-

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ގަވާއިދު ނަންބަރު 2016-88) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-38)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 12 ޖަނަވަރީ 2023 ގައި)

 

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ގަވާއިދު ނަންބަރު 2016-88) އަށް 1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީކުރުން 2.

(ހ) ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުގައި ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައި؛ ނުވަތަ

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގޯތީގެ ވަގުތީ ރަޖިސްޓަރީ ދޫކުރުން 3.

(ހ) ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރާއިރު އެ ގޯއްޗެއް ދޫކުރާ ފަރާތަށް ވަގުތީ ރަޖިސްޓަރީއެއް ދޫކުރަންވާނެއެވެ. ވަގުތީ ރަޖިސްޓަރީ ދޫކުރާނީ، ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަކުންނެވެ. އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއިން ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަކުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް ގޯތި ދޫކުރާ ތާރީހުގައި ގޯތީގެ ވެރި ފަރާތަށް ގޯތި ހަވާލުކުރިކަމުގެ ލިޔުމެއް ދޫކޮށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރާތާ، ގިނަވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ގޯތީގެ ވަގުތީ ރަޖިސްޓަރީ ދޫކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

(ބ) ރަޖިސްޓަރީގައި ހިމަނަންޖެހޭ އިތުރު އެންގުންތައް؛

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން 5.

(ހ) ދިރިއުޅުމަށް ގޯތި ދޫކުރާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކޮށް، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ގޯތީގެ ދާއިމީ ރަޖިސްޓަރީ ހެއްދުމަށް އެދި، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، ގޯތީގެ ވެރިފަރާތުން ހުށަހަޅަން ވާނެއެވެ. އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސި ލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، ގޯތީގެ ވެރިފަރާތުން ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދާއިމީ ރަޖިސްޓަރީ ހެދުމަށް ގޯތީގެ ވެރިފަރާތުން ހުށަނާޅައިފިނަމަ، އެ މުއްދަތު ހަމަވުމަށްފަހު ރަޖިސްޓަރީ ކުރާއިރު، ދުވާލަކަށް 5 (ފަހެއް) ރުފިޔާގެ ރޭޓުން، ގޯތީގެ ވެރިފަރާތް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، އެ ގޯއްޗެއްގެ އިހްތިސާސް ހިނގާ ކައުންސިލުގެ އިދާރާއަކަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ދާއިމީ ރަޖިސްޓަރީ ހެދުމަށް ގޯތީގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭނީ، އެންމެ ގިނަވެގެން 2،000 (ދެހާސް) ރުފިޔާއާ ހަމައަށެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދާއިމީ ރަޖިސްޓަރީ ހެއްދުމަށް ގޯތީގެ ވެރިފަރާތުން ހުށަނާޅާނަމަ، މި މާއްދާގެ (ނ) ގެ ދަށުން އެ ފަރާތް ޖޫރިމަނާ ކުރުމާއެކު،ދާއިމީ ރަޖިސްޓަރީ ހެދުމުގެ ފުރުސަތު ދެވޭނީ، ގޯތި ހަވާލުކުރިކަމުގެ ލިޔުން އެ ފަރާތަކަށް ދޫކުރާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ގޯތީ ގެ ވެރިފަރާތުން ގޯތީގެ ދާއިމީ ރަޖިސްޓަރީ ހެދުމަށް ހުށަނާޅައިފިނަމަ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ވަގުތީ ރަޖިސްޓަރީއާއި ގޯތި ހަވާލުކުރިކަމުގެ ލިޔުން ބާތިލުކޮށް، އެ ފަރާތުގެ ކިބައިން ގޯތި ވަކިކުރުމުގެ އިހްތިޔާރު، އެ ގޯއްޗެއް ދޫކޮށްފައިވާ ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އުނިކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ހު ށަހަޅައިފައިވާ އެޑްރެސް ބަދަލުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއް ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް އެކަން އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީ ދޫކުރުން 8.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ރަޖިސްޓަރީގެ ކޮޕީއެއް، އެ ކޮޕީގައި އަސްލާ އެއްގޮތް ކޮޕީއެއްކަން އަންގައިދޭ ތައްގަނޑު ޖަހައި، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުގައި ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާގައި، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާގައި ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާގައި ބާއްވަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށަށް އަންނަނިވި ބާބު އިތުރުކޮށް، އިތުރުކުރެވޭ ބާބަކީ 3 ވަނަ ބާބު ކަމުގައި ކަނޑައަޅައި، ގަވާއިދުގެ އެހެން ބާބުތަކަށް ދީފައިވާ ނަންބަރުތަކުގެ ތަރުތީބު އިސްލާހުކުރުން.

 

3 ވަނަ ބާބު

އަމިއްލަ ގޯތި ރަޖިސްޓަރީ ކުރުން

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އަންނިވި ގޮތަށް އިސްލާހުކޮށް، އެއީ އެ މާއްދާގެ (ހ) ގެ ގޮތުގައި ހިމެނުން.

ބަންޑާރަ ގޯތި އަމިއްލަކުރުމަށްފަހު ރަޖިސްޓަރީކުރުން 10.

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރާ ހާލަތުގައި، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި ގަވާއިދު ނަންބަރު 2022-181 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތީން ބިމުގެ އަގު އަދާކޮށް ނިމޭތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ބަންޑާރަ ގޯތީގެ ރަޖިސްޓަރީ ބާތިލުކޮށް، އަމިއްލަ ގޯއްޗެއްގެ ގޮތުގައި އެ ގޯތީގެ އައު ރަޖިސްޓަރީއެއް ހެއްދުމަށް، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށަށް އަންނަނިވި އަކުރު އިތުރުކުރުން.

(ށ) މި މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އަމިއްލަކުރާ ގޯތީގެ ވެރިފަރާތުން ރަޖިސްޓަރީއަށް ބަދަލު ގެނައުމަށް އެދި ހުށަހަޅާތާ ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ އިދާރާގައިވާ އެ ގޯއްޗާ ގުޅޭ މައުލޫމާތުތަކަށް ބަދަލުގެނައުމަށްފަހު، އަމިއްލަ ގޯއްޗެއްގެ ގޮތުގައި އެ ގޯތީގެ އައު ރަޖިސްޓަރީއެއް ހައްދައި، އެ ފަރާތަށް ދޫކުރަންވާނެއެވެ.

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށަށް އަންނަނިވި މާއްދާ އިތުރުކުރުން.

ބަންޑާރަ ގޯއްޗަކުން ބައެއް އަމިއްލަ ކުރުމަށްފަހު ރަޖިސްޓަރީ ކުރުން 11.

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބައެއް އަމިއްލަކުރާ ހާލަތްތަކުގައި، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2022-181 (ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތީން އަމިއްލަކުރާ ބައިގެ އަގު އަދާކޮށް ނިމުމުން ބަންޑާރަ ގޯތީގެ ރަޖިސްޓަރީ ބާތިލުކޮށް "އަމިއްލަ ބަންޑާރަ" ގޯއްޗެއްގެ ގޮތުގައި އެ ގޯތި ރަޖިސްޓަރީކޮށްދޭން ވާނެއެވެ. މިފަދައިން ހަދައިދޭ ރަޖިސްޓަރީގައި، އަމިއްލަ ބައިގެ ބޮޑުމިނާއި ބަންޑާރަ ބައިގެ ބޮޑުމިން އެނގެން އޮންނަންވާނެއެވެ.

(ށ) އަމިއްލަ ބަންޑާރަ ބިމެއްގައި ހިމެނޭ އަމިއްލަ ބަޔަށް ވަކި ރަޖިސްޓަރީއެއް ހަދައިދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދައިދޭ ވަކި ރަޖިސްޓަރީގައި، އެއީ އަމިއްލަ ބިމެއް ނަމަ، އެކަން އެނގޭގޮތަށް ލިޔަންވާނެއެވެ. އަދި އެއީ ބަންޑާރަ ބިމެއް ނަމަ، އެކަން އެނގޭ ގޮތަށްލިޔެފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބިމެއް ނުވަތަ ބިމަކުން ބައެއް އަމިއްލަކުރުމަށްފަހު، އެ ގޯތީގެ ރަޖިސްޓަރީ ހަދަން ހުށަހަޅާއިރު، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ އިތުރުން، އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  1. ބިމުގެ އަގު އަދާކޮށް ނިންމައިފައިވާކަން އަންގައިދޭން ލިޔުން؛
  2. ގޯތީގެ ނުވަތަ އިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ އަސްލު.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އުނިކުރުން.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީކުރަން ހުށަހެޅުން 11.

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ހުށަހަޅައިފައިވާ އެޑްރެސް ބަދަލުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް އެކަން އަންގަންވާނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ބ) ގެ ފަހަތަ ށް އަންނަނިވި އަކުރު އިތުރުކުރުން.

ރަޖިސްޓަރީގައި ހިމަނަންޖެހޭ މައުލޫމާތު 17.

(ޅ) ރަޖިސްޓަރީގައި ހިމަނަންޖެހޭ އިތުރު އެންގުންތައް.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީ ގެއްލިގެން އަލުން ހަދައިދިނުން 18.

(ހ) މި ގަވާއިދުގެ ދަށުން ހަދައިދެވިފައިވާ ރަޖިސްޓަރީއެއް ގެއްލިއްޖެނަމަ، ލަސްނުކޮށް އެކަން،ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް އަންގަންވާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ ދަށުން އަލުން ރަޖިސްޓަރީއެއް ހަދައިދެވޭނީ 500 (ފަސްސަތޭކަ) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

އިތުރު އެންގުންތައް 19.

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ ރަޖިސްޓަރީގެ އިތުރު އެންގުންތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. 

  1. ގޯތީގެ މަގުމަތީ ފާރާއި މެދުފާރު ރާނައި ބަލަހައްޓަންވާނެއެވެ. މި ފާރުތައް ރާނަންވާނީ ނުވަތަ ފުޅައްތައް އަޅަންވާނީ، ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ އިދާރާގެ ހުއްދަ ލިބިގެންނެވެ.
  2. ގޯތީގެ އިން ވަކިކުރުމަށް ރޯގަސްޖެހުމަކީ މަނާކަމެކެވެ.
  3. ގޭގެ ނަމާއި ނަންބަރު އެނގޭގޮތަށް ނަންބޯޑު ބަހައްޓަންވާނެއެވެ. ނަންބަރު ނޭނގޭ ގޮތަށް ނަންބޯޑު ހުރިނަމަ ނުވަތަ ނަންބޯޑު ހަލާކުވެއްޖެނަމަ، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަންބޯޑު ހަދައި ފައި ބަހައްޓަންވާނެއެވެ. 
  4. ބަންޑާރަ ގޯއްޗެއްގައި އެ ގޯއްޗެއް ހަވާލުކުރެވިފައިވާ ފަރާތް ނޫން އެހެން ފަރާތަކުން އެއްވެސް އިމާރާތެއް ހަދައިގެން ނުވާނެއެވެ. އެފަދަ ގޯއްޗެއް ހަވާލުކުރެވިފައިވާ ފަރާތް ފިޔަވައި އެނޫން ފަރާތަކުން އިމާރާތެއް ކުރިނަމަވެސް، އެ އިމާރާތުގެ ވެރިފަރާތަކަށް އެ ގޯއްޗެއް ނުވަތަ އެ ގޯތިން ބައެއްވިޔަސް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ. 
  5. މަގުމަތީ ފާރު ނުވަތަ މަގުމަތީ ފާރުން ބައެއްނަމަވެސް ތަޅައިލަންވާނީ، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާގެ ހުއްދަ ހޯދައިގެންނެވެ. އަދި ހުއްދަ ލިބިގެން ނޫނީ މަގުމައްޗަށް ދޮރުކެނޑުމާއި ދޮރާށި ބަދަލުކުރުމަކީ ވެސް މަނާކަމެކެވެ. 
  6. އެހެން މީހަކަށް ދީފައިވާ ގޯއްޗެއްގެ އިންފާރުކައިރީގައި ފާރެއް ރޭނުމުގެ ކުރިން ނުވަތަ އިމާރާތެއް ހެދުމުގެ ކުރިން، ސިޓީއެއްގައި ނަމަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސް ޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއިން ހުއްދަ ހޯދަންވާނެއެވެ. އަދި އެ މީހެއްގެ ގޯތީގެ އިންފާރުމައްޗަށް އިމާރާތްކޮށް ފާރުން ދޮރެއް ކަނޑައި ތަނެއް ތަޅައިލުން ފަދަ ކަމެއް ކުރާނަމަވެސް ހުއްދަ ހޯދަންވާނެއެވެ. 
  7. ގޯތިތެރެއާއި ގޯތި ގުޅިފައިވާ މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބަލަހައްޓަންވާނެއެވެ. 
  8. ގޯތީގެ އެއްވެސް ފާރެއްގެ އިމާ 3 (ތިނެއް) ފޫޓަށްވުރެ ކައިރީގައި އިންފާރަށް ނުވަތަ ޖެހިގެން ހުންނަގޭގެ އިމާރާތަށް ގެއްލުމެއް ލިބިދާނެފަދަ ގޮތަކަށް އަދި އެ ގެއަށް އުނދަގޫވާފަދަ ގޮތަކަށް ވަޅުވަޅުގަނޑު ކޮނުމާއި، ފާހާނާ ވަޅުގަނޑު ހެދުންފަދަ ކަންތައްކޮށްގެން ނުވާނެއެވެ.

 

ރަޖިސްޓަރީ ބާތިލުކުރުން 20.

(ހ) މި ގަވާއިދުގެ ދަށުން، އަންނަނިވި ހާލަތްތަކުގައި ގޯތީގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ.

  1. މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ޅ) ގެ ދަށުން؛
  2. މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބަންޑާރަ ގޯތި ނުވަތަ ގޯތިން ބައެއް އަމިއްލަކުރުމަށްފަހު، ރަޖިސްޓަރީއަށް ބަދަލު ގެންނަން ހުށަހެޅުމުން؛
  3. މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސް ޓަރީ ގެއްލިގެން އަލުން ހަދައިދޭ ހާލަތުގައި؛
  4. ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 42 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވައިލައިފައިވާ (ދިރިއުޅުމަށް ޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު) ގެ 25 ވަނަ މާއްދާގެ ދަށުން ގޯތި ދޫކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ދިރިއުޅެން ފަށައިފައި ނުވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ގޯތީގެ ވެރިފަރާތަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރާނަމަ، ބާތިލުކުރުމުގެ ކުރިން ގޯތީގެ ވެރިފަރާތަށް އެކަން އެންގުމާއެކު، އާ ންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ވަގުތީ ރަޖިސްޓަ ރީ ބާތިލުކުރާ ހާލަތުގައި، ގޯތީގައި ހަދައިފައިވާ އިމާރާތަކާ ގުޅޭ ގޮތުން ނުވަތަ އެނޫންވެސް އުފުލޭ ނުވަތަ ނުއުފުލޭ މުދަލަކަށް ދައުލަތުން ޒިންމާއެއް ނުވާނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ސަބަބުން ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

21 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ގަވާއިދު ނަންބަރު 2016-88)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-88)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު