ކަރަންޓުގެ ހިދުމަތް ދިނުމާ ގުޅޭ އާންމު ގަވާއިދު
(ގަވާއިދު ނަންބަރު 2026-57)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ޖޫން 2026 ގައި)
(މި ގަވާއިދުގެ 43 ވަނަ މާޢްދާއިން ވަނީ 2 މޭ 2006 ގައި އަމަލުކުރަން ފަށައިފައިވާ "މާލެއާއި ރާއްޖެތެރޭގައި އާންމުކޮށް އިލެކްޓްރިކް ކަރަންޓު ދިނުމާބެހޭ ގަވާއިދު" އުވާލެވިފައި)
ފުރަތަމަ ބާބު
ތައާރިފާއި މަގުސަދު
1 ވަނަ މާއްދާ - ތައާރުފު
މިއީ، ގާނޫނު ނަންބަރު 2021-18 (ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު) ގެ 4 ވަނަ ބާބާއި 5 ވަނަ ބާބަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ - ނަން
މި ގާވިއުދެގެ ނަމަކީ "ކަރްނުޓެގެ ހިދމަތް ދިނުމާ ގުޅޭ އާންމު ގަވާއިދު" އެވެ.
3 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ކުރުމާ ގުޅޭ އެންމެހައި އުސޫލުތަކާއި އިޖުރާތުތައް ކަނޑައެޅުމެވެ.
(ހ) ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމުތަކުން ހިދުމަތް ދިނުން.
(ށ) ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ގާއިމުކުރުން.
(ނ) ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ގާއިމުކުރުމަށާއި، ހިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނާއި އާލަތްތައް ޓެސްޓުކޮށް ސެޓިފައިކުރުން.
(ރ) ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމުގެ ޕަރފޯމަންސާއި ސަމަކާރަ ޔަގީންކުރުން.
(ބ) ކަރަންޓާބެހޭ ޕްލޭންތައް ތައްޔާރުކުރުން.
(ޅ) ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމުތައް، ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ފެތޭކަން ކަށަވަރުކުރުން.
(ކ) ކަރަންޓުގެ ހިދުމަތްތަކުގެ ފެންވަރު ކަށަވަރުކުރުން.
4 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން
(ހ) މި ގަވާއިދު ތަންފީޒުކުރާނީ އޮތޯރިޓީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަށު ފެންވަރުގައި ނުވަތަ ސިޓީގެ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ނުވަތަ މަސައްކަތުން ބައެއް، އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި، ސިޓީ ކައުންސިލާއި ނުވަތަ ރަށު ކައުންސިލާއި އޮތޯރިޓީއާއެކު އެއްބަސްވެވޭ ގޮތެއްގެ މަތީން ސިޓީ ކައުންސިލާ ނުވަތަ ރަށު ކައުންސިލާ ހަވާލުކުރެވިދާނެއެވެ.
ދެވަނަ ބާބު
ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުން
5 ވަނަ މާއްދާ - ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ގާއިމުކުރުމާއި ހިދުމަތް ދިނުމުގެ މަރުހަލާތައް
(ހ) ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ނުވަތަ އޭގެ ބައެއް ގާއިމުކުރުމުގައި ހިމެނޭ މަރުހަލާތަކުގެ ތަފުސީލު، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.
(ށ) ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ނުވަތަ ވަރުވާއަށް ލިޔެދީފައިވާ ރަށްރަށުގައި ކަރަންޓު އުފައްދައި ބޭނުންކުރަންވާނީ އޮތޯރިޓީން އާންމުކޮށްފައިވާ އުސޫލު ނަންބަރު 2024-07 (އަމިއްލަ ޖަނަރޭޓަރު ބަހައްޓައިގެން އަމިއްލައަށް ކަރަންޓު އުފައްދައި ބޭނުންކުރުމުގެ އުސޫލު) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
6 ވަނަ މާއްދާ - ހިދުމަތް ދޭނެ ފަރާތެއް ހޮވުން
(ހ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމަށް ޓަކައި އޮތޯރިޓީން ލައިސަންސް ދޫކުރަންވާނީ، ގަވާއިދު ނަންބަރު 2023-78 (ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެކަމަށް ޓަކައި ބީލަމުގެ އުސޫލުން އާންމުކޮށް ހުޅުވައިލުމަށްފަހު ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެއް ކަނޑައެޅުމަށްފަހު، އެ ފަރާތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބީލަންކުރުމަކާ ނުލައި، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، ގާނޫނު ނަންބަރު 2021-18 (ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ، ސަރުކާރުގެ ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކަށް ދިނުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
7 ވަނަ މާއްދާ - ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ގާއިމުކުރުން
ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ގާއިމުކުރުމުގައި އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
(ހ) ކޮންސެޕްޓް ޑިޒައިން ހެދުން.
(ށ) ޑިޒައިން ތައްޔާރުކޮށް އޮތޯރިޓީން ފާސްކުރުން.
(ނ) ކަރަންޓުގެ ނިޒާމު އޮތޯރިޓީގައި ރަޖިސްޓަރީކުރުން.
(ރ) ގަވާއިދު ނަންބަރު 2012-27 (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) ގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ހޯދުން.
(ބ) އޮޕަރޭޓިންގ ލައިސަންސަށް އޮތޯރިޓީއަށް ހުށަހަޅައި މަސައްކަތްކުރުމަށް ވަގުތީ ހުއްދައެއް ހޯދުން.
(ޅ) އޮތޯރިޓީން އިންސްޕެކްޓްކުރުން (އޮޕަރޭށަން ސްޓޭޖް އިންސްޕެކްށަން)؛
8 ވަނަ މާއްދާ - އޮޕަރޭޓިންގ ލައިސަންސް ހޯދުން
(ހ) ވިޔަފާރީގެ ގޮތުގައި ކަރަންޓު އުފައްދަންވާނީ ނުވަތަ ވިއުގައިގެ ޒަރީއާއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭންވާނީ، އެ ނިޒާމެއް ހިންގައި ބެލެހެއްޓުމުގެ ލައިސަންސް ނުވަތަ ވަގުތީ ހުއްދަ ލިބިގެންނެވެ. މި ނޫން ގޮތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.
(ށ) ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރެވޭނީ، ގަވާއިދު ނަންބަރު 2023-78 (ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ސިނާއީ މަސައްކަތްތަކަށް ކަނޑައަޅައިފައިވާ ރަށްތަކާއި ތަންތަން، ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމުގެ އޮޕަރޭޓިންގ ލައިސަންސް ހޯދުމަށް ޓަކައި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފުރަތަމަ މަރުހަލާއިން އިސްތިސްނާވާނެއެވެ.
(ރ) ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ނުވަތަ ވަރުވާއަށް ލިޔެދީފައިވާ ރަށްރަށުގައި ކަރަންޓު އުފައްދައި ބޭނުންކުރަންވާނީ، އޮތޯރިޓީން އާންމުކޮށްފައިވާ އުސޫލު ނަންބަރު 2024-07 (އަމިއްލަ ޖެނެރޭޓަރު ބަހައްޓައިގެން ކަރަންޓު އުފައްދައި ބޭނުންކުރުމުގެ އުސޫލު) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
9 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލުގެ ދައުރު
(ހ) ހިދުމަތްދޭ ފަރާތުން، ސިޓީ ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ކަރަންޓުގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި، ކައުންސިލުގެ ފަރާތުން ހިދުމަތްދޭ ފަރާތާއެކު މުއާމަލާތުކޮށް އެކަން ފަހިކޮށްދޭންވާނެއެވެ.
(ށ) ކައުންސިލުގެ ފަރާތުން ކޮންޓްރެކްޓަރެއް ނުވަތަ ހިދުމަތްދޭ ފަރާތެއް ހޮވުމުގެ ކުރިން އަދި އެ ފަރާތަކާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން، އެ ފަރާތަކީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގާބިލު ފަރާތެއްކަން އޮތޯރިޓީ މެދުވެރިކޮށް ކައުންސިލުން ޔަގީންކުރަންވާނެއެވެ.
(ނ) ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެހެން ފަރާތަކާ ހަވާލުކުރާ ނަމަ، ކަމާބެހޭ ގާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެފަދަ ފަރާތަކާ މަސައްކަތް ހަވާލުކުރެވިދާނެއެވެ. އަދި މިފަދަ ގޮތަކަށް ހަވާލުކުރަންވާނީ، ހިދުމަތް ދިނުމަށް ކަނޑައަޅާ ފަރާތާއި ކައުންސިލާ ދެމެދު "ޔުޓިލިޓީ ސަރވިސް އެގްރިމެންޓް" އެއް ހެދުމަށް ފަހުގައެވެ.
10 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުން
(ހ) ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި، އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސެއް އޮވެގެން މެނުވީ، އެއްވެސް ފަރާތަކުން ކަރަންޓު އުފެއްދުން ނުވަތަ ވިއުގައެއްގެ ޒަރީއާއިން ކަރަންޓުގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.
(ށ) ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭންވާނީ، ހިދުމަތްދޭ ފަރާތާއި ކައުންސިލާ ދެމެދު ހަދާ "ޔުޓިލިޓީ ސަރވިސް އެގްރީމަންޓް" އެއްގެ ދަށުންނެވެ. މި ސަރވިސް އެގްރީމަންޓް ހެދުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
- ލައިސަންސަށް އެދި އޮތޯރިޓީއަށް ހުށަހެޅުމުގެ ކުރިން، ހިދުމަތް ދިނުމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލުން؛
- ހިދުމަތް ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އެކުލަވައިލައިފައިވާ ޑްރާފްޓް އެއްބަސްވުން އޮތޯރިޓީން ފާސްކުރުން.
(ނ) ހިދުމަތް ދިނުމުގެ ފެންވަރަށް ބަލައި ނުވަތަ ލައިސަންސަށް އަންނަ ބަދަލަށް ރިއާޔަތްކޮށް ހިދުމަތް ދިނުމާ ގުޅޭ އެއްބަސްވުމަށް ނުވަތަ އޭގެ މާއްދާތަކަށް ބަދަލުގެނައުމަށް އެންގުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ރ) ހިދުމަތް ދޭ ފަރާތާއި ކައުންސިލާ ދެމެދު ހަދާ "ޔުޓިލިޓީ ސަރވިސް އެގްރީމަންޓް" ގައި، ގަވާއިދު ނަންބަރު 2020-22 (ކައުންސިލްތަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ބައިތައް ހިމަނަންވާނެއެވެ.
(ބ) އެއްވެސް އިމާރާތެއްގައި މީހުން ދިރިއުޅެންވާނީ ނުވަތަ ދިރިއުޅުމަށް ކުއްޔަށް ދޫކުރަންވާނީ ނުވަތަ އެފަދަ ތަނެއް އެ ނޫން އެހެން ބޭނުމަކަށް ވެސް ދޫކުރަންވާނީ، އެ ތަނެއްގައި ކަރަންޓުގެ ހިދުމަތް ލިބެން ހުރިކަން ކަށަވަރު ކުރުމަށް ފަހުގައެވެ. އަދި އަންނަނިވި ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަ ކީ އިމާރާތުގެ ވެރިފަރާތުގެ ޒިންމާއެކެވެ.
- އެ ތަނެއްގެ ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ޑިޒައިންކޮށް، އިންސްޓޯލްކޮށް، ކޮމިށަންކޮށް ނުވަތަ އެ މަސައްކަތް ސުޕަވައިޒްކޮށް އެޕްރޫވްކޮށްފައިވަނީ އޮތޯރިޓީން އެ ކަމާ ގުޅޭ ކެޓަގަރީގެ ކަރަންޓުގެ މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ ފަރާތެއް މެދުވެރިކޮށްކަން؛
- އެ ތަނެއްގައި ކަރަންޓު ބޭނުންކުރުމަށް ވައިރުކޮށްފައިވަނީ، އޮތޯރިޓީން އެ ކަމާ ގުޅޭ ކެޓަގަރީގެ މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ ފަރާތަކުންކަން؛
- ތަން ވައިރުކޮށްފައިވާ ގޮތުގެ އޭޒ-ްބިލްޓް ކުރެހުމުގެ ކޮޕީއެއް، ހިދުމަތް ދޭ ފަރާތަށް ފޯރުކޮށްދީފައިވާކަން؛
- އިމާރާތުގެ ލޯޑް A63 (ފަސްދޮޅަސް ތިނެއް އެމްޕިޔަރު) އަށް ވުރެ މަތިވާ ނަމަ، އިމާރާތަށް ކަރަންޓު ފޯރުކޮށްދިނުމަށް އޮތޯރިޓީން ފާސްކުރުމަށްފަހު، ޑިސްޓްރިބިއުށަން ޕެނަލެއް ބަހައްޓައިފައިވާކަން.
(ޅ) އިމާރާތުގެ އިންޓަރނަލް ވަޔަރިންއާއި ޑިސްޓްރިބިއުށަން ޕެނަ ލުގެ އޭޒ-ްބިލްޓް ކުރެހުމުގެ ކޮޕީއެއް، އިމާރާތުގެ ވެރިފަރާތުން، އިމާރާތުގައި ރައްކައުކޮށްފައި ބަހައްޓަންވާނެއެވެ. އަދި އޮތޯރިޓީން ނުވަތަ ހިދުމަތްދޭ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި އޭގެ ކޮޕީއެއް އެ ފަރާތްތަކަށް ފޯރުކޮށްދޭންވާނެއެވެ.
(ކ) ކަރަންޓުގެ ހިދުމަތްދޭ ކޮންމެ ސިޓީއެއްގައި ނުވަތަ ކޮންމެ ރަށެއްގައި އޮތޯރިޓީން ދޭ ލައިސަންސާ އެއްގޮތަށް، އަދި އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން، ހިދުމަތްދޭ ފަރާތުން ހިފަހައްޓަންޖެހޭ ޕަރފޯރމަންސް މިންގަނޑުތައް ހިފައްޓަންވާނެއެވެ.
11 ވަނަ މާއްދާ - ކާރިސާއަކާ ނުވަތަ ހާދިސާއަކާ ގުޅިގެން ނުވަތަ އިމަރޖަންސީ ހާލަތުތަކުގައި ކަރަންޓު ހިދުމަތް ފޯރުކޮށްދިނުން
(ހ) ކުރިމަތިވާ ކާރިސާއަކާ ގުޅިގެން ނުވަތަ ރަށެއް ކަރަންޓަށް ޖެހިއްޖެ ހާލަތެއްގައި ކަރަންޓު ފޯރުކޮށްދިނުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާތުތަކަށް އަމަލުކުރުމުން އިސްތިސްނާވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިފަދަ ހާލަތެއްގައި އޮޕަރޭޓްކުރަންވާނީ އޮތޯރިޓީން ހުއްދަ ނަގައި، އޮތޯރިޓީގެ ވަގުތީ ހުއްދައެއްގެ ދަށުންނެވެ. މިގޮތަށް ހުއްދަ ދިނުމުގައި، ހިދުމަތް ލިބިގަންނަ ފަރާތަށް ހިދުމަތް އެންމެ އަވަހަށް ލިބޭނެ ގޮތަކަށް އޮތޯރިޓީން އަމަލުކުރަންވާނެއެވެ.
(ނ) ކުރިމަތިވާ ކާރިސާއަކާ ގުޅިގެން ނުވަތަ ހާދިސާއަކާ ގުޅިގެން ރަށެއް ކަރަންޓުގެ ހިދުމަތަށް ޖެހިގެން ފޯރުކޮށްދޭ ކަރަންޓު ބޭނުންކުރަންވާނީ، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށެވެ. އެނޫން ގޮތަކަށް ކަރަންޓު އުފައްދައި ބޭނުންކުރުމަކީ މަނާކަމެކެވެ.
(ރ) އެއްވެސް ފަރާތެއްގެ އިހުމާލަކުން ނުވަތަ ހާދިސާއަކާ ގުޅިގެން ނުވަތަ އެއްވެސް ފަރާތަކުން ކުރި ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމަކުން، ކަރަންޓުގެ ހިދުމަތާ ގުޅުންހުރި ކަމެއްގެ ތެރެއިން އިންސާނުންގެ ރައްކައުތެރިކަމަށް ނުވަތަ ފުރާނަޔަށް ނުވަތަ މުދަލަކަށް ނުވަތަ ތިމާވެށްޓަށް ނުވަތަ އިޖުތިމާއީގޮތުން ގެއްލުމެއް ލިބިދާނެ ކަމެއް ކޮށްފި ނަމަ ނުވަތަ ކުރެވިއްޖެ ނަމަ ނުވަތަ އެފަދަ ހާދިސާއެއް ހިނގައިފި ނަމަ، ކަރަންޓުގެ ހިދުމަތްދޭ ފަރާތުން، ވީ އެންމެ އަވަހަކަށް އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް އަންގަންވާނެއެވެ. އަދި އެޔަށްފަހު ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓ،ު ކަރަންޓުގެ ހިދުމަތްދޭ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅެއް، ވީ އެންމެ އަވަހަކަށް އަޅައި، އެ ކަމެއް ހައްލުކުރުމަކީ ކަރަންޓުގެ ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ.
12 ވަނަ މާއްދާ - ކަރަންޓުގެ ނިޒާމަށް ގެއްލުންދިނުން ނުވަތަ ގެއްލުންވުން
(ހ) ކަރަންޓުގެ ހިދުމަތަށް ބުރޫއަރާނެ ގޮތަކަށް ނުވަތަ ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އެއްވެސް އިންފްރާސްޓްރަކްޗަރއަކަށް ނުވަތަ އިކުއިޕްމަންޓަކަށް ގަސްތުގައި ގެއްލުންދިނުމަކީ މަނާކަމެކެވެ.
(ށ) ކަރަންޓުގެ ނިޒާމަކަށް ގެއްލުމެއް ލިބިއްޖެ ކަމުގައި ވާ ނަމަ، ހިދުމަތްދޭ ފަރާތުން އެ ނިޒާމަށް ލިބުނު ގެއްލުމުގެ މައުލޫމާތު އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ވަގުތުން އެންގުމާއެކު، ހިދުމަތްދޭ ފަރާތުން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އޮތޯރީޓީއަށް އެކަން އަންގައި، ވީ އެންމެ އަވަހަކަށް ހިދުމަތް އިއާދަކުރުމަށްފަހު، ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ ނިޒާމު މަރާމާތުކޮށް، ދާއިމީ ހައްލެއް ހޯދަންވާނެއެވެ.
13 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ފަދަ މަރާމާތުކުރުން
(ހ) މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ފަދަ މަރާމާތުތަކާއި މަސައްކަތްތައް ކުރަންވާނީ، ސިޓީ ކައުންސިލުގެ ނުވަތަ ރަށު ކައުންސިލުގެ ހުއްދަ ހޯދުމަށްފަހު، ހެނދުނު 10:00 (ދިހަގަޑި ސުން މިނިޓު) އާއި މެންދުރު 12:00 (ބާރަގަޑި ސުން މިނިޓު) އާ ދެމެދު ނުވަތަ މެންދުރުފަހު 2:00 (ދެގަޑި ސުން މިނިޓު) އާއި ހަވީރު 5:30 (ފަސްގަޑި ތިރީސް މިނިޓު) އާ ދެމެދުގެ ވަގުތެއްގައެވެ.
(ށ) އިމަޖެންސީ ހާލަތުތަކުގައި ކުރާ މަސައްކަތްތަކާއި، މަރާމާތުކުރުން ފަދަ ބޮޑެތި މަސައްކަތް ކުރަންޖެހޭ ހާލަތުގައި ކުރާ މަސައްކަތްތައް މި މާއްދާއިން އިސްތިސްނާވާނެއެވެ. މިގޮތަށް އިސްތިސްނާވިޔަސް، ސިޓީ ކައުންސިލުން ނުވަތަ ރަށު ކައުންސިލުން ނަގަންޖެހޭ ހުއްދައެއް އޮތް ނަމަ، އެ ހުއްދައެއް، ހިދުމަތްދޭ ފަރާތުން ނަގަންވާނެއެވެ. އަދި މިގޮތަށް ހުއްދަ ދޫކުރުމުގައި އެކަށީގެންވާ ސަބަބަކާ ނުލައި ކައުންސިލުން ހުއްދަ ހިފަހައްޓައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެކަށީގެންވާ ސަބަބެއްނެތި ސިޓީ ކައުންސިލުން ނުވަތަ ރަށު ކައުންސިލުން ނަގަންޖެހޭ ހުއްދަ ނުލިބި ލަސްވެއްޖެ ނަމަ ނުވަތަ ހުއްދަ ދިނުމަށް ސިޓީ ކައުންސިލުން ނުވަތަ ރަށު ކައުންސިލުން އިންކާރުކޮށްފި ނަމަ، ސަބަބު ބަޔާންކޮށް، އެ މައްސަލައެއް އޮތޯރިޓީއަށް ހުށަހެޅުމުގެ އިހުތިޔާރު، ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހެޅުމެއް ހުށަހަޅާތާ އެންމެ ގިނަވެގެން ވެސް، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، މައްސަލަ ދިރާސާކޮށް، މައްސަލައާ މެދު އޮތޯރިޓީން ގޮތެއް ނިންމައި، ކައުންސިލަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތަށް އެ ކަމެއް އަންގަންވާނެއެވެ.
ތިންވަނަ ބާބު
އާންމު ބޭނުންތަކުގެ ހިދުމަތްތައް ނޫންގޮތްގޮތަށް ކަރަންޓުގެ އުފައްދައި، ރައްކައުކޮށް ބޭނުންކުރުން
14 ވަނަ މާއްދާ - އާންމު ބޭނުންތަކުގެ ހިދުމަތްތައް ނޫންގޮތަކަށް ކަރަންޓު އުފައްދައި، ރައްކައުކޮށް ބޭނުންކުރުން
(ހ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހިދުމަތް ނުލިބޭ ނުވަތަ އެފަދަ ހިދުމަތަކަށް ބަރޯސާނުވެވޭ ފަދަ ހާއްސަ ހާލަތުތަކުގައި، އަމިއްލަ ބޭނުމަށް ބޭނުންކުރާ ފެސިލިޓީއެއް ނުވަތަ އެއިން ބައެއް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އެއްވެސް ފެސިލިޓީއެއް ނުވަތަ އެއިން ބައެއް ގާއިމުކޮށްގެން ބޭނުންކުރަންވާނީ، ގަވާއިދު ނަންބަރު 2023-78 (ހަކަތައިގެ ހިދުމަތްދޭ ފެސިލިޓީތައް ރަޖިސްޓަރީކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) އާއި، އޮތޯރިޓީން ކަނޑައަޅާ ގައިޑްލައިންތަކާއި އުސޫލުގެ ދަށުން، ފެސިލިޓީ ރަޖިސްޓަރީކޮށް އޮޕަރޭޓްކުރުމުގެ ހުއްދަ ނަގައިގެންނެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އޮޕަރޭޓިންގ ފެސިލިޓީ ގާއިމުކުރުމާއި އޮޕަރޭޓްކުރުމުގެ އެންމެހައި ކަންކަން ކުރިޔަށް ގެންދަންވާނީ، އޮތޯރިޓީގެ އުސޫލު ނަންބަރު 2024-07 (އަމިއްލަ ޖެނަރޭޓަރު ބަހައްޓައިގެން ކަރަންޓު އުފައްދައި ބޭނުންކުރުމުގެ އުސޫލު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
15 ވަނަ މާއްދާ - ކަރަންޓު ރައްކައުކުރާ ނިޒާމު ރަޖިސްޓަރީކުރުން
(ހ) ދިވެހިރާއްޖޭގައި އިލެކްޓްރިކަލް ޗާޖުގެ ގޮތުގައި ނުވަތަ އެހެން ގޮތަކަށް ކަރަންޓު ރައްކައުކުރާ ނަމަ، އެފަދަ ސިސްޓަމްތައް ގަވާއިދު ނަންބަރު 2023-78 (ހަކަތައިގެ ހިދުމަތްދޭ ފެސިލިޓީތައް ރަޖިސްޓަރީކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮތޯރިޓީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) ކަރަންޓު ރައްކައުކުރާ ނިޒާމުތައް ހަރުކޮށްފައި ހުންނަންވަނީ، އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ.
ހަތަރުވަނަ ބާބު
ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ފަރުމާކުރުމާއި ގާއިމުކުރުން
16 ވަނަ މާއްދާ - ޑިޒައިން ފާސްކުރުން
(ހ) ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ޑިޒައިން ކުރުމުގެ މަރުހަލާގައި، އެ ނިޒާމެއްގެ ބައިތައް ޕްރޮކިއަރކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ހުށަހަޅައިގެން ފާސްކުރަންވާނެއެވެ.
(ށ) އިންސްޓޮލޭށަން މަސައްކަތް ނިމުމަށްފަހު ޑިޒައިނަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ، އެ ޑިޒައިނުގެ އޭޒ-ްބިލްޓް ކުރެހުން ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ޕެނަލްބޯޑު ފާސްކުރަން ހުށަހަޅަން ޖެހޭނީ، އިންކަމިންގ ބްރޭކަރ A63 (ފަސްދޮޅަސް ތިނެއް އެމްޕިޔަރ) އަށް ވުރެ ބޮޑު ޕެނަލްތަކާއި ނިޒާމުތަކެވެ.
17 ވަނަ މާއްދާ - ގާއިމުކޮށްފައިވާ ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމުތައް
(ހ) މި ގަވާއިދު ށާއިއުކުރުމުގެ ކުރިން ގާއިމުކޮށް އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ނިޒާމުތަކުގެ ހުއްދައިގެ ސައްހަކަން ދެމިއޮންނާނެއެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގާއިމުކުރާ ނުވަތަ ހުއްދަލިބޭ ނިޒާމުތައް ހުންނަންވާނީ މި ގަވާއިދާއި މި ގަވާއިދުގެ ދަށުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދައިގެ ސައްހަކަން ދެމިއޮންނަ ނިޒާމަކަށް ބަދަލެއް ގެންނަ ނަމަ، އެ ގެނެވޭ ބަދަލެއް ހުންނަންވާނީ މި ގަވާއިދާއި ގަވާއިދުގެ ދަށުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ.
(ނ) ގާއިމުކޮށްފައިވާ ނިޒާމަކަށް އެއްވެސް ބަދަލެއް ގެންނަންވާނީ، އެ ނިޒާމަކާ ގުޅޭ ކުރެހުން ފާސްކޮށް، ގެންނަން ބޭނުންވާ ބަދަލެއް އޮތޯރިޓީން ފާސްކުރުމަށް ފަހުގައެވެ. އަދި އެ ނިޒާމެއް ގާއިމުކޮށްފައި ހުންނަންވާނީ އޮތޯރިޓީން ފާސްކޮށްފައިވާ ކުރެހުމާ އެއްގޮތަށެވެ.
18 ވަނަ މާއްދާ - ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމުގެ މިންގަނޑުތައް
ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމުގެ މިންގަނޑުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ މިންގަނޑުތައް ށާއިއުކުރަން ވާނެއެވެ.
19 ވަނަ މާއްދާ - ރަޖިސްޓަރީ ދެމެހެއްޓުން
އޮތޯރިޓީން ފާސްކުރ،ާ ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމުތަކުގެ ރަޖިސްޓަރީއެއް، އޮތޯރިޓީން ބަލަހައްޓަންވާނެއެވެ.
ފަސްވަނަ ބާބު
ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ގާއިމުކުރުމަށާއި، ހިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނާއި އާލާތްތައް ޓެސްޓުކޮށް ސެޓިފައިކުރުން
20 ވަނަ މާއްދާ - ވައިރިންގ ޓެސްޓުކުރުން
(ހ) އިމާރާތެއް ވައިރުކޮށްފައި ކަރަންޓު ދިނުމުގެ ކުރިން، އޮތޯރިޓީން އެކުލަވައިލައިފައިވާ "އިލެކްޓްރިކަލް އިންސްޓޮލޭށަން ސްޓޭންޑަރޑް" އާ އެއްގޮތްވާ ގޮތުގެ މަތީން އެ ތަނެއްގެ ވައިރިންގ ޓެސްޓު ކުރަންވާނެއެވެ.
(ށ) ވައިރިންގ ޓެސްޓުކުރަންވާނީ އެކަމަށް ހުއްދަ ލިބިފައިވާ ފަރާތަކުންނެވެ.
21 ވަނަ މާއްދާ - ކަރަންޓު ނަރާއި ކޭބަލް ފާސްކުރުން
(ހ) ދިވެހިރާއްޖޭގައި ކަރަންޓު އުފައްދައި ފޯރުކޮށްދީ އަދި ބޭނުންކުރާ ކަރަންޓު ނަރާއި ކޭބަލް އެތެރެކުރަންވާނީ، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން ހުއްދަ ހޯދުމަށްފަހުގައެވެ.
(ށ) ދިވެހިރާއްޖޭގެ މާކެޓުގައި އެތެރެކޮށްގެން ވިއްކާ ނަރާއި ކޭބަލުގެ ރެންޑަމް ސާމްޕްލް ނަގައިގެން ނަރު ޓެސްޓުކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ނ) ކަރަންޓު ނަރާއި ކޭބަލް ފާސްކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް، އޮތޯރިޓީން ށާއިއުކުރަންވާނެއެވެ.
22 ވަނަ މާއްދާ - ކަރަންޓު ނަރާއި ކޭބަލް ޓެސްޓުކުރުން
(ހ) ތަނެއް ވައިރުކުރުމުގެ ކުރިން އެ ތަނެއް ވައިރުކުރަން ނިންމައިފައިވާ ނަރާއި ކޭބަލުގެ ޓެސްޓުތައް ކޮށްފައިވާކަން، ކަރަންޓު ވައިރުކުރާ ފަރާތުން ކަށަވަރު ކުރަންވާނެއެވެ.
(ށ) ކަރަންޓު ނަރާއި ކޭބަލް ޓެސްޓުކުރުމަށް ލެބޯޓަރީއެއް ގާއިމުކުރުމާ ގުޅޭ އުސޫލެއް އޮތޯރިޓީން އެކުލަވައިލައި ށާއިއު ކުރަންވާނެއެވެ. އަދި އޮތޯރިޓީން އެކުލަވައިލާ އުސޫލާ އެއްގޮތަށް އެ ތަނެއް އޮތޯރިޓީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ނ) ދިވެހިރާއްޖޭގައި ކަރަންޓު ނަރާއި ކޭބަލް ޓެސްޓުކުރެވޭނެ ގޮތެއް ނެތް ނަމަ، އޮތޯރިޓީން ދޫކުރާ ކޭބަލް ބޭނުންކުރުމުގެ ހުއްދައަށް ބަލައިގެން އެ ކޭބަލެއް ބޭނުންކުރެވިދާނެއެވެ.
23 ވަނަ މާއްދާ - ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ރައްކައުތެރިކުރުމަށް ބޭނުންކުރާ އާލާތްތައް
ދިވެހިރާއްޖޭގައި ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ރައްކައުތެރިކުރުމަށް ބޭނުންކުރާ އާލާތްތަކަކީ އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ތަކެތި ކަމުގައި ވާންވާނެއެވެ.
24 ވަނަ މާއްދާ - ކަރަންޓުގެ އުފައްދައި ފޯރުކޮށްދޭ ނިޒާމު ރައްކައުތެރިކުރުމަށް ބޭނުންކުރާ އާލާތްތައް ޓެސްޓުކުރުން
(ހ) ދިވެހިރާއްޖޭގައި ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ރައްކައުތެރިކުރުމަށް ބޭނުންކުރާ އާލާތެއް ޓެސްޓުކުރާނީ އޮތޯރިޓީން އެކަމަށް ހުއްދަ ދޫކޮށްފައިވާ ފަރާތަކުންނެވެ.
(ށ) ޓެސްޓުކުރުމަށް ހުއްދަ ދެވޭ ފަރާތްތަކުން، އެ ފަރާތުގެ ހިދުމަތާބެހޭ ސްޓޭންޑަޑް އޮޕްރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) ތަކާއި ސަރވިސް ޗާޓަރ އެކުލަވައިލަންވާނެއެވެ. އަދި މި ސަރވިސް ޗާޓަރުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ހިދުމަތުގެ ނަން؛
- ޓެސްޓުކުރެވޭ އާލާތް؛
- ޓެސްޓުކުރެވޭ އާލާތުގެ ރޭޓިންގ؛
- ޓެސްޓުކުރުމަށް ހޭދަވާ ވަގުތު؛
- ހިދުމަތުގެ އަގު.
(ނ) ޓެސްޓުކުރަން ބޭނުންވާ އާލާތް ޓެސްޓުކުރާނެ ވަސީލަތެއް ނެތް ނަމަ ނުވަތަ އެފަދަ ތަކެތި ޓެސްޓުކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ލިބިފައިނުވާ ނަމަ، "ފެކްޓަރީ އެކްސެޕްޓަންސް ޓެސްޓު" ރިޕޯޓު ނުވަތަ އެ ފެންވަރުގެ އެހެން ޓެސްޓު ރިޕޯޓެއް ބޭނުންކުރެވިދާނެއެވެ.
25 ވަނަ މާއްދާ - ޓެސްޓުކުރުމުގައި ހަމަހަމަކަން ގެންގުޅުން
(ހ) ތަކެތި ޓެސްޓުކުރުމުގެ ހުއްދަ ލިބިފައިވާ އެއްވެސް ފަރާތަކުން، ހަމައެކަނި އެ ފަރާތުން ދިވެހިރާއްޖެ އެތެރެކުރާ ތަކެތި ޓެސްޓުކޮށް، އެހެން ފަރާތްތަކުން ޓެސްޓުކުރުމަށް ގެންނަ ތަކެތި ޓެސްޓުނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް، އެހެން ފަރާތްތަކުން ގެންނަ ތަކެތި ޓެސްޓުނުކޮށް
ދޫކޮށްލުމަކީ ކުށެކެވެ.
26 ވަނަ މާއްދާ - ޓެސްޓުކުރުމުގެ ހިދުމަތަށް އަގު ނެގުން
(ހ) ޓެސްޓުކުރުމަށް ހުއްދައަށް އެދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ހިދުމަތްތަކުގެ އަގު އޮތޯރިޓީން ފާސްކުރަންވާނެއެވެ.
(ށ) ހިދުމަތްތަކަށް އަގު ނެގުމުގައި ތިރީގައިވާ ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
- ޓެސްޓުކުރާ މެށިނުގެ ކެޕިޓަލް ހަރަދު؛
- ޓެސްޓުކުރާ މެށިނުގެ އޮޕަރޭޓިންގ މެއިންޓަނަންސް ހަރަދު؛
- ޓެސްޓުކުރާ މެށިނުގެ ކޮންސިއުމަބަލްގެ ހަރަދު؛
- ޓެސްޓުކުރާ މެށިން ހިންގާ މުވައްޒަފުންނަށް ހިނގާ ހަރަދު؛
- ކަސްޓަމަރ ކެޓަގަރ.ީ
(ނ) އޮތޯރިޓީން ފާސްކޮށްފައިވާ އަގު ނޫން އަގެއް އެއްވެސް ފަރާތެއްގެ އަތުން ނެގުމަކީ ކުށެކެވެ.
ހަވަނަ ބާބު
އިއާދަކުރަނިވި ހަކަތަ
27 ވަނަ މާއްދާ - އިއާދަކުރަނިވި ހަކަތަ އުފައްދައި، ބޭނުންކުރުން
(ހ) އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި، ފޯރުކޮށްދިނުމާއި، ފެތުރުމާއި، ވިއްކުމާއި، މާކެޓްކޮށް ބޭނުންކުރުމާ ގުޅޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް، ހިދުމަތް ދޭ ފަރާތާއި ހިދުމަތް ހޯދާ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.
(ށ) އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުގެ ބާވަތްތައް ބެހެނީ އަންނަނިވި މޮޑެލްތަކަށެވެ.
- ކޮމާރށަލް ސްކޭލް ރިނިވަބަލް އެނާރޖ:ީ މިއީ މަށްރޫއުގެ ޖުމުލަ ކެޕޭސިޓީ kWp 100 (އެއްސަތޭކަ ކިލޯވޯޓް ޕީކް) އަށް ވުރެ ބޮޑު މަށްރޫއުތަކެވެ.
- ނެޓް މީޓަރިންގ: މިއީ ނެޓް މީޓަރިންގއާ ގުޅޭގޮތުން މިނިސްޓްރީން އެކުލަވައިލާ ގަވާއިދުގެ ދަށުން ވިއުގައާ ގުޅައިގެން އަމިއްލައަށް ކަރަންޓު އުފައްދައި ބޭނުންކުރުމެވެ.
- ރިނިވަބަލް ޕައިލެޓް މަށްރޫއުތައ:ް މިއީ އަޖުމަބެލުމާއި ފީޒިބިލިޓީ ބެލުމަށް ޓަކައި ހިންގޭ މަށްރޫއުތަކެވެ. މީގައި އެކި ބާވަތުގެ ރިނިވަބަލް އެނާރޖީ ހިމެނޭނެއެވެ. އަދި މިފަދަ މޮޑެލްއެއްގައި ވިޔަފާރި މުއާމަލާތެއް ނުހިނގާނެއެވެ.
- އޮފް ގްރިޑް ރިނިވަބަލް އެނާރޖ:ީ މިއީ ގްރިޑާ ނުގުޅައި އަމިއްލައަށް ކަރަންޓު އުފައްދައި ބޭނުންކުރުމެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ މި ނިޒާމުތަކުގެ މޮޑެލްއާއި، ޓެރިފްއާއި، ފަންނީ މިންގަނޑުތައް ހިމެނޭނީ އޮތޯރިޓީ ން ކަނޑައަޅާ އުސޫލުގައެވެ. އަދި މި އުސޫލުތަކާ އެއްގޮތްވާ މަތީން ހުރިހާ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.
(ރ) އިއާދަކުރަނިވި ހަކަތައިގެ މަށްރޫއުތަކުގައި، އިއާދަކުރަނިވި ހަކަތައިގެ ހިދުމަތް ފޯރުކޮށްދޭ ފަރާތާއި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދޭ ފަރާތާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ. އެގޮތުން އެކުލަވައިލާ އެއްބަސްވުމުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
- އެއްބަސްވުމުގެ އަގާއި މުއްދަތު؛
- އެއްބަސްވުމުގައި ހިމެނޭ ބައިވެރީންގެ މަސްއޫލިއްޔަތުތައް؛
- ހިދުމަތުގެ ފެންވަރު؛
- ކަރަންޓުގެ ހިދުމަތް ރިޕޯޓުކުރުމާއި މޮނިޓަރކުރުން؛
- ހައްގުތައް ބަދަލުކުރުމާއި، ލިބޭ ހައްގުތައް ދޫކޮށްލުން.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް އެކުލަވައިލާ އެންމެހައި އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު، އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ޅ) ހަކަތައިގެ ހިދުމަތްދޭ ފަރާތުން އެ ރަށެއްގެ ކަރަންޓު ވިއުގަ ތަންދޭ އެންމެ މަތީ މިންވަރަކަށް އިއާދަކުރަނިވި ހަކަތަ ފީޑްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ވިއުގައިގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރާއި އިތުރަށް ބޭނުންކުރެވޭނެ މިންވަރު އާންމުކޮށް އެނގޭނޭހެން، ކޮންމެ 6 (ހައެއް) މަސް ދުވަހަކުން 1 (އެކެއް) ފަހަރު އަދާހަމަކޮށް، ހިދުމަތް ފޯރުކޮށްދޭ ފަރާތުން އެ މައުލޫމާތު އާންމުކުރަންވާނެއެވެ.
28 ވަނަ މާއްދާ - އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިކުރުން
(ހ) ދިވެހިރާއްޖޭގައި އުފައްދައި ފޯރުކޮށްދޭ ކަރަންޓުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާނެ ވަކި ލަނޑުދަނޑިއެއް މިނިސްޓަރު ކަނޑައަޅަންވާނެއެވެ. މިގޮތުން ކަނޑައަޅާ ލަނޑުދަނޑިތައް، މީލާދީ ކޮންމެ 5 (ފަހެއް) އަހަރަކުން 1 (އެކެއް) ފަހަރު މުރާޖާކުރަންވާނެއެވެ. އަދި ކަނޑައަޅާ މިންވަރަކަށް އިއާދަކުރަނިވި ހަކަތައިން ދިވެހިރާއްޖޭގައި ކަރަންޓު އުފައްދައި އާންމުންނަށް ފޯރުކޮށްދިނުމަށް ޓަކައި ސަރުކާރުން ހިންގާ އެކިއެކި މަށްރޫއުތަކަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެއްބާރުލުން ދޭންވާނެއެވެ.
(ށ) ދިވެހިރާއްޖޭގައި ހިންގާ ތަރައްގީގެ މަށްރޫއުތަކުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ފަސޭހައިން ގާއިމުކުރެވޭނެ ގޮތްތައް ހޯދޭނެ މަގު ކައުންސިލުތަކުން ފަހިކޮށްދޭންވާނެއެވެ.
(ނ) ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ބޭނުންކުރެވިދާނެ ތަންތަން، މިނިސްޓްރީން ހަދާ ގަވާއިދާއި އުސޫލާ އެއްގޮތަށް އެ ސިޓީއެއްގެ ސިޓީ ކައުންސިލުންނާއި އެ ރަށެއްގެ ރަށު ކައުންސިލުން ކަނޑައަޅަންވާނެއެވެ.
29 ވަނަ މާއްދާ - އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އިސްކަންދިނުން
ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ ބާވަތްތަކުގެ ތެރެއިން އެއް ބާވަތަށް ވުރެ ގިނަ ބާވަތް ބޭނުންކުރެވެން އޮތް ހާލަތެއްގައި އަބަދުވެސް އިސްކަންދެވެނީ ތިމާވެށްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް އެންމެ ގެއްލުން ކުޑަ އަދި އިއާދަކުރަނިވި ހަކަތައަށްކަން، ހަކަތައިގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކަށަވަރު ކުރަން ވާނެއެވެ.
ހަތްވަނަ ބާބު
ކަރަންޓުގެ ހިދުމަތުގެ ޕްލޭންތައް
30 ވަނަ މާއްދާ - ޑިމާންޑް ފޯކާސްޓްކުރުން
(ހ) ކަރަންޓުގެ ހިދުމަތް ދޭ ފަރާތްތަކުން ކަރަންޓުގެ ހިދުމަތުގެ ކުރު މުއްދަތާއި ދިގު މުއްދަތުގެ އަހަރީ ޑިމާންޑް ފޯކާސްޓެއް ހެދުމަކީ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޒިންމާއެކެވެ. ކުރު މުއްދަތުގެ ފޯކާސްޓް ހަދަންވާނީ، 3 (ތިނެއް) އަހަރަށެވެ. އަދި ކޮންމެ އަހަރެއްގެ ސެޕްޓެންބަރުމަހުގެ ނިޔަލަށް ފޯކާސްޓް އަޕްޑޭޓް ކުރަންވާނެއެވެ. ދިގު މުއްދަތުގެ ފޯކާސްޓް ހަދަންވާނީ، 10 (ދިހައެއް) އަހަރަށެވެ.
(ށ) ޑިމާންޑް ފޯކާސްޓް ހެދުމުގައި ތަރައްގީގެ މަށްރޫއުތައް، ރަށުގެ ފެންވަރާއި ސަރަހައްދީ ފެންވަރަށް ބަލައި، އެ މަށްރޫއުތައް ހިންގާ ފަރާތްތަކާ ގުޅިގެން، ވީހާވެސް ޔަގީންވާ މައުލޫމާތުގެ މައްޗަށް ބުރަވެ ހިދުމަތްދޭ ފަރާތުން ފޯކާސްޓުގެ މަސައްކަތް ކުރިޔަށް ގެންދަންވާނެއެވެ.
(ނ) ޑިމާންޑް ފޯކާސްޓަށް ބޭނުންވާ ތަރައްގީގެ ކުރު މުއްދަތުގެ މައުލޫމާތާއި ދިގު މުއްދަތުގެ މައުލޫމާތ،ު ކަމާބެހޭ ވުޒާރާތަކުން ބޭނުންވާ ވަގުތަށް ފޯރުކޮށްދީ، މި މަސައްކަތަކަށް ބޭނުންވާ އެއްބާރުލުން، މިނިސްޓްރީއަށާއި ޔުޓިލިޓީ ކުންފުނިތަކަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.
31 ވަނަ މާޢްދާ - ޑިމާންޑް މެނޭޖުކުރުން. 31 މި ގަވާއިދުގެ 30 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ޑިމާންޑް ފޯކާސްޓަށް ބަލައި، ޑިމާންޑް ގްރޯތު ކޮންޓްރޯލް ކުރުމަށް ޓަކައި ހިދުމަތްދޭ ފަރާތުން ޕްރޮޑަކްށަނާއި ޑިސްޓްރިބިއުށަން ފަޅީގެ އެފިށަންސީ އިތުރުކުރުމާއި، ކަސްޓަމަރުންގެ ޑިމާންޑް ކުޑަކުރުމަށް ޓަކައި ޑިމާންޑް ސައިޑް މެނޭޖުކުރުމުގެ ޕުރޮގުރާމު މިނިސްޓްރީއާއި އޮތޯރިޓީގެ މަށްވަރާގެ މަތީން އެކުލަވައިލައި ހިންގަންވާނެއެވެ.
32 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތުގެ އިންވެސްޓްމަންޓްތައް އެކުލަވައިލުމާއި ފާސްކުރުން
(ހ) ކަރަންޓުގެ ޑިމާންޑަށް އަންނަ ބަދަލުތައް ދެނެގަތުމާއި ޑިމާންޑާ އެކަށީގެންވާ ވަރަށް ކަރަންޓުގެ ނިޒާމު ތަރައްގީކޮށް ދެމެހެއްޓުމަކީ ކަރަންޓު ފޯރުކޮށްދޭ ފަރާތުގެ ޒިންމާއެކެވެ.
(ށ) ކަރަންޓުގެ ހިދުމަތަށް ބޭނުންވާ 5 (ފަހެއް) އަހަރުދުވަހުގެ އިންވެސްޓްމަންޓް ޕްލޭނެއް، އޮތޯރިޓީން އަންގާ ތާރީހަކުން ފެށިގެން، މީލާދީ ކޮންމެ 5 (ފަހެއް) އަހަރަކުން، ހިދުމަތްދޭ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ނ) އިންވެސްޓްމަންޓް ޕްލޭންތައް ހެދުމުގައި، މި ގަވާއިދުގެ 30 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ޑިމާންޑް ފޯކާސްޓަށް ރިއާޔަތް ކުރަންވާނެއެވެ.
(ރ) ހިދުމަތުގެ އެންމެ މަތީ އަގު ފާސްކުރުމުގައި އޮތޯރިޓީން އިންވެސްޓްމަންޓް ޕްލޭނަށް ރިއާޔަތް ކުރަންވާނެއެވެ.
33 ވަނަ މާއްދާ - އޮޕަރޭށަން ޕްލޭނާއި މެއިންޓެނެންސް ޕްލޭން
(ހ) ކަރަންޓުގެ ހިދުމަތާއި، ކަރަންޓުގެ ނިޒާމުގެ ރައްކައުތެރިކަމާއި، ކޮލިޓީއާއި އެފިށަންސީގެ މިންގަނޑު އެކަށޭނަ މިންވަރަކަށް ދެމެހެއްޓުމުގައި، ހިދުމަތްދޭ ފަރާތުގެ އިންޖީނުގޭގައި އޮޕަރޭށަން އެންޑް މެއިންޓެނެންސް ކުރިޔަށްގެންދާނެ ގޮތުގެ ފުރިހަމަ ޕްލޭނެއް އެކުލަވައިލައި، ކޮންމެ އިންޖީނުގެއެއްގައި، ކޮންމެ ވަގުތަކު ވެސް ލިބެންހުރިކަން ކަށަވަރު ކުރަންވާނެއެވެ.
(ށ) އޮޕަރޭޓްކޮށް މެއިންޓެއިން ކުރުމަށް ބޭނުންވާނެ އެންމެހައި އާލާތަކާއި، ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ދެނެގަތުމަށް އެކުލަވައިލައިފައިވާ ރިޕޯޓާއި، އެ ތަނުގެ އޭޒ-ްބިލްޑް ޑިޒައިންތަކާއި، މެނުފެކްޗަރަރގެ ޔޫޒަރ މެނުއަލްތަކާއި، ހިދުމަތްދޭ ފަރާތުގެ އޮޕަރޭށަން މެނުއަލްތައް، އިންޖީނުގޭގައި އަބަދުވެސް ފެންނާނޭ ގޮތަށް ހުންނަންވާނެއެވެ.
(ނ) ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ދިނުމަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ކަނޑައެޅުމާއި، އެ މުވައްޒަފުންނަށް ބޭނުންވާނެ އެންމެހައި ތަމްރީނުތައް ދިނުމަކީ ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ.
(ރ) ކަރަންޓުގެ ނިޒާމު އޮޕަރޭޓްކުރުމުގައި ސަލާމަތީ ކަންކަމާއި، ތިމާވެށްޓަށް ކުރާ އަސަރާއި، ރަށުގެ ރައްޔިތުންގެ ސިއްހަތަށް އަސަރުކުރާ މިންވަރާއި، އަދިވެސް މިނޫނަސް ކަރަންޓު އުފައްދައިގެން ކޮށްފާނެ ނޭދެވޭ އަސަރުތައް، ހިދުމަތްދޭ ފަރާތުން މޮނިޓަރކޮށް، މިފަދަ ކަންތައްތައް އޮތޯރިޓީއަށް އަބަދުވެސް ރިޕޯޓުކުރުމާއި، އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރަންވާނެއެވެ.
(ބ) އޮޕަރޭޓްކޮށް މެއިންޓެއިން ކުރުމުގައި ވީހާވެސް ހަރަދުކުޑަކޮށް ޕްލޭންތައް އެކުލަވައިލައި ތަންފީޒުކުރުމަށް އިސްކަންދޭންވާނެއެވެ.
އަށްވަނަ ބާބު
ކަރަންޓުގެ ހިދުމަތް ދިނުމުގެ ސަލާމަތާއި ރައްކައުތެރިކަން
34 ވަނަ މާއްދާ - ކަރަންޓުގެ ނިޒާމުތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުން
ކަރަންޓުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެންމެހައި މުވައްޒަފުންނާއި ތަކެތީގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަކީ، އެ ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ. އަދި ހިދުމަތްދޭ ފަރާތުން، އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) ކަރަންޓުގެ ނިޒާމު ގާއިމުކޮށްފައި ހުންނަ މަރުކަޒުތަކާއި، އެ ނިޒާމުގެ އެކި ބައިތައް ހިންގާ ތަންތަނުގައްޔާއި، މުވައްޒަފުން އާންމުކޮށް ހަރަކާތްތެރިވާ ތަންތަނުގައި އެ ތަނަކާ އެންމެ އެކަށޭނަ މިންވަރުގެ އަދި ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާ މިންގަނޑަށް ފެތޭގޮތަށް، އަލިފާން ނިވާ ނިޒާމެއް ގާއިމުކޮށްފައި ހުންނަންވާނެއެވެ.
(ށ) ހިދުމަތްދޭ ކަރަންޓުގެ ނިޒާމުގެ ހުރިހާ ބައިތަކެއް ހުންނަންވާނީ، އާންމުންނާއި ގެދޮރާއި މުދަލަށް ނުރައްކާނުވާނޭ ގޮތަކަށެވެ. އަދި ހިދުމަތްދޭ ފަރާތުގެ އިހުމާލުން، ހިދުމަތްދޭ ފަރާތުގެ ބެލުމުގެ ދަށުގައިވާ ހަކަތައިގެ ނިޒާމެއްގެ ސަބަބުން ނުވަތަ އޭގެ އެއްވެސް ބައެއްގެ ސަބަބުން އާންމުންގެ ފަރުދަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ވެއްޖެ ނަމަ، އެ ކަމަކަށް ޒިންމާވާނީ ހިދުމަތްދޭ ފަރާތުންނެވެ.
(ނ) ކަރަންޓުގެ ހިދުމަތާ ގުޅިގެން، ކަރަންޓުގެ ސަލާމަތީ ކަމަކާ ގުޅޭ ހާދިސާއެއް ހިނގައިފި ނަމަ، ތަފުސީލު ހިމެނޭ ގޮތަށް އެ ހާދިސާއެއް ލޮގް ކުރަންވާނެއެވެ. އަދި ސަލާމަތީ ހާދިސާއެއްގެ ސަބަބުން މުވައްޒަފަކަށް ނުވަތަ އާންމު ފަރުދަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ވެއްޖެ ނަމަ، ހިދުމަތްދޭ ފަރާތުން ވަގުތުން ކަމާބެހޭ އެންމެހައި މައުލޫމާތު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި އެކަން ހިނގިތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު، ކަން ހިނގަން ދިމާވި ސަބަބާއި، ކަމާ ގުޅިގެން އެޅި އިސްލާހީ ފިޔަވަޅުތައް ހިމެނޭގޮތަށް ތަފުސީލު ރިޕޯޓެއް އެކުލަވައިލައި އޮތޯރިޓީއާ ހިއްސާކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެކްސިޑެންޓެއް ވެއްޖެ ނަމަ ނުވަތަ ކާރިސާއެއް ހިނގައިފި ނަމަ، އެކަން އިތުރަށް ބެލުމަށް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން އޮތޯރިޓީން އެ ކަމެއް ބެލުމަށްފަހު، އިސްލާހުކުރަންޖެހޭ ކަމެއް ނުވަތަ ފިޔަވަޅު އަޅަންޖެހޭ ކަމެއް ފެނިއްޖެ ނަމަ، ކަމާބެހޭ ފަރާތްތަކުގެ މަށްވަރާގެ މަތީން އަދި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ކަމެއް އިސްލާހުކުރުމަށް ނުވަތަ އެކަމަކާ ގުޅިގެން ފިޔަވަޅު އެޅުމަށް އެންގުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
35 ވަނަ މާއްދާ - ތެޔޮ ރައްކައުކުރުން
(ހ) ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބެން ހުންނަކަން ކަށަވަރުކުރުމަށް ޓަކައި، ކަރަންޓު ފޯރުކޮށްދޭ ފަރާތްތަކުން، މަދުވެގެން 7 (ހަތެއް) ދުވަހަށް ވާ ވަރަށް، ކަރަންޓު އުފެއްދުމަށް ބޭނުންވާ ޑީސަލް ރައްކައުކުރެވޭނެ ނިޒާމެއް ގާއިމުކުރަންވާނެއެވެ. އަދި މިކަން ކަށަވަރުކުރުމަށް ޓަކައި އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލުން މިކަމަށް އެކަށޭނަ މިންވަރެއްގެ ބިން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
(ށ) މިގޮތަށް ތެޔޮ ރައްކައުކޮށްފައި ހުންނަންވާނީ، އޮތޯރިޓިން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މިކަމާ ގުޅޭ އުސޫލު އޮތޯރިޓީން އެކުލަވައިލައި ށާއިއުކުރަންވާނެއެވެ.
(ނ) ތެޔޮ ރައްކައުކޮށްފައި ބަހައްޓާ ސަރަހައްދުގައި އެ ތަން ރަނގަޅަށް ފާހަގަވާނޭހެން ދިވެހިބަހުންނާއި، އިނގިރޭސިބަހުންނާއި، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކިޔަން އެނގޭނޭ ބަހަކުން ލިޔެފައިވާ ސައިން ބޯޑުތައް ހަރުކޮށްފައި ހުންނަންވާނެއެވެ.
(ރ) ތެޔޮ އުފުލައި ގެންގުޅުމުގައި ސަލާމަތީ ރައްކައުތެރިކަމަށް ބޭނުންވާ ތަކެތި ދިނުމަކާ ނުލައި، ހިދުމަތްދޭ ފަރާތުން މުވައްޒަފުން ލައްވައި ތެޔޮ އުފުލުވައި އަދި ގެންގުޅުވައިގެން ނުވާނެއެވެ. އަދި ތެޔޮ އުފުލައި ގެންގުޅެންޖެހޭ މުވައްޒަފަކު ނަމަ، އެ މުވައްޒަފެއްގެ މަސައްކަތާ ގުޅިގެން ބަހައްޓަންޖެހޭ އެންމެހައި ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރުމާއި، މުވައްޒަފުންގެ ސަލާމަތ/ީރައްކައުތެރިކަމަށް ބޭނުންވާ ތަކެތި އެ މުވައްޒަފުން ބޭނުންކުރާކަން ކަށަވަރުކުރުމަކީ ހިދުމަތްދޭ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމަކާ ނުލައި މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވަނިކޮށް އެ މުވައްޒަފަކަށް ގެއްލުމެއް ވެއްޖެ ނަމަ، އެކަމުގެ އެންމެހައި ޒިންމާ އުފުލަންޖެހޭނީ ހިދުމަތްދޭ ފަރާތުންނެވެ. އަދި ހަވާލުކުރެވުނު މަސައްކަތަކީ ކޮންޓްރެކްޓް އުސޫލުން އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރާ މަސައްކަތެއް ކަމުގައި ވިޔަސް، އެ މަސައްކަތަކީ ތެޔޮ އުފުލައި ގެންގުޅެންޖެހޭ މަސައްކަތެއް ކަމުގައި ވާ ނަމަ، މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައިފައިވޭތ،ޯ ހިދުމަތްދޭ ފަރާތުން ކަށަވަރު ކުރަންވާނެއެވެ.
36 ވަނަ މާއްދާ - ކުއްލި ހާލަތު
(ހ) އިމަރޖަންސީ ހާލަތަކާ ގުޅިގެން ނުވަތަ ގުދުރަތީ ކާރިސާއަކާ ގުޅިގެން ނުވަތަ އަމިއްލަ އިހުތިޔާރުން ބޭރުން ދިމާވާ ކަމަކާ ގުޅިގެން މެދުނުކެނޑި ހިދުމަތް ދެވޭނެކަން ކަށަވަރު ކުރުމަށް ޓަކައި ހިދުމަތް ދިނުމަށް ބޭނުންވާ އެކަށީގެންވާ މެޓީރިއަލް ސްޓޮކެއް، ހިދުމަތްދޭ ފަރާތުން އިންތިޒާމު ކުރަންވާނެއެވެ.
(ށ) ދިމާވެދާނެ ކުއްލި ކާރިސާއަކާ ގުޅިގެން އަދި އަންނަނިވި ހާލަތުތަކުގައި އަމަލުކުރާނެ އިމަރޖެންސީ ރެސްޕޯންސް ޕްލޭނެއް، ހިދުމަތް ދޭ ފަރާތުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވައިލައި އޮތޯރިޓީއަށް އެ ޕްލޭން ހުށަހަޅަންވާނެއެވެ. އަދި އަލަށް ހިދުމަތްދޭ ފަރާތްތަކުން ލައިސަންސަށް އެދި ހުށަހަޅާއިރު އެ ޕްލޭން ހުށަހަޅަންވާނެއެވެ. މި ޕްލޭނުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
- ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލައެއް ނުވަތަ ކާރިސާޔަކާ ގުޅިގެން 24 (ސައުވީސް) ގަޑިއިރަށް ވުރެ އިތުރަށް މެދުކެނޑިގެން ހިނގައިދާނެ ކަމަށް ބަލައި، އެފަދަ ކާރިސާއެއް ދިމާވެއްޖެ ނަމަ ހިދުމަތްދޭ ފަރާތުން އަމަލުކުރާނެ ގޮތް؛
- ކާރިސާގެ ބާވަތްތަކާއި ކާރިސާއެއްގެ ސަބަބުން ކަރަންޓުގެ ނިޒާމާއި އޭގެ ބައިތަކަށް އޮތް ރިސްކުގެ މިންވަރު ބަލައި، ކޮންމެ ރަށެއް ވަކިވަކީން ދިރާސާކޮށް، ކޮންމެ ރަށަކަށް ރިސްކް އެސެސްމަންޓެއް ހެދުން؛
- ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ކަންކަމަށް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ގޮތް؛
- ފަރުދުންނަށް ވީހައިވެސް ފަސޭހައިން ކަރަންޓު ފޯރުކޮށްދެވޭނެ ގޮތް؛
- ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭ ހޮސްޕިޓަލް ފަދަ ތަންތަނަށް ކަރަންޓު ފޯރުކޮށްދޭނެ ގޮތް؛
- ތެޔޮހޮޅި ފަޅައިގެން ދިއުން ފަދަ ކަމެއްގެ ސަބަބުން ކަރަންޓުގެ ނިޒާމަށް ނުވަތަ ނިޒާމުން ބަޔަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން، ކަރަންޓު އުފައްދައި ފޯރުކޮށްދޭ ނިޒާމު ހިންގުމަށް ބުރޫއަރައި، މަގުމައްޗަށް ތެޔޮ ބޭރުވާ ހާލަތެއްގައި އަމަލުކުރާނެ ގޮތް؛
- މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް މެދުވެރިވުމުން މީހުންނާއި ތަކެއްޗަށް ލިބިފައިވާ ގެއްލުމުގެ ކަންކަން ހައްލުކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، އެ ސަރަހައްދެއްގެ ތިމާވެށްޓަށް ލިބޭ ގެއްލުން ފޫބެއްދުމަށް ކުރާނެ މަސައްކަތްތަކާއި، ނިޒާމަށް ނުވަތަ ނިޒާމުން ބަޔަކަށް ލިބިފައިވާ ގެއްލުމުގެ ކަންކަން ހައްލުކުރުމަށް އަޅާނެ ފިޔަވަޅުތައް؛
- ރެސްޕޮންސް ޕްލޭނުގެ ތަމްރީނާއި ޑްރިލް ކުރިޔަށްގެންދާނެ ގޮތުގެ ތަފުސީލު.
ނުވަވަނަ ބާބު
މޮނިޓަރކޮށް ރިޕޯޓުކުރުން
37 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތް ރެގިއުލޭޓް ކުރުމަށް ޓަކައި ހުށަހަޅަންޖެހޭ ރިޕޯޓުތައް
(ހ) ކަރަންޓުގެ ހިދުމަތް ރެގިއުލޭޓްކުރުމަށް ޓަކައި ބޭނުންވާ ހިދުމަތް ދޫކޮށްފައިވާ ފަރާތަށް ދޫކޮށްފައިވާ ލައިސަންސްގައި ބަޔާންކޮށްފައިވާ އެންމެހައި ރިޕޯޓުތައް، ހިދުމަތް ފޯރުކޮށްދޭ ފަރާތުން، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސްގައި ކަނޑައަޅައިފައިވާ ށަރުތުތަކާ އެއްގޮތަށް ހުށަހަޅަންވާނެއެވެ.
38 ވަނަ މާއްދާ - މޮނިޓަރކުރުމުގައި ކައުންސިލުގެ ދައުރު
އޮތޯރިޓީން ބޭނުންވެއްޖެ ހާލަތެއްގައި ހިދުމަތުގެ ފެންވަރު މޮނިޓަރކުރުމަށް ޓަކައި ބައެއް ކަންކަން ކައުންސިލާ ހަވާލުކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ. މިފަދަ ހާލަތެއްގައި ކައުންސިލާ ހަވާލުކުރެވޭނެ ކަންތައްތައް ބަޔާންކޮށް ކައުންސިލަށް ހާއްސަ މޮނިޓަރިންގ ޕްލޭނެއް އެކުލަވައިލައި، ހިދުމަތްދޭ ފަރާތުން އެއާ އެގޮތަށް ކައުންސިލަށް ރިޕޯޓުކުރުމާއި، ކައުންސިލުން އޮތޯރިޓީއަށް ރިޕޯޓުކުރަމުން ގެންދަންވާނެއެވެ.
39 ވަނަ މާއްދާ - މޮނިޓަރިންގގެ މަސައްކަތް ތިންވަނަ ފަރާތަކާ ހަވާލުކުރުން
މޮނިޓަރިންގގެ ބައެއް މަސައްކަތް އޮތޯރިޓީން ކަނޑައަޅާ އެހެން ފަރާތަކަށް ވެސް ހަވާލުކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. އަދި މިގޮތަށް އެހެން ފަރާތަކާ ހަވާލުކުރާ ހާލަތުގައި، މި ގަވާއިދުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން އޮތޯރިޓީއަށް ރިޕޯޓުކުރުމަކީ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޒިންމާއެކެވެ.
ދިހަވަނަ ބާބު
ފިޔަވަޅު އެޅުން
40 ވަނަ މާއްދާ - ފިޔަވަޅު އެޅުން
އެއްވެސް ފަރާތަކުން، މި ގަވާއިދަށް އަމަލުކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަމަކުން ކުރެ ކަމެއް ކޮށްފި ނަމަ، އަންނަނިވި ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ހ) މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ނުވަތަ މިނިސްޓްރީއަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއް ގަސްތުގައި އޮޅުވައިލުމާއި، ދޮގު މައުލޫމާތެއް ފޯރުކޮށްދިނުމަކީ ކުށެކެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ފިޔަވަޅުއެޅޭ ފުރަތަމަ ފަހަރު، 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ފިޔަވަޅުއެޅޭ ދެވަނަ ފަހަރު، 30,000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ދެ ފަހަރަށް ވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 50,000 (ފަންސާސް ހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން.
(ށ) މި ގަވާއިދުގެ ދަށުން ހުއްދަ ނުހޯދައި، ކަރަންޓުގެ ނިޒާމު ގާއިމުކުރުމަކީ ކުށެކެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ފިޔަވަޅުއެޅޭ ފުރަތަމަ ފަހަރު، 200,000 (ދެލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
- ފިޔަވަޅުއެޅޭ ދެވަނަ ފަހަރު، 300,000 (ތިން ލައްކަ) ރުފިޔާއިން ޖޫރިމާނާކުރުން؛
- އެއް މައްސަލައެއް ތަކުރާރުވެގެން ދެފަހަރަށް ވުރެ އިތުރުވެއްޖެ ނަމަ، 1,000,000 (އެއްމިލިޔަން) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން
ޖޫރިމަނާކުރުން.
(ނ) ހިދުމަތްދޭ ފަރާތުގެ ވަސީލަތްތަކަށާއި ހިދުމަތަށް ގަސްތުގައި ގެއްލުން ދިނުމާއި، ހިދުމަތް ދިނުމަށް ދަތިކުރުމުގެ އެއްވެސް އަމަލެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ފިޔަވަޅުއެޅޭ ފުރަތަމަ ފަހަރު، 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ފިޔަވަޅުއެޅޭ ދެވަނަ ފަހަރު، 200,000 (ދެ ލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
- އެއް މައްސަލައެއް ތަކުރާރުވެގެން ދެފަހަރަށް ވުރެ އިތުރުވެއްޖެ ނަމަ، 500,000 (ފަސްލައްކަ) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖުރިމަނާކުރުން.
(ރ) އޮތޯރިޓީގެ ހުއްދަނެތި ލައިސަންސަށް ބަދަލެއް ގެނައި ފަރާތެއްގެ އަދަބަކީ ނުވަތަ ދޫކޮށްފައިވާ ލައިސަންސްގެ އިމުގެ ބޭރުން މަސައްކަތް ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ފިޔަވަޅުއެޅޭ ފުރަތަމަ ފަހަރު، 200,000 (ދެލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
- ފިޔަވަޅުއެޅޭ ދެވަނަ ފަހަރު، 300,000 (ތިން ލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
- އެއް މައްސަލައެއް ތަކުރާރުވެގެން ދެފަހަރަށް ވުރެ އިތުރަށް ފިޔަވަޅުއެޅޭ ކޮންމެ ފަހަރަކު 500,000 (ފަސްލައްކަ) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.
(ބ) މި ގަވާއިދުގެ ދަށުން ކަމެއް އިސްލާހުކުރުމަށް ދޭ މުއްދަތުގައި އެކަން އިސްލާހު ނުކުރުމަކީ ކުށެކެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ފިޔަވަޅުއެޅޭ ފުރަތަމަ ފަހަރު، 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ފިޔަވަޅުއެޅޭ ދެވަނަ ފަހަރު، 30,000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- އެއް މައްސަލައެއް ތަކުރާރުވެގެން ދެފަހަރަށް ވުރެ އިތުރަށް ފިޔަވަޅުއެޅޭ ކޮންމެ ފަހަރަކު 50,000 (ފަންސާސް ހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.
(ޅ) ނަހަމަގޮތެއްގައި ކަރަންޓު ބޭނުންކުރުމަކީ ކުށެކެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ހިދުމަތްދޭ ފަރާތަށް ނުވަތަ ހިދުމަތް ލިބޭ ފަރާތަށް މިކަމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެ ނަމަ، އެ ކަމެއް ހައްލުކުރަން ހިނގާ އެންމެހައި ހަރަދެއް ކުރަންވާނީ، އެ އަމަލެއް ހިންގި ފަރާތުންނެވެ.
- ފިޔަވަޅުއެޅޭ ފުރަތަމަ ފަހަރު، 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- އެއް މައްސަލައެއް ތަކުރާރުވެގެން ފިޔަވަޅުއެޅޭ ދެވަނަ ފަހަރު 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- އެއް މައްސަލައެއް ތަކުރާރުވެގެން ދެފަހަރަށް ވުރެ އިތުރަށް ފިޔަވަޅުއެޅޭ ކޮންމެ ފަހަރަކު 100,000 (އެއް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އެޅުމުގެ ކުރިން، ގަވާއިދާ ހިލާފަށް ކުރި ކަމެއް އިސްލާހުކުރުމަށް އެ ފަރާތަކަށް ނަސޭހަތްދިނުމުގެ އިހުތިޔާރު، އޮޓޯރިޓީއަށް ލިބިގެންވެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ އިތުރުން، ގަވާއިދާ ހިލާފުވެގެން ހުންނަ ކޮންމެ ދުވަހަކަށް 100 (އެއްސަތޭކަ) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
(އ) ގަވާއިދުގައި ވަކި ފިޔަވަޅެއް ބަޔާންކޮށްފައި ނުވިނަމަވެސް، ގަވާއިދާ ހިލާފުވުން ކަމުގައި ބެލެވިދާނެ ކަމެއް މެދުވެރިވެއްޖެ ނަމަ، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 2,000 (ދެހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖުރިމަނާ ކުރެވިދާނެއެވެ.
އެގާރަވަނަ ބާބު
އެހެނިހެން
41 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އަށެވެ.
(ނ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ސިޓީ ކައުންސިލުތަކާއި، ރަށު ކައުންސިލުތަކަށެވެ.
(ރ) "އިމާރާތް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ އިމާރާތްތަކާއި، މީހުން ދިރިއުޅުމަށް ކުއްޔަށްދޭ އިމާރާތްތަކާއި، އޮފީސްތަކާއި، ސުކޫލުތަކާއި، ށޮޕިންގ ސެންޓަރުތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހިދުމަތްދޭ ތަންތަނާއި، މިސްކިތްތައް ހިމެނޭގޮތުން އާންމުކޮށް މީހުންއުޅޭ އިމާރާތްތަކަށެވެ.
(ބ) "އޮޕަރޭޓިންގ ލައިސަންސް" ނުވަތަ "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ނިޒާމުތަކުން ހިދުމަތްދިނުން ނުވަތަ ހަކަތައިގެ ނިޒާމު ހިންގައި ބެލެހެއްޓުމަށް ވަކި މުއްދަތަކަށް ނަގާ ހުއްދައަށެވެ.
(ޅ) "ކަރަންޓުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ބާވަތަކުން ކަރަންޓު އުފައްދައި، ޓްރާންސްމިޓްކޮށް، ޑިސްޓްރިބިއުޓްކޮށް ފޯރުކޮށްދިނުމާއި ޕެޓްރޯލިއަމްގެ ބާވަތްތައް ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި ސާފުކުރުމާއި، ގުދަންކުރުމާއި، ސަޕްލައިކުރުމާއި، ވިއްކުމާއި، މި ކަންކަމާ ގުޅޭ އެންމެހައި އިންފްރާސްޓްރަކްޗަރއަށެވެ.
(ކ) "އެންމެ މަތީ އަގު" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ހިދުމަތަށް، ހިދުމަތް ލިބިގަންނަ ފަރާތްތަކުން ނެގޭނެ އެންމެ މަތީ އަގަށެވެ.
(އ) "ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ހަކަތަ އުފައްދާ ނިޒާމެއް ނުވަތަ އޭގެ ބައެއް މެދުވެރިކޮށް ވިޔަފާރީގެ އުސޫލުން ކަރަންޓު ފޯރުކޮށްދޭ ފަރާތަށެވެ.
(ވ) "ހިދުމަތް ހޯދަމުންދާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ދޭ ހިދުމަތް ލިބިގަނ،ެ ބޭނުންކުރަމުންދާ ފަރާތްތަކަށެވެ.
(މ) "ކަރަންޓުގެ މަސައްކަތް" ކަމުގައި ބުނެފައި އެވަނީ، އެއްވެސް ބާވަތެއްގެ ކަރަންޓުގެ ނިޒާމެއް ނުވަތަ އެއިން ބައެއް ޑިޒައިންކުރުމާއި ނުވަތަ އިންސްޓޯލްކުރުމާއި ނުވަތަ އޮޕަރޭޓްކުރުމާއި ނުވަތަ މެއިންޓެއިން ކުރުމާ ގުޅޭ މަސައްކަތަށެވެ.
(ފ) "އިންވެސްޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ހިދުމަތް އިތުރަށް ފުޅާކުރުމަށް ކޮށްފައިވާ ހޭދައަށެވެ.
(ދ) "އޭޒ-ްބިލްޓް ކުރެހުން" ކަމަށް ބުނެފައި އެވަނީ، ގާއިމުކޮށްފައިވާ ނިޒާމު ހުރި ގޮތުގެ ޓެކްނިކަލް ކުރެހުންތަކަށެވެ.
(ތ) "ފެކްޓަރީ އެކްސެޕްޓަންސް ޓެސްޓު" ކަމަށް ބުނެފައި އެވަނީ، އިކުއިޕްމަންޓް އުފައްދާ ފަރާތުން ޓެސްޓުކޮށް ސްޕެސިފިކޭށަނާއި ޑިޒައިންކޮށްފައިވާ ގޮތަށް އެ އިކުއިޕްމަންޓެއް މަސައްކަތްކުރާކަން ޔަގީންކުރަން ކުރާ ޓެސްޓަށެވެ.
(ލ) "ޑިމާންޑް ފޯކާސްޓް" ކަމުގައި ބުނެފައި އެވަނީ، ތަފާސްހިސާބަށް ބަލައި، އަންނަން އޮތް އަހަރުތަކުގައި ކަރަންޓު ބޭނުންވާ މިންވަރު އަންދާޒާކުރުމަށް، ކަރަންޓު އުފައްދައި ފޯރުކޮށްދޭ ފަރާތަކުން ކުރަންޖެހޭ ފަންނީ ދިރާސާއަށެވެ.
(ގ) "ޑިމާންޑް ގްރޯތު" ކަމުގައި ބުނެފައި އެވަނީ، އަހަރުން އަހަރަށް އެ ރަށެއްގެ ކަރަންޓުގެ ޑިމާންޑް އިތުރުވާ މިންވަރަށެވެ.
(ޏ) "އެފިށަންސީ" ކަމުގައި ބުނެފައި އެވަނީ، ކަރަންޓު ބޭނުންކުރާ ނުވަތަ ކަރަންޓު ފޮނުވުމަށް ބޭނުންކުރާ އާލާތެއް (ޖަނަރޭޓަރު، ކޭބަލް ފަދަ) ތަކެތިން ކަރަންޓު ފޯރުކުރުވުމުގައި އިސްރާފު ކުޑަކުރެވޭނޭ މިންވަރަށެވެ.
(ސ) "އެމަރޖެންސީ ރެސްޕޮންސް ޕްލޭން" ކަމުގައި ބުނެފައި އެވަނީ، ހިދުމަތަށް ބުރޫއަރާ ކުއްލި ހާލަތެއް ދިމާވެގެން (އެކްސިޑެންޓް، އަލިފާނުގެ ހާދިސ،ާ ކާރިސާ ފަދަ) ހިދުމަތްދޭ ފަރާތުން އަމަލުކުރާނެ ގޮތުގެ ޕްލޭނަށެވެ.
(ޑ) "ކަރަންޓުގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ވައިރުކުރުން، ފެނަލް ޑިޒައިންކުރުމާއި އިންސްޓޯލްކުރުން، ޑިސްޓްރިބިއުށަން ނެޓްވޯކް ޑިޒައިންކުރުމާއި އިންސްޓޯލްކުރުން ފަދަ ކަންކަން ހިމެނޭގޮތުން ކުރާ ކަރަންޓުގެ މަސައްކަތްތަކަށެވެ.
42 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
43 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 2 މޭ 2006 ގައި އަމަލުކުރަން ފަށައިފައިވާ "މާލެއާއި ރާއްޖެތެރޭގައި އާންމުކޮށް އިލެކްޓްރިކް ކަރަންޓު ދިނުމާބެހޭ ގަވާއިދު" އުވުނީއެވެ.
ޖަދުވަލު 1
(މިގަވާއިދުގެ އަންނަނިވި ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގަިއ ހިމެނިފައިވާނެ)
ކަރަންޓުގެ އިންފްރާސްޓްރަކްޗަރއެއް ގާއިމު ކުރު މުގައި ނުވަތަ ހިދުމަތެއް ދިނުމުގައި ހިމެނޭ މަރުހަލާތަކުގެ ތަފުސީލު
މައި ގާނޫނު
ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު (ގާނޫނު ނަންބަރު 2021-18)
އުވުނު ގަވާއިދު
(އަދި ނުހިމެނި)
ކިޔުންތެރިންގެ ހިޔާލު