ތަމްރީނު ދިނުމާގުޅޭ ގަވާއިދު
(ގަވާއިދު ނަންބަރު 2021-97)
އެއްވަނަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލެވިފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާ ގަވާއިދެވެ.
(ށ) މި ގަވާއިދުގެ ނަމަކީ "ތަމްރީނު ދިނުމާގުޅޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި އަމާޒުތައް ހާސިލުކުރުމަށް އެކުލަވައިލާ ތަމްރީނުގެ ސިޔާސަތު ތަންފީޛުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ އުސޫލީ މިންގަނޑުތައް ކަނޑައެޅުން؛
(ށ) ފުލުހުންނާގުޅޭ މައުޒޫއުތަކާއި، ފުލުހުންގެ ހުނަރުތައް ކުރިއެރުވުމަށާއި، މީހުންނާ މުއާމަލާތްކުރުމުގައި ގެންގުޅެންޖެހޭ ރަނގަޅު ހަމަތަކާއި، ދުސްތޫރީ ހަމަތައް ނެގެހެއްޓުމަށާއި، ފުލުހުންގެ އަބުރުވެރިކަން ހިމާޔަތްކުރުމަށް، ތަމްރީނު ދިނުމާގުޅޭ ކަންކަން ބަޔާންކުރުން؛
(ނ) ތަމްރީނުގެ މަރުކަޒުތައް ގާއިމުކުރުމާއި، އެ މަރުކަޒުތަކުގެ ސިފަތަކާއި، މަސްއޫލިއްޔަތު ބަޔާންކުރުން؛
(ރ) ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނުތަކާއި، މުވައްޒަފުންގެ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން ބޭނުންވާ ހާއްސަ ތައުލީމާއި، ތަމްރީނުދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އެ ތަމްރީނުތަކާއި ހުނަރުތައް ތާޒާކުރަމުން ގެންދިޔުމުގެ އިންތިޒާމުތައް ހަމަޖައްސައި، އެ ފުރުސަތު މުވައްޒަފުންނަށް ދިނުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން؛
(ބ) ފުލުހުންނާގުޅޭ ދާއިރާތަކުން މަތީ ތައުލީމުގެ ކޯސްތައް ހިންގައި، ދިވެހި ފުލުހުންނަކީ ހުނަރުވެރި އަދި އިލްމީ ގޮތުން ކުރިއަރައިފައިވާ ބަޔަކަށް ހަދައި، އެ ކަން ދެމެހެއްޓުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަށް ދޭންޖެހޭ އެންމެހައި ތައުލީމާއި ތަމްރީނުތައް، ޒަމާނާގުޅޭ ގޮތަށް ބަދަލުކޮށް، ބައިނަލްއަގްވާމީ މިންގަނޑުތަކާއި، ދިވެހިރާއްޖޭގެ ޘަގާފަތާއި، އާދަކާދަތަކާ އެއްގޮތްވާގޮތުގެ މަތިން ހިންގައި ބެލެހެއްޓުން؛
(ޅ) ތަމްރީނުތަކުން ފާސްނުވާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތްތަކާއި، ތައުލީމާއި، ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމާ ގުޅިގެން ހިދުމަތްކުރަންޖެހޭ މުއްދަތުތައް ބަޔާންކުރުން؛ އަދި
(ކ) ތަމްރީނުގެ މަރުކަޒުން ހިންގާ ތަމްރީނުތަކުގެ ބައިވެރިންނާއި ތަމްރީނުދޭ ފަރާތްތަކުގެ ސަލާމަތާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އެ ނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރުން.
3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުންނެވެ.
4 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައިވާ އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައިހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މަތީ ތައުލީމުގެ ފުރުސަތު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ލެވެލް 5 ގެ ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއްގެ ގޮތުގައި ގަބޫލުކުރާ ކޯސްތަކަށެވެ.
(ށ) "އަސާސީ ތަމްރީނު" ނުވަތަ "އަސާސީ ތަމްރީނު ކޯސް" ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހެއްގެ ވަޒީފާއަށް ވަންނަ ކޮންމެ ފަރާތަކަށް، އެ ފަރާތުން މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ބޭނުންވާ ގާބިލު ފަރާތަކަށް ހެދުމަށްޓަކައި އެފަދަ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ތަމްރީނު ކޯހަށެވެ.
(ނ) "ސެނެޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާއިމުކުރާ ތަމްރީނުގެ މަރުކަޒު ހިންގުމުގެ ޒިންމާ މަތިކުރެވިފައިވާ ކޮމެޓީއަށެވެ.
(ރ) "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2020-2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެވޭ އިސްލާހުތައް ހިމެނޭ ގޮތުންނެވެ.
(ބ) "ޓްރެއިނިންގ ނީޑް އެނަލިސިސް" ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ތައުލީމާއި، ތަމްރީނުތަކާއި، އެނޫންވެސް އުނގެނުމުގެ ޕްރޮގްރާމްތައް ލިބިފައިވާ މިންވަރަށް ބިނާކޮށް، ކުރިއަށް އޮތްތަނުގައި މުވައްޒަފުންނަށް އިތުރަށް ފޯރުކޮށްދޭންޖެހޭނެ ތައުލީމާއި ތަމްރީނާއި އުނގެނުމުގެ ޕްރޮގްރާމްތައް ފަދަ ކަންކަން ފާހަގަކުރަން ކުރާ ދިރާސާގެ މައްޗަށް ބިނާކޮށް އެކުލަވައިލާ ތައުލީމާއި ތަމްރީނާއި އުނގެނުމުގެ ޕްރޮގްރާމުތަކުގެ މައުލޫމާތު ހިމެނޭ ލިޔުމަށެވެ.
(ޅ) "ކޮލިފައިޑް ޕޮލިސް އޮފިސަރ" ކަމަށް ބުނެފައި އެވަނީ، ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ކަނޑައެޅޭ ވަކި މުއްދަތެއް ފުރިހަމަ ކުރުމަށްފަހު، އެ ކޯހުގެ ބައެއްގެ ގޮތުގައި ނުވަތަ އެ ކޯސް ފުރިހަމަކުރާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފީލްޑް ޓްރެއިނިންގ މުއްދަތު ފުރިހަމަކޮށް ސަނަދު ހާސިލުކުރާ ފަރާތްތަކަށެވެ.
ދެވަނަ ބާބު
ތައުލީމާއި ތަމްރީނުގެ މަރުކަޒު
5 ވަނަ މާއްދާ - ތައުލީމާއި ތަމްރީނުގެ މަރުކަޒު
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާއިމުކުރާ ތައުލީމާއި ތަމްރީނުގެ މަރުކަޒު ވާންވާނީ، ފުލުހުންގެ ދައުރު އަދާކުރާ ގޮތާއި، ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ފުލުހުންނަކީ ހުނަރުވެރި އަދި އިލްމީގޮތުން ގާބިލު ބަޔަކަށް ހެދުމަށާއި، އެ ކަން ދެމެހެއްޓުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަށް ބޭނުންވާނެ ތައުލީމާއި ތަމްރީނު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭ މަރުކަޒަކަށެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާއިމުކުރާ ތައުލީމާއި ތަމުރީނުދޭ މަރުކަޒުގެ ގޮފިތައް ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށް ތަމްރީނު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވިދާނެއެވެ. އަދި މިގޮތުން ގާއިމުކުރާ ގޮފިތައް ވަކި ބާވަތެއްގެ ތަމްރީނު ދިނުމަށް ހާއްސަކުރެވިދާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާއިމުކުރެވޭ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއް ނުވަތަ އެފަދަ މަރުކަޒެއްގެ ގޮތްޕަކުން ދޭ ތައުލީމަކީ ނުވަތަ ތަމްރީނަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށް ދެވޭ ތައުލީމު ނުވަތަ ތަމްރީނަކަށް ވާންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާއިމުކުރެވޭ ތައުލީމާއި ތަމްރީނުދޭ މަރުކަޒު ހިންގަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއިންނެވެ.
6 ވަނަ މާއްދާ - ތަމްރީނުދިނުމުގެ މަރުކަޒުގެ މަސްއޫލިއްޔަތު
މި ބާބުގައި ބަޔާންކޮށްފައިވާ، ތައުލީމާއި ތަމްރީނު ދިނުމުގެ މަރުކަޒުގެ މަސްއޫލިއްޔަތުތައް މި މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ފުލުހުންގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އެންމެހައި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމަށް ކޮމިށަނަރ އޮފް ޕޮލިސް އައްޔަންކުރާ ކޮމެޓީގެ ނިންމުންތައް ތަންފީޛުކުރުން؛
(ށ) ފުލުހުންގެ ވަޒީފާ ދެވޭ ފަރާތްތަކަށް އަސާސީ ތަމްރީނު ކޯސް ހިންގުން؛
(ނ) ފުލުހުންގެ މަސައްކަތުގެ ދާއިރާތަކަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމްތަކާއި، މަތީ ތައުލީމުގެ ކޯސްތައް ފަރުމާކޮށް، އެފަދަ ޕްރޮގްރާމްތައް ހިންގައި ބެލެހެއްޓުން؛
(ރ) ތަމްރީނުގެ މަރުކަޒުގެ އެންމެހައި އިމާރާތްތަކާއި، ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމާއި، ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތަކާ އެއްގޮތަށް އެ ކަންކަން ބެލެހެއްޓުން؛
(ބ) ތަމްރީނުގެ މަރުކަޒުގެ އަމާޒުތައް ހާސިލުކުރުމަށްޓަކައި، މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށް އެކުލަވައިލާ ޕްލޭނެއް، ތަމްރީނުގެ މަރުކަޒުން ތައްޔާރުކޮށް އާންމުކުރުން؛
(ޅ) ދިވެހި ފުލުހުންގެ ހިދުމަތުގައި ހަމަޖެހިފައިވާ އިދާރީ އިންތިޒާމުތަކުގެ ތެރެއިން ތައުލީމާއި ތަމްރީނު ދިނުމާ ގުޅުންހުރި ގައުމީ އަދި ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ބޭނުންވާނެ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރުން؛
(ކ) ފުލުހުންގެ މަސައްކަތާއި، ގާނޫނު ތަންފީޛުކުރާ އެހެނިހެން އިދާރާތަކުގެ މަސައްކަތާއި، ދާހިލީ ސަލާމަތް އަދި ކުށްކުރުން ހުއްޓުވުމާ ގުޅުންހުރި ދާއިރާތަކުން ދިރާސާކޮށް އެ ދިރާސާތަކުގެ ނަތީޖާ ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާކުރުން؛
(އ) ފުލުހުންގެ ދައުރު އަދާކުރުމާ ގުޅުންހުރި މަސައްކަތްތަކާއި، އެ ކަމާ ގުޅުންހުރި އުސޫލުތަކާ ގުޅޭގޮތުން ތަމްރީނު ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ތަމްރީނު ޕްރޮގްރާމުތަކަށް ގެންނަންޖެހޭ ބަދަލު ގެނައުމަށާއި، އެފަދަ ކަމަކާ ގުޅިގެން ފުލުހުންގެ އިދާރީ ގަވާއިދުތަކަށް ނުވަތަ އުސޫލުތަކަށް ބަދަލެއް ގެންނަންޖެހޭކަމަށް ފެންނަނަމަ، އެފަދަ ބަދަލެއް ގެނައުމަށް ލަފާދިނުން؛
(ވ) ކޮންމެ މީލާދީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ބޭނުންވާނެ ތަމްރީނުގެ ބަޖެޓް އެކުލަވައިލުން.
7 ވަނަ މާއްދާ - ތަމްރީނުގެ މަރުކަޒުގެ ޒިންމާއާއި، ބާރުތައް
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ، ތައުލީމާއި ތަމްރީނުގެ މަރުކަޒުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ކޮމިށަނަރ އޮފް ޕޮލިސްގެ ހުއްދައާއެކު އަންނަނިވި ކަންކަންކުރުމުގެ އިހްތިޔާރު، ތަމްރީނުގެ މަރުކަޒަށް ލިބިގެންވެއެވެ.
- އެކިއެކި ފަރާތްތަކުން ފޯރުކޮށްދޭ އެހީ ލިބިގަތުމާއި، މުދާ ކުއްޔަށް ހިފުން އަދި ކުއްޔަށް ދިނުން؛
- ތަމްރީނުގެ މަރުކަޒުގެ ފަރާތުން އެހެން ފަރާތްތަކަށް ކޮށްދޭ މަސައްކަތަށް އަދި ފޯރުކޮށްދޭ ހިދުމަތްތަކަށް އަގުނެގުން؛ އަދި
- ފީނަގާ އުސޫލުން ކޯސްތައް ހިންގުމާއި، އެގޮތުން ލިބޭ ފައިސާގެ މުއާމަލާތު ބެލެހެއްޓުން؛
(ށ) ތަމްރީނުތައް ހިންގުމަށް ބޭނުންވާނެ އެއްބަސްވުންތަކާއި ފަހުމުނާމާތައް، އެހެން ފަރާތްތަކާއެކު އެކުލަވައިލައި ތަންފީޛުކުރުން؛
(ނ) ތަމްރީނުތަކުގައި މުދައްރިބުންނާއި ދަރިވަރުން ބޭނުންކުރާނެ ޔުނީފޯމާއި، ޓްރެއިނިންގ ކިޓްތައް އަދި ތަފާތު މުނާސަބަތުތަކުގައި ބޭނުންކުރާނެ ޑްރެސް ކޯޑް ކަނޑައެޅުން؛ އަދި
(ރ) ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ހުރުން ލާޒިމުކުރާ އެންމެހައި ޕޮލިސީތައް އެކުލަވައިލުން. މިގޮތުން އަންނަނިވި ދާއިރާތަކާ ގުޅޭ ޕޮލިސީތައް އެކުލަވައިލަންވާނެއެވެ.
- ދަރިވަރުންނާ ގުޅުންހުރި ކަންކަން؛
- ކިޔަވައިދިނުމާ ގުޅުންހުރި ކަންކަން؛
- ކިޔަވައިދޭ ފަރާތްތަކާއި މުވައްޒަފުންނާ ގުޅުންހުރި ކަންކަން؛
- ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަން؛
- އިދާރީ ހިންގުމާ ގުޅުންހުރި ކަންކަން؛ އަދި
- ސަލާމަތާއި ރައްކައުތެރިކަމާ ގުޅުންހުރި ކަންކަން.
ތިންވަނަ ބާބު
ތައުލީމާއި، ތަމްރީނާގުޅޭ ލަފާދޭ ކޮމެޓީ
8 ވަނަ މާއްދާ - ކޮމެޓީ އެކުލަވައިލުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީނުގެ ފެންވަރު ކަނޑައެޅުމަށާއި، މުރާޖައާކުރުމަށާއި، ފުލުހުންގެ ތަމުރީނުތަކަށް އަދި ސްކޮލަރށިޕްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށޭނަ ފަރާތްތައް ހޮވުމާ ގުޅޭގޮތުން ކޮމިށަނަރ އޮފް ޕޮލިސްއަށް ލަފާ ދިނުމަށް، "ތަމްރީނާގުޅޭ ލަފާދޭ ކޮމެޓީ" ގެ ނަމުގައި ހާއްސަ ކޮމެޓީއެއް ކޮމިށަނަރ އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވައިލާ ކޮމެޓީގައި ފުލުހުންގެ އޮފިސަރުންނާއި، ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އާންމު މުވައްޒަފުންގެ ތެރެއިން އަންނަނިވި ދާއިރާތަކުން މުވައްޒަފުން ހިމަނަންވާނެއެވެ.
- މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ އިސްވެރިއެއް؛
- މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ އިސްވެރިއެއް؛
- މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުފައްދައިފައިވާ ތަމްރީނު މަރުކަޒުގެ ސެނެޓުގައި ހިމެނޭ ކޮމިށަންޑް އޮފިސަރެއް؛
- ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރެއް؛
- ތަހްގީގުކުރުމުގެ ދާއިރާގެ ކޮމިށަންޑް އޮފިސަރެއް؛
- އޮޕަރޭށަނަލް ޕޮލިސިންގ ދާއިރާގައި މަސައްކަތްކުރާ ކޮމިށަންޑް 2 (ދޭއް) އޮފިސަރުން؛
- ޓެކްނިކަލް ދާއިރާގައި މަސައްކަތްކުރާ ކޮމިށަންޑް އޮފިސަރެއް؛ އަދި
- ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ކަމިށަންޑް އޮފިސަރެއް.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމެޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ އިދާރީ ބަހާއެއްގެ ފަރާތުންނެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމެޓީއަށް މެންބަރުން އައްޔަނުކުރުމަށްފަހު، އެކަން އެންމެހައި މުވައްޒަފުންނަށް އެންގުމަށްޓަކައި، ކޮމެޓީގެ މެންބަރުންގެ ނަންތައް ކޮމިށަނަރ އޮފް ޕޮލިސް އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމެޓީގެ ބައްދަލުވުންތައް ބޭއްވުމުގައި އަމަލުކުރާނެ ގޮތްތަކާއި، ބައްދަލުވުމުގެ ކޯރަމާއި، ކޮމެޓީއަށް ހުށަހެޅޭ ކަންތައްތަކުގައި ގޮތް ނިންމުމާއި، މި ނޫނަސް ކޮމެޓީ ހިންގުމުގެ އެންމެހައި ކަންތައްތައް ބަޔާންކޮށްފައިވާ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލަންވާނެއެވެ.
9 ވަނަ މާއްދާ - ތަމްރީނުތަކުގެ މިންގަނޑު ކަނޑައެޅުން
(ހ) ތަމްރީނުގެ މަރުކަޒުން ހިންގާ ތައުލީމާއި ތަމްރީނުތަކުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ތަމްރީނުތަކުގެ މިންގަނޑު ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ތަމްރީނާ ގުޅޭ ލަފާދޭ ކޮމެޓީން ރިއާޔަތްކުރަންވާނެއެވެ.
- ތައުލީމު ނުވަތަ ތަމްރީނު ޕްރޮގްރާމު އަމާޒުކުރެވޭ ފަރާތްތަކުގައި ހުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ އިލްމާއި ހުނަރު އަދި އަހްލާގު ނުވަތަ ކޮމްޕިޓެންސީތައް؛
- ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލަށް ފެތޭގޮތަށް ފަރުމާކުރެވޭ ކޯހެއްނަމަ، އެ ކޯހަކަށް މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ކަނޑައަޅައިފައިވާ މިންގަނޑުތައް؛ އަދި
- ބައިނަލްއަގުވާމީ ރަނގަޅު ހަމަތަކުގެ މިންގަނޑުތަކާއި އުސޫލުތައް.
(ށ) ތަމްރީނުގެ މަރުކަޒުން ހިންގާ ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމުތައް، ތަމްރީނުގެ މަރުކަޒުން ފާސްކުރުމުގެ ކުރިން ތަމްރީނާ ގުޅޭ ލަފާދޭ ކޮމެޓީއަށް ހުށަހަޅައި، އެ ކޮމެޓީގެ ލަފާ ހޯދަންވާނެއެވެ. އަދި ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމުތައް ފާސްކުރުމުގައި، ކޮމެޓީން ދީފައިވާ ލަފައަށް ރިއާޔަތްކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
ތައުލީމާއި، ތަމްރީނު ދިނުން
10 ވަނަ މާއްދާ - ތައުލީމާއި ތަމްރީނު ހިންގާ ފަރާތް
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހިންގާ ކޯސްތަކާއި، ތަމްރީނު ދިނުމުގެ އެންމެހައި ކަންތައްތައް ހިންގައި ބަލަހައްޓާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާއިމުކުރާ، ތަމްރީނުގެ މަރުކަޒުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މުވައްޒަފުން ތާޒާކުރުމާއި، ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަމްރީނުގެ މަރުކަޒުން ކަނޑައަޅާ ގޮތެއްގެމަތިން ދިވެހި ފުލުހުންގެ ހިދުމަތުގެ އެކިއެކި އިދާރީ ބަހާތަކުން ހިންގިދާނެއެވެ.
11 ވަނަ މާއްދާ - ތައުލީމާއި ތަމްރީނު ބޭނުންވާ ދާއިރާތައް ދެނެގަތުމާއި، ޕްލޭން އެކުލަވައިލުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ، ތައުލީމާއި ތަމްރީނުގެ ސިޔާސަތުގެ މައްޗަށް ބިނާކޮށް މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއާއި، މުވައްޒަފުންނަށް ތަމްރީނުދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއާ ގުޅިގެން، ޓްރެއިނިންގ ނީޑް އެނެލިސިސްއެއް އެކުލަވައިލައި، އެކްޒެކެޓިވް މެނޭޖުމަންޓް ބޯޑުން ފާސްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވައިލާ ޓްރެއިނިންގ ނީޑް އެނެލިސިސް އެކުލަވައިލަންވާނީ، ކުރިއަށް އޮތް 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ބޭނުންވާނެ ދާއިރާތަކަށް އަދި މިންވަރަށް ރިއާޔަތްކޮށެވެ. އަދި މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރަކުން 1 (އެކެއް) ފަހަރު ޓްރެއިނިންގ ނީޑް އެނެލިސިސްއެއް ހަދަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހަދާ ޓްރެއިނިންގ ނީޑް އެނެލިސިސްއެއްގެ މައްޗަށް ބިނާކޮށް، ދިވެހި ފުލުހުންގެ ހިދުމަތުގެ އިންސާނީ ވަސީލަތް ތަރައްގީ ކުރާނެ ގޮތުގެ ޕްލޭނެއް، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއާއި، މުވައްޒަފުންނަށް ތަމްރީނުދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއާ ގުޅިގެން ކޮންމެ މީލާދީ އަހަރަކަށް އެކުލަވައިލައި، އެގްޒެކެޓިވް މެނޭޖުމަންޓް ބޯޑުން ފާސްކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވައިލާ ޕްލޭން އެކުލަވައިލުމުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލު ކުރުމަށް ހާއްސަ އިސްކަމެއް ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވައިލާ ޕްލޭނުގައި، ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކަށް ހިނގާނެކަމަށް އަންދާޒާކުރެވޭ ހަރަދު ބަޔާން ކުރަންވާނެއެވެ. އަދި ކުރިޔަށް އޮންނަ މީލާދީ އަހަރަށް އެކުލަވައިލާ ޕްލޭން، ހިނގަމުންދާ ދިރާސީ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމުމުގެ ކުރިން ފާސްކުރުމަށް ހުށަހަޅަންވާނެއެވެ.
12 ވަނަ މާއްދާ - ތަމްރީނުގެ ކަލަންޑަރު އެކުލަވައިލުން
(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ޕްލޭން ތަންފީޛުކުރުމަށްޓަކައި ކޮންމެ ދިރާސީ އަހަރަކަށް ތަމްރީނުގެ މަރުކަޒުން ހިންގާނެ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ހިމަނައިގެން ތަމްރީނުގެ ކަލަންޑަރެއް އެކުލަވައިލައި އާންމުކުރަންވާނެއެވެ.
(ށ) ދިމާވާ ވަކި ހާލަތަކާ ގުޅިގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވައިލާ ކަލަންޑަރަށް ބަދަލެއް ގެނެވިއްޖަނަމަ، އެކަން ދުރާލައި އެންގުމަށްޓަކައި އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
13 ވަނަ މާއްދާ - ތައުލީމާއި ތަމްރީނުގެ މަރުކަޒުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ތަމްރީނުކުރުމުގެ ސިޔާސަތު ތަންފީޛުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ތައުލީމާއި ތަމްރީނުގެ މަރުކަޒުން ހިންގާ އެންމެހައި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ދެމެހެއްޓުމަށްޓަކައި މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތައް ހިފަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ތަމްރީނުގެ މަރުކަޒުން ރާވައި ހިންގާ އެންމެހައި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް ރާވައި ހިންގުމުގައި އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
- ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމްތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކަނޑައަޅައިފައިވާ ތަމްރީނުތަކުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަމްރީނުގެ މަރުކަޒުގެ ސެނެޓުން ފާސްކުރުން؛
- ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމްތަކަށް ކަނޑައަޅައިފައިވާ، ސަލާމަތާއި ރައްކައުތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރެވޭނެ ގޮތަކަށް އެ ކޯހެއްގެ ނުވަތަ ތަމްރީނު ޕްރޮގްރާމެއްގެ ހުރިހާ މަރުހަލާއެއްގައިވެސް އަމަލުކުރުން؛
- ތަމްރީނުގެ މަރުކަޒުގެ ޕޮލިސީތައް އަދި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް ނެގެހެއްޓުން؛ އަދި
- ތައުލީމާއި ތަމްރީނުދޭ ގައުމީ އަދި ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ހިންގާ ކޯހެއް ނުވަތަ ތަމްރީނު ޕްރޮގްރާމެއްގައި އެފަދަ މަރުކަޒަކުން ނުވަތަ އިދާރާއަކުން ކަނޑައަޅައިފައިވާ އުސޫލުތަކާއި އަސާސްތައް ނެގެހެއްޓުން؛
14 ވަނަ މާއްދާ - މުދައްރިބުންނާއި ލެކްޗަރަރއިންގެ ށަރުތުތައް
(ހ) ތަމްރީނުގެ މަރުކަޒުން ހިންގާ ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމުތަކުގައި ކިޔަވައިދޭ ފަރާތްތަކަކީ، ތަމްރީނުގެ މަރުކަޒުން ގަބޫލުކުރާ ފެންވަރެއްގެ ތައުލީމު ނުވަތަ ތަމްރީނެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
(ށ) ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމުތަކުގެ އައުޓްޑޯ މާއްދާތައް ކިޔަވައިދޭ މުދައްރިބުންނަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ތަމްރީނުގެ މަރުކަޒުން ކަނޑައަޅާ ތައުލީމު ނުވަތަ ތަމްރީނެއް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުމުގެ އިތުރުން، އެ މުދައްރިބު ކިޔަވައިދޭ މާއްދާއިން އިންސްޓްރަކްޓަރ ލެވެލްގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތަކަށްވާންވާނެއެވެ.
(ނ) ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމުތަކުގައި އިންޑޯ މާއްދާތައް ކިޔަވައިދޭ ލެކްޗަރަރއިންގެ ތެރޭގައި ހިމެނޭ، ތަމްރީނުގެ މަރުކަޒަށް ނިސްބަތްވާ ކޮންމެ ލެކްޗަރަރއަކީވެސް، ކިޔަވައިދިނުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ ފަރާތަކަށްވާންވާނެއެވެ.
(ރ) ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމުތަކުގައި ކިޔަވައިދޭ ލެކްޗަރަރއިންނާއި، މުދައްރިބުންގެ ތެރޭގައި ހިމެނޭ، ތަމްރީނުގެ މަރުކަޒަށް ނިސްބަތްވާ ކޮންމެ ލެކްޗަރަރއަކީ ނުވަތަ މުދައްރިބަކީވެސް، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި އުޅެ، އެ މީހަކު ކިޔަވައިދޭ މާއްދާއަކާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ އަހްލާގާއި ސުލޫކު ރަނގަޅު ފަރާތަކަށް ވާންވާނެއެވެ.
(ބ) ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމުތަކުގެ އިންޑޯ މާއްދާތައް ކިޔަވައިދޭ ލެކްޗަރަރއަކީ، ތަމްރީނުގެ މަރުކަޒަށް ނިސްބަތްވާ މުވައްޒަފެއްކަމުގައި ނުވާނަމަ، އެ ހާލަތުގައި އެ ލެކްޗަރަރއަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަމްރީނުގެ މަރުކަޒުން ކަނޑައަޅާ ތައުލީމު ނުވަތަ ތަމްރީނެއް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުމުގެ އިތުރުން، އެ ލެކްޗަރަރއަކު ކިޔަވައިދޭ މާއްދާއާ ގުޅުންހުރި ދާއިރާއަކުން ތައުލީމާއި، ތަމްރީނު ނުވަތަ ހުނަރު ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
(ޅ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ ކޯހެއްގައި ކިޔަވައިދޭނަމަ، ކިޔަވައިދޭ ލެވެލަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށްވުން، ނުވަތަ ކިޔަވައިދޭ މާއްދާއާ ގުޅޭ ދާއިރާއަކުން، މަތީ ތައުލީމާބެހޭ ވުޒާރާއިން ކަނޑައަޅައިފައިވާ މިންވަރަށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
15 ވަނަ މާއްދާ - ތަމްރީނު ލިބިގަންނަ މީހުންގެ މަސްއޫލިއްޔަތު
(ހ) ތަމްރީނުގެ މަރުކަޒުން ހިންގާ ތަމްރީނުތަކުގެ ބައިވެރިން، އެ ފަރާތްތަކަށް ދެވޭ ތަމްރީނުތަކުގެ މުއްދަތުގައި އެ މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
(ށ) ތަމްރީނުގެ މަރުކަޒުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވާ ފުލުހުން، ތަމްރީނު ޕްރޮގްރާމުގެ މުއްދަތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރުމުގެ އިތުރުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
16 ވަނަ މާއްދާ - ތަމްރީނުތަކުގައި ހަތިޔާރު ބޭނުންކުރުން
(ހ) ތަމްރީނުގެ މަރުކަޒުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި ހަތިޔާރު ގެންގުޅެ ބޭނުންކުރަންވާނީ، އެފަދަ ހަތިޔާރެއް ގެންގުޅެ ބޭނުންކުރުމާ ގުޅޭގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި، ޕްރޮސީޖަރތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.
(ށ) ތަމްރީނުތަކުގައި ހަތިޔާރު ބޭނުންކުރުމުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ އިތުރުން، އެ މިންގަނޑުތަކާ ތައާރުޒުނުވާނެ ގޮތުގެމަތިން ތަމްރީނުތަކުގައި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގައި އަމަލުކުރުމަށް ތަމްރީނުގެ މަރުކަޒުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ތަމްރީނުގެ މަރުކަޒުން ކަނޑައަޅާ އުސޫލުގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.
- ހަތިޔާރު ރައްކާކޮށް ބަލަހައްޓާނެ ގޮތް؛
- ހަތިޔާރާ ހަވާލުވެ ހުންނަ ފަރާތުގެ މަސްއޫލިއްޔަތުތައް؛
- ހަތިޔާރު ބޭނުންކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމުގައި އިސްކޮށް ހުންނަ ފަރާތާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް އުގަންނައިދިނުމުގައި އިސްކޮށް ހުންނަ ފަރާތުގެ ޒިންމާއާއި މަސްއޫލިއްޔަތުތައް؛
- ތަމްރީނުތަކުގައި ހަތިޔާރު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާތައް؛
- ހަތިޔާރު ބޭނުންކުރުމަށްފަހު އަމަލުކުރަންޖެހޭނެ ގޮތް؛
- ހަތިޔާރު ބޭނުންކުރުމަށްފަހު، ހަތިޔާރު ސާފުކުރުމާއި، އަނބުރާ ހަވާލުކުރުން؛ އަދި
- ހަތިޔާރު ގެންގުޅުމާއި، ކިޔަވައިދިނުމުގައި އަމަލުކުރާނެ ސަލާމަތީ މިންގަނޑުތައް؛
17 ވަނަ މާއްދާ - ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް
(ހ) ތަމްރީނުގެ މަރުކަޒުން ހިންގާ ތަމްރީނުތަކުގެ ބައިވެރިންނާއި، ތަމްރީނުދޭ ފަރާތްތަކުގެ ސަލާމަތާ ގުޅޭގޮތުން އަޅަންޖެހޭ ރައްކައުތެރިކަމުގެ އެންމެހައި ފިޔަވަޅުތައް ތަމްރީނުގެ މަރުކަޒުގެ ފަރާތުން އަޅަންވާނެއެވެ.
(ށ) ތަމްރީނުގެ މަރުކަޒުން ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި ހިމެނޭ ވަކި ތަމްރީނު ޕްރޮގްރާމެއްގައި ކިޔަވައިދޭ މާހައުލު އަދި ކިޔަވައިދިނުމަށް ބޭނުންކުރާ އެންމެހައި މާއްދީ ވަސީލަތްތަކަކީ އޭގެ ޒާތުގައި، ދަރިވަރުންނާއި، ކިޔަވައިދޭ ފަރާތްތަކަށް ޖިސްމާނީ އަނިޔާއެއް ނުލިބޭނެފަދަ މާހައުލަކަށް އަދި ވަސީލަތްތަކަކަށް ވާންވާނެއެވެ.
(ނ) ތަމްރީނު ޕްރޮގްރާމުތަކުގައި ކިޔަވައިދޭ ވަކި މާއްދާއެއް ނުވަތަ ވަކި ކޮމްޕޯނަންޓަކީ، އޭގެ ޒާތުގައި ރިސްކް އެކުލެވޭ ކަމެއްނަމަ، އެފަދަ މާއްދާއެއް ނުވަތަ ކޮމްޕޯނަންޓެއް ކިޔަވައިދޭންވާނީ، އެކަމާ ގުޅޭގޮތުން ރިސްކް އެސަސްމަންޓެއް ހެދުމަށްފަހު، އެ ރިސްކް އެސަސްމަންޓަށް ބިނާކޮށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅައިގެންނެވެ.
(ރ) ތަމްރީނު ޕްރޮގްރާމްތަކުގައި ހަތިޔާރާގުޅޭ އަމަލީ ތަމްރީނެއް ނުވަތަ ހަރަކާތެއް ކުރިއަށް ގެންދަންވާނީ، އެ ހަތިޔާރެއް ބޭނުންކުރާނެ ގޮތްތަކާއި، ހަތިޔާރު ބޭނުންކުރުމުގައި ދިމާވެދާނެ ރިސްކްތައް އަދި ސަލާމަތްތެރިކަމުގެ ގޮތުން އަމަލުކުރަންޖެހޭނެ ގޮތްތައް ބުނެދިނުމަށްފަހުގައެވެ.
(ބ) ތަމްރީނުގެ މަރުކަޒުގެ މަސައްކަތުގެ މާހައުލުގައާއި، ތަމްރީނުގެ މަރުކަޒުން ހިންގާ އެކިއެކި ތަމްރީނުތަކުގައި ކިޔަވައިދޭ މުދައްރިބުންނާއި، ތަމްރީނުތަކުގެ ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އަދި ތަމްރީނުތައް ކުރިޔަށް ގެންދާއިރު ދަރިވަރުންނާއި، މުދައްރިބުންގެ ސަލާމަތާއި، ރައްކައުތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކާއި ކަންކަން ބަޔާންކޮށް "ހެލްތް އެންޑް ސޭފްޓީ ސްޓޭންޑަރޑް" އެކުލަވައިލައި، ތަމްރީނުގެ މަރުކަޒުން ތަންފީޛުކުރަންވާނެއެވެ.
18 ވަނަ މާއްދާ - އަސާސީ ތަމްރީނު ކޯހުން ދަރިވަރުން ވަކިކުރުން
(ހ) ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ، ފުލުހެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އަސާސީ މިންވަރަށް ތައުލީމާއި ތަމްރީނު ދިނުމަށް ހިންގާ ކޯހެއްކަމުގައިވާތީ، އެ ކޯހުގެ ދަރިވަރަކަށް ކޯހުގެ މުއްދަތުގެ ތެރޭގައި އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޯހުން ވަކިކުރަންވާނެއެވެ.
- ތަމްރީނުކޯސް ފުރިހަމަ ނުކުރެވޭނެފަދަ އަނިޔާއެއް ނުވަތަ ސިއްހީ ސަބަބެއް ދިމާވުން؛
- ދަރިވަރުގެ ހާޒިރީ، މުޅި ކޯހަށް ކަނޑައެޅިފައިވާ ހާޒިރީގެ ނުވަތަ ވަކި މޮޑިއުލަކަށް ކަނޑައެޅިފައިވާ ހާޒިރީގެ %85 (އަށްޑިހަ ފަހެއް އިންސައްތަ) އަށް ވުރެ ދަށްވުން؛
- ކޯހުން ފާސްވުމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފާސްނުވުން؛ އަދި
- ދަރިވަރުގެ އުޅުމާއި އަހްލާގު ނުވަތަ ސުލޫކު، ތަމްރީނުގެ މަރުކަޒުން ކަނޑައަޅައިފައިވާ މިންގަނޑުތަކަށްވުރެ ދަށްވުން؛
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން އަސާސީ ތަމްރީނު ކޯހުން ވަކިކުރާ ދަރިވަރުންނަށް، ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރުމުގެ ގޮތުން އަސާސީ ތަމްރީނު ކޯހެއްގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ދޭންވާނެއެވެ.
19 ވަނަ މާއްދާ - އަސާސީ ތަމްރީނު ކޯހުން ފާސްނުވާ ފަރާތްތައް
(ހ) ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ވަކިވަކި އެސަސްމަންޓްތަކުން ފާސްނުވާ ފަރާތްތަކާމެދު މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
(ށ) ކޯހުގެ އެސެސްމަންޓްތަކުން ފާސްނުވާ ފަރާތްތަކަށް، އެ އެސެސްމަންޓުން ފާސްވުމުގެ އިތުރު ފުރުސަތެއް ކޯހުގެ ކެމްޕަސް މުއްދަތު ނިމުމަށްފަހު ދޭންވާނެއެވެ. މި ގޮތުން އެފަދަ އެސެސްމަންޓަކަށް ތައްޔާރުވުމަށް ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިތުރު ފުރުސަތެއް ދޭންވާނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
- ދަރިވަރު ފާސްނުވާ އެސެސްމަންޓްތަކުގެ މިންވަރު، އަސާސީ ތަމްރީނު ކޯހުގެ ޖުމްލަ އެސެސްމަންޓްތަކުގެ %25 (ފަންސަވީސް އިންސައްތަ) އަށް ވުރެ އިތުރު ނުވުން؛ އަދި
- ދަރިވަރުގެ ހާޒިރީ، އެ ދަރިވަރު ފާސްނުވާ މޮޑިއުލަށް ކަނޑައެޅިފައިވާ ހާޒިރީގެ %85 (އަށްޑިހަ ފަހެއް އިންސައްތަ) އަށް ވުރެ ދަށްނުވުން؛
20 ވަނަ މާއްދާ - އަސާސީ ތަމްރީނުން ފާސްނުވާ ފަރާތްތައް ވަޒީފާއިން ވަކިކުރުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަކުރުމަށް ދެވޭ ފުރުސަތުގައި އެ ތަމްރީނު ފުރިހަމަ ނުކުރެވޭ ފަރާތްތައް ނުވަތަ އެ ތަމްރީނުން ފާސްނުވާ ފަރާތްތަކަކީ، ފުލުހެއްގެ ވަޒީފާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންނުވާ ފަރާތެއް ކަމުގައި ބަލައި އެ މީހަކު ވަޒީފާއިން ވަކިކުރުމަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ އިންތިޒާމުތަކުގެ ތެރެއިން، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.
21 ވަނަ މާއްދާ - އެހެނިހެން ތަމްރީނުތަކުން ފާސްނުވާ ފަރާތްތައް
(ހ) ތަމްރީނުގެ މަރުކަޒުން ހިންގާ ތަމްރީނުތަކުގެ ތެރެއިން ފުލުހުންގެ އަސާސީ ތަމްރީނު ފިޔަވައި އެހެނިހެން ތަމްރީނުތަކުގައި ފާސްނުވާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާ ޕޮލިސީއެއް ތަމްރީނުގެ މަރުކަޒުގެ ފަރާތުން އެކުލަވައިލަންވާނެއެވެ. އަދި އެ ހާލަތުގައި އަމަލުކުރަންވާނީ، އެ ޕޮލިސީއެއްގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ށ) ތަމްރީނު ޕްރޮގްރާމެއްގެ ދަރިވަރަކާމެދު، ތައުދީބީ މައްސަލައެއް ތުހުމަތުކުރެވިގެން ތަމްރީނު ޕްރޮގްރާމުން ނުވަތަ ކޯހުން ވަކިކޮށްފިނަމަ، އެ ހާލަތުގައި އެ ދަރިވަރަކާމެދު އަމަލުކުރަންވާނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ތައުދީބީ މައްސަލަ ނިމޭގޮތަކަށް ބަލައި ރިއާޔަތްކުރުމަށްފަހުގައެވެ.
22 ވަނަ މާއްދާ - ފީލްޑް ޓްރެއިނިންގގެ މުއްދަތު
(ހ) ފީލްޑް ޓްރެއިނިންގއަކީ، ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރާ ފަރާތްތައް ނުވަތަ އެ ނޫންވެސް ކޯހެއް ނުވަތަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރާ ފަރާތްތަކުން ތަމްރީނުގެ މަރުކަޒުގެ ކެމްޕަސްގައި ހޭދަކުރާ ތަމްރީނުގެ މުއްދަތަށްފަހު، އެ ތަމްރީނަކާ ގުޅޭގޮތުން އަމަލީ ތަޖުރިބާ ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި ނުވަތަ އެ ނޫންވެސް ކޯހެއް ނުވަތަ ތަމްރީނު ޕްރޮގްރާމެއްގެ ތައުލީމާއި ތަމްރީނާ ގުޅޭ ދާއިރާއެއްގައި ކަނޑައެޅޭ ވަކި މުއްދަތަކަށް ސްޕަވައިޒަރެއްގެ ބެލުމުގެ ދަށުން މަސައްކަތްކުރުމަށް ކަނޑައެޅޭ މުއްދަތެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައެޅޭ ފީލްޑް ޓްރެއިނިންގގެ މުއްދަތުގައި ދަރިވަރުން އަދި އެ ދަރިވަރުންގެ ސްޕަވައިޒަރުންނާއި، އެ ދަރިވަރުން މަސައްކަތްކުރާ ދާއިރާއަކުން ދަރިވަރާމެދު އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ. މިގޮތުން އެކުލަވައިލާ އުސޫލުގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.
- ފީލްޑް ޓްރެއިނިންގގެ މުއްދަތުތައް؛
- ތަމްރީނުގެ މަރުކަޒުގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް؛
- ސްޕަވައިޒަރުގެ ޒިންމާތައް؛
- ދަރިވަރުންގެ ޒިންމާތައް؛
- ދަރިވަރު މަސައްކަތްކުރާ ތަނުން އަދާކުރަންޖެހޭ ޒިންމާތައް؛ އަދި
- ފީލްޑް ޓްރެއިނިންގ ފުރިހަމަ ނުކުރެވޭ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތްތައް.
23 ވަނަ މާއްދާ - އުނގެނުމަށް އަހުލުވެރިވުމާއި، މަސައްކަތުގެ ހުނަރު ދަސްކުރުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮންމެ މުވައްޒަފަކީ އެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާއިންނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އަސާސީ މަސައްކަތްތަކާ ގުޅޭގޮތުން އެ މުވައްޒަފެއްގެ ދައުރު އަދާކުރުމަށް ބޭނުންވާ ތަމްރީނާއި މަސައްކަތުގެ ހުނަރު ދަސްކުރާ ފަރާތެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ކޮންމެ ބަހާއެއްގައިވެސް ދަސްކުރުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅައިފައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަސްކުރުމަށް ހާއްސަ ވަގުތުތައް ކަނޑައަޅާނީ، އެ އިދާރީ ބަހާއެއްގެ މުވައްޒަފުން ރިޕޯޓުކުރާ އެގްޒެކެޓިވް އޮފިސަރެވެ. މި ގޮތުން ވަގުތު ކަނޑައެޅުމުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން ތަމްރީނުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ މަށްވަރާ ހޯދުމުގެ އިތުރުން އެ ކަމާ ގުޅޭގޮތުން ކޮމިށަނަރ އޮފް ޕޮލިސްގެ ލަފާ ހޯދަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ތަމްރީނާއި މަސައްކަތުގެ ހުނަރު ދަސްކުރުމާ ގުޅޭގޮތުން ހިންގާ ޕްރޮގްރާމްތަކާއި، އެ ނޫންވެސް ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި، ކޮންމެ ބަހާއެއްގައި އެ ކަމަށް މުވައްޒަފަކު ކަނޑައަޅާފައި ހުންނަންވާނެއެވެ.
ފަސްވަނަ ބާބު
ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް މުވައްޒަފުން ހޮވުން
24 ވަނަ މާއްދާ - ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް މުވައްޒަފުން ހޮވުން
(ހ) ތައުލީމާއި ތަމްރީނު އަދި އުނގެނުމުގެ ފުރުސަތުތަކަށް މުވައްޒަފުން ހޮވަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަށް އެންގުމަށްޓަކައި އިއުލާން ކުރުމަށްފަހު، ކުރިމަތިލި މުވައްޒަފުންގެ ތެރެއިން އެ ފުރުސަތަކަށް ފޮނުވަން އެންމެ އެކަށީގެންވާ މުވައްޒަފުންނެވެ.
(ށ) ތައުލީމާއި ތަމްރީނު އަދި އުނގެނުމުގެ ފުރުސަތުތަކަށް މުވައްޒަފުން ހޮވަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިއުލާނުކުރުމާ ގުޅިގެން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، އެ ފުރުސަތު ދިނުމަށް އެކަށޭނަކަމަށް، ތަމްރީނާގުޅޭ ލަފާދޭ ކޮމެޓީން ދޭ ލަފައަށް ރިއާޔަތްކުރުމަށްފަހު ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ތައުލީމާއި ތަމްރީނު އަދި އުނގެނުމުގެ ފުރުސަތުތަކަށް މުވައްޒަފުން ހޮވުމަށް ތަމްރީނާގުޅޭ ލަފާދޭ ކޮމެޓީން މުވައްޒަފުންނަށް ޕޮއިންޓް ދިނުމުގައި، މި ގަވާއިދުގެ ޖަދުވަލު-1 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ތަފާތު މިންގަނޑުތަކެއް ގެންގުޅެވިދާނެއެވެ. މި ގޮތުން ތަފާތު މިންގަނޑަކަށް ޕޮއިންޓްދޭނަމަ، އެފަދަ އުނގެނުމުގެ ފުރުސަތު އޮތްކަން ބަޔާންކޮށް ކުރާ އިއުލާނުގައި އެ ކަން ބަޔާންކުރަންވާނެއެވެ.
(ރ) ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން، ތައުލީމާއި ތަމްރީނު އަދި އުނގެނުމުގެ ފުރުސަތުތަކަށް އިއުލާން ކުރުމަކާ ނުލައި އެ ފުރުސަތަކަށް ފޮނުވާނެ ފަރާތެއް ކޮމިށަނަރ އޮފް ޕޮލިސްއަށް ކަނޑައެޅިދާނެއެވެ.
- ދިވެހި ފުލުހުންގެ ހިދުމަތުގެ ވަކި ބަހާއަކަށް އަމާޒުކޮށްގެން އަންނަ ކުރު މުއްދަތުގެ ތައުލީމާއި ތަމްރީނު އަދި އުނގެނުމުގެ ފުރުސަތުތަކާއި، ވަކި ބަހާއަކުން ހޯދާ އެ ބަހާއަކާ ގުޅުންހުރި އެފަދަ ފުރުސަތުތައް؛
- ވަކި ރޭންކެއްގެ ނުވަތަ ވަކި މަސައްކަތެއްކުރާ މުވައްޒަފަކު ބައިވެރި ކުރަންޖެހޭ ތައުލީމާއި ތަމްރީނު އަދި އުނގެނުމުގެ ފުރުސަތުތަކާއި، ތާޒާކުރުމުގެ ޕްރޮގްރާމްތައް؛ އަދި
- ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން ތަމްރީނުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގައި، މުވައްޒަފުން ތަމްރީނުކުރުމުގައި އަމަލީގޮތުން މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް.
(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ކުރުމުއްދަތުގެ ތައުލީމާއި ތަމްރީނު އަދި އުނގެނުމުގެ ފުރުސަތުކަމަށް ބުނެފައި އެވަނީ، ތައުލީމާއި ތަމްރީނާއި، ކޯހުގެ ނުވަތަ ޕްރޮގްރާމުގެ މުއްދަތު، 30 (ތިރީސް) ދުވަސް ނުވަތަ އެއަށްވުރެ ކުރު ނަމައެވެ.
(ޅ) ތައުލީމާއި ތަމްރީނު އަދި އުނގެނުމުގެ ފުރުސަތުތަކަށް ފޮނުވާ ފަރާތްތަކުން އެ ޕްރޮގްރާމެއް ނުވަތަ ކޯހެއް ފުރިހަމަކުރުމަށްފަހު ރިޕޯޓުކުރާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޕްރޮގްރާމަކުން އުނގެނުނު އެއްޗެއްގެ މައްޗަށް ތައްޔާރުކުރާ ރިޕޯޓެއް މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއަށް ހުށަހަޅަންވާނެއެވެ.
25 ވަނަ މާއްދާ - ކޯހަށް ށަރުތު ފުރިހަމަވާ މުވައްޒަފެއް ކުރިމަތިނުލުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަމްރީނު އަދި އުނގެނުމުގެ ފުރުސަތަކަށް އިއުލާނު ކުރުމުން އެ އިއުލާނުގައިވާ ށަރުތު ފުރިހަމަވާ މުވައްޒަފަކު ކުރިމަތިލާފައި ނުވާނަމަ، ނުވަތަ ކަނޑައަޅައިފައިވާ އަދަދަށް މުވައްޒަފުން ކުރިމަތިލައިފައި ނުވާނަމަ، އިތުރު ފުރުސަތަކަށް ހުޅުވައިލަންވާނެއެވެ. އެހެންނަމަވެސް، ދެވަނަ ފަހަރަށް އިއުލާނުކޮށްގެން މުވައްޒަފަކު ހޮވުމަށް އެކަށީގެންވާ ވަގުތު ނެތްނަމަ، އިތުރު ފުރުސަތަކަށް ހުޅުވައިލުމަކާނުލައި ކޯހަށް ފޮނުވާނެ މުވައްޒަފެއް ކަނޑައެޅިދާނެއެވެ.
(ށ) ދެވަނަ ފަހަރަށް ހުޅުވައިލުމުންވެސް ށަރުތު ފުރިހަމަވާ މުވައްޒަފަކު ކުރިމަތިލައިފައި ނުވާނަމަ، ނުވަތަ ކަނޑައަޅައިފައިވާ އަދަދަށް މުވައްޒަފުން ކުރިމަތިލައިފައި ނުވާނަމަ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުން ނޫން މީހުންނަށް ބައިވެރިވެވޭގޮތަށް، އާންމުކޮށް އެ ފުރުސަތަކަށް ހުޅުވައިލައި އިއުލާނު ކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އާންމުކޮށް ހުޅުވައިލައި އިއުލާނު ކުރާއިރު ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންވާ ށަރުތުތައް އިތުރު ކުރެވިދާނެއެވެ.
26 ވަނަ މާއްދާ - މަތީ ތައުލީމުގެ ފުރުސަތުތަކަށް މުވައްޒަފުން ހޮވުން
(ހ) ދިވެހި ފުލުހުންގެ ހިދުމަތުން ހަރަދު ކުރާގޮތަށް، މަތީ ތައުލީމު އުނގެނުމަށް ސްކޮލަރށިޕުގެ ގޮތުގައި ދެވޭ ފުރުސަތުތަކާއި، ކޯސްތަކަށް، ނުވަތަ އެހެން ފަރާތަކުން ދިވެހި ފުލުހުންގެ ހިދުމަތަށް ލިބޭ ސްކޮލަރށިޕްތަކަށް، މުވައްޒަފުން ހޮވަންވާނީ، އާންމުކޮށް އިއުލާނުކޮށްގެން އެ ކަމަށް އެދި ހުށަހަޅާ މުވައްޒަފުންގެ ތެރެއިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުވައްޒަފުން ހޮވަންވާނީ، މުވައްޒަފުންނަށް ޕޮއިންޓް ދިނުމަށް ކަނޑައަޅައިފައިވާ ގޮތުގެމަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށް އިސްކަންދިނުމާއެކު، އެ ފުރުސަތު ދިނުމަށް އެކަށޭނަކަމަށް، ތަމްރީނާގުޅޭ ލަފާދޭ ކޮމެޓީން ދޭ ލަފައަށް ރިއާޔަތްކުރުމަށްފަހު ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
(ނ) ދިވެހި ފުލުހުންގެ ހިދުމަތުން ހަރަދުކޮށްގެން ފުރަތަމަ ޑިގްރީއިން ފެށިގެން މަތީ ލެވެލެއްގެ ކޯހެއް ފުރިހަމަކޮށްފައިވާ މުވައްޒަފަކަށް، ދިވެހި ފުލުހުންގެ ހިދުމަތުން ހަރަދުކުރާ ގޮތަށް މަތީ ތައުލީމުގެ އިތުރު ފުރުސަތެއް ދޭންވާނީ، އެ މުވައްޒަފު، ކުރިން ފުރިހަމަކުރި ކޯސް ނިންމުމަށްފަހު، ދިވެހި ފުލުހުންގެ ހިދުމަތަށް 5 (ފަހެއް) އަހަރުދުވަހު ހިދުމަތް ކުރުމުންނެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، މުވައްޒަފުން ތަމްރީނުކުރުމަށް ކޮންމެހެން ބޭނުންވާ ދާއިރާއަކުން، ނުވަތަ ސީނިއަރ މެނޭޖްމަންޓުގެ މުވައްޒަފުން ބިނާކުރުމަށް އެފަދަ ފަރާތަކަށް މަތީ ތައުލީމުގެ ފުރުސަތު ދިނުމަށް، ކޮމިށަނަރ އޮފް ޕޮލިސްއަށް ނިންމިދާނެއެވެ.
(ބ) ދިވެހި ފުލުހުންގެ ހިދުމަތުން ހަރަދުކުރާގޮތަށް މުވައްޒަފުން ފޮނުވާ، މަތީ ތައުލީމުގެ ކޯސްތަކަށް، މުވައްޒަފުން ފޮނުވުމުގައި، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން އެކްރެޑިޓްކުރާ ކޯހެއް ނުވަތަ ޓްރެއިނިންގ ނީޑް އެނަލަސިސްގައި ހިމެނޭ ޕްރޮފެށަނަލް ކޯހެއްތޯ ބަލަންވާނެއެވެ.
(ޅ) މުވައްޒަފުންނަށް ދޭ މަތީ ތައުލީމުގެ ކޯސްތަކަށް މުވައްޒަފުން ހޮވަންވާނީ، އެ މުވައްޒަފު ހޮވާ ކޯސް ހިންގާ ފަރާތުން، އެ ކޯހަކަށް ކަނޑައަޅައިފައިވާ ށަރުތު އެ މުވައްޒަފުގެ ކިބައިގައި ހަމަވާނަމައެވެ. އަދި އެފަދަ ކޯހެއް ހަދާ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންވާނެކަމަށް، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ށަރުތު ފުރިހަމަވާނަމައެވެ.
(ކ) މުވައްޒަފުންނަށް ދޭ މަތީ ތައުލީމުގެ ކޯސްތަކަށް މުވައްޒަފުން ހޮވުމުގައި، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން އިތުރު އެހެން ށަރުތުތަކެއް، މުވައްޒަފުގެ ކިބައިގައި ހުރުމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައެޅިދާނެއެވެ.
(އ) މަތީ ތައުލީމުގެ ފުރުސަތުތަކަށް މުވައްޒަފުން ހޮވުމުގައި، އެންމެ އެކަށޭނަ މުވައްޒަފު ކަނޑައެޅުމުގައި، ކޯހަށް ށަރުތުހަމަވާ މުވައްޒަފުންނަށް، ކަނޑައެޅޭ ދާއިރާތަކަކުން ޕޮއިންޓް ދީ، އެންމެ މަތީ ޕޮއިންޓް ލިބޭ މުވައްޒަފަށް އިސްކަންދޭންވާނެއެވެ. މި ގޮތުން ޕޮއިންޓް ދޭނެ ދާއިރާތައް މި ގަވާއިދުގެ ޖަދުވަލު 1 ގައި އެވަނީއެވެ.
(ވ) މި މާއްދާގެ (އ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ދިވެހި ފުލުހުންގެ ހިދުމަތަށް ދާއިމީކޮށް ލިބެމުން އަންނަ ދިގުމުއްދަތުގެ ނުވަތަ ކުރު މުއްދަތުގެ ޕްރޮގްރާމުތަކާއި، ވަކި ރޭންކަކަށް ނުވަތަ ވަކި ގިންތިއެއްގެ މުވައްޒަފުންނަށް އަމާޒުކޮށް، ދިވެހި ފުލުހުންގެ ހިދުމަތުން ހިންގާ ޕްރޮގްރާމުތަކަށް މުވައްޒަފުން ހޮވުމަށް ޕޮއިންޓްދިނުމުގައި ތަފާތު މިންގަނޑެއް ގެންގުޅެވިދާނެއެވެ. މި ގޮތުން ތަފާތު މިންގަނޑަކަށް ޕޮއިންޓްދޭނަމަ، އެފަދަ އުނގެނުމުގެ ފުރުސަތު އޮތްކަން ބަޔާންކޮށް ކުރާ އިއުލާނުގައި އެ ކަން ބަޔާންކުރަންވާނެއެވެ.
(މ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުވައްޒަފަށް ލިބިފައިވާ ޕޮއިންޓް އެނގޭނެ ތަފުސީލުތައް މުވައްޒަފަށް އަންގަންވާނެއެވެ.
(ފ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، "ހަރަދު" ކަމަށް ބުނެފައި އެވަނީ، ކޯހުގެ މުއްދަތުގައި މުސާރަ ނުވަތަ އެލަވަންސެއް ދިނުމާއެކު، އިތުރު އެހެން ހަރަދެއް ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާނަމައެވެ.
27 ވަނަ މާއްދާ - ކޯހުގެ ހަރަދު ދީގެން ދިވެހިރާއްޖޭގައި ކޯސް ފުރިހަމަކުރުމާ ގުޅިގެން ހިދުމަތްކުރަންޖެހޭ މުއްދަތު
ދިވެހިރާއްޖޭގައި ހިންގާ ކޯސްތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ހަރަދުގައި ކޯސް ފުރިހަމަކުރުމަށް މުވައްޒަފުންނަށް ދެވޭ ސްކޮލަރށިޕްތަކާ ގުޅިގެން، މުވައްޒަފު ދިވެހި ފުލުހުންގެ ހިދުމަތަށް، ހިދުމަތް ކުރަންޖެހޭ މުއްދަތު ތިރީގައި އެވަނީއެވެ.
(ހ) ކޯހުގެ މުއްދަތު، 29 (ނަވާވީސް) ދުވަހަށް ވުރެ ކުރު ނަމަ، 3 (ތިނެއް) މަސްދުވަހުގެ މުއްދަތު؛
(ށ) ކޯހުގެ މުއްދަތު، 30 (ތިރީސް) ދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު؛
(ނ) ކޯހުގެ މުއްދަތު، 6 (ހައެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު؛
(ރ) ކޯހުގެ މުއްދަތު، 12 (ބާރަ) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތު؛ އަދި
(ބ) ކޯހުގެ މުއްދަތު، 18 (އަށާރަ) މަސްދުވަހަށްވުރެ އިތުރުވާނަމަ، 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތު؛
28 ވަނަ މާއްދާ - ކޯހުގެ ހަރަދުގެ ދެބައިކުޅައެއްބައި ދީގެން، ދިވެހިރާއްޖޭގައި ކޯސް ފުރިހަމަކުރުމާ ގުޅިގެން ހިދުމަތް ކުރަންޖެހޭ މުއްދަތު
ދިވެހިރާއްޖޭގައި ހިންގާ ކޯސްތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުން ކޯހުގެ ދެބައިކުޅަ އެއްބައި ހަރަދު ދޭގޮތަށް، ކޯސް ފުރިހަމަކުރާ މުވައްޒަފުން ދިވެހި ފުލުހުންގެ ހިދުމަތަށް، ހިދުމަތް ކުރަންޖެހޭ މުއްދަތު ތިރީގައި އެވަނީއެވެ.
(ހ) ކޯހުގެ މުއްދަތު، 29 (ނަވާވީސް) ދުވަހަށް ވުރެ ކުރު ނަމަ، 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތު؛
(ށ) ކޯހުގެ މުއްދަތު، 30 (ތިރީސް) ދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 6 (ހައެއް) މަސްދުވަހުގެ މުއްދަތު؛
(ނ) ކޯހުގެ މުއްދަތު، 6 (ހައެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު
(ރ) ކޯހުގެ މުއްދަތު، 12 (ބާރަ) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 18 (އަށާރަ) މަސްދުވަހުގެ މުއްދަތު؛ އަދި
(ބ) ކޯހުގެ މުއްދަތު، 18 (އަށާރަ) މަސްދުވަހަށްވުރެ އިތުރުވާނަމަ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު؛
29 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގައި ކޯސް ފުރިހަމަކުރުމާ ގުޅިގެން ހިދުމަތް ކުރަންޖެހޭ މުއްދަތު
(ހ) ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި ހިންގާ ކޯސްތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ހަރަދުގައި ކޯސް ފުރިހަމަކުރުމަށް ސްކޮލަރށިޕް ދެވޭ މުވައްޒަފުންނާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ހަރަދުގައި ސެމިނަރ އަދި ވާރކްށޮޕްތަކުގައި ބައިވެރިކުރާ މުވައްޒަފުން، ދިވެހި ފުލުހުންގެ ހިދުމަތަށް، ހިދުމަތް ކުރަންޖެހޭ މުއްދަތު ތިރީގައި އެވަނީއެވެ.
- މުއްދަތު، 29 (ނަވާވީސް) ދުވަހަށް ވުރެ ކުރު ނަމަ 6 (ހައެއް) މަސްދުވަހުގެ މުއްދަތު؛
- މުއްދަތު، 30 (ތިރީސް) ދުވަހާއި 3 (ތިނެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު؛
- މުއްދަތު، 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު؛
- މުއްދަތު، 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތު؛
- މުއްދަތު، 1 (އެކެއް) އަހަރުދުވަހާއި 2 (ދޭއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތު؛
- މުއްދަތު، 2 (ދޭއް) އަހަރުދުވަހާއި 4 (ހަތަރެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތު؛ އަދި
- މުއްދަތު، 4 (ހަތަރެއް) އަހަރުދުވަހަށްވުރެ ދިގުނަމަ، 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތު.
30 ވަނަ މާއްދާ - ކޯހުގެ ހަރަދުގެ ދެބައިކުޅައެއްބައި ދީގެން ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި ކޯސް ފުރިހަމަކުރުމާ ގުޅިގެން ހިދުމަތް ކުރަންޖެހޭ މުއްދަތު
(ހ) ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި ހިންގާ ކޯސްތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުން ކޯހުގެ ހަރަދުގެ ދެބައިކުޅަ އެއްބައި ދޭގޮތަށް ކޯސް ފުރިހަމަކުރާ މުވައްޒަފުންނާއި، ސެމިނަރ، ވާރކްށޮޕްތަކުގެ ހަރަދުގެ ދެބައިކުޅަ އެއްބައި ދިވެހި ފުލުހުންގެ ހިދުމަތުން ދޭގޮތަށް ބައިވެރިކުރާ މުވައްޒަފުން، ދިވެހި ފުލުހުންގެ ހިދުމަތަށް، ހިދުމަތް ކުރަންޖެހޭ މުއްދަތު ތިރީގައި އެވަނީއެވެ.
- މުއްދަތު، 29 (ނަވާވީސް) ދުވަހަށް ވުރެ ކުރު ނަމަ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު؛
- މުއްދަތު، 30 (ތިރީސް) ދުވަހާއި 3 (ތިނެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 6 (ހައެއް) މަސްދުވަހުގެ މުއްދަތު؛
- މުއްދަތު، 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު؛
- މުއްދަތު، 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 18 (އަށާރަ) މަސްދުވަހުގެ މުއްދަތު؛
- މުއްދަތު، 1 (އެކެއް) އަހަރުދުވަހާއި 2 (ދޭއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު؛
- މުއްދަތު، 2 (ދޭއް) އަހަރުދުވަހާއި 4 (ހަތަރެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 30 (ތިރީސް) މަސްދުވަހުގެ މުއްދަތު؛ އަދި
- މުއްދަތު، 4 (ހަތަރެއް) އަހަރުދުވަހަށްވުރެ ދިގުނަމަ، 42 (ސާޅީސް ދޭއް) މަސްދުވަހުގެ މުއްދަތު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯސް ފުރިހަމަކޮށްފައިވަނީ ނޯޕޭ ލީވެއްގައި އަމިއްލަ ހަރަދުގައި ނަމަ، ކޯސް ފުރިހަމަކުރުމަށްފަހު ހިދުމަތް ކުރުމަށް ބޮންޑެއް ނޯންނާނެއެވެ.
31 ވަނަ މާއްދާ - ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ޗުއްޓީ ދިނުމާ ގުޅިގެން ހިދުމަތްކުރަންޖެހޭ މުއްދަތު
(ހ) ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް މުވައްޒަފަކަށް ދޭ ޗުއްޓީއެއްގައި ހުރެ ތައުލީމު ހާސިލުކުރާ މުވައްޒަފަކަށް، އެ މުއްދަތަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ގޮތެއްގެމަތިން މުސާރަ ދީފައިވާތީ، އެ މުވައްޒަފަށް މުސާރަ ދީފައިވާ މުއްދަތަށް ރިއާޔަތްކޮށް، އަންނަނިވި ގޮތުގެމަތިން ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތްކުރަންވާނެއެވެ.
- ކޯހުގެ މުއްދަތު، 29 (ނަވާވީސް) ދުވަހަށް ވުރެ ކުރު ނަމަ 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތު؛
- ކޯހުގެ މުއްދަތު، 30 (ތިރީސް) ދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 6 (ހައެއް) މަސްދުވަހުގެ މުއްދަތު؛
- ކޯހުގެ މުއްދަތު، 6 (ހައެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު؛
- ކޯހުގެ މުއްދަތު، 12 (ބާރަ) މަސްދުވަހާއި، 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 18 (އަށާރަ) މަސްދުވަހުގެ މުއްދަތު؛ އަދި
- ކޯހުގެ މުއްދަތު، 18 (އަށާރަ) މަސްދުވަހަށްވުރެ އިތުރުވާނަމަ، އެ ކޯހުގެ މުއްދަތާ އެއްވަރުގެ މުއްދަތެއް.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުން ކޯހުގެ ހަރަދު ދޭގޮތަށް މަތީތައުލީމު ހާސިލުކުރުމަށް ދެވޭ ފުރުސަތަކީ ދިވެހި ފުލުހުންގެ ހިދުމަތުން މުވައްޒަފަށް ދެވޭ ސްކޮލަރށިޕަކަށް ވުމުން، އެ ކޯހުގެ މުއްދަތުގައި މުސާރައާއި، އެންމެހައި އެލަވަންސްތައް މުވައްޒަފަށް ދިންނަމަވެސް، އެ ހާލަތުގައި އެ މުވައްޒަފަކީ، މި މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފަކަށް ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ދޭ ޗުއްޓީއެއްގައި ހުންނަ މުވައްޒަފަކަށް ނުވާތީ، އެފަދަ މުވައްޒަފަކަށް މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށް ހިދުމަތްކުރުން ލާޒިމެއް ނުކުރެވޭނެއެވެ.
32 ވަނަ މާއްދާ - ހިދުމަތްކުރަންޖެހޭ މުއްދަތަށް ބަދަލު އައުން
(ހ) ކޯހެއް، ނުވަތަ ތަމްރީނެއް، ނުވަތަ ވާރކްށޮޕެއް، ނުވަތަ ސެމިނަރއެއް، ނުވަތަ މަތީތައުލީމު ހާސިލުކުރުމަށް ދެވުނު ފުރުސަތަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތަށް ވަކި މުއްދަތަކަށް ހިދުމަތްކުރަން ޖެހިފައިވާ މުވައްޒަފަކު، ހިދުމަތްކުރަންޖެހޭ މުއްދަތަށް ހިދުމަތްކޮށް ނުނިމެނީސް، އެ މުވައްޒަފަށް ދެވޭ އެފަދަ އިތުރު ފުރުސަތަކާ ގުޅިގެން، ހިދުމަތްކުރަންޖެހުނު މުއްދަތު، އޭގެކުރިން އެ މުވައްޒަފު ހިދުމަތްކުރަންޖެހިފައިވާ މުއްދަތަށްވުރެ އިތުރުވާނަމަ، އެ ހާލަތުގައި މުވައްޒަފު ހިދުމަތްކުރަންޖެހޭނީ އެ ދެ މުއްދަތުން ދިގު މުއްދަތަކަށެވެ.
(ށ) ދިވެހި ފުލުހުންގެ ހިދުމަތަށް ވަކި މުއްދަތަކަށް ހިދުމަތްކުރަންޖެހޭ މުވައްޒަފަކު، ހިދުމަތްކޮށް ނުނިމެނީސް، މުވައްޒަފުގެ ހިދުމަތް ނުލިބޭފަދަ ޗުއްޓީއަކަށް ނުވަތަ އެނޫންވެސް، ގޮތަކުން މުވައްޒަފުގެ ހިދުމަތް ނުލިބި ހޭދަވާ މުއްދަތު، އެ މުވައްޒަފު ހިދުމަތްކުރަންޖެހޭ މުއްދަތުން އުނިވެގެންނުދާނެއެވެ.
33 ވަނަ މާއްދާ - ތައުލީމާއި ތަމްރީނުގެ ފުރުސަތަށް މުސާރަ ލިބޭ ޗުއްޓީ ދިނުން
(ހ) ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް، މުވައްޒަފުން ދޫކުރުމަށް މުސާރަ ލިބޭގޮތަށް ދޭ ޗުއްޓީ ދިނުމަށް އެދި ހުށަހެޅުމަށް އަހަރަކު 4 (ހަތަރު) ފަހަރަށްވުރެ ގިނަ ނޫން މިންވަރަށް ހުޅުވައިލެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުރުސަތު އޮތްކަން އަންގާ އިއުލާނުކުރާއިރު، ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންވާ ތައުލީމާއި ތަމްރީނު އުނގެނުމަށް ނުވަތަ މުވައްޒަފު އަމިއްލައަށް ދާއިރާ ހުށަހަޅަން ހުޅުވައިލެވިދާނެއެވެ. ނަމަވެސް، މިގޮތުން މުވައްޒަފު އިހްތިޔާރުކުރާ އަމިއްލަ ދާއިރާއަކީ ޓްރެއިނިންގ ނީޑް އެނަލިސިސްގައި ހިމެނޭ ދާއިރާއަކަށް ވާންވާނެއެވެ.
(ނ) ތައުލީމު ހާސިލުކުރުމަށްޓަކައި މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީ މުވައްޒަފަކަށް ދެވޭނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުޅުވައިލާ ފުރުސަތުގައި ހުށަހަޅާ ހުށަހެޅުމެއް ތަމްރީނާގުޅޭ ލަފާދޭ ކޮމެޓީން ވަޒަންކޮށް ބެލުމަށްފަހުގައެވެ.
34 ވަނަ މާއްދާ - ތައުލީމު ހާސިލުކުރުމަށްޓަކައި މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީގެ ށަރުތުތައް
(ހ) ތައުލީމު ހާސިލުކުރުމަށްޓަކައި މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީ ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ މުވައްޒަފުންނަށެވެ.
- ދިވެހި ފުލުހުންގެ ހިދުމަތުގައި 5 (ފަހެއް) އަހަރުދުވަހު ހިދުމަތް ކޮށްފައިވުން؛
- އެންމެ ފަހުން ތައުލީމު ހާސިލުލުކުރުމަށް މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީ ދެވުނުތާ 2 (ދޭއް) އަހަރުދުވަސް ފާއިތުވެފައިވުން؛
- ކޮލިފައިޑް ޕޮލިސް އޮފިސަރެއް ކަމުގައިވުން؛
- ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، ތައުދީބީ މައްސަލައެއްގައި ޑިސިޕްލިނަރީ ބޯޑުން ނުވަތަ އިސްތިއުނާފު ކޮމެޓީން ފިޔަވަޅު އަޅައިފައި ނުވުން؛
- ހިދުމަތުގެ ފެންވަރު ވަޒަންކުރުމުގެ މިންގަނޑުން ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތުގައި ފާސްވެފައިވުން؛
- ބައިވެރިވާން އެދި ހުށަހަޅައިފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޯހެއްކަމުގައިވުން. ނުވަތަ ޓްރެއިނިންގ ނީޑް އެނަލަސިސްގައި ހިމެނޭ ޕްރޮފެށަނަލް ކޯހެއްކަމުގައިވުން؛ އަދި
- ބައިވެރިވާން އެދި ހުށަހަޅައިފައިވާ ކޯހަކީ ދިވެހި ފުލުހުންގެ ހިދުމަތަށް ބޭނުންތެރި ކޯހެއް ކަމުގައިވުން؛
(ށ) ސަރުކާރުން ނުވަތަ ދިވެހިރާއްޖޭގައި ހިންގާ ތައުލީމާއި ތަމްރީނު ދިނުމުގެ މަރުކަޒަކުން މުވައްޒަފަކަށް ދޭ ސްކޮލަރށިޕެއްގައި ދިއުމަށް މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީ ދިނުމުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވުން ލާޒިމެއްނޫނެވެ.
35 ވަނަ މާއްދާ - ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީއަށް އަދި މުސާރަ ނުލިބޭ ޗުއްޓީއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް
ތައުލީމު ހާސިލުކުރުމަށްޓަކައި މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީއަށް އަދި މުސާރަ ނުލިބޭ ޗުއްޓީއަށް އެދި ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.
(ހ) ކޯސް ހިންގާ ފަރާތުން އެ މުވައްޒަފަށް ކޯސް ލިބިފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް؛
(ށ) ކޯހުގެ މުގައްރަރާއި، މުއްދަތު އެނގޭނޭ ރަސްމީ ލިޔުމެއް؛
(ނ) ކޯހަކީ ވަކި ފަރާތަކުން ހަރަދުކުރާ ގޮތަށް ހަމަޖެހިފައިވާ ކޯހެއް ނަމަ، އެ ފަރާތުން ހަރަދު ކުރާނެކަން ބަޔާންކުރާ ލިޔުން؛
(ރ) ކޯހުގެ ވަކި މުއްދަތެއް ފުރިހަމަކުރުމަށްފަހު މުސާރަ ލިބޭ ޗުއްޓީ ހަމަޖައްސައިދޭން އެދޭނަމަ، ފުރިހަމަކޮށްފައިވާ ސެމިސްޓަރތަކުގެ ނަތީޖާ؛ އަދި
(ބ) މި ނޫނަސް ކޯހާ ގުޅޭގޮތުން ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ހިދުމަތުން އަންގާ ލިޔުން.
36 ވަނަ މާއްދާ - ތައުލީމު ހާސިލުކުރުމަށްޓަކައި މުސާރަ ނުލިބޭ ޗުއްޓީ ދިނުމުގެ ށަރުތުތައް
ތައުލީމު ހާސިލުކުރުމަށްޓަކައި މުސާރަ ނުލިބޭ ޗުއްޓީ ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ މުވައްޒަފުންނަށެވެ.
(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި 5 (ފަހެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވުން؛
(ށ) ފުލުހެއްނަމަ، ކޮލިފައިޑް ޕޮލިސް އޮފިސަރެއް ކަމުގައިވުން؛
(ނ) ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، ތައުދީބީ މައްސަލައެއްގައި ޑިސިޕްލިނަރީ ބޯޑުން ނުވަތަ އިސްތިއުނާފު ކޮމެޓީން ފިޔަވަޅު އަޅައިފައި ނުވުން؛
(ރ) ހިދުމަތުގެ ފެންވަރު ވަޒަންކުރުމުގެ މިންގަނޑުން ވޭތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތުގައި ފާސްވެފައިވުން؛
(ބ) ބައިވެރިވާން އެދި ހުށަހަޅައިފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޯހެއް ކަމުގައިވުން. ނުވަތަ ޓްރެއިނިންގ ނީޑް އެނަލަސިސްގައި ހިމެނޭ ޕްރޮފެށަނަލް ކޯހެއްކަމުގައިވުން؛
(ޅ) ބައިވެރިވާން އެދި ހުށަހަޅައިފައިވާ ކޯހަކީ ދިވެހި ފުލުހުންގެ ހިދުމަތަށް ބޭނުންތެރި ކޯހެއް ކަމުގައިވުން؛
37 ވަނަ މާއްދާ - ތައުލީމު ހާސިލުކުރުމަށްޓަކައި މުސާރަލިބޭގޮތަށް ދެވޭ ޗުއްޓީ އަދި މުސާރަ ނުލިބޭ ޗުއްޓީ ދިނުމަށް ނިންމުން
ތައުލީމު ހާސިލުކުރުމަށްޓަކައި މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީ އަދި މުސާރަ ނުލިބޭ ޗުއްޓީ ދިނުމަށް ނިންމާނީ، މުވައްޒަފު ހުށަހަޅައިފައިވާ ލިޔުންތަކަށާއި، ތަމްރީނާ ގުޅޭ ލަފާދޭ ކޮމެޓީން ދީފައިވާ ލަފައަށް ރިއާޔަތްކޮށް ކޮމިށަނަރ އޮފް ޕޮލިސްއެވެ.
38 ވަނަ މާއްދާ - ވަޒީފާ އަދާކުރަމުން ތައުލީމު ހާސިލުކުރުމަށް ދެވޭ ފުރުސަތު ދިނުމުގެ ށަރުތުތައް
ވަޒީފާ އަދާކުރަމުން ތައުލީމު ހާސިލުކުރުމަށް ފުރުސަތުދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ މުވައްޒަފުންނަށެވެ.
(ހ) ފުލުހެއްނަމަ، ކޮލިފައިޑް ޕޮލިސް އޮފިސަރެއް ކަމުގައިވުން؛
(ށ) ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، ތައުދީބީ މައްސަލައެއްގައި ޑިސިޕްލިނަރީ ބޯޑުން ނުވަތަ އިސްތިއުނާފު ކޮމެޓީން ފިޔަވަޅު އަޅައިފައި ނުވުން؛
(ނ) ހިދުމަތުގެ ފެންވަރު ވަޒަންކުރުމުގެ މިންގަނޑުން ވޭތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތުގައި ފާސްވެފައިވުން؛
(ރ) ބައިވެރިވާން އެދި ހުށަހަޅައިފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޯހެއްކަމުގައިވުން؛
(ބ) ބައިވެރިވާން އެދި ހުށަހަޅައިފައިވާ ކޯހަކީ ދިވެހި ފުލުހުންގެ ހިދުމަތަށް ބޭނުންތެރި ކޯހެއް ކަމުގައިވުން؛ އަދި
(ޅ) މުވައްޒަފު މަސައްކަތްކުރާ އިދާރީ ބަހާގެ އިސްވެރިއަކު، މުވައްޒަފު ދޫކުރުމަށް އިއުތިރާޒެއް ނެތްކަން ބަޔާންކޮށްފައިވުން.
39 ވަނަ މާއްދާ - ވަޒީފާ އަދާކުރަމުން ތައުލީމު ހާސިލުކުރުމަށް ދެވޭ ފުރުސަތަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް
ވަޒީފާ އަދާކުރަމުން ތައުލީމު ހާސިލުކުރުމަށް ދޫކޮށްދިނުމަށް އެދި ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.
(ހ) ކޯސް ހިންގާ ފަރާތުން އެ މުވައްޒަފަކަށް ކޯސް ލިބިފައިވާކަން އެނގޭނޭ ރަސްމީ ލިޔުމެއް؛
(ށ) ކޯހުގެ މުގައްރަރާއި، މުއްދަތު އެނގޭނޭ ރަސްމީ ލިޔުމެއް؛
(ނ) ބްލޮކް މޯޑަށް، ރާއްޖެއިން ބޭރު ގައުމެއްގައި ހިންގާ ކޯހެއްނަމަ، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން އެކްރެޑިޓްކުރާ ކޯހެއްކަން އެނގޭނެ ރަސްމީ ލިޔުމެއް؛
(ރ) ކޯހުގެ މުއްދަތުގައި އެ މުވައްޒަފު ރަސްމީ ޑިއުޓީ އަދާކުރަންޖެހޭގޮތް ބަޔާންކޮށްފައިވާ ތާވަލު ނުވަތަ ޑިޕާޓްމަންޓުން ދޫކުރާ ލިޔުމެއް؛ އަދި
(ބ) ކޯހުގެ ކިޔެވުން އާންމު އުސޫލުން އޮންނަ ގަޑި އެނގޭނެ ލިޔުމެއް.
40 ވަނަ މާއްދާ - ވަޒީފާ އަދާކުރަމުން ތައުލީމު ހާސިލުކުރުމަށްޓަކައި ފުރުސަތު ދިނުމުގައި ބަލާނެ ކަންތައްތައް
(ހ) ވަޒީފާ އަދާކުރަމުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކަށް ފުރުސަތު ދިނުމުގައި ތިރީގައިވާ ކަންތައްތަކަށް ބަލަންވާނެއެވެ.
- ކުރިން ދެވިފައިވާ ފުރުސަތުގެ ބޭނުންކޮށްފައިވާ ގޮތް؛
- އެންމެފަހުން ދެވިފައިވާ ފުރުސަތު ނިމުނު ފަހުން ހޭދަވެފައިވާ މުއްދަތު؛ އަދި
- ހުއްދައަށް އެދޭ ކޯހަކީ ކުރިން ހާސިލުކޮށްފައިވާ ސަނަދުގެ ލެވެލަށްވުރެ މަތީ ލެވެލެއްގެ ކޯހެއް ކަމުގައިވުން؛
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މުވައްޒަފު ހުށަހަޅައިފައިވާ ހުށަހެޅުމުގެ ބޭނުންތެރި މިންވަރަށް ރިއާޔަތްކޮށް، އެފަދަ ހާލަތެއްގައިވެސް، މުވައްޒަފަށް ފުރުސަތުދިނުމަށް ނިންމިދާނެއެވެ.
41 ވަނަ މާއްދާ - ވަޒީފާ އަދާކުރަމުން ތައުލީމު ހާސިލުކުރުމަށް ފުރުސަތު ދިނުމަށް ނިންމުން
ވަޒީފާ އަދާކުރަމުން ތައުލީމު ހާސިލުކުރަން ފުރުސަތު ދިނުމަށް ނިންމާނީ، މުވައްޒަފު ހުށަހަޅައިފައިވާ ލިޔުންތަކަށް ރިއާޔަތްކުރުމަށްފަހު، ތަމްރީނާގުޅޭ ލަފާދޭ ކޮމެޓީން ކަނޑައަޅާ ގޮތެއްގެމަތިންނެވެ
42 ވަނަ މާއްދާ - ހުސްވަގުތުގައި ތައުލީމު ހާސިލުކުރުމާއި، ލިބޭ ސަނަދުތައް ބަލައިގަތުން
(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ވަޒީފާގައި ދެމިހުރެ، މުވައްޒަފުންނަށް އެ މުވައްޒަފަކަށް ލިބޭ ހުސްވަގުތުތަކުގައި، އެ މީހެއްގެ ރަސްމީ މަސައްކަތަށް ދަތިނުވާގޮތަށް، އަމިއްލައަށް ތައުލީމު ހާސިލުކުރުމަކީ މުވައްޒަފުންނަށް ކުރެވިދާނެ ކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އަމިއްލައަށް ތައުލީމު ހާސިލުކުރާ މުވައްޒަފުންވެސް އެ މުވައްޒަފަކު ތައުލީމު ހާސިލުކުރާކަމާއި، ހާސިލުކުރަމުންދާ ތައުލީމު ޕްރޮގްރާމެއްގެ މައުލޫމާތު ލިޔުމުން މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީބަހާއަށާއި، އެ މުވައްޒަފު މަސައްކަތްކުރާ އިދާރީބަހާއަށް އަންގަންވާނެއެވެ.
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ލިޔުމުން ހުއްދަ ހޯދައިގެން ނުވަތަ ސްކޮލަށިޕް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ފޮނުވާ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގައި ކޯސް ފުރިހަމަކުރާ ފަރާތްތަކުގެ ސެޓުފިކެޓުތައް ބަލައިގަންނަ އުސޫލުން މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުސްވަގުތުތަކުގައި ތައުލީމާއި ތަމްރީނު ހާސިލުކުރާ ފަރާތްތަކުގެ ސެޓުފިކެޓުތައް ބަލައިގަންނަންވާނެއެވެ.
(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، މި މާއްދާގައި ބަޔާންކޮފައިވާ އާންމު އުސޫލާ ތައާރުޒުނުވާ ގޮތުގެމަތިން އަމަލުކޮށް، ހާސިލުކޮށްފައިވާ ސެޓުފިކެޓުތައް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލުން ބަލައިގަތުމަށް ނިންމިދާނެއެވެ.
43 ވަނަ މާއްދާ - ހިދުމަތްކުރުމުގެ އެއްބަސްވުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެ ކުރިން ދިވެހި ފުލުހުންގެ ހިދުމަތަށް، ހިދުމަތްކުރުމަށް ށަރުތުކޮށް އެއްބަސްވުމެއްގައި މުވައްޒަފު ސޮއިކުރަންވާނެއެވެ.
44 ވަނަ މާއްދާ - އެއްބަސްވުމާ ހިލާފުވުމުން ފިޔަވަޅުއެޅުން
މި ގަވާއިދުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވެވޭ އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ނުކޮށްފިނަމަ، އެމީހަކާއެކު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
45 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ޖަދުވަލު-1
ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް އެންމެ އެކަށޭނަ މުވައްޒަފުން ހޮވުމުގައި ޕޮއިންޓް ދެވޭނެ ދާއިރާތައް
- ހިދުމަތުގެ މުއްދަތު 10 ޕޮއިންޓް
- ކޮލިފިކޭށަން 20 ޕޮއިންޓް
- ކުރިން ދެވިފައިވާ ފުރުސަތުތައް 10 ޕޮއިންޓް
- ކުރިމަތިލައިފައިވާ ދާއިރާއިން ލިބިފައިވާ ތަޖުރިބާ 10 ޕޮއިންޓް
- އަހްލާގު 10 ޕޮއިންޓް
- ޕަރފޯމަންސް 20 ޕޮއިންޓް
- އިންޓަރވިއު 20 ޕޮއިންޓް
ކިޔުންތެރިންގެ ހިޔާލު