މެޖިސްޓްރޭޓުން ތަނާޒުލްވާންޖެހޭ މައްސަލަތަކުގައި އަމަލުކުރަންވީ އުސޫލު
(އުސޫލު ނަންބަރު 2009-04)
(މި އުސޫލަށް އަމަލުކުރަން ފެށީ 19 އޭޕްރީލް 2009 ގައި)
މި އުސޫލު ވަނީ ގަވާއިދު ނަންބަރު 2026-35 ގެ 10 ވަނަ މާޢްދާއިން އުވާލެވިފައި)
ފަނޑިޔާރުކަމުގެ މަސްލަހަތާއި އަމިއްލަ މަސްލަހަތާއި ތައާރުޒުވާ ކަންކަމުގައި އަމަލުކުރާނެ އުސޫލެއް ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނުގެ 2008-10 21 ވަނަ މާއްދާގެ (ނ) ގެ 4 ގައި ވާފަދައިން މިކޮމިށަނުން ކަނޑައަޅަންޖެހޭތީ އެފަދަ ކަންކަމުގައި މެޖިސްޓްރޭޓުން އަމަލުކުރައްވާނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ކަމުގައި ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅައިފިއެވެ.
1 ވަނަ މާއްދާ - އަތޮޅު ތަކުގައި ތިބި މެޖިސްޓްރޭޓުން ބަލާ މައްސަލަތަކުގެ ތެރެއިން ތަނާޒުލްވާ މައްސަލަތައް ބެލުމަށް އެހެން މެޖިސްޓްރޭޓަކާއި ހަވާލުކުރާނީ އެ އަތޮޅެއްގެ އިސް މެޖިސްޓްރޭޓު ނުވަތަ އެ އަތޮޅެއްގައި ވެރިކަންކުރާ ރަށުގައި ހުރި ކޯޓަކުންނެވެ.
2 ވަނަ މާއްދާ - އިސް މެޖިސްޓްރޭޓް ނުވަތަ ވެރިކަން ކުރާ ރަށުކޯޓާއި ދާއިމީކޮށް ހަވާލުވެ ހުރި މެޖިސްޓްރޭޓް ބަލާ މައްސަލަތަކުގެ ތެރެއިން ތަނާޒުލްވާ މައްސަލަތައް ބެލުމަށް އެހެން މެޖިސްޓްރޭޓަކާއި ހަވާލުކުރަންވެއްޖެނަމަ، އެކަން ހަމަޖައްސާނީ މިކޮމިށަނުން ކަނޑައަޅާ ފަރާތަކުންނެވެ.
3 ވަނަ މާއްދާ - ތަނާޒުލްވާ މައްސަލަތައް ހަވާލުކުރާއިރު އަބަދުވެސް މައްސަލަ ހަވާލުކުރަންވާ އިތުރު މެޖިސްޓްރޭޓަރަކު ނެތް ކޯޓެއްނަމަ އެ ކޯޓަކާ އެންމެ ކައިރީގައިވާ ރަށެއްގެ ކޯޓުގައި ހުރި މެޖިސްޓްރޭޓާއެވެ.
4 ވަނަ މާއްދާ - ތަނާޒުލްވާ މައްސަލައެއް މެޖިސްޓްރޭޓަކާއި ހަވާލުކޮށްފިނަމަ އެކަން 48 ގަޑިއިރުގެ ތެރޭގައި މި ކޮމިށަނަށް އަންގަންވާނެއެވެ.
5 ވަނަ މާއްދާ - ތަނާޒުލްވާ މައްސަލަތަކުގެ ރިޕޯޓް ކޮންމެ މަހަކު އެއްފަހަރު މި ސަރކިއުލަރއާއި އެކުގައިވާ ފޯމުގެ ނަމޫނާއާއި އެއްގޮތަށް ފުރިހަމަކުރުމަށްފަހު ތަނާޒުލްވި މެޖިސްޓްރޭޓް ވަޒީފާ އަދާކުރާ ކޯޓަށް ކޮޕީކޮށް މި ކޮމިށަނަށް ފޮނުވަންވާނެއެވެ. ތަނާޒުލްވާ މައްސަލަތަކުގެ ރިޕޯރޓްގެ ނަމޫނާ މިސަރކިއުލަރގެ ޖަދުވަލު ގައި އެވަނީއެވެ.
6 ވަނަ މާއްދާ - މި ސަރކިއުލަރއަށް އަމަލުކުރަން ފަށާނީ 19 އޭޕްރީލް 2009 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ.
އުވި އުސޫލު
މައި ގާނޫނު
ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)
ކިޔުންތެރިންގެ ހިޔާލު