-

ފުލުހުންގެ ވަޒީފާގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-85) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-36)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 މާރިޗު 2024 ގައި)

 

ގަވާއިދު ނަންބަރު 2022-85 (ފުލުހުންގެ ވަޒީފާގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 67 ވަނަ މާއްދާ ގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އެލަވަންސްތައް އަންނަނިވިގޮތަށް އިސްލާހުކޮށް، (7) ވަނަ ނަންބަރު އުނިކުރުން.

މުވައްޒަފުންނަށް ދެވޭ އެލަވަންސްތައް 67.

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ފުލުހުންނަށް ލިބިދެވޭ އާންމުއެލަވަންސްތައް، ތިރީގައި ބަޔާންވެގެން މިވަނީއެވެ.

  1. މަގާމުގެ އެލަވަންސް؛ 
  2. ޕޮލިސް އެލަވަންސް ލެވެލް 1؛ 
  3. ޕޮލިސް އެލަވަންސް ލެވެލް 2؛ 
  4. ޕޮލިސް އެލަވަންސް ލެވެލް 3؛ 
  5. ޕޮލިސް އެލަވަންސް ލެވެލް 4؛ 
  6. ޕޮލިސް ސަރވިސް އެލަވަންސް.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 68 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަގާމުގެ އެލަވަންސް 68.

(ހ) މަގާމުގެ އެލަވަންސަކީ ނުވަތަ ޖޮބް އެލަވަންސަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ހިމެނޭ ފުލުހުންގެ މަގާމުތަކުގެ ތެރެއިން ކޮންމެ މަގާމަކަށް ކަނޑައެޅިފައިވާ އަސާސީ މުސާރައިގެ އިތުރުން ދާއިމީކޮށް އެ މަގާމަކަށް ދިނުމަށް ކަނޑައެޅިފައިވާ އެލަވަންސެކެވެ. އަދި މަގާމުގެ އެލަވަންސް ބެހިގެންވަނީ އަންނަނިވި ގިންތިތަކަށެވެ.

  1. އެއްވަނަ ހަރުފަތް؛ 
  2. ދެވަނަ ހަރުފަތް.

(ށ) ދައުލަތުގެ ޕޭ ފްރޭމްވަރކްގައި "މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވާ "މަގާމުގެ އެލަވަންސް" ގެ 1 ވަނަ ހަރުފަތުން 2 ވަނަ ހަރުފަތަށް ބަޔާންކޮށްފައިވާ ހަރުފަތްތައް ތަރުތީބު ކުރެވިފައިވާ ގޮތާއި އެ ހަރުފަތްތަކާ ގުޅިގެން ލިބޭނެ މަގާމުގެ އެލަވަންސްގެ މިންވަރު އެ ޕޭ ފްރޭމްވަރކާ އެއްގޮތްވާ ގޮތުގެމަތީން، މި ގަވާއިދުގެ 66 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހިމަނަންވާނެއެވެ.

(ނ) މަގާމުގެ އެލަވަންސްގެ ގޮތުގައި ކޮންމެ މަގާމަކަށް ލިބޭނެ މިންވަރު އެ މަގާމެއް ނިސްބަތްވާ ޖޮބް މެޓްރިކްސްއެއްގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ރ) މި އެލަވަންސް ދިނުމަށް ފަށާއިރު، ކޮންމެ މަގާމެއް ވެސް ފަށާނީ އެ މަގާމެއްގެ" މަގާމުގެ އެލަވަންސް" ގެ އެއްވަނަ ހަރުފަތުންނެވެ.

(ބ) މި ގަވާއިދުގެ ބޭނުމަށް، "ދައުލަތުގެ ޕޭ ފްރޭމްވަރކް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން އެކުލަވައިލައި އާންމުކޮށްފައިވާ ދައުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުތަކަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 69 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕޮލިސް އެލަވަންސ،ް ލެވެލް 1 69.

(ހ) ޕޮލިސް އެލަވަންސ،ް ލެވެލް 1 އަކީ، ދަންފަޅި ޑިއުޓީ އުސޫލުން ޑިއުޓީ އަދާކުރާ ފުލުހުންނަށް ދެވޭ އެލަވަންސެކެވެ. މި އެލަވަންސްގެ މިންވަރަކީ، މަހަކު 700 (ހަތްސަތޭކަ) ރުފިޔާއެވެ.

(ށ) ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އަހަރީ ޗުއްޓީ ފިޔަވައި، އެހެން އެއްވެސް ޗުއްޓީއެއްގައިވާ މުއްދަތުގައި މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސެއް ނުލިބޭނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސް ހަމަޖެހިފައި ނުވާ ދާއިރާއެއްގައި ނުވަތަ ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ ފުލުހަކު، ވަގުތީގޮތުން ދަންފަޅި ޑިއުޓީ އުސޫލުން މަސައްކަތަށް ނެރެފިނަމަ، އެގޮތުން މަސައްކަތަށް ނުކުންނަ ދުވަހަކަށް ޖެހޭ މިންވަރުން އޭނާ މަސައްކަތްކުރި މުއްދަތަށް، މި އެލަވަންސް ދޭންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 70 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕޮލިސް އެލަވަންސ،ް ލެވެލް 2 70.

(ހ) ޕޮލިސް އެލަވަންސ،ް ލެވެލް 2 އަކީ، ފްރަންޓްލައިންގެ ދާއިރާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން އަމަލީގޮތުން އެ މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތައް ސްޕަވައިޒު ކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތްތަކަށް ދެވޭ އެލަވަންސެކެވެ. މި އެލަވަންސްގެ މިންވަރަކީ، މަހަކު700 (ހަތްސަތޭކަ) ރުފިޔާއެވެ.

(ށ) ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އަހަރީ ޗުއްޓީ ފިޔަވައި، އެހެން އެއްވެސް ޗުއްޓީއެއްގައިވާ މުއްދަތުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސެއް ނުލިބޭނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސް ހަމަޖެހިފައި ނުވާ ދާއިރާއެއްގައި ނުވަތަ ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ ފުލުހަކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މަސައްކަތަކަށް ވަގުތީގޮތުން ނެރެފިނަމަ، އެގޮތުން މަސައްކަތަށް ނުކުންނަ ދުވަހަކަށް ޖެހޭ މިންވަރުން އޭނާ މަސައްކަތްކުރި މުއްދަތަށް، މި އެލަވަންސް ދޭންވާނެއެވެ.

 

5 ވަނަ މައްދާ - ބުނެވިދިޔަ ގަވާއިދުގެ 71 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕޮލިސް އެލަވަންސ،ް ލެވެލް 3 71.

(ހ) ޕޮލިސް އެލަވަންސ،ް ލެވެލް 3 އަކީ، ފްރަންޓްލައިންގެ ދާއިރާގައި އަމަލީގޮތުން މަސައްކަތްކުރާ ފުލުހުންގެ ތެރެއިން، ސީދާ ރައްޔިތުންނާ ބައްދަލުވެގެން ހިދުމަތް ފޯރުކޮށްދޭ ފުލުހުންނާއި، އެ މަސައްކަތްކުރާ ފުލުހުން ސުޕަވައިޒް ކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފުލުހުންނަށް ދެވޭ އެލަވަންސެކެވެ. މި އެލަވަންސްގެ މިންވަރަކީ، މަހަކު 1,000 (އެއްހާސް) ރުފިޔާއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސް ލިބޭ ފަރާތްތަކަށް ޕޮލިސް އެލަވަންސް ލެވެލް 2 ގެ ގޮތުގައި ބަޔާންކޮށްފައިވާ އެލަވަންސެއް ނުލިބޭނެއެވެ.

(ނ) ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އަހަރީ ޗުއްޓީ ފިޔަވައި، އެހެން އެއްވެސް ޗުއްޓީއެއްގައިވާ މުއްދަތުގައި މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސެއް ނުލިބޭނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސް ހަމަޖެހިފައި ނުވާ ދާއިރާއެއްގައި ނުވަތަ ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ ފުލުހަކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މަސައްކަތަކަށް ވަގުތީގޮތުން ނެރެފިނަމަ، އެގޮތުން މަސައްކަތަށް ނުކުންނަ ދުވަހަކަށް ޖެހޭ މިންވަރުން އޭނާ މަސައްކަތްކުރި މުއްދަތަށް މި އެލަވަންސް ދޭންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސް ލިބޭ ދާއިރާތަކުގެ ލިސްޓު، މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މުވައްޒަފުންގެ ކަންކަން ބަލަހައްޓާ އިދާރީ ބަހާއިން އެންމެހައި މުވައްޒަފުންނަށް އެންގުމަށް ޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުގެ އެތެރޭގައި އާންމުކުރަންވާނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 72 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕޮލިސް އެލަވަންސ،ް ލެވެލް 4 72.

(ހ) ޕޮލިސް އެލަވަންސ،ް ލެވެލް 4 އަކީ، ފްރަންޓްލައިންގެ ހާއްސަ ދާއިރާތަކުގައި މަސައްކަތްކުރާ ފުލުހުންނަށް ދެވޭ އެލަވަންސެކެވެ. މި އެލަވަންސްގެ މިންވަރަކީ، މަހަކު 1500 (އެއްހާސް ފަސްސަތޭކަ)  ރުފިޔާއެވެ.

(ށ) ޕޮލިސް އެލަވަންސ،ް ލެވެލް 4 ގެ އެލަވަންސް ހަމަޖެހިފައި ނުވާ ދާއިރާއެއްގައި ނުވަތަ ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ ފުލުހަކު،ޕޮލިސް އެލަވަންސް ލެވެލް 4 ލިބޭ ދާއިރާއެއްގެ މަސައްކަތަށް ނުކުންނަނަމަ، ދުވަހަކަށް ޖެހޭ މިންވަރުން އޭނާ މަސައްކަތްކުރި މުއްދަތަށް މި އެލަވަންސް ދޭންވާނެއެވެ.

(ނ) ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އަހަރީ ޗުއްޓީ ފިޔަވައި، އެހެން އެއްވެސް ޗުއްޓީއެއްގައިވާ މުއްދަތުގައި މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސެއް ނުލިބޭނެއެވެ.

(ރ) ޕޮލިސް އެލަވަންސް ލެވެލް 4 ގެ މަސައްކަތްކުރާ ފުލުހުންގެ ތެރެއިން އަމަލީގޮތުން އެ މަސައްކަތްކުރާ ފަރާތްތައް ކަމުގައި ބެލެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާއެއްގައި މަސައްކަތްކުރުމާއެކު، ހިދުމަތް ދިނުމުގައި ސީދާގޮތުން ރައްޔިތުންނާ ގާތުން ބައްދަލުވ،ެ އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތްތަކެވެ. އޭގެ ތެރޭގައި، އެ ދާއިރާތަކުގެ އިދާރީ މަސައްކަތްކުރާ ފަރާތްތަކެއް ނުހިމެނެއެވެ.

(ބ) ޕޮލިސް އެލަވަންސް ލެވެލް 4 ދެވޭނެ ދާއިރާތަކުގެ ލިސްޓު، މި ގަވާއިދުގެ 67 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލާ އުސޫލާއެކު އާންމުކުރަންވާނެވެ.

(ޅ) ޕޮލިސް އެލަވަންސް ލެވަލް 4 ލިބޭ ފުލުހުންނަށް ޕޮލިސް އެލަވަންސް ލެވަލް 2 ނުވަތަ / އަދި ޕޮލިސް އެލަވަންސް ލެވަލް 3 ނުލިބޭނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 73 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕޮލިސް ސަރވިސް އެލަވަންސް 73.

(ހ) ޕޮލިސް ސަރވިސް އެލަވަންސަކީ ފުލުހަކު، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި މެދުނުކެނޑި ދެމިހުންނަތާ 1 (އެކެއް) އަހަރުދުވަސް ހަމަވުމުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަހަކު އެއްފަރު ދެވޭ އެލަވަންސެކެވެ.

  1. ހިދުމަތުގެ މުއްދަތަށް 1 )އެކެއް( އަހަރު ފުރި، 4 )ހަތަރެއް( ވަނަ އަހަރުގެ ނިޔަލަށް، ކޮންމެ މަހަކު 250 (ދުއިސައްތަ ފަންސާސް) ރުފިޔާ؛ 
  2. ހިދުމަތުގެ މުއްދަތު 5 (ފަހެއް) އަހަރާއި 10 (ދިހައެއް) އަހަރާ ދެމެދު، ކޮންމެ މަހަކު 1,000 (އެއްހާސް) ރުފިޔާ؛ 
  3. ހިދުމަތުގެ މުއްދަތު 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދު، ކޮންމެ މަހަކު 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ؛ 
  4. ހިދުމަތުގެ މުއްދަތު 15 (ފަނަރަ) އަހަރާއި 20 (ވިހި) އަހަރާ ދެމެދު، ކޮންމެ މަހަކު 2,000 (ދެހާސް) ރުފިޔާ.
  5. ހިދުމަތުގެ މުއްދަތު 20 (ވިހި) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދު، ކޮންމެ މަހަކު 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާ؛
  6. ހިދުމަތުގެ މުއްދަތު 25 (ފަންސަވީސް) ވަނަ އަހަރުން ފެށިގެން، ކޮންމެ މަހަކު 3,000 (ތިންހާސް) ރުފިޔާ.

(ށ) މި މާއްދާގެ ބޭނުމަށް ޓަކައި ހިދުމަތުގެ މުއްދަތު ގުނަންވާނީ، މުސާރަ ނުލިބޭ ޗުއްޓީގައި ހުންނަ ދުވަސްތަކާއި، ވަޒީފާއަށް ހާޒިރުނުވާ ދުވަސްތައް ނުހިމަނައެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، "ވަޒީފާއަށް ހާޒިރުނުވާ ދުވަސް" ކަމަށްބުނެފައި އެވަނީ، މުވައްޒަފަކު އޭނާގެ ރަސްމީ ޑިއުޓީއަށް ނުވަތަ ރަސްމީ މަސައްކަތަށް، އޮފީހަށް ހާޒިރުވާންޖެހޭނެކަމަށް ކަނޑައަޅައިފައިވާދުވަސްތަކުގެ ތެރެއިން އޮފީހަށް ނުވަތަ ޑިއުޓީއަށް ނުކުމެ ވަޒީފާއަށް
ހާޒިރުވިކަން ރިކޯޑުކޮށްފައި ނުވާ ދުވަސްތަކާއި، ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ވަޒީފާއަށް ސަލާމް ބުނުމުން ސަލާމް ބަލައިނުގަތުމަށް ނިންމައިފައިވާ ދުވަސްތަކަށެވެ. މީގެ ތެރޭގައި، ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުވައްޒަފު ސަލާމް ބުނެފައިވާ ދުވަސްތަކާއި ޗުއްޓީއެއްގައި ހުންނަ ދުވަސްތަކެއް ނުހިމެނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 74 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އުނިކުރުން.

 

9 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، މުސާރައާއި އެލަވަންސް ދޭ ފުރަތަމަ މަހުން ފެށިގެން، ދިވެހި ފުލުހުންގެ  ހިދުމަތުގައި ވަޒީފާ އަދާކުރާ ފުލުހުންނަށް އެލަވަންސް ދިނުމުގައި އަމަލުކުރާނީ، މި ގަވާއިދުގައި އެ އެލަވަންސަކާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފުލުހުންގެ ވަޒީފާގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-85)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފުލުހުންގެ ވަޒީފާގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-85)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު