ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2010-14)
(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ، 6ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފު
މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 12 ވަނަ މާއްދާއާއި 1-5 ވަނަ މާއްދާއިން ބާރު ލިބިގެން ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓުތައް ސަބްލީސް ކުރުމާއި، ރިޒޯޓުގެ މެނޭޖްމަންޓް އެގްރީމަންޓް ކުރުމާއި، ލީސް ޓްރާންސްފަރ ކުރުމާއި، މޯގޭޖް ކުރުމާއި، ހިއްސާ ބަދަލުކުރުމާއި، ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އެއް ފަޅެއްގައި އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ރަށްތައް ވަކިވަކިން ހިންގުމާބެހޭގޮތުން ހަދައިފައިވާ ގަވާއިދެކެވެ. (އިސްލާހު ކުރެވިފައި)
2 ވަނަ މާއްދާ - ނަން
މި ގަވާއިދަށް ކިޔާނީ "ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - ގަވާއިދުގެ ދާއިރާ
ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓެއްހެދުމަށްޓަކައި ސަރުކާރުން ކުއްޔަށްދީފައިވާ އެއްވެސް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމަންޓްގެ ދަށުން ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތަށް ލިބިދޭ ހައްގުތަކުގެ ތެރެއިން މި ގަވާއިދުގައި ބަޔާންކުރެވިފައިވާ އެއްވެސް ހައްގެއް އެހެން ފަރާތަކަށް ބަދަލުކުރަންވާނީ މި ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިންނެވެ.
4 ވަނަ މާއްދާ - ހުއްދަ ހޯދުން
ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށެއް ނުވަތަ ބިމަކާގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް މުއާމަލާތެއް ކުރަންވާނީ މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހުގައެވެ.
(ހ) ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރުން.
(ށ) ޓޫރިސްޓް ރިޒޯޓު ހެދުމަށް ކުއްޔަށްދީފައިވާ ރަށެއް ނުވަތަ ބިމެއް ސަބްލީސްކުރުން.
(ނ) ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމަށް ކުރާ އެގްރީމަންޓްގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބޭ އެންމެހައި ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުން.
(ރ) މެނޭޖްމަންޓް އެގްރީމަންޓް ކުރުން.
(ބ) ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމަށް ކުރާ އެގްރީމަންޓްގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބޭ އެންމެހައި ހައްތު ރަހުނުކުރުން ނުވަތަ މޯގޭޖްކުރުން.
(ޅ) ޓޫރިސްޓް ރިޒޯޓެއްގައި ހުންނަ ވިލާ ނުވަތަ ކޮޓަރީގެ ލީސް ސްޓްރާޓާ ޓައިޓްލް އުސޫލުން ވަކިން ވިއްކުމާއި ކުއްޔަށްދިނުން.
ހިއްސާ ބަދަލުކުރުން
5 ވަނަ މާއްދާ - (އުނި ކުރެވިފައި)
6 ވަނަ މާއްދާ - (އުނި ކުރެވިފައި)
7 ވަނަ މާއްދާ - (އިތުރު ކުރެވި / އުނި ކުރެވިފައި)
ސަބްލީސް ކުރުން
8 ވަނަ މާއްދާ - ސަބްލީސް ކުރުމުގެ ހުއްދަ
(ހ) ޓޫރިސްޓް ރިޒޯޓެއް ހެދުމަށް މިނިސްޓްރީން ކުއްޔަށްދީފައިވާ ކޮންމެ ރަށެއް ނުވަތަ ބިމެއް، މިނިސްޓްރީން ހުއްދަ ހޯދުމަށްފަހު ސަބްލީސްކުރެވިދާނެއެވެ. ޓޫރިސްޓް ރިޒޯޓެއް ސަބްލީސްކުރާނަމަ އެކަމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށްފަހު މިނިސްޓްރީގައި ސަބްލީސް ރަޖިސްޓަރީކުރަންވާނެއެވެ.
(ށ) ސަބްލީސް ކުރުމުގެ ހުއްދަ އަށް އެދި ހުށަހޅާ ފަރާތުން ރަށާ ނުވަތަ ބިމާ ނުވަތަ ރިޒޯޓާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ދައްކާ ހަލާސްކުރުމުގެ ކުރިން މެނުވީ އެފަރާތަށް ސަބްލީސް ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. (އިތުރު ކުރެވިފައި)
9 ވަނަ މާއްދާ - ސަބްލީސްކޮށްފައިވާ ފަރާތުން އެހެން ފަރާތަކަށް ސަބްލީސް ނުކުރުން
ޓޫރިސްޓް ރިޒޯޓެއް ސަބްލީސްކޮށްފައިވާ ފަރާތަކުން މުޅި ރިޒޯޓު އަލުން ސަބްލީސްއެއް ނުކުރެވޭނެއެވެ.
10 ވަނަ މާއްދާ - ސަބްލީސްކޮށްފައިވާ ފަރާތުން މެނޭޖްމަންޓް ހަވާލުކުރުން
ޓޫރިސްޓް ރިޒޯޓެއް ސަބްލީސް ކޮށްފައިވާ ފަރާތުން މި ގަވާއިދުގެ 34 ވަނަ މާއްދާގައި ބުނެފައިވާގޮތަށް ރިޒޯޓުގެ މެނޭޖްމަންޓް އެހެންފަރާތަކާ ހަވާލުކުރެވިދާނެއެވެ.
11 ވަނަ މާއްދާ - ސަބްލީސްނުކުރެވޭނެ ފަރާތްތައް
ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއް ސަބްލީސްކުރެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތަކުންކުރެ ފަރާތަކަށެވެ.
(ހ) އުމުން 18 އަހަރު ފުރިފައިވާ ވަކިފަރުދަކަށް (ދެމީހުން ނުވަތަ އެއަށްވުރެ ގިނަަ މީހުންގެ ނަމުގައި ސަބްލީސްކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.)
(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް.
(ނ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކަށް.
(ރ) ރާއްޖޭއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްނަމަ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް.
12 ވަނަ މާއްދާ - ސަބްލީސް އެގްރީމަންޓްގައި ހުންނަންވާ ށަރުތުތައް
(ހ) ސަބްލީސް އެގްރީމަންޓުގެ މުއްދަތު، ސަަރުކާރުން ރަށް ނުވަތަ ބިން ކުއްޔަށްދީފައިވާ މުއްދަތަށްވުރެ ދިގުވެގެން ނުވާނެއެވެ.
(ށ) ސަބްލީސްކުރާ ފަރާތުން، ތިންވަނަ ފަރާތަކަށް މުޅިރަށް ނުވަތަ ބިން އެއްކޮށް ކުއްށްދިނުމުގެ ހައްގު ސަބްލީސް އެގްރީމަންޓުގައި ލިބިދީފައި އޮވެގެން ނުވާނެއެވެ.
(ނ) ކުއްޔަށްދޭ މުއްތާއި ކުލި، ސަބްލީސް އެގްރީމަންޓްގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ.
(ރ) ސަބްލީސް އެގްރީމަންޓާއި، ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓާ ދެމެދުގައި އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، ބަލަންވާނީ ރަށް ނުވަތަ ބިން ކުއްޔަށް ދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓަށެވެ. އަދި ސަރުކާރުން ކޮށްފައިވާ އެގްރީމަންޓުގައިވާ މާއްދާއަކާ ހިލާފު މާއްދާއެއް ސަބްލީސް އެގްރީމަންޓުގައި އޮތްނަމަ އެމާއްދާއެއް ބާތިލުވާނެކަމަށް ބުނާ މާއްދާއެއް ސަބްލީސް އެގްރީމަންޓުގައި އޮތްނަންވާނެއެވެ.
(ބ) (އިތުރު ކުރެވި / އުނި ކުރެވިފައި)
(ޅ) (އިތުރު ކުރެވި / އުނި ކުރެވިފައި)
13 ވަނަ މާއްދާ - ސަބްލީސްކުރުމަށް އެދުން
ޓޫރިސްޓް ރިސޯޓެއް ސަބްލީސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު II ގައިވާ ފޯމު ފުރިހަމަކުރުމަށް ފަހު، ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކުގައެވެ.
(ހ) ސަރުކާރުން ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތަކީ، ކުންފުންޏެއްނަމަ ސަބްލީސްކުރުމަށް ފާސްކޮށްފައިވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރިޒޮލިއުށަން؛
(ށ) ސަބްލީސްކުރުމަށް އެދޭ ފަރާތަކީ ކުންފުންޏެއްނަމަ ސަބްލީސްކުރުމަށް ފާސްކޮށްފައިވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރިޒޮލިއުށަން؛
(ނ) ސަބްލީސް އެގްރީމަންޓްގެ ދެލިކޮޕީ.
14 ވަނަ މާއްދާ - ސަބްލިސް ރަޖިސްޓަރީކުރުމާއި ދައްކަންޖެހޭ ފީ
ޓޫރިސްޓް ރިޒޯޓެއްގެ ސަބްލީސް އެގްރީމަންޓެއް، ޓީރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށްދެވޭނީ، މި ގަވާއިދުގައި ބުނެފައިވާ ކަންކަތްތައް ފުރިހަމަކުރުމާއެކު ސަބްލީސް ރަޖިސްޓަރީކުރުމަށްޓަކައި 5،000 (ފަސްހާސް) އެމެރިކާ ޑޮލަރުގެ ފީއެއް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ދެއްކުމަށް ފަހުގައެވެ.
ސްޓްރާޓާ އުސޫލުން ވަކި ވިލާ ނުވަތަ ކޮޓަރި ލީސްކުރުން
15 ވަނަ މާއްދާ - ވަކި ކޮޓަރި ނުވަތަ ވިލާ ލީސްކުރުން
ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއްގައި ހަދާ ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ލީސްކުރެވިދާނެއެވެ. މި ގަވާއިދުގެ ބޭނުމަށްޓަކައި ސްޓްރާޓާ އުސޫލުން ކަޑައެޅޭ ވަކި ކޮޓަރި ނުވަތަ ވިލާ އޭ ބުނާ ބަހުގެ މާނައަކީ، ރަށުގެ ސައިޓް ޕްލޭނުގައި ނުވަތަ ވިލާ ލިސް އެގްރީމަންޓުގައި ބަޔާންކޮށް އަދި ކަނޑައެޅިފައިވާ ބައުންޑަރީއެއްގެ ތެރޭގައި އިމާރާތްކޮށްފައިވާ ކޮޓަރި ނުވަތަ ވިލާއާއި އެތަނުގައި ހިމެނޭ އެންމެހައި ތަންތަނާއި، އެތަނެއްގައި ހަރުކޮށްފައިވާ ހުރިހާ އެއްޗަކާއި، އެންމެހައި ފަރުނީޗަރާއި، ހިފާގެންގުޅޭ ތަކެއްޗެވެ.
16 ވަނަ މާއްދާ - ރިޒޯޓެއް ސްޓްރާޓާ އުސޫލުން ލީސް ކުރެވޭނެ ފަރާތްތައް
ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއްގައި ހަދާފައިވާ ރިޒޯޓެއްގެ ވަކި ކޮޓަރެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ލީސްކުރެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތަކުންކުރެ ފަރާތަކަށެވެ:
(ހ) އުމުރުން 18 އަހަރު ފުރިފައިވާ ވަކި ފަރުދަކަށް (ދެމީހުން ނުވަތަ އެއަށްވުގިނަ މީހުންގެ ނަމުގައި ވިލާ ލީސްކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ).
(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް.
(ނ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކަށް.
(ރ) ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްނަމަ ކުންފުންފުންޏާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރީ-ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް.
17 ވަނަ މާއްދާ - ސަބްލީސްކޮށްފައިވާ ފަރާތުން ސްޓްރާޓާ އުސޫލުން ލީސްކުރުން
ޓޫރިސްޓް ރިޒޯޓެއް ސަބްލީސްކޮށްފައިވާ ފަރާތަކުން، އެ ރިޒޯޓުގައި ހުންނަ ވަކި ކޮޓަރި ނުވަތަ ވިލާ މި ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތީން ސްޓްރާޓާ އުސޫލުން އެހެން ފަރާތްތަކަށް ލީސްކުރެވިދާނެއެވެ.
18 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ލީސްކުރުމުގެ ހުއްދަ
(ހ) ޓޫރިސްޓް ރިޒޯޓެއްގައި ސްޓްރާޓާ އުސޫލުން ކޮޓަރި ނުވަތ ވިލާ ލީސްކުރާނަމަ އެކަމަށްޓަކައި ޓޫރިޒަމާބެހޭ މިނިސްޓްރީން ލިޔުމުން ހުއްދަ ހޯދަންވާނެއެވެ. އެ ހުއްދައަށް އެދި ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު III ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެފޯމުންނެވެ.
(ށ) ސްޓްރާޓާ އުސޫލުން ލީސް ކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅާ ރަށް ކުއްޔަށްހިފާފައިވާ ފަރާތުން، ރަށާ ނުވަތަ ބިމާ ނުވަތަ ރިޒޯޓާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ދައްކާ ހަލާސްކުރުމުގެ ކުރިން މެނުވީ ސްޓްރާޓާ އުސޫލުން ލީޒް ކުރުމުގެ ހުއްދައެއް އެފަރާތަށް ނުދެވޭނެއެވެ. (އިތުރު ކުރެވިފައި)
19 ވަނަ މާއްދާ - ކޮޓަރި ނުވަތަ ވިލާ ލީސް އެގްރީމަންޓްގައި ހުންނަންޖެހޭ ށަރުތުތައް
(ހ) ކޮޓަރި ނުވަތަ ވިލާ ލީސް އެގްރީމަންޓްގެ މުއްދަތު، ސަރުކާރުން ރަށް ނުވަތަ ބިން ކުއްޔަށްދީފައިވާ މުއްދަތަށްވުރެ ދިގުވެގެންނުވާނެއެވެ.
(ށ) ކޮޓަރި ނުވަތަ ވިލާ ލީސްކުރާ ފަރާތުން، ތިންވަނަ ފަރާތަކަށް ވިލާ ކުއްޔަށްދިނުމުގެ ހައްގު ވިލާ ލީސް އެގްރީމަންޓްގެ ދަށުން ލިބިދީފައި އޮވެގެން ނުވާނެއެވެ.
(ނ) ކުއްޔަށްދޭ މުއްދަތާއި، ކުލި އެގްރީމަންޓްގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ.
(ރ) ވިލާ ލީސް އެގްރީމަންޓާއި ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓާ އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، އިސްކަންދޭނީ ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓްކަމަށާއި، ސަރުކާރުން ކޮށްފައިވާ އެގްރީމަންޓާ ހިލާފު އެއްވެސް މާއްދާއެއް ވާނަމަ އެމާއްދާއެއް ބާތިލުވާނެކަމަށް ބުނާ މާއްދާއެއް އޮންނަންވާނެއެވެ.
(ބ) ވިލާ ލީސް އެގްރީމަންޓަންގެ ދަށުން ވިލާ ލީސްކުރާ ފަރާތަށް ލިބިފައިވާ އެންމެހައި ހައްގު އެހެން ފަރާތަކަށް ވިއްކާނަމަ ވިއްކުމަށްޓަކައި އަމަލުކުރަންވީގޮތް ހިމެނިފައި އޮންނަންވާނެއެވެ.
(ޅ) ކޮޓަރިއެއް ނުވަތަ ވިލާއެއް ލީސްކޮށްފައިވަނިކޮށް، ސަރުކާރުން ރިޒޯޓު ކުއްޔަށްދިނުމަށް ކޮށްފައިވާ އެގްރީމަންޓްގެ ދަށުން، ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިފައިވާ ހައްގުތައް ވިއްކާލާނަމަ ނުވަތަ ސަބްލީސް ކުރާނަމަ ނުވަތަ ރިޒޯޓުގެ މެނޭޖްމަންޓް އެހެން ފަރާތަކާ ހަވާލުކުރާނަމަ އަމަލުރަންވީގޮތް އޮންނަންވާނެއެވެ.
(ކ) ވިލާ ލީސް އެގްރީމަންޓްގެ ދަށުން، ވިލާ ލީސްކުރާ ފަރާތަށް ލިބިދޭ އެންމެހައި ހައްތުތައް ރަހުނުރެވޭގޮތަށް އެގްރީމަންޓްކުރާނަމަ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭނެކަމަށް ވިލާ ލީސް އެގްރީމަންޓްގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(އ) ރިޒޯޓްގެ އާންމު ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި، ފެންފަދަ ހިދުމަތްތައް ލިބުމުގެ ހައްގާއި ރިޒޯޓަށް އަރާ ފޭބުމާއި ނުވަތަ ކޮޓަރީއަށް ވަދެ ނިކުތުމުގެ ހައްގު ކޮޓަރި ނުވަތަ ވިލާ ލީސްކުރާފަރާތަށް ލިބިދޭ މާއްދާއެއް އެގްރީމަންޓްގައި އޮންނަންވާނެއެވެ.
(ވ) ކޮޓަރި ނުވަތަ ވިލާ ލީސްކުރާ ފަރާތާއި ރިޒޯޓު ހިންގާ ފަރާތާ ދެމެދު ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމާއި މެނޭޖްކުރުމާއި، ފައިސާއާބެހޭ ގޮތުން އެއްބަސްވާ ކަންތައްތައް އެގްރީމަންޓްގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(މ) ކޮޓަރި ނުވަތަ ވިލާ ލީސްކުރާފަރާތުން ކޮޓަރި ނުވަތަ ވިލާ ވަކިތަނެއްގެ ގޮތުގައި އޮޕަރޭޓްކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. ކޮޓަރި ނުވަތަ ވިލާ ލީސްކުރާ ފަރާތުން، ރިޒޯޓު ހިންގާ ފަރާތާއެކު، ކޮޓަރި ނުވަތަ ވިލާ އޮޕަރޭޓްކުރުމާބެހޭ ގޮތުން އެގްރީމަންޓެއްގައި ސޮކުރަންވާނެއެވެ.
(ފ) ޓޫރިސްޓް ރިޒޯޓެއްގައިވާ ކޮޓަރި ނުވަތަ ވިލާތަކުގެ ތެރެއިން، ރިޒޯޓްގެ ހެޑްލީޒް ލިބިފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް ރިޒޯޓްގެ ކޮޓަރެއް ނުވަތަ ވިލާއެއް ނުވަތަ ކޮޓަރިތަކެއް ނުވަތަ ވިލާތަކެއް ސަބްލީސް ސްޓްރާޓާ އުސޫލުން ލީސްކޮށްފައިވާ ހާލަތުގައި، އެ ކޮޓަރިއެއް ނުވަތަ އެ ވިލާއެއް ލީސްކޮށްފައިވާ ފަރާތް މަރުވެއްޖެނަމަ، މަރުވި ފަރާތުގެ ވާރިސުންގެ ގޮތުގައި ށަރުއީ ކޯޓަކުން ކަނޑައަޅާ ފަރާތަކީ އެ ކޮޓަރީގެ ނުވަތަ އެ ވިލާގެ ލީސްގެ މިލްކުވެރިންގެ ގޮތުގައި ހިމަނަންވާނެއެވެ.
(ދ) ޓޫރިސްޓް ރިޒޯޓެއްގައިވާ ކޮޓަރި ނުވަތަ ވިލާތަކުގެ ތެރެއިން، ރިޒޯޓްގެ ހެޑްލީސް ލިބިފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް ރިޒޯޓްގެ ކޮޓަރިއެއް ނުވަތަ ވިލާއެއް ނުވަތަ ކޮޓަރިތަކެއް ނުވަތަ ވިލާތަކެއް ލީސްކޮށްފައި ވަނިކޮށް، ރިޒޯޓް އަލުން ތަރައްގީކުރާނަމަ، އަމަލުކުރާނޭ ގޮތެއް ކޮޓަރި ނުވަތަ ވިލާ ނުވަތަ ކޮޓަރިތައް ނުވަތަ ވިލާތައް ވިއްކުމުގެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.
(ތ) ރިޒޯޓްގެ އާންމު ހިދުމަތްތައްކަމަށްވާ، ކަރަންޓާއި، ފެނުގެ ހިދުމަތާއި، ނަރުދަމާއާއި، ކުނި ނައްތާލުމާއި، ޓެލެފޯނުގެ ހިދުމަތާއި، އަދި މިނޫންވސް އާންމު ހިދުމަތްތަކަށް ރިޒޯޓް އޮޕަރޭޓްކުރާ ފަރާތަށް ފީއެއް ނުވަތަ އަގެއް ދައްކަންޖެހޭނަމަ އެކަމުގެ ތަފްސީލު.
20 ވަނަ މާއްދާ - ލީސް ރަޖިސްޓަރީ ކުރުން
މި ގަވާއިދުގައިވާގޮތަށް ކޮޓަރިއެއް ނުވަތަ ވިލާއެއް ލީސްކުރުމަށްފަހު، އެ ވިލާ ނުވަތަ ކޮޓަރި ލީސްކުރިކަން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ.
21 ވަނަ މާއްދާ - ރަޖިސްޓަރީކުރިކަމުގެ ލިޔުން
ކޮޓަރި ނުވަތަ ވިލާ ލީސްކުރުމަށްފަހު ރަޖިސްޓަރީ ކުރުމުން، ލީސްކުރި ފަރާތަށް، އެކަން އަންގައިދޭ ލިޔުމެއް ޓޫރިމަބާބެހޭ މިނިސްޓްރީން ދޭންވާނެއެވެ. މިގޮތުންދޭ ލިޔުމުގައި އެ ކޮޓަރިއެއް ނުވަތަ ވިލާއެއް ފާހަނގަވާނޭ ރަޖިސްޓަރީ ރިފަރެންސަކާއި ތަފްސީލު އަދި ވިލާގެ ވެރިފަރާތް އެނގެން އޮންނަންވާނެއެވެ.
22 ވަނަ މާއްދާ - ލީސް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުން
ވިލާއެއް ނުވަތަ ކޮޓަރިއެއް ރަޖިސްޓަރީކުރުމަށްޓަކައި ހުށަހަޅާއިރު ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.
(ހ) މިނިސްޓްރީން ފާސްކޮށްފައިވާ ރަށުގެ މާސްޓަރ ސައިޓް ޕްލޭން.
(ށ) ކޮޓަރި ނުވަތަ ވިލާ ސައިޓް ޕްލޭން. މި ޕްލޭނުގައި، ކޮޓަރި ނުވަތަ ވިލާގެ އޭރިއާއާއި ބައުންޑަރީ އެނގެން އޮންނަންވާނެއެވެ. އަދި ކޮންމެ ކޮޓަރިއެއް ނުވަތަ ވިލާއެއްްގެ ޕްލޭން، އެ ތަނެއްގެ ފުޓްޕްރިންޓާއި، ސައިޒާއި، ބައުންޓަރީއާއި އަދި ފުޅާނިނާއި ދިގުމިނާއި އެތަނަކަށް ހާއްސަ ކަންތައްތައް ފާހަގަކޮށް އެތަނަކަށް ދީފައިވާ ނަންބަރު އެނގޭނޭ ގޮތަށް އޮންނަންވާނެއެވެ.
23 ވަނަ މާއްދާ - ލީސް ރަޖިސްޓަރީކުރުމުގެ ފީ
ކޮންމެ ވިލާ އެގްރީމަންޓެއް ރަޖިސްޓަރީ ކުރުމަށްޓަކައި ނުވަތަ ވިލާ ނުވަތަ ކޮޓަރިއެއް ލީސްކޮށްފައިވާ ފަރާތުން އެހެން ފަރާތަކަށް ބަދަލުކުރިކަން ރަޖިސްޓަރީކުރުމަށް 5،000 (ފަސްހާސް) އެމެރިކާ ޑޮލަރުގެ ފީއެއް ޓޫރިޒަމާބެހޭ މިނިސްޓްރީއެއް ދައްކަންވާނެއެވެ.
24 ވަނަ މާއްދާ - ރިޒޯޓް ހިންގުމަށް ހުރަސްއެޅޭފަދަ ކަމެއް ނުކުރުން
ރިޒޯޓް ހިންގުން ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ރިޒޯޓްގެ ކޮޓަރިއެއް ނުވަތަ ވިލާއެއް ލީސްކޮށްފައިވާ ފަރާތަކުން ކޮށްގެންނުވާނެއެވެ.
25 ވަނަ މާއްދާ - ރިޒޯޓް ނުވަތަ ބިމުގެ ކުލި ދެއްކުން
ޓޫރިސްޓް ރިޒޯޓެއްގައިވާ ކޮޓަރިއެއް ނުވަތަ ވިލާއެއް ލީސްކޮށްފައިވީނަމަވެސް، ގާނޫނުގެ ދަށުން ރިޒޯޓް އޮތް ރަށުގެ ނުވަތަ ބިމުގެ ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާނީ، ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުންނެވެ.
26 ވަނަ މާއްދާ - އިންށޯރެންސް
ޓޫރިސްޓް ރިޒޯޓެއްގައިވާ ކޮޓަރިއެއް ނުވަތަ ވިލައެއް ލީސްކޮށްފައިވާ ހާލަތުގައިވެސް ރިޒޯޓް އިންށުއަރ ކުރުމަށް ލީސް އެގްރީމަންޓުން ލާޒިމުކޮށްފައިވާ މިންވަރަށް ރިޒޯޓް އިންށުއަރކޮށް، އިންށުއަރެންސް ދެމެހެއްޓުމަކީ، ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. ނަމަވެސް، ވަކި ކޮޓަރި ނުވަތަ ވިލާ ލީސްކޮށްފައިވާ ފަރާތުގެ ކިބައިން އިންށުއަރެންސަށް ދައްކަންޖެހޭ ފައިސާދެއްކުމަށް ވަކި އަދަދެއް ނެގުމަށް އެއްބަސްވުމަކަށް އައުން މިގަވާއިދު ހުރަހެއް ނާޅައެވެ. އަދި އެ ވިލާއެއް ލީސްކޮށްފައިވާ ފަރާތުން އެފަރާތުގެ އަމިއްލަ ހަރަދުގައި އިންށުއަރ ކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
27 ވަނަ މާއްދާ - ލީސްކޮށްފައިވާ ފަރާތް ބަނގުރޫޓުވުން
ޓޫރިސްޓް ރިޒޯޓެއްގައިވާ ކޮޓަރިއެއް ނުވަތަ ވިލާއެއްގެ ލީސް މިލްކުވެފައިވާ ފަރާތެއް ބަނގުރޫޓު ވެއްޖެނަމަ، އެކޮޓަރި ނުވަތަ ވިލާއެއް ށަރުއި ކޯޓަކުން ކަނޑައަޅާ ފަރާތަކަށް ބަދަލުވެދާނެއެވެ. އަދި އެފަދަ ކޮޓަރިއެއް ނުވަތަ ވިލާއެއް ވަނީ ރަހުނުކުރެވިފައި ނުވަތަ މޯގޭޖްކުރެވިފައި ކަމުގައިވާނަމަ އެ ރަހުނުގެ ނުވަތަ މޯގޭޖުގެ ވެރިފަރާތުން އެފަރާތަށް ލިބިފައިވާ ހައްގު ލިބިގަނެވޭނެއެވެ.
ލީސް ޓްރާންސްފަރ ކުރުން
28 ވަނަ މާއްދާ - ލީސް ޓްރާންސްފަރ ކުރުމަށް އެދުން
ޓޫރިސްޓް ރިޒޯޓެއްގެ ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައެއް އެދި ހުށަހަޅަންވާނީ މިގަވާއިދުގެ ޖަދުވަލު VI ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކުގައެވެ.
(ހ) ސަރުކާރުން ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތަކީ ކުންފުންޏެއްނަމަ ލީސް ޓްރާންސްފަރ ކުރުމަށް ފާސްކޮށްފައިވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރެޒެލޮއުށަން؛
(ށ) ލީސް ޓްރާންސްފަރ ލިބިގަތުމަށް އެދޭ ފަރާތަކީ ކުންފުންޏެއްނަމަ ލީސް ޓްރާންސްފަރ ލިބިގަތުމަށް ފާސްކޮށްފައިވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރެޒޮލިއުށަން؛
(ނ) ލީސް ޓްރާންސްފަރ އެގްރީމަންޓްގެ ދެލިކޮޕީގެ ކޮޕީއެއް.
29 ވަނަ މާއްދާ - ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދަ ދިނުމުގެ ށަރުތު
ރަށެއް ނުވަތަ ބިމެއްގެ ލީސް ޓްރާންސްފަރ ކުރެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތަކުންކުރެ ފަރާތަކަށް ކަމުގައި ވާންވާނެއެވެ.
(ހ) އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން (ދެމީހެއްގެ ނަމުގައި ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ)
(ށ) ރާއްޖޭގައި ރަސްޓަރީކޮށްފައިވާ ކުންފުންޏަކަށްވުން.
(ނ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކަށްވުން.
(ރ) ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްނަމަ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރިޒޯޓު ހިންގުމަށްޓަކައި ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށްވުން.
30 ވަނަ މާއްދާ - ދަރަންޏެއް އޮތްތޯ ބެލުން
(ހ) ރަށެއް ނުވަތަ ބިމެއްގެ ލީސް ޓްރާންސްފަރ ކުރުމަށް ހުއްދަދެވޭނީ އެ ރަށެއް ނުވަތަ އެ ބިމަކާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް ވޭތޯ ބެލުމަށް މިނިސްޓްރީގެ ފަރާތުން އާއްމުކޮށް އިއުލާނުކުރުމަށްފަހު، އެފަދަ މައްސަލައެއް އޮތްނަމަ، އެ ރަށުގެ ނުވަތަ އެ ބިމުގެ ލީސް ހޯލްޑަރުގެ ފަރާތުން އެ މައްސަލައެއް ހައްލުކުރުމުންނެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
(ށ) ލީސް ޓްރާންސްފަރކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ރަށަކާ ނުވަތަ ބިމަކާ ގުޅޭގޮތުން ލީސް ހޯލްޑަރު، ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ދައްކައި ހަލާސްކުރުމުގެ ކުރިން، ލީސް ޓްރާންސްފަރކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ރަށެއް ނުވަތަ ބިމެއް ލީސް ޓްރާންސްފަރކުރުމަށް ހުއްދައަށް އެދި ހުށަހަޅާއިރު، ލީސް ޓްރާންސްފަރކުރުމާބެހޭ އެއްބަސްވުމުގައި، އެ ރަށުގެ ނުވަތަ އެ ބިމުގެ ލީސް ޓްރާންސްފަރކުރެވޭ ދުވަހާ ހަމަޔަށް، އެ ރަށަކާ ނުވަތަ އެ ބިމަކާ ގުޅޭގޮތުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއާއި، އެ ރަށަކާ ނުވަތަ އެ ބިމަކާ ގުޅޭގޮތުން ހުރި އެންމެހައި ދަރަނިތަކަށް ޒިންމާވާނެކަމާއި، އެ ރަށަކާ ނުވަތަ އެ ބިމަކާ ގުޅޭގޮތުން ހުރި އެހެނިހެން އެންމެހައި މައްސަލަތަކަށް ޒިންމާވުމަށާއި، އެ މައްސަލަތައް ހައްލުކުރާނެކަމުގެ ޔަގީންކަންދީ، އެކަމުގެ ޒިންމާ ނަގާނެކަމަށް ލީސް ޓްރާންސްފަރ ލިބިގަތުމަށް އެދޭ ފަރާތުން އެއްބަސްވެ އެކަމަށް ޔަގީން ކަށަވަރުކަން ދީފައިވާނަމަ، އެ ރަށުގެ ނުވަތަ އެ ބިމުގެ ލީސް ޓްރާންސްފަރކުރުމުގައި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާގޮތަށް އަމަލުކުރުމުން އިސްތިސްނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
(ރ) ބިން ނުވަތަ ރަށް މޯގޭޖުކޮށް ރަޖިސްޓަރީކޮށްފައި އޮތްނަމަ މޯގޭޖުގެ ވެރިފަރާތުގެ ހުއްދަ ލިބިގެން މެނުވީ ލީސް ޓްރާންސްފަރ ކުރުމަކަށް ހުއްދައެއް ނުދެވޭނެއެވެ. (އިތުރު ކުރެވިފައި)
31 ވަނަ މާއްދާ - ލީސް ޓްރާންސްފަރ ކުރުމަށް އެދި ހުށަހަޅާ އެޕްލިކޭށަނުގެ މުއްދަތު (އިސްލާހު ކުރެވިފައި)
ލީލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ރަށެއް ނުވަތަ ބިމަކާ ގުޅޭ ގޮތުން މިނިސްޓްރީއިންކުރާ އިއުލާނާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ހައްލުކޮށް އެކަން މިނިސްޓްރީއަށް އެންގުމަށް 14 ދުވަހުގެ މުއްދަތެއް ރަށްކުއްޔަށްހިފާފައިވާ ފަރާތަށް ދެވޭނެއެވެ. އަދ މި މުއްދަތުގެ ތެރޭގައި މައްސަލަތައް ހައްލުކޮށް އެކަން މިނިސްޓްރީއަށް ހުށަހަޅާފައި ނުވާނަމަ މިގަވާއިދުގެ ދަށުން ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ އެޕްލިކޭށަން ބާތިލްވާނެއެވެ. ނަމަވެސް، ހުށަހެޅޭ މައްސަލައެއް ނުވަތަ މައްސަލަތަކަކީ ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތުން ހައްލުކުރަންޖެހޭ މައްސަލައެއް ނޫންކަމަށް އެފަރާތުން ދެކޭނަމަ އެކަން ބުނެވިދިޔަ 14 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގާފައިވާނަމަ މިގަވާއިދުގެ ދަށުން ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ އެޕްލިކޭށަން ބާތިލު ނުވާނެއެވެ. އަދި ރަށްކުއްޔަށްހިފާފައިވާ ފަރާތުން ހައްލުކުރަންނުޖެހޭކަމަށް އެފަރާތުން ދެކޭ މައްސަލަތައް ހައްލުކުރުމަށް ނުވަތަ ލީސްޓްރާންސްފަރކުރުން ކުރިއަށް ގެންދިއުމަށް ނުވަތަ ލީސްޓްރާންސްފަރކުރުން ހުއްޓުވުމަށް ކޯޓުން އަމުރެއް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް، ރަށްކުއްޔަށްހިފާފައިވާ ފަރާތަށާއި އެފަދަ މައްސަލައެއް ހުށަހެޅިފަރާތަށް މިނިސްޓްރީން ދެވޭނެއެވެ.
32 ވަނަ މާއްދާ - މައްސަލަތައް ނިމިފައިނުވުން
މިގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ހައްލުނުކުރެވިއްޖެނަމަ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުން ލީސް ޓްރާންސްފަރކުރުން ހުއްޓުވުމަށް އަންގާފައިއޮތް ކޯޓު އަމުރެއް 30 ދުވަހުގެ ތެރޭގައި ހުށަހަޅާފައިނުވާނަމަ ލީސް ޓްރާންސްފަރ ކުރުމުގެ ކަންތައްތައް މިނިސްޓްރީން ކުރިއަށް ގެންދެވޭނެއެވެ.
33 ވަނަ މާއްދާ - ޓްރާންސްފަރ ކުރުމުގެ ކަންތައް ނުނިމުން
ލީސް ޓްރާންފަރ ކުރުމުގެ ހުއްދަ މިނިސްޓްރީން ދޫކުރާތާ 30 ދުވަހުގެ ތެރޭގައި ލީސް ޓްރާންސްފަރކުރުން ނިންމާފައި ނުވާނަމަ ލީސް ޓްރާންސްފަރކުރުމަށް ހުށަހަޅާފައިވާ އެޕްލިކޭށަން ބާތިލުވާނެއެވެ. އަދި އެ ރަށް ދެން ލީސް ޓްރާންސްފަރކުރެވޭނީ އާ އެޕްލިކޭށަނެއް ހުށަހެޅުމަށްފަހު މި ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިންނެވެ.
34 ވަނަ މާއްދާ - ލީސް ޓްރާންސްފަރ ފީ (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
(ހ) ލީސް ޓްރާންސްފަރ ކުރުމަށް އެދޭ ފަރާތުން ލީސް ޓްރާންސްފަރ ފީގެ ގޮތުގައި 50،000 (ފަންސާސް ހާސް) އެމެރިކާ ޑޮލަރު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ދައްކަންޖެހޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށް ދެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅު ތަރައްގީކޮށް ނިމުމުގެ ކުރިން، އެ ރަށް ނުވަތަ އެ ބިން ނުވަތަ އެ ފަޅާ ގުޅޭ ހައްގުތައް އެއްވެސް ފަރާތަކަށް ބަދަލުކުރާނަމަ، ނުވަތަ އެއްވެސް ފަރާތަކަށް ވިއްކައިލާނަމަ، އެ ހައްގުތައް ބަދަލުކުރުމުގެ ފީއަކީ 10،000 (ދިހަ ހާސް) އެމެރިކާ ޑޮލަރެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅަކާ ގުޅޭ ހައްގުތައް މޯގޭޖްކޮށްގެން ނަގައިފައިވާ ލޯނެއް ނުދެއްކުމުގެ ސަބަބުން ބޭންކުން އެ ރަށެއް، ނުވަތަ އެ ބިމެއް، ނުވަތަ އެ ފަޅަކާ ގުޅޭ ހައްގުތައް ވިއްކައިލާނަމަ،ލީސް ޓްރާންސްފަރ ކުރުމަށް ދައްކަންޖެހޭ ފީ ދެއްކުމުން އިސްތިސްނާވާނެއެވެ.
މެނޭޖްމަންޓް އެގްރީމަންޓްކުރުން
35 ވަނަ މާއްދާ - މެނޭޖްމަންޓް ހަވާލުކުރުން
ޓޫރިސްޓް ރިޒޯޓެއް ކުއްޔަށްދީފައިވާ ފަރާތުން ނުވަތަ ސަބްލީސް ކޮށްފައިވާ ފަރާތުން ރިޒޯޓް ހިންގުމަށްޓަކައި އެހެން ފަަރާތަކަށް މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުން ހަވާލުކުރެވިދާނެއެވެ.
36 ވަނަ މާއްދާ - މެނޭޖްމަންޓް ހަވާލުކުރުމަށް ނަގަންޖެހޭ ހުއްދަ
(ހ) މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއްގެ ހިންގުން، އެއްވެސް ފަރާތަކާ ހަވާލުކުރަންވާނީ އެކަމަށްޓަކައި މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ.
(ށ) މެނޭޖްމަންޓް އެގްރީމަންޓް ކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅާފަރާތުން ރަށާ ނުވަތަ ބިމާ ނުވަތަ ރިޒޯޓާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ދައްކާ ހަލާސްކުރުމުގެ ކުރިން މެނުވީ އެފަރާތުން ކުއްޔަށްހިފާފައިވާ ރިޒޯޓަކާގުޅޭ ގޮތުން މެނޭޖްމަންޓް އެގްރީމަންޓް ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. (އިތުރު ކުރެވިފައި)
37 ވަނަ މާއްދާ - މެނޭޖްމަންޓް ހަވާލުކުރުމުގެ ހުއްދައަށް އެދުން
މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއް މެނޭޖްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާންވާނީ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކުގައެވެ.
(ހ) ސަރުކާރުން ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތަކީ ކުންފުންޏެއްނަމަ، ރިޒޯޓް މެނޭޖްކުރުމަށް އެހެންފަރާތަކާ ހަވާލުކުރުމަށް ފާސްކޮށްފައިވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރެޒޮލިއުށަން؛
(ށ) ރިޒޯޓް މެނޭޖްކުރުމަށް އެދޭ ފަރާތަކީ ކުންފުންޏެއްނަމަ ރިޒޯޓް މެނޭޖްކުރުމަށް ފާސްކޮށްފައިވާ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރެޒޮލިއުށަން؛
(ނ) މެނޭޖްމަންޓް އެގްރީމަންޓްގެ ދެލިކޮޕީ.
38 ވަނަ މާއްދާ - މެނޭޖްކުރުމަށް ހަވާލުކުރެވޭނެ ފަރާތްތައް
ރިޒޯޓެއް، މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުން މެނޭޖްކުރުމަށް ހަވާލުކުރެވޭ ފަރާތަކީ ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތަކުންކުރެ ފަރާތަކަށް ވާންވާނެއެވެ.
(ހ) އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން (ދެމީހުންގެ ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ ނަމުގައި މެނޭޖްކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ)
(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށްވުން.
(ނ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކަށްވުން.
(ރ) ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްނަމަ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ރިޒޯޓު ހިންގުމަށްޓަކައި ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށްވުން.
39 ވަނަ މާއްދާ - މެނޭޖްމަންޓް އެގްރީމަންޓްގައި ހުންނަންޖެހޭ ށަރުތުތައް
(ހ) ސަރުކާރުން ރަށާ ނުވަތަ ބިން ކުއްޔަށްދީފައިވާ މުއްދަތަށްވުރެ، މެނޭޖްމަންޓް އެގްރީމަންޓުގެ މުއްދަތު ދިގުވެގެން ނުވާނެއެވެ. އަދި މެނޭޖްމަންޓް ހަވާލުކުރާނީ ރަށް ނުވަތަ ސަބްލީސްކޮށްފައިވާ ފަރާތުންނަމަ، ސަބްލީސް އެގްރީމަންޓުގެ މުއްދަތަށްވުރެ، މެނޭޖްމަންޓް އެގްރީމަންޓުގެ މުއްދަތު އިތުރުވެގެން ނުވާނެއެވެ.
(ށ) ރިޒޯޓް މެނޭޖްކުރުމަށް އައްޔަންކުރާ ފަރާތުން، ތިންވަނަ ފަރާތަކަށް ރިޒޯޓް މެނޭޖްކުރުމަށް ހަވާލުކުރުމުގެ އެއްވެސް ހައްގެއް އެގްރީމަންޓުގެ ދަށުން ލިބިދީފައި އޮވެގެން ނުވާނެއެވެ. ނަމަވެސް، މެނޭޖްމަންޓް އެގްރީމަންޓުގެ ދަށުން ހުއްދަ ކުރެވިފައިވާނަމަ، މެނޭޖްކުރާ ފަރާތަށް ލިބިފައިވާ އެންމެހައި ހައްގުތައް އެހެން ފަރާތަކަށް އެސައިން ކުރެވިދާނެއެވެ.
(ނ) މެނޭޖްކުރުމަށް ހަވާލުކުރެވޭ މުއްދަތާއި، މެނޭޖްމަންޓް ފީ އެގްރީމަންޓުގައި ބަޔާންކުރެވިފައި އޮންނަންވާނެއެވެ.
(ރ) މެނޭޖްމަންޓް އެގްރީމަންޓާއި ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓާ ދެމެދުގައި އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، ބަލާނީ ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓަށެވެ. އަދި ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓުގައިވާ މާއްދާއަކާ ހިލާފު އެއްވެސް މާއްދާއެއް މެނޭޖްމަންޓް އެގްރީމަންޓުގައި އޮތްނަމަ އެމާއްދާއެއް ބާތިލުވާނެކަމަށް ބުނާ މާއްދާއެއް މެނޭޖްމަންޓް އެގްރީމަންޓުގައި އޮންނަންވާނެއެވެ.
40 ވަނަ މާއްދާ - (އިތުރު ކުރެވިފައި) (ނޯޓް މި މާއްދާއަށް އަރިމަތީ ސުރުހީއެއް ދެވިފައި ނުވޭ)
މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގަވާއިދުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ މިނިސްޓްރީން ހޯދުމަކާނުލައި މެނޭޖްމަންޓް އެގްރިމެންޓެއްގައި ސޮއިކޮށްފައިވާނަމަ، އަންނަނިވި ށަރތުތަކުގެ މަތިން، އެ މެނޭޖްމަންޓް އެގްރީމަންޓް މި މިނިސްޓްރީގައި
ރަޖިސްޓަރީ ކުރެވިދާނެއެވެ.
(ހ) އެ މެނޭޖްމަންޓް އެގްރީމަންޓުގައި ސޮއިކުރި ތާރީހުން ފެށިގެން މި މިނިސްޓްރީގައި ރަޖިސްޓަރީކުރާ ތާރީހާ ހަމައަށް، އެ މެނޭޖްމަންޓް އެގްރިމެންޓާ ގުޅޭ ހުރިހާ ޒިންމާއެއް އުފުލުމަށް ވެވޭ އެއްބަސްވުމެއްގައި މި މިނިސްޓްރީއާއެކު ސޮއިކުރުން؛ އަދި
(ށ) ޖޫރިމަނާގެ ގޮތުގައި 4000 (ހަތަރު ހާސް) އެމެރިކާ ޑޮލަރު މިނިސްޓްރީން ކަނޑައަޅާ އިންތިޒާމެއްގެ ދަށުން ދައުލަތަށް ދެއްކުން؛ އަދި
(ނ) އެ މެނޭޖްމަންޓް އެގްރީމަންޓަކީ، މި ގަވާއިދުގެ 36، 37 އަދި 38 ވަނަ މާއްދާގައި ބަޔާނކޮށްފައިވާ ށަރުތުތަކާ އެއްގޮތްވާގޮތުގެ މަތިން ސޮއިކުރެވިފައިވާ އެގްރީމެންޓަކަށްވުން؛ ނުވަތަ
(ރ) އެ މެނޭޖްމަންޓް އެގްރީމަންޓަކީ، މި ގަވާއިދުގެ 36، 37 އަދި 38 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތެއް ފުރިހަމަނުކޮށް ސޮއިކޮށްފައިވާ އެގްރީމެންޓެއްނަމަ، މި މާއްދާގެ ދަށުން އެ މެނޭޖްމަންޓް އެގްރީމަންޓް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު، މި ބުނެވުނު ށަރުތުތައް ފުރިހަމަ ކުރެވިފައިވާ އެގްރީމެންޓަކަށްވުން.
މޯގޭޖްކުރުން
41 ވަނަ މާއްދާ - ރިޒޯޓް މޯގޭޖްކުރުން
ޓޫރިސްޓް ރިޒޯޓެއް ކުއްޔަށްހިފާފައިވާ ފަރާތުން، ނުވަތަ ސަބްލީސް ކޮށްފައިވާ ފަރާތުން، ނުވަތަ ރިޒޯޓުގެ ވަކި ކޮޓަރިއެއް ނުވަތަ ވަކި ވިލާއެއްގެ ލީސް މިލްކުވެފައިވާ ފަރާތުން، އެ ކޮޓަރި ނުވަތަ އެ ވިލާ ލީސްކުރުމަށް ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ރިޒޯޓާއި ނުވަތަ ރިޒޯޓުގެ ބަޔަކާގުޅިގެން އެފަރާތަކަށް ލިބިގެންވާ އެންމެހައި ހައްގުތައް މި ގަވާއިދުގައިވާ ގޮތުގެ މަތިން، ރަހުނު ނުވަތަ މޯގޭޖް ކުރެވިދާނެއެވެ.
42 ވަނަ މާއްދާ - މޯގޭޖްކުރުމަށް ނަގަންޖެހޭ ހުއްދަ
ޓޫރިސްޓް ރިޒޯޓެއް ކުއްޔަށްހިފާފައިވާ ފަރާތުން، ނުވަތަ ސަބްލީސް ކޮށްފައިވާ ފަރާތުން، ނުވަތަ ރިޒޯޓުގެ ވަކި ކޮޓަރިއެއް ނުވަތަ ވަކި ވިލާއެއްގެ ލީސް މިލްކުވެފައިވާ ފަރާތުން، ރިޒޯޓާއި ނުވަތަ ރިޒޯޓުގެ ބަޔަކާގުޅިގެން އެފަރާތަކަށް ލިބިގެންވާ އެންމެހައި ހައްގުތައް ރަހުނު ނުވަތަ މޯގޭޖްކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ރަހުނު ނުވަތަ މޯގޭޖްކުރުމުގެ ކުރިން އެކަމަށްޓަކައި ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ހޯދަންވާނެއެވެ. މި ހުއްދަ ހޯދުމަށްޓަކައި ހުސަހަޅާނީ މި ގަވާއިދުގެ ޖަދުވަލު V ގައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމުންނެވެ.
43 ވަނަ މާއްދާ - މޯގޭޖް ރަޖިސްޓަރީ ކުރުން
ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދީފައިވާ ރަށެއް ނުވަތަ ބިމެއް މޯގޭޖް ކޮށްފިނަމަ ޓޫރިޒަމާބެހޭ މިނިސްޓްރީގައި އެ މޯގޭޖެއް ރަޖިސްޓަރީ ކުރަންވާނެއެވެ. މިގަވާދުގެ ދަށުން ރަޖިސްޓަރީކޮށްދެވޭނީ ޓޫރިޒަމާބެހޭ މިނިސްޓްރީއިން ހުއްދަ ނަގައިގެން ކޮށްފައިވާ މޯގޭޖްތަކެވެ. މޯގޭޖް ރަޖިސްޓަރީ ކުރުމަށް މިގަވާއިދުގެ ޖަދުވަލު VI ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އެފޯމާއި، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު ހުށަހަޅަންވާނެއެވެ.
(ހ) ރިޒޯޓުގެ ރަޖިސްޓަރީ
(ށ) މޯގޭޖް އެގްރީމަންޓާއި ލޯނު އެގްރީމަންޓުގެ ކޮޕީ
(ނ) ރަހުނު ނުވަތަ މޯގޭޖްކުރަނީ، ކުރިން މޯގޭޖްކޮށްފައިވާ ބޭންކް ނުވަތަ މާލީ އިދާރާ ފިޔަވައި އެހެން ބޭންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ކަމަށްވާނަމަ، ކުރިން މޯގޭޖްކޮށްފައިވާ ފަރާތުން އެކަމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
44 ވަނަ މާއްދާ - މޯގޭޖް ރަޖިސްޓަރީ ކުރުމުގެ ފީ
މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވޭ ކޮންމެ މޯގޭޖެއް ރަޖިސްޓަރީކުރުމަށްޓަކައި، މޯގޭޖް ރަޖިސްޓަރީކުރުމުގެ ފީގެ ގޮތުގައި 10،000 (ދިހަހާސް) ރުފިޔާ ދައްކަންވާނެއެވެ.
އެއް ފަޅެއްގައި ހިމެނޭ ދެ ރަށް ވަކި ރަށްތަކެއްގެ ގޮތުގައި ހިންގުން (ބާބު އިތުރު ކުރެވިފައި)
44-1 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ރަށްތައް ވަކިވަކިން ހިންގުން (އިތުރު ކުރެވިފައި)
(ހ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އެއް ފަޅެއްގައި އެއް ރަށަށްވުރެ ގިނަ ރަށްތައް އުފެދިފައިވާނަމަ، ނުވަތަ ހިއްކައިފައިވާނަމަ، އެ ރަށްތައް ވަކިވަކިން ސަބްލީޒްކުރުމާއި ރަށްތައް ވަކިވަކިން ހިންގުމަށް މެނޭޖްމަންޓް އެގްރީމަންޓް ހެދުމުގެ ހައްގު، އެ ސަރަހައްދެއް ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ވަކިވަކި ރަށްތައް ސަބްލީޒްކުރުމުގައްޔާއި، ރަށްތައް ވަކިވަކިން ހިންގުމަށް މެނޭޖްމަންޓް އެގްރީމަންޓް ހަދަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) ވަކިވަކި ރަށްތައް ސަބްލީޒްކުރުމުގައްޔާއި، ރަށްތައް ވަކިވަކިން ހިންގުމަށް މެނޭޖްމަންޓް އެގްރީމަންޓް ހެދުމުގެ ކުރިން، މި ގަވާއިދުގެ 4-44 ވަނަ މާއްދާގައިވާ ގޮތަށް އެއް ފަޅެއްގައި ހިމެނޭ ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައަޅައި، އެ ރަށްތަކުގެ ފަޅުގެ ސަރަހައްދު، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
44-2 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ރަށްތަކަށް ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުން (އިތުރު ކުރެވިފައި)
(ހ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އެއް ފަޅެއްގައި އެއް ރަށަށްވުރެ ގިނަ ރަށްތައް އުފެދިފައިވާނަމަ، ނުވަތަ ހިއްކައިފައިވާނަމަ، އެ ރަށްތަކަށް ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލެވިދާނެއެވެ.
(ށ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ރަށްތަކާ ގުޅިގެން ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، މި ގަވާއިދުގެ 3-44 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވާނަމަ، ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލާނީ ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.
(ނ) ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ރަށްތަކާ ގުޅިގެން ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެދި ހުށަހަޅަންވާނީ، އެކަމަށް މިނިސްޓްރީން ކަނޑައަޅައި ށާއިއުކުރާ ފޯމުންނެވެ. އެ ފޯމާއެކު، އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ސަރަހައްދު ކުއްޔަށް ހިފައިފައިވާ ފަރާތަކީ ކުންފުންޏެއް ނަމަ، އެ ސަރަހައްދުގައިވާ ރަށްތަކާ ގުޅޭގޮތުން ވަކިވަކި ކުލީގެއެއްބަސްވުން އެކުލަވައިލުމަށް ހުށަހެޅުމަށް ނިންމިކަމުގެ ބޯޑް ރެޒޮލިއުށަން.
- ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދާއި ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައަޅައި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ލިބިފައިވާ ސަރވޭޔަރެއް ތައްޔާރުކޮށްފައިވާ ޗާޓު.
44-3 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ރަށްތަކަށް ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމުގައި ފުރިހަމަވާންޖެހޭ ށަރުތުތައް (އިތުރު ކުރެވިފައި)
(ހ) ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމަށް އެދޭ ރަށަކީ ނުވަތަ ރަށްތަކަކީ އެ ސަރަހައްދު ކުއްޔަށް ހިފައިފައިވާ ފަރާތުން ހިއްކައިފައިވާ ރަށްތަކެއްނަމަ، އެ ރަށްތައް ހިއްކައިފައިވަނީ ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމުގައި ވާންވާނެއެވެ.
(ށ) ސަރަހައްދު ކުއްޔަށް ހިފައިފައިވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާންވާނެއެވެ.
(ނ) ގަވާއިދު ނަންބަރު 2012-07 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓްބަނދަރު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަ ހައްދު ކަނޑައެޅުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން މުޅި ސަރަހައްދު ކަނޑައަޅައި، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ލިބިފައިވާ ސަރވޭޔަރަކު، ޗާޓެއް ތައްޔާރުކޮށްފައި ވާންވާނެއެވެ.
(ރ) މި ގަވާއިދުގެ 4-44 ވަނަ މާއްދާއާ އެއްގޮތަށް ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައަޅައި، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ލިބިފައިވާ ސަރވޭޔަރަކު، ޗާޓެއް ތައްޔާރުކޮށްފައި ވާންވާނެއެވެ.
(ބ) ވަކިވަކި ރަށްތައް ހިމެނޭ ސަރަހައްދަކީ ގާނޫނު ނަންބަރު 2020-35 (ގާނޫނު ނަންބަރު 1999-02 ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދަކަށް ވާންވާނެއެވެ.
(ޅ) ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމަށް އެދޭ ރަށްތަކުގެ ހޭޅިފަށުން ފެށިގެން ދެ ރަށުގެ ދެމެދުގައި މަދުވެގެން 200) ދުއިސައްތަ) މީޓަރުގެ ދުރުމިނެއް ހުންނަންވާނެއެވެ.
(ކ) ވަކިވަކި ރަށްތަކާ ގުޅިގެން ވަކިވަކި ކުލީގެ އެއްބަސްވުން އެކުލަވައިލުމުގެ ފީއެއްގެ ގޮތުގައި ކޮންމެ ރަށަކަށް 500،000 (ފަސްލައްކަ) އެމެރިކާ ޑޮލަރުގެ ފީއެއް، އެ ސަރަހައްދު ކުއްޔަށް ހިފައިފައިވާ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެއްފަހަރާ ދައްކައި ހަލާސްކޮށްފައި ވާންވާނެއެވެ.
(އ) ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދު، މާލީ އިދާރާއެއްގައި ރަހުނުކޮށްފައިވާނަމަ، އެ ސަރަހައްދުން ބައެއް ވަކިކޮށް، ކުލީގެ ވަކި އެއްބަސްވުމެއް އެކުލަވައިލުމާމެދު އެ މާލީ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
44-4 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައިއުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުން (އިތުރު ކުރެވިފައި)
(ހ) ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައަޅަންވާނީ، އެ ރަށްތަކުގެ ފަޅުގެ ސަރަހައްދު، ގަވާއިދު ނަންބަރު 2012-07 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓްބަނދަރު ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައެޅޭ މުޅި ސަރަހައްދުގެ ބައުންޑަރީއަށްވުރެ އިތުރުނުވާ ގޮތަށެވެ.
(ށ) ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި މަދުވެގެން 100 (އެއްސަތޭކަ) މީޓަރުގެ ސަރަހައްދެއް ކަނޑައަޅަންވާނެއެވެ.
(ނ) ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމުގައި އެ ރަށްތަކަށް ފަސޭފައިން ލަފައި ފުރައި ހެދުމުގެ އިންތިޒާމު ހަމަޖެހޭނެ ފަދަ ގޮތަކަށް ފަޅުގެ ސަރަހައްދު ކަނޑައަޅަންވާނެއެވެ.
(ރ) ވަކިވަކި ދެ ރަށުގެ ފަޅުގެ ސަރަހައްދުތައް ވަކިވާ ހިސާބުން ފެށިގެން ކޮންމެ ރަށެއްގެ ފަޅުން މަދުވެގެން 100 (އެއްސަތޭކަ) މީޓަރު، އިމާރާތް ނުކުރެވޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފުނުވާނެ ފަދަ ގޮތަކަށް ވަކިވަކި ރަށްތަކުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމުގެ އިހްތިޔާރު، މުޅި ސަރަހައްދު ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިބިގެންވެއެވެ.
44-5 ވަނަ މާއްދާ - ވަކިވަކި ރަށްތަކާ ގުޅޭ ކުލީގެ އެއްބަސްވުން އެކުލަ ވައިލުމުގެ އުސޫލުތައް (އިތުރު ކުރެވިފައި)
(ހ) ވަކިވަކި ރަށްތަކާ ގުޅިގެން ކުލީގެ ވަކިވަކި އެއްބަސްވުން އެކުލަވައިލަންވާނީ، އެ ސަރަހައްދެއް ކުއްޔަށް ދިނުމަށް ހަދައިފައިވާ އެއްބަސްވުމުގައި ކަނޑައަޅައިފައިވާ ހައްގުތަކާއި އިލްތިޒާމުތަކަށް ބަދަލެއް ނާންނާނެ ގޮތަށެވެ.
(ށ) ވަކިވަކި ރަށްތަކާ ގުޅޭ ގޮތުން އެކުލަވައިލާ ކުލީގެ ވަކިވަކި އެއްބަސްވުންތަކުގެ މުއްދަތު ހިނގަން ފަށާ ތާރީހު ކަމުގައި ވާނީ، އެ ސަރަހައްދެއް ކުއްޔަށް ދިނުމަށް ވެފައިވާ ފުރަތަމައެއްބަސްވުމުގެ މުއްދަތު ހިނގަން ފަށާ ތާރީހު ކަމުގައިވާ ތާރީހެވެ.
(ނ) ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދީފައިވާ ސަރަހައްދެއް ކުއްޔަށް ދިނުމަށް ވެފައިވާ ފުރަތަމަ އެއްބަސްވުމުގެ ދަށުން ދީފައިވާ ކޮންސްޓްރަކްށަން މުއްދަތު ހިނގަމުންދާނަމަ، މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ އެއްބަސްވުންތަކުގެ ކޮންސްޓްރަކްށަން މުއްދަތަކީ ވެސް ކުއްޔަށް ދިނުމަށް ވެފައިވާ ފުރަތަމަ އެއްބަސްވުމުގެ ދަށުން ދީފައިވަ މުއްދަތެވެ.
(ރ) އެ ރަށަކާ ގުޅޭގޮތުން ކުލީގެ ވަކި އެއްބަސްވުމެއް އެކުލަވައިލާ ރަށެއް އިމާރާތްކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުން އިމާރާތްކުރުމުގެ މުއްދަތު އިތުރުކުރެވޭނީ އަދި އެ ރަށަކާ ގުޅިގެން ދައްކަންޖެހޭ ކުލި ފަސްކޮށްދެވޭނީ، ގަވާއިދު ނަންބަރު 2019-1041 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީންނެވެ.
45 ވަނަ މާޢްދާ - ޓޫރިސްޓް ހޮޓާތަކުގެ މައްޗަށް މިގަވާއިދު ހިނގުން
މި ގަވާއިދުގައި ޓޫރިސްޓު ރިޒޯޓުގަކުގެ މައްޗަށް އަމަލުރުމަށް ހުރި ހުރިހާ މާއްދާތަކެއް ޓޫރިސްޓު ހޮޓާތަކުގެ މައްޗަށްވެސް ހިނގާނެއެވެ.
46 ވަނަ މާއްދާ - "މިނިސްޓްރީ" ނުވަތަ "ޓޫރިޒަމާބެހޭ މިނިސްޓްރީ"
މި ގަވާއިދުގައި "މިނިސްޓްރީ" ނުވަތަ "ޓޫރިޒަމާބެހޭ މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގައި ބަޔާންކުރާ އެންމެހައި ކަންތައްތައް ތަންފީޒުކުރުމަށް އެއިރަކު ހަވާލުވެފައިވާ މިނިސްޓްރީއަކަށެވެ.
47 ވަނަ މާއްދާ - މިގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
ޖަދުވަލު 1
ކުންފުނީގެ ހިއްސާ ބަދަލުކުރުމުގެ ހުއްދައަށް އެދޭ ފޯމު
ޖަދުވަލު 2
ޓޫރިސްޓް/ހޮޓާ ސަބްލީޒްކުރުމުގެ ހުއްދައަށް އެދޭ ފޯމު
ޖަދުވަލު 3
ޓޫރިސްޓް/ހޮޓަލުގައި ހުންނަ ކޮޓަރި ސްޓްރާޓާ އުސޫލުން ލީސްކުރުމުގެ ހުއްދައަށް އެދޭ ފޯމު
ޖަދުވަލު 4
ލީޒް ޓްރާސްފަރ ފޯމް
ޖަދުވަލު 5
ޓޫރިސްޓް ރިސޯޓް މޮގޭޖް އެޕްރޫވަލް ފޯމް
ޖަދުވަލު 6
ޓޫރިސްޓް ރިސޯޓް މޮގޭޖް ރަޖިސްޓްރޭށަން ފޯމް
މައި ގަވާއިދު
ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010-14)
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު