މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2016-37)
1 ވަނަ މާއްދާ – ތައާރަފު
(ހ) މިއީ، ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޖިނާއީ ކުށުގެ ހުކުމް ކޮށްފައިވާ މީހެއްގެ ދަމުންދާ އުމުރަށް ބަލައި ނުވަތަ އޭނާ ގައިހުރި ބައްޔަކަށް ބަލައި، ނުވަތަ އޭނާ ހޯދަމުންދާ ފަރުވާއަކަށް ބަލައި، ނުވަތަ އޭނާ ހުރި ވަގުތަށާއި ހާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމުގައި މީހެއްގެ އަދަބު ލުއިކޮށްދިނުމުގެ އިހުތިޔާރު، ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، 'މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު' އެވެ.
2 ވަނަ މާއްދާ – އަދަބު ލުއިކޮށްދިނުން
މި ގަވާއިދުގައިވާ އުސޫލުތަކަށް ޢަމަލުކުރާނީ ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ 29 ވނަ މާއްދާގެ (ނ) ގެ ދަށުން އަދަބު ލުއިކޮށްދިނުމުގައެވެ. އަދި އެގޮތުން އަދަބު ލުއިކޮށްދޭންވާނީ މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގިންތިއަކުން ކުރެ ގިންތިއަކަށް ނިސްބަތްކޮށެވެ.
3 ވަނަ މާއްދާ – އަދަބު ލުއިކޮށްދެވޭނެ ގިންތިތައް
މި ގަވާއިދުގެ ދަށުން އަދަބު ލުއިކޮށްދެވޭނެ ގިންތިތައް ތިރީގައި އެވަނީއެވެ.
(ހ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު ތަންފީޛުކުރުން ވަކި މުއްދަތަކަށް ފަސްކޮށްދިނުން؛
(ށ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ މުއްދަތު ކުރުކޮށްދިނުން؛
(ނ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، އެ ކުށާ ގުޅިގެން އެއަށްވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށް ގާނޫނުގައި ފުރުޞަތު ލިބިގެންވާ ކުށެއްކަމުގައިވާނަމަ، އޭގެ ތެރެއިން ލުއި ބާވަތެއްގެ އަދަބަކަށް، އޭނާގެ އަދަބުގެ ބާވަތް ބަދަލުކޮށްދިނުން
(ރ)މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ ވަކި އަދަދެއްގެ ފައިސާ ދެއްކުން ކަމުގައިވާނަމަ، އެ އިލްތިޒާމް އުފުލުމުން އެމީހަކު ބަރީއަކޮށެއް ނުދެވޭނެއެވެ.
4 ވަނަ މާއްދާ – ބައެއް ބާވަތުގެ ކުށްކުށުގެ އަދަބަށް ލުއިދިނުމުގައި ގެންގުޅެންވީ މިންގަނޑުތަށް
(ހ) މި ގަވާއިދުގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަންނަނިވި ކުށްކުށުގެ އަދަބު ތަންފީޒުކުރަންމުންދާ މީހުންގެ އަދަބު ލުއިކޮށްދެވޭނީ އެ މީހަކު ތަންފީޒުކުރަންޖެހޭ ހުކުމުގެ 50 (ފަންސާސް) އިންސައްތަ ތަންފީޒުކޮށް ނިމުމުންނެވެ.
- މީހަކު މެރުމުގެ ކުށް؛
- އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށް؛
- އެއްވެސް ގާނޫނެއްގެ ދަށުން 14 (ސާދަ) ގްރާމަށްވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހުރެގެން އުމުރަށް ޖަލަށްލުމަށް އަދަބު ކަނޑައެޅިފައިވާކުށް؛
- ގާނޫނު ނަންބަރު 1990-10 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2015-30 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ހިމެނޭ އެންމެހައި ކުށްތައް؛
- ގާނޫނޫ ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުމުގެ ގާނޫނު) ގައި 10 އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ އަދަބު ކަނޑައަޅާފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 2010-17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގައި 10 އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ އަދަބު ކަނޑައަޅާފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި 10 އަހަރުދުވަހަށްވުރެ ދިގު މުއްދަތުގެ އަދަބު ކަނޑައަޅާފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި 10 އަހަރުދުވަހަށްވުރެ ދިގު މުއްދަތުގެ އަދަބު ކަނޑައަޅާފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 1981-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ޗެޕްޓަރ 1 އާއި، ގާނޫނު ނަންބަރު 1981-21 ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ޗެޕްޓަރ 2 އާއި، ގާނޫނު ނަންބަރު 1966-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)) ގެ ޗެޕްޓަރ 3 އާއި، ގާނޫނު ނަންބަރު 1968-10 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ޗެޕްޓަރ 4 ގައި 10 އަހަރުދުވަހަށްވުރެ ދިގު މުއްދަތުގެ އަދަބު ކަނޑައަޅާފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު 2013) ގައި 10 އަހަރަށްވުރެ ދިގު މުއްދަތުގެ އަދަބު ކަނޑްއެޅިފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 14 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ހިމެނޭ ކުށްތައް؛ އަދި
- ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގެ ތިންވަނަ ބާބުގައި ކަނޑައަޅާފައިވާ ކުށްތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ބާވަތުގެ ކުށްކުށުގެ އަދަބު ލުއިކޮށްދެވޭނީ އެމީހަކު ތަންފީޒުކުރަންޖެހޭ ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުންނެވެ.
5 ވަނަ މާއްދާ – އެހެނިހެން ށަރުތުތައް
މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މި ގަވާއިދުގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި ތިރީގައިއެވާ ށަރުތުތަކަށްވެސް ރިއާޔަތްކުރަންވާނެއެވެ.
(ހ) އެ މީހަކީ، އެ މީހަކާ ދެކޮޅަށް ށަރުއީ ކޯޓެއްގައި ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލިފައިވާ މީހެއް ކަމުގައި ނުވުން؛ އަދި
(ށ) އެ މީހަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި އަދި/ ނުވަތަ މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތާއި އަމަންއަމާންކަމަށް ނުރައްކާވެދާނެ މީހެއް ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާފައިވާ މީހެއްކަމުގައި ނުވުނ
6 ވަނަ މާއްދާ – ހުކުމެއްގެ ސައްހަކަމާމެދު ސުވާލު ނުއުފެއްދުން
މީހެއްގެ މައްޗަށް ކުށެއް ސާބިތުވުމުގެ ސައްހަކަމަކީ، ނުވަތަ ކުށް ސާބިތުވެފައިވާ ގޮތުގެ ސައްހަކަމަކީ، ނުވަތަ ހުކުމް އައިސްފައިވާ ގޮތުގެ ސައްހަކަމަކީ، މި ގަވާއިދުގެ ދަށުން އަދަބު ލުއިކޮށްދިނުމާ ގުޅިގެން ދިރާސާކުރެވޭނެ ނުވަތަ ގޮތެއް ކަނޑައެޅޭނެ ކަންކަމެއް ނޫނެވެ.
7 ވަނަ މާއްދާ – ގަވާއިދު ހަދައި ހިންގުން
މި ގަވާއިދު ހަދައި ހިންގާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
8 ވަނަ މާއްދާ – އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ގުޅުންހުރި އުސޫލު
މައި ގާނޫނު
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-02)
ކިޔުންތެރިންގެ ހިޔާލު