-

ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2026-34)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 މޭ 2026 ގައި)

(މި ގަވާއިދުގެ 12 ވަނަ މާޢްދާއިނ ވަނީ ގަވާއިދު ނަންބަރު 2020-124 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 153 ވަނަ މާއްދާއާއި، 159 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 68 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން އެކުލަވައިލާ، ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނީގެ ބަޔާން ތައްޔާރުކުރުމާއި ހުށަހެޅުމުގައި އަދި ބަޔާން ހުށަހެޅުމުން އެ ބަޔާނާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކ،ީ ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނީގެ ބަޔާން ތައްޔާރުކުރުމާއި ހުށަހެޅުމުގައި އަދި ބަޔާން ހުށަހެޅުމުން އެ ބަޔާނާމެދު އަމަލު ކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - މާލީ ބަޔާން ތައްޔާރުކުރުމުގެ މުއްދަތު

(ހ) ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނީގެ މާލީ ބަޔާން ތައްޔާރުކުރަންވާނީ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް، އަހަރަކު އެއްފަހަރުއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ ބަޔާނުގެ ބޭނުމަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު ކަމުގައި ބަލަންވާނީ، ފާއިތުވި އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނުވަތަ އެ މީހަކު ފަނޑިޔާރުކަމުގެ ހުވާކުރި ތާރީހުން ފެށިގެން އެ އަހަރުގެ ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

(ނ) އަލަށް ފަނޑިޔާރުކަމަށް އައްޔަނުކުރެވޭ ކޮންމެ ފަނޑިޔާރަކު، ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވި ތާރީހުގެ ކުރިޔަށް ހިނގައިފައިވާ 1 (އެކެއް) އަހަރުދުވަހުގެ ހާލަތު އެނގޭނޭ ގޮތަށް، އެ ފަނޑިޔާރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް، ފުރިހަމަކޮށް ތައްޔާރުކުރާ މާލީ ބަޔާނެއް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ރ) ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރެވޭ މީހާ އެއްވެސް ސަބަބަކާހުރެ އެ މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހު، އެ މަގާމުން ވަކިވިއިރު އޭނާގެ ކިބައިގައި ހުރި އާމްދަނީއާއި، އޭނާގެ ނަމުގައި ހުރި މުދަލާއި، އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނޭ މާލީ ބަޔާނެއް، ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - ފަނޑިޔާރުންގެ މާލީ ބަޔާނުގައި ހިމެނޭ ބައިތައް

ފަނޑިޔާރެއްގެ މާލީ ބަޔާނުގައި ހިމެނެނީ، ފަނޑިޔާރުގެ މާލީ ހާލަތު އަންގައިދޭ، ތިރީގައިވާ މައުލޫމާތެވެ.

(ހ) ބަޔާން ތައްޔާރުކުރާ މުއްދަތުގެ ތެރޭގައި ފަނޑިޔާރުގެ ނަމުގައިވާ މުދަލާއި ފައިސާގެ ހިސާބުތައް.

(ށ) ވިޔަފާރީގެ މަސްލަހަތުގެ މައުލޫމާތު.

(ނ) ބަޔާން ތައްޔާރުކުރާ މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހަރަދުވި ފައިސާގެ ތަފުސީލު.

(ރ) ފަނޑިޔާރަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ލިބިފައިވާ މުދަލުގެ ތަފުސީލު.

(ބ) ފަނޑިޔާރަށް ލިބިފައިވާ ހަދިޔާ ނުވަތަ އެހީގެ ތަފުސީލު.

 

5 ވަނަ މާއްދާ - ފަނޑިޔާރުންގެ މާލީ ބަޔާން ފުރިހަމަކުރާނެ ގޮތް

މާލީ ބަޔާން ފުރިހަމަކުރާއިރު، މާލީ ބަޔާނުގައި ހިމެނޭ ހުރިހައި ބައިތައް ފުރިހަމަކުރަންވާނެއެވެ. ފަނޑިޔާރުން ފުރަންޖެހޭ ފޯމުތަކުގެ ތަފުސީލު، މި މާއްދާގެ (ހ) އާއި (ށ) ގައި އެވަނީއެވެ.

(ހ) ފަނޑިޔާރުކަމުގައި ތިބި ފަރާތްތަކުން ނުވަތަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރެވޭ މީހާ، އެއްވެސް ސަބަބަކާހުރެ އެ މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހު ފުރިހަމަކުރާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާން" ފުރުމަށް ހާއްސަކޮށްފައިވާ ފޯމެވެ.

(ށ) ފަނޑިޔާރުކަމަށް އަލަށް އައްޔަނުކުރާ ފަނޑިޔާރުން ފުރިހަމަކުރާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "އަލަށް އައްޔަނުކުރާ ފަނޑިޔާރުންގެ މާލީ ހާލަތު ހާމަކުރުމަށް ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވި ތާރީހުގެ ކުރިޔަށް ހިނގައިފައިވާ 1 (އެކެއް) އަހަރުދުވަހުގެ ހާލަތު އެނގޭނޭ ގޮތަށް މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާން" ފުރުމަށް ހާއްސަކޮށްފައިވާ ފޯމެވެ.

 

6 ވަނަ މާއްދާ - ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ މާލީ ބަޔާން، ހިނގަމުންދާ އަހަރުގެ މާރިޗުމަސް ނިމުމުގެ ކުރިން ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ މާލީ ބަޔާން، އެ ފަނޑިޔާރަކު މަގާމުގެ ހުވާކުރާ ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސް ނުހިމަނައި، 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ނ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ މާލީ ބަޔާން، ފަނޑިޔާރުކަމުގެ މަގާމުން އޭނާ ވަކިވި ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސް ނުހިމަނައި، 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ރ) މާލީ ބަޔާން ހުށަހަޅާނީ، ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ. މާލީ ބަޔާން އީމެއިލް މެދުވެރިކޮށް ފޮނުވާ ނަމަ ފޮނުވާނީ، ޕީޑީއެފް ފޯމެޓުގައި، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އީމެއިލް އެޑްރެހަކަ ށެވެ.

(ބ) މާލީ ބަޔާން ހުށަހެޅުމުން، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ފަނޑިޔާރުންގެ މާލީ ބަޔާން ލިބުނުކަމުގެ ލިޔުން" ފުރިހަމަކޮށްފައި އެ ފަނޑިޔާރަކަށް ދޭންވާނެއެވެ. އަދި މާލީ ބަޔާން އީމެއިލުން ފޮނުވި ފަރާތްތަކަށް "ފަނޑިޔާރުންގެ މާލީ ބަޔާން ލިބުނުކަމުގެ ލިޔުން" ރަސްމީ 1 (އެކެއް) ދުވަހުގެ ތެރޭގައި އީމެއިލް ކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ފަނޑިޔާރުންގެ މާލީ ބަޔާނުގެ ސައްހަކަން ބެލުން

(ހ) މާލީ ބަޔާން ލިބުމުން، އެ ބަޔާނުގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކޮށްފައިވޭތޯ ނުވަތަ ހުށަހެޅުމަށް ލާޒިމުކޮށްފައިވާ ހުރިހާ މައުލޫމާތެއް ހުށަހަޅައިފައިވޭތޯ ކޮމިށަނުން ބަލަންވާނެއެވެ.

(ށ) މާލީ ބަޔާނުގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަނުވެގެން އެ ބައިތައް ފުރިހަމަކުރަން ނުވަތަ ބަޔާނުގައި ދީފައިވާ މައުލޫމާތާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވެއްޖެ ނަމަ ނުވަތަ އެ ނޫންވެސް ކަމެއް ފާހަގަވެއްޖެ ނަމަ، އެކަން ރަނގަޅުކުރުމަށް، މާލީ ބަޔާން ހުށަހެޅި ފަރާތަށް ލިޔުމުން އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ކަމެއް ފުރިހަމަކުރުމަށްފަހު، މާލީ ބަޔާން ނުވަތަ އެ ހޯދުމަށް އެދުނު ލިޔުމެއް ފޮނުވައިދޭންވާނެއެވެ.

(ނ) މާލީ ބަޔާން ހުށަހެޅުމުން، ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރު ކުރަންވާނެއެވެ.

(ރ) ކޮމިށަނަށް ހުށަހެޅޭ މާލީ ބަޔާނާ ގުޅިގެން ފަނޑިޔާރުގެ މިލްކިއްޔާތާއި މާލީ ބަޔާން، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން ހުއްދަ ދީފައިވާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމުގެ އިހުތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ. އެގޮތުން، އޮޑިޓްކުރަން ކޮމިށަނުން ނިންމައިފި ނަމަ، އޮޑިޓްކުރުމަށް ބޭނުންވާ އެންމެހައި މައުލޫމާތު، އެ ފަނޑިޔާރަކު، ކޮމިށަނުން އަ އްޔަނުކުރާ އޮޑިޓަރަކަށް ފޯރުކޮށްދޭންވާނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދާ އެއްގޮތަށް އަމަލު ނުކުރުމުން އަޅާނެ ފިޔަވަޅު

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި މަގުބޫލު ސަބަބެއް ނެތި މާލީ ބަޔާން ހުށަހަޅައިފައި ނުވާ ނަމަ ނުވަތަ ކޮމިށަނުން އިތުރަށް މައުލޫމާތެއް ސާފުކުރުމަށް އެ ފަނޑިޔާރަކަށް އެންގުމުން އެ މައުލޫމާތު ދީފައި ނުވާ ނަމަ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ކޮމިށަނުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި މަގުބޫލު ސަބަބެއް ނެތި މާލީ ބަޔާން ހުށަހަޅައިފައި ނުވާ ނަމަ ނުވަތަ ކޮމިށަނުން އިތުރަށް މައުލޫމާތެއް ސާފުކުރުމަށް އެންގުމުން އެ މައުލޫމާތު ދީފައި ނުވާ ނަމަ، އެކަން، ވީ އެންމެ އަވަހަކަށް އިދާރީގޮތުން ކޮމިށަނުގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

(ނ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސައްހަކަން ބެލުމުގެ ތެރޭގައި ފާހަގަވާ ކަންތައް ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުން ނިންމާ ގޮތެއްގެ މަތީން އެ މައްސަލަ ބަލައި، އެ ކަމުގައި އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ނަމަ، ފިޔަވަޅު އަޅަންވާނެއެވެ. އަދި ސައްހަކަން ކަށަވަރުކުރުމުގައި، ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ، އެ ފަދަ އިދާރާތަކަށް ފޮނުވަންވާނެއެވެ.

 

9 ވަނަ މާއްދާ - ފަނޑިޔާރުންގެ މާލީ ބަޔާން ހިއްސާކުރެވޭނެ ފަރާތްތައް

ދައުލަތުގެ ތަހުގީގީ އިދާރާއަކުން ފަނޑިޔާރެއްގެ މާލީ ބަޔާން ހޯދަން ލިޔުމުން އެދިއްޖެ ނަމަ، ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެ އިދާރާއަކަށް މާލީ ބަޔާނުގެ ކޮޕީއެއް ހިއްސާކުރުމުގެ އިހުތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "މާލީ ބަޔާން" ކަމަށް ބަޔާންކޮށް ފައި އެވަނީ، ފަނޑިޔާރުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކުރުމުގެ ގޮތުން ޖުޑީށަލް ސަރވިސް ކޮމިށަނަށް ފަނޑިޔާރުން ހުށަހަޅާ ބަޔާނަށެވެ.

(ށ) "މަސްލަހަތު ފުށުއެރުން ހާމަކުރުން" ކަމަށް ބަޔާންކޮށްފައި އެވަނީ، އަލަށް ފަނޑިޔާރުކަމަށް އައްޔަނުކުރާ ފަރާތާއި، އެހެން ފަރާތަކާ ދެމެދު ކޮށްފައިވާ މާލީ މުއާމަލާތެއްގެ ސަބަބުން، ފަނޑިޔާރުކަމަށް އައްޔަނުކުރާ ފަރާތާއި އެހެން ފަރާތަކާ ގުޅުމެއް އުފެދިފައިވާކަން ބުނެދިނުމަށެވެ.

(ނ) "ކޮމިށަން" ކަމަށް ބަޔާންކޮށްފައި އެވަނީ، "ޖުޑީށަލް ސަރވިސް ކޮމިށަން" އަށެވެ.

(ރ) "ފަނޑިޔާރު" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކަށް އައްޔަނުކުރާ ފަނޑިޔާރުންނާއި ގާޒީންނަށާއި މެޖިސްޓްރޭޓުންނަށެވެ.

 

11 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

12 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2020-124 (ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ގަވާއިދު) އުވުނީއެވެ.

 

އުވުނު ގަވާއިދު

ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-124)

 

މައި ގާނޫނު

  1. ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)
  2. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު