-

ފޮރިން ސަރވިސްގެ އާންމު ގަވާއިދު

(ގަވާއިދު ނަންބަރު 2022-129)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 އޮގަސްޓް 2022 ވަނަ ދުވަހު)

ފުރަތަމަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ހިންގުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމަށްޓަކައި، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން އެކުލަވައިލައިފައިވާ އާންމު ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ އާންމު ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ފޮރިން ސަރވިސް އެންމެ ފުރިހަމަ ގޮތުގައި ރާވައި ހިންގުމަށް މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބުކުރުމާއި މަސައްކަތްތައް ހިންގާނެ އަސާސްތައް ކަނޑައެޅުމެވެ.

 

ދެވަނަ ބާބު

މިނިސްޓްރީގެ މަސައްކަތްތައް ބެހިގެންވާގޮތް

 

3 ވަނަ މާއްދާ - މިނިސްޓްރީގެ މަސައްކަތްތައް

ފޮރިން ސަރވިސް ރާވައި ހިންގުމަށް މިނިސްޓްރީގެ މަސައްކަތްތައް ބަހައި ތަރުތީބުކުރެވިފައިވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

(ށ) ކޮންސިއުލަރ ޑިޕާޓްމަންޓް

(ނ) ޕްރޮޓޮކޯލް ޑިޕާޓްމަންޓް

(ރ) ބައިލެޓަރަލް ޑިޕާޓްމަންޓް

(ބ) މަލްޓިލެޓަރަލް ޑިޕާޓްމަންޓް

(ޅ) ލީގަލް އެފެއާޒް ޑިޕާޓްމަންޓް

(ކ) އިކޮނޮމިކް ކޯޕަރޭށަން ޑިޕާޓްމަންޓް

(އ) ފޮރިން ސަރވިސް އިންސްޓިޓިއުޓް

(ވ) ޕަބްލިކް އިންފޮމޭށަން ޔުނިޓް

(މ) އިންފޮމޭށަން، ކޮމިއުނިކޭށަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ޑިޕާޓްމަންޓް

 

4 ވަނަ މާއްދާ - މިނިސްޓްރީގެ އިދާރީ ހިންގުން އިންތިޒާމުކުރުން

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާގޮތުގެމަތިން، ފޮރިން ސަރވިސްގެ އޮނިގަނޑު މިނިސްޓަރުގެ ލަފަޔާއެކު އެކުލަވައިލައި، ފޮރިން ސަރވިސްގެ އެކި ބައިތަކުން ކުރާނެ މަސައްކަތްތައް ކަނޑައެޅުމުގެ އިހްތިޔާރު ފޮރިން ސެކްރެޓަރީއަށް ލިބިގެންވެއެވެ .

 

5 ވަނަ މާއްދާ - އިދާރީ ހިންގުން

މިނިސްޓްރީ ދުވަހުން ދުވަހަށް އިދާރީގޮތުން ހިންގުމުގައި މިނިސްޓަރަށް އެހީތެރިވުމުގައި އެންމެ އިސްކޮށް ހުންނާނީ ފޮރިން ސެކްރެޓަރީއެވެ.

 

6 ވަނަ މާއްދާ - ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

މިނިސްޓްރީގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގެ ދަށުން ހިންގާ އިދާރީ މަސައްކަތްތައް ބިނާވެފައި އޮންނާނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

(ހ) މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ކަންކަން.

(ށ) މުވައްޒަފުންނާ ގުޅޭ ކަންކަން.

(ނ) ބަޖެޓާ ގުޅޭ ކަންކަން.

(ރ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓު ތަކާގުޅޭ އިދާރީ ކަންކަން.

(ބ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތައް ގާއިމުކުރުމާއި ބަންދުކުރުމަށް ކުރަންޖެހޭ ކަންކަން.

(ޅ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި، ކޮންސިއުލަރ ޕޯސްޓުތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް މުރާޖައާކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސަށްހުށަހެޅުމާ ގުޅޭ ކަންކަން.

(ކ) އިންޓަރނަލް އޯޑިޓް.

(އ) މިނިސްޓްރީގެ އިމާރާތް ބެލެހެއްޓުމާ މަރާމާތުގެ ކަންކަން.

(ވ) މިނޫންވެސް މިނިސްޓްރީގެ އިދާރީ އެހެނިހެން ކަންކަން.

 

7 ވަނަ މާއްދާ - ސެކްރެޓަރީ (ކޯޕަރޭޓް އެފެއާޒް)

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި، ހިންގައި ބަލަހައްޓާނީ، ސެކްރެޓަރީ ( ކޯޕަރޭޓް އެފެއާޒް) ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ.

 

8 ވަނަ މާއްދާ - ކޮންސިއުލަރ ހިދުމަތްތައް

ކޮންސިއުލަރ ހިދުމަތަކީ، ބޭރު ގައުމުތަކުގައި ތިބޭ ދިވެހިރައްޔިތުންނަށާއި ދިވެހިރާއްޖޭގެ ކުންފުނިތަކާއި ވިޔަފާރިތަކުގެ މަސްލަހަތު ހިމާޔަތްކޮށް ރައްކައުތެރިކުރުމަށް، ޑިޕްލޮމެޓިކް މިށަނެއް ނުވަތަ ކޮންސިއުލަރ ޕޯސްޓެއް ހުންނަ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަނަކުން ނުވަތަ ކޮންސިއުލަރ ޕޯސްޓުތަކުން، ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސް (1963) ގެ ހަމަތަކާއި، އެ ގައުމެއްގެ ގާނޫނާއި ގަވާއިދާ ހިލާފު ނުވާނެ ގޮތެއްގެ މަތިން، ފޯރުކޮށްދޭ އެކިއެކި ހިދުމަތްތަކެވެ.

 

9 ވަނަ މާއްދާ - ސެކްރެޓަރީ (ކޮންސިއުލަރ)

ކޮންސިއުލަރ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި ހިންގައި ބަލަހައްޓާނީ، ސެކްރެޓަރީ (ކޮންސިއުލަރ) ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ.

 

10 ވަނަ މާއްދާ - ކޮންސިއުލަރ ޑިޕާޓްމަންޓާއި ކޮންސިއުލަރ ޕޯސްޓުތަކުގެ މަސައްކަތް

ކޮންސިއުލަރ މަސައްކަތްތައް ބެހިގެންވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

(ހ) ބޭރު ގައުމުތަކުގައި ހާލުގައި ޖެހޭ ނުވަތަ އެކިއެކި އެހީއަށް ބޭނުންވާ ދިވެހި ރައްޔިތުންނަށް ދިވެހި ސަރުކާރުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން.

(ށ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުން ނުވަތަ ކޮންސިއުލަރ ޕޯސްޓުތައް ހުންނަ ގައުމުތަކުގައި ދިރިއުޅޭ، ނުވަތަ ދަތުރުކުރާ ދިވެހިރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ޕާސްޕޯޓާއި، ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ހެއްދުމުގައި އެހީތެރިވުން.

(ނ) ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ (ރ) ގެ ދަށުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުން.

(ރ) ޑިޕްލޮމެޓިކް މިށަންތަކުން ނުވަތަ ކޮންސިއުލަރ ޕޯސްޓެއް ހުންނަ ގައުމުތަކުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފު ނުވާގޮތުގެ މަތިން ދިވެހި ސަރުކާރުން ހަވާލުކުރާ މަސައްކަތްތައް ކުރުން.

(ބ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުން ނުވަތަ ކޮންސިއުލަރ ޕޯސްޓުތަކުގައި ތިބޭ ކޮންސިއުލަރ އެޖެންޓުންނަށް ބޭނުންވާ ވަސީލަތްތައް ކަށަވަރުކޮށްދިނުމާއެކު، ކޮންސިއުލަރ އެޖެންޓުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ގާނޫނީގޮތުން އަހުލުވެރިވާންޖެހޭ ކަންތައްތަކަށް އަހުލުވެރިވެފައިވޭތޯ ކަށަވަރު ކުރުމާއި، މަސައްކަތަށް ބޭނުންވާ ތަޖުރިބާއާއި ހުނަރު ބިނާކުރުން.

(ޅ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުން ނުވަތަ ކޮންސިއުލަރ ޕޯސްޓުތަކުން ލިބެން ހުންނާނެ ހިދުމަތްތައް އާންމުކޮށް އެނގޭނެގޮތަށް ބެހެއްޓުމާއި، ކޮންސިއުލަރ ހިދުމަތާގުޅޭ އެސް.އޯ.ޕީ ތައްޔާރުކޮށް ބެލެހެއްޓުން.

(ކ) މިނޫންވެސް ކޮންސިއުލަރ ޑިޕާޓްމަންޓުގެ މަސައްކަތާ ގުޅޭ އެހެނިހެން ކަންކަން.

 

11 ވަނަ މާއްދާ - ޕްރޮޓޮކޯލް ހިދުމަތް

ޕްރޮޓޮކޯލްގެ މަސައްކަތަކީ، ބައިނަލްއަގްވާމީ ގުޅުންތައް ދެމެހެއްޓުމަށްޓަކައި ޒަމާންވީ އާދަކާދަތަކެއްގެ މައްޗަށް ބިނާވެފައި އޮންނަ، ދޭދޭ ގައުމުތަކުގެ މެދުގައި އެކިއެކި ރަސްމީ ގުޅުންތައް ހިންގާއިރު، ކަންކަން ކުރާނެގޮތާއި އަމަލުކުރާނެ ގޮތުގެ ހަމަތަކާއި ނިޒާމުތަކުގެ މައްޗަށް ބިނާވެފައި އޮންނަ މަސައްކަތެކެވެ.

 

12 ވަނަ މާއްދާ - ޕްރޮކޯލް ޑިޕާޓްމަންޓް ހިންގުން

ޕްރޮޓޮކޯލާގުޅޭ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި ހިންގައި ބަލަހައްޓާނީ، ޗީފް އޮފް ޕްރޮޓޮކޯލް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ. ޕްރޮޓޮކޯލްގެ އެންމެހައި ކަންތައްތައް ރާވައި ހިންގާނީ، ޗީފް އޮފް ޕްރޮޓޮކޯލްގެ އިރުށާދުގެ ދަށުން މިނިސްޓްރީގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓުންނެވެ.

 

13 ވަނަ މާއްދާ - ޕްރޮޓޮކޯލް ހޭންޑްބުކް

ޕްރޮޓޮކޯލްގެ އެންމެހައި އިންތިޒާމުތައް ހަމަޖެހިފައި އޮންނަ ގޮތާއި، ހަމަޖައްސާނެގޮތުގެ އަތްމަތީ ފޮތެއް (ޕްރޮޓޮކޯލް ހޭންޑްބުކް) އޮންނަންވާނެއެވެ.

 

14 ވަނަ މާއްދާ - ޕްރޮޓޮކޯލް ޑިޕާޓްމަންޓު ގެ މަސައްކަތްތައް

ޕްރޮޓޮކޯލް ޑިޕާޓްމަންޓުގެ މަސައްކަތްތައް ބެހިގެންވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

(ހ) ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ބޭރުގެ އެކިއެކި ގައުމުތަކަށް ކުރާ ދަތުރުތަކާއި، ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގެ ޕްރޮޓޮކޯލް އިންތިޒާމުތަކާއި،ރައީސުލްޖުމްހޫރިއްޔާގެ ދައުވަތުތަކަށް ރާއްޖެއަށް ޒިޔާރަތްކުރާ ގައުމުތަކުގެ އެންމެ އިސްވެރިންނަށް ދިވެހި ދައުލަތުގެ މެހެމާންދާރީ އަދާކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ށ) ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ އެހެނިހެން އިއްޒަތްތެރިންނަށް މެހެމާންދާރީ އަދާކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ނ) ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާ ސަފީރުން، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ރ) ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ބޭރު ގައުމުތަކުގެ މަންދޫބުން ކުރާ އިހްތިރާމުގެ ޒިޔާރަތާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން/ ފިރިކަލުންގެ އަރިހަށް ބޭރުގެ ގައުމުތަކުގެ ވެރިންގެ އަނބިކަނބަލުން / ފިރިކަލުން ކުރާ އިހްތިރާ މުގެ ޒިޔާރަތްތަކާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުން.

(ބ) ދިވެހި ދައުލަތުގެ އިސްވެރިން ބޭރު ގައުމުތަކަށް ދަތުރުކުރާއިރު ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.

(ޅ) ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް (1961) އާއި، ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސް (1963) ގެ ދަށުން ބޭރު ދައުލަތްތަކާއި ދިވެހިރާއްޖެއާ އޮންނަ ގުޅުމުގެ ތެރެއިން އެ ދައުލަތްތައް ދިވެހިރާއްޖޭގައި ތަމްސީލު ކުރަން ކަނޑައަޅައިފައި ތިބޭ ޑިޕްލޮމެޓުންނަށާއި ކޮންސިއުލަރ އެޖެންޓުންނަށް ލިބިދޭންޖެހޭ އިމްތިޔާޒުތަކާއި ރައްކައުތެރިކަން ފޯރުކޮށްދިނުން.

(ކ) ދިވެހިރާއްޖޭގެ ވަޔާއި ކަނޑުގެ ސަރަހައްދަށް ވަންނަ ބޭރު ދައުލަތްތަކުގެ އުޅަނދުފަހަރާއި މަތިންދާބޯޓުތަކަށް ބޭނުންވާ ޑިޕްލޮމެޓިކް ކްލިއަރެންސް މިނިސްޓްރީން ކަނޑައަ ޅައިފައި އޮންނަ އުސޫލަކުން ހަމަޖައްސައިދިނުން

(އ) މިނޫންވެސް ޕްރޮޓޮކޯލް ޑިޕާޓްމަންޓުގެ މަސައްކަތާ ގުޅޭ އެހެނިހެން ކަންކަން.

(ވ) ސަރުކާރުން ނިންމާގޮތެއްގެ މަތިން، ދިވެހިރާއްޖޭގައި ހުންނަ ރެސިޑެންޓް މިށަންތަކަށް ބިން ދޫކުރުމާ ގުޅޭ އުސޫލެއް އެކުލަވައިލައި، އެކަމާގުޅޭ އެންމެހައި މަސައްކަތްކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުށާދުގެ ދަށުންނެވެ.

 

15 ވަނަ މާއްދާ - ބައިލެޓަރަލް ޑިޕާޓްމަންޓް

ބައިލެޓަރަލް ޑިޕާޓްމަންޓުގެ މަސައްކަތަކީ، ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ދިވެހިރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކާ އޮންނަ ގުޅުންތައް ހަރުދަނާކޮށް އިތުރަށް ބަދަހިކުރުމަށް، އެ ގައުމުތަކާއެކު އޮންނަ ސިޔާސީ، އިގްތިސާދީ އަދި ސަގާފީ ގުޅުންތައް ހިންގުމެވެ.

 

16 ވަނަ މާއްދާ - ސެކްރެޓަރީ (ބައިލެޓަރަލް)

ބައިލެޓަރަލް މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި ހިންގައި ބަލަހައްޓާނީ، ސެކްރެޓަރީ (ބައިލެޓަރަލް) ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ.

 

17 ވަނަ މާއްދާ - ބައިލެޓަރަލް ޑެސްކުތައް

މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތް ކުރުމަށް، ސިޔާސީގުޅުން ބަދަހިކޮށްފައިވާ ކޮންމެ ގައުމަކާގުޅޭ މަސްލަހަތު ދުވަހުން ދުވަހަށް ބަލަހައްޓާނެ ޑެސްކެއް ހުންނަންވާނެއެވެ.

 

18 ވަނަ މާއްދާ - ބައިލެޓަރަލް ޑިޕާޓްމަންޓުގެ މަސައްކަތް

ބައިލެޓަރަލް މަސައްކަތްތައް ބިނާވެފައި އޮންނާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ. 
(ހ) ސިޔާސީ ގުޅުން ގާއިމުކުރުން.

(ށ) ދައުލަތް/ސަރުކާރުތަކުގެ އިސްވެރިންގެ ދަތުރުތައް.

(ނ) ޑިޕްލޮމެޓިކް މިށަންތައް ގާއިމުކުރުން.

(ރ) ސަފީރުން އައްޔަނުކުރުން.

(ބ) ސަފީރުން ބަލައިގަތުން.

(ޅ) ކޮންސިއުލަރ ޕޯސްޓުތައް ގާއިމުކުރުން.

(ކ) އިގްތިސާދީ އަދި ސަގާފީ މުއާމަލާތްތައް.

(އ) ދޭދޭ ގައުމުތަކާއެކު ވެވޭ އެއްބަސްވުންތައް.

(ވ) ސެކިއުރިޓީ ކޯޕަރޭށަން.

(މ) ރީޖަނަލް ކޯޕަރޭށަން.

(ފ) މިނޫންވެސް ދޭދޭ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭ ބައިލެޓަރަލް އެހެނިހެން ކަންކަން.

 

19 ވަނަ މާއްދާ - މަލްޓިލެޓަރަލް ޑިޕާޓްމަންޓް

މަލްޓިލެޓަރަލް ޑިޕާޓްމަންޓުގެ މަސައްކަތަކީ، ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ އެކިއެކި ޖަ މުއިއްޔާތަކާއި، ޖަމާއަތްތަކާއި، ވަކި މަގުސަދެއް ހާސިލުކުރުމަށް ވެވޭ ރަސްމީ އަދި ނުރަސްމީ އިއްތިހާދުތަކާއެކު އޮންނަ ގުޅުންތައް ދުވަހުން ދުވަހަށް ހިންގުމެވެ. އަދި، ރާއްޖެއަށް މުހިންމު އެކިއެކި ސަރަހައްދީ، ބައިނަލްއަގްވާމީ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވެ ރާއްޖޭގެ މަސްލަހަތުތައް ނެގެހެއްޓުމެވެ.

 

20 ވަނަ މާއްދާ - ސެކްރެޓަރީ (މަލްޓިލެޓަރަލް)

މަލްޓިލެޓަރަލް ޑިޕާޓްމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި ހިންގައި ބަލަހައްޓާނީ، ސެކްރެޓަރީ (މަލްޓިލެޓަރަލް) ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ.

 

21 ވަނަ މާއްދާ - މަލްޓިލެޓަރަލް ޑިޕާޓްމަންޓުގެ މަސައްކަތް

މަލްޓިލެޓަރަލް ޑިޕާޓްމަންޓުގެ މަސައްކަތްތައް ބިނާވެފައި އޮންނާނީ، އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

(ހ) ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ އެކިއެކި ޖަމުއިއްޔާތަކާއި، ޖަމާއަތްތަކާއި، ވަކި މަގުސަދެއް ހާސިލުކުރުމަށް ވެވޭ ރަސްމީ އަދި ނުރަސްމީ އިއްތިހާދުތަކުގައި ރާއްޖެ ތަމްސީލު ކުރުން.

(ށ) ރާއްޖެ ބައިވެރިވާ އެކިއެކި ޖަމުއިއްޔާތަކަށް މަންދޫބުން ހަމަޖެއްސުމާގުޅޭ ކަންތައްތައް.

(ނ) ރާއްޖެ ބައިވެރިވާ އެކިއެކި ޖަމުއިއްޔާތަކުން ރާއްޖެއަށް ކަނޑައަޅާ މަންދޫބުން ގަބޫލުކުރުމާއި، އެ ފަރާތްތަކުގެ ފަތްކޮޅު ބަލައިގަތުމާގުޅޭ ކަންތައްތައް.

(ރ) ރާއްޖެއިން، ބައިނަލްއަގްވާމީ އެކިއެކި ޖަމުއިއްޔާތަކާއި، ޖަމާއަތްތަކާއި، ވަކި މަގުސަދެއް ހާސިލުކުރުމަށް ވެވޭ ރަސްމީ އަދި ނުރަސްމީ އިއްތިހާދުތަކުގައި ބައިވެރިވުމާއި، ވަކިވުމާ ގުޅޭގޮތުން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާއަށް ދޭންޖެހޭ ލަފާ ދިނުމަށް ކުރަންޖެހޭ ކަންތައްތައް.

(ބ) ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި މުއާހަދާތަކުގައި ރާއްޖެއިން ބައިވެރިވުމާއި،ވަކިވުމާ ގުޅޭގޮތުން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާއަށް ދޭންޖެހޭ ލަފާ ދިނުމަށް ކުރަންޖެހޭ ކަންތައްތައް.

(ޅ) މިނޫންވެސް މަލްޓިލެޓަރަލް ޑިޕާޓްމަންޓުގެ މަސައްކަތާ ގުޅޭ އެހެނިހެން ކަންކަން.

 

22 ވަނަ މާއްދާ - ލީގަލް އެފެއާޒް ޑިޕާޓްމަންޓް

ލީގަލް އެފެއާޒް ޑިޕާޓްމަންޓުގެ މަސައްކަތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި، ގާނޫނުތަކާއި، ގަވާއިދުތަކާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާ އެއްގޮތަށް ކުރާ މަސައްކަތްތަކެއްކަން ކަށަވަރު ކުރުމެވެ.

 

23 ވަނަ މާއްދާ - ސެކްރެޓަރީ (ލީގަލް)

ލީގަލް އެފެއާޒް ޑިޕާޓްމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި، ހިންގައި ބަލަހައްޓާނީ، ސެކްރެޓަރީ (ލީގަލް) ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ.

 

24 ވަނަ މާއްދާ - ލީގަލް ޑިޕާޓްމަންޓުގެ މަސައްކަތް

ލީގަލް އެފެއާޒް ޑިޕާޓްމަންޓުގެ މަސައްކަތްތައް ބިނާވެފައި އޮންނަނީ، އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

(ހ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުން ލާޒިމުކުރާ އެކި އެކި ރިޕޯޓުތައް،ކަމާގުޅޭ އިދާރާތަކާ ގުޅިގެން ހުށަހަޅައި، ބައިނަލްއަގްވާމީ މައިދާންތަކުގައި ދިވެހިރާއްޖެއިން އެކި ކަންކަމާ ގުޅޭގޮތުން ވޯޓުދޭގޮތާއި، ދިވެހިރާއްޖެއިން ތާއީދުކުރާ އަދި ހުށަހަޅާ އެކި ރިޒޮލިއުށަންތަކަށާއި، މިފަދަ އެހެންވެސް ނިންމުންތަކަށް ބޭނުންވާ ގާނޫނީ ލަފާ ދިނުން.

(ށ) މިނިސްޓްރީން ތައްޔާރުކުރާ އެކި ކަރުދާސްތަކާއި، ބްރީފްތަކާއި، ޕޮޒިށަން ޕޭޕަރތަކާއި، މިނިސްޓްރީން ސޮއިކުރާ ނުވަތަ ސޮއިކުރުމަށް އެހެން ގައުމުތަކަށް ހުށަހަޅާ އެކިއެކި އެއްބަސްވުންތަކާމެދު މިނިސްޓްރީއަށް ގާނޫނީ ލަފާދިނުން.

(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި އެކިއެކި ގާނޫނުތަކުން ކުރުމަށް ލާޒިމުކުރާ ކަންކަން، އެ ގާނޫނުތަކުގައި ބަޔާންކުރާ މިންވަރާއި ވަގުތަށް މިނިސްޓްރީން ތަންފީޒު ކުރުމަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދިނުން.

(ރ) ދައުލަތުގެ މުއައްސަސާތަކަށް މިނިސްޓްރީގެ ފަރާތުން ޖަވާބުދާރީވުމުގައި އެހީތެރިވުމާއި ގާނޫނީ ލަފާ ދިނުން.

(ބ) މިނޫންވެސް ލީގަލް ޑިޕާޓްމަންޓުގެ މަސައްކަތާ ގުޅޭ އެހެނިހެން ކަންކަން.

 

25 ވަނަ މާއްދާ - އިކޮނޮމިކް ކޯޕަރޭށަން ޑިޕާޓްމަންޓް

އިކޮނޮމިކް ކޯޕަރޭށަން ޑިޕާޓްމަންޓުގެ މަސައްކަތަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށާއި، ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކަށް ރާއްޖެއިން ބޭރުން ލިބެންހުންނަ އެހީއާއި އިގްތިސާދީ ފުރުސަތުތައް ދެނެގަނެ، އަދި އެ ފުރުސަތުތަކުގެ ފައިދާ ރާއްޖެއަށް ހޯދުމުގެ މަސައްކަތްތައް ވިލަރެސްކޮށް، ހިންގައި، އަދި ހިނގާނުހިނގާގޮތް ބެލުމެވެ. އަދި ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމަށް މަސައްކަތްކުރުމާއި، ރާއްޖެއާ އެހެން ގައުމުތަކާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމާއި، ރާއްޖެއަށް ބޭރުގެ ފަރާތްތަކުން އިންވެސްޓްމަންޓުތައް ހޯދުމުގެ މަސައްކަތް ކުރުމެވެ.

 

26 ވަނަ މާއްދާ - ސެކްރެޓަރީ (އިކޮނޮމިކް ކޯޕަރޭށަން)

އިކޮނޮމިކް ކޯޕަރޭށަން ޑިޕާޓްމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި، ހިންގައިބަލަހައްޓާނީ، ސެކްރެޓަރީ (އިކޮނޮމިކް ކޯޕަރޭށަން) ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ.

 

27 ވަނަ މާއްދާ - އިކޮނޮމިކް ކޯޕަރޭށަން ޑިޕާޓްމަންޓުގެ މަސައްކަތް

އިކޮނޮމިކް ކޯޕަރޭށަން ޑިޕާޓްމަންޓުގެ މަސައްކަތްތައް ބިނާވެފައި އޮންނާނީ، އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

(ހ) ރާއްޖޭގެ ތަރައްގީއަށް ބޭރު ގައުމުތަކުގެ ސަރުކާރުތަކުން ލިބެން ހުންނަ ފުރުސަތުތައް ފާހަގަކޮށް، އޭގެ ތެރެއިން ރާއްޖެއަށް ފައިދާއާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި، ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، އެ ފުރުސަތުތަކުގެ ބޭނުން ހިފުން؛

(ށ) ބޭރު ގައުމުތަކުގެ ސަރުކާރުތަކުން ލިބެން ހުންނަ ފުރުސަތުތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެކަމަށް މިނިސްޓްރީއަށް ފެންނަ ފުރުސަތުތަކުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ހިއްސާކުރުން؛

(ނ) ބޭރު ގައުމުތަކުގެ ސަރުކާރުތަކުންނާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ލިބޭ އެހީއާއި، ލޯނާއި، ފަންނީ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ހުށަހަޅުއްވާ މަށްރޫއުތައް، ސަރުކާރުން ހަމަޖައްސާފައި އޮންނަ އުސޫލާ އެއްގޮތަށް ބޭރު ގައުމުތަކުގެ ސަރުކާރުތަކަށް ހުށަހެޅުމާބެހޭ ކަންކަން ވިލަރެސްކުރުން.

(ރ) ބޭރު ގައުމުތަކުގެ ސަރުކާރުތަކުންނާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ލިބޭ އެހީއާއި، ލޯނާއި، ފަންނީ އެހީ ލިބިގެން ރާއްޖޭގައި ހިންގާ މަށްރޫއުތައް ހިނގާނުހިނގާގޮތް ބަލައި މަށްރޫއުތަކުގެ ތާވަލާ އެއްގޮތަށް ކުރިއަށްދޭތޯ ކަށަވަރުކުރުން.

(ބ) ތަރައްގީގެ މަށްރޫއުތައް ހިންގުމަށް ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން އެހީ ހޯދުމާބެހޭ ކަންކަން ސަރުކާރުގެ އެހެން އިދާރާތަކާއެކު ވިލަރެސްކޮށް ހިންގުން.

(ޅ) މިނޫންވެސް އިކޮނޮމިކް ކޯޕަރޭށަން ޑިޕާޓްމަންޓުގެ މަސައްކަތާ ގުޅޭ އެހެނިހެން ކަންކަން.

 

28 ވަނަ މާއްދާ - އިންފޮމޭށަން، ކޮމިއުނިކޭށަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ޑިޕާޓްމަންޓުގެ މަސައްކަތް

ދޭދޭ ގައުމުތަކާއެކު ކުރެވޭ ސިއްރު މުއާމަލާތްތަކަކީ، ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ ގައުމުތަކާއެކު އޮންނަ ގާތްގުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަންތައްތަކެކެވެ. މިފަދަ މުއާމަލާތްތަކާގުޅޭ ލިޔެކިޔުންތަކާއި، އާންމު ނުކުރާ ހުރިހާ ލިޔެކިޔުންތައް މިނިސްޓްރީގެ އިންފޮމޭށަން ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރަށް ހަމަލާދީގެން، ފޭރުމަށް، ރާއްޖެއިން ބޭރުން އަދި އެތެރެއިން އެކި އެކި ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓުވުމަށް މަސައްކަތްތައް ކުރުމަކީ، އިންފޮމޭށަން، ކޮމިއުނިކޭށަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގެ އެންމެ މުހިންމު މަސައްކަތެވެ.

 

29 ވަނަ މާއްދާ - އިންފޮމޭށަން، ކޮމިއުނިކޭށަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގެ އިސްވެރިޔާ

އިންފޮމޭށަން، ކޮމިއުނިކޭށަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި ހިންގައި ބަލަހައްޓާނީ، މިނިސްޓަރު ކަނޑައަޅާގޮތެއްގެ މަތިން، އައި.ސީ.ޓީ. ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާއެވެ.

 

30 ވަނަ މާއްދާ - އިންފޮމޭށަން، ކޮމިއުނިކޭށަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގެ މަސައްކަތް

އިންފޮމޭށަން، ކޮމިއުނިކޭށަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ބިނާވެފައި އޮންނާނީ، އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

(ހ) މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގެ އިންފޮމޭށަން، ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރ އަބަދުވެސް ޒަމާނާ އެއްގޮތަށް ތަރައްގީކޮށް ބެލެހެއްޓުން.

(ށ) މިނިސްޓްރީގެ އިންފޮމޭށަން ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރަށް ދޭ ހަމަލާތައް ދެނެގަތުމާއި، މިފަދަ ކަންތައްތައް ހައްލުކުރުމަށް ދައުލަތުގެ ސަލާމަތީ ބާރުތަކާއެކު ކުރަންޖެހޭ މަސައްކަތްތައްކުރުން.

(ނ) މިނޫންވެސް އިންފޮމޭށަން، ކޮމިއުނިކޭށަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގެ މަސައްކަތާ ގުޅޭ އެހެނިހެން ކަންކަން.

 

31 ވަނަ މާއްދާ - އިންފޮމޭށަން، ކޮމިއުނިކޭށަން ޓެކްނޮލޮޖީ ޑިޕާޓްމަންޓާ ގުޅޭ ކަންކަން ރިޕޯޓުކުރުން

މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގެ އިންފޮމޭށަން ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރުގެ ރައްކައުތެރިކަމާއި، އިންފްރާސްޓްރަކްޗަރަށް އެއްވެސް ނުރައްކަލެއް އޮތްނަމަ، އެކަން ފޮރިން ސެކްރެޓަރީއަށް ރިޕޯޓު ކުރާނީ، އައި.ސީ.ޓީ. ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާއެވެ.

 

32 ވަނަ މާއްދާ - ފޮރިން ސަރވިސް އިންސްޓިޓިއުޓް

ފޮރިން ސަރވިސް އިންސްޓިޓިއުޓަކީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފޮރިން ސަރވިސްގެ މުވައްޒަފުން ތަމްރީނުކޮށް ހުނަރާއި ތަޖުރިބާ ދިނުމަށްޓަކައި އުފައްދައި ފައިވާ އިންސްޓިޓިއުޓެކެވެ.

 

33 ވަނަ މާއްދާ - ފޮރިން ސަރވިސް އިންސްޓިޓިއުޓުގެ މަސައްކަތް

ފޮރިން ސަރވިސް އިންސްޓިޓިއުޓުގެ މަސައްކަތްތައް ބިނާވެފައި އޮންނާނީ، އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

(ހ) ފޮރިން ސަރވިސްގެ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ، ފޮރިން ސަރވިސްގެ މަގުސަދު ހާސިލުކުރެވޭފަދަ ހާއްސަ ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި ދޭންޖެހޭ ތަމްރީނު ދިނުން.

(ށ) ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއަށް ލިބެންހުރި ފުރުސަތުތަކާ ބެހޭގޮތުންނާއި، އެފަދަ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދިވެހިރާއްޖެއަށް ފައިދާއާއި މަންފާ ލިބޭނެ ގޮތެއްގެ މަތިން ދިވެހިރާއްޖޭގެ މަސްލަހަތު ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުން ދިރާސާތައް ކުރުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ ދިރާސާތަކުގެ ނަތީޖާ މިނިސްޓްރީއާ ހިއްސާކުރުމާއި، ހަމަޖެހިފައި އޮންނަ އުސޫލެއްގެ ދަށުން، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ހިއްސާކުރުމާއި، އާންމުންނަށް އޮޅުން ފިލާނެހެން ށާއިއުކުރުން.

(ރ) ޑިޕްލޮމަސީއާއި ބައިނަލްއަގްވާމީ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓަރަށް މައުލޫމާތާއި ލަފާ ދިނުމަށްޓަކައި އެކުލަވައިލަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި އެކަމަށް ބޭނުންވާ ދިރާސާތައް ކުރުން.

(ބ) މިނޫންވެސް ފޮރިން ސަރވިސް އިންސްޓިޓިއުޓުގެ މަސައްކަތާ ގުޅޭ އެހެނިހެން ކަންކަން.

 

34 ވަނަ މާއްދާ - ފޮރިން ސަރވިސް އިންސްޓިޓިއުޓުގެ އިސްވެރިޔާ

ފޮރިން ސަރވިސް އިންސްޓިޓިއުޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބަލަހައްޓައި ހިންގާނީ،މިނިސްޓަރ ކަނޑައަޅާގޮތެއްގެ މަތިން ފޮރިން ސަރވިސް އިންސްޓިޓިއުޓުގެ އެންމެ އިސްވެރިޔާއެވެ.

 

35 ވަނަ މާއްދާ - ޕަބްލިކް އިންފޮމޭށަން ޔުނިޓް

ޕަބްލިކް އިންފޮމޭށަން ޔުނިޓުގެ މަސައްކަތަކީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާއި، ހާރިޖީ ދާއިރާގައި ހިނގާ މުހިންމު ކަންތައްތަކާއި، ފޮރިން ސަރވިސްގެ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުންނަށް ހިނދުން ހިނދަށް އަސަރުކޮށްފާނެ ކަންތައްތައް ދެނެގަތުމާއި، އެ ކަންތައްތަކާ ގުޅޭގޮތުން ކަމާބެހޭ އެންމެހައި އިދާރާތަކަށާއި، މީޑިއާތަކަށާއި، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، މި މަސައްކަތާ ގުޅޭގޮތުން ފޮރިން ސަރވިސްގެ މުވައްޒަފުން އަހުލުވެރިކުރަންޖެހޭ ކަންތައްތަކަށް އަހުލުވެރިކުރުމެވެ.

 

36 ވަނަ މާއްދާ - ޕަބްލިކް އިންފޮމޭށަން ޔުނިޓުގެ އެންމެ އިސްވެރިޔާ

ޕަބްލިކް އިންފޮމޭށަން ޔުނިޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި ހިންގައިބަލަހައްޓާނީ، މިނިސްޓަރު ކަނޑައަޅާގޮތެއްގެ މަތިން ޕަބްލިކް އިންފޮމޭށަން ޔުނިޓުގެ އެންމެ އިސްވެރިޔާއެވެ.

 

37 ވަނަ މާއްދާ - ޕަބްލިކް އިންފޮމޭށަން ޔުނިޓުގެ މަސައްކަތް

ޕަބްލިކް އިންފޮމޭށަން ޔުނިޓުގެ މަސައްކަތްތައް ބިނާވެފައި އޮންނާނީ، އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

(ހ) ހާރިޖިއްޔާގެ މަސައްކަތްތަކާބެހޭ މައުލޫމާތުގެ ހަބަރާއި، ޕްރެސް ރިލީޒާއި، ބަޔާންތައް، ކަމާބެހޭ ޑިޕާޓްމަންޓް/ޑިވިޒަންތަކާ ގުޅިގެން ވެބްސައިޓާއި، މީސްމީޑިޔާ އާއި އެހެނިހެން ޒަރީއާތައް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން.

(ށ) ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ އެކިއެކި މިށަންތަކުގެ މަސައްކަތާބެހޭ ނުވަތަ ހިންގާ މުހިންމު ހަރަކާތްތަކާގުޅޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގެ ޒަރީއާއިން ނުވަތަ ސީދާ މީޑިއާ އާ ހިއްސާކުރުން.

(ނ) މިނިސްޓްރީގެ ވެބްސައިޓުގައިވާ މައުލޫމާތު ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

(ރ) މިނޫންވެސް ޕަބްލިކް އިންފޮމޭށަން ޔުނިޓުގެ މަސައްކަތާ ގުޅޭ އެހެނިހެން ކަންކަން.

 

38 ވަނަ މާއްދާ - މީޑިއާއަށް މައު ލޫމާތު ދިނުން

މިނިސްޓްރީންނާއި މިށަންތަކުން މީޑިއާއަށް މައުލޫމާތު ދޭނީ، މިނިސްޓަރު ހަމަޖައްސާ ތަރުޖަމާނެއް، ހަމަޖައްސާ ގޮތެއްގެމަތިންނެވެ.

 

39 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރު

ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން މިނިސްޓްރީއަށް ލިބޭ ހުށަހެޅުންތަކަށް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޖަވާބު ތައްޔާރުކުރުމުގެ މަސައްކަތް ކުރާނީ، އެ ގާނޫނުގެ ދަށުން އައްޔަނުކުރަންޖެހޭ "އިންފޮމޭށަން އޮފިސަރ" އެވެ. އަދި އިންފޮމޭށަން އޮފިސަރ" މަސައްކަތްކުރާނީ، ޕަބްލިކް އިންފޮމޭށަން ޔުނިޓުގައެވެ.

 

ތިންވަނަ ބާބު

އާންމު ބައިތައް

 

40 ވަނަ މާއްދާ - ގަވާއިދުތަކަށް އިސްލާހު ގެނައުން

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވައިލާ ގަވާއިދުތައް އިސްލާހުކުރާނީ، މިނިސްޓަރު ނިންމާ ގޮތެއްގެ މަތިން ފޮރިން ސެކްރެޓަރީއެވެ.

 

41 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް ކަނޑައެޅުން

ފޮރިން ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސުންނެވެ.

 

42  ވަނަ މާއްދާ - (ނޯޓް: އަރިމަތީ ސުރުހީއެއް ނެތް)

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް މުރާޖައާކޮށްދިނުމަށްއެދި މިނިސްޓްރީން ކޮންމެ 5 (ފަހެއް) އަހަރަކުން 1 (އެކެއް) ފަހަރު މިނިސްޓްރީ އޮފްފިނޭންސަށް ހުށަހަޅަންވާނެއެވެ.

 

43 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް އެހެން އިދާރާތަކުން މުވައްޒަފުން ހަމަޖެއްސެވުން

(ހ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް ދައުލަތުގެ އެހެން އިދާރާތަކުން މުވައްޒަފުން ހަމަޖައްސާނީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 57 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް ދައުލަތުގެ އެހެން އިދާރާތަކުން ހަމަޖައްސާ މުވައްޒަފުންނަށް މުސާރައިގެ އިތުރުން ދެވޭ އެލަވަންސްތަކާއި އިނާޔަތްތައް ހުންނަންވާނީ، ފޮރިން ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސްތަކާއި އިނާޔަތްތަކާ އެއް ހަމައަކުންނެވެ.

 

44 ވަނަ މާއްދާ - މިނިސްޓްރީގެ ލިޔެކިޔުންތައް ބެލެހެއްޓުން

ގާނޫނު ނަންބަރު 2011-16 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީގެ ލިޔެކިޔުންތައް ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

 

45 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުން، އެ މީހުންގެ މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތަކީ، ދައުލަތުގެ ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެ މައުލޫމާތެވެ. މިފަދަ މައުލޫމާތެއް އެއްވެސް މިންވަރަކަށް އެއްވެސް ފަރާތަކަށް ހާމަކުރަންވާނީ، އެކަމަށް މިނިސްޓްރީގައި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށެވެ. މިނޫން ގޮތަކަށް އެއްވެސް މިންވަރަކަށް އެއްވެސް ފަރާތަކަށް މައުލޫމާތު ހާމަކުރުމަކީ، ދިވެހިރާއްޖޭގޭ ފޮރިން ސަރވިސްގެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ކުށެކެވެ.

 

46 ވަނަ މާއްދާ - ހަދިޔާ ބަލައިގަތުން

ޖާއިޒު ނޫން މަގުސަދެއް ހާސިލުކުރުމަށްޓަކައި އެއްވެސް ފަރާތަކުން ދޭ ހަދިޔާއެއް ގަބޫލުކޮށްގެން ނުވާނެއެވެ.

 

47 ވަނަ މާއްދާ - މީސްމީޑިއާ ބޭނުންކުރުން

މިނިސްޓްރީގެ ރަސްމީ މީސްމީޑީއާ އެކައުންޓްތައް ބޭނުންކުރުމާއި، މުވައްޒަފުން ސޯށަލް މީޑިއާ ބޭނުންކުރުމުގައި އަމަލުކުރަންވާނީ، މިނިސްޓްރީން އެކުލަވައި ލާ އުސޫލާ އެއްގޮތަށެވެ.

 

48 ވަނަ މާއްދާ - އެކިއެކި ގާނޫނުތަކުން މިނިސްޓްރީއަށް ލާޒި މުކުރާ ކަންކަން ހިންގުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެކިއެކި ގާނޫނުތަކުން ކުރުމަށް ލާޒިމުކުރާ ކަންކަން، އެ ގާނޫނުގައި ބަޔާންކުރާ މިންވަރާއި ވަގުތަށް މިނިސްޓްރީން ތަންފީޒުކުރަންވާނެއެވެ.

 

49 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ހަދާ އެންމެހައި ގާނޫނުތައް ގާތުން ބެލުން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އަދި ބަހުސްކުރެވޭ ބިލްތަކުގެ ތެރެއިން އެ ޑިޕާޓްމަންޓަކާ ގުޅުން ހުރި ބިލްތައް، ގާތުން ބެލުމަކީ މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުން ގަވާއިދުން ކުރަންވާނެކަމެކެވެ.

 

50 ވަނަ މާއްދާ - ފޮރިން ސަރވިސްގެ މަގާމުތަކަށް މީހުން ހަމަޖެއްސުން

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ މަގާމުތަކަށް ހަމަޖައްސަންވާނީ، އެހެން ގައުމެއްގެ ރައްޔިތަކަށް ނުވަތަ ދާއިމީ ރަށްވެއްސަކަށް ނުވާ ދިވެހި ރައްޔިތުންނެވެ.

 

51 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް ބިން ހޯދުން

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތައް ހުންނަ ގައުމުތަކުގައި ގާއިމުކޮށްފައި ހުންނަޑިޕްލޮމެޓިކް އެންކްލޭވުން، ނުވަތަ އެފަދަ އެންކްލޭވެއް ގާއިމުކުރާނަމަ، އެ ގާއިމުކުރާ އެންކްލޭވަކުން، ދިވެހިރާއްޖޭގެ މިށަން ބިނާކުރުމަށް ބިން ހޯދުމަށް، މިނިސްޓަރުގެ ލަފާގެމަތިން އެ މިށަންތަކުން މަސައްކަތް ކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - މިށަންތަކުގެ އިމާރާތް ބިނާކުރުމުގައާއި މިށަންތަކަށް ހިފާ ތަންތަނުގައި ހުންނަންޖެހޭ ސިފަތައް

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލޭޓްތައް އިމާރާތްކުރަންވާނީ، މި ގަވާއިދުގެ ދަށުން އެކުލަވައިލާ، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ ޗާންސެރީ ބިލްޑިންގތަކާއި ކޮންސިއުލޭޓް އިމާރާތްތައް ބިނާކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާ އެއްގޮތަށެވެ. 

 

ހަތަރުވަނަ ބާބު

އެހެނިހެން

 

53 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލު ކުރަންފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

54 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "އެންކްލޭވް" ކަމަށް ބަޔާންކޮށްފައިވަނީ، ޑިޕްލޮމްޓިކް މިށަންތައް ގާއިމުކުރުމަށް ބިން ދިނުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކަށެވެ.

(ށ) "ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) އާއި،އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ.

(ނ) "ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސް (1963") ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން 1 އޮކްޓޫބަރު 1991 ގައި ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއަށެވެ.

(ރ) "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް (1961") ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެއިން 2 އޮކްޓޫބަރު 2007 ގައި ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއަށެވެ.

(ބ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ހާރިޖީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު