-

ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011

(ގަވާއިދު ނަންބަރު 2011-18)

މި ފައިލް އަދި އަޕްޑޭޓްކޮށް ނުނިމޭ

 

 

1 ވަނަ މާއްދާ - ތަޢާރުފާއި ނަން

(ހ) މި ޤަވާޢިދަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރޫލިންގ ނަންބަރު 2011/SC-RU/02 (14 މާރޗް 2011) ގައިވާ ގޮތުގެ މަތިން 2 ޑިސެމްބަރ 2008ގައި ސުޕްރީމް ކޯޓުން ނެރުއްވި ރޫލިންގ ނަންބަރު 008/SC-RU/01 އާއި 6 އޮކްޓޯބަރ 2009ގައި ސުޕްރީމް ކޯޓުން ނެރުއްވި ރޫލިންގ ނަންބަރު 2009/01/SC އިން ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ޢާންމު އިދާރީ ކަންކަން އެންމެ އެދެވޭ ގޮތުގައި ރާވައި، ހިންގާ ބެލެހެއްޓުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މަސްއޫލިއްޔަތަކަށްވާތީ، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ ޢާންމު ޤަވާޢިދެވެ.

(ށ) މި ޤަވާޢިދަށް ކިޔާނީ "ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު" އެވެ.

(ނ) މި ޤަވާއިދަށް ޢަމަލު ކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - ޤަވާޢިދު ހިންގުން

(ހ) މި ޤަވާއިދު ހިންގާނީ ފަނޑިޔާރުންނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ވަޒީފާދީފައިވާ ފަރާތްތައް ފިޔަވައި ޝަރުޢީދާއިރާގެ އެންމެހައި މުވައްޒަފުންގެ މައްޗަށެވެ. މިޤަވާއިދުގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް، ފަނޑިޔާރުންނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ވަޒީފާދީފައިވާ ފަރާތްތައް ފިޔަވައި، ޝަރުޢީދާއިރާގެ އެންމެހައި މުވައްޒަފުން ޢަމަލު ކުރަންވާނެއެވެ. އަދި މިޤަވާއިދަށް ގެނެވެމުންދާ ބަދަލުތަކަށްވެސް، އެ ބަދަލެއް ގެނެވުމުން، އެ ބަދަލަކާ އެއްގޮތަށް އެބަދަލަށް ނުވަތަ ބަދަލުތަކަށް ޢަމަލުކުރަންޖެހޭ ކޮންމެ ފަރާތަކުން ޢަމަލު ކުރަންވާނެއެވެ.
(ށ) މި ޤަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާހިނދަކު، މި ޤަވާއިދަށް ޢަމަލު ކުރަން ފެށުމަކުން، ޝަރުޢީދާއިރާގެ އިދާރީ މުވައްޒަފަކާ މެދު މީގެކުރިން، އަޅާފައިވާ ފިޔަވަޅެއް، ނުވަތަ ނިންމާފައިވާ ނިންމުމެއް ނުވަތަ ލިބިދީފައިވާ ޙައްޤެއް ބާޠިލެއް ނުވާނެއެވެ. އަދި ކުރީގައި ޢަމަލު ކުރެވުނު ޤަވާޢިދެއްގެ ދަށުން ލިބިދީފައިވާ ޙައްޤަކީ ވަކި މުއްދަތެއް ބަޔާންކޮށް ލިބިދީފައިވާ ޙައްޤެއް ކަމުގައި ވާނަމަ، އެ މުއްދަތު ހަމަވުމާ ހަމަޔަށް އެ ޙައްޤެއް މި ޤަވާއިދުގެ ދަށުން ލިބިދެވޭނެއެވެ. އަދި އެ މުއްދަތު ހަމަވުމާ ހަމަޔަށް އެ ޙައްޤާ ގުޅިފައިވާ އެންމެހައި މަންފާތަކާއި، މާލީ ޢިނާޔަތްތައް އެޤަވާއިދުގައިވާ ގޮތުގެ މަތީން ލިބިދެވޭނެއެވެ.

 

3 ވަނަ މާއްދާ - ޤަވާޢިދުގައި ނުހިމެނޭ ކަމެއް ދިމާވުން

މިޤަވާޢިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، ނުވަތަ އުނިއިތުރެއް ގެންނަންޖެހިއްޖެނަމަ އެކަމެއް ކުރުމުގެ ބާރުލިބިގެންވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ.

 

4 ވަނަ މާއްދާ - ޝަރްޢީދާއިރާގެ މުވައްޒަފުންގެ ވާޖިބް

ޝަރްޢީދާއިރާގައި ޚިދުމަތްކުރާ މުވައްޒަފުންގެ ވާޖިބަކީ، ތެދުވެރިކަމާއި އިޚްލާސްތެރި ކަމާއެކު، ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ކުރުމެއްނެތި، ޢަދުލުއިންޞާފު ޤާއިމުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތަކާއި ޝަރްޢީދާއިރާއިން އެކަށައަޅާ ސިޔާސަތުތަކާއި ޕްރޮގްރާމުތައް ހިންގައި އެޕްރޮގްރާމުތައް ހިންގުމަށް އެހީތެރިވެ ދިނުމެވެ.

 

5 ވަނަ މާއްދާ - ޚިދުމަތް ކުރުމުގެ އުޞޫލުތައް

ޝަރްޢީދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ދައުލަތަށް ޚިދުމަތް ކުރުމުގައި ޢަމަލު ކުރަންވާނީ ތިރީގައިވާ އުޞޫލުތަކުގެ މަތިންނެވެ.

(ހ) ކޮންމެ މުވައްޒަފަކުމެ އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓު ނުވަތަ އިދާރާއެއްގައި އެމީހަކު ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށާއި، އެކޯޓެއް ނުވަތަ އެއިދާރާއެއް ހިންގުމާ ޙަވާލުވެހުރި އެންމެ އިސްފަރާތަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޖަވާބުދާރީ ވާން ވާނެއެވެ.

(ށ) ކޮންމެ މުވައްޒަފަކުމެ އެމުވައްޒަފަކާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި، ވާޖިބު އަދާކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(ނ) ކޮންމެ މުވައްޒަފަކުމެ އެމުވައްޒަފެއްގެ ޒިންމާތައް އަދާ ކުރުމުގައި:

  1. މަސައްކަތުގެ ދާއިރާގައި މަސައްކަތާގުޅޭ ހުނަރުވެރި މިންގަނޑާ އެއްގޮތަށް މުވައްޒަފުގެ ޢަމަލުތައް ބަހައްޓަންވާނެއެވެ.
  2. ހިލޭސާބަހަށް ޢިލްމީ މަސައްކަތެއްކުރުން ފިޔަވައި، ވަޒީފާގެ މަސްލަޙަތާ ފުށުއަރާ އަމިއްލަ މަސައްކަތެއް މުވައްޒަފު ކޮށްގެންނުވާނެއެވެ. އަދި ޝަރްޢީދާއިރާ ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެއެވެ.
  3. ކޯޓުގައި ނުވަތަ އިދާރާގައި ހޭދަކުރަންޖެހޭ ވަގުތުތަކުގައި އަމިއްލަ މަސައްކަތްކުރުމާއި ކޯޓުގެ ނުވަތަ އިދާރާގެ ވަސީލަތްތައް އަމިއްލަ ކަންކަމުގައި ބޭނުންކޮށްގެނެއް ނުވާނެއެވެ.
  4. ޝަރުޢީދާއިރާގެ މިނިވަންކަމާ މުސްތަޤިއްލު ކަމަށް ބުރޫނާރާފަދަގޮތަކަށް ޖަމްއިއްޔާތަކުގައި ބައިވެރިވެވިދާނެއެވެ.


6 ވަނަ މާއްދާ - ރިޕޯޓް ކުރުން

ޝަރްޢީދާއިރާގެ މުވައްޒަފަކު މިޤަވާއިދާ ޚިލާފުކަމެއް ކުރާކަމަށް ތުހުމަތު ކުރެވިއްޖެނަމަ،އެކަމެއް އެނގުނު މުވައްޒަފަކު، އެ މުވައްޒަފު ޖަވާބުދާރީވާންޖެހޭ ވެރިޔާއަށް އެކަމެއް އަންގަން ވާނެއެވެ.

 

7 ވަނަ މާއްދާ - އިލްތިމާސްކުރުން

(ހ) މިޤަވާއިދު ތަންފީޛު ކުރުމުގައި މުވައްޒަފަކާމެދު އެމުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓަކުން ނުވަތަ އިދާރާއަކުން ޢަމަލުކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމަށް ދެކޭނަމަ، އެކަމެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އިލްތިމާސް ކުރުމުގެ ޙައްޤު ކޮންމެ މުވައްޒަފަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނީ މި ޤަވާޢިދުގެ 25 ވަނަ ބާބުގައިވާ ގޮތުގެ މަތިންނެވެ.

 

8 ވަނަ މާއްދާ - މުވައްޒަފުންގެ ކަންތައްތައް

ޝަރްޢީދާއިރާގެ މުވައްޒަފުންގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ ސުޕްރީމް ކޯޓުގެ ހިންގައި ބެލެހެއްޓުން ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. އަދި މިގޮތުން މުވައްޒަފުންގެ ކަންތައްތައް ހިންގައި ބެލެހެއްޓުމުގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރޭ ޤަވާޢިދުތައް މުވައްޒަފުންނަށް އަންގައި، އެ ޤަވާއިދުތައް ހިންގުން.

(ށ) ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާ ބަޔާނާއި، މުވައްޒަފުންގެ ޒިންމާތަކާއި، މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރާނެގޮތާއި، ރެކޯޑާއި ލިޔެކިޔުންތައް ބެލެހެއްޓުމާއިބެހޭ އާންމު އުޞޫލުތައް ކަނޑައެޅުން.

(ނ) މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމާއި އެހެނިހެން ގޮތްގޮތުން ދޭންޖެހޭ ޚިދުމަތްތައް ދިނުން.

(ރ) އެވަގުތަކަށް ހަމަޖައްސައި ދެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ޖާގައާއި، ވަސީލަތް ހަމަޖައްސައި ދިނުން.

(ބ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ޤާއިމުކޮށް އެނިޒާމުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ޅ) މުވައްޒަފުންގެ މެދުގައި އެކުވެރިކަން އުފެއްދުމާއި، ގުޅުން ބަދަހިކުރުމާއި، މަޞްލަޙަތު ޤާއިމުކުރުން.

(ކ) މުވައްޒަފުންގެ މެދުގައި ދުވަހުން ދުވަހަށް މަސައްކަތް ނިންމުމުގެ ސިފަ އަށަގަންނުވައި، މަސައްކަތުގެ އަޚުލާޤު ހަރުދަނާ ކުރުން.

 

9 ވަނަ މާއްދާ - ކޯޓު ނުވަތަ އިދާރާ ހުޅުވައި ލެއްޕުން

(ހ) ކޮންމެ ކޯޓެއް ނުވަތަ އިދާރާއެއްވެސް ހުޅުވަންވާނީ، އަދި ހުޅުވާފައި ބަހައްޓަންވާނީ، އެ ކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ފަންތިން ފެށިގެން މަތީ ދަރަޖައެއްގެ މުވައްޒަފަކު ނުވަތަ އެކަމަށް ހުއްދަ ދީފައިވާ މުވައްޒަފަކު ހުރެގެންނެވެ. އަދި ކޯޓުގެ ނުވަތަ އިދާރާގެ ރަސްމީ ގަޑީގަޔާއި ޚިދުމަތެއްދިނުމަށް ކޯޓު ނުވަތަ އިދާރާ ހުޅުވާފައި ބަހައްޓަންޖެހިއްޖެ ކޮންމެ ވަގުތެއްގައި އެފަދަ މުވައްޒަފަކު ކޯޓުގައި ނުވަތަ އިދާރާގައި ހުންނަން ވާނެއެވެ.

(ށ) އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ފަންތިން ފެށިގެން މަތީގެ ދަރަޖައެއްގެ މުވައްޒަފަކު ނެތިގެން އެނޫން މުވައްޒަފަކަށް ކޯޓު ނުވަތަ އިދާރާއެއް ހުޅުވުމުގެ ހުއްދަ ދޭން ކޮންމެހެން ޖެހިއްޖެނަމަ، ހުއްދަ ދޭނީ ކޯޓު ނުވަތަ އިދާރާއެއް ހިންގުމާ ޙަވާލުވެހުރި އެންމެ އިސްވެރިޔާ ނުވަތަ ކޯޓު ނުވަތަ އިދާރާގެ އިދާރީކަންތައް ހިންގުމާ ޙަވާލުވެހުރި ވެރިޔެކެވެ.

 

10 ވަނަ މާއްދާ - އަމިއްލަ ފައިދާއަށް ކޯޓުގެ ނުވަތަ އިދާރާގެ ތަކެތި ބޭނުން ނުކުރުން

އެއްވެސް މުވައްޒަފަކު، އެމީހެއްގެ މަސްލަޙަތެއް އޮތް ނުވަތަ މަސްލަޙަތެއް ނެތް ވިޔަފާރިއަކަށް ނުވަތަ އެމީހަކަށް މާލީ ފައިދާއެއް ލިބޭ ނުވަތަ މާލީ ފައިދާއެއް ނުލިބޭ ކަމަކަށް ދައުލަތުގެ އެއްވެސް އެއްޗެއް ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

 

11 ވަނަ މާއްދާ - މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސިއްޙީ މިންގަނޑުތަކާއި އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް

(ހ) މަސައްކަތުގައި އުޅެނިކޮށް ލިބިދާނެ ގެއްލުމަކުން ނުވަތަ ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން މުވައްޒަފުން ސަލާމަތް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ 72 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެކަށީގެންވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޯޓުގެ ނުވަތަ އިދާރާގެ މަސްއޫލިއްޔަތެކެވެ.

(ށ) އެތަނެއްގައި ކުރާ މަސައްކަތަކާގުޅޭ ގޮތުން މުވައްޒަފުން ނުރައްކަލުން ސަލާމަތް ކުރުމަށް ބޭނުންވާ އާލާތާއި ތަކެތި، މުވައްޒަފުންނަށް ދޫކުރަންވާނެއެވެ.

(ނ) ޝަރްޢީދާއިރާގެ މަސައްކަތުގައި އުޅެނިކޮށް މުވައްޒަފަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެމީހަކު ލައްވާ މަސައްކަތް ކުރުވުމާ ޙަވާލުވެ ހުރި އިސްމީހާ، ލަސްނުކޮށް އެކަން ކޯޓުގެ ނުވަތަ އިދާރާގެ ކަމާބެހޭ ވެރިޔަކަށް އަންގައި އެމީހަކަށް ފަރުވާ ދިނުމަށް ލަސްނުކޮށް ފިޔަވަޅު އަޅަންވާނެއެވެ. ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތުގައި އުޅެނިކޮށް އެ މަސައްކަތުގެ ތެރެއިން މުވައްޒަފެއްގެ ޖާނަށް ނުވަތަ ޞިއްޙަތަށް ލިބޭ ގެއްލުމަކަށް ބޭނުންވާ ފަރުވާ އެކޯޓަކުން ނުވަތަ އެއިދާރާއަކުން ހަމަޖައްސައިދޭންވާނެއެވެ. އަދި މިކަމުގެ މަޢުލޫމާތު ލަސްނުކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގަންވާނެއެވެ.

 

12 ވަނަ މާއްދާ - ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތް ނުކުރުން

ޝަރުޢީދާއިރާގެ އެއްވެސް މުވައްޒަފަކު، އެ މުވައްޒަފެއްގެ ރަސްމީ ގަޑީގައި އަމިއްލަ ވިޔަފާރިއާބެހޭ ކަމެއް، ނުވަތަ މާލީ ފައިދާއެއް ލިބޭ ނުވަތަ ނުލިބޭ މަސައްކަތެއް ކޮށްގެން ނުވާނެއެވެ. އަދި އެހެން މުވައްޒަފަކު ލައްވާވެސް މިފަދަ މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ.

 

13 ވަނަ މާއްދާ -ދައުލަތުގެ ދުއްވާ އެއްޗެހި ބޭނުންކުރުން

ޝަރުޢީދާއިރާގެ އެއްވެސް މުވައްޒަފަކަށް އެ މުވައްޒަފެއްގެ މަޤާމުގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ދޫކޮށްފައިވާ ދައުލަތުގެ ދުއްވާ އެއްޗެއް އެމީހަކަށް އާމްދަނީއެއް ނުވަތަ މަންފާއެއް ލިބިގަތުމަށްޓަކައި، ބޭނުން ކުރުމަކީ މަނާކަމެކެވެ.

 

14 ވަނަ މާއްދާ - މުވައްޒަފުން ދިރިއުޅުމަށް ދޭ ތަންތަން ބޭނުންކުރުން

(ހ) މުވައްޒަފަކު ދިރިއުޅުމަށް ޝަރުޢީދާއިރާއިން ދީފައިވާ ތަނެއްގައި ޝަރުޢީދާއިރާއިން ހަމަޖައްސާ ގޮތެއްގެ މަތިން އެމުވައްޒަފެއްގެ ޢާއިލާގެ މީހުން ބޭތިއްބުމަކީ ހުއްދަ ކަމެކެވެ.

(ށ) ޝަރުޢީދާއިރާގެ މުވައްޒަފަކު ދިރިއުޅުމަށް ނުވަތަ ހުރުމަށް ޝަރުޢީދާއިރާއިން ދީފައިވާ ތަނެއް ބޭނުންކޮށްގެން މާލީ އެއްވެސް ފައިދާއެއް ހޯދުމާއި ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. 

 

 

2 ވަނަ ބާބު

ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް)

 

15 ވަނަ މާއްދާ - ތަޢާރުފު

ޝަރްޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ، ޚިދުމަތްލިބިގަންނަ ފަރާތްތަކަށް އިތުބާރުހިފޭ ހިތްހަމަޖެހޭ، ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭ ހިތްހެޔޮ ރިވެތި ސުލޫކެއްގެ ވެރިބަޔަކަށް ވާންވާނެއެވެ.

 

16 ވަނަ މާއްދާ - ޢާންމު ރައްޔިތުންނާމެދު އޮންނަ ގުޅުން

ޝަރްޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންތައްތަކާ އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.

(ހ) ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތީން އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި، ތަފާތުކުރުމެއްނެތި އޯގާތެރިކަމާއެކު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބޭގޮތަށް ކޮންމެ މުވައްޒަފަކުވެސް މަސައްކަތްކުރަންވާނެއެވެ. އަދި ޝަރްޢީދާއިރާގެ އިތުބާރާއި ޤަދަރު ކުޑަވާފަދަ އެއްވެސް ކަމެއް އެއްވެސް މުވައްޒަފަކު ކޮށްގެން ނުވާނެއެވެ.

(ށ) ރައްޔިތުންނާ މުޢާމަލާތުކުރުމުގައި، އަދަބުވެރިކަމާއި މަޑުމައިތިރިކަމާއި އިޙްތިރާމާއެކު ފަސޭހައިން މުޢާމަލާތުކުރެވޭނެ އުސޫލެއް ގެންގުޅެންވާނެއެވެ.

(ނ) ރައްޔިތުންނާ މުޢާމަލާތު ކުރުމުގައި، ރައްޔިތުންނަކީ ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ބަޔަކު ކަމުގައި ދެކެންވާނެއެވެ.

(ރ) މުވައްޒަފުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ރައްޔިތެއްގެ ކުލައަށް ނުވަތަ ޖިންސަށް ނުވަތަ ނަސްލަށް ނުވަތަ ވާހަކަދައްކާ ބަހަށް ނުވަތަ އިޖްތިމާޢީ ދަރަޖައަށް ނުވަތަ މަޤާމަށް ނުވަތަ ނުކުޅެދުންތެރިކަމަށް ނުވަތަ ސިޔާސީގޮތުން ތާއީދުކުރާ ފަރާތަކަށް ނުވަތަ މިނޫންވެސް ގޮތަކަށް ބަލައި އެއްވެސް މޭރުމަކުން ތަފާތެއް ކޮށްގެނެއް ނުވާނެއެވެ.

(ބ) އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ޙަރަކާތެއްގައި ބައިވެރިވާ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއްގެ މަންފާއާއި ލާބައަށްޓަކައި، ނުވަތަ އެފަދަ ފަރާތެއްގެ މަޞްލަޙަތު ކުރިއެރުވުމަށްޓަކައި، ކޯޓުގެ ނުވަތަ އިދާރާގެ އެއްވެސް އެއްޗެއްގެ ބޭނުން ކުރުމާއި، މުވައްޒަފެއްގެ މަޤާމުގެ ބޭނުން ކުރުމަކީ މަނާކަމެެވެ.

(ޅ) މުވައްޒަފުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ކޮންމެ ރައްޔިތެއްގެ ޢިއްޒަތަށާއި ކަރާމަތަށާއި އެރައްޔިތަކަށް ޤާނޫނުއަސާސީއިން ލިބިދީފައިވާ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(ކ) ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް، އެޚިދުމަތަކާގުޅިގެން ބޭނުންވާ މަޢުލޫމާތުގެ ތެރެއިން ކޮންމެހެން ދޭންޖެހޭ މަޢުލޫމާތު އަންގައި އޮޅުން ފިލުވައިދޭންވާނެއެވެ.

(އ) މުވައްޒަފު ވަޒީފާއަދާކުރާ ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައަކާ ބެހޭގޮތުން ރަސްމީކޮށްދޭންޖެހޭ މަޢުލޫމާތެއް ފިޔަވައި އެއާގުޅޭ އެހެން މަޢުލޫމާތެއް އެއްވެސް ފަރާތަކަށްދީ، މައްސަލައާ ގުޅުންހުރި އެއްވެސް ފަރާތަކާ މަޝްވަރާކޮށް ޚިޔާލުދީ ވާހަކަ ދައްކައި ހަދައިގެން ނުވާނެއެވެ.

(ވ) މުވައްޒަފު އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ކުރާކަންކަމާއި ހިންގާ ޙަރަކާތްތަކުގައި ތިމާގެމީހުންނާއި ރައްޓެހިންނަށް ފަހިވާގޮތަށް އެއްވެސް ކަމެއް ކޮށްގެނެއް ނުވާނެއެވެ.

(މ) އަމިއްލަ ލާބައާއި މަންފާއެއް ހޯދުމަށްޓަކައި ނުވަތަ ނާޖާއިޒު ގޮތެއްގައި އެހެންމީހަކަށް ފައިދާއެއް ހޯދައިދިނުމަށްޓަކައި ރަސްމީ އެއްވެސް މަޢުލޫމާތެއް ހާމަކޮށް ހަދައިގެނެއް ނުވާނެއެވެ.

 

17 ވަނަ މާއްދާ - މުވައްޒަފުންގެ މެދުގައި އޮންނަންވާނެ ގުޅުން

ޝަރުޢީދާއިރާގެ ކޮންމެ މުވައްޒަފަކުމެ:

(ހ) ޝަރުޢީދާއިރާގެ މަޞްލަޙަތު ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި އެއް މުވައްޒަފަކު އަނެއް މުވައްޒަފަކަށް އެއްބާރުލުން ދޭންވާނެއެވެ.

(ށ) އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެމުވައްޒަފެއްގެ މަޤާމުގެ ބޭނުންކޮށްގެން ނުވަތަ އެހެން މުވައްޒަފަކު މެދުވެރިކޮށް ނާޖާއިޒު ފައިދާ ނަގައިގެނެއް ނުވާނެއެވެ.

(ނ) އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި، އަދި އެމުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގައި ހިނގާ ކަންކަމާ ގުޅޭގޮތުން އެއްވެސް ހިތްހަމަނުޖެހުމެއް ކުރިމަތި ވެއްޖެނަމަ، އެކަމެއް ޙައްލުކުރަންވާނީ މިޤަވާއިދުގެ 25 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ރ) އެމުވައްޒަފެއްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ ކުރިއެރުމަށާއި، މަސައްކަތުގެ ރޫޙު ހިފެހެއްޓުމަށާއި، ހަރުދަނާ އަދި އެކުވެރި މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމާގުޅޭ 

ޝަރުޢީދާއިރާގެ ކޮންމެ މުވައްޒަފަކުމެ:

(ހ) ވަޒީފާ އަދާކުރާކުރުމުގައި ޚަރަދުކުޑަކޮށް، ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ފައިދާވާނެ އުޞޫލަކުން އެމުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ  މަޤުޞަދުތަކާއި އަމާޒުތަކާއި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.

(ށ) އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި އުފެއްދުންތެރި ވިސްނުމާއި ފިކުރު ގެންގުޅެން ވާނެއެވެ. އަދި މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ޙައްލު ކުރުމުގައި އައުގޮތްތައް ހޯދައި، ނަތީޖާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ.

(ނ) އެ މުވައްޒަފަކާ ޙަވާލުކުރެވޭ ކަންކަން ކުރަންވާނީ ހުނަރުވެރިކަމާއެކު، ކަމަށް ކަމޭ ހިތައިގެންނެވެ. އަދި އެކަމެއް ނިންމަންޖެހޭ ވަގުތަށް ނިންމަންވާނެއެވެ.

(ރ) މުވައްޒަފަކު ރަސްމީ ވަޒީފާ އަދާކުރުމުގެގޮތުން ކުރާ ކަމަކުން ނުވަތަ ނިންމާނިންމުމަކުން މުވައްޒަފަކަށް ނުވަތަ މުވައްޒަފަކާ ގުޅުންހުރި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ނުވަތަ މަޞްލަޙަތު ފުށުއަރާ ކަމެއް ނުވަތަ މަންފާ ލިބިދޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަމެއް ވަންހަނާ ނުކޮށް އެކަން އެއިދާރާއެއްގެ އިސްވެރިޔާއަށް ނުވަތަ އެކަމަކާގުޅޭ ވެރިއަކަށް އަންގަންވާނެއެވެ. އަދި އެމުވައްޒަފަކު އަމިއްލައަށް އެކަމަކުން ތަނާޒުލްވާން ވާނެއެވެ.

(ބ) ވަޒީފާ އަދާކުރުމާ ގުޅޭގޮތުން ތިމާގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށާއި، ވަޒީފާ ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާނޭ އިތުރު މަޢުލޫމާތާއި ހުނަރުތައް އުނގެނުމަށްޓަކައި މަސައްކަތްކުރަންވާނެއެވެ.

(ޅ) ދައުލަތުގެ ފައިސާއާއި މުދަލާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރަންވާނީ އަމާނާތްތެރިކަމާއެކު ޖަވާބުދާރީވެވޭ ގޮތަށް އެކަމަށް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

(ކ) މުވައްޒަފަކު ވަޒީފާއަދާކުރާ މާޙައުލުން ފެންނަ ކޮރަޕްޝަނުގެ ޢަމަލުތަކާއި، މަކަރާއި ޙީލަތް ހެދުމުގެ ޢަމަލުތަކާއި، ޚިޔާނާތުގެ ޢަމަލުތަކާއި، ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންނަށް އިދާރާއިން ޚިދުމަތްދިނުމުގައި އެހެން މީހުންނާއި ތަފާތުކުރުމުގެ ޢަމަލުތަކާއި، އެއިދާރާގެ ހިންގުމަށް ބުރޫއަރާފަދަ ޢަމަލުތަކާއި، އަދި މިނޫންވެސް ޤާނޫނާ ޚިލާފު ޢަމަލުތައް ރިޕޯޓް ކުރަންވާނެއެވެ.

(އ) އިދާރީ ކަންކަމުގައި ކޯޓުގެ ނުވަތަ އިދާރާގެ އިސްވެރިންނާއި، ޝަރުޢީދާއިރާގެ އެހެން އިދާރާއަކުން ތިމާކުރެން ލަފަޔަކަށް ނުވަތަ މަޝްވަރާއަކަށް އެދިއްޖެނަމަ ވަކި ފަރާތަކަށް ބުރަނުވެ ތެދުވެރިކަމާއެކު ލަފަޔާއި މަޝްވަރާދީ އެހީތެރިކަން ދޭންވާނެއެވެ.

(ވ) ކޯޓުގެ ނުވަތަ އިދާރާގެ ސިއްރުކަމުގައި ބެލެވިދާނޭ އެންމެހައި ކަންކަމާއި، ޢާންމު ރައްޔިތުންގެ ޒާތީ މަޞްލަޙަތު ހިމެނޭ ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަން ވާނެއެވެ.

 

19 ވަނަ މާއްދާ - އުޅުން ބަހައްޓަންވީ ގޮތް

ޝަރުޢީދާއިރާގެ ކޮންމެ މުވައްޒަފަކުމެ:

(ހ) ޝަރުޢީދާއިރާގެ މުވައްޒަފުން، ވަޒީފާގެ ރަސްމީ މަސައްކަތުގައާއި ނުރަސްމީގަޑީގެ މަސައްކަތުގައި އުޅޭ އިރު ހެދުން ބަހައްޓަންވާނީ، މިޤަވާޢިދުގެ 13 ވަނަބާބުގައިވާ ގޮތުގެ މަތިންނެވެ.

(ށ) ޝަރުޢީދާއިރާގެ މުވައްޒަފުން ރަސްމީ މަސައްކަތުގައާއި ދިރިއުޅުމުގެ އެހެން ކަންތައްތަކުގައި އުޅޭއިރު ޢަމަލުތައް ބަހައްޓަންވާނީ، ޝަރުޢީދާއިރާގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އަބުރާއި، ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ހިފެހެއްޓޭފަދަ ގޮތަކަށެވެ.

(ނ) ޝަރުޢީދާއިރާގެ އެއްވެސް މުވައްޒަފަކު ޢާންމުރައްޔިތުންގެ ކުރިމަތީގައި ޝަރުޢީދާއިރާގެ ޤަދަރު ކުޑަވާފަދަ އެއްވެސް ޢަމަލެއް ނުވަތަ އެއްވެސް ކަމެއް ނުވަތަ އެއްވެސް ވާހަކައެއް ދައްކައިގެނެއް ނުވާނެއެވެ.

 

20 ވަނަ މާއްދާ - ރައްޔިތުންނަށް ޒިންމާދާރުވުން

ކޮންމެ މުވައްޒަފަކުމެ، އޭނާ އަދާކުރާ ވަޒީފާއާ ގުޅޭގޮތުން ރައްޔިތުންނަށް ޒިންމާދާރު ވާންވާނެއެވެ. 

 

 

3 ވަނަ ބާބު

މުވައްޒަފުންގެ މަޤާމުތަކުގެ ފަންތި

 

21 ވަނަ މާއްދާ - ތަޢާރުފު

(ހ) ޝަރުޢީދާއިރާގައި ހިމެނޭ މަޤާމުތަކުގެ ފަންތިތައް ކަނޑައަޅާނީ މިއުޞޫލުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިންނެވެ.

(ށ) ޝަރުޢީދާއިރާގެ މަޤާމުތަކުގެ ފަންތިތައް ކަނޑައަޅައި އެކުލަވާލާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

 

22 ވަނަ މާއްދާ - މަޤާމުތަކުގެ ފަންތި ކަނޑައެޅުން

(ހ) ޝަރުޢީދާއިރާގެ މަޤާމުތަކުގެ ފަންތިތައް ކަނޑައަޅާނީ އަންނަނިވި މިންގަނޑުތަކުގެ މައްޗަށެވެ.

  1. ކޮންމެ ވަޒީފާއެއް ނިސްބަތްވާ ފަންތީގެ ނަން.
  2. ކޮންމެ ފަންތިއެއްގައި ހިމެނޭ ވަޒީފާތައް އަދާކުރާ މުވައްޒަފުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު.
  3. ކޮންމެ ފަންތިއެއްގައި ހިމެނޭ ވަޒީފާތަކަށް މީހުން ކުރިމަތިލާއިރު އެމީހުންގެ ކިބައިގައި ހުންނަންޖެހޭ ފެންވަރާއި ތަޖުރިބާ.

(ށ) ޝަރުޢީދާއިރާގެ ކޮންމެ ވަޒީފާއެއްވެސް މިއުޞޫލުގެ (ހ) ގެ ދަށުން އެކަށައެޅޭ މަޤާމުތަކުގެ ފަންތީގެ އޮނިގަނޑުގައި ހިމެނޭ ކޮންމެވެސް އެއް ފަންތިއެއްގައި ހިމަނަންވާނެއެވެ.

 

23 ވަނަ މާއްދާ - ޒިންމާތަކާ ގުޅޭގޮތުން މަޤާމަށް ނަންކިޔުން

އެއްފަންތިއެއްގައި ހިމެނޭ ވަޒީފާތަކަށް އެއްނަމެއް، ނުވަތަ އެއްކޯޑެއް ކަނޑައެޅިފައިވީ ނަމަވެސް، މަސައްކަތުގެ ދާއިރާގައި ބޭނުންކުރާ ރަސްމީނަމުގެ ގޮތުގައި އެފަންތީގައި ހިމެނޭ ތަފާތު ވަޒީފާތަކަށް އެކިނަންނަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައެޅިދާނެއެވެ.

 

24 ވަނަ މާއްދާ - ފަންތީގެ އޮނިގަނޑުގައި މަޤާމު ހިމެނުން

(ހ) މުވައްޒަފަކަށް ޝަރުޢީދާއިރާގެ މަޤާމެއް ހަމަޖެއްސުމުގެ ކުރިން ޝަރުޢީދާއިރާގައި ހިމެނޭ މަޤާމުތަކުގެ ފަންތީގެ އޮނިގަނޑުގައި އެމަޤާމެއް ހިމެނިފައި އޮންނަން ވާނެއެވެ.

(ށ) އެއްފަންތިއަކަށް ވަޒީފާގެ އޮނިގަނޑާއި މުސާރަ ކަނޑައެޅުމުގައި ޢަމަލުކުރަންވާނީ އެއް އުޞޫލަކުން އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކުގައެވެ.

 

25 ވަނަ މާއްދާ - ފަންތި ބަދަލުކުރުން

ކޯޓު ނުވަތަ އިދާރާގެ އިދާރީ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާއި ވާޖިބުތަކަށް ބަދަލު ގެންނަން ޖެހިގެން، އެމަޤާމެއްގެ ފަންތި ބަދަލު ކުރަން ޖެހިއްޖެނަމަ އެކަމުގެ ސަބަބު ބަޔާންކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ. މަޤާމެއްގެ ފަންތި ބަދަލު ކުރަން ޖެހޭކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

 

26 ވަނަ މާއްދާ - މަޤާމުތަކުގެ އޮނިގަނޑާއި

ޝަރުޢީދާއިރާގެ މުވައްޒަފުންގެ މަޤާމުތަކުގެ އޮނިގަނޑުތައް ކޯޓުތަކާއި އިދާރާތަކުގެ ޝަރުޠު ކަނޑައެޅުން ލަފާގެ މަތިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކުލަވާލައި، މަޤާމުތަކުގެ ޝަރުޠު ކަނޑައަޅައި ޢާންމު ކުރަންވާނެއެވެ. 

 

 

4 ވަނަ ބާބު

ޝަރްޢީދާއިރާގެ އިދާރީ އޮނިގަނޑު އެކުލަވައިލުމާއި މަޤާމު އުފެއްދުމާއި އުވާލުން

 

27 ވަނަ މާއްދާ - ތަޢާރުފު

(ހ) ޝަރްޢީދާއިރާގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، މަޤާމު އުފެއްދުމާއި، މަޤާމު އުވާލުމުގައި ޢަމަލުކުރާނީ މިބާބުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިންނެވެ.

(ށ) އިދާރީ އޮނިގަނޑު އެކުލަވައިލުމާއި، މަޤާމު އުފެއްދުމާއި، މަޤާމު އުވާލާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

 

28 ވަނަ މާއްދާ - އިދާރީ އޮނިގަނޑު އެކުލަވާލުން

(ހ) ޝަރްޢީދާއިރާގެ އިދާރީ އޮނިގަނޑު އެކުލަވާލާނީ ކޯޓުތަކާއި އިދާރާތަކުގެ މަސައްކަތްތަކުގެ މައްޗަށް ބަލައިގެން އެތަންތަނުގެ މަޝްވަރާއާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

(ށ) އޮނިގަނޑު ފަރުމާކުރަންވާނީ މިޤަވާއިދުގައިވާ އުޞޫލުތައް އެއީ އަސާސީ މިންގަނޑުތަކެއް ކަމުގައި ބަލައިގެންނެވެ.

(ނ) އިދާރީ އޮނިގަނޑު އެކުލަވާލުމުގައި، އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ މަސައްކަތްތައް އެންމެ ފުރިހަމަގޮތުގައި ކުރެވޭނެ ގޮތަކަށް، ޑިވިޜަނާއި ސެކްޝަން އުފައްދަންޖެހޭ ތަންތަނުގައި އުފައްދައި، މަޤާމު ކަނޑައަޅަން ވާނެއެވެ.

(ރ) އިދާރީ އޮނިގަނޑު އެކުލަވާލުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ރިޢާޔަތްކުރަންވާނެއެވެ.

  1. ކޯޓުގެ އިޚްތިޞާޞްތަކާއި، މަސައްކަތް ހިންގުމަށް ރާވާފައިވާގޮތާއި، ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކަށް.
  2. ކޯޓުގެ ނުވަތަ އިދާރާގެ އޮނިގަނޑުގައި ހިމެނޭ ހަރުފަތްތަކަށް މުވައްޒަފުން ބެހިފައިވާގޮތަށާއި، ކޯޓުގެ ނުވަތަ އިދާރާގެ އޯގަނައިޒޭޝަނަލް ޗާޓުގައި ހިމެނޭ މަޤާމުތަކަށް މުވައްޒަފުން ހަމަޖައްސަން ބޭނުންވާ ސަބަބުތަކަށް.
  3. އޯގަނައިޒޭޝަނަލް ޗާޓުގައި ހިމެނޭ މަޤާމުތަކުގެ ވަޒީފާ ބަޔާންތަކަށް.

 

29 ވަނަ މާއްދާ - އިދާރީ އޮނިގަނޑުތައް މުރާޖަޢާ ކުރުން

(ހ) ކޯޓު ނުވަތަ އިދާރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިދާރީ އޮނިގަނޑަށް ބަދަލެއް ގެނައުމަށް ބޭނުންވެއްޖެނަމަ، އެކޯޓެއް ނުވަތަ އެއިދާރާއެއްގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް ގެންނަން ފެންނަ ބަދަލެއް މިޤަވާއިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯޓު ނުވަތަ އިދާރާއިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ. 

(ށ) ކޯޓަކުން ނުވަތަ އިދާރާއަކުން ކުރަމުންދިޔަ މަސައްކަތެއް ހުއްޓާލައިފިނަމަ ނުވަތަ މަސައްކަތުން ބައެއް އުނިވެއްޖެނަމަ، އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް ގެންނަން ފެންނަ ބަދަލެއް މިޤަވާޢިދުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ.

(ނ) ކޯޓަކުން ނުވަތަ އިދާރާއަކުން އޮނިގަނޑު މުރާޖަޢާކޮށް ގެންނަ ބަދަލަކުން، ކޯޓުގައި ނުވަތަ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޤާމުތައް އުވާލާ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ މިޤަވާޢިދުގެ 7 ވަނަ ބާބުގައިވާ ގޮތުގެ މަތިންނެވެ.

 

30 ވަނަ މާއްދާ - މަޤާމު އުފެއްދުން

(ހ) ޝަރުޢީދާއިރާގެ މަޤާމު އުފައްދާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާ ލިޔުމަކުންނެވެ.

(ށ) ޝަރުޢީދާއިރާގެ ކޯޓަކުން ނުވަތަ އިދާރާއަކުން މަޤާމެއް އުފައްދަން ބޭނުންވެއްޖެނަމަ، އެކަމަށް ބޭނުންވި ކޯޓަކުން ނުވަތަ އިދާރާއަކުން އެކަމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ. އަދި މަޤާމެއް އުފައްދައިދެވޭނީ އެކޯޓެއް ނުވަތަ އެއިދާރާއެއްގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނިފައިވާ މަޤާމަކަށް ނުވަތަ ހިމެނިފައިވާ މަޤާމެއްގެ ބަދަލުގައި އެހެން މަޤާމަކަށެވެ.

(ނ) މަޤާމެއް އުފައްދަން ހުށަހަޅަންވާނީ، ކޯޓަކަށް ނުވަތަ އިދާރާއަކަށް އަލަށް މަސައްކަތެއް ޙަވާލުވެގެން ނުވަތަ ކޯޓަކުން ނުވަތަ އިދާރާއަކުން ކުރަމުންގެންދާ މަސައްކަތް އިތުރުވުމުގެ ސަބަބުން މަޤާމެއް ނުއުފައްދައި ހަމަޖެއްސެން ނެތްނަމައެވެ.

(ރ) މަޤާމެއް އުފައްދަން ހުށަހަޅާނީ ތިރީގައިވާ މަޢުލޫމާތާ އެކުގައެވެ.

  1. އުފައްދަން ހުށަހަޅާ މަޤާމުގެ ވަޒީފާ ބަޔާން.
  2. އުފައްދަން ހުށަހަޅާ މަޤާމު ބޭނުންވި ސަބަބު ތަފްޞީލްކޮށް.
  3. ކޯޓުގެ އިދާރީ އޮނިގަނޑު (އިތުރުކުރުމަށް ބޭނުންވާ މަޤާމު ހިމެނޭގޮތަށް އެ މަޤާމު ފާހަގަކޮށްފައިވާ).
  4. އުފައްދަން ހުށަހަޅާ މަޤާމުގެ މުސާރައާއި ޢިނާޔަތްތައް އެ ކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ ބަޖެޓުގައި ހިމެނިފައިވާކަން ނުވަތަ ނޫންކަން އަދި ބަޖެޓުގައި ހިމެނިފައި ނުވާނަމަ، އެ ޚަރަދު ހަމަޖެއްސުމަށް ހުށަހަޅާގޮތް.

 

31 ވަނަ މާއްދާ - މަޤާމު އުވާލުން

(ހ) މަޤާމު އުވާލާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާ ލިޔުމަކުންނެވެ.

(ށ) މަޤާމެއް ހުސްވުމަށްފަހު އެމަޤާމަށް މީހަކު ހޯދުމަށް މަސައްކަތެއްނުކޮށް އޮންނަތާ 6 (ހަތައެއް) މަސްދުވަސް ވެއްޖެނަމަ، އެމަޤާމަކީ އެވަގުތަށް ބޭނުންނުވާ މަޤާމެއް ކަމަށްބަލައި އެމަޤާމެއް އުވާލަންވާނެއެވެ. މިގޮތުން މަޤާމެއް އުވާލުމަށްފަހު އެ މަޤާމަކަށް އަލުން މީހަކު ބޭނުންވާނަމަ މީހަކު ހޯދަންވާނީ މިޤަވާއިދުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެމަޤާމު އަލުން އުފައްދަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅައި އެމަޤާމު އުފައްދައިގެންނެވެ.

(ނ) މަޤާމެއް އުވާލަން ބޭނުންވެއްޖެނަމަ، އެކަމަށް ބޭނުންވި ސަބަބު ތަފްޞީލްކޮށް ބަޔާންކޮށް އެކަމަށް ބޭނުންވި ކޯޓަކުން ނުވަތަ އިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަން ވާނެއެވެ.

(ރ) ކޯޓަކުން ނުވަތަ އިދާރާއަކުން ކުރަމުންދިޔަ މަސައްކަތެއް ހުއްޓާލައިފިނަމަ، ނުވަތަ މަސައްކަތުން ބައެއް އުނިވެއްޖެނަމަ އެހުއްޓާލި ނުވަތަ އުނިވި މަސައްކަތުގެ ނިސްބަތުން މަޤާމު އުނިކުރަން ވާނެއެވެ.

(ބ) މަސައްކަތުން ބައެއް އުނިކުރެވޭ ޙާލަތުގައި، އެމަސައްކަތެއް ކުރުމަށް އެއް މަޤާމަށް ވުރެ ގިނަ މަޤާމު އޮތްނަމަ، އޮނިގަނޑުގައި މަޤާމު ބާއްވާނެ ޢަދަދު ކަނޑައަޅާނީ މަޤާމުގެ ބޭނުންތެރިކަމުގެ މައްޗަށް ބަލާފައެވެ. އަދި މަސައްކަތުން ބައެއް އުނިކުރެވޭ ޙާލަތުގައި، އެ މަސައްކަތެއް ކުރުމަށް އެކަކަށްވުރެ ގިނަ މީހުން ތިބިނަމަ، އެ މީހުންގެ ތެރެއިން ވަޒީފާއިން ވަކިކުރާނެ މުވައްޒަފަކު މީހެއް ނުވަތަ ބަޔަކު ކަނޑައަޅާނީ އެމީހެއްގެ ތަޢުލީމާއި ތަޖުރިބާއާއި މަސައްކަތުގެ ފެންވަރާއި އަޚުލާޤަށް ބަލައިގެންނެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން މަސައްކަތުން ބައެއް އުނިކުރުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުންނަށް މިޤަވާޢިދުގެ 91 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޯޓިސް ދޭންވާނެއެވެ.

 

 

5 ވަނަ ބާބު

މުސާރަ

 

32 ވަނަ މާއްދާ - ތަޢާރުފު

ޝަރްޢީދާއިރާގެ އެންމެހައި ފަންތިތަކުގައި ހިމެނޭ ވަޒީފާތަކުގެ މުސާރައިގެ އޮނިގަނޑު ކަނޑައެޅުމާއި އެ އޮނިގަނޑަށް ބަދަލުގެނައުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އިޚްތިޔާރު ލިބިގެންވާ ކަމެކެވެ. އެ އިޚުތިޔާރުގެ ދަށުން، ޝަރްޢީދާއިރާގެ އެންމެހައި ފަންތިތަކުގައި ހިމެނޭ ވަޒީފާ ތަކުގެ މުސާރަތައް ކަނޑައަޅާފައި އޮންނަ އޮނިގަނޑެއް އޮންނަންވާނެއެވެ. މުސާރައިގެ އޮނިގަނޑު އޮންނަންވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށައަޅާފައިވާ ޝަރްޢީދާއިރާގައި ހިމެނޭ ވަޒީފާތަކުގެ ފަންތީގެ އޮނިގަނޑާ ގުޅުވައި އެއާ އެއްހަމަ ކުރެވިފައެވެ.

 

33 ވަނަ މާއްދާ - މުސާރައިން ގަޑިއަކަށް ޖެހޭ ޢަދަދު

ޝަރްޢީދާއިރާގެ މުސާރަ ކަނޑައެޅިފައި އޮންނަނީ ހަފްތާއަކު 7 (ހަތެއް) ދުވަހު ދުވާލަކު 8 (އަށެއް) ގަޑިއިރަށެވެ. މިގޮތުން ޝަރްޢީދާއިރާގެ މުވައްޒަފަކަށް ދުވަހަކަށްޖެހޭ މުސާރައިގެ ޢަދަދު ބަލާނީ މުވައްޒަފުގެ މުސާރަ 30 ން ގެއްލައިގެންނެވެ. މުވައްޒަފުގެ މުސާރައިން ގަޑިއަކަށް ޖެހޭ ޢަދަދު ބަލާނީ ދުވަހަކަށް ޖެހޭ ޢަދަދު 8 ން ގެއްލައިގެންނެވެ. މިގަޑިތަކަށް ބަދަލު ގެނައުމުގެ އިޚުތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - ޝަރްޢީދާއިރާގެ މުސާރަ ކަނޑައެޅުން

ޝަރްޢީދާއިރާގެ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ކޯޓުތަކާއި އިދާރާތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެ މަތިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. ޝަރްޢީދާއިރާގެ ވަޒީފާތަކުގެ މުސާރައިގެ އޮނިގަނޑު އެކަށައެޅުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.

(ހ) ޝަރްޢީދާއިރާގެ އޮނިގަނޑުގެ އެކިއެކި ފަންތިތަކުގެ މުސާރަ.

(ށ) ވަޒީފާތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް.

(ނ) ވަޒީފާއަށް ބޭނުންވާ ޢިލްމާ އަދި ފަންނީ ހުނަރާއި ޤާބިލުކަމާއި ތަޖުރިބާ.

(ރ) ވަޒީފާތަކަށް މީހުން ލިބުމުގެ ފަސޭހަކަމާއި ދަތިކަން.

(ބ) ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން ލިބޭ މުސާރައަށާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވަޒީފާތަކުން ލިބޭ މުސާރަ.

(ޅ) ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އަގުތައް.

(ކ) ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު.

(އ) ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު.

(ވ) މުވައްޒަފަށް ލިބިފައިވާ ޢިލްމާއި ހުނަރު އަދާކުރާ ވަޒީފާގައި ނޫންގޮތަކަށް ބޭނުންކުރުން މަނާކޮށްފައިވާ މިންވަރު.

 

35 ވަނަ މާއްދާ - މުސާރައަށް ބަދަލުގެނައުމުގެ ރިޕޯޓް

(ހ) ކޮންމެ އަހަރެއްގެ ބަޖެޓު އެކުލަވާލުމުގެ ކުރިން ޝަރްޢީދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ދަރަޖަތަކަށް އަސަރުކުރާނޭ ކަންކަމާބެހޭ ދިރާސާއެއްކޮށް ރިޕޯޓެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކުލަވާލަންވާނެއެވެ. މި ރިޕޯޓުގައިވާ ކަންކަމަށް ބެލުމަށްފަހު ޝަރްޢީދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނަންޖެހޭކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފެނިއްޖެނަމަ، މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައި، ފާސްކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ ލަފަޔަކަށް އެދި ހުށަހަޅަންވާނެއެވެ.

(ށ) ޝަރްޢީދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ކަމަށް ޝަރްޢީދާއިރާގެ އެއްވެސް މުވައްޒަފަކަށް ފެނިއްޖެނަމަ އެކަމެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމުގެ ޙައްޤު ޝަރްޢީދާއިރާގެ ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވެއެވެ.

(ނ) މިމާއްދާގެ (ށ) ގެ ދަށުން މުވައްޒަފަކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާ ހުށަހެޅުމުގައި ބަދަލު ގެންނަން ފެންނަ ސަބަބު ތަފްޞީލުކޮށް ބަޔާންކުރަންވާނެއެވެ. އަދި މިގޮތުން ހުށަހަޅާ ހުށަހެޅުމުގެ ކޮޕީއެއް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ އިސްވެރިޔާއަށް ފޮނުވަން ވާނެއެވެ.

 

36 ވަނަ މާއްދާ - މުވައްޒަފުންގެ މުސާރަ ކަނޑައެޅުން

(ހ) ޝަރްޢީދާއިރާގެ ކޮންމެ މުވައްޒަފަކަށްވެސް ވަޒީފާ ދޭއިރު އެ މުވައްޒަފެއްގެ މުސާރަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅަންވާނެއެވެ. މިގޮތުން ކަނޑައެޅޭ މުސާރަ ވާންވާނީ އެ މުވައްޒަފަކު ޢައްޔަނުކުރެވޭ ވަޒީފާ ހިމެނޭ ފަންތިއަށް އޮނިގަނޑުގައި ކަނޑައަޅާފައިވާ މުސާރައަކަށެވެ.

(ށ) ކޮންމެ މުވައްޒަފަކަށް ވަޒީފާ ދިންކަން އަންގާ ޗިޓުގައި އެ މުވައްޒަފެއްގެ މުސާރަ ބަޔާންކުރަން ވާނެއެވެ. އެހެން މަޤާމަކަށް ބަދަލުކުރެވޭ މުވައްޒަފެއްނަމަ، ވަޒީފާ ބަދަލުކުރިކަން އަންގާ ޗިޓުގައި އެ މުވައްޒަފެއްގެ މުސާރަ ބަޔާންކުރަންވާނެއެވެ.

(ނ) އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލު އަތުވެއްޖެނަމަ، އެމުވައްޒަފަކަށް މުސާރަ ބަދަލުވިކަން އަންގާނީ ޗިޓަކުންނެވެ.

 

37 ވަނަ މާއްދާ - މުސާރަ ދޭ ތާރީޚު

(ހ) މުސާރަދޭނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަޒީފާ ދިން ޗިޓްގައިވާ ނުވަތަ ވަޒީފާ ބަދަލުކުރި ޗިޓްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ އެޗިޓްގައިވާ ތާރީޚުން ފެށިގެންނެވެ. ނަމަވެސް ވަޒީފާދިން ޗިޓްގައިވާ ތާރީޚުގައި މަސައްކަތަށް ނުނިކުމެއްޖެނަމަ، މުސާރަ ދޭނީ މަސައްކަތަށް ނިކުތް ދުވަހުން ފެށިގެންނެވެ. މުވައްޒަފެއްގެ މުސާރައަށް ބަދަލު އަތުވެއްޖެނަމަ، ބަދަލު ގެނެވުނު މުސާރަ އެމުވައްޒަފަކަށް ދޭންވާނީ މުސާރަ ބަދަލުވިކަމުގެ ޗިޓްގައިވާ، މުސާރަ ބަދަލުވި ތާރީޚުން ފެށިގެންނެވެ.

(ށ) އެއްވެސް މުވައްޒަފެއްގެ ވަޒީފާ އެހެން ފަންތިއަކަށް ބަދަލު ކުރެވިގެން ނުވަތަ އެނޫން ގޮތަކުންވެސް މުސާރައަށް ބަދަލެއް ގެނެވިއްޖެނަމަ، އެ ބަދަލު ގެނެވުނު ތާރީޚަކާ ހަމައަށް މުވައްޒަފަށް ދެވޭނީ ބަދަލުގެނެވުނު ދުވަހާ ހަމަޔަށް ލިބެމުންދިޔަ މުސާރައެވެ. އަދި ބަދަލުގެނެވުނު ތާރީޚުން ފެށިގެން ދެވޭނީ ގެނެވުނު ބަދަލާއެކު ހަމަޖެހުނު މުސާރައެވެ.

 

38 ވަނަ މާއްދާ - ފަންތިއާގުޅޭ ގޮތުން މުސާރަދިނުން

މުވައްޒަފު އަދާކުރަމުން ގެންދިޔަ ވަޒީފާ ހިމެނޭ ފަންތި ނޫން އެހެން ފަންތިއެއްގައި ހިމެނޭ ވަޒީފާއަކަށް މަޤާމުގެ ކުރިއެރުމެއް ދެވޭއިރު، ކުރިއެރުންދެވޭ ވަޒީފާ ހިމެނޭ ފަންތިއަކީ އެމުވައްޒަފަކު ކުރިން އަދާކުރަމުންގެންދިޔަ ވަޒީފާ ހިމެނޭ ފަންތީގެ މުސާރައަށްވުރެ ކުޑަ މުސާރައެއް ކަނޑައެޅިފައިވާ ފަންތިއެއްނަމަ، އެފަންތިއަކަށް ކަނޑައަޅާފައިވާ މުސާރައިގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން އެ މުވައްޒަފެއްގެ މުސާރަ ބޮޑުކުރަންވާނެއެވެ. ބަދަލުކުރެވޭ ވަޒީފާ ހިމެނޭ ފަންތީގެ މުސާރައަކީ ކުރިން އަދާކުރި ވަޒީފާ ހިމެނޭ ފަންތީގެ މުސާރައާއި އެއްވަރުގެ މުސާރައެއްނަމަ، މުސާރަ އޮންނާނީ އެވަރަށެވެ.

 

39 ވަނަ މާއްދާ - ފަންތި ދަށްކުރާ މުވައްޒަފުންގެ މުސާރަ   

(ހ) އިޞްލާޙީ ފިޔަވަޅެއްގެ ގޮތުގައި އެއްވެސް މުވައްޒަފަކު، ދާއިމީ ގޮތެއްގައި ނުވަތަ ވަގުތީގޮތުން، އޭނާ އަދާކުރަމުންގެންދިއަ ވަޒީފާ ހިމެނޭ ފަންތިއަށްވުރެ ދަށް ފަންތިއެއްގައި ހިމެނޭ ވަޒީފާއަކަށް އޭނާގެ މަޤާމު ދަށްކުރެވިއްޖެނަމަ، އެފަދަ ޙާލަތެއްގައި އެމުވައްޒަފަކަށް ދޭންވާނީ ދަށްކުރެވޭ ވަޒީފާގެ ފަންތިއަށް ކަނޑައެޅިފައިވާ މުސާރައެވެ.

(ށ) ޝަރުޢީދާއިރާގެ މުވައްޒަފަކު އެދިގެން، އެމީހަކު ހުރި މަޤާމާ ފެންވަރުގެ ގޮތުން ނުވަތަ މުސާރައިގެ ގޮތުން އެއްވަރު މަޤާމަކަށް، ނުވަތަ އެމީހަކުހުރި  މަޤާމަށްވުރެ ދަށް މަޤާމަކަށް ބަދަލުކޮށްދެވޭނީ، އެގޮތަށް ބަދަލުކޮށްދިނުން އެކަށީގެންވާކަމަށް ފެންނަ ސަބަބެއް އޮތްނަމައެވެ. މިފަދަ ބަދަލެއް ގެންނަން ކޯޓަށް ނުވަތަ އިދާރާއަށް ފެނިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާއިރު މިފަދަ ބަދަލެއް ގެންނަން ފެންނަ ސަބަބު ސާފުކޮށް ލިޔަންވާނެއެވެ. އެކަށީގެންވާ ސަބަބެއް އޮވެގެން ދަށް މަޤާމަކަށް ބަދަލުވުމަށް މުވައްޒަފަކު އަމިއްލައަށް އެދިއްޖެނަމަ، އަދި މި ބަދަލާ ގުޅިގެން މުސާރައަށް އަންނަ ބަދަލާމެދު އެމުވައްޒަފު އިޢުތިރާޟު ނުކުރާނަމަ، އެކަމުގެ ލިޔުމަކާއެކު ހުށަހެޅުމުން، ވަޒީފާ ބަދަލުކޮށްދެވިދާނެއެވެ.

 

40 ވަނަ މާއްދާ - ވަޒީފާއަށް ރުޖޫޢަކުރެވޭ މުވައްޒަފުންގެ މުސާރަ

މައްސަލައެއްގައި ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފެއް، ނުވަތަ އިސްލާޙީ ފިޔަވަޅެއްގެ ގޮތުން ވަގުތީގޮތުން ވަޒީފާއަށް ނުކުތުން މަނާކުރެވިފައި ހުރި މުވައްޒަފެއް، ނުވަތަ މަޤާމަށް ބަދަލު ގެނެވިފައިވާ މުވައްޒަފެއް، އެމީހެއްގެ މައްޗަށް ކުރެވުނު ތުހުމަތުން ބަރީއަވެގެން ވަޒީފާއަށް އަލުން ނެރޭނަމަ، ނެރޭއިރު އޭނާގެ މުސާރަކަމަށް ހަމަޖައްސާނީ، އެވަޒީފާގައި އޭނާ ދެމިހުރިނަމަ މުސާރަ ލިބޭނެ މިންވަރަށް ރިޢާޔަތް ކޮށްގެންނެވެ.

 

41 ވަނަ މާއްދާ - މުސާރައިގެ ކުރިއެރުން ދިނުން

މުސާރައިގެ ކުރިއެރުން ދޭނީ މުވައްޒަފުގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ކަނޑައެޅޭ އުޞޫލަކުންނެވެ. މިގޮތުން މުސާރައިގެ ކުރިއެރުން ދޭނީ މަޤާމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ މުސާރައިގެ އޮނިގަނޑުގައިވާ ގޮތުގެ މަތިންނެވެ.

 

42 ވަނަ މާއްދާ - މުސާރަ ދިނުން 

(ހ) ޝަރުޢީދާއިރާގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެމީހަކު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މަސްއޫލިއްޔަތެކެވެ. މުސާރަދޭނީ ކޮންމެ މީލާދީ މަހެއްގެ އެންމެ ފަހު 2 ދުވަހުންކުރެ ދުވަހަކުއެވެ. މުސާރަ ދޭންޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވާނަމަ، މުސާރަދޭނީ އެމަހެއްގެ ބަންދުނޫން އެންމެ ފަހު ދެ ދުވަހުންކުރެ ދުވަހަކުއެވެ. މިގޮތުން މުސާރަ ދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ހިސާބުތައް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަނޑައަޅާފައިވާ ތާރީޚަށް އެހިސާބުތައް އެމިނިސްޓްރީއަށް ފޮނުވުމަކީ އެކޯޓުގެ ނުވަތަ އެއިދާރާގެ މަސްއޫލިއްޔަތެކެވެ.

(ށ) ޝަރުޢީދާއިރާގެ އެއް ތަނުން އަނެއްތަނަށް ބަދަލުވާ މުވައްޒަފުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ޝަރުޢީދާއިރާއަށް ބަދަލުކޮށްފައިވާ މުވައްޒަފަކަށް ބަދަލުވި ތާރީޚާ ހަމައަށް މުސާރަދޭނީ އެ މުވައްޒަފަކު ކުރިން އުޅުނު ތަނަކުންނެވެ. ބަދަލުވި ތާރީޚުން ފެށިގެން މުސާރަދޭނީ އެ މުވައްޒަފެއްގެ ވަޒީފާ ހަމަޖެހިފައިވާ ކޯޓުން ނުވަތަ އިދާރާއިންނެވެ. މަހުގެ އެންމެފަހު ދުވަހު ބަދަލުކުރެވޭ މުވައްޒަފަކަށް އެދުވަހުގެ މުސާރަދޭނީ ކުރިން އެމުވައްޒަފަކު ހުރި ތަނަކުންނެވެ.

(ނ) ވަޒީފާއިން ވަކިވާ މީހުންނަށް މުސާރަދޭނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަޒީފާއިން ވަކިކުރި ޗިޓްގައިވާ، ވަޒީފާއިން ވަކިކުރި ތާރީޚާ ހަމައަށެވެ. އެއްވެސް ސަބަބަކާހުރެ ޗިޓުގައިވާ ވަކިކުރި ތާރީޚުގައި ޗިޓް ރައްދު ނުކުރެވުމުގެ ސަބަބުން މުވައްޒަފު ކޯޓަށް ނުވަތަ އިދާރާއަށް ނުކުމެ ވަޒީފާ އަދާކޮށްފައިވާނަމަ، އެންމެ ފަހުން ނުކުމެ ސޮއިކުރި ތާރީޚާ ހަމައަށް އެމީހަކަށް މުސާރަ ދޭންވާނެއެވެ.

 

43 ވަނަ މާއްދާ - ހައްޔަރުކޮށްފައިވާ މުވައްޒަފުންގެ މުސާރަ

މުވައްޒަފަކު ހައްޔަރުކޮށްފިނަމަ، ހައްޔަރުކުރުމާއި ވަޒީފާއިން ވަކިކުރުމާ ދެމެދުގައިވާ ދުވަސްތަކުގެ މުސާރައާއި، ވަޒީފާއިން ވަކިންކުރާނަމަ، ހައްޔަރުކުރުމާއި ދޫކޮށްލުމާ ދެމެދުގައިވާ ދުވަސްތަކުގެ މުސާރައާމެދު ޢަމަލުކުރާނީ ތިރީގައި މިއޮތް ގޮތުގެ މަތިންނެވެ.

(ހ) އެ މުވައްޒަފެއްގެ މައްޗަށް ޝަރީޢަތަށް ކުށް ސާބިތުވެފައިވާނަމަ ބަންދުގައިހުރި ދުވަސްތަކުގެ މުސާރަ ނުދިނުން.

(ށ) ޝަރީޢަތަށް ހުށަހެޅުމުން އެ މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، ނުވަތަ ކަމާބެހޭ ފަރާތުން އެމައްސަލައެއް ޝަރީޢަތަށް ހުށަނާޅައި މައްސަލަ ނިންމައިފިނަމަ އެމީހަކު ބަންދުގައި ހުރި ދުވަސްތަކުގެ މުސާރަ ދިނުން.

(ނ) ޝަރްޢީދާއިރާގެ މުވައްޒަފެއްގެ މައްޗަށް ޝަރީޢަތުން ކުށް ސާބިތުވެފައިވާ މައްސަލައެއް ހައިކޯޓުން އިސްތިއުނާފުކޮށް، ކުށް ސާބިތުނުވާކަމަށް މައްސަލަ ނިންމައިފިނަމަ، އެމީހަކު ބަންދުގައިހުރި ދުވަސްތަކަށް މުސާރަ ދިނުން. ހަމައެހެންމެ، ކުށް ސާބިތުވެފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން އިސްތިއުނާފުކޮށް، އެކޯޓުން، ކުށް ސާބިތުނުވާ ކަމަށް ނިންމައިފިނަމަ އެމީހަކު ބަންދުގައި ހުރި ދުވަސްތަކަށް މުސާރަދިނުން.

 

44 ވަނަ މާއްދާ - މުވައްޒަފާ މުސާރަ ޙަވާލުކުރުން 

މުވައްޒަފަކަށް ލިބޭ މުސާރަ ދޭންވާނީ އެ މުވައްޒަފެއްގެ އަތަށް ނުވަތަ އޭނާ ލިޔުމަކުން ކަނޑައަޅާ ފަރާތަކަށެވެ. މިގޮތުން އެމުވައްޒަފެއްގެ ނަމުގައި އޮންނަ ބޭންކު އެކައުންޓަކަށް އެ މުވައްޒަފެއްގެ ރުހުން ލިޔުމަކުން ލިބިގެން، މުސާރަ ޖަމާކުރުމަކީ މުވައްޒަފުގެ އަތަށް މުސާރަ ޙަވާލުކުރުން ކަމުގައި ބެލެވޭނެއެވެ. މުވައްޒަފުންނަށް މުސާރަދޭއިރު، އެމުސާރަޔާއެކު ތިރީގައި އެވާ މަޢުލޫމާތު ހިމެނޭ ލިއުމެއް އެމުވައްޒަފެއް ވަޒީފާ އަދާކުރާ ކޯޓަކުން ނުވަތަ އިދާރާއިން އެމުވައްޒަފަކަށް ދޭންވާނެއެވެ.

(ހ) މުސާރަދެވޭ މުއްދަތުގައި އެ މުވައްޒަފަކަށް ލިބޭ އުޖޫރައިގެ ޖުމުލަ ޢަދަދު

(ށ) އެއްވެސް ޢަދަދެއް އުޖޫރައިގެ ޖުމުލައިން ކަނޑާފައިވާނަމަ، އެގޮތުން ކަނޑި އަދަދާއި އެއަދަދު ކަނޑަން ޖެހުނު ސަބަބު.

(ނ) މުސާރަ ދެވޭ މުއްދަތުގައި، މުވައްޒަފަށް މުސާރައިގެ ގޮތުގައި ދެވޭ އަޞްލު އަދަދު.

(ރ) އިތުރުގަޑީގެ ފައިސާއާއި އެކިއެކި އެލަވަންސްތަކުގެ ގޮތުގައި ދެވޭ އަދަދު.

(ބ) ބޭންކު އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ، ޖަމާކުރި ތާރީޚާއި، ޖަމާކުރި ބޭންކުގެ ނަމާއި، އެ ބޭންކުގެ ގޮފީގެ ނަމާއި، އެކައުންޓުގެ ވެރިފަރާތުގެ ނަމާއި އެކައުންޓް ނަންބަރު.

 

45 ވަނަ މާއްދާ - މުސާރައިން އުނިކުރުން

(ހ) މުވައްޒަފަކު ވަޒީފާއަށް ނުނިކުމެއްޖެނަމަ، ނުނިކުތް މުއްދަތަކަށް ނުވަތަ ވަގުތަކަށް އެމުވައްޒަފެއްގެ މުސާރައިން ކެނޑޭނެއެވެ. ނަމަވެސް، ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އެމީހެއްގެ މުސާރައިން ކެނޑުން ފިޔަވައި، މުވައްޒަފަކު ވަޒީފާއަށް ނުނިކުތުމާ ގުޅިގެން އިތުރު ޖޫރިމަނާއެއް ކޮށްގެން ނުވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުވައްޒަފަކު ވަޒީފާއަށް ނުނިކުތުމުންނާއި ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އޭނާގެ މުސާރައިން ކަނޑާނީ ތިރީގައި މިވާ ގޮތަށެވެ.

  1. މުވައްޒަފު ވަޒީފާއަށް، ކޯޓުގެ ނުވަތަ އިދާރާގެ އިޒުނަ، ގަވާއިދާ އެއްގޮތަށް ނުހޯދައި ނުވަތަ ގަވާއިދު ތަންނުދޭ ގޮތެއްގައި، ޙާޟިރުނުވާ ދުވަހަކަށް މުސާރައިން ކަނޑާނީ މުވައްޒަފުގެ މުސާރައިން ދުވަހަކަށް ޖެހޭ އަދަދެވެ.
  2. މުވައްޒަފަކު ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، ގަޑީލާރީގެ ގޮތުގައި އޭނާގެ މުސާރައިން ކެނޑޭނެއެވެ.
  3. ގަޑީލާރި ކަނޑާނީ މުވައްޒަފުގެ މުސާރައިން ދުވަހަކަށް ޖެހޭއަދަދު؛ 480 (60*8) އިން ގެއްލީމާ އަންނަ އަދަދު އެއީ މިނިޓަކަށްޖެހޭ އަދަދުކަމުގައި ބަލައި، އެއަދަދު މުވައްޒަފު ވަޒީފާއަށް ނުނިކުމެ ހުރި ޖުމްލަ ވަގުތާ ގުނަކޮށްގެންނެވެ.

 

46 ވަނަ މާއްދާ - މާއްދީ ގެއްލުމުގެ ބަދަލު

ކޯޓުގެ ނުވަތަ އިދާރާގެ މުދަލަކަށް މުވައްޒަފަކު އިހުމާލުން ނުވަތަ ގަސްތުގައިކުރާ ނުވަތަ ހޯދުމަށް މުސާރައިން ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން، ކޯޓަށް ނުވަތަ އިދާރާއަށް ނުވަތަ މުދަލަށް ލިބުނު އުނިކުރުން ގެއްލުމަށް ބަދަލު ނެގުމުގެ ގޮތުން، އެ ގެއްލުން އަގުކޮށް، އެގެއްލުމަށްޖެހޭ އަގު މުވައްޒަފުގެ އަތުން ފައިސާ ނެގުންފަދަ ކަންކަމާގުޅޭ ގޮތުން ޢަމަލުކުރާނީ މިޤަވާއިދުގެ 24 ވަނަ ބާބުގައިވާ ގޮތުގެ މަތިންނެވެ.

 

 

 

6 ވަނަ ބާބު

އިތުރުގަޑިއާއި އެލަވަންސްތަކާއި ޢިނާޔަތްތައް

 

47 ވަނަ މާއްދާ - ތަޢާރުފު

(ހ) ޝަރުޢީދާއިރާގެ މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި ޢިނާޔަތްތައް ކަނޑައަޅާނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. އަދި މިގޮތުން ކަނޑައަޅާ ޢިނާޔަތްތައް، އެޢިނާޔަތްތައް ދެވޭ މުވައްޒަފުން ތިބި ކޯޓުތަކަށާއި އިދާރާތަކަށް އަންގަންވާނެއެވެ. އަދި މިޢިނާޔަތްތަކާބެހޭ މަޢުލޫމާތު ޢާންމުކުރަންވާނެއެވެ.

(ށ) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާފައިވާ އެލަވަންސްތަކާއި ޢިނާޔަތްތައް ދިނުމަކީ، އެމުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މަސްއޫލިއްޔަތެކެވެ.

(ނ) ޝަރުޢީދާއިރާގެ މުވައްޒަފުންނަށް ޢާންމުކޮށް ހަމަޖައްސާފައި ހުންނަ އެލަވަންސްތަކާއި ޢިނާޔަތްތައް މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މުރާޖަޢާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، އެލަވަންސްތަކާއި ޢިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެންނަންޖެހޭތޯ ބަލައި، ބަދަލެއް ގެންނަންޖެހިއްޖެނަމަ، އެބަދަލެއްގެނައުމުގެ އިޚްތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިގެންވެއެވެ.

 

48 ވަނަ މާއްދާ - އިތުރުގަޑީގެ ފައިސާ

ޝަރުޢީދާއިރާގެ މުވައްޒަފުން ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރެވިދާނެއެވެ. އިތުރުގަޑީގައި ކުރާ މަސައްކަތަކީ، ރަސްމީގަޑީގައި އެކަނި ކޮށްގެން ނިންމެންނެތް މަސައްކަތަކަށް ވާންޖެހޭނެއެވެ. އަދި އެމަސައްކަތަކީ އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅާ އުޞޫލެއްގެ މަތިން ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރާ މަސައްކަތެއް ކަމުގައިވާންޖެހޭނެއެވެ. ޝަރުޢީދާއިރާގެ މުވައްޒަފުން ލައްވައި ނުރަސްމީގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ތިރީގައި މިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.

(ހ) ޝަރުޢީދާއިރާގެ މުވައްޒަފުން ލައްވައި، ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، އިތުރަށް މަސައްކަތްކުރި ވަގުތަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. އަދި ރަމަޟާންމަހު، މުވައްޒަފަކު ލައްވައި ދުވާލަކު 4½ ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ އިތުރަށް މަސައްކަތްކުރުވި ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.

(ށ) ޝަރްޢީދާއިރާގެ މުވައްޒަފަކު ލައްވައި، ރަމަޟާންމަސް ފިޔަވައި އެހެން މަސްމަހު ހަފްތާއަކު 40 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، އިތުރަށް މަސައްކަތްކުރުވި ވަގުތަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. އަދި ރަމަޟާންމަހު ހަފްތާއަކު 22½ ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، އިތުރަށް މަސައްކަތްކުރުވި ވަގުތަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.

(ނ) ރަމަޟާންމަސް ފިޔަވައި އެހެން މަސްމަހު އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހުގެ މުސާރަ 30 ން ގެއްލީމައި އަންނަ އަދަދު 8 ން ގެއްލީމައި އަންނަ އަދަދު، އެއީ ގަޑިއަކަށް ޖެހޭވަރުކަމަށް ބަލައިގެން، މިމާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.

(ރ) ރަމަޟާންމަހު އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހުގެ މުސާރަ 30 ން ގެއްލީމައި އަންނަ އަދަދު ½ 4 ން ގެއްލީމައި އަންނަ އަދަދު އެއީ ގަޑިއަކަށް ޖެހޭވަރު ކަމުގައި ބަލައިގެން، މިމާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.

(ބ) މުވައްޒަފަކު ލައްވައި ރަސްމީ މަސައްކަތުގެ ދުވަހެއްގައި އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ މަދުވެގެން ¼1 އަށްވާ ފައިސާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެމުވައްޒަފަކަށް ދޭންވާނެއެވެ. އަދި މުވައްޒަފަކު ލައްވައި އިތުރުގަޑީގައި މަސައްކަތްކުރުވީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ މަދުވެގެން ½1 އަށްވާ ފައިސާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެމުވައްޒަފަކަށް ދޭންވާނެއެވެ.

(ޅ) ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހެއްގެ ގޮތުގައި ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކު ލައްވައި 8 ގަޑިއިރު މަސައްކަތްކުރުވާނަމަ، އިތުރުގަޑީގެ ފައިސާގެ އިތުރުން އެމުވައްޒަފަކަށް ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައި ކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ އިތުރުގަޑީގައި ލިބޭ ފައިސާގެ އިތުރުން އެ މުވައްޒަފެއްގެ މުސާރައިގައި ހިމަނައިގެން އެ މުވައްޒަފަކަށް ދޭންވާނެއެވެ.

(ކ) އިތުރުގަޑީގެ ފައިސާދޭނީ، މަސްދުވަހަކަށްވާ ފައިސާ، އެއްފަހަރާއެވެ. މިގޮތުން އެ ފައިސާދޭނީ، ކުރީމަހުގެ 16 ން ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑިއަށްވާ ފައިސާ، ހިނގާމަހުގެ މުސާރަދޭ ދުވަހު މުސާރައާ އެކުގައެވެ.

 

49 ވަނަ މާއްދާ - އިސްތިސްނާކުރެވޭ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާ ދިނުން

އަތޮޅުތަކަށާއި، އަތޮޅުތަކުން މާލެއަށާއި، އެއްއަތޮޅުން އަނެއް އަތޮޅަށާއި، އެއްރަށުން އަނެއްރަށަށް މުވައްޒަފުން ކުރާ ރަސްމީ ދަތުރުތަކުގައި ދަތުރު އެލަވަންސް ދިން ނަމަވެސް، ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ގަޑިތަކަށް، އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. މިގޮތަށް ފައިސާދޭނީ، އެދަތުރެއްގައި ދާން ބޭނުންވާ ތަނަކަށް ދިއުމަށްފަހު، އެތަނެއްގައި މަސައްކަތްކުރާ ވަގުތަށެވެ. އަދި އެވަގުތަކީ، މިޤަވާޢިދުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އިސްވެރިޔާ ކަނޑައަޅާފައިވާ އުޞޫލެއްގެ މަތީން ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރާ މަސައްކަތެއްގެ ވަގުތު ކަމަށްވާން ޖެހޭނެއެވެ.

 

50 ވަނަ މާއްދާ - ކެއުމާއި ސައިގެ ޚަރަދު

ކޮއްތު ނުވަތަ ކޮއްތު ފައިސާ ލިބޭ މުވައްޒަފުންނަށް ކެއުމާއި ސައިގެ ޚަރަދެއް ނުލިބޭނެއެވެ. ނަމަވެސް، ކޯޓުތަކުންނާއި އިދާރާތަކުން އެތަނެއްގެ މުވައްޒަފުން ލައްވައި ކުރުވަންޖެހޭ ޚާއްޞަ ބޮޑެތި މަސައްކަތްތައް ކުރާއިރު، ކެއުމާއި ސައި ދެވިދާނެއެވެ. މިގޮތުން ކެއުމާއި ސައިދޭނީ ދައުލަތުގެ މާލިއްޔަތާބެހޭ ޤަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

 

51 ވަނަ މާއްދާ - ޝަރްޢީދާއިރާގެ ދަތުރުތަކުގައި، ހުރުމާއި ކެއުމުގެ ޚަރަދާއި ދަތުރު އެލަވަންސް

ޝަރްޢީދާއިރާގެ މަސައްކަތެއްގައި ރާއްޖޭގެ އެތެރޭގައި ނުވަތަ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި، ހުރުމާއި ކެއުމުގެ ޚަރަދާއި ދަތުރު އެލަވަންސް ދޭނީ ދައުލަތުގެ މާލިއްޔަތާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިންނެވެ.

(ހ) މާލެ ފިޔަވައި، އަމިއްލަ ރަށްނޫން އެހެން ރަށެއްގައި މަސައްކަތްކުރުމަށް ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/1,500 ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ.

(ށ) މާލެ ފިޔަވައި އަމިއްލަ ރަށްނޫން އެހެން ރަށެއްގައި މަސައްކަތްކުރުން ކަމަށް ބަލާނީ އެމީހަކު ނުވަތަ އެމީހެއްގެ އަނބިމީހާގެ އަމިއްލަ ރަށްނޫން އެހެން ރަށެއްގައި ނުވަތަ އެމީހަކު ނުވަތަ އެމީހެއްގެ އަނބިމީހާ ދިރިއުޅުން ހަމަޖެހިފައިވާ ރަށްނޫން އެހެން ރަށެއްގައި މަސައްކަތްކުރުމަށެވެ.

(ނ) މިއެލަވަންސް ހަމަޖައްސައިދެވޭނީ، ދިރިއުޅުމުގެ ޙާލަތު ބަޔާންކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިޔުމަކުން ހުށަހެޅުމުންނެވެ.

(ރ) ރަށުން މީހަކާ އިނދެ ނުވަތަ އެރަށުގައި ދާއިމީކޮށް ދިރިއުޅުން ހަމަޖެހިއްޖެނަމަ، އެކަން ހަމަޖެހޭތާ 7 ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

(ބ) ކޯޓު ނުވަތަ އިދާރާއިން އިޢުލާންކުރާ މަޤާމަކަށް ކުރިމަތިލައިގެން ހޮވޭ މުވައްޒަފަކު މިމާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

 

52 ވަނަ މާއްދާ - ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ ހާއްސަ އިނާޔަތް

(ހ) ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ މުނާސަބަތުގައި، ޝަރްޢީދާއިރާގެ ކޮންމެ މުވައްޒަފަކަށްވެސް، ޚާއްޞަ ޢިނާޔަތުގެ ފައިސާ ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ދޭންވާނެއެވެ.

(ށ) ރަމަޟާންމަހުގެ މުނާސަބަތުގައިދޭ ޚާއްޞަ ޢިނާޔަތުގެ ފައިސާދޭނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ފައިސާ ދިނުމަށް ކަނޑައަޅާ ދުވަހަކުއެވެ.

(ނ) ޝަރްޢީދާއިރާގައި މަސައްކަތްކުރާ ވަގުތީ މުވައްޒަފުންނަށާއި ޝަރްޢީދާއިރާގެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ގެންގުޅޭ މުވައްޒަފުންނަށްވެސް، ރަމަޟާންމަހުގެ މުނާސަބަތުގައިދޭ ޚާއްޞަ ޢިނާޔަތުގެ ފައިސާ ދޭންވާނެއެވެ.

(ރ) ޢިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު، ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެމުވައްޒަފެއްގެ އަތުން ހޯދައި، އެފައިސާ އަނބުރާ ޖަމާކުރަންވާނެއެވެ.

(ބ) ރަމަޟާން މަހުގެ ތެރޭގައި އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އެމުވައްޒަފަކު ވަޒީފާ އަދާކުރަންފަށާ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށްޖެހޭ ވަރެއް ބަލައި، އެއަދަދަށް ޢިނާޔަތުގެ ފައިސާ ދޭންވާނެއެވެ.

(ޅ) ޢިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ރަމަޟާން މަހުގެ ތެރޭގައި ވަޒީފާއިން ވަކިވުމަށް ހަމަޖެހިފައިވާ މީހުންނަށް އިނާޔަތް ދޭނީ ރަމަޟާން މަހުގައި އެމީހަކު މަސައްކަތްކުރާ ދުވަހަށެވެ.

 

53 ވަނަ މާއްދާ - ސަރވިސް އެލަވަންސް

(ހ) ޝަރްޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުޞޫލުން މުސާރައާއެކު ސަރވިސް އެލަވަންސް ދޭންވާނެއެވެ.

(ށ) ޝަރްޢީދާއިރާގެ މަޤާމުތަކުގެ އޮނިގަނޑުގައި ސަރވިސް އެލަވަންސް ކަނޑައެޅިފައިވާ ގޮތް ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.

(ނ) ކޮންމެ މުވައްޒަފަކަށް، ވަޒީފާ ދިންކަން އަންގާ ޗިޓްގައި، އެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ސަރވިސް އެލަވަންސް ބަޔާންކުރަންވާނެއެވެ. އެހެން މަޤާމަކަށް ބަދަލުކުރެވޭ މުވައްޒަފެއްނަމަ، ވަޒީފާ ބަދަލުކުރިކަން އަންގާ ޗިޓްގައި އެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ސަރވިސް އެލަވަންސް ބަޔާންކުރަންވާނެއެވެ.

 

54 ވަނަ މާއްދާ - ޖުޑީޝަލް އެލަވަންސް

ޝަރްޢީދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސެއް ލިބޭނެއެވެ. މިއެލަވަންސަކީ ރަސްމީގަޑީގައި އަމިއްލަ ވިޔަފާރިއާބެހޭ ކަމެއް ނުވަތަ މާލީ ފައިދާއެއް ލިބޭ އެހެން މަސައްކަތެއް ނުކުރުމަށާއި، އަދި ރަސްމީގަޑިއާއި ނުރަސްމީގަޑީގައިވެސް ޝަރްޢީދާއިރާއާގުޅޭ އެއްވެސް މަސައްކަތެއް އަމިއްލަ ހައިސިއްޔަތުން ނުކުރުމަށް އިޤްރާރުވުމުން ދެވޭ އެލަވަންސެކެވެ. މިއިޤްރާރުގެ ނަމޫނާ މިޤަވާޢިދުގެ ޖަދުވަލު 1 ގައި ވާނެއެވެ.

(ހ) މިއެލަވަންސް ދެބަޔަކަށް ބެހިފައިވެއެވެ. އެއީ

  1. ފިކްސްޑް ޕަސެންޓޭޖް.
  2. ޙާޟިރުވި ދުވަހުގެ ނިސްބަތަށް ބެލުމަށްފަހު ކަނޑައަޅާ ޕަސެންޓޭޖް.

(ށ) އެމަހެއްގައި ޙާޟިރުވާންޖެހޭ ދުވަސްތަކުގެ ތެރެއިން ހުރިހާ ދުވަހެއްގައި ޙާޟިރުވެ މަސައްކަތްކޮށްފައިވާނަމަ، އެކޯޓަކަށް ނުވަތަ އެއިދާރާއަކަށް ކަނޑައެޅިފައިވާ ޕަސެންޓޭޖް އެމުވައްޒަފަކަށް ފުރިހަމައަށް ލިބޭނެއެވެ.

(ނ) ޙާޟިރުވާންޖެހޭ ދުވަހުގެ ތެރެއިން ދުވަހެއްގައި ޙާޟިރުނުވެއްޖެނަމަ، ހިސާބު ހަދާނީ ކަނޑައެޅިފައިވާ ޕަސެންޓޭޖުން ހާޟިރުވި ދުވަހުގެ ނިސްބަތަށް ބަލައިގެންނެވެ.

(ރ) މިމާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޙާޟިރުވާންޖެހޭ ދުވަހުގެ ތެރެއިން ދުވަހެއްގައި ޙާޟިރުނުވާ ކަމަށް ބެލެވޭނީ ތިރީގައި މިވާ ޙާލަތްތަކުގައެވެ.

  1. ސެޓްފިކެޓް ހުށަނާޅައި ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަސްތައް.
  2. ކޯޓަށް ނުވަތަ އިދާރާއަށް ޙާޟިރުނުވާ ދުވަސްތައް.

(ބ) ޝަރުޢީދާއިރާގެ މަޤާމުގެ އޮނިގަނޑުގައި ޖުޑީޝަލް އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.

 

55 ވަނަ މާއްދާ - ފޯން އެލަވަންސް

(ހ) ފޯނު އެލަވަންސް ހަމަޖައްސަންވާނީ އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތަށާއި ގުޅަންޖެހޭ މިންވަރަށް ރިޢާޔަތް ކޮށްގެންނެވެ.

(ށ) ޝަރުޢީދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ފޯނު އެލަވަންސް ހަމަޖައްސަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 8.18 ގައިވާގޮތުގެ މަތިން އެކޯޓެއްގައި ނުވަތަ އެއިދާރާއެއްގައި އެކުލަވާލެވިފައިވާ އަންދާސީހިސާބު ބަލާ ކޮމިޓީންނެވެ.

(ނ) ފޯން އެލަވަންސަކީ މުވައްޒަފުންނަށް ހިނގާ ޚަރަދުގެ ކޯޑުން ޚަރަދުކުރާ ފައިސާއަކަށްވާތީ، ފޯން އެލަވަންސް ހަމަޖެއްސުމަށްފަހު އެމަޢުލޫމާތު 7 ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ.

(ރ) ޝަރުޢީދާއިރާގެ މަޤާމްތަކުގެ އޮނިގަނޑުގައި ފޯނު އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.

 

56 ވަނަ މާއްދާ - ޕެޓްރޯލް އެލަވަންސް

(ހ) ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސަރުދާރުންނާއި، އޮފީސް އެސިސްޓެންޓުންނާއި އަދި އިދާރާގެ މުވައްޒަފުންގެ ތެރެއިން އާންމުކޮށް ރަސްމީގަޑީގައި އަމިއްލަ ސައިކަލުގައި ދަތުރުކޮށްގެން ތަކެތި ރައްދުކުރާ މުވައްޒަފުންނަށާއި އެހެން ތަންތަނުން ތަކެތި ހޯދާ މުވައްޒަފުންނަށް ޕެޓްރޯލް އެލަވަންސް ދޫކުރަންވާނެއެވެ.

(ށ) ޝަރުޢީދާއިރާއިން ދޫކޮށްފައިވާ ސައިކަލަށް ޕެޓްރޯލް އެޅުމަށްޓަކައި އެސައިކަލް ޙަވާލުކުރެވިފައިވާ މުވައްޒަފަކަށް ޕެޓްރޯލް އެލަވަންސް ދޫކުރަންވާނެއެވެ.

(ނ) ޝަރުޢީދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޕެޓްރޯލް އެލަވަންސް ހަމަޖައްސަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 8.18 ގައިވާގޮތުގެ މަތިން އެކޯޓެއްގައި ނުވަތަ އެއިދާރާއެއްގައި އެކުލަވާލެވިފައިވާ އަންދާސީހިސާބު ބަލާ ކޮމިޓީންނެވެ.

(ރ) ޕެޓްރޯލް އެލަވަންސަކީ މުވައްޒަފުންނަށް ހިނގާ ޚަރަދުގެ ކޯޑުން ޚަރަދުކުރާ ފައިސާއަކަށްވާތީ، ޕެޓްރޯލް އެލަވަންސް ހަމަޖެއްސުމަށްފަހު އެމަޢުލޫމާތު 7 ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ.

(ބ) ޝަރުޢީދާއިރާގެ މަޤާމުތަކުގެ އޮނިގަނޑުގައި ޕެޓްރޯލް އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.

(ޅ) ޕެޓްރޯލް އެލަވަންސް ލިބޭ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތުގެ ބާވަތުން ސައިކަލް ބޭނުންކުރަންނުޖެހޭ މަޤާމަކަށް މުވައްޒަފު ބަދަލުވެއްޖެނަމަ، އެމުވައްޒަފަކަށް ޕެޓްރޯލް އެލަވަންސް ދިނުން ހުއްޓާލަންވާނެއެވެ.

 

57 ވަނަ މާއްދާ - ނައިޓް ކޯޓު އެލަވަންސް

(ހ) ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އިތުރުވެ، ރަސްމީގަޑީގައި އެކަނި މަސައްކަތްކޮށްގެން މައްސަލަތައް އެކަށީގެންވާ ހަލުއިމިނެއްގައި ނިންމުމަށްދަތިވާ ޙާލަތްތަކުގައި، ރައްޔިތުންނަށާއި ދައުލަތުގެ މުވައްސަސާތަކަށް ކޯޓުތަކުންދޭ ޚިދުމަތް ހަލުއިކުރުމަށްޓަކައި ނުރަސްމީގަޑީގައި (ނައިޓްކޯޓުގައި) މައްސަލަތައް ހިންގުމާއި، ތަޙްޤީޤަށް ބަންދުކުރެވޭ ފަރާތްތަކުގެ މުއްދަތު އިތުރުކުރުމުގެ މަސައްކަތް ނުރަސްމީގަޑީގައި ކުރަންޖެހޭ ޙާލަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ނައިޓްކޯޓު އެލަވަންސް ދޫކުރަންވާނެއެވެ.

(ށ) ނައިޓް ކޯޓު އެލަވަންސް ހަމަޖައްސަންވާނީ، ނައިޓް ކޯޓު ހިންގުމާބެހޭ އުސޫލުގައިވާ ގޮތުގެ މަތިން، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 8.18 ގައިވާ ގޮތަށް އެކޯޓެއްގައި ނުވަތަ އެއިދާރާއެއްގައި އެކުލަވާލެވިފައިވާ އަންދާސީހިސާބު ބަލާ ކޮމިޓީންނެވެ.

(ނ) ޝަރުޢީދާއިރާގެ މަޤާމްތަކުގެ އޮނިގަނޑުގައި، ނައިޓްކޯޓު އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.

 

58 ވަނަ މާޢްދާ - ރިސްކް އެލަވަންސް

(ހ) ޝަރްޢީދާއިރާގެ މުވައްޒަފަކާ ޙަވާލުވެފައިވާ މަސައްކަތުގެ ބާވަތުން، އެމަސައްކަތުގައި އެމުވައްޒަފަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ނުވަތަ ގެއްލުމެއް ލިބޭފަދަ މަސައްކަތްކުރާ މުވައްޒަފުންނަށް ރިސްކް އެލަވަންސް ދޭންވާނެއެވެ.
(ށ) ޝަރްޢީދާއިރާގެ މަޤާމްތަކުގެ އޮނިގަނޑުގައި ރިސްކް އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.

 

59 ވަނަ މާޢްދާ - ކައިވެނީގެ އެލަވަންސް

މައުޛޫނުންނަށާއި ކޯޓުންބޭރުގައި ކުރާ ކައިވެނިތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އެލަވަންސެއް ދޭންވާނެއެވެ. މިގޮތުން ދޭ އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ޝަރްޢީދާއިރާގެ މަޤާމްތަކުގެ އޮނިގަނޑުގައި ތަފްޞީލްކޮށް ބަޔާންކުރަންވާނެއެވެ.

 

60 ވަނަ މާޢްދާ - ކާވެންޏަށް ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްގައި ދޭ އެލަވަންސް

ކާވެންޏަށް ހޭލުންތެރިކުރުމަށް ހިންގޭ ޕްރޮގްރާމް ހިންގާ ފަރާތްތަކަށް އެލަވަންސެއް ދޭންވާނެއެވެ. މިގޮތުން ދޭ އެލަވަންސް ދޫކުރުމަށް ކަނޑައެޅިފައިވާ ގޮތް ޝަރްޢީދާއިރާގެ މަޤާމްތަކުގެ އޮނިގަނޑުގައި ތަފްސީލްކޮށް ބަޔާންކުރަންވާނެއެވެ.

 

61 ވަނަ މާޢްދާ - ހެލްތު އިންޝުއަރެންސް

ޝަރްޢީދާއިރާގެ ދާއިމީ މުވައްޒަފުންނަށާއި ވަގުތީ މުވައްޒަފުންގެ ތެރެއިން 3 މަސްދުވަހަށްވުރެ ގިނަދުވަހަށް މަސައްކަތްކުރުމަށް ޢައްޔަނުކުރެވޭ މުވައްޒަފުންނަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ދޭންވާނެއެވެ. މިޤަވާޢިދުގެ 11 ވަނަ ބާބުގައިވާ ޝަރްޢީދާއިރާގައި ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މުވައްޒަފުންނަށްވެސް އެފަރާތްތަކާއެކު ކުރެވިފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ދޭންވާނެއެވެ.

 

62 ވަނަ މާޢްދާ - ކޯޓުގެ ނުވަތަ އިދާރާގެ ޚަރަދުގައި ބޭސްފަރުވާ ކޮށްދިނުން

(ހ) މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، ނުވަތަ މަސައްކަތާ ގުޅިގެން ޖިސްމާނީ ނުވަތަ ނަފްސާނީގޮތުން ލިބޭ ގެއްލުމަކަށް ހެލްތު އިންޝުއަރެންސް ސްކީމުން ޚަރަދު ހަމަޖައްސައި ނުދޭނަމަ، އެ ގެއްލުމަކަށް އިދާރާގެ ޚަރަދުގައި ބޭސްފަރުވާ ކޮށްދޭންވާނެއެވެ. ނުވަތަ އިންޝުއަރެންސް ސްކީމުން ހަމަޖައްސައިދެނީ ވަކި މިންވަރެއްނަމަ އެ ހަމަޖައްސައި ނުދޭ މިންވަރު ކޯޓުން ނުވަތަ އިދާރާއިން ދޭންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ފަދަ ޙާލަތެއް މެދުވެރިވެގެން ކޯޓުން ނުވަތަ އިދާރާއިން ބޭސްފަރުވާ ކޮށްދޭ މީހަކު ފަސޭހަނުވަނީސް އެމީހަކު އަމިއްލައަށް ބޭސްފަރުވާކުރުން ހުއްޓާލައިފިނަމަ، ޝަރްޢީދާއިރާއިން އަލުން އެކަމަކަށް ބޭސްފަރުވާކޮށެއް ނުދެވޭނެއެވެ.

 

63 ވަނަ މާޢްދާ - ޔުނިފޯމާއި ހެދުން

(ހ) ޔުނިފޯމު ދެވޭ މުވައްޒަފުންނަށް އަހަރަކު ޔުނިފޯމު ދެވޭނެ ޢަދަދާއި، ޔުނިފޯމު ފެހުމުގެ ޚަރަދުގެ ގޮތުގައި، ޔުނިފޯމް އެލަވަންސް ދޭންވާނެއެވެ. މިގޮތުން ދޭ އެލަވެންސްގެ ޢަދަދު ޝަރުޢީދާއިރާގެ މަޤާމްތަކުގެ އޮނިގަނޑުގައި ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.

(ށ) ކޯޓުގެ މުވައްޒަފުންނަށް ނުވަތަ މުވައްޒަފުންގެ ތެރެއިން ބަޔަކަށް ޔުނިފޯމެއް ހަމަޖައްސަން ބޭނުންވެއްޖެނަމަ، ޔުނިފޯމު ހަމަޖައްސަން ބޭނުންވާ ސަބަބު ބަޔާންކޮށް، ޔުނިފޯމަށް ހިނގާނެ ޚަރަދާއި އެ ޔުނިފޯމެއް ހުންނާނެ ގޮތުގެ ކުލަ ކުރެހުމެއް ނުވަތަ ފޮޓޯއަކާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ.

(ނ) ޔުނިފޯމުގައި ހުންނަ ލިޔުމެއް، އުޞޫލެއްގެ ގޮތުން ހުންނަންވާނީ ދިވެހިބަހުންނެވެ. ޔުނިފޯމު އަޅައިގެން އުޅޭ މުވައްޒަފުންގެ މަސައްކަތުގެ ބާވަތުން އެލިޔުމެއް އެހެން ބަހަކުން ބެހެއްޓުމަށް ބޭނުންވާނަމަ، އެލިޔުމެއް ދިވެހިބަހުންނާއި އެބަހަކުން ބެހެއްޓިދާނެއެވެ.

(ރ) ޔުނިފޯމު އެޅުމަށް ހަމަޖެހިފައިވާ މުވައްޒަފުން ޔުނިފޯމު އަޅައިގެން އުޅެންވާނީ، ޔުނިފޯމު އެޅުމަށް އެކޯޓަކުން ނުވަތަ އެއިދާރާއަކުން ކަނޑައަޅާފައިވާ އުޞޫލެއްގެ މަތިންނެވެ.

(ބ) ޔުނިފޯމު ދީފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެނަމަ، އެމުވައްޒަފަކަށް ދޫކޮށްފައިވާ ޔުނިފޯމާ މެދު ޢަމަލުކުރާނީ، ތިރީގައި މިވާ ގޮތަށެވެ.

  1. ކަނޑައެޅިފައި އޮންނަ ޚާއްޞަ ފާހަގައެއް ޔުނިފޯމުގައި ހަރުކުރެވިފައިވާނަމަ، ވަޒީފާއިން ވަކިވުމާއެކު ޔުނިފޯމު އަތުލުން. މިގޮތުގެ މަތިން އަތުލެވިފައިވާ ޔުނިފޯމު ނައްތާލުން.
  2. ކަނޑައެޅިފައި އޮންނަ ޚާއްޞަ ފާހަގައެއް ނުހުންނަ ޔުނިފޯމެއްނަމަ އެމީހަކަށް ދޫކޮށްލުން.

 

64 ވަނަ މާޢްދާ - ޚާއްސަ އެހީގެ ފައިސާ 

(ހ) މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، ނުވަތަ ކޯޓަކުން ނުވަތަ އިދާރައަކުން ފޮނުވައިގެން މަސައްކަތަށް ބޭނުންވާ ޚާއްޞަ ހުނަރެއް ދަސްކުރަން އުޅެނިކޮށް، ވަޒީފާގައި މަސައްކަތްކޮށް ނޫޅެވޭވަރުގެ ގެއްލުމެއް، މުވައްޒަފެއްގެ ޖާނަށް ނުވަތަ ސިއްޙަތަށް ލިބިއްޖެނަމަ، އެކަމަކަށް ބޭސްކޮށްދިނުމުގެ އިތުރުން، އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރެވޭވަރުވަންދެން ޚާއްޞަ އެހީގެ ފައިސާގެ ގޮތުގައި، އެއިރަކު އެމީހަކަށް ލިބެމުންއައި މުސާރައިގެ ދެބައިކުޅަ އެއްބަޔާ އެއްވަރު ޢަދަދަކަށް ފައިސާ، މަހުން މަހަށް ލިބޭ އެހީގެ ގޮތުގައި ކޮންމެ މަހަކުވެސް ދޭންވާނެއެވެ.

(ށ) މިއެލަވަންސް ދެވޭނީ ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިވާ ސިއްޙީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓްގައި އެކަމެއް ބަޔާންކޮށް ހުށަހެޅުމުންނެވެ.

(ނ) ޝަރުޢީދާއިރާގެ މަޤާމެއްގައި މަސައްކަތްކޮށް ނޫޅެވޭވަރުގެ ގެއްލުމެއް މުވައްޒަފުގެ ޖާނަށް ނުވަތަ ޞިއްޙަތަށް ލިބިއްޖެނަމަ، އެމުވައްޒަފަކަށް ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޢިނާޔަތްތައް ލިބުމާ ހަމަޔަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަނޑައަޅާ އުޞޫލެއްގެ މަތިން ރިޓަޔަރމަންޓް ބެނެފިޓެއް ލިބިދޭން ވާނެއެވެ.

(ރ) މިމާއްދާގެ (ހ) ގައި ބަޔާންކުރާ ޚާއްޞަ އެހީ ހަމަޖައްސާނީ، އެމައްސަލައެއް ދިމާވުމުން، އެމީހަކު އުޅޭ ކޯޓުން ނުވަތަ އިދާރާއަކުން އެކަމެއް ހިނގިގޮތުގެ ތަފްޞީލާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމުން، އެކަން ބެލުމަށްފަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. އެފަދަ ކަމެއް ދިމާވެގެން، އެކަމެއް، މުވައްޒަފު  އަމިއްލައަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅިދާނެއެވެ.

(ބ) މިމާއްދާގެ (ހ) ގައި ބަޔާންކުރާ ޚާއްޞަ އެހީގެ ފައިސާ ހަމަޖެއްސުމަށާއި ވަޒީފާއިން ވަކިކުރުމަށްޓަކައި، އެކޯޓަކުން ނުވަތަ އެއިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ. 

 

 

7ވަނަ ބާބު

ވަޒީފާ ދިނުމާއި، ބަދަލުކުރުމާއި، ކުރިއެރުންދިނުމާއި ވަކިކުރުން

 

65 ވަނަ މާއްދާ - ތަޢާރުފު

(ހ) ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ވަޒީފާ ހަމަޖައްސާ ފަރާތްތަކާއި ކޯޓުތަކުގެ ރަޖިސްޓްރާރއިން ފިޔަވައި، ކޯޓުތަކާއި އިދާރާތަކުގެ މަޤާމުތަކަށް މީހުންހޯދުމާއި، ވަޒީފާދިނުމާއި، އެއްވަޒީފާއިން އަނެއްވަޒީފާއަށް ބަދަލުކުރުމާއި، ވަޒީފާގެ ކުރިއެރުންދިނުމާއި ވަޒީފާއިންވަކި ކުރުމުގެ އެންމެހައި ކަންތައްތައް ކުރާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

(ށ) ޝަރުޢީދާއިރާގެ އިދާރީ މަޤާމުތަކަށް މީހުންހޯދުމާއި، ވަޒީފާދިނުމާއި، އެއްވަޒީފާއިން އަނެއްވަޒީފާއަށް ބަދަލުކުރުމާއި، ވަޒީފާގެ ކުރިއެރުންދިނުމާއި ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނީ ވަޒީފާއާބެހޭ ޤާނޫނާއި މިޤަވާޢިދުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.

 

66 ވަނަ މާއްދާ - އަސާސީ އުޞޫލުތައް

(ހ) ޝަރުޢީދާއިރާގެ މަޤާމަކަށް އެއްވެސް މީހަކުހޯދަންވާނީ ނުވަތަ ޢައްޔަނުކުރަންވާނީ ނުވަތަ މުވައްޒަފަކަށް މަޤާމުގެ ކުރިއެރުންދޭންވާނީ ނުވަތަ މުވައްޒަފެއްގެ މަޤާމު ބަދަލުކުރަންވާނީ ނުވަތަ މަޤާމެއް އުފައްދަންވާނީ ނުވަތަ މަޤާމެއް އުވާލަންވާނީ ނުވަތަ މަޤާމަކުން މުވައްޒަފަކު ވަކިކުރަންވާނީވެސް ނުފޫޒާއި ތަޢައްޞުބުން އެއްކިބާވެ، ވަކިން ޚާއްޞަކޮށް ސިޔާސީ ނުފޫޒުން އެކަހެރިވެ، ތަޢުލީމާއި ތަޖުރިބާއަކީ އަސާސީ މިންގަނޑުކަމަށް ބަލައިގެންނެވެ. ހަމައެހެންމެ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) އަސާސީ މިންގަނޑަކީ ތަޢުލީމާއި ތަޖުރިބާ ކަމަށް ބަލައިގެން ވަޒީފާ ދިންކަމަށް ނުވަތަ މަޤާމުގެ ކުރިއެރުން ދިންކަމަށް ނުވަތަ ވަޒީފާ ބަދަލުކުރިކަމަށް ބެލެވޭނީ ތިރީގައިވާ ގޮތަށް ޢަމަލުކޮށްފައިވާ ނަމައެވެ.

  1. ޢައްޔަން ކުރެވުނު ނުވަތަ މަޤާމުގެ ކުރިއެރުން ދެވުނު ނުވަތަ ބަދަލުކުރެވުނު މީހަކީ، އެވަޒީފާގެ ޝަރުތުތައް ފުރިހަމަވާ މީހަކު ކަމުގައިވުން.
  2. ޢައްޔަންކުރެވުނު މީހަކީ ނުވަތަ މަޤާމުގެ ކުރިއެރުން ދިން މީހަކީ ނުވަތަ ބަދަލުކުރި މީހަކީ، އެމީހެއްގެ ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން ޢައްޔަންކުރި ނުވަތަ މަޤާމުގެ ކުރިއެރުންދިން، ނުވަތަ ބަދަލު ކުރި މީހަކު ކަމުގައިވުން. 
  3. ޢައްޔަނުކުރެވުނު މީހަކީ ނުވަތަ މަޤާމުގެ ކުރިއެރުން ދިން މީހަކީ ނުވަތަ ބަދަލުކުރި މީހަކީ، ކޯޓަށް ނުވަތަ އިދާރާއަށް ބުރަބޮޑު ނުވާނެ ގޮތަކަށް، ދައުލަތުގެ ފައިސާ އިސްރާފު ނުވާނެ ގޮތެއްގެމަތިން، ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތް ހަލުވިކުރުމަށާއި އިދާރީ ލުއިފަސޭހަކަމަށް ރިޢާޔަތްކޮށްގެން ޢައްޔަނުކުރި މީހަކު ކަމުގައިވުން.

 

67 ވަނަ މާއްދާ - ވަޒީފާބަޔާން 

(ހ) މުވައްޒަފަކާ ވަޒީފާ ޙަވާލުކުރާއިރު އެ މުވައްޒަފެއްގެ ވަޒީފާބަޔާން، އެކޯޓެއްގެ ނުވަތަ އެ އިދާރާގެ އެންމެ އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން އެމުވައްޒަފަކަށް އޮޅުންފިލުވައިދީ، ވަޒީފާދޭ ދުވަހުންފެށިގެން ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އޭނާ ލައްވައި ވަޒީފާބަޔާނުގައި ސޮއިކުރުވަން ވާނެއެވެ.

(ށ) ކޮންމެ ކޯޓަކުން ނުވަތަ އިދާރާއަކުންވެސް 6 (ހަޔެއް) މަހުން އެއްފަހަރު އެ ކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ މުވައްޒަފުން ކުރާ މަސައްކަތްތަކާ ވަޒީފާ ބަޔާންތައް އަޅައިބަލައި، މަސައްކަތަށް ބަދަލު އައިސްފައިވާ މަޤާމެއް އޮތްނަމަ، އެމަޤާމެއްގެ ވަޒީފާބަޔާން އަލުން ލިޔެ، މަސައްކަތަށް ބަދަލުއައި ބަޔާނުގައި އެމުވައްޒަފު ލައްވައި ސޮއިކުރުވަން ވާނެއެވެ.

(ނ) ވަޒީފާބަޔާން ތައްޔާރު ކޮށްފައި އޮންނަންވާނީ މި ޤަވާޢިދުގެ ޖަދުވަލު 2 ގައިވާ "ވަޒީފާބަޔާން" ގެ ނަމޫނާގައިވާ ބައިތައް ހިމަނައިގެންނެވެ.

 

68 ވަނަ މާއްދާ - ވަޒީފާގެ ގިންތިތައް

ޝަރުޢީދާއިރާގެ މުވައްޒަފުންނަށް ވަޒީފާދޭންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭގޮތަށެވެ.

(ހ) ދާއިމީ މުވައްޒަފުން.

(ށ) ވަގުތީ މުވައްޒަފުން.

 

69 ވަނަ މާއްދާ - ވަޒީފާދިނުން

ޝަރުޢީދާއިރާގެ އިދާރީ މަޤާމުތަކަށް މީހުން ހަމަޖެއްސުމަށް ކޯޓުތަކުން ލިޔާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ.

(ހ) ޝަރުޢީދާއިރާގެ މަޤާމަކަށް މީހަކު ލައްވަން ބޭނުންވެއްޖެނަމަ، އެމަޤާމަކަށް އެންމެ އެކަށީގެންވާ މީހާ ހޮވުމަށްފަހު، އެމީހަކަށް ވަޒީފާ ހަމަޖެއްސުމަށް ކޯޓުން ނުވަތަ އިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާނީ، މިޤަވާއިދުގެ ޖަދުވަލު 3 ގައިވާ "ވަޒީފާ ދެއްވުންއެދި ދަންނަވާ ޗިޓް" އިންނެވެ. ޝަރުޢީދާއިރާގެ އެހެން ވަޒީފާއެއްގައި ހުރި މީހެއްނަމަ، މިޤަވާއިދުގެ ޖަދުވަލު 4 ގައިވާ "ވަޒީފާ ބަދަލުކުރެއްވުމަށް އެދި ދަންނަވާ ޗިޓް" އިންނެވެ. 

(ށ) ވަޒީފާދިނުމަށްފަހު އެކަން ކޯޓަށް ނުވަތަ އިދާރާއަށް އަންގާނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާ ޗިޓަކުންނެވެ.

(ނ) ވަޒީފާދިނުމާގުޅިގެން، ޝަރުޢީދާއިރާގެ ކޮންމެ މުވައްޒަފަކަށްވެސް ޚިދުމަތުގެ ރެކޯޑުކާޑު ނަންބަރެއް ދެވޭނެއެވެ.

(ރ) ޝަރުޢީދާއިރާގެ ވަޒީފާދިންކަން ކޯޓަށް ނުވަތަ އިދާރާއަށް އެންގުމުން، އެ މުވައްޒަފަކަށް އެކޯޓަކުން ނުވަތަ އިދާރާއަކުން ލިޔުމަކުން އެކަން އަންގަންވާނެއެވެ.

 

70 ވަނަ މާއްދާ - ވަޒީފާއަށް ޢައްޔަންކުރުން

(ހ) ޝަރުޢީދާއިރާގެ ވަޒީފާއަކަށް އައްޔަންކުރެވޭނީ، ތިރީގައި މިވާ ޝަރުޠުތައް ފުރިހަމަވުމާއެކު، އެ މަޤާމަށް ބޭނުންވާ ޝަރުޠު ހަމަވާ މީހުންނެވެ. 

  1. ދިވެހި ރައްޔިތަކަށްވުން.
  2. އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގޭ މީހަކު ކަމުގައިވުން.
  3. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން ނުވަތަ ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު 55 އަހަރަށްވުރެ ދޮށީ މީހަކުކަމުގައި ނުވުން.
  4. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން. "ޝަރުޢީދާއިރާގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެރެކޯޑު ބަލާ ފޯމު" މި ޤަވާޢިދުގެ ޖަދުވަލު 5 ގައި ވާނެއެވެ.
  5. އެއީއެ ޤާނޫނީ ޖަމާޢަތެއް ކަމުގައި ޝަރީޢަތުން ކަނޑައަޅާފައިވާ ޖަމާޢަތެއްގެ މެމްބަރެއްކަމުގައި ނުވުން.
  6. ވަޒީފާއަދާކުރަން ޖެހޭ ކޯޓުގެ ފަނޑިޔާރުންނާއި ނުވަތަ ކޯޓުގެ ނުވަތަ އިދާރާގެ އިސްވެރިޔާއާ ނުވަތަ އިސްވެރިންނާ، ވަޒީފާއަށް ހޮވޭމީހާއާ ނަސަބުގެ ގޮތުން ނުވަތަ މުޞާހަރާގެ ގޮތުން (މަންމައާ، ބައްޕައާ، ކާފައާ، މާމައާ، ދަރިއަކާ، އަންބަކާ، ފިރިއަކާ، ބޮޑުބޭބެއަކާ، ބޮޑުދައިތައަކާ، ޅިޔަންފަހަރިންނާ، ބަފާބެއާ، މައިދައިތައާ، އެއްބަނޑު އެއްބަފާ މީހަކާ، އެއްބަނޑު މީހަކާ ނުވަތަ އެއްބަފާ މީހަކާ ނުވަތަ މިއިން މީހެއްގެ ދަރިއަކާ) ގުޅުން ހުރި މީހަކަށް ނުވުން.
  7. ވަޒީފާއަށް ހޮވޭ މީހާއަކީ، ވަޒީފާއަދާކުރަން ޖެހޭ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފެއްގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް، ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  8. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން
  9. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ދަށުން ރައީސުލްޖުމްހޫރިއްޔާ އިސްކުރާ މަޤާމެއްގައި ހުރި މީހެއް ކަމުގައި ނުވުން
  10. ދައުލަތުގެ އެއްވެސް މަޤާމަކުން މުސްކުޅިކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  11. ޝަރުޢީދާއިރާއަށް ޚިދުމަތްކުރުމަށް އިޤްރާރުވެ ކޯހެއްގައި ބައިވެރިވެ ކޯސް ފުރިހަމަނުކޮށްގެން ނުވަތަ ކޯހުން ފޭލްވެގެން ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމުގައި ނުވުން
  12. ޝަރުޢީދާއިރާއަށް ޚާއްޞަކޮށްގެން ހިންގާ ކޯހެއްގައި ބައިވެރިވުމަށް ދެވޭ ފުރުޞަތުގެ ބޭނުންނުކޮށް ދޫކުރުމުގެ ސަބަބުން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތެއްކަމުގައި ނުވުން.
  13. ސިޔާސީ ޕާޓީއެއްގެ މަޤާމެއް އަދާކުރާ މީހަކު ކަމުގައިނުވުން.
  14. ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ކަނޑައެޅިފައިވާ އިންތިޚާބުކުރެވޭ މަޤާމަކަށް، ނުވަތަ ސިޔާސީ ޕާޓީއެއްގެ މަޤާމަކަށް ވާދަކުރަމުންދާ މީހަކު ކަމުގައި ނުވުން.

(ށ) ވަޒީފާއަށް ޢައްޔަނުކުރެވޭ ފަރާތަކަށް ވަޒީފާ ދިނުމުގެ ކުރިން ތިރީގައިވާ ކަންތައްތަކަށް ބެލުމަށްފަހު، އެކަށީގެންވާ ގޮތަކަށް ވަޒީފާ އަދާނުކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފެނިއްޖެ ހިނދެއްގައި، އެމީހަކަށް ވަޒީފާ ނުދިނުމުގެ ފުރިހަމަ އިޚްތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިގެން ވެއެވެ.

  1. ވަޒީފާ އަދާކުރެވޭ ވަރުގެ ޞިއްޙަތެއް ހުރި މީހެއްކަމުގައިނުވުން.
  2. އަޚްލާޤީ މިންގަނޑަށް ފެތޭ މީހެއްކަމުގައި ނުވުން.

 

71 ވަނަ މާޢްދާ - ވަޒީފާގެ އެއްބަސްވުން 

ޝަރުޢީދާއިރާގެ ކޮންމެ މުވައްޒަފަކަށް ވަޒީފާދެވޭ ހިނދު، ލިޔެފައިވާ ވަޒީފާގެ އެއްބަސްވުމެއްގައި އެ މުވައްޒަފަކު ލައްވައި ސޮއި ކުރުވަން ވާނެއެވެ. މިގޮތުން ސޮއިކުރެވޭ އެއްބަސްވުމެއްގައި މިޤަވާއިދުގެ ޖަދުވަލު 6 ގައިވާ "ވަޒީފާގެ އެއްބަސްވުން" ގެ ޝަރުތުތަކާއި މާއްދާތައް ހިމަނަން ވާނެއެވެ.

(ހ) ޝަރުޢީދާއިރާގެ މުވައްޒަފުންނާއި ޝަރުޢީދާއިރާއާ ދެމެދު ސޮއިކުރެވޭ ވަޒީފާގެ އެއްބަސްވުމުގައި ޝަރުޢީދާއިރާގެ ފަރާތުން ސޮއިކުރާނީ، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ އެންމެ އިސްފަރާތް ނުވަތަ އެފަރާތުން ކަނޑައަޅާ ޝަރްޢީދާއިރާގެ މުވައްޒަފެކެވެ.

(ށ) ވަޒީފާގެ އެއްބަސްވުމުގައި ދެފަރާތުން ސޮއި ކުރުމަށްފަހު، އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފުގެ ރެކޯޑް ފައިލަށް ލާންވާނެއެވެ. އަދި އެ އެއްބަސްވުމުގެ ކޮޕީއެއް އެ މުވައްޒަފަކަށްވެސް ދޭންވާނެއެވެ.

 

72 ވަނަ މާޢްދާ - ޤާނޫނާއި ގަވާއިދަށް ހުރަސްއެޅޭ އެއްވެސް ބައެއް ވަޒީފާގެ އެއްބަސްވުމުގައި ނުހިމެނުން

ޝަރްޢީދާއިރާގެ ވަޒީފާގެ އެއްބަސްވުމެއްގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން ނުވަތަ ޤަވާޢިދުން ވިޔަސް، ޝަރްޢީ ކޯޓަކަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިދީފައިވާ ބާރެއް ހަނިވާފަދަ މާއްދާއެއް އެބާރެއް ހަނިކުރުމުގެ އިޚްތިޔާރު ޤާނޫނާއި ޤަވާޢިދުގައި ކަނޑައެޅި ބަޔާންވެފައިނެތީސް، ހިމަނައިގެން ނުވާނެއެވެ. އެފަދަ ކަމެއް ވަޒީފާގެ އެއްބަސްވުމުގައި ހިމެނިއްޖެނަމަ، އެ ހިމެނުނު ބައެއް ވާނީ ބާޠިލު ބަޔަކަށެވެ.

 

73 ވަނަ މާއްދާ - ވަޒީފާ ބަދަލު ކުރުން 

(ހ) ޝަރްޢީދާއިރާގެ މުވައްޒަފުން އެއް މަޤާމުން އަނެއް މަޤާމަށް ބަދަލުކުރާނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. ވަޒީފާ ބަދަލު ކުރުމުގައި ކޯޓުން ނުވަތަ އިދާރާއިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާނީ މި ޤަވާޢިދުގެ ޖަދުވަލު 4 ގައިވާ "ވަޒީފާ ބަދަލު ކުރެއްވުމަށް އެދި ދަންނަވާ ޗިޓު" ންނެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުވައްޒަފަކު އެއް މަޤާމުން އަނެއް މަޤާމަށް ބަދަލު ކުރާއިރު، އެ މުވައްޒަފަކު އަދާކުރަމުންދާ ވަޒީފާ ހިމެނޭ ފަންތިއަށްވުރެ ދަށް ފަންތިއަކަށް އެ މުވައްޒަފުގެ ރުހުމަކާނުލާ ބަދަލުކުރެވޭނީ ތިރީގައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައެވެ.

  1. މިޤަވާޢިދުގެ 207 ވަނަ މާއްދާގެ ދަށުން އެޅޭ އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން.
  2. އެ މުވައްޒަފަކު ހުރި ފަންތީގައި މަސައްކަތް ކުރަންވާ މިންވަރަށް ނުވަތަ ފެންވަރަށް މަސައްކަތް ނުކުރުން.

 

74 ވަނަ މާއްދާ - މުވައްޒަފުން އެއް އިދާރާއިން އަނެއް އިދާރާއަށް ބަދަލު ކުރުން

(ހ) ޝަރްޢީދާއިރާގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުވައްޒަފަކު، ކޯޓަކަށް ނުވަތަ ޝަރްޢީދާއިރާގެ އިދާރާއަކަށް ބަދަލު ވާން ބޭނުންވެފައި، އެ މުވައްޒަފު މަސައްކަތް ކުރާ ކޯޓުން ނުވަތަ އިދާރާއިން އެކަމަށް އިޢުތިރާޟު ނުކުރާނަމަ، މިޤަވާޢިދުގައިވާ ގޮތުގެ މަތިން އެ މުވައްޒަފަކު ބަދަލުކޮށް ދެވިދާނެއެވެ.

(ށ) އިދާރީ ގޮތުން ކޯޓެއްގެ ނުވަތަ އިދާރާއެއްގެ ހިންގުން ހަރުދަނާކޮށް އެދެވޭ ބަދަލެއް ގެނެވޭނެކަމަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފެނިއްޖެނަމަ، އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ މަޝްވަރާގެ މަތިން މުވައްޒަފަކު އެހެން ކޯޓަކަށް ނުވަތަ އިދާރާއަކަށް ބަދަލު ކުރުމުގެ އިޚްތިޔާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިގެން ވެއެވެ.

(ނ) ކޯޓެއް ނުވަތަ އިދާރާއެއްގައި ޚާއްޞަ މަސައްކަތެއް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފާހަގަ ކުރެވިއްޖެ ހިނދެއްގައި ކޯޓެއް ނުވަތަ އިދާރާއެއްގެ މުވައްޒަފަކު، ކޯޓު ނުވަތަ އިދާރާގެ މަޝްވަރާއާއެކު ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެހެން ކޯޓަކަށް ނުވަތަ އިދާރާއަކަށް ބަދަލުކުރުމުގެ އިޚްތިއާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިގެންވެއެވެ.

 

75 ވަނަ މާއްދާ - ވަޒީފާގެ ކުރިއެރުން ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލަން ޖެހޭ ކަންތައްތައް

ޝަރުޢީދާއިރާގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދޭނީ މުވައްޒަފުންގެ ވަޒީފާގެ ޒިންމާތައް ފުރިހަމައަށް އުފުލައި، މަސައްކަތުގެ ފެންވަރު ރަނގަޅަށް ބަލަހައްޓައި، މަސައްކަތުގެ އަޚްލާޤު ރަނގަޅުވެގެން އެކަންކަން ސާބިތުކޮށްދޭ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ނުވަތަ، އެކަންކަމުގެ މައްޗަށް ބަލައި އެއަށްވުރެ މަތީ މަސްއޫލިއްޔަތަކަށް ބަދަލު ކުރުމުގެ ގޮތުންނެވެ. ވަޒީފާގެ ކުރިއެރުން ދިނުމުގައި، ތިރީގައި މިވާ ކަންތައްތަކަށް ބަލަންވާނެއެވެ.

(ހ) މަޤާމުގެ މަސްއޫލިއްޔަތުތަކަށް އެ މުވައްޒަފަކު އެކަށީގެންވާ މިންވަރު

(ށ) މުވައްޒަފު ހުރި މަޤާމުގެ ވާޖިބުތައް އަދާކޮށްފައިވާ މިންވަރާއި ފެންވަރު

(ނ) މުވައްޒަފުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ

(ރ) މުވައްޒަފު ވަޒީފާގައި އުޅެފައިވާ މުއްދަތު

(ބ) ކޯޓުގެ ނުވަތަ އިދާރާގެ މަޤުޞަދު ޙާޞިލު ކުރުމަށް މުވައްޒަފު ޙިއްޞާކޮށްފައިވާ މިންވަރު

(ޅ) މުވައްޒަފު ޙާޟިރީއަށް ފަރުވާ ބަހައްޓާ މިންވަރު

(ކ) ވަކި މުއްދަތެއް ހަމަވުމުން މަޤާމުގެ ކުރިއެރުން ލިބޭގޮތަށް އެކުލަވާލެވިފައިވާ އޮނިގަނޑެއްގައި އެމީހެއްގެ ޚިދުމަތުގެ ފެންވަރު ބެލުމުން އެމީހަކަށް މަޤާމުގެ ކުރިއެރުން ޙާސިލުވާވަރަށް ޕޮއިންޓް ލިބުން.

(އ) އިސްލާހީ ފިޔަވަޅު އެޅިފައި ވާނަމަ، އިޞްލާޙީ ފިޔަވަޅު އަޅާފައިވަނީ ކޮން ބާވަތެއްގެ މައްސަލައެއްގައި ކޮންފެންވަރެއްގައިތޯ ބެލުން.

 

76 ވަނަ މާއްދާ - މަޤާމުތަކަށް މީހުން ހޯދުން 

(ހ) ޝަރުޢީދާއިރާގެ އެކިއެކި މަޤާމުތަކަށް މީހުން ހޯދަންވާނީ ހުސް މަޤާމެއް އޮވެގެންނެވެ. ނުވަތަ މަޤާމުގައި ހުރި މުވައްޒަފު ވަކިވާން އެދުމުންނެވެ.

(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވިޔަސް، ޝަރުޢީދާއިރާގެ މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދުމުން، އެމީހަކީ ވަކި މުއްދަތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ކަމުގައި ނުވާނަމަ، އެ މަޤާމު އޮތް ކޯޓަކުން ނުވަތަ އިދާރާއަކުން، މަޤާމު ހުސްނުވި ކަމުގައި ވިޔަސް، އެމީހާގެ ބަދަލުގައި އެހެން މީހަކު ހޯދުމަށް މަސައްކަތް ފެށިދާނެއެވެ. އަދި ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފަކު އެހެން މަޤާމަކަށް ބަދަލުކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސާފައި އެންގުމުން މަޤާމު ހުސްނުވި ކަމުގައި ވިޔަސް، އެމީހާގެ ބަދަލުގައި އެހެން މީހަކު ހޯދުމުގެ މަސައްކަތް ފެށިދާނެއެވެ.

(ނ) ސުޕްރީމް ކޯޓާއި، ހައިކޯޓާއި އަދި ސުޕީރިއަރ ކޯޓުތަކުގެ މަޤާމުތަކަށް މީހުން ހޮވާނީ އެކޯޓުތަކުންނެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ މަޤާމްތަކަށް މީހުން ހޮވާނީ އެކޯޓުތަކުން އިންޓަރވިއުކުރުމަށްފަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުމުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

(ރ) ޝަރުޢީދާއިރާގެ މަޤާމުތަކަށް މީހުން ހޯދުމުގައި ކޯޓުތަކާއި އިދާރާތަކުން ޢަމަލު ކުރާނީ ތިރީގައި މިވާ ގޮތުގެ މަތިންނެވެ.

  1. ޢާންމުކޮށް އިޢުލާން ކުރުން.
  2. އިޢުލާނަށް އިޖާބަދިން މީހުންގެ ތެރެއިން އެ ވަޒީފާއަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުން.
  3. މީހަކު ހަމަޖެއްސުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން.

 

77 ވަނަ މާއްދާ - އިޢުލާނުގައި ހިމަނަންޖެހޭ މަޢުލޫމާތު

ޝަރުޢީދާއިރާގެ މަޤާމުތަކަށް މީހުން ހޯދުމަށް ކުރާ އިޢުލާނުގައި ތިރީގައިމިވާ މަޢުލޫމާތު ހިމަނަންވާނެއެވެ. 

(ހ) މަޤާމުގެ ނަމާއި މަޤާމު އޮތް ކޯޓު ނުވަތަ އިދާރާ.

(ށ) ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް.

(ނ) މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން.

(ރ) މަޤާމުގެ ޝަރުތުތައް.

(ބ) މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު.

(ޅ) މުސާރައާއި މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތަކާއި ޢިނާޔަތްތައް.

(ކ) އިޢުލާނަށް އިޖާބަދޭންވީ މުއްދަތު.

 

78 ވަނަ މާއްދާ - ވަޒީފާއަށް ކުރިމަތިލުން 

ވަޒީފާއަށް އެދި ކޯޓަށް ނުވަތަ އިދާރާއަށް ހުށަހަޅާނީ މި ޤަވާއިދުގެ ޖަދުވަލު 7 ގައިވާ  "ޝަރްޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމު" ންނެވެ. ޝަރްޢީދާއިރާގެ ވަޒީފާއެއްގައި ހުރި މީހަކު ޝަރްޢީދާއިރާގެ އެހެން މަޤާމަކަށް ކުރިމަތިލާ ނަމަވެސް މިފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

 

79 ވަނަ މާއްދާ - އިޢުލާނާގުޅޭ ލިޔެކިޔުންތައް

(ހ) މުވައްޒަފުން ހޯދުމަށް ކުރެވޭ އިޢުލާނާއި، އަދި އެއިޢުލާނާ ގުޅިގެން ހުށަހަޅައި ބަލަހައްޓަންޖެހޭ މުއްދަތު ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު އެކޯޓަކުން ނުވަތަ އެއިދާރާއަކުން ބަލަހައްޓަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ލިޔެކިޔުންތަކުގެ ތެރެއިން ވަޒީފާއަށް ހޮވޭ މީހާގެ ލިޔެކިޔުންތައް ފިޔަވައި، އެހެން މީހުންގެ ލިއެކިޔުންތައް 5 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ.

(ނ) ވަޒީފާއަށް ހޮވޭމީހާގެ ލިއެކިޔުންތައް އޭނާގެ ރެކޯޑްފައިލްގައި ބަލަހައްޓަންވާނެއެވެ.

 

80 ވަނަ މާއްދާ - އެކްރެޑިޓްކުރުމާއި އެޓެސްޓް

(ހ) ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށްއެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ކުރުން ތަޢުލީމީ ސެޓްފިކެޓު ނުވަތަ ސެޓްފިކެޓްތައް ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައިގެންނެވެ. މިގޮތަށް ހުށަހަޅައި ލިއުންތަކުގެ ކޮޕީގައި "އަޞްލާ އެއްގޮތް" ކަމަށް ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ.

(ށ) ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިއުންތަކުގެ ތެރެއިން މުވައްޒަފުގެ ވަނަވަރު ފިޔަވައި އެހެން ލިޔުންތައް ހުށަހަޅަންވާނީ "އަސްލާ އެއްގޮތްކަން" ބަޔާންކޮށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު ކޮޕީއެވެ.

 

81 ވަނަ މާއްދާ - މަޤާމުތަކަށް މީހުން ހޮވުން

ވަޒީފާއަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ވަޒީފާއަށް މީހުން ހޮވުމުގައި ކޯޓުން ނުވަތަ އިދާރާއިން، ތިރީގައި މިވާ ގޮތަށް ޢަމަލުކުރަން ވާނެއެވެ.

(ހ) ވަޒީފާއަށް އެދޭ ފޯމުގައިވާ މަޢުލޫމާތު އެމީހަކު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ މައްޗަށް ބަލައި ކަށަވަރުކުރުން.

(ށ) ވަޒީފާއަށް ހޮވޭ ފަރާތަށް ވަޒީފާ ހަމަޖެއްސުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާއިރު، ފުރިހަމަކުރުމަށް ވަޒީފާއަށްހޮވޭ މުވައްޒަފާ ޙަވާލުކުރި މި ޤަވާޢިދުގެ ޖަދުވަލު 5 ގައިވާ "ޝަރްޢީދާއިރާގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެރެކޯޑު ބަލާ ފޯމު" ފުރިހަމަ ކޮށްފައިތޯ ބެލުން.

(ނ) ޝަރްޢީދާއިރާގެ ވަޒީފާއަށް އެދޭފޯމު ފުރައިގެން ގެނައުމަށްދީފައިވާ މުއްދަތު ހަމަވުމަށްފަހު، ވަޒީފާއަށް އެދިފައިވާ މީހުންނާ ވަކިވަކިން ބައްދަލުކޮށް މަޤާމަށް އެންމެ އެކަށީގެންވާ މީހަކު ހޮވުމަށްޓަކައި އިންޓަރވިއު ބޭއްވުން

(ރ) ވަޒީފާއަށް އެދޭނެ ޝަރުޠު ހަމަވާ މީހުންގެ އަދަދު 20 (ވިހި) އަކަށްވުރެ އިތުރުވާނަމަ، އިންޓަރވިއުއަށް ގެންނާނެ މީހުން ކަނޑައެޅުމަށްޓަކައި ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން ޝޯޓްލިސްޓްކުރުމަށް ތަރުތީބުން އިންޓަރވިއުއަށް ގެންނާނެ ފަރާތްތަކުގެ އަދަދު އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ ހިއުމަން ރިސޯސް ކޮމިޓީގެ މަޝްވަރާގެ މަތިން ކަނޑައެޅިދާނެއެވެ.

 

82 ވަނަ މާއްދާ - އިންޓަރވިއު ޕެނަލް އެކުލަވާލުން

(ހ) މަޤާމުތަކަށް މީހުން ހޮވުމަށް ހިއުމަން ރިސޯސް ކޮމިޓީގެ ލަފާގެ މަތިން، އެކުލަވައިލާ އިންޓަރވިއު ޕެނެލްގައި ތިރީގައިވާ ގޮތުގެ މަތިން މަދުވެގެން 3 (ތިނެއް) މެންބަރުން ހިމަނަންވާނެއެވެ.

  1. އިންޓަރވިއު ކުރެވޭ މަޤާމަށްވުރެ މަތީ މަޤާމެއް ފުރަމުންދާ މުވައްޒަފެއް.
  2. މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިސް މުވައްޒަފެއް.
  3. އިންޓަރވިއު ކުރެވޭ މަޤާމަކީ ފަންނީ މަޤާމެއްނަމަ އެދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއް.

(ށ) އިންޓަރވިއު ޕެނަލްގައި މަދުވެގެން ހިމަނާނެ 3 (ތިނެއް) މުވައްޒަފުން އެކޯޓަކުން ނުވަތަ އެއިދާރާއަކުން ނުލިބިއްޖެނަމަ، ދައުލަތުގެ އެހެން މުއައްސަސާއެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއް ހިމެނިދާނެއެވެ.

 

83 ވަނަ މާއްދާ - އިންޓަވިއު ޕެނަލްގައި ހިމަނައިގެން ނުވާނެ ފަރާތްތައް

(ހ) އިންޓަވިއު ކުރެވޭ ފަރާތާއި ނަސަބުގެ ގޮތުން ނުވަތަ މުޞާހަރާގެ ގޮތުން (މަންމައާ، ބައްޕައާ، ކާފައާ، މާމައާ، ދަރިއަކާ، އަންބަކާ، ފިރިއަކާ، ބޮޑުބޭބެއާ، ބޮޑުދައިތައާ އެއްބަނޑު އެއްބަފާ މީހަކާ، އެއްބަނޑު މީހަކާ ނުވަތަ އެއްބަފާ މީހަކާ ނުވަތަ ލިޔަންފަހަރިންނާ، ބަފާބެއާ، މާފަތިދައިތައާ ނުވަތަ މިއިން މީހެއްގެ ދަރިއަކާ) ގުޅުންހުރި ފަރާތެއް އިންޓަވިއު ޕެނަލްގައި ހިމަނައިގެން ނުވާނެއެވެ.

(ށ) އިންޓަވިއު ޕެނަލް ގައި ސިޔާސީ މަޤާމެއް އަދާކުރަމުންދާ މީހަކު، ނުވަތަ ސިޔާސީ ޙަރަކާތްތެރިއަކު ހިމެނައިގެން ނުވާނެއެވެ.

 

84 ވަނަ މާއްދާ - އިންޓަވިއު ޕެނަލްގެ ނިންމުން

(ހ) އިންޓަވިއުކުރެވޭ ކޮންމެ ފަރާތަކާ ބެހޭ ގޮތުން އިންޓަވިއު ޕެނަލްގެ ކޮންމެ މެމްބަރަކު މި ޤަވާއިދުގެ ޖަދުވަލު 8 ގައިވާ "ވަޒީފާތަކަށް މީހުން ހޮވުމަށް ޕޮއިންޓް ދޭނެގޮތުގެ ފޯމު" ފުރިހަމަ ކުރަންވާނެއެވެ.

(ށ) ވަޒީފާއަށް އެދިފައިވާ މީހުންގެ ތެރެއިން ވަޒީފާއަށް ހަމަޖައްސާނެ މީހަކު ކަނޑައަޅާނީ ތަޢުލީމާއި ތަޖުރިބާއާއި އިންޓަރވިއުއިން އެންމެ ގިނަ މާކްސް ލިބޭފަރާތް ނުވަތަ 3 (ތިނެއް) ފަރާތަށް ކުރެ އެންމެ ރަނގަޅު މީހާބަލައިގެންނެވެ.
3 (ތިނެއް) ވަނައަށްވުރެ ދަށްކޮށް މާކްސް ލިބިފައިވާ ފަރާތަކަށް ވަޒީފާ ހަމަޖައްސަން ހުށަހަޅާނަމަ، ހުށަހަޅާ ސަބަބުތައް މިޤަވާއިދުގެ ޖަދުވަލު 33 ގައިވާ "އިންޓަރވިއު ޕެނަލްގެ ޔައުމިއްޔާ" އާއެކު ހުށަހަޅަންވާނެއެވެ.

(ނ) ކޯޓުތަކާއި އިދާރާތަކުން އިންޓަވިއުކޮށް ނިމުމުން މިޤަވާއިދުގެ ޖަދުވަލު 9 ގައިވާ "ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ މަޢުލޫމާތު" ފޯމު ފުރިހަމަކޮށް، ސުޕްރީމް ކޯޓާއި ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކާއި އަދި އިދާރާތަކުން، މިޤަވާއިދުގެ ޖަދުވަލު 3 ގައިވާ "ވަޒީފާ ދެއްވުން އެދި ދަންނަވާ ޗިޓު" ފުރިހަމަކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަން ވާނެއެވެ.

(ރ) މެޖިސްޓްރޭޓް ކޯޓުތަކުން އިންޓަވިއުކޮށް ނިމުމުން، މިޤަވާއިދުގެ ޖަދުވަލު 9 ގައިވާ "ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ މަޢުލޫމާތު" ފޯމު ފުރިހަމަކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަން ވާނެއެވެ.

 

85 ވަނަ މާއްދާ - ވަޒީފާއަށް ނުހޮވުނު ފަރާތްތަކަށް އެންގުން

ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން އެ ވަޒީފާއަށް ނުހޮވުނު މީހުންނަށް އެމީހުން ނުހޮވޭކަން އެކޯޓަކުން ނުވަތަ އެ އިދާރާއަކުން އަންގަންވާނެއެވެ. ވަޒީފާއަށް ކުރިމަތިލި މީހަކު އޭނާ އެވަޒީފާއަށް ނުހޮވުނު ސަބަބު، ލިޔުމުން ބޭނުންވާކަމަށް އެދިއްޖެނަމަ، އެސަބަބު ބަޔާންކޮށް ލިޔުމުން އޭނާއަށް ދޭންވާނެއެވެ.

 

86 ވަނަ މާއްދާ - ވަގުތީ މުއްދަތު (ޕްރޮބޭޝަން) 

(ހ) ޝަރުޢީދާއިރާގެ ވަޒީފާ ދެވޭ މުވައްޒަފަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މުވައްޒަފެއްތޯ ބެލުމަށް، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ވަގުތީ މުއްދަތު (ޕްރޮބޭޝަން) ގައި  ގެންގުޅެވިދާނެއެވެ. ވަގުތީ މުއްދަތުގައި ވަޒީފާގައި މުވައްޒަފަކު ގެންގުޅޭނީ މިޤަވާއިދުގެ ޖަދުވަލު 10 ގައިވާ "ވަޒީފާގެ ވަގުތީ މުއްދަތުގައި ގެންގުޅެން ފެށިކަން އަންގާ" ލިއުމުންނެވެ. އެމުއްދަތުގައި އެމުވައްޒަފަކީ، މަސައްކަތަށް ޤާބިލު މީހެއް ކަމުގައި ވާނަމަ، އޭނާގެ ވަޒީފާ ދާއިމީ ކުރިކަން މިޤަވާއިދުގެ ޖަދުވަލު 11 ގައިވާ "ވަޒީފާ ދެއްވިކަން އަންގާ ލިޔުން" މެދުވެރިކޮށް ޙަވާލުކުރަންވާނެއެވެ.

(ށ) ވަގުތީ މުއްދަތުގައި މުވައްޒަފަކު، މަޤާމަށް އެކަށީގެން ނުވާނަމަ، ވަގުތީ މުއްދަތު ހަމަވުމުގެ ކުރިން އެމުވައްޒަފަކު ވަކިކުރުމަށް އެކޯޓަކުން ނުވަތަ އެއިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަން ވާނެއެވެ.

(ނ) ވަގުތީ މުއްދަތު ހަމަވާއިރު، އެމުވައްޒަފަކު ދާއިމީކުރިކަން ނުވަތަ ވަޒީފާއިން ވަކިކުރިކަން އަންގާފައިނުވާނަމަ، އެމުވައްޒަފުގެ ވަޒީފާ ދާއިމީވީކަމުގައި ބެލެވޭނެއެވެ. މިގޮތުން ދާއިމީވާ މުވައްޒަފަށް މިޤަވާއިދުގެ ޖަދުވަލު 11 ގައިވާ "ވަޒީފާދެއްވިކަން އަންގާ ލިޔުން" ޙަވާލުކުރަންވާނެއެވެ.

 

87 ވަނަ މާއްދާ - ވަގުތީމުއްދަތުގައި ހުންނަ މުވައްޒަފާމެދު ޢަމަލުކުރާނެގޮތް

ވަގުތީމުއްދަތުގައި ހުންނަ ކޮންމެ މުވައްޒަފަކާމެދު، އެކޯޓެއްގެ ނުވަތަ އެއިދާރާއެއްގެ އިސްވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ފަރާތުން އަންނަނިވި ގޮތުގެ މަތިން ޢަމަލުކުރަން ވާނެއެވެ.

(ހ) ވަގުތީ މުއްދަތު ހަމަވާއިރު ދާއިމީ މުވައްޒަފަކަށްވުމަށްޓަކައި، އެ މުވައްޒަފަކު ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން، ވަޒީފާ އަދާކުރަން ފެށުމާއެކު އެމުވައްޒަފަކަށް އެންގުން.

(ށ) ވަގުތީ މުއްދަތުގައި، މުވައްޒަފަކަށް އެއްވެސް ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާނަމަ އެ ތަމްރީނެއް ދިނުން.

(ނ) ވަގުތީ މުއްދަތުގައި، އެމުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި ރެކޯޑްކުރުމާއި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާބެހޭ މަޢުލޫމާތު ޙިއްސާކުރުން.

(ރ) ވަގުތީ މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ އަޚުލާޤާއި ޚިދުމަތް ދިނުމުގައި ރަނގަޅު ކުރަންޖޭހޭ ކަންތައްތަކެއް ވާނަމަ އެކަން މުވައްޒަފަށް ރަނގަޅު ކުރުމަށް އެންގުމަށްފަހު އެކަމުގެ މަޢުލޫމާތު މުވައްޒަފުގެ ރެކޯޑް ފައިލްގައި ހިމެނުން.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން މުވައްޒަފަށް ރަނގަޅު ކުރުމަށް އަންގާފައިވާ ކަމެއް ނުވަތަ ކަންތައްތަކެއް ރަނގަޅުކޮށްފައިނުވާނަމަ، މިޤަވާއިދުގެ 93 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިތުރު ނޯޓިހަކާނުލައި އެމުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ.

 

88 ވަނަ މާއްދާ - ވަޒީފާއިން ވަކިވުމާއި، ވަކިކުރުން

(ހ) ޝަރުޢީދާއިރާގެ މުވައްޒަފަކަށް ވަޒީފާއިން ވަކިވެވޭނީ، ނުވަތަ މުވައްޒަފަކު ވަކިކުރެވޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
(ށ) މުވައްޒަފަކު ވަޒީފާއިންވަކިކުރެވޭނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ބޭނުންވެއްޖެނަމަ، މިޤަވާއިދުގެ ޖަދުވަލު 12 ގައިވާ "ވަޒީފާއިން ވަކިކުރުމަށް ދަންނަވާ ޗިޓް" ކޯޓުން ނުވަތަ އިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ.

(ނ) ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކިވާނެއެވެ.

  1. ވަކިމުއްދަތަކަށް ޚިދުމަތް ކުރުމަށް އިޤްރާރެއް ނެތް ކޮންމެ މުވައްޒަފަކަށް، އެންމެ މަދުވެގެން 1 (އެކެއް) މަސް ދުވަހުގެ ނޯޓިސް، ލިޔުމަކުން ހުށަހެޅުމާއެކު، މަޤާމުން އިސްތިޢުފާ ދިނުން އެގޮތަށް، މުވައްޒަފަކު މަޤާމުން އިސްތިޢުފާ ދީފިނަމަ، ސިޓީހުށަހަޅާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނެއެވެ. ނޯޓިސްގެ މުއްދަތުގައި ވަޒީފާއިން ވަކިކުރުމާ ހަމައަށް މުވައްޒަފު ކޯޓުގެ ނުވަތަ އިދާރާގެ ވަޒީފާއަށް ނުކުންނަން ވާނެއެވެ.
  2. ޝަރްޢީދާއިރާގެ މުވައްޒަފަކު ނިޔާވުން. ޝަރްޢީދާއިރާގެ މުވައްޒަފަކު ނިޔާވެއްޖެނަމަ، އެމުވައްޒަފަކު ވަޒީފާއަދާކުރާ ކޯޓަކުން ނުވަތަ އިދާރާއަކުން، އެކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަންގަން ވާނެއެވެ.

(ށ) ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.

  1. ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ކަނޑައެޅިފައިވާ އިންތިޚާބެއްގައި، ނުވަތަ ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި، ނުވަތަ ސިޔާސީ ޕާޓީއެއްގެ މަޤާމެއްގެ އިންތިޚާބެއްގައި، ޝަރްޢީދާއިރާގެ މުވައްޒަފަކު ބައިވެރިވުން.
  2. ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އެމުވައްޒަފަކު ހުރި ފަންތީގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށް ނުކުޅެދުން.
  3. ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ބަޔާންކޮށްފައިވާ، ވަޒީފާ އަދާ ނުކުރެވޭނެ ފަދަ ޙާލަތެއް މެދުވެރިވުން.
  4. ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުން.
  5. މިޤަވާއިދާއި، ޝަރްޢީދާއިރާގެ ސުލޫކީ މިންގަނޑާއި ޚިލާފުވިކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ސާބިތުވުމުން އެމީހަކު ކުރި ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައިގެން އަޅާ ފިޔަވަޅެއްގެ ގޮތުން.
  6. އެމުވައްޒަފަކަށް ވަޒީފާ ލިބިފައިވަނީ ވަޒީފާ ދިނުމުގައި މި ޤަވާއިދުގައި މުވައްޒަފުން ވަޒީފާއަށް ޢައްޔަނުކުރުމަށް ހަމަޖެހިފައިވާ ގޮތާ ޚިލާފަށްކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރި ތަޙުޤީޤަށް ސާބިތުވުން.
  7. މި ގަވާއިދުގެ 21 ވަނަ ބާބުގައި ބުނެފައިވާ ގޮތުގެ މަތީން އެޅޭ އިޞްލާޙީ ފިޔަވަޅަކާ ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމުން.
  8. މުވައްޒަފަކު ޝަރުޢީދާއިރާގެ ވަޒީފާއިން މުސްކުޅިކުރުން
  9. މިގަވާއިދުގައި ބުނެފައިވާ ޝަރުޠެއް މުވައްޒަފެއްގެ ކިބައިން އުނިވުން
  10. މިގަވާއިދުގެ 96 ވަނަ މާއްދާގައިވާ ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެގެން ވަޒީފާއިން ދޫކޮށްލުން
  11. މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުވެ، ދިވެހިރާއްޖޭގެ ކޯޓަކުން އެ މުވައްޒަފަކު ގޭގައި ނުވަތަ ޖަލުގައި ބަންދުކުރުމަށް ނުވަތަ އަރުވާލުމަށް ޙުކުމް ކުރުން
  12. މިގަވާއިދުގެ 74 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެ މަތިން މުވައްޒަފަކު އެހެން ކޯޓަކަށް ނުވަތަ އިދާރާއަކަށް ބަދަލުކުރުމުން އެބަދަލުކުރި ކޯޓަކަށް ނުވަތަ އެއިދާރާއަކަށް ނިކުތުމަށް އިންކާރުކުރުން.
  13. ކޯޓުގެ ނުވަތަ އިދާރާގެ ސެކްޝަނެއް ނުވަތަ ބައެއް އެހެން ރަށެއްގައި ޤާއިމުކުރުމުން، އެ ރަށަކަށް ވަޒީފާ ބަދަލުކުރުމުން ވަޒީފާއަށް ނިކުތުމަށް އިންކާރުކުރުން.


89 ވަނަ މާއްދާ - ވަގުތީ މުވައްޒަފުން ވަޒީފާއިން ވަކިކުރުން

ޝަރުޢީދާއިރާގައި ވަޒީފާ އަދާކުރާ ވަގުތީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ ދާއިމީ މުވައްޒަފުން ވަކިކުރުމަށް މި ގަވާއިދުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

90 ވަނަ މާއްދާ - ވަކި އެއްބަސްވުމުގެ ދަށުން ވަޒީފާ އަދާކުރާ މީހުން ވަކިކުރުން

ވަކި އެއްބަސްވުމެއްގެ ދަށުން ވަޒީފާ އަދާކުރާ މީހުން، ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނީ މިގަވާއިދުގެ 117 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

 

91 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ދިނުން

ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޝަރުޢީދާއިރާގެ މުވައްޒަފަކަށް ނޯޓިސްދީ ވަޒީފާއިން ވަކިކުރާނަމަ، އެ ނޯޓިހުގެ މުއްދަތުގެ ތެރޭގައި ލިބެންޖެހޭ މުސާރަ އާއި މަޤާމާ ގުޅުވައިގެން ދެވޭ ހުރިހާ ޢިނާޔަތެއް ދޭންވާނެއެވެ. ނޯޓިސްދޭންވާނީ، އަންނަނިވި ކަންތައްތަކަށް ރިޢާޔަތްކޮށްގެންނެވެ.

(ހ) 6 (ހައެއް) މަސް ދުވަހަށްވުރެ ކުރުނޫން އަދި 1 (އެކެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފެއްނަމަ 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ދިނުން.

(ށ) 1 (އެކެއް) އަހަރަށްވުރެ ކުރުނޫން އަދި 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފެއްނަމަ 2 (ދޭއް) މަސްދުވަހުގެ ނޯޓިސް ދިނުން.

(ނ) 5 (ފަހެއް) އަހަރަށްވުރެ ގިނަ ދުވަހުގެ މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފެއްނަމަ 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް ދިނުން.

(ރ) މިގަވާއިދުގެ ދަށުން މުވައްޒަފަކަށް ލިބިދޭ ޗުއްޓީއެއްގެ ބޭނުން، މުވައްޒަފަކު ކުރަމުންދާ ދަނޑިވަޅެއްގައި، އެޗުއްޓީގެ މުއްދަތާއެކު ނޯޓިސްގެ މުއްދަތު ގުނޭގޮތަށް މިމާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ނޯޓިހެއް ދީގެން ނުވާނެއެވެ.

(ބ) މިމާއްދާގެ ދަށުން ދެވޭ ނޯޓިސް ދޭންވާނީ ލިޔުމުންނެވެ.

 

92 ވަނަ މާއްދާ - ނޯޓިސް ދިނުމުގެ ބަދަލުގައި 

(ހ) ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވަޒީފާއިން ފައިސާ ދިނުން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެ ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެ ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމައަށް އެ މުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ހަމަޔަށް އެމުވައްޒަފަކަށް ދިނުމަށްފަހު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވަކިކުރެވޭ މުވައްޒަފަކަށް ނޯޓިސްގެ މުއްދަތުގައި އެއްވެސް ޢިނާޔަތެއް ޙައްޤުވާނަމަ، ވަޒީފާއިން ވަކިކުރެވޭނީ އެ މުއްދަތުގައި ލިބެންޖެހޭ ހުރިހާ ޢިނާޔަތެއް ދިނުމަށްފަހުއެވެ.

 

93 ވަނަ މާއްދާ - ނޯޓިސް ދިނުމަކާ ނުލައި

މުވައްޒަފުގެ މަސައްކަތުގެ އަޚުލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް  ވަޒީފާއިން ވަކިކުރުން ބެހެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް ކޯޓަކަށް ނުވަތަ އިދާރާއަކަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފެނިއްޖެނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ބާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިގެން ވެއެވެ. 

 

 

8 ވަނަ ބާބު

މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން

 

94 ވަނަ މާއްދާ - ތަޢާރުފު

ޝަރްޢީދާއިރާގެ ވަޒީފާއިން މުވައްޒަފަކު ދޫކޮށްލަން ޖެހިއްޖެނަމަ، މިޤަވާޢިދުގައިވާ ގޮތުގެ މަތިން ދޭންޖެހޭ އިނާޔަތެއްވާނަމަ، އެއިނާޔަތެއް ދިނުމަށްފަހު މުވައްޒަފަކު ދޫކޮށްލެވިދާނެއެވެ. ޝަރްޢީދާއިރާގެ ވަޒީފާއިން ދޫކޮށްލުމަކީ، މިޤަވާޢިދުގެ 96 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ދިމާވެގެން، ޝަރްޢީދާއިރާގެ ދާއިމީ މުވައްޒަފަކު، ވަޒީފާއިން ވަކިކުރާ ކުރުމެވެ.

 

95 ވަނަ މާއްދާ - އިސްތިސްނާވާ ފަރާތްތައް

މިޤަވާޢިދުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިމީ މުވައްޒަފުންގެ ތެރޭގައި ތިރީގައި މިވާ ފަރާތްތައް ނުހިމެނެއެވެ.

(ހ) މިޤަވާޢިދުގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގެ ވަގުތީ މުއްދަތުގައި މަސައްކަތްކުރާ މުވައްޒަފުން.

(ށ) މިޤަވާޢިދުގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ވަގުތީ މުވައްޒަފުން.

(ނ) މިޤަވާޢިދުގެ 11 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ ފަރާތްތައް.

 

96 ވަނަ މާއްދާ - މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭ ޙާލަތްތައް

އަންނަނިވި ޙާލަތުގެ ތެރެއިން ޙާލަތެއް މެދުވެރިވުމުން ޝަރްޢީދާއިރާގެ ދާއިމީ މުވައްޒަފަކު ޝަރްޢީދާއިރާގެ ވަޒީފާއިން ދޫކޮށްލެވިދާނެއެވެ.

(ހ) މަޤާމު އުވާލުމާގުޅިގެން ވަޒީފާއިން ދޫކޮށްލަންޖެހުން: ކޯޓުގެ ނުވަތަ އިދާރާއެއްގެ އޮނިގަނޑަށް ނުވަތަ މަސައްކަތަށް ބަދަލު ގެނައުމުގެ ސަބަބުން ނުވަތަ ކުރަމުންއައި މަސައްކަތެއް ހުއްޓާލުމުގެ ސަބަބުން މަޤާމު އުވި، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް އެ ކޯޓަކުން ނުވަތަ އެއިދާރާއަކުން ނުވަތަ އެހެން ކޯޓަކުން ނުވަތަ ޝަރްޢީދާއިރާގެ އިދާރާއަކުން ހޯދައިދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން.

(ށ) ކޯޓު ނުވަތަ އިދާރާއިން ކުރަމުން ގެންދިޔަ މަސައްކަތެއް އުނިވެގެން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން: ޝަރްޢީދާއިރާގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ސަބަބުން ކޯޓު ނުވަތަ އިދާރާއިން ކުރަމުންދިޔަ މަސައްކަތެއް އުނިވެގެން ދިޔުމުގެ ސަބަބުން ކޯޓެއް ނުވަތަ އިދާރާއެއް ނުވަތަ ކޯޓުން ނުވަތަ އިދާރާއިން ބައެއް އުވާލުމުން، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ ޝަރްޢީދާއިރާގެ އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން.

(ނ) ބޭނުންވާ ވަރަށްވުރެ، މުވައްޒަފުން ގިނަވެގެން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން: ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތާއި ވަޒީފާތަކުގެ ދިރާސާ އަކަށްފަހު މަޤާމުތައް އަލުން ތަރުތީބުކުރުމުގެ ސަބަބުން ނުވަތަ އެވަޒީފާގައި ކުރަމުންދިޔަ މަސައްކަތް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެހެން ގޮތަކަށް ކުރުމަށް ކޯޓަކުން ނުވަތަ އިދާރާއަކުން ނިންމައި އެކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ތަފްޞީލާއެކު ހުށަހެޅުމުން، އެމަޤާމު އުވާލުމުގެ ސަބަބުން، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް އެ ކޯޓަކުން ނުވަތަ އެއިދާރާއަކުން ނުވަތަ އެހެން ކޯޓަކުން ނުވަތަ ޝަރްޢީދާއިރާގެ އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން.

(ރ) މުވައްޒަފުގެ ޤާބިލުކަން ނެތިގެން ވަޒީފާއިން ދޫކޮށްލަންޖެހުން: ތަމްރީނުގެ ފުރުޞަތު ދެވި، އެފުރުޞަތުގެ އެދެވޭ ނަތީޖާ ޙާޞިލު ނުކުރުމުގެ ސަބަބުން މުވައްޒަފު ދޫކޮށްލަންޖެހުން ނުވަތަ މުވައްޒަފު އަދާކުރަންޖެހޭ ވަޒީފާގެ މަސައްކަތަށް ބޭނުންވާ ޤާބިލްކަން ނެތިގެން މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން.

(ބ) ކޯޓު ނުވަތަ އިދާރާ އެހެން ރަށަކަށް ނުވަތަ ތަނަކަށް ބަދަލުކުރުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާ މުވައްޒަފު ވަޒީފާއިން ދޫކޮށްލަން ޖެހުން: ޝަރްޢީދާއިރާ ހިންގުމުގެ ނިޒާމަށް ގެނެވޭ ބަދަލެއްގެ ސަބަބުން އެ ބަދަލުކުރެވޭ ރަށަކަށް ނުވަތަ ތަނަކަށް ވަޒީފާ އަދާކުރަން ދިއުމަށް މުވައްޒަފަކު އުޒުރުވެރިވާނަމަ، ބަދަލުގައި އެރަށަކުން އެފެންވަރުގެ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކޮށް ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން.

(ޅ) މުވައްޒަފު އަދާކުރި ވަޒީފާގެ މަސައްކަތް އައުޓްސޯސް ކުރުމުގެ ސަބަބުން މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން: މުވައްޒަފަކު އަދާކުރަމުންދިޔަ ވަޒީފާއެއް އައުޓްސޯސް ކުރުމުގެ ސަބަބުން އެމަޤާމު އުވާލައި، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް އެ ކޯޓަކުން ނުވަތަ އެއިދާރާއަކުން ނުވަތަ އެހެން ކޯޓަކުން ނުވަތަ އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކޮށް ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން.

(ކ) ކޯޓުން ނުވަތަ އިދާރާއިން ކުރަމުންދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް އެހެން ކޯޓަކަށް ނުވަތަ އިދާރާއަކަށް ބަދަލުވާއިރު އިތުރުވާ މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން: ޝަރްޢީދާއިރާގެ ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލެއްގެ ސަބަބުން ކޯޓަކުން ނުވަތަ އިދާރާއަކުން ކުރަމުންދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް އެހެން ކޯޓަކަށް ނުވަތަ އިދާރާއަކަށް ބަދަލުކުރުމުން، އެމަސައްކަތް ބަދަލުވި ކޯޓަކަށް ނުވަތަ އިދާރާއަކަށް އެމަސައްކަތްކުރި މުވައްޒަފުން ބަދަލުކުރެވޭއިރު އިތުރުވާ މުވައްޒަފުންނަށް، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް އެ ކޯޓަކުން ނުވަތަ އެއިދާރާއަކުން ނުވަތަ އެހެން ކޯޓަކުން ނުވަތަ އެހެން އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކޮށް ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން ދޫކޮށްލަންޖެހުން.

 

97 ވަނަ މާއްދާ - ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ ޢިނާޔަތް

ޝަރްޢީދާއިރާގެ ވަޒީފާއިން ދޫކޮށްލަންޖެހޭ ދާއިމީ މުވައްޒަފުންނަށް ޢިނާޔަތް ދިނުމަށްހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

(ހ) ޢުމުރުން 55 އަހަރުވެފައިވާ މުވައްޒަފުންގެ ތެރެއިން ޝަރްޢީދާއިރާގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ ޢިނާޔަތް.

(ށ) ޢުމުރުން 55 އަހަރުނުވާ މުވައްޒަފުންގެ ތެރެއިން ޝަރްޢީދާއިރާގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ދެވޭ ޢިނާޔަތް.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ވަޒީފާއިން ދޫކޮށްލެވޭ މުވައްޒަފުންނަށް ދެވޭ ޢިނާޔަތް ޖަދުވަލު 13 ގައި ވާނެއެވެ.

 

98 ވަނަ މާއްދާ - މުވައްޒަފަކު ވަޒީފާއިން ދޫކޮށްލުމުގައި ޢަމަލުކުރަންޖެހޭ ގޮތް

ޝަރްޢީދާއިރާގެ މަސައްކަތަށާއި މަޤާމުތަކަށް އަންނަ ބަދަލަކާގުޅިގެން މުވައްޒަފަކު ދޫކޮށްލާނަމަ، އަންނަނިވި ކަންތައްތައް ކަށަވަރުކުރުމަށްފަހު، އެކަމާގުޅޭ ތަފްސީލީ ލިޔުންތަކާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ.

(ހ) ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތެއް ހުއްޓާލެވޭނަމަ، އެކަމެއް އިޢުލާނުކުރުން އަދި މިއިޢުލާނުގައި އުވިގެންދާ މަޤާމުތައް ބަޔާންކުރުން.

(ށ) ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފުން މަދުކުރަންޖެހިއްޖެ ޙާލަތެއްގައި  މަސައްކަތާއި މަޤާމުތަކުގެ ދިރާސާއެއް ހަދައި އެ ދިރާސާގެ ނަތީޖާ އިޢުލާނުކޮށް މަދުކުރަންޖެހޭ މަޤާމުތައް ބަޔާންކޮށް، އަމިއްލައަށް އެދިގެން ވަކިވާން ބޭނުން މުވައްޒަފުންނަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައި އެކަން އިޢުލާނުކުރުން.

(ނ) ތަމްރީނުގެ ފުރުޞަތު ދެވުމުން އެފުރުޞަތުގެ ބޭނުން މުވައްޒަފަކު ނުހިފުމުގެ ސަބަބުން ވަޒީފާއިން ދޫކޮށްލަންޖެހޭނަމަ، ދޫކޮށްލާކަން މުވައްޒަފަށް އެންގުން.

(ރ) ވަޒީފާއިން ދޫކޮށްލެވޭ މުވައްޒަފަކު ހުރި އޮނިގަނޑުގެ އެ ފެންވަރުގެ މަޤާމެއްގައި ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހަކު ނުވަތަ ވަގުތީ މުވައްޒަފަކު އެދާއިރާގެ ދާއިމީ މަޤާމެއްގައި ހުރިނަމަ، ވަޒީފާއިން ދޫކޮށްލަން ޖެހުނު މުވައްޒަފަށް ދާއިމީ މަޤާމު ހަމަޖައްސައިދީ، ވަގުތީ މުވައްޒަފާއެކު ކޮށްފައިވާ ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނައުން.

(ބ) ކޯޓަކުން ނުވަތަ އިދާރާއަކުން ކުރަމުން ދިޔަ މަސައްކަތެއް ނުވަތަ މަސައްކަތުން ބައެއް އެހެން ކޯޓަކަށް ނުވަތަ އެހެން އިދާރާއަކަށް ބަދަލުކޮށްފިނަމަ، އެބަދަލުކުރެވުނު މަސައްކަތެއް ކުރަމުންދިޔަ ހުރިހާ މުވައްޒަފުން އެކޯޓަކަށް ނުވަތަ އެއިދާރާއަކަށް ބަދަލުކުރާއިރު، ކޯޓެއްގެ ނުވަތަ އިދާރާއެއްގެ މަސައްކަތް ރޭވިފައިވާ ގޮތާއި މުވައްޒަފުން ތިބި މިންވަރުން ކުރަންޖެހޭ މަސައްކަތާ އަޅާބަލާއިރު ބަދަލުވާ މުވައްޒަފުން އިތުރުވާނަމަ، އިތުރުވާ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން. މުވައްޒަފުން އިތުރުވެގެން ދޫކޮށްލަންޖެހިއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއާއި މަސައްކަތުގެ ފެންވަރަށް ބެލުން.

(ޅ) ކޯޓެއް ނުވަތަ އިދާރާއެއް ހިންގުން އެހެން ރަށަކަށް ނުވަތަ ތަނަކަށް ބަދަލުކުރުމުން އެކޯޓެއް ނުވަތަ އެއިދާރާއެއް ހިންގާ ރަށަކަށް ނުވަތަ ތަނަކަށް ދިއުމަށް އުޒުރުވެރިވާ މުވައްޒަފުން، އެ ރަށަކަށް ނުވަތަ އެތަނަކަށް ވަޒީފާއަދާކުރުމަށް ނުދެވޭނަމަ، ޝަރުޢީދާއިރާގެ ވަޒީފާއިން ވަކިކުރެވޭނެކަން އެންގުމާއެކު، އެދާއިރާއަކުން ނުވަތަ އެހެން ދާއިރާއަކުން ނަމަވެސް އެމުވައްޒަފު އަދާކުރި ފެންވަރުގެ މަޤާމެއް ހުސްކޮށް އޮތްނަމަ، އެމަޤާމަކަށް ބަދަލުވުމުގެ ފުރުޞަތު ދިނުން. މިގޮތުން ހުސްވަޒީފާއަކަށް ބަދަލުވުމުގެ ފުރުޞަތު ނުދެވޭ މުވައްޒަފުން، ވަޒީފާއަށް ދިއުމަށް އުޒުރުވެރިވާކަމުގެ ލިޔުމާއެކު ވަޒީފާއިން ދޫކޮށްލުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން. 

 

 

9 ވަނަ ބާބު

ވަޒީފާއިން މުސްކުޅިކުރުން އަދި ޕެންޝަން ޙައްޤުވުން

 

99 ވަނަ މާއްދާ - ތަޢާރަފު

ޝަރްޢީދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުން މުސްކުޅިކުރެވޭނީ 2 ޙާލަތެއްގައެވެ. އެއީ:- ޢުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރުމާއި 55 އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރުމަށް ހިތްވަރުދީ ވަޒީފާއިން މުސްކުޅިކުރުން. މިގޮތުން ވަޒީފާއިން މުސްކުޅިކުރެވޭނީ ކަނޑައެޅިފައިވާ އިނާޔަތްތައް ދިނުމާއެކުއެވެ.

 

100 ވަނަ މާއްދާ - 65 އަހަރުވުމުން ވަޒީފާއިން

(ހ) ޝަރްޢީދާއިރާގެ މުވައްޒަފެއްގެ ޢުމުރުން 65 އަހަރުވުމުން ޝަރްޢީދާއިރާގެ މުސްކުޅިކުރުމާއި އިނާޔަތް ދިނުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެއެވެ.

(ށ) ޝަރްޢީދާއިރާގެ މުވައްޒަފުންގެ ތެރެއިން ޢުމުރުން 65 އަހަރު ހަމަވާ މުވައްޒަފުންނަށް އެމުވައްޒަފެއްގެ ޢުމުރުން 65 އަހަރުވުމުގެ 6 މަސްދުވަހުގެ ކުރިން އެމުވައްޒަފަކަށް ލިބޭނެ އިނާޔަތްތަކުގެ ތަފްޞީލާއެކު މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެކަން އަންގަންވާނެއެވެ.

(ނ) ޢުމުރުން 65 އަހަރުވުމުން ޝަރްޢީދާއިރާގެ ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް މިޤަވާޢިދުގެ ޖަދުވަލު 14 ގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ދޭންވާނެއެވެ.

 

101 ވަނަ މާއްދާ - 55 އަހަރުވުމުން

(ހ) ޝަރްޢީދާއިރާގެ މުވައްޒަފެއްގެ ޢުމުރުން 55 އަހަރުވުމަށްފަހު، އަމިއްލައަށް އަމިއްލައަށް އެދިގެން އެދިގެން ވަޒީފާއިން މުސްކުޅިކޮށް ވަކިވުމަށްއެދޭނަމަ، މުވައްޒަފު މަސައްކަތްކުރާ ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމާއި އިނާޔަތް ކޯޓު ނުވަތަ އިދާރާ މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ދިނުން އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ.

(ށ) ޝަރްޢީދާއިރާގެ މުވައްޒަފެއްގެ ޢުމުރުން 55 އަހަރުވެގެން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭއިރު، ޝަރްޢީދާއިރާގައި ނުވަތަ ދައުލަތަށް ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަވެސް ވަޒީފާއިން ވަކިކުރެވިދާނެއެވެ.

(ނ) ޢުމުރުން 55 އަހަރުވުމުން، އަމިއްލައަށް އެދިގެން ޝަރްޢީދާއިރާގެ ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް މިޤަވާޢިދުގެ ޖަދުވަލު 15 ގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ދޭންވާނެއެވެ.

 

102 ވަނަ މާއްދާ - ޢުމުރުން 55 އަހަރުވުމުން

(ހ) ޢުމުރުން 55 އަހަރުވެފައިވާ މުވައްޒަފެއްގެ ބަލިހާލު ހުރިގޮތުން ނުވަތަ ވަޒީފާއިން މުސްކުޅިކޮށް ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ވަޒީފާ ވަކިކުރުމާއި އިނާޔަތް ދިނުން އަދާކުރުމަށް ނުކުޅެދޭކަމަށް ކޯޓަށް ނުވަތަ އިދާރާއަށް ފެނިގެން އެމުވައްޒަފަކު މުސްކުޅި ކުރުމަށް ހުށަހަޅާނަމަ، ސިއްޙީގޮތުން ވަޒީފާ އަދާކުރެވޭވަރު ނުވާކަމަށް ދައުލަތުގެ ޞިއްޙަތާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެކޯޓަކުން ނުވަތަ އެއިދާރާއަކުން ހުށަހަޅަން ވާނެއެވެ.

(ށ) އެކޯޓަކުން ނުވަތަ އެއިދާރާއަކުން ހުށަހަޅަންޖެހޭ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަށްޓަކައި ވަކިމުއްދަތެއް ދިނުމަށްފަހު، އެސެޓްފިކެޓް ހުށަހަޅާފައިނުވާނަމަ، އެމުވައްޒަފެއްގެ ޞިއްޙީ ޤާބިލުކަން ބެލުމަށްޓަކައި ޞިއްޙަތާބެހޭ އިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިން މަސައްކަތްކުރާ ތަނަކުން ދޭ ސެޓްފިކެޓަކަށް ބަލައި އެމީހަކު މުސްކުޅިކުރުމުން ލިބިދޭންޖެހޭ އިނާޔަތާއެކު ވަޒީފާއިން ވަކިކުރެވޭނެއެވެ.

(ނ) ކޯޓުގެ ނުވަތަ އިދާރާގެ ހިންގުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން މަސައްކަތް އުނިވެ، މަސައްކަތް ކުރަންތިބި މުވައްޒަފުން އިތުރުވެ، އިތުރުވާ މުވައްޒަފުންގެ ތެރޭގައި ޢުމުރުން 55 އަހަރުވެފައިވާ މުވައްޒަފަކު ހުރެ، އެމީހަކަށް ވަޒީފާ ދޫކޮށްލަންޖެހޭނަމަ، އެމުވައްޒަފަކު މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމަށް އެ މުވައްޒަފަކު މަސައްކަތްކުރާ ކޯޓަކުން ނުވަތަ އިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަން ވާނެއެވެ.

(ރ) ޢުމުރުން 55 އަހަރުވެފައިވާ މުވައްޒަފަކަށް ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން، ވަޒީފާ އަދާކުރުމަށް ނުކުޅެދޭނަމަ ނުވަތަ ވަޒީފާ ރަނގަޅަށް އަދާނުކުރެވޭނަމަ، އެތަމްރީނެއް ނުވަތަ ހުނަރެއް ލިބިގަތުމުގެ ފުރުޞަތު އެކޯޓަކުން ނުވަތަ އެއިދާރާއަކުން ތަނަވަސްކޮށްދިނުމަށްފަހު، އެމުވައްޒަފު އެފުރުޞަތުގެ ބޭނުން ނުހިފައިފިނަމަ މިކަންތައްތަކުގެ ތަފްސީލު ބަޔާންކޮށް ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމަށް ކޯޓުން ނުވަތަ އިދާރާއިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަން ވާނެއެވެ.

(ބ) މުވައްޒަފަކު ޢުމުރުން 55 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމަށް ހުށަހަޅާއިރު، އެއިދާރާއެއްގެ ހިއުމަން ރިސޯސް ކޮމިޓީގައި މަޝްވަރާކޮށް، އެމަޝްވަރާގައި ނިންމި ގޮތެއް ލިޔުމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ.

(ޅ) ޢުމުރުން 55 އަހަރުވުމުން، ޝަރުޢީދާއިރާގެ ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް މިޤަވާޢިދުގެ ޖަދުވަލު 15 ގައި ބަޔާންކޮށްފައިވާ ޢިނާޔަތްތައް ދޭންވާނެއެވެ. 

 

103 ވަނަ މާއްދާ - ޕެންޝަން

ޝަރްޢީދާއިރާގެ މުވައްޒަފުންނަށް ޕެންޝަން ދެވޭނީ ގާނޫނު ނަންބަރު 8/2009 "ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ، ޤާނޫނު" ގައިވާ ގޮތުގެ މަތިންނެވެ.

 

 

10 ވަނަ ބާބު

ވަގުތީ މުވައްޒަފުން

 

104 ވަނަ މާއްދާ - ތަޢާރުފު

(ހ) ޝަރުޢީދާއިރާގައި އަންނަނިވި ޙާލަތްތަކުގައި ވަގުތީ ގޮތުން މުވައްޒަފުން ގެންގުޅެވިދާނެއެވެ.

  1. ޝަރުޢީދާއިރާގެ މުވައްޒަފަކު ޗުއްޓީނެގުމުން.
  2. ދިގުމުއްދަތަކަށް ސަލާމުގައި ތިބުން.
  3. މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލުން.

(ށ) މިމާއްދާގެ (ހ) ގައިވާ ފަދަ ޙާލަތެއްގައި ހުރި މުވައްޒަފު ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ވަގުތީގޮތުން ގެންގުޅުނު މުވައްޒަފު ދޫކޮށްލަންވާނެއެވެ.

(ނ) ޝަރުޢީދާއިރާގެ ދާއިމީ މުވައްޒަފުން ޚިދުމަތްކުރާ މުއްދަތާއި އެއްފަދައިން ވަގުތީ މުވައްޒަފުން ޝަރުޢީދާއިރާއަށް ޚިދުމަތްކުރާ ދުވަސްތައް ޚިދުމަތުގެ މުއްދަތު ބެލުމުގައި ގުނޭނެއެވެ.

 

105 ވަނަ މާއްދާ - ވަގުތީ މުވައްޒަފުން ހޯދުމާއި މަޤާމަށް ލެއްވުން

(ހ) ވަގުތީ މުވައްޒަފުން ހޯދާނީ ޢާންމުކޮށް އިޢުލާން ކޮށްގެންނެވެ. މިގޮތުން ކުރާ އިޢުލާނު ގެޒެޓުގައި ޝާއިޢުކޮށް ނުވަތަ މަދުވެގެން 3 (ތިނެއް) ދުވަސް ވަންދެން އެރަށެއްގައި ޢާންމުކޮށް އިޢުލާނު ބަހައްޓާ ތަންތަނުގަޔާއި ކޯޓުގެ ނޯޓިސްބޯޑުގައި ބަހައްޓަންވާނެއެވެ.

(ށ) ވަގުތީގޮތުން ވަޒީފާއަށް ލައްވާނެ މީހަކު ހޯދުމަށް އިޢުލާނުކުރާ ތާރީޚުން ފެށިގެން މަދުވެގެން 4 (ހަތަރު) ދުވަހުގެ މުއްދަތު ވަޒީފާއަށް ކުރިމަތިލުމަށް ދޭންވާނެއެވެ.

(ނ) ވަގުތީގޮތުން ވަޒީފާއަށް ލައްވަން ވާނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެމަޤާމަކަށް އެންމެ އެކަށީގެންވާ މީހާއެވެ. މަޤާމަށް އެކަށީގެންވާ ކަމަށް ނިންމާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ހޯދާފައިވާ ތަޖުރިބާއާއި، އެމީހަކާ ކުރެވޭ އިންޓަރވިއުއަށް ބިނާކޮށްގެންނެވެ.

(ރ) ވަގުތީގޮތުން މުވައްޒަފުން ނެގުމަށް އިންޓަރވިއު ކުރުމުގައި އެމުވައްޒަފެއްގެ ޞިއްޙީ ޙާލަތަށާއި ޗުއްޓީއެއް ނަގަން ޖެހޭފަދަ ޙާލަތެއް މެދުވެރިވާފަދަ ކަމެއްއޮތްތޯ ސުވާލުކޮށް އެކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.

(ބ) ވަގުތީގޮތުން ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ހުށަހަޅާ ލިޔުންތައް މި ޤަވާޢިދުގެ 79 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބަލަހައްޓަންވާނެއެވެ.

(ޅ) ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ މުވައްޒަފުންނަށް މިޤަވާއިދުގެ ޖަދުވަލު 16 ގައިވާ "ވަގުތީގޮތުން ގެންގުޅެންފެށިކަން އަންގާލިއުން" ވަޒީފާއަށް ނުކުންނަ ދުވަހު ޙަވާލުކުރަންވާނެއެވެ.

(ކ) ވަގުތީ މުވައްޒަފު، ވަޒީފާއަށް ނުކުންނަ ދުވަހު މިޤަވާއިދުގެ ޖަދުވަލު 2 ގައިވާ މުވައްޒަފުގެ "ވަޒީފާބަޔާން" ގައި ސޮއިކުރުވަންވާނެއެވެ.

(އ) ވަގުތީ މުވައްޒަފު، ވަޒީފާއަށް ނުކުންނަ ދުވަހު މިޤަވާޢިދުގެ ޖަދުވަލު 6 ގައިވާ "ޝަރްޢީދާއިރާގެ ވަޒީފާގެ އެއްބަސްވުން" ގައި ސޮއިކުރުވަންވާނެއެވެ.

(ވ) ވަގުތީ މުވައްޒަފަށް ވަޒީފާދީ، ވަޒީފާއިން ވަކިކުރާނީ އެމުވައްޒަފަކު ވަޒީފާއަށް ނެރެން ބޭނުންވި ކޯޓުން ނުވަތަ އިދާރާއިންނެވެ.

(މ) މިޤަވާއިދުގެ ޖަދުވަލު 17 ގައި ބަޔާންކޮށްފައިވާ "ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ" ކޮންމެ ކޯޓެއްގައި ނުވަތަ އިދާރާއެއްގައި އޮންނަންވާނެއެވެ.

(ފ) ވަގުތީ މުވައްޒަފު ވަޒީފާއަށް ނުކުތުމާއެކު ނުވަތަ ވަގުތީ މުވައްޒަފު ދޫކޮށްލުމާއެކު 3 ދުވަހުގެ ތެރޭގައި އެކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގަންވާނެއެވެ.

  1. ވަގުތީ މުވައްޒަފު ވަޒީފާއަށް ނުކުތުމާއެކު އަންގާނީ މިޤަވާއިދުގެ ޖަދުވަލު 16 ގައި ބަޔާންކޮށްފައިވާ "ވަގުތީ ގޮތުން ގެންގުޅެން ފެށިކަން އަންގާ ލިއުން" އިންނެވެ.
  2. ވަގުތީ މުވައްޒަފު ވަޒީފާއިން ދޫކޮށްލުމާއެކު އަންގާނީ، މިޤަވާއިދުގެ ޖަދުވަލު 18 ގައި ބަޔާންކޮށްފައިވާ "ވަގުތީ މުވައްޒަފުން ވަޒީފާއިން ދޫކޮށްލިކަން އަންގާ ލިޔުން" އިންނެވެ.

 

106 ވަނަ މާއްދާ - ވަގުތީ މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި ބަލާނެ ކަންތައްތައް

(ހ) ވަގުތީ މުވައްޒަފަށް ވަޒީފާ ދިނުމުގެ ކުރިން ކުރިމިނަލް ކޯޓުން އެމުވައްޒަފުގެ ކުށުގެ ރެކޯޑު ހޯދަންވާނެއެވެ. އަދި މާލެ ފިޔަވައި އެހެންރަށެއްގައިނަމަ އެމީހަކު ރަށްވެހި ވެފައިވާ ރަށުގެ މެޖިސްޓްރޭޓު ކޯޓުންވެސް ކުށުގެ ރެކޯޑު ބަލަންވާނެއެވެ.

(ށ) ޖިނާއީ ކުށްތަކުގެ ތެރެއިން ޝަރީޢަތަށް ސާބިތުވެގެން ޙުކުމެއް ތަންފީޒުކޮށްފައިވާ މީހެއްގެ ކުށުގެ ބާވަތަށް ބަލައި، އެމީހަކު އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ 5 އަހަރު ނުވަނީސް އެފަދަ މީހަކު އެއްވެސް ކޯޓެއް ނުވަތަ އިދާރާއެއްގައި ވަގުތީގޮތުން ގެންގުޅެގެންނުވާނެއެވެ.

(ނ) ވަގުތީގޮތުން ގެންގުޅެންވާނީ ޢުމުރުން 18 އަހަރު ފުރި 55 އަހަރު ނުފުރޭ މީހުންނެވެ.

(ރ) ވަގުތީގޮތުން ލައްވާ މުވައްޒަފު، މިޤަވާޢިދުގެ 70 ވަނަ މާއްދާގެ 

(ހ) ގެ 6 އަދި 7 ވަނަބައި ގައިވާ މީހަކަށް ވެގެން ނުވާނެއެވެ.

 

107 ވަނަ މާއްދާ - ވަގުތީ މުވައްޒަފުން ހަމަޖެއްސޭނެ ޙާލަތު

ވަގުތީ މުވައްޒަފަކު ހަމަޖެއްސޭނީ އިދާރީ 3 މުވައްޒަފުންނަށްވުރެ މަދުން މުވައްޒަފުން ހަމަޖެހިފައިވާ ތަންތަނުން، އެތަނެއްގެ އިދާރީ މުވައްޒަފެއްގެ ޚިދުމަތް 30 ދުވަހަށް ވުރެ ކުރުމުއްދަތަކަށް ލިބޭގޮތް ނުވެގެންނެވެ. މިނޫންގޮތަކަށް ވަގުތީގޮތުން އިދާރީ މުވައްޒަފަކު ވަޒީފާއަށް ނެރެންވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅައި ލިޔުމަކުން ހުއްދަ ލިބިގެންނެވެ.

 

108 ވަނަ މާއްދާ - ވަގުތީ މުވައްޒަފުންގެ ބަންދު ދުވަސްތަކާއި ޗުއްޓީއާއި މަސައްކަތުގެ ގަޑި

(ހ) ދާއިމީ މުވައްޒަފުންނާއި އެއްގޮތަށް ވަގުތީ މުވައްޒަފުންނަށްވެސް މަސައްކަތުގެ ގަޑިއާއި ބަންދު ދުވަސްތަކާއި ޗުއްޓީ ހަމަޖެހޭނީ މިޤަވާއިދުގެ 12 ވަނަ ބާބު އަދި 14 ވަނަ ބާބުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިންނެވެ.

(ށ) މިމާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކުރެވިފައިވީނަމަވެސް ވަގުތީ ގޮތުން ގެންގުޅޭ މުވައްޒަފުން މަހަކު 3 ސަލާމަށްވުރެ އިތުރަށް ސަލާމް ބުނާނަމަ އަދި އެމުވައްޒަފަކު ޤަވާޢިދުން ޗުއްޓީއެއްނަގައިގެން ނޫންގޮތަކަށް އެހެންވެސް ސަބަބެއް މެދުވެރިވެގެން އެމީހެއްގެ ޚިދުމަތް އެތަނަކަށް 3 ދުވަހަށްވުރެ އިތުރަށް ނުލިބޭގޮތް ވެއްޖެނަމަ އެމީހަކު ދޫކޮށްލުމުގެ އިޚްތިޔާރު އެތަނަކަށް ލިބިގެންވެއެވެ. އަދި އެކަން ވަޒީފާގެ އެއްބަސްވުމުގައި ބަޔާން ކުރަންވާނެއެވެ.

 

109 ވަނަ މާއްދާ - ވަގުތީ މުވައްޒަފުން ހަމަޖައްސާނެ ރޭންކް

(ހ) ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން ޚިދުމަތް ނުލިބޭ ފަރާތަކީ ސަޕޯޓް ސަރވިސް ކެޓަގަރީގައި ހިމެނޭ މުވައްޒަފެއްނަމަ، ވަގުތީގޮތުން ހަމަޖައްސާ މުވައްޒަފަކު ހަމަޖައްސާނީ އެސްއެސް 1 ގެ ރޭންކަށެވެ.

(ށ) ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން ޚިދުމަތް ނުލިބޭ ފަރާތަކީ ސަޕޯޓް އޮފިސަރ ކެޓަގަރީގައި ހިމެނޭ މުވައްޒަފެއްނަމަ، ވަގުތީގޮތުން ހަމަޖައްސާ މުވައްޒަފަކު ހަމަޖައްސާނީ ޖީއެސް 1 ގެ ރޭންކަށެވެ.

 

110 ވަނަ މާއްދާ - ވަގުތީ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް

ވަގުތީ މުވައްޒަފަކަށް ދޭނީ އެމުވައްޒަފަކު ހަމަޖައްސާ ވަޒީފާގެ އޮނިގަނޑުގައިވާ މަޤާމުގެ ފަންތީގެ މުސާރައާއި އެހެނިހެން އެލަވަންސްތަކެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ މުވައްޒަފުންނަށް އިތުރުގަޑި ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. އަދި ވަގުތީ މުވައްޒަފުންގެ މުސާރައިން އުނިކުރެވޭނީ މި ޤަވާޢިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. 

 

 

11 ވަނަ ބާބު

ޝަރްޢީދާއިރާގައި ކޮންޓްރެކްޓް އުޞޫލުން މީހުން ގެންގުޅުން

 

111 ވަނަ މާއްދާ - ތަޢާރުފު

ޝަރްޢީދާއިރާގެ މަޤާމެއްގައި އެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް، ކޮންޓްރެކްޓް އުޞޫލުން މީހުން ގެންގުޅުމާއި އެމީހުންނާ މަސައްކަތް ޙަވާލުކުރުމާއި، މަސައްކަތުން ވަކިކުރުމުގައި ޢަމަލު ކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

 

112 ވަނަ މާއްދާ - ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅުން

(ހ) ޝަރްޢީދާއިރާގެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް، ޝަރްޢީދާއިރާގެ މުވައްޒަފުންގެ ރަޖިސްޓްރީގައި ނުހިމެނޭގޮތަށް، ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅެވިދާނެއެވެ. މިގޮތުން ކޯޓަކުން ނުވަތަ އިދާރާއަކުން، ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅޭނީވެސް އަދި ވަކިކުރާނީވެސް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހުއްދަ ލިބިގެންނެވެ.

(ށ) ޝަރްޢީދާއިރާގައި ކޮންޓްރެކްޓް އުޞޫލުން މީހުން ގެންގުޅެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ.

  1. ދާއިމީ މަޤާމަށް އިޢުލާނުކޮށްގެން ޤާބިލު މީހެއް ނުލިބުން.
  2. ޚާއްޞަ މަސައްކަތެއް ކުރުމުގެ ގޮތުން މީހަކު ގެންގުޅެން ޖެހުން.

(ނ) ކޮންޓްރެކްޓް އުޞޫލުން މީހަކު ގެންގުޅެވޭނީ، އަންނަނިވި ހަމަތަކުގެ މަތިންނެވެ.

  1. ކޮންޓްރެކްޓް އުސޫލުން މީހުން ހޯދުމުގައާއި، ހޮވުމުގައާއި، މަސައްކަތް ޙަވާލުކުރުމުގައި ޢަމަލުކުރާނީ، ޝަރްޢީދާއިރާގެ ދާއިމީ މަޤާމުތަކަށް މީހުން ހޯދުމާއި ހޮވުމާއި މަސައްކަތް ޙަވާލުކުރުމުގައި ޢަމަލުކުރާ ޢާންމު އުޞޫލުންނެވެ.
  2. ކޮންޓްރެކްޓް އުސޫލުން މީހަކު ހޯދުމަށް ކުރި އިއުލާނާގުޅިގެން ކުރިމަތިލީ ފަރާތްތަކުން ހުށަހަޅާ ލިޔުންތައް، މިޤަވާޢިދުގެ 79 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބަލަހައްޓަންވާނެއެވެ.
  3. މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ގެންގުޅޭ މީހަކީ ޝަރްޢީދާއިރާގެ މުވައްޒަފުންގެ ރަޖިސްޓްރީގައި ހިމެނޭ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
  4. ޢުމުރުން 55 އަށްވުރެ ދޮށީ ޢުމުރުގެ މީހެއްކަމުގައިވިޔަސް ކޮންޓްރެކްޓް އުޞޫލުން ގެންގުޅެވިދާނެއެވެ.
  5. ކޮންޓްރެކްޓް އުޞޫލުން މީހަކު ގެންގުޅެވޭނީ ގިނަވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
  6. ކޮންޓްރެކްޓް އުޞޫލުން މީހަކު ގެންގުޅެންވާނީ ކަނޑައެޅިފައި އޮންނަ ވަކި އެއްބަސްވުމެއްގައި، މަސައްކަތާ ޙަވާލުވާ ފަރާތާއި މަސައްކަތް ޙަވާލުކުރާ ފަރާތުން ސޮއިކޮށްގެންނެވެ. 

     

  7. ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހާގެ ރެކޯޑު އެކޯޓަކުން ނުވަތަ އެއިދާރައަކުން ބަލަހައްޓަން ވާނެއެވެ.

(ރ) ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހުން، ޝަރުޢީދާއިރާގެ މުވައްޒަފުންނާބެހޭ ޤަވާޢިދާއި އުސޫލުތަކަށާއި ސުލޫކީ މިންގަނޑަށް އެމީހެއްގެ ވަޒީފާގެ ނިސްބަތުން ޙުރުމަތްތެރިކޮށް ހިތަންޖެހޭ މިންވަރަށް ހިތަންވާންވާނެއެވެ.

(ބ) ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ވަގުތު އޮތްވައި، އެމީހާ ކުރާ މަސައްކަތް ނިސްބަތްވާ ޝަރުޢީދާއިރާގެ މަޤާމަށް ޢާންމުކޮށް އިޢުލާނުކޮށް، އެ މަޤާމަކަށް ޝަރުޠު ހަމަވާ މީހަކު ވޭތޯ ބަލަން ވާނެއެވެ.

(ޅ) ކަނޑައެޅޭ ވަކި ދާއިރާއެއްގެ ބޭނުންތަކަށާއި މަސައްކަތުގެ ބުރަދަނަށްބަލައި، ވަކި އަދަދަކަށް ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހުން ހޯދުމުގެ ހުއްދައަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަން ވާނެއެވެ.

 

113 ވަނަ މާއްދާ - މަޢުލޫމާތު ބެލެހެއްޓުން 

(ހ) "ކޮންޓްރެކްޓް އުސޫލުން ޝަރުޢީދާއިރާގައި ގެންގުޅޭ ފަރާތްތަކުގެ މަޢުލޫމާތު" މިޤަވާއިދުގެ ޖަދުވަލު 19 ގައިވާ ފޯމު ފުރިހަމަކޮށް މަސައްކަތް ޙަވާލުކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކޯޓަކުން ނުވަތަ އެއިދާރާއަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަންވާނެއެވެ.

(ށ) ކޮންޓްރެކްޓް އުސޫލުން މީހަކު ގެންގުޅެން ފަށާނަމަ އެމީހަކާބެހޭ މަޢުލޫމާތު، އެކޯޓެއްގައި ނުވަތަ އެއިދާރާއެއްގައި އެކަމަށް ޤާއިމުކޮށްފައިވާ ރަޖިސްޓަރީގައި ލިޔަންވާނެއެވެ.

 

114 ވަނަ މާއްދާ - އިސްލާޙީ ފިޔަވަޅު އެޅުން

ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހަކު ކުރާކަމަކާ ގުޅިގެން އިޞްލާޙީ ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އިޞްލާޙީ ފިޔަވަޅު އަޅާނީ، މިޤަވާއިދުގެ 21 ވަނަ ބާބުގައިވާ ގޮތުގެ މަތިންނެވެ. އަދި މިގޮތަށް ޢަމަލުކުރެވޭނެކަން އެއްބަސްވުމުގައި ލިޔެވިފައި އޮންނަން ވާނެއެވެ.

 

115 ވަނަ މާއްދާ - ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހުންގެ އުޖޫރަ

ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހުންނަށް އުޖޫރަ ދޭންވާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

(ހ) ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހަކަށް އުޖޫރަ ދޭންވާނީ އޭނާ ކުރާ މަސައްކަތް ނިސްބަތްވާ ޝަރުޢީދާއިރާގެ މަޤާމުގެ މުސާރައާއި ޢިނާޔަތްތަކަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާ ގޮތަށެވެ. އަދި އެމީހަކަށް ދެވޭނެ އުޖޫރައާއި އިނާޔަތްތައް އެމީހަކާއެކު ކުރެވޭ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) އެއްބަސްވުމުގައިވާ އުޖޫރައާއި އިނާޔަތްތަކަށް އުނިއިތުރެއް ނުވަތަ ބަދަލެއް ގެނެވޭނެގޮތާއި ޙާލަތްތައްއެމީހަކާއެކު ކުރެވޭ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

116 ވަނަ މާއްދާ - އެއްބަސްވުން އުވާލުން

ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހެއްގެ އެއްބަސްވުމުގައި، އަންނަނިވި ޙާލަތްތަކުގައި، ކޮންޓްރެކްޓު އުވާލެވޭނެކަމަށް ބަޔާންކުރަން ވާނެއެވެ.

(ހ) ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ޙަވާލުކުރާ ކޯޓެއްގެ ނުވަތަ އިދާރާއެއްގެ މަސައްކަތަށް އަންނަ ބަދަލަކާ ގުޅިގެން ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ މަސައްކަތް ހުއްޓާލުން.

(ށ) އެމީހަކާ ޙަވާލުކުރެވޭ މަސައްކަތްކޮށް ނަތީޖާ ޙާޞިލުކޮށްދެއްކުމަށް އެމީހަކު ނުކުޅެދުން.

 

117 ވަނަ މާޢްދާ - ކޮންޓްރެކްޓް އުޞޫލުން

(ހ) ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހަކު، ޤާނޫނީގޮތުން ބަންދެއްވެއްޖެނަމަ ގެންގުޅޭ މީހާ ދޫކޮށްލުން ނުވަތަ ޝަރުޢީ ޙުކުމެއްގެ ދަށުން ބަންދެއްވެއްޖެނަމަ، އެމީހަކަށް އެހިސާބަށް ދޭންޖެހޭ ފައިސާއެއް ދިނުމަށްފަހު، އެމީހަކު ދޫކޮށްލާނީއެވެ. އަދި މިގޮތަށް ޢަމަލުކުރެވޭނެކަން އެއްބަސްވުމުގައި ލިޔެވިފައި އޮންނަންވާނެއެވެ.

(ށ) ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހަކު ދޫކޮށްލައިފިނަމަ ދޫކޮށްލިކަން، އެމީހަކު ގެންގުޅުނު ކޯޓަކުން ނުވަތަ އިދާރާއަކުން އެމީހަކަށް ލިއުމަކުން އަންގަން ވާނެއެވެ.

(ނ) ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މީހާއާ ދެމެދުވެވޭ އެއްބަސްވުން ނިމުމަކަށް އަންނަތާ ނުވަތަ ނިމުމަކަށް ގެނެވޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި މިޤަވާއިދުގެ ޖަދުވަލު 19 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ކޯޓުން ނުވަތަ އިދާރާއިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގަންވާނެއެވެ. 

 

 

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

 

މައި ގާނޫނު/ގަވާއިދު

  1. މައި ގާނޫނު 1: ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)
  2. މައި ގާނޫނު 2: ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)
  3. މައި ގަވާއިދު: ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 2010-01)

 

ގުޅުންހުރި ގަވާއިދު

ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު