-

ދިވެހިރާއްޖެއަށް ފްލިކް ނައިފްއާއި ބަޓަފްލައި ނައިފް އެތެރެކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު  

(ގަވާއިދު ނަންބަރު 2025-86)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 އޮގަސްޓު 2025 ގައި)

(މި ގަވާއިދުގެ 13 ވަނަ މާޢްދާއިން ވަނީ ގަވާއިދު ނަންބަރު 2023-143 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ދިވެހިރާއްޖެއަށް ފްލިކް ނައިފްއާއި ބަޓަފްލައި ނައިފް އެތެރެކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2025-07 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގެ 40 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖެއަށް ފްލިކް ނައިފްއާއި ބަޓަފްލައި ނައިފް އެތެރެކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ފްލިކް ނައިފްއާއި ބަޓަފްލައި ނައިފް ރާއްޖެއަށް އެތެރެކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރުން.

(ށ) ފްލިކް ނައިފްއާއި ބަޓަފްލައި ނައިފް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުގެ ރިކޯޑާއި، އެ ތަކެތީގެ ރިކޯޑު ބެލެހެއްޓުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ފްލިކް ނައިފް

މި ގަވާއިދުގެ މަގުސަދަށް ޓަކައި "ފްލިކް ނައިފް" ކަމަށް ބުނެފައި އެވަނީ، ވަޅީގެ ތިލަ، ވަޅީގެ މުށްގަނޑުގެ ތެރެއަށް ލައްވައިލައިފައި ލައްޕައިލެވޭ ގޮތަށް ނުވަތަ މުށްގަނޑުގެ ތެރެއަށް ވަދެގެންދާ ގޮތަށް ހުރެފައި، ވަޅީގެ މުށްގަނޑުގައިވާ ގޮބަކަށް ނުވަތަ ތަނަކަށް ފިއްތައިލުމުން ނުވަތަ ދަމައިލުމުން އިސްފިރޭނެއްގެ އެހީގައި ވަޅީގެ ތިލަ ނުކުންނަ ގޮތަށް ހަދައިފައިވާ ކޮންމެ ވަޅިއަކަށެވެ. 

 

4 ވަނަ މާއްދާ - ބަޓަފްލައި ނައިފް

މި ގަވާއިދުގެ މަގުސަދަށް ޓަކައި "ބަޓަފްލައި ނައިފް" ކަމަށް ބުނެފައި އެވަނީ، ވަޅީގައި ދެ މުށްގަނޑެއް ހުރެފައި، އަދި ވަޅީގެ ތިލައިގެ ބުޑުގައިވާ ހުޅަކުން މި ދެ މުށްގަނޑު އެނބުރޭ ގޮތަށް ހުރެފައި، ވަޅީގެ މި ދެ މުށްގަނޑުގެ ތެރޭގައިވާ ޖާގައިގެ ތެރޭގައި ވަޅީގެ ތިލަ ފޮރުވޭގޮތަށް ހަދައިފައި ހުންނަ ކޮންމެ ވަޅިއަކަށެވެ.

 

5 ވަނަ މާއްދާ - ފްލިކް ނައިފްއާއި ބަޓަފްލައި ނައިފް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުރިން ހުއްދަ ނެގުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަކެތި ރާއްޖެއަށް އެތެރެކުރެވޭނީ މިނިސްޓްރީގެ ހުއްދަ، ލިޔުމުން ލިބިގެންނެވެ.

(ށ) މި ގަވާއިދުގެ ދަށުން މިނިސްޓްރީން ހުއްދަ ހޯދުމަށްފަހު ރާއްޖެ އެތެރެކުރާ އެއްޗެއް އެއީ އެހެން ގާނޫނެއްގެ ދަށުން ނުވަތަ އެހެން ގަވާއިދެއްގެ ދަށުން އިތުރު ހުއްދައެއް އެހެން ވުޒާރާއަކުން ނަގަންޖެހޭ ބާވަތެއްގެ އެއްޗެއް ނަމަ، މި ގަވާއިދުގެ ދަށުން ހުއްދަ ހޯދުމަކީ، އެހެން ގާނޫނެއްގެ ދަށުން ނުވަތަ އެހެން ގަވާއިދެއްގެ ދަށުން ނަގަންޖެހޭ ހުއްދައެއް ނެގުމުން އިސްތިސްނާވާ ކަމެއް ކަމަކަށް ބަލައިގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދައަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފޯމާ ގުޅިގެން މިނިސްޓްރީން ނިންމާ ގޮތެއް، އެ ފޯމު ހުށަހަޅާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ފޯމު ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ބ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، 18 (އަށާރަ) އަހަރުން ދަށުގެ އެއްވެސް ފަރާތަކަށް އެ މާއްދާގައި ބަޔާންކޮށްފައިވާ ތަކެތި ރާއްޖެ އެތެރެކުރުމަކަށް ހުއްދައެއް ނުދެވޭނެއެވެ.

 

6 ވަނަ މާއްދާ - އިދާރީ ފީ ނެގުން

މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ހުއްދައަށް އެދި ހުށަހަޅާ ފޯމާއެކު އިދާރީ ފީއެއްގެ ގޮތުގައި 1,000 (އެއްހާސް) ރުފިޔާ ދައްކަންވާނެއެވެ.

 

7 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް އެތެރެކުރާ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތުގެ އިޖުރާތު

(ހ) މި ގަވާއިދާ ހިލާފަށް، ހުއްދަ ހޯދުމެއް ނެތި، ފްލިކް ނައިފްއާއި ބަޓަފްލައި ނައިފް ދިވެހިރާއްޖެއަށް އެތެރެކޮށްފި ނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ އިހުތިޔާރ،ު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންވެއެވެ. މިގޮތުން ހިފަހައްޓާ ތަކެއްޗާމެދު އަމަލުކުރާނީ، ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ. 

(ށ) މި ގަވާއިދާ ހިލާފަށް، މިނިސްޓްރީގެ ހުއްދަ ނެތި ފްލިކް ނައިފް ނުވަތަ ބަޓަފްލައި ނައިފް ދިވެހިރާއްޖެއަށް އެތެރެކޮށްފި ނަމަ، އެ މައްސަލައެއް ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފޮނުވަންވާނެއެވެ.

(ނ) މި ގަވާއިދާ ހިލާފަށް، މިނިސްޓްރީގެ ހުއްދަ ނެތި އެތެރެކޮށްފައިވާ އެއްޗެއް ދިވެހި ފުލުހުންގެ ހިދުމަތަށް ފެނިއްޖެ ހާލަތެއްގައި އެ ފަރާތުގެ ބެލުމުގެ ދަށަށް ވަގުތުން ގެންދެވޭނެއެވެ.

 

8 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރުމަށް، މިނިސްޓްރީން ހުއްދަ ދޭން ނިންމާ ތަކެއްޗާއި އެ ތަކެތީގެ ވެރިފަރާތުގެ މައުލޫމާތ،ު މިނިސްޓްރީން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

9 ވަނަ މާއްދާ - މައުލޫމާތު ހިއްސާކުރުން

މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރުމަށް މިނިސްޓްރީން ހުއްދަ ދޭން ނިންމާ ތަކެއްޗާއި އެ ތަކެތީގެ ވެރިފަރާތުގެ މައުލޫމާތ،ު ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެ ހާލަތެއްގައި މިނިސްޓްރީން ހިއްސާކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ރާއްޖެ އެތެރެކުރާ ތަކެތި ބޭނުންކުރުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ހުއްދަ ހޯދައިގެން އެތެރެކުރާ ތަކެތި ބޭނުންކުރަންވާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ތައާރުޒު ނުވާގޮތަށް، އެ އެތެރެކުރި ބޭނުމަކަށެވެ. އަދި އެ އެތެރެކުރި ތަކެތި އެނޫން އެހެން ބޭނުމަކަށް ބޭނުންކޮށްގެން ނުވާނެއެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ހުއްދަދޭ ތަކެތި ބޭނުންކުރެވޭނީ، އެ ތަކެތި ރާއްޖެ އެތެރެކުރުމަށް ހުއްދަ ދެވޭ ފަރާތްތަކަށް އެކަންޏެވެ.

(ނ) މި ގަވާއިދުގެ ދަށުން މިނިސްޓްރީން ހުއްދަ ދީގެން ރާއްޖެއަށް އެތެރެކުރާ އެއްޗެއް ގެއްލިއްޖެ ނަމަ ނުވަތަ އެ އެއްޗެއް ވަގަށް ނަގައިފި ނަމަ، އެކަން ވަގުތުން 
މިނިސްޓްރީއަށް ރިޕޯޓުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި (ނ) އާ ހިލާފަށް އަމަލުކޮށްފިކަން މިނިސްޓްރީއަށް ކަށަވަރުކުރެވިއްޖެ ނަމަ، މިނިސްޓްރީން ހުއްދަ ދީގެން ރާއްޖެއަށް އެތެރެކުރާ އެއްޗެއް އެތެރެކުރުމަށް ދީފައިވާ ހުއްދަ އެ ހިނދުން ފެށިގެން ބާތިލުވާނެއެވެ. 

(ބ) މި މާއްދާގެ (ރ) ގެ ދަށުން ހުއްދަ ބާތިލުކުރާ ހާލަތުގައި، ހުއްދަ ބާތިލުކުރިކަން، ސަބަބާއެކު، ހުއްދަ ދިން ފަރާތަށް ލިޔުމުން މިނިސްޓްރީން އަންގަންވާނެއެވެ. (ޅ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތެއް ނިޔާވެއްޖެ ނަމަ، އެ ފަރާތަކަށް ދީފައިވާ ހުއްދަ އެ ހިނދުން ފެށިގެން ބާތިލުވީއެވެ.

 

11 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި މިވަނީ، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސަލާމަތާއި ރައްކައުތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-07 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެސްފައިވާ އެންމެހައި އިސްލާހުތައް ހިމެނޭ ގޮތުންނެވެ. 

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

13 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މިހައިތަނަށް އަމަލުކުރަމުންއައި ގަވާއިދު ނަންބަރު 2023-143 (ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު) އުވުނީއެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގެ ދަށުން ހުއްދަ ހޯދައިގެން އެތެރެކޮށްފައިވާ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަކެއްޗަށް، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އަލުން މި ގަވާއިދުގެ ދަށުން ހުއްދަ ހޯދަންވާނެއެވެ. އަދި ހުއްދައަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުންނެވެ.

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

ޖަދުވަލު 1

ގާނޫނު ނަންބަރު 2025-07 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން ފްލިކް ނައިފްއާއި ބަޓަފްލައި ނައިފް ދިވެހިރާއްޖެއަށް އެތެރެކުރުމު ގެ ހުއްދައަށް އެދޭ ފޯމު 

 

 

ޖަދުވަލު 2

ގަވާއިދު ނަންބަރު 2023-143 (ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު) ގެދަށުން އެތެރެކޮށްފައިވާ ފްލިކް ނައިފްއާއި ބަޓަފްލައި ނައިފް އަލުން ރަޖިސްޓަ ރީކުރުމަށް އެދޭ ފޯމު 

 

މައި ގާނޫނު

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2025-07)

 

އުވުނު ގަވާއިދު

ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދ (ގަވާއިދު ނަންބަރު 2023-143)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު