-

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު

(ގަވާއިދު ނަންބަރު 2016-88)

(މި ގަވާޢިދުގެ 19 ވަނަ މާއްދާއިން ވަނީ "ބަންޑާރަ ގޯއްޗާއި އިމާރާތް ރަޖިސްޓްރީ ކުރުމާއިބެހޭ ގަވާއިދު" އުވާލެވިފައި)

 

1 ވަނަ ބާބު

ތައާރަފް

1 ވަނަ މާއްދާ - ތައާރަފު

(ހ) މިއީ ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗާއި، ތަރިކައިން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ގަނެގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބޭ ބަންޑާރަ ގޯއްޗާއި، އަމިއްލް ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދު ހަދާފައިވަނީ، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 13 ވަނަ މާއްދާއާއި 21 ވަނަ މާއްދާ އަދި 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެގާނޫނުގެ 41 ވަނަ މާއްދާގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ ބާބު (ނޯޓް: މި ސުރުހީ ދެފަހަރު ގެނެވިފައިވޭ)

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރުން

 

2 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުން

ދިރިއުޅުމަށް ދޫކުރާ ކޮންމެ ބަންޑާރަ ގޯއްޗަކާއި ގޯތީގައި ހަދާ އިމާރާތެއް މި ގަވާއިދުގައިވާ ގޮތުގެމަތިން، އަންނަނިވި ތަންތަނުގެ ތެރެއިން ތަނެއްގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ހ) ސިޓިއެއްގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައި ނުވަތަ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައި؛ ނުވަތަ

(ށ) ސިޓީއެއް ނޫންނަމަ އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާގައި ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައި.

 

3 ވަނަ މާއްދާ - ގޯތީގެ ވަގުތީ ރަޖިސްޓަރީ ދޫކުރުން.

(ހ) ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރާއިރު އެ ގޯއްޗެއް ދޫކުރާ ފަރާތަށް ވަގުތީ ރަޖިސްޓަރީއެއް ދޫކުރަންވާނެއެވެ. ވަގުތީ ރަޖިސްޓަރީ ދޫކުރާނީ، ސިޓީއެއްގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައި ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަކުންނެވެ. އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާގައި ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ވަގުތީ ރަޖިސްޓަރީގައި މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމުން މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން އެ ގޯއްޗަކަށް ދޫކުރާ ދާއިމީ ރަޖިސްޓަރީ ދޫކުރަންދެން ދޫކުރެވޭ ވަގުތީ ރަޖިސްޓަރީއެކެވެ. އެގޮތުން ދޫކުރާ ކޮންމެ ވަގުތީ ރަޖިސްޓަރީއެއްގައި އެ ރަޖިސްޓަރީއަކީ ވަގުތީ ރަޖިސްޓަރީއެއްކަން ބަޔާންކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ވަގުތީ ރަޖިސްޓަރީގައި ހިމަނަންޖެހޭ މައުލޫމާތު.

މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ދޫކުރާ ވަގުތީ ރަޖިސްޓަރީގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ގޯތި ދޫކުރެވުނު ފަރާތް؛

(ށ) ގޯތި ދޫކުރެވުނު ތާރީހު؛

(ނ) ގޯތި އޮތް ރަށާއި ތަން؛ އަދި

(ރ) ގޯތީގެ ބޮޑުމިން އެނގޭނެ ޗާޓެއް.

 

5 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް ހުށަހެޅުން.

(ހ) ދިރިއުޅުމަށް ގޯތިދޫކުރާ ތާރީހުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކޮށް،މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ގޯތީގެ ދާއިމީ ރަޖިސްޓަރީ ހެދުމަށް އެދި، ސިޓީއެއްގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް ގޯތީގެ ވެރިފަރާތުން ހުށަހަޅަންވާނެއެވެ. އަދި، ސިޓީއެއްނޫންނަމަ އެ ރަށެއްގެ ރަށުކައުންސިލުގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް ގޯތީގެ ވެރިފަރާތުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)ގެ ބޭނުމަށް، ގޯތި ދޫކުރި ތާރީހުކަމަށް ބަލާނީ، ގޯތި ލިބުނު ފަރާތަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ހަވާލުކުރާ ތާރީހެވެ.

 

6 ވަނަ މާއްދާ - ފުރިހަމަ ކުރަންޖެހޭ ކަންކަން.

މި ގަވާއިދުގެ 5 ވަމަ މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށް ހުށަހެޅޭ ގޯތީގެ ރަޖިސްޓަރީ ހަދައިދެވޭނީ އަންނަނިވި ކަންތައްތައް ފުރިހަމަވުމުންނެވެ.

(ހ) ގޯތީގައި އެހެން ފަރާތެއްގެ ނުވަތަ ދައުލަތުގެ ރުއްގަހާއި ނުއުފުލޭ މުދަލެއް ހުރިނަމަ އެ ތަކެއްޗަށް ބަދަލުދިނުން؛

(ށ) ގޯތި ދޫކުރާ އޮފީހުން ކަނޑައަޅާ ގޮތަކަށް ކަންމުޑި ރޭނުން؛

 

7 ވަނަ މާއްދާ - ހުށަހަޅަންޖެހޭ މައުލޫމާތު

(ހ) ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗާއި، ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރަން ހުށަހަޅާއިރު، އެކަމަށްއެދޭ ފޯމު ފުރިހަމަކޮށް، އެފޯމާއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  1. ގޯއްޗަށް ނަން ކިޔުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭނަމެއް؛
  2. ގޯތީގައި އެހެން ފަރާތެއްގެ ނުވަތަ ދައުލަތުގެ ރުއްގަހާއި ނުއުފުލޭ މުދަލެއް ހުރިނަމަ، އެ ތަކެއްޗަށް ބަދަލުދީފައިވާ ކަމުގެ ލިޔުން؛
  3. ގޯތީގެ ވަގުތީ ރަޖިސްޓަރީ؛
  4. ގާނޫނުނަންބަރު 1970-04 (އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު) ގެ ދަށުން ގޯތީގެ ރަޖިސްޓަރީގައި ޖަހަންޖެހޭ ރެވެނިއު ސްޓޭމްޕާއި، ރަޖިސްޓަރީހެއްދުމަށް މިގަވާއިދުގައިވާ ގޮތުގެމަތިން ދައްކަންޖެހޭ ފީއާއި، ޖޫރިމަނާއެއްވާނަމަ ޖޫރިމަނާ ފައިސާ ދެއްކިކަމުގެ ލިޔުން؛
  5. ރަޖިސްޓަރީ ހެއްދުމާގުޅޭ ގޮތުންނާއި، ރަޖިސްޓަރީއަށް ބަދަލު ގެނައުމާއި، ރަޖިސްޓަރީއާ ގުޅުންހުރި މުއާމަލާތްތައް ކުރުމަށްޓަކައި ލިޔެކިއުން ފޮނުވާނެ އެޑްރެސް؛

(ށ) މި މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ހުށަހަޅާފައިވާ އެޑްރެސް ބަދަލުވެއްޖެނަމަ ލަސްވެގެން 7 ދުވަހުގެ ތެރޭގައި އެކަން ސިޓީއެއްގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ނުވަތަ އެސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައިބަލަހައްޓަމުން އަންނަ އިދާރާއަށް، ސިޓީއެއްނޫންނަމަ އެރަށެއްގެރަށު ކައުންސިލްގެ އިދާރާއަށް ނުވަތަ އެރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެމަތިން ހުށަހަޅާފައިވާ އެޑްރެހަށް ލިޔެކިޔުން ފޮނުވުމުން ރަޖިސްޓަރީއާ ގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް އެންގުނީކަމަށް ބެލެވޭނެއެވެ.

 

8 ވަނަ މާއްދާރަޖިސްޓަރީ ދޫކުރުން

(ހ) މިގަވާއިދުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައިވާ ކަންތައްތައް ފުރިހަމަވުމުން ގޯތި ރަޖިސްޓަރީކޮށްދީ، ރަޖިސްޓަރީ ހެދުމަށް ހުށަހެޅި ފަރާތަށް ގޯތީގެ ރަޖިސްޓަރީގެ އަސްލު ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ރަޖިސްޓަރީގެ ކޮޕީއެއް، އެކޮޕީގައި އަސްލާއެއްގޮތް ކޮޕީއެއްކަން އަންގައިދޭ ތައްގަނޑު ޖަހައި ސިޓީއެއްގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައި ނުވަތަ އެސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައި، ސިޓީއެއްނޫންނަމަ އެރަށެއްގެރަށު ކައުންސިލްގެ އިދާރާގައި ނުވަތަ އެރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައި ބާއްވަންވާނެއެވެ.

 

9 ވަނަ މާއްދާއިމާރާތް ރަޖިސްޓަރީކުރުން

(ހ) ގޯތި ދޫކުރާތާ 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެވޭ ފެންވަރަށް އިމާރާތްކުރުމަށްފަހު، އިމާރާތް ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ގޯތި ދޫކުރި ތާރީހުކަމަށް ބަލާނީ، ގޯތި ލިބުނު ފަރާތަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ހަވާލުކުރާ ތާރީހެވެ.

(ނ) މި ގަވާއިދުގެ ދަށުން ގޯއްޗެއްގައި ދިރިއުޅެވޭ ވަރަށް އިމާރާތްކޮށްފައިވާ ކަމަށް ބެލެވޭނީ، ގެދޮރު އިމާރާތްކުރުމާ ބެހޭގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ގޯތީގައި ކެއްކުމާއި، ކައިބޮއެ އުޅުމާއި، ނިދުން ފަދަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންވާވަރަށް އިމާރާތްކޮށްފައިވާނަމައެވެ.

(ރ) މިގަވާއިދުގެ ދަށުން އިމާރާތް ރަޖިސްޓަރީ ކޮށްދޭނީ، ގެދޮރު އިމާރާތްކުރުމާ ބެހޭގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއެއް ގޮތްވާ ގޮތުގެމަތިން ގޯތީގައި ކެއްކުމާއި، ކައިބޮއެ އުޅުމާއި، ނިދުން ފަދަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންވާވަރަށް އިމާރާތްކޮށްފައި ވުމާއެކު، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަންފުރިހަމަކޮށް އެމާއްދާގައިވާ ގޮތުގެމަތިން އިމާރާތް ރަޖިސްޓަރީކުރަން އެދި ހުށަހެޅުމުންނެވެ.

 

10 ވަނަ މާއްދާ - ބަންޑާރަ ގޯތި އަމިއްލަކުރުމަށް ފަހު ރަޖިސްޓަރީކުރުން

ބަންޑާރަ ގޯތި އަމިއްލަކުރުމަށްފަހު، "ގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދު" ގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އަމިއްލަ ކުރެވުނު ގޯތީގެ ރަޖިސްޓަރީއަށް އެ ބަދަލު ގެނައުމަށް ސިޓީއެއްގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، ސިޓީއެއްނޫންނަމަ އެރަށެއްގެރަށު ކައުންސިލްގެ އިދާރާއަށް ނުވަތަ އެރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި ރަޖިސްޓރީއަށް އެ ބަދަލުތައް ގެންނަންވާނެއެވެ.

  

2 ވަނަ ބާބު (ނޯޓް: މި ސުރުހީ ދެފަހަރު ގެނެވިފައިވޭ)

ތަރިކައިން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ގަނެގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބޭ ގޯތި ރަޖިސްޓްރީކުރުން

 

11 ވަނަ މާއްދާ – ރަޖިސްޓަރީކުރަން ހުށަހެޅުން

(ހ) ނުއުފުލޭ މުދާ ތަރިކައިން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ގަނެގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބިގެން ބަންޑާރަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ރަޖިސްޓަރީކުރަން ހުށަހަޅާއިރު އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް، އެފޯމާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ގޯއްޗަށް ނަން ކިޔުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭނަމެއް؛
  2. ރަޖިސްޓަރީކުރަން އެދޭ ގޯތި ނުވަތަ ގޯތީގެ ބައިގައި ހިމެނޭ އިމާރާތް މިލްކުވެފައިވާ ކަމުގެ ށަރުއީލިޔުން؛
  3. ގާނޫނު ނަންބަރު  1970-04 (އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު) ގެ ދަށުން ގޯތީގެ ރަޖިސްޓަރީގައި ޖަހަންޖެހޭ ރެވެނިއު ސްޓޭމްޕާއި، ރަޖިސްޓަރީ ހެއްދުމަށް މި ގަވާއިދުގައިވާ ގޮތުގެމަތިން ދައްކަންޖެހޭ ފީއާއި، ޖޫރިމަނާއެއް ވާނަމަ ޖޫރިމަނާ ފައިސާ ދެއްކިކަމުގެ ލިޔުން؛
  4. ރަޖިސްޓަރީ ހެއްދުމާގުޅޭ ގޮތުންނާއި، ރަޖިސްޓަރީއަށް ބަދަލު ގެނައުމާއި، ރަޖިސްޓަރީއާ ގުޅުންހުރި މުއާމަލާތްތައް ކުރުމަށްޓަކައި ލިޔެކިޔުން ފޮނުވާނެ ފުރިހަމަ އެޑްރެސް؛

(ށ) މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ހުށަހަޅާފައިވާ އެޑްރެސް ބަދަލުވެއްޖެނަމަ ލަސްވެގެން 7 ދުވަހުގެ ތެރޭގައި އެކަން ސިޓީއެއްގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަކަށް، ސިޓީއެއްނޫންނަމަ އެރަށެއްގެރަށު ކައުންސިލްގެ އިދާރާއަށް ނުވަތަ އެރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެމަތިން ހުށަހަޅާފައިވާ އެޑްރެހަށް ލިޔެކިއުން ފޮނުވުމުން ރަޖިސްޓަރީއާ ގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް އެންގުނީކަމަށް ބެލެވޭނެއެވެ.

 

12 ވަނަ މާއްދާ - ރަޖިސްޓަރީ ދޫކުރުން

މިގަވާއިދުގެ 11 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކުރުމުން، ގޯތި ރަޖިސްޓަރީކޮށްދީ، ގޯތީގެ ރަޖިސްޓަރީގެ އަސްލު ދޫކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ގޯތި ރަޖިސްޓަރީކުރުން

(ހ) ނުއުފުލޭ މުދާ ތަރިކައިން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ގަނެގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބިގެން ބަންޑާރަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ބެހުމަށްފަހު އެކަކަށްވުރެ ގިނަ މީހުންގެ ނަންމަތީ ރަޖިސްޓަރީ ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކޮށްދޭއިރު، މުޅި ގޯތީގެ ރަޖިސްޓަރީގެ މާސްޓަރ ރަޖިސްޓަރީއެއް ހަދައި ސަރުކާރުގެ ކަމާބެހޭ އިދާރާގައި ބާއްވަންވާނެއެވެ. އަދި މިރަޖިސްޓަރީގެ އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ ކޮޕީއެއް ގޯތީގެ ކޮންމެ ވެރިފަރާތަކަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކޮށްދޭއިރު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީގެ އިތުރަށް، ގޯތީގެ ކޮންމެ ވެރިފަރާތަކަށް ށަރީއަތުން އެ ވެރިފަރާތަކަށް ކަނޑައެޅި ބައި އެނގޭގޮތަށް ރަޖިސްޓަރީގެ އަސްލެއް ހަދައިދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ވަކި ރަޖިސްޓަރީއެއް ހަދައިދިނުން

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ރަޖިސްޓަރީގައި ހިމެނޭ ފަރާތަކުން ވަކި ރަޖިސްޓަރީއެއް ހަދަން ބޭނުންވެއްޖެ ނަމަ މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކަމަށް އެދި ފޯމު ހުށަހެޅުމުން، އެ ފަރާތުގެ ބައި މާސްޓަރ ރަޖިސްޓަރީން އުނިކޮށް އެފަރާތަށް ވަކި ރަޖިސްޓަރީއެއް ހަދައިދީ، މި ބަދަލު އެހެން ރަޖިސްޓަރީތަކަށް ގެންނަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީ ހެއްދުމަށް މާސްޓަރ ރަޖިސްޓަރީގައި ހިމެނޭ އެހެން ރަޖިސްޓަރީތަކުގެ އަސްލު ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

 15 ވަނަ މާއްދާ - ގަވާއިދު އައުމުގެކުރިން ހެދިފައިވާ ރަޖިސްޓަރީ

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެކުރިން އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީކުރެވިފައި ހުރި ގޯތިތަކަށް ވަކި ރަޖިސްޓަރީ ހަދައިދިނުމަށް އެފަރާތަކުން އެދުމުން، މިގަވާއިދުގައިވާ ގޮތުގެމަތިން ވަކި ރަޖިސްޓަރީއެއް އެފަރާތަކަށް ހަދައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ރަހުނުކޮށްފައިވާ ބައިގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ގެނެވޭނީ ރަހުނުގެ މުއާމަލާތް ނިމިއްޖެކަމުގެ ލިޔުން ހުށަހެޅުމުން ނުވަތަ ރަހުނު ބަހައްޓާފައިވާ ބޭންކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން ހުށަހެޅުމުންނެވެ.

 

16 ވަނަ މާއްދާ - އާއްމުކޮށް އަންގައި އިއުލާނުކުރުން

މި ގަވާއިދުގެ ދަށުން ވަކި ރަޖިސްޓަރީ ހަދައި ދިނުމަށްފަހު މުޅި ގޯތީގެ ރަޖިސްޓަރީއަށް ބަދަލުގެނެވިފައިވާކަން، ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކޮށްގެންނާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާއްމުކޮށް އަންގައި އިއުލާނުކުރަން ވާނެއެވެ.

 

17 ވަނަ މާއްދާ – ރަޖިސްޓަރީގައި ހިމެނެންޖެހޭ މައުލޫމާތު

ނުއުފުލޭ މުދާ ތަރިކައިން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ގަނެގެން ނުވަތަ އެނޫންވެސް ގޮތަކުން ލިބިގެން ބަންޑާރަ ގޯއްޗަކަށް ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔަކަށް ނުވަތަ އަމިއްލަ ގޯއްޗަކަށް ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔަކަށް ހަދައިދޭ ރަޖިސްޓަރީގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ގޯތި ރަޖިސްޓަރީކުރެވިފައިވާ މީހާ ނުވަތަ މީހުން؛

(ށ) ގޯއްޗަކީ އަމިއްލަ ގޯއްޗެއްކަން ނުވަތަ ބަންޑާރަ ގޯއްޗެއްކަން؛

(ނ) ގޯތި އޮތް ރަށާއި ތަން؛

(ރ) ގޯތީގެ ބޮޑުމިން އެނގޭނެ ޗާޓެއް؛ އަދި

(ބ) ގޯތި ރަޖިސްޓަރީކުރެވުނު ތާރީހް

 

3 ވަނަ ބާބު

އާއްމު މާއްދާތައް

 

18 ވަނަ މާއްދާ - ރަޖިސްޓަރީ ގެއްލިގެން އަލުން ހަދައިދިނުން

(ހ) މި ގަވާއިދުގެ ދަށުން ހަދައިދެވިފައިވާ ރަޖިސްޓަރީއެއް ގެއްލިއްޖެނަމަ ލަސްނުކޮށް  އެކަން ސިޓީއެއްގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަކަށް، ސިޓީއެއްނޫންނަމަ އެރަށެއްގެރަށު ކައުންސިލްގެ އިދާރާއަށް ނުވަތަ އެރަށެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެއިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް އަންގަންވާނެއެވެ.

(ށ) ރަޖިސްޓަރީ ގެއްލުނުކަން އެންގުމުން މި ގަވާއިދުގައިވާ ގޮތުގެމަތިން އަލުން ރަޖިސްޓަރީ ހަދައިދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ރަޖިސްޓަރީއެއް ގެއްލިގެން އެ ރަޖިސްޓަރީގެ ބަދަލުގައި އަލުން ރަޖިސްޓަރީއެއް ހަދައިދެވޭނީ، އެ ގޯތި ނުވަތަ އިމާރާތް ރަހުނުކުރުމުގެ ގޮތުން އެ ގޯތީގެ ރަޖިސްޓަރީ ވިޔަފާރި ބޭންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ބޭއްވިފައިވޭތޯ ބަލައި، ނެތްނަމަ އެ ރަޖިސްޓަރީއެއް ހޯދުމުގެގޮތުން އާއްމުކޮށް އިއުލާނުކުރުމަށްފަހުގައެވެ.

(ރ) މި މާއްދާގެ ދަށުން އަލުން ރަޖިސްޓަރީއެއް ހަދައިދެވޭނީ 100 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ.

 

19 ވަނަ މާއްދާ – އުވާލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން އަމަލުކުރަމުން އައި "ބަންޑާރަ ގޯއްޗާއި އިމާރާތް ރަޖިސްޓްރީ ކުރުމާއިބެހޭ ގަވާއިދު" އުވުނީއެވެ.

 

20 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2016-88)

 

އުވުނު ގަވާއިދު

ބަންޑާރަ ގޯއްޗާއި އިމާރާތް ރަޖިސްޓަރީ ކުރުމާއި ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 0000-00)

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު