-

ޖަމްއިއްޔާތަކުގެ ގާނޫނު 

(ގާނޫނު ނަންބަރު 2022-03)

(މި ގާނޫނަށް އަމަލުކުރަން ފެށީ 9 ނޮވެމްބަރު 2022 ގައި)

(މި ގާނޫނުގެ 81 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 2003-01 އުވާލެވިފައި)

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ޖަމްއިއްޔާތައް ހަދައި ހިންގުމުގެ ހައްގު ބޭނުންކުރާނެ ގޮތުގެ ހަމަތައް ބަޔާންކުރުމާއި، ޖަމްއިއްޔާތަކާއި ޖަމާއަތްތައް އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމުގެ އިޖުރާއަތުތަކާއި، ޖަމްއިއްޔާތަކާއި ޖަމާއަތްތަކަށް ލިބިގެންވާ ހައްގުތަކާއި ސިފަތަކާއި، ޖަމްއިއްޔާގެ ރަޖިސްޓްރާރގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އިހްތިޔާރުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ ''ޖަމްއިއްޔާތަކުގެ ގާނޫނު'' އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލުކުރުމެވެ.

(ހ) ޖަމްއިއްޔާ އުފައްދައި، ހިންގައި، އެފަދަ ޖަމްއިއްޔާތަކުގައި ބައިވެރިވުމުގެ ހައްގު ފުރިހަމަ ގޮތުގައި ލިބިދެވޭނެ އުސޫލުތައް ބަޔާންކުރުން؛

(ށ) ދިވެހިރާއްޖޭގައި ޖަމްއިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމުގެ އުސޫލުތައް ބަޔާންކުރުން؛

(ނ) ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ގާއިމުކޮށް، ޖަމްއިއްޔާތަކުން މުޖުތަމައުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ މަގެއް، ގާނޫނުގެ ތެރެއިން ފަހިކޮށްދިނުން؛

(ރ) ޖަމްއިއްޔާތައް ރަޖިސްޓަރީކޮށްދިނުމާއި، ޖަމްއިއްޔާތަކުގެ ހިންގުމުގެ ކަންކަން ފަހިކޮށްދިނުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށް ޖަމްއިއްޔާގެ ރަޖިސްޓްރާރ އައްޔަންކުރާނެ ގޮތާއި އެފަރާތުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުން؛

(ބ) ޖަމްއިއްޔާތަކަށް އާމްދަނީ ހޯދުމަށް މަސައްކަތްކުރެވޭނެ ދާއިރާތަކާއި، ފައިސާ ހޯދުމާއި، ޖަމްއިއްޔާތަކުން ދަރަންޏަށް ޒިންމާވުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛

(ޅ) ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާއެއް އުވާލެވޭނެ އުސޫލުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ގާނޫނުގެ އަސާސް

މި ގާނޫނު ބިނާވެގެންވަނީ، އަންނަނިވި އަސާސްތައް ނަގަހައްޓައި، ދެމެހެއްޓުމުގެ މައްޗަށެވެ. މި ގާނޫނުގެ ކޮންމެ މާއްދާއެއްމެ ކިޔަންވާނީ، އަދި އެމައްޗަށް އަމަލުކުރަންވާނީ، އެއިން ކޮންމެ އަސާސަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

(ހ) އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާނެ ގޮތުގެމަތިން، ޖަމްއިއްޔާ ހަދައި، ހިންގުމަކީ ގާނޫނުއަސާސީންނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދޭ އަސާސީ ހައްގެއްކަން ގަބޫލުކުރުން؛ އަދި

(ށ) ޖަމްއިއްޔާތަކަކީ މާލީ މަންފާއަށް މަސައްކަތްކުރާ ގާނޫނީ ށަހްސުތަކެއް ނޫންކަމާއި، ޖަމްއިއްޔާއަކުން ފައިސާ ހޯދުމަށް ހިންގާ ހަރަކާތްތަކުން ނުވަތަ އެނޫންވެސް ގޮތަކުން އެތަނަކަށް ލިބޭ މުދަލަކީ ނުވަތަ ފައިސާއަކީ ނުވަތަ އާމްދަނީއަކީ، އެ ޖަމްއިއްޔާއެއްގެ މެންބަރުންނާއި ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި ޖަމްއިއްޔާގެ މުއައްސިސުންގެ މެދުގައި ބަހާލެވޭ ނުވަތަ އެފަރާތްތަކަށް އެތަކެތީގެ މައްޗަށް މިލްކުވެރިކަމުގެ އެއްވެސް ހައްގެއް ލިބިގެންނުވާ މުދަލާއި ފައިސާއާއި އާމްދަނީ ކަމަށް ގަބޫލުކުރުން؛ އަދި

(ނ) އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް މެނުވީ، ޖަމްއިއްޔާތައް ހަދައި ހިންގުމާއި، ޖަމްއިއްޔާއެއްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހައްގު ހަނިކުރެވިގެން ނުވާނެކަމަށް ގަބޫލުކުރުން.

 

4 ވަނަ މާއްދާ - ގާނޫނު މާނަކުރުން

ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އުސޫލެއް މާނަކުރަން ޖެހިއްޖެ ހާލަތެއްގައި މާނަކުރަންވާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި، ޖަމްއިއްޔާ ހަދައި ހިންގުމުގެ ހައްގާ ގުޅޭގޮތުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް، އެ މުއާހަދާތަކުގެ ރޫހާ އެއްގޮތް ވާ ގޮތުގެމަތިންނެވެ.

 

5 ވަނަ މާއްދާ - ޖަމްއިއްޔާ މާނަކުރުން

މި ގާނޫނުގައި ޖަމްއިއްޔާ މާނަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖަމާއަތްތައްވެސް ހިމެނޭގޮތުންނެވެ.

 

 

ދެވަނަ ބާބު

ޖަމްއިއްޔާ ހަދައި ހިންގުން

 

6 ވަނަ މާއްދާ - ޖަމްއިއްޔާ ހަދައި ހިންގުން

ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަށަވަރުކޮށްދީފައިވާ ހައްގުގެ ބޭނުން ހިފުމުގައި، މި ގާނޫނުގައިވާ ގޮތުގެމަތިން ޖަމްއިއްޔާ ހަދައި، ހިންގުމުގެ މިނިވަންކަން ކޮންމެ ފަރާތަކަށްމެ ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތައް

ރަޖިސްޓަރީވެގެން ހިންގާ ކޮންމެ ޖަމްއިއްޔާއަކަށްވެސް އެ ޖަމްއިއްޔާގެ މަގްސަދުތައް ހާސިލުކުރުމުގެ ގޮތުން، ޖަމްއިއްޔާގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމާއި، ވަކި ހިޔާލެއް ނުވަތަ ވަކި ވިސްނުމެއް ކުރިއަރުވައި، އެ ވިސްނުމަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމާއި، މައުލޫމާތު ހޯދައި ފެތުރުމާއި، ސަރުކާރުގެ ނުވަތަ ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް އަދާކުރާ މިންވަރު ބަލައި ފާރަލުމާއި ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމަށް ނުވަތަ އިތުރަށް ހަރުދަނާކުރުމަށް ވަކާލާތުކުރުން ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ގާނޫނުތައް ހުއްދަކުރާ ދާއިރާގެ ތެރޭގައި ކޮންމެ ހަރަކާތެއް ހިންގުމުގެ ހައްގު ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާތައް

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން ހިންގާ ކޮންމެ ޖަމްއިއްޔާއަކީ، އެ ޖަމްއިއްޔާއެއް ރަޖިސްޓަރީވެފައިވާ ނަމުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދުގައިވާ ކަންތައްތައް ހިންގުމާއި، ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި، ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ، އަދި ޖަމްއިއްޔާގެ މުދަލުގެ މިލްކުވެރިކަން ޖަމްއިއްޔާގެ މެންބަރުންނަށާއި މުއައްސިސުންނަށާއި ހިންގާ ކޮމިޓީގެ މެންބަރުންނަށް ނުލިބޭގޮތަށް ހިންގާ، މެންބަރުންނާ ވަކިން އުފެދިފައިވާ، ގާނޫނީ ގޮތުން އަމިއްލަ ށަހްސެކެވެ.

(ށ) މި ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވުމުން މެނުވީ، ޖަމްއިއްޔާއެއްގެ ފަރާތުން ކުރިކަމެއްގެ ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ޒިންމާ، ޖަމްއިއްޔާގެ އެކަމަށް ޒިންމާވާ މެންބަރުން ފަރުދީގޮތުން ނަގާކަށް ނުޖެހޭނެއެވެ.

 

 

ތިންވަނަ ބާބު

ޖަމްއިއްޔާތަކުގެ ބާވަތްތައް

 

9 ވަނަ މާއްދާ - ޖަމްއިއްޔާ

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ޖަމްއިއްޔާ ކަމުގައި ބެލެވޭނީ، މަދުވެގެން 2 (ދޭއް) ފަރާތް ބައިވެރިވެގެން، ގާނޫނު ހުއްދަކުރާ މަގްސަދެއް ނުވަތަ މަގްސަދުތަކެއް ހާސިލުކުރުމަށްޓަކައި، މެންބަރުންނަށްވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިގެން، މާލީ މަންފާއަށް ނުވާގޮތަށް މަސައްކަތްކުރުމަށް މި ގާނޫނުގައިވާ ގޮތުގެމަތިން އުފައްދާ ޖަމްއިއްޔާތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މެންބަރުންނަށްވުމުގެ ފުރުސަތު ލިބިދެވޭނީ އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

10 ވަނަ މާއްދާ - ޖަމްއިއްޔާތަކުގެ ބާވަތްތައް

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާތައް ބެހިގެންވަނީ އަންނަނިވި ބާވަތްތަކުގެ މައްޗަށެވެ.

  1. ކްލަބް - އިޖްތިމާއީ މަސައްކަތެއް، މުނިފޫހިފިލުވުން ފަދަ ވަކި ހާއްސަ ދާއިރާއެއްގައި ހަރަކާތްތެރިވެ، އެ ދާއިރާއަކުން ކުރިއަށްދިއުމަށްޓަކައި، އާންމުކޮށް މެންބަރުންނަށްވުމުގެ ފުރުސަތު ހަނިކުރެވިފައިވާ މި ގާނޫނުގައިވާ ގޮތުގެމަތިން އެކުލަވާލާ ނުވަތަ ރަޖިސްޓަރީކޮށް ދިވެހިރާއްޖޭގައި ހިންގާ ޖަމްއިއްޔާތަކާއި ޖަމާއަތްތައް؛
  2. އެސޯސިއޭށަން ނުވަތަ އޯގަނައިޒޭށަން ނުވަތަ ސޮސައިޓީ - ގާނޫނު ހުއްދަކުރާ މަގްސަދެއް ނުވަތަ މަގްސަދުތަކެއް ހާސިލުކުރުމަށްޓަކައި، އާންމުކޮށް މެންބަރުންނަށްވުމުގެ ފުރުސަތު ހުޅުވާލައިގެން، މި ގާނޫނުގައިވާ ގޮތުގެމަތިން އުފައްދާ ޖަމްއިއްޔާތަކާއި ޖަމާއަތްތައް؛
  3. ފައުންޑޭށަން - މުޖުތަމައުގެ ފައިދާއަށް ނުވަތަ ވަކިވަކި ފަރުދުންނަށާއި އެހެނިހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ވަކި ފަރުދަކު ނުވަތަ ވަކި ފަރާތަކުން އުފައްދާ ޖަމާއަތްތައް؛
  4. ފެޑަރޭށަން ނުވަތަ އެލަޔަންސް ނުވަތަ ނެޓްވާރކް - ވަކި ދާއިރާއެއްގައި ނުވަތަ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތައް ގުޅިގެން އެ ދާއިރާއެއްގެ މަންފާއަށް ނުވަތަ ވަކި މަގްސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި، މި ގާނޫނުގައިވާ ގޮތުގެމަތިން އުފައްދާ ޖަމްއިއްޔާތައް؛
  5. ޗެރިޓީ - ގާނޫނު ހުއްދަކުރާ މަގްސަދެއް ނުވަތަ މަގްސަދުތަކެއް ހާސިލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން އެހީ ފޯރުކޮށްދިނުމަށް މި ގާނޫނުގައިވާ ގޮތުގެމަތިން އުފައްދާ ޖަމްއިއްޔާތައް؛
  6. ފަންނީ މަސައްކަތްތެރިންގެ އެސޯސިއޭށަން، ޔޫނިއަން ނުވަތަ އޯގަނައިޒޭށަން ނުވަތަ ސޮސައިޓީ - ގާނޫނު ހުއްދަކުރާ މަގްސަދެއް ނުވަތަ މަގްސަދުތަކެއް ހާސިލުކުރުމަށްޓަކައި، ވަކި ފަންނެއްގައި ނުވަތަ އެކި ފަންނުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އެ ފަންނެއްގެ މަސައްކަތްތެރިންނަށް މެންބަރުންނަށްވުމުގެ ފުރުސަތު ހުޅުވާލައިގެން، މި ގާނޫނުގައިވާ ގޮތުގެމަތިން އުފައްދާ ޖަމްއިއްޔާތަކާއި ޖަމާއަތްތައް.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފައުންޑޭށަންގެ ތެރޭގައި އަންނަނިވި ދެ ބާވަތް ހިމެނެއެވެ.

  1. ޕްރައިވެޓް ފައުންޑޭށަން - ފައުންޑޭށަން ހިންގުމަށާއި ފައުންޑޭށަންގެ ހަރަކާތްތަކަށް ފައުންޑޭށަން އުފައްދާ ފަރާތުން ނުވަތަ ބަޔަކު ފައިސާ ހޯދާ ފައުންޑޭށަންތައް؛
  2. ޕަބްލިކް ފައުންޑޭށަން - ޭފައުންޑޭށަން ހިންގުމަށާއި ފައުންޑޭށަންގެ ހަރަކާތްތަކަށް އަމިއްލަ ފަރުދުންނާއި، އިދާރާތަކުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ކުންފުނިތަކުންނާއި، ޖަމްއިއްޔާތަކުން ނުވަތަ އެނޫންވެސް ގާނޫނީ ށަހްސަކުން ފައިސާ ހޯދާ ފައުންޑޭށަންތައް.

 

11 ވަނަ މާއްދާ - އިސްތިސްނާވާ ޖަމްއިއްޔާތައް

ޖަމްއިއްޔާއެއްގެ ސިފައިގައި އެކުލަވާލައިގެން ހިންގާ ޖަމްއިއްޔާތަކުގެ ތެރެއިން އަންނަނިވި ބާވަތްތަކުގެ ޖަމްއިއްޔާތައް މި ގާނޫނުން އިސްތިސްނާވެގެންވެއެވެ.

(ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އުފައްދައި އެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާތައް؛

(ށ) ދިވެހިސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ ބޭރުގެ ޖަމްއިއްޔާތައް؛

(ނ) ތައުލީމީ މުއައްސަސާތަކުގެ ދަރިވަރުން ނުވަތަ މުދައްރިސުން ނުވަތަ ބެލެނިވެރިން ހިމެނިގެން އުފައްދާ ޖަމްއިއްޔާތައް؛

(ރ) ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވޭ ކުޅިވަރު ކްލަބްތައް.

 

12 ވަނަ މާއްދާ - ޖަމްއިއްޔާތަކުން ކުރުން މަނާ ކަންކަން

(ހ) ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެއްވެސް ޖަމްއިއްޔާއަކުން އަންނަނިވި ކަންކަން ކުރުމަކީ ނުވަތަ އެކަންކަން ކުރިއެރުވުމަށް މަސައްކަތްކުރުމަކީ މަނާކަމެކެވެ.

  1. އިސްލާމްދީނުގެ އަސްލަކާ ހިލާފު ކަމެއްކުރުމަށާއި، އެފަދަ ކަމަކަށް ހިތްވަރުދިނުމާއި، ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ޖިނާއީ ކުށެއްކަމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކުރުން؛
  2. އެއްވެސް ބާވަތެއްގެ އަސްކަރީ ތަމްރީނެއް ލިބިދިނުން، ނުވަތަ ލިބިގަތުން ނުވަތަ އެއްވެސް ބާވަތެއްގެ އަސްކަރީ ހަރަކާތެއް ހިންގުން؛
  3. ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތައް ހުއްދަކުރާ ގޮތެއްގެ މަތިން މެނުވީ، އެއްވެސް މީހެއްގެ ނުވަތަ ވަކި ބައެއްގެ ހައްގުތަކަށް އުނިކަމެއް އަތުވެދާފަދަ ކަމެއް ކުރުން؛
  4. ޖަމްއިއްޔާއަކުން ހިންގާ ހަރަކާތަކީ ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމުގެ ގޮތުން ނުވަތަ އެފަދަ ޕާޓީއެއް ކުރިއެރުވުމަށް ނުވަތަ ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދާއިރާގެ ތެރޭގައި ހިމެނޭ، އަދި އެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ގުޅިގެން ގާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި ވާދަކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގާ ހަރަކާތަކަށްވުން؛
  5. ޖަމްއިއްޔާގެ ހަރަކާތްތަކުގެ ތެރެއިން، އެ ހަރަކާތްތަކެއްގައި ބައިވެރިވާ ފަރާތްތަކަށް ދެވޭ އެލަވަންސެއް ނުވަތަ ޕޮކެޓްމަނީއެއް ފަދަ އެއްޗެއް ފިޔަވައި، ޖަމްއިއްޔާގެ މެންބަރުންނަށް ނުވަތަ މުއައްސިސުންނަށް ނުވަތަ ވަކި ފަރުދަކަށް ނުވަތަ ފަރާތަކަށް މާލީ ނުވަތަ އެނޫންވެސް އެފަދަ މަންފާއެއް ލިބިދިނުން؛ އަދި
  6. ޖަމްއިއްޔާގެ މަސައްކަތްތަކަށް ނުވަތަ ހިންގުމަށް މި ގާނޫނުން ލިބިދޭ ލުއި ހޯދުމުގެ ބޭނުމަށް އެކަނި ޖަމްއިއްޔާ އެކުލަވާލުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ކުރުމަށް ޖަމްއިއްޔާއަކުން ނިންމައިފިނަމަ، އެފަދަ ނިންމުމެއްވާނީ ބާތިލު ނިންމުމަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޖަމްއިއްޔާއަކުން ކޮށްފިނަމަ، އެފަދަ ޖަމްއިއްޔާއަކާމެދު މި ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

 

ހަތަރުވަނަ ބާބު

ޖަމްއިއްޔާގެ ރަޖިސްޓްރާރ

 

13 ވަނަ މާއްދާ - ޖަމްއިއްޔާގެ ރަޖިސްޓްރާރ 

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ޖަމްއިއްޔާގެ ރަޖިސްޓްރާރެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާގެ ރަޖިސްޓްރާރ އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޖަމްއިއްޔާގެ ރަޖިސްޓްރާރކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރެވޭ ޖަމްއިއްޔާގެ ރަޖިސްޓްރާރ އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ކަންކަމުގައި ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

(ބ) ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ނޭށަނަލް ޕޭ ކޮމިށަންގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

 

14 ވަނަ މާއްދާ - މަގާމުގެ މުއްދަތު

(ހ) މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ޖަމްއިއްޔާގެ ރަޖިސްޓްރާރގެ މަގާމުގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހުގެ 1 (އެކެއް) ދައުރެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ހާލަތުގައި ފިޔަވައި، ޖަމްއިއްޔާގެ ރަޖިސްޓްރާރގެ މަގާމަށް އައްޔަންކޮށްފައިވާ މީހެއްގެ މަގާމުގެ މުއްދަތު އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރު ކުރެވިދާނެއެވެ.

 

15 ވަނަ މާއްދާ - ޖަމްއިއްޔާގެ ރަޖިސްޓްރާރގެ ށަރުތުތައް

ޖަމްއިއްޔާގެ ރަޖިސްޓްރާރގެ މަގާމަށް އައްޔަންކުރާ ފަރާތަކީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

(ހ) މަގާމަށް ކުރިމަތިލުމުގެ ކުރިއަށް ހިނގައިދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މަގާމެއް ފުރާފައިވާ ނުވަތަ އެފަދަ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ނުވުމާއި، އިންތިހާބުކުރެވޭ އެއްވެސް މަގާމެއްގައި ހުރި ފަރާތެއްކަމުގައި ނުވުން؛

(ށ) ބުއްދި ސަލާމަތުންހުރި، އުމުރުން 30 (ތިރީސް) އަހަރު ފުރިފައިވާ ދިވެހިރައްޔިތަކު ކަމުގައިވުން؛

(ނ) މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ގާބިލުކަމާއި، ކަމާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހެއް ކަމުގައިވުން؛

(ރ) އިދާރީ ހިންގުމުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން؛

(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، ޓެކުމާއި، މަކަރާއި، ހީލަތްހެދުމާއި، ހިޔާނާތް ފަދަ ބޮޑު ކުށެއް ކުރިކަން ނުވަތަ އެއްވެސް ބާވަތެއްގެ ޖިންސީ ކުށެއް ކުރިކަން ނުވަތަ ގެވެށި އަނިޔާގެ އެއްވެސް އަމަލެއް ހިންގާފައިވާކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛

(ޅ) މަގާމަށް ކުރިމަތިލުމުގެ ކުރިއަށް ހިނގައިދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީއެއްގެ  މެންބަރަކު ކަމުގައިނުވުން.

 

16 ވަނަ މާއްދާ - ޖަމްއިއްޔާގެ ރަޖިސްޓްރާރގެ މަގާމުގެ މަސްއޫލިއްޔަތު

ޖަމްއިއްޔާގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި ގާނޫނު ތަންފީޒުކުރުމުގެ ޒިންމާ އަދާކުރުމުގެ ގޮތުން، މި ގާނޫނު ނުވަތަ މިނޫންވެސް ގާނޫނެއްގައި ރަޖިސްޓްރާރ އަދާކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި މަސައްކަތްތައް، މި ގާނޫނުގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތަކާއި އަސާސްތަކުގެ އަލީގައި އަދާކުރުން؛

(ށ) ހަމަ ކޮންމެ ހާލަތެއްގައި، ގާނޫނުއަސާސީން، ޖަމްއިއްޔާ ހަދައި ހިންގުމަށް ލިބޭ ހައްގު ކަށަވަރުކޮށްދީ، އެ ހައްގު ލިބިދިނުމަށް މަގުފަހިކުރުމަށްޓަކައި މަސައްކަތްކުރުން؛

(ނ) މި ގާނޫނާ ހިލާފުވާ ޖަމްއިއްޔާތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން އަމަލުކުރާނެ ގޮތާއި، މި ގާނޫނުގެ ދަށުން ޖަމްއިއްޔާގެ ރަޖިސްޓްރާރގެ އިހްތިޔާރަށް ދޫކޮށްލެވިފައިވާ ކަންކަމުގައި ރަޖިސްޓްރާރގެ އިހްތިޔާރު ބޭނުންކުރުމާ ބެހޭގޮތުން އަމަލުކުރާނެ އެންމެހައި އަސާސީ އުސޫލުތަކާއި ހަމަތައް ބަޔާންކުރާ ގަވާއިދު މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި ހިންގަން ފެށުން؛

(ރ) މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ކޮމިޓީގެ ލަފާގެ މަތިން މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެނޫންވެސް ކަންކަން ކުރުން؛ އަދި

(ބ) މިނޫންވެސް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް.

 

17 ވަނަ މާއްދާ - ރަޖިސްޓްރާރގެ މުވައްޒަފުން

ޖަމްއިއްޔާގެ ރަޖިސްޓްރާރަށް މި ގާނޫނުން މަތިކޮށްފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދިނުމަށް ބޭނުންވާ ސިވިލް ސަރވިސްގެ މުވައްޒަފުން މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

 

18 ވަނަ މާއްދާ - ރަޖިސްޓްރާރ މަގާމުން ވަކިކުރުން

މަގާމުގެ ހައިސިިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދިއްޖެނަމަ ނުވަތަ އެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެއްޖެނަމަ ޖަމްއިއްޔާގެ ރަޖިސްޓްރާރ މަގާމުން ވަކިކުރުމުގެ އިހްތިޔާރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - ރަޖިސްޓްރާރ މަގާމުން ވަކިވުން

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އައްޔަންކުރެވޭ ޖަމްއިއްޔާގެ ރަޖިސްޓްރާރަކު އަންނަނިވި ހާލަތްތަކުން ހާލަތެއް މެދުވެރިވެއްޖެނަމަ މަގާމުން ވަކިވާނެއެވެ.

(ހ) މަގާމުން އިސްތިއުފާދިނުން؛

(ށ) މަގާމުން ވަކިކުރުން؛

(ނ) މަގާމާ ގުޅޭ ޗުއްޓީ ނުހިމެނޭ ގޮތުން، އެކަށީގެންވާ ސަބަބަކާނުލާ ވިދިވިދި ގެން 7 (ހަތެއް) ދުވަހަށްވުރެ ގިނަ ދުވަހު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވުން؛

(ރ) ޖިނާއީ ކުށެއް ސާބިތުވުން؛

(ބ) މަރުވުން ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދޭފަދަ ހާލަތެއް މެދުވެރިވުން؛

(ޅ) މަގާމުގެ ށަރުތެއް އުނިވުން.

 

20 ވަނަ މާއްދާ - ރަޖިސްޓްރާރ މަގާމުން އިސްތިއުފާދިނުން

ޖަމްއިއްޔާގެ ރަޖިސްޓްރާރ އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ޖަމްއިއްޔާގެ ރަޖިސްޓްރާރ އެ މަގާމުން ވަކިވީއެވެ.

 

21 ވަނަ މާއްދާ - ރަޖިސްޓްރާރގެ މަގާމު ހުސްވުމުން އަލުން އައްޔަންކުރުން

މި ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ޖަމްއިއްޔާގެ ރަޖިސްޓްރާރގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާ ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގާނޫނުގައިވާ ގޮތުގެމަތިން އެ މަގާމަށް އަލުން ރަޖިސްޓްރާރަކު އައްޔަންކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީ

(ހ) މި ގާނޫނު ތަންފީޒުކުރުމާ ގުޅޭގޮތުން ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދިނުމަށްޓަކައި، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާޖަމްއިއްޔާތަކުގެ ތެރެއިން އިންތިހާބުކުރެވޭ މެންބަރުން ހިމެނޭ ކޮމިޓީއެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޖަމްއިއްޔާގެ ރަޖިސްޓްރާރ އެކުލަވާލަންވާނެއެވެ. އަދި އެ ކޮމިޓީ އެކުލަވާލުމާގުޅޭ އެންމެހައި އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީ އެކުލެވިގެންވަނީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާތަކުން ހުށަހަޅާ ނަންތަކެއްގެ ތެރެއިން، އެ ޖަމްއިއްޔާތައް ތަމްސީލުކުރާ ފަރާތްތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ހޮވޭ 11 (އެގާރަ) މެންބަރުންގެ މައްޗަށެވެ.

(ނ) ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީ މަދުވެގެން އަހަރަކު 4 (ހަތަރެއް) ފަހަރު ބައްދަލުކުރަންވާނެއެވެ. އަދި އެފަދައިން ބާއްވާ 2 (ދޭއް) ބައްދަލުވުމުގެ ދެމެދުގައި 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެގެން ނުވާނެއެވެ.

(ރ) ކުއްލި ހާލަތެއް ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އަވަހަށް ނުވަތަ ބައްދަލުވުން ބާއްވަންޖެހޭ މިންވަރަށްވުރެ އިތުރަށް ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމަކަށް މި މާއްދާގެ (ނ) ހުރަހެއް ނާޅައެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެކި ދާއިރާތަކަށް އަމާޒުކޮށްގެން މަސައްކަތްކުރާ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އެކި ބާވަތްތަކުގެ ޖަމްއިއްޔާ ތަމްސީލުކުރާ މެންބަރުން ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭކޮމިޓީގައި ހިމެނެންވާނެއެވެ. އެގޮތުން، ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީއަށް މެންބަރުން ކަނޑައެޅުމާ ގުޅޭ އިޖުރާއަތުތަކާއި އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީ ރަޖިސްޓްރާރއެކުލަވާލަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބާބެހޭއުސޫލުތައް ކަނޑައަޅާނީ ޖަމްއިއްޔާގެ ރަޖިސްޓްރާރެވެ.

(އ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ އެ ކޮމިޓީގެ މެންބަރުންގެ ތެރެއިން ނަގާ ވޯޓަކުން ހޮވާ މެންބަރެކެވެ. އަދި އެ ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ރަޖިސްޓްރާރގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެކަމަށް ރަޖިސްޓްރާރ ކަނޑައަޅާ ބައެކެވެ.

(ވ) ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް، އެ ކޮމިޓީ އެކުލަވާލާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ކޮމިޓީން ކަނޑައަ ޅައި އާންމުކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީގެ މަސައްކަތް

ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) މި ގާނޫނު ތަންފީޒުކުރުމާގުޅޭ ކަންކަމުގައި ރަޖިސްޓްރާރގެ ފަރާތުން ކޮމިޓީގެ ލަފަޔަށް އެދޭ ކަންކަމާ ގުޅޭގޮތުން ރަޖިސްޓްރާރަށް ލަފާ ދިނުން؛

(ށ) މި ގާނޫނު ތަންފީޒުކުރުމާ ގުޅުންހުރި ކަންކަމުގައި، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާތަކުގެ ކަންބޮޑުވުންތަކާއި އެފަދަ ޖަމްއިއްޔާތަކަށް ކުރިމަތިވާ ހުރަސްތައް ރަޖިސްޓްރާރަށް ފޯރުކޮށްދިނުމާއެކު، އެކަންކަމަށް މި ގާނޫނުގެ ދާއިރާގެ ތެރެއިން ލިބިދެވިދާނެ ހައްލު ރަޖިސްޓްރާރަށް ހުށަހެޅުން؛

(ނ) މި ގާނޫނާ އެއްގޮތަށް ޖަމްއިއްޔާތަކުން އަމަލުކުރުމަށް އެހީވެދީ ހިތްވަރު ދިނުމުގެ ގޮތުން އެކި ބާވަތްތަކުގެ ތަމްރީނު ޕްރޮގްރާމްތަކާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފަރުމާކުރުމުގައި ރަޖިސްޓްރާރަށް ލަފާދިނުން؛

(ރ) މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ އެކުލަވާލާ ގަވާއިދުތަކާއި އުސޫލުތައް މުރާޖައާކޮށް، އިސްލާހު ހުށަހެޅުން.

 

24 ވަނަ މާއްދާ - ރަޖިސްޓްރާރގެ އިހްތިޔާރު ބޭނުންކުރުމާބެހޭ ގަވާއިދު

މި ގާނޫނުގެ ދަށުން ޖަމްއިއްޔާގެ ރަޖިސްޓްރާރގެ އިހްތިޔާރަށް ދޫކޮށްލެވިފައިވާ ކަންކަމުގައި ރަޖިސްޓްރާރގެ އިހްތިޔާރު ބޭނުންކުރުމާ ބެހޭގޮތުން އަމަލުކުރާނެ އެންމެހައި އުސޫލުތަކާއި ހަމަތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

 

ފަސްވަނަ ބާބު

ޖަމްއިއްޔާ ރަޖިސްޓަރީކުރުން

 

25 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ހުށަހެޅުން

ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށް އެދޭ މަދުވެގެން 2 (ދޭއް) މީހަކު ނުވަތަ ދެ ގާނޫނީ ށަހްސަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ލިޔެކިޔުންތަކާއެކު ޖަމްއިއްޔާ ރަޖިސްޓަރީކުރަން އެދި ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

 

26 ވަނަ މާއްދާ - ރަޖިސްޓަރީކޮށްދިނުން

(ހ) މި ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވާނަމަ، ޖަމްއިއްޔާ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު ރަޖިސްޓްރާރަށް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދިނުމާ ބެހޭގޮތުން ރަޖިސްޓްރާރ ގޮތެއް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން ރަޖިސްޓްރާރަށް ލިބޭ ތާރީހު އެނގޭ ރަސްމީ ލިޔުމެއް، އެ ހުށަހެޅުން ބަލައިގަންނަ އިދާރާއަކުން ހުށަހެޅުން ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުން ހުށަހެޅި ތާރީހާމެދު ސުވާލެއް އުފެދިއްޖެ ހިނދެއްގައި، މި ގާނޫނުގެ ބޭނުމަށް، މި އަކުރުގައި ބަޔާންކޮށްފައިވާ ރަސްމީ ލިޔުމުގައި ބަޔާންކޮށްފައިވާ ތާރީހަކީ، އެ ޖަމްއިއްޔާ ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅި ހުށަހެޅުން ބަލައިގަތް ސައްހަ ތާރީހުކަމަށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ށަރުއީ ކޯޓުތަކުން ބަލަންވާނެއެވެ.

(ނ) ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ޖަމްއިއްޔާއަކާ ގުޅޭގޮތުން އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ފުރިހަމަނުވާނަމަ، އެކަމެއް ނުވަތަ ކަންތައްތަކެއް އިސްލާހުކުރުމަށް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޖަމްއިއްޔާ ރަޖިސްޓަރީކުރަން އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

  1. ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައި މި ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވެފައި ނެތުން؛ ނުވަތަ
  2. ރަޖިސްޓަރީކުރަން އެދޭ ޖަމްއިއްޔާގެ ނަމަކީ، މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ނަމަކަށްވުން؛ ނުވަތަ 
  3. ޖަމްއިއްޔާއަކީ މި ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަމެއް ކުރުމަށް އުފައްދާ ޖަމްއިއްޔާއަކަށްވުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކާގުޅޭ ކަންކަން އިސްލާހުކުރުމަށްފަހު އަލުން ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދިނުމާ ބެހޭގޮތުން ރަޖިސްޓްރާރ ގޮތެއް ނިންމަންވާނެއެވެ.

(ބ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަން އެދި ހުށަހަޅާ ޖަމްއިއްޔާއެއް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން އިސްލާހުކޮށްފައި ނުވުމުގެ ސަބަބުން އެ ޖަމްއިއްޔާ ރަޖިސްޓަރީކޮށްދެވެން ނެތްނަމަ، ރަޖިސްޓަރީކޮށްނުދިން ސަބަބު ތަފްސީލުކޮށް ބަޔާންކޮށް ލިޔުމަކުން އެކަން، ޖަމްއިއްޔާ ރަޖިސްޓަރީކުރަން އެދި ހުށަހެޅި ފަރާތްތަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރަޖިސްޓްރާރ އަންގަންވާނެއެވެ.

 

27 ވަނަ މާއްދާ - ރަޖިސްޓަރީވެފައިވާކަމަށް ބެލުން

މި ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމާމެދު، މި ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ނުވަތަ އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޖަމްއިއްޔާގެ ރަޖިސްޓްރާރ ގޮތެއް ނުނިންމައިފިނަމަ، އަދި އެ ހުށަހެޅުމުގައި މި ގާނޫނުގެ ދަށުން ޖަމްއިއްޔާ ރަޖިސްޓަރީކުރުމަށްޓަކައި ހުށަހަޅަންޖެހޭ ހުރިހާ ލިޔުމެއް ފުރިހަމަކަމަށްވާނަމަ، މި ގާނޫނުގައިވާ ގޮތުގެމަތިން އެ ޖަމްއިއްޔާ ރަޖިސްޓަރީ ކުރެވުނީކަމުގައި ބެލޭނެއެވެ. އަދި އެ ހާލަތުގައި މި ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީކޮށްދީފިކަން ބަޔާންކުރާ ސެޓްފިކެޓް، އެ ޖަމްއިއްޔާއަށް ދޫކުރުން ޖަމްއިއްޔާގެ ރަޖިސްޓްރާރގެ މައްޗަށް ލާޒިމުވެގެންވެއެވެ.

 

28 ވަނަ މާއްދާ - ޖަމްއިއްޔާ ރަޖިސްޓަރީކޮށްދިނުމާއި ދަފްތަރުކުރުން

ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުން، އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން މި ގާނޫނުގައިވާ ފަދައިން ފުރިހަމަވެއްޖެކަމުގައި މި ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ނުވަތަ އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރަޖިސްޓްރާރ ކަނޑައަޅައިފިނަމަ، ނުވަތަ މި ގާނޫނުގެ 27 ވަނަ މާއްދާގައިވާ ފަދައިން ޖަމްއިއްޔާ ރަޖިސްޓަރީވެއްޖެނަމަ، ޖަމްއިއްޔާގެ ރަޖިސްޓްރާރ އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) ޖަމްއިއްޔާއާބެހޭ ތަފްސީލު ޖަމްއިއްޔާތަކުގެ ދަފްތަރުގައި ހިމެނުން؛

(ށ) ރަޖިސްޓަރީ ނަންބަރުގެ ގޮތުގައި ކޮންމެ ޖަމްއިއްޔާއަކަށް ހާއްސަ ނަންބަރެއް ދިނުން؛ އަދި

(ނ) މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތުން ޖަމްއިއްޔާ ރަޖިސްޓަރީކޮށްދީފިކަން ބަޔާންކުރާ ސެޓްފިކެޓެއް ޖަމްއިއްޔާއަށް ދޫކުރުން.

 

29 ވަނަ މާއްދާ - ރަޖިސްޓަރީ ސެޓްފިކެޓް 

(ހ) މި ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދީފިކަން ބަޔާންކޮށް ދޫކުރާ ސެޓްފިކެޓުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ޖަމްއިއްޔާގެ ނަމާއި، ބާވަތް؛ 
  2. ޖަމްއިއްޔާގެ ރަޖިސްޓަރީ ނަންބަރު؛ 
  3. ޖަމްއިއްޔާ ރަޖިސްޓަރީކުރެވުނު ތާރީހު؛ އަދި 
  4. ޖަމްއިއްޔާއަކީ ދަރަންޏަށް ޒިންމާވާ މިންވަރު ކަނޑައެޅިފައިވާ ޖަމްއިއްޔާއެއްނަމަ، އެ މިންވަރު.

(ށ) ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދީފިކަން ބަޔާންކޮށް ދޫކުރާ ސެޓްފިކެޓަކީ އަންނަނިވި ކަންކަން ސާބިތުކުރުމަށް އެކަށޭނަ ހެކި ކަމުގައި ބަލަންވާނެއެވެ.

  1. މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވާކަން؛
  2. މި ގާނޫނުގެ ދަށުން ޖަމްއިއްޔާ ވަނީ ރަޖިސްޓަރީކުރެވިފައިކަން؛ އަދި
  3. ޖަމްއިއްޔާ އެކުލަވާލާފައިވަނީ އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދީފިކަން ބަޔާންކޮށް ދޫކުރާ ސެޓްފިކެޓުގައި ބަޔާންކޮށްފައިވާ ތާރީހުގައިކަން.

 

30 ވަނަ މާއްދާ - ރަޖިސްޓަރީވުމުގެ ނަތީޖާ

މި ގާނޫނުގައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް ރަޖިސްޓަރީވުމުން، އެ ޖަމްއިއްޔާއަކީ، އެ ޖަމްއިއްޔާއެއް ރަޖިސްޓަރީވެފައިވާ ނަމުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދުގައިވާ ކަންތައްތައް ހިންގުމާއި، ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި، ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މި ކަންކަމުގެ ހައްގު ލިބގެންވާ، ޖަމްއިއްޔާގެ މެންބަރުންނާ ވަކިން އުފެދިފައިވާ، ގާނޫނީ ގޮތުން އަމިއްލަ ށަހްސެކެވެ.

 

31 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާ

(ހ) ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއަކުން ދިވެހިރާއްޖޭގައި ހަރަކާތްތައް ހިންގުމަށް ބޭނުންވެއްޖެނަމަ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ޖަމްއިއްޔާގެ ހަރަކާތްތައް ދިވެހިރާއްޖޭގައި ހިންގިދާނެއެވެ.

(ށ) ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި ދިވެހިސަރުކާރާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ ބޭރުގެ ޖަމްއިއްޔާތައް ފިޔަވައި، ދިވެހިރާއްޖެއިން ބޭރުގައި އުފައްދާފައިވާ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއެއް ދިވެހިރާއްޖޭގައި ހިންގަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ޖަމްއިއްޔާތަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާ ރަޖިސްޓަރީކުރަން އެދޭ ފޯމުގެ އިތުރުން، ތިރީގައިވާ މައުލޫމާތު ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

  1. ދިވެހިރާއްޖޭގައި އެ ޖަމްއިއްޔާ ރަޖިސްޓަރީކުރުމަށް އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީން ނުވަތަ އެ ޖަމްއިއްޔާގެ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރުމަށް ހަވާލުވެފައިވާ ފަރާތްކަމަށް އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ފަރާތުން ފާސްކޮށްފައިވާ ގަރާރުގެ ކޮޕީ؛
  2. ޖަމްއިއްޔާ ރަޖިސްޓަރީކޮށްފައިވާ ގައުމުގައި އެ ޖަމްއިއްޔާ ރަޖިސްޓަރީކޮށްފައިވާކަން އެނގޭނެ އެ ގައުމެއްގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ރަޖިސްޓްރޭށަން ސެޓްފިކެޓާއި އެކަމާގުޅޭ ރަސްމީ ލިޔުންތައް؛
  3. އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްފައިވާ ގައުމުގައި ރަޖިސްޓަރީކޮށްފައިވާ އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ނުވަތަ އެ ޖަމްއިއްޔާ ހިނގާނެ ގޮތް އަންގައިދޭ، އެ ޖަމްއިއްޔާ ރަޖިސްޓަރީކޮށްފައިވާ ގައުމުގައި ރަޖިސްޓަރީކޮށްފައިވާ ލިޔުމުގެ ކޮޕީ؛
  4. އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްފައިވާ ގައުމުގައި ރަޖިސްޓަރީކޮށްފައިވާ އެޑްރެސް؛
  5. ދިވެހިރާއްޖޭގައި އެ ޖަމްއިއްޔާ ރަޖިސްޓަރީކުރުމަށްޓަކައި، މި ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެ ޖަމްއިއްޔާ ހިންގާނެ ގޮތުގެ އަސާސީ ގަވާއިދު؛
  6. އެ ޖަމްއިއްޔާ ދިވެހިރާއްޖޭގައި ތަމްސީލުކުރުމަށް، އެ ޖަމްއިއްޔާއިން ކަނޑައަޅާފައިވާ މީހާ ނުވަތަ ގާނޫނީ ށަހްސަކަށް، އެ މަސައްކަތް ކުރަން ހަވާލުކޮށްފައިވާކަން އެނގޭގޮތަށް، އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީން ނުވަތަ އެ ޖަމްއިއްޔާގެ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރުމަށް ހަވާލުވެފައިވާ ފަރާތްކަމަށް އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ފަރާތުން ފާސްކޮށްފައިވާ ގަރާރުގެ ކޮޕީ؛
  7. ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަން އެދި ހުށަހަޅާ ޖަމްއިއްޔާއަކީ ގާނޫނަކުން ނުވަތަ ޗާޓަރެއްގެ ދަށުން އުފައްދާފައިވާ ޖަމްއިއްޔާއެއްނަމަ، އެ ގާނޫނެއްގެ ނުވަތަ ޗާޓަރެއްގެ ކޮޕީ؛ އަދި 
  8. ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާތައް މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށް ބޭނުންވާނެކަމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެނޫންވެސް ތަކެތި.

(ރ) ދިވެހިރާއްޖެއިން ބޭރުގައި އުފައްދާފައިވާ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއަކުން އެ ޖަމްއިއްޔާ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްދިނުން އެދި، މި މާއްދާގައި ބަޔާންކޮށްފައިވާ ތަކެތި ރަޖިސްޓްރާރަށް ހުށަހަޅައިފިނަމަ، މި ބާބުގައި ޖަމްއިއްޔާ ރަޖިސްޓަރީކުރުމާ ބެހޭގޮތުން ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް އެފަދަ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދިނުމާ ބެހޭގޮތުން ރަޖިސްޓްރާރ ގޮތެއް ނިންމަންވާނެއެވެ.

 

32 ވަނަ މާއްދާ - ދެ ޖަމްއިއްޔާއެއް އެއްކޮށްލުން

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޗެރިޓީތައް ފިޔަވައި، މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވޭ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ ޖަމްއިއްޔާ އެއްކޮށްލައި، ވަކި ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށް އެދި ޖަމްއިއްޔާގެ ރަޖިސްޓްރާރަށް އަންނަނިވި ލިޔެކިޔުންތަކާ އެކުގައި ހުށަހެޅިދާނެއެވެ.

  1. ދެ ޖަމްއިއްޔާއެއް އެއްކޮށްލުމަށް އެދޭ ފޯމު؛ 
  2. ޖަމްއިއްޔާ އެއްކޮށްލުމަށް ނިންމައި ޖަމްއިއްޔާގެ އާންމު ޖަލްސާއިން ފާސްކޮށްފައިވާ ގަރާރު؛
  3. އެއްކޮށްލެވޭ ޖަމްއިއްޔާތަކުގެ ރަޖިސްޓްރޭށަން ސެޓްފިކެޓުގެ އަސްލު؛
  4. އެއްކޮށްލެވޭ ޖަމްއިއްޔާތަކުގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުގެ މާލީ ހިސާބުތައް؛
  5. އެއްކޮށްލެވޭ ޖަމްއިއްޔާގެ އަންދާޒާކުރެވޭ އާމްދަނީއާއި ދަރަނި؛ 
  6. ރަޖިސްޓަރީ ފީ؛ އަދި 
  7. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެނިހެން ލިޔުން.

(ށ) މި މާއްދާގެ ދަށުން ދެ ޖަމްއިއްޔާއަށްވުރެ ގިނަ ޖަމްއިއްޔާ އެއްކޮށްލުމަށްފަހު އާ ޖަމްއިއްޔާއެއް ރަޖިސްޓަރީވުމުގެ ނަތީޖާއަކަށް ވެގެންދާނީ، އެ ޖަމްއިއްޔާތަކުގެ މެންބަރުން އަލަށް ރަޖިސްޓަރީކުރެވުނު ޖަމްއިއްޔާގެ މެންބަރުން ކަމުގައި ވެގެންދިއުމާއި، އެ ޖަމްއިއްޔާތަކުގެ މުދަލާއި ދަރަނި އާ ޖަމްއިއްޔާގެ މުދަލާއިދަރަންޏަށް ބަދަލުވެގެން ދިއުމާއި، އެ ޖަމްއިއްޔާގައި ހިމެނޭ ޖަމްއިއްޔާތަކާ ދެކޮޅަށް އުފުލާފައިވާ ދައުވާއެއް ވާނަމަ އެ ދައުވާއެއްގެ ޒިންމާ އަލަށް ރަޖިސްޓަރީކުރެވުނު ޖަމްއިއްޔާއިން އުފުލަންޖެހުމެވެ.

(ނ) ދެ ޖަމްއިއްޔާއެއް އެއްކޮށްލައި، އާ ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ޖަމްއިއްޔާތަކުގެ މައްޗަށް ހިނގުން

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ޖަމްއިއްޔާތައް ފިޔަވައި، ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޖަމްއިއްޔާތަކުގެ މައްޗަށް، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތައް ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ހާއްސާ ބާވަތެއްގެ ޖަމްއިއްޔާތައް ހިންގުމާގުޅޭ އުސޫލުތައް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެފަދަ ޖަމްއިއްޔާތައް ހިންގުމާ ގުޅޭގޮތުން އަމަލުކުރާނީ، އެ ގާނޫނުގައިވާ ގޮތުގެމަތިންނެވެ. އެ ހާލަތުގައި، އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށް ދަފްތަރުކުރެވިފައިވާކަމުގެ މައުލޫމާތު އެ ޖަމްއިއްޔާއެއްގެ ބެލެނިވެރި ފަރާތަށް ޖަމްއިއްޔާގެ ރަޖިސްޓްރާރ ފޮނުވަންވާނެއެވެ.

 

 

ހަވަނަ ބާބު

ޖަމްއިއްޔާގެ ނަން

 

34 ވަނަ މާއްދާ - ޖަމްއިއްޔާގެ ނަން

(ހ) ކޮންމެ ޖަމްއިއްޔާއަކަށްވެސް ކިޔުމަށް އެ ޖަމްއިއްޔާއަކުން ހުށަހަޅާ ނަމަކީ އަންނަނިވި ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ ނަމެއް ކަމުގައި ނުވާނަމަ، ޖަމްއިއްޔާއަށް ކިޔުމަށް އެ ޖަމްއިއްޔާއަކުން ހުށަހަޅާ އެ ނަން އެ ޖަމްއިއްޔާއަކަށް ކިޔުމަށް ރަޖިސްޓްރާރ ހުއްދަކުރަންވާނެއެވެ.

  1. ގާނޫނުގައިވާ ގޮތުގެމަތިން ނުވަތަ އެނޫންވެސް ގާނޫނު ހުއްދަކުރާ ގޮތަކަށް، އެހެން ޖަމްއިއްޔާއަކަށް ނުވަތަ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ އެހެންވެސް ގާނޫނީ ށަހްސަކަށް ނުވަތަ ތަނަކަށް ދިވެހިރާއްޖޭގައި ކިޔާފައިވާ ނަމަކަށްވުން ނުވަތަ އެފަދަ ނަމަކާ އެއްގޮތްކަމުން އެއީ އެއް ތަނެއް ކަމުގައި ބެލެވިދާނެ ފަދަ ނަމަކަށްވުން؛
  2. ރާއްޖެއިން ބޭރުގައި މަށްހޫރު ނަމަކަށްވެފައި، އެ ނަން ރާއްޖޭގެ ޖަމްއިއްޔާއަކުން ބޭނުންކޮށްގެން ކުރާ މުއާމަލާތަކީ ރާއްޖެއިން ބޭރުގައި މަށްހޫރުކަން ލިބިފައިވާ ފަރާތަކުން ކޮށްފައިވާ މުއާމަލާތެއްކަމަށް ގަބޫލުކުރެވުމުގެ ފުރުސަތު އޮތް ނަމަކަށްވުން؛
  3. ގައިރު ގާނޫނީ ހަރަކާތަކަށް ނުވަތަ އަމަލަކަށް ނުވަތަ ކަމަކަށް އިށާރާތްކުރާ، ނުވަތަ ވާގިދޭ ނުވަތަ ހިތްވަރުދޭ ނަމަކަށްވުން، ނުވަތަ އެ ނަމަކީ ދާހިލީ ގޮތުން ނުވަތަ ހާރިޖީ ގޮތުން ހަރަކާތްތެރިވާ ކުށްކުރާ ޖަމާއަތެއް ރަމްޒުކޮށްދޭ 
    ނަމަކަށްވުން؛
  4. މީހުންގެ މެދުގައި ނަފްރަތު އުފެއްދޭ ބާވަތުގެ ނުވަތަ ވަކި ނަސްލަކަށް ނުވަތަ ގައުމަކަށް ނުވަތަ ކުލަޔަށް ނުވަތަ  ޖިންސަށް ނުވަތަ އުމުރުފުރާއަކަށް ނުވަތަ ވަކި ދީނަކަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނިކަމެތިކަމެއް ނުވަތަ ދެރައެއް ނުވަތަ މަލާމާތެއް ރައްދުވާ ޒާތުގެ ނަމަކަށްވުން؛
  5. ރަޖިސްޓަރީކޮށްފައިވާ ޓްރޭޑް މާރކަކަށްވުން؛ 
  6. އެ ޖަމްއިއްޔާއާއި ދިވެހިސަރުކާރާ ނުވަތަ ދައުލަތާ ގުޅިފައިވާކަން ދައްކުވައިދޭ ނަމަކަށްވުން؛
  7. މުޖުތަމައުގެ އަހްލާގީ މިންގަނޑާ ހިލާފު ނަމަކަށްވުން؛ 
  8. ޖަމްއިއްޔާއެއްގެ ނަމެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ނަމެއް ކަމުގައި ށަރުއީ ކޯޓެއްގެ ހުކުމެއްގައި ކަނޑައަޅާފައިވާ ނަމަކަށްވުން.

(ށ) ޖަމްއިއްޔާއަކަށް ކިޔުމަށް އެ ޖަމްއިއްޔާއަކުން ހުށަހަޅާ ނަމާގުޅޭ ކަންކަމުގައި ގޮތް ނިންމުމުގައި ޖަމްއިއްޔާގެ ރަޖިސްޓްރާރ އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ރަޖިސްޓަރީކުރަން ހުށަހަޅާ ޖަމްއިއްޔާއަކަށް ކިޔާ ނަމަކީ، މި މާއްދާގެ (ހ) ގެ ދަށުން ހުއްދަނުކުރެވޭނެ ނަމެއްކަމުގައި ވާނަމަ، އެކަން ސަބަބާއެކު މި ގާނޫނުގެ 26 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ޖަމްއިއްޔާ ރަޖިސްޓަރީކުރަން އެދި ހުށަހެޅި ފަރާތްތަކަށް ލިޔުމުން ރަޖިސްޓްރާރ އަންގަންވާނެއެވެ.

(ރ) މި ގާނޫނުގައިވާ ގޮތުގެމަތިން ވަކި ނަމެއްގައި ޖަމްއިއްޔާއެއް ރަޖިސްޓަރީވުމުން، ޖަމްއިއްޔާގެ ލެޓަރހެޑާއި، ސިޓީއާއި، ޖަމްއިއްޔާއިން އެކި ފަރާތްތަކާ ކުރާ މުއާމަލާތް ތަކާއި، ޖަމްއިއްޔާއިން ކުރާ އިއުލާނުތަކާއި ފައިސާގެ ރަސީދުތަކާއި މިނޫންވެސް އެންމެހައި ލިޔެކިޔުންތަކުގައި ޖަމްއިއްޔާގެ ނަމާއި ރަޖިސްޓަރީ ނަންބަރު ސާފުކޮށް ފެންނާނޭހެން ލިޔެފައި އޮންނަންވާނެއެވެ.

 

35 ވަނަ މާއްދާ - ޖަމްއިއްޔާގެ ނަން ބަދަލުކުރުން

(ހ) ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ ޖަމްއިއްޔާއަކަށްވެސް އެ ޖަމްއިއްޔާގެ ނަން ބަދަލުކުރެވިދާނެއެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއަކުން އެ ޖަމްއިއްޔާގެ ނަމަށް ގެންނަ ބަދަލު، އެ ބަދަލެއް ގެނައުމަށް ފާސްކުރާ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނަން ފާސްކޮށްދިނުން އެދި ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ނ) ޖަމްއިއްޔާއެއްގެ ނަން ބަދަލުކުރުމަށް ނިންމުމަށްފަހު، އެ ޖަމްއިއްޔާއަށް ކިޔުމަށް އެދޭ އާ ނަން ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ހުށަހެޅުމުން، އެ ނަމަކީ މި ގާނޫނު ހުއްދަކުރާ ނަމެއްނަމަ، އެ ނަމުގައި ޖަމްއިއްޔާގެ ރަޖިސްޓަރީއެއް ހަދައިދޭން ވާނެއެވެ. ޖަމްއިއްޔާގެ ނަން ބަދަލުކުރި ތާރީހު ކަމުގައި ބަލާނީ، އެ ނަމުގައި އެ ޖަމްއިއްޔާއެއްގެ ރަޖިސްޓަރީ ހަދައިދޭ ތާރީހެވެ.

(ރ) މި މާއްދާގައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއްގެ ނަން ބަދަލުކުރެވިއްޖެނަމަ، އެ ޖަމްއިއްޔާއަކަށް ކުރިން ކިޔުނު ނަން އަލަށް ހަދައިދޭ ޖަމްއިއްޔާގެ ރަޖިސްޓްރޭށަން ސެޓްފިކެޓުގައި ލިޔެފައި އޮންނަންވާނެއެވެ.

 

36 ވަނަ މާއްދާ - ނަން ބަދަލުވުމުގެ ނަތީޖާ

މި ގާނޫނުގައިވާ ގޮތުގެމަތިން ޖަމްއިއްޔާގެ ނަން ބަދަލުކުރުމަކުން، އެ ޖަމްއިއްޔާއެއްގެ އެއްވެސް ހައްގަކަށް ނުވަތަ ވާޖިބަކަށް ނުވަތަ އިލްތިޒާމަކަށް ނުވަތަ އެ ޖަމްއިއްޔާއަކުން ކުރާ، ނުވަތަ ކޮށްފައިވާ، ނުވަތަ އެ ޖަމްއިއްޔާއެއްގެ މައްޗަށް ކުރެވޭ ނުވަތަ ކޮށްފައިވާ ދައުވާއަކަށް ބަދަލެއް ނާންނާނެއެވެ.

 

 

ހަތްވަނަ ބާބު

ޖަމްއިއްޔާގެ ހިންގުން

 

37 ވަނަ މާއްދާ - ޖަމްއިއްޔާގެ ހިންގުން

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ކޮންމެ ޖަމްއިއްޔާއެއް ހިންގަންވާނީ، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ށ) ރަޖިސްޓަރީކުރަން އެދި ހުށަހަޅާ ކޮންމެ ޖަމްއިއްޔާއެއްގައިވެސް، ޖަމްއިއްޔާ ހިންގުމުގެ މައިގަނޑު އުސޫލުތައް ބަޔާންކުރާ އަސާސީ ގަވާއިދެއް އޮންނަންވާނެއެވެ.

(ނ) ކޮންމެ ޖަމްއިއްޔާއަކުންވެސް، އެ ޖަމްއިއްޔާއެއްގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ޖަމްއިއްޔާގެ އަސާސީ ގަވާއިދާ ހިލާފުނުވާ ގޮތެއްގެ މަތިން ހިންގާ ގަވާއިދެއް އެކުލަވާލަންވާނެއެވެ.

 

38 ވަނަ މާއްދާ - އަސާސީ ގަވާއިދު

(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައި އަންނަނިވި މައުލޫމާތާއި ބައިތައް ހިމަނަންވާނެއެވެ.

  1. ޖަމްއިއްޔާގެ ނަމާއި ޖަމްއިއްޔާގެ ބާވަތް އަދި ޖަމްއިއްޔާގެ ނަމާއި ބާވަތް ބަދަލު ކުރެވޭނެ ގޮތް؛
  2. ޖަމްއިއްޔާގެ ބޭނުމަށްޓަކައި ހާއްސަ ކުލައެއް ނުވަތަ މޮޓޯއެއް ނުވަތަ ދިދައެއް ނުވަތަ ނިށާނެއް ބޭނުންކުރަން ބޭނުންނަމަ، އެ ކުލަ ނުވަތަ މޮޓޯ ނުވަތަ ދިދަ ނުވަތަ ނިށާނަށް ބަދަލު ގެނެވޭނެ ގޮތް؛
  3. ޖަމްއިއްޔާގެ ރަޖިސްޓަރީ ކުރެވިފައިވާ އެޑްރެހާއި އެ އެޑްރެސް ބަދަލުކުރެވޭނެ ގޮތް؛
  4. ޖަމްއިއްޔާގެ މަގްސަދު ނުވަތަ މަގްސަދުތައް އަދި އެ މަގްސަދުތައް ބަދަލުކުރެވޭނެ ގޮތް؛
  5. ޖަމްއިއްޔާގެ އާންމު މެންބަރުންނަށް ވެވޭގޮތާއި، މެންބަރުންގެ ގިންތިތައް ތަރުތީބުވެގެންވާ ގޮތް؛
  6. ޖަމްއިއްޔާގެ މެންބަރުކަމުން ވަކިވެވޭގޮތާއި ވަކިކުރެވޭ ގޮތް؛ 
  7. ޖަމްއިއްޔާގެ ހިންގާ ކޮމިޓީއާއި ހިންގާ ކޮމިޓީގައި ހިމެނޭ މަގާމުތަކާއި، އެ މަގާމުތަކުގެ މަސްއޫލިއްޔަތުތައް؛
  8. ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ އުމުރު ނުވަތަ އުމުރު ކަނޑައަޅާނެ ގޮތް؛
  9. ޖަމްއިއްޔާގެ ހިންގާ ކޮމިޓީއަށް މެންބަރުން ކަނޑައެޅޭ ގޮތާއި ވަކިކުރެވޭ ގޮތް؛
  10. ޖަމްއިއްޔާގެ އަހަރީ އާންމު ޖަލްސާއާއި، އާންމު ޖަލްސާތަކާއި، ހާއްސަ އާންމު ޖަލްސާތަކާއި، އެ ޖަލްސާތައް ބޭއްވުމާއި، އެ ޖަލްސާތަކުގެ ގާނޫނީ އަދަދާއި އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، އެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާބެހޭ އުސޫލު؛
  11. ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ޖަލްސާތަކާއި، އެ ޖަލްސާތައް ބޭއްވުމާއި، އެ ޖަލްސާތަކުގެ ގާނޫނީ އަދަދާއި، އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، އެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާބެހޭ އުސޫލު؛
  12. ޖަމްއިއްޔާގެ އާންމު ޖަލްސާތަކާއި ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ޖަލްސާތަކުގައި ވޯޓުދެވޭ ގޮތާއި، އެ ޖަލްސާތަކުގައި ކަންކަން ފާސްކުރެވޭ ގޮތް؛
  13. ޖަމްއިއްޔާގެ އަސާސީ ގަވާއިދަށް ބަދަލު ގެނެވޭނެ ގޮތާއި، އެ ބަދަލެއް ގެނައުމުގެ ކަންކަން ހިންގާނެ ގޮތުގެ އިޖުރާއަތު؛
  14. ޖަމްއިއްޔާ އުވާލުމަށް ކަނޑައެޅޭނެ ގޮތްތަކާއި، ޖަމްއިއްޔާ އުވާލެވޭ ހާލަތެއްގައި ޖަމްއިއްޔާގެ ދަރަނި އަދާކުރާނެ ގޮތާއި، ދަރަނި އަދާކުރުމަށްފަހު ޖަމްއިއްޔާގެ މުދަލާއި ފައިސާގެ މިލްކުވެރިކަން، މާލީ މަންފާއަށް ނުވާގޮތަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ނުވަތަ ޗެރިޓީއަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް؛ އަދި 
  15. އެ ޖަމްއިއްޔާއަކީ ދަރަންޏަށް ޒިންމާވާ މިންވަރު ކަނޑައެޅިފައިވާ ޖަމްއިއްޔާއެއްނަމަ، އެކަން އަދި އެ ޖަމްއިއްޔާއިން ދަރަންޏަށް ޒިންމާވާ މިންވަރާއި ދަރަންޏަށް ޒިންމާވާ މިންވަރަށް ބަދަލު ގެންނަނަމަ އަމަލުކުރަންޖެހޭނެ ގޮތް.

(ށ) ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދުގައި ހިމެނުން ލާޒިމުކުރާ އިތުރު ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

39 ވަނަ މާއްދާ - އަސާސީ ގަވާއިދަށް ގެންނަ ބަދަލު ރަޖިސްޓްރާރަށް އެންގުން

(ހ) އެއްވެސް ޖަމްއިއްޔާއަކުން، އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދަށް އެއްވެސް ބަދަލެއް ގެނައުމަށް އެދޭނަމަ، އެ ބަދަލެއް ގެނައުމަށް ޖަމްއިއްޔާގެ ފަރާތުން ނިންމާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ބަދަލެއް އެނގޭނެ ގޮތަށް، އާ އަސާސީ ގަވާއިދާއި އެ ބަދަލު ގެނައުމަށް ނިންމާފައިވާ ޖަމްއިއްޔާގެ ނިންމުމުގެ ކޮޕީއާއެކު ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އާ އަސާސީ ގަވާއިދު ރަޖިސްޓްރާރަށް ހުށަހެޅުމުން، އެ ހުށަހަޅާ ބަދަލުތަކާ އެއްގޮތަށް ޖަމްއިއްޔާގެ ފަރާތުން އަމަލުކުރުން މި ގާނޫނުން ހުއްދަކުރާނަމަ، އާ އަސާސީ ގަވާއިދު ބަލައިގެންފިކަން ރަޖިސްޓްރާރގެ ފަރާތުން އެ ޖަމްއިއްޔާއަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އާ އަސާސީ ގަވާއިދު ރަޖިސްޓްރާރަށް ހުށަހެޅުމުން، ހުށަހަޅާފައިވާ ބަދަލުތަކާ އެއްގޮތަށް އަމަލުކުރުން މި ގާނޫނުގެ ދަށުން ހުއްދަނުކުރާނަމަ، ޖަމްއިއްޔާގެ އަސާސީ ގަވާއިދަށް ގެންނަ ބަދަލު ރަޖިސްޓްރާރަށް އަންގާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ބަދަލު އެގޮތަށް ނުގެނެވޭނެކަމަށް، ސަބަބާއެކު އެ ޖަމްއިއްޔާއަކަށް އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ރ) ޖަމްއިއްޔާގެ އަސާސީ ގަވާއިދު ބަދަލުކުރި ތާރީހު ކަމުގައި ބަލާނީ، އާ އަސާސީ ގަވާއިދު ބަލައިގެންފިކަން ރަޖިސްޓްރާރގެ ފަރާތުން  ޖަމްއިއްޔާއަށް ލިޔުމުން އަންގާ ތާރީހެވެ.

 

40 ވަނަ މާއްދާ - ހިންގާ ގަވާއިދު

(ހ) ޖަމްއިއްޔާގެ މަގްސަދުތައް ހާސިލުކުރުމުގެ ގޮތުން، ދުވަހުން ދުވަހަށް ޖަމްއިއްޔާ ހިންގުމުގެ ގޮތުން ކުރަންޖެހޭ ކަންކަން އިންތިޒާމު ކުރުމަށާއި، ޖަމްއިއްޔާ އެކަށީގެންވާ ގޮތުގައި ހިންގުން ކަށަވަރުކުރުމަށްޓަކައި، މި ގާނޫނާއި، ޖަމްއިއްޔާގެ އަސާސީ ގަވާއިދާ ހިލާފުނުވާ ގޮތެއްގެ މަތިން އެކުލަވާލާފައިވާ ހިންގާ ގަވާއިދެއް ކޮންމެ ޖަމްއިއްޔާއަކުންވެސް އެކުލަވާލައި، އެއަށް އަމަލުކުރަންވާނެއެވެ.

(ށ) ޖަމްއިއްޔާގެ ހިންގާ ގަވާއިދު އެކުލަވާލައި، އެއަށް ބަދަލު ގެނެސް، އެއާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމަކީ، ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ޒިންމާއެކެވެ.

(ނ) ޖަމްއިއްޔާގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއެއް، މި ގާނޫނާ ނުވަތަ ޖަމްއިއްޔާގެ އަސާސީ ގަވާއިދާ ފުށުއަރާނަމަ، އެ ފުށުއަރާ މިންވަރެއް ބާތިލުވާނެއެވެ. އަދި މި ގާނޫނާއި ޖަމްއިއްޔާގެ އަސާސީ ގަވާއިދާ ހިލާފަށް އޮތް ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއަކަށް އަމަލެއް ނުކުރެވޭނެއެވެ.

(ރ) ކޮންމެ ޖަމްއިއްޔާއަކުންވެސް، އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދު ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ފޮނުވަންވާނެއެވެ. އަދި އެ ގަވާއިދަށް އަންނަ ކޮންމެ ބަދަލެއް، އެ ބަދަލެއް ގެނެވޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

 

41 ވަނަ މާއްދާ - ގަވާއިދަށް ގެނެވޭ ބަދަލުތަކުގެ މައުލޫމާތު ބެލެހެއްޓުން

ކޮންމެ ޖަމްއިއްޔާއަކުންވެސް އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ގެނެވޭ ބަދަލުތަކުގެ މައުލޫމާތު، އެ ބަދަލެއް ގެނެވުނު ތާރީހު ސާފުކޮށް އެނގޭގޮތަށް ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

42 ވަނަ މާއްދާ - މެންބަރުންގެ ރަޖިސްޓަރީ

(ހ) ކޮންމެ ޖަމްއިއްޔާއެއްގައިވެސް އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން އެ ޖަމްއިއްޔާއެއްގެ މެންބަރުކަން ލިބިފައިވާ ފަރާތްތަކުގެ ނަމާއި އެޑްރެހާއި އައިޑެންޓިޓީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު އެނގޭގޮތަށް މެންބަރުންގެ ރަޖިސްޓަރީއެއް އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖަމްއިއްޔާއެއްގެ ފަރާތުން އެކުލަވާލައި ބަލަހައްޓާ މެންބަރުންގެ ރަޖިސްޓަރީގައިވާ މައުލޫމާތު ތިންވަނަ ފަރާތަކަށް ދޫކުރެވޭނީ އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިންނެވެ.

 

43 ވަނަ މާއްދާ - ހިންގާ ކޮމިޓީ 

(ހ) ކޮންމެ ޖަމްއިއްޔާއެއްގައި އެ ޖަމްއިއްޔާއެއްގެ ހިންގުމުގެ މަސައްކަތްތައް ކުރުމަށް އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ހިންގާ ކޮމިޓީއެއް އޮންނަންވާނެއެވެ.

(ށ) ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ހިންގާ ކޮމިޓީގެ އެންމެ އިސް 2 (ދޭއް) މަގާމަށާއި، ފައިސާގެ ކަންކަން ބެލެހެއްޓުމުގެ އެންމެއިސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އައްޔަންކުރެވޭނީ ޖަމްއިއްޔާގެ މެންބަރުންގެ ތެރެއިން ހަމައެކަނި ދިވެހިރައްޔިތުންނެވެ.

(ނ) ގާނޫނަކުން ނުވަތަ ޖަމްއިއްޔާގެ އަސާސީ ގަވާއިދުން ޖަމްއިއްޔާގެ އާންމު ޖަލްސާއިން ނިންމުމަށް ކަނޑައަޅާފައިވާ ކަންކަން ފިޔަވައި، ޖަމްއިއްޔާގެ މަގްސަދުތައް ހާސިލުކުރުމަށް ބޭނުންވާ އެންމެހައި ބާރުތައް ކޮންމެ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީއަށް ލިބިގެންވެއެވެ.

(ރ) ހިންގާ ކޮމިޓީގެ ދައުރު އަދާކުރުމަށްޓަކައި އަންނަނިވި ބާރުތައް ޖަމްއިއްޔާގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީއަށް ލިބިގެންވެއެވެ.

  1. ޖަމްއިއްޔާ ހިންގާނެގޮތް ކަނޑައަޅައި، އެ ނިންމުންތައް ތަންފީޒުކުރުން؛
  2. ޖަމްއިއްޔާއިން ކުރަމުންދާ މަސައްކަތްތަކާއި ޖަމްއިއްޔާގެ ހިންގުމާބެހޭ މައުލޫމާތު ޖަމްއިއްޔާގެ އާންމު ޖަލްސާގައި ޖަމްއިއްޔާގެ މެންބަރުންނާ ހިއްސާކުރުން؛
  3. ޖަމްއިއްޔާގެ ހިސާބުތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާނެ ފަރާތެއް ނުވަތަ އޮޑިޓަރުން ނުވަތަ އެގްޒެކެޓިވް އޮފިސަރުން ފަދަ މަގާމުތަކަށް މީހުން ކަނޑައަޅައި ހަމަޖެއްސުން؛
  4. ޖަމްއިއްޔާގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޖަމްއިއްޔާގެ ހިންގުމުގެ ނިޒާމު ކަނޑައަޅައި، އެ ނިޒާމު ތަންފީޒުކުރުމަށް އިރުށާދުދިނުން؛
  5. ޖަމްއިއްޔާގެ ފައިސާއާއި މިލްކިއްޔާތު ރައްކާތެރިކުރުމުގެ ޒިންމާ އުފުލުން؛
  6. ޖަމްއިއްޔާ އޮޑިޓްކުރުމާބެހޭ ކަންކަން ބަލައި މޮނިޓަރކުރުން.

(ބ) ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގެ ކޮންމެ މެންބަރެއްގެވެސް އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އެ ޖަމްއިއްޔާގެ މެންބަރަކު ކަމުގައިވާ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން، ނުވަތަ ޖަމްއިއްޔާގެ މެންބަރަކީ އެއްވެސް ބާވަތެއްގެ ޖަމްއިއްޔާއެއްނަމަ، އެ މެންބަރު ތަމްސީލުކުރުމަށް އެ ޖަމްއިއްޔާއަކުން އައްޔަންކޮށްފައިވާ މީހެއް ކަމުގައިވުން؛
  2. ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައިވުން؛ 
  3. އެހެން ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގެ މެންބަރެއް ކަމުގައިނުވުން؛
  4. މި ގާނޫނާއި ނުވަތަ މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ތަކުރާރުކޮށް ހިލާފުވެފައިވާ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގެ މެންބަރުކަން، އެފަދަ ހިލާފުވުމެއް ހިނގި މުއްދަތެއްގައި ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

(ޅ) ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީއަށް އަންނަ ކޮންމެ ބަދަލެއް، އެ ބަދަލެއް ގެނެވޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ޖަމްއިއްޔާއަކުން ރަޖިސްޓްރާރަށް ލިޔުމުން އަންގަންވާނެއެވެ.

(ކ) ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގެ ބައްދަލުވުންތަކާއި، މެންބަރުންގެ ސުލޫކާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

44 ވަނަ މާއްދާ - ފުރަތަމަ އާންމު ޖަލްސާ 

މި ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާއަކުން، އެ ޖަމްއިއްޔާއެއް ރަޖިސްޓަރީވާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ ޖަމްއިއްޔާގެ ފުރަތަމަ އާންމު ޖަލްސާ ބާއްވައި، އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީ އެކުލަވާލައި، އެ މައުލޫމާތު، އެ ޖަލްސާ ބާއްވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޖަމްއިއްޔާގެ ރަޖިސްޓްރާރަށް އަންގަންވާނެއެވެ.

 

45 ވަނަ މާއްދާ - ގާނޫނުން ލާޒިމުކުރާ އާންމު ޖަލްސާ

(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީވެފައިވާ ކޮންމެ ޖަމްއިއްޔާއަކުންވެސް، ޖަމްއިއްޔާގެ އާންމު ޖަލްސާ ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބާއްވާ އާންމު ޖަލްސާގައި، އެ ޖަމްއިއްޔާއަކުން ބޭއްވި އެންމެ ފަހުގެ އާންމު ޖަލްސާއަށްފަހު، ޖަމްއިއްޔާ ހިންގި ގޮތާއި ޖަމްއިއްޔާގެ މަސައްކަތްތައް ހިނގައިދިޔަ ގޮތުގެ މައްޗަށް އެކުލަވާލާފައިވާ އަހަރީ ރިޕޯޓާއި، އެ ޖަމްއިއްޔާގެ އާމްދަނީއާއި ހަރަދު ބަޔާންކުރާ ޖަމްއިއްޔާގެ މާލީ ރިޕޯޓާއި، ޖަމްއިއްޔާގެ ނަމުގައި ހުރި އުފުލޭ އަދި ނުއުފުލޭ މުދަލާއި، މިލްކުވެރިކަން ބަދަލުވެފައިވާ މުދަލުގެ ތަފްސީލުތައް އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޖަލްސާ ބާއްވާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކޮންމެ ޖަމްއިއްޔާއަކުންވެސް، އާންމު ޖަލްސާއިން ފާސްކޮށްފައިވާ އަހަރީ ރިޕޯޓާއި އަހަރީ މާލީ ރިޕޯޓު އަދި ޖަމްއިއްޔާގެ ނަމުގައި ހުރި ހުރިހާ އުފުލޭ އަދި ނުއުފުލޭ މުދަލާއި، މުދަލެއްގެ މިލްކުވެރިކަން ބަދަލުވެފައިވާނަމަ، އެ ބަދަލެއްގެ ލިސްޓު ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖަލްސާ އަންނަނިވި މުއްދަތުތަކުގައި ބޭއްވުމަށް މި ގާނޫނު ލާޒިމުކުރެއެވެ.

  1. ޖަމްއިއްޔާއަކީ ދަރަންޏަށް ޒިންމާވާ ޖަމްއިއްޔާއަކަށްވެފައި، ދަރަންޏަށް ޒިންމާވާ މިންވަރަކީ 1،000،000 (އެއްމިލިއަން) ރުފިޔާއަށްވުރެ ކުޑަ އަދަދެއްނަމަ، 2 (ދޭއް) އަހަރުން އެއްފަހަރު؛
  2. ޖަމްއިއްޔާއަކީ ދަރަންޏަށް ޒިންމާވާ ޖަމްއިއްޔާއަކަށްވެފައި، ދަރަންޏަށް ޒިންމާވާ މިންވަރަކީ 1،000،000 (އެއްމިލިއަން) ރުފިޔާއަށްވުރެ މަތީ އަދަދެއްނަމަ، ކޮންމެ އަހަރަކު އެއްފަހަރު؛
  3. ޖަމްއިއްޔާއަކީ ދަރަންޏަށް ޒިންމާވާ ޖަމްއިއްޔާއެއް ނޫންނަމަ، ކޮންމެ އަހަރަކު އެއްފަހަރު.

 

46 ވަނަ މާއްދާ - އިތުރު އާންމު ޖަލްސާ

މި ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު ޖަލްސާގެ އިތުރުން، ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިތުރު އާންމު ޖަލްސާތައް ބޭއްވުން މި ގާނޫނު ހުރަހެއް ނާޅައެވެ.

 

47 ވަނަ މާއްދާ - ހާއްސަ އާންމު ޖަލްސާ

(ހ) ޖަމްއިއްޔާގެ މެންބަރުންގެ ތެރެއިން %33 (ތެއްތިރީސް އިންސައްތަ) އަށްވުރެ ގިނަ މެންބަރުން، އާންމު ޖަލްސާއެއް ބާއްވައިދިނުން އެދި ލިޔެ ސޮއިކޮށް ޖަމްއިއްޔާގެ ހިންގާ ކޮމިޓީއަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ހުށަހަޅާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ޖަމްއިއްޔާއެއްގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބާއްވާ ބައްދަލުވުމުގެ ނޯޓިސް، ބައްދަލުވުން ބޭއްވުމުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން ޖަމްއިއްޔާގެ މެންބަރުންނަށް ދޭންވާނެއެވެ.

 

48 ވަނަ މާއްދާ - އަހަރީ ރިޕޯޓު

ކޮންމެ ޖަމްއިއްޔާއަކުންވެސް، ކޮންމެ އަހަރަކުވެސް، އެ ޖަމްއިއްޔާއެއްގެ އާމްދަނީއާއި ހަރަދުގެ އަހަރީ ހިސާބާއި، އެ ޖަމްއިއްޔާއެއް ހިނގިގޮތާއި، އެ ޖަމްއިއްޔާއެއްގެ މަސައްކަތުގެ އަހަރީ ރިޕޯޓެއް ތައްޔާރުކޮށް، އެ ހިސާބުތަކާއި ރިޕޯޓު، އާންމު ޖަލްސާއަކުން ފާސްކޮށް، އެ ހިސާބުތަކާއި ރިޕޯޓުގައި، ހިންގާ ކޮމިޓީގެ މެންބަރުން ސޮއިކޮށް، ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.

 

 

އަށްވަނަ ބާބު

މާލީ ކަންކަން

 

49 ވަނަ މާއްދާ - ޖަމްއިއްޔާ ރަޖިސްޓަރީވުމުގެ ކުރިން ވެފައިވާ އެއްބަސްވުންތައް

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް ރަޖިސްޓަރީވުމުގެ ކުރިން އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކުރެވޭނެކަމަށް ބަލައި އެއްވެސް ފަރާތަކުން އެއްބަސްވުމެއް ވެފައިވާނަމަ އަންނަނިވި ހާލަތްތަކުގައި އެ އެއްބަސް ވުމުގެ މަންފާ ލިބިގަނެ، އެ އެއްބަސްވުމަށް އަމަލުކުރުން އެ ޖަމްއިއްޔާއެއްގެ މައްޗަށް ލާޒިމުވެގެންވެއެވެ.

  1. މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުން؛
  2. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތެއްގެ ތެރޭގައި ނުވަތަ އެކަށީގެންވާ މުއްދަތެއްގައި އެ އެއްބަސްވުމަށް އަމަލުކުރުމަށް ޖަމްއިއްޔާގެ ހިންގާ ކޮމިޓީން ނިންމުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޖަމްއިއްޔާ ރަޖިސްޓަރީ ނުކުރެވިއްޖެނަމަ ނުވަތަ ޖަމްއިއްޔާ ރަޖިސްޓަރީކުރެވުނު ނަމަވެސް އެއްބަސްވުމަށް އަމަލުކުރުމަށް ޖަމްއިއްޔާއިން ނިންމާފައިނުވާނަމަ، އެ ޖަމްއިއްޔާގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އެ އެއްބަސްވުމެއްގެ އަނެއް ބައިވެރިޔާއަށް ލިބިގެންވެއެވެ.

 

50 ވަނަ މާއްދާ - ޖަމްއިއްޔާގެ ނަމުގައި އާމްދަނީ ހޯދުމަށް ހިންގާ މުއާމަލާތްތައް

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގްސަދެއް ހާސިލުކުރުމަށްޓަކައި ފައިސާ ހޯދުމުގެ ގޮތުން، އެ ޖަމްއިއްޔާއެއްގެ މެންބަރުންނަށް އާމްދަނީ ހޯދުމަށް ކުރެވޭ ކަމަކަށް ނުވާގޮތަށް، އަދި އެކުރެވޭ މުއާމަލާތެއްގެ ވިޔަފާރި ފައިދާ، ޖަމްއިއްޔާއެއްގެ މެންބަރުންނަށް ނުލިބޭގޮތަށް، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ ޖަމްއިއްޔާއަކުން އެކިއެކި މުއާމަލާތްތައް ހިންގުމަކީ ހުއްދަކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޖަމްއިއްޔާއަކުން ހިންގާ އާމްދަނީ ހޯދުމުގެ މުއާމަލާތްތައް އެ ޖަމްއިއްޔާއެއްގެ އެހެނިހެން މަސައްކަތްތަކާއި ހަރަކާތްތަކަށްވުރެ އިތުރުވެ ފުޅާވެގެންނުވާނެއެވެ. އަދި އެފަދަ ކޮންމެ މުއާމަލާތެއް ވާންޖެހޭނީ، އެ ޖަމްއިއްޔާ ގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އެ ޖަމްއިއްޔާއަށް ފައިސާ ހޯދުމަށް ހިންގޭ ވަކި މުއާމަލާތަކަށެވެ.

(ނ) ރަޖިސްޓަރީކުރެވިފައިވާ ޖަމްއިއްޔާއަކީ ދަރަންޏަށް ޒިންމާވާ މިންވަރު ކަނޑައެޅިފައިވާ ޖަމްއިއްޔާއެއްނަމަ، އެ ޖަމްއިއްޔާއަކުން އާމްދަނީ ހޯދުމަށް ހިންގާ މުއާމަލާތްތައް އެ ޖަމްއިއްޔާއަކުން ކަނޑައަޅާފައިވާ ދަރަނީގެ ޒިންމާވާ މިންވަރަށްވުރެ އިތުރުވެގެން ނުވަތަ ފުޅާވެގެން ނުވާނެއެވެ. ޖަމްއިއްޔާއަކުން އާމްދަނީ ހޯދުމަށް ހިންގާ ހަރަކާތެއްގެ ރައުސްމާލު ނުވަތަ އެއްވަގުތެއްގައި ހިންގާ އެހެނިހެން މުއާމަލާތެއްގެ ނުވަތަ މުއާމަލާތްތަކެއްގެ ޖުމްލަ އަގު، އެ ޖަމްއިއްޔާއަކުން ކަނޑައަޅާފައިވާ ދަރަންޏަށް ޒިންމާވާ މިންވަރަށްވުރެ އިތުރުވާނަމަ، ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދަރަންޏަށް ޒިންމާވާ މިންވަރު އިތުރުކޮށް، އެކަން ރަޖިސްޓްރާރަށް އަންގައި، ޖަމްއިއްޔާތަކުގެ ދަފްތަރުގައި އެކަން ރަޖިސްޓަރީކުރަންވާނެއެވެ.

 

51 ވަނަ މާއްދާ - ޖަމްއިއްޔާގެ ދަރަނި

(ހ) އެއްވެސް ޖަމްއިއްޔާއަކުން އެއްވެސް ދަރަންޏެއް ނެގޭނީ ނުވަތަ އެނޫންވެސް މާލީ ޒިންމާއެއް އުފުލޭނީ، އެ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީން ފާސްކޮށް، އެ ދަރަންޏެއް އަދާކުރާނެގޮތް ކަނޑައަޅައި ހަމަޖެއްސުމަށްފަހު، އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ށ) އެއްވެސް ޖަމްއިއްޔާއަކުން، އެ ޖަމްއިއްޔާއެއްގެ މިލްކުގައިވާ ފައިސާއާއި މުދަލުގެ ޖުމްލަ އަގަށްވުރެ ބޮޑު ދަރަންޏެއް ނުވަތަ މާލީ ޒިންމާއެއް ނެގޭނީ، މި ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގެ (15) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، އެ ޖަމްއިއްޔާގެ ދަރަންޏަށް  ޒިންމާވާ މިންވަރުކަމަށް ކަނޑައެޅިފައިވާ މިންވަރަށް ބަދަލުގެނެސް، އެ މިންވަރަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިންނެވެ.

 

52 ވަނަ މާއްދާ - ހިސާބުތައް ބެލެހެއްޓުން

ކޮންމެ ޖަމްއިއްޔާއަކުންވެސް، އެ ޖަމްއިއްޔާއަކަށް ލިބޭ އާމްދަނީއާއި، ފައިސާއާއި، ހަރަދުކުރާ ފައިސާގެ ތަފްސީލާއި، ޖަމްއިއްޔާގެ މުދަލާއި، ދަރަންޏާއި، އެހެނިހެން ޒިންމާތަކާބެހޭ ތަފްސީލު ސާފުކޮށް އެނގޭނެހެން، އެ ޖަމްއިއްޔާއެއްގެ ހިސާބުތައް ބަލަހައްޓަންވާނެއެ ވެ.

 

53 ވަނަ މާއްދާ - ހިސާބުތައް އެކުލެވޭ ލިޔުންތައް ހުންނަންވީ ތަނާއި މުއްދަތު

ކޮންމެ ޖަމްއިއްޔާއެއްގެވެސް ހިސާބުތައް އެކުލެވޭ ލިޔުންތައް އެ ޖަމްއިއްޔާއެއްގެ މަސައްކަތް ހިންގާ ތަނުގައި، ޖަމްއިއްޔާގެ މެންބަރަކު އެދިއްޖެނަމަ، ޖަމްއިއްޔާގެ ހިންގާ ގަވާއިދުގައި ކަނޑައެޅިފައި ވާ ގޮތެއްގެ މަތިން އެ ލިޔުންތައް އެކަމަށް އެދޭ މެންބަރުންނާ ހިއްސާ ކުރެވޭގޮތަކަށް، އެ ހިސާބުތައް ތައްޔާރުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.

 

54 ވަނަ މާއްދާ - މާލީ ރިޕޯޓު

(ހ) ކޮންމެ ޖަމްއިއްޔާއަކުންވެސް، އެ ޖަމްއިއްޔާގެ އާމްދަނީއާއި ހަރަދުގެ އަހަރީ ހިސާބާއި، އެ ޖަމްއިއްޔާއަށް އާމްދަނީ ހޯދުމަށްޓަކައި އެއްވެސް ހަރަކާތެއް ހިންގާނަމަ ނުވަތަ އެފަދަ ކަމެއް ކުރާނަމަ، އެކަންކަމުން ލިބުނު ރައުސްމާލާއި ހަރަދުވި ފައިސާއާއި ލިބުނު ފައިސާއާއި، ލޯނެއް ނަގާފައިވާނަމަ، ލޯނުގެ އަދަދާއި އެ ލޯނަށް ފައިސާ ދައްކާފައިވާނަމަ، ނުވަތަ ފައިސާ ދައްކަމުންދާނަމަ، އެހާތަނަށް ދެއްކިފައިވާ ފައިސާގެ އަދަދު އެނގޭނެ އަހަރީ މާލީ ރިޕޯޓެއް ތައްޔާރުކޮށް، މި ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު ޖަލްސާއަށް ހުށަހެޅުމަށްޓަކައި، ހިންގާ ކޮމިޓީން ކޮންމެ އަހަރަކު، އެ ޖަމްއިއްޔާއެއްގެ އަހަރީ މާލީ ރިޕޯޓު ފާސްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފާސްކުރާ އަހަރީ މާލީ ރިޕޯޓު، މި ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު ޖަލްސާއަށް ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން 30( ތިރީސް( ދުވަހުގެ ތެރޭގައި ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

 

55 ވަނަ މާއްދާ - އޮޑިޓްކުރުން 

(ހ) ޖަމްއިއްޔާއިން ހިންގާ މާލީ މުއާމަލާތްތަކުގެ ޖުމްލަ އަގު 500،000 (ފަސްލައްކަ އެކެއް) ރުފިޔާއަށްވުރެ އިތުރުވާނަމަ، އެ ޖަމްއިއްޔާ އޮޑިޓްކޮށް، އޮޑިޓަރުންގެ ރިޕޯޓު މި ގާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކުރާ މާލީ ރިޕޯޓާއެކު ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގާނޫނުގެ 54 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖަމްއިއްޔާއިން ހުށަހަޅާ މާލީ ރިޕޯޓު ފުރިހަމަ ނޫންކަމަށް ރަޖިސްޓްރާރަށް ފެނިއްޖެނަމަ، އެކަމެއް ރަނގަޅުކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހުވެސް އެކަން ރަނގަޅު ނުކޮށްފިނަމަ، ނުވަތަ މާލީ ރިޕޯޓު، ގާނޫނުގައިވާ ގޮތުގެމަތިން ހުށަހަޅާފައިނުވާނަމަ، އެ ޖަމްއިއްޔާއެއް އޮޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓެއް ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެ ޖަމްއިއްޔާއެއް އޮޑިޓް ކުރަންވާނީ އެ ޖަމްއިއްޔާގެ މެންބަރަކު ކަމުގައިނުވާ، އެ ވަގުތަކު ޖަމްއިއްޔާ ހިންގުމުގެ ކަންކަމާ ހަވާލުވެއޮތް ހިންގާ ކޮމިޓީގެ ނުވަތަ ޖަމްއިއްޔާގެ މުއައްސިސުންގެ އަންބަކު ނުވަތަ ފިރިއަކު ނުވަތަ ދަރިއަކު ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ ތިމާގެކަމުގެ ގުޅުން ދެ ދަރަޖަ ގާތް މީހުންގެ ތެރެއިން މީހަކު ކަމުގައިނުވާ މީހެކެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން އޮޑިޓްކުރަން އެންގޭ ހާލަތްތަކާއި، މި މާއްދާގެ ދަށުން ކުރާ އޮޑިޓްތަކުގައި ހިމަނަންޖެހޭ އިތުރު މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

56 ވަނަ މާއްދާ - އެހީ ހޯދުން

(ހ) އެއްވެސް ޖަމްއިއްޔާއަކުން އެ ޖަމްއިއްޔާގެ ހަރަކާތްތައް ނުވަތަ ހަރަކާތެއް ހިންގުމަށްޓަކައި އެހީގެ ގޮތުގައި 500،001 (ފަސްލައްކަ އެކެއް) ރުފިޔާއަށްވުރެ އިތުރު އަދަދެއް ހޯދައިފިނަމަ، އެ އެހީއެއް ހޯދީ ކޮން ފަރާތަކުންތޯއާއި އެ އެހީއެއްގެ އަދަދާއި، އެ އެހީއެއްގެ ދަށުން ކުރަން ގަސްދުކުރާ ކަންކަން އެނގޭ ގޮތަށް، އެ ހަރަކާތެއް ހިންގަން ފެށުމުގެ ކުރިން ރަޖިސްޓްރާރގެ މައުލޫމާތަށްޓަކައި އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެހީއެއްގެ ދަށުން ކޮންމެ އަހަރަކު ހިންގާ ހަރަކާތްތަކުގެ ތަފްސީލު އެ ޖަމްއިއްޔާއެއްގެ އަހަރީ ރިޕޯޓުގައި ވަކިން ހިމަނަންވާނެއެވެ.

 

57 ވަނަ މާއްދާ - ދައުލަތުން އެހީދިނުން

(ހ) ކޮންމެ އަހަރަކު ސަރުކާރުން ޖަމްއިއްޔާތަކަށް ހިލޭ އެހީ ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީގެ ބަޖެޓުގެ %3 (ތިނެއްއިންސައްތަ) އަށްވާ ފައިސާ ހިމަނަންވާނެއެވެ. އެގޮތުން، ކޮންމެ އަހަރަކުވެސް، ފާއިތުވެދިޔަ އަހަރު މިނިސްޓްރީގެ ބަޖެޓުގައި އެކަމަށް ފައިސާ ހިމަނާފައިވާ އަދަދަށްވުރެ ކުޑަނޫން އަދަދެއް ބަޖެޓުގައި ހިމަނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފައިސާ ނުހިމެނޭގޮތަށް، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ "ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު)" ގެ ގޮތުގައިކޮންމެ އަހަރަކު ކަނޑައަ ޅާ އަދަދުގެ %25 (ފަންސަވީސް އިންސައްތަ) އަށްވުރެ ކުޑަނޫން އަދަދެއް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖަމްއިއްޔާތަކަށް ކޮންމެ އަހަރަކު ފޯރުކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ފައިސާ، ހިލޭ އެހީގެގޮތުގައި ޖަމްއިއްޔާތަކަށް ދޭންވާނީ، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގެ ލަފާގެމަތިން މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ އުސޫލެއްގެ ދަށުންނެވެ. އަދި މި އުސޫލުގެ ދަށުން ޖަމްއިއްޔާތަކަށް އެހީ ދެވިފައިވާގޮތުގެ ތަފްސީލީ ރިޕޯޓެއް ކޮންމެ 6( ހައެއް( މަސްދުވަހަކުން އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް މިނިސްޓްރީން ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އަމިއްލަ ކުންފުނިތަކުން ޖަމްއިއްޔާތަކަށް މި ގާނޫނުގެ ތަރަހައިގެ ތެރެއިންވާ މަގްސަދުތައް ހާސިލުކުރުމަށް ފައިސާގެ ހިލޭ އެހީ ފޯރުކޮށްދެވިދާނެއެވެ.

 

58 ވަނަ މާއްދާ - ޓެކުހުން ލުއި ލިބުން

މަދަނީ ޖަމްއިއްޔާތަކުން މުޖުތަމައުގެ އާންމު މަންފާއަށް ކުރާ ކަންތައްތަކަށް ހިތްވަރުދިނުމަށާއި، ގައުމުގެ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ބައިވެރިވުން އިތުރުވާނެ ގޮތެއް ފަހިކުރުމަށާއި، ޖަމްއިއްޔާ ހަދައި ހިންގުމަށް ހިތްވަރު ދިނުމުގެގޮތުން، މި ގާނޫނުގެ ދަށުން ރަޖިސްޓަރީވެގެން ހިންގާ ޖަމްއިއްޔާތަކަށާއި، އެފަދަ ޖަމްއިއްޔާތަކަށް އެހީތެރިވެދޭ ވިޔަފާރިތަކަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގައިވާ އުސޫލުތަކުގެ ދަށުން ޓެކުހުން ލުއި ލިބޭނޭ ގޮތްތައް މިނިސްޓަރ އޮފް ފިނޭންސްގެ މަށްވަރާގެމަތިން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އިންތިޒާމުކޮށްދޭންވާނެއެވެ.

 

 

ނުވަވަނަ ބާބު

ށަކުވާގެ ނިޒާމާއި ފިޔަވަޅުއެޅުން

 

59 ވަނަ މާއްދާ - ޖަމްއިއްޔާގެ މެންބަރުން ހުށަހަޅާ ށަކުވާ

(ހ) ޖަމްއިއްޔާއެއްގެ މެންބަރަކު އެ ޖަމްއިއްޔާއަކާމެދު ށަކުވާ އުފުލައިފިނަމަ، އެ ށަކުވާއަކާ ގުޅޭ ކަންކަން ބަލާނީ އެ ޖަމްއިއްޔާގެ ހިންގާ ގަވާއިދުގައިވާ ގޮތެއްގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާ ށަކުވާ، ނިމުނު ގޮތާމެދު ހިތްހަމަނުޖެހޭނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކަން ރަޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓްރާރަށް ހުށަހެޅޭ ށަކުވާއާމެދު، އެއިން ށަކުވާއެއް ހުށަހެޅޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ ގޮތެއް ނިންމަންވާނެއެވެ.

 

60 ވަނަ މާއްދާ - ޖަމްއިއްޔާއިން ރަޖިސްޓްރާރަށް ހުށަހަޅާ ށަކުވާ

(ހ) މި ގާނޫނުގެ މަގްސަދުތަކާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކުރެވޭ ކަމުގައި ޖަމްއިއްޔާއަކަށް ގަބޫލުކުރެވޭނަމަ، އެކަމެއް ނުވަތަ އެކަންކަން ރަޖިސްޓްރާރގެ ސަމާލުކަމަށް ގެނެސް، އެކަންކަން ރަނގަޅުކުރުމަށް ފިޔަވަޅު އަޅައިދިނުމަށް އެދި، ކޮންމެ ޖަމްއިއްޔާއަކަށްވެސް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރަޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރަށް ހުށަހެޅޭ ށަކުވާތައް މުރާޖައާކުރުމަށްފަހު، އެކަމާ ގުޅިގެން ދައުލަތާއި ނުވަތަ އަމިއްލަ ފަރާތްތަކާ މަށްވަރާކުރަންޖެހޭނަމަ، އެފަދައިން މަށްވަރާކޮށް، އެކަމެއް ރަނގަޅުކުރެވެން ހުރިގޮތްތައް ބަލައި، ށަކުވާ ހުށަހެޅުނު ދުވަހުން ފެށިގެން ގިނަވެގެން 40 (ސާޅީސް) ދުވަހުގެ ތެރޭގައި، އެކަށޭނަ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ރަޖިސްޓްރާރ ކުރަންވާނެއެވެ. އަދި އެކަމުގެ ނަތީޖާ ލިޔުމުން ށަކުވާ ހުށަހެޅި 
ޖަމްއިއްޔާއަކަށް އަންގަންވާނެއެވެ.

 

61 ވަނަ މާއްދާ - ޖަމްއިއްޔާ ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރުން

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާއެއް ހިންގަނީ ގާނޫނާ ހިލާފު މަގްސަދެއް ހާސިލުކުރުމަށް ކަމަށް، ނުވަތަ ޖަމްއިއްޔާ ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ގާނޫނާ ހިލާފު މަގްސަދުތަކެއް ނުވަތަ ކަންތައްތަކެއް ކުރާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިން، އެ ޖަމްއިއްޔާއެއްގެ ހިންގުމާއި މަސައްކަތްތަކާއި ހަރަކާތްތައް ހުއްޓުވުމުގެ ނުވަތަ އެ ޖަމްއިއްޔާއެއް އުވާލުމުގެ އަމުރެއް ނެރެދިނުން އެދި ށަރުއީ ކޯޓަކަށް ހުށަހެޅުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތުމަކުން، ރަޖިސްޓްރާރ ނޫން ފަރާތްތަކަށް، އެފަރާތަކާއި ޖަމްއިއްޔާއާ މެދު އޮތް ގުޅުމެއްގެ ސަބަބުން ނުވަތަ ވަކި ކަމަކާ ގުޅިގެން އެ ޖަމްއިއްޔާގެ މައްޗަށް ދައުވާކުރުމުގެ ހައްގު ލިބިގެންވާ ހާލަތްތަކުގައި، ޖަމްއިއްޔާ ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ގާނޫނާ ހިލާފު މަގްސަދުތަކެއް ނުވަތަ ކަންތައްތަކެއް ކުރާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިން، އެ ޖަމްއިއްޔާއެއްގެ ހިންގުމާއި މަސައްކަތްތަކާއި ހަރަކާތްތައް ހުއްޓުވުމުގެ ނުވަތަ އެ ޖަމްއިއްޔާއެއް އުވާލުމުގެ އަމުރެއް ނެރެދިނުން އެދި ށަރުއީ ކޯޓަކަށް ހުށަހެޅުމަށް އެފަދަ ފަރާތަކަށް ލިބިގެންވާ ހައްގަކަށް އުނިކަމެއް ނާންނާނެއެވެ.

 

62 ވަނަ މާއްދާ - ޖަމްއިއްޔާތަކާމެދު ފިޔަވަޅުއެޅުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ޖަމްއިއްޔާއަކުން ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމެއް ނުކޮށްފިނަމަ، ނުވަތަ މި ގާނޫނުން ކުރުން މަނާކަމެއް ޖަމްއިއްޔާއަކުން ކޮށްފިނަމަ، ނުވަތަ ރަޖިސްޓްރާރަށް މި ގާނޫނުގެ ދަށުން ލިބޭ އިހްތިޔާރުގެ ދަށުން އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އެފަދަ ޖަމްއިއްޔާއެއްގެ މައްޗަށް އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

  1. ލިޔުމުން އިންޒާރު ދިނުން؛
  2. 500 (ފަސްސަތޭކަ) ރުފިޔާއާއި 5،000  (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ޖަމްއިއްޔާއަކާ މެދު އެޅުމުގައި، ދެ ފިޔަވަޅުގެ ދެމެދުގައި މަދުވެގެން 30 (ތިރީސް) ދުވަހުގެ މުހުލަތެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލެއް ޖަމްއިއްޔާއަކުން ކޮށްފިނަމަ، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، އެ އަމަލެއް ހުއްޓުވުމަށް ނުވަތަ ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އެންގުމުގެ ބާރު ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި އެފަދަ އެންގުމެއް އެންގުމުގައި ޖަމްއިއްޔާގެ ރަޖިސްޓްރާރ އަމަލުކުރަންވީ ގޮތުގެ އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގެ ކުރިން ޖަމްއިއްޔާއަކުން ރަނގަޅުކުރަންވީ ކަންކަން އެ ޖަމްއިއްޔާއަކަށް އެންގުމުގެ ބާރު ރަޖިސްޓްރާރ ބޭނުންކުރާނެ ގޮތާއި، ޖަމްއިއްޔާތަކަށް ޖަވާބުދާރީވާނެ ގޮތުގެ ފުރުސަތުދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގައި ރަޖިސްޓްރާރ އަމަލުކުރާނެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ޖޫރިމަނާ ކަނޑައަޅަންވާނީ، ޖަމްއިއްޔާއަކުން ކުރި ކުށެއް ނުވަތަ އަމަލުގެ ކުޑަ ބޮޑުމިނަށް ރިއާޔަތްކޮށް އެކަށީގެންވާ އަދަދަކަށެވެ.

 

63 ވަނަ މާއްދާ - ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން

މި ގާނޫނުގެ ދަށުން ޖަމްއިއްޔާއެއްގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅަންޖެހޭ ނުވަތަ އެއްވެސް އެންގުމެއް އަންގަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފިޔަވަޅެއް އަޅަންވާނީ ނުވަތަ އެ އެންގުމެއް އަންގަންވާނީ އެ ޖަމްއިއްޔާއަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހުގައެވެ. އަދި އެ ފުރުސަތު ދިނުމުގައި ޖަމްއިއްޔާގެ ރަޖިސްޓްރާރ އަމަލުކުރާނެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

 

ދިހަވަނަ ބާބު

ޖަމްއިއްޔާ އުވާލުން

 

64 ވަނަ މާއްދާ - ޖަމްއިއްޔާއަކުން އެ ޖަމްއިއްޔާއެއް އުވާލުން

(ހ) ޖަމްއިއްޔާއަކުން އެ ޖަމްއިއްޔާއެއް އުވާލުމަށް ކަނޑައެޅޭނީ، އެ ޖަމްއިއްޔާއެއް އުވާލުމަށްޓަކައި އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް އުވާލުމަށް އެ ޖަމްއިއްޔާއަކުން ކަނޑައެޅުމާއެކު، އެ ޖަމްއިއްޔާއަކުން އަންނަނިވި ކަންކަން ފުރިހަމަކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ޖަމްއިއްޔާއެއް އުވާލުމަށް އެދި ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

  1. ޖަމްއިއްޔާއެއް އުވާލުމަށް ކަނޑައެޅިކަން މަދުވެގެން ސަރުކާރު ބަންދުނޫން 14 (ސާދަ) ދުވަހުގެ މުއްދަތަށް އާންމުކޮށް އިއުލާނުކުރުން؛
  2. ޖަމްއިއްޔާއެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުން؛ އަދި
  3. ޖަމްއިއްޔާއަކުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ޖަމްއިއްޔާގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެކަމެއް ހަމަޖެއްސުން.

(ނ) ޖަމްއިއްޔާގެ ރަޖިސްޓްރާރ ޖަމްއިއްޔާއެއް އުވާލަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށްފަހުއެވެ.

 

65 ވަނަ މާއްދާ - ލިޔެކިޔުން ހުށަނޭޅުން 

(ހ) ޖަމްއިއްޔާއަކުން، މި ގާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތަކެތި، އެ ޖަމްއިއްޔާއަކުން ހުށަހަޅަންޖެހޭކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ވިދިވިދިގެން ދެ ފަހަރު ނުވަތަ ޖުމްލަ ތިން ފަހަރު ހުށަހަޅާފައިނުވާނަމަ، އެ ތަކެތި ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހުށަހެޅުމަށް އަންގާފައިވާ ތަކެތި ހުށަހަޅާފައިނުވާނަމަ، މި ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ ޖަމްއިއްޔާއަކާ މެދު ރަޖިސްޓްރާރ އަމަލުކުރަންވާނެއެވެ.

 

66 ވަނަ މާއްދާ - ޖަމްއިއްޔާއެއް އުވާލުމަށް ރަޖިސްޓްރާރ ކަނޑައެޅުން

(ހ) ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ގާނޫނާއި ގަވާއިދާ ހިލާފުވެގެން ނުވަތަ އެ ޖަމްއިއްޔާއެއް ރަޖިސްޓަރީވުމަށްފަހު 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ ޖަމްއިއްޔާއެއް އެއްވެސް ހަރަކާތެއް ބާއްވާފައިނުވާނަމަ ނުވަތަ މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންވެފައިވާ މުއްދަތުގައި އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީ އެކުލަވާލާފައިނުވާނަމަ، އެ ޖަމްއިއްޔާއެއް އުވާލުމަށް އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޖަމްއިއްޔާއެއް އުވާލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފިނަމަ، އެ ޖަމްއިއްޔާއެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުމަށް ރަޖިސްޓްރާރ އިއުލާނުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން، ރަޖިސްޓްރާރ އާންމުކޮށް އިއުލާނުކުރުމާ ގުޅިގެން، އެ ޖަމްއިއްޔާއިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ޖަމްއިއްޔާއަކާ ދެކޮޅަށް ދައުވާއެއް އޮތް ކަމަށް ބަޔާންކޮށް އެއްވެސް ފަރާތަކުން ޖަމްއިއްޔާގެ ރަޖިސްޓްރާރަށް 
ހުށަހަޅައިފިނަމަ، އެ ޖަމްއިއްޔާ އުވާލުމުގެ މައްސަލަ ރަޖިސްޓްރާރ ކޯޓަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން، ރަޖިސްޓްރާރ އާންމުކޮށް އިއުލާނުކުރުމާ ގުޅިގެން، އެ ޖަމްއިއްޔާއިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ޖަމްއިއްޔާއަކާ ދެކޮޅަށް ދައުވާއެއް އޮތް ކަމަށް ބަޔާންކޮށް އެއްވެސް ފަރާތަކުން ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، އެ ޖަމްއިއްޔާއެއް އުވާލުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

67 ވަނަ މާއްދާ - ފިޔަވަޅު އެޅުމަށްފަހު ޖަމްއިއްޔާ އުވާލުން

(ހ) މި ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުރިހާ ފިޔަވަޅެއް އެޅުމަށްފަހުގައިވެސް، ނުވަތަ މި ގާނޫނުގެ 66 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތް މެދުވެރިވެއްޖެނަމަ، ނުވަތަ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ނުވަތަ ރަޖިސްޓްރާރަށް މި ގާނޫނުގެ ދަށުން ލިބިދޭ އިހްތިޔާރުގެ ދަށުން އަންގާ އެންގުމާ އެއްގޮތަށް ޖަމްއިއްޔާގެ ފަރާތުން އަމަލުނުކޮށްފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ފަދައިން، އެ ޖަމްއިއްޔާއެއް އުވާލުމުގެ އަމުރެއް ނެރެދިނުން އެދި ށަރުއީ ކޯޓަކަށް ހުށަހެޅުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިހްތިޔާރު ރަޖިސްޓްރާރ ބޭނުންކުރުމުގެ ކުރިން، އެފަދައިން އަމަލުކުރުމަށް ނިންމައިފިކަމުގެ ނޯޓިސް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޖަމްއިއްޔާ އުވާލުމުގެ ނޯޓިސް ދެވޭ ހާލަތުގައި، އެ ނޯޓިހުން އަސަރުކުރާ ހަމަ ކޮންމެ މީހަކަށް، އެ މައްސަލައެއް ށަރުއީ ކޯޓަކަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

 

68 ވަނަ މާއްދާ - އެހެން ގާނޫނެއްގެ ދަށުން ޖަމްއިއްޔާއެއް އުވާލުން

އެހެން ގާނޫނެއްގެ ދަށުން ޖަމްއިއްޔާއެއް އުވާލުމަށް ނިންމައިފިނަމަ، އެ ނިންމުމެއް ތަންފީޒުކޮށްދިނުމަށް އެދި އެ ނިންމުމެއް ނިންމާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ނިންމުން ނިންމި ފަރާތަކުން ޖަމްއިއްޔާގެ ރަޖިސްޓްރާރަށް އަންގަންވާނެއެވެ.

 

69 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާތައް އުވާލުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ 
ޖަމްއިއްޔާގެ ތެރެއިން އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ޖަމްއިއްޔާތަކާއި، އަހަރީ ފީ ދައްކާފައިނުވާ ޖަމްއިއްޔާތަކާއި، އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާ ޖަމްއިއްޔާތަކަށް އަހަރީ ފީ ދެއްކުމަށާއި، ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމަ އެ ފައިސާ ދެއްކުމަށާއި އަހަރީ ރިޕޯޓު ހުށަހެޅުމަށް 6 (ހައެއް) މަސްދުވަހުގެ މުހުލަތެއް ދިނުމަށްފަހު އެގޮތަށް އަމަލުކޮށްފައިނުވާނަމަ، އެ ޖަމްއިއްޔާއެއް ޖަމްއިއްޔާގެ ރަޖިސްޓްރާރ އުވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް ސަބަބެއް މެދުވެރިވެގެން އެފަދަ ޖަމްއިއްޔާތައް އުވާލަން ނިންމައިފިނަމަ، އެކަން ބަޔާންކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޖަމްއިއްޔާގެ ރަޖިސްޓްރާރ ނޯޓިހެއް ށާއިއުކުރަންވާނެއެވެ. މި ނޯޓިހުގައި، ނޯޓިސް ށާއިއުކުރެވުނު ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޖަމްއިއްޔާ އުވާލެވޭނެކަން ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ޖަމްއިއްޔާ އުވާލެވޭނެކަމުގެ ނޯޓިސް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވުމުން އެ ޖަމްއިއްޔާއެއް އުވާލައި، ޖަމްއިއްޔާގެ ރަޖިސްޓަރީން އެ ޖަމްއިއްޔާގެ ނަން އުނިކުރަންވާނެއެވެ.

 

70 ވަނަ މާއްދާ - ޖަމްއިއްޔާ އުވާލުން ހުއްޓުވުމަށް އެދުން

މި ގާނޫނުގެ 69 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖަމްއިއްޔާއެއް އުވާލުމަށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަވުމުގެ ކުރިން، އެ ޖަމްއިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި އެ ޖަމްއިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލިޔުމުން ހުށަހެޅިދާނެއެވެ.

 

71 ވަނަ މާއްދާ - ކޯޓުންކުރާ އަމުރަކާ ގުޅިގެން ޖަމްއިއްޔާ އުވާލުން

(ހ) އަންނަނިވި ހާލަތްތަކުގައި ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ނުވަތަ ޖަމްއިއްޔާގެ މެންބަރަކަށް ނުވަތަ ޖަމްއިއްޔާއިން ދަރަންޏެއް އަދާކުރަންޖެހިފައިވާ ކޮންމެ ފަރާތަކަށް އެ ޖަމްއިއްޔާއެއް އުވާލުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

  1. ކޯޓަށް ހުށަހަޅައިގެން ޖަމްއިއްޔާ އުވާލުމަށް ޖަމްއިއްޔާއިން ނިންމުން؛
  2. ޖަމްއިއްޔާއަށް ޖަމްއިއްޔާގެ ދަރަނި އަދާނުކުރެވުން؛
  3. ޖަމްއިއްޔާ ހިންގުމުގައި ޖަމްއިއްޔާގެ މަސްލަހަތަށްވުރެ ޖަމްއިއްޔާގެ ވަކި މެންބަރުންތަކެއްގެ މަސްލަހަތު ކުރިއެރުވުން ނުވަތަ އެހެން މެންބަރުންނަށް އިންސާފުވެރިނޫން ގޮތަކަށް ޖަމްއިއްޔާ ހިންގުން؛
  4. ޖަމްއިއްޔާގެ މެންބަރުންގެ މެދުގައި ހަމަހަމަކަން ގެއްލޭގޮތަށް ނުވަތަ މެންބަރުންނަށް ލިބިގެންވާ ހައްގުތައް ނިގުޅައިގަނެވޭފަދަ ގޮތަކަށް ޖަމްއިއްޔާގެ ކަންކަން ހިންގުން ނުވަތަ ޖަމްއިއްޔާގެ ހުރިހާ މެންބަރުންގެ ހައްގުތައް ގެއްލިގެންދާފަދަ ގޮތަކަށް ޖަމްއިއްޔާ ހިންގުން؛ އަދި
  5. ޖަމްއިއްޔާއިން ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ ނުވަތަ ކުރަން ގަސްދުކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލުމަށް ގަސްދުކޮށްފައިވާ ކަމަކީ ޖަމްއިއްޔާގެ މެންބަރުންގެ މެދުގައި އޮންނަ ހަމަހަމަކަން ގެއްލި މެންބަރުންނަށް ލިބިގެންވާ ހައްގުތައް ނިގުޅައިގަނެވޭފަދަ ކަމަކަށްވުން، ނުވަތަ އެކަމަކީ ހުރިހާ މެންބަރުންގެ ހައްގުތައް ގެއްލިގެންދާފަދަ ކަމެއް ކަމުގައިވުން.

(ށ) ކޯޓުން ކުރާ އަމުރަކާ ގުޅިގެން ޖަމްއިއްޔާއެއް އުވާލާނަމަ، އެފަދަ ޖަމްއިއްޔާއެއް އުވާލުމުގެ ކަންކަން ހިންގައި، އެ ޖަމްއިއްޔާއެއްގެ މުދަލާއި ދަރަނީގެ ކަންކަން ހަމަޖެއްސުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުވާލާ ޖަމްއިއްޔާގެ މުދަލާއި ފައިސާ، ހަރަދާއި ދަރަނި އުނިކުރުމަށްފަހު، އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ޗެރިޓީއަކަށް ނުވަތަ ޖަމްއިއްޔާއަކަށް ނުވަތަ ޖަމްއިއްޔާތަކަށް ރަޖިސްޓްރާރ ބަހާލަންވާނެއެވެ.

 

72 ވަނަ މާއްދާ - ޖަމްއިއްޔާ އުވާލުމުގެ ނަތީޖާ

މި ގާނޫނުގައިވާ ގޮތުގެމަތިން ޖަމްއިއްޔާއެއް އުވާލުމުން، އެ ޖަމްއިއްޔާ ޖަމްއިއްޔާގެ ރަޖިސްޓަރީން އުނިކޮށް، އެ ޖަމްއިއްޔާގެ ރަޖިސްޓަރީ ސެޓްފިކެޓް ބާތިލުކޮށް، އެ ޖަމްއިއްޔާއަކަށް މި ގާނޫނުގެ ދަށުން ރަޖިސްޓަރީވުމުން ލިބުނު އެންމެހައި ހައްގުތަކާއި އިމްތިޔާޒުތައް ނިމުމަކަށް އައިސް، ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާއެއްގެ ގޮތުގައި އެ ޖަމްއިއްޔާ ގާނޫނީގޮތުން ހަރަކާތްތެރިވުމުގެ ހައްގު ނިމުމަކަށް އައީއެވެ.

 

73 ވަނަ މާއްދާ - ޖަމްއިއްޔާ އުވާލުމަށްފަހު ބާކީވާ މުދާ

މި ގާނޫނުގެ 72 ވަނަ މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ދަށުން ޖަމްއިއްޔާއެއް އުވާލުމަށްފަހު، އެ ޖަމްއިއްޔާއެއްގެ ހަރަދުތަކާއި، ދަރަންޏާއި ޒިންމާތައް އަދާކުރުމަށްފަހު އެ ޖަމްއިއްޔާގެ މުދަލުގެ ތެރެއިން އެއްވެސް މިންވަރެއް ބާކީ ހުރިނަމަ އެ ޖަމްއިއްޔާއެއްގެ އާންމު ޖަލްސާއެއްގައި ނިންމާ ގޮތެއްގެ މަތިން، ޖަމްއިއްޔާގެ ރަޖިސްޓްރާރގެ ހުއްދައާއެކު ބެހުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ. އަދި އެކަމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

 

އެގާރަވަނަ ބާބު

އެހެނިހެން ކަންކަން

 

74 ވަނަ މާއްދާ - ޖަމްއިއްޔާގެ އާމްދަނީއާއި މުދަލުގެ މިލްކުވެރި ފަރާތް

ޖަމްއިއްޔާގެ މެންބަރުންނާއި، ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި، ޖަމްއިއްޔާގެ މުއައްސިސުންނަށް ޖަމްއިއްޔާގެ މުދަލާއި ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ އެއްވެސް ހައްގެއް ލިބިފައެއް ނުވެއެވެ. އަދި ޖަމްއިއްޔާގެ އާމްދަނީއާއި މުދަލަކީ ޖަމްއިއްޔާގެ މެންބަރުންނާއި މުއައްސިސުންނާއި ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި ބަހާލެވޭނެ އެއްޗެއް ނޫނެވެ. ޖަމްއިއްޔާ ހިންގުމަށް ހަރަދު ކުރުމަށްފަހު ބާކީ އެއްވެސް ފައިސާއެއް ހުރިނަމަ، އެ ފައިސާއަކީ ޖަމްއިއްޔާގެ މިލްކެކެވެ.

 

75 ވަނަ މާއްދާ - ލިޔެކިޔުން ފޮނުވުން

މި ގާނޫނުގެ ދަށުން ޖަމްއިއްޔާއަކަށް ޖަމްއިއްޔާގެ ރަޖިސްޓްރާރ ފޮނުވަންޖެހޭ ލިޔުންތަކާއި އެންގުންތައް މި ގާނޫނުގެ ދަށުން ޖަމްއިއްޔާ ރަޖިސްޓަރީވެފައިވާ  އެޑްރެހަށް، ނުވަތަ އެފަދަ މުއާމަލާތްތައް ފޮނުވުމަށް އެ ޖަމްއިއްޔާއަކުން އެދިފައިވާ އެޑްރެހަށް ފޮނުވުމުންނާއި، އަދި އެ ޖަމްއިއްޔާއަކުން ކަނޑައަޅާފައިވާ އިލެކްޓްރޯނިކް އެޑްރެހަށް ފޮނުވުމުން، މި ގާނޫނުގެ މަގްސަދަށްޓަކައި އެފަރާތަށް އެ ލިޔުމެއް ނުވަތަ އެންގުމެއް ފޮނުވުނީކަމަށް ބެލެވޭނެއެވެ.

 

76 ވަނަ މާއްދާ - ކުންފުންޏާބެހޭ ގާނޫނުން އިސްތިސްނާވުން

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިގެން ހިންގާ އެއްވެސް ޖަމްއިއްޔާއެއްގެ މައްޗަށް ކުންފުންޏާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކެއް ނުހިނގާނެއެވެ.

 

77 ވަނަ މާއްދާ - ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ ހައްގު

މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުމަކާ ގުޅިގެން ށަރުއީ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ހައްގު، އެ ނިންމުމަކުން އަސަރުކުރާ ހަމަ ކޮންމެ މީހަކަށް ލިބިގެންވެއެވެ.

 

78 ވަނަ މާއްދާ - އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާތައް

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ޖަމްއިއްޔާތައް ރަޖިސްޓަރީކުރާނީ، އަދި ރަޖިސްޓްރޭށަނާ ގުޅޭގޮތުން އަމަލުކުރާނީ، މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ. އަދި ޖަމްއިއްޔާ ރަޖިސްޓަރީކުރުމާ ގުޅޭގޮތުން އެހެން ގާނޫނެއްގައި އެކުލެވޭ އުސޫލުތައް، މި ގާނޫނާ ތައާރުޒުވާ ނިސްބަތަކަށް ބާތިލުވީއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޖަމްއިއްޔާތަކާ ގުޅޭގޮތުން އަމަލުކުރެވޭ ހާއްސަ ގާނޫނެއްގައި ޖަމްއިއްޔާއެއް ހިންގުމާ ގުޅޭގޮތުން، ނުވަތަ އެފަދަ ޖަމްއިއްޔާތަކުން އަމަލުކުރުން ލާޒިމު އެނޫންވެސް އުސޫލުތަކެއް ކަނޑައަޅާފައިވާނަމަ އެ އުސޫލުތަކަށް އެ ގާނޫނުގެ ދަށުން އަމަލުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުންއައި ޖަމްއިއްޔާތައް، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވުނީ ކަމުގައި ބެލޭނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާއެއްގެ ރަޖިސްޓްރޭށަނާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރަންޖެހޭކަމަށް ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ފެނިއްޖެނަމަ، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ޖަމްއިއްޔާތަކަށް ގެންނަންވާ ބަދަލުތައް ޖަމްއިއްޔާގެ ރަޖިސްޓްރާރ ކަނޑައަޅައި، އެ ޖަމްއިއްޔާތަކަށް އަންގަންވާނެއެވެ.

(ބ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ހުރިހާ ބާވަތެއްގެ ޖަމްއިއްޔާ ރަޖިސްޓަރީކުރުން ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ބަދަލުވީ ނަމަވެސް، ވަކި ބާވަތެއްގެ ޖަމްއިއްޔާއަކާބެހޭ ގާނޫނެއް ވުޖޫދުގައިވާނަމަ، އެ ގާނޫނުގެ ބޭނުމަށްޓަކައި، އެފަދަ ޖަމްއިއްޔާތަކުގެ މައުލޫމާތު، އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ.

(ޅ) އަންނަނިވި ކަންކަމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

  1. މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުންއައި ޖަމްއިއްޔާތައް މި ގާނޫނުގެ ދަށަށް ބަދަލުވުމާ ގުޅިގެން އެ ޖަމްއިއްޔާތައް ދަފްތަރުކުރުމާގުޅޭ އުސޫލުތައް؛ އަދި
  2. ހާއްސަ ގާނޫނެއްގެ ދަށުން ރެގިއުލޭޓްކުރާ ޖަމްއިއްޔާއެއްނަމަ، އެ ގާނޫނެއް ތަންފީޒުކުރަމުން ގެންދާ ފަރާތަކަށް މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ އެފަދަ ޖަމްއިއްޔާގެ މައުލޫމާތު ހިއްސާކުރުން.

 

79 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނު ތަންފީޒުކޮށް، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ރަޖިސްޓްރާރެވެ.

(ށ) މި މާއްދާގެ ދަށުން ހަދައި ހިންގަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، މި ގާނޫނުގެ މަގްސަދުތައްކަމަށް މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސްތަކާ ހިލާފުވެގެން ނުވާނެއެވެ.

 

80 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުގައެވެ.

 

81 ވަނަ މާއްދާ -  އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) އުވުނީއެވެ.

 

82 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ޖަމްއިއްޔާގެ ރަޖިސްޓްރާރ" ނުވަތަ "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ފަރާތަށެވެ.

(ށ) މާލީ މަންފާއަށް ނުވާގޮތަށް" ކަމަށް ބުނެފައި އެވަނީ، ޖަމްއިއްޔާތަކުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރާ މަސައްކަތުގެ ނުވަތަ ވިޔަފާރީގެ ފައިދާއަކީ ނުވަތަ ޖަމްއިއްޔާގެ މުދަލަކީ އެ ޖަމްއިއްޔާއެއްގެ މެންބަރުންނަށް ނުވަތަ މުއައްސިސުންނަށް މާލީ ފައިދާއެއް ނުވަތަ މަންފާއެއް ނުލިބޭ، އަދި އެ ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ އެއްވެސް ހައްގެއް ލިބިގެންނުވާ، އަދި އެ މުދަލާއި ފައިސާއާއި އާމްދަނީއަކީ ޖަމްއިއްޔާގެ މަގްސަދުތައް ހާސިލުކުރުމަށް އަދި ޖަމްއިއްޔާ ހިންގުމަށް ބޭނުންކުރާ ތަކެތީގެ ގޮތުގައިވުމަށެވެ.

(ނ) "ޕްރައިވެޓް ފައުންޑޭށަން" ކަމަށް ބުނެފައި އެވަނީ، ފައުންޑޭށަން ހިންގުމަށާއި ފައުންޑޭށަންގެ ހަރަކާތްތަކަށް ފައުންޑޭށަން އުފައްދާ ފަރާތުން ނުވަތަ ބަޔަކު ފައިސާ ހޯދައިގެން ހިންގާ ފައުންޑޭށަނަށެވެ.

(ރ) "ޕަބްލިކް ފައުންޑޭށަން" ކަމަށް ބުނެފައި އެވަނީ، ފައުންޑޭށަން ހިންގުމަށާއި ފައުންޑޭށަންގެ ހަރަކާތްތަކަށް އެކިއެކި އަމިއްލަ ފަރުދުންނާއި، އިދާރާތަކާއި، ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްއިއްޔާތަކުން ނުވަތަ އެނޫންވެސް ގާނޫނީ ށަހްސަކުން ފައިސާ ހޯދައިގެން ހިންގާ ފައުންޑޭށަނަށެވެ.

(ބ) "ޗެރިޓީ" ކަމަށް ބުނެފައި އެވަނީ، އާންމުވެގެންވާ މަންފާއަކަށްޓަކައި އަންނަނިވި ދާއިރާތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ހިންގާ ހަރަކާތްތަކަށެވެ.

  1. އިސްލާމްދީން؛ 
  2. އާންމު ސިއްހަތު؛ 
  3. ފަގީރުކަން ނައްތާލުމާއި، މުޖުތަމައުގެ ދުޅަހެޔޮކަން؛ 
  4. ހާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދިނުން؛
  5. ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުން؛ 
  6. އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުން.

(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކޮމިއުނިޓީ އެމްޕަވަރމަންޓަށް މަސައްކަތްކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ކ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކޮމިއުނިޓީ އެމްޕަވަރމަންޓަށް މަސައްކަތްކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(އ) "ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ށަހްސު އަދި/ނުވަތަ މީހުން ށާމިލުވާ ގޮތުންނެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ޖަމްއިއްޔާތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-74)

 

އުވުނު ގާނޫނު

ޖަމްއިއްޔާތަކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2003-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު