ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-58)
(މި ގަވާއިދުގެ 27 ވަނަ މާއްދާއިން ވަނީ އުސޫލު 23 ޑިސެމްބަރު 2019 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 3.03 ވަނަ މާއްދާއާއި 4.01 ވަނަ މާއްދާއާއި 4.03 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅައިފައިވާ ގޮތުގެ މަތީން ކައުންސިލްތަކުން އަންދާޒާ ބަޖެޓު ތައްޔާރުކުރުމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން ކައުންސިލަތަކަށް އެކަށައަޅައިފައިވާ ފައިސާ ކައުންސިލްތަކަށް ދޫކުރުމާއި،ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެ މިންގަނޑު ކަނޑައެޅުމަށް ޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 79 ވަނަ މާއްދާގެ (އ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި،ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގައިވާ އިޖުރާއަތުތައް ފުރިހަމަވާ ގޮތަށް ދައުލަތުގެ ބަޖެޓުން ފިސްކަލް ފޯމިއުލާ ބޭނުންކޮށްގެން ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައަޅާނެ ގޮތާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރާނެ ގޮތާއި، ބަޖެޓުން ހަރަދުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމާއި، ކައުންސިލްތަކުގެ މާލީ ހިސާބުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމުގައި، ކައުންސިލްތަކުންނާއި، ގައުމީ އިދާރާތަކުން އަމަލުކުރާނެ ގޮތް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ތަފުސީލު
(ހ) ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ ހިލޭ އެހީ ބެހިގެންވަނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.
- ދައުލަތުގެ އެ އަހަރެއްގެ ޖުމުލަ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން %5) ފަހެއް އިންސައްތަ)؛
- ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ %40 (ސާޅީސް އިންސައްތަ).
(ށ) މި ގަވާއިދުގެ ބޭނުމަށް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދައުލަތުގެ ޖުމުލަ އާމްދަނީކަމަށް ބަލާނީ، ދައުލަތުގެ ޖުމުލަ އާމްދަނީން ވަކި ކަމަކަށް ކަނޑައަޅައިފައިވާ އާމްދަނީއާއި، އެ އަހަރު އާމްދަނީ އިތުރުކުރުމަށް ހުށަހަޅައި އައު ކަންކަމުން ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، ބިމާއި، ރަށްރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އުނިކުރުމުން އަންނަ އަދަދަށެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލްތަކަށް ދޫކުރާ ހިލޭ އެހީއަށް ކިޔާނީ "ބްލޮކް ގްރާންޓް" އެވެ.
4 ވަނަ މާއްދާ - ބްލޮކް ގްރާންޓް ކައުންސިލްތަކަށް ބަހާ ގޮތް ކަނޑައެޅުން
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކައުންސިލްތަކަށް ބަހާ ބްލޮކް ގްރާންޓުގެމިންވަރު ބިނާކުރާނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.
- ބްލޮކް ގްރާންޓް، ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ބަހަން ކަނޑައަޅާ ނިސްބަތްތައް؛
- އިކުއިލައިޒޭށަން އެލޮކޭށަން؛
- ވަކިވަކި ކައުންސިލްތަކަށް ބްލޮކް ގްރާންޓް ބެހުމުގައި ފިސްކަލް ފޯމިއުލާއިން ކަނޑައަޅާ ކަންތައްތައް.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ މިންވަރުގެ ތެރެއިން ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ބަހާނެ ނިސްބަތްތައް ކަނޑައަޅާނީ، އެ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގެ މަރުހަލާގެ ތެރެއިން މިނިސްޓްރީންނެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އެއްވެސް ކައުންސިލަކަށް ލިބޭ ބްލޮކް ގްރާންޓުގެ ފައިސާ އެކަށީގެންވާ މިންވަރަށްވުރެ މަދުވިޔަ ނުދީ ހިފެހެއްޓުމަށް ޓަކައި، ބްލޮކް ގްރާންޓުގެ ތެރެއިން އިކުއަލައިޒޭށަން އެލޮކޭށަނެއްގެ ގޮތުގައި ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ބަހާނެ ނިސްބަތްތައް ކަނޑައަޅާނީ، އެ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގެ މަރުހަލާގެ ތެރެއިން މިނިސްޓްރީންނެވެ.
(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ވަކިވަކި ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުގެ މިންވަރު ކަނޑައެޅުމުގައި ބަލާ މިންގަނޑު ބިނާކުރާނީ، އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.
- ރަށުގެ އާބާދީ (އަތޮޅު ކައުންސިލެއްނަމަ، އަތޮޅުގެ އާބާދީ)؛
- ބިމުގެ ސަރަހައްދު (އަތޮޅު ކައުންސިލެއްނަމަ، އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ބިމުގެ ސަރަހައްދުގެ ޖުމުލަ)؛
- އަތޮޅުގެ ވެރިކަންކުރާ ރަށާ ހުރި ދުރުމިން (އަތޮޅު ކައުންސިލެއްނަމަ، އަތޮޅުގެ ވަކިވަކި ރަށްރަށާއި ވެރިކަން ކުރާ ރަށާ ދެމެދު ހުރި ދުރުމިނުގެ ޖުމުލަ)؛
- މާލެއާ ހުރި ދުރުމިން؛
- ލޯކަލް ގަވަމަންޓް އޮތޯރިޓީން ވަޒަންކޮށް ކައުންސިލްތަކުގެ ޕާފޯމަންސަށް ދޭ ސްކޯރ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކައުންސިލްތަކަށް ބަހާ ބްލޮކް ގްރާންޓުގެ މިންވަރު ބިނާކުރާ ކަންކަމުގެ ނިސްބަތްތަކާއި އިސްކަންދޭ މިންވަރު ނުވަތަ ބުރަދަން (ވެއިޓޭޖް)، އެ އަހަރެއްގެ ބަޖެޓާއެކު މިނިސްޓްރީން އާންމުކުރަންވާނެއެވެ.
5 ވަނަ މާއްދާ - ކައުންސިލްތަކަށް ލިބޭ އާމްދަނީ
(ހ) ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާއަށް ދައުލަތުގެ އޮފީހަކުން ފޯރުކޮށްދޭ ހިދުމަތެއް ކައުންސިލަކުން ފޯރުކޮށްދޭ ހިދުމަތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމައިފައިވާނަމަ، އެ ހިދުމަތްތަކަށް ނަގާ ފީތަކަކީ އެ ކައުންސިލަކަށް ލިބޭ އާމްދަނީއެވެ.
(ށ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުން ދޭ ހިދުމަތަކާ ގުޅިގެން ނަގާ ކުއްޔާއި ފީއަކީ ކައުންސިލްތަކަށް ލިބޭ އާމްދަނީއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބޭ އާމްދަނީއާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބޭ އާމްދަނީ ނޫން އެހެން އާމްދަނީ ކައުންސިލްތަކުގެ އާމްދަނީގެ ތެރެޔަކު ނުހިމެނޭނެއެވެ.
6 ވަނަ މާއްދާ - ކައުންސިލްތަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދޭ މާލީ އެހީ
(ހ) ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާ، ކައުންސިލްތަކާ ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ފައިސާގެ ޖުމުލަ އަދަދުގެ މަދުވެގެން %5 (ފަހެއް އިންސައްތަ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައްތަންފީޒު ކުރުމަށް ޓަކައި އެ ކޮމިޓީއާ ހަވާލުކުރަންވާނެއެވެ. އަދި ކައުންސިލްތަކުން އެ ފައިސާ އެ ކައުންސިލެއްގެ ބަޖެޓުގައި ހިމަނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދޭ ފައިސާގެ ތެރޭގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ އުޖޫރަ ހިމެނެއެވެ.
(ނ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ އުޖޫރައިގެ އިތުރުން، މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކުން ދޭ ހިލޭ އެހީގެ ފައިސާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހަރަދުކުރެވޭނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 7-56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށެވެ.
(ރ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ އުޖޫރައާއި އެ ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހިނގާ ހަރަދު މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކުން ދޭ ހިލޭ އެހީން ހަމަނުޖެއްސޭނަމަ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހަރަދު ހަމަޖެއްސޭ މިންވަރަށް އެ ދޭ ހިލޭ އެހީގެ މިންވަރު ކައުންސިލުގެ ބަޖެޓުގެ ތެރެއިން އިތުރުކުރަންވާނެއެވެ.
(ބ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން، ކޮންމެ އަހަރެއް ނިމުމުން، އެ އަހަރެއްގެ އަހަރީ ރިޕޯޓު ކައުންސިލަށް ހުށަހަޅައި އާންމުކުރަންވާނެއެވެ.
7 ވަނަ މާއްދާ - ކައުންސިލްތަކުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށް ހުށަހެޅުން
(ހ) ކައުންސިލްތަކުން މެދުރާސްތާ ސިޔާސަތުތައް އެކުލަވައިލައި، ކައުންސިލަށް ލިބޭ އާމްދަނީން ރަށުގެ ނުވަތަ ސިޓީގެ ނުވަތަ އަތޮޅުގެ ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް،ދެމެހެއްޓެނިވި މިންގަނޑެއްގައި ކައުންސިލަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖައްސަންވާނެއެވެ. މިގޮތުން، ކައުންސިލްތަކަށް ލިބޭ އާމްދަނީއަށް ބަލައި، ފުދުންތެރި މިންގަނޑެއްގެ ތެރެއިން ހަރަދުތައް ހިފެހެއްޓުމަށް ނުވަތަ އަރަނި ބަޖެޓަކަށް ވާސިލުވުމަށް ކައުންސިލްތަކުން މަސައްކަތް ކުރަންވާނެއެވެ.
(ށ) ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތައްޔާރުކޮށް، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 31 (އެއްތިރީސް) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ރިއާޔަތްކޮށްފައިވާ ބަޖެޓުގައި، މެދުރާސްތާގައި ކައުންސިލްތަކަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ ތަފުސީލު ހިމަނަންވާނެއެވެ.
(ރ) ކައުންސިލްތަކުން ހިންގާ މަށްރޫއުތަކަށް ފައިނޭންސް ހަމަޖެއްސުމާއި، ކައުންސިލްތަކުގެ ހަރަދުތައް ކައުންސިލުގެ އާމްދަނީން ދެކޮޅުޖެއްސުމުގެ ސިޔާސަތު އެކުލަވައިލައިގެން އެ ސިޔާސަތު ތަންފީޒު ކުރުމުގައި ޖަވާބުދާރީވާނީ، ކައުންސިލުގެ ރައީސާއި ސެކްރެޓަރީ ޖެނެރަލެވެ.
(ބ) ކައުންސިލްތަކުގެ ބަޖެޓު ޑެފިސިޓްވާނެކަމަށް އަންދާޒާކުރެވޭނަމަ، އެ ކައުންސިލްތަކުން ތައްޔާރުކޮށްގެން ހުށަހަޅާ އަންދާޒާ ބަޖެޓުގައި، ބަޖެޓު ފައިނޭންސިންގ ޕްލޭން ހިމަނަންވާނެއެވެ.
(ޅ) ދަރަންޏަށް ފައިސާ ނުނަގާ ކައުންސިލަކުން ޑެފިސިޓް ބަޖެޓެއް ހިންގާނަމަ، އެ އަހަރަކަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި އެ ކައުންސިލެއްގެ ބޭންކް އަކައުންޓުތަކުގެ ބެލަންސަށްވުރެ، ހުށަހަޅާ ބަޖެޓު އިތުރުވެގެން ނުވާނެއެވެ.
(ކ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޕްލޭނުގައި ދަރަނި ނަގައިގެން ބަޖެޓު ފައިނޭންސްކުރަން ހުށަހަޅާނަމަ، އެ ޕްލޭނުގައި ދަރަނި ނެގުމަށް ހުށަހަޅަންވާނީ، މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދަ، ލިޔުމުން ލިބިގެންނެވެ.
(އ) ކައުންސިލުތަކުން ދަރަންޏެއް ނެގުމުގައި، ގާނޫނު ނަންބަރު 2013-07 (ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި،އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރަން ވާނެއެވެ.
8 ވަނަ މާއްދާ - ކައުންސިލްތަކުގެ ބަޖެޓުގައި ހިމެނޭ ފަންޑުތަކުގެ ހުލާސާއާއި ބަޖެޓު ކުރާނެ ގޮތް
(ހ) ކައުންސިލްތަކުން ކޮންމެ އަހަރަކުވެސް ތައްޔާރުކުރަންވާނީ މެދުރާސްތާގެ ބަޖެޓެކެވެ.
(ށ) ތިރީގައި ބަޔާންކޮށްފައިވާ ފަންޑުތަކުގެ އާމްދަނީއާއި ހަރަދާއި ދަރަނި ވަކިން އެނގެން އޮންނަ ގޮތަށް ކައުންސިލްތަކުގެ ޖުމުލަ ބަޖެޓުގައި ހިމަނަންވާނެއެވެ.
- ބްލޮކް ގްރާންޓް؛
- ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ؛
- ޓްރަސްޓް ފަންޑް؛
- ކައުންސިލުން ނަގާ ލޯނުތަކާއި ދޫކުރާ ލޯނުތައް؛
- ކޮންޑިށަނަލް ގްރާންޓް؛
- އެޑްވާންސް ފަންޑް.
9 ވަނަ މާއްދާ - ކައުންސިލްތަކުގެ ސަޕްލިމެންޓްރީ ބަޖެޓް
(ހ) ހިނގަމުންދާ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ނުހިމެނޭ ކަމަކަށް ކުއްލިގޮތަކަށް ހަރަދުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ ކަމަކަށް ހަރަދުކުރުމުގެ ކުރިން އެފަދަ ހަރަދެއް ކުރަންޖެހޭ ސަބަބާއި، އެ ހަރަދެއް ކުރުމަށް ބަޖެޓަށް ގެންނަން ފެންނަ ބަދަލު ހިމަނައި، ސަޕްލިމެންޓަރީ ބަޖެޓެއް ކައުންސިލަށް ހުށަހަޅައި، ކައުންސިލުން އެ ބަޖެޓު ފާސްކޮށް، ފާސްކުރި ބަޖެޓުގެ ތަފުސީލު މިނިސްޓްރީއަށް އަންގައި، އާންމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ސަޕްލިމެންޓަރީ ބަޖެޓު ތައްޔާރުކުރުމުގައި، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ބ) އާއި (ޅ) އާއި (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
10 ވަނަ މާއްދާ - ކައުންސިލްތަކުގެ މެދުރާސްތާގެ ބަޖެޓުގައި ހުންނަންޖެހޭ މައުލޫމާތު
(ހ) ކައުންސިލްތަކުގެ މެދުރާސްތާގެ ބަޖެޓުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ޖުމުލަ ބަޖެޓު: ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު (ޖީއެލް ކޯޑުގެ ތަފުސީލު ހިމެނޭ ގޮތަށް)؛
- ޖުމުލަ އާމްދަނީއާއި ހިލޭ އެހީ (ޖީއެލް ކޯޑުގެ ތަފުސީލު ހިމެނޭ ގޮތަށް)؛
- މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތަކުގެ ތަފުސީލު؛
- ޕްރޮގްރާމް ފޯމު؛
- ރަށު ބަޖެޓު ފޯމު؛
- ކައުންސިލްތަކުން ހިންގާ އުމްރާނީ ތަރައްގީގެ ހުރިހާ މަށްރޫއުތަކުގެ ހަރަދު؛
- މަރާމާތުކުރުމާއި ހަރުމުދާ ހޯދުމުގެ ޕްލޭން؛
- ފައިނޭންސިންގ ޕްލޭން.
(ށ) ކައުންސިލްތަކުގެ މެދުރާސްތާގެ ބަޖެޓު މިނިސްޓްރީއަށް ހުށަހަޅާނީ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
11 ވަނަ މާއްދާ - ކައުންސިލްގެ ބަޖެޓު ފާސްކުރުން
(ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 93 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހިނގާ އަހަރަށް ކައުންސިލުގެ ބަޖެޓު ފާސްކުރުމަށްފަހު، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކައުންސިލަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކުން ހުށަހަޅާ ބަޖެޓަކީ، މި ގަވާއިދުގެ 8 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް އެކުލަވައިލައިފައިވާ ބަޖެޓަކަށް ވާންވާނެއެވެ.
(ނ) ރަށުގެ ތަރައްގީ ޕްލެނާއި ފައިނޭށަލް ޕްލޭނަށް ބަލައި، އެ އަހަރަކަށް ކައުންސިލުން އެކުލަވައި ލާ މަސައްކަތު ތާވަލާ އެއްގޮތަށް ކައުންސިލުން ބަޖެޓް ފާސްކޮށް ތަންފީޒު ކުރަންވާނެއެވެ.
12 ވަނަ މާއްދާ - ކައުންސިލްތަކުން ހިންގާނެ ޕްރޮގްރާމްތަކާއި، އެކްޓިވިޓީތައް
(ހ) ކައުންސިލުތަކުގެ މެދުރާސްތާގެ ބަޖެޓުގައި، ކައުންސިލްތަކުން ހިންގާނެ ޕްރޮގްރާމްތަކާއި، ރަށުގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންށިއަލް ޕްލޭނުގެ ދަށުން ޕްރޮގްރާމްތައް ހިންގުމަށް އިސްކަންދީފައިވާ ތަރުތީބާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަމާއި، ހަރަކާތްތަކާއި، ހާސިލުކުރަން ބޭނުންވާ ނަތީޖާ ހިމަނަންވާނެއެވެ.
(ށ) ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭންތަކާއި ފައިނޭންށިއަލް ޕްލޭންތަކުގައި ހިމަނައިފައިވާ ހަރަކާތްތަކުގެ ނަތީޖާ ހާސިލުވާ މިންވަރު ދެނެގަންނާނެ މިންގަނޑުތަކެއް (އިންޑިކޭޓަރތައް) ހިމަނަންވާނެއެވެ.
(ނ) އެ އަހަރަކު ހިންގަން ކަނޑައަޅައިފައިވާ ޕްރޮގްރާމްތަކުގެ ނަތީޖާ ހާސިލުކުރުމަށް މަސައްކަތްކުރާނެ ނިސްބަތް، އަހަރީ ޓާގެޓްތަކެއްގެ ގޮތުގައި ކަނޑައަޅަންވާނެއެވެ. މިގޮތުން، ކޮންމެ ޕްރޮގްރާމެއްގެ ދަށުން ހިންގާ ސަބް-ޕްރޮގްރާމްތަކާއި ހަރަކާތްތަކަށް އަހަރީ ޓާގެޓްތަކެއް ކަނޑައަޅަންވާނެއެވެ.
13 ވަނަ މާއްދާ - ޕީ.އެސް.އައި.ޕީ މަށްރޫއުތަކުގެ ތެރެއިން ކައުންސިލްތަކުން ތަންފީޒުކުރާނެ މަށްރޫއުތައް
(ހ) ގައުމީ އިދާރާތަކުން، ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގާ ޕީ.އެސް.އައި.ޕީ މަށްރޫއުތަކުގެ ތެރެއިން 5،000،000 (ފަސް މިލިޔަން) ރުފިޔާއަށްވުރެ ކުޑަ މަށްރޫއުތައް ހިންގާނީ، އެ އިދާރީ ދާއިރާއެއްގެ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް މެދުވެރިކޮށެވެ.
(ށ) ގައުމީ އިދާރާތަކުން ސިޓީއެއްގައި ހިންގާ ޕީ.އެސް.އައި.ޕީ މަށްރޫއުތަކުގެ ތެރެއިން 15،000،000 (ފަނަރަ މިލިޔަން) ރުފިޔާއަށްވުރެ ކުޑަ މަށްރޫއުތައް ހިންގާނީ އެ އިދާރީ ދާއިރާއެއްގެ ސިޓީ ކައުންސިލް މެދުވެރިކޮށެވެ.
(ނ) ޕީ.އެސް.އައި.ޕީ މަށްރޫއުތަކުގެ ތެރެއިން ގައުމީ ސަލާމަތާ ގުޅުންހުރި މަށްރޫއުތަކަކީ ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މަށްރޫއުތަކެއް ނޫނެވެ.
(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސީޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ގައުމީ އިދާރާއަކުން ކަނޑައަޅާ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގުގެ ޕީ.އެސް.އައި.ޕީ މަށްރޫއުތައް ހިންގުމަށް، މި މާއްދާގެ (ނ) އާ ހިލާފުނުވާ ގޮތުގެ މަތީން، އެ ގައުމީ އިދާރާއަކުން ކަނޑައަޅާ އު ސޫލެއްގެ ދަށުން ކައުންސިލަކާ ހަވާލުކުރެވިދާނެއެވެ.
(ބ) ޕީ.އެސް.އައި.ޕީ މަށްރޫއެއްގެ ބާވަތުން، އެ ޕީ.އެސް.އައިޕީ މަށްރޫއަކީ އެހެން ޕީ.އެސް.އައި.ޕީ މަށްރޫއަކާ އެއްކޮށް ކުރިޔަށް ގެންދެވިދާނެ މަށްރޫއެއް ކަމުގައި ވާނަމަ، މި މާއްދާގެ (ހ) އާއި (ށ) ގެ ބޭނުމަށް އެ ޕީ.އެސް.އައި.ޕީ މަށްރޫއު އަގުކުރާނީ އެފަދަ ހުރިހާ މަށްރޫއެއް އެކީގައެވެ.
(ޅ) ޕީ.އެސް.އައި.ޕީ މަށްރޫއެއް ހިންގުން އަހަރުތަކަކަށް ބެހިގެންދާ ހާލަތްތަކުގައި، މި މާއްދާގެ (ހ) އާއި (ށ) ގެ ބޭނުމަށް ޕީ.އެސް.އައި.ޕީ މަށްރޫއުތައް އަގުކުރަންވާނީ، ހުރިހާ އަހަރުތަކަށް ހިނގާނެކަމަށް އަންދާޒާކުރާ ހަރަދުގެ ޖުމުލަ ހިމެނޭ ގޮތަށެވެ.
(ކ) އެކި ރަށްރަށުގައި ހިންގުމަށް ރާވައިފައިވާ ޕީ.އެސް.އައި.ޕީ މަށްރޫއުތަކުގެ ތެރެއިން، ވަކި ރަށެއްގައި ހިނގާ މަސައްކަތުގެ އަގަކީ މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އަދަދުތަކަށްވުރެ ކުޑަ އަދަދެއްނަމަ، އެ ޕީ.އެސް.އައި.ޕީ މަށްރޫ އު ގެ އެ ރަށެއްގެ މަސައްކަތް ކުރިޔަށް ގެންދާނީ އެ ރަށެއްގެ ރަށު ކައުންސިލަކާ ހަވާލުކޮށްގެންނެވެ.
(އ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އަދަދުތަކަށް ނުފެތޭ ޕީ.އެސް.އައި.ޕީ މަށްރޫ އެއް ޓެންޑަރކުރުމުން ލިބޭ އަގަކީ މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އަދަދަށް ފެތޭ އަގެއްނަމަ، އެ ޕީ.އެސް.އައި.ޕީ މަށްރޫއު ހިންގަން ކައުންސިލާ ހަވާކުރަންވާނެއެވެ.
(ވ) މި މާއްދާގެ ދަށުން ކައުންސިލްތަކާ ހަވާލުކުރަންވާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އަލަށް ފަށާ، ނުވަތަ ޕްރި-ޓެންޑެރިންގ މަރުހަލާގައިވާ އެންމެހައި ޕީ.އެސް.އައި.ޕީ މަށްރޫއުތަކެވެ.
14 ވަނަ މާއްދާ - ޕީ.އެސް.އައި.ޕީ މަށްރޫއު އެކުލަވާލައި ތަންފީޒުކުރުމުގެ ކުރިން ކައުންސިލްއާއި ގައުމީ އިދާރާތަކުން އަމަލުކުރާނެ ގޮތް
(ހ) ކައުންސިލްތަކުން އެކުލަވައިލާ ޕީ.އެސް.އައި.ޕީ މަށްރޫއުތަކަކީ ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭނުގައި ހިމަނައިފައިވާ ރަށުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުވާ ޕީ.އެސް.އައި.ޕީ މަށްރޫއެއްކަން ކައުންސިލުގެ ރައީސާއި ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ.
(ށ) ކައުންސިލްތަކުން ހިންގުމަށް ރާވާ އައު ޕީ.އެސް.އައި.ޕީ މަށްރޫއަ ކާ ގުޅިގެން ކައުންސިލްތަކުގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭށަން ޕްލޭނާއި، ޕީ.އެސް.އައި.ޕީ މަށްރޫއުގެ ތަފުސީލާއި، ފީސިބިލިޓީ ސްޓަޑީ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ހުށަހަޅަންވާނެއެވެ.
15 ވަނަ މާއްދާ - ކައުންސިލްތަކަށް ހަވާލުކުރާ ޕީ.އެސް.އައި.ޕީ މަށްރޫއުތަކުގެ ޕްރޮކިއުމަންޓް
(ހ) ގައުމީ އިދާރާތަކުން ޕީ.އެސް.އައި.ޕީ މަށްރޫއުތައް ހިންގުމަށް ކައުންސިލްތަކާ ހަވާލުކުރަންވާނީ،ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.20 ވަނަ މާއްދާގެ (ށ) ގެ ދަށުން ތައްޔާރުކުރާ އެ ގައުމީ އިދާރާއެއްގެ ޕްރޮކިއުމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ގައުމީ އިދާރާތަކުން ކައުންސިލަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް ރާވާ ޕީ.އެސް.އައި.ޕީ މަށްރޫއުތައް ޕްރޮކިއުމަންޓް ޕްލޭނުގައި ހިމަނަންވާނީ، އެ ޕީ.އެސް.އައި.ޕީ މަށްރޫއެއް ހިންގަން ހަވާލުކުރުމަށް ރާވާ ކައުންސިލެއްގެ މަށްވަރާއާ އެކުގައެވެ.
(ނ) ގައުމީ އިދާރާތަކުން ރަށްރަށުގައި ކުރިޔަށް ގެންދިއުމަށް ނިންމާ ޕީ.އެސް.އައި.ޕީ މަށްރޫއުތަކުގެ ތެރެއިން ކައުންސިލްތަކަށް ހިންގުމަށް ހަވާލުކުރާ ޕީ.އެސް.އައި.ޕީ މަށްރޫއުތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދަންވާނީ، އެ ޕީއެސް.އައި.ޕީ މަށްރޫއުއް ހަވާލުކޮށްފައިވާ ކައުންސިލަކުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ދައުލަތުގެ ޕްރޮކިޔުމަންޓުގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.
(ރ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕީ.އެސް.އައި.ޕީ މަށްރޫއުތައް ގައުމީ އިދާރާތަކުން ކައުންސިލްތަކާ ހަވާލުކުރާއިރު ޕްރޮކިޔުމަންޓުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމަށާއި ޕްރޮކިއުމަންޓް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ފަންނީ އެހީތެރިކަން، ގައުމީ އިދާރާއިން އެ ކައުންސިލަކަށް ފޯރުކޮށްދޭންވާނެއެވެ.
(ބ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕީ.އެސް.އައި.ޕީ މަށްރޫއުތަކުގެ އަގު،ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަ ދަދަށްވުރެ ބޮޑުނަމަ، ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދަންވާނީ،ނޭށަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށެވެ. މިގޮތުން ޕްރޮކިއުމަންޓް މަސައްކަތަށް ބޭނުންވާ ހުރިހައި ލިޔެކިޔުން ފުރިހަމަކޮށް، އެ ކައުންސިލަކުން، މިނިސްޓްރީގެ ނޭށަނަލް ޓެންޑަރއަށް ހުށަހަޅަންވާނެއެވެ.
16 ވަނަ މާއްދާ - ކޮންޑިށަނަލް ގްރާންޓް
(ހ) ޕީ.އެސް.އައި.ޕީ މަށްރޫއު ހިންގުމަށާއި، ކައުންސިލްތަކުން ކުރިޔަށް ގެންދާ އެހެނިހެން ކަންކަން ކުރުމަށް ކޮންޑިށަނަލް ގްރާންޓެއްގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.
(ށ) ޕީ.އެސް.އައި.ޕީ މަށްރޫއު ހިންގުމަށް ކޮންޑިށަނަލް ގްރާންޓެއް ދިނުމުގެ ކުރިން، ޕީ.އެސް.އައި.ޕީ މަށްރޫއު ހިންގުމާ ހަވާލުވެހުރި ގައުމީ އިދާރާއާއި ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. މި އެއްބަސްވުމުގައި ތިރީގައިވާ މައުލޫމާތު މަދުވެގެން ހިމަނަންވާނެއެވެ.
- އެއްބަސްވުމުގެ ތައާރަފު؛
- އެއްބަސްވުމުގެ މުއްދަތު؛
- މަށްރޫއުގެ ތަފުސީލު؛
- މަށްރޫއުގެ ބަޖެޓު؛
- ފައިސާ ހަރަދުކުރުމުގައްޔާއި ހިސާބުކިތާބު ބެލެހެއްޓުމުގައި ގެންގުޅެންވާނެ އުސޫލު؛
- މަށްރޫއު ހިންގުމަށް ގައުމީ އިދާރާއަކުން ތައްޔާރުކޮށްފައިވާ އެންމެހައި ޕްލޭންތަކާއި ލިޔެކިޔުންތައް؛
- ކައުންސިލުގެ މަސްއޫލިއްޔަތުތައް؛
- ގައުމީ އިދާރާގެ މަސްއޫލިއްޔަތުތައް؛
- މަށްރޫއާ ގުޅިގެން ކައުންސިލަށް ފައިސާ ދޫކުރުމުގައި އެއްބަސްވެފައިވާ ށެޑިއުލް.
(ނ) ކައުންސިލުން ކުރިޔަށްގެންދާ ޕީ.އެސް.އައި.ޕީ މަށްރޫއު ނޫން އެހެނިހެން ކަންކަން ކުރުމަށް ކޮންޑިށަނަލް ގްރާންޓެއް ދިނުމުގެ ކުރިން ކަމާބެހޭ ގައުމީ އިދާރާއަކުން އެ ފަދައިން ދިން ގްރާންޓުގެ އަދަދާއި ގްރާންޓް ދިން ސަބަބު މިނިސްޓްރީއަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) އާއި (ރ) ގެ ދަށުން ގައުމީ އިދާރާއަކަށް ލިބޭ މައުލޫމާތު، ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ރިކޯޑުކުރަންވާނެއެވެ.
17 ވަނަ މާއްދާ - ކައުންސިލްތަކުން ޕީ.އެސް.އައި.ޕީ މަށްރޫއު ތަންފީޒުކުރުން
(ހ) ކޮންމެ މަހެއް ނިމުމުން، ޕީ.އެސް.އައި.ޕީ މަށްރޫއުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ ގޮތުގެ ޕްރޮގްރެސް ރިޕޯޓެއް، ދެން ފެށޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް، އެ މަށްރޫއު އެ ކައުންސިލަކާ ހަވާލުކުރި ގައުމީ އިދާރާއަކަށް ކައުންސިލުން ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި،އެހައިތަނަށް މަސައްކަތް ކުރިޔަށްގޮސްފައިވާ ހިސާބާއި (ޕްރޮގްރެސް)، އެހައިތަނަށް ކޮށްފައިވާ ހަރަދާއި، ދިމާވެފައިވާ ނުވަތަ ކުރިޔަށް އޮތް ތަނުގައި ދިމާވެދާނެ ދަތިތަކާއި، ހައްލުކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ނުވަތަ ހައްލުކުރުމަށް ކަނޑައަޅާ ގޮތްތައް ހިމަނަންވާނެއެވެ.
(ށ) ކައުންސިލުން ހިންގާ ޕީ.އެސް.އައި.ޕީ މަށްރޫއުތަކުގެ މަސައްކަތާ ގުޅޭގޮތުން ނިންމައިފައިވާ ނިންމުންތަކާއި އެހެނިހެން ލިޔެކިޔުންތައް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަލަހައްޓަންވާނެއެވެ.
(ނ) ކައުންސިލްތަކުން ހިންގުމަށް ހަވާލުކޮށްފައިވާ ޕީ.އެސް.އައި.ޕީ މަށްރޫއުތަކާ ގުޅިގެން މަސައްކަތްކުރާ ފަރާތަށް ކައުންސިލްތަކުން ފައިސާ ދޫކުރާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ސީދާ އެ މަށްރޫއުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ ފަރާތަށެވެ.
(ރ) ކައުންސިލްތަކުން ހިންގުމަށް ހަވާލުކޮށްފައިވާ ޕީ.އެސް.އައި.ޕީ މަށްރޫއުތަކާ ގުޅިން މި މާއްދާގެ (ހ) ގެ ދަށުން ލިބޭ މައުލޫމާތު، އެ މަށްރޫއެއް ހަވާލުކުރި ގައުމީ އިދާރާއަކުން ބަލަހައްޓަންވާނެއެވެ.
18 ވަނަ މާއްދާ - ކައުންސިލްތަކަށް ލިބޭ މާލީ އެހީ
(ހ) ގައުމީ އިދާރާއަކުން ފިޔަވައި ކައުންސިލަށް މާލީ އެހީއެއް ލިބިއްޖެނަމަ، އެ މާލީ އެހީއާ ގުޅިގެން ،ތިރީގައިވާ މައުލޫމާތު ކަމާބެހޭ ގައުމީ އިދާރާއަކަށް އަންގަންވާނެއެވެ.
- މާލީ އެހީ ދިން ފަރާތް؛
- ލިބުނު މާލީ އެހީގެ މިންވަރު؛
- މާލީ އެހީ ދިން ސަބަބު؛
- ކައުންސިލަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ށެޑިއުލް.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ގައުމީ އިދާރާއަކަށް ލިބޭ މައުލޫމާތު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 4.07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ރިކޯޑު ކުރަންވާނެއެވެ.
(ނ) ކައުންސިލަށް ލިބޭ މާލީ އެހީ އެ ކައުންސިލުގެ ބަޖެޓުގައި ހިމަނަންވާނެއެވެ.
(ރ) ޕީ.އެސް.އައި.ޕީ މަށްރޫއެއް ނުވަތަ ވަކި ހަރަކާތެއް ހިންގުމަށް ކައުންސިލަށް ލިބޭ މާލީ އެހީގެ ފައިސާ ފުރަތަމަ ޖަމާވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުޅުވައިފައިވާ ޕަބްލިކް ބޭންކް އެކައުންޓަށް ކަމުގައި ވާނަމަ، އެގޮތުން ލިބޭ ފައިސާ ކައުންސިލަށް ދޫކުރެވޭނީ، އެ ޕީ.އެސް.އައި.ޕީ މަށްރޫއެއް ނުވަތަ ހަރަކާތެއް ހިނގާ މިންވަރަކުންނެވެ.
(ބ) ކައުންސިލަށް ލިބޭ މާލީ އެހީގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުޅުވައިފައިވާ ޕަބްލިކްބޭންކް އެކައުންޓަށް ޖަމާކުރާ ފައިސާ، އެ ފައިސާ ކައުންސިލަށް ދޫކުރުމަށް ހަމަޖެހިފައިވާ ށެޑިއުލާ އެއްގޮތަށް ކަމާބެހޭ ގައުމީ އިދާރާއެއްގެ ބަޖެޓުގައި ހިމަނަންވާނެއެވެ.
19 ވަނަ މާއްދާ - ދެމެހެއްޓެނިވި މިންގަނޑެއްގައި ހަރަދުތައް ހިފެހެއްޓުން
(ހ) ކައުންސިލްތަކުގެ އެ އަހަރެއްގެ ހުރިހާ ހަރަދެއް ހަމަޖައްސަންވާނީ، އެ އަހަރަކަށް ފާސްކުރާ ކައުންސިލުގެ ބަޖެޓުގެ ތެރެއިންނެވެ.
(ށ) ކައުންސިލްތަކުން އެ އަހަރެއްގެ ތެރޭގައި ކުރާ ހަރަދުތަކުގެ ބިލުތަކަށް އެ އަހަރެއްގެ ބަޖެޓުގެ ތެރޭގައި ރިކޯޑު ކުރަންވާނެއެވެ.
(ނ) ކައުންސިލްތަކުން އެ އަހަރެއްގައި ތެރޭގައި ކުރާ ހަރަދަށް އެ އަހަރެއްގައި ފައިސާ ދެއްކުމަށް މަސައްކަތް ކުރަންވާނެއެވެ.
(ރ) ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު، ތިރީގައި ކަނޑައަޅައިފައިވާ މިންގަނޑުތަކުގެ ތެރޭގައި ހިފަހައްޓަންވާނެއެވެ.
- ސިޓީ ކައުންސިލެއް ނަމަ، ކައުންސިލުގެ ބަޖެޓުގެ %70 (ހަތްދިހަ އިންސައްތަ) އަށްވުރެ އިތުރުނުވާނެ ގޮތުގެ މަތީން؛
- ރަށު ކައުންސިލެއް ނަމަ، ތިރީގައިވާ ގޮތުގެ މަތީން
- 500 (ފަސް ސަތޭކަ) މީހުންނަށްވުރެ ރަށުގެ އާބާދީ މަދުނަމަ، ކައުންސިލުގެ ބަޖެޓުގެ %80 (އަށްޑިހަ އިންސައްތަ) އަށްވުރެ އިތުރުނުވާނެ ގޮތުގެ މަތީން؛
- ރަށުގެ އާބާދީއަކީ 500 (ފަސް ސަތޭކަ) މީހުންނާއި 999 (ނުވަ ސަތޭކަ ނުވަދިހަ ނުވައެއް) މީހުންނާ ދެމެދުގެ އަދަދެއްނަމަ، ކައުންސިލުގެ ބަޖެޓުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާނެ ގޮތުގެ މަތީން;
- ރަށުގެ އާބާދީއަކީ 1،000 (އެއްހާސް) މީހުންނާއި 1،499 (އެއްހާސް ހަތަރުސަތޭކަ ނުވަދިހަ ނުވައެއް) މީހުންނާ ދެމެދުގެ އަދަދެއްނަމަ، ކައުންސިލުގެ ބަޖެޓުގެ %70 (ހަތްދިހަ އިންސައްތަ) އަށްވުރެ އިތުރުނުވާނެ ގޮތުގެ މަތީން؛
- ރަށުގެ އާބާދީއަކީ 1،500 (އެއްހާސް ފަސްސަތޭކަ) މީހުންނާއި 1،999 (އެއްހާސް ނުވަސަތޭކަ ނުވަދިހަ ނުވައެއް) މީހުންނާ ދެމެދުގެ އަދަދެއްނަމަ، ކައުންސިލުގެ ބަޖެޓުގެ %65 (ފަސްދޮޅަސް ފަހެއްއިންސައްތަ) އަށްވުރެ އިތުރުނުވާނެ ގޮތުގެ މަތީން؛
- 2،000 (ދެހާސް) މީހުންނަށްވުރެ ރަށުގައި ދިރިއުޅޭ އާބާދީ ގިނަނަމަ، ކައުންސިލުގެ ބަޖެޓުގެ %60 (ފަސްދޮޅަސް އިންސައްތަ) އަށްވުރެ އިތުރުނުވާނެ ގޮތުގެ މަތީން.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ ތެރެއިން ކައުންސިލްތަކުގެ ހަރަދުތައް ހަމަނުޖެއްސޭ ހިނދެއްގައި، އެ ކަން ކައުންސިލުން މިނިސްޓްރީއަށް އެންގުމުން، އެ ކައުންސިލުން ހަރަދުތައް ހިފަހައްޓަންޖެހޭ އައު މިންގަނޑުތަކެއް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.
20 ވަނަ މާއްދާ - ކައުންސިލްތަކުން ހަރަދުކުރުމުގައި
(ހ) ކައުންސިލްތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން ނެށަނަލް ޕޭ ކޮމިށަނުން ގެންގުޅެންޖެހޭ އާންމު މިންގަނޑު އެކުލަވައިލާ މުސާރައިގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީން އަދި ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކާ ތައާރުޒުނުވާ ގޮތުގެ މަތީންނެވެ. މިގޮތުން، މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ހޮވާ މުވައްޒަފުންނަކީ ދައުލަތުގެ މުވައްޒަފުންނެވެ.
(ށ) ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާ ހަރަދު، އެ އަހަރެއްގެ ކައުންސިލްތަކުގެ ބަޖެޓުގެ ތެރެއިން ހަމަޖައްސަންވާނެއެވެ. މިގޮތުން، ސިވިލް ސަރވިސްގެ އޮނިގަނޑުގައިވާ މަގާމުތަކާއި، ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާ ހަރަދު ހަމަޖައްސަންވާނީ، މި ގަވާއިދުގެ 19 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެ އަހަރަކަށް ފާސްކުރާ ކައުންސިލުގެ ބަޖެޓުގެ ތެރެއިންނެވެ.
(ނ) ވަގުތީ މުވައްޒަފުން ކައުންސިލްތަކަށް ހޯދިދާނެއެވެ. އެފަދަ މުވައްޒަފުން ހޯދަންވާނީ، ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) އާ ހިލާފުނުވާ ގޮތުގެ މަތީން، ވަކި މުއްދަތަކަށް، ވަކި ހާއްސަ މަސައްކަތްތަކެއް ކުރުމަށެވެ. އަދި އެ މަގާމަކަށް ބަޖެޓުން ހަރަދުކުރެވޭނެކަން ކައުންސިލުގެ ރައީސާއި ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރަން ވާނެއެވެ.
(ރ) ކައުންސިލްތަކުން އައު މަގާމަކަށް މުވައްޒަފުން (ދާއިމީ މުވައްޒަފެއް ނުވަތަ ވަގުތީ މުވައްޒަފެއް ކަމުގައިވީ ނަމަވެސް) ހޯދަން ހުއްދަ ދޭންވާނީ، ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) އާ ހިލާފުނުވާ ގޮތުގެ މަތީން، ކައުންސިލަށް ހުށަހަޅައި، އެ ކަމެއް ކައުންސިލުން ފާސްކުރުމުންނެވެ.
(ބ) ކައުންސިލުގެ ބަޖެޓުން ހިންގުމަށް ރާވައިފައިވާ ޕްރޮގްރާމްތަކަށް ހަރަދުކުރަންވާނީ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި، މަހުންމަހަށް ހިނގާ ހަރަދުތައް (ކުލި، ކަރަންޓު، ފެން، ސެކިއުރިޓީ ފަދަ) ހަމަޖެއްސޭނެކަން ކަށަވަރުކުރުމަށްފަހުގައެވެ.
(ޅ) ކައުންސިލްތަކުގެ ބަޖެޓުން ހަރަދުކުރަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ.
(ކ) ތަކެތީގެ ނުވަތަ ހިދުމަތުގެ އަގުހެޔޮކުރުމުގެ ގޮތުން އެހީއެއް ނުވަތަ ސަބްސިޑީއެއް ކައުންސިލްތަކުން ފޯރުކޮށްދީގެން ނުވާނެއެވެ.
(އ) ކައުންސިލްތަކުން ފައިސާއާއި "އިން-ކައިންޑް" އެހީ ފޯރުކޮށްދެވޭނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 73 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ވ) ކައުންސިލްތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި ދިމާވާ މައްސަލައަކާ ގުޅިގެން ގެއްލުމުގެ ބަދަލުގައި އެއްވެސް ފަރާތަކަށް ފައިސާ ދޭންޖެހޭ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު ކުޑަކުރުކުމުގެ ގޮތުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ އިޖުރާއަތްތަކާއި އަދި އެއްބަސްވުންތައް ތަންފީޒުކުރުމުގައި އަމަލުކުރެވޭ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
(މ) ކައުންސިލްތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި ދިމާވާ މައްސަލައަކާ ގުޅިގެން ގެއްލުމުގެ ބަދަލުގައި އެއްވެސް ފަރާތަކަށް ފައިސާ ދޭންޖެހިއްޖެ ހާލަތެއްގައި އެ ފައިސާ ހަރަދުކުރަންވާނީ،ކައުންސިލުގެ ބަޖެޓުގެ ތެރެއިންނެވެ. އަދި މި ފައިސާ ދޫކުރަންވާނީ، ށަރުއީ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނިހާއީވުމުންނެވެ.
21 ވަނަ މާއްދާ - ފާސްކުރި ބަޖެޓު އެއްބައިން އަނެއް ބަޔަށް ބަދަލުކުރުން
(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާ ހިލާފުނުވާ ގޮތުގެ މަތީން، ކައުންސިލުން އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ "ޖެނެރަލް ލެޖަރ ކްލެސިފިކޭށަން" ގެ 3 (ތިނެއް) ޑިޖިޓުގެ ބަޖެޓު ކޯޑުތަކުގައި ހިމަނައިފައިވާ ފައިސާ އެއްބައިން އަނެއްބަޔަށް ބަދަލުކުރެވޭނީ އެ ގޮތުގެ މަތީން އެއްބައިން އަނެއްބަޔަށް ބަދަލުކޮށް، ކައުންސިލުން އެކަން ފާސްކުރުމުންނެވެ. އަދި މި ގޮތުގެ މަތީން ގެނައި ބަދަލު އާންމުކުރަންވާނެއެވެ.
(ށ) މި ގަވާއިދުގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާ ހިލާފުނުވާ ގޮތުގެ މަތީން، ކައުންސިލުން އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ ތަފުސީލީ 6 (ހައެއް) ޑިޖިޓް ކޯޑުތަކުގެ މެދުގައި އެއްބައިން އަނެއްބަޔަށް ބަދަލުކުރެވޭނީ، ސެކްރެޓަރީ ޖެނެރަލްގެ ހުއްދައާއެކުގައެވެ.
22 ވަނަ މާއްދާ - ދައުލަތުން ދޭ ހިލޭ އެހީ ކައުންސިލްތަކަށް އިތުރުކޮށްދިނުން
(ހ) ކައުންސިލުން އެދިއްޖެ ހާލަތެއްގައި، ދައުލަތުގެ ބަޖެޓުން އެ އަހަރަކަށް އެ ކައުންސިލަކަށް ދޫކުރުމަށް ފާސްކޮށްފައިވާ ބްލޮކް ގްރާންޓުގެ މިންވަރަށްވުރެ އިތުރަށް ދައުލަތުގެ ބަޖެޓުން ދޫކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިތުރުކުރެވޭ ހިލޭ އެހީގެ މިންވަރު ދޫކުރެވޭނީ، އެ ކައުންސިލަކަށް ދޫކުރާ ކޮންޑިށަނަލް ގްރާންޓެއްގެ ގޮތުގައެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކަށް އިތުރުކުރެވޭ ފައިސާގެ މިންވަރާއި، އިތުރުކޮށްދެވުނު ސަބަބު، މިނިސްޓްރީން އާންމުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކަށް އިތުރުކުރާ ފައިސާގެ މިންވަރު، އެ އިތުރުކޮށްދިން ގައުމީ އިދާރާއެއްގެ ބަޖެޓުގައި ރިކޯޑު ކުރަންވާނެއެވެ.
23 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން
(ހ) ކައުންސިލްތަކުން ފާއިތުވެދިޔަ މަހު ކުރި ހަރަދުތަކުގެ ތަފުސީލު، ހިނގަމުންދާ މަސް ނިމުމުގެ ކުރިން އާންމުކުރަންވާނެއެވެ. އަދި އެ ލިޔުމުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- މުވައްޒަފުންގެ މުސާރައާއި، އިތުރުގަޑީގެ ހަރަދާއި، އެހެނިހެން އެލަވަންސްތަކުގެ ޖުމުލަ ހަރަދު ވަކިން އެނގެން އޮންނަ ގޮތަށް؛
- ކައުންސިލްތަކުގެ ދަތުރު ހަރަދާއި، ދަތުރުތަކުގެ ތަފުސީލު (ކޮންމެ ދަތުރެއް ވަކިން އެނގެން އޮންނަ ގޮތަށް)؛
- ކައުންސިލްތަކުގެ އެހެނިހެން ހަރަދު.
(ށ) ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު، ކޮންމެ 3 (ތިނެއް) މަހުން އެއްފަހަރު މިނިސްޓްރީން އާންމުކުރަން ވާނެއެވެ.
- ކައުންސިލްތަކަށް ހިލޭ އެހީގެ ފައިސާ ދޫކުރި ގޮތުގެ ތަފުސީލު؛
- ކައުންސިލްތަކުގެ ހަރަދުގެ ތަފުސީލު.
(ނ) މި ގަވާއިދުގެ ބޭނުމަށް، ކައުންސިލްތަކުން މައުލޫމާތު އާންމުކުރި ކަމަށް ބެލެވޭނީ، ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ރައްޔިތުންނަށް ފަސޭހަކާމާއެކު ފެންނާނެ އަދި ކިޔޭނެ ފަދަ ވަސީލަތެއް ބޭނުންކޮށްގެން އެ މައުލޫމާތު ހާމަކޮށްފައިވާނަމައެވެ.
24 ވަނަ މާއްދާ - ކައުންސިލްތަކުގެ ބަޖެޓް ތަންފީޒު ކުރުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން
(ހ) ކައުންސިލްތަކަށް ހިލޭ އެހީގެ ފައިސާ ދޭނީ، ދައުލަތުގެ ކޭށްފްލޯއަށް ބަލައި، މަހުން މަހަށް ނުވަތަ 3 (ތިނެއް) މަހުން އެއްފަހަރުއެވެ.
(ށ) ކައުންސިލްތަކުން، ކޮންމެ މަހެއްގެ ހަރަދު ރިޕޯޓާއި، ބޭންކް އެކައުންޓާ ރިކޮންސައިލްކޮށްފައިވާ ހަރަދު ރިޕޯ ޓައި، ބޭންކް ރިކޮންސިލިއޭށަން ސްޓޭޓްމެންޓް، ޖެހިގެން އަންނަ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) މިނިސްޓްރީން އެ މަހެއްގެ ހިލޭ އެހީގެ ފައިސާ ދޫކުރާނީ، މި މާއްދާގެ (ށ) ގެ ދަށުން ފާއިތުވެދިޔަ މަހަށް ތައްޔާރުކޮށްފައިވާ ލިޔުންތައް ކައުންސިލްތަކުން ހުށަހެޅުމުންނެވެ. (ރ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ބަޖެޓު ހަރަދު ރިޕޯޓުތައް، ކަނޑައަޅައިފައިވާ މުއްދަތަށް މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
25 ވަނަ މާއްދާ - ކައުންސިލްތަކުގެ މާލީ ކަންކަން ބަލަހައްޓާ ވެރިންގެ މަސްއޫލިއްޔަތުތައް
(ހ) ކައުންސިލްތަކުގެ މާލީ ކަންތައްތައް ބެލެހެއްޓުމަކީ ކައުންސިލްގެ ރައީސާއި ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.
(ށ) ކައުންސިލްތަކުގެ ބަޖެޓު އެކުލަވައިލުމުގައި މުވައްޒަފުން ހޯދުމަށާއި، ރަށުގެ ތަރައްގީގެ މަށްރޫއުތަކަށް އެކަށޭނަ ބަޖެޓެއް ކަނޑައެޅުމަކީ ކައުންސިލުގެ ރައީސާއި ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.
(ނ) ބަޖެޓު ތައްޔާރުކޮށް ހުށަހަޅަންޖެހޭ ތާރީހަށް މިނިސްޓްރީއަށް ފޮނުވުމަކީ ކައުންސިލުގެ ރައީ ސާއި ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.
(ރ) ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކައުންސިލުގެ ބަޖެޓު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސްފަރާތަކީ ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތް އަދާކުރަމުންދާ ސެކްރެޓަރީ ޖެނެރަލެވެ.
26 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެ އިބާރާތެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކުރާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާނަކުރުމާ އެއްގޮތްވާ ގޮތުގެ މަތީން ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ހ) "ރަށުގެ އާބާދީ" ނުވަތަ "އަތޮޅުގެ އާބާދީ" ކަމަށް ބުނެފައި އެވަނީ، އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި ދިރިއުޅޭ އާބާދީއަށެވެ.
(ށ) "ކޮންޑިށަނަލް ގްރާންޓް" ކަމަށް ބުނެފައި އެ ވަނީ، ވަކި ހާއްސަ ހާލަތްތަކެއްގައި ށަރުތުތަކަކާއެކު ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީއަށެވެ.
(ނ) "މެދުރާސްތާ" ކަމަށް ބުނެފައި އެ ވަނީ، ވިދިވިދިގެން އަންނަ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ރ) "ދައުލަތުގެ މުވައްޒަފުން" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ (އ) ގައި "ދައުލަތުގެ މުވައްޒަފުން" މާނަކޮށްފައިވާ ގޮތާ އެއްގޮތަށެވެ.
(ބ) "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ކަމަށް ބުނެފައި އެ ވަނީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަށެވެ.
(ޅ) "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި އެ ގާނޫނަށްގެންނަ އިސްލާހުތައް ހިމެނޭގޮތުންނެވެ.
(ކ) "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، މިނިސްޓްރީ އޮފް ފިނޭންސަށެވެ.
(އ) "ޕީ.އެސް.އައި.ޕީ" ކަމަށް ބުނެފައި އެ ވަނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމަށެވެ.
(ވ) "ޖެނެރަލް ލެޖަރ ކްލެސިފިކޭށަން" ކަމަށް ބުނެފައި އެވަނީ، ދައުލަތުން ހިންގާ މުއާމަލާތުތައް ޕަބްލިކް އެކައުންޓިންގ ސިސްޓަ މުގައި ރިކޯޑުކުރުމަށް ބޭނުންކުރާ ޖެނެރަލް ލެޖަރ ކޯޑުތަކަށެވެ.
27 ވަނަ މާއްދާ - އުވައިލެވޭ އުސޫލު
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، 23 ޑިސެންބަރު 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އުވުނީއެވެ.
28 ވަނަ މާއްދާ - އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
އުވުނު އުސޫލު
ކިޔުންތެރިންގެ ހިޔާލު