ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 14/2010) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2014-01-16)
ޓޫރިސްޓް ރިޒޯޓުތަކާއިގުޅޭ ހައްގުތައް ބަދަލު ކުރުމާއިބެހޭ ގަވާއިދު (14/2010) އަށް އަންނަނިވި އިސްލާހު ތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އެއީ އެގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އަދި 7 ވަނަ މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ސަބްލީސް ކުރުމުގެ ހުއްދަ އަށް އެދި ހުށަހޅާ ފަރާތުން ރަށާ ނުވަތަ ބިމާ ނުވަތަ ރިޒޯޓާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ދައްކާ ހަލާސްކުރުމުގެ ކުރިން މެނުވީ އެފަރާތަށް ސަބްލީސް ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އެއީ އެގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އަދި 17 މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ސްޓްރާޓާ އުސޫލުން ލީސް ކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅާ ރަށް ކުއްޔަށްހިފާފައިވާ ފަރާތުން، ރަށާ ނުވަތަ ބިމާ ނުވަތަ ރިޒޯޓާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ދައްކާ ހަލާސްކުރުމުގެ ކުރިން މެނުވީ ސްޓްރާޓާ އުސޫލުން ލީޒް ކުރުމުގެ ހުއްދައެއް އެފަރާތަށް ނުދެވޭނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަށެއް ނުވަތަ ބިމެއް ލީސް ޓްރާންސްފާރ ކުރުމަށް ހުއްދަ ދެވޭނީ، އެރަށެއް ނުވަތަ އެބިމަކާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއްވޭތޯ ބެލުމަށް މިނިސްޓްރީގެ ފަރާތުން އާންމުކޮށް އިއުލާންކުރުމަށްފަހު، އެފަދަ މައްސަލައެއް އޮތްނަމަ ރަށުގެ ނުވަތަ ބިމުގެ ލީސްހޯލްޑަރު އެމައްސަލައެއް ނިންމުމުންނެވެ. ނަމަވެސް، ރަށް ނުވަތ ބިން ކުއްޔަށްދިނުމާބެހޭ އެގްރީމަންޓުގައ ސޮއިކުރާ ދުވަހު، ރަށް ނުވަތަ ބިން ލީސްޓްރާންސްފަރ ކުރާނަމަ، އާންމުކޮށް އިއުލާނުކުރުމެއްނެތި ލީސްޓްރާންސްފަރކުރުމަށް މިމާއްދާ ހުރަހެއް ނައަޅައެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ރަށެއް ނުވަތަ ބިމަކާ ގުޅޭ ގޮތުން މިނިސްޓްރީއިންކުރާ އިއުލާނާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ހައްލުކޮށް އެކަން މިނިސްޓްރީއަށް އެންގުމަށް 14 ދުވަހުގެ މުއްދަތެއް ރަށްކުއްޔަށްހިފާފައިވާ ފަރާތަށް ދެވޭނެއެވެ. އަދ މި މުއްދަތުގެ ތެރޭގައި މައްސަލަތައް ހައްލުކޮށް އެކަން މިނިސްޓްރީއަށް ހުށަހަޅާފައި ނުވާނަމަ މިގަވާއިދުގެ ދަށުން ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ އެޕްލިކޭށަން ބާތިލްވާނެއެވެ. ނަމަވެސް، ހުށަހެޅޭ މައްސަލައެއް ނުވަތަ މައްސަލަތަކަކީ ރަށް ނުވަތަ ބިން ކުއްޔަށްހިފާފައިވާ ފަރާތުން ހައްލުކުރަންޖެހޭ މައްސަލައެއް ނޫންކަމަށް އެފަރާތުން ދެކޭނަމަ އެކަން ބުނެވިދިޔަ 14 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގާފައިވާނަމަ މިގަވާއިދުގެ ދަށުން ލީސް ޓްރާންސްފަރ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ އެޕްލިކޭށަން ބާތިލު ނުވާނެއެވެ. އަދި ރަށްކުއްޔަށްހިފާފައިވާ ފަރާތުން ހައްލުކުރަންނުޖެހޭކަމަށް އެފަރާތުން ދެކޭ މައްސަލަތައް ހައްލުކުރުމަށް ނުވަތަ ލީސްޓްރާންސްފަރކުރުން ކުރިއަށް ގެންދިއުމަށް ނުވަތަ ލީސްޓްރާންސްފަރކުރުން ހުއްޓުވުމަށް ކޯޓުން އަމުރެއް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް، ރަށްކުއްޔަށްހިފާފައިވާ ފަރާތަށާއި އެފަދަ މައްސަލައެއް ހުށަހެޅިފަރާތަށް މިނިސްޓްރީން ދެވޭނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަގަވާއިދުގެ 35 ވަނަ މާއްދާ އެއީ އެގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އަދި 35 މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
މެނޭޖްމަންޓް އެގްރީމަންޓް ކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅާފަރާތުން ރަށާ ނުވަތަ ބިމާ ނުވަތަ ރިޒޯޓާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ދައްކާ ހަލާސްކުރުމުގެ ކުރިން މެނުވީ އެފަރާތުން ކުއްޔަށްހިފާފައިވާ ރިޒޯޓަކާގުޅޭ ގޮތުން މެނޭޖްމަންޓް އެގްރީމަންޓް ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.
6 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 16 ޖެނުއަރީ 2014 ގައެވެ.
މައި ގަވާއިދު
ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 14/2010)
ކިޔުންތެރިންގެ ހިޔާލު