-

ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2021-160)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 71 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ރަޖިސްޓަރީ ކުރުމާއި ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި، ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތައުލީމާއި ތަމްރީނުގެ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުމާއި، އެ ހިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތްތަކަކަށް ހެދުމަށް ޓަކައި އެކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުން

ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކާއި، މިފަދަ ތަންތަނުގެ ކެމްޕަސްތަކާއި، އައުޓްރީޗް ސެންޓަރުތައް ހިންގަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެންނެވެ.

 

4 ވަނަ މާއްދާ - ހިނގަމުންދާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް ހުރި ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކާއި، އެފަދަ ތަންތަނުގެ ކެމްޕަސްތަކާއި އައުޓްރީޗް ސެންޓަރުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީީ ކޮށްގެން ހިންގަމުންދާ ތަންތަން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ދަށުން އަލުން ރަޖިސްޓަރީ ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

ދެވަނަ ބާބު

މަތީ ތައުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޓްތައް ރަޖިސްޓަރީކޮށް ހިންގުން

 

5 ވަނަ މާއްދާ - އިންސްޓިޓިއުޓް ރަޖިސްޓަރީކުރުން

ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޓްތައް ހިންގަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.

 

6 ވަނަ މާއްދާ - އިންސްޓިޓިއުޓްތަކުގައި ހުންނަންވާނެ ސިފަތައް

ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޓްތަކުގައި، އަންނަނިވި މައިގަނޑު ސިފަތައް ހުންނަންވާނެއެވެ.

(ހ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމް.އެން.ކިޔު.އެފް) ގެ ލެވެލް 1 އިން ފެށިގެން ލެވެލް 6 އާ ދެމެދުގެ ޕްރޮގްރާމްތައް ހިންގާ ތަންތަން ކަމުގައި ވުން.

(ށ) އިންސްޓިޓިއުޓްތަކުގައި ކިޔަވައިދޭންވާނީ، އުމުރުން 16 (ސޯޅަ) އަހަރުން މަތީގެ ދަރިވަރުންނަށް ކަމުގައި ވުން. އެހެން ނަމަވެސް މައިންބަފައިންގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު، 16 (ސޯޅަ) އަހަރުން ދަށުގެ ދަރިވަރުން ބައިވެރިކުރުމަކަށް ހުރަހެއް ނެތެވެ.

(ނ) އިންސްޓިޓިއުޓްތަކުގައި ހިންގޭ ޕްރޮގްރާމްތަކަކީ ނުވަތަ ތަމްރީނުތަކަކީ، އެ އިންސްޓިޓިއުޓެއްގެ ފިލޯސޮފީއާއި، ވިޒަންއާއި، މިށަން ހާސިލުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ކޯސްތަކަކަށް ވުން.

(ރ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ޕްރޮގްރާމެއް ނަމަ، ކިޔަވައިދޭ ލެކްޗަރަރއިންނަކީ، ކިޔަވައިދޭ ފެންވަރަށް ވުރެ މަތީ ފެންވަރެއްގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވުން.

(ބ) މި މާއްދާގެ (ރ) ގައިވާ ށަރުތު ފުރިހަމަނުވާ ލެކްޗަރަރއަކަށް ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޕްރޮގްރާމެއްގައި ކިޔަވައިދެވިދާނެއެވެ. ނަމަވެސް އެ ލެކްޗަރަރއަކީ މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

(ޅ) އިންސްޓިޓިއުޓް ހިންގާ އިސްވެރިޔާ ވާންވާނީ، ފުލްޓައިމް މުވައްޒަފަކަށެވެ.

(ކ) ލެވެލް 5 އިން ފެށިގެން މަތީގެ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އިންސްޓިޓިއުޓްތަކުގައި އިދާރީ ކަންތައްތަކާއި  މާލީ ކަންތައްތައް ބަލަހައްޓާނެ ފުލްޓައިމް މުވައްޒަފަކު ހުރުން.

(އ) ލެވެލް 5 އިން ފެށިގެން މަތީގެ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ލެކްޗަރަރއިންގެ %10 (ދިހައެއް އިންސައްތަ) ލެކްޗަރަރއިން ވާންވާނީ ފުލްޓައިމް ލެކްޗަރަރއިންނަށެވެ.

(ވ) އިންސްޓިޓިއުޓް ހިންގަން ހުށަހަޅާ އިމާރާތަކ،ީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "އިންސްޓިޓިއުޓް ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް" ފުރިހަމަކޮށްފައިވާ އިމާރާތަކަށް ވާންވާނެއެވެ. (އިސްލާހު ކުރެވިފައި)

(މ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ލެވެލް 5 އިން ފެށިގެން މަތީގެ ޕްރޮގްރާމްތައް ހިންގާނަމަ، ފިޒިކަލް ލައިބްރަރީއެއްގެ ހިދުމަތް ދަރިވަރުންނަށް ލިބެން ހުރުން.

 

7 ވަނަ މާއްދާ - ޕްރޮގްރާމް ހިންގުން

ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ދޭ އިންސްޓިޓިއުޓްތަކުގައި ޕްރޮގްރާމް ހިންގަންވާނީ އަންނަނިވި ފަރާތްތަކުގެ ހުއްދަލިބިގެންނެވެ.

(ހ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ފެންވަރުގެ ޕްރޮގްރާމްތަކުގެ ތެރެއިން އިންސްޓިޓިއުޓުގައި ހިންގުމަށް ހުއްދަދޭނެ ފެންވަރު ކަނޑައެޅޭނީ، އެ އިންސްޓިޓިއުޓުން ހުށަހަޅާ ޕްރޮޕޯޒަލަށް ބިނާކޮށެވެ. މިނިސްޓްރީން ހުއްދަ ލިބުމުން ޕްރޮގްރާމްތައް ހިންގަންވާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް. ކިޔު. އޭ) އަށް ހުށަހަޅައިގެން މުގައްރަރު ފާސްކުރުމަށްފަހު، އެ ފަރާތުގެ އިރުށާދާ އެއްގޮތަށެވެ.

(ށ) ޓެކްނިކަލް ޓްރެއިނިންގއާއި ވޮކޭށަނަލް ޓްރެއިނިންގ ފޯރުކޮށްދޭ އިންސްޓިޓިއުޓްތަކުން، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަޑްތަކަށް  ޕްރޮގްރާމްތައް ހިންގަން އެދޭނަމަ، މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށް ހުއްދަ ނަގަންވާނެއެވެ.

(ނ) ރެގިއުލޭޓަރީ ބޮޑީއަކުން ހުއްދަ ލިބިގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގަން ފަށަންވާނީ، އެ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ހޯދުމަށްފަހުގައެވެ.

 

8 ވަނަ މާއްދާ - ޓިޔުށަން ފީ

(ހ) ޕްރޮގްރާމްތަކަށް ކަނޑައެޅިފައިވާ ޓިޔުށަން ފީގެ އޮނިގަނޑު (ފީ ސްޓްރަކްޗަރ) ޕްރޮގްރާމަށް އެޕްލައިކުރުމުގެ ކުރިން ދަރިވަރުންނަށް އެނގެން އޮންނަންވާނެއެވެ.

(ށ) އެއް ޕްރޮގުރާމެއްގައި އެއް ވަގުތެއްގައި އެންރޯލްވާ ހުރިހާ ދަރިވަރުންގެ އަތުން ނަގާ ފީ އެއްވަރު ވާންވާނެއެވެ.

(ނ) ދަރިވަރުންގެ އަތުން ނެގޭ އެކިކަހަލަ އިތުރު ފީތަކުގެ މައުލޫމާތު، ކޯހަށް އެންރޯލްވުމުގެ ކުރިން، ދަރިވަރަށް އެނގެން އޮންނަންވާނެއެވެ.

(ރ) ޕްރޮގްރާމަށް ދަރިވަރުން ދައްކާ ފައިސާ ރިފަންޑް ކުރުމާ ބެހޭ ޕޮލިސީއެއް އޮތުމާއެކު، ދަރިވަރުންނަށް އެ ޕޮލިސީ އެނގެން އޮންނަންވާނެއެވެ.

 

9 ވަނަ މާއްދާ - ދަރިވަރުންނަށް ހިދުމަތް ދިނުން

އިންސްޓިޓިއުޓްތަކުން ދަރިވަރުންނަށް ހިދުމަތް ދިނުމުގައި އަންނަވި އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ހ) އިންސްޓިޓިއުޓުގައި ކިޔަވާ ދަރިވަރުންގެ މެދުގައި އެ ދަރިވަރުން ޕްރޮގްރާމްތަކަށް ވެއްދުމުގައްޔާއި ކިޔަވައިދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަ އުސޫލަކުން ކަންކަން ކުރަންވާނެއެވެ.

(ށ) އިންސްޓިޓިއުޓުގައި ކިޔަވާ ދަރިވަރުންނަށް އެއްވެސް މާލީ މަންފާއެއް ލިބިދޭ ގޮތަށް އެ ތަނެއްގައި ހަމަޖެހިފައިވާނަމަ، އެ މަންފާއެއް ލިބުމަށް އެދި ހުށަހަޅާނެ ގޮތާއި، އެކަމާ ގުޅޭ ށަރުތުތަކާއި އުސޫލުތައް އެ އިންސްޓިޓިއުޓަކުން އެކުލަވައިލައި، ދަރިވަރުންނަށް ފެންނާނޭހެން އާންމުކުރަންވާނެއެވެ.

(ނ) ގާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންވެގެންވާ ކަންކަން ހިމެނޭ ގޮތަށް، އިންސްޓިޓިއުޓުގައި ކިޔަވާ ދަރިވަރުންގެ މަސައްކަތްތަކުގެ ތެރެއިން އެ ދަރިވަރުން އެސެސްކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް އެ ދަރިވަރުން އަމިއްލައަށް ފުރިހަމަކުރުމަށް ލާޒިމުކޮށް، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތްކުރުން މަނާކޮށް، އެކަމާ ގުޅޭ އުސޫލުތައް އެކުލަވައިލައިފައި، އެ އުސޫލުތައް ދަރިވަރުންނަށް ފެންނާނޭހެން އާންމުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ނިޒާމު

އަންނަނިވި ކަންކަން ހިމެނޭގޮތުން ށަކުވާ ހުށަހެޅޭނެ އިންތިޒާމު އިންސްޓިޓިއުޓުގައި ހަމަޖައްސައި، އެކަމާ ގުޅޭ އުސޫލުތައް ހަދައި، ދަރިވަރުންނާ ހިއްސާކުރަންވާނެއެވެ.

(ހ)  ދަރިވަރުންނަށް އެޑްމިށަން ދިނުމާއި އެންރޯލްކުރުމާ ގުޅޭ ކަންކަން.

(ށ)  ދަރިވަރުންނަށް ކިޔަވައިދިނުމާއި ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކާ ގުޅޭގޮތުން.

(ނ)  ހަނގާކުރުމާ ގުޅޭގޮތުން.

(ރ) ކޮލެޖުގެ މާހައުލުން އެއްވެސް ކަހަލަ ގޯނާއެއް ކުރުމާ ނުވަތަ ފުރައްސާރަކުރުމާ ގުޅޭގޮތުން.

(ބ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމަކާ ގުޅޭ މައްސަލައެއް ދަރިވަރަކު ހުށަހަޅައިގެން އެ މައްސަލައަށް ޖަވާބެއް ލިބިފައި ނުވާނަމަ ނުވަތަ ލިބިފައިވާ ޖަވާބާމެދު ދަރިވަރު ހިތްހަމަ ނުޖެހޭނަމަ، މިނިސްޓްރީއަށް ލިޔުމުން ށަކުވާ ހުށަހެޅުމުގެ ފުރުސަތު ދަރިވަރަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅޭނެ ފަރާތްތަކާއި މަސްއޫލުވެރިޔާ

އިންސްޓިޓިއުޓެއް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅޭނީ ތިރީގައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށެވެ.

(ހ) ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް.

(ށ) ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޕާޓްނަރށިޕެއް.

(ނ) ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް.

(ރ) ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމްއިއްޔާއެއް. (އިސްލާހު ކުރެވިފައި)

(ބ) މި މާއްދާގެ (ހ) އާއ،ި (ށ) އާއ،ި (ނ) ގައިވާ ފަރާތްތަކުން ކުރެ ފަރާތަކަށް އިންސްޓިޓިއުޓެއް ރަޖިސްޓަރީކޮށްދެވޭނ،ީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްގެ ދަށުންނެވެ. (އިސްލާހު ކުރެވިފައި)  

(ޅ) މި މާއްދާގެ (ށ) އާއ،ި (ނ) އާއ،ި (ރ) ގައިވާ ފަރާތްތަކުން ކުރެ ފަރާތަކަށް އިންސްޓިޓިއުޓެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާނަމ،ަ އިންސްޓިޓިއުޓުގެ ކަންކަމުގައި މަސްއޫލުވާނެ ފަރާތެއް އައްޔަނު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި) 

(ކ) މި މާއްދާގެ (ށ) އާއ،ި (ނ) ގައިވާ ފަރާތަކުން އިންސްޓި ޓިއުޓުގެ ކަންކަމުގައި މަސްއޫލުވާނެ ފަރާތެއްގެ ގޮތުގައި އައްޔަނުކުރާ ފަރާތް ވާންވާނ،ީ އެ ޕާޓްނަރށިޕް ނުވަތަ ކުންފުނީގައި ހިއްސާވާ ފަރާތަކަށެވެ. (އިސްލާހު ކުރެވިފައި)

(އ) މި މާއްދާގެ (ހ) ގައިވާ ފަރާތުން އިންސްޓިޓިއުޓުގެ ކަންކަމުގައި މަސްއޫލުވާނެ ފަރާތެއްގެ ގޮތުގައި އައްޔަނު ކުރަންވާނ،ީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން އެ ފަރާތެއްގެ ނަންމަތީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެވެ. (އިސްލާހު ކުރެވިފައި)

 

12 ވަނަ މާއްދާ - މަސްއޫލުވެރިޔާ ބަދަލުކުރުން

(ހ) މަސްއޫލުވެރި ފަރާތް ބަދަލުކުރަންވާނީ މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުމަށްފަހުގައެވެ.

(ށ) އައު މަސްއޫލުވެރި ފަރާތުގެ ދަށުގައި އިންސްޓިޓިއުޓް ރަޖިސްޓަރީ ކުރުމަށް މި ގަވާއިދުގެ ދަށުން އެދި ހުށަހަޅާނ،ީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "އިންސްޓިޓިއުޓު ގެ މަސްއޫލުވެރިފަރާތް ބަދަލުކުރުމަށް އެދޭ ފޯމު" މެދުވެރިކޮށެވެ. (އިސްލާހު ކުރެވިފައި)

 

13 ވަނަ މާއްދާ - އިންސްޓިޓިއުޓް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ ދަށުން އިންސްޓިޓިއުޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާނ،ީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "އިންސްޓިޓިއުޓް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" އާއި "ޕްރޮ ފޯމާ ފޮރ އިންސްޓިޓިއުޓް ރަޖިސްޓްރޭށަން" މެދުވެރިކޮށެވެ. (އިސްލާހު ކުރެވިފައި)

(ށ) އެޕްލިކޭށަން ފުރިހަމަނަމަ، ހުށަހަޅާ ދުވަހުން ފެށިގެން  45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އިންސްޓިޓިއުޓް ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.

(ނ) އެޕްލިކޭށަނުގައިވާ ކަންކަން ފުރިހަމަ ނުވާނަމަ، ފުރިހަމަކުރަންޖެހޭ ކަންކަން ފާހަގަކޮށްފައި، އެޕްލިކޭށަން ހުށަހެޅި ފަރާތަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އަންގަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުން އެޕްލިކޭށަން އިސްލާހު ކުރުމަށްފަހު 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.  

(ރ) މި މާއްދާގެ (ނ) ގައިވާ މުއްދަތުގެ ތެރޭގައި އިސްލާހުކުރަން އަންގާ ކަންތައްތައް އިސްލާހުކޮށްފައި ހުށަހަޅައިފައި ނުވާނަމަ، އެ އެޕްލިކޭށަން ބާތިލުވާނެއެވެ. އަދި އަލުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ އައު އެޕްލިކޭށަނެއްގެ ގޮތުގައެވެ.

 

14 ވަނަ މާއްދާ - ހިނގަމުންދާ އިންސްޓިޓިއުޓްތައް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް ހުރި އިންސްޓިޓިއުޓްތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ އިންސްޓިޓިއުޓްތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ދަށުން އަލުން ރަޖިސްޓަރީ ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ނުކޮށް އިންސްޓިޓިއުޓްތައް ހިންގުމަކީ މަނާކަމެކެވެ. އަދި އެފަދަ ތަންތަނުގެ އިންސްޓްޓިއުޓުގެ ދަރަޖަ އުވައިލައި، ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރުން އުނިކުރެވޭނެއެވެ.

 

15 ވަނަ މާއްދާ - "އައުޓްރީޗް ސެންޓަރ" ހިންގުން

(ހ) ރަޖިސްޓަރީ ކޮށްދީފައިވާ އިންސްޓިޓިއުޓަކުން ރަޖިސްޓަރީ ކުރެވޭތާ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަކަށްފަހު އެ ތަން ރަޖިސްޓަރީ ކޮށްފައިވާ ރަށް ފިޔަވައި އެހެން ރަށެއްގައި، އެ އިންސްޓިޓިއުޓުގެ ކިލާސް ހިންގަން ބޭނުންވާ ނަމަ، "އައުޓްރީޗް ސެންޓަރ" އެއްގެ ގޮތުގައި މިނިސްޓްރީގެ ހުއްދަޔާއެކު ހިންގިދާނެއެވެ.

(ށ) އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަން ހުށަހަޅާ ތަނަކ،ީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "އިންސްޓިޓިއުޓް ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް" ފުރިހަމަކޮށްފައިވާ ތަނަކަށް ވާންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި ގަވާއިދުގެ ދަށުން އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ތަނެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާނ،ީ މި ނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "އައުޓްރީޗް ސެންޓަރ ހިންގުމުގެ ހުއްދަ ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް" އާ އެކުގައެވެ. (އިސްލާހު ކުރެވިފައި)

(ރ) އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ތަނެއް ބޭނުންކުރުމަށް ހުއްދަ ދެވޭނީ، ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތަށް ވުރެ ގިނަދުވަހު ބޭނުންކުރަންވާނީ، ހުއްދަ އައުކުރަން މިނިސްޓްރީއަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

(ބ) އައުޓްރީޗް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަން ހުއްދަ ލިބޭ ކޮންމެ ތަނެއްގައި ހިންގަންވާނީ، އެ އިންސްޓިޓިއުޓެއްގެ ކިލާސްތައް އެކަންޏެވެ.

(ޅ) އައުޓްރީޗް ސެންޓަރެއްގައި ކިޔަވައިދޭންވާނީ އިންސްޓިޓިއުޓުގައި ކިޔަވައިދިނުމަށް ހުއްދަ ދީފައިވާ ފެންވަރުގެ ޕްރޮގްރާމްތައް އެކަންޏެވެ.

 

16  ވަނަ މާއްދާ - އިންސްޓިޓިއުޓް ރަޖިސްޓަރީކުރުމަށްފަހު ޖަވާބުދާރީވުން

(ހ) އިންސްޓިޓިއުޓުގެ ކަންތައްތަކުގައި މިނިސްޓްރީއަށް ޖަވާބުދާރީވާނީ އިންސްޓިޓިއުޓުގެ ކަންކަމުގައި މަސްއޫލުވާނެ ފަރާތުގެ ގޮތުގައި ކަނޑައަޅައިފައިވާ މަސްއޫލުވެރި ފަރާތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތް ނޫން އެހެން ފަރާތަކާ ޖަވާބުދާރީވުމުގެ ޒިންމާ ހަވާލުކުރާނަމަ، ހަވާލުވާ ފަރާތުގެ އެއްބަސްވުމާއެކު އެ ކަމުގެ މައުލޫމާތު، ހަވާލުކުރި ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތް ބަދަލުކޮށް، އެ މަސްއޫލިއްޔަތު އެހެން މީހަކާ ހަވާލުކޮށްފިނަމަ، ހަވާލުވީ ފަރާތުގެ މައުލޫމާތު 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ - ރިޕޯޓުތަކާއި ތަފާސްހިސާބު ހުށަހެޅުން

(ހ) މިނިސްޓްރީން އަންގާ ފޯމެޓަށް އަހަރީ ރިޕޯޓާއި ތަފާސްހިސާބު، ކޮންމެ އަހަރެއްގެ ޖަނަވަރީ 30 ގެ ކުރިން ހުށަހަޅަންވާނެއެވެ.

(ށ) ކޮންމެ މާލީ އަހަރެއް ނިމޭތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓްކުރުމުގެ ލައިސަންސް ލިބިފައިވާ އޮޑިޓަރަކު ނުވަތަ އޮޑިޓް ފަރމެއް މެދުވެރިކޮށް އެކުލަވައިލައިފައިވާ އިންސްޓިޓިއުޓުގެ އޮޑިޓް ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ - ފެންވަރު ހިފެހެއްޓުމާއި، ރިކޯޑު ބެލެހެއްޓުން

(ހ) އިންސްޓިޓިއުޓުގައި ހިންގާ ޕްރޮގްރާމްތައް ހިނގާނުހިނގާގޮތް ބެލުމަށާއި، ކިޔަވައިދިނުމުގެ ފެންވަރު ބެލުމަށާއި، ކިޔަވައިދޭ ޕްރޮގްރާމްތަކާއި ދަރިވަރުންގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށް ޓަކައި އިންޓަރނަލް ސުޕަރވިޒަން ނިޒާމެއް ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ށ) ތިރީގައި މިވާ ރިކޯޑުތައް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އިންސްޓިޓިއުޓުން ލިބެން ހުންނަންވާނެއެވެ.

  1. ކިޔަވައިދިނުމުގެ މަސައްކަތް ރިވިއުކޮށް މޮނިޓަރކުރާ ގޮތުގެ ރިކޯޑުތައް (ކޯސްތައް/ ޕްރޮގްރާމްތައް ވަކިވަކިން)؛
  2. ކިޔަވައިދިނުމާއި،  ދެވޭ ހިދުމަތްތަކާ މެދު ހޯދާ ދަރިވަރުންގެ ހިޔާލުގެ ރިޕޯޓު (ކޯސް/ ޕްރޮގްރާމް ފީޑްބެކް ރިޕޯޓު)؛
  3. ލެކްޗަރަރއިންގެ ލިސްޓާއި، ކޮލިފިކޭށަނާއި، މަސައްކަތުގެ ސުޕަރވިޒަން ރިޕޯޓުތަކާއި، ހާޒިރީ ރިޕޯޓުތައް؛
  4. ދަރިވަރުންގެ ހާޒިރީ ރިޕޯޓުތަކާއި، ދަރިވަރުންގެ ޕްރޮގްރެސް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ މާކްށީޓްތައް (ކޯސް/ ޕްރޮގްރާމް ފެށުމަށްފަހު އެ ކޯހުން ނުވަތަ ޕްރޮގްރާމުން ވަކިވާ ދަރިވަރުން އެނގޭގޮތަށް)؛
  5. އިމްތިހާނު ކަރުދާހާއި އެސައިންމެންޓްތައް. 
  6. ކޯސްތައް/ ޕްރޮގްރާމްތައް ހިނގަމުންދާ ގޮތާއި، ކިޔަވައިދިނުމުގައި ބޭނުންކުރާ ރިސޯސްތައް؛ 
  7. އިންޓަރނަލް ސުޕަރވިޒަނާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތައް؛ 
  8. އެޑްމިށަން ކްރައިޓީރިއާއާއި އެޑްމިށަންގެ މަސައްކަތް ހިނގާގޮތުގެ މައުލޫމާތު؛ 
  9. ދަރިވަރުން/ ލެކްޗަރަރއިންގެ ކަންތައްތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު؛ 
  10. ދަރިވަރުންގެ ރިކޯޑުތައް، މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކޮށްފައި ހުރުން؛
  11. މި ގަވާއިދުގައި ބަޔާންވެފައިވާ އެންމެހައި ލިޔެކިޔުންތައް.

(ނ) ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކޮށް، އިދާރީ ކަންކަން ހިނގަމުންދާގޮތް ބެލުމުގެ އިހްތިޔާރު މިނިސްޓްރީއާއި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ރ) މި ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެ ކަންކަން ބެލުމަށާއި ފެންވަރު ވަޒަންކުރުމަށް މިނިސްޓްރީގެ ފަރާތުން ކުރާ މަސައްކަތަށް އިންސްޓިޓިއުޓުން އެހީތެރިވެ، އެއްބާރުލުން ދޭންވާނެއެވެ.

(ބ) މި ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެ ކަންކަން ބަލައި ފެންވަރު ވަޒަންކުރުމަށްފަހު، ދޭ ލަފަޔާ އެއްގޮތަށް އިސްލާހުކުރުމަށް ޓަކައި އިންސްޓިޓިއުޓަށް 6 (ހައެއް) މަސްދުވަހުގެ މުއްދަތު ދެވޭނެއެވެ.

(ޅ) އިންސްޓިޓިއުޓް ރަޖިސްޓަރީކުރުމަށްފަހު ކޮންމެ 3 (ތިނެއް) އަހަރަކުން އެ އިންސްޓިޓިއުޓެއްގެ ފެންވަރު ހިފެހެއްޓިފައިވޭތޯ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އޮޑިޓް ކުރާނެއެވެ. ފެންވަރު ބެލުމުގެ މި އޮޑިޓުގައި ބަލާނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތައް ފުރިހަމަވޭތޯއެވެ.

(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް އިންސްޓިޓިއުޓެއްގެ ޕްރޮގްރާމެއް ހިންގުމުގައި ނުވަތަ ކިޔަވައިދިނުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، ނުވަތަ ކިޔަވައިދިނުމުގެ ފެންވަރަށް އަސަރުކުރާނޭ ފަދަ އެއްވެސް ކަމެއް ދިމާވެއްޖެ ކޮންމެ ހިނދެއްގައި، އެ ކަމެއް ބަލައި ތަހުގީގު ކުރުމުގެ އިހްތިޔާރު، މިނިސްޓްރީއާއި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - ރަޖިސްޓަރީއަށް ބަދަލު ގެނައުމާއި އަލުން ހެއްދުން

މި ގަވާއިދުގެ ދަށުން އިންސްޓިޓިއުޓެއް ރަޖިސްޓަރީކުރުމަށްފަހު ރަޖިސްޓަރީއަށް ބަދަލެއް ގެންނަނަމ،ަ ނުވަތަ ރަޖިސްޓަރީ ގެއްލިގެން ނުވަތަ ރަޖިސްޓަރީ ހަލާކުވެގެން އައު ރަޖިސްޓަރީއެއް ހައްދަން އެދޭނަމ،ަ އިންސްޓިޓިއުޓުގެ މަސްއޫލުވެރިޔާ އެކަމަށް އެދޭ ސިޓީއާއެކ،ު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ރަޖިސްޓަރީ އައުކުރުމަށް އެދޭ ފޯމު" ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

20 ވަނަ މާއްދާ - އިންސްޓިޓިއުޓުގެ ރަޖިސްޓަރީ ބާތިލުކުރުން

(ހ) އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް ދިމާވެގެން އިންސްޓިޓިއުޓެއްގެ ރަޖިސްޓަރީ ބާތިލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް ނުހިންގާތާ 1 (އެކެއް) އަހަރުދުވަސް ވުން؛
  2. އިންސްޓިޓިއުޓުގެ މިލްކުވެރި ފަރާތުން ނުވަތަ ފަރާތްތަކުން އެ އިންސްޓިޓިއުޓެއް އުވައިލަން އެދުން؛ (އިސްލާހު ކުރެވިފައި)
  3. މި ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިނިސްޓްރީން ބަލާ ބެލުމެއްގައި އިންސްޓިޓިއުޓުގެ ފެންވަރު ހިފެހެއްޓިފައިނުވާ ކަމަށް ފާހަގަވެ، ރަނގަޅުކުރަން އަންގާ ކަންކަން އެ މާއްދާގެ (ބ) ގައި ބުނާ މުއްދަތުގައި ރަނގަޅު ނުކުރެވުން؛
  4. މި ގަވާއިދުގައިވާ އެއްވެސް ށަރުތެއް އުނިވުން.

(ށ) އިންސްޓިޓިއުޓް އުވައިލަން މިނިސްޓްރީން އަންގާ ހިނދު، އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް އެ އިންސްޓިޓިއުޓުގައި ހިނގަމުންދާނަމަ، އެ ކޯސް ނުވަތަ ޕްރޮގްރާމް ނިމެންދެން ކުރިޔަށް ގެންދަންވާނެއެވެ. ނުވަތަ އެންރޯލްވެފައިވާ ދަރިވަރުން އެހެން މަރުކަޒެއްގައި ޕްރޮގްރާމް ފުރިހަމަ ކުރެވޭނެ އިންތިޒާމު އެ އިންސްޓިޓިއުޓަކުން ހަމަޖައްސައިދޭންވާނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރަކު އެންރޯލްކޮށް، އިތުރު ޕްރޮގްރާމެއް ފަށައިގެން ނުވާނެއެވެ.

(ނ) އިންސްޓިޓިއުޓުގެ މިލްކުވެރި ފަރާތުން ނުވަތަ ފަރާތްތަކުން އެ އިންސްޓިޓިއުޓެއް އުވައިލަން އެދޭހިނދ،ު އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް ހިންގަމުންދާނަމ،ަ އެ ޕްރޮގްރާމެއް ނުވަތަ ކޯހެއް ނިމެންދެން އިންސްޓިޓިއުޓް އުވައިނުލައި ކުރިޔަށް ގެންދެވޭނެއެވެ. އަދި އިންސްޓިޓިއުޓުގައި އެ ޕްރޮގްރާމެއް ނުވަތަ ކޯހެއް ފުރިހަމަކުރުމަށް ދަތިވާނަމ،ަ އެންރޯލްވެފައިވާ ދަރިވަރުނ،ް މަތީ ތައުލީމާއި ތަމްރީނުދޭ އެހެން މަރުކަޒެއްގައި އެ ޕްރޮގްރާމް ނުވަތަ ކޯސް ފުރިހަމަކުރެވޭނެ އިންތިޒާމ،ު އެ އިންސްޓިޓިއުޓެއްގެ ފަރާތުން ހަމަޖައްސައިދޭން ވާނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރުން ބައިވެރިކުރާ އިތުރު ޕްރޮގްރާމެއް ނުވަތަ ކޯހެއް އެ އިންސްޓިޓިއުޓަކަށް ނުހިންގޭނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) އިންސްޓިޓިއުޓް ހިންގުން ހުއްޓައިލަން ބޭނުންވާނަމަ، ހުއްޓައިލަން ކަނޑައަޅާ ތާރީހުގެ 10 (ދިހައެއް) ދުވަހުގެ ކުރިން މަސްއޫލުވެރިޔާ އެކަން މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ.

 

21 ވަނަ މާއްދާ - ރަޖިސްޓަރޭށަން ފީ

އިންސްޓިޓިއުޓް ރަޖިސްޓަރީ ކުރުމަށާއި، ރަޖިސްޓަރީއަށް ބަދަލުގެނައުމަށާއި، ރަޖިސްޓަރީ އަލުން ހެއްދުމަށް ތިރީގައިވާ ގޮތުގެ މަތީން ފީ ދައްކަން ވާނެއެވެ.

(ހ) އަލަށް ރަޖިސްޓަރީކުރުމަށް 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާ.

(ށ) އައުޓްރީޗް ސެންޓަރ ރަޖިސްޓަރީކުރުމަށް 1,000 (އެއްހާސް) ރުފިޔާ.

(ނ) ރަޖިސްޓަރީ ކުރުމަށްފަހު ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ގެނައުމަށް 500 (ފަސްސަތޭކަ) ރުފިޔާ.

(ރ) ރަޖިސްޓަރީ ގެއްލިގެން އައު ރަޖިސްޓަރީއެއް ހެއްދުމަށް 1,000 (އެއްހާސް) ރުފިޔާ.

 

ތިންވަނަ ބާބު

ދިވެހިރާއްޖޭގައި ކޮލެޖްތައް ހިންގުން

 

22 ވަނަ މާއްދާ - ކޮލެޖް ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ ކޮލެޖުތައް ހިންގަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ.

(ށ) ދިވެހިރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ،  ގާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ށ) ގައިވާ ށަރުތުތައް ފުރިހަމަވާ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކަށެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކޮލެޖެއްގައި ހުންނަންވާނެ ސިފަތަކާއި ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ކޮލެޖެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅިދާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ކޮލެޖެއް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާނ،ީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ކޮލެޖް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" އާއި "ޕްރޮ ފޯމާ ފޮރ ކޮލެޖް ރަޖިސްޓްރޭށަން" މެދުވެރިކޮށެވެ. (އިސްލާހު ކުރެވިފައި)

(ބ) އެޕްލިކޭށަން ފުރިހަމަނަމަ، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޮލެޖް ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.

(ޅ) އެޕްލިކޭށަނުގައިވާ ކަންކަން ފުރިހަމަ ނުވާނަމަ، ފުރިހަމަކުރަންޖެހޭ ކަންކަން ފާހަގަކޮށްފައި، އެޕްލިކޭށަން ހުށަހަޅާ ފަރާތަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން ލިޔުމުން އަންގަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުން އެޕްލިކޭށަން އިސްލާހު ކުރުމަށްފަހު 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ މުއްދަތުގެ ތެރޭގައި އިސްލާހުކުރަން އަންގާ ކަންތައްތައް އިސްލާހުކޮށް ހުށަހަޅައިފައި ނުވާނަމަ، އެޕްލިކޭށަން ބާތިލުވާނެއެވެ. އަދި އަލުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ އައު އެޕްލިކޭށަނެއްގެ ގޮތުގައެވެ.

 

23 ވަނަ މާއްދާ - ކޮލެޖެއްގައި ހުންނަންވާނެ ސިފަތައް

ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ދޭ ކޮލެޖެއްގައި، އަންނަނިވި މައިގަނޑު ސިފަތައް ހުންނަންވާނެއެވެ.

(ހ) ކޮލެޖުގައި ކިޔަވައިދޭންވާނީ، އުމުރުން 16 (ސޯޅަ) އަހަރުން މަތީގެ ދަރިވަރުންނަށް ކަމުގައި ވުން. އެހެން ނަމަވެސް މައިންބަފައިންގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު 16 (ސޯޅަ) އަހަރުން ދަށުގެ ދަރިވަރުން ވެސް ބައިވެރިކުރެވިދާނެއެވެ.

(ށ) ކޮލެޖުގައި ކިޔަވާ ދަރިވަރުންގެ %50 (ފަންސާސް އިންސައްތަ) ވާންވާނީ ފުލްޓައިމް ދަރިވަރުންނަށެވެ.

(ނ) ވަކި ދާއިރާއަކަށް ހާއްސަކޮށްގެން ކިޔަވައިދޭ ކޮލެޖެއްނަމަ، މަދުވެގެން 75 (ހަތްދިހަ ފަހެއް) ދަރިވަރުން އެންރޯލްވެފައި ވާންވާނެއެވެ.

(ރ) ކޮލެޖެއްގައި މައިގަނޑުގޮތެއްގައި ކިޔަވައިދެވޭނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމް.އެން.ކިޔު.އެފް) ގެ ލެވެލް 5 (ފަހެއް) އިން ފެށިގެން 9 (ނުވައެއް) އާ ދެމެދުގެ ކޯސްތަކެވެ. މިގޮތުން ކޮލެޖުގައި ހިންގާ ކޯސްތަކުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) ވާންވާނީ މި ކެޓަގަރީއަށް ފެތޭ ކޯސްތަކަށެވެ.

(ބ) ކޮލެޖުގައި ހިންގާ ޕްރޮގުރާމްތަކުގެ %50 (ފަންސާސް އިންސައްތަ) ވާންވާނީ ފުލްޓައިމްކޮށް ކިޔަވައިދޭ ޕްރޮގްރާމްތަކަށެވެ.

(ޅ) ޑިގްރީ ލެވެލުގެ ނުވަތަ އެއަށްވުރެ މަތީ ލެވެލުގެ ޕްރޮގްރާމްތަކަށް ހާއްސަކޮށްގެން ހިންގާ ފައުންޑޭށަން ޕްރޮގްރާމްތައް ނުވަތަ ބިންގާ ޕްރޮގްރާމްތައް ވެސް ކޮލެޖުގައި ހިންގިދާނެއެވެ.

(ކ) ކޮލެޖުގައި ކިޔަވައިދޭ ލެކްޗަރަރއިންގެ %25 (ފަންސަވީސް އިންސައްތަ) އަކީ ފުލްޓައިމް ލެކްޗަރަރއިންނަށް ވާންވާނެއެވެ.

(އ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލުގެ ޕްރޮގްރާމެއްގައި ކިޔަވައިދޭ ލެކްޗަރަރއިންނަކީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ ޕްރޮގްރާމް އެޕްރޫވަލް ގައިޑްލައިނުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

(ވ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ޕްރޮގްރާމެއްގައި ކިޔަވައިދޭ ލެކްޗަރަރއިންނަކީ ކިޔަވައިދޭ ލެވެލަށް ވުރެ މަތީ ލެވެލެއްގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުވާ ލެކްޗަރަރއަކަށް، ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޕްރޮގްރާމެއްގައި ކިޔަވައިދެވިދާނެއެވެ. ނަމަވެސް އެ ލެކްޗަރަރއަކީ މޯލްޑިވްސް ނޭށަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ގައުމީ ފެންވަރުގައި ބަލައިގަނެ އެކްރެޑިޓްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

(ފ) ކޮލެޖާއި ކޮލެޖުގެ ކެމްޕަސްތައް ހިންގަން ހުށަހަޅާ އިމާރާތަކީ ނުވަތަ ތަނަކީ، ކޮލެޖް ހިންގުމަށް، މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ލިބިފައިވާ ތަނެއް ކަމުގައި ވާންވާނެއެވެ.

(ދ) ކޮލެޖް ހިންގަން ހުށަހަޅާ އިމާރާތަކީ ނުވަތަ ތަނަކީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވ،ާ "ކޮލެޖް ހިންގުމަށް ހުށަހަޅާ އިމާރާތުގައި ހުންނަންވާނެ އަސާސީ މިންގަނޑުތައް" ފުރިހަމަވެފައިވާ ތަނަކަށް ވުމާއެކ،ު އިމާރާތުގެ ބޭނުންކުރުމަށް ސަރުކާރުން ހުއްދަ ލިބިފައިވާ އިމާރާތެއްގައި ހިންގާ ތަނަކަށް ވާންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ތ) 1 (އެކެއް) އިމާރާތް ނުވަތަ ކިޔަވައިދޭން ތައްޔާރުކޮށްފައިވާ ތަނެއްގައި ރަޖިސްޓަރީކޮށްދެވޭނީ 1 (އެކެއް) ކޮލެޖް ނުވަތަ ކެމްޕަހެވެ.

(ލ) ކޮލެޖުގައި ދަރިވަރުން މަޑުކޮށްލައިގެން ތިބެ ކިޔެވޭނެ އިންތިޒާމް ހަމަޖެހިފައި ވާންވާނެއެވެ.

(ގ) ފިޒިކަލް ލައިބްރަރީއެއްގެ ހިދުމަތް ދަރިވަރުންނަށް ލިބެން ހުންނަންވާނެއެވެ.

 

24 ވަނަ މާއްދާ - ފުލްޓައިމް މުވައްޒަފުން

ކޮލެޖުގައި ފުލްޓައިމް މުވައްޒަފުންގެ ގޮތުގައި އަންނަނިވި ފަރާތްތައް ތިބެންވާނެއެވެ.

(ހ) ކޮލެޖް ހިންގުމާ ހަވާލުވެ ހުންނަ މާސްޓަރސް ފެންވަރުގެ ފަރާތެއް.

(ށ) އެކެޑެމިކް ކަންތައްތައް ނުވަތަ ތައުލީމީ ކަންތައްތައް ބަލަހައްޓާނެ މާސްޓަރސް ފެންވަރުގެ ފަރާތެއް.

(ނ) އެޑްމިނިސްޓްރޭށަނާއި ފިނޭންސް ނުވަތަ އިދާރީ ކަންތައްތަކާއި މާލީ ކަންތައްތައް ބަލަހައްޓާނެ މާސްޓަރސް ފެންވަރުގެ ފަރާތެއް.

(ރ) ރަޖިސްޓްރާރ ނުވަތަ ދަރިވަރުންގެ އެޑްމިށަންއާއި ރެކޯޑުތަކާ ހަވާލުވެގެން ހުންނަ ޑިގްރީ ފެންވަރުގެ ފަރާތެއް.

(ބ) ތަމްރީނު ލިބިފައިވާ ލައިބްރޭރިއަނެއް.

(ޅ) ކޮލެޖުގައި ދެވޭ ތައުލީމު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އުފައްދާ ފެކަލްޓީއާއި، ސްކޫލާއި، އިންސްޓިޓިއުޓް ފަދަ ގޮފިތަކުގައި މަދުވެގެން 1 (އެކެއް) އިދާރީ މުވައްޒަފު ހުންނަންވާނެއެވެ.

 

25 ވަނަ މާއްދާ - ޕްރޮގްރާމް ހިންގުން

މިނިސްޓްރީން ހުއްދަ ލިބުމުން، ޕްރޮގްރާމްތައް ހިންގަންވާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް. ކިޔު. އޭ) އަށް ހުށަހަޅައިގެން މުގައްރަރު ފާސްކުރުމަށްފަހު އެ ފަރާތުގެ އިރުށާދާ އެއްގޮތަށެވެ.

 

26 ވަނަ މާއްދާ - ޓިޔުށަން ފީ

(ހ) ޕްރޮގްރާމަށް ކަނޑައެޅިފައިވާ ޓިޔުށަންފީގެ އޮނިގަނޑު (ފީ ސްޓްރަކްޗަރ)، ޕްރޮގްރާމަށް އެޕްލައިކުރުމުގެ ކުރިން ދަރިވަރުންނަށް އެނގެން އޮންނަންވާނެއެވެ.

(ށ) އެއް ޕްރޮގްރާމެއްގައި އެއް ވަގުތެއްގައި އެންރޯލްވާ ހުރިހާ ދަރިވަރުންގެ އަތުން ނަގާ ފީ އެއްވަރު ވާންވާނެއެވެ.

(ނ) ދަރިވަރުންގެ އަތުން ނަގާ އެކިކަހަލަ އިތުރު ފީތަކުގެ މައުލޫމާތު، ޕްރޮގްރާމަށް އެންރޯލްވުމުގެ ކުރިން، ދަރިވަރަށް އެނގެން އޮންނަންވާނެއެވެ.

(ރ) ޕްރޮގްރާމަށް ދަރިވަރުން ދައްކާ ފައިސާ ރިފަންޑް ކުރުމާ ބެހޭ ޕޮލިސީއެއް އޮތުމާއެކު، ދަރިވަރުންނަށް އެ ޕޮލިސީ އެނގެން އޮންނަންވާނެއެވެ.

 

27  ވަނަ މާއްދާ - ކޮލެޖެއްގެ ގޮތުގައި ދަރަޖަ ކުރުން 

(ހ) މި ގަވާއިދުގެ އެއްވަނަ ބާބު (އިންސްޓިޓިއުޓް ހިންގުމުގެ ގަވާއިދު) ގައިވާ ށަރުތުތައް ފުރިހަމަވުމުގެ އިތުރަށް، ކޮލެޖް ދަރަޖަ ހޯދުމަށް އެދި ހުށަހަޅައިފައިވާ މަރުކަޒަކީ ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ކިޔަވައިދިނުމުގެ ފެންވަރު ހިފަހައްޓައި، އާންމުންގެ އިތުބާރު ލިބޭ ފެންވަރަށް، ހަރުދަނާގޮތެއްގައި ހިންގުމުގެ ނިޒާމް ގާއިމްކޮށްފައިވާ މަރުކަޒަކަށް ވާކަން ސާބިތުކޮށްދެވޭ ފަރާތެއް ކަމުގައި ވާންވާނެއެވެ. މިގޮތުން ކޮލެޖުގެ ފެންވަރު ބެލޭނީ، ކޮލެޖް ރަޖިސްޓަރީކުރުމަށް ހުށަހަޅާ ޕްރޮޕޯޒަލް ވަޒަންކޮށްގެންނެވެ.

(ށ) ކޮލެޖުގެ ދަރަޖަ ހޯދުމަށް ހުށަހަޅާ މަރުކަޒަކީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ސަނަދުތަކުގެ ތެރެއިން މަދުވެގެން 3 (ތިނެއް) ދާއިރާއިން އެޑްވާންސް ޑިޕްލޮމާ (ލެވެލް 6) އާ ހަމައަށް މަދުވެގެން 1 (އެކެއް) ބެޗަށް ކިޔަވައިދީ ސެޓުފިކެޓު ދޫކޮށްފައިވާ ތަނަކަށް ވާންވާނެއެވެ.

(ނ) ކޮލެޖް ދަރަޖަ ހޯދުމަށް އެދޭ ށަރުތު ފުރިހަމަވާ ފަރާތްތަކަށް 3 (ތިނެއް) އަހަރުދުވަހުގެ އިންތިގާލީ މުއްދަތަކަށް ކޮލެޖެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދެވޭނެއެވެ. މި 3 (ތިނެއް) އަހަރުދުވަސް ހަމަވުމުން، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ އޮޑިޓަކަށްފަހު، ކޮލެޖުގެ ފެންވަރު ވަޒަންކޮށް، ކޮލެޖުގެ ދާއިމީ ދަރަޖަ ދެވޭނެއެވެ.

 

28  ވަނަ މާއްދާ - ކޮލެޖް ހިންގުން

ކޮލެޖް ހިންގުމުގައި ބޭނުންކުރާ ނިޒާމުގެ ތެރޭގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

(ހ) ކޮލެޖް ހިންގަންވާނީ، ކޮލެޖް ހިންގުމުގެ އެންމެހައި ބާރުތައް ލިބިގެންވާ ކޮލެޖް ކައުންސިލުގެ ދަށުންނެވެ.

(ށ) ކޮލެޖް ހިންގުމާ ހަވާލުވެހުރި އިސްވެރިޔާއާއެކު ފުލްޓައިމް މުވައްޒަފުންގެ ތެރެއިން އެ ފަރާތެއް އައްޔަނުކުރާ 2 (ދޭއް) ފަރާތަކާއި،  ކޮލެޖް ކައުންސިލުގައި މަދުވެގެން ފުލްޓައިމް 3 (ތިނެއް) މުވައްޒަފުން ހިމެނެންވާނެއެވެ. މީގެ އިތުރުން ދަރިވަރުންގެ ތެރެއިން ދަރިވަރުން ތަމްސީލުކުރާނެ ފަރާތަކާއި، ކޮލެޖަށް ނިސްބަތްނުވާ މީހަކު ހިމެނެންޖެހޭނެއެވެ.

(ނ) ކޮލެޖް ކައުންސިލަށް ލިބިގެންވާ ބާރުތައް، ކައުންސިލަށް ފެނިއްޖެ ހިނދެއްގައި ކޮލެޖުގެ އެހެން ކޮމެޓީތަކާއި ބޯޑުތަކަށް ނުވަތަ މުވައްޒަފަކަށް ހަވާލުކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް ހަވާލުކުރާ ކަންކަމުގައި ވެސް ޒިންމާދާރު ފަރާތަކީ ކައުންސިލެވެ.

(ރ) ކޮލެޖުގެ އަގު ހިފެހެއްޓުމާއެކު، ކޮލެޖަކީ ގަދަރުވެރި ތަނަކަށް ހެދުމުގެގޮތުން ކައުންސިލުގެ މެންބަރުންނަކީ، އެ މެންބަރުން ހޮވުމުގެ ކުރިން، ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ގާނޫނުގައި ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ށަރުތުކުރަންވާނެއެވެ.

 

29  ވަނަ މާއްދާ - ބޯޑުތަކާއި ދާއިމީ މުވައްޒަފުން

(ހ) ކޮލެޖް ކައުންސިލުގެ އިތުރުން، ފަންނީ ފަރާތްތަކާއި، ގާބިލް ފަރާތްތަކާއި،  ކަމާ ގުޅޭ ފަރާތްތައް ހިމެނިގެން އެކުލަވައިލާ ބޯޑުތައް ކޮލެޖް ހިންގުމުގައި ށާމިލު ކުރަންވާނެއެވެ. މީގެ ތެރޭގައި އެކަޑަމިކް ސެނެޓާއި ދަރިވަރުންގެ ގްރީވެންސްތައް ބަލާނެ ކޮމެޓީއާއި ދަރިވަރުންގެ ޖަމްއިއްޔާ ހިމެނެންވާނެއެވެ.

(ށ) ކޮލެޖުގައި ދޭ ތައުލީމު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން، ކައުންސިލުން އިތުރު ބޯޑުތަކާއި، ފެކަލްޓީތަކާއި، ސެނެޓާއި، ސްކޫލާއި، އިންސްޓިޓުއުޓްތައް އުފެއްދިދާނެއެވެ.

(ނ) ކޮލެޖުގެ ދަރިވަރުންނަށް ދެވޭ ހިދުމަތްތަކަށާއި ކޮލެޖުގެ މަގުސަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ އަދަދަށް ފަންނީ މުވައްޒަފުންނާއި، އިދާރީ މުވައްޒަފުންނާއި، އެހެނިހެން މުވައްޒަފުން ތިބެންވާނެއެވެ.

 

30  ވަނަ މާއްދާ - ކޮލެޖުގެ ގަވާއިދުތައް އެކުލަވައިލުން

(ހ) ކޮލެޖުގެ މަގުސަދުތަކާއި، ކޮލެޖް ކައުންސިލް އުފައްދާނެ ގޮތާއި، ބޯޑުތައް އުފައްދާނެ ގޮތާއި، ބޯޑުތަކުގެ މަސްއޫލިއްޔަތާއި، ކައުންސިލް މެންބަރުންގެ މަސްއޫލިއްޔަތާއި، ދައުރާއި، ދަރިވަރުން ވެއްދުމާއި، ކޮލެޖުގެ ކަލަންޑަރު އެކުލަވައިލުމާއި، މިނޫނަސް ކޮލެޖުގައި ހިނގާ ހުރިހާ ރަސްމީ މުހިންމު ކަންކަން ހިންގާނެ ގަވާއިދު އެކުލަވައިލައި، އެ ތަކެތި ވެބްސައިޓުގައި އާންމުކޮށް، ކޮލެޖުގެ ހުރިހާ މުވައްޒަފުންނާއި ދަރިވަރުންނަށް ފެންނަން ހުންނަންވާނެއެވެ.

(ށ) ދަރިވަރުންނާ ގުޅޭ މި ފަދަ ގަވާއިދުތައް ދަރިވަރުންނަށް ފެންނާނޭހެން ވެބްސައިޓުގައި އަޕްލޯޑްކޮށްފައި ހުންނަންވާނެއެވެ.

(ނ) ގަވާއިދުތައް ހެދުމުގައްޔާއި، ދަރިވަރުންނާއި މުވައްޒަފުންގެ ތެރެއިން ކައުންސިލާއި ބޯޑުތަކާއި ކޮމިޓީތައް ތަމްސީލުކުރާ ފަރާތްތައް ހޮވުމުގައި، ވޯޓުލުން ފަދަ ގޮތްތައް ހިމެނިގެން ކަނޑައެޅޭ ގަވާއިދުގެ ތެރެއިން ވީހާވެސް އިންސާފުވެރި ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަންވާނެއެވެ.

 

31  ވަނަ މާއްދާ - ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމާއި ރިކޯޑު ބެލެހެއްޓުން

(ހ) ކޮންމެ 3 (ތިނެއް) އަހަރަކުން އިންސްޓިޓިއުށަނަލް އޮޑިޓެއް، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ކުރާނެއެވެ. އަދި މި އޮޑިޓްކުރުމަށް ބޭނުންވާ އެންމެހައި ކަންކަމަށް ކޮލެޖުތަކުން އެއްބާރުލުން ދޭންވާނެއެވެ.

(ށ) ފެންވަރު ބެލުމުގެ އޮޑިޓުގައި ބެލެވޭނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ އިންސްޓިޓިއުށަނަލް އޮޑިޓުގެ ގައިޑްލައިނަށެވެ.

(ނ) ކޮލެޖުގައި ޕްރޮގްރާމެއް ހިންގުމުގައި ނުވަތަ ކިޔަވައިދިނުމުގައި މައްސަލައެއް ދިމާވެއްޖެނަމަ ނުވަތަ ކިޔަވައިދިނުމުގެ ފެންވަރަށް އަސަރުކުރާނޭ ފަދަ އެއްވެސް ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ބަލައި އޮޑިޓް ކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށާއި މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ލިބިގެންވެއެވެ.

(ރ) ރެގިއުލޭޓަރީ ބޮޑީއަކުން ހުއްދަ ލިބިގެން ހިންގާ ޕްރޮގްރާމްތައް އޮޑިޓްކޮށް އެ ފަރާތްތަކުން ބަލަންވާނެއެވެ.

(ބ) އޮޑިޓުގައި ފާހަގަކުރެވޭ މައްސަލަތައް، އޮޑިޓް ރިޕޯޓުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހައްލުކުރަންވާނެއެވެ.  

(ޅ) ކޮލެޖުގައި ހިންގާ ކޯސްތައް ހިނގާނުހިނގާގޮތް ބެލުމަށާއި، ކިޔަވައިދިނުމުގެ ފެންވަރު ބެލުމަށާއި، ކިޔަވައިދޭ ޕްރޮގްރާމްތަކާއި، ދަރިވަރުންގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށް ޓަކައި އިންޓަރނަލް ސުޕަރވިޒަން ނިޒާމެއް ގާއިމްވެފައި އޮންނަންވާނެއެވެ. އަދި މި ނިޒާމުގެ ތެރެއިން ސުޕަރވިޒަންގެ ކަންތައްތައް ބަލަހައްޓާނޭ މުވައްޒަފަކާއި އިންޓަރނަލް ކޮލިޓީ އެށުއަރަންސް، ކޮންމެ ކޮލެޖެއްގައި ވެސް ހުންނަންވާނެއެވެ.  

(ކ) ތިރީގައި ބަޔާންކޮށްފައިވާ ރިކޯޑުތައް، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ނުވަތަ މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ކޮލެޖުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

  1. ކިޔަވައިދިނުމުގެ މަސައްކަތް ރިވިއުކޮށް މޮނިޓަރކުރާ ގޮތުގެ ރިކޯޑުތައް (ކޯސްތައް/ޕްރޮގްރާމްތައް ވަކިވަކިން)؛  
  2. ކިޔަވައިދިނުމާއި، ދެވޭ ހިދުމަތްތަކާމެދު ހޯދާ ދަރިވަރުންގެ ހިޔާލުގެ ރިޕޯޓު (ކޯސް/ ޕްރޮގްރާމް ފީޑްބެކް ރިޕޯޓު)؛
  3. ލެކްޗަރަރއިންގެ ލިސްޓާއި، ކޮލިފިކޭށަނާއި، މަސައްކަތުގެ ސުޕަރވިޒަން ރިޕޯޓުތަކާއި، ހާޒިރީ ރިޕޯޓުތައް؛ 
  4. ދަރިވަރުންގެ ހާޒިރީ ރިޕޯޓުތަކާއި، ދަރިވަރުންގެ ޕްރޮގްރެސް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ މާކްށީޓުތައް (ޕްރޮގްރާމް ފެށުމަށްފަހު ޕްރޮގްރާމް ދޫކޮށްލާ ދަރިވަރުން އެނގޭގޮތަށް)؛ 
  5. ސްޓޫޑެންޓް އެސެސްމެންޓް ކްރައިޓީރިޔާއާއި، ދެވޭ އިމްތިހާނު ކަރުދާހާއި، އެސައިންމެންޓްތައް؛
  6. ޕްރޮގްރާމްތައް ހިނގަމުންދާ ގޮތާއި، ކިޔަވައިދިނުމުގައި ބޭނުންކުރާ ރިސޯސްތައް؛
  7. އިންޓަރނަލް ސުޕަރވިޒަނާ ގުޅިގެން އެޅިފައިވާ ފިޔަވަޅުތައް؛ 
  8. ދަރިވަރުން/ ލެކްޗަރަރއިންގެ ކަންތައްތަކާ ގުޅިގެން އެޅޭ ފިޔަވަޅުތަކުގެ މައުލޫމާތު؛ 
  9. އިމްތިހާނާ ބެހޭގޮތުންނާއި ޕްރޮގްރާމުގެ މުގައްރަރާއި، އެސެސްކުރުމާ ބެހޭ ލިޔެކިޔުންތައް؛
  10. އިންޓަރނަލް އޮޑިޓާ ގުޅިގެން އެޅިފައިވާ ފިޔަވަޅުތައް؛
  11. އެޑްމިށަން ކްރައިޓީރިއާއާއި އެޑްމިށަންގެ މަސައްކަތް ހިނގާގޮތުގެ މައުލޫމާތު؛
  12. ދަރިވަރުންގެ ރިކޯޑުތައް، މަދުވެގެން 6 (ހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކޮށްފައި ހުރުން؛ (އިސްލާހު ކުރެވިފައި)
  13. މި ގަވާއިދުގައި ބަޔާންވެފައިވާ އެންމެހައި ލިޔެކިޔުންތައް.

 

32  ވަނަ މާއްދާ - ރިޕޯޓުތަކާއި ތަފާސްހިސާބު ހުށަހެޅުން

(ހ) މިނިސްޓްރީން އަންގާ ފޯމެޓަށް ތައްޔާރުކޮށްފައިވާ އަހަރީ ރިޕޯޓާއި ތަފާސްހިސާބު، ކޮންމެ އަހަރެއްގެ ޖަނަވަރީ 30 (ތިރީސް) ވަނަ ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ.

(ށ) ކޮންމެ މާލީ އަހަރެއް ނިމޭތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓްކުރުމުގެ ލައިސަންސް ލިބިފައިވާ އޮޑިޓަރަކު ނުވަތަ އޮޑިޓް ފަރމެއް މެދުވެރިކޮށް އެކުލަވައިލައިފައިވާ އިސްޓިޓިއުޓުގެ އޮޑިޓް ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

33  ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ނިޒާމު

(ހ) ކޮލެޖުގައި އަންނަނިވި ކަންކަން ހިމެނޭގޮތުން ށަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައި، އެކަމާ ގުޅޭ އުސޫލުތައް ހަދައި، ދަރިވަރުންނާ ހިއްސާކުރަންވާނެއެވެ.

  1. ދަރިވަރުންނަށް އެޑްމިށަން ދިނުމާއި އެންރޯލްކުރުމާ ގުޅޭ ކަންކަން.
  2. ދަރިވަރުންނަށް ކިޔަވައިދިނުމާއި ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކާ ގުޅޭގޮތުން؛
  3. ހަނގާކުރުމާ ގުޅޭގޮތުން؛
  4. ކޮލެޖް މާހައުލުން އެއްވެސް ކަހަލަ ގޯނާއެއް ނުވަތަ ފުރައްސާރައެއް ލިބުމާ ގުޅޭގޮތުން.

(ށ) މި މާއްދާގެ (ހ) ގައި ބުނާ ފަދަ ކަމަކާ ގުޅޭ މައްސަލައެއް ދަރިވަރަކު ހުށަހަޅައި އެ މައްސަލައަށް ޖަވާބެއް ލިބިފައި ނުވާނަމަ ނުވަތަ ލިބިފައިވާ ޖަވާބާމެދު ދަރިވަރު ހިތްހަމަ ނުޖެހޭނަމަ މިނިސްޓްރީއަށް ލިޔުމުން ށަކުވާ ހުށަހެޅުމުގެ ފުރުސަތު ދަރިވަރަށް ލިބިގެންވެއެވެ.

 

34  ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅޭނެ ފަރާތްތަކާއި މަސްއޫލުވެރިޔާ 

(ހ) ކޮލެޖެއް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅޭނީ ތިރީގައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކުންނެވެ.

  1. ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް؛
  2. ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޕާޓްނަރށިޕެއް؛
  3. ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް؛
  4. ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމްއިއްޔާއެއް. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއ،ި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ ފަރާތަކަށް ކޮލެޖެއް ރަޖިސްޓަރީކޮށްދެވޭނ،ީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއްގެ ދަށުންނެވެ. (އިސްލާހު ކުރެވިފައި) 

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި،  (4) ވަނަ ނަންބަރުގައިވާ ފަރާތަކުންކުރެ ފަރާތަކަށް ކޮލެޖެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނަމަ، ކޮލެޖުގެ ކަންކަމުގައި މަސްއޫލުވާނެ ފަރާތެއް އައްޔަނު ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައިވާ ފަރާތަކުން ކޮލެޖުގެ ކަންކަމުގައި މަސްއޫލުވާނެ ފަރާތެއްގެ ގޮތުގައި  އައްޔަނުކުރާ ފަރާތް ވާންވާނީ އެ ޕާޓްނަރށިޕްގައި ނުވަތަ ކުންފުނީގައި ހިއްސާވާ ފަރާތަކަށެވެ.

(ބ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަރާތުން ކޮލެޖު ގެ ކަންކަމުގައި މަސްއޫލުވާނެ ފަރާތެއްގެ ގޮތުގައި އައްޔަނުކުރަންވާނ،ީ ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން އެ ފަރާތެއްގެ ނަންމަތީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތެވެ. (އިސްލާހު ކުރެވިފައި)

(ޅ) ކޮލެޖް ރަޖިސްޓަރީކުރަން ހުށަހަޅާ ފަރާތަކީ މާލީގޮތުން ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކޮލެޖް ހިންގުމުގެ ގާބިލުކަން  ލިބިފައިވާ އަދި މި ގަވާއިދުގައިވާ ހުރިހާ ށަރުތުތައް ފުރިހަމަވާކަން ސާބިތުކޮށްދެވޭ ފަރާތަކަށް ވާންވާނެއެވެ.

 

35  ވަނަ މާއްދާ - މަސްއޫލުވެރިޔާ ބަދަލުކުރުން

(ހ) މަސްއޫލުވެރި ފަރާތް ބަދަލު ކުރަންވާނީ، މިނިސްޓްރީއަށް ލިޔުމުން އެކަން އެންގުމަށްފަހުގައެވެ.

(ށ) މަސްއޫލުވެރި ފަރާތް ބަދަލުކުރަން އެދޭނ،ީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ކޮލެޖުގެ މަސްއޫލުވެރިފަރާތް ބަދަލުކުރުމަށް އެދޭ ފޯމު"މެދުވެރިކޮށެވެ. (އިސްލާހު ކުރެވިފައި)

 

36  ވަނަ މާއްދާ - ކޮލެޖް ރަޖިސްޓަރީކުރުމަށް ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ އެހެނިހެން ށަރުތުތައް

(ހ) ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުގެ ކުރިން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ކޮލެޖް ރަޖިސްޓަރީ ކުރަން ހުށަހަޅާ އިންސްޓިޓިއުޓުގައި، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ގަބޫލުކުރާ މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވޯކްގެ ލެވަލް 5 (ފަހެއް) ގެ ނުވަތަ ލެވެލް 6 (ހައެއް) ގެ،    އެ އިންސްޓިޓިއުޓެއްގެ އަމިއްލަ ޕްރޮގްރާމްތައް މެދުނުކެނޑި ހިންގައި، ސެޓުފިކެޓު އެވޯޑްކޮށްފައިވާ އިންސްޓިޓިއުޓަކަށް ވާންވާނެއެވެ. މެދުކެނޑުން ކަމުގައި ބެލެވޭނީ، އެއްވެސް ސަބަބަކާހުރެ، ޗުއްޓީ ދުވަސް ނުހިމަނައި، 6 (ހައެއް) މަސްދުވަހަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ކިޔެވުން ހުއްޓައިލުމުންނެވެ.

(ށ) ކޮލެޖް ރަޖިސްޓަރީކުރަން ހުށަހަޅާ އިންސްޓިޓިއުޓުގައި ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގައި މަދުވެގެން 2 (ދޭއް) ދާއިރާއަކުން، ޖުމުލަ 50 (ފަންސާސް) ދަރިވަރުންނަށްވުރެ މަދުނޫން އަދަދަކަށް، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވޯކްގެ ލެވެލް 5 (ފަހެއް) އާއި ލެވެލް 6 (ހައެއް) ގެ ޕްރޮގްރާމްތައް ކޮންމެ އަހަރަކުވެސް ހިންގައި، އެ ޕްރޮގްރާމްތަކުން މަދުވެގެން %60 (ފަސްދޮޅަސް އިންސައްތަ) ދަރިވަރުން ފާސްވެ ސެޓުފިކެޓު ހާސިލުކޮށްފައި ވާންވާނެއެވެ.

 

37  ވަނަ މާއްދާ - ކޮލެޖް އުފެއްދުމަށް ޕްރޮޕޯޒަލް ހުށަހެޅުމާއި ރަޖިސްޓަރީކުރުން

(ހ) ކޮލެޖް ރަޖިސްޓަރީ ކުރުމަށް އެދި ފޮނުވާ ޕްރޮޕޯޒަލްގައ،ި މި ގަވާއިދުގައިވާ ށަރުތުތައް ފުރިހަމަވާކަން ސާބިތުކޮށްދިނުމާއެކ،ު އެކަމަށް ހާއްސަކޮށް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ޕްރޮ ފޯމާ ފޮރ ކޮލެޖް ރަޖިސްޓްރޭށަން" ގައި ބަޔާންކޮށްފައިވާ ތަފުސީލު ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ކޮލެޖް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން ދިރާސާކުރާނީ، ކޮލެޖް ޕްރޮޕޯޒަލް ދިރާސާކުރާ ޕެނަލުންނެވެ.

(ނ) ކޮލެޖް ރަޖިސްޓަރީކުރުމަށް އެދިފައިވާ ފަރާތުން ޕްރޮޕޯޒަލުގެ ޕްރެޒެންޓޭށަނެއް، ކޮލެޖް ޕްރޮޕޯޒަލް ދިރާސާކުރާ ޕެނަލަށް ހުށަހަޅަންވާނެއެވެ. 

(ރ) ކޮލެޖެއްގެ ގޮތުގައި 3 (ތިނެއް) އަހަރުދުވަހުގެ އިންތިގާލީ މުއްދަތަކަށް ރަޖިސްޓަރީކޮށް ހިންގުމުގެ ހުއްދަ ދޭނ،ީ ޕްރޮޕޯޒަލް ދިރާސާކުރާ ޕެނަލުން ޕްރޮޕޯޒަލް ދިރާސާކޮށ،ް ސައިޓް ބަލައ،ި މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ޕްރޮ ފޯމާ ފޮރ ކޮލެޖް ރަޖިސްޓްރޭށަން" ގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމަށްފަހ،ު ކޮލެޖް ފެންވަރުގައި ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި ގާބިލްކަނ،ް ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގައި ހުރިކަމަށް މިނިސްޓްރީން ފާސްކުރުމުންނެވެ. (އިސްލާހު ކުރެވިފައި)

(ބ) ފުރަތަމަ ހުށަހެޅުމުން ކޮލެޖެއްގެ ދަރަޖަ އިންސްޓިޓިއުޓަކަށް ނުލިބިއްޖެނަމަ، ޕްރޮޕޯޒަލް ދިރާސާކުރާ ޕެނަލުން ޕްރޮޕޯޒަލުން ފާސްނުވިކަން އިންސްޓިޓިއުޓަށް އަންގާ ތާރީހުން ފެށިގެން، ރަނގަޅު ކުރުމަށް ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ކުރުމަށްފަހު 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ މުއްދަތުގެ ތެރޭގައި އިސްލާހުކުރުމަށް އަންގާ ކަންތައްތައް އިސްލާހުކޮށް ހުށަހަޅައިފައި ނުވާނަމަ، އެޕްލިކޭށަން ބާތިލުވާނެއެވެ. އަލުން އެޕްލިކޭށަން ހުށަހެޅޭނީ، އައު އެޕްލިކޭށަނެއްގެ ގޮތުގައެވެ.

(ކ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާނަމަ، 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ކޮލެޖެއްގެ ގޮތުގައި އިންތިގާލީ މުއްދަތަކަށް ރަޖިސްޓަރީކޮށް ހިންގުމުގެ ހުއްދަ ދެވޭނެއެވެ.

(އ) މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާނަމަ، ކޮލެޖެއްގެ ދާއިމީ ދަރަޖަ ދީ ރަޖިސްޓަރީ ކޮށްދެވޭނެއެވެ.

 

38 ވަނަ މާއްދާ - ކޮލެޖް ރަޖިސްޓަރީ ކުރުމަށްފަހު ޖަވާބުދާރީވުން

(ހ) ކޮލެޖުގެ ކަންތައްތަކުގައި މިނިސްޓްރީއަށް ޖަވާބުދާރީވާނީ ކޮލެޖުގެ ކަންކަމުގައި މަސްއޫލުވާނެ ފަރާތުގެ ގޮތުގައި ކަނޑައަޅައިފައިވާ މަސްއޫލުވެރި ފަރާތުންނެވެ.  

(ށ) މަސްއޫލުވެރި ފަރާތް ނޫން އެހެން ފަރާތަކާ ކޮލެޖް ހިންގަން ހަވާލުކުރާނަމަ، ހަވާލުކުރާ ފަރާތުން، ހަވާލު ކުރެވޭ ފަރާތް ޖަވާބުދާރީ ކުރުވޭނޭ ގޮތުގެ މަތީން، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުގައި ހިމެނިފައި އޮންނަންވާނެއެވެ.

(ނ) މަސްއޫލުވެރި ފަރާތް ނޫން އެހެން ފަރާތަކާ ޖަވާބުދާރީވުމުގެ ޒިންމާ ހަވާލުކުރާނަމަ، ހަވާލުވާ ފަރާތުގެ އެއްބަސްވުމާއެކު، އެ ކަމުގެ މައުލޫމާތު، ހަވާލުކުރި ދުވަހުން ފެށިގެން ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ.

 

39 ވަނަ މާއްދާ - ކޮލެޖް ރަޖިސްޓަރީކުރުމަށްފަހު ގިންތި ބަދަލުކުރުން

ކޮލެޖުގެ ދަރަޖަ ލިބުމަށްފަހު އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ މަރުކަޒުގެ ދަރަޖަ ބަދަލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) ކޮލެޖުގެ ދަރަޖަ ދިނުމަށްފަހު، ކޮލެޖުގެ ފެންވަރު ބެލުމަށް ކުރެވޭ އޮޑިޓުން އެ ކޮލެޖުގެ ކިޔަވައިދިނުމާއި، ވަސީލަތްތަކުގެ ފެންވަރު މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްވުރެ ދަށްވެ، އޮޑިޓުގައި ފާހަގަކުރި ކަންކަން ރަނގަޅުކުރުމަށް ދެވުނު މުއްދަތުގައި އެ ކަންކަން ރަނގަޅު ނުކުރެވުން، ނުވަތަ ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތުން.

(ށ) މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވޯކްގެ ލެވެލް 6 (ހައެއް) އިން މަތީގެ ކޯހެއް ނުހިންގާތާ 1 (އެކެއް) އަހަރުދުވަސް ވުން.

(ނ) ކޮލެޖުގެ ދަރަޖަ ލިބިފައިވާ މަރުކަޒުން އެ މަރުކަޒުގެ ގިންތި ބަދަލުކުރަން އެދުން.

(ރ) މަތީގައިވާ ހާލަތެއް ދިމާވެއްޖެނަމަ، ކޮލެޖުގެ ގިންތި، މަރުކަޒުގެ ފެންވަރާ ގުޅޭ ގިންތިއަކަށް ބަދަލުކުރަން ކޮލެޖުގެ ދަރަޖަ ލިބިފައިވާ މަރުކަޒުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) ކޮލެޖުގެ ދަރަޖަ ބަދަލުވުމުގެ ސަބަބުން ދަރިވަރުންނަށް ދިމާވެދާނެ ދަތި ކަންތައްތަކެއްގެ ފުރިހަމަ ޒިންމާ އެ ކޮލެޖެއް ރަޖިސްޓަރީކޮށްދީފައިވާ ފަރާތުން އުފުލަންވާނެއެވެ.

 

40 ވަނަ މާއްދާ - ރަޖިސްޓަރީއަށް ބަދަލު ގެނައުމާއި، އަލުން ހެއްދުން

މި ގަވާއިދުގެ ދަށުން ކޮލެޖެއް ރަޖިސްޓަރީކުރުމަށްފަހ،ު ރަޖިސްޓަރީއަށް ބަދަލެއް ގެންނަ ނަމ،ަ ނުވަތަ ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން އައު ރަޖިސްޓަރީއެއް ހައްދަން އެދޭނަމ،ަ ކޮލެޖުގެ މަސްއޫލުވެރިޔާ އެކަމަށް އެދޭ ސިޓީއާއެކ،ު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ރަޖިސްޓަރީ އައުކުރުމަށް އެދޭ ފޯމު" ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

41  ވަނަ މާއްދާ - ކޮލެޖުގެ ރަޖިސްޓަރީ ބާތިލުކުރުން 

މި ގަވާއިދުގައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ހުށަހަޅައިގެން ކޮލެޖެއްގެ ދަރަޖަ ލިބުމަށްފަހު، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ އެ ކޮލެޖެއްގެ ރަޖިސްޓަރީ ބާތިލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް ނުހިންގާތާ 1 (އެކެއް) އަހަރުދުވަސް ވުން.

(ށ) އެ ކޮލެޖެއްގެ ފަރާތުން އެ ކޮލެޖް އުވައިލަދިނުމަށް އެދުން.

(ނ) ގާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި މި ގަވާއިދުގެ ދަށުން ކޮލެޖަކަށް ވުމަށް ކޮންމެހެން ފުރިހަމަވާންޖެހޭ ކަމެއް ފުރިހަމަނުވާނަމަ، އެ ކަމެއްގެ ކުޑަބޮޑުމިނުން އެ ކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި ރަނގަޅު ނުކުރުން ނުވަތަ ރަނގަޅުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތުން.  

(ރ) ކޮލެޖު އުވައިލަން މިނިސްޓްރީން އަންގާ ހިނދު، އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް އެ ކޮލެޖުގައި ހިންގަމުންދާނަމަ، އެ ޕްރޮގްރާމް ނުވަތަ  ކޯސް ނިމެންދެން ކުރިޔަށް ގެންދަންވާނެއެވެ. ނުވަތަ އެންރޯލްވެފައިވާ ދަރިވަރުން އެހެން މަރުކަޒެއްގައި ޕްރޮގްރާމް ނުވަތަ ކޯސް ފުރިހަމަ ކުރެވޭނެ އިންތިޒާމު އެ ކޮލެޖަކުން ހަމަޖައްސައިދޭންވާނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރަކު އެންރޯލްކޮށް، އިތުރު ޕްރޮގްރާމެއް ނުވަތަ ކޯހެއް ފަށައިގެން ނުވާނެއެވެ.

(ބ) ކޮލެޖުގެ މިލްކުވެރި ފަރާތުން ނުވަތަ ފަރާތްތަކުން އެ ކޮލެޖެއް އުވައިލަން އެދޭ ހިނދ،ު އެއްވެސް ޕްރޮގްރާމެއް ނުވަތަ ކޯހެއް ހިންގަމުންދާ ނަމ،ަ އެ ޕްރޮގްރާމެއް ނުވަތަ ކޯހެއް ނިމެންދެން ކޮލެޖް އުވައިނުލައި ކުރިޔަށް ގެންދެވޭނެއެވެ. އަދި ކޮލެޖުގައި އެ ޕްރޮގްރާމެއް ނުވަތަ ކޯހެއް ފުރިހަމަކުރުމަށް ދަތިވާނަމ،ަ އެ ންރޯލްވެފައިވާ ދަރިވަރުނ،ް މަތީ ތައުލީމާއި ތަމްރީނުދޭ އެހެން މަރުކަޒެއްގައ،ި އެ ޕްރޮގްރާމް ނުވަތަ ކޯސް ފުރިހަމަކުރެވޭނެ އިންތިޒާމ،ު އެ ކޮލެޖެއްގެ ފަރާތުން ހަމަޖައްސައި ދޭންވާނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އިތުރު ދަރިވަރުން ބައިވެރިކުރާ އިތުރު ޕްރޮގްރާމެއް ނުވަތަ ކޯހެއް ނުހިންގޭނެއެވެ. (އިސްލާހު ކުރެވިފައި)

 

42  ވަނަ މާއްދާ - ރަޖިސްޓަރޭށަން ފީ

(ހ) ކޮލެޖެއް (މައި ކެމްޕަސް ހިމެނޭހެން) ރަޖިސްޓަރީ ކުރުމަށް 15,000 (ފަނަރަ ހާސް) ރުފިޔާ.

(ށ) ކޮލެޖް ކެމްޕަހެއް ރަޖިސްޓަރީ ކުރުމަށް 3,000 (ތިންހާސް) ރުފިޔާ.

(ނ) ރަޖިސްޓަރީ ކުރުމަށްފަހު ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ގެންނަނަމަ 500 (ފަސްސަތޭކަ) ރުފިޔާ.

(ރ) ރަޖިސްޓަރީ ގެއްލިގެން ނުވަތަ އެހެނިހެން ސަބަބަކާހުރެ ރަޖިސްޓަރީ އައުކުރަން އެދޭނަމަ 2,000 (ދެ ހާސް) ރުފިޔާ.

 

ހަތަރުވަނަ ބާބު

އާންމު މާއްދާތައް

 

43  ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މަތީ ތައުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޓެއް ރަޖިސްޓަރީނުކޮށް ހިންގައިފި ފަރާތެއްގެ އަދަބަކީ 30,000 (ތިރީސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

(ށ) މަތީ ތައުލީމާއި ތަމްރީނުދޭ ކޮލެޖެއް ރަޖިސްޓަރީނުކޮށް ހިންގައިފި ފަރާތެއްގެ އަދަބަކީ 40,000 (ސާޅީސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

(ނ) ގާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނާ) އާއި މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް މެނުވީ، އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ކަމަށް އެއްވެސް ފަރާތަކުން ބްރޯށަރއާއި، ލީފްލެޓް މެދުވެރިކޮށް ނުވަތަ އެހެނިހެން ގޮތްގޮތުން ވިޔަސް އިސްތިހާރުކޮށްފި ފަރާތެއްގެ އަދަބަކީ 25,000 (ފަންސަވީސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ރ) ގާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) އާއި މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާ ކަންކަމުގެ އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

 

44  ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ މަރުކަޒެއްގައި ދެވޭ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަކަށް ފެތޭ ތައުލީމާއި ތަމްރީނުގެ ޕްރޮގުރާމްތަކަށާއި، ނޭށަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ބަޔާންކުރާ، އަދި އެ ސްޓޭންޑަރޑަށް ތައްޔާރުކޮށް ހިންގާ، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަށެވެ.

(ނ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.

(ރ) "ފުލްޓައިމް ދަރިވަރުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ފުލްޓައިމް ކޯސްތައް ކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ، އެވްރެޖްގޮތެއްގައި 120 (އެއްސަތޭކަ ވިހި) ކްރެޑިޓް ފުރިހަމަކުރާ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށެވެ.

(ބ) "ފުލްޓައިމް ލެކްޗަރަރއިން" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓެއްގައި ނޫނީ ކޮލެޖެއްގައި ކޮންމެ ހަފުތާއަކު މަދުވެގެން 25 (ފަންސަވީސް) ގަޑިއިރު ކިޔަވައިދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

(ޅ) "އިންސްޓިޓިއުށަނަލް އޮޑިޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑަށެވެ.

(ކ) "އިންސްޓިޓިއުޓް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގުރާމްތައް ހިންގުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.

(އ) "އައުޓްރީޗް ސެންޓަރ" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި، އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމްކުރާ ގޮތްޕަށެވެ.

(ވ) "ކޮލެޖް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މަތީ ތައުލީމާއި ތަމްރީނުދޭ ހުރިހާ ތަންތަނަށެވެ.

(މ) "ކެމްޕަސް" ކަމަށް ބުނެފައި އެވަނީ، ކޮލެޖްތަކުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމްކުރެވޭ ގޮތްޕަށެވެ.

(ފ) "އިންސްޓިޓިއުޓް ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓުގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެ ހުންނަ އިސް ފަރާތަށެވެ.

(ދ) "ކޮލެޖް ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކޮލެޖުގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެ ހުންނަ އިސް ފަރާތަށެވެ.

(ތ) "ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށްފަހު އާންމުކޮށްފައިވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ލިސްޓަށެވެ.

 

45  ވަނަ މާއްދާ - އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރ،ު މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އިންސްޓިޓިއުޓެއްގައި ނުވަތަ ކޮލެޖެއްގައި ހުންނަންޖެހޭކަމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑެއް އުނިވެއްޖެނަމ،ަ 6 ޖުލައި 2023 ގެ ކުރިން މި ގަވާއިދުގައިވާ މިންގަނޑުތަކަށް ފައްތައި އެ އިންސްޓިޓިއުޓެއްގެ ނުވަތަ ކޮލެޖެއްގެ ރަޖިސްޓަރީ އައުކުރަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ މި ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ރަޖިސްޓަރީ ނުކުރެވޭނެ ހާލަތެއް ދިމާވެއްޖެނަމ،ަ ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް އެކަން ލިޔުމުން އަންގަންވާނެއެވެ. އަދި ބަޔާންކޮށްފައިވާ ހާލަތަށް ރިއާޔަތްކޮށ،ް އެ ހާލަތަކީ މަގުބޫލު އުޒުރެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމ،ަ އިތުރު މުއްދަތު ދޭންވާނެއެވެ. އިންސްޓިޓިއުޓުން ނުވަތަ ކޮލެޖުން މިގޮތަށް އަމަލު ނުކޮށްފިނަމ،ަ މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް އުވައިލައ،ި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރުން އުނިކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)

 

(ނޯޓް: މި ގަވާއިދުގެ ޖަދުވަލުތައް ވަނީ 2ވަނަ އިސްލާހުގެ 16 ވަނަ މާއްދާއިން އުވާލެވިފައި)

މައި ގަވާޢިދު

ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-160)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 7/2021)

ކިޔުންތެރިންގެ ހިޔާލު