-

 ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މު ވައްޒަފުންގެ ވަޒީފާގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-93)

 

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި، ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންގެ ވަޒީފާއާ ބެހޭ އާންމު އުސޫލުތަކާއި، ވަޒީފާއާ ގުޅޭ އެންމެހައި ކަންކަން ބަޔާންކޮށްފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދުގެ ނަމަކީ، "ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންގެ ވަޒީފާގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު 

މި ގަވާއިދުގެ މަގުސަދަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީން މުވައްޒަފުން މަގާމުތަކަށް އައްޔަނުކުރުމާއި، ވަޒީފާއަށް މީހުން ހޮވުމާއި، މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، މިނޫނަސް ވަޒީފާއާ ގުޅޭ އެންމެހައި އުސޫލީ މިންގަނޑުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

 

4 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ވަޒީރު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު އަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާ މަތިކޮށްފައިވާ ވަޒީރަށެވެ.

(ށ) "މާލީ ކަންކަމަށް ޒިންމާވާ ވަޒީރު" ކަމުގައި ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޒިންމާ މަތިކޮށްފައިވާ ވަޒީރަށެވެ.

(ނ) "ވަގުތީ މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ދާއިމީ އާންމު މުވައްޒަފުންގެ ގޮތުގައި ނުހިމެނޭ، ވަކި މަސައްކަތެއް ނުވަތަ ވަކި މަށްރޫއެއް ހިންގުމަށް އެއްބަސްވުމެއްގެ ދަށުން ވަކި މުއްދަތަކަށް، އައްޔަނުކުރާ ވަގުތީ މުވައްޒަފުންނަށެވެ.

(ރ) "ތައުދީބީ މައްސަލަ" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާމެދު ހުށަހެޅޭ ށަކުވާތަކުގެ ތެރެއިން އިދާރީ ފިޔަވަޅު އެޅިދާނެ ހާލަތު ދެމިއޮތްކަމަށް ބެލެވޭ ބާވަތުގެ ށަކުވާއަށެވެ.

(ބ) "ސަސްޕެންޑްކުރުން" ކަމުގައި ބުނެފައި އެވަނީ، މުވައްޒަފާ ހަވާލުކޮށްފައިވާ ވަޒީފާގެ ޒިންމާގެ ތެރޭގައި އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދާނުކުރެވޭ ގޮތަށް އަދި ވަޒީފާގެ ގޮތުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ވަޒީފާއަށް ނުކުތުން މަނާކުރުމަށެވެ.

(ޅ) "އާއިލާ" ކަމުގައި ބުނެފައި އެވަނީ، މަންމައާއި، ބައްޕައާއި، އަނބިން ނުވަތަ ފިރިމީހާއާއި އުފަން ދަރިންގެ ތެރެއިން އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުދިންނާއި، ށަރުއީގޮތުން ހަޒާނަތު ހަވާލުކޮށްފައިތިބޭ އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުދިންނަށެވެ.

(ކ) "އާންމު މުވައްޒަފުން" ނުވަތަ "މުވައްޒަފު" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ތެރެއިން، ފުލުހުންނާއި ޕޮލިސް ރެކްރޫޓުންނާއި ސްޕެށަލް ކޮންސްޓަބަލުން ނޫން އެހެން މުވައްޒަފުންނަށެވެ.

(އ) "އޮފް ދުވަސް" ކަމުގައި ބުނެފައި އެވަނީ، ދަންފަޅި އުސޫލުން ޑިއުޓީއަށް ނުކުންނަ ނުވަތަ ވަޒީފާއަށް ނުކުންނަ މުވައްޒަފުން ވަޒީފާއަށް ނުވަތަ ޑިއުޓީއަށް ނުކުންނަން ނުޖެހޭ ދުވަސްތަކަށެވެ.

(ވ) "ވަޒީފާއަށް ހާޒިރުނުވާ ދުވަސް" ކަމުގައި ބުނެފައި އެވަނީ، މުވައްޒަފަކު އޭނާގެ ރަސްމީ ޑިއުޓީއަށް ނުވަތަ ރަސްމީ މަސައްކަތަށް، އޮފީހަށް ހާޒިރުވާން ޖެހޭނެކަމަށް ކަނޑައަޅައިފައިވާ ދުވަސްތަކުގެ ތެރެއިން އޮފީހަށް ނުވަތަ ޑިއުޓީއަށް ނުކުމެ ވަޒީފާއަށް ހާޒިރުވިކަން ރިކޯޑުކޮށްފައިނުވާ ދުވަސްތަކާއި، ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ވަޒީފާއަށް ސަލާމް ބުނުމުން، ސަލާމް ބަލައިނުގަތުމަށް ނިންމައިފައިވާ ދުވަސްތަކަށެވެ. މީގެ ތެރޭގައި، މުވައްޒަފު ގަވާއިދާ އެއްގޮތަށް ސަލާމް ބުނެފައިވާ ދުވަސްތަކާއި ޗުއްޓީގައި ހުންނަ ދުވަސްތަކެއް ނުހިމެނެއެވެ.

(މ) "ކޮންސަލްޓަންޓް" ކަމުގައި ބުނެފައި އެވަނީ، ވަކި ހާއްސަ ދާއިރާއަކުން ފަންނީ ލަފަޔާއި މަށްވަރާ ދިނުމަށް ކަނޑައެޅޭ ވަކި މުއްދަތަކަށް އެއްބަސްވުމެއްގެ ދަށުން ވަގުތީގޮތުން އައްޔަނުކުރާ ފަރާތަކަށެވެ.

 

5 ވަނަ މާއްދާ - މުވައްޒަފުންނަށް ލިބޭ އިމްތިޔާޒުތަކާއި ހައްގުތައް

ކޮންމެ މުވައްޒަފަކަށް ވެސް ލިބިދޭންޖެހޭނެކަމަށް މި ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އެންމެހައި އިނާޔަތްތަކާއި، އިމްތިޔާޒުތަކާއި، ހައްގުތައް، އެ މީހަކު ވަޒީފާގައި ދެމިހުރިހާ ދުވަހަކު، އެއްވެސް ތަފާތުކުރުމެއް ނެތި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މުވައްޒަފަކަށް ލިބިދޭންވާނެއެވެ.

 

6 ވަނަ މާއްދާ - މުވައްޒަފުން އަމަލުކުރަންޖެހޭ އާންމު އުސޫލީ މިންގަނޑުތައް

(ހ) ކޮންމެ މުވައްޒަފަކު ވެސް، ވަޒީފާ އަދާކުރުމުގައި ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ކިޔަމަންވުމުގެ އިތުރުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ސިޔާސަތުތަކަށާއި އުސޫލުތަކަށް ފުރިހަމައަށް ކިޔަމަންވާންވާނެއެވެ.

(ށ) އެއްވެސް މުވައްޒަފަކު ސިޔާސީ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެ، ނުވަތަ އެއްވެސް ހައިސިއްޔަތަކުން އެފަދަ ކަމަކަށް ވާގިވެރިވެގެން ނުވާނެއެވެ.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުން ދޭ ހިދުމަތެއް ލިބިގަތުމަށް ބޭނުންވެގެން އަންނަ މީހުންނާމެދު އެންމެހައި މުވައްޒަފުން އަމަލުކުރަންވާނީ، އިހްތިރާމާއި އޯގާތެރިކަމާ އެކުގައެވެ.

(ރ) މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ މުވައްޒަފެއްގެ ލަޔާގަތާއިގާބިލިއްޔަތު ތަންދޭ އެންމެ މަތީ ދަރަޖައަށް މަސައްކަތް ކުރަންވާނެއެވެ.

(ބ) ފައިސާއާއި ތަކެތި ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފުން އެ ތަކެއްޗަށް ރައްކައުތެރި ވާންވާނެއެވެ. މުވައްޒަފެއްގެ ހަވާލުގައިވާ ފައިސާ ނުވަތަ ތަކެތި ގެންގުޅެންވާނީ، ކަމާބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައެވެ.

(ޅ) މުވައްޒަފުންނަށް ގާނޫނުގައިވާ ގޮތުގެ މަތީން ކުރުމަށް ހަވާލުކުރާ މަސައްކަތްތައް ކުރުމުގައްޔާއި، އެފަދަ އެންގުންތަކަށް އިޖާބަދިނުމުގައި ކިޔަމަންވެ، އެ އެންގުންތަކާ އެއްގޮތަށް މުވައްޒަފުން އަމަލުކުރަންވާނެއެވެ.

(ކ) ދިވެހި ފުލުހުންގެ ހިދުމަތުގެ އެއްވެސް ލިޔުމެއް، ނުވަތަ ކުރަހުމެއް، ނުވަތަ ޕްލޭނެއް، ނުވަތަ ފޮޓޯއެއް، ނުވަތަ މިނޫންވެސް އެފަދަ އެހެން އެއްވެސް އެއްޗެއް ނުވަތަ މައުލޫމާތެއް ނުވަތަ ނަކަލެއް ހާމަކުރަންޖެހޭ ފަރާތަކަށް ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(އ) ދިވެހި ފުލުހުންގެ ހިދުމަތާބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުން ހިންގާ އެއްވެސް ހަރަކާތެއްގެ މައުލޫމާތު، ނުވަތަ ކުރެވޭ މުއާމަލާތެއް، އެ ކަމެއް އަންގަންޖެހޭ ނުވަތަ އެނގެންޖެހޭ ފަރާތަކަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަންގައިގެން ނުވާނެއެވެ.

(ވ) މި މާއްދާގެ (ކ) އާއި (އ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ މައުލޫމާތެއް ނުހިމެނެއެވެ.

(މ) ދިވެހި ފުލުހުންގެ ހިދުމަތުގެ އެއްވެސް މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ކޮރަޕްށަނުގެ އަމަލެއް ނުވަތަ ކޮރަޕްށަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

 

7 ވަނަ މާއްދާ - އޮފީހަށް ވަދެ ނުކުމެ ހެދުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އެކިއެކި އިދާރީ ބަހާތަކުގެ އޮފީސް ހުޅުވަންވާނީ، އޮފީސް ހުޅުވައި ލެއްޕުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުންނެވެ.

(ށ) ވަކި ހުއްދައެއް ހޯދައިގެން މެނުވީ ނުވަދެވޭނެކަމަށް ކަނޑައަޅައިފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ އެއްވެސް ތަނަކަށް އެފަދަ ހުއްދައެއް ނެތި ވަދެ ހެދުމަކީ މަނާކަމެކެވެ.

(ނ) ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ޓަކައި މާލެއާއި އަތޮޅުތެރޭގައި ކަނޑައަޅާ މަރުކަޒުތަކުގެ ތެރެއިން 24 (ސައުވީސް) ގަޑިއިރު، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަ ތަންތަނަށް އެ ތަނަކުން ކަނޑައަޅާ ގޮތެއްގެ މަތީން ކޮންމެ ގަޑިއެއްގައި ވެސް ވަދެ ނުކުމެ ހެދިދާނެއެވެ.

 

8 ވަނަ މާއްދާ - ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތް ނުކުރުން

(ހ) އެއްވެސް މުވައްޒަފަކު، އެ މުވައްޒަފެއްގެ ރަސްމީ ގަޑީގައި އާމްދަނީ ލިބޭ އެހެން އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.

(ށ) އެއްވެސް މުވައްޒަފަކު، އެ މުވައްޒަފަކަށް މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ނުވަތަ ފައިދާ ނުހިމެނުނަސް، އެ މުވައްޒަފެއްގެ އަމިއްލަ މަސައްކަތް ކުރުމަށް އެހެން މުވައްޒަކު ބޭނުންކޮށްގެން ނުވާނެއެވެ.


9 ވަނަ މާއްދާ - އާމްދަނީ ހޯދުމަށް އިތުރު މަސައްކަތް ކުރުން

(ހ) މުވައްޒަފުންނަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގެ އިތުރުން، އިތުރު އާމްދަނީއެއް ހޯދުމުގެގޮތުން އެހެން މަސައްކަތެއް ކުރެވޭނީ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން ލިޔުމުން ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުވައްޒަފަކަށް އިތުރު އާމްދަނީއެއް ލިބޭ އިތުރު އެހެން މަސައްކަތެއް އަދާކުރުމަށް ހުއްދަ ދެވޭނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތަށް ދަތިނުވާގޮތަށެވެ.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުގެ ދާއިމީ އެއްވެސް މުވައްޒަފަކަށް އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާކުރެވޭނީ، އެ މުވައްޒަފުގެ ވަޒީފާގެ އެއްބަސްވުމުގައިބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކަމަށް ހުއްދަދޭނަމަ، އެ ގޮތުގެ މަތީން ހުއްދަކުރާ މިންވަރަށެވެ.

 

10 ވަނަ މާއްދާ - މުވައްޒަފުންގެ ވަޒީފާ ބަޔާން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުންގެ ވަޒީފާގެ ވަޒީފާ ބަޔާންތައް ލިޔެ، މުވައްޒަފުން ލައްވައި ސޮއިކުރުވައިފައި އޮންނަންވާނެއެވެ.

(ށ) ވަޒީފާ ބަޔާނުގައި، އެ މުވައްޒަފަކު އާންމުކޮށް ކުރަންޖެހޭ މަސައްކަތްތައް ނުވަތަ ވަކި ހާލަތެއް މެދުވެރި ނުވާހައި ހިނދަކު ކުރަންޖެހޭ މަސައްކަތްތައް ލިޔެފައި އޮންނަންވާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2( ދޭއް( މަސްދުވަހުގެ ތެރޭގައި، އެންމެހައި މުވައްޒަފުންގެ ވަޒީފާ ބަޔާން ފުރިހަމަކޮށް ނިންމަންވާނެއެވެ. މިގޮތުން އެކުލަވައިލާ ވަޒީފާ ބަޔާނުގެ އަސްލެއް ބޭނުންވެގެން މުވައްޒަފު އެދިއްޖެނަމަ، ވަޒީފާ ބަޔާނުގެ އަސްލު، މުވައްޒަފަށް ދޭންވާނެއެވެ.

 

11 ވަނަ މާއްދާ - މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސިއްހީ މިންގަނޑާއި، އަޅަންޖެހޭ ރައްކައުތެރިކަ މުގެ ފިޔަވަޅުތައް

(ހ) މުވައްޒަފުންނަށް ހަވާލުކުރެވޭ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ރައްކައުތެރި މާހައުލެއް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. މިގޮތުން މަސައްކަތުގެ މާހައުލަކީ ސިއްހީގޮތުން ރައްކައުތެރި މާހައުލަކަށް ވާންވާނެއެވެ.

(ށ) މަސައްކަތުގައި އުޅެނިކޮށް ލިބިދާނެ ގެއްލުމަކުން ނުވަތަ ކުރިމަތިވެދާނެ ނުރައްކައުތެރި ހާދިސާއަކުން ސަލާމަތްވުމަށް ޓަކައި އެފަދަ މަސައްކަތެއް ކުރާއިރު، އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމަށް ބޭނުންވާނެ ސާމާނާއި، އެކަށީގެންވާ ވަސީލަތްތައް، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މުވައްޒަފުންނަށް ފޯރުކޮށްދޭންވާނެއެވެ.

(ނ) މަސައްކަތުގައި އުޅެނިކޮށް ލިބިދާނެ ގެއްލުމަކުން ނުވަތަ ކުރިމަތިވެދާނެ ނުރައްކައުތެރި ހާދިސާއަކުން ނުވަތަ ސިއްހީގޮތުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ޓަކައި އެފަދަ މަސައްކަތެއް ކުރާއިރު، އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅު ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް އެންމެހައި މުވައްޒަފުން އަމަލުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - މަސައްކަތު ވެށީގެ ސާފުތާހިރުކަން ބެލެހެއްޓުން

މަސައްކަތުގެ ވެށި ނުވަތަ މަސައްކަތް ކުރަމުންދާ ތަން ނުވަތަ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ، އެ ތަނެއްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ ޒިންމާއެކެވެ.

 

13 ވަނަ މާއްދާ - ރަށުން ބޭރަށް ދިޔުމާއި، ރަސްމީ ގަޑީގައި ބޭރަށް ދިއުމާއި، ޗުއްޓީނެގުމާއި ސަލާމްބުނުން

(ހ) އާންމު ހާލަތުގައި މުވައްޒަފަށް ލިބޭ އޮފް ދުވަހު ނުވަތަ ސަރުކާރު ބަންދު ދުވަސްތަކުގައި އެ މުވައްޒަފެއްގެ ސުޕަވައިޒަރަކަށް އެންގުމަށްފަހު، އެ މުވައްޒަފު މަސައްކަތްކުރާ ރަށް ފިޔަވައި އެހެން ރަށަކަށް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ މުވައްޒަފަކަށް ލިބޭ އޮފް 
ދުވަހު ނުވަތަ ސަރުކާރު ބަންދު ދުވަސްތަކުގައި އެ މީހަކު ވަޒީފާއަދާކުރާ ރަށުން ބޭރަށް ދާންވާނީ، އެ މީހެއްގެ ސުޕަވައިޒަރެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ. މި ހުއްދަ، ސުޕަވައިޒަރު ދޭންވާނީ، އެ މުވައްޒަފު ރަށުން ބޭރަށް ދިއުމުން އެ ބަހާއެއްގެ މަސައްކަތަށް ދަތިނުވާނޭ ގޮތެއްގެ މަތީން، ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރަށެވެ.

(ނ) މުވައްޒަފު، އޭނާގެ ރަސްމީ ޑިއުޓީއަށް ހާޒިރުވާން ނުޖެހޭ ދުވަހު ނުވަތަ އޭނާގެ އޮފް ދުވަހު، ރާއްޖެއިން ބޭރަށް ޗުއްޓީ ނުނަގައި ދެވިދާނެއެވެ. އަދި މިގޮތަށް ރާއްޖެއިން ބޭރަށް ދާންވާނީ، އެ މުވައްޒަފަކު ރިޕޯޓު ކުރަންޖެހޭ އެންމެ އިސްފަރާތެއްގެ ހުއްދަޔާއެކުގައެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަށުން ބޭރުގައި ހުރި މުވައްޒަފަކު ކޮންމެހެން ޑިއުޓީއަށް ނެރެން ޖެހިއްޖެކަމަށް، އެ މުވައްޒަފަކާ ހަވާލުވެގެން ހުރި ފަރާތަށް ނުވަތަ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ބަހާއަށް ފެނިއްޖެނަމަ، އެ މުވައްޒަފަކު މަސައްކަތަށް ނުކުތުމަށް އެންގުމުގެ ބާރު އެ ފަރާތްތަކަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އޮފް ދުވަހެއްގައި ރަށުން ބޭރުގައި ހުރި މުވައްޒަފަކަށް އަހަރީ ޗުއްޓީ ހަމަޖައްސައެއް ނުދެވޭނެއެވެ. ނަމަވެސް، ބޮޑެތި ކަންތައްތަކާ ގުޅިގެން މުވައްޒަފަކަށް ހަމަޖައްސައިދޭންޖެހޭ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ޅ) ރަސްމީ ގަޑީގައި މުވައްޒަފު އަމިއްލަ ކަމެއްގައި ކޮންމެހެން އޮފީހުން ބޭރަށް ދާންޖެހޭ ހާލަތެއްގައި، ބޭރަށް ދާންވާނީ، އެ މީހެއްގެ ސުޕަވައިޒަރެއްގެ ހުއްދަ ލިބިގެން، ކަނޑައެޅޭ ވަކި ވަގުތަކަށެވެ. މި ހުއްދަ އާންމު އުސޫލުން ދޭންވާނީ، 
1 (އެކެއް) ގަޑިއިރަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތީންނެވެ. މި ހުއްދައިގެ ދަށުން ބޭރަށްދާ މުވައްޒަފުން، ބޭރަށް ދިޔަ ގަޑިއާއި އެނބުރި އޮފީހަށް އައި ގަޑި އެނގޭނޭހެން މައުލޫމާތު ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ކ) މުވައްޒަފުން ޗުއްޓީ ނެގުމުގައްޔާއި ސަލާމް ބުނުމުގައި އަމަލުކުރަންވާނީ، ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

14 ވަނަ މާއްދާ - ހިދުމަތުގެ ފެންވަރު ބެލުމާއި، ތަމްރީނު ކުރުން

މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމެއް އެކުލަވައިލައި އެ ނިޒާމާ އެއްގޮތަށް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ކަންކަން ބަލަންވާނެއެވެ. މުވައްޒަފުންގެ ފެންވަރު ބެލުމުގެ މި ނިޒާމަކީ އަންނަނިވި ކަންކަން ހާސިލުވާނެ ފަދަ ނިޒާމަކަށް ވާންވާނެއެވެ.

(ހ) މުވައްޒަފުންނާ ހަވާލުކުރާ މަސައްކަތްތައް، ކަނޑައެޅޭ މުއްދަތެއް ނިމުމުން، އެ ހަވާލުކުރި މަސައްކަތްތައް ކޮށްފައިވާ މިންވަރު ވަޒަންކުރުން.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ މަގުސަދުތައް ހާސިލުކުރުމުގައި މުވައްޒަފު އަދާކޮށްފައިވާ ދައުރާއި ފެންވަރު ދެނެގަތުން.

(ނ) އެ މުވައްޒަފެއްގެ ވަޒީފާ ބަޔާނުގައިވާ ކަންތައްތައް.

(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އަލީގައި މުވައްޒަފަށް ދޭންޖެހޭ އިރުށާދާއި ތަމްރީނުތައް ފާހަގަކޮށް، އެ ކަންތައް ކުރުމަށް މަގު ފަހިކުރުން.

 

15 ވަނަ މާއްދާ - ހަދިޔާ 

(ހ) މުވައްޒަފަކަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި އެއްވެސް ފަރާތަކުން ހަދިޔާއެއް ދީފިނަމަ ނުވަތަ ދޭން ހުށަހަޅައިފިނަމަ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެކަން ރިޕޯޓު ކުރަންވާނެއެވެ.

(ށ) މުވައްޒަފަކަށް ހަވާލުކޮށްފައިވާ މަސައްކަތާ ގުޅިގެން އެއްވެސް ފަރާތަކުން ދޭ ނުވަތަ ދޭން ހުށަހަޅާ ހަދިޔާއެއްގެ ބަދަލުގައި އަމިއްލަ މަންފާއެއް ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.

 

16 ވަނަ މާއްދާ - ވަޒީފާއާ ގުޅިގެން ހިދުމަތް ކުރަންޖެހޭ މުއްދަތު

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ންމު މުވައްޒަފެއްގެ ދާއިމީ މަގާމަކަށް ހޮވޭ ކޮންމެ މީހަކަށް ވަޒީފާ ދިނުމުގައި އެ ފަރާތާ ދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު އެކުލަވައިލާވަޒީފާގެ އެއްބަސްވުމުގައި، އެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު ދެމިހުރުމަށް ށަރުތު ކުރަންވާނެއެވެ. އެހެންނަމަވެސް، ދިމާވާ ވަކި ހާލަތްތަކެއްގައި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަށް ހިދުމަތްނުކޮށް ވަޒީފާއިން ވަކިވެވިދާނެ ގޮތްތަކެއް އެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިދުމަތް ކުރަންޖެހޭ މުއްދަތުގެ އިތުރުން ވެސް، ދިވެހި ފުލުހުންގެ ހިދުމަތުން ހަރަދުކޮށްގެން އެއްވެސް ކޯހެއް ނުވަތަ ސެމިނާރެއް ނުވަތަ ވޯކްށޮޕެއްގައި އާންމު މުވައްޒަފަކު ބައިވެރިވެއްޖަނަމަ، ކަމާ ގުޅޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތް ކުރަން ވާނެއެވެ.

(ނ) ދިވެހި ފުލުހުންގެ ހިދުމަތަށް، ވަކި މުއްދަތަކަށް ހިދުމަތްކުރަންޖެހޭ މުވައްޒަފަކު އަމިއްލަގޮތުން ނުވަތަ އެހެންވެސް ގޮތަކުން ކޯހެއް ފުރިހަމަކުރި ކަމުގައި ވިޔަސް، އެނބުރި އައިސް ފުރަތަމަ ހިދުމަތް ކުރަންޖެހޭނީ، އެ މުވައްޒަފު ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތްކުރުމަށް އޮތް މުއްދަތަށެވެ.

 

17 ވަނަ މާއްދާ - ހިދުމަތް ކުރަންޖެހޭ މުއްދަތަށް، ހިދުމަތް ނުކުރުމުން މަދަނީ ދައުވާ އުފުލުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި، ހިދުމަތް ކުރަންޖެހޭ މުވައްޒަފަކު އެ މީހަކު ހިދުމަތް ކުރަންޖެހޭ މުއްދަތަށް ހިދުމަތްކޮށް ނުނިމެނީސް އެ މުވައްޒަފު ތައުދީބީ މައްސަލައެއްގައި ނުވަތަ މި ގަވާއިދުގެ 77 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ވަޒީފާއިން ވަކިކޮށްފިނަމަ، އެ މީހަކު ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ ގޮތަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތް ނުކުރުމުގެ ސަބަބުން މަދަނީ ދައުވާ އުފުލަންވާނެއެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގައި ހިދުމަތް ކުރަންޖެހޭ މުވައްޒަފަކު އެ މީހަކު ހިދުމަތް ކުރަންޖެހޭ މުއްދަތަށް ހިދުމަތްކޮށް ނުނިމެނީސް އެ މުވައްޒަފު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ ހާލަތެއްގައި، ހިދުމަތުގެ ބޮންޑުގެ ބާކީ މުއްދަތަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތުގެ މަތީން ފައިސާ ނުދައްކާނަމަ، އެ ފައިސާ ހޯދުމަށް މަދަނީ ދައުވާ އުފުލަންވާނެއެވެ.

 

18 ވަނަ މާއްދާ - މުވައްޒަފުން ކުރުން މަނާ ސިޔާސީ ކަންތައްތައް

މުވައްޒަފަކު ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވުމަކީ މަނާކަމެކެވެ. މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އަންނަނިވި ކަންތައްތަކަކީ ސިޔާސީ ކަންތައްތައް ކަމުގައި ބެލެވޭނެއެވެ.

(ހ) ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރުމާއި، ވަޒީފާއެއް އަދާކުރުން.

(ށ) ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމުއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ ނުވަތަ ކްލަބެއްގެ އެއްވެސް މަގާމެއް ފުރުން ނުވަތަ ހިލޭސާބަހަށް އެއްވެސް ފަރާތަކަށް ސިޔާސީ މަސައްކަތް ކޮށްދިނުން.

(ނ) ސިޔާސީ ޕާޓީއެއްގައި ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމުއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ ނުވަތަ އެފަދަ ކްލަބެއްގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިވުމާއި، ތަގްރީރު ކުރުމާއި، ގަރާރު ހުށަހެޅުމާއި، ގަރާރު ހުށަހެޅުމުގައި ބައިވެރިވުމާއި، އެފަދަ ހުށަހެޅުން ހުށަހެޅުމުގައި އެއްވެސް ދައުރެއް އަދާކުރުމާއި، އެފަދަ ޖަލްސާއަކަށް އަމަލީ އެއްވެސް އެހީތެރިކަމެއް އެއްވެސް މުވައްޒަފަކު ފޯރުކޮށްދިނުން.

(ރ) ސިޔާސީ ޕާޓީއެއްގެ ފަރާތުން ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމުއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ ނުވަތަ އެފަދަ ކްލަބެއްގެ ފަރާތުން ޕެޓިށަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން ނުވަތަ އެފަދަ ޕެޓިށަނަކަށް ސޮއި ހޯދުމަށް މަސައްކަތް ކުރުން.

(ބ) ސިޔާސީ ޕާޓީއެއްގައި ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމުއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ ނުވަތަ އެފަދަ ކްލަބެއްގެ ނުވަތަ އެއިން ފަރާތެއްގެ ކެންޑިޑޭޓެއްގެ ލީފްލެޓާއި، ކަރުދާހާއި، ބެޖާއި، މިނޫންވެސް މިފަދަ ޕްރޮމޯށަނަލް ތަކެތި ބޭނުންކުރުން ނުވަތަ ބަހައި ހެދުން.

(ޅ) ސިޔާސީ ޕާޓީއެއްގައި ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމުއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ ނުވަތަ އެފަދަ ކްލަބެއްގެ ނުވަތަ އެއިން ފަރާތެއްގެ ބެޖާއި، ނިށާނާއި، ފާހަގަތަކާއި، ޕޯސްޓަރާއި، މިފަދަ ތަކެތި، ދުއްވާ އުޅަނދުގައި ނުވަތަ މީހާގެ ހަށިގަނޑުގައި ނުވަތަ ހެދުމުގައި ހަރުކުރުމާއި، އެފަދަ ތަކެތި އެހެން މީހުންނަށް ފެންނާނޭ ގޮތް ހެދުން.

(ކ) ސިޔާސީ ޕާޓީއެއްގައި ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ޖަމުއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ނުވަތަ އެފަދަ ކްލަބަކުން ނުވަތަ މިނޫންވެސް އެފަދަ ފަރާތަކުން ބާއްވާ ސިޔާސީ ހިނގައިލުމެއް ނުވަތަ މުޒާހަރާއެއް ނުވަތަ ފުޅަނދުބުރެއް ރޭވުމާއި، ނުވަތަ ސިޔާސީ ބޭނުމަކަށް ހިންގާ ހަރަކާތެއް އިންތިޒާމު ކުރުމުގައި ބައިވެރިވުމާއި، އަދި އެފަދަ ކަމެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވުން.

(އ) ސިޔާސީ މަގާމަކަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބަކަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެގޮތުން ނުވަތަ ތާއީދު ނުކުރާކަން ހާމަކުރުމުގެގޮތުން އެއްވެސް ސިފައެއްގައި އެއްވެސް ކަމެއް ކުރުން.

(ވ) ސިޔާސީ ހަރަކާތެއް އެކުލެވޭ އާންމު ޖަލްސާއެއް ނުވަތަ އެއްވުމެއް ނުވަތަ ހަފްލާއެއް ނުވަތަ އެފަދަ އިޖުތި މާއީ ބައްދަލުވުމެއް ރޭވުމާއި، އެފަދަ ބައްދަލުވުމެއް ރޭވުމަށް އެހީތެރިވެދިނުމާއި، އެފަދަ ތަންތަނުގައި ތަގުރީރުކުރުމާއި، އެފަދަ ޖަލްސާއެއް ނުވަތަ ހަރަކާތެއް ހިނގަމުންދާ ތަނަކަށް މުވައްޒަފަކު އަމަލީގޮތުން ގޮސް އަޑުއަހަން ހުރުމާއި، އެފަދަ ކަމެއްގައި އެއްވެސް ގޮތަކުން ބައިވެރިވުން.

(މ) ސިޔާސީ މަގާމަކަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބަކަށް ކުރިމަތިލާ ކެންޑިޑޭޓަކު ހިންގާ ކެމްޕޭނެއްގައި މަސައްކަތް ކުރުމާއި، އެހީތެރިވެދިނުމާއި، އެއިން ފަރާތެއްގެ ކެމްޕޭނު އޮފީހުގައި ނުވަތަ އެފަދަ ކަމެއް އިންތިޒާމުކުރުމުގެ ތެރޭގައި މަސައްކަތްކުރުން.

(ފ) ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ޖަމުއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އެފަދަ ކްލަބަކަށް ތާއީދުކޮށް، ނުވަތަ އެއިން ފަރާތަކާ ދެކޮޅަށް އެއްވެސް ލިޔުމެއް ލިޔުމާއި، އެއްވެސް މުވައްޒަފަކު އެފަދަ ލިޔުމެއް ށާއިއުކުރުން ނުވަތަ އެހެން ފަރާތްތަކަށް ފެންނާނޭގޮތް ހެދުން.

(ދ) ސިޔާސީ މަގާމަކަށް މީހަކު އިންތިހާބު ކުރުމަށް ނުވަތަ ސިޔާސީ ކަމަކަށް ބާއްވާ ވޯޓުލުމެއްގައި، ވޯޓުލާ ދުވަހު، ކެންޑިޑޭޓެއްގެ ފަރާތުން ނުވަތަ ސިޔާސީ ޕާޓީއެއްގެ ފަރާތުން ވޯޓުލާ މީހުން ވޯޓުލާން ގެންދިޔުމާއި، ގެންދިއުމަށް އެއްވެސް ސިފައެއްގައި އެހީތެރިވެދިނުން.

(ތ) ސިޔާސީ މަގާމަކަށް މީހަކު އިންތިހާބުކުރުމަށް ނުވަތަ ސިޔާސީ ކަމަކަށް ބާއްވާ ވޯޓުލުމެއްގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ ނުވަތަ ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބެއްގެ ނުވަތަ ވަކީލެއްގެ ނުވަތަ މޮނީޓަރެއްގެ ނުވަތަ އޮބްޒާވަރެއްގެ ހައިސިއްޔަތުން ވޯޓުފޮށި ދޮށުގައި ހުރުމާއި، ވޯޓު ގުނާ ތަނުގައި ހުރުން.

(ލ) ސިޔާސީ މަގާމަކަށް މީހަކު އިންތިހާބު ކުރުމަށް ނުވަތަ ސިޔާސީ ކަމަކަށް ބާއްވާ ވޯޓުލުމެއްގައި، އެއްވެސް މީހެއްގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން މަގާމު ބޭނުންކޮށްގެން އެއްވެސް ވައުދެއްވުން ނުވަތަ ބިރުދެއްކުން ނުވަތަ އެއްވެސް މުވައްޒަފަކަށް އިންޒާރެއް ދިނުން.

(ގ) އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ އާންމު އިންތިހާބަކަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން، ނުވަތަ ސިޔާސީ ޕާޓީއެއްގެ މަގާމަކަށް ނުވަތަ އާންމު އިންތިހާބަކަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓެއްގެ ކާމިޔާބީއަށް ހުރަސްއެޅުމުގެ ގޮތުން މަގާމުގެ ބޭނުންކޮށްގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރުން،ނުވަތަ މަގާމުގެ ކުރިއެރުން ދިނުން، ނުވަތަ މަގާމު ދަށްކުރުން ނުވަތަ އެހެން ތަނަކަށް ބަދަލުކުރުން، ނުވަތަ ވަޒީފާގެ މަސައްކަތުން އެކަހެރި ކުރުން، ނުވަތަ މުސާރަ ނުވަތަ އިނާޔަތަކަށް ބަދަލު ގެނައުން، ނުވަތަ މުސާރަ ނުވަތަ އިނާޔަތެއް ނުދީ ހިފެހެއްޓުން، ނުވަތަ މިއިން ކަމެއް ކުރާނެކަމުގެ ވައުދެއް ވުން ނުވަތަ މިއިން ކަމެއް ކޮށްފާނެކަމުގެ އިންޒާރެއް ދިނުން.

(ޏ) ސިޔާސީ ޕާޓީއެއްގައި ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ އެއްވެސް ޖަމުއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް މެންބަރުން ވެއްދުމަށް މަސައްކަތް ކޮށްދިނުމާއި، އެފަދަ ކަމަކަށް އެހީތެރިވެދިނުން.

(ސ) ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން ފަރާތަކުން ސިޔާސީ މަގުސަދެއްގައި ގޮވައިލާ ގޮވައިލުމަކަށް އިޖާބަ ދިނުމުގެ ގޮތުން މަސައްކަތް ނުކޮށް ހުއްޓައިލުން.

 

19 ވަނަ މާއްދާ - ދައުލަތުގެ އިދާރާއަކަށް ރަސްމީ ހައިސިއްޔަތުން ހާޒިރުވުން

(ހ) ށަރީއަތުގެ މަޖިލީހަކަށް ނުވަތަ މިނިވަން މުއައްސަސާއަކަށް ނުވަތަ ރައްޔިތުންގެ މަޖިލީހަށް ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކަށް ވެސް، މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ހާޒިރުވާންވާނީ، އެ ތަނަކުން ލިޔުމުން އެ މުވައްޒަފަކަށް އެންގުމުން ނުވަތަ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ އިދާރީ ބަހާއިން އެ މުވައްޒަފަކަށް އެންގުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ އިދާރާއަކަށް މުވައްޒަފަކު ހާޒިރުވާންވާނީ، އެ އިދާރާއަކުން އެ ކަމަށް ކަނޑައަޅާ ހެދުމެއްގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުވައްޒަފަކު ދައުލަތުގެ އިދާރާއަކަށް ހާޒިރުވަނީ އެ އިދާރާއަކުން މުވައްޒަފަށް ލިޔުމުން އަންގާ އެއްގުމަކާ ގުޅިގެންނަމަ، އެފަދަ އެންގުމަކާ އެއްގޮތަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެވޭނަމަ، ހާޒިރުނުވެވޭ ހާލަތުގައި އަމަލުކުރުމަށް އެ އިދާރާއަކުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން އަމަލުކުރަންވާނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުވައްޒަފަކު ދައުލަތުގެ އިދާރާއަކަށް ހާޒިރުވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަކި އިދާރީ ބަހާއަކުން އަންގާ އެއްގުމަކާ ގުޅިގެންނަމަ، އެފަދަ އެންގުމަކާ އެއްގޮތަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެވޭނަމަ، ހާޒިރުވާންޖެހޭ ގަޑި ޖެހުމުގެ (އެކެއް( ގަޑިއިރުގެ ކުރިން އެ މުވައްޒަފު ހާޒިރުވާންޖެހޭކަން އެންގި އިދާރީ ބަހާއަށް އެކަން އަންގަންވާނެއެވެ.

 

20 ވަނަ މާއްދާ - ވަޒީފާއިން ސަސްޕެންޑް ކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުން ވަޒީފާއިން ސަސްޕެންޑް ކުރުމުގައި އަމަލުކުރަންވާނީ، ގަވާއިދު ނަންބަރު 2022-87 (ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައި ފުލުހުން ސަސްޕެންޑުކުރުމުގައި އަމަލުކުރުމަށް ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މުވައްޒަފަކު ސަސްޕެންޑް ކޮ ށްފިނަމަ، އެ މުވައްޒަފަށާއި، އެ މުވައްޒަފު މަސައްކަތްކުރާ އިދާރީ ބަހާއަށް، އެ މުވައްޒަފަކު ސަސްޕެންޑް ކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ލިޔުމުން އެކަން އަންގަންވާނެއެވެ. މި އެންގުން އަންގަންވާނީ، ސަސްޕެންޑުކުރެވޭ މުވައްޒަފުގެ މައްސަލަ ތަހުގީގުކުރާ ފަރާތުންނެވެ.

(ނ) ސަސްޕެންޑް ކޮށްފައިވާ މުވައްޒަފަކު ސަސްޕެންށަނުގައި ހުންނަ މުއްދަތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެއްވެސް އިމާރާތަކަށް ނުވަދެވޭނެއެވެ. މުވައްޒަފުގެ އާއިލާއާއެކު ދިރިއުޅެން ހަވާލުކޮށްފައިވާ ތަންތަން މި މާއްދާގައި ބުނެފައިވާ އިމާރާތްތަކުގެ މާނައިގެ ތެރެޔަކު ނުހިމެނެއެވެ.

(ރ) ސަސްޕެންޑް ކޮށްފައިވާ މުވައްޒަފެއްގެ ސަސްޕެންށަން ނިމުމަކަށް ގެނެސްފިނަމަ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއަށް 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އެ މައްސަލަ ތަހުގީގުކުރާ ފަރާތުން އެކަން އަންގަންވާނެއެވެ.

(ބ) ޖިނާއީ ކުށަކާ ގުޅިގެން ނުވަތަ ތައުދީބީ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ މުވައްޒަފުގެ މައްޗަށް ތުހުމަތުކުރެވިގެން ބެލުނު ތައުދީބީ މައްސަލަ އެ މުވައްޒަފުގެ މައްޗަށް ސާބިތުނުވާކަމަށް ނިންމައިފިނަމަ، އެ މުވައްޒަފު ސަސްޕެންޑް ކޮށްފައި ހުރި މުއްދަތުގައި ލިބެންވާ މުސާރައާއި އެލަވަންސްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ މުވައްޒަފަށް ދޭންވާނެއެވެ.

 

21 ވަނަ މާއްދާ - ޖަމުއިއްޔާ ނުވަތަ ޖަމާއަތްތަކުގައި ބައިވެރިވުން

(ހ) ގާނޫނާ ގަވާއިދާ އެއްގޮތަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމުއިއްޔާއެއްގެ ނުވަތަ ކުލަބެއްގެ އިންތިހާބުކުރެވޭ މަގާމަކަށް މުވައްޒަފުން ކުރިމަތިލާނަމަ، ދިވެހި ފުލުހުންގެ ހިދުމަތުން ހުއްދަ ހޯދަންވާނެއެވެ.

(ށ) އެއްވެސް ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް މަސްކަތްކުރާ ޖަމުއިއްޔާއެއްގައި، ނުވަތަ ޖަމާއަތެއްގައި، ނުވަތަ ކްލަބެއްގައި މުވައްޒަފުން ބައިވެރިވުމަކީ ހުއްދަ ކަމެއް ނޫނެވެ.

(ނ) މުވައްޒަފު ވަކި ކުލަބެއްގައި، ނުވަތަ ޖަމުއިއްޔާއެއްގައި، ނުވަތަ ޖަމާއަތެއްގައި ބައިވެރިވެފައިވާނަމަ، އެ މުވައްޒަފަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކަށް ވީތީ، ދިވެހި ފުލުހުންގެ ހިދުމަތުގައި އޭނާ އަދާކުރާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކިފަރާތަކަށް ނުޖެހި މަސްއޫލިއްޔަތު އަދާކުރާނެކަމާމެދު، ރައްޔިތުންގެ މެދުގައި ސުވާލު އުފެދިދާނެ ފަދަ ކަމެއް ނަމަ، އެ ހާލަތުގައި އެފަދަ ކުލަބެއްގެ ނުވަތަ ޖަމުއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ މެންބަރަކަށް ވުމަކީ ހުއްދަ ކަމެއް ނޫނެވެ.

 

22 ވަނަ މާއްދާ - ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުން

އާންމު މުވައްޒަފުން، ކްލަބް ޖަމުއިއްޔާތަކުން ހިންގާ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާކަން، ދިވެހި ފުލުހުންގެ ހިދުމަތަށް ލިޔުމުން އެންގުމަށްފަހު، މަސައްކަތަށް ދަތިނުވާނޭ ގޮތަށް، އެފަދަ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެވިދާނެއެވެ.

 

 

ދެވަނަ ބާބު

މަސައްކަތު ގަޑި

 

23 ވަނަ މާއްދާ - އާންމު ހާލަތުގައި މަސައްކަތްކުރުން

(ހ) އާންމު ހާލަތްތަކުގައި، މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެ މުވައްޒަފެއްގެ މަގާމުގެ ހައިސިއްޔަތުން މަސައްކަތްކުރަން ކަނޑައެޅިފައި އޮންނަ ވަގުތެވެ. އަދި އާންމު ހާލަތްތަކުގައި މުވައްޒަފުންގެ ރަސްމީ މަސައްކަތު ވަގުތުގެ މިންވަރަކީ، ހަފުތާއަކު މަދުވެގެން 40 (ސާޅީސް) ގަޑިއިރެވެ.

(ށ) އާންމު ހާލަތުގައި ހަފު ތާއަކު 6 (ހައެއް) ދުވަހަށް ވުރެ އިތުރަށް މެދުކެނޑުމެއްނެތި، މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެއެވެ. މިގޮތުން، ކޮންމެ 7 (ހަތެއް) ދުވަހެއްގެ މުއްދަތުގެ ތެރޭގައި 24 (ސައުވީސް) ގަޑިއިރަށްވުރެ ކުރުނޫން މުހުލަތެއް އަރާމުކުރުމަށް ޓަކައި، ކޮންމެ މުވައްޒަފަކަށް ވެސް ދޭންވާނެއެވެ.

(ނ) ރަސްމީގަޑި ވަކި ގޮތަކަށް ހަމަޖެހިފައި އޮތް ނަމަވެސް، އެ މުވައްޒަފަކު ނިންމަންޖެހޭ މަސައްކަތްތައް ނުނިމި ހުރެއްޖެނަމަ، އެ މަސައްކަތްތައް ނިންމުމަށް ޓަކައި، އެ މުވައްޒަފު މަސައްކަތްކުރާ އިދާރީ ބަހާގެ ވެރިޔަކު ނުވަތަ ސުޕަވައިޒަރެއްގެ ގޮތުން މަސައްކަތްކުރާ މުވައްޒަފަކު އަންގާ ގޮތެއްގެ މަތީން ނުރަސްމީ ގަޑީގައި ނުކުމެ މަސައްކަތް ކުރަންވާނެއެވެ.

(ރ) ޑިއުޓީ ބަހައިގެން މަސައްކަތްކުރާ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ، އެ ދަންފަޅިއެއްގެ ޑިއުޓީ ގަޑިއެވެ.

(ބ) ދިވެހި ފުލުހުންގެ ހިދުމަތުން 24 (ސައުވީސް) ގަޑިއިރަށް ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ ދާއިރާތަކުގައި، އާންމު ހާލަތުގައި މަސައްކަތްކުރާނީ، 3 (ތިނެއް) ދަންފަޅިއަކަށެވެ.

(ޅ) ދިމާވާ ހާލަތެއްގެ ސަބަބުން، ކުރެވޭ ޕްލޭނާ އެއްގޮތަށް ނުވަތަ އެފަދަ ހާލަތެއްގައި ހައްލުކުރަންޖެހޭ ކަމެއް ހައްލުކުރެވެންދެން ޑިއުޓީ ގަޑިއަށް ބަދަލު ގެނެއުމުގެ އިހްތިޔާރު، އެ ކަމާ ގުޅޭ އިދާރީ ދާއިރާއެއްގެ އިސްކޮށް ހުންނަ ފަރާތަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ހާއްސަ ހާލަތުގައި މަސައްކަތު ގަޑި

(ހ) މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގައި މަސައްކަތު ވަގުތު ކަނޑައަޅައިފައިވާ މިންވަރުގެ އިތުރުން، ދިމާވާ ކުއްލި ހާލަތެއްގައި ނުވަތަ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ނުވަތަ ވަކި ކަމެއް ހުއްޓުވައި ކޮންޓްރޯލުކުރަން ޖެހިއްޖެ ހިނދެއްގައި، އެ ކަމެއް ކޮންޓްރޯލުވުމާ ހަމަޔަށް، ނުވަތަ އެ ހާލަތެއް ފިލައި ހިނގައްޖެކަމަށް ކަނޑައެޅުމާ ހަމަޔަށް، ނުވަތަ އެހެން ގޮތަކަށް ހަރަކާތްތެރިވުމަށް އަންގަންދެން، އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފުން، އެ މަސައްކަތުގައި ހަރަކާތްތެރި ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފުން މަސައްކަތުގައި ގެންގުޅުނު ކަމުގައި ވިޔަސް، އެ ހާލަތާ ގުޅޭގޮތުން ނިދުމާއި އަރާމުކުރުމަށް އެ މުވައްޒަފުންނަށް ވަގުތު ދޭންވާނެއެވެ.

 

25 ވަނަ މާއްދާ - އޮފީހަށް ހާޒިރުވުން

(ހ) ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފުގެ ރަ ސްމީ ޑިއުޓީ ގަޑިކަމަށް ކަނޑައެޅިފައިވާ ވަގުތު ފެށުމުގެ ކުރިން އޮފީހަށް ހާޒިރު ވާންވާނެއެވެ. މުވައްޒަފު ހާޒިރުވުމަށްފަހު، ހާޒިރީ ބެލެހެއްޓުމަށް ކަޑައެޅިފައިވާ ގޮތުގެ މަތީން އެ މުވައްޒަފު ހާޒިރުވިކަން ރިކޯޑު ކުރަން ވާނެއެވެ.

(ށ) މުވައްޒަފަކަށް ކުއްލިއަކަށް ދިމާވާ ވަކި ކަމަކާ ގުޅިގެން އޮފީހަށް ރަސްމީ ޑިއުޓީ ގަޑިއަށް ހާޒިރު ނުވެވިދާނެކަމަށް ބެލެވޭނަމަ، އެ ކަމެއް އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އެންގުމަށްފަހު، އެ ސުޕަވައިޒަރަކު އަންގާ ގޮތެއްގެ މަތީން ރަސްމީ ޑިއުޓީއަށް ހާޒިރުވާންވާނެއެވެ.

 

26 ވަނަ މާއްދާ - ގަޑިޖެހުން

(ހ) މުވައްޒަފުން ގަޑިޖެހޭނީ، އެ މުވައްޒަފު ރަސްމީ ޑިއުޓީއަށް ހާޒިރުވާންޖެހޭ ގަޑިއަށްވުރެ 1 (އެކެއް) މިނޓު ފަހުން އޮފީހަށް ނުވަތަ ޑިއުޓީއަށް ނުކުތުމުންނެވެ.

(ށ) ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފު ރަސްމީ ޑިއުޓީއަށް ހާޒިރުވާންޖެހޭ ގަޑިއަށް އޮފީހަށް ހާޒިރުވުމަށްފަހު، އަންނަނިވި ގޮތުގެ މަތީން އެ މުވައްޒަފު އޮފީހަށް ހާޒިރުވިކަން ރިކޯޑު ކުރަންވާނެއެވެ.

  1. ހާޒިރީގައި ސޮއިކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިފައި ހުންނަ ތަންތަނުގައި ނަމަ، ހާޒިރުވި ގަޑި ހާޒިރީގައި ލިޔެ ސޮއިކުރުން؛
  2. އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން މުވައްޒަފުންގެ ހާޒިރީގެ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސައިފައި ހުންނަ ތަންތަނުގައި، އެ ވަސީލަތެއް މެދުވެރިކޮށް މުވައްޒަފު ހާޒިރުވިކަން ރިކޯޑު ކުރުން.

(ނ) މުވައްޒަފަކު އޮފީހަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެވުނީ، އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅެންޖެހުމުގެ ސަބަބުން ކަމުގައި ވާނަމަ، ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގަންވާނެއެވެ. އަދި އެފަދަ މަސައްކަތެއް ނިންމުމަށްފަހު، އޮފީހަށް ހާޒިރުވެ، އެ މުވައްޒަފު ހާޒިރުވިކަން ރިކޯޑު ކުރަންވާނެއެވެ.

(ރ) ހާޒިރުވާންޖެހޭ ގަޑި ޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިޔަސް، ކަނޑައެޅިފައިވާ ގޮތުގެ މަތިން ހާޒިރުވިކަން ރިކޯޑު ނުކޮށް ނުވަތަ ހާޒިރީ ފޮތުގައި ސޮއިނުކޮށް އޮވެއްޖެނަމަ، ނުވަތަ ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެހެން ގޮތަކުން ވެސް ހާޒިރުވިކަން ނޭނގި އޮވެއްޖެނަމަ، ގަޑި ޖެހޭނެއެވެ.

 

27 ވަނަ މާއްދާ - ގުދުރަތީގޮތުން ދިމާވާ ކަމެއްގެ ސަބަބުން ޑިއުޓީއަށް ނުނުކުމެވޭ މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް ހަމަޖެއްސުން

(ހ) ރަސްމީ ޑިއުޓީއަށް ހާޒިރުވާންޖެހޭ މުވައްޒަފަކަށް ހާޒިރު ނުވެވުނީ ގަޑިޖެހުމުގެ 30 (ތިރީސް) މިނިޓު ކުރިއްސުރެ މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން، ނުވަތަ ދަތުރު ނުކުރެވޭ ވަރަށް ކަނޑު ގަދަވުމުގެ ސަބަބުން، ނުވަތަ ގުދުރަތީ މިފަދަ ކަމެއް ދިމާވެގެން ކަމުގައި ވާނަމަ، އެ މުވައްޒަފަކު އެ ދުވަހު ގަޑި ނުޖެހޭ ގޮތަށް ހަމަޖައްސަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތު ނޫން އެހެން ކަމެއް ނުވަތަ ހާލަތެއް މެދުވެރިވެގެން ގަޑި ނުޖެހޭ ގޮތަށް ހަމަޖައްސަންވާނީ، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރީ ބަހާއެއްގެ އެންމެ އިސްފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

 

ތިންވަނަ ބާބު

ހެދުން އެޅުން

 

 

28 ވަނަ މާއްދާ - ރަސްމީ ގަޑީގައި ހެދުން ބަހައްޓަންވީ ގޮތް

(ހ) މުވައްޒަފުން ރަސްމީ ޑިއުޓީގައި އުޅޭއިރު ހެދުން ބަހައްޓަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) ރަސްމީ ގަޑީގައި އޮފީސް މަސައްކަތަށް ނުކުންނަ ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ދިގުފަޓުލޫނާއެކު، އަތްދިގު ގަމީސް ނުވަތަ އަތްކުރު ގަމީހެވެ. މި ގޮތަށް ހެދުން އަޅައިފައި ހުންނައިރު ހުންނަންވާނީ، ދަށަށް ޖަހައި، ޓައީ އަޅައި، އޮފީސް ބޫޓް ނުވަތަ އޮފީސް މާހައުލެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ބޫޓަކަށް އަރައިފައެވެ.

(ނ) ރަސްމީ ގަޑީގައި އޮފީސް މަސައްކަތަށް ނުކުންނަ އަންހެން މުވައްޒަފުންގެ ހެދުމަކީ، ފާސްކުރިހެދުން ނުވަތަ މުޖުތަމައު ބަލައިގަންނަ އެކަށީގެންވާ ހެދުމަކާއި، އޮފީސް މާހައުލެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ފައިވާން ނުވަތަ ބޫޓެވެ. މިފަދަ ހެދުމަކީ، ޖަމާއަތުގެ އަދަބާ ހިލާފު ހެދުމަކަށް ވެގެން ނުވާނެއެވެ.

(ރ) އާންމު މުވައްޒަފުންގެ ތެރެއިން ވަކި ޔުނީފޯމެއް އެޅުމަށް ކަނޑައެޅިފައިވާ މުވައްޒަފުން ތިބެންވާނީ، އެ މުވައްޒަފުން އެޅުމަށް ކަނޑައެޅިފައިވާ ޔުނީފޯމުގައެވެ. މި ގޮތުން ޔުނީފޯމު އަޅައިފައި ހުންނަންވާނީ، ޔުނީފޯމުގައި ހިމެނޭ އެންމެހައި ބައިތައް ހަމަވާ ގޮތަށެވެ.

(ބ) އާންމު މުވައްޒަފުންގެ ތެރެއިން ވަކި ބާވަތެއްގެ ޔުނީފޯމެއް އެޅުމަށް ހަމަޖެހިފައިވާ މުވައްޒަފުންނާއި، އިދާރީ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި، އެނޫން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުވަތަ ރަސްމީ ޑިއުޓީއަށް ނުކުންނައިރު ލާންޖެހޭ ހެދުމަކީ، ޖަމާއަތުގެ އަދަބާ ހިލާފު ނޫން، މުޖުތަމައު ބަލައިގަންނަ، އެކަށީގެންވާ ހެދުމަކާއި، އެކަށީގެންވާ ބޫޓެއް ނުވަތަ ފައިވާނެކެވެ.

(ޅ) މުވައްޒަފުންގެ ރަސްމީ ޑިއުޓީގައި އުޅޭއިރު ހެދުން ބަހައްޓަންވާނީ، ރީތިކޮށް ސާފުކޮށެވެ. މުވައްޒަފުން ހެދުން އަޅައިގެން ތިބޭ ގޮތް، ރަސްމީ ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން، ބަލައި ޗެކްކުރަންވާނެއެވެ. މި ގޮތުން ބަލައި ޗެކްކުރުމުގެ ތެރޭގައި ރަނގަޅު ކުރަންޖެހޭކަމަށް ފާހަގަވާ ކަންތައްތައް ރަނގަޅުކުރުމަށް އެ މުވައްޒަފަކަށް އަންގަންވާނެއެވެ.

 

29 ވަނަ މާއްދާ - ރަސްމީ ގަޑީގައި މުވައްޒަފުން ބޭނުންކުރުން ހުއްދަނޫން ހެދުމާއި ތަކެތި

(ހ) މުވައްޒަފުން ރަސްމީ ގަޑީގައި މަސައްކަތްކުރާއިރު، އަންނަނިވި ބާވަތުގެ ހެދުމާއި ތަކެތި ބޭނުންކޮށްގެން ނުވާނެއެވެ.

  1. އަހްލާގީގޮތުން އެކަށީގެންނުވާ އިބާރާތް ލިޔެފައި ހުންނަ ހެދުން، ނުވަތަ ކުރެހުން ހިމެނޭ ހެދުން، ނުވަތަ ކާޓޫނު ނުވަތަ ފޮޓޯ ޖަހައިފައިވާ ހެދުން؛
  2. ފެންފައިވާން، ނުވަތަ އޮފީސް މާހައުލާ ނުގުޅޭ ފައިވާނާއި ބޫޓު؛
  3. ބާރު ހަރުވާޅު ނުވަތަ ޓައިޓާއި، ކުރު ހަރުވާޅު؛
  4. އެއްވެސް ވައްތަރެއްގެ ޓީ-ށާޓާ އި، ޓީށާޓް ފޮތިން ފަހައިފައިވާ ހެދުން ނުވަތަ ގައިގެ ހަންގަނޑު ފާޅުވާފަދަ ތުނި ހެދުން؛
  5. އެއްވެސް ބާވަތެއްގެ އެއްވެސް ކުލައެއްގެ ޖިންސެއް ނުވަތަ އަރިމަތީގައި ޕޮކެޓްލައިފައި ނުވަތަ އުފުލިފައި ހުންނަގޮތަށް ޕޮކެޓް ލައިފައި ހުންނަ ހަރުވާޅު ނުވަތަ ފަޓުލޫނު؛
  6. އެއްވެސް ބާވަތެއްގެ ހަވީރީ ހެދުމެއް.

(ށ) ދިވެހި ފުލުހުންގެ ހިދުމަތަކީ، ޒިންމާދާރުކަމާއެކު ޖަވާބުދާރީވާންޖެހޭ ހިދުމަތަކަށް ވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ މުއާމަލާތުކުރަންޖެހޭ ފަރާތަކަށް އެ މުވައްޒަފު ވުމާއެކު، އެ މުވައްޒަފު ފާހަގަކޮށް އެނގެންޖެހޭނެތީ، އެ މުވައްޒަފަކީ ކާކުކަން ފާހަގަކުރަން ނޭނގޭނެ ގޮތަށް މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅައިފައި ހުރެގެން ނުވާނެއެވެ.

(ނ) ދިވެހި ފުލުހުންގެ ހިދުމަތަކީ، ރައްޔިތުންނާ ގުޅިގެން، ރައްޔިތުންނަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދޭ ހިދުމަތަކަށް ވެފައި، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކީ، މުޖުތަމައުގެ އާންމު ހަމަތައް ހިފަހައްޓަންޖެހޭ ބައެއްކަމަށްވާތީ، އެއްވެސް މުވައްޒަފަކު ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖަހައިފައި ހުރެގެން ނުވާނެއެވެ.

 

30 ވަނަ މާއްދާ - ރަސްމީ ޑިއުޓީ ނޫން ވަގުތުގައި އޮފީހުގެ މަސައްކަތަށް ނުކުންނައިރު ހެދުން އެޅުން

(ހ) ރަސްމީ ޑިއުޓީއެއް ނޫން ގޮތަށް، އޮފީސް މަސައްކަތަށް ނުކުންނަ ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ދިގުފަޓުލޫނު ނުވަތަ އެކަށީގެންވާ ޖީންސާއި، އަތްދިގު ގަމީސް ނުވަތަ އަތްކުރު ގަމީސް ނުވަތަ ގިރުވާނުލީ ޓީށާޓެވެ. މިގޮތަށް ހެދުން އަޅާއިރު މުވައްޒަފުން ތިބެންވާނީ، ބޫޓަށް އަރައިފައި ނުވަތަ އެކަށީގެންވާ ފައިވާނަކަށް އަރައިފައެވެ.

(ށ) ރަސްމީ ޑިއުޓީއެއް ނޫން ގޮތަށް، އޮފީސް މަސައްކަތަށް ނުކުންނަ އަންހެން މުވައްޒަފުންގެ ހެދުމަކީ، ފާސްކުރި ހެދުން ނުވަތަ ޖަމާއަތުގެ އަދަބާ ހިލާފު ނޫން، މުޖުތަމައު ބަލައިގަންނަ، އެކަށީގެންވާ ހެދުމެކެވެ. ނުވަތަ ހަރުވާޅާއި، އެޔާއެކުގައި ލާ މަތީބައި، ނުވަތަ އެކިއެކި މުނާސަބަތުތަކުގައި ބޭނުންކުރުމަށް ސަރުކާރުން ގަބޫލުކުރާ ހެދުމާއި، ޖަމާއަތުގެ އަދަބާ ހިލާފުނުވާ މިނޫންވެސް ހެދުމެކެވެ. މިގޮތަށް ހެދުން އަޅާއިރު މުވައްޒަފުން ތިބެންވާނީ، ބޫޓަށް އަރައިފައި ނުވަތަ އެކަށީގެންވާ ފައިވާނަކަށް އަރައިފައެވެ.

(ނ) ރަސްމީ ޑިއުޓީއެއް ނޫން ގޮތަކަށް އޮފީސް މަސައްކަތަށް ނުކުންނަ މުވައްޒަފުން ހެދުން އެޅުމުގައި، މި ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.

 

31 ވަނަ މާއްދާ - ރަސްމީ ޑިއުޓީ ނޫން ވަގުތުގައި އޮފީހުގެ މަސައްކަތަށް ނުކުންނައިރު ބޭނުންކުރުން ހުއްދަނޫން ހެދުމާއި ތަކެތި

މުވައްޒަފުން ރަސްމީ ޑިއުޓީ ނޫން ވަގުތުގައި އޮފީހުގެ މަސައްކަތަށް ނުކުންނައިރު، އަންނަނިވި ބާވަތުގެ ހެދުމާއި ތަކެތި ބޭނުންކޮށްގެން ނުވާނެއެވެ.

(ހ) އަހްލާގީގޮތުން އެކަށީގެންނުވާ އިބާރާތް ލިޔެފައިވާ ހެދުން، ނުވަތަ ކުރެހުން ކުރަހައިފައިވާ ހެދުން، ނުވަތަ އެފަދަ ކާޓޫނު ނުވަތަ ފޮޓޯ ޖަހައިފައިވާ ހެދުން.

(ށ) ބާރު ހަރުވާޅާއި، ކުރު ހަރުވާޅު.

(ނ) ގައިގެ ހަންގަނޑު ފާޅުވާފަދަ ތުނި ހެދުން.

(ރ) ފެންފައިވާން.

 

32 ވަނަ މާއްދާ - ރަސްމިއްޔާތުތަކުގައި ބައިވެރިވާއިރު ހެދުން ބަހައްޓަންވީ ގޮތް

(ހ) އެކިއެކި ރަސްމިއްޔާތުތަކުގައި ބައިވެރިވާ ފިރިހެން މުވައްޒަފުން ތިބެންވާނީ، އެފަދަ މުނާސަބަތުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ހެދުމެއްގައި ނުވަތަ އެ ރަސްމިއްޔާތަކަށް ދިއުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ހެދުމެއްގައެވެ.

(ށ) ރަސްމީ ޖަލްސާތަކާއި ރިސެޕްށަންތަކަށް ހާޒިރުވާއިރު ހެދުން ބަހައްޓަންވާނީ،ތިރީގައިވާ ގޮތަށެވެ.

  1. ދައުވަތު ކާޑުގައި ވަކިގޮތަކަށް ހެދުން ބެހެއްޓުމަށް ބުނެފައިވާނަމަ، އެ ގޮތަށް؛
  2. ވަކި ކަހަލަ ހެދުމެއްގައި ދިއުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފިނަމަ، އެ ފަދަ ހެދުމެއް.

 

33 ވަނަ މާއްދާ - ބޮލުގެ އިސްތަށިގަނޑު ހުންނަންވާނެ ގޮތް

(ހ) އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) ފިރިހެން މުވައްޒަފުންގެ ބޮލުގެ އިސްތަށިގަނޑުގެ އެންމެ ދިގުހިސާބުގައި ހުންނަންވާނީ، 10 (ދިހައެއް) ސެންޓި މީޓަރަށްވުރެ ދިގު ނުވާނޭގޮތަށް ރީތިކޮށް ބޯކޮށައިފައެވެ. އަދި ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ، އައިބުނުވާނެ ފަދަ ގޮތަކަށް އޮމާންކޮށްފައެވެ.

(ނ) އަންހެން މުވައްޒަފުންގެ ބޮލުގެ އިސްތަށިގަނޑު، އޮފީސް މާހައުލާ އެކަށީގެންވާ ގޮތަކަށް، ރީތިކޮށް ބަލަހައްޓަންވާނެއެވެ.

(ރ) މުވައްޒަފުންގެ ބޮލުގެ އިސްތަށިގަނޑުގައި ޖައްސާ ކުލައަކުން އަތްވަށް ނުކުތުމުން އަރާ ކުލައަކީ ކަޅުކުލަ ކަމުގައި ނުވާނަމަ، އެފަދަ ކުލައެއް ޖައްސައިގެން ނުވާނެއެވެ.

 

34 ވަނަ މާއްދާ - ގަހަނާ އެޅުމާއި ޒީނަތްތެރިވުން

(ހ) އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުން، އޮފީހުގެ މަސައްކަތަށް ނުކުންނައިރު ގަހަނާއަޅައި ޒީނަތްތެރިވުމުގައި އަމަލުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) ރަސްމީ ގަޑީގައި ނުވަތަ ނުރަސްމީ ގަޑީގައި މުވައްޒަފުން އޮފީހަށް ނުކުންނައިރު ގަހަނާގެ ގޮތުގައި ބޭނުންކުރެވޭނީ އަންނަނިވި ތަކެއްޗެވެ.

  1. ކަންފަތުމުދި؛
  2. އަތުގައި އަޅާ ކެވެއްޔާއި، ތަނޑި؛
  3. ކަރުގައި އަޅާ ފަށް؛
  4. އަތުކުރީ ގަޑި؛ 
  5. އަނގޮޓި.

(ނ) އަންހެން މުވައްޒަފުން އޮފީހުގެ މަސައްކަތަށް ނުކުންނައިރު، ކަންފަތުގައި 1 (އެކެއް) މުންޖަށް ވުރެ އިތުރަށް މުދި ލައިފައި ހުރެގެން ނުވާނެއެވެ. މި ގޮތުން ކަންފަތުގައި ލާ އެއްޗަކީ، ކަންފަތުގެ ފޫޅުގައި އެލުވާގޮތަށް ލައިފައި ހުންނަ މުދިނަމަ، އެކަށީގެންނުވާ ބޮޑު ނުވަތަ އެއްބޮޅަށްވުރެ ގިނަބޮޅު ހިމެނޭ މުދި ލައިފައި ހުރެގެން ނުވާނެއެވެ.

(ރ) އަންހެން މުވައްޒަފުން އޮފީހުގެ މަސައްކަތަށް ނުކުންނައިރު، އަތުގައި އަޅާ ތަނޑީގެނުވަތަ ކެވެލީގެ ފުޅާމިން 1 (އެކެއް) ސެންޓި މީޓަރަށްވުރެ ބޮޑުވެގެން ނުވާނެއެވެ. މި ގޮތަށް ތަނޑި ނުވަތަ ކެވެލި އަޅާނަމަ އަޅަންވާނީ، އެއް ކެވެލިކޮޅު ނުވަތަ އެއްޖޯޑު ތަނޑިއެވެ.

(ބ) އަންހެން މުވައްޒަފުން އޮފީހުގެ މަސައްކަތަށް ނުކުންނައިރު، އަތެއްގައި ގިނަވެގެން 2 (ދޭއް) އަނގޮޓި އެޅިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަނގޮޓި އަޅާއިރު، އަޅައިފައި ހުންނަ އަނގޮޓީގެ އެހުގެ ފުޅާމިން އެ އަނގޮޓި އަޅައިފައިވާ އިނގިލީގެ ފަލަމިނަށްވުރެ ފުޅާވެގެން ނުވާނެއެވެ. އަދި އެހުގެ ދިގުމިން، އެ އަނގޮޓިއަޅައިފައިވާ އިނގިލީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ދިގުވެގެން ނުވާނެއެވެ.

(ކ) ފިރިހެން މުވައްޒަފުން އޮފީހުގެ މަސައްކަތަށް ނުކުންނައިރު، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ ގަހަނާއެއް އެޅުމަކީ ހުއްދަކަމެއް ނޫނެވެ.

(އ) ފިރިހެން މުވައްޒަފުން އޮފީހުގެ މަސައްކަތަށް ނުކުންނައިރު، ރަން ފިޔަވައި އެހެން މައުދަނަކުން އުފައްދައިފައިވާ 1 (އެކެއް) އަނގޮޓި އެޅިދާނެއެވެ. އަދި އަޅާ އަނގޮޓިއަކީ މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މިންގަނޑަށް ފެތޭ އަނގޮޓިއަކަށް ވާންވާނެއެވެ.

(ވ) އަންހެން މުވައްޒަފުން އޮފީހުގެ މަސައްކަތަށް ނުކުންނައިރު، ޒީނަތްތެރިވުމުގެ ގޮތުން ލިޕްސްޓިކް ޖެއްސުމާއި، މޭކަޕް ކުރުން ފަދަ ކަންކަން މެދުމިނެއްގައި ކުރެވިދާނެއެވެ. އެގޮތުން އެ މީހެއްގެ ހަމުގެ ކުލައާ ގުޅޭގޮތުން ރަތްކުލަ ނުވަތަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ޖެއްސިދާނެއެވެ.

(މ) މުވައްޒަފުން އޮފީހުގެ މަސައްކަތަށް ނުކުންނައިރު، އަތާއި ފައިގެ އިނގިލިތަކުގެ ނިޔަފަތިތައް ހުންނަންވާނީ ރީތިކޮށް ކަނޑައިފައެވެ. ފިރިހެން މުވައްޒަފުންގެ އަތުގައި ހީނާފަތް އެޅުމާއި، އަތާއި އަތުގެ ނިޔަފަތީގައި އެއްވެސް ކުލައެއް ޖައްސައިގެން ނުވާނެއެވެ.

 

 

ހަތަރުވަނަ ބާބު

މުވައްޒަފުންގެ ރިކޯޑު ބެލެހެއްޓުން

 

35 ވަނަ މާއްދާ - މުވައްޒަފުންގެ ދަފުތަރު ބެލެހެއްޓުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު އެންމެހައި މުވައްޒަފުންގެ ދަފުތަރު، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން މަރުކަޒީގޮތެއްގައި އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުވައްޒަފުންގެ ދަފުތަރު ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުންގެ ތެރޭގައި ހިމެނޭ ތަފާތު ބާވަތްތަކުގެ މުވައްޒަފުންގެ ދަފުތަރު ވަކިވަކިން ބަލަހައްޓަންވާނެއެވެ. މިގޮތުން، މުވައްޒަފުން ނިސްބަތްވާ އަންނަނިވި ބާވަތްތަކުގެ ދަފުތަރުތައް ވަކިން ބަލަހައްޓަންވާނެއެވެ.

  1. އާންމު މުވައްޒަފުންގެ ތެރެއިން ދާއިމީ މުވައްޒަފުންގެ ދަފުތަރު؛
  2. ވަގުތީ މުވައްޒަފުންގެ ދަފުތަރު؛
  3. ކޮންސަލްޓަންޓުންގެ ދަފުތަރު؛
  4. ވަޒީފާއިން މުސްކުޅިކޮށްފައިވާ މީހުންގެ ދަފުތަރު؛ 
  5. ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނާއި ވަކިވެފައިވާ މީހުންގެ ދަފުތަރު؛

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދަފުތަރުތައް، ކޮމްޕިއުޓަރައިޒް ޕްރޮގްރާމެއް މެދުވެރިކޮށް ބެލެހެއްޓިދާނެއެވެ.

(ރ) މުވައްޒަފެއްގެ ނަމަށް ނުވަތަ އެޑްރެހަށް ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، މުވައްޒަފުންގެ ކަންތައް ބަލަހައްޓާ އިދާރީ ބަހާއަށާއި، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރީ ބަހާއަށް ލިޔުމުން އަންގަންވާނެއެވެ. މިފަދަ މައުލޫމާތު ބަދަލުވިކަން އެންގުމުގެ ގޮތުން ހުށަހަޅާއިރު، އެ ކަމާ ގުޅޭ ރަ ސްމީ ލިޔުންތައް ހުށަހަޅަން ވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ދަފުތަރު ބެލެހެއްޓުމުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ދެމިހުރި ކޮންމެ މުވައްޒަފަކަށް ވެސް ވަކި ރިކޯޑު ފައިލެއް އޮންނަންވާނެއެވެ. މިފަދަ ކޮންމެ ފައިލެއްގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ވަޒީފާއަށް އެދި ހުށަހެޅި ފޯމު؛
  2. ލިބިފައިވާ ފާސްތަކާއި ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ؛
  3. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިޔުން ހުށަހަޅައިފައިވާނަމަ، އެ ލިޔުންތައް؛
  4. ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު؛
  5. ވަޒީފާ ދިންކަމުގެ ލިޔުން ނުވަތަ ލިޔުމުގެ ކޮޕީ؛
  6. ވަޒީފާގެ އެއްބަސްވުމުގެ އަސްލު؛
  7. ވަޒީފާ/މަގާމު/ގްރޭޑް ބަދަލުކުރިކަމުގެ ލިޔުމުގެ ކޮޕީ؛
  8. ވަޒީފާ ބަޔާނުގެ ކޮޕީ؛
  9. މުސާރައަށް ބަދަލުގެނައުމަށް ލިޔުމެއް ފޮނުވައިފައިވާނަމަ، ފޮނުވައިފައިވާ ލިޔުން؛
  10. ސަލާމް ސެޓުފިކެޓު؛
  11. ޗުއްޓީއަށް އެދި ހުށަހަޅާ ލިޔުމާއި، ޗުއްޓީ ދިންކަމުގެ ލިޔުން؛
  12. ތަމްރީނު ކޯހެއް ފުރިހަމަކޮށްފައިވާނަމަ، ފުރިހަމަކުރި ކޯހާބެހޭ މައުލޫމާތު )ލިބިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއާއެކު(؛
  13. މުވައްޒަފުގެ ކުށުގެ ރިކޯޑު ނުވަތަ ޑިސިޕްލިނަރީ މައްސަލަތަކުގެ ރިކޯޑު؛
  14. ތަންފީޒުކޮށް ނިމިފައިވާ ތައުދީބީ މައްސަލަތަކުގެ ރިކޯޑު؛
  15. ވަޒީފާ ލިބުމަށްފަހު ގާނޫނީގޮތުން ބަންދެއްވެ، ށަރީއަތުން އަދަބެއް ލިބިފައިވާނަމަ، އެކަމުގެ ރިކޯޑު؛
  16. އެހެން އޮފީހަކުން ހިންގާ ކަމެއްގައި، ނުވަތަ ގައުމީ ފެންވަރުގައި ހިންގާ ކަމެއްގައި، ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ ކަމެއްގައި، ދިވެހި ފުލުހުންގެ ހިދުމަތް ތަމްސީލުކުރުމަށް ފޮނުވައިފައިވާނަމަ، އެކަމުގެ މައުލޫމާތު؛
  17. ވަގުތީގޮތުން ހަވާލުކޮށްފައިވާ ހާއްސަ މަސައްކަތުގެ މައުލޫމާތު؛
  18. ވަޒީފާ ބަދަލުކުރި ލިޔުން ނުވަތަ ލިޔުމުގެ ކޮޕީ؛
  19. ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން ނުވަތަ ލިޔުމުގެ ކޮޕީ؛
  20. ވަޒީފާ އަދާކުރިގޮތުގެ ލިޔުމުގެ ކޮޕީ؛
  21. އެކި ބާވަތުގެ އެލަވަންސްތައް ހަމަޖެއްސިކަމުގެ ލިޔުން ނުވަތަ ޗިޓުގެ ކޮޕީ؛
  22. ހިދުމަތުގެ ފެންވަރު ބަލާ ފޯމު؛
  23. މުވައްޒަފުން ކުރާ އެކިއެކި މަސައްކަތްތަކާއި، ބައިވެރިވާ ޕްރޮގްރާމްތަކުން ދީފައިވާ އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުންތަކުގެ ކޮޕީ؛
  24. މުވައްޒަފުންނަށް އެކިއެކި ކަންކަމާ ގުޅިގެން ދޭ ހުއްދަތަކާއި، ލިޔެކިޔުންތަކުގެ ކޮޕީ؛
  25. މުވައްޒަފުން އެކިއެކި ކަންކަމާ ގުޅިގެން ހުށަހަޅާ ސިޓީއާއި، ސިޓީތަކުގެ ޖަވާބު؛
  26. ވަގުތީ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ ދީފައިވާ ފަރާތެއްނަމަ، ކޮންޓްރެކްޓްގެ މުއްދަތާއި، ކޮންޓްރެކްޓުގެ އަސްލު؛ 
  27. މުވައްޒަފުންގެ އާއިލާގެ ރަޖިސްޓަރީ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިވެގެން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދީފައިވާ ނުވަތަ ތަމްރީނުކޮށްފައިވާ ކޮންމެ މުވައްޒަފަކާ ބެހޭގޮތުން އަންނަނިވި މައުލޫމާތު އެ މުވައްޒަފެއްގެ ރިކޯޑުގައި ހިމަނަންވާނެއެވެ.

  1. ކޯހުގައި ނުވަތަ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅައިފައިވާ ފޯމު؛
  2. ކޯހާ ނުވަތަ ތަމްރީނު ޕްރޮގްރާމާ ގުޅޭ އެއްބަސްވުމާއި، އިގްރާރު ފޯމު؛
  3. ކޯސް ނުވަތަ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރުމުން ލިބޭ ސަނަދުގެ ކޮޕީ؛ 
  4. ކޯހުން ހާއްސަ ވަނައެއް ހޯދުމާ ގުޅިގެން ލިޔުމެއް ލިބިފައިވާނަމަ، އެ ލިޔުން.

(ކ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، މުވައްޒަފާ ގުޅޭގޮތުން، މުވައްޒަފުންގެ ދަފުތަރުގައި ރިކޯޑުކުރެވޭ މައުލޫމާތު، ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފު ބޭނުންވެއްޖެ ހިނދެއްގައި ބެލޭނެ އިންތިޒާމު ހަމަޖައްސައިދޭން ވާނެއެވެ.

(އ) މުވައްޒަފުންގެ ދަފުތަރުގައި ރިކޯޑުކުރެވޭ މައުލޫމާތަކީ، މުވައްޒަފުންގެ ޒާތީ މައުލޫމާތުކަމަށް ވެފައި، އެއީ ސިއްރު ލިޔުންތަކަކަށްވާތީ، ރަސްމީ މަސައްކަތާ ގުޅޭގޮތުން ކޮންމެހެން ބަލަންޖެހޭ މުވައްޒަފަކު ފިޔަވައި އެހެން މުވައްޒަފަކު ނުވަތަ މުވައްޒަފުން، އެ ރިކޯޑުގައިވާ މައުލޫމާތު ބަލައި ހަދައިގެން ނުވާނެއެވެ.

 

36 ވަނަ މާއްދާ - މުވައްޒަފުގެ އާއިލާ ރަޖިސްޓަރީ ކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުންގެ ތެރޭގައި ހިމެނޭ ދާއިމީ މުވައްޒަފުންގެ އާއިލާ، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުވައްޒަފުންގެ އާއިލާ ރަޖިސްޓަރީ ކުރަންވާނީ، އެކަމަށް ހާއްސަ ފޯމެއް މެދުވެރިކޮށެވެ. އެ ފޯމުގައި، އަންނަނިވި މައުލޫމާތު ހިމަނައިފައި ހުންނަންވާނެއެވެ.

  1. މުވައްޒަފުގެ ފުރިހަމަ ނަމާއި، މަގާމު؛ 
  2. ސަރވިސް ނަންބަރު؛
  3. އަނބިމީހާ/އަނބިން ނުވަތަ ފިރިމީހާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛ 
  4. މައިންބަފައިންގެ މައުލޫމާތު؛
  5. ދަރީންގެ މައުލޫމާތު.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، މުވައްޒަފަކު ކައިވެއް ޏެއް ކޮށްފިނަމަ، ނުވަތަ ވަރިކޮށްފިނަމަ، ރަސްމީ ބަންދުނޫން، 15 (ފަނަރަ) ދުވަހުގެ ތެރޭގައި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ރ) މުވައްޒަފުގެ އާއިލާގެ މައުލޫމާތު ރަޖިސްޓަރީކުރުމަށްފަހު، އާއިލީ މައުލޫމާތަށް އަންނަ ބަދަލުތައް އަދާހަމަކޮށް ބެލެހެއްޓުމުގެ ބޭނުމުގައި، މުވައްޒަފަށް ދަރިއަކު ލިބުމުން ނުވަތަ އާއިލާގެ މެންބަރަކު ނިޔާވުމުން، 15 (ފަނަރަ) ދުވަހުގެ ތެރޭގައި، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ އާއިލާ ރަޖިސްޓަރީކުރާ ފޯމާއެކު އެކަމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

 

ފަސްވަނަ ބާބު

މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑު

 

37 ވަނަ މާއްދާ - ވަޒީފާގެ އޮނިގަނޑެއް އެކުލަވައިލުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުންގެ ވަޒީފާގައި ހިމެނޭ ދާއިރާތަކާއި، މަގާމުތަކުގެ މައްޗަށް އެކުލެވޭ އާންމު މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑެއް އެކުލަވައިލަންވާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލާ އާންމު މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑު ފާސްކުރަންވާނީ، ވަޒީރުގެ ލަފާގެ މަތީން ކޮމިށަނަރ އޮފް ޕޮލިސްއެވެ.

 

38 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދެވޭނެ ގޮތްތައް

ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުންގެ ވަޒީފާ އެކުލެވިގެންވަނީ، އަންނަނިވި މައިގަނޑު 2( ދޭއް( ބާވަތުގެ މައްޗަށެވެ.

(ހ) ދާއިމީ މުވައްޒަފުން؛

(ށ) ވަގުތީ މުވައްޒަފުން.

 

39 ވަނަ މާއްދާ - އާންމު މުވައްޒަފުންގެ މަގާމުތައް ގިންތިކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ހިމެނޭ އާންމު މުވައްޒަފުންގެ މަގާމުތަކުގައި ހިމެނޭ ގިންތިތަކާއި، އެ ގިންތިތަކުގެ ދަށުގައި ހިމެނޭ މަގާމުތައް، މި ގަވާއިދުގެ 37 ވަނަމާއްދާގެ ދަށުން އެކުލަވައިލާ އާންމު މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑައަޅައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އާންމު މުވައްޒަފުންގެ މަގާމުތަކުގައި ހިމެނޭ ގިންތިތައް ކަނޑައެޅުމުގައި، އަންނަނިވި ދާއިރާތަކަށް ނިސްބަތްވާގޮތަށް ގިންތިތައް ހިމަނަންވާނެއެވެ.

  1. ޓެކްނިކަލް؛
  2. އެޑްމިނިސްޓްރޭޓިވް؛ 
  3. ސަޕޯޓް ސަރވިސް.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުންނަށް ވަޒީފާ ދޭންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކުލަވައިލާ އާންމު މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑައަޅާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭގޮތަށެވެ.

 

40 ވަނަ މާއްދާ - ވަޒީފާގެ ކުރިއެރުން ދިނުން 

(ހ) ދާއިމީ މުވައްޒަފުންގެ ތެރެއިން އާންމު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދެވޭނީ، އެ މުވައްޒަފަކު ހިމެނޭ މަގާމު ނިސްބަތްވާ ގިންތީގެ ތެރޭގައި ހިމެނޭ އެއް މަގާމުން އަނެއް މަގާމަށް ވަޒީފާގެ ކުރިއެރުން ލިބޭ ގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާގެ ކުރިއެރުން ދިނުމުގެ ށަރުތުތަކާއި، ވަޒީފާގެ ކުރިއެރުން ދިނުމަށް އެދި ހުށަހެޅުމާއި، ވަޒީފާގެ ކުރިއެރުން ދިނުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެކުލަވައިލަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ އުސޫލުގައި، ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭގޮތުން، އަންނަނިވި ކަންތައްތައް ވަޒަންކުރުމުގެ މިންގަނޑުތައް ބަޔާންކުރަންވާނެއެވެ.

  1. މަގާމުގެ މަސްއޫލިއްޔަތުތަކަށް އެ މުވައްޒަފު އެކަށީގެންވާ މިންވަރު؛
  2. މުވައްޒަފު ހުރި މަގާމުގެ ވާޖިބުތައް އަދާކޮށްފައިވާ މިންވަރާއި ފެންވަރު؛
  3. ތައުލީމީ ފެންވަރާއި ތަޖުރިބާ؛
  4. މަގާމުގައި ހޭދަކޮށްފައިވާ މުއްދަތު؛ 
  5. މުވައްޒަފާމެދު އަޅައިފައިވާ ތައުދީބީ ފިޔަވަޅުތައް.

(ރ) މުވައްޒަފަކަށް ދޭ ވަޒީފާގެ ކުރިއެރުމެއްގެ ގޮތުން، އާންމު މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކުގައި ހިމެނޭ އެއް ގިންތީގެ މަގާމަކުން އަނެއް ގިންތީގައި ހިމެނޭ މަގާމަކަށް ބަދަލެއް ނުވެވޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާންމު މުވައްޒަފުންގެ ވަޒީފާގެ ގިންތީގައި ހިމެނޭ ވަކި ގިންތިއެއްގެ މަގާމެއްގައި ހުރި މުވައްޒަފަކަށް، އެ ނޫން ގިންތިއެއްގައި ހިމެނޭ މަގާމެއް ހުސްވެގެން އިއުލާނު ކޮށްފިނަމަ، އެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މަގާމަށް ކުރިމަތިލެވިދާނެއެވެ.

 

41 ވަނަ މާއްދާ - ވަގުތީ މަގާ މާއި، ވަގުތީ މުވައްޒަފުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތް ދިނުމަށް ޓަކައި، އާންމު މުވައްޒަފުންގެ ދާއިމީ މަގާމުތަކުގެ އިތުރަށް ވަގުތީ މުވައްޒަފުންނަށް ބޭނުންވާކަމަށް، ކޮމިށަނަރ އޮފް ޕޮލިސްއަށް ފެނިއްޖެ ހިނދެއްގައި، ކޮންޓްރެކްޓެއްގެ ދަށުން ވަގުތީ މުވައްޒަފުން އައްޔަނު ކުރެވިދާނެއެވެ.

(ށ) ވަގުތީ މުވައްޒަފަކު އައްޔަނު ކުރެވޭނީ، އަންނަނިވި ހާލަތްތަކުގައި ވަގުތީ މަގާމެއް އުފެއްދުމަށްފަހުގައެވެ.

  1. ވަކި ކޮންޓްރެކްޓެއްގެ ދަށުން ވަކި މަސައްކަތެއް ކުރުމަށް ނުވަތަ ވަކި މަށްރޫއެއް ހިންގުމަށް ވަކި މުއްދަތަކަށް؛
  2. ވަކި ކޮންޓްރެކްޓެއްގެ ދަށުން ވަކި ދާއިރާއެއްގައި ހިދުމަތް ކުރުމަށް ވަކި މުއްދަތަކަށް؛ 
  3. މާލީ އިނާޔަތެއް ދޭގޮތަށް ނުވަތަ މާލީ އިނާޔަތެއް ނުދެވޭ ގޮތަށް ފަރުމާކޮށްގެން ހިންގާ އިންޓަރންށިޕް ޕްރޮގްރާމެއްގެ ބައިވެރިއެއްގެ ގޮތުން އިންޓަރންސްއިންގެ ގޮތުގައި.

(ނ) ވަގުތީގޮތުން އައްޔަނުކުރާ މީހަކު 2 (ދޭއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތަކަށް އައްޔަނުކޮށްގެން ނުވާނެއެވެ. 2 (ދޭއް) އަހަރުދުވަހަށް ވުރެ އިތުރުވާނަމަ، އެ މުވައްޒަފެއްގެ މަގާމު، ދާއިމީ މަގާމެއްގެ ގޮތުގައި ހަމަޖެހިގެން ދާނެއެވެ.

(ރ) ވަގުތީ މުވައްޒަފުންގެ ގޮތުގައި އައްޔަނުކުރާ މުވައްޒަފުން އައްޔަނު ކުރަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރުމަށް އެކަށީގެންވޭތޯ ބެލުމަށްފަހު، މި ގަވާއިދުގައި އާންމު މުވައްޒަފުން ވަޒީފާއަށް ވެއްދުމުގައި އަމަލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާއަށް އައްޔަނުކުރާ ވަގުތީ މުވައްޒަފުގެ ކިބައިގައި، މި ގަވާއިދުގައި 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވުން ލާޒިމެއް ނޫނެވެ.

(ޅ) ކޮންޓްރެކްޓް އުސޫލުން ވަގުތީ މަގާމަކަށް މުވައްޒަފުން އައްޔަނު ކުރުމުގައި، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރާނަމަ، އެފަދަ މަގާމަކަށް މީހުން ހޯދުމަށް ކުރާ އިއުލާނުގައި، އެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތައް ބަޔާންކުރަންވާނެއެވެ.

(ކ) ދިވެހި ފުލުހުންގެ ހިދުމަތުގެ ދާއިމީ އެއްވެސް މަގާމަކަށް ވަގުތީ މުވައްޒަފުން އައްޔަނުކޮށްގެން ނުވާނެއެވެ.

(އ) ވަގުތީ މަގާމުތަކުގައި ތިބޭ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ މުއްދަތުގައި ކަމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕެންށަނުގެ ހައްގު ލިބިދޭންވާނެއެވެ.

(ވ) ވަގުތީ މަގާމު އުފެއްދި މުއްދަތު ހަމަވެގެން ނުވަތަ މަގާމު އުފެއްދި ބޭނުން ކެނޑިގެން ވަގުތީ މަގާމު އުވައިލާއިރު، އެ މަގާމެއްގައި ހުރި ވަގުތީ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންވާނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

42 ވަނަ މާއްދާ - ކޮންޓްރެކްޓެއްގެ ދަށުން ވަގުތީ މުވައްޒަފުން ވަޒީފާގައި ގެންގުޅުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ވަގުތީ މުވައްޒަފެއްގެ ގޮތުގައި، ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ ފަރާތްތައް ވަޒީފާގައި ގެންގުޅުމުގައި އަމަލުކުރަންވާނީ، އެފަދަ މުވައްޒަފަކާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ކޮންޓްރެކްޓެއްގެ ދަށުން ވަގުތީ މުވައްޒަފެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހަވާލުކުރާ ވަކި މަސައްކަތެއް ކުރުމަށް ވަޒީފާ ދީފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ކޮންސަލްޓަންޓުން ވަޒީފާގައި ގެންގުޅުމުގައި އެ ނޫން ވަގުތީ މުވައްޒަފުންނާ ތަފާތު މިންގަނޑުތަކެއް ގެންގުޅެވިދާނެއެވެ.

(ނ) ކޮންޓްރެކްޓެއްގެ ދަށުން ވަގުތީ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކާ ގުޅިގެން އަންނަނިވި ކަންކަމުގައި އަމަލުކުރާނެ ގޮތެއް، އެފަދަ މުވައްޒަފުންނާއެކު ހަދާ ކޮންޓްރެކްޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

  1. މުސާރައާއި، އެލަވަންސާއި، އިނާޔަތް ދިނުން؛
  2. ޗުއްޓީއާއި ސަލާމް؛
  3. އިސްލާހީ ފިޔަވަޅު އެޅުން؛ 
  4. ނޯޓިސް ދިނުން؛ 
  5. އެއްބަސްވުން ނިމުމަކަށް ގެނެވޭނެ ހާލަތްތަކާއި ގޮތްތައް.

(ރ) ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކާ ގުޅިގެން މި މާއްދާގެ

(ނ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގައި އަމަލުކުރަންވާނީ، އެ ފަރާތަކާއެކު ވެފައިވާ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

 

ހަވަނަ ބާބު

ވަޒީފާއަށް މީހުން ހޮވުމާއި، އައްޔަނުކުރުން

 

43 ވަނަ މާއްދާ - އާންމު މުވައްޒަފެއްގެ ވަޒީފާއަށް އިއުލާނުކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުންގެ ވަޒީފާއަށް މީހުން ހޮވާނީ، ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށް އިއުލާނު ކޮށްގެންނެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފެއްގެ ވަޒީފާއަށް މީހުން ހޯދުމަށް އިއުލާނުކުރަންވާނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. އަލަށް އުފައްދާ މަގާމުތަކަށް އާންމު މުވައްޒަފުން ބޭނުންވުން؛
  2. ހުސްވެފައިވާ މަގާމުތަކަށް އާންމު މުވައްޒަފުން ބޭނުންވުން؛ 
  3. ހުސްވާ މަގާމުތަކަށް އާންމު މުވައްޒަފުން ބޭނުންވުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، މަގާމު ހުސްވުމުގެ 6( ހައެއް( މަސްދުވަހުގެ ކުރިން މަގާމު ހުސްވާނެނަމަ، އެ ހުސްވާ މަގާމަކަށް މީހަކު ހޮވުމަށް އިއުލާނު ކުރެވިދާނެއެވެ.

 

44 ވަނަ މާއްދާ - ވަޒީފާއަށް އެދި ހުށަހެޅުން

(ހ) އާންމު މުވައްޒަފުންގެ ވަޒީފާއަށް މީހުން ހޮވުމަށް ކުރާ އިއުލާނަކާ ގުޅިގެން ވަޒީފާއަށް އެދި ހުށަހަޅަންވާނީ، އެ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ފުލުހުންގެ މަރުކަޒަކަށެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ އެހެން އެއްވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް އެދި އެ ފަރާތުން ހުށަހަޅަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް އެދި އެ ފަރާތުން ހުށަހެޅުމާމެދު، އެ ފަރާތް ވަޒީފާ އަދާކުރާ ތަނުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާ އެކުގައެވެ.

 

45 ވަނަ މާއްދާ - ވަޒީފާއަށް އެދޭ މީހުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

(ހ) އާންމު މުވައްޒަފުންގެ ވަޒީފާއަށް އެދޭ މީހުން އެ ކަމަށް އެދި ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ވަޒީފާއަށް އެދި ހުށަޅާ ފޯމު؛
  2. ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު؛
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތައް؛
  4. ނެގިފަހުން 3 (ތިނެއް) މަސްދުވަސް ނުވާ، ޕާސްޕޯޓް ސައިޒުގެ ފޮޓޯ؛ 
  5. މި ނޫނަސް، ހުށަހަޅަންޖެހޭނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަންގާ އިތުރު ލިޔުންތައް.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ތައުލީމީ ސެޓުފިކެޓަކީ، ދިވެހިރާއްޖެއިން ހާސިލުކޮށްފައިވާ ސެޓުފިކެޓެއްނަމަ ހުށަހަޅަންވާނީ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީގެ އަސްލެވެ. ރާއްޖެއިން ބޭރުން ހާސިލުކޮށްފައިވާ ސެޓުފިކެޓެއްނަމަ ހުށަހަޅަންވާނީ، އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީގެ އަސްލެވެ.

 

46 ވަނަ މާއްދާ - އާންމު މުވައްޒަފުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ށަރުތުތައް

ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފެއްގެ ވަޒީފާއަކަށް މީހަކު އައްޔަނު ކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވުމާއެކު، އެ މަގާމަކަށް ބޭނުންވާ ވަކި ށަރުތެއްވާނަމަ، އެ ށަރުތެއް ފުރިހަމަވާނަމައެވެ.

(ހ) މީލާދީގޮތުން 18 ( އަށާރަ) އަހަރާއި، 50 (ފަންސާސް) އަހަރާ ދެމެދުގެ ފަރާތެއް ކަމުގައި ވުން.

(ށ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ނ) ވައްކަން، ނުވަތަ ޓެކުން، ނުވަތަ މަކަރާ ހީލަތް، ނުވަތަ ހިޔާނާތް ނުވަތަ ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) މަނާކޮށްފައިވާ މަސްތުވާ އެއްޗަކުން އެކެހެރިވުމަށް ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ފަރުވާ ހޯދައިފައިވާ ފަރާތަކަށް ނުވުން.

(ބ) ޖިނާއީ އެއްވެސް މައްސަލައެއްގެ ތުހުމަތުގައި، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ހައްޔަރުކޮށްފައި ނުވުން.

(ޅ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހަކު ކަމުގައި ނުވުން.

(ކ) ދިވެހި ފުލުހުން ހިދުމަތުގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

(އ) އަހްލާގީ މައްސަލައަކާ ގުޅިގެން ނުވަތަ އެނޫންވެސް މައްސަލައަކާ ގުޅިގެން އެހެން އޮފީހެއްގެ ވަޒީފާއަކުން ވަކިކޮށްފައިވާ މީހަކު ކަމުގައި ނުވުން.

(ވ) ދައުލަތުގެ އެއްވެސް މަގާމަކުން ރިޓަޔަރ ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

 

47 ވަނަ މާއްދާ - ވަޒީފާ ދިނުމުގެ ކުރިން ބަލަންވާނެ ކަންތައްތައް

(ހ) ވަޒީފާއަށް އެދި ހުށަހަޅައިފައިވާ ފޯމުތަކުގެ ތެރެއިން، މައުލޫމާތު ފުރިހަމަނުވާ ފޯމުތަކާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ނުހިމެނޭ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ. އަދި އެފަދަ ފޯމެއް ބަލައިގަތުމަށްފަހުގައި ވެސް މައުލޫމާތު ފުރިހަމަނުވާނަމަ ބެލެވޭނީ ބާތިލު ފޯމެއްގެ ގޮތުގައެވެ.

(ށ) ވަޒީފާއަށް އެދި ހުށަހަޅައިފައިވާ މައުލޫމާތު ފުރިހަމަވާ ހުށަހެޅުންތައް ބަލައިގަތުމަށްފަހު، އެފަދަ ހުށަހެޅުންތައް ހުށަހަޅައިފައިވާ ފަރާތެއްގެ ކިބައިގައި އާންމު މުވައްޒަފެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވާނެ، އަންނަނިވި ކަންކަން ފުރިހަމަވޭތޯ ބަލަންވާނެއެވެ. އެކަން ބަލާނީ، ހުށަހަޅައިފައިވާ ލިޔެކިޔުންތަކަށް ބަލައިގެންނާއި އިންޓަވިއު ކޮށްގެންނެވެ.

  1. މަގާމު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ، ނުވަތަ މަގާމު އަދާކުރުމަށް ބޭނުންވާނެ ފަންނީ ހުނަރާއި ގާބިލުކަން ލިބިފައިވާ މިންވަރު؛
  2. މުއާމަލާތު ކުރުމުގެ ހުނަރާއި، އާންމު މައުލޫމާތާއި، ކަންކަން ނިންމުމުގެ ގާބިލުކަން ހުރި މިންވަރު؛ 
  3. މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންވާނެ، އެކަށީގެންވާ ސިއްހަތެއްގައި ހުރުން.

 

48 ވަނަ މާއްދާ - ވަޒީފާ ދިނުމުގެކުރިން ބެކްގްރައުންޑް ޗެކްކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތަކީ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރާ ހިދުމަތަކަށްވާތީ، މި ހިދުމަތުގެ ވަޒީފާއަކަށް މީހަކު ހޮވުމުގެ ކުރިން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މީހެއްގެ ބެކްގްރައުންޑް އެނަލިސިސްއެއް ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން އެ ފަރާތަކާ ގުޅޭގޮތުން އަންނަނިވި ކަންތައްތައް ކުރަންވާނެއެވެ.

  1. ކުޑަކަމުދާ ތަކެތި، ބަނގުރަލާއި، މަސްތުވާ އެހެން ތަކެއްޗަށް ޓެސްޓްކުރުން؛
  2. ކުރިން ހިނގައިފައިވާ ކުށުގެ އަމަލަކާ ގުޅުމެއްވޭތޯ ބެލުމަށް ޓެންޕްރިންޓް ނަގައި ޗެކްކުރުން؛ 
  3. އިންޓެލިޖެންސް އެނަލިސިސް ރިޕޯޓެއް ހެދުން؛
  4. ޕޮލިގްރަފީ ޓެސްޓް ހެދުން.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަދާ ބެކްގްރައުންޑް އެސެސްމަންޓުން ފާސްނުވާ ފަރާތްތައް، އެ ސަބަބަށް ޓަކައި، ވަޒީފާ ދެވެން ނެތްކަން ލިޔުމުން އަންގަންވާނެއެވެ.

 

49 ވަނަ މާއްދާ - ވަޒީފާ ދިނުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުންގެ ވަޒީފާ ދޭންވާނީ، އެ ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަގާމަށް ށަރުތު ހަމަވެފައި، ބެކްގްރައުންޑް އެސެސްމަންޓުން ފާސްވެފައިވާ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް މީހުން ބޭނުންވާ އަދަދަށް ބެލުމަށްފަހު، އެންމެ ގާބިލު ފަރާތްތަކަށް އިސްކަންދީގެންނެވެ.

(ށ) އާންމު މުވައްޒަފެއްގެ ވަޒީފާ ހަމަޖެހޭ ފަރާތްތަކަށް، އެ މީހަކަށް ވަޒީފާ ހަމަޖެހިފައިވާކަން ބަޔާންކޮށް، ވަޒީރު ސޮއިކޮށްފައިވާ، ވަޒީފާ ދިންކަމުގެ ލިޔުމެއް ދޭންވާނެއެވެ.

(ނ) ވަޒީފާއަށް ހޮވުނު ފަރާތަކީ ސަރުކާރުގެ އެހެން އެއްވެސް ވަޒީފާއެއްގައި ދެމިހުރި ފަރާތެއްނަމަ، އެ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދޭންވާނީ، އެ ވަޒީފާއަކުން ވަކިވިކަމުގެ ލިޔުން، ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުންނެވެ.

 

50 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން

އާންމު މުވައްޒަފެއްގެ ވަޒީފާ ހަމަޖެހުމާ ގުޅިގެން، މި ގަވާއިދުގެ 49 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަޒީފާ ދިންކަމުގެ ލިޔުން ހަވާލުކުރާ ފަރާތްތައް "ވަޒީފާގެ އެއްބަސްވުން" ގައި ސޮއިކުރަންވާނެއެވެ. އަދި މުވައްޒަފާ ވަޒީފާގެ މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނީ، ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުގައެވެ.

 

51 ވަނަ މާއްދާ - ޕްރޮބޭށަން މުއްދަތު 

(ހ) ވަޒީފާ ހަމަޖެހުމަށްފަހު، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ވަޒީފާގެ އެއްބަސްވުމުގައި 3 (ތިނެއް) މަސްދުވަހުގެ ޕްރޮބޭށަން މުއްދަތެއް ކަނޑައަޅަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކީ މަސައްކަތަށް ގާބިލު މީހެއް ކަމުގައި ކަނޑައަޅައިފިނަމަ، އެ މުވައްޒަފެއްގެ ވަޒީފާ ދާއިމީވާނެއެވެ.

(ށ) ޕްރޮބޭށަނުގެ މުއްދަތުގެ ތެރޭގައި އެ މަގާމަށް އެ މީހަކު އެކަށީގެން ނުވާކަމަށް ފެންނަނަމަ، ޕްރޮބޭށަން މުއްދަތު ހަމަވުމުގެ ކުރިން، އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގައި، މި ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ނޯޓިސް ދިނުމަކާނުލައި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނެއެވެ.

(ނ) ޕްރޮބޭށަނުގެ މުއްދަތުގެ ތެރޭގައި މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، އެ މުވައްޒަފަކު، އެކަން ލިޔުމުން ހުށަހެޅުމުން، ވަޒީފާއިން ވަކިކުރަންވާނެއެވެ.

(ރ) ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމާ ގުޅުންހުރި މުހިންމު މަސައްކަތެއް ކުރާ ވަޒީފާއަކަށްވާތީ، އަލަށް ވަޒީފާއަށް ވަންނަ މުވައްޒަފުންނަށް މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރަންވާނީ، ވަޒީފާގައި ހިފަހައްޓަންޖެހޭ އާންމު އަސާސީ މިންގަނޑުތައް އަންގައިދިނުމަށާއި، ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވުމުގެ ގޮތުން އޮރިއެންޓޭށަން ހިންގުމަށް ފަހުގައެވެ.

(ބ) ޕްރޮބޭށަނުގެ މުއްދަތުގައި ހުންނަ ކޮންމެ މުވައްޒަފަކާމެދު އެ މުވައްޒަފު މަސައްކަތްކުރާ އިދާރީ ބަހާއެއްގެ ފަރާތުން އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. ޕްރޮބޭށަނުގެ މުއްދަތު ހަމަވާއިރު ދާއިމީ މުވައްޒަފަކަށް ވުމަށް ޓަކައި، އެ މުވައްޒަފަކު ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އެ މުވައްޒަފަކަށް އެންގުން؛
  2. ޕްރޮބޭށަނުގެ މުއްދަތުގައި މުވައްޒަފަށް އެއްވެސް ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާނަމަ، އެ ތަމްރީނެއް ދިނުން؛
  3. މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، ރިކޯޑު ކުރުން؛ 
  4. މުވައްޒަފުގެ މަސައްކަތުގެ އަހްލާގާއި، ހިދުމަތް ދިނުމުގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ވާނަމަ، އެ ކަން ރަނގަޅުކުރުމަށް މުވައްޒަފަށް އަންގައި އެ މައުލޫމާތު ރިކޯޑުކުރުން.

 

 

ހަތްވަނަ ބާބު

މުސާރައާއި އިނާޔަތްތައް

 

52 ވަނަ މާއްދާ - މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކާއި އިނާޔަތްތައް ކަނޑައަޅާނީ، މާލީ ކަންކަމަށް ޒިންމާވާ ވަޒީރުގެ ލަފާގެ މަތީން ވަޒީރެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އާންމު މުވައްޒަފުންގެ މަގާމުތަކަށް ކަނޑައަޅާ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑެއް، ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލައި ފާސްކުރަންވާނެއެވެ. އަދި މުވައްޒަފުންނަށް މުސާރައާއި އެލަވަންސް ދިނުމުގައި އަމަލުކުރަންވާނީ، އެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މުވައްޒަފުންނަށް މަހަކު އެއްފަހަރު މުސާރަ ދޭންވާނެއެވެ. މުސާރަ ދޭނީ، ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވައިފައިވާ އެ މުވައްޒަފެއްގެ ބޭންކު އެކައުންޓަށް ޖަމާކޮށްދީގެންނެވެ.

(ރ) މުސާރަ ދޭނީ، މީލާދީ ކޮންމެ މަހެއްގެ އެންމެފަހު 2 ( ދޭއް) ދުވަހުންކުރެ ދުވަހަކުއެވެ. މުސާރަ ދޭންޖެހޭ ދުވަސް ސަރުކާރު ބަންދު ދު ވަހަކާ ދިމާވާނަމަ، މުސާރަ ދޭނީ، އެ މަހެއްގެ ސަރުކާރު ބަންދު ނޫން އެންމެފަހު 2 ( ދޭއް) ދުވަހުގެ ތެރެއިން ދުވަހެއްގައެވެ.

(ބ) މުވައްޒަފުންނަށް މުސާރައާއި އެލަވަންސް ދޭންވާނީ، އެ މުވައްފަކަށް ވަޒީފާ ދިންކަމުގެ ލިޔުމުގައިވާ ނުވަތަ ވަޒީފާ ބަދަލުކުރިކަމުގެ ލިޔުމުގައިވާ ތާރީހުން ފެށިގެންނެވެ. މުވައްޒަފެއްގެ މުސާރައާއި އެލަވަންސްތަކަށް ބަދަލުގެނެވިއްޖެނަމަ، ބަދަލުގެނެވުނު މުސާރައާއި އެލަވަންސްތައް އެ މުވައްޒަފަކަށް ދޭންވާނީ، މުސާރައާއި އެލަވަންސްތައް ބަދަލުކުރި ލިޔުމުގައިވާ ތާރީހުން ފެށިގެންނެވެ.

(ޅ) މުސާރަ ދޭނީ، ވަޒީފާއަށް ނުކުންނަ ދުވަސްތަކަށާއި، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި ސަލާމް ބުނުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން މުސާރަ ލިބޭ ފަދަ ޗުއްޓީއެއްގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކަށެވެ. މި މާއްދާ މިހެން އޮތުމަކުން، ސަރުކާރު ބަންދު ދުވަސްތަކަށާއި، ގަވާއިދުން ހުއްދަ ލިބިގެން ދޫކޮށްފައި ހުންނަ ދުވަސްތަކަށް އަދި ވަޒީފާއަށް ހާޒިރުވާން ނުޖެހޭ ދުވަސްތަކަށް، އެ މުވައްޒަފަށް ހައްގުވާ މުސާރަ އުންޏެން ނުވާނެއެވެ.

(ކ) ވަޒީފާއިން ވަކިވާ މީހުންނަށް ނުވަތަ ވަޒީފާއިން ވަކިކުރާ މީހުންނަށް މުސާރަ ދޭނީ، ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުގައިވާ، ވަޒީފާއިން ވަކިކުރި ތާރީހާ ހަމައަށެވެ.

 

53 ވަނަ މާއްދާ - އިތުރު ގަޑީގެ ފައިސާ

(ހ) އާންމު މުވައްޒަފުންނާއި ވަގުތީ މުވައްޒަފުން ލައްވައި، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑިކަމުގައި ނުވަތަ ޑިއުޓީ ގަޑިކަމުގައި ކަނޑައެޅިފައިވާ ގަޑީގެ އިތުރަށް، އަންނަނިވި ހާލަތްތަކުގައި މަސައްކަތް ކުރުވަން ޖެހިގެން މަސައްކަތް ކުރުވައިފިނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.

  1. މުވައްޒަފާ ހަވާލުކޮށްފައިވާ މަސައްކަތް ރަސްމީ ގަޑީގައި އެކަނި ކޮށްގެން ނިމޭނެ މަސައްކަތަކަށް ނުވުން؛ 
  2. މުވައްޒަފާ ހަވާލުކޮށްފައިވާ މަސައްކަތަކީ އިތުރު ގަޑީގައި މަސައްކަތްކޮށްގެން ނިންމަންޖެހޭ މަސައްކަތެއް ކަމުގައި އެ މުވައްޒަފު މަސައްކަތްކުރާ އިދާރީ ބަހާގެ ވެރިއަކު ކަނޑައެޅުމާއެކު، އެ ގޮތަށް މަސައްކަތް ކުރުމަށް ނިންމުން.

(ށ) މުވައްޒަފަކު ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި ގިނަވެގެން ދެވޭނީ، އެ މުވައްޒަފުގެ އަސާސީ މުސާރައިގެ %60 (ފަސްދޮޅަސް އިންސައްތަ) އާ ހަމައަށެވެ.

(ނ) މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި އަމަލުކުރާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު، މުވައްޒަފުގެ އަސާސީ މުސާރަ 22 (ބާވީސް) އިން ގެއްލީމާ ލިބޭ އަދަދު 8 (އަށެއް) އިން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއެއްގެއިރަށް ޖެހޭވަރުކަމަށް ބެލުން؛ 
  2. މުވައްޒަފުގެ އަސާސީ މުސާރައިން ގަޑިއެއްގެއިރަށް ޖެހޭ މިންވަރުގެ ¼ އަށްވާ ފައިސާއަކީ، ރަސްމީ ދުވަހެއްގައި އެ މުވައްޒަފު އިތުރުގަޑީގައި މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެ އިރަށް ޖެހޭ މިންވަރުކަމުގައި ބެލުން؛ 
  3. ދަންފަޅި އުސޫލުން ޑިއުޓީ އަދާކުރަން ނުޖެހޭ މުވައްޒަފަކު ހުކުރުދުވަހު، ނުވަތަ ހޮނިހިރުދުވަހު ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނިމަ، އަސާސީ މުސާރައިން ގަޑިއެއްގެއިރަށް ޖެހޭ މިންވަރުގެ ½ އަށްވާ ފައިސާއަކީ އެ މުވައްޒަފު އިތުރުގަޑީގައި މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެއިރަށް ޖެހޭ މިންވަރު ކަމުގައި ބެލުން؛ 
  4. ދަންފަޅި އުސޫލުން މަސައްކަތްކުރާ މުވައްޒަފަކު ލައްވައި ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިފައިވާ ދުވަހަކު ނުވަތަ ހަފުތާ ބަންދު ނޫން ރަސްމީ ބަންދު ދުވަހަކު މަސައްކަތް ކުރުވައިފިނަމަ، އަސާސީ މުސާރައިން ގަޑިއެއްގެއިރަށް ޖެހޭ މިންވަރުގެ ½ އަށްވާ ފައިސާއަކީ އެ މުވައްޒަފު އިތުރުގަޑީގައި މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެއިރަށް ޖެހޭ މިންވަރު ކަމުގައި ބެލުން؛ 
  5. ދަންފަޅި އުސޫލުން މަސައްކަތްކުރާ މުވައްޒަފަކު ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އެ މީހަކު ލައްވައި 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި 8 (އަށެއް) ގަޑިއިރަށްވުރެ އިތުރަށް ކުރުވި މަސައްކަތަށް، އިތުރުގަޑީގެ ފައިސާގެ ގޮތުގައި، އަސާސީ މުސާރައިން ގަޑިއެއްގެއިރަށް ޖެހޭ މިންވަރުގެ ¼ އަށްވާ ފައިސާއަކީ އެ މުވައްޒަފު އިތުރުގަޑީގައި މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެއިރަށް ޖެހޭ މިންވަރު ކަމުގައި ބެލުން.

(ރ) އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހަށްވާ ފައިސާ އެ މަހެއްގެ މުސާރައާ އެކުގައެވެ. މިކަން މިގޮތަށް ކުރުމަށް ޓަކައި އިތުރުގަޑީގެ ރިޕޯޓު ތައްޔާރުކުރާނީ، ނިމިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ރިޕޯޓު، ކޮންމެ މީލާދީ މަހެއްގެ 16 ވަނަ ދުވަހުގެ ކުރިން، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއަށް ފޮނުވަންވާނެއެވެ.

(ބ) އިތުރުގަޑީގެ މަސައްކަތަށް ނެރޭ އާންމު މުވައްޒަފުން މަސައްކަތަށް ނުކުމެ މަސައްކަތްކުރާ ގޮތުގެ ރިކޯޑު ބެލެހެއްޓޭނެ ގޮތް ހަމަޖައްސައި، އެ މުވައްޒަފު މަސައްކަތްކުރާ އިދާރީ ބަހާގެ ވެރިއަކު އެކަން ބަލައި ޗެކްކުރަމުން ގެންދަންވާނެއެވެ.

 

54 ވަނަ މާއްދާ - މުވައްޒަފުންނަށް ދޭ އެލަވަންސްތައް

(ހ) ދިވެހި ފުލުހުންގެ ހިދުމުގައި ވަޒީފާ އަދާކުރާ ދާއިމީ އާންމު މުވައްޒަފުންނަށް ލިބިދެވޭ އެލަވަންސްތައް، ތިރީގައި ބަޔާންވެގެން މިވަނީއެވެ.

  1. ސަރވިސް އެލަވަންސް؛
  2. ނޮން ޕްރެކްޓިސް އެލަވަންސް؛
  3. ދިގުމުއްދަތުގެ ހިދުމަތުގެ އެލަވަންސް؛
  4. ޕްރޮފެށަނަލް އެލަވަންސް؛ 
  5. ލިވިންގ އެލަވަންސް؛
  6. ފެރީ އެލަވަންސް؛ 
  7. ފޯނު އެލަވަންސް.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސްތައް މުވައްޒަފުންނަށް ލިބޭނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސްތަކުގެ އިތުރުން، އާންމު މުވައްޒަފަކު އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފިނަމަ، އެ މުއްދަތަށް ފުލުހުންނެކޭ އެއް އުސޫލުން އާންމު މުވައްޒަފުންނަށް އިންސްޓްރަކްޓަރ އެލަވަންސް ދޭންވާނެއެވެ.

 

55 ވަނަ މާއްދާ - ސަރވިސް އެލަވަންސް

(ހ) ސަރވިސް އެލަވަންސަކީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ދެމިހުރި، އާންމު ކޮންމެ މުވައްޒަފަކަށް މަހަކު އެއްފަހަރު ދޭ އެލަވަންސެކެވެ.

(ށ) އެކި މަގާމުތަކުގެ އާންމު މުވައްޒަފުންނަށް ސަރވިސް އެލަވަންސް ދެވޭނީ، އެ މުވައްޒަފެއްގެ މަގާމު ހިމެނޭ ގިންތިއަށް ބަލައި، އެ ގިންތިއަކަށް ކަނޑައެޅިފައިވާ މިންވަރަކަށެވެ.

 

56 ވަނަ މާއްދާ - ނޮން-ޕްރެކްޓިސް އެލަވަންސް

(ހ) ނޮން-ޕްރެކްޓިސް އެލަވަންސަކީ، އިތުރު އާމްދަނީ ހޯދުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާ ފިޔަވައި އެހެން ވަޒީފާއެއް މުވައްޒަފުންނަށް އަދާނުކުރެވޭތީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ދެމިހުރި، އާންމު ކޮންމެ މުވައްޒަފަކަށް، މަހަކު އެއްފަހަރު ދޭ އެލަވަންސެކެވެ.

(ށ) ނޮން-ޕްރެކްޓިސް އެލަވަންސްގެ މިންވަރަކީ، މުވައްޒަފުގެ އަސާސީ މުސާރައި ގެ %35( ތިރީސްފަހެއް އިންސައްތަ( އެވެ.

 

57 ވަނަ މާއްދާ - ދިގުމުއްދަތުގެ ހިދުމަތުގެ އެލަވަންސް

(ހ) ދިގުމުއްދަތުގެ ހިދުމަތުގެ އެލަވަންސަކީ، މުވައްޒަފަކު މެދުނުކެނޑި 10 (ދިހައެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތްކުރުމުން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ދެމިހުރި، އާންމު ކޮންމެ މުވައްޒަފަކަށް، މަހަކު އެއްފަހަރު ދޭ އެލަވަންސެކެވެ.

(ށ) މުވައްޒަފުންނަށް ދިގު މުއްދަތުގެ ހިދުމަތުގެ އެލަވަންސް ދެވޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ހިދުމަތަށް 10 (ދިހައެއް) އަހަރުދުވަސް ވުމުން، އަސާސީ މުސާރައިގެ %10 (ދިހައެއް އިންސައްތަ)؛
  2. ހިދުމަތަށް 15 (ފަނަރަ) އަހަރުދުވަސް ވުމުން، އަސާސީ މުސާރައިގެ %15 (ފަނަރަ އިންސައްތަ)؛
  3. ހިދުމަތަށް 20 (ވިހި) އަހަރުދުވަސް ވުމުން، އަސާސީ މުސާރައިގެ %20 (ވިހި އިންސައްތަ)؛
  4. ހިދުމަތުގައި 25 (ފަންސަވީސް) އަހަރުދުވަހަށްވުރެ ގިނަދުވަހު ހިދުމަތް ކުރުމުން، އަސާސީ މުސާރައިގެ %25 (ފަންސަވީސް އިންސައްތަ( އެވެ.

(ނ) މި މާއްދާގެ ބޭނުމަށް ޓަކައި، ދިގު މުއްދަތުގެ ހިދުމަތު އެލަވަންސް ދިނުމަށް، ހިދުމަތުގެ މުއްދަތު ގުނުމުގައި، މުސާރަ ނުލިބޭ ޗުއްޓީގައި ހުންނަ ދުވަސްތަކާއި، ވަޒީފާއަށް ހާޒިރުނުވާ ދުވަސްތަކެއް ނުހިމެނޭނެއެވެ.

 

58 ވަނަ މާއްދާ - ޕްރޮފެށަނަލް އެލަވަންސް

(ހ) ރޮފެށަނަލް އެލަވަންސަކީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާގޮތަށް، ލެވެލް 5 އިން ފެށިގެން މަތީގެ ކޯހެއް ފުރިހަމަކޮށްފައިވާ މުވައްޒަފުންނަށް މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަހަކު އެއްފަހަރު ދޭ އެލަވަންސެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސް ދެވޭނީ، މުވައްޒަފު ހާސިލުކޮށްފައިވާ އެންމެ މަތީ ސަނަދެއްގެ ލެވެލަށް ކަނޑައެޅިފައިވާ މިންވަރަށެވެ. ސަނަދުތަކުގެ ލެވެލަށް އެލަވަންސް ދެވޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ލެވެލް 5 އާއި ލެވެލް 6 ގެ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް، އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %10 (ދިހަ އިންސައްތަ).
  2. ލެވެލް 7 އާއި ލެވެލް 8 ގެ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް، އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %15 (ފަނަރަ އިންސައްތަ). 
  3. ލެވެލް 9 ގެ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް، އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %20 (ވިހި އިންސައްތަ). 
  4. ލެވެލް 10 ގެ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް، އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %25 (ފަންސަވީސް އިންސައްތަ).

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސް ލިބޭނީ، އެ މުވައްޒަފު ފުރިހަމަކޮށްފައިވާ ކޯހުން ހޯދައިފައިވާ ސަނަދަކީ، ގަވާއިދު ނަންބަރު 2021-97 (ތަމްރީނުދިނުމާ ގުޅޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން ގަބޫލުކުރާ ސަނަދެއްނަމައެވެ.

 

59 ވަނަ މާއްދާ - ލިވިންގ އެލަވަންސް

(ހ) ލިވިންގ އެލަވަންސަކީ، ދިވެހިރާއްޖޭގައި ތަނެއް ކުއްޔަށް ހިފައިގެން އުޅޭ ނުވަތަ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭ ތަނަށް އަގެއް ދައްކަންޖެހޭ އާންމު މުވައްޒަފުންގެ ތެރެއިން މި އެލަވަންސަށް އެދޭ ފަރާތްތަކަށް، ދިވެހި ފުލުހުންގެ ހިދުމަތަށް ބަޖެޓް ލިބިފައިވާ މިންވަރަށް، މަހަކު އެއްފަހަރު ދޭ އެލަވަންސެކެވެ.

(ށ) އާންމު މުވައްޒަފުންނަށް ލިވިންގ އެލަވަންސް ދިނުމުގައި އަމަލުކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ފުލުހުންނަށް ލިވިންގ އެލަވަންސް ދިނުމަށް، ގަވާއިދު ނަންބަރު 2022-85 (ފުލުހުންގެ ވަޒީފާގެ ގަވާއިދު) ގައި ފުލުހުންނަށް އެ އެލަވަންސް ދިނުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.

 

60 ވަނަ މާއްދާ - ފެރީ އެލަވަންސް

(ހ) ފެރީ އެލަވަންސަކީ، ޑިއުޓީއަށް ކަނޑުމަގުން އެހެން ރަށަކަށް ދާންޖެހޭ އަދި ޑިއުޓީ ނިންމުމަށްފަހު، އެނބުރި ކަނޑުމަގުން އެ މުވައްޒަފު ދިރިއުޅޭ ރަށަށް ކޮންމެ ޑިއުޓީ ދުވަހަކު ދާންޖެހޭ މުވައްޒަފުންނަށް، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން، މަހަކު އެއްފަހަރު ދޭ އެލަވަންސެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި ޑިއުޓީއަށް ދާ މުވައްޒަފުން، ފެރީ އެލަވަންސް ހޯދުމަށް އެދި ހުށަހަޅަންވާނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން ކަނޑައަޅާ ގޮތެއްގެ މަތީން ލިޔުމުންނެވެ.

 

61 ވަނަ މާއްދާ - ފޯނު އެލަވަންސް

ފޯނު އެލަވަންސަކީ، އެކި ބޭނުންތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތްތައް ކުރުމަށް، މޯބައިލް ފޯނު ބޭނުންކުރަންޖެހޭ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ މުވައްޒަފުންނަށް، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން، މަހަކު އެއްފަހަރު ދޭ އެލަވަންސެކެވެ.

 

62 ވަނަ މާއްދާ - މުވައްޒަފުންނަށް ދޭ އިނާޔަތްތައް

(ހ) ދިވެހި ފުލުހުންގެ ހިދުމުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފުންގެ ތެރެއިން އާންމު މުވައްޒަފުންނަށް ލިބިދެވޭ އިނާޔަތްތައް، ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.

  1. ރަމަޒާންމަހުގެ ހާއްސަ އިނާޔަތް؛
  2. ކެއިންބުއިމުގެ ހިދުމަތް ނުވަތަ ކޮއްތު އެލަވަންސް؛
  3. މުވައްޒަފަށް ބޭސްފަރުވާކުރުން؛
  4. ވަޒީފާގެ ވާޖިބު އަދާކުރަނިކޮށް ހާނީއްކަވުމުން ބޭސްފަރުވާ ކޮށްދިނުން؛
  5. ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހަރަދު؛
  6. ނިޔާވާ މުވައްޒަފުގެ ޖަނާޒާގެ ހަރަދު.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތްތައް މުވައްޒަފުންނަށް ލިބޭނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

63 ވަނަ މާއްދާ - ރަމަޒާންމަހުގެމުނާސަބަތުގައި ދޭ ހާއްސަ އިނާޔަތް

ރަމަޒާން މަހުގެ އިނާޔަތަކީ، ރަމަޒާންމަހުގެ މުނާސަބަތުގައި މުސްލިމު ހުރިހާ މުވައްޒަފުންނަށް ދޭ އިނާޔަތެކެވެ. މި އިނާޔަތުގެ ފައިސާ ދޭނީ، މާލީ ކަންތައްތައް ބަލަހައްޓާ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

64 ވަނަ މާއްދާ - ކެއިންބުއިން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ވަކި އުސޫލަކުން މުވައްޒަފުންނަށް 
ކެއިންބުއިމުގެ އިންތިޒާމު، ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދޭން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައި ނުދެވޭނެ ފަރާތްތަކަށް، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން، ކޮއްތު ފައިސާ ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޮއްތު ފައިސާ ދިނުމުގައިއަމަލުކުރަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ފުލުހުންނަށް ކޮއްތު ފައިސާ ދިނުމަށް ގަވާއިދު ނަންބަރު 2022-85 (ފުލުހުންގެ ވަޒީފާގެ ގަވާއިދު) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.

 

65 ވަނަ މާއްދާ - މުވައްޒަފަށް ބޭސްފަރުވާ ކުރުން

(ހ) މުވައްޒަފަކު ބަލިވުމުން، އެ ބައްޔަށް ބޭސް ފަރުވާކުރުމުގެ އިންތިޒާމު ނުވަތަ ބޭސްފަރުވާ ކުރުމުގެ ހަރަދު، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުވައްޒަފަކު ބަލިވުމުން، އެ ބައްޔަށް ބޭސްފަރުވާ ކުރެވެން އޮތީ ރާއްޖެއިން ބޭރުން ކަމުގައި ވާނަމަ، އެ ހާލަތުގައި ބޭސްފަރުވާ ކުރުމަށް ހިނގާނެ ހަރަދު ހަމަޖެއްސުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

 

66 ވަނަ މާއްދާ - ވަޒީފާގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ހާނީއްކަވާ މުވައްޒަފުންނަށް ބޭސްފަރުވާކޮށްދިނުން

(ހ) މުވައްޒަފަކު އޭނާގެ ވަޒީފާގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ހަށިގަނޑަށް މާއްދީ ނުވަތަ ޖިސްމާނީ ހާނީއްކައެއް ވެއްޖެނަމަ، އެ ހާނީއްކައަށް ބޭސްފަރުވާކުރުމުގެ އެންމެހައި ހަރަދުތައް، ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށް ޓަކައި، މުވައްޒަފަކު އެ މުވައްޒަފެއްގެ ވާޖިބު އަދާކުރުމުގައި ހާނީއްކަވުންކަމަށް ބުނެފައި އެ ވަނީ، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި އެ މީހަކަށް ލިބޭ ހާނީއްކައަށެވެ.

  1. ރަސްމީ ގަޑީގައި ނުވަތަ އެނޫންވެސް ގަޑިއެއްގައި، ކަނޑައެޅިގެން މުވައްޒަފާ ހަވާލުކޮށްފައިވާ ވަކި މަސްއޫލިއްޔަތެއް އަދާކުރުމުގެ ތެރޭގައި ނުވަތަ މަސައްކަތެއް ކުރުމުގެ ތެރޭގައި ނުވަތަ ކަމެއް ކުރުމުގެ ތެރޭގައި ހާނީއްކަވުން؛ ނުވަތަ 
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތެއް ނުވަތަ މަސައްކަތެއް ނުވަތަ ކަމެއް ކުރުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމުގެ ތެރޭގައި ލިބޭ ހާނީއްކަ.

 

67 ވަނަ މާއްދާ - ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހަރަދު

ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރަށް ފޮނުވާ މުވައްޒަފުންނަށް އެހެން ފަރާތަކުން ދަތުރުގެ ހަރަދުތައް ހަމަޖެހިފައިނުވާ ހާލަތުގައި، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން، ކަނޑައެޅޭ ވަކި ކަންކަމަށް ހަރަދުކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

 

68 ވަނަ މާއްދާ - ކަނޑުގެ އުޅަނދުގައި އަމިއްލަ ދަތުރުކުރުން

އެސިސްޓެންޓް އެގްޒެކެޓިވް ޑައިރެކްޓަރގެ މަގާމުން ފެށިގެން މަތީގެ މަގާމުތަކުގެ މުވައްޒަފުންނަށް، ދިވެހި ފުލުހުންގެ ހިދުމަތުން ހަމައްޖައިސައިދޭ އިނާޔަތެއްގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ކަނޑުގެ އުޅަނދުގައި، ރަސްމީ މަސައްކަތަށް ދަތިނުވާނޭހެން، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން، އަމިއްލަ ދަތުރުތަކުގެ ތެރެއިން ކުރު ދަތުރު ހަމަޖައްސައި ދެވިދާނެއެވެ.

 

69 ވަނަ މާއްދާ - ޖަނާޒާގެ ހަރަދު

މުވައްޒަފަކު، ދިވެހިރާއްޖޭގައި ނިޔައުވެއްޖެނަމަ، އެ މުވައްޒަފެއްގެ ޖަނާޒާގެ ހަރަދު، ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދޭންވާނެއެވެ.

 

 

އަށްވަނަ ބާބު

މުސާރައިން އުނިކުރެވޭ ފައިސާ

 

70 ވަނަ މާއްދާ - ރިޓަޔަރމަންޓް ޕެންށަން ސްކީމް

ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުން، ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކުރުވަންވާނެއެވެ. ރިޓަޔަރމަންޓް ޕެންށަން ސްކީމާ ގުޅޭ އެންމެހައި ކަންތަކުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

71 ވަނަ މާއްދާ - ގަޑީލާރި އުނިކުރުން

(ހ) އާންމު މުވައްޒަފަކު ރަސްމީ ޑިއުޓީއަށް ގަޑިޖެހިގެން ހާޒިރުވެއްޖެނަމަ، މި މާއްދާގައިބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މުވައްޒަފެއްގެ އަސާސީ މުސާރައިން ގަޑީލާރި އުނިކުރެވޭނެއެވެ. ގަޑީލާރި އުނިކުރެވޭނީ، މުވައްޒަފު ގަޑިޖެހިފައިވާ ވަގުތަށް އަސާސީ މުސާރައިގެ ނިސްބަތުން ޖެހޭ އަދަދަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގަޑީލާރި އުނިކުރުމުގެ ބޭނުމަށް ވަގުތު ބަލާނީ މިނިޓުންނެވެ. މިގޮތުން އަސާސީ މުސާރައިން ގަޑިއެއްގެއިރަށް ޖެހޭ އަދަދު ބަލާނީ، މަސްދުވަހުގެ އަސާސީ މުސާރަ، 30 (ތިރީސް) އިން ގެއްލީމާ ލިބޭ އަދަދު 8 (އަށެއް) އިން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއެއްގެއިރަށް ޖެހޭވަރު ކަމުގައި ބަލައިގެންނެވެ.

 

72 ވަނަ މާއްދާ - ސާބިތު ދަރަންޏެއް އަދާކުރުމަށް މުސާރަ ހަވާލުކުރުން 

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މުވައްޒަފެއްގެ މައްޗަށް ށަރުއީ ކޯޓަކުން ދަރަންޏެއް ނުވަތަ ހަރަދެއް ސާބިތުވެފައި، އެ ދަރަނި އަދާކުރުމަށް ޓަކައި އެ މުވައްޒަފެއްގެ މުސާރަ ނުވަތަ މުސާރައިން ބައެއް ކޯޓަށް ދެއްކުމަށް، ދިވެހި ފުލުހުންގެ ހިދުމަތަށް ރައްދުވާގޮތަށް ހުކުމެއް ކޮށްފި ހިނދެއްގައި، އެ މުވައްޒަފަކަށް މުސާރަ ލިބިދެވޭނީ، ކޯޓަށް ދައްކަންޖެހޭ ފައިސާ ކެނޑުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަރުއީ ކޯޓެއްގެ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން ށަރުއީ ކޯޓަށް އެއްވެސް އަދަދެއް ދެއްކުމަށް ހުކުމެއް އޮތް ހާލަތެއް އޮތުމާއެކު، ހަމަ އެ މުވައްޒަފު ކްރެޑިޓް ސްކީމްތަކަށް ނަގައިފައިވާ މުދާ ނުވަތަ ނަގައިފައިވާ ލޯނަކަށް ދައްކަންޖެހޭ ފައިސާ މުސާރައިން އުނިކުރަން ޖެހުނަސް، އެ ހާލަތުގައި އިސްކަންދޭންވާނީ، ށަރުއީ ކޯޓަށް ދައްކަންޖެހޭ މިންވަރު މުސާރައިން އުނިކުރުމަށެވެ.

 

73 ވަނަ މާއްދާ - ކްރެޑިޓް ސްކީމުގެ ގޮތުގައި ނަގައިފައިވާ ތަކެއްޗަށާއި، ލޯނަށް ފައިސާ ދެ އްކުން

ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ބޭންކަކުން ނުވަތަ ލީޒިންގ ކުންފުންޏަކުން ނުވަތަ އެނޫންވެސް ކްރެޑިޓް ސްކީމަކުން ނަގައިފައިވާ މުދަލަށް ނުވަތަ ހިދުމަތަކަށް ނުވަތަ ލޯނަކަށް ދައްކަންޖެހޭ ފައިސާއެއް ވާނަމަ، އެ މުވައްޒަފަކަށް މުސާރަ ލިބޭނީ، ދައްކަންޖެހޭ ފައިސާ މުސާރައިން އުނިކުރުމަ ށް ފަހުގައެވެ. މިގޮތުގެ މަތީން މުވައްޒަފުގެ މުސާރައިން އުނިކުރަންވާނީ، އެ ކަމަށް މުވައްޒަފުން ލިޔުމުން އެއްބަސްވެފައިވާނަމައެވެ.

 

 

ނުވަވަނަ ބާބު

އެހެން އިދާރާއެއްގެ މަސައްކަތަށް މުވައްޒަފުން ދޫކުރުން

 

74 ވަނަ މާއްދާ - ދައުލަތުގެ އެހެން އިދާރާއެއްގެ މަސައްކަތަށް މުވައްޒަފުން ދޫކުރުން

(ހ) ދައުލަތުގެ އެހެން މުއައްސަސާއަކުން ހިންގާ ކަމެއްގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކު ވަގުތީގޮތުން ބޭނުންވެއްޖެ ހިނދެއްގައި، ދިވެހި ފުލުހުންގެ ހިދުމަތުގައި އެ ކަމަށް އެ މުއައްސަސާއަކުން ލިޔުމުން އެދިއްޖެނަމަ، ވަގުތީގޮތުން މުވައްޒަފަކު ވީއްލުމުގެ އިހްތިޔާރު، ކޮމިށަނަރ އޮފް ޕޮލިސްއަށް ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް މުވައްޒަފަކު ދޫކުރަންވާނީ، އެ ގޮތުގެ މަތީން ދޫކުރާ މުވައްޒަފު ލައްވައި ކުރުވަން ކަނޑައަޅައިފައިވާ މަސައްކަތެއްގެ ކުޑަބޮޑުމިނަށާއި، އެ ތަނެއްގައި އެ މަސައްކަތަކަށް ބޭނުންކުރެވެން ތިބި މީހުންގެ އަދަދަށާއި، މަސައްކަތް ނިންމަންޖެހިފައިވާ މުއްދަތަށް ބެލުމަށްފަހު، އެ ފަރާތަކަށް އެފަދަ އެހީއެއް ކޮންމެހެން ބޭނުންތެރިކަމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ފެނިއްޖެ ހާލަތެއްގައެވެ. އަދި އެ ގޮތަށް މުވައްޒަފު ދޫކުރުމުގެ ސަބަބުން ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތަށް ދަތިނުވާނެނަމައެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޫކުރާ މުވައްޒަފަކު ލައްވައި، އެ މުވައްޒަފު ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ.

(ރ) ވަގުތީގޮތުން ދޫކޮށްފައިވާ މުވައްޒަފުން މަސައްކަތަށް ހާޒިރުވެ ސޮއިކުރަންވާނީ، އެ މުވައްޒަފަކު ދޫކޮށްފައިވާ އޮފީހުގައެވެ. އަދި، އެ މަސައްކަތް ނިމުމުން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްފައިވާ މުވައްޒަފުގެ ހާޒިރީގެ މައުލޫމާތު، އެ މުވައްޒަފު ދޫކުރެވިފައިވާ އިދާރާއިން ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވަންވާނެއެވެ.

(ބ) ވަގުތީގޮތުން ދޫކޮށްފައިވާ މުވައްޒަފުންގެ މުސާރައާމެދު އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ، އެ މުވައްޒަފެއްގެ މުސާރަ ދޭނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. ވަގުތީގޮތުން ދޫކޮށްފައިވާ މުވައްޒަފު، ދޫކުރެވިފައިވާ އިދާރާގެ ފަރާތުން އެ މުވައްޒަފަށް މުސާރަ ދޭން އެއްބަސްވާނަމަ، އެފަދަ ހާލަތެއްގައި އެ މުވައްޒަފަށް ދޭން ކަނޑައަޅާ މުސާރައަކީ އެ މުވައްޒަފަށް ލިބެމުން އަންނަ މުސާރައަށްވުރެ ކުޑަ މުސާރައަކަށް ވެގެން ނުވާނެއެވެ.

(ޅ) ވަގުތީގޮތުން ދޫކޮށްފައިވާ މުވައްޒަފު ދޫކޮށްފައިވާ ދައުލަތުގެ އިދާރާއިން އެ މުވައްޒަފާ ހަވާލުކުރެވޭ މަގާމުގެ މަސްއޫލިއްޔަތުގެގޮތުން ވަކި އެލަވަންސެއް ނުވަތަ ވަކި ކަމެއް ކުރުމަށް ޕޮކެޓްމަނީއެއް ނުވަތަ އިތުރުގަޑީގެ ފައިސާ ނުވަތަ އެ ނޫންވެސް އެފަދަ ފައިސާގެ އިނާޔަތެއް ދޭންޖެހޭކަމަށް ކަނޑައަޅައިފިނަމަ، އެފަދަ ފައިސާގެ އިނާޔަތްތައް ހަމަޖައްސަންވާނީ، މުވައްޒަފު ވަގުތީގޮތުން ދޫކުރެވިފައިވާ ދައުލަތުގެ އިދާރާގެ ފަރާތުންނެވެ.

(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަގުތީގޮތުން ދޫކޮށްފައިވާ މުވައްޒަފުގެ ޗުއްޓީ ދިނުމުގެ ކަންތައްތައް ހަމަޖައްސަންވާނީ، އެ މުވައްޒަފު ވަގުތީގޮތުން ދޫކޮށްފައިވާ ދައުލަތުގެ އިދާރާއާއި، ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެންނެވެ.

(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަގުތީގޮތުން ދޫކޮށްފައިވާ މުވައްޒަފު ދޫކޮށްފައިވާ ދައުލަތުގެ އިދާރާގައި އެ މުވައްޒަފު މަސައްކަތްކުރި ގޮތުގެ ރިޕޯޓެއް، އެ އިދާރާއިން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނެއެވެ.

(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދައުލަތުގެ އެހެން އިދާރާއެއްގެ މަސައްކަތަށް މުވައްޒަފަކު ދޫކުރެވޭނީ، ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ.

 

75 ވަނަ މާއްދާ - ވަގުތީގޮތުން ސަރުކާރުގެ އެހެން އި ދާރާއެއްގެ މުވައްޒަފަކު ބޭނުންކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާއަކުން ނުވަތަ ޖަމުއިއްޔާއަކުން ނުވަތަ ޖަމާއަތަކުން، އެ ތަނެއްގެ މުވައްޒަފަކު، ކޮމިށަނަރ އޮފް ޕޮލިސްގެ ހުއްދައާއެކު، ވަގުތީގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރުމަށް ކަނޑައެޅިދާނެއެވެ. މި ގޮތުން ކަނޑައެޅޭ މުވައްޒަފަކު ލައްވައި، އެ މުވައްޒަފު ހޯދި ބޭނުން ފިޔަވައި އިތުރު އެހެން މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ.

(ށ) ވަގުތީގޮތުން ހޯދައިފައިވާ މުވައްޒަފުން މަސައްކަތަށް ހާޒިރުވެ ސޮއިކުރަންވާނީ، އެ މުވައްޒަފަކު ދިވެހި ފުލުހުންގެ ހިދުމަތުގައި ވަގުތީގޮތުން މަސައްކަތް ކުރުމަށް ކަނޑައަޅާ އިދާރީ ބަހާއެއްގައެވެ. އަދި އެ މަސައްކަތް ނިމުމުން ނުވަތަ ދެފަރާތުން ކަނޑައަޅާ ތާރީހެއްގައި ނުވަތަ ތާރީހުތަކެއްގައި، އެ މުވައްޒަފެއްގެ ހާޒިރީގެ މައުލޫމާތު، އެ މުވައްޒަފަކު ދޫކުރި އޮފީހަށް ފޮނުވަންވާނެއެވެ.

(ނ) ވަގުތީގޮތުން މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާމެދު އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ، އެ މުވައްޒަފެއްގެ މުސާރަ ދޭނީ، އެ މުވައްޒަފު ދޫކުރި އޮފީހުންނެވެ.

(ރ) ވަގުތީގޮތުން މަސައްކަތްކުރާ މުވައްޒަފާ ހަވާލުކުރާ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ވަކި އެލަވަންސެއް ނުވަތަ ވަކި ކަމެއް ކުރުމަށް ޕޮކެޓްމަނީ ނުވަތަ އިތުރުގަޑީގެ ފައިސާ ނުވަތަ އެ ނޫންވެސް އެފަދަ ފައިސާގެ އިނާޔަތެއް ދޭންޖެހޭކަމަށް ކަނޑައަޅައިފިނަމަ، އެފަދަ ފައިސާގެ އިނާޔަތްތައް ހަމަޖައްސަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުންނެވެ.

(ބ) ވަގުތީގޮތުން މަސައްކަތްކުރާ ފަރާތަކަށް، އޭނާގެ މަސައްކަތު ގަޑީގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފުންނެކޭ އެއް އުސޫލުން ކެއިންބުއިމުގެ ހިދުމަތް ހަމަޖައްސައިދޭން ވާނެއެވެ.

(ޅ) ވަގުތީގޮތުން މަސައްކަތްކުރާ މުވައްޒަފުން، މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން، އެ މުވައްޒަފު އަނބުރާ އެ އިދާރާއަކަށް ފޮނުވަންވާނެއެވެ.

(ކ) ވަގުތީގޮތުން މަސައްކަތްކުރާ މުވައްޒަފުގެ މަސައްކަތް ނިމުމަށްފަހު، އެ މުވައްޒަފު މަސައްކަތް ކުރިގޮތުގެ ރިޕޯޓެއް، އެ މުވައްޒަފު މަސައްކަތްކުރި އިދާރީ ބަހާއަކުން އެކުލަވައިލަންވާނެއެވެ. އަދި މިގޮތުން އެކުލަވައިލާ ރިޕޯޓު، އެ މުވައްޒަފުގެ ރަސްމީ އޮފީހަށް ފޮނުވުމަށް އެދިއްޖެނަމަ، އެ އިދާރާއަކަށް ފޮނުވަންވާނެއެވެ.

(އ) ވަގުތީގޮތުން މަސައްކަތްކުރަމުންދާ މުވައްޒަފެއްގެ ޗުއްޓީ ކަންތައްތައް، އެ މުވައްޒަފަކު ދޫކޮށްފައިވާ އޮފީހަކާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދޭންވާނެއެވެ.

 

 

ދިހަވަނަ ބާބު

ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކި ކުރުން

 

76 ވަނަ މާއްދާ - ވަޒީފާ ބަދަލުވުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކު، އެހެން އޮފީހެއްގެ ނުވަތަ މުއައްސަސާއެއްގެ ވަޒީފާއަށް ބަދަލުވާން ބޭނުންވެއްޖެނަމަ، އެ ކަމުގެ ހުއްދައަށް، ދިވެހި ފުލުހުންގެ ހިދުމަތުގައި ލިޔުމުން އެދެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެހެން ވަޒީފާއަކަށް ބަދަލުވާން އެދޭ ފަރާތް ހިދުމަތްކުރަންޖެހޭ ބޮންޑެއް އޮތްނަމަ، އެ ފަރާތަކާމެދު އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތް ކުރުމުގެ ބޮންޑެއް އޮތް މުވައްޒަފެއްނަމަ، ބޮންޑުގެ މުއްދަތުގެ ބަދަލުގައި އެ މުއްދަތަށްވާ ފައިސާ ދައްކާނެ ގޮތަކާމެދު އެއްބަސްވުމެއް ހެދުން ނުވަތަ އެއްފަހަރާ ފައިސާ ދައްކައި ހަލާސްކުރުން؛
  2. ސަރުކާރަށް ހިދުމަތްކުރަންޖެހޭ ބޮންޑެއް އޮތް މުވައްޒަފެއްނަމަ، އަދި ބަދަލުވަނީ ސަރުކާރުގެ އޮފީހަކަށް ކަމުގައި ވާނަމަ، އެ އޮފީހަކަށް ހިދުމަތް ކުރަން ޖެހޭގޮތަށް ބޮންޑުގެ ބާކީ މުއްދަތު ބަދަލުކުރުން؛
  3. ސަރުކާރަށް ހިދުމަތްކުރަންޖެހޭ ބޮންޑެއް އޮތް މުވައްޒަފަކަށް ވެފައި، ބަދަލުވުމަށް އެދިފައިވަނީ ސަރުކާރުގެ އޮފީހަކަށް ނޫން ނަމަ، ބޮންޑުގެ މުއްދަތުގެ ބަދަލުގައި އެ މުއްދަތަށްވާ ފައިސާ ދައްކާނެ ގޮތަކާމެދު އެއްބަސްވުމެއް ހެދުން ނުވަތަ އެއްފަހަރާ ފައިސާ ދައްކައި ހަލާސްކުރުން.

 

77 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތައް

(ހ) މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެންނެވެ.

  1. ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފެއްގެ ވަޒީފާގައި ދެމިހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުން؛ 
  2. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން މުސްކުޅި ކުރުން؛
  3. ށަރުއީ އެއްވެސް މަރުހަލާއަކުން ޖިނާއީ ކުށެއް ސާބިތުވާކަމަށް ހުކުމް ކުރުން؛ 
  4. ތައުދީބީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ވަކިކުރުމަށް ލަފާދިނުން؛
  5. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް، ޕްރޮބޭށަން މުއްދަތުގައި ފެނުން؛
  6. ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާ އަދާކުރުމަށް ނުކުޅެދުން؛
  7. ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އާންމު އިންތިހާބަކަށް ކުރިމަތިލުން؛
  8. މަގާމު އުވިދިޔުން ނުވަތަ މަގާމު އުވައިލުން؛
  9. ވަޒީފާއިން ވަކިވުމަށް އެދުން؛
  10. ނިޔައުވުން؛ 
  11. މުވައްޒަފަށް ވީނުވީގޮތެއް ނޭނގި ގެއްލުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ކަނޑައަޅައިފައިވާ ހަމަތަކުން ބަލާއިރު، މުވައްޒަފު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންނުވާކަމަށް ފެންނަނަމަ، 3 (ތިނެއް) މަސްދުވަހުގެ ނޯޓިހެއް މުވައްޒަފަށް ދިނުމަށްފަހު، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ. މި ހާލަތުގައި، ވަޒީފާއިން ވަކިކުރުމުގެ ކުރިން، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ތެރެއިން އެ މުވައްޒަފުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެން ނުވާކަން ފާހަގަކުރުމުގައި ބަލައިފައިވާ ބެލުންތަކުން ފާހަގަކުރެވުނު ކަންތައްތަކާއި ރަނގަޅުކުރަންޖެހޭ ކަންތައްތައް މުވައްޒަފަށް އަންގަންވާނެއެވެ.

 

78 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން

(ހ) މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، މި ގަވާއިދުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން، ކޮމިށަނަރ އޮފް ޕޮލިސް ލިޔުމުން ވަޒީރަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ވަޒީރު ނިންމުމުންނެވެ.

(ށ) މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، ވަޒީފާއިން ވަކިކުރި ސަބަބާއެކު، އެ މުވައްޒަފަށް އެ ކަން ލިޔުމަކުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށް ޓަކައި، ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް މުވައްޒަފަށް ފޮނުވުމުން އެ ލިޔުން މުވައްޒަފަށް ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

  1. ލިޔުން ރައްދުވާ މީހާއަށް ހަވާލުކުރުން؛
  2. ލިޔުން ރައްދުވާ މީހާ ދިރިއުޅޭ އެޑްރެހުގައި އުޅޭ ތަސައްރުފު ފުދިފައިވާ މީހަކާ އެ ލިޔުން ހަވާލުކުރުން؛
  3. ލިޔުން ރައްދުވާ މީހާ ދިރިއުޅޭ އެޑްރެހަށް އެ ލިޔުން ޕޯސްޓުކުރުން؛
  4. ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން ރައްދުވާ މީހާގެ ދާއިމީ އެޑްރެހަށް ރެޖިސްޓަރޑް ޕޯސްޓުން ފޮނުވުން.

(ރ) މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، ގާނޫނާ ހިލާފަށްކަމަށް ށަރުއީ ކޯޓަކުން ކަނޑައަޅައި، ވަޒީފާ އިޔާދަކޮށްދިނުމަށް ކުރާ ހުކުމެއް ތަންފީޒުކުރަންވާނީ، އެ ހުކުމް ނިހާއީ ހުކުމަކަށް ވުމުންނެވެ.

 

79 ވަނަ މާއްދާ - އެދިގެން ވަޒީފާއިން ވަކިކުރުން

(ހ) މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެގެން އެ ކަމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނީ، އެކަމަށް ހާއްސަކޮށް، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ފޯމެއް މެދުވެރިކޮށެވެ.

(ށ) ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުން، އެ ކަމަށް އެދި، ވަޒީފާއިން ވަކިވާން ބޭނުންވާ ތާރީހުގެ 30 (ތިރީސް) ދުވަހުގެ ކުރިން، ވަޒީފާއިން ވަކިވުމަށް އެދޭ ފޯމު ހުށަހަޅަންވާނެއެވެ.

(ނ) ވަޒީފާއިން ވަކިވުމަށް ހުށަހަޅާ ހުށަހެޅުމާ ގުޅިގެން، ރަސްމީ މަސައްކަތު 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މީހަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ޖަވާބު ދޭންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާ މުވައްޒަފަކީ އަންނަނިވި ހާލަތުގައި ހުރި މުވައްޒަފެއްނަމަ، އެ މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނީ، އެ ކަންކަމާ ގުޅޭގޮތުން މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްފަހުގައެވެ.

  1. ސަރުކާރަށް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތަށް ވަކި މުއްދަތަކަށް ހިދުމަތް ކުރުމުގެ ބޮންޑެއް އޮވެ، އެ ބޮންޑުގައި ބަޔާންކޮށްފައިވާ މުއްދަތަށް ހިދުމަތްކޮށްފައި ނުވާ މުވައްޒަފުން؛
  2. ދިވެހި ފުލުހުންގެ ހިދުމަތުން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިވެގެން، އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ލޯނެއް ނުވަތަ ފައިސާއެއް ދައްކަންޖެހޭ ހިދުމަތެއް ހޯދައި، އެއާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިނުވާ މުވައްޒަފުން.

(ބ) ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ ފަރާތަކީ، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުރި މުވައްޒަފެއްނަމަ، އެ ހާލަތާ ގުޅިގެން، މި ގަވާއިދުގެ 76 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށް، އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ މަރުހަލާތައް ކުރިޔަށް ގެންދަންވާނެއެވެ.

(ޅ) ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ ފަރާތަކީ، މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުރި މުވައްޒަފެއްނަމަ، އެ މީހަކު ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރާނެ ގޮތަކާމެދު ލިޔުމުން އެއްބަސްވުމެއް ހެދުމަށްފަހު، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ މަރުހަލާތައް ކުރިޔަށް ގެންދަންވާނެއެވެ.

(ކ) ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވިގެން ބަލަމުންދާ ތައުދީބީ މައްސަލައެއް އޮތްނަމަ، އެ ހާލަތުގައި މުވައްޒަފަށް އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެވޭނީ، އެ މައްސަލަ ނިމުމުންނެވެ. އަދި އެ މުވައްޒަފު ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ ފޯމު ބާތިލުކޮށް، އެ ކަން މުވައްޒަފަށް އަންގަންވާނެއެވެ.

(އ) މުވައްޒަފަކު ވަޒީފާއިން ވަކިވުމަށް އެދި ހުށަހެޅުމުން، ރަސްމީ މަސައްކަތު 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތުން، އެ މުވައްޒަފު ވަޒީފާއިން ވަކިކުރަން ނިންމައިފައިވާކަމަށް މުވައްޒަފަށް ޖަވާބުދޭ ތާރީހުން ފެށިގެން، ރަސްމީ ބަންދުނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މުވައްޒަފު ވަޒީފާއިން ވަކިކުރަންވާނެއެވެ.

(ވ) ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ މުވައްޒަފަށް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖަވާބުދޭ ތާރީހުން ފެށިގެން، ވަޒީފާއިން ވަކިކުރުމާމެދު ހޭދަވާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ މުވައްޒަފާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ހަވާލުކޮށްފައިވާ އެންމެހައި ތަކެއްޗެއް، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން އަންގާ ގޮތެއްގެ މަތީން، ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރަންވާނެއެވެ. އަދި މުވައްޒަފުގެ މަސައްކަތްތަކާއި، މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ހަވާލުކޮށްފައިވާ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް، އެ މުވައްޒަފު މަސައްކަތްކުރާ އިދާރީ ބަހާއިން ކަނޑައަޅާ ގޮތެއްގެ މަތީން، އެ ފަރާތުން ކަނޑައަޅާ ވަކި މުވައްޒަފަކަށް ކިޔައިދީ، އެ މުވައްޒަފަކާ އެ މަސައްކަތްތައް ހަވާލުކޮށް ނިންމަންވާނެއެވެ.

(މ) ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައިވާ މުވައްޒަފަށް "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" ލިބެންދެން، ގަވާއިދުން ވަޒީފާއަށް ނުކުމެ، އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުންމަތީގައި ދެމިހުންނަންވާނެއެވެ.

(ފ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ވަޒީފާއިން ވަކިކުރި މީހާގެ ފުރިހަމަ މައުލޫމާތު؛
  2. ވަޒީފާއިން ވަކިކުރިއިރު ހުރި މަގާމު؛
  3. ވަޒީފާ ދިން ތާރީހު؛ 
  4. ވަޒީފާއިން ވަކިކުރި ސަބަބު؛
  5. ވަޒީފާއިން ވަކިކުރި ތާރީހު.

 

 

އެގާރަވަނަ ބާބު

ވަޒީފާއިން މުސްކުޅިކުރުން

 

80 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ އާންމު މުވައްޒަފެއްގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން މުސްކުޅިކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) އާންމު މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރެވޭނީ، އަންނަނިވި ހާލަތްތަކުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. 

  1. މުވައްޒަފުގެ އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ވުން؛ 
  2. މުވައްޒަފުގެ އުމުރުން 60 (ފަސްދޮޅަސް) އަހަރު ވުން.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި މުވައްޒަފު ވަޒީފާއިން މުސްކުޅިކުރުމަށް ނޭދުނު ނަމަވެސް، އޭނާ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމަށް އެދިއްޖެނަމަ، އޭނާ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުންނަ މުވައްޒަފަކަށް ވަޒީފާއިން މުސްކުޅިކުރުމަށް ހިތްވަރު ދެވިދާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުމުރު ހަމަވެފައިވާ މުވައްޒަފެއްގެ މަސައްކަތާ ގުޅޭގޮތުން އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮމިށަނަރ އޮފް ޕޮލިސް އެކުލަވައިލާ ޕެނަލަކުން އެ މުވައްޒަފު މަސައްކަތް ކޮށްފައިވާގޮތް ވަޒަންކޮށް ބެލުމުން، އެފަދަ މުވައްޒަފަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ނުފެންނަކަމަށް ނިންމައިފިނަމަ، އެ މުވައްޒަފު ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.

  1. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ތެރެއިން ބަލާ މިންގަނޑުތަކުން ބަލާއިރު، މުވައްޒަފުގެ މަސައްކަތުގެ ފެންވަރު އެކަށީގެންވާ މިންވަރަށްވުރެ ދަށްވުން؛
  2. މުވައްޒަފުގެ ބަލިހާލަތު ހުރިގޮތުން، ނުވަތަ ޖިސްމާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން، ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން، ވަޒީފާ އަދާކުރުމަށް ނުކުޅެދޭފަދަ ހާލަތެއްގައި ހުރިކަމަށް، ރާއްޖޭގެ ސިއްހީ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ ޑޮކްޓަރަކު ދީފައިވާ ލިޔުމެއް އޮތުން؛
  3. ދިވެހި ފުލުހުންގެ ހިދުމަތުގެ އޮނިގަނޑަށް ގެންނަ ބަދަލެއްގެ ސަބަބުން ނުވަތަ ހިންގުމަށް ގެންނަ ބަދަލެއްގެ ސަބަބުން މުވައްޒަފުގެ މަގާމު އުނިވުން، ނުވަތަ ވަކި މަގާމެއްގައި މަސައްކަތްކުރަންތިބި މުވައްޒަފުން އެ މަގާމަށް މުވައްޒަފުން ބޭނުންވާ މިންވަރަށްވުރެ އިތުރުވުން؛
  4. މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނެއް ލިބިފައި ނެތުމުގެ ސަބަބުން، ނުވަތަ ހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން ވަޒީފާ އަދާނުކުރެވޭނަމަ، އެ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިގަތުމުގެ ފުރުސަތު މުވައްޒަފަށް ތަނަވަސްކޮށްދިނުމަށްފަހު، މުވައްޒަފު އެ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ، ނުވަތަ ދިން ފުރުސަތުގައި ތަމްރީނު ފުރިހަމަ ނުކުރެވުން.

 

81 ވަނަ މާއްދ - މުސްކުޅިކުރެވޭ ފަރާތްތަކަށް އިނާޔަތް ލިބިދިނުން

(ހ) މި ގަވާއިދުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުސްކުޅިކުރުމުގެ އިނާޔަތް ލިބިދޭންވާނެއެވެ.

(ށ) ވަޒީފާއިން މުސްކުޅިކުރުމުން ލިބިދެވޭ އިނާޔަތް ބެހިގެންވަނީ، އަންނަނިވި 2 (ދޭއް) ބަޔަށެވެ.

  1. މަހުންމަހަށް، މުޅި އުމުރަށް ދޭ އިނާޔަތް؛
  2. މުސްކުޅިކުރެވޭއިރު އެއްފަހަރާ ދޭ އިނާޔަތް.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިނާޔަތް ދެވޭނީ، ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގެ 80 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށެވެ.

 

82 ވަނަ މާއްދާ - މުސްކުޅިކުރެވޭ ފަރާތްތަކަށް މަހުންމަހަށް، މުޅި އުމުރަށް ދޭ އިނާޔަތް

ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް، މަހުންމަހަށް މުޅި އުމުރަށް ދޭ އިނާޔަތް ހިސާބުކުރާނީ، ވަޒީފާއިން މުސްކުޅިކުރެވޭއިރު މުވައްޒަފަށް ލިބެމުންދާ އަސާސީ މުސާރައަށާއި، ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތް ކޮށްދީފައިވާ މުއްދަތަށް ބިނާކޮށް، އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ވަޒީފާއިން މުސްކުޅިކުރެވޭ ތަރީހާ ހަމަޔަށް ވަޒީފާ އަދާކުރި އަހަރުގެ އަދަދާއި، މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުންއައި އަސާސީ މުސާރައިގެ 40/1 (ސާޅީސް ބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިނާޔަތް ހިސާބުކުރުމުން ޖެހޭ އަދަދު، އެ މުވައްޒަފަކު މުސްކުޅިކުރެވޭއިރު ލިބެމުންއައި އަސާސީ މުސާރައަށްވުރެ ބޮޑުނަމަ، އެ މީހަކަށް މަހުންމަހަށް މުޅި އުމުރަށް ދޭ އިނާޔަތުގެ މިންވަރަކީ، އެ މީހެއްގެ އަސާސީ މުސާރައިގެ އަދަދެވެ. ނުވަތަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިނާޔަތް ހިސާބުކުރުމުން ޖެހޭ އަދަދު 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ކުޑަވާނަމަ، މަހުންމަހަށް އެ މީހަކަށް ދެވޭ އިނާޔަތުގެ މިންވަރަކީ 500 (ފަސްސަތޭކަ) ރުފިޔާއެވެ.

 

83 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރުމާ ގުޅިގެން އެއްފަހަރާ ދޭ އިނާޔަތް

(ހ) މި ގަވާއިދުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް، މި ގަވާއިދުގެ 81 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، މުސްކުޅިކުރެވޭއިރު އެއްފަހަރާ ދޭ އިނާޔަތް ދިނުމުގައި އަމަލުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) މުސްކުޅިކުރެވޭ މުވައްޒަފު، ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރަށްވުރެ ކުރު މުއްދަތެއް ކަމުގައި ވާނަމަ، އެ މީހަކު ހިދުމަތްކުރި ކޮންމެ އަހަރަކަށް، މުސްކުޅިކުރެވޭއިރު ލިބެމުންއައި އަސާސީ 1 މުސާރައިގެ ¹⁄³ (ތިންބައިކުޅަ އެއްބައި) އެއްފަހަރާ ލިބިދޭންވާނެއެވެ.

(ނ) ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފު، ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމުގައި ވާނަމަ، އެ މީހަކު ހިދުމަތްކުރި ކޮންމެ އަހަރަކަށް، މުސްކުޅި ކުރެވޭއިރު 1 އެ މުވައްޒަފަށް ލިބެމުންއައި އަސާސީ މުސާރައިގެ ² ⁄¹ (ދެބައިކުޅަ އެއްބައި) އެއްފަހަރާ ލިބިދޭންވާނެއެވެ.

 

84 ވަނަ މާއްދާ - މުއްދަތު ބަލާނެ ގޮތް

ވަޒީފާއިން މުސްކުޅި ކުރެވޭ ފަރާތްތަކަށް، އިނާޔަތް ދިނުމުގެ ބޭނުމަށް، ހިދުމަތުގެ މުއްދަތު ގުނުމުގައި ބަލަންވާނީ، މީލާދީ ތާރީހަށެވެ. އަދި މުވައްޒަފު ހިދުމަތްކޮށްފައިވާ މުއްދަތަށް ދޭ އިނާޔަތް ހިސާބުކުރުމުގައި، ހިދުމަތްކޮށްފައިވާ މުއްދަތު ބަލާއިރު، އެ މީހަކު ވަޒީފާއިން މުސްކުޅިކުރި ތާރީހާ ހަމަޔަށް ފުރިހަމަ އަހަރެއް ހަމަނުވިނަމަވެސް، 6 (ހައެއް) މަސްދުވަސް ނުވަތަ އެއަށްވުރެ އިތުރު މުއްދަތެއް ފާއިތުވެފައިވާނަމަ ބަލަންވާނީ، އެއީ ފުރިހަމަ 1 (އެކެއް) އަހަރު ކަމުގައެވެ.

 

 

ބާރަވަނަ ބާބު

މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް

 

85 ވަނަ މާއްދާ - އާންމު މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް

(ހ) ދިވެހި ފުލުހުންގެ ހިދުމަތަކީ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރާ ހިދުމަތަކަށް ވާތީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަކީ ފެންވަރު ރަނގަޅު، އަދި ރައްޔިތުންގެ އިތުބާރު ލިބޭނެ ފަދަ ދެމެހެއްޓެނިވި ހިދުމަތެއްކަން ކަށަވަރުކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުން ވަޒީފާގައި ދެމިތިބިހާ ހިނދަކު، މި ބާބުގައި ބަޔާންކޮށްފައިވާ އަހްލާގީ ހަމަތަކާއި، މިންގަނޑުތަކާއި، ހިދުމަތުގެ އަސާސްތައް ނަގަހައްޓަންވާނެއެވެ.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ އަހްލާގީ ހަމަތަކާއި، މިންގަނޑުތަކާއި، ހިދުމަތުގެ އަސާސްތަކަށް ޖުމުލަކޮށް މުހާތަބުކުރެވޭނީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންގެ "ކޯޑް އޮފް ކޮންޑަކްޓް" ގެ ގޮތުގައެވެ.

 

86 ވަނަ މާއްދާ - ފަރުދީ ޒިންމާ

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށް އަހުލުވެރިވެ، އެއާ އެއްގޮތަށް އަމަލުކުރުމަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު ކޮންމެ މުވައްޒަފެއްގެ މައްޗަށް އޮތް ޒިންމާއެކެވެ.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓުގެ މިންގަނޑުތަކާ ހިލާފަށް އެއްވެސް މުވައްޒަފަކު އަމަލުކޮށްފިކަން ނުވަތަ އަމަލުކުރާކަން އެނގޭ ކޮންމެ މުވައްޒަފަކު، އެކަން ރިޕޯޓު ކުރަންވާނެއެވެ.

 

87 ވަނަ މާއްދާ - މަސްއޫލިއްޔަތު އަދާކުރުމުގައި ހިފަހައްޓަންޖެހޭ ސުލޫކު

ގާނޫނީގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންނަށް މަތިކޮށްފައިވާ ކޮންމެ ކަމެއް ކުރުމުގައި ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރާ ކޮންމެ ކަމެއް އަދި ނުކޮށް ދޫކޮށްލާ ކޮންމެ ކަމެއްގައި ވެސް، އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

(ހ) އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުން.

(ށ) ވަކި ފަރާތަކަށް ނުޖެހި، އަދި ވަކި ނުފޫޒަކަށް ހުށަނޭޅި، އަދުލުވެރިގޮތުގައި މަގާމުގެ ޒިންމާއާއ، މަސްއޫލިއްޔަތުތައް އަދާކުރުން.

(ނ) މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު އަދާކުރުންމަތީ ދެމިތިބުން.

(ރ) ހަވާލުކުރެވޭ އެންމެހައި މަސައްކަތަށް އަމާނާތްތެރިވުމާއި ވަފާތެރިވުންމަތީ ދެމިތިބުން.

(ބ) ހަވާލުކުރެވޭ ކޮންމެ މަސައްކަތެއް، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، އެންމެ ރަނގަޅަށް ކުރުން.

(ޅ) މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ހިދުމަތް ފޯރުކޮށްދޭ ހަމަ ކޮންމެ މީހެއްގެ ވެސް އިންސާނީ ގަދަރާއި ކަރާމާތަށް ހުރުމަތްތެރިކޮށް ހިތައި، ހަމަ ކޮންމެ މީހެއްގެ ވެސް އިންސާނީ ހައްގުތަކަށް ރައްކައުތެރިވެ، އެ ހައްގުތައް ދެމެހެއްޓުން.

(ކ) އެއްވެސް ހާލަތެއްގައި، އެއްވެސް މީހަކާމެދު، ލާއިންސާނީ ނުވަތަ އިހާނެތި ނުވަތަ ރަހުމުކުޑަ ގޮތަކަށް އަމަލު ނުކުރުމާއި، އެހެން މީހަކު ލައްވައި ވެސް އެފަދަ ގޮތަކަށް އަމަލު ނުކުރުވުމާއި، އެހެން މީހަކު ވެސް އެފަދަ ގޮތަކަށް އަމަލު ކުރިޔަ ނުދިނުން.

(އ) އިސްލާމްދީނުގެ އަސްލުތަކާއި، ގާނޫނުއަސާސީއާއި، ގާނޫނާ ހިލާފުނުވާ ގޮތުގެ މަތީން ތިމާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް އަންގާ އެންގުންތަކަށާއި، ކުރާ އަމުރުތަކަށް ފަސްޖެހުމެއްނެތި ކިޔަމަންތެރިވުން.

(ވ) ހިދުމަތް ހޯދާ ފަރާތްތަކާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކާ މުއާމަލާތުކުރުމުގައި އިޖުތިމާއީ ހަމަތަކާއި އަހުލާގީ ހަމަތަކުގެ މަތީން، ރީތިބަހުން ވާހަކަދެއްކުމާއި، އެ މީހުންނަށް އިހްތިރާމް ކުރުން.

(މ) ހުރިހާ ހާލަތެއްގައި ވެސް، ކޮރަޕްށަނާއި ފަސާދައިގެ އަމަލުތަކާ ދުރުވެ ތިބުމާއި، އެފަދަ އަމަލަކަށް ހިތްވަރު ލިބިދާނެފަދަ އެންމެހައި ކަންތައްތަކުން ދުރުވުން.

(ފ) އެއްވެސް ފަރާތަކުން ފައިދާއެއް ހޯދުމަށް، ނުވަ ތަ ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް، ނުވަތަ އަމިއްލަ ބޭނުންތަކެއް ހާސިލުކުރުމަށް މަގާމުގެ ބޭނުން ނުކުރުން.

(ދ) ތިމާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ތެރޭގައި ލިބޭ މައުލޫމާތާއި، މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ވާސިލުވެވޭ މައުލޫމާތު ނަހަމަގޮތުގައި ބޭނުން ނުކުރުން. އަދި މިގޮތުން ލިބޭ އެއްވެސް މައުލޫމާތެއް ގާނޫނީގޮތުން ހިއްސާކުރަންޖެހޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ހިއްސާނުކުރުން.

 

88 ވަނަ މާއްދާ - މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ސުލޫކު

ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮންމެ އާންމު މުވައްޒަފަކު ވެސް، މަސައްކަތުގެ މާހައުލުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

(ހ) ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައްޔާއި، އެހެން މީހުންނާ މުއާމަލާތުކުރުމުގައްޔާއި، މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކާ މުއާމަލާތުކުރާއިރު، އިހްތިރާމާއެކު މުއާމަލާތު ކުރުން؛

(ށ) ވަކި ޖިންސަކަށް، ނުވަތަ ވަކި ނަސްލަކަށް، ނުވަތަ ވަކި ދަރިކޮޅަކަށް، ނުވަތަ ވަކި ސަގާފަތަކަށް، ނުވަތަ ނުކުޅެދުންތެރިކަމަކަށް، ނުވަތަ ވަކި އުމުރަކަށް، ނުވަތަ ވަކި މަގާމަކަށް، ނުވަތަ ހަވާލުކޮށްފައިވާ މަސައްކަތުގެ ވަކި ބާވަތަކަށް ބެލުމެއް ނެތި، އެންމެންގެ މެދުގައި ވެސް އިންސާފުވެރިކަމާއެކު އަމަލުކުރުން.

(ނ) އެއްވެސް މުވައްޒަފަކު އަނެއް މުވައްޒަފަކާމެދު ގޯނާކުރުމާއި ފުރައްސާރަކުރުމުގެ އެއްވެސް އަމަލެއް ނުކުރުމާއި، އެފަދަ ކަމަކަށް ހިތްވަރު ނުދިނުމާއި، އެފަދަކަންކަން ހުއްޓުވުމަށް ހެދިފައިވާ އެންމެހައި ގާނޫނުތަކަށާއި ގަވާއިދުތަކަށާއިއުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުން.

(ރ) އެއްވެސް މުވައްޒަފަކު އަނެއް މުވައްޒަފަކާމެދު ޖިންސީ ފުރައްސާރަކުރުމުގެ އެއްވެސް އަމަލެއް ނުކުރުމާއި، އެފަދަ ކަމަކަށް ހިތްވަރު ނުދިނުމާއި، އެފަދަކަންކަން ހުއްޓުވުމަށް ހެދިފައިވާ އެންމެހައި ގާނޫނުތަކަށާއި، ގަވާއިދުތަކަށާއި، އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުން.

(ބ) އެއް މުވައްޒަފަކު އަނެއް މުވައްޒަފެއްގެ ކިބައިން، ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފު ނުވަތަ ނާޖާއިޒުކަމެއް ކުރުމަށް ނޭދުން.

(ޅ) މުވައްޒަފުންގެ ތެރެއިން އެކަކު އަނެކަކާ އާއިލީ ގުޅުމެއް އޮތްނަމަ، އެފަދަ މީހަކު އެކަކު އަނެކަކުގެ މަސައްކަތް ސުޕަވައިޒްކުރުމާއި، ވަޒަންކުރުމާއި، އަމިއްލަ މަސްލަހަތު ހިމެނޭފަދަ ކަމެއްގައި ބައިވެރި ނުވުން.

(ކ) އެއްވެސް މުވައްޒަފަކު، އަނެއް މުވައްޒަފެއްގެ އިންސާނީ ކަރާމަތަށް އުނިކަމެއް ލިބޭފަދަ އެއްވެސް އަމަލެއް ނުކުރުމާއި، މުވައްޒަފުންގެ ޒާތީ ދިރިއުޅުމަށް އިހްތިރާމްކުރުން.

(އ) ދޭދޭ މުވައްޒަފުންގެ މެދުގައި ޕްރޮފެށަނަލް ގުޅުން ބޭއްވުމާއި، އެއްވެސް މުވައްޒަފަކާމެދު އެނޫން ވަކި ހާއްސަ ނާޖާއިޒު ގުޅުމެއް ނުބޭއްވުން.

 

89 ވަނަ މާއްދާ - މުވައްޒަފުންގެ ޒާތީ ސުލޫކު

ދިވެހި ފުލުހުންގެ އާންމު މުވައްޒަފެއްގެ ވަޒީފާގައި ދެމިހުރި ކޮންމެ މީހެއްގެ ފަރާތުން ފެންނަ އަމަލުތަކަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާއަށް ނިސްބަތްކުރެވޭ ކަމަކަށް ވާތީއާއި، މުވައްޒަފުން ޑިއުޓީގައްޔާއި، ޑިއުޓީން ބޭރުގައި، އަންނަނިވި އަހްލާގީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

(ހ) ހުރިހާ ހާލަތެއްގައި ވެސް، އިސްލާމްދީނަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވުން.

(ށ) މުވައްޒަފާ ހަވާލުކޮށްފައިވާ މަގާމުގެ މަސްއޫލިއްޔަތާ ގުޅުންހުރި އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެ ކަންކަމަށް ހުރުމަތްތެރިކޮށް ހިތުން.

(ނ) ވަޒީފާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުތަކުގައި، ތިމާގެ އަމިއްލަ މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް ނުކުރުން، ނުވަތަ މަސްލަހަތު ފުށުއަރާކަމަށް ބެލެވޭ އެއްވެސް ބާވަތެއްގެ މަސްލަހަތެއް ވާނަމަ އެކަން ރިޕޯޓުކުރުން.

(ރ) މަސައްކަތާ ނުގުޅޭ ކަންކަމުގައި، މުއައްސަސާގެ ތަންތަނާއި ވަސީލަތްތައް ބޭނުން ނުކުރުމާއި، މުއްސަސާގެ ތަންތަނާއި ވަސީލަތްތަކަށް ގެއްލުން ނުދިނުން.

(ބ) އާންމު ކޮންމެ މީހަކަށް ވެސް ލިބޭ އުސޫލަކުން ލިބެން އޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނޫން ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް އެއްވެސް ފަރާތަކުން ނުހޯދުން.

(ޅ) ވަޒީފާގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު ކަމާނުބެހޭ ފަރާތްތަކަށް ހިއްސާ ނުކުރުމާއި، ގާނޫނުގައިވާ ގޮތުގެ މަތީން މެނުވީ ސިއްރު މައުލޫމާތެއް ހާމަނުކުރުން.

(ކ) ކުށުގެ އަމަލުތަކުން ދުރުހެލިވުމާއި، ގާނޫނާ ހިލާފު އަމަލެއް އެއްވެސް ފަރާތަކުން ކުރާކަން އެނގިއްޖެނަމަ، އެ ކަން ރިޕޯޓުކުރުން.

(އ) މުއައްސަސާގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި، އެއްވެސް ހައިސިއްޔަތަކުން ނުކުރުން.

(ވ) މި ގަވާއިދުގައި ބަޔާންވެގެންވާ ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެ ކަމެއް ރިޕޯޓުކުރުމާއި، އެ ކަމެއް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން.

(މ) ވަޒީފާގެ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ ކޮންމެ ކަމެއްގައި ވެސް، ތެދުވެރިވުމާއި، ތިމާގެ އިހްލާސްތެރިކާމެދު ސުވާލު އުފެދޭ ފަދަ އަމަލެއް ނުކުރުން.

 

90 ވަނަ މާއްދާ - ތައުދީބީ ފިޔަވަޅު އެ ޅުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންގެ "ކޯޑް އޮފް ކޮންޑަކްޓް" ގެ މިންގަނޑުތަކާ އެއްވެސް މުވައްޒަފަކު ހިލާފުވެއްޖެނަމަ، އެ ހިލާފުވީ މިންވަރެއްގެ މައްޗަށް ބަލައި، އެ މުވައްޒަފާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވީކަމުގައި ބެލެވޭނެއެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންނާމެދު ތައުދީބީ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 133 ވަނަ މާއްދާގެ (ނ) ގެ (8) ވަނަ ނަންބަރާއި، (15) ވަނަ ނަންބަރުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ގަވާއިދު ނަންބަރު 2022-87 (ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

91 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 2020-34)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު