-

ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 124/2020)

 

1 ވަނަ މާއްދާ - ތައާާރަފާއި ނަން

(ހ) މިއީ، ގާނޫނުއަސާސީގެ 153 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނީގެ ބަޔާން ތައްޔާރުކުރުމާއި ހުށަހެޅުމުގައި އަދި ހުށަހެޅުމުން އެ ބަޔާނާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.     
(ށ)
މި ގަވާއިދުގެ ނަމަކީ، "ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ގަވާއިދު" އެވެ.
ފަނޑިޔާރުންގެ

 

2 ވަނަ މާއްދާ - މާލީ ބަޔާން ތައްޔާރުކުރާނެ މުއްދަތު

(ހ) ފަނޑިޔާރުންގެ މާލީ ބަޔާން ނުވަތަ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނީގެ ބަޔާން  ތައްޔާރުކުރަންވާނީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް، އަހަރަކު އެއްފަހަރުއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީބަޔާނުގެ ބޭނުމަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު ކަމުގައި  ބަލަންވާނީ، ފާއިތުވި އަހަރުގެ ޖަނަވަރީ މަހުގެ 1 (އެކެއް) ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ޑިސެންބަރު މަހުގެ 31 (އެއްތިރީސް) ވަނަ ދުވަހުގެ ނިޔަލަށެވެ. ނުވަތަ އެ މީހަކު ފަނޑިޔާރުކަމުގެ ހުވާކުރި ތާރީހުން ފެށިގެން އެ އަހަރުގެ ޑިސެންބަރު މަހުގެ 31 (އެއްތިރީސް) ވަނަ ދުވަހުގެ ނިޔަލަށެވެ.

(ނ) މަސްލަހަތު ފުށުއެރުން ހާމަކުރުމަށް، އަލަށް ފަނޑިޔާރުކަމަށް އައްޔަނު ކުރެވޭ ކޮންމެ ފަނޑިޔާރަކު، ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވި ތާރީހުގެ ކުރިޔަށް ހިނގައިފައިވާ 1 (އެކެއް) އަހަރުދުވަހުގެ ހާލަތު އެނގޭނޭ ގޮތަށް، އެ ފަނޑިޔާރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަޞްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް، ފުރިހަމަކޮށް ތައްޔާރުކުރާ މާލީ ބަޔާނެއް ކޮމިށަނަށް ހުށަހަޅާންވާނެއެވެ.

(ރ) ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވުމުން ނުވަތަ ވަކިކުރުމުން ނުވަތަ  ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކުރުމުން، އެ ފަނޑިޔާރަކު މާލީ ބަޔާން ތައްޔާރުކުރާނީ، އެ ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވި ނުވަތަ ވަކިކުރި ނުވަތަ ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކުރި ތާރީހާ ހަމައަށެވެ.
ފަނޑިޔާރުންގެ

 

3 ވަނަ މާއްދާ - މާލީ ބަޔާނުގައި ހިމެނޭ ބައިތައް

ފަނޑިޔާރެއްގެ މާލީ ބަޔާނުގައި ހިމެނެނީ، ބަޔާން ތައްޔާރުކުރާ މުއްދަތުގެ ތެރޭގައި ފަނޑިޔާރަށް ނުވަތަ އަނބި/ފިރި/ދަރީންގެ ނަމުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަހަތުގެ މައުލޫމާތު، ބަޔާން ތައްޔާރުކުރާ މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހަރަދުވި ފައިސާގެ ތަފުސީލާއި، ފަނޑިޔާރުގެ އަނބިން/ފިރި/ދަރީންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ލިބިފައިވާ މުދަލުގެ ތަފުސީލާއި، ފަނޑިޔާރަށް ނުވަތަ އަނބިން/ފިރި/ދަރީންނަށް ލިބިފައިވާ ހަދިޔާ ނުވަތަ އެހީގެ ތަފުސީލެވެ.

 

4 ވަނަ މާއްދާ - ފަނޑިޔާރުންގެ މާލީ ބަޔާން ފުރިހަމަ ކުރާނެ ގޮތް

މާލީބަޔާން ފުރިހަމަކުރާއިރު، މާލީ ބަޔާނުގައި ހިމެނޭ ހުރިހައި ބައިތައް ފުރިހަމަކުރަންވާނެއެވެ. ފަނޑިޔާރުން ފުރަންޖެހޭ ފޯމުތަކުގެ ތަފުސީލު، މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައި އެވަނީއެވެ.  

(ހ) ފަނޑިޔާރުކަމުގައި ތިބި ފަރާތްތަކުން ނުވަތަ ފަނޑިޔާރުކަމުން އިސްތިއުފާ ދޭ ފަރާތްތަކުންނާއި  ފަނޑިޔާރުކަމުން ވަކިވާ ފަރާތްތަކުންނާއި، މަގާމުން މުސްކުޅިކުރާ ފަރާތްތަކުން ފުރިހަމަކުރާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ  "ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާން" ފުރުމަށް ހާއްޞަކޮށްފައިވާ ފޯމެވެ.      

(ށ) ފަނޑިޔާރުކަމަށް އަލަށް އައްޔަނުކުރާ ފަނޑިޔާރުން ފުރިހަމަކުރާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "އަލަށް އައްޔަނުކުރާ ފަނޑިޔާރުންގެ މަޞްލަހަތު ފުށުއެރުން ހާމަކުރުމަށް ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވި ތާރީހުގެ ކުރިޔަށް ހިނގައިފައިވާ 1 (އެކެއް) އަހަރުދުވަހުގެ ހާލަތު އެނގޭނޭ ގޮތަށް މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާން" ފުރުމަށް ހާއްޞަކޮށްފައިވާ ފޯމެވެ.    

(ނ) ފަނޑިޔާރުކަމުގައި ތިބި ފަރާތްތަކުން ނުވަތަ ފަނޑިޔާރުކަމުން އިސްތިއުފާ ދޭ ފަރާތްތަކުންނާއި، މަގާމުން ވަކިވާ ފަރާތްތަކުންނާއި، މަގާމުން މުސްކުޅިކުރާ ފަރާތްތަކުން އެ ފަނޑިޔާރެއްގެ އަނބިން/ފިރި/ދަރިންގެ މާލީބަޔާން ފުރިހަމަކުރާނީ ޖަދުވަލު 3 ގައިވާ "ފަނޑިޔާރުގެ އަނބިން/ފިރި/ދަރިންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާން" ފުރުމަށް ހާއްޞަކޮށްފައިވާ ފޯމުންނެވެ. މި ފޯމު ފުރާއިރު، ފަނޑިޔާރެއްގެ އެއް އަނތްބަށްވުރެ ގިނަ އަނބިން ތިބިނަމަ، ކޮންމެ އަނތްބަކަށް ވަކި ފޯމެއް ފުރަންވާނެއެވެ. އަދި 18 (އަށާރަ) އަހަރުން ދަށުގެ ދަރިން ތިބިނަމަ، ކޮންމެ ދަރިއަކަށް ވެސް ވަކި ފޯމެއް ފުރަންވާނެއެވެ. 

 

5 ވަނަ މާއްދާ - ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި

(ހ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ މާލީ ބަޔާން، ހިނގަމުންދާ އަހަރުގެ ފެބުރުވަރީ މަސް ނިމުމުގެ ކުރިން ހުށަހަޅަންވާނެއެވެ. 

(ށ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ މާލީ ބަޔާން، އެ ފަނޑިޔާރަކު މަގާމުގެ ހުވާކުރާ ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސް ނުހިމަނައި، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ނ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ  (ރ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ މާލީ ބަޔާން، ފަނޑިޔާރުކަމުގެ މަގާމުން ވަކިވި ނުވަތަ ވަކިކުރި ނުވަތަ ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކުރި ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސް ނުހިމަނައި 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ރ) މާލީ ބަޔާން ހުށަހަޅާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ އިދާރާއަށެވެ. މާލީ ބަޔާން އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ ފޮނުވާނީ ޕީ.ޑީ.އެފް ފޯމެޓުގައި، [email protected] މި އީމެއިލް އެޑްރެހަށެވެ.

(ބ)  މާލީ ބަޔާން ހުށަހެޅުމުން، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ފަނޑިޔާރުންގެ މާލީ ބަޔާން ލިބުނުކަމުގެ ލިޔުން" ފުރިހަމަކޮށްފައި އެ ފަނޑިޔާރަކަށް ދޭންވާނެއެވެ. އަދި  މާލީ ބަޔާން އީމެއިލުން ފޮނުވި ފަރާތްތަކަށް "ފަނޑިޔާރުންގެ މާލީ ބަޔާން ލިބުނުކަމުގެ ލިޔުން" ރަސްމީ 1 (އެކެއް) ދުވަހުގެ ތެރޭގައި އީމެއިލް ކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ފަނޑިޔާރުންގެ މާލީ ބަޔާނުގެ ޞައްހަކަން ބެލުން

(ހ) މާލީ ބަޔާން ލިބުމުން، އެ ބަޔާނުގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކޮށްފައި ވޭތޯ ނުވަތަ ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ހުރިހާ މައުލޫމާތެއް ހުށަހަޅައިފައިވޭތޯ މި ކޮމިށަނުން ބަލަންވާނެއެވެ.

(ށ) މާލީބަޔާނުގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަ ނުވެގެން އެ ބައިތައް ފުރިހަމަ ކުރަން ނުވަތަ ބަޔާނުގައި ދީފައިވާ މައުލޫމާތާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވެއްޖެނަމަ، ނުވަތަ އެ ނޫންވެސް ކަމެއް ފާހަގަވެއްޖެނަމަ، އެކަން ރަގަނޅުކުރުމަށް މާލީ ބަޔާން ހުށަހެޅި ފަރާތަށް ލިޔުމުން އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ކަމެއް ފުރިހަމަކުރުމަށްފަހު، ބަޔާން ނުވަތަ އެ ހޯދުމަށް އެދުނު ލިޔުމެއް ފޮނުވައިދޭންވާނެއެވެ. 

(ނ) މާލީ ބަޔާން ހުށަހެޅުމުން، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބަޔާންތަކުގެ ޞައްހަކަން ކަށަވަރު ކުރަންވާނެއެވެ.

(ރ) ކޮމިށަނަށް ހުށަހެޅޭ މާލީބަޔާނާ ގުޅިގެން ފަނޑިޔާރުގެ މިލްކިއްޔާތާއި މާލީ ބަޔާން، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން ހުއްދަ ދީފައިވާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމުގެ އިހްްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. އެގޮތުން، އޮޑިޓްކުރަން ކޮމިށަނަށް ނިންމައިފިނަމަ، އޮޑިޓަރަށް ބޭނުންވާ އެންމެހައި މައުލޫމާތު އެ ފަނޑިޔާރަކު ކޮމިށަނަށް އައްޔަނުކުރާ އޮޑިޓަރަކަށް ފޯރުވައިދޭންވާނެއެވެ.

 

7 ވަނަ މާއްދާ - ގަވާއިދާ އެއްގޮތަށް މާލީ ބަޔާން ހުށަނޭޅުމުން ނުވަތަ ގަވާއިދާ އެއްގޮތަށް އަމަލު ނުކުރުމުން އަޅާނެ ފިޔަވަޅު

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅައިފިނަމަ، ނުވަތަ ކޮމިށަނުން އިތުރަށް މައުލޫމާތެއް ސާފުކުރުމަށް އެ ފަނޑިޔާރަކަށް އެންގުމުން އެ މައުލޫމާތު ދީފައި ނުވާނަމަ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖުޑީށަލް ސަރވިސް ކޮމިށަނުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޞައްހަކަން ބެލުމުގެ ތެރޭގައި ފާހަގަވާ ކަންތައް ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުން ނިންމާ ގޮތެއްގެ މަތީން އެ މައްސަލަ ބަލައި، އެ ކަމުގައި އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތްނަމަ، ފިޔަވަޅު އަޅަންވާނެއެވެ. އަދި ޞައްހަކަން ކަށަވަރު ކުރުމުގައި، ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭ ފަދަ ކަމެއް ފާހަގަވެއްޖެނަމަ، އެ ފަދަ އިދާރާތަކަށް ފޮނުވަންވާނެއެވެ.

 

8 ވަނަ މާއްދާ - ފަނޑިޔާރުންގެ މާލީ ބަޔާން ހިއްސާކުރެވޭނެ ފަރާތްތައް

ދައުލަތުގެ އިދާރާއަކުން ފަނޑިޔާރެއްގެ މާލީ ބަޔާން ހޯދަން ލިޔުމުން އެދިއްޖެނަމަ، ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެ އިދާރާއަކަށް މާލީ ބަޔާނުގެ ކޮޕީއެއް ހިއްސާކުރުމުގެ އިހްްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ،  ކޮމިށަނުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 13/2010)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު