-

ޓޫރިސްޓް ރިސޯޓު ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 43/2017)

 

ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 14/2010) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

29)(ހ). ރަށެއް ނުވަތަ ބިމެއްގެ ލީސް ޓްރާންސްފަރ ކުރުމަށް ހުއްދަދެވޭނީ އެ ރަށެއް ނުވަތަ އެ ބިމަކާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް ވޭތޯ ބެލުމަށް މިނިސްޓްރީގެ ފަރާތުން އާއްމުކޮށް އިއުލާނުކުރުމަށްފަހު، އެފަދަ މައްސަލައެއް އޮތްނަމަ، އެ ރަށުގެ ނުވަތަ އެ ބިމުގެ ލީސް ހޯލްޑަރުގެ ފަރާތުން އެ މައްސަލައެއް ހައްލުކުރުމުންނެވެ. 

 

2 ވަނަ މާއްދާ - ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ލީސް ޓްރާންސްފަރކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ރަށަކާ ނުވަތަ ބިމަކާ ގުޅޭގޮތުން ލީސް ހޯލްޑަރު، ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ދައްކައި ހަލާސްކުރުމުގެ ކުރިން، ލީސް ޓްރާންސްފަރކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. 

 

3 ވަނަ މާއްދާ - ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) އަދި (ރ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރުތައް އިތުރުކުރުން. 

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ރަށެއް ނުވަތަ ބިމެއް ލީސް ޓްރާންސްފަރކުރުމަށް ހުއްދައަށް އެދި ހުށަހަޅާއިރު، ލީސް ޓްރާންސްފަރކުރުމާބެހޭ އެއްބަސްވުމުގައި، އެ ރަށުގެ ނުވަތަ އެ ބިމުގެ ލީސް ޓްރާންސްފަރކުރެވޭ ދުވަހާ ހަމަޔަށް، އެ ރަށަކާ ނުވަތަ އެ ބިމަކާ ގުޅޭގޮތުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއާއި، އެ ރަށަކާ ނުވަތަ އެ ބިމަކާ ގުޅޭގޮތުން ހުރި އެންމެހައި ދަރަނިތަކަށް ޒިންމާވާނެކަމާއި، އެ ރަށަކާ ނުވަތަ އެ ބިމަކާ ގުޅޭގޮތުން ހުރި އެހެނިހެން އެންމެހައި މައްސަލަތަކަށް ޒިންމާވުމަށާއި، އެ މައްސަލަތައް ހައްލުކުރާނެކަމުގެ ޔަގީ ްނކަންދީ، އެކަމުގެ ޒިންމާ ނަގާނެކަމަށް ލީސް ޓްރާންސްފަރ ލިބިގަތުމަށް އެދޭ ފަރާތުން އެއްބަސްވެ އެކަމަށް ޔަގީން ކަށަވަރުކަން ދީފައިވާނަމަ، އެ ރަށުގެ ނުވަތަ އެ ބިމުގެ ލީސް ޓްރާންސްފަރކުރުމުގައި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާގޮތަށް އަމަލުކުރުމުން އިސްތިސްނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) ބިން ނުވަތަ ރަށް މޯގޭޖުކޮށް ރަޖިސްޓަރީކޮށްފައި އޮތްނަމަ މޯގޭޖުގެ ވެރިފަރާތުގެ ހުއްދަ ލިބިގެން މެނުވީ ލީސް ޓްރާންސްފަރ ކުރުމަކަށް ހުއްދައެއް ނުދެވޭނެއެވެ. 

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 14/2010)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-14) (1ވަނަ، 2ވަނަ، އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު