-

ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 14/2010) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 86/2017)
 

ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 14/2010) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން. 

ހިއްސާ ބަދަލުކުރުމުގެ ފީ 7.

(ހ) ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށް ދެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅު ތަރައްގީކޮށް ނިމުމުގެ ކުރިން، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްހިފާފައިވާ ފަރާތަކީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްނަމަ، އެފަރާތެއްގެ ހިއްސާ ބަދަލުކުރެވޭނީ، ހިއްސާ ބަދަލުކުރުމާއި ހުއްދަދިނުމުގެ ހިދުމަތް ދިނުމަށްޓަކައި، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އިންތިޒާމެއްގެ ދަށުން، ކުއްޔަށް ހިފާފައިވާ ފަރާތުން ދައުލަތަށް 100،000 (އެއްލައްކަ އެމެރިކާ ޑޮލަރު) އެކީ އެއްފަހަރާ ދެއްކުމަށްފަހުގައެވެ.

(ށ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްހިފާފައިވާ ފަރާތަކީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްނަމަ، އެ ކުންފުނި ނުވަތަ ޕާޓްނަރށިޕަށް ހިއްސާ އިތުރުކޮށް އެއިން ހިއްސާއެއް ނުވަތަ ހިއްސާތަކެއް އެ ކުންފުނި ނުވަތަ ޕާޓްނަރށިޕްގައި ހިމެނޭ ހިއްސާދާރަކަށް ކަނޑައަޅާނަމަ ނުވަތަ އެ ކުންފުނި ނުވަތަ ޕާޓްނަރށިޕްގެ ހިއްސާދާރުންގެ ހިއްސާއެއް ނުވަތަ ހިއްސާތަކެއް އެއްފަރާތުން އަނެއް ފަރާތަށް ބަދަލުކުރާނަމަ، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްހިފާފައިވާ ފަރާތް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފީ ދެއްކުމުން އިސްތިސްނާވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

11(ބ). މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށް ފަޅެއް ކުއްޔަށްދޫކޮށް، އެ ފަޅުގައި ވަކިވަކި ރަށްތަކެއް ހިއްކާނަމަ، އަދި އެ ރަށްތައް ވަކިވަކިން ސަބްލީސް ކުރެވިދާނެކަމަށް އެ ފަޅު  ކުއްޔަށްދިނުމުގެ ލީސް އެގްރީމަންޓުގައި ބަޔާންކޮށްފައިވާނަމަ، އެފަދައިން ވަކިވަކިން އެ ރަށްތައް ސަބްލީސް ކުރެވިދާނެއެވެ. އަދި ސަބްލީސްކުރާ ފަރާތުން އެ ރަށްތައް ތިންވަނަ ފަރާތަކަށް ކުއްޔަށްދެވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސަބްލީސްކުރާ ފަރާތުން އެ ރަށްތައް ތިންވަނަ ފަރާތަކަށް ކުއްޔަށްދޭނަމަ، އެ ތިންވަނަ ފަރާތާއެކު ކުރާ އެގްރީމަންޓާއި، އެ ފަޅު ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓާއި ދެމެދު އެއްވެސް ހިލާފެއް އުފެދިއްޖެނަމަ ބަލަންވާނީ އެ ފަޅު ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެގްރީމަންޓުގައިވާ މާއްދާތަކަށެވެ. އަދި ސަރުކާރުން ކޮށްފައިވާ އެގްރީމަންޓުގައިވާ މާއްދާއަކާއި ހިލާފު މާއްާދއެއް ސަބްލީސްކޮށްފައިވާ ފަރާތުން ތިންވަނަ ފަރާތާއެކު ސޮއިކުރާ އެގްރީމަންޓުގައި އޮތްނަމަ އެ މާއްދާއެއް ބާތިލުވާނެކަމަށް ބުނާ މާއްދާއެއް ތިންވަނަ ފަރާތާއެކު ސޮއިކުރާ އެގްރީމަންޓުގައި އޮންނަންވާނެއެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލީސް ޓްރާންސްފަރ ފީ 33.

ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށް ދެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅުތަރައްގީކޮށް ނިމުމުގެ ކުރިން، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅާގުޅޭ ހައްގުތައް އެއްވެސް ފަރާތަކަށް ބަދަލުކުރެވޭނީ ނުވަތަ އެއްވެސް ފަރާތަކަށް ވިއްކާލެވޭނީ، ހައްގުތައް ބަދަލުކުރުމާއި ހުއްދަ ދިނުމުގެ ހިދުމަތް ދިނުމަށްޓަކައި، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އިންތިޒާމެއްގެ ދަށުން، ކުއްޔަށް ހިފާފައިވާ ފަރާތުން ދައުލަތަށް 100،000 (އެއްލައްކަ އެމެރިކާ ޑޮލަރު) އެކީ އެއްފަހަރާ ދެއްކުމަށްފަހުގައެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާއާ ގުޅިގެން، އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 14/2010)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު