-

ބޭރު ފައިސާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2024-32) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2026-13)

(މި ގާނޫނަށް އަމަލުކުރަން ފެށީ 1 ސެޕްޓެންބަރު 2026 ގައި)

 

ގާނޫނު ނަންބަރު 2024-32 (ބޭރު ފައިސާއާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ކ) ބޭރު ފައިސާ ގަނެވިއްކުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތައް ކަނޑައެޅުން.

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ ފެށޭ އިބާރާތް އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އަކުރުތައް އެއީ އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (15) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތައް ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރާއި (15) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިލްތިޒާމްތަކާއި މުއާމަލާތްތައް ބޭރު ފައިސާއިން ހުށަހަޅަންވާނީ ނުވަތަ އަދާކުރަންވާނީ، މި ގާނޫނުގެ ދަށުން އޮތޯރިޓީން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން އޮތޯރިޓީއަށް ހުށަހަޅައި، އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގައެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ރ) ބޭރު ފައިސާ ގަނެވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ ތަފާތުނުވާ ގޮތެއްގެމަތިންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ފައިސާ މާރުކުރުމުގެ ވިޔަފާރިކުރުން 1-6.

(ހ) ދިވެހިރާއްޖޭގައި ފައިސާ މާރުކުރުމުގެ ވިޔަފާރިއެއް ގާއިމުކޮށް، ހިންގަންވާނީ މި ގާނޫނުގެ ދަށުން، އޮތޯރިޓީން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން އޮތޯރިޓީން ދޫކުރާ ލައިސަންސެއް ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، އޮތޯރިޓީން އެކުލަވާލާ ގަވާއިދުގައި، ފައިސާ މާރުކުރުމުގެ ވިޔަފާރި ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާގުޅޭ ކަންކަން ބަޔާންކުރުމާއެކު، އެންމެ މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(1) ލައިސަންސް ދޫކުރެވޭނެ ފަރާތްތައް؛

(2) ލައިސަންސް ދޫކުރުމުގެ ށަރުތުތައް؛

(3) ފައިސާ މާރުކުރުމުގެ ވިޔަފާރިއެއް ހިންގުމަށްޓަކައި، ވިޔަފާރި ހިންގާ ފަރާތްތަކުން އޮތޯރިޓީގައި ބަހައްޓަންޖެހޭ ޑިޕޮސިޓްގެ އަދަދު؛

(4) ލައިސަންސް ނެތި ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއި، ގަވާއިދާ ހިލާފަށް ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތައް ޖޫރިމަނާކުރެވޭނެކަމާއި، ޖޫރިމަނާކުރުމުގެ އުސޫލުތަކާއި، ޖޫރިމަނާގެ މިންގަނޑު؛

(5) ވިޔަފާރިއާބެހޭ ރިކޯޑުތައް ބެލެހެއްޓުމުގެ އުސޫލު؛

(6) ހިދުމަތް ދިނުމުގެ މިންގަނޑު؛

(7) ގާނޫނު ނަންބަރު 2024-32 (ބޭރު ފައިސާއާބެހޭ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ބޭރު ފައިސާގެ ވިޔަފާރިކުރުމުގެ ލައިސަންސެއް އޮތޯރިޓީން ދޫކޮށްފައިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ އިންތިގާލީ އުސޫލު.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(2) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކާއި، މާލީ އިދާރާތައް ފިޔަވައި، އެހެން ފަރާތަކުން ވިއްކާ (ނުވަތަ ފޯރުކޮށްދޭ) މުދަލާއި ހިދުމަތަށް ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި، ބޭރު ފައިސާއިން މަދުވެގެން 25,000,000.00 (ފަންސަވީސް މިލިއަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ފަރާތްތައް.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ނ) މި މާއްދާގެ ދަށުން ފައިސާ ޖަމާކުރާ ބޭންކު އެކައުންޓު ވާންވާނީ، އޮތޯރިޓީން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށެވެ. އެގޮތުން، ފައިސާ ޖަމާކުރާ ބޭންކު އެކައުންޓުތަކުގެ މައުލޫމާތު، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިން، އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާއި މާލީ އިދާރާތައް ފިޔަވައި، އެހެން ފަރާތަކުން ވިއްކާ (ނުވަތަ ފޯރުކޮށްދޭ) މުދަލާއި ހިދުމަތަށް ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި، ބޭރު ފައިސާއިން މަދުވެގެން 25,000,000.00 (ފަންސަވީސް މިލިއަން) އެމެރިކާ ޑޮލަރަށްވުރެ އިތުރުން އާމްދަނީ ލިބިފައިވާ ފަރާތްތައް.

 

8 ވަނަ މާއްދާ - ގާނޫނުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުން 10.

(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކެޓެގަރީގައި ހިމެނޭ ޓޫރިޒަމް އެސްޓެބްލިށްމަންޓްތަކުން މީލާދީ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތުން އެ އެސްޓެބްލިށްމަންޓަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ %40 (ސާޅީސް އިންސައްތަ)، އެ އެސްޓެބްލިށްމަންޓް ހިންގާ ފަރާތްތަކުން، ބޭންކަކަށް ރުފިޔާއަށް މާރުކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެޓެގަރީގައި ހިމެނޭ ޓޫރިޒަމް އެސްޓެބްލިށްމަންޓްތަކުން އަންނަނިވި ދެ ގޮތުންކުރެ އެ އެސްޓެބްލިށްމަންޓަކުން އިހްތިޔާރުކުރާ ގޮތެއްގެމަތިން ކަނޑައެޅޭ އަދަދެއްގެ ބޭރު ފައިސާ، އެ އެސްޓެބްލިށްމަންޓް ހިންގާ ފަރާތްތަކުން، ބޭންކަކަށް ރުފިޔާއަށް މާރުކުރަންވާނެއެވެ.

(1) މީލާދީ މަހެއްގެ ތެރޭގައި އެ އެސްޓެބްލިށްމަންޓަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 (ފަންސަވީސް) އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު؛ ނުވަތަ

(2) އެ އެސްޓެބްލިށްމަންޓްތަކުން މީލާދީ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތުން އެ އެސްޓެބްލިށްމަންޓަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ %20 (ވިހި އިންސައްތަ).

(ނ) މި ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، އެފަރާތްތަކުން މީލާދީ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތުން އެފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ %40 (ސާޅީސް އިންސައްތަ)، ބޭންކަކަށް ރުފިޔާއަށް މާރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެފަދައިން، ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން، %100 (ސަތޭކަ އިންސައްތަ) ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަންޖެހޭ ބޭރު ފައިސާގެ އިންސައްތައަކީ، އެފަރާތްތަކުން މީލާދީ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތުން އެފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ %7 (ހަތެއް އިންސައްތަ) އެވެ.

(ބ) މި މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގެ ދަށުން ކޮންމެ މީލާދީ މަހެއްގެ މައްޗަށް ބޭންކަށް މާރުކުރަންޖެހޭ ބޭރު ފައިސާ، އެ މަހަށް ފަހު ހިނގާ ފުރަތަމަ މަހުގެ 28 (އަށާވީސް) ވަނަ ދުވަހުގެ ކުރިން މާރުކޮށް ނިންމަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓޫރިޒަމް އެސްޓެބްލިށްމަންޓަށް އަންނަ ޓޫރިސްޓުން ހިސާބުކުރުމުގައި އަންނަނިވި ފަރާތްތަކެއް ނުހިމެނޭނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރު ހިސާބުކުރުމަށްފަހުގައި، އެ މިންވަރަށް ބޭރު ފައިސާ މާރުކޮށްފިނަމަ، އެފަރާތްތަކުން އަދާކުރަންޖެހިފައިވާ ތިރީގައި ބަޔާންކޮށްފައިވާ ބޭރު ފައިސާގެ އިލްތިޒާމެއް ނުވަތަ އިލްތިޒާމްތަކެއް އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ، އެފަރާތެއްގެ އަތުގައި ނުހުންނާނެކަން ބަޔާންކޮށް އޮތޯރިޓީއަށް ހުށަހެޅުމުން، އެ މިންވަރަށް ބޭރު ފައިސާ ނުހުންނާނެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އޮތޯރިޓީން ކަނޑައަޅާ މުއްދަތަކަށް، މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދު މިންވަރެއް މާރުކުރުމުގެ ހުއްދަ އޮތޯރިޓީއަށް ދެވިދާނެއެވެ. ނުވަތަ ބޭރު ފައިސާ މާރުކުރުމަށް، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ބ) ގައި ކަނޑައަޅާފައިވާ މުއްދަތަށްވުރެ ލުއި މުއްދަތެއް ނުވަތަ މުއްދަތުތަކެއް އޮތޯރިޓީއަށް ހަމަޖައްސައިދެވިދާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(1-ހ) މި މާއްދާގެ (ހ) ގެ ދަށުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރު ނުވަތަ މުއްދަތު ލުއިކޮށްދިނުމަށް އެދި، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހުގައި ބޭރު ފައިސާ މާރުކުރަންޖެހި، މާރުކޮށްފައިނުވާ ފަރާތްތަކަށް ނުވަތަ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމާބެހޭ އެހެން ގާނޫނެއްގެ ދަށުން އެކުލަވާލައި އަމަލުކުރަމުން ގޮސްފައިވާ ގަވާއިދެއްގެ ދަށުން ބޭރު ފައިސާ މާރުކުރަންޖެހި، މާރުކޮށްފައިނުވާ ފަރާތްތަކަށް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުމަކަށް، ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރު ނުވަތަ މުއްދަތު، މި މާއްދާގެ (ހ) ގެ ދަށުން ލުއިކޮށްދިނުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު މާއްދާ އިތުރުކުރުން.

އޮތޯރިޓީން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ ވިއްކުން 1-17.

(ހ) އެއްވެސް ފަރާތަކުން، ބޭރު ފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ބޭރު ފައިސާ ވިއްކުމަކީ، ނުވަތަ ވިއްކަން މަސައްކަތްކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25,000 (ފަންސަވީސްހާސް) ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

ލައިސަންސް ނެތި ބޭރު ފައިސާގެ ވިޔަފާރިކުރުން އިށްތިހާރުކުރުމާއި ޕްރޮމޯޓްކުރުން 2-17.

(ހ) އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން، ބޭރު ފައިސާ ގަނެވިއްކުމަށް އިށްތިހާރުކުރުމާއި، ޕްރޮމޯޓްކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް "އިށްތިހާރުކުރުން" އަދި "ޕްރޮމޯޓްކުރުން" ކަމަށް ބުނެފައި އެވަނީ، ބޭރު ފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން، ބޭރު ފައިސާ ގަނެވިއްކުން އިށްތިހާރުކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރުދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި، ޑިޖިޓަލް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އާންމުކޮށް އެނގޭނެހެން، އެފަދަ މައުލޫމާތު ހާމަކުރުމާއި ށާއިއުކުރުމާއި ފެތުރުމާއި ތަކުރާރުކުރުމާއި ފޯރުކޮށްދިނުމަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 25,000 (ފަންސަވީސްހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

ގާނޫނީ ށަހްސަކުން ކުށްކުރުން 3-17.

މި ގާނޫނުގެ 1-17 ވަނަ މާއްދާގައި ނުވަތަ މި ގާނޫނުގެ 2-17 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރުމުގައި ގާނޫނީ ށަހްސެއް ނުވަތަ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ށާމިލުވާނަމަ، އެފަރާތެއްގެ އަދަބަކީ، 100,000 (އެއްލައްކަ) ރުފިޔާއާއި 5,000,000.00 (ފަސް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

ޖިނާއީ ދައުވާއެއް އުފުލުމަށް ހުރަހަކަށް ނުވުމާއި، ތަންފީދުކުރުން 4-17.

(ހ) މި ގާނޫނުގައި ވަކި ފަރާތަކުން ކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަކީ ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ކަމުގައިވާނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާމެދު މި ގާނޫނުގެ ދަށުން ކަނޑައެޅޭ އިދާރީ ފިޔަވަޅެއް ކަނޑައެޅުމުގެ އިތުރުން، ކަމާބެހޭ ގާނޫނުގެ ދަށުން އެފަރާތެއްގެ މައްޗަށް އެ ކުށުގެ ޖިނާއީ ދައުވާ އުފުލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ށ) މި ގާނޫނުގެ 1-17 ވަނަ މާއްދާއާއި 2-17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކަށް ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން، ޓޫރިޒަމް ދާއިރާގެ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކާއި މާލީ އިދާރާތައް ފިޔަވައި އެހެން ވިޔަފާރިއެއް ފަށާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތަކުން ވިއްކި މުދަލާއި ފޯރުކޮށްދިން ހިދުމަތްތަކަށް މީލާދީ އަހަރެއް ނިމޭއިރު 25,000,000.00 (ފަންސަވީސް މިލިއަން) އެމެރިކާ ޑޮލަރާ އެއްވަރަށް ނުވަތަ އެއަށްވުރެ އިތުރަށް ބޭރު ފައިސާ ލިބިފައިވާ ފަރާތްތައް، އެ މީލާދީ އަހަރަކާ ވިދިގެން އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން، އޮތޯރިޓީގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާ -

މި ގާނޫނުގެ 6 ވަނަ މާއްދާއިން ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާއަށް ގެނެވޭ އިސްލާހާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކައި، އިންތިގާލީ މުއްދަތެއް ނުވަތަ މުއްދަތުތަކެއް އޮތޯރިޓީން ކަނޑައަޅައި، ބުނެވިދިޔަ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

15 ވަނަ މާއްދާ

މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، އެ ގާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، 1 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.

 

މައި ގާނޫނު

ބޭރު ފައިސާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2024-32)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު