-

ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-50)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 1969-78 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގެ (17) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައް ދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، އެ އިރެއްގައި ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށްހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާ އަކުންނެވެ.

 

3 ވަނަ މާއްދާ - އިސްތިސްނާ ކުރެވޭ ފަރާތްތައް

(ހ) ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ބޭނުންތަކަށް ދުއްވާ އުޅަނދުތައް ދުއްވުމަށް މި ގަވާއިދުގެ ދަށުން ލައިސަންސް ނެގުމުން އިސްތިސްނާ ވާނެއެވެ.

(ށ) އިންޓަރނޭށަނަލް ކޮންވެންށަން އޮން ސްޓޭންޑަރޑްސް އޮފް ޓްރޭނިންގ، ސެޓްފިކޭށަން އެންޑް ވޮޗްކީޕިންގ ފޮރ ސީފެއަރާސް (އެސް.ޓީ.ސީ.ޑަބްލިއު) މުއާހަދާގެ ދަށުން ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (ސީ.އޯ.ސީ. – ޑެކް) ލިބިފައިވާ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުރުކުރާ އާގުބޯޓުފަހަރުގައި ނުވަތަ އެހެން ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ އާގުބޯޓުފަހަރުގައި، އެ ލައިސަންސް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދާއިރު މި ގަވާއިދުން އިސްތިސްނާ ވާނެއެވެ.

 

4 ވަނަ މާއްދާ - ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުން

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ 24 ވަނަ މާއްދާގައި ލާޒިމްކޮށްފައިވާ ސަނަދާއި ލައިސަންސަށް ބޭނުންވާ ތަމްރީނުތައް ހަދަންވާނީ،މިނިސްޓްރީން ހުއްދަ ދީފައިވާ ތަމްރީނު ދޭ މަރުކަޒުތަކުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ހޯދުމަށް ޓަކައި ދުއްވުމުގެ އިމްތިހާނު ހަދަންވާނީ، މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކުން ނުވަތަ ތަނަކުންނެވެ.

 

5 ވަނަ މާއްދާ - ވަގުތީ ލައިސަންސް

(ހ) މިނިސްޓްރީން ގަބޫލުކުރާ، ރާއްޖެއިން ބޭރުގެ ފަރާތަކުން ދޫކޮށްފައިވާ ލައިސަންސެއްގެ މައްޗަށް ބިނާކޮށް، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން،ރާއްޖޭގެ ސަރަހައްދުގައި ދުއްވުމުގެ ވަގުތީ ލައިސަންސް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިއަކަށް ދޫކުރެވިދާނެއެވެ.

(ށ) ވަގުތީ ލައިސަންސް ހޯދުމަށް ، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

  1. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސަށް އެދޭ އެދޭ ފޯމު؛
  2. ލައިސަންސަށް އެދޭ ފަރާތުގެ ޕާސްޕޯޓް ސައިޒުގެ 2 (ދޭއް) ފޮޓޯ (ފޮޓޯ ނެގިތާ 3 މަސްދުވަސް ހަމަނުވާ 2 ފޮޓޯ)؛
  3. ރައްޖެއިން ބޭރުން ދޫކޮށްފައިވާ ލައިސަންސްގެ ކޮޕީއާއި، އިނގިރޭސިބަހުން ނޫން ބަހަކުން އޮތް ލައިސަންސެއްނަމަ އެޓެސްޓް ކޮށްފައިވާ އިނގިރޭސި ޓްރާންސްލޭށަން (މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއިން ގަބޫލުކުރާ ބޭރުގައުމުތަކުގެ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރާ ގައުމުތަކުގެ ލިސްޓެއް އާންމުކޮށް އިއުލާނު ކުރަން ވާނެއެވެ.)
  4. މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ފީ.

(ނ) ވަގުތީ ލައިސަންސް ދޫކުރާނީ، ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރުގައި ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް، އެ ފަރާތަށް ދޫކޮށްފައިވާ ރާއްޖެއިން ބޭރުގެ ލައިސަންސަށް ބިނާކޮށެވެ.

(ރ) ވަގުތީ ލައިސަންސްގެ މުއްދަތަކީ ، އެ ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހެވެ.

(ބ) މި މާއްދާގެ ދަށުން ދޫކުރާ ވަގުތީ ލައިސަންސް ބޭނުންކޮށްގެން ދުއްވޭނީ،ރާއްޖެއިން ބޭރުން އަންނަ އެ ކެޕްޓަނެއްގެ ބެލުމުގެ ދަށުން އޮޕަރޭޓްކުރާ އުޅަނދުފަހަރާއި، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކޯޑު 06" އަ މިއްލަ އުފަލަށް ބޭނުންކުރާ އުޅަނދުފަހަރު" އާއި، ކޯޑު 05" މޫދު ކުޅިވަރުގައި ބޭނުންކުރާ އުޅަނދުފަހަރު" އެވެ.

 

6 ވަނަ މާއްދާ - ކަނޑުގައި ދުއްވާ އުޅަނދުފަހަރު، ލައިސަންސް ނެތި ދުއްވުން

(ހ) މުއްދަތު ހަމަނުވާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެތި،ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މުއްދަތު ހަމަނުވާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް ނެއްވެއް ނުވަތަ މުއްދަތު ހަމަނުވާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް ޑުރައިވަރެއްގެ ބެލުމުގެ ދަށުން، އަތޮޅު ދުނިން ފެށިގެން 1 (އެކެއް) މޭލު ބޭރުން އެ އުޅަނދެއް ދުއްވުމަށް ޓަކައި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެތް ދިވެހި ރައްޔިތަކަށް އެ އުޅަނދެއްގެ ހުންގާނު ހިފުމަށް މި މާއްދާ ހުރަހެއް ނާޅައެވެ. އަދި މިގޮތަށް ދުއްވާ ވަގުތުގައި ދިމާވާ އެންމެހައި ކަންކަމުގައި ޒިންމާ އުފުލާނީ، އެ އުޅަނދުގެ ނެވިމީހާ ނުވަތަ ޑުރައިވަރެވެ.

(ނ) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ އިމްތިހާނު ދިނުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ އެގްޒަމިނަރެއްގެ ބެލުމުގެ ދަށުން ދުއްވުމުގެ އިމްތިހާނު ހެދުމަށް ޓަކައި، އިމްތިހާނު ހަދާ ފަރާތުން، އިމްތިހާނު ހަދާ ވަގުތުގައި ދުއްވުމަކީ ހުއްދަ ކަމެކެވެ. އަދި މިގޮތަށް ދުއްވާ ވަގުތުގައި ދިމާވާ އެންމެހައި ކަންކަމުގައި ޒިންމާ އުފުލާނީ،އިމްތިހާނު ހަދާ ފަރާތުންނެވެ.

(ރ) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ގެއްލިގެން ނުވަތަ ހަލާކުވެގެން ނުވަތަ މުއްދަތު ހަމަވުމަށްފަހު، އެ ލައިސަންސް އައުނުކޮށް ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ދުއްވުމަކީ މަނާ ކަމެކެވެ. ނަމަވެސް ދަތުރެއްގެ މަތީގައި ވަނިކޮށް އެ އުޅަނދުގެ ކެޕްޓަނުގެ ނުވަތަ ފަޅުވެރިއެއްގެ ލައިސަންސްގެ މުއްދަތު ހަމަވުމުން، އެ އުޅަނދެއް ދަތުރުކުރަމުންދިޔަ ބަނދަރަކާ ހަމަޔަށް ދެވެންދެން އެ ލައިސަންސެއްގައި ދަތުރުކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ - ކަނޑުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އުސޫލުތައް

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހޯދުމަށް އެދި މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ހުއްދަދީފައިވާ ފަރާތަކަށް ހުށަހެޅޭނީ،މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ މީހުންނަށެވެ.

(ށ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހޯދުމަށް ނުވަތަ ލައިސަންސާ ގުޅޭގޮތުން ހިދުމަތް ހޯދުމަށް ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު މިނިސްޓްރީއަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ހުށަހަޅަން ވާނެއެވެ.

  1. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސަށް އެދޭ ފޯމު؛
  2. ލައިސަންސަށް އެދޭ ފަރާތުގެ ޕާސްޕޯޓް ސައިޒުގެ 2 (ދޭއް) ފޮޓޯ (ނެގިފަހުން 3 މަސްދުވަސް ހަމަނުވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯ)؛
  3. ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ 24 ވަނަ މާއްދާގައި ލާޒިމުކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ މި މާއްދާގެ (ބ) އާއި، (ޅ) އާއި، (ކ) ގައި ބަޔާންކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ؛
  4. ލައިސަންސަށް އެދޭ ފަރާތުގެ މެޑިކަލް ސެޓުފިކެޓު (މެޑިކަލް ސެޓުފިކެޓަކީ،އެ ސެޓުފިކެޓު ހެދި ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަސް ހަމަނުވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.)؛
  5. މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ފީ؛
  6. ދުއްވުމުގެ އިމްތިހާނު ހަދަންޖެހޭ ފަރާތްތަކުން އެ އިމްތިހާނުން ފާސްވެފައިވާކަމުގެ ލިޔުން؛
  7. ބިދޭސީއެއްނަމަ، މުއްދަތު ހަމަނުވާ ސައްހަ ވިސާއެއް އޮތްކަން އަންގައިދޭ ލިޔުން.

(ނ) ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ލައިސަންސް ހޯދުމަށް އެދި، "ލޯކަލް އުޅަނދު ދުއްވުމުގެ ލައިސަންސަށް އެދޭ ފޯމު" ހުށަހަޅާއިރު، ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި އުޅަނދެއް ދުއްވުމާ ގުޅޭ ޖިނާއީ ކުށުގެ ރިކޯޑެއް އޮތް ފަރާތެއް ނޫންކަން އަންގައިދޭ ލިޔުމެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.

(ރ) މިނިސްޓްރީން ކަނޑައަޅާ ފޯމު ހުށަހެޅުމުން، މިނިސްޓްރީން ކަނޑައަޅައިފައިވާ ކަންތައްތައް ފުރިހަމަވެފައިވާނަމަ، އެ ފަރާތަކަށް 5 (ފަހެއް) ދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރެވޭނެއެވެ.

(ބ) އިންޓަރނޭށަނަލް ކޮންވެންށަން އޮން ސްޓޭންޑަރޑްސް އޮފް ޓްރޭނިންގ، ސެޓްފިކޭށަން އެންޑް ވޮޗްކީޕިންގ ފޮރ ސީފެއަރާސް (އެސް.ޓީ.ސީ.ޑަބްލިއު 78) މުއާހަދާގެ ދަށުން ހޯދައިފައިވާ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (ސީ.އޯ.ސީ. – ޑެކް) ލިބިފައިވާ ފަރާތްތަކުން، ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ 24 ވަނަ މާއްދާގައި ލާޒިމުކޮށްފައިވާ ކެޕްޓަނާއި ފަޅުވެރިންގެ ސެޓު ފިކެޓުތައް ހޯދުމުގެ ތަމްރީނުތައް ހޯދާކަށް ނުޖެހޭނެއެވެ.

(ޅ) އިންޓަރނޭށަނަލް ކޮންވެންށަން އޮން ސްޓޭންޑަރޑްސް އޮފް ޓްރޭނިންގ،ސެޓްފިކޭށަން އެންޑް ވޮޗްކީޕިންގ ފޮރ ސީފެއަރާސް )އެސް.ޓީ.ސީ.ޑަބްލިއު 78 )މުއާހަދާގެ ދަށުން ހޯދައިފައިވާ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (ސީ.އޯ.ސީ – އިންޖިން) ނުވަތަ ރޭޓިންގްސް ފޯމިންގ ޕާޓް އޮފް އޭން އިންޖިން ރޫމް ވޮޗް ލިބިފައިވާ ފަރާތްތަކުން، ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ 24 ވަނަ މާއްދާގައި ލާޒިމުކޮށްފައިވާ މެރިން މެކޭނިކުންގެ ތަމްރީނުތައް ހަދާކަށް ނުޖެހޭނެއެވެ.

(ކ) އިންޓަރނޭށަނަލް ކޮންވެންށަން އޮން ސްޓޭންޑަރޑްސް އޮފް ޓްރޭނިންގ، ސެޓްފިކޭށަން އެންޑް ވޮޗްކީޕިންގ ފޮރ ސީފެއަރާސް (އެސް.ޓީ.ސީ.ޑަބްލިއު) މުއާހަދާގެ ދަށުން ހޯދައިފައިވާ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (ސީ.އޯ.ސީ – ޑެކް) އޮންނަ ފަރާތަކުން، ކަނޑުގައި ދުއްވާ އުޅަނދު ދުއްވުމުގެ އިމްތިހާނުން ފާސްވުމުން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އެ ފަރާތްތަކަށް ދޫކުރަންވާނެއެވެ.

(އ) ގާނޫނު ނަންބަރު 1969-78 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) އާއި، އެ ގާނޫނުން ބާރު ލިބިގެން ހަދައިފައިވާ އެއްވެސް ގަވާއިދަކާ ހިލާފުވެގެން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް އޮވެއްޖެނަމަ، މި ގަވާއިދުގެ ދަށުން ދޫކުރެވޭ އެއްވެސް ލައިސަންސެއް ދޫކުރެވޭނީ ނުވަތަ އައުކޮށް ދެވޭނީ، އެ ޖޫރިމަނާއެއްގެ ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ނުވަތަ މިނިސްޓްރީއަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ދެއްކުމުންނެވެ.

(ވ) ބިދޭސީންނަށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސަށް އެދި ހުށަހެޅޭނީ، އެ ފަރާތަކީ ދިވެހިރާއްޖޭގައި ވޯޓަރ ސްޕޯޓްސް މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ފަރާތެއް ކަމުގައި ބަޔާންކޮށް ދޫކޮށްފައިވާ ވޯޓަރ ސްޕޯޓްސްއާ ގުޅޭ ޕްރޮފަށަނަލް ގިންތީގެ ވާރކް ޕާމިޓް ނުވަތަ ވާރކް ވިޒާ ނުވަތަ ރެސިޑެންސް ވިސާގެ އަސްލާއި ކޮޕީ ހުށަހެޅުމުންނެވެ. މިފަދަ ފަރާތްތަކުން ލައިސަންސް ހޯދުމަށް އެދި ހުށަހަޅަންވާނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. ބިދޭސީން ލައިސަންސަށް އެދި ހުށަހަޅަން ޖެހޭނީ، މިނިސްޓްރީއަށެވެ.

(މ) ބިދޭސީންނަށް ދޫކުރާ ލައިސަންސްގެ މުއްދަތަކީ، އެ ފަރާތަކަށް ދޫކޮށްފައިވާ ވިޒާގެ މުއްދަތެވެ. ވިޒާގެ މުއްދަތު 10 (ދިހައެއް) އަހަރަށްވުރެ ދިގު ނަމަ، އެ ލައިސަންސްގެ މުއްދަތަކީ، ގިނަވެގެން 10 (ދިހައެއް) އަހަރުދުވަހެވެ.

 

8 ވަނަ މާއްދާ - ބިދޭސީ ލައިސަންސަށް ބިނާކޮށް ރާއްޖޭގެ ލައިސަންސް ދުކުރުން

(ހ) ބިދޭސީ ލައިސަންސަށް ބިނާކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު، ބިދޭސީ ލައިސަންސްގެ އަސްލާއި ކޮޕީގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

  1. މުއްދަތު ހަމަނުވާ ސައްހަ ވޯކް ވިސާއެއް އޮތްކަން އަންގައިދޭ ލިއުން؛
  2. ހިދުމަތަށް އެދޭ ފަރާތުގެ ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ (ފޮޓޯ ނެގިތާ 3 މަސްދުވަސް ނުވާ 2 ފޮޓޯ)؛
  3. ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ 24 ވަނަ މާއްދާގައި ލާޒިމުކޮށްފައިވާ މިނިސްޓްރީން ގަބޫލުކުރާ ސަނަދާ އެއްވަރުގެ ބޭރުގެ ލައިސަންގެ އަސްލާއި ކޮޕީ؛
  4. ހިދުމަތަށް އެދޭ ފަރާތުގެ މެޑިކަލް ސެޓުފިކެޓު (މެޑިކަލް ސެޓުފިކެޓަކީ އެ ސެޓުފިކެޓު ހެދި ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަސް ހަމަނުވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.)؛
  5. ދިވެހި ފުލުހުންގެ ހިދުމަތުން ދޫކޮށްފައިވާ ކުށުގެ ރިކޯޑު ސާފުކަން އަންގައިދޭ ލިޔުން؛
  6. ދިވެއްސަކު ނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ކޮޕީ؛
  7. ދުއްވުމުގެ އިމްތިހާނުން ފާސްވެފައިވާކަމުގެ ލިޔުން.

(ށ) ބިދޭސީ ލައިސަންސަށް ބިނާކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރާނީ، ބިދޭސީ ލައިސަންސަކީ ސައްހަ ލައިސަންސެއްކަން އެނގޭނެ، އެ ލައިސަންސް ދޫކުރި ގައުމުގެ ސަރުކާރުގެ ރަސްމީ ލިއުމެއްގެ އަސްލު ހުށަހެޅުމުންނެވެ. ނުވަތަ އެ ލައިސަން ސަކީ ސައްހަ ލައިސަންސެއްކަން، އެ ލައިސަންސެއް ދޫކުރި ގައުމުގެ މުއައްސަސާގެ ވެބްސައިޓުން އެނގެން އޮތްނަމަ އެވެ.

(ނ) ބިދޭސީ ލައިސަންސަށް ބިނާކޮށް ރާއްޖޭގެ ލައިސަންސް ދޫކުރެވޭނީ، އެ ފަރާތަކުން ދުއްވަން ބޭނުންވާ ކެޓަގަރީއެއްގެ އުޅަނދެއްގެ ދުއްވުމުގެ އިމްތިހާނު ހަދައި، އެ އިމްތިހާނަކުން ފާސްވުމުންނެވެ.

 

9 ވަނަ މާއްދާ - ކަނޑުގައި ދުއްވާ އުޅަނދުފަހަރު، ނިޔަމިކަމުގެ ސަނަދު ނެތި ދުއްވުން

(ހ) ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޓު ކެޕްޓަނުންނަކީ އެ އުޅަނދެއްގެ ޓަނޭޖަށްވުރެ ދަށް ނޫން ޓަނޭޖް އެންޑޯޒްކޮށްފައިވާ ނިޔަމިކަމުގެ ސަނަދު އެ އުޅަނދެއް ދުއްވާމީހުންގެ އަތުގައި އޮންނަ މީހުންނަށް ވާންވާނެއެވެ. މި ސަނަދު، ސަރުކާރުގެ އިދާރާއެއްގެ ކަމާބެހޭ އޮފިސަރުން ބަލަން ބޭނުންވެއްޖެ ހާލަތެއްގައި ދެއްކޭނެ ގޮތަށް، އުޅަނދު ދުއްވާ ފަރާތުގެ އަތުގައި ނުވަތަ އުޅަނދުގައި އަބަދުވެސް އޮންނަންވާނެއެވެ. އަދި ޓަނޭޖު އެންޑޯޒްކޮށްފައިވާ ނިޔަމިކަމުގެ ސަނަދު ނެތި، ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ ޖަދުވަލު 9 ގައި ބަޔާންކޮށްފައިވާ "އޭ" ކެޓަގަރީގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ މަނާކަމެކެވެ.

(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ތެރެއިން،ތިރީގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވަންވާނީ، އެ އުޅަނދެއްގެ ޓަނޭޖަށްވުރެ ދަށްނޫން ޓަނޭޖް އެންޑޯޒްކޮށްފައިވާ ނިޔަމިކަމުގެ ސަނަދުއޮތް ނެއްވެއްގެ ބެލުމުގެ ދަށުންނެވެ.

  1. ކޯޑު 8 :ތެޔޮ އުފުލާ އުޅަނދުފަހަރު؛
  2. ކޯޑު 10 :ސަފާރީކުރުމަށް ބޭނުންކުރާ އުޅަނދުފަހަރު؛
  3. ކޯޑު 11 :ޓަގުބޯޓުފަހަރު؛
  4. ކޯޑު 16 :ކޮޅުވެއްޓި؛
  5. ސައިންޓިފިކް ރިސާޗަށް ބޭނުންކުރާ އުޅަނދު.

 

10 ވަނަ މާއްދާ - ނިޔަމިކަމުގެ ސަނަދުގައި ޓަނޭޖު އެންޑޯޒްކުރުން

(ހ) ނިޔަމިކަމުގެ ސަނަދުގައި ޓަނޭޖު އެންޑޯޒްކޮށްދެވޭނީ، ޓަނޭޖް އެންޑޯޒް ކުރުމަށް ޓަކައި ހިދުމަތަށް އެދޭ ފޯމު ފުރިހަމަކޮށް، ތިރީގައި ބަޔާންކޮށްފައިވާ ތަކެތި އެ ފޯމާއެކު މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

  1. މުއްދަތު ހަމަނުވާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް )އެތެރޭގައި އިންޖީނުއެޅި (އިންބޯޑު) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށް ވުން(؛
  2. 1 (އެކެއް) އަހަރުދުވަސް ވަންދެން ކަނޑުމަތީގައި ނެއް ވެއްގެ އެހީތެރިއެއްގެ ގޮތުގައި އުޅެފައިވާކަން އަންގައިދިނުމުގެ ގޮތުން އެ އުޅަނދުގެ ވެރިފަރާތުން ނުވަތަ ނެވިމީހާ ދޫކޮށްފައިވާ ލިޔުމާއި، ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ ނުވަތަ ވަޒީފާގައި އުޅެފައިވާކަން އަންގައިދިނުމުގެ ގޮތުން ދޫކޮށްފައިވާ ލިޔުން؛
  3. އެ އުޅަނދުގެ ނެއްވެއްގެ ގޮތުގައި ހުރި ނެވިމީހާގެ އެންޑޯޒްކޮށްފައިވާ ނިޔަމިކަމުގެ ސަނަދުގެ ކޮޕީ؛
  4. 1 (އެކެއް) އަހަރުދުވަސް ވަންދެން ކަނޑުމަތީގައި ނެއްވެއްގެ އެހީތެރިއެއްގެ މަސައްކަތުގައި އުޅެފައިވާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ؛
  5. ހިދުމަތަށް އެދޭ ފަރާތުގެ މެޑިކަލް ސެޓުފިކެޓު )މެޑިކަލް ސެޓުފިކެޓަކީ އެ ސެޓުފިކެޓު ހެދި ތާރީހުން ފެށިގެން 2( ދޭއް( އަހަރުދުވަސް ހަމަނުވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.(

(ށ) އިންޓަރނޭށަނަލް ކޮންވެންށަން އޮން ސްޓޭންޑަރޑްސް އޮފް ޓްރޭނިންގ، ސެޓްފިކޭށަން އެންޑް ވޮޗްކީޕިންގ ފޮރ ސީފެއަރާސް (އެސް.ޓީ.ސީ.ޑަބްލިއު 78) މުއާހަދާގެ ދަށުން ހޯދައިފައިވާ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (ސީ.އޯ.ސީ – ޑެކް) އޮންނަ ފަރާތަކަށް، އެ ފަރާތުގެ ސީ.އޯ.ސީ. އާއި މެޑިކަލް ސެޓުފިކެޓު ހުށަހެޅުމުން ޓަނޭޖް އެންޑޯޒް ކޮށްދެވޭނެއެވެ.

(ނ) ނިޔަމިކަމުގެ ސަނަދުގައި ޓަނޭޖު އެންޑޯޒްކޮށްދެވޭނީ، އެ ޓަނޭޖް އެންޑޯޒްކޮށްދެވޭ ކެޓަގަރީއެއްގެ އުޅަނދެއްގައި ނެއްވެއްގެ އެހީތެރިއެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަސް ވަންދެން ކަނޑުމަތީގައި ނެއްވެއްގެ އެހީތެރިއެއްގެ ގޮތުގައި އުޅެފައިވާކަން އަންގައިދިނުމުގެ ގޮތުން އެ އުޅަނދުގެ ވެރިފަރާތުން ނުވަތަ ނެވިމީހާ ދޫކޮށްފައިވާ ލިޔުމާއި، ވަޒީފާގެ އެއްބަސްވުމުގެ ކޮޕީއެއް ހުށަހެޅުމުންނެވެ. އަދި މި މުއްދަތުގައި އެ މީހަކު ނެ އްވެއްގެ އެހީތެރިއެއްގެ މަސައްކަތުގައި އުޅެފައިވާ އުޅަނދުގެ ކެޓަގަރީން އެ މީހަކަށް ދޫކޮށްފައިވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގައި އެންޑޯޒްކޮށްފައި އޮންނަން ޖެހޭނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ނެއްވެއްގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް، އުޅަނދުގެ ނެވިމީހާ ނުވަތަ އުޅަނދުގެ ވެރިފަރާތުން، މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި، އެ ފަރާތަކީ ނެއްވެއްގެ އެހީތެރިއެއްގެ ގޮތުގައި އުޅަފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން، އެ ފަރާތަކުން އެދިއްޖެ ހިނދެއްގައި ދޭންވާނެއެވެ.

(ބ) އިންޓަރނޭށަނަލް ކޮންވެންށަން އޮން ސްޓޭންޑަރޑްސް އޮފް ޓްރޭނިންގ، ސެޓްފިކޭށަން އެންޑް ވޮޗްކީޕިންގ ފޮރ ސީފެއަރާސް (އެސް.ޓީ.ސީ.ޑަބްލިއު 78) މުއާހަދާގެ ދަށުން ހޯދައިފައިވާ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (ސީ.އޯ.ސީ – ޑެކް) އޮންނަ ފަރާތްތަކަށް ނެވިމީހެއްގެ އެހީތެރިއެއްގެ ވަޒީފާގައި ނޫޅުނުކަމުގައިވިޔަސް ޓަނޭޖް އެންޑޯޒް ކޮށްދެވިދާނެއެވެ.

(ޅ) މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑް ނުވަތަ ނޭވީ މަނަވަރެއްގެ ބްރިޖް ވޮޗްކީޕިންގ ސެޓްފިކެޓް )ނެވިގޭށަން ވޮޗް( އޮފިސަރެއްގެ ވަޒީފާގައި ސެޓުފިކެޓު އޮވެގެން ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކަށް އެ ފަރާތެއްގެ ކަނޑުމަތީގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާކަން ބަޔާންކޮށްދޭ ކޯސްޓްގާޑުގެ ލިއުމެއް ހުށަހެޅުމުން، ނިޔަމިކަމުގެ ސަނަދުގައި ޓަނޭޖް އެންޑޯޒް ކޮށްދެވިދާނެއެވެ. މިގޮތުން އެންޑޯޒްކޮށްދެވޭނީ 500 (ފަސްސަތޭކަ) ގްރޮސް ޓަނަށްވުރެ ދަށުގެ ކެޓަގަރީގައެވެ.

(ކ) ނިޔަމިކަމުގެ ސެޓުފިކެޓަށް ޓަނޭޖް އެންޑޯޒްމަންޓެއް ލިބިފައިވާ ފަރާތެއް، އެ ފަރާތަކަށް ލިބިފައިވާ ޓަނޭޖް އެންޑޯޒްމަންޓުގެ ޓަނޭޖް މަތިކުރަން ބޭނުންވެއްޖެނަމަ، މަތިކުރުމަށް އެދޭ ޓަނޭޖް ކެޓަގަރީގެ އުޅަނދެއްގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހު ކަނޑުމަތީގައި ނިޔަމިކަމުގެ މަސައްކަތުގައި އުޅެފައިވާކަން އަންގައިދިނުމުގެ ގޮތުން އެ އުޅަނދުގެ ވެރިފަރާތުން ނުވަތަ އެ އުޅަނދުގެ ނެވިމީހާ ދޫކުރާ ލިޔުމާއި (ޖަދުވަލު 1 ގައިވާ ލިޔުން) އެ އުޅަނދުގެ ނެއް ވެއްގެ ގޮތުގައި ހުރި ނެވިމީހާގެ އެންޑޯޒްކޮށްފައިވާ ނިޔަމިކަމުގެ ސަނަދުގެ ކޮޕީއާއި، ހިދުމަތަށް އެދޭ ފަރާތުގެ މެޑިކަލް ސެޓުފިކެޓު ހުށަހަޅަން ޖެހޭނެއެވެ. އިންޓަރނޭށަނަލް ކޮންވެންށަން އޮން ސްޓޭންޑަރޑްސް އޮފް ޓްރޭނިންގ، ސެޓްފިކޭށަން އެންޑް ވޮޗްކީޕިންގ ފޮރ ސީފެއަރާސް (އެސް.ޓީ.ސީ.ޑަބްލިއު 78) މުއާހަދާގެ ދަށުން ހޯދައިފައިވާ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (ސީ.އޯ.ސީ – ޑެކް) އޮންނަ ފަރާތްތަކަށް އެ ފަރާތުގެ ސީ.އޯ.ސީ. ގެ އަސްލާއި ކޮޕީ ހުށަހެޅުމުން ޓަނޭޖް އެންޑޯޒް ކޮށްދެވިދާނެއެވެ.

(އ) ނިޔަމިކަމުގެ ސަނަދުގައި އެންޑޯޒްކޮށްދޭ ޓަނޭޖްތަކަކީ؛

  1. 200 (ދުއިސައްތަ) ގްރޮސް ޓަނޭޖަށްވުރެ ދަށް އުޅަނދުފަހަރު؛
  2. 499 (ހަތަރުސަތޭކަ ނުވަދިހަނުވައެއް) ގްރޮސް ޓަނޭޖަށްވުރެ ދަށް އުޅަނދުފަހަރު؛
  3. 1،000 (އެއްހާސް) ގްރޮސް ޓަނޭޖަށްވުރެ ދަށް އުޅަނދުފަހަރު؛
  4. 1،600 (އެއްހާސް ހަސަތޭކަ) ގްރޮސް ޓަނޭޖަށްވުރެ ދަށް އުޅަނދުފަހަރު.

 

11 ވަނަ މާއްދާ - ލޯކަލް އުޅަނދު ދުއްވުމުގެ ލައިސަންސް ހެދުމުގެ ފީ

(ހ) ދިވެހި ރައްޔިތުންނަށް ދޫކުރާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހަދައިދިނުމުގެ ފީއަކީ 250 (ދުއިސައްތަ ފަންސާސް) ރުފިޔާއެވެ.

(ށ) ބިދޭސީންނަށް ދޫކުރާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހެދުމަށް ނުވަތަ އައުކުރުމަށް ނުވަތަ ގެއްލިގެން ނުވަތަ ހަލާކުވެގެން ނުވަތަ އެއްވެސް ސަބަބަކާ ގުޅިގެން ލައިސަންސް އައުކުރާނަމަ، ނުވަތަ ބިދޭސީންނަށް ދޫކުރާ ވަގުތީ ލައިސަންސް ހެދުމަށް މިއިން ކޮންމެ ހިދުމަތަކަށް 2،500 (ދެހާސް ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.

(ނ) ދިވެހި ރައްޔިތުންނަށް ދޫކުރާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ހަލާކުވެގެން ނުވަތަ އުނިއިތުރު ގެންނަން ބޭނުންވެއްޖެނަމަ، މިއިން ކޮންމެ ކަމަކަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. ހަލާކުވެގެން އަލުން ލައިސަންސް ހެދުމަށް ހުށަހަޅާއިރު، ހަލާކުވެފައިވާ ލައިސަންސް ހުށަނާޅާނަމަ، އެ ލައިސަންސް ބެލެވޭނީ، އެއީ ގެއްލިފައިވާ ލައިސަންސެއް ކަމުގައެވެ.

(ރ) ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ގެއްލިގެން ލައިސަންސް ހެދުމަށް ހުށަހަޅާނަމަ، 250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.

(ބ) ނިޔަމިކަމުގެ ލައިސަންސަށް ޓަނޭޖު އެންޑޯޒް ކޮށްދިނުމާއި ލައިސަންސްގައިވާ ކެޓަގަރީތައް ނިޔަމިކަމުގެ ލައިސަންސްގައި އެންޑޯޒް ކޮށްދޭނީ، 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

(ޅ) ނިޔަމިކަމުގެ ލައިސަންސް އަލަށް ހަދައިދިނުން ނުވަތަ ގެއްލިގެން ނުވަތަ ހަލާކުވެގެން ނުވަތަ އުނިއިތުރު ގެންނަން ބޭނުންވެއްޖެނަމަ ހަދައިދޭނީ، 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

(ކ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާނު ހަދާ ކޮންމެ ފަހަރަކަށް 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.

 

12 ވަނަ މާއްދާ - ލައިސަން ސަށް ކެޓަގަރީ އިތުރުކުރުން

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސަށް ކެޓަގަރީ އިތުރުކުރުމަށް އެދެވޭނީ، ހިދުމަތަށް އެދޭ ފޯމު ހުށަހެޅުމުންނެވެ. ލައިސަންސަށް އެދޭ ފޯމުގައިވާ މައުލޫމާތު ފުރިހަމަކުރުމަށްފަހު ދުއްވުމުގެ އިމްތިހާނު ދިނުމުގެ ހުއްދަ އޮތް ފަރާތަކުން އެ އިމްތިހާނުން ފާސްވެފައިވާކަމުގެ ލިއުމާއި، ލައިސަންސް ފީއާއެކު ހުށަހެޅުމުން، އެ ފަރާތެއްގެ ލައިސަންސަށް ކެޓަގަރީ އިތުރުކޮށްދެވިދާނެއެވެ.

(ށ) މި ގަވާއިދާ ހިލާފުވެގެން އެއްވެސް ޖޫރިމަނާއެއް، ލައިސަންސަށް ކެޓަގަރީ އިތުރުކުރުމަށް ހުށަހަޅާ ފަރާތުން ދައްކަން އޮތްނަމަ، ލައިސަން ސަށް ކެޓަގަރީ އިތުރުކުރުމަށް ޓަކައި އެޕްލިކޭށަން ފޯމު ހުށަހަޅަންވާނީ އެ ޖޫރިމަނާއެއް ދެއްކުމަށްފަހުގައެވެ.

(ނ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސަށް ކެޓަގަރީ އިތުރުކުރުމަށް ހުށަހަޅާއިރު، "ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސަށް އެދޭ ފޯމު" ގައި ދިވެހި ފުލުހުންގެ ހިދުމަތުން، ހިދުމަށް އެދޭ ފަރާތުގެ ލައިސަންސާ ގުޅިގެން ސާފުކުރުމަށް ކަނޑައަޅައިފައިވާ "ލައިސަންސާ 
ގުޅިގެން ސާފުކުރުމަށް ކަނޑައަޅައިފައިވާ މައްސަލަތައް" ސާފުކުރުމަށްފަހު ހުށަހަޅަންވާ ވާނެއެވެ. އެގޮތުން ކުށުގެ ރިކޯޑުގައި، ވޭތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމަށް 3 (ތިނެއް) ފަހަރަށްވުރެ ގިނަފަހަރަށް އެންޑޯޒްމަންޓް ދީފައިވާ މީހެއްނަމަ، އެ މީހަކަށް، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސަށް ކެޓަގަރީ އިތުރުކޮށްދެވޭނީ، އެންމެ ފަހުން އެންޑޯޒްމަންޓް ދިން ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ފަހުންނެވެ.

(ރ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ އިމްތިހާނުގައި ބައިވެރިވެވޭނީ،ފަހަރަކު 1 (އެކެއް) ކެޓަގަރީގައެވެ. އަދި ދުއްވުމުގެ އިމްތިހާނު ހަދާ ކެޓަގަރީން ފާސްވުމުން އެ ކެޓަގަރީއަށް ވުރެ ދަށުގެ އުޅަނދުފަހަރު ދުއްވުމުގެ އިމްތިހާނު
ހަދާކަށް ނުޖެހޭނެއެވެ.

 

13 ވަނަ މާއްދާ - ލައިސަންސް ދޫކުރާ ކެޓަގަރީ

(ހ) “A “ކެޓަގަރީގައި ހިމެނެނީ، އައުޓްބޯޑް އިންޖީނު އެޅި 20 (ވިހި) ހޯސްޕަވަރުން ފެށިގެން ދަށް އުޅަނދުފަހަރެވެ.

(ށ) “A1 “ކެޓަގަރީގައި ހިމެނެނީ، އައުޓްބޯޑް އިންޖީނު އެޅި 20 (ވިހި) ހޯސްޕަވަރާއި 100 (އެއްސަތޭކަ) ހޯސްޕަވަރާ ދެމެދުގެ އުޅަނދުފަހަރެވެ.

(ނ) “B “ކެޓަގަރީގައި ހިމެނެނީ، އައުޓްބޯޑް އިންޖީނުއެޅި 100 (އެއްސަތޭކަ) ހޯސްޕަވަރަށްވުރެ މަތީ އުޅަނދުފަހަރެވެ.

(ރ) “C “ކެޓަގަރީގައި ހިމެނެނީ، އެތެރޭގައި އިންޖީނުއެޅި 100 (އެއްސަތޭކަ) ހޯސަޕަވަރަށްވުރެ ދަށް އުޅަނދުފަހަރެވެ.

(ބ) “D “ކެޓަގަރީގައި ހިމެނެނީ، އެތެރޭގައި އިންޖީނުއެޅި 100 (އެއްސަތޭކަ) ހޯސްޕަވަރަށްވުރެ މަތީ އުޅަނދުފަހަރެވެ.

(ޅ) “E “ކެޓަގަރީގައި ހިމެނެނީ، ކަފުޖަހައިގެން ދަމާ އުޅަނދުފަހަރު (ޓަގު) ގެ ތެރެއިން 150 (އެއްސަތޭކަ ފަންސާސް) ހޯސްޕަވަރާއި 150 (އެއްސަތޭކަ ފަންސާސް) ހޯސްޕަވަރަށްވުރެ ދަށުގެ އިންޖީނު އަޅައިފައިވާ އުޅަނދުފަހަރެވެ.

(ކ) “F “ކެޓަގަރީގައި ހިމެނެނީ، ކަފުޖަހައިގެން ދަމާ އުޅަނދުފަހަރު (ޓަގު) ގެ ތެރެއިން 150 (އެއްސަތޭކަ ފަންސާސް) ހޯސަޕަވަރަށްވުރެ މަތީ އިންޖީނު އަޅައިފައިވާ އުޅަނދުފަހަރެވެ.

(އ) “G “ކެޓަގަރީގައި ހިމެނެނީ، ވޯޓަރ ޖެޓް އިންޖީނު އަޅައިފައިވާ އުޅަނދުފަހަރެވެ.

(ވ) “H “ކެޓަގަރީގައި ހިމެނެނީ، މަތީގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކަށް ނުފެތޭ އިންޖީނުއެޅި އުޅަނދުފަހަރެވެ.

 

14 ވަނަ މާއްދާ - ކެޓަގަރީ އެންޑޯޒްކުރުމަށް ދުއްވުން 

(ހ) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް “A “ކެޓަގަރީއަށް އެންޑޯސްކޮށްދެވޭނީ،އިމްތިހާނު ހަދާ ފަރާތުން، އައުޓްބޯޑް އިންޖީނުއެޅި 15 (ފަނަރަ) ހޯސްޕަވަރު ން ފެށިގެން 20 (ވިހި) ހޯސްޕަވަރާ ދެމެދުގެ އުޅަނދަކުން އަމަލީ އިމްތިހާނު ހަދައި،އެ އިމްތިހާނުން ފާސްވުމުންނެވެ.

(ށ) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް “A1 “ކެޓަގަރީއަށް އެންޑޯސްކޮށްދެވޭނީ،އިމްތިހާނު ހަދާ ފަރާތުން، އައުޓްބޯޑް އިންޖީނުއެޅި 20 (ވިހި) ހޯސްޕަވަރުން ފެށިގެން 100 (އެއްސަތޭކަ) ހޯސްޕަވަރާ ދެމެދުގެ އުޅަނދަކުން އަމަލީ އިމްތިހާނު ހަދައި، އެ އިމްތިހާނުން ފާސްވުމުންނެވެ.

(ނ) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް “B “ކެޓަގަރީއަށް އެންޑޯސްކޮށްދެވޭނީ،އިމްތިހާނު ހަދާ ފަރާތުން، އައުޓްބޯޑް އިންޖީނުއެޅި 150 (އެއްސަތޭކަ ފަންސާސް) ހޯސްޕަވަރުން ފެށިގެން މަތީގެ އުޅަނދަކުން އަމަލީ އިމްތިހާނު ހަދައި، އެ އިމްތިހާނުން ފާސްވުމުންނެވެ.

(ރ) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް “C “ކެޓަގަރީއަށް އެންޑޯސްކޮށްދެވޭނީ،އިމްތިހާނު ހަދާ ފަރާތުން، އެތެރޭގައި އިންޖީނުއެޅި 50 (ފަންސާސް) ހޯސްޕަވަރުން ފެށިގެން 100 (އެއްސަތޭކަ) ހޯސްޕަވަރާ ދެމެދުގެ އުޅަނދަކުން އަމަލީ އިމްތިހާނު ހަދައި، އެ އިމްތިހާނުން ފާސްވުމުންނެވެ.

(ބ) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް “D “ކެޓަގަރީއަށް އެންޑޯސްކޮށްދެވޭނީ،އިމްތިހާނު ހަދާ ފަރާތުން، އެތެރޭގައި އިންޖީނުއެޅި 150 (އެއްސަތޭކަ ފަންސާސް) ހޯސްޕަވަރުން ފެށިގެން މަތީގެ އުޅަނދަކުން އަމަލީ އިމްތިހާނު ހަދައި، އެ އިމްތިހާނުން ފާސްވުމުންނެވެ.

(ޅ) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް “E “ކެޓަގަރީއަށް އެންޑޯސްކޮށްދެވޭނީ،އިމްތިހާނު ހަދާ ފަރާތުން، 100 (އެއްސަތޭކަ) ހޯސްޕަވަރުން ފެށިގެން 150 (އެއްސަތޭކަ ފަންސާސް) ހޯސްޕަވަރާ ދެމެދުގެ، ކަފުޖަހައިގެން ދަމާ އުޅަނދުފަހަރު (ޓަގު) އުޅަނދަކުން އަމަލީ އިމްތިހާނު ހަދައި، އެ އިމްތިހާނުން ފާސްވުމުންނެވެ.

(ކ) އުޅަނދުފަހަރު ދުއްވުމުގެ ލައިސަ ންސް “F “ކެޓަގަރީއަށް އެންޑޯސްކޮށްދެވޭނީ،އިމްތިހާނު ހަދާ ފަރާތުން، 150 (އެއްސަތޭކަ ފަންސާސް) ހޯސްޕަވަރުން މަތީގެ،ކަފުޖަހައިގެން ދަމާ އުޅަނދުފަހަރު (ޓަގު) އުޅަނދަކުން އަމަލީ އިމްތިހާނު ހަދައި،އެ އިމްތިހާނުން ފާސްވުމުންނެވެ.

(އ) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް “G “ކެޓަގަރީއަށް އެންޑޯސްކޮށްދެވޭނީ،އިމްތިހާނު ހަދާ ފަރާތުން، ވޯޓަރޖެޓް އިންޖީނުއެޅި އުޅަނދަކުން އަމަލީ އިމްތިހާނު ހަދައި، އެ އިމްތިހާނުން ފާސްވުމުންނެވެ.

(ވ) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް “H “ކެޓަގަރީއަށް އެންޑޯސްކޮށްދެވޭނީ،ކެޓަގަރީ “A “އާއި، “A1 “އާއި، “B “އާއި، “C “އާއި، “D “އާއި،“E “އާއި، “F “އާއި، “G “ގައި ނުހިމެނޭ އުޅަނދުފަހަރު މިނިސްޓްރީން ކަނޑައެޅުމުން، އެފަދަ އުޅަނދަކުން އަމަލީ އިމްތިހާނު ހަދައި، އެ އިމްތިހާނުންފާސްވުމުންނެވެ.
(މ) “A1 “ކެޓަގަރީގެ އުޅަނދެއް ދުއްވައި، އެ ކެޓަގަރީ ލިބޭ ފަރާތްތަކަށް، “A “ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދޭންވާނެއެވެ.

(ފ) “B “ކެޓަގަރީގެ އުޅަނދެއް ދުއްވައި، އެ ކެޓަގަރީ ލިބޭ ފަރާތްތަކަށް، “A “އާއި“A1 “ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދޭންވާނެއެވެ.

(ދ) “D “ކެޓަގަރީގެ އުޅަނދެއް ދުއްވައި، އެ ކެޓަގަރީ ލިބޭ ފަރާތްތަކަށް، “C “ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދޭންވާނެއެވެ.

(ތ) “F “ކެޓަގަރީގެ އުޅަނދެއް ދުއްވައި، އެ ކެޓަގަރީ ލިބޭ ފަރާތްތަކަށް، “E “ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ކުރިން ދޫކޮށްފައިވާ ލައިސަންސްގެ ކެޓަގަރީތަކަށް މި ގަވާއިދުގެ ދަށުން އެކުލަވައިލެވުނު ކެޓަގަރީތަކަށް ބަދަލުކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ކެޓަގަރީތައް، މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ކެޓަގަރީތަކަށް ބަދަލުކުރެވޭނީ ތިރީގައިވާ ގޮތަށެވެ.

  1. އައުޓްބޯޑް އިންޖީނުއެޅި (10 ހޯސްޕަވަރަށްވުރެ ދަށް) އުޅަނދުފަހަރު ދުއްވުމުގެ ކެޓަގަރީގެ ލައިސަންސް އޮތް ފަރާތްތަކަށް، މި ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( ގައިވާ “A “ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.
  2. އައުޓްބޯޑް އިންޖީނުއެޅި (10 ހޯސަޕަވަރުން ފެށިގެން މަތި) އުޅަނދުފަހަރު ދުއްވުމުގެ ކެޓަގަރީގެ ލައިސަންސް އޮތް ފަރާތަކަށް، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ “A1 “ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.
  3. އެތެރޭގައި އިންޖީނުއެޅި 12 (ބާރަ) މޭލަށްވުރެ މަޑުން ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ކެޓަގަރީގެ ލައިސަންސް އޮތް ފަރާތަކަށް، މި ގަވާއިދުގެ 13 ވަނަމާއްދާގެ (ރ) ގައިވާ “C “ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.
  4. އެތެރޭގައި އިންޖީނުއެޅި 12 (ބާރަ) މޭލަށްވުރެ ބާރަށް ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ކެޓަގަރީގެ ލައިސަންސް އޮތް ފަރާތްތަކަށް، މި ގަވާއިދުގެ 13 ވަނަމާއްދާގެ (ބ) ގައިވާ “D “ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.
  5. ކަފުޖަހައިގެން ދަމާ އުޅަނދުފަހަރު 150 (އެއްސަތޭކަ ފަންސާސް) ހޯސަޕަވަރަށްވުރެ ދަށް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްފަރާތްތަކަށް، މި ގަވާއިދުގެ 13 ވަނަމާއްދާގެ (ޅ) ގައިވާ “E “ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.
  6. ކަފުޖަހައިގެން ދަމާ އުޅަނދުފަހަރު 150 (އެއްސަތޭކަ ފަންސާސް) ހޯސްޕަވަރަށްވުރެ މަތީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްފަރާތްތަކަށް، މި ގަވާއިދުގެ 13 ވަނަމާއްދާގެ (ކ) ގައިވާ “F “ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.
  7. މަސްވެރިކަމުގެ އުޅަނދުފަހަރު ދުއްވުމުގެ ކެޓަގަރީގެ ލައިސަންސް އޮތް ފަރާތްތަކަށް، އުޅަނދުގެ ސްޕީޑަށް ބަލައި، މި ގަވާއިދުގެ 13 ވަނަމާއްދާގެ (ރ) ގައިވާ “C “ކެޓަގަރީ ނުވަތަ (ބ) ގައިވާ "D "ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.
  8. އެހެނިހެން އުޅަނދުފަހަރު (ބަޔާންކޮށްފައިވާ ގޮތަށް) މި ކެޓަގަރީގެ ލައިސަންސް އޮތް ފަރާތްތަކަށް، މި ގަވާއިދުގެ 13 ވަނަމާއްދާގެ (ވ)ގައިވާ “H “ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.

(ށ) މި މާއްދާގެ ދަށުން ލައިސަންސްގެ ކެޓެގަރީ ބަދަލުކޮށްދޭއިރު، ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ 24 ވަނަ މާއްދާގައި 1 ޖަނަވަރީ 2019 އިން ފެށިގެން އުޅަނދުފަހަރުގެ ކެޕްޓަނުން ނުވަތަ ޑުރައިވަރުން ފުރިހަމަކުރަންޖެހޭ ތަމްރީނުތައް ފުރިހަމަކުރުމަށްފަހު، ލިބިފައިވާ ސެޓުފިކެޓުގެ އަސްލާއި ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ތަމްރީނުތައް ފުރިހަމަ ނުކުރިނަމަވެސް، އުމުރުން 55 (ފަންސާސްފަހެއް) އަހަރުން މަތީގެ މީހުންނަށް، އެ މީހުންނަށް ކުރިން ދޫކޮށްފައިވާ ފަދައިން ލައިސަންސް ކެޓަގަރީ ދޫކުރެވޭނެއެވެ.

  1. އައުޓްބޯޑް އިންޖީނުއެޅި (10 ހޯސްޕަވަރަށްވުރެ ދަށް) އުޅަނދުފަހަރު ދުއްވުމުގެ ކެޓަގަރީގެ ލައިސަންސް އޮތް ފަރާތްތަކަށް، މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ “A “ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.
  2. އެތެރޭގައި އިންޖީނުއެޅި 12 (ބާރަ) މޭލަށްވުރެ މަޑުން ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ކެޓަގަރީގެ ލައިސަންސް އޮތް ފަރާތަކަށް، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) ގައިވާ “C “ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު

މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ މުއްދަތަކީ، އެ ލައިސަންސް ދޫކުރި ތާރީހުން ފެށިގެން، މީލާދީން 10 (ދިހައެއް) އަހަރުދުވަހެވެ.

 

17 ވަނަ މާއްދާ - ލައިސަންސް އައުކޮށްދިނުން 

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ގެއްލިގެން ނުވަތަ ހަލާކުވެގެން އައުކުރަންވެއްޖެނަމަ އައުކޮށްދެވޭނީ، ގާނޫނު ނަންބަރު 1969-78 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) ގެ ދަށުން ހަދައިފައިވާ އެއްވެސް ގަވާއިދެއްގެ ދަށުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ދެއްކުމުންނެވެ. މި ގޮތުން ހަދައިދޭ ލައިސަންސްގެ މުއްދަތަކީ ކުރިންވެސް ހަދައިދިފައިވާ ލައިސަންސްގެ މުއްދަތެވެ.

(ށ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ގެއްލިގެން ނުވަތަ ހަލާކުވެގެން ނޫންގޮތަކަށް އައުކޮށްދޭނީ، އޭގެ މުއްދަތު ހަމަވާން ބާކީ 6 (ހައެއް) މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތަށް ބަދަލެއް އައިސްފައިވާ ނަމައެވެ.

(ނ) ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރި އޮފީސް ނޫން އެހެން އޮފީހަކަށް، ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުދުއްވުމުގެ ލައިސަންސް އައުކުރުމަށް ހުށަހަޅައިފިނަމަ، އެ އޮފީހަކުން އެ ލައިސަންސްއެއް އައުކޮށްދޭންވާނީ، މިނިސްޓްރީއަށް ލިޔުމަކުން އެ ލައިސަންސާބެހޭ މައުލޫމާތު ހުށަހަޅައި، އެ ލައިސަންސަކީ ސައްހަ ލައިސަންސެއްކަން މިނިސްޓްރީން ލިޔުމަކުން ލިބި، އެ ލައިސަންސް ހެދުމަށް އެ އޮފީހަކަށް ހުއްދަ ދިނުމުންނެވެ.

(ރ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ މުއްދަތު ހަމަވެގެން އައުކުރުމަށް އެދޭއިރު، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ އިތުރަށް، ކުރިން ދޫކޮށްފައިވާ ލައިސަންސްގެ އަސްލާއި ކޮޕީ، ނުވަތަ ބިދޭސީއަކުނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅަން ވާނެއެވެ.

 

18 ވަނަ މާއްދާ - ލައިސަންސް ގެންގުޅުން

ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން، ލައިސަންސާއި ނިޔަމިކަމުގެ ސަނަދު އޮވެގެން ދުއްވުމަށް ކަނޑައަޅައިފައިވާ އެއްވެސް އުޅަނދެއް ދުއްވަންވާނީ، އެ އުޅަނދެއް ދުއްވުމަށް ދޫކޮށްފައިވާ ލައިސަންސާއި ނިޔަމިކަމުގެ ސަނަދު އެ މީހެއްގެ އަތުގައި ނުވަތަ ފަސޭހައިން ފެންނާނޭހެން އެ އުޅަނދެއްގައި އޮވެގެންނެވެ.

 

19ވަނަ މާއްދާ - ލައިސަންސް ދޫކުރާ ފަރާތްތަކުގެ ދަފުތަރު

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރާ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީން ބަލަހައްޓަން ވާނެއެވެ.

(ށ) އުޅަނދު ދުއްވާ ފަރާތުން ކުށެއް ކުރުމުގެ ސަބަބުން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ ލައިސަންސްގައި އެންޑޯޒް ކުރުމަށް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ކައުންސިލާއި ދިވެހި ފުލުހުންގެ ހިދުމަތުން އެ ލައިސަންސްގައި އެންޑޯޒް ކުރިކަން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ތިރީގައިވާ މައުލޫމާތާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ރިކޯޑު،އެ ލައިސަންސްގައި އެންޑޯޒްކުރި ފަރާތުން ބަލަހައްޓަން ޖެހޭނެއެވެ.

  1. ލައިސަންސްގެ ނަންބަރު؛
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
  3. ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ނަން؛
  4. ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އެޑުރެސް؛
  5. ލައިސަންސް ދޫކޮށްފައިވާ ތާރީހު؛
  6. ލައިސަންސްގެ މުއްދަތު ހަމަވާ ތާރީހު؛
  7. ލައިސަންސްގެ އިންޑެކްސް ނަންބަރު؛
  8. ހުއްދަ ދީފައިވާ ކެޓަގަރީތައް؛
  9. ކުރި ކުށުގެ ތަފުސީލު؛
  10. ގާނޫނުން ނުވަތަ ގަވާއިދުން ހަވާލާދީފައިވާ މާއްދާ؛
  11. އެންޑޯޒްމަންޓް ދިން ފަރާތް؛
  12. އެންޑޯޒްމަންޓް ދިން ތާރީހު؛
  13. ކުށްކުރި ފަރާތަށް ކުރިން އެއްވެސް ފަރާތަކުން އެންޑޯޒްމަންޓެއް ދީފައިވާނަމަ، އެ އެންޑޯޒްމަންޓުގެ ތަފުސީލު.

 

20 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުން

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް، ދިވެހި ފުލުހުންގެ ހިދުމަތުން، ނުވަތަ މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުން،ނުވަތަ މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުން، ނުވަތަ މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އެ ފަރާތަކަށް ލައިސަންސް ދައްކަންޖެހޭނެއެވެ.

(ށ) ކަނޑުގައި ދުއްވާ އު ޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަކީ މަނާކަމެކެވެ. އަދި އެއިން ކަމެއް ކޮށްފިނަމަ، އެ ފަރާތުގެ ލައިސަންސް 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުމުގެ ބާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ނުވަތަ މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުންނަށް ނުވަތަ މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތަކަށް ލިބިގެންވެއެވެ. އަދި ގަވާއިދާ ހިލާފަށް ކުރި ކަމެއްގެ މައުލޫމާތު އެނގޭ ނޭހެން ލައިސަންސްގައި އެންޑޯޒްކުރެވޭނެއެވެ.

  1. ސަލާމަތާބެހޭ ސެޓުފިކެޓް ނަހަދައި ދުއްވުން؛
  2. ސަލާމަތާބެހޭ ސެޓުފިކެޓުގެ މުއްދަ ތު ހަމަވެފައި އޮއްވައި ދުއްވުން؛
  3. ސަލާމަތާބެހޭ ސެޓުފިކެޓެއްގައި ހިމެނޭ ކަންކަން ފުރިހަމަނުކޮށް ދުއްވުން؛
  4. އުޅަނދުގައި ރަޖިސްޓަރީ ނަންބަރު ނުޖަހައި ދުއްވުން ނުވަތަ ރަޖިސްޓަރީ ނަންބަރު ޖަހަން ގަވާއިދު ނަންބަރު 2016-06 (ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) ގައިބަޔާންކޮށްފައިވާ ތަނުގައި ޖެހުމުގެ ބަދަލުގައި އުޅަނދުގެ އެހެން ތަނެއްގައި ރަޖިސްޓަރީ ނަންބަރު ޖަހައިގެން ދުއްވުން؛
  5. އުޅަނދުގެ ރަޖިސްޓަރީގައިވާ ނަން ނޫން ނަމެއް އުޅަނދުގައި ޖަހައިގެން އުޅަނދު ދުއްވުން؛
  6. ރަޖިސްޓަރީ ނަންބަރު ބަދަލުކޮށްގެން (އުޅަނދަށް ދޫކޮށްފައިވާ ނަންބަރުނޫން އެހެން ނަން ބަރެއް ޖަހައިގެން) ދުއްވުން؛
  7. ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ދިއްލަންޖެހޭ ބައްތިތައް ނުވަތަ ދިމާވެފައިވާ ހާދިސާއަކާ ގުޅިގެން ނަގަންޖެހޭ ދިދައެއް ނުވަތަ ނިށާނެއް ނުނަގައި ދުއްވުން؛
  8. ނިޔަމިކަމުގެ ބައްތިތަކަށް ނުވަތަ ނިށާންތަކަށް އޮޅުންއަރާގޮތަށް އިތުރު އަލިތަކާއި ނިށާންތައް އުޅަނދުގައި ބޭނުންކުރުން؛
  9. ވަކި ސްޕީޑް ލިމިޓެއް ކަނޑައަޅައިފައިވާ ސަރަހައްދުތަކުގައި،ކަނޑައަޅައިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުން؛
  10. ރަޖިސްޓަރީ ނުކޮށް އުޅަނދު ދުއްވުން، ނުވަތަ ރަޖިސްޓަރީ ބާތިލުވެފައި ވަނިކޮށް އުޅަނދު ދުއްވުން؛
  11. ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވަމުންދާއިރު މުއާސަލާތީ ނިޒާމުން ދައްކާ ވާހަކަ އަޑު ނީވޭގޮތަށް ހެޑްސެޓް ބޭނުންކޮށްގެން ދުއްވުމާއި،މޯބައިލް ފޯނުން ވާހަކަދައްކަމުން ދުއްވުން؛
  12. ނިޔަމިކަމުގެ ސަނަދު އޮވެގެން ދުއްވަންޖެހޭ އުޅަނދުފަހަރާއި އެ އުޅަނދުފަހަރު ދުއްވަންޖެހޭ ސަރަހައްދުތަކުގައި ދުއްވާއިރު އެ އުޅަނދު ދުއްވާ ފަރާތުގެ އަތުގައި ނުވަތަ އުޅަނދުގައި ނިޔަމިކަމުގެ ސަނަދު ނެތި ދުއްވުން؛
  13. ކަނޑުގައި ނުވަތަ ފަޅުތެރޭގައި އުޅަނދު ދުއްވަމުން ދާއިރު، އެ އުޅަނދުން އުފެދޭ ރާޅުގެ ސަބަބުން އެ އުޅަނދު ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރަށް ގެއްލުންލިބޭ ހިސާބުން، ނުވަތަ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެކަމަށް ލަފާކުރެވޭ ހިސާބު ކައިރިން އުޅަނދު ދުއްވުން؛
  14. އުޅަނދުން މުދާ އުފުލުމަށް ހުއްދަ ދީފައިވާ ވަރަށްވުރެ ގިނައިން މުދާ އަރުވައިގެން ދުއްވުން؛
  15. ބަރުމަރުކާ ޖަހަން އަންގައިފައިވާ ގޮތާ ހިލާފަށް ބަރުމަރުކާ ޖަހައިގެން ދުއްވުން ނުވަތަ ބަރުމަރުކާ ނުޖަހައި މުދާ އުފުލުން؛
  16. ގަވާއިދު ނަންބަރު 1078-69-2 (އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތްތަކާ ހި ލާފަށް ފެރީކުރަމުން ގެންދިއުން؛
  17. އުޅަނދުން މީހުން އުފުލުމަށް ހުއްދަ ދީފައިވާ އަދަދަށްވުރެ ގިނައިން މީހުން އުފުލުން؛
  18. އުޅަނދު ދުއްވާ ޑުރައިވަރު ނަވަތަ ނެވިމީހާގެ ލައިސަންސް އުޅަނދުގައި ނެތި ދުއްވުން ނުވަތަ ލައިސަންސްގެ މުއްދަތު ހަމަވެފައި އޮވެގެން ދުއްވުން؛
  19. އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން ހުރެ އުޅަނދު ދުއްވުން؛
  20. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ނެރުން ވަދެ ނުކުމެ ހެދުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާ ހިލާފަށް އަމަލުކުރުން؛
  21. ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ ދަށުން 1 ޖަނަވަރީ 2019 އިން ފެށިގެން ކެޕްޓަނުން ނުވަތަ ޑުރައިވަރުން ފުރިހަމަކުރަން ލާޒިމުކޮށްފައިވާ ތަމްރީނުތައް ފުރިހަމަނުކޮށް އުޅަނދުފަހަރު ދުއްވުން؛
  22. މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ކޯސްޓުގާޑުން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑާއި ފަޅުތަކުގައްޔާއި އެކި ސަބަބުތަކާ ގުޅިގެން ކޯޑްން ކޮށްފައިވާ ސަރަހައްދަށް ވަނުން ނުވަތަ ވަންނަން މަސައްކަތްކުރުން؛
  23. ދިވެހި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަނުން؛
  24. މޯލްޑިވްސް އިމިގްރޭށަނުން ދޫކޮސްފައިވާ ސައްހަ ވިސާއެއް ނުވަތަ ވިސާ ކާޑެއް ނުވތަ ވެލިޑް އެމްޕްލޯއިމަންޓް ހުއްދަ އޮންނަންޖެހޭ ބިދޭސީއެއްނަމަ، ވިސާ، ނުވަތަ ވިސާ ކާޑު ނުވަތަ ވާރކް ޕަރމިޓް ނެތް ބިދޭސީއެއް، ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ސިޓީ ކައުންސިލަކުން ނުވަތަ އަތޮޅު ކައުންސިލަކުން ނުވަތަ ރަށު ކައުންސިލަކުން ބިދޭސީއަކު ކަނޑު އުޅަނދަކުން އުފުލުމާމެދު އެ އިދާރާއަކުން އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ދޫކޮށްފައި ނުވާ ބިދޭސީއަކު، އެ މީހެއްގެ ކެޕްޓަނުކަމުގެ ދަށުން ދުއްވާ އުޅަނދަކުން އުފުލުން. ކުއްލި ސިއްހީ ހާލަތެއް ދިމާވެފައިވާ އެއްވެސް ބިދޭސީއަކު ކަނޑު އުޅަނދެއްގައި އުފުލުން މި މާއްދާއަކުން ހުރަހެއް ނާޅައެވެ.
  25. މި މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ނުކިޔަމަންތެރިކަން ދެއްކުން؛
  26. ކަނޑުގައި ދުއްވާ އުޅަނދު އަޅައިފައި އޮވެގެން ނުވަތަ ދުއްވަމުން،ކަނޑުގެ ވެށި ތަޣައްޔަރުވެދާ ފަދަ ގޮތަކަށް އުޅަނދުން އުފެދޭ ކުނި ނުވަތަ ހަޑިތެޔޮ އެޅުން؛
  27. ކަނޑުގައި ދުއްވާ އުޅަނދު އަޅައިފައި އޮވެގެން ނުވަތަ ދުއްވަމުން،އުޅަނދުން ކަނޑުގެ ވެށި ތަޣައްޔަރުވެދާ ފަދަ ގޮތަކަށް، އުޅަނދަށް ބަރުކޮށްފައިވާ ކުނި ނުވަތަ ތެޔޮ ނުވަތަ އެއްވެސް ވިހައެއް އެކުލެވޭ ހިކިއެއްޗެއް ނުވަތަ ދިޔާއެއްޗެއް އެޅުން؛
  28. ފަސިންޖަރުން އުފުލުމަށް ހުއްދަކޮށްފައިވާ އަދަދަށް އުޅަނދުގައި ލައިފްޖެކެޓް ނެތުން.

(ނ) މޯލްޑިވްސް ނޭށަނަލް ޑިފެންސްފޯސްގެ ކޯސްޓްގާޑުން، ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުން، ނުވަތަ މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފުން ހިފަހައްޓާ ލައިސަންސް އަނބުރާ އެ ފަރާތްތަކަށް ހަވާލުކުރެވޭނީ، އެ ފަރާތުން ކުރި ގަވާއިދާ ހިލާފުވި އަމަލާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ، އަތޮޅުތަކުގައި ނަމަ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ގޮފިތަކުން ނުވަތަ އަތޮޅު ކައުންސިލް ނުވަތަ ރަށު ކައުންސިލުގައި ހުރި ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޓޭށަނަކުން ނުވަތަ މޯލްޑިވްސް ނޭށަނަލް ޑިފެންސްފޯސްގެ ރީޖަނަލް ސެންޓަރަކުން އަންގާ އޮފީހަކަށްނުވަތަ މާލޭގައި ނަމަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ނުވަތަ މިނިސްޓްރީއަށް ދެއްކުމުންނެވެ.

(ރ) މި މާއްދާގައިވާ ދިވެހި ފުލުހުން ހިދުމަތުގެ ސްޓޭށަންތަކުގައްޔާއި މޯލްޑިވްސް ނޭށަނަލް ޑިފެންސްފޯސްގެ ރީޖަނަލް ސެންޓަރުތަކުން ހިފަހައްޓާ ލައިސަންސްތައް،އެ ފަރާތްތަކުން އަންގާ މުއައްސަސާއަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު، އެ ފައިސާ ދެއްކިކަމުގެ ސްލިޕް ހުށަހެޅުމުން، ކުރި ކުށުގެ މައުލޫމާތު، ލައިސަންސްގައި، އެ ލައިސަންސް ހިފެހެއްޓި ފަރާތަކުން ނުވަތަ މިނިސްޓްރީން އެންޑޯޒް ކުރުމަށްފަހު، އެ ފަރާތަށް ލައިސްންސް ދޫކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - އަދަބު ކަނޑައެޅުން 

(ހ) ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން މި ގަވާއިދާ ހިލާފަށް އަމަލުކޮށްފިނަމަ، އެ ފަރާތެއްގެ ލައިސަންސް 48 (ސާޅީސްއަށެއް) ގަޑިއިރަށް ހިފެހެއްޓުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް، ނުވަތަ މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑަށް، ނުވަތަ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް ހިފަހައްޓައިފިނަމަ، އެ އުޅަނދު އޮތް ހިސާބުން އެ އުޅަނދު ދާން ބޭނުންވާ މަންޒިލަކަށް ގެންދިއުމަށް ޓަކައި ވަގުތީ ހުއްދައެއް، ލައިސަންސް ހިފެހެއްޓި ފަރާތުން ، އުޅަނދުގެ ވެރިފަރާތަށް ދޭންޖެހޭނެއެވެ. މި ގޮތުން ދޫކުރާ ހުއްދައިގައި ބަޔާންކޮށްފައިވާ މަންޒިލަކަށް އެ އުޅަނދު ގެންދިއުމުން އެ ހުއްދަ ބާތިލުވީއެވެ.

(ނ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވާ ފަރާތަކީ ލޮލަށް ފެނުމާއި ކަންފަތަށް އިވުމުގެ އިތުރުން މުއާސަލާތީ ނިޒާމު ބޭނުންކުރުމުގެ ގާބި ލުކަން ނެތް ފަރާތެއްނަމަ، ނުވަތަ ބަލިހާލަތު ނިޔާކުރާގޮތުން އެ އުޅަނދެއް ދުއްވުމުގެ ގާބިލުކަން އެ ފަރާތެއްގައި ނެތްކަމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ނުވަތަ 
މޯލްޑިވްސް ޑިފެންސްފޯސްގެ ކޯސްޓްގާޑަށް ނުވަތަ މިނިސްޓްރީއަ ށް ސާބިތުވާނަމަ، އެ ފަރާތެއްގެ މެޑިކަލް ހަދައި އެ މެޑިކަލްގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާނަމަ، ސެޓުފިކެޓު މިނިސްޓްރީއަށް ލިބުމާ ހަމަޔަށް ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ނުވަތަ 
މޯލްޑިވްސް ޑިފެންސްފޯސްގެ ކޯސްޓްގާޑަށް ނުވަތަ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) އެއްވެސް ސަބަބަކާހުރެ، ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެލައިސަންސް ހިފެހެއްޓިފައި ވަނިކޮށް، ކަނޑުގައި ދުއްވާ އުޅަނދެއް ދުއްވި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށް 1،500  (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސްގައި އެކަން އެންޑޯޒްކުރުން، ދެވަނަފަހަރަށް 3،000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސްގައި އެކަން އެންޑޯޒްކުރުމާއި، ދެފަހަރަށްވުރެ އިތުރަށް އެފަދަ ކުށެއް ކޮށްފިނަމަ އެ ފަރާތެއް 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކޮށް، އެ ފަރާތެއްގެ ލައިސަންސް 1 (އެކެއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމެވެ.

(ބ) ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނުނަގައި،ކަނޑުގައި ދުއްވާ އުޅަނދެއް ދުއްވި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށް 1،500  (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުން، ދެވަނަ ފަހަރަށް 3،000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާކުރުން އަދި ދެ ފަހަރަށްވުރެ އިތުރަށް އެފަދަ ކުށެއް ކޮށްފިނަމަ އެ ފަރާތެއް 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކޮށް، އެ ފަރާތެއްގެ މައްސަލަ ށަރުއީ ކޯޓަކަށް ހުށަހެޅުމަށް ޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ މައްސަލަ ށަރީއަތަށް ހުށަހެޅުމަށް ކަމާބެހޭ މުއައްސަސާއަކަށް ފޮނުވަންވާނެއެވެ.

(ޅ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ،އެ ކުށެއް ކުރި ފަރާތެއްގެ ލައިސަންސް 48 (ސާޅީސްއަށެއް) ގަޑިއިރަށް ހިފެހެއްޓުމާއެކު، ފުރަތަމަ ފަހަރަށް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސްގައި އެކަން އެންޑޯޒްކުރުމާއި، ދެވަނަ ފަހަރަށް 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކޮށް އެކަން ލައިސަންސްގައި އެންޑޯޒްކުރުމާއި، ދެފަހަރަށްވުރެ އިތުރަށް އެފަދަ ކުށެއް ކޮށްފިނަމަ އެ ފަރާތެއް 3،000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާކޮށް އެ ފަރާތެއްގެ ލައިސަންސް 6 (ހައެއް) މަސްދުވަހަށް ހިފެހެއްޓޭނެއެވެ.

(ކ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވާ ފަރާތަކުން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަށް ސައްހަ ނޫން ލައިސަންސެއް ބޭނުންކުރާކަން، ކަމާބެހޭ މުއައްސަސާއަކަށް ސާބިތުވެއްޖެނަމަ، އެ ފަރާތެއް 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކޮށް، އެ ފަރާތުން ހޯދައިފައިވާ ސައްހަ ނޫން ލައިސަންސް އަތުލެވޭނެއެވެ. އަދި އެ ފަރާތަށް އަމަލީ އިމްތިހާނުގައި ބައިވެރިވެވޭނީ، ޖޫރިމަނާ ފައިސާ ދައްކާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ފަހުން، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެޕްލިކޭށަން ފޯމު ފުރިހަމަކުރުމަށްފަހު، މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(އ) ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސަށް ސައްހަ ނޫން ގޮތަކަށް ކެޓަގަރީ އިތުރުކޮށްފައިވާ ފަރާތެއްކަން ކަމާބެހޭ މުއައްސަސާއަކަށް ސާބިތުވެއްޖެނަމަ، އެ ފަރާތެއް 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކޮށް،އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލު ކުރެވޭނެއެވެ. އަދި އެ ފަރާތަށް އަމަލީ އިމްތިހާނުގައި ބައިވެރިވެވޭނީ، ޖޫރިމަނާ ފައިސާ ދައްކާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ފަހުން، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެޕްލިކޭށަން ފޯމު ފުރިހަމަކުރުމަށްފަހު މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ވ) ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް، ގަވާއިދާ ހިލާފަށް ހަދައިދޭ ފަރާތްތަކުގެ ނުވަތަ އެކަމަށް އެހީވެދޭ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރާ މުއްދަތުގައި،އެ ފަރާތަކަށް ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ އެއްވެސް މަސައްކަތެއް ހަވާލުކޮށްގެން ނުވާނެއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުން މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ މައްސަލަ ށަރީއަތަށް ހުށަހެޅުމަށް ޓަކައި ކަމާބެހޭ މުއަ އްސަސާއަކަށް ފޮނުވަން ވާނެއެވެ. އަދި މިފަދަ ކުށެއް ކުރިކަން ސާބިތުވެއްޖެނަމަ، އެ ފަރާތެއް 10،000 (ދިހަހާސް) ރުފިޔާއިން 
ޖޫރިމަނާކޮށް، ކަނޑުގައި ދުއްވާ އުޅަނދުފަހަރާބެހޭ އެންމެހައި މަސައްކަތްތަކުން ސަސްޕެންޑް ކުރެވޭނެއެވެ.

(މ) ކަނޑު ދަތުރުކުރާ އުޅަނދެއް ގަސްތުގައި އެއްވެސް ތަނެއްގައި ނުވަތަ އުޅަނދެއްގައި ޖައްސައިފިކަން ކަމާބެހޭ މުއައްސަސާއަކަށް ސާބިތުވެއްޖެނަމަ،އެކަން ކުރި ފަރާތެއް 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކޮށް، އެ ފަރާތެއްގެ ލައިސަންސް 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެއެވެ.

(ފ) ކަނޑު ދަތުރުކުރާ އުޅަނދެއް މީހެއްގެ ގައިގައި ޖައްސައިފިކަން ކަމާބެހޭ މުއައްސަސާއަކަށް ސާބިތުވެއްޖެނަމަ، އެކަން ކުރި ފާރާތެއްގެ ލައިސަންސް ހިފެހެއްޓުމަށްފަހު، އެ ލައިސަންސް ބާތިލު ކުރެވޭނެއެވެ. ދެން އެ ފަރާތަކަށް 
ލައިސް ހަދައިދެވޭނީ، ލައިސަންސް ބާތިލުކުރި ތާރީހުން ފެށިގެން 5( ފަހެއް( އަހަރުދުވަސް ފަހުން، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެޕްލިކޭށަން ފޯމު ފުރިހަމަކުރުމަށްފަހު، މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.

(ދ) ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ 24 ވަނަ މާއްދާގައި ބަޔާންކޮށް 1 ޖަނަވަރީ 2019 އިން ފެށިގެން އަމަލު ކުރުމަށް ލާޒިމުކޮށްފައިވާ ތަމްރީނުތައް ފުރިހަމަކުރުމަށްފަހު ހޯދަންޖެހޭ ސެޓު ފިކެޓު ނުހޯދައި އުޅަނދުފަހަރު ދުއްވިކަން ސާބިތުވެއްޖެނަމަ، ފުރަތަމަ ފަހަރަށް 1،500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސްގައި އެކަން އެންޑޯޒް ކުރެވޭނެއެވެ. އަދި ދެވަނަ ފަހަރު ނަމަ، އެ އުޅަނދު ދުއްވި މީހެއްގެ އަދަބަކީ 3،000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސްގައި އެކަން އެންޑޯޒްކުރުމާއެކު، ތަމްރީނު ފުރިހަމަކުރުމަށްފަހު، ސެޓުފިކެޓު ހުށަހަޅަންދެން ލައިސަންސް ހިފެހެއްޓުމެވެ. މި ގޮތަށް ލައިސަންސް ހިފަހައް ޓައިފައިވަނިކޮށް އުޅަނދެއް ދުއްވައިފިކަން ސާބިތުވެއްޖެނަމަ، އެ ފަރާތެއް -5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކޮށް، އެ ފަރާތެއްގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން 
ތަހުގީގު ކުރުމަށްފަހު، އެ މައްސަލަ ށަރީއަތަށް ހުށަހެޅުމަށް ޓަކައި ކަމާބެހޭ މުއައްސަސާއަކަށް ފޮނުވަން ވާނެއެވެ.

(ތ) މި ގަވާއިދުގައި ކުށަކަށް ވަކި އަދަބެއް ކަނޑައަޅައިފައި ނުވާ ކޮންމެ ކުށެއްގެ އަދަބަކީ 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުރި ކުށުގެ މައުލޫމާތު އެނގޭނެހެން ލައިސަންސްގައި އެންޑޯޒްކުރުމެވެ.

(ލ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) ގެ 26 ވަނަ ނަންބަ ރާއި 27 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަ މަލެއް ކޮށްފިކަން ސާބިތުވެއްޖެނަމަ، އެ ކަމާ ގުޅިގެން، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަކީ ،މި ގަވާއިދުގެ ދަށުން ލައިސަންސް ހިފެހެއްޓުމަށް ހުރަސްއެޅޭނެ ކަމެއް ނޫނެވެ. އަދި އެއީ އެ ކުށަކަށް ދެ އަދަބު ދިނުން ކަމުގައެއް ވެސް ނުބެލެވޭނެއެވެ.

 

22 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރެވޭނެ ހާލަތްތައް

ކަނޑުގައި ދުއްވާ އުޅަނދެއް ގަވާއިދާ ހިލާފަށް ދުއްވުމުގެ ސަބަބުން އެކްސިޑެންޓެއް ހިނގައި މީހެއްގެ ނުވަތަ ބައެއްގެ ފުރާނަ ހިނގައްޖެކަމަށް ނުވަތަ އެކްސިޑެންޓުގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ގިނަ ދުވަސްތަކެއް ވަންދެން ބޭސްފަރުވާ ކުރަންޖެހޭފަދަ ހާލަތެއް ދިމާވެއްޖެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ތަހުގީގުން ސާބިތުވާނަމަ، އެ އުޅަނދު ދުއްވި ފަރާތެއްގެ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބާތިލު ކުރެވޭނެއެވެ. އަދި ލައިސަންސް ބާތިލުކޮށްފައިވަނިކޮށް ކަނޑުގައި ދުއްވާ އު ޅަނދެއް ދުއްވައިފިކަން ސާބިތުވެއްޖެނަމަ، 10،000 (ދިހަހާސް) ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

 

23 ވަނަ މާއްދާ - މާނަ ކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެންމާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަ ފުޒުތަކަށް ދީފައިވަނީ، އެ އިބާރާތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

)ހ( "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން އިހްތިޔާރު ދީފައިވާ ފަރާތަކުން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަށް ހުއްދަ ދިނުމުގެ ގޮތުން ދޫކޮށްފައިވާ، ފޮޓޯޖެހި ލައިސަންސް ފޮތަށް ނުވަތަ ލައިސަންސް ކާޑަށެވެ.
(ށ) "ނިޔަމިކަމުގެ ސަނަދު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ހުއްދަ ދީފައިވާ އިންސްޓިޓިއުޓަކުން ހަދައިފައިވާ ކޯސްޓަލް ނެވިގޭށަން (ނިޔަމިކަމުގެ ކޯސް) ނުވަތަ އެ ފެންވަރުގެ އެހެން ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާ ކޮމްޕީޓެންޓް ފަރާތްތަކަށް އެ ސެޓުފިކެޓުގެ މައްޗަށް ބިނާކޮށް މިނިސްޓްރީން ހަދާ، ފޮޓޯޖެހި ލިޔުމަށެވެ.

(ނ) "ކެޓަގަރީ" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ތަރުތީބުކޮށްފައިވާ ގޮތަށެވެ.

(ރ) "ބިދޭސީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރު ގައުމަކުން ދޫކޮށްފައިވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސަށެވެ.

(ބ) "އެހެނިހެން އުޅަނދުފަހަރު" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކިބާވަތެއްގެ ހާއްސަ އުޅަނދެއް ދުއްވުމަށް މިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސްގައި އެ އުޅަނދެއްގެ ނަމާއި ރަޖިސްޓަރީ ނަންބަރު ޖެހު މަށްފަހު ދޫކުރާ ކެޓަގަރީއަށެވެ.

(ޅ) "ދުއްވުމުގެ އިމްތިހާން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1969-78 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި، އަދި ކަނޑުމަތީގައި އުޅަނދު ދުއްވާއިރު ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑުތަކާއި، އުޅަނދުގައި ބޭނުންކުރާ ސަލާމަތީ އާލާތްތަކާއި އިންޒާރުތައް އެނގޭތޯ ބެލުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ އިންސްޓްރަކްޓަރެއްގެ ބެލުމުގެ ދަށުން އުޅަނދު ދުއްވަން އެނގޭތޯ ބެލުމަށް ދޭ އަމަލީ އިމްތިހާނަށެވެ.

(ކ) "އުޅަނދު" ކަމަށް ބުނެފައި އެ ވަނީ، ފެންމަތިން އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭގޮތަށް ބަނދެ ފައިވާ ހުރިހާ ބާވަތެއްގެ އުޅަނދަށެވެ.

(އ) "ޑްރައިވަރު" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮވެގެން، ކަނޑުގައި ދުއްވާ އުޅަނދު ދުއްވާ ފަރާތަށެވެ.

(ވ) "ނެވިމީހާ ނުވަތަ ނެއްވެއް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ދޫކުރާ،ޓަނޭޖް އެންޑޯޒްކޮށްފައިވާ ނިޔަމިކަމުގެ ސަނަދު އޮވެގެން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވާ ފަރާތަށެވެ.

(މ) "ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ރަށްރަށުގެ ފަޅާއި، ފަރު، ހާ، ގިރި، ހިމެނޭ ގޮތަށް، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި، އާކިޕެލެޖިކު ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގްތިސާދީ ކަނޑަށެވެ.

(ފ) "ދުއްވުން" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ދުއްވާ އުޅަނދެއް ނަގިލި ލައިފައި ނުވަތަ އުޅަނދު ތަނެއްގައި އައްސައިފައި ނެތް ކޮންމެ އުޅަނދަކަށެވެ.

(ދ) "ހުއްދަކޮށްފައިވާ ތަމްރީނު ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ ދަށުން މިނިސްޓްރީން ހުއްދަ ދީފައިވާތަމްރީނު ދޭ މަރުކަޒުތަކަށެވެ.

"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށެވެ.

 

24 ވަނަ މާއްދާ - އުސޫލުތައް ކަނޑައެޅުން

ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ 24 ވަނަ މާއްދާގެ (ހ) އިން ލާޒިމުކޮށްފައިވާ ސަނަދާއި، ލައިސަންސް ހޯދުމަށް ޓަކައި ފުރިހަމަ ކުރަންޖެހޭ ތަމްރީނާއި، ދުއްވުމުގެ އިމްތިހާނު ފުރިހަމަ ކުރަންޖެހޭނެ ގޮތްތަކުގެ އުސޫލުތައް ކަނޑައަޅައި ށާއިއު ކުރާނީ،މިނިސްޓްރީންނެވެ.

 

25 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން 

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ފަހުންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1969-78 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) ގެ ދަށުން ހަދައި ފައިވާ "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ލައިސަންސާބެހޭ އެންމެހައި ބައިތައް އުވުނީއެވެ.

(ނ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކަށް ލައިސަންސް ދޫކުރުމާއި، ކުރިން ހަދައިދީފައިވާ ލައިސަންސްތައް މި ކެޓަގަރީތަކަށް ބަދަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއު ކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ދެމުން ގެންދިޔަ ލައިސަންސް ކެޓަގަރީތަކަށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހާ ހަމަޔަށް ލައިސަން ސް ދޫކުރަމުން ގެންދެވޭނެއެވެ.

 

މައި ގާނޫނު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-69)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު