-

ބަންޑާރަ ގޯއްޗާއި އިމާރާތް ރަޖިސްޓަރީ ކުރުމާއި ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 0000-00)

(މި ގަވާއިދަށް އަމަލުކުރަންފެށީ ތާރީހެއް އެނގެންނެތް) 

މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2016-88 ގެ 19 ވަނަ މާއްދާއިން އުވާލެވިފައި)

 

ތައާރަފް

 

1 ވަނަ މާއްދާ

(ހ) މިއީ، ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗާއި، ބަންޑާރަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓްރީ ކުރުމާބެހޭ ގަވާއިދެވެ. 

(ށ) މި ގަވާއިދު ހަދާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ ދަށުންނެވެ. 

(ނ) މި ގަވާއިދަށް ކިޔާނީ "ބަންޑާރަ ގޯއްޗާއި، އިމާރާތް ރަޖިސްޓްރީ ކުރުމާބެހޭ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ

ދިރިއުޅުމަށް ދޫކުރާ ިޮންމެ ބަންޑާރަ ގޯއްޗަކާއި އިމާރާތެއް މިގަވާއިދުގައިވާ ގޮތުގެމަތިން، މާލޭގައިނަމަ މާލޭ މުނިސަޕްލިޓީގައި، ރާއްޖެތެރޭގައިނަމަ އެ އަތޮޅެއްގެ އަތޮޅުއޮފީހުގައި ރަޖިސްޓަރީ ކުރަންވާނެއެވެ. 

 

ގޯތީގެ ވަގުތީ ރަޖިސްޓަރީ

 

3 ވަނަ މާއްދާ

ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރާއިރު އެ ގޯއްޗެއް ދޫކުރާ ފަރާތަށް ވަގުތީ ރަޖިސްޓަރީއެއް ދޫކުރަންވާނެއެވެ. މިގޮތުން ދޫކުރާ ކޮންމެ ވަގުތީ ރަޖިސްޓަރީއެއްގައި އެ ރަޖިސްޓަރީއަކީ ވަގުތީ ރަޖިސްޓަރީއެއްކަން ބަޔާންކުރަންވާނެއެވެ. 

 

4 ވަނަ މާއްދާ

މި ގަވާއިދުގެ 3 ވަނަ ނަންބަރުގެ ދަށުން ހަދައިދޭ ވަގުތީ ރަޖިސްޓަރީގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ގޯތި ދޫކުރެވުނު ފަރާތް

(ށ) ގޯތި ދޫކުރެވުނު ތާރީހު

(ނ) ގޯތި އޮތް ރަށައި ތަން 

(ރ) ގޯތީގެ ބޮޑުމިން. 

 

ގޯތި ރަޖިސްޓަރީ ކުރުން

 

5 ވަނަ މާއްދާ

ދިރިއުޅުމަށް ދޫކުރާތާ 1 އަހަރު ދުވަހު ތެރޭގައި މި ގަވާއިދުގެ 6 ވަނަ ނަންބަރުގައިވާ ކަންތައްތައް ފުރިހަމަކޮށް، މި ގަވާއިދުގައިވާ 7 ވަނަ ނަންބަރުގައިވާ ލިޔުންތަކާއެކު ގޯތި ރަޖިސްޓަރީ ކުރުމަށް އެދި މާލޭގައިނަމަ މާލޭ މުނިސިޕަލްޓީއަށް، ރާއްޖެތެރޭގައިނަމަ އެ އަތޮޅެއްގެ އަތޮޅުއޮފީހަށް ހުށަހަޅަންވާނެއެވެ. 

 

6 ވަނަ މާއްދާ

މި ގަވާއިދުގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށް ހުށަހެޅޭ ގޯތީގެ ރަޖިސްޓަރީ ހަދައިދެވޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވުމުންނެވެ. 

(ހ) ގޯތީގައި އެހެން ފަރާތެއްގެ ރުއްގަސް ހުރިނަމަ އެތަކެއްޗަށް ބަދަލުދިނުން. 

(ށ) ގޯތި ދޫކުރާ އޮފީހުން ކަނޑައަޅާ ގޮތަކަށް ކަންމުޑިރޭނުން. 

 

7 ވަނަ މާއްދާ

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރެވޭ ގަވާއިދުގެ ދަށުން ދޫކުރެވޭ ގޯއްޗެއް ރަޖިސްޓްރީކުރަން ހުށަހަޅާއިރު އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، އެފޯމާއެކު ތިރީގައި ބުނެފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

(ހ) ގޯއްޗަށް ކިޔުމަށްޓަކައި، ގޯތި ގޯއްޗަށް ނަންކިޔުމަށް، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލްތަކަށް ފެތޭ ނަމެއް. 

(ށ) ގޯތީގައި އެހެން ފަރާތެއްގެ ރުއްގަސްހުރިނަމަ، އެތަކެއްޗަށް ބަދަލުދީފައިވާކަމުގެ ލިޔުން

(ނ) ގޯތީގެ ވަގުތީ ރަޖިސްޓަރީ.

(ރ) ރެވެނިއު ސްޓޭމްޕް ޖެހުމާބެހޭ ގާނޫނުގެ ދަށުން ގޯތީގެ ރަޖިސްޓަރީގައި ޖަހަންޖެހޭ ރެވެނިއު ސްޓޭމްޕް.

 

8 ވަނަ މާއްދާ

މި ގަވާއިދުގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައިވާ ކަންތައްތައް ފުރިހަމަވުމުން ގޯތި ރަޖިސްޓަރީކޮށްދީ، ގޯތީގެ ރަޖިސްޓަރީ ދޫކުރަންވާނެއެވެ. 

 

ގޯތީގައިހަދާ އިމާރާތް ރަޖިސްޓަރީކުރުން

 

9 ވަނަ މާއްދާ -

ގޯތި ދޫކުރާތާ 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެވޭ ފެންވަރަށް އިމާރާތްކުރުމަށްފަހު، އިމާރާތް ރަޖިސްޓަރީ ކުރަންވާނެއެވެ. 

 

ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ރަޖިސްޓަރީކުރުން

 

10 ވަނަ މާއްދާ

ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯއްޗެއް ނުވަތަ ބަންޑަރަ ގޯއްޗަކުން ބައެއް ރަޖިސްޓަރީކުރަން ހުށަހަޅާއިރު އެކަމަށްއެދޭ ފޯމު ފުރިހަމަކޮށް، އެފޯމާއެކު ތިރީގައި ބުނެފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

(ހ) ގޯއްޗަށް ކިޔުމަށްޓަކައި، ގޯތި ގޯއްޗަށް ނަންކިޔުމަށް، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލްތަކަށް ފެތޭ ނަމެއް. 

(ށ) ރަޖިސްޓަރީ ކުރަން އެދޭ ގޯތި ނުވަތަ ގޯތީގެ ބައިގައި ހިމެނޭ އިމާރާތްމިލްކުވެފައިވާ ކަމުގެ ށަރުއީ ލިއުން. 

(ނ) ރެވެނިއު ސްޓޭމްޕް ޖެހުމާބެހޭ ގާނޫނުގެ ދަށުން ގޯތީގެ ރަޖިސްޓަރީގައި ޖަހަންޖެހޭ ރެވެނިއު ސްޓޭމްޕް.

 

11 ވަނަ މާއްދާ

މި ގަވާއިދުގެ 10 ވަނަ ނަންބަރުގައިވާ ކަންތައްތައް ފުރިހަމަވުމުން ގޯތި ރަޖިސްޓަރީކޮށްދީ، ގޯތީގެ ރަޖިސްޓަރީ ދޫކުރަންވާނެއެވެ. އަދި ގޯތި ރަޖިސްޓަރީކޮށްފައިވަނީ އެކަކަށްވުރެ ގިނަ މީހުންނަން ކަމަށްވާނަމަ، ގޯތީގެ ރަޖިސްޓަރީގެ އަސްލެއް ގޯތި ރަޖިސްޓަރީ ކުރެވިފައިވާ ކޮންމެ މީހަކަށް ދޫކުރަންވާނެއެވެ. 

 

ބަންޑާރަގޯތީގެ ރަޖިސްޓަރީގައި ހުންނަންޖެހޭ މައުލޫމާތު

 

12 ވަނަ މާއްދާ

މިގަވާއިދުގެ ދަށުން ހަދައިދޭ ގޯތީގެ ރަޖިސްޓަރީގައި ތިރީގައިވާ މުއުލޫމާތު ހިމަނަންވާނެއެވެ.

(ހ) ގޯތީ ރަޖިސްޓަރީ ކުރެވިފައިވާ މީހާ ނުވަތަ މީހުން

(ށ) ގޯއްޗަކީ އަމިއްލަ ގޯއްޗެއްކަން ނުވަތަ ބަންޑާރަ ގޯއްޗެއްކަން. 

 (ނ) އެކަކަށްވުރެ ގިަނ މީހުންނަށް ރަޖިސްޓަރީކޮށްދީފައިވާނަމަ، މިގަވާއިދުގެ 11 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ގޯތީގެ ރަޖިސްޓަރީގެ އަސްލުހަދައިދީފައވާ އަދަދާއި އެއަސްލުތައް ދޭކުރެވިފައިވާ ފަރާތްތައް. 

(ރ) ގޯތި އޮތްރަށާއި ތަން.

(ބ) ގޯތީގެ ބޮޑުމިން އެނގޭނެ ޗާޓް.

(ޅ) ގޯތި ރަޖިސްޓަރީކުރެވުނު ތާރީހް.

 

ގޯއްޗާއި އިމާރާތުގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހަދައިދިނުން

 

13 ވަނަ މާއްދާ

މިގަވާއިދުގެ ދަށުން ހަދައިދެވިފައިވާ ރަޖިސްޓަރީއެއް ގެއްލިއްޖެނަމަ އެކަން ލަސްނުކޮށް މާލޭގައިނަމަ މާލޭ މިނިސިޕަލްޓީއަށް، ރާއްޖެތެރޭގައިނަމަ އެއަތޮލެއްގެ އަތޮޅުއޮފީހަށް އަންގައި، އަލުން ރަޖިސްޓަރީއެއް ހައްދަންވާނެއެވެ. 

 

14 ވަނަ މާއްދާ

މިގަވާއިދުގެ 13 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރަޖިސްޓަރީއެއް ގެއްލިގެން އެރަޖިސްޓަރީގެ ބަދަލުގައި އަލުން ރަޖިސްޓަރީއެއް ހަދައިދެވޭނީ، އެގޯތި ނުވަތަ އިމާރާތް ރަހުނުކުރުމުގެ ގޮތުން، އެގޯތީގެ ރަޖިސްޓަރީ ވިޔަފާރި ބޭންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ބޭއްވިފައިވޭތޯ ބަލައި، އަދި އެރަޖިސްޓަރީއެއް ހޯދުމުގެ ގޮތުން އާންމުކޮށް އިއުލާންކުރުމަށްފަހުގައެވެ. މިގޮތުން އަލުން ރަޖިސްޓަރީއެއް ހަދައިދެވޭނީ، 100 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ. 

 

15 ވަނަ މާއްދާ -

މިގަވާއިދުގެ ދަށުން ގޯއްޗެއްގައި ދިރިއުޅެވޭ ވަރަށް އިމާރާތްކޮށްފައިވާކަމަށް ބެލެވޭނީ، ގެދޮރު އިމާރާތްކުރުމާ ބެހޭގޮތުން ސަރުކާރުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެމަތިން ގޯތީގައި އެއްކުމާއި، ކައިބޮއިއުޅުމާއި ނިދުންފަދަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަންބޭނުންވާވަރަށް އިމާރާތް އިމާރާތްކޮށްފައިވާނަމައެވެ. 

 

އުވި ގަވާއިދު

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ގަވާއިދު ނަންބަރު 2016-88)

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު