-

ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2014-13)  

 

(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 ފެބްރުއަރީ 2024 ގައި)

 

1 ވަނަ މާއްދާ - 13 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

13. (ރ).

  1. މިމާއްދާގެ (ނ)ގެ 4 ގައި ބަޔާންކޮށްފައިވާ ފަދަ ތަނަކާއި 200 (ދުއިސައްތަ) މީޓަރަށްވުރެން ކައިރިން ވެލިނެގުން ނުވަތަ ބިން ހިއްކުން ނުވަތަ ފަޅު ފުންކުރުމަކީ މަނާކަމެކެވެ.
    މިމާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ވަޒީރުންގެ މަޖިލީހުން ނިންމަވާ، ސަރުކާރުން ހިންގާ ތަރައްގީގެ މަސްރޫއެއް ހިންގުމަށް، އެފަދަ ސަރަހައްދެއްގައި ބިންހިއްކުމާއި، ވެލި ނެގުމާއި، ފަޅު ފުންކުރުން ފަދަ މަސައްކަތެއް ކުރަންވާނީ އެދިޔާރު ނުވަތަ އެމަސްރޫއެއް ރާވައި ހިންގާ ފަރާތުން އަންނަނިވި ކަންތައްތައް ފުރިހަމަ ކުރުމަށް ށަރުތުކޮށް ތަންފީޒީ އިދާރާއިން ހުއްދަ ދިނުމަށްފަހުގައެވެ.

(ހ) އެތަނެއްގައި ހުރި ދިރުންތަކާއި، ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކާބެހޭ ތަފުސީލީ ދިރާސާއެއް ހެދުން،

(ށ) އެތަނެއްގައި ހުރި ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް އެފަދަ އެހެން ސަރަހައްދަކަށް ބަދަލުކޮށް، ދިރުވައި އާލާކޮށް މޮނިޓަރ ކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ހުށަހަޅައި، އެ ޕްލޭން ފާސްކުރުން، 

(ނ) އެތަނެއްގައި އެކުލެވޭ ގުދުރަތީ އަދި ތަބައީ ސިފަތައް ހިމެނޭ ގޮތަށް އެސަރަހައްދަށް ވުރެ ކުޑަނޫން ސަރަހައްދެއް ނުވަތަ ސަރަހައްދުތަކެއް ނުވަތަ ކަމާބެހޭ އިދާރާ އަކުން ކަނޑައަޅާ މިންވަރަކަށް ކަނޑައަޅާ ތަނެއްގައި ނުވަތަ ތަންތަނުގައި ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިމާޔަތްކޮށް، މެނޭޖްކޮށް، ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން،

(ރ) ބަދަލު ގެނައުމުގެ ސަބަބުން ފެންފަށަލައަށް ކުރާނެ އަސަރު ދެނެގަނެ، އަންނާނެ ބަދަލުތައް ދިރާސާކޮށް، ބަދަލެއް އަތުވެދާނެކަމަށް ފެންނަނަމަ އެކަން ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން، އަދި މިކަންކަން ތަންފީޒީ އިދާރާއިން މޮނިޓަރ ކުރުން،

(ބ) ބަދަލު ގެނައުމުގެ ސަބަބުން ރަށުގައި ދިމާވެދާނެ ފެންބޮޑުވުމުގެ މައްސަލަ ދިރާސާކޮށް އެކަން ހައްލުކުރުމަށް އެކަށީގެންވާ ފެންހިންދުމުގެ ނިޒާމެއް (ޑްރެއިނޭޖް ސިސްޓަމް) އެރަށުގައި ގާއިމުކުރުން.

 

2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-15)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-15)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު