެ. 
  4. ބަންޑާރަ ގޯއްޗެއްގައި އެ ގޯއްޗެއް ހަވާލުކުރެވިފައިވާ ފަރާތް ނޫން އެހެން ފަރާތަކުން އެއްވެސް އިމާރާތެއް ހަދައިގެން ނުވާނެއެވެ. އެފަދަ ގޯއްޗެއް ހަވާލުކުރެވިފައިވާ ފަރާތް ފިޔަވައި އެނޫން ފަރާތަކުން އިމާރާތެއް ކުރިނަމަވެސް، އެ އިމާރާތުގެ ވެރިފަރާތަކަށް އެ ގޯއްޗެއް ނުވަތަ އެ ގޯތިން ބައެއްވިޔަސް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ. 
  5. މަގުމަތީ ފާރު ނުވަތަ މަގުމަތީ ފާރުން ބައެއްނަމަވެސް ތަޅައިލަންވާނީ، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާގެ ހުއްދަ ހޯދައިގެންނެވެ. އަދި ހުއްދަ ލިބިގެން ނޫނީ މަގުމައްޗަށް ދޮރުކެނޑުމާއި ދޮރާށި ބަދަލުކުރުމަކީ ވެސް މަނާކަމެކެވެ. 
  6. އެހެން މީހަކަށް ދީފައިވާ ގޯއްޗެއްގެ އިންފާރުކައިރީގައި ފާރެއް ރޭނުމުގެ ކުރިން ނުވަތަ އިމާރާތެއް ހެދުމުގެ ކުރިން، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސް ޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއިން ހުއްދަ ހޯދަންވާނެއެވެ. އަދި އެ މީހެއްގެ ގޯތީގެ އިންފާރުމައްޗަށް އިމާރާތްކޮށް ފާރުން ދޮރެއް ކަނޑައި ތަނެއް ތަޅައިލުން ފަދަ ކަމެއް ކުރާނަމަވެސް ހުއްދަ ހޯދަންވާނެއެވެ. 
  7. ގޯތިތެރެއާއި ގޯތި ގުޅިފައިވާ މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބަލަހައްޓަންވާނެއެވެ. 
  8. ގޯތީގެ އެއްވެސް ފާރެއްގެ އިމާ 3 (ތިނެއް) ފޫޓަށްވުރެ ކައިރީގައި އިންފާރަށް ނުވަތަ ޖެހިގެން ހުންނަގޭގެ އިމާރާތަށް ގެއްލުމެއް ލިބިދާނެފަދަ ގޮތަކަށް އަދި އެ ގެއަށް އުނދަގޫވާފަދަ ގޮތަކަށް ވަޅުވަޅުގަނޑު ކޮނުމާއި، ފާހާނާ ވަޅުގަނޑު ހެދުންފަދަ ކަންތައްކޮށްގެން ނުވާނެއެވެ.

 

21  ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރުން (އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ ދަށުން އަންނަނިވި ހާލަތްތަކުގައި ގޯތީގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އިދާރާތަކަށް ނުވަތަ އެ ރަޖިސްޓަރީއެއް ދޫކުރި އިދާރާއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

  1. މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ޅ) ގެ ދަށުން؛
  2. މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބަންޑާރަ ގޯތި ނުވަތަ ގޯތިން ބައެއް އަމިއްލަކުރުމަށްފަހު، ރަޖިސްޓަރީއަށް ބަދަލު ގެންނަން ހުށަހެޅުމުން؛
  3. މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސް ޓަރީ ގެއްލިގެން އަލުން ހަދައިދޭ ހާލަތުގައި؛
  4. ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 42 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވައިލައިފައިވާ (ދިރިއުޅުމަށް ޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު) ގެ 25 ވަނަ މާއްދާގެ ދަށުން ގޯތި ދޫކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ދިރިއުޅެން ފަށައިފައި ނުވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގޯތީގެ ވެރިފަރާތަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރާނަމަ، ބާތިލުކުރުމުގެ ކުރިން ގޯތީގެ ވެރިފަރާތަށް އެކަން އެންގުމާއެކު، އާ ންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ވަގުތީ ރަޖިސްޓަ ރީ ބާތިލުކުރާ ހާލަތުގައި، ގޯތީގައި ހަދައިފައިވާ އިމާރާތަކާ ގުޅޭ ގޮތުން ނުވަތަ އެނޫންވެސް އުފުލޭ ނުވަތަ ނުއުފުލޭ މުދަލަކަށް ދައުލަތުން ޒިންމާއެއް ނުވާނެއެވެ.

 

22 ވަނަ މާއްދާ – އުވާލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން އަމަލުކުރަމުން އައި "ބަންޑާރަ ގޯއްޗާއި އިމާރާތް ރަޖިސްޓްރީ ކުރުމާއިބެހޭ ގަވާއިދު" އުވުނީއެވެ.

 

23 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ގަވާއިދު ނަންބަރު 2016-88)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

އުވުނު ގަވާއިދު

ބަންޑާރަ ގޯއްޗާއި އިމާރާތް ރަޖިސްޓަރީ ކުރުމާއި ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 0000-00)

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ކިޔުންތެރިންގެ ހިޔާލު