-

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-14)

(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ، 1 ފެބުރުވަރީ 2022 ގައި)

(މި ގަވާއިދުގެ 124 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2015-20 އާއި ގަވާއިދު ނަންބަރު 2020-102 އުވާލެވިފައި)

 

އެއްވަނަ ބައި

އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 90 ވަނަ މާއްދާއިން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މިއީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ގާއިމްކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތް ހިންގާނޭ ގޮތާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލާ ގުޅޭ އެހެނިހެން ކަންތައްތައް ބަޔާންކުރާ ގަވާއިދެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަގުސަދު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަގުސަދަކީ، ވަޒީފާގެ މާހައުލުގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި އެނޫންވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅައިފައިވާ މައްސަލަތައް އަދުލުވެރިކަމާއެކު ވީހާވެސް އަވަހަށް ބަލައި ނިންމުމެވެ.

 

3 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލްހިނގަމުންދާ ތަން

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅައިހައި ހިނދަކު، ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެންމެހައި މައްސަލަތަކުގެ އަޑުއެހުންތައް އާންމުގޮތެއްގައި ހިނގަމުންދާނީ، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައެވެ.

 

4 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ދައުރާއި ރިސެސް

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުގެ އަޣުލަބިއްޔަތުން އެހެން ގޮތަކަށް ކަނޑަނާޅައިހައި ހިނދަކު، ކޮންމެ އަހަރަކު ވެސް ޓްރައިބިއުނަލުގެ އަހަރީ ދައުރު ފެށޭނީ، އެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހުއެވެ. އަދި މެދުކެނޑުމެއްނެތި ހިނގުމަށްފަހު، އެ އަހަރުގެ ދައުރު ނިމޭނީ، ނޮވެންބަރު މަހުގެ ފަހު ހަފުތާގެ އެންމެފަހު ރަސްމީ މަސައްކަތު ދުވަހުއެވެ. އެ ދުވަހުން ފެށިގެން ވިދިގެން އަންނަ އަހަރުގެ ނިމޭއިރު ޓްރައިބިއުނަލުގައި ނުނިމިހުރި މައްސަލަތައް ދެން ކުރިޔަށް ގެންދާނީ، ވިދިގެން އަންނަ ދައުރު ފެށުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ވަކި ކަމެއް، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހިފައިވާ ހާލަތެއްގައި ނުވަތަ އެކަށީގެންވާ އަވަސް ގޮތެއްގައި ޓްރައިބިއުނަލުން ބަލަންޖެހޭ މައްސަލަތައް ނިންމުމުގެ ބޭނުމުގައި ޓްރައިބިއުނަލުގެ އާންމު މަޖިލީހުން ކަނޑައަޅާ ކަނޑައެޅުމެއްގެ މައްޗަށް، ރިސެސްގެ މުއްދަތުގައި ޓްރައިބިއުނަލުގެ މައްސަލަތަކުގެ އަޑުއެހުންތައް ކުރިޔަށް ގެންދެވިދާނެއެވެ.

(ނ) ޓްރައިބިއުނަލުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ އަޑުއެހުންތައް ނުބޭއްވި ކަމުގައި ވިޔަސް، ޓްރައިބިއުނަލަށް މައްސަލަތައް ބަލައިގަތުމާއި،ޓްރައިބިއުނަލުގެ އިދާރީ މަސައްކަތްތައް، ރިސެސްގެ މުއްދަތުގައި މެދުކެނޑިގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ - މައްސަލަ ބަލާ މަޖިލީހުގެ ގާނޫނީ އަދަދު

(ހ) ގާނޫނު ނަންބަރު 2014-16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލަންވާނީ، 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ، ދެ ޖިންސުގެ މެންބަރުން ހިމެނޭ މަޖިލީހަކުންނެވެ. އަދި އެ މައްސަލައެއް ނިމުނު ގޮތް ކަމުގައި ވާނީ، މައްސަލަ ބެލި މަޖިލީހުގައި ހިމެނޭ މެންބަރުން ވަކިން އިއްވާ ރައުޔުތަކުގެ އަޣުލަބިއްޔަތު ނިސްބަތްވާ ގޮތެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތައް ފިޔަވައި ޓްރައިބިއުނަލަށް ހުށަހެޅޭ އެހެން މައްސަލަތައް ބަލައި ނިންމާނީ، 1 (އެކެއް) މެންބަރަކު ހިމެނޭ މަޖިލީހަކުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،ޓްރައިބިއުނަލުގެ ރައީސަށް ނުވަތަ މައްސަލަ ބަލާ މަޖިލީހުގެ ރިޔާސަތުގައި އިންނަ މެންބަރަކަށް ފެނިއްޖެ ހާލަތެއްގައި، މައްސަލަ ބަލައި ނިންމާނީ 3 (ތިނެއް) މެންބަރުން ހިމެނޭ މަޖިލީހަކުން ކަމަށް ކަނޑައެޅިދާނެއެވެ. އަދި މި މާއްދާއާ އެއްގޮތަށް 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލަވައިލެވޭ މަޖިލީހަކުން ބަލާ މައްސަލައެއް ނިމުނު ގޮތް ކަމުގައި ވާނީ، ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ޓްރައިބިއުނަލް އޮންނާނީ ރިސެސްގައެވެ. ޓްރައިބިއުނަލުގެ އަހަރީ ދައުރު މައްސަލަ ބަލާ މަޖިލީހުގައި ހިމެނޭ މެންބަރުން ވަކިން އިއްވާރައުޔުތަކުގެ އަޣުލަބިއްޔަތު ނިސްބަތްވާ ގޮތެކެ ވެ.

 

6 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ސިއްކަ

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބޭނުންކުރުމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަކި ސިއްކައެއް އޮންނަންވާނެއެވެ. ޓްރައިބިއުނަލުގެ ނިންމުންތައް ލިޔެ ގަރާރު ކުރެވޭ، ޓްރައިބިއުނަލުގެ ރަސްމީ ލިޔުންތަކުގައްޔާއި، ޓްރައިބިއުނަލުގެ އެހެނިހެން ރަސްމީ ލިޔުންތަކުގައި އެ ސިއްކަ ޖަހަންވާނެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކު ނުވަތަ ރަޖިސްޓްރާރ ލިޔުމުން ދީފައިވާ ހުއްދައެއް ނެތި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެއްވެސް ލިޔުމެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ސިއްކަ ޖަހައިގެން ނުވާނެއެވެ.

 

7 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މައްސަލަ ބެލުމުގައި ބޭނުންކުރާ ބަސް

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަތަކުގެ އަޑުއެހުންތައް ކުރިޔަށް ގެންދަންވާނީ އަދި ލިޔެކިޔުންތަކާއި ރިކޯޑުތައް ބަލަހައްޓަންވާނީ ދިވެހިބަހުންނެވެ.

(ށ) މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކީ އެކަށީގެންވާ ފެންވަރަށް ދިވެހިބަހުން ވާހަކަދެއްކޭ މީހެއް ކަމުގައި ނުވާނަމަ، ނުވަތަ އަޑުއިވުމާއި ވާހަކަދެއްކުމުން މަހްރޫމްވެފައިވާ ފަރާތެއް ނަމަ، އަޑުއެހުމުގައި ދެކެވޭ ވާހަކަތައް އެ ފަރާތަށް ކިޔައިދީ، އެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައް ދައްކައިދިނުމަށް، ޓްރައިބިއުނަލުގެ އެންގުމުގެ މަތިން ތަރުޖަމާނަކު ހަމަޖައްސާނީ އެ ފަރާތަކުންނެވެ. މިގޮތުން ތަރުޖަމާކުރުމަށް ހަމަޖައްސާ ފަރާތަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގަބޫލުކުރާ ފަރާތަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، މައްސަލަ ހުށަހަޅާ ފަރާތުން ތަރުޖަމާނަކު ހަމަޖައްސަން ޖެހިއްޖެނަމަ، ތަރުޖަމާނަކު ހަމަޖެއްސުމަށް، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ތަރުޖަމާނަކު ހަމަނުޖައްސައިފިނަމަ، އެ މައްސަލަ ބާތިލުކުރުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، މައްސަލަ ރައްދުވާ ފަރާތުން ތަރުޖަމާނަކު ހަމަޖައްސަން ޖެހިއްޖެނަމަ، ތަރުޖަމާނަކު ހަމަޖެއްސުމަށް، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ތަރުޖަމާނަކު ހަމަނުޖައްސައިފިނަމަ، އެ މައްސަލަ ރައްދުވި ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ބ) މައްސަލައިގައި ހެއްކެއްގެ ގޮތުގައި ނުވަތަ ހަބީރެއްގެ ގޮތުގައި ހާޒިރުކުރެވޭ ފަރާތަކީ އެކަށީގެންވާ ފެންވަރަށް ދިވެހިބަހުން ވާހަކަދެއްކޭ މީހެއްކަމުގައި ނުވާނަމަ، ނުވަތަ އަޑުއިވުމާއި ވާހަކަދެއްކުމުން މަހްރޫމު ވެފައިވާ ފަރާތެއް ކަމުގައި ވާނަމަ، އަޑުއެހުމުގައި ދެކެވޭ ވާހަކަތައް އެ ފަރާތަށް ކިޔައިދީ އެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައް ދައްކައިދިނުމަށް ތަރުޖަމާނަކު ހަމަޖައްސަންވާނީ، އެ ހެއްކެއް ނުވަތަ ހަބީރެއް ހާޒިރުކުރުމަށް އެދޭ ފަރާތަކުންނެވެ. މިގޮތުން ތަރުޖަމާކުރުމަށް ހަމަޖައްސާ ފަރާތަކީ،ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގަބޫލުކުރާ ފަރާތަކަށް ވާންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން، މައްސަލަ ހުށަހަޅާ ފަރާތުން ނުވަތަ މައްސަލަ ރައްދުވާ ފަރާތުން ތަރުޖަމާނަކު ހަމަޖައްސަން ޖެހިއްޖެނަމަ، ތަރުޖަމާނަކު ހަމަޖެއްސުމަށް، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ތަރުޖަމާނަކު ހަމަނުޖައްސައިފިނަމަ، އެ ހެއްކެއްގެ ނުވަތަ ހަބީރެއްގެ ހެކިބަސް ނުނެގުމަށް ނިންމުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ކ) މައްސަލައިގައި ހުށަހެޅޭ ލިޔެކިޔުންތަކުގެ ތެރެއިން ދިވެހިބަސް ނޫން އެހެން ބަސްތަކުން ހުންނަ ލިޔެކިޔުން ދިވެހިބަހަށް ތަރުޖަމާކޮށްފައި ހުށަހެޅުމަށް،އެ ލިޔުމެއް ހުށަހެޅި ފަރާތަށް އެންގިދާނެއެވެ. މިގޮތުން ތަރުޖަމާކޮށްފައިވާ ލިޔުން ހުށަހެޅުމަށް ދެވޭ މުއްދަތުގައި ތަރުޖަމާކޮށްފައިވާ ލިޔުން ހުށަނާޅައިފިނަމަ، މައްސަލަ ނިންމުމުގައި އެ ލިޔުމަށް ރިއާޔަތް ނުކުރުމަށް ނިންމުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ރަޖިސްޓަރީ ހުޅުވިފައި ހުންނަ ގަޑި

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރަޖިސްޓަރީ ހުޅުވިފައި ހުންނާނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ސަރުކާރުގެ ރަސްމީ ގަޑީގައެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްގެ ހާއްސަ ހުއްދައަކާއެކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދުވަސްތަކާއި ގަޑިތައް ނޫން އެހެން ދުވަސްތަކާއި ގަޑިތަކުގައި ރަޖިސްޓަރީ ހުޅުވައިފައި ބެހެއްޓުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. މިގޮތުން ރަޖިސްޓަރީހުޅުވާ ހާލަތްތަކުގައި، ޓްރައިބިއުނަލުގައި އެކަން އާންމުކޮށް ރިކޯޑުކޮށް، ޔައުމިއްޔާ ކުރަންވާނެއެވެ.

 

 

ދެވަނަ ބައި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރަޖިސްޓްރާރ

 

9 ވަނަ މާއްދާ - ރަޖިސްޓްރާރ

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމަށާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެފަދަ މައްސަލަތައް ޓްރައިބިއުނަލުގައި ހިންގުމަށް ޓަކައި ރަޖިސްޓްރާރއަކު ޓްރައިބިއުނަލުގައި ހުންނަންވާނެއެވެ.

 

10 ވަނަ މާއްދާ - ރަޖިސްޓްރާރގެ މަސްއޫލިއްޔަތު

ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި، އެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ލިޔެކިޔުންތައް ބަލައިގަތުން؛ މިގޮތުން، ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ މި ގަވާއިދާ ހިލާފަށް ހުށަހެޅިފައިވާ މައްސަލައެއްނަމަ ނުވަތަ ލިޔުމެއްނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް، މި ގަވާއިދާ އެއްގޮތަށް އިސްލާހު ކުރުމަށް އެންގުމުގެ އިހްތިޔާރު، ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ އެންމެހައި މައްސަލަތައް ބަލައިގަތުމާމެދު ގޮތެއް ނިންމުން.

(ނ) މައްސަލަ ބަލައިގަތުމަށް ނުފެންނަނަމަ، އެ މައްސަލައެއް ބަލައިގަތުމަށް ނުފެންނަ ސަބަބުގެ ހުލާސާއެއް، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން ދިނުން.

(ރ) މި ގަވާއިދުގެ 19 ވަނަ މާއްދާ (ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެފައިވާ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައި ނިންމި ގޮތް، ސަބަބާއެކު، އެ މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން ދިނުން.

(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.

(ޅ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ކަލަންޑަރު ތައްޔާރުކުރުމާއި ށާއިއުކުރުން.

(ކ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ކޮންމެ ނިންމުމެއް ވެސް، އެ ނިންމުމެއް ނިންމި ތާރީހުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުންތަކުގެ ރަޖިސްޓަރީގައި ރިކޯޑުކޮށް، ސޮއިކުރުން.

(އ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތައް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ތަންފީޛު ކުރުމަށް ޓަކައި، ކަމާބެހޭ ކޯޓަކަށް ހުށަހެޅުން.

(ވ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގާ މައްސަލަތަކާ ގުޅިގެން ނެރޭ އަމުރުތަކާއި އެހެނިހެން ލިޔުންތައް އާންމުކޮށް ފެންނަން ހުންނާނޭ ގޮތުގެ އިންތިޒާމު ހަމަޖައްސައި ބެލެހެއްޓުމާއި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ދޫކުރުން.

(މ) މައްސަލަތަކުގެ ކޮންސިލިއޭށަން މަރުހަލާ ކުރިޔަށް ގެންދިއުން.

(ފ) މިނޫންވެސް މި ގަވާއިދުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ކުރުމެވެ.

 

11 ވަނަ މާއްދާ - ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް އެހެން ފަރާތަކާ ހަވާލުކުރުން

(ހ) ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަށް ފެންނަ ބައެއް މަސްއޫލިއްޔަތު، ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްގެ ހުއްދައާއެކު ރަޖިސްޓްރާރ ކަނޑައަޅާ މަސްއޫލިއްޔަތުތަކެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެހެން މުވައްޒަފަކާ ވަގުތީގޮތުން ހަވާލުކުރެވިދާނެއެވެ. 

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރަޖިސްޓްރާރ ނެތް ހާލަތެއްގައި، ނުވަތަ އޭނާ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ރަޖިސްޓްރާރގެ މަގާމުގެ ވާޖިބުތައް އަދާކުރަން އޭނާއަށް ފެށެންދެން، ނުވަތަ އެހެން ރަޖިސްޓްރާރއެއް އައްޔަނު ކުރެވެންދެން، ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ފަރާތެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް އައްޔަނު ކުރަން ވާނެއެވެ.

 

12 ވަނަ މާއްދާ - ރަޖިސްޓްރާރގެ ނިންމުމެއް އަލުން ބަލަން އެދި ހުށަހެޅުމުގެ ހައްގު

(ހ) މި ގަވާއިދުން ބާރު ލިބިގެން ރަޖިސްޓްރާރ ކުރާ އެއްވެސް ކަމަކާމެދު، ނުވަތަ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އަލުން އެ ކަމެއް ނުވަތަ އެ ނިންމުމެއް ބަލައިދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު، މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދެވަނަ ފަހަރަށް ބަލައިދިނުމަށް އެދޭނަމަ، އެ ނިންމުމެއް ނިންމި ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެކަމަށް ހާއްސަކޮށްފައިވާ ފޯމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހުގައި ވެސް، އެފަދަ ނިންމުމެއް އެ މުއްދަތުގައި ހުށަނޭޅުނު މަގުބޫލު ސަބަބެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ބަލައިގަތުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަށް ލިބިގެންވެއެވެ.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅައިހައި ހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ކަނޑައަޅާނީ، މަދުވެގެން 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުންނެވެ.

(ބ) ރަޖިސްޓްރާރގެ ނިންމުން އަލުން ބެލުމުގައި އަސާސެއްކަމުގައި ބަލަންވާނީ،ރަޖިސްޓްރާރގެ ނިންމުން ބިނާކުރި ގާނޫނީ އަސާސްތަކަށެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި، އެ މައްސަލަ ބަލައިގަތުމަށް ނިންމައިފިނަމަ، މި ގަވާއިދުގެ 26 ވަނަ މާއްދާ (މައްސަލަ ރަޖިސްޓަރީ ކުރުން) ގައިވާ ގޮތުގެ މަތީން މައްސަލަ ރަޖިސްޓަރީ ކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށް ރަޖިސްޓްރާރއަށް އަންގަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި، މައްސަލަ ބަލައިގަތުމަށް ނިންމައިފިނަމަ، އެ މައްސަލައެއްގައި ފައިސަލާކުރާނީ، އެ ހުއްދަ ދިން މެންބަރުންގެ ތެރެއިން މެންބަރެއް ނުހިމެނޭ ނުވަތަ ހުއްދަ ދިން މެންބަރުންގެ އަޣުލަބިއްޔަތު ނުލިބޭގޮތަށް އެކުލަވައިލެވޭ މަޖިލީހަކުންނެވެ.

(އ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅައިފައިވާ މައްސަލައެއްގައި، މައްސަލަ ހުށަހެޅުމުގެ ހުއްދަދޭން ނުފެންނަކަމަށް ނިންމާ ހާލަތުގައި، ހުއްދަދޭން ނުފެންނަ ސަބަބުތައް ބަޔާންކޮށް، "ރަޖިސްޓްރާރގެ ނިންމުން މުރާޖާކޮށް ނިމުނުގޮތުގެ ރިޕޯޓު" ދޫކުރަންވާނެއެވެ. އަދި އެ ރިޕޯޓުގައި، އެ މައްސަލައެއް ބެލި މެންބަރުން ސޮއިކުރަންވާނެއެވެ.


 

ތިންވަނަ ބައި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހްތިސާސްއާއި ބާރުތައް

 

13 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހްތިސާސް

ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ނުވަތަ އެހެން ވެސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާ މައްސަލަތަކާއި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ ހިލާފުތައް ބަލައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ ހިލާފުނުވާ ގޮތުގެ މަތީން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެ މައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. މިގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލިދާނެ މައްސަލަތަކުގެ ތެރޭގައި، ތިރީގައިވާ ބާވަތްތަކުގެ މައްސަލަތައް ހިމެނެއެވެ.

(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އު ސޫލުތަކާ ހިލާފުވާކަމަށް ބަޔާންކޮށް ހުށަހެޅޭ މައްސަލަ

(ށ) އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރިކަމަށް ބަޔާންކޮށް، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާ އަދާކުރި ފަރާތް ހުށަހަޅާ މައްސަލަ.

(ނ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތަށް އުޖޫރަ ނުދޭކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަ.

(ރ) ވަޒީފާގެ އެއްބަސްވުމާ ހިލާފުވިކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަ.

(ބ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާ ބެހޭގޮތުން މިނިސްޓަރަށް ހުށަހަޅާ ށަކުވާއަކާ ގުޅިގެން މިނިސްޓަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން، އެ ނިންމުން އިސްތިއުނާފު ކުރުމަށް، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ހުށަހަޅާ މައްސަލަ.

(ޅ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާ ބެހޭގޮތުން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ހުށަހަޅާ މައްސަލަ.

(ކ) ތަމްރީނު ދިނުމަށް ވަޒީފާގައި ގެންގުޅުމާބެހޭ އެއްބަސްވުމަކާ، ނުވަތަ ތަމްރީނާބެހޭ އެއްބަސްވުމަކާ ހިލާފުވެގެން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ހުށަހަޅާ މައްސަލަ

(އ) މަސައްކަތްކުރާ މީހުންގެ ރައްކައުތެރިކަމަށް، ނުވަތަ ސިއްހަތާ ގުޅޭގޮތުން ހެދިފައިވާ ގާނޫނުތަކުގައިވާ މާއްދާތަކަށް ފުރިހަމައަށް އިހްތިރާމް ކުރުމަށް ޓަކައި، ތަނުގައި ބޭނުންކުރާ މެށިނަރީއަށް ނުވަތަ މެށިނަރީ އަތުރައިފައިވާ ގޮތަށް، ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ބަދަލު ގެނައުމަށް ވަޒީފާއާބެހޭ އޮފިސަރުން ކުރާ އަމުރާމެދު ހިތްހަމަނުޖެހިގެން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ހުށަހަޅާ މައްސަލަ.

(ވ) މަސައްކަތްކުރާ މީހުންގެ ސިއްހަތަށް ނުވަތަ ފުރާނައަށް ޔަގީނުން ވެސް ނުރައްކަލެއް ދިމާވެދާނެކަމަށް ގަބޫލުކުރެވޭ ދަނޑިވަޅުތަކުގައި، ވަކިކަހަލަ ފިޔަވަޅުތަކެއް ވަގުތުން އެޅުމަށް ވަޒީފާއާބެހޭ އޮފިސަރުން ކުރާ އަމުރާމެދު ހިތްހަމަނުޖެހިގެން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ހުށަހަޅާ މައްސަލަ.

(މ) މަސައްކަތުގެ އަހްލާގީ މިންގަނޑަށް ތަބާނުވުމުން އެޅި ފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއްކަމަށް އެ ފިޔަވަޅު އެޅުނު މުވައްޒަފު ދެކިގެން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ހުށަހަޅާ މައްސަލަ.

(ފ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ ހިލާފުވާކަމަށް ބަޔާންކޮށް ހުށަހެޅޭ ވަޒީފާއާބެހޭ އެހެނިހެން މައްސަލަތައް.

(ދ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެކަމަށް ގާނޫނެއްގައި ބަޔާންކޮށްފައިވާ ކޮންމެ މައްސަލައެއް.

 

14 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުބެލޭނެ މައްސަލަތައް

ގާނޫނަކުން އެހެން ގޮތަކަށް ކަނޑަނާޅައިހައި ހިނދަކު، ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، ނުވަތައެ ވަޒީފާއެއް އަދާކުރާ މީހާ، އެ ވަޒީފާގެ ގޮތުން އިސްތިއުފާ ދޭންޖެހޭ ނުވަތަ މުސްކުޅި ކުރަންޖެހޭ ދުވަސް އައުމުން ވަޒީފާއިންވަކިކުރި މައްސަލަ ބެލުމުގެ އިހްތިސާސް،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެނެއް ނުވެއެވެ.

 

15 ވަނަ މާއްދާ - ވަގުތީ އަމުރަށް އެދުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅާއިރު ނުވަތަ މައްސަލައެއް ހުށަހަޅައިގެން އެ މައްސަލަ ހިނގަމުންދަނިކޮށް ވަގުތީ އަމުރަކަށް އެދޭނަމަ އެދެންވާނީ، ޓްރައިބިއުނަލުގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.

 

16 ވަނަ މާއްދާ - ވަގުތީ އަމުރު ނެރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގެ ހާލަތަށް ރިއާޔަތް ކުރާއިރު، އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފިނަމަ، އެ މައްސަލައިގައި ހިމެނޭ ފަރާތެއްގެ މަސްލަހަތަށް އުނިކަމެއް ލިބިދާނެކަމަށް، މައްސަލަ ބަލާ މަޖިލީހަށް ފެނިއްޖެނަމަ، މައްސަލައިގެ ވާގިއާތުތަކަށް ރިއާޔަތްކޮށް ވަގުތީ އަމުރެއް ނެރުމުގެ އިހްތިޔާރު،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ވަގުތީ އަމުރު އޮންނަންވާނީ ލިޔުމުންނެވެ. މި ލިޔުމުގައި، ވަގުތީ އަމުރު ނެރުނު ސަބަބާއި، އަމުރުގެ ތަފުސީލާއި، އަމުރު ދެމިއޮންނާނެ މުއްދަތާއި، އަމުރު ނެރުނު މަޖިލީހުގެ މެންބަރުގެ ނަމާއި ސޮއި އޮންނަންވާނެއެވެ.

(ނ) ޓްރައިބިއުނަލަށް ވަގުތީ އަމުރުކަށް އެދި ހުށަހެޅޭ މައްސަލައެއްގައި، ހާލަތަށް ރިއާޔަތްކޮށް ވަގުތީ އަމުރު ނެރުން ލަސްވެއްޖެނަމަ، އަމުރަށް އެދުނު ފަރާތުގެ މަސްލަހަތަށް އުނިކަމެއް ލިބުމުގެ އިހުތިމާލު އޮތްކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެނިއްޖެ ހިނދެއްގައި، ވަގުތީ އަމުރު ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި އެ ފަރާތުން ޖަވާބުދާރީ ނުވެއްޖެނަމަ، ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ނުދީ މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވަގުތީ އަމުރެއް ނެރުމުގެ އިހްތިޔާރު،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

 

ހަތަރުވަނަ ބައި

މައްސަލަ ހުށަހެޅުން

 

17 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާނީ، އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް، ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައްސަލައެއް އުފެދުނު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އީމެއިލް މެދުވެރިކޮށް، ނުވަތަ ރަޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް ހުށަހެޅިދާނެއެވެ.

(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާއިރު، މައްސަލަ ހުށަހަޅާ ފޯމުގެ އަސްލާއި، އެ ފޯމުގެ 2 (ދޭއް) ކޮޕީއާއި، މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތަކުގެ (ތިނެއް) ކޮޕީ ހުށަހަޅަން ވާނެއެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަ ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް، މައްސަލަ ހުށަހަޅާ ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި 30 (ތީރީސް) ދުވަހުގެ ތެރޭގައި، އެ ކޯޓަކުން، ޓްރައިބިއުނަލަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހަޅާނަމަ،މައްސަލަ ހުށަހަޅާ ފޯމުގެ އަސްލާއި، އެ ފޯމުގެ 2) ދޭއް) ކޮޕީއާއި، މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތަކުގެ 3 (ތިނެއް) ކޮޕީ، މައްސަލަ ހުށަހަޅާ ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް، ކޯޓަށް ހުށަހެޅުނު ތާރީހަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުނު ތާރީހުކަމުގައި ބަލަންވާނެއެވެ. އަދި މި ފަދައިން ކޯޓަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅޭ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ކޯޓަކަށް މައްސަލަ ބަލައިގަނެފައިވާ ތާރީހު އެނގޭނެ ފަދައިން އެންޓްރީ ކުރުމަށްފަހު، އީމެއިލް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، މައްސަލަ ހުށަހެޅި ފޯމާއި ލިޔެކިޔުންތައް، އެ ކޯޓަކުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފޮނުވަންވާނެއެވެ.

(ޅ) މައްސަލަ ހުށަހަޅާ ފޯމު ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ ފޯމު ޓްރައިބިއުނަލަށް ބަލައިގަތުމަށްފަހު، މައްސަލަ ހުށަހެޅިކަމުގެ ލިޔުމެއް،މައްސަލަ ހުށަހެޅި ފަރާތަށް، ޓްރައިބިއުނަލުން ދޫކުރަން ވާނެއެވެ. އަދި މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި، މައްސަލަ ހުށަހަޅާ ފޯމު ބަލައިގަތުމަށްފަހު، މައްސަލަ ހުށަހެޅިކަމުގެ ލިޔުމެއް، އެ ކޯޓަކުން، މައްސަލަ ހުށަހަޅާ ފަރާތަށް ދޫކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ މައްސަލަ

(ހ) އެއް ހާދިސާއަކާ ގުޅިގެން ނުވަތަ އެއް ވާގިއާތުތަކެއްގެ މައްޗަށް ބިނާކޮށް، އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް ހުށަހެޅިދާނެ ފަދަ މައްސަލަތަކުގައި،މައްސަލަ ހުށަހަޅާ ފަރާތްތަކުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުން، އެފަދަ މައްސަލަތައް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެކުވެގެން އެއް މައްސަލައެއްގެ ގޮތުގައި ހުށަހެޅޭ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަލައިގަތުމަށްފަހު، އެ މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެ މަތީން ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަމިއްލަ އިސްނެގުމަކަށް، އެ މައްސަލައަކީ ވަކި މައްސަލަތަކެއްގެ ގޮތުގައި ހިންގޭގޮތަށް އޮތް މައްސަލައެއްކަމަށް، މައްސަލަ ބަލާ މަޖިލީހަށް ފެނިއްޖެނަމަ، ވަކިވަކި އައު މައްސަލަތަކެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ. މިގޮތަށް ކަނޑައެޅޭ މައްސަލަތަކުގައި ޓްރައިބިއުނަލުން އަންގާ މުއްދަތެއްގެ ތެރޭގައި އެ މައްސަލަތައް ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު، އެ މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ނ) އެއް ހާދިސާއެއް ނުވަތަ އެއް ވާގިއާތުތަކެއްގެ މައްޗަށް ބިނާވާ މައްސަލަތަކެއް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅައިފިނަމަ،މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެ މަތީން ނުވަތަ ޓްރައިބިއުނަލުގެ އަމިއްލަ އިސްނެގުމަކަށް، އެ މައްސަލަތަކުގެ އަޑުއެހުންތައް އެއްކޮށް ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލަތަކުގައްޔާއި، މި މާއްދާގެ (ނ) ގެ ދަށުން އެކުގައި ކުރިޔަށް ގެންދިއުމަށް ނިންމޭ މައްސަލަތަކުގައި، މައްސަލަ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތައް ތަމްސީލުކުރާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހަމަޖައްސައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެކަން އަންގަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ މައްސަލައެއްގައި، މައްސަލަ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފަރާތެއް މައްސަލަ ކުރިޔަށް ގެންދަން ބޭނުންނުވާކަން، މި ގަވާއިދުގެ 41 ވަނަ މާއްދާ (މައްސަލަ ރަޖިސްޓަރީވުމަށްފަހު އަނބުރާ ގެންދިއުން) ގެ ދަށުން ހުށަހަޅައިފިނަމަ، މައްސަލަ ހުށަހެޅި ފަރާތްތަކުގެ ލިސްޓުން އެ ފަރާތުގެ ނަން އުނިކުރެވިފައިވާކަން، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ޓްރައިބިއުނަލުން އަންގަންވާނެއެވެ.

 

19 ވަނަ މާއްދާ - ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު

(ހ) ވަޒީފާއާ ގުޅޭ މައްސަލައެއް ނުވަތަ ހިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ނުވަތަ ހިލާފެއް އުފެދުނު ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ. އެހެންނަމަވެސް އުޖޫރައާ ގުޅުންހުރި މައްސަލަތައް، މި މާއްދާގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަހުގެ މުއްދަތު ފާއިތުވުމަށްފަހުގައި ވެސް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި މައްސަލަ ހުށަހަޅަން ވަކި މުއްދަތެއް ކަނޑައަޅައިފައި އޮތް ނަމަވެސް، ގާނޫނަކުން ނުވަތަ ގަވާއިދަކުން، ވަކި ބާވަތެއްގެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައިފައިވާނަމަ، އެފަދަ މައްސަލަތަކުގައި މައްސަލަ ހުށަހެޅުމުގެ މުއްދަތުކަމުގައި ބަލަންވާނީ، އެ ގާނޫނެއްގައި ނުވަތަ އެ ގަވާއިދެއްގައި ކަނޑައަޅައިފައިވާ މުއްދަތަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ މުއްދަތު ފާއިތުވުމަށްފަހު، އެ މުއްދަތުގައި މައްސަލަ ހުށަހެޅިފައި ނުވާ ސަބަބު ބަޔާންކޮށް ހުށަހަޅާ މައްސަލައެއްގައި، އެ ސަބަބަކީ މަގްބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަނަމަ، އެ ކަމަކަށް ރިއާޔަތްކޮށް، އެ މައްސަލައެއް ބަލައިގަތުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް ޓްރައިބިއުނަލަށް ހުށަހެޅުމާއެކު، މައްސަލަ ހުށަހަޅާ ފޯމު ފުރިހަމަ ކޮށްފައިވަނީ މި ގަވާއިދާ އެއްގޮތަށްތޯ ރަޖިސްޓްރާރ ކަށަވަރުކުރުމަށްފަހު، މައްސަލަ ރަޖިސްޓަރީކުރާ ރަޖިސްޓަރީގައި، މައްސަލައާބެހޭ އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) މައްސަލަ ހުށަހަޅާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު ނުވަތަ ރަޖިސްޓަރީ ނަންބަރާއި، މިހާރު ދިރިއުޅޭ އެޑްރެހާއި، ދާއިމީ އެޑްރެހާއި، ފޯނު ނަންބަރު.

(ށ) މައްސަލަ ރައްދުވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ 
ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު ނުވަތަ ރަޖިސްޓަރީ ނަންބަރާއި، މިހާރު ދިރިއުޅޭ އެޑްރެހާއި، ދާއިމީ އެޑްރެހާއި، ފޯނު ނަންބަރު.

(ނ) މައްސަލައިގެ ބާވަތް.

(ރ) މައްސަލަ ހުށަހެޅުނު ތާރީހު.

(ބ) މައްސަލައިގެ ނަންބަރު.

(ޅ) ރަޖިސްޓްރާރ އެޅި ފިޔަވަޅު.

 

21 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) މައްސަލަ ހުށަހަޅަނީ ފަރުދެއްނަމަ، އެ ފަރާތަކީ ކާކުކަން އަންގައިދޭ،ފޮޓޯޖެހި ރަސްމީ ލިޔުމެއް، އަދި މައްސަލަ ހުށަހަޅަނީ ގާނޫނީ ށަހްސެއްނަމަ، އެކަން އަންގައިދޭ ރަސްމީ ލިޔުން ނުވަތަ ސެޓްފިކެޓް އޮފް ރަޖިސްޓްރޭށަންގެ ކޮޕީއެއް.

(ށ) މައްސަލަ ހުށަހަޅާ ފަރާތަކީ ގާނޫނީ ށަހްސެއްނަމަ، ނުވަތަ އިދާރާއެއްނަމަ، އެ ފަރާތުން ޓްރައިބިއުނަލަށް އެ މައްސަލަ ހުށަހެޅުމަށް ނިންމައިފައިވާކަމުގެ ގަރާރު ނުވަތަ ރަސްމީ ލިޔުމަކާއި، އެ ފަރާތެއް ތަމްސީލު ކުރުމަށް ކަނޑައަޅާ ފަރާތް ނުވަތަ ވަކީލު އައްޔަނު ކުރިކަންއަންގައިދޭ ގަރާރު ނުވަތަ ރަސްމީ ލިޔުމެއް.

(ނ) މައްސަލައާ ސީދާގޮތުން ގުޅުންހުރި މައްސަލައެއް އެހެން ކޯޓެއްގައި ހިނގަމުންދާނަމަ، ނުވަތަ ހިނގައިފައިވާނަމަ، އެކަން އަންގައިދޭ ރަސްމީ ލިޔުމެއް.

(ރ) މައްސަލަ ހުށަހަޅާ ފޯމުގެ ބައެއް ދިވެހިބަހުން ނޫން ބަހަކުން ފުރިހަމަކޮށްފައިވާނަމަ، އަދި މައްސަލައާއެކު ހުށަހަޅާ އެއްވެސް ލިޔެކިޔުމެއް ދިވެހިބަހުން ނޫން ބަހަކުން އޮތްނަމަ، ޓްރައިބިއުނަލުން އަންގާ ގޮތެއްގެ މަތީން އެ ލިޔެކިޔުމެއްގެ ތަރުޖަމާ.

 

22 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފޯމު ފުރިހަމަ ނުވުން

(ހ) މައްސަލަ ހުށަހަޅާ ފޯމުގެ މައުލޫމާތު ފުރިހަމަނުވާނަމަ، ނުވަތަ ސާފުނުވާނަމަ، ނުވަތަ ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކާއި ފޯމުގައިވާ މައުލޫމާތު ދިމާނުވާނަމަ، ނުވަތަ ފޯމާއެކު ހުށަހަޅައިފައިވާ ލިޔެކިޔުންތައް ސާފުނުވާނަމަ، ނުވަތަ މައްސަލައާ ގުޅުންނެތް ލިޔެކިޔުންތަކެއް ފޯމުގައި ހިމަނައިފައިވާނަމަ، ނުވަތަ ގަވާއިދާ ހިލާފަށް ފޯމު ފުރާފައިވާނަމަ، އެ ފޯމު އިސްލާހުކޮށްފައި، ޓްރައިބިއުނަލުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ލިޔުމުން އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އަދި ފޯމު އިސްލާހުކުރުމަށް ދެވުނު މުއްދަތުގެ ތެރޭގައި ހުށަނޭޅުނު ސަބަބު، މައްސަލަ ހުށަހެޅި ފަރާތުން ލިޔުމުން ހުށަހަޅައިފިނަމަ، އެ ސަބަބަކީ މަގުބޫލު ސަބަބެއްނަމަ، ފޯމު އިސްލާހުކުރުމަށް ދިން މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފޯމެއް އިސްލާހު ކުރުމަށް ރަޖިސްޓްރާރ ދީފައިވާ މުއްދަތުގައި އެ ކަމެއް އިސްލާހު ނުކޮށްފިނަމަ، އެ ފޯމު ބަލައިނުގަތުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. ނަމަވެސް، ރަޖިސްޓްރާރ ދީފައިވާ މުއްދަތު ހަމަވުމަށްފަހު ވެސް، މި ގަވާއިދުގެ 19 ވަނަ މާއްދާ (ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު) ގައި ބަޔާންކޮށްފައިވާ މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ފޯމު އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅިދާނެއެވެ.

 

23 ވަނަ މާއްދާ - މައްސަލައާ ގުޅުންނެތް ކަންކަން އިސްލާހުކުރުން

ޓްރައިބިއުނަލުން ބަލައިގަނެފައިވާ މައްސަލައެއްގައި މައްސަލައާ ގުޅުންނެތް ބައެއް ހިމެނިފައިވާނަމަ، މައްސަލަ ހިނގަމުންދާ މުއްދަތުގައި ކޮންމެ މަރުހަލާއެއްގައި ވެސް، އެ ބައެއް އުނިކުރުމަށް ނުވަތަ އިސްލާހުކުރުމަށް އެންގުމުގެ އިހްތިޔާރު، އެ މައްސަލައެއް ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ހުށަހަޅައިފައިވާ މައްސަލައެއްގެ މައްސަލަ ހުށަހަޅާ ފޯމު ބަދަލުކުރުމަށް އެދި ހުށަހެޅުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައިގެންފައިވާ މައްސަލައެއްގައި ހިމެނޭ އެއްވެސް ބައެއް އިސްލާހުކުރުމަށް މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެނަމަ، އެ އިސްލާހަކީ މައްސަލަ ރަނގަޅަށް އިންސާފުވެރިކޮށް ނިންމުމަށް ކޮންމެހެން ބޭނުން އިސްލާހެއްކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެނިއްޖެ ހާލަތެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ ބައެއް އިސްލާހުކުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު، އެ މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓްރައިބިއުނަލުން ބަލައިގަނެފައިވާ މައްސަލައެއްގައި ހުށަހަޅައިފައިވާ ކަމެއް އިތުރުކުރުމަށް ނުވަތަ އުނިކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި ހުށަހަޅަންވާނީ، އެ މައްސަލައިގެ ހުލާސާ އަޑުއެހުން ބޭއްވުމުގެ ކުރިންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގެ ކޮންމެ މަރުހަލާއެއްގައި ވެސް މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން އެއްބަސްވެ ވަކިގޮތަކަށް މައްސަލަ ނިންމައިދިނުމަށް އެދި ހުށަހަޅައިފިނަމަ، މައްސަލަ ނިންމުމުގައި އެ ހުށަހެޅުމަކަށް މައްސަލަ ބަލާ މަޖިލީހުން ރިއާޔަތް ކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - މައްސަލަ ހުށަހެޅިކަމުގެ ލިޔުން ދޫކުރުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތަކުން މައްސަލަ ހުށަހެޅިފައިވާ ކަމުގެ ލިޔުމެއް ބޭނުންވެގެން އެދިއްޖެނަމަ، އެ ފަރާތަކަށް އެ ފަދަ ލިޔުމެއް ދޭންވާނެއެވެ.

 

 

ފަސްވަނަ ބައި

މައްސަލަ ބަލައިގަތުމާއި ރަޖިސްޓަރީ ކުރުން

 

މައްސަލަ ރަޖިސްޓަރީ ކުރުން

(ހ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާމެދު ނިންމާ ގޮތް،މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 14 (ސާދަ) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ.

(ށ) މި ގަވާއިދުގެ 22 ވަނަ މާއްދާ (މައްސަލަ ހުށަހަޅާ ފޯމު ފުރިހަމަ ނުވުން) ގެ ދަށުން އިސްލާހު ކުރުމަށް އަންގާ ފޯމުތައް ރަޖިސްޓަރީ ކުރުމާމެދު ގޮތެއް ނިންމުމަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނަން ފަށާނީ، ޓްރައިބިއުނަލުން އަންގައިފައިވާ ގޮތަށް ފޯމު އިސްލާހުކޮށްފައި ހުށަހަޅާ ތާރީހުން ފެށިގެންނެވެ.

(ނ) މައްސަލަ ޓްރައިބިއުނަލަށް ބަލައިގަތުމާމެދު ގޮތެއް ނިންމާނީ ރަޖިސްޓްރާރއެވެ.

(ރ) މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމައިފިނަމަ، ބެލެން ނެތް ސަބަބު ބަޔާންކޮށް، މައްސަލަ ހުށަހެޅި ފަރާތަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

 

27 ވަނަ މާއްދާ - މައްސަލަ ބަލާނެ މެންބަރު ކަނޑައެޅުން

(ހ) މައްސަލަ ބަލާނެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މެންބަރު ކަނޑައަޅާނީ،މައްސަލަ ރަޖިސްޓަރީވާ ތަރުތީބުން ނުވަތަ މި ގަވާއިދުގެ 29 ވަނަ މާއްދާ (ކޮންސިލިއޭށަން ބައްދަލުވުން) ގެ (ޅ) ގައިވާ ގޮތުގެ މަތީން ކޮންސިލިއޭށަން ނިންމައިލާ ތަރުތީބުން ނުވަތަ މައްސަލަތަކުން މެންބަރުން ތަނާޒުލްވާ ތަރުތީބުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ ރަޖިސްޓަރީގައި މެންބަރުން ލިސްޓުކޮށްފައިވާ ތަރުތީބުން،ރަޖިސްޓްރާރއެވެ.

(ށ) 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން ބަލާ މައްސަލަތަކުގައި، ތިން މެންބަރުންގެ މަޖިލީހަކުން ބަލަންޖެހޭކަމަށް ނިންމޭ ތަރުތީބުން، އެ މައްސަލަތައް ބަލާނެ މަޖިލިސްތައް އެކުލަވައިލައި، އެ މަޖިލިސްތަކުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރު އައްޔަނުކުރާނީ، ހުރިހާ މެންބަރުންނަށް ހަމަހަމަވާނެ އުސޫލަކުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރަޖިސްޓްރާރއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއް ހާދިސާއަކާ ގުޅިގެން ނުވަތަ އެއް ވާގިއާތުތަކެއްގެ މައްޗަށް ބިނާކޮށް،އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅައިފައިވާ މައްސަލަތައް އެއް މަޖިލީހަކުން ބެލުމަކީ އެންމެ މަސްލަހަތު ބޮޑު ގޮތްކަމަށް ފެންނަ ހާލަތުގައި،އެފަދަ މައްސަލަތައް ބެލުމަށް، އެއް މަޖިލީހެއް ކަނޑައެޅުމަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓްރަބިއުނަލަށް އަލަށް އައްޔަނުކުރާ މެންބަރަކަށް ވަކި މުއްދަތެއް ވަންދެން މައްސަލަ ބެލުމަށް ހަވާލުނުކުރުމަށް ނުވަތަ ބެލުމަށް ހަވާލުކުރެވޭ މައްސަލަތަކުގެ އަދަދު މަދުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން ނިންމައިފިނަމަ، މައްސަލަ ބަލާ މަޖިލިސް އެކުލަވައިލަންވާނީ އެ ނިންމުމާ ތައާރުޒުނުވާނޭ ފަދައިންނެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހާލަތަކަށް ރިއާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހަށް، މައްސަލަ ބަލާނެ މަޖިލިސް އެކުލަވައިލައި، އެ މަޖިލިހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރު އައްޔަނު ކުރެވިދާނެއެވެ. 

(ޅ) މައްސަލަ ބަލާނެ މަޖިލިސް ކަނޑައެޅުމާއެކު، އެ މެންބަރާ މައްސަލަ ހަވާލުކުރަންވާނެއެވެ. މައްސަލައެއް މެންބަރަކާ ހަވާލުކުރުމަކީ، އެ މެންބަރުގެ ސެކްށަނަށް މައްސަލައިގެ ފައިލު ހަވާލުކުރުމެވެ.

 

28 ވަނަ މާއްދާ - މައްސަލަތަކުން ތަނާޒުލުވުން

މެންބަރަކާ ހަވާލުކޮށްފައިވާ މައްސަލައަކުން މެންބަރަކު ތަނާޒުލުވާންޖެހޭ ސަބަބެއް އޮވެއްޖެނަމަ، ތަނާޒުލުވާ ސަބަބާއެކު، އެ މެންބަރަކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

 

 

ހަވަނަ ބައި

ކޮންސިލިއޭށަން ބައްދަލުވުމާއި އިބްތިދާއީ ބައްދަލުވުން ބޭއްވުން

 

29 ވަނަ މާއްދާ - ކޮންސިލިއޭށަން ބައްދަލުވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ސުލްހަވެރިކަމާއެކު ކޮންސިލިއޭށަނުން ހައްލުކުރެވިދާނެކަމަށް ރަޖިސްޓްރާރއަށް ފެންނަ މައްސަލަތައް ކޮންސިލިއޭށަނަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކޮންސިލިއޭށަންއަށް ފޮނުވޭ މައްސަލަތަކުގައި، ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ޓަކައި، މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކާ އެކުއެކީގައި ނުވަތަ ވަކިވަކިން ބައްދަލުވުންތަކެއް ބޭއްވުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ބާއްވާ ކޮންސިލިއޭށަން ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ އަމުރު، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ފޮނުވޭ އަމުރާ އެއްގޮތަށް ހާޒިރުނުވެއްޖެނަމަ، މި ގަވާއިދުގެ 54 ވަނަ މާއްދާ (ހާޒިރުވުމުގެ އަމުރުގައި ނުހިފުން ނުވަތަ އަމުރު ލިބި މަގުބޫލު އުޒުރެއްނެތި ހާޒިރުނުވުން) ގައިވާ ގޮތުގެ މަތީން އެ ފަރާތަކާމެދު އަމަލުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ބޭއްވޭ ބައްދަލުވުންތަކުން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރެވިއްޖެނަމަ، ދެފަރާތުގެ ދެމެދުގައި ސުލްހަވެރިކަމާއެކު މައްސަލަ ނިންމި ގޮތުގެ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ސޮއިކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރެއް ނެރެންވާނެއެވެ.

(ޅ) މައްސަލައިގައި ހިމެނޭ ހަސްމުންގެ މެދުގައި އެއްބަސްވުމަކަށް އާދެވެން ނެތްކަމަށް ރަޖިސްޓްރާރއަށް ގަބޫލުކުރެވޭނަމަ، ކޮންސިލިއޭށަން ނިންމައިލިކަން ހަސްމުންނަށް އަންގައި، މައްސަލަ ބެލުމަށް، މި ގަވާއިދުގެ 27 ވަނަ މާއްދާ (މައްސަލަ ބަލާނެ މެންބަރު ކަނޑައެޅުން) އާ އެއްގޮތަށް މައްސަލަ ބަލާ މަޖިލިސް ކަނޑައަޅައި، މައްސަލައިގެ ފައިލު ހަވާލުކުރަން ވާނެއެވެ.

 

30 ވަނަ މާއްދާ - މައްސަލަ ބަލާނެ މެންބަރު ކަނޑައެޅިފައިވާ މައްސަލަތަކުގެ ކޮންސިލިއޭށަން ކުރިޔަށް ގެންދިއުން

(ހ) މި ގަވާއިދުގެ 27 ވަނަ މާއްދާ (މައްސަލަ ބަލާނެ މެންބަރު ކަނޑައެޅުން) ގެ ދަށުން މައްސަލަ ބަލާނެ މެންބަރު ކަނޑައެޅިފައިވާ މައްސަލަތަކުގެ ތެރެއިން މައްސަލައެއް، ސުލްހަވެރިކަމާއެކު ކޮންސިލިއޭށަނުން ހައްލުކުރެވިދާނެކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެންނަ މައްސަލަތައް ކޮންސިލިއޭށަނަށް ފޮނުވިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ކޮންސިލިއޭށަނަށް ފޮނުވޭ މައްސަލަތަކުގައި، މި ގަވާއިދުގެ 29 ވަނަ މާއްދާ (ކޮންސިލިއޭށަން ބައްދަލުވުން) ގެ (ށ) އާއި، (ނ) އާއި، (ރ) އާއި، (ބ) އާ އެއްގޮތަށް އަމަލުކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޮންސިލިއޭށަނަށް ފޮނުވޭ މައްސަލައިގައި ހިމެނޭ ހަސްމުންގެ މެދުގައި އެއްބަސްވުމަކަށް އާދެވެން ނެތްކަމަށް ރަޖިސްޓްރާރއަށް ގަބޫލުކުރެވޭނަމަ، ނުވަތަ ކޮންސިލިއޭށަނަށް ފޮނުވުނު ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 14 (ސާދަ) ދުވަހުގެ ތެރޭގައި މައްސަލައިގައި ހިމެނޭ ހަސްމުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ކޮންސިލިއޭށަން ނިންމައިލިކަން ހަސްމުންނަށް އަންގައި، މި ގަވާއިދުގެ 27 ވަނަ މާއްދާ (މައްސަލަ ބަލާނެ މެންބަރު ކަނޑައެޅުން) އާ އެއްގޮތަށް ކުރިން މައްސަލަ ބެލުމަށް އެކުލަވައިލައިފައިވާ މަޖިލީހުން މައްސަލަ ބެލުމަށް، އަލުން މައްސަލައިގެ ފައިލު ހަވާލުކުރަން ވާނެއެވެ.

 

31 ވަނަ މާއްދާ - އިބްތިދާއީ ބައްދަލުވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ބޭއްވުމުގެ ކުރިން މައްސަލައާ ގުޅޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތާއި ގާނޫނީގޮތުންނާއި އިދާރީގޮތުން ނިންމަންޖެހޭ ކަންތައްތައް ކުރުމަށް އިބްތިދާއީ ބައްދަލުވުމެއް ނުވަތަ ބައްދަލުވުންތަކެއް މައްސަލަ ބަލާ މަޖިލީހުން ބާއްވަންވާނެއެވެ. މި ގަވާއިދުގެ 69 ވަނަ މާއްދާ (އިޖުރާއީ ނުކުތާ) ގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ އިޖުރާއީ ނުކުތާއާ ގުޅިގެން ބޭއްވޭ އަޑުއެހުންތައް ބޭއްވުމަށްފަހު، އިބްތިދާއީ ބައްދަލުވުމެއް ނުވަތަ ބައްދަލުވުންތަކެއް ބޭއްވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ބޭއްވޭ އިބްތިދާއީ ބައްދަލުވުން، މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކާ އެކުއެކީގައި ނުވަތަ ވަކިވަކިން ބޭއްވުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ނ) އިބްތިދާއީ ބައްދަލުވުމުގައި އަންނަނިވި ކަންތައްތައް ހާސިލުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

  1. މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން މައްސަލައާ ގުޅިގެން ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ދެފަރާތާ ހިއްސާކުރުން؛
  2. މައްސަލަ ބެލުމަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހަމަކޮށް، މައްސަލައާ ގުޅުމެއްނެތް ލިޔުންތައް ބަލައިނުގަތުމަށް ނިންމުން؛ މިގޮތުން ބަލައިނުގަތުމަށް ނިންމޭ ލިޔެކިޔުންތަކުގެ މައުލޫމާތު، އެ ލިޔެކިޔުމެއް ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.
  3. ހެކިބަސްދޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ހެކިބަހުން ސާބިތު ކުރަން ބޭނުންވާ ކަންތައްތަކުގެ މައުލޫމާތު ހޯދުން؛
  4. މައްސަލައިގައި ހެކީންގެ ގޮތުގައި ހުށަހަޅައިފައިވާ ފަރާތްތަކުގެ ހެކިބަސް ނެގުމުގައި އިސްކަންދޭނެ ތަރުތީބު ލިސްޓުކުރުން؛
  5. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ބޭރުން ހައްލުކުރެވިދާނެ ފަދަ މައްސަލައެއްނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތުދީ، އެ ފަރާތްތަކުން އެއްބަސްވާނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭރުގައި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ފުރުސަތު ދިނުން؛
  6. މައްސަލައިގެ އަޑުއެހުން ބާއްވާނެ ދުވަސްތައް ކަނޑައަޅައި ތާވަލުކުރުން؛
  7. މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި އިބްތިދާއީ ބައްދަލުވުމުގައި ހުށަނާޅާ ލިޔެކިޔުންތަކާއި ހެކިތައް، މައްސަލަ ބަލާ މަރުހަލާގައި ބަލައިނުގަނެވޭނެކަން އެންގުން؛
  8. މިނޫންވެސް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަދުލު އިންސާފު ގާއިމްކޮށްދިނުމަށް ފަސޭހަވާނެ އެހެނިހެން ކަންތައްތައް ހަމަޖެއްސުން.

(ރ) އިބްތިދާއީ ބައްދަލުވުމުގެ މަރުހަލާ ނިމުމަށްފަހު ހުށަހަޅާ ލިޔެކިޔުންތަކާއި ހެކިތައް، އެ ބައްދަލުވުން ނިމުމަށްފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަލައިގަނެވޭނީ، އެ ހެކީގެ ބާވަތަށާއި، މައްސަލައާ ގުޅުންހުރި މިންވަރަށާއި،އެ ހެއްކެއް ނުވަތަ މައުލޫމާތެއް އިބްތިދާއީ ބައްދަލުވުމުގެ މަރުހަލާގައި ހުށަހެޅިފައިނުވާ ސަބަބަށް ރިއާޔަތްކުރުމަށްފަހު، މައްސަލަ ބަލާ މަޖިލީހަށް އެ ކަމެއް ބަލައިގަންނަން ޖެހޭކަމަށް ފެންނަނަމައެވެ.

(ބ) މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް، ކަނޑައެޅިފައިވާ މުއްދަތެއް ދިނުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އަދި މިގޮތުގެ މަތީން ދޭ މުއްދަތުގައި މައްސަލަ ހައްލު ނުވެއްޖެނަމަ، މައްސަލަ ހުށަހެޅި ފަރާތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެކަން އަންގަންވާނެއެވެ. މައްސަލަ ސުލްހަވެރިކޮށް ނިންމުމަށް ދެވޭ މުއްދަތު ފާއިތުވުމަށްފަހު، ސުލްހަވެރިކަމާއެކު މައްސަލަ ހައްލުވެފައި ނުވާނަމަ، ނުވަތަ ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމަށްފަހު މައްސަލައިގައި ހިމެނޭ ފަރާތަކުން ސުލްހަވެވުނުކަން އަންގައިފައި ނުވާނަމަ، މައްސަލައިގައި ގޮތެއް ނިންމުމަށް ޓަކައި މައްސަލަ ކުރިޔަށް ގެންދެވޭނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރެވިއްޖެނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކުން، އެ ފަރާތްތަކުގެ މެދުގައި ސުލްހަވުމަށް އެއްބަސްވި ގޮތް،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އަންގަންވާނެއެވެ. އަދި މިގޮތުގެ މަތީން ދެފަރާތުގެ ދެމެދުގައި ސުލްހަވެރިކަމާއެކު މައްސަލަ ހައްލުވެފައިވާ ގޮތުގެ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރެއް ނެރެންވާނެއެވެ.

 

32 ވަނަ މާއްދާ - އިބްތިދާއީ ބައްދަލުވުމަށް ހާޒިރުވުމަށް އެންގުން

(ހ) މި ގަވާއިދުގެ ދަށުން ބާއްވާ އިބްތިދާއީ ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ އަމުރު، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފޮނުވޭ އަމުރާ އެއްގޮތަށް ހާޒިރުނުވެއްޖެނަމަ، މި ގަވާއިދުގެ 54 ވަނަ މާއްދާ (ހާޒިރުވުމުގެ އަމުރުގައި ނުހިފުން ނުވަތަ އަމުރު ލިބި، މަގުބޫލު އުޒުރެއްނެތި ހާޒިރުނުވުން) ގައިވާ ގޮތުގެ މަތީން އެ ފަރާތަކާމެދު އަމަލުކުރެވޭނެއެވެ.

 

33 ވަނަ މާއްދާ - މައްސަލައިގެ ލިޔުންތައް ހަވާލުކުރުމާއި ޖަވާބު ހުށަހެޅުން

(ހ) މައްސަލަ ހުށަހަޅާ ފޯމު ބަލައިގަނެ، މައްސަލައެއްގެ ގޮތުގައި ޓްރައިބިއުނަލުގައި ރަޖިސްޓަރީ ކުރެވުމުން، އެ މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތަށް، މައްސަލަ ހުށަހަޅާ ފޯމުގެ ކޮޕީއާއި ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގެ ކޮޕީ ހަވާލުކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މައްސަލަ ހުށަހަޅާ ފޯމުގެ ކޮޕީއާއި ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގެ ކޮޕީ ހަވާލުކުރެވުމުން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، މައްސަލަ ރައްދުވާ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ނ) ތިރީގައިވާ ހާލަތްތަކުގައި، މި މާއްދާގެ (ށ) ގައި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު ހުށަހެޅުމަށް ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ޖަވާބު ހުށަހަޅާ ފޯމު ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

  1. ގާނޫނަކުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅައިފައިވާ މައްސަލަތައް؛
  2. މައްސަލައިގެ ބާވަތުން ނުވަތަ މައްސަލައިގެ މައުޒޫއަށް ބަލައި، އަވަހަށް ނިންމަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅާ މައްސަލަތައް.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ނުވަތަ މި މާއްދާގެ (ނ) ގެ ދަށުން ދޭ މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ހުށަހަޅަންޖެހޭ ފަރާތުން ސަބަބު ބަޔާންކޮށް މުއްދަތު އިތުރުކުރުމަށް އެދިއްޖެނަމަ، ޖަވާބު ހު ށަހަޅާ ފޯމު ހުށަހެޅުމަށް ދެވުނު މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ނުވަތަ (ނ) ގެ ދަށުން ނުވަތަ (ރ) ގެ ދަށުން މައްސަލައިގެ ޖަވާބު ހުށަހެޅުމަށް އަންގާ މުއްދަތުގެ ތެރޭގައި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު ހުށަހަޅައިފައި ނުވިނަމަވެސް،މައްސަލައިގެ އިބްތިދާއީ ބައްދަލުވުމެއް، މައްސަލަ ބަލާ މަޖިލީހަށް ބޭއްވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އިބްތިދާއީ ބައްދަލުވުން ބޭއްވުމަށްފަހު، މި މާއްދާގެ (ށ) ގެ ދަށުން ނުވަތަ (ނ) ގެ ދަށުން ނުވަތަ (ރ) ގެ ދަށުން މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ހުށަހަޅާ ފޯމު ހުށަހެޅުމަށް މައްސަލަ ބަލާ މަޖިލީހުން އަންގަންވާނެއެވެ.

(ކ) މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު ހުށަހަޅާއިރު، ޖަވާބު ހުށަހަޅާ ފޯމުގެ އަސްލާއި، އެ ފޯމުގެ 2 (ދޭއް) ކޮޕީއާއި، މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމުގައިވާ ކަންތައްތައް ސާބިތުކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތަކުގެ 3 (ތިނެއް) ކޮޕީ ހުށަހަޅަންވާނެއެވެ. އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހުށަހަޅާ ލިޔެކިޔުންތައް ހުށަހަޅާ ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ވާނެއެވެ.

 

34 ވަނަ މާއްދާ - ޖަވާބު ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޖަވާބު ހުށަހަޅާ ފޯމާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) މައްސަލައިގެ ޖަވާބު ހުށަހަޅަނީ ފަރުދެއްނަމަ، އެ ފަރާތަކީ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއް، އަދި މައްސަލައިގެ ޖަވާބު ހުށަހަޅަނީ ގާނޫނީ ށަހްސެއްނަމަ، އެކަން އަންގައިދޭ ރަސްމީ ލިޔުން ނުވަތަ ސެޓްފިކެޓް އޮފް ރަޖިސްޓްރޭށަންގެ ކޮޕީއެއް.

(ށ) މައްސަލަ ރައްދުވާ ފަރާތަކީ ގާނޫނީ ށަހްސެއްނަމަ ނުވަތަ އިދާރާއެއްނަމަ، އެ ފަރާތެއް ތަމްސީލު ކުރުމަށް ކަނޑައަޅާ ފަރާތް އައްޔަނުކުރިކަން އަންގައިދޭ ގަރާރު ނުވަތަ ރަސްމީ ލިޔުމެއް.

(ނ) މައްސަލައާ ސީދާގޮތުން ގުޅުންހުރި މައްސަލައެއް ކޯޓެއްގައި ހިނގަމުންދާނަމަ، ނުވަތަ ހިނގައިފައިވާނަމަ، އެކަން އަންގައިދޭ ރަސްމީ ލިޔުމެއް.

(ރ) މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމުގެ ބައެއް، ދިވެހިބަސް ނޫން ބަހަކުން ފުރިހަމަ ކޮށްފައިވާނަމަ އަދި ޖަވާބު ހުށަހަޅާ ފޯމާއެކު ހުށަހަޅާ އެއްވެސް ލިޔެކިޔުމެއް ދިވެހިބަސް ނޫން ބަހަކުން އޮތްނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާ ގޮތެއްގެ މަތީން އެ ލިޔެކިޔުމެއްގެ ތަރުޖަމާ.

 

35 ވަނަ މާއްދާ - މުއްދަތު އިތުރުކުރުން

މައްސަލަ ބަލާ މަޖިލިސް ކަނޑައެޅުމަށްފަހު، އެ މައްސަލައަކާ ގުޅިގެން މައްސަލައަށް ޖަވާބުދާރީވުން ފަދަ، ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގައިފައިވާ ކަމަކަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއު ނަލަށް ހުށަހަޅާ ހުށަހެޅުންތައް ބަލައި، އެކަމާމެދު ގޮތެއް ނިންމާނީ، އެ މައްސަލައެއް ބަލާ މަޖިލީހުންނެވެ.

 

36 ވަނަ މާއްދާ - ލިޔެކިޔުން ހުށަހެޅުން

(ހ) މައްސަލައިގައި ހިމެނޭ ފަރާތަކުން، މައްސަލައާ ގުޅިގެން އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާނަމަ ނުވަތަ ލިޔެކިޔުމެއް ހުށަހެޅުމަށް ޓްރައިބިއުނަލުން އަންގައިފިނަމަ، އަޑުއެހުން ފެށުމުގެ ކުރިން، އެ ލިޔެކިޔުމެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ލިޔެކިޔުންތައް ހުށަހަޅާއިރު، އެ ލިޔެކިޔުމެއްގެ އަސްލާއި، 2 (ދޭއް) ކޮޕީ ހުށަހަޅަންވާނެއެވެ. އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހުށަހަޅާ ލިޔެކިޔުންތައް ހުށަހަޅާ ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ ލިޔެކިޔުމެއްގެ އަސްލާއި، 2 (ދޭއް) ކޮޕީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުށަހެޅޭ ލިޔެކިޔުންތައް،މައްސަލައިގައި ހިމެނޭ ފަރާތްތަކާ، އަޑުއެހުން ފެށުމުގެ ކުރިން ހިއްސާ ކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - މައުލޫމާތު ނުވަތަ ލިޔެކިޔުމެއް ދިނުމަށް އެންގުން

(ހ) މައްސަލައިގައި ހިމެނޭ ހަސްމެއް ނުވަތަ އެނޫންވެސް ފަރާތެއްގެ ކިބައިގައި އޮތް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެން ވެސް އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ލިބެންނެތް ކަމަށް ބަޔާންކޮށް، އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ވަޒީފާއާބެހޭ ޓްރައިބިއުނަލް މެދުވެރިކޮށް ހޯދުމަށް މައްސަލައިގައި ހިމެނޭ ހަސްމަކަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގައި ހިމެނޭ ހަސްމަކު މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހޯދުމަށް އެދިއްޖެނަމަ، އެ މައުލޫމާތަކީ ނުވަތަ އެ ލިޔެކިޔުމަކީ މައްސަލައާ ގުޅިގެން ހޯދަންޖެހޭ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެ ނިއްޖެނަމަ، އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ޓްރައިބިއުނަލަށް ހުށަހެޅުމަށް އަމުރެއް ނެރުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

 

ހަތްވަނަ ބައި

މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރުމާއި ހުށަހެޅިފައިވާ މައްސަލައަކަށް ތަދައްހުލުވުން

 

38 ވަނަ މާއްދާ - މައުލޫމާތު ސާފުކުރުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގައި މައްސަލައާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ކިބައިން މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ މައުލޫމާތު ދިނުމަށް އެ ފަރާތެއް އަޑުއެހުމަކަށް ހާޒިރު ކުރެވިދާނެއެވެ. ނުވަތަ އެ މައުލޫމާތު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން ދިނުމަށް އެ ފަރާތަކަށް އެންގިދާނެއެވެ.

 

39 ވަނަ މާއްދާ - ހުށަހެޅިފައިވާ މައްސަލައަކަށް ތަދައްހުލުވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން މަސްލަހަތު އޮތް އެއްވެސް ފަރާތަކުން އެ މައްސަލައަކަށް ތަދައްހުލުވުމަށް އެދި ހުށަހަޅައިފިނަމަ، އެ ފަރާތަކަށް އެ މައްސަލައިގައި ތަދައްހުލުވުމުގެ ހުއްދަދިނުމުގެ އިހްތިޔާރު، އެ މައްސަލައެއް ބަލާ މަޖިލީހަށް ލިބިގެންވެއެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން،މަސްލަހަތު އޮތް ފަރާތެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިސްނެގުމަށް އެ މައްސަލައަކަށް ތަދައްހުލު ކުރުމުގެ އިހްތިޔާރު މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިސްނެގުމަށް ތަދައްހުލުކުރެވޭ ފަރާތެއް ފިޔަވައި، އެނޫން ފަރާތްތައް ތަދައްހުލުވުމުގެ ހުއްދައަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގެ ހުލާސާ އަޑުއެހުން ބޭއްވުމަށްފަހު، މައްސަލައަށް ތަދައްހުލުވުމަށް އެދި ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

 

 

އަށްވަނަ ބައި

މައްސަލަ އަނބުރާ ގެންދިއުން

 

40 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީވުމުގެ ކުރިން އަނބުރާ ގެންދިއުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއް ރަޖިސްޓަރީވުމުގެ ކުރިން، އެ މައްސަލަ ހުށަހެޅި ފަރާތުން އަނބުރާ ގެންދަން ބޭނުންނަމަ، އެކަން ރަޖިސްޓްރާރއަށް ލިޔުމުން ހުށަހެޅުމަށްފަހު، ރަޖިސްޓްރާރ ނިންމާ ގޮތެއްގެ މަތީން އެ މައްސަލައެއް އަނބުރާ ގެންދިއުމުގެ އިހްތިޔާރު، މައްސަލަ ހުށަހެޅި ފަރާތަށްލިބިގެންވެއެވެ.

 

41 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީވުމަށްފަހު އަނބުރާ ގެންދިއުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއް ރަޖިސްޓަރީވުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންދަން ބޭނުންނަމަ، އެ މައްސަލަ ބަލާ މަޖިލީހަށް އެކަން ހުށަހެޅުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތީން، އަނބުރާ ގެންދިއުމުގެ އިހްތިޔާރު، މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.

(ށ) ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ގެންދާ މައްސަލައެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ކުރިޔަށް ނުގެންދާނެކަން އެ މީހަކަށް އެންގި ތާރީހުން ފެށިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިދާރީފީގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ދެއްކުމަށްފަހު، އަލުން ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހުގައި ވެސް،މި ގަވާއިދުގެ 19 ވަނަ މާއްދާ (ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު) ގައި ބަޔާންކޮށްފައިވާ މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލައެއް އަލުން ހުށަހެޅިދާނެއެވެ. މިގޮތަށް ހުށަހެޅޭ މައްސަލަތަކުގައި ވެސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިދާރީ ފީ ދައްކަން ޖެހޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ނުވަތަ (ނ) ގެ ދަށުން އަލުން ހުށަހެޅޭ މައްސަލައެއް، މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ގެންދިއުމަށްފަހު އަލުން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

 

 

ނުވަވަނަ ބައި

މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި ފައިލުކުރުން

 

42 ވަނަ މާއްދާ - މައްސަލައިގެ ފައިލު

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައި ނަންބަރު ދެވޭ ކޮންމެ މައްސަލައަކަށް ވެސް ފައިލެއް ތައްޔާރުކޮށް، އެ މައްސަލައާ ގުޅޭ ހުރިހާ ލިޔުންތަކެއް ފައިލުކުރަންވާނެއެވެ.

(ށ) މައްސަލައިގެ ފައިލުގެ ބޭރުގައި، މައްސަލަ ނަންބަރާއި، މައްސަލައިގައި ހިމެނޭ ފަރާތްތަކާއި، މައްސަލަ ހުށަހެޅުނު ތާރީހާއި، މައްސަލަ ނިމުމުން ނިމުނު ތާރީހާއި، މައްސަލަ ބަލާ މަޖިލީހުގައި ހިމެނޭ މެންބަރު ނުވަތަ މެންބަރުންގެ ނަން، ރިޔާސަތުގައި އިންނަ މެންބަރު އެނގޭނޭހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

43 ވަނަ މާއްދާ - މައްސަލައާ ގުޅޭ ލިޔެކިޔުންތައް ފައިލުކުރުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ އެންމެހައި މައްސަލަތަކުގެ އަންނަނިވި ރިކޯޑުތައް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަހައްޓަންވާނެއެވެ.

(ހ) މައްސަލަ ހުށަހެޅި ފޯމާއި، އެ ފޯމާއެކު ހުށަހަޅައިފައިވާ ލިޔެކިޔުންތައް.

(ށ) މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމާއި، އެ ފޯމާއެކު ހުށަހަޅައިފައިވާ ލިޔެކިޔުންތައް.

(ނ) މައްސަލައާ ގުޅުންހުރި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރުތައް. 

(ރ) މައްސަލައާ ގުޅިގެން ހުށަހަޅާ އަދި ޓްރައިބިއުނަލުން ފޮނުވާ ސިޓީއާއި އެންމެހައި ލިޔެކިޔުންތައް.

(ބ) މައްސަލައަށް ތަދައްހުލުވާ ފަރާތްތަކުން ހުށަހަޅާ ބަޔާންތަކާއި ލިޔެކިޔުންތައް.

(ޅ) ގާނޫނީ ވަކީލު އައްޔަނުކުރިކަމުގެ ލިޔުމާއި، އެކަން ގަބޫލުކުރިކަމުގެ ލިޔުންތައް.

(ކ) ބަދަލު ހަމަޖެއްސި ލިޔުމާއި، އެކަން ގަބޫލުކުރިކަމުގެ ލިޔުންތައް.

(އ) މައްސަލައިގެ އަޑުއެހުމުގެ މަހްޒަރު ބަޔާންތައް.

(ވ) މައްސަލައިގައި ހުށަހެޅޭ ވަގުތީ އަމުރާއި، އިޖުރާއީ ނުކުތާގެ ނިންމުން.

(މ) މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު.

(ފ) މައްސަލަ ކުރިޔަށްދާގޮތުގެ މައުލޫމާތު ށީޓް.

(ދ) މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުވާ ފަރާތްތަކުގެ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ.

(ތ) މިނޫނަސް މައްސަލައިގެ ފައިލުގައި ހުންނަންޖެހޭކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެންނަ ހުރިހާ ރިކޯޑު.

 

44 ވަނަ މާއްދާ - މައްސަލައިގެ އަޑުއެހުމުގައި ދެކެވޭ ވާހަކަތަކުގެ ރިކޯޑު ބެލެހެއްޓުން

(ހ) މައްސަލައިގެ އަޑުއެހުމުގައި އަނގަބަހުން ދެކެވޭ ވާހަކަތަކުގެ އޯޑިއޯ ރެކޯޑިންގ ނުވަތަ ވީޑިއޯ ރެކޯޑިންގއާއި އެ ރެކޯޑިންގ ޓްރައިބިއުނަލުން ބަލަހައްޓަންވާނެއެވެ.

(ށ) މައްސަލައިގެ އަޑުއެހުމުގައި ދެކެވޭ ވާހަކަތައް އަކުރުން އަކުރަށް ލިޔެ، މަހްޒަރު ބަޔާނެއްގެ ގޮތުގައި ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ތައްޔާރުކުރާ މަހްޒަރު ބަޔާން ތައްޔާރުކުރުމަށްފަހު، އެ ބަޔާނުގައި ލިޔެވިފައިވަނީ އަޑުއެހުމުގައި ދެކެވުނު ވާހަކަތައްކަން ކަށަވަރު ކުރުމަށް ޓަކައި އެ އަޑުއެހުމެއްގައި ވާހަކަދެއްކި ފަރާތްތަކަށް މަހްޒަރު ބަޔާންތައް ހިއްސާކުރުމަށްފަހު، އެ މަހްޒަރު ބަޔާނުގައި މައްސަލައެއް އޮތްނަމަ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 3 (ތިނެއް) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެކަން އެންގުމަށް ފުރުސަތު ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ދެވޭ ފުރުސަތުގައި މަހްޒަރު ބަޔާނުގައި މައްސަލައެއް ނެތްކަމަށް އަންގައިފިނަމަ، ނުވަތަ ދެވުނު މުއްދަތުގައި ވަކިއެއްޗެއް އަންގައިފައި ނުވާނަމަ، ބަޔާން ޓައިޕްކުރި މުވައްޒަފާއި ބަޔާން ޗެކްކުރި މުވައްޒަފު "މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ (ނަންބަރު) މައްސަލައާ ގުޅިގެން (ތާރީހު) ގައި ބޭއްވި އަޑުއެހުމުގައި ދެއްކި ވާހަކަތައް، ރެކޯޑިންގއާ އެއްގޮތަށް އަކުރުން އަކުރަށް ލިޔެ މަހްޒަރު ކޮށްފައިވާ ބަޔާނެކެވެ." މިގޮތަށް މަހްޒަރު ބަޔާނުގައި ލިޔެ ސޮއިކޮށް ޓްރައިބިއުނަލުގެ ސިއްކަޖެހުމުން އެއީ ސައްހަ ބަޔާނެއްކަމުގައި ބެލޭނެއެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ދެވޭ ފުރުސަތުގައި މަހްޒަރު ބަޔާނުގައި މައްސަލަތަކެއް ހުރިކަމަށް އަންގައިފިނަމަ، ފާހަގަކުރި ކަންތައްތައް ރެކޯޑިންގ އަޑުއަހައި އަލުން ޗެކުކުރުމަށްފަހު، ފާހަގަކުރި ކަންތައްތައް އިސްލާހު ކުރަން ޖެހޭނަމަ، އެ ކަންކަން އިސްލާހު ކުރުމަށްފަހު، ބަޔާން ޓައިޕްކުރި މުވައްޒަފާއި ބަޔާން ޗެކްކުރި މުވައްޒަފު "މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ (ނަންބަރު) މައްސަލައާ ގުޅިގެން (ތާރީހު) ގައި ބޭއްވި އަޑުއެހުމުގައި ދެއްކި ވާހަކަތައް، ރެކޯޑިންގއާ އެއްގޮތަށް އަކުރުން އަކުރަށް ލިޔެ މަހްޒަރު ކޮށްފައިވާ ބަޔާނެކެވެ." މިގޮތަށް މަހްޒަރު ބަޔާނުގައި ލިޔެ ސޮއިކޮށް ޓްރައިބިއުނަލުގެ ސިއްކަޖެހުމުން އެއީ ސައްހަ ބަޔާނެއްކަމުގައި ބެލޭނެއެވެ.

(ޅ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އަޑުއެހުން ނިމި، މަހްޒަރު ކޮށްފައިވާ ބަޔާންތަކުގައި ސޮއިނުކުރެވި ހުރިނަމަ އަމަލުކުރާނީ، މި މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) ގައިވާ ގޮތުގެ މަތީންނެވެ.

 

45 ވަނަ މާއްދާ - އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑިންގ

ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައެއްގައި، މައްސަލައިގެ ރެކޯޑިންގ އަޑުއެހުމަށް މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެނަމަ، އެ ރެކޯޑިންގތައް އަޑުއެހުމުގެ އިންތިޒާމު، ރަޖިސްޓްރާރ ނުވަތަ މައްސަލަ ބަލާ މަޖިލީހުގެ ބެލުމުގެ ދަށުން ހަމަޖައްސައިދޭންވާނެއެވެ.

 

46 ވަނަ މާއްދާ - މައްސަލައިގެ ފައިލު އަރުށީފުކުރުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައިގެ ނިންމުން އިއްވާ ތާރީހުން ފެށިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މައްސަލައިގެ އެންމެހައި ލިޔުންތައް ސްކޭންކުރުމަށްފަހު، އެ މައްސަލައިގެ ފައިލު، އަރުށީފު ކުރުމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އަރުށީފު ކުރަންވާނެއެވެ. އަދި އަރުށީފު ކުރެވޭ މައްސަލައިގެ ފައިލުގައި ހިމެނޭ ލިޔުމެއް ނުވަތަ އެ ފައިލުގެ ކޮޕީއެއް ބޭނުންވާނަމަ، އަރުށީފު ކުރުމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެ ލިޔުމެއް ދޫކުރެވޭނެއެވެ.

 

 

ދިހަވަނަ ބައި

ހަސްމުން ތަމްސީލުކުރުން

 

47 ވަނަ މާއްދާ - ހަސްމުން ތަމްސީލު ކުރާނެ ފަރާތެއް އައްޔަނު ކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި ހަސްމުންގެ ފަރާތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ވަކާލާތު ކުރުމުގެ ގޮތުން، ވަކީލުކަމުގެ ހުއްދަ އޮންނަ ފަރާތެއް އައްޔަނު ކުރެވިދާނެއެވެ. އަދި އޭގެ އިތުރުން، ހަސްމުންގެ ބަދަލުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާނޭ އެހެން ފަރާތެއް ހަމަޖެއްސިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވަކީލަކު ނުވަތަ ބަދަލުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާނެ ފަރާތެއް ހަމަޖެއްސުމަށް އެދި ހުށަހަޅާނީ، އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.

 

48 ވަނަ މާއްދާ - ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް ވަކީލު އައްޔަނު ކުރުން ނުވަތަ ބަދަލު ހަވާލުކުރުން

(ހ) މައްސަލައެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ ފަރާތުގެ ބަދަލުގައި ނުވަތަ ވަކީލެއްގެ ގޮތުގައި ހާޒިރުވާނެ ފަރާތެއް، ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް އައްޔަނު ކުރެވިދާނެއެވެ. މިފަދަ ޕަވަރ އޮފް އެޓަރނީތަކުގައި، އެ މީހަކު އައްޔަނުކުރާ ބޭނުމާއި، އެ މީހަކާ ހަވާލުކޮށްފައިވާ މަސައްކަތް ސާފުކޮށް ކަނޑައެޅި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕަވަރ އޮފް އެޓަރނީއާއެކު، "ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް ވަކީލު ނުވަތަ ބަދަލު ހަމަޖައްސާ ފަރާތުގެ މައުލޫމާތު ފޯމު" ހުށަހަޅަންވާނެއެވެ.

 

49 ވަނަ މާއްދާ - ގާނޫނީ ށަހްސު ތަމްސީލު ކުރާނެ ފަރާތެއް އައްޔަނު ކުރުން

މި ގަވާއިދުގެ 48 ވަނަ މާއްދާ (ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް ވަކީލު އައްޔަނު ކުރުން ނުވަތަ ބަދަލު ހަވާލުކުރުން) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލަ ހުށަހަޅަނީ ނުވަތަ މައްސަލަ ރައްދުވަނީ ގާނޫނީ ށަހްސަކަށްނަމަ، އެފަދަ ފަރާތެއް ތަމްސީލުކުރުމަށް ކަނޑައަޅައިފައިވާ ފަރާތަކީ، އެ ށަހްސެއް ހިންގުމަށް އެކުލަވައިލައިފައިވާ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، ނުވަތަ އެފަދަ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ބާރު ލިބިގެން އައްޔަނު ކޮށްފައިވާ ފަރާތެއްކަން އެނގޭ ލިޔުމެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ވާނެއެވެ. އެ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ފުރިހަމަނަން.

(ށ) ރަޖިސްޓަރީ ކޮށްފައިވާ އެޑްރެހާއި، ރަޖިސްޓަރީ ނަންބަރު.

(ނ) މެންބަރުންގެ އަދަދު.

(ރ) ކޯރަމް ހަމަވާ އަދަދު.

(ބ) ޖަލްސާ ބޭއްވި ތާރީހާއި، ތަނާއި، ވަގުތު.

(ޅ) ކަނޑައެޅި ނިމިފައިވާ ގޮތް.

(ކ) ހާޒިރުވި މެންބަރުންގެ ނަމާއި، ސޮއި.

(އ) ސިއްކަ.

 

50 ވަނަ މާއްދާ - މައްސަލައިގައި އައްޔަނު ކޮށްފައިވާ ވަކީލު ނުވަތަ ބަދަލުގައި ހާޒިރުވާ ފަރާތް ބަދަލުކުރުން

(ހ) މައްސަލައެއްގައި ހަސްމުގެ ފަރާތުން އައްޔަނު ކޮށްފައިވާ ވަކީލުގެ ކިބައިން ނުވަތަ ބަދަލުގައި އައްޔަނު ކޮށްފައިވާ ފަރާތުގެ ކިބައިން، މި ގަވާއިދުގެ 101 ވަނަ މާއްދާ (މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލުތައް) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ފެނިއްޖެނަމަ، އެ ވަކީލަކު ނުވަތަ އެ ފަރާތެއް ބަދަލުކުރުމަށް އެންގުމުގެ އިހްތިޔާރު، އެ މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއްގައި، ހަސްމުގެ ފަރާތުން އައްޔަނު ކޮށްފައިވާ ވަކީލާމެދު ނުވަތަ ބަދަލުގައި ހަމަޖައްސައިފައިވާ ފަރާތާމެދު ހިތްހަމަނުޖެހޭނަމަ، ނުވަތަ ހައްގަށް އުނިކަމެއް އަންނަކަމަށް ގަބޫލުކުރެވޭނަމަ، ނުވަތަ އެނޫން ވެސް ސަބަބަކާހުރެ މައްސަލައިގައި އައްޔަނު ކޮށްފައިވާ ވަކީލު ނުވަތަ ބަދަލުގައި ހަމަޖައްސައިފައިވާ ފަރާތް ބަދަލުކުރަން ބޭނުންވާ ހާލަތެއް ދިމާވެއްޖެނަމަ، ތާވަލުކޮށްފައިވާ އަޑުއެހުމެއް ލަސްނުވާނެ ގޮތުގެ މަތީން، އެހެން ވަކީލަކު ނުވަތަ ބަދަލުގައި އެހެން ފަރާތެއް ހަމަޖެއްސުމުގެ ހައްގު، މައްސަލައިގައި ހިމެނޭ ހަސްމަށް ލިބިގެންވެއެވެ.

 

51 ވަނަ މާއްދާ - މައްސަލައިގައި އައްޔަނު ކޮށްފައިވާ ވަކީލު ނުވަތަ ބަދަލުގައި ހާޒިރުވާ ފަރާތް ވަކިވުން ނުވަތަ ތަނާޒުލުވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގައި ހަސްމުގެ ފަރާތުން ވަކާލާތުކުރާ އެއްވެސް ވަކީލަކު ނުވަތަ ބަދަލުގައި ހަމަޖައްސައިފައިވާ ފަރާތެއް އެކަށީގެންވާ ސަބަބެއްނެތި އަދި އެކަށީގެންވާ މުއްދަތެއްގައި ނޯޓިސް ދިނުމަކާ ނުލައި އެ މައްސަލައަކުން ތަނާޒުލުވެގެން ނުވާނެއެވެ. އަދި މައްސަލައަކުން ތަނާޒުލުވާން ޖެހިއްޖެނަމަ، އެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވާ ދުވަހުގެ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި މަދުވެގެން 2 (ދޭއް) ދުވަހުގެ ކުރިން،ތަނާޒުލުވުމުގެ ނޯޓިސް، ޓްރައިބިއުނަލަށް ލިޔުމުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވާ ގޮތަށް ވަކީލަކު ތަނާޒުލުވެއްޖެނަމަ،ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ސަމާލުކަމަށް އެކަން ގެނެވޭނެއެވެ.

 

 

އެގާރަވަނަ ބައި

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މީހުން ހާޒިރުކުރުން

 

52 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އަމުރު

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެއްޖެނަމަ، އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ނުވަތަ އެ މީހަކު ހާޒިރުކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން 3 (ތިނެއް) ދުވަހުގެ ކުރިން، "ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު" އެ މީހަކަށް ފޮނުވާންވާނެއެވެ. މި އަމުރުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ހާޒިރުވާންވީ މީހާގެ ނަން؛
  2. ހާޒިރުވާންވީ މީހާގެ ދާއިމީ އެޑްރެހާއި، އަމުރު ފޮނުވަންވީ އެޑްރެހާއި، ފޯނު ނަންބަރު؛
  3. ހާޒިރުވާންވީ ތަން؛
  4. ހާޒިރުވާންވީ ދުވަހާއި ގަޑި؛
  5. ހާޒިރުވާންޖެހޭ ސަބަބު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު" ގެ ނުފުށުގައި، ހާއްސަ އެންގުމެއްގެ ގޮތުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް ކަނޑައަޅައިފައިވާ ތާރީހާއި ގަޑިއަށް، އަމުރުގައި ކަނޑައަޅައިފައިވާ ތަނަށް ހާޒިރުވެ، ކަމާބެހޭ މުވައްޒަފާ، ލަސްނުކޮށް އެ އަމުރު ހަވާލުކުރަންވާނެއެވެ.
  2. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށްފަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުއްދަނެތި ބޭރަށް ދިއުމަކީ މަނާކަމެކެވެ.
  3. ހާޒިރުވުމަށް އަންގާ އަމުރުގައި ބަޔާންކޮށްފައިވާ ތާރީހަށާއި ގަޑިއަށް ހާޒިރުވެވެން ނެތްނަމަ، މި ގަވާއިދުގެ 55 ވަނަ މާއްދާ (ހާޒިރުވެވެން ނެތްނަމަ ސަބަބު އެންގުން) ގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
  4. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރުގައި ކަނޑައެޅިފައިވާ ގަޑިއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުނުވެއްޖެނަމަ، މި ގަވާއިދުގެ 53 ވަނަ މާއްދާ (ވަޒީފާއާބެހޭޓްރައިބިއުނަލުގެ އަޑުއެހުމަށް ހާޒިރުވުން) ގޮތުގެ މަތީން އެ މީހަކާމެދު އަމަލުކުރެވޭނެއެވެ.
  5. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އަމުރުގައި ހާޒިރުވާންޖެހޭ މީހާ ނުހިފައިފިނަމަ، ނުވަތަ ހަވާލުނުވެއްޖެނަމަ،ނުވަތަ އަމުރު ރައްދުވެ، އަމުރުގައިވާ ތާރީހާއި ގަޑިއަށް ހާޒިރުނުވެއްޖެނަމަ، މި ގަވާއިދުގެ 54 ވަނަ މާއްދާ (ހާޒިރުވުމުގެ އަމުރުގައި ނުހިފުން ނުވަތަ އަމުރު ލިބި، މަގުބޫލު އުޒުރެއްނެތި ހާޒިރުނުވުން) ގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.
  6. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާއިރު، ހާޒިރުވާ މީހާގެ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.

(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އަމުރުގައި، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ހާޒިރުވާންޖެހޭ ފަރާތަށް ކޮންމެހެން އެނގެންޖެހޭނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަ މައުލޫމާތު ހިމަނަންވާނެއެވެ.

 

53 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުމަށް ހާޒިރުވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އަމުރު ލިބޭ ކޮންމެ ފަރާތަކުން، އެ އަމުރުގައި ބަޔާންކޮށްފައިވާ ތަނަށް، އެ އަމުރުގައި ކަނޑައެޅިފައިވާ ތާރީހާއި ގަޑިއަށް ހާޒިރުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަމުރު ލިބި، މަގުބޫލު އުޒުރެއްނެތި އެ އަމުރުގައިވާ ގަޑިއަށް، މައްސަލަ ހުށަހަޅާ ފަރާތް ނުވަތަ މައްސަލަ ރައްދުވާ ފަރާތް ހާޒިރުނުވެއްޖެނަމަ، މި ގަވާއިދުގެ 54 ވަނަ މާއްދާ (ހާޒިރުވުމުގެ އަމުރުގައި ނުހިފުން ނުވަތަ އަމުރު ލިބި، މަގުބޫލު އުޒުރެއްނެތި ހާޒިރުނުވުން) ގެ ބޭނުމަށް އެ ފަރާތެއް ޓްރައިބިއުނަލަށް ހާޒިރުނުވީ ކަމުގައި ބަލަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ހާޒިރުނުވާ އަޑުއެހުމެއްކަމަށް ކަނޑައެޅިއްޖެނަމަ، މައްސަލަ ބަލާ މަޖިލީހުގެ މެންބަރު ނުވަތަ މެންބަރުން ސޮއިކޮށް، މައްސަލައިގައި ހިމެނޭ ހަސްމުންނަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 29 ވަނަ މާއްދާ (ކޮންސިލިއޭށަން ބައްދަލުވުން) ގެ (ނ) ގައި ބަޔާންކޮށްފައިވާ ކޮންސިލިއޭށަން ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ އަމުރާ އެއްގޮތަށް ހާޒިރުނުވާކަމަށް ކަނޑައެޅިއްޖެނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ސޮއިކޮށް މައްސަލައިގައި ހިމެނޭ ހަސްމުންނަށް އެކަން އަންގަންވާނެއެވެ.

(ބ) މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތް ފިޔަވައި އެހެން ފަރާތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރުގައި ނުހިފައިފިނަމަ، ނުވަތަ އަމުރު ލިބި، މަގުބޫލު އުޒުރެއްނެތި އެ އަމުރުގައިވާ ގަޑިއަށް ހާޒިރުނުވެއްޖެނަމަ، އެ ފަރާތެއް 250 (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެއެވެ.

 

54 ވަނަ މާއްދާ - ހާޒިރުވުމުގެ އަމުރުގައި ނުހިފުން ނުވަތަ އަމުރު ލިބި، މަގުބޫލު އުޒުރެއް ނެތި ހާޒިރުނުވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް މައްސަލަ ރައްދުވާ ފަރާތަށް އަމުރު ފޮނުވުމުން، އެ އަމުރާ ހަވާލުނުވެއްޖެނަމަ، ނުވަތަ އެ އަމުރު ލިބި،މަގުބޫލު އުޒުރެއްނެތި ޖުމުލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ،މައްސަލަ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި، ހުށަހެޅިފައިވާ މައްސަލައާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް މައްސަލަ ހުށަހަޅާ ފަރާތަށް އަމުރު ފޮނުވުމުން، އެ އަމުރާ ހަވާލުނުވެއްޖެނަމަ، ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ އެޑްރެހުގައި ނޫޅޭނަމަ، ނުވަތަ އެކަށީގެންވާ މަސައްކަތް ކޮށްގެންވެސް މައްސަލަ ހުށަހަޅާ ފަރާތަށް ހާޒިރުވުމުގެ އަމުރު ރައްދުނުކުރެވޭނަމަ، ނުވަތަ ހާޒިރުވުމުގެ އަމުރު ލިބި، މަގުބޫލު އުޒުރެއް ނެތި، ޖުމުލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، އެ މައްސަލައެއް އިދާރީގޮތުން ބާތިލު ކުރުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ބާތިލުކުރި މައްސަލައެއް، މައްސަލަ ބާތިލު ކުރިކަން އެ މީހަކަށް އެންގި ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިދާރީ ފީގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ދައްކައިފައި އަލުން ހުށަހެޅިދާނެއެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ، އެ މައްސަލައެއް ދެވަނަ ފަހަރަށް ޓްރައިބިއުނަލަކުން ނުބެލޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ބާތިލުކުރާ މައްސަލައެއް، މި މާއްދާގެ

(ބ) ގެ ދަށުން ހުށަހެޅޭނީ ޖުމުލަ 1 (އެކެއް) ފަހަރުއެވެ.

 

55 ވަނަ މާއްދާ - ހާޒިރުވެވެން ނެތްނަމަ، ސަބަބު އެންގުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު ލިބިފައިވަނިކޮށް،މަގުބޫލު އުޒުރެއް ދިމާވުމުގެ ސަބަބުން، އަމުރުގައި ހާޒިރުވުމަށް އަންގައިފައިވާ ތަނަށް ހާޒިރުވެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް،އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެކަން އަންގަންވާނެއެވެ. އަދި ހާޒިރުވެވެން ނެތްކަން ލިޔުމުން ނޫންގޮތަކަށް އަންގާނަމަ، ހާޒިރު ނުވެވުނު ސަބަބު ބަޔާންކޮށް،ގިނަވެގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ލިޔުން ހުށަނާޅައިފިނަމަ، ނުވަތަ ހުށަހަޅައިފައިވާ ސަބަބަކީ މަގުބޫލު ސަބަބެއްކަމުގައި ނުވާނަމަ، އަޑުއެހުމަށް ހާޒިރުވެފައި ނުވަނީ މަގުބޫލު ސަބަބެއް ނެތިކަމަށް ބަލައި، އެ އަޑުއެހުމަކީ އެ ފަރާތުން ހާޒިރުނުވާ އަޑުއެހުމެއް ކަމުގައި ކަނޑައެޅުމުގެ އިހްތިޔާރު،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. 

(ނ) މި ގަވާއިދުގެ ދަށުން މަގުބޫލު އުޒުރެއްކަމަށް ބަލާނީ، ތިރީގައިވާ ކަންކަމުންކުރެ ކަމަކަށެވެ.

  1. ތިމާ ހާޒިރުނުވެވޭ ފަދަ ބައްޔެއްވުން؛
  2. ތިމާ ނުހުރެ ނުވާފަދަ މީހަކު ބައްޔެއްވުން.
  3. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަގުންނާއި، ވައިގެ މަގުންނާއި، އެއްގަމުމަގުން ދަތުރު ކުރެވޭގޮތް ނުވުން.
  4. ވަޒީފާބެހޭ ޓްރައިބިއުނަލަށް މަގުބޫލުކަމަށް ގަބޫލުކުރެވޭ އެހެން އުޒުރެއް މެދުވެރިވުން.

 

56 ވަނަ މާއްދާ - މެޑިކަލް ސެޓުފިކެޓު ހުށަހެޅުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަމުރަށް ހާޒިރު ވެވެން ނެތް ސަބަބެއްގެ ގޮތުގައި ދިމާވި ސަބަބަކީ، މި ގަވާއިދުގެ 55 ވަނަ މާއްދާ (ހާޒިރުވެވެން ނެތްނަމަ ސަބަބު އެންގުން) ގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ނުވަތަ (2) ވަނަ ނަންބަރުގައިވާ ސަބަބުކަމަށްވާނަމަ، ސަރުކާރު ގަބޫލުކުރާ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ މަރުކަޒަކުން ދޫކުރާ، ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަ މެޑިކަލް ސެޓުފިކެޓެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މެޑިކަލް ސެޓުފިކެޓު، މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވެވުނު ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. މި މުއްދަތުގައި މެޑިކަލް ސެޓުފިކެޓު ހުށަނާޅައިފިނަމަ، އަޑުއެހުމަށް ހާޒިރުވެފައި ނުވަނީ މަގުބޫލު ސަބަބެއް ނެތިކަމަށް ބަލައި، އެ އަޑުއެހުމަކީ އެ ފަރާތުން ހާޒިރުނުވާ އަޑުއެހުމެއް ކަމުގައި ކަނޑައެޅޭނެއެވެ.

 

57 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ ފަރާތަށް ހާޒިރުވުމުގެ އަމުރު އެ ފަރާތުން ޓްރައިބިއުނަލަށް ދީފައިވާ އެޑްރަހަށް ރައްދުކުރެވެން އޮތްނަމަ، އެ އެޑްރެހުން، ތަސައްރުފު ފުދިފައިވާ ފަރާތަކާ އަމުރު ހަވާލުކޮށް، އެ ފަރާތުން އަމުރުގައި ސޮއިކުރުމުން، ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ. އަދި އަމުރު ރައްދުކުރަންޖެހޭ އެޑްރެސް ބަދަލުވެފައިވާނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެކަން އެންގުމަކީ އަމުރު ރައްދުވާ ފަރާތެއްގެ ޒިންމާއެކެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އަމުރު، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ އެ ފަރާތެއްގެ އީމެއިލް އެޑްރެހަށް ނުވަތަ ފޯނު ނަންބަރަށް ފޮނުވުމަށްފަހު، އެ ފަރާތަށް ފޯނުން ގުޅައިގެން ނުވަތަ އެސް.އެމް.އެސް.ގެ ޒަރީއާއިން އެކަން އެންގުމުން، އެ އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ. މައްސަލައިގައި ހިމެނޭ ފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދޭ އީމެއިލް އެޑްރެހަށް ނުވަތަ ފޯނު ނަންބަރަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އަމުރު ލިބިފައިވޭތޯ ބެލުމާއި، ޓްރައިބިއުނަލަށް ދީފައިވާ އީމެއިލް އެޑްރެސް ނުވަތަ ފޯނު ނަންބަރު ބަދަލުވެފައިވާނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެކަން އެންގުމަކީ އެ ފަރާތެއްގެ ޒިންމާއެކެވެ.

(ނ) އަމުރު ރައްދުވާ ފަރާތުން އެ ފަރާތުގެ އެޑްރެސް ނުވަތަ އެ ނޫންވެސް ގުޅޭނެ މައުލޫމާތެއް ޓްރައިބިއުނަލަށް ދީފައިނުވާނަމަ، ތިރީގައިވާ ގޮތުގެ މަތީން އަމަލު ކުރެވޭނެއެވެ.

  1. އެ ފަރާތަކީ ކުންފުންޏެއް ނުވަތަ ގާނޫނީ ށަހްސެއް ނުވަތަ އެހެން މުއައްސަސާއެއް ކަމަށް ވާނަމަ، އެ ފަރާތެއް ރަޖިސްޓަރީ ކޮށްފައިވާ އެޑްރެހަށް އަމުރު ރައްދު ކުރުމުން ނުވަތަ އެ އެޑްރެހުގެ ދޮރާށީގައި އަމުރު ތަތްކުރުމުން އެ ފަރާތަށް އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.
  2. އަމުރު ރައްދުވާ ފަރާތަކީ އާންމު ފަރުދެއްނަމަ، އެ ފަރާތެއްގެ ދާއިމީ އެޑްރެހަށް އަމުރު ރައްދު ނުވެއްޖެނަމަ، އެ އަމުރާ ގުޅިގެން ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ ފަރާތުގެ މައުލޫމާތު އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި މިގޮތަށް އިއުލާނު ކުރެވޭތާ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 3 (ތިނެއް) ދުވަސް ވުމުން އެ ފަރާތަށް އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

(ރ) މައްސަލައިގައި ހިމެނޭ ފަރާތަކުން އަމުރު ރައްދުކުރަންޖެހޭ ފަރާތުގެ އެޑްރެސް ނުވަތަ ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ޓްރައިބިއުނަލަށް ދީފައިވާނަމަ، އެ އެޑްރެސް ނުވަތަ ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެހަށް އަމުރު ރައްދުކުރުމަށް މަސައްކަތްކުރުމަށް މި މާއްދާގެ (ނ) ހުރަހެއް ނާޅައެވެ.

(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ މީހާގެ ގާނޫނީ ވަކީލަށް ނުވަތަ ބަދަލުގައި އައްޔަނު ކޮށްފައިވާ ފަރާތަށް އަމުރު ހަވާލުކުރެވުމުން،ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.

(ޅ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު، މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެޑްރެހަށް ފޮނުވާނަމަ، އަމުރު ހަވާލުކުރި ފަރާތާއި، އަމުރާ ހަވާލުވި ފަރާތް، އަމުރުގެ އަސްލާއި ކޮޕީގައި ސޮއިކުރަންވާނެއެވެ. 

(ކ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ނުވަތަ (ށ) ގައިވާ ގޮތަށް ނުވަތަ (ނ) ގައިވާ ގޮތަށް ނުވަތަ (ބ) ގައިވާ ގޮތަށް ހާޒިރުވުމުގެ އަމުރު ހަވާލުކޮށްފައިވަނިކޮށް، އަމުރު ލިބެންވާ ފަރާތުން އަމުރު ލިބުނުކަމަށް އިންކާރުކުރާ ހާލަތުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ފަރާތުން އަމުރު ހަވާލުކުރި ފަރާތުން، އަމުރު ހަވާލުކުރިކަމަށް ބުނެ، ދޭ ހެކިބަހަކީ، އެ އަމުރު ރައްދުވިކަމުގެ ފުރިހަމަ ހެކިބަހެއް ކަމުގައި ބެލެވޭނެއެވެ.

 

58 ވަނަ މާއްދާ - ބަންދުކޮށްފައި ތިބޭ މީހުންނަށް ނުވަތަ ޖަލުގައި ތިބޭ މީހުންނަށް އަމުރު ރައްދުކުރުން

(ހ) ބަންދުކޮށްފައި ހުރި މީހަކު ނުވަތަ ޖަލުގައި ހުރި މީހަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުކުރުމަށް އަމުރު ފޮނުވާނީ، އެ މީހަކު ބަންދުކުރުމުގެ ކަންތައްތަކާ ނުވަތަ ހައްޔަރުކުރުމުގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއަކަށެވެ.

(ށ) ބަންދުކޮށްފައި ހުރި މީހަކު ނުވަތަ ޖަލުގައި ހުރި މީހަކު ހާޒިރުކުރުމަށް އަމުރު ފޮނުވުމުން، އެ މީހަކު ބަންދުކުރުމުގެ ކަންތައްތަކާ ނުވަތަ ހައްޔަރުކުރުމުގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއަކުން އެ މީހަކަށް އެކަން އަންގައި، އަމުރުގައި ބަޔާންކޮށްފައިވާ ތަނަށް، އަމަުރުގައި ކަނޑައަޅާފައިވާ ތާރީހާއި ގަޑިއަށް އެ މީހަކު ހާޒިރުވާންވާނެއެވެ.

(ނ) ބަންދުކޮށްފައި ހުރި މީހަކު ނުވަތަ ޖަލުގައި ހުރި މީހަކު ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ނުވަތަ ހާޒިރުވުމުގެ އަމުރުގައިވާ ގަޑިއަށް އަމުރުގައިވާ ތަނަށް ހާޒިރުކޮށްދިނުމަށް އެ މީހެއްގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއިން އުޒުރުވެރިވާނަމަ، މި ގަވާއިދުގެ 55 ވަނަ މާއްދާ (ހާޒިރުވެން ނެތްނަމަ ސަބަބު އެންގުން) އާއި 56 ވަނަ މާއްދާ (މެޑިކަލް ސެޓުފިކެޓު ހުށަހެޅުން) ގައި ބަޔާންވެގެންވާ ގޮތަށް އެ މީހެއްގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއިން އަމަލުކޮށް، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެކަން އަންގަންވާނެއެވެ.

 

59 ވަނަ މާއްދާ - އަމުރު ރައްދުކުރާ ފަރާތް

ހާޒިރުވުމުގެ އަމުރު އާންމުގޮތެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފުން ރައްދުކުރާ ގޮތަށް އޮތްކަމުގައި ވިޔަސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ހާލަތެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ އިރެއްގައި ކަނޑައަޅާ އިދާރާއެއް ނުވަތަ ފަރާތެއް މެދުވެރިކޮށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިދާނެއެވެ.

 

60 ވަނަ މާއްދާ - މައްސަލަ ހުށަހެޅިފައިވާ ރަށް ނޫން އެހެން ރަށެ އްގައި ހުރި ފަރާތެއް ހާޒިރުކުރުން

މައްސަލަ ހުށަހެޅޭ ރަށް ނޫން އެހެން ރަށެއްގައި މައްސަލަ ރައްދުވާ ފަރާތް ހުއްޓައި އެ ފަރާތުގެ މައްޗަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ ފަރާތެއް ހާޒިރުކޮށްދިނުމުގެ އަމުރު، އެ އިރެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ އިދާރާއެއް ނުވަތަ ފަރާތެއް މެދުވެރިކޮށް އެ ފަރާތަށް ހަވާލުކުރުމުގެ އިހްތިޔާރު،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

61 ވަނަ މާއްދާ - އެޑްރެހާއި، ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ބަދަލުވުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައެއްގައި، މައްސަލަ ހުށަހަޅާ ފަރާތުގެ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ ނުވަތަ އެއިން ފަރާތަކުން އައްޔަނު ކޮށްފައިވާ ފަރާތެއްގެ އެޑްރެސް ނުވަތަ ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ބަދަލުވެއްޖެނަމަ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 3 (ތިނެއް) ދުވަހުގެ ތެރޭގައި، ބަދަލުވި އެޑްރެސް، ނުވަތަ ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް އެނގޭގޮތަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

 

62 ވަނަ މާއްދާ - މައްސަލަ ހުށަހެޅިފައި ވަނިކޮށް ހަސްމަކު ނުވަތަ ބަދަލުގައި އައްޔަނު ކޮށްފައިވާ ފަރާތެއް ނުވަތަ ވަކީލަކު ފުރައިގެން ދިއުން ނުވަތަ ހާޒިރުނުވެވޭފަދަ ހާލަތެއް މެދުވެރިވުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައެއްގައި މައްސަލައިގައި ހިމެނޭ ފަރާތެއް ނުވަތަ އެއިން ފަރާތެއްގެ ބަދަލުގައި ނުވަތަ ވަކީލެއްގެ ގޮތުގައި ހާޒިރުވުމަށް އައްޔަނު ކޮށްފައިވާ ފަރާތެއް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު ރައްދުކޮށްފައިވާ އެހެން ފަރާތަކުން ވެސް ހާޒިރުވާންޖެހޭ ރަށް ނޫން އެހެން ރަށަކަށް ފުރައިގެން ދާންވާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހާޒިރުވާންޖެހޭ ރަށް ނޫން އެހެން ރަށަކަށް ފުރައިގެން ދިއުމުގެ ހުއްދައަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ. މި ފޯމުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ ސަބަބާއި، ރަށުން ބޭރަށް ދާންޖެހޭ ސަބަބާއި، ފުރަން ބޭނުންވާ ދުވަހާއި، އަނބުރާ އާދެވޭނެކަމަށް ލަފާކުރެވޭ ދުވަސް ބަޔާންކޮށް، ފުރަން ބޭނުންވާ ދުވަހުގެ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 2 (ދޭއް) ދުވަހުގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މި ފޯމު ހުށަހަޅަންވާނެއެވެ. މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމާނީ، މައްސަލަ ބަލާ މަޖިލީހުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމުގެ ސަބަބުން މައްސަލަ ހިންގުމަށް ދަތިވެދާނެކަމަށް ގަބޫ ލުކުރެވޭނަމަ، އެކަމަށް އެދި ހުށަހަޅާ ފަރާތުގެ ބަދަލުގައި ހާޒިރުވާނެ އެހެން މީހަކު ހަމަޖެއްސުމަށް އެންގުމުގެ ބާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

 

ބާރަވަނަ ބައި

އަޑުއެހުންތައް ކުރިޔަށް ގެންދިއުން

 

63 ވަނަ މާއްދާ - މައްސަލަ ތާވަލުކުރުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލައިގެ އިބްތިދާއީ ބައްދަލުވުން ބޭއްވުމަށްފަހު، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް، މައްސަލައިގެ އަޑުއެހުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު ނެރެންވާނެއެވެ. މިގޮތުން، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތުގެ އިތުރުން، މައްސަލައިގައި އިތުރު ފަރާތެއް ވާނަމަ، އެ ފަރާތަކަށް ވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު ފޮނުވަންވާނެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަތަކާ ގުޅިގެން ތާވަލުކުރެވޭ އަޑުއެހުންތައް ބޭއްވޭނެ ތާރީހާއި ގަޑި، އަޑުއެހުން ތާވަލު ކޮށްފައިވާ ތާރީހުގެ (އެކެއް) ދުވަހުގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

64 ވަނަ މާއްދާ - އަޑުއެހުން އޮންނަ ދުވަހާއި ގަޑި ބަދަލުކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއްގެ އަޑުއެހުން ބޭއްވުމަށް ކަނޑައަޅައިފައިވާ ތާރީހަށް ނުވަތަ ގަޑިއަށް ބަދަލު ގެނައުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މައްސަލައެއްގެ އަޑުއެހުން ބޭއްވުމަށް ކަނޑައަޅައިފައިވާ ތާރީހަށް ނުވަތަ ގަޑިއަށް އެއްވެސް ބަދަލެއް ގެންނަން ނިންމައިފިނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް، ވަޒީފާއާބެހޭ ޓްރައިބިއިނަލުން، ލަސްނުކޮށް އެކަން އަންގަންވާނެއެވެ.

 

65 ވަނަ މާއްދާ - އަޑުއެހުން އޮންނަ ދުވަސް ނުވަތަ ގަޑި ބަދަލުކޮށް ދިނުމަށް އެދި ހުށަހެޅުން

(ހ) މަގުބޫލު ސަބަބެއް މެދުވެރިވެގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއްގެ އަޑުއެހުން ބޭއްވުމަށް ކަނޑައަޅައިފައިވާ ތާރީހަށް ނުވަތަ ގަޑިއަށް ބަދަލު ގެނައުމަށް މައްސަލައިގައި ހިމެނޭ ފަރާތަކުން ބޭނުންވެއްޖެނަމަ، އަޑުއެހުން ތާވަލު ކޮށްފައިވާ ދުވަހުގެ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި މަދުވެގެން 2 (ދޭއް) ދުވަހުގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް، ސަބަބާއެކު ލިޔުމުން އެކަން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަޑުއެހުން ތާވަލު ކޮށްފައިވާ ދުވަހުގެ 2 (ދޭއް) ދުވަހު (ރަސްމީ ބަންދުނޫން) ގެ ކުރިން، މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ކަނޑައަޅައިފައިވާ ތާރީހަށް ނުވަތަ ގަޑިއަށް ބަދަލު ގެނައުމަށް އެދި ހުށަނޭޅިއްޖެނަމަ، ހުށަނޭޅުނު ސަބަބު ބަޔާންކޮށް، އަޑުއެހުން ލަސްކޮށްދިނުމަށް އެދެވިދާނެއެވެ. އަދިރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 2 (ދޭއް) ދުވަހުގެ ކުރިން ހުށަނޭޅުނު ސަބަބަކީ މަގުބޫލު ސަބަބެއްކަމަށް، މައްސަލަ ބަލާ މަޖިލީހަށް ފެންނަނަމަ، މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އަމަލުކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަޑުއެހުން ބޭއްވުމަށް ކަނޑައަޅައިފައިވާ ތާރީހަށް ނުވަތަ ގަޑިއަށް ބަދަލު ގެންނަން ހުށަހެޅޭ މައްސަލަތަކާމެދު ގޮތެއް ނިންމާނީ، އެ މައްސަލައެއް ބަލާ މަޖިލީހުންނެވެ. އަދި އަޑުއެހުން ބޭއްވުމަށް ކަނޑައަޅައިފައިވާ ތާރީހަށް ނުވަތަ ގަޑިއަށް ބަދަލުގެނެސް، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިޔުމުން އެކަން އެންގުމުން ނޫނީ، އަޑުއެހުން ބޭއްވުމަށް ކަނޑައަޅައިފައިވާ ތާރީހު ނުވަތަ ގަޑި ބަދަލުވިކަމަށް ބަލައިގެން ނުވާނެއެވެ.

 

66 ވަނަ މާއްދާ - އަޑުއެހުމުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުން

(ހ) އަޑުއެހުމުގައި ބައިވެރިވާ ފަރާތްތަކަށް އަޑުއެހުމުގައި ވާހަކަ ދެއްކޭނީ، މައްސަލަ ބަލާ މަޖިލީހުގެ އިޒުނަޔާ އެކީގައެވެ.

(ށ) އަޑުއެހުމަށް ވަކީލު ހާޒިރުވެ ހުރިނަމަ، ހަސްމުގެ ފަރާތުން ވާހަކަދައްކާނީ ވަކީލެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގައި ހިމެނޭ ހަސްމުން ކުރެ ހަސްމަކު، ނުވަތަ ހަސްމެއްގެ ބަދަލުގައި އައްޔަނުކޮށްފައިވާ ފަރާތަކުން އަޑުއެހުމުގައި އަމިއްލައަށް ވާހަކަދައްކަން އެދިއްޖެނަމަ، ނުވަތަ މައްސަލައާ ގުޅިގެން ސީދާ ހަސްމުގެ ފަރާތުން ނުވަތަ ހަސްމުގެ ބަދަލުގެ ގޮތުގައި އައްޔަނުކޮށްފައިވާ ފަރާތުން ކަމެއް ސާފުކުރުމަށް މައްސަލަ ބަލާ މަޖިލީހަށް ފެނިއްޖެނަމަ، ވާހަކަދެއްކުމުގެ ހުއްދަ އެ ފަރާތަށް ދިނުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ރ) މައްސަލައިގެ އަޑުއެހުމަށް ހަސްމެއްގެ ބަދަލުގައި އައްޔަނުކޮށްފައިވާ ފަރާތަކުން ހާޒިރުވެ ހުރެއްޖެނަމަ، ހަސްމުގެ ފަރާތުން ވާހަކަދައްކާނީ ބަދަލުގައި އައްޔަނުކޮށްފައިވާ ފަރާތެވެ. ނަމަވެސް މައްސަލައާ ގުޅިގެން ސީދާ ހަސްމުގެ ފަރާތުން ކަމެއް ސާފުކުރުމަށް މައްސަލަ ބަލާ މަޖިލީހަށް ފެނިއްޖެނަމަ، ހަސްމަށް ވާހަކަދެއްކުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު،މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ. 

 

67 ވަނަ މާއްދާ - އަޑުއެހުމެއްގައި ހުށަހަޅާ ހުށަހެޅުންތައް

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގެ އަޑުއެހުމެއްގައި ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަންވާނީ، މައްސަލަ ހުށަހަޅާ ފޯމާއި،މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމުގައި އެ ފަރާތަކުން ލިޔުމުން ހުށަހަޅައިފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށެވެ. އިތުރު ކަމެއް ނުވަތަ އައުކަމެއް ހުށަހެޅޭނީ، މައްސަލަ ބަލާ މަޖިލީހުގެ ހުއްދައަކާ އެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގެ ހުލާސާ އަޑުއެހުމުގައި ނުވަތަ ހުލާސާ އަޑުއެހުން ނިމުމަށްފަހު، މައްސަލައާ ގުޅިގެން އިތުރު ނުކުތާއެއް ނުވަތަ ގާނޫނީ އައު ނުކުތާއެއް ނުވަތަ ހެއްކެއް ނުވަތަ ލިޔުމެއް، މައްސަލަ ބަލާ މަޖިލީހުގެ ހުއްދައާ ނުލައި، މައްސަލައިގެ ހަސްމަކަށް ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގެ ހުލާސާ އަޑުއެހުމުގައި ނުވަތަ ހުލާސާ އަޑުއެހުން ނިމުމަށްފަހުގައި ވެސް، ހެއްކެއް ނުވަތަ ލިޔެކިޔުމެއް ހުށަހެޅުމަށް، މައްސަލަ ބަލާ މަޖިލީހަށް އެންގިދާނެއެވެ.

 

68 ވަނަ މާއްދާ - މައުޒޫއީގޮތުން މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތް

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ނިންމުމުގައި އިންސާފުވެރިކަމާއެކު،ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ މަސްލަހަތާއި، ދެފަރާތުގެ ހައްގުތައް ރައްކައުތެރިކޮށްދެވޭނެ ގޮތްތަކަށް ރިއާޔަތް ކުރަންވާނެއެވެ.

 

69 ވަނަ މާއްދާ - އިޖުރާއީ ނުކުތާ

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ބަލާ މަޖިލީހުގައި ށަފަހީގޮތުން ނުވަތަ ލިޔުމުން އިޖުރާއީ ނުކުތާ ނެގިދާނެއެވެ. ލިޔުމުން ހުށަހަޅާ އިޖުރާއީ ނުކުތާއެއް ހުށަހަޅޭނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށަފަހީގޮތުން ނެގޭ އިޖުރާއީ ނުކުތާއެއް ލިޔުމުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު ހުށަހެޅުމުގެ ކުރިން، އެ މައްސަލަ ބަލައި ގޮތެއް ނިންމުމުގެ އިހްތިސާސް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި، މައްސަލަ ރައްދުވާ ފަރާތަށް އިޖުރާއީ ނުކުތާއެއް ލިޔުމުން ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ އިޖުރާއީ ނުކުތާއެއް ހުށަހެޅިއްޖެނަމަ، މި ގަވާއިދުގެ 31 ވަނަ މާއްދާ (އިބްތިދާއީ ބައްދަލުވުން) ގައި ބަޔާންކޮށްފައިވާ އިބްތިދާއީ ބައްދަލުވުން ބޭއްވުމުގެ ކުރިން، އިޖުރާއީ ނުކުތާއާ ގުޅިގެން އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް ބާއްވަންވާނެއެވެ.

(ބ) މައްސަލަ ބަލައި ގޮތެއް ނިންމުމުގެ އިހްތިސާސް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި، މައްސަލަ ރައްދުވާ ފަރާތުން ނަގާ އިޖުރާއީ ނުކުތާ ފިޔަވައި އެހެނިހެން ކަންކަމުގައި މައްސަލައިގެ މަޖިލީހުގައި ނަގާ އިޖުރާއީ ނުކުތާއެއް، އެ ކަމެއް ދިމާވާ އަޑުއެހުމުގައި ނުވަތަ އެ ކަމެއް ދިމާވާ ފަހުން ދެން ބޭއްވޭ އަޑުއެހުމުގައި އިޖުރާއީ ނުކުތާ ނަގަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ހުށަހެޅޭ އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު މައްސަލައިގެ އަޑުއެހުމުގައި، މައްސަލަ ބަލާ މަޖިލީހުން ގޮތެއް ކަނޑައަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) އާ އެއްގޮތަށް އިޖުރާއީ ނުކުތާއެއް ބަލައިގަތުމަށް ނިންމައިފިނަމަ، އިޖުރާއީ ނުކުތާ ނެގި ފަރާތް ފިޔަވައި މައްސަލައިގައި ހިމެނޭ އެހެން ހަސްމުންނަށް، އިޖުރާއީ ނުކުތާ ނެގޭ އަޑުއެހުމުގައި ނުވަތަ އެއާ ވިދިގެން ބޭއްވޭ އަޑުއެހުމުގައި އެ އިޖުރާއީ ނުކުތާއަށް ށަފަހީގޮތުން ނުވަތަ ލިޔުމުން ޖަވާބުދިނުމުގެ ފުރުސަތު ދޭންވާނެއެވެ. 

(އ) މި މާއްދާގެ (ޅ) އާ އެއްގޮތަށް އިޖުރާއީ ނުކުތާއެއް ބަލައިގަތުމަށް ނިންމައިފިނަމަ، އިޖުރާއީ ނުކުތާއާމެދު މައްސަލަ ބަލާ މަޖިލީހުން ކަނޑައަޅާ ގޮތެއް، މައްސަލައިގައި ހިމެނޭ ހަސްމުންނަށް ލިޔުމުން ދޭންވާނެއެވެ.

 

70 ވަނަ މާއްދާ - އަވަސްގޮތެއްގައި ބަލަންވާ މައްސަލަ

ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކުގެ ދަށުން ލިބިދޭ ހައްގަކާ ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް އަވަސްގޮތެއްގައި ބަލަންވާނެއެވެ.

 

71 ވަނަ މާއްދާ - މައްސަލައާ ގުޅިގެން ހުށަހަޅާ ކަންތައްތައް ސާބިތުކުރުން

(ހ) މި މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތަކާއި، ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައެޅިގެން ވަކި ގޮތަކަށް ސާބިތުކޮށްދިނުމަށް ބަޔާންކުރާ މައްސަލަތައް ފިޔަވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ކަމެއް ސާބިތުކުރުމަކީ އެ ކަމެއް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

(ށ) މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ށަކުވާއެއްގައި ނުވަތަ މައްސަލައެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ނ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ތަފާތުކުރިކަމުގެ ށަކުވާއެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއްޖެނަމަ، ތަފާތު ނުކުރެވޭކަމަށް ނުވަތަ ތަފާތު ގެނައީ، އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ހިލާފުނުވާ ގޮތުގެ މަތީން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.

(ރ) އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަށްވުރެ ކުޑަ އަދަދެއް، ވަޒީފާ ދޭ ފަރާތުން މުވައްޒަފަކަށް ދީގެން، އެކަމުގެ ށަކުވާ އުފުލިއްޖެނަމަ، އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައަޅައިފައި މިނިސްޓަރު ކޮށްފައިވާ އަމުރާ ހިލާފު ނުވާކަން ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ބ) ވިސްލްބްލޯ ކުރުމުން، ބަދަލުހިފުމުގެ ގޮތުން ކުރާ ކަމެއްގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކުގައި ވަކި ފިޔަވަޅެއް އަޅައިފައިވަނީ ނުވަތަ ކަމެއް ހިންގައިފައިވަނީ ވިސްލްބްލޯ ކޮށްފައިވާތީ ނޫންކަމާއި، ވިސްލްބްލޯ ކޮށްފައި ނުވިނަމަވެސް، ހަމަ އެ ފިޔަވަޅު އެ ގޮތުގައި އެޅުމަށް ނުވަތަ ވަކި ކަމެއް ކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިކަން ސާބިތުކޮށްދިނުމަކީ، ބަދަލުހިފުމުގެ އަމަލެއް ހިންގައިފައިވާކަމަށް ބުނެ އެ ފަރާތަކާ ދެކޮޅަށް މައްސަލައެއް ހުށަހެޅިފައިވާ ފަރާތެއްގެ ޒިންމާއެކެވެ.

 

72 ވަނަ މާއްދާ - މައްސަލައިގެ ލިޔުންތައް ދޫކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއްގައި، މައްސަލައިގައި ހިމެނޭ ފަރާތަކުން މައްސަލައިގެ ލިޔުންތައް ހޯދުމަށް ބޭނުންވާނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެކަން ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި މިގޮތަށް ހުށަހެޅުމުން، އެ ލިޔުމެއްގެ ކޮޕީ ހަދައިފައިވާ ކޮންމެ ގަނޑަކަށް 2 (ދޭއް) ރުފިޔާގެ މަގުން ފައިސާ ނެގުމަށްފަހު ދޫކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިޔުންތައް ދޫކުރެވޭނީ، އެ މައްސަލައެއްގެ އަޑުއެހުންތައް ނިމިފައި ނުވާނަމައެވެ.

 

 

ތޭރަވަނަ ބައި

އަޑުއެހުންތައް ދުރުން ކުރިޔަށް ގެންދިއުން

 

73 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށް ގެންދިއުން

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެ މަތީން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ހިންގާ މާލަމާއި، މައްސަލައިގައި ހިމެނޭ އެހެނިހެން ފަރާތްތައް ތިބޭ މަޖިލިސްތައް އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވައިލައިގެން ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ހ) ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ސަބަބުން ނުވަތަ ކާރިސާގެ ހާލަތެއްގެ ސަބަބުން މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމުގައި ރައްކައުތެރިކަމެއް ނެތުން.

(ށ) ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަހައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން،ދަތުރުފަތުރު ކުރުމަށް މޫސުމީގޮތުން ނުވަތަ ހަރަދުގެގޮތުން ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއް އުފުލަންޖެހޭ މާލީ ބުރައެއްގެ ސަބަބުން އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތް ކުރުމާއެކު، ހުށަހެޅިފައިވާ މައްސަލައެއް ނިންމުން ލަސްވުމަށް މެދުވެރިވެ، އަދުލު އިންސާފު ގާއިމުކުރުމަށް ބުރޫއަރައިފާނެ ފަދަ ހާލަތެއް އޮތުން.

(ނ) މޫސުން ގޯސްވުމުގެ ސަބަބުން، ނުވަތަ ދަތުރުފަތުރުގެ ހަރަދު ބޮޑުވުމުގެ ސަބަބުން، ނުވަތަ ދަތުރުފަތުރުގެ ދަތިކަން ހުރިގޮތުން، މައްސަލައިގައި ހެކިބަސްދޭ މީހާ ހުރި ރަށެއްގެ ކޯޓަށް ހާޒިރުކޮށްގެން ހެކިބަސް ނަގަންޖެހުން.

(ރ) މައްސަލައިގައި ހިމެނޭ ފަރާތެއް ނުވަތަ ހެކިވެރިޔަކު ހުރީ ދިވެހިރާއްޖެއިން ބޭރުގައި ކަމަށް ވާނަމަ، އަދި އެ މީހަކު ހުރީ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ގާއިމުކޮށްފައިވާ ގައުމެއްގައި ކަމަށް ވާނަމަ، އެމްބަސީއަށް ނުވަތަ ހައިކޮމިށަނަށް އެ މީހަކު ހާޒިރުކޮށްގެން ބަޔާން ނަގަން ޖެހުން.

(ބ) މައްސަލައިގައި ހިމެނޭ ފަރާތެއް ނުވަތަ ހެކިވެރިޔަކު ހުރީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނުވަތަ އެނޫންވެސް އިދާރާއެއްގެ ބެލުމުގެ ދަށުގައި ކަމަށް ވެފައި، ބަންދުކޮށްފައި ހުރި މީހާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުކުރުމަށް އެ އިދާރާއަކަށް ދަތިވުން.

(ޅ) މައްސަލައިގައި ހިމެނޭ ފަރާތަކީ ނުވަތަ ހެކިވެރިޔަކީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހެއްކަމަށް، ޑޮކްޓަރަކު ލިޔުން ދީފައިވުން.

(ކ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ކުޑަކުއްޖެއްގެ ހެކިބަސް ނަގަން ޖެހިއްޖެ ހާލަތެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ ކޯޓަކަށް ކުއްޖާ ހާޒިރުކޮށްގެން ހެކިބަސް ނެގުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ނޫންކަމަށް، މައްސަލަ ބަލާ މަޖިލީހަށް ގަބޫލު ކުރެވިއްޖެނަމަ، ކުޑަކުދިންގެ ހެކިބަސް ނަގަން އެކަށީގެންވާ ތަނަކަށް ކުއްޖާ ހާޒިރުކޮށްގެން އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިބަސް ނަގަންޖެހުން.

(އ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލަތައް ނުނިމި ލަސްވާނަމަ، އަދި އެ ކަމުގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުމަށް ބުރޫއަރައިފާނެކަމަށް، މައްސަލަ ބަލާ މަޖިލީހަށް ފެނިއްޖެ ހާލަތެއްގައި، އެ މައްސަލައެއްގެ އަޑުއެހުންތައް ކުރިޔަށް ގެންދިއުން.

 

74 ވަނަ މާއްދާ - އޯޑިއޯ ކޮންފަރެންސްއާއި ވީޑިއޯ ކޮންފަރެންސް ހޯސްޓުކުރުމާއި، ކޮންފަރެންސްގައި ބައިވެރިވުން

(ހ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތައް ތާވަލުކޮށް ހޯސްޓުކުރާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.

(ށ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތަކުގައި ބައިވެރިވާނެ ވަސީލަތްތައް ލިބިފައިވާ ހަސްމުންނާއި، ހަސްމުންގެ ބަދަލުގައި އައްޔަނުކޮށްފައިވާ ފަރާތްތަކާއި ވަކީލުންނަށް، އެ ފަރާތްތަކުގެ އަމިއްލަ ވަސީލަތް ބޭނުންކޮށްގެން އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގގައި ބައިވެރިވުމުގެ ފުރުސަތު ދެވިދާނެއެވެ.

 

75 ވަނަ މާއްދާ - އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިބަސް ނެގުން

(ހ) މި ގަވާއިދުގެ 74 ވަނަ މާއްދާ (އޯޑިއޯ ކޮންފަރެންސްއާއި ވީޑިއޯ ކޮންފަރެންސް ހޯސްޓުކުރުމާއި، ކޮންފަރެންސްގައި ބައިވެރިވުން) ގެ

(ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނަކުން އިސްތިސްނާ ކޮށްފައި ނުވާ ހާލަތްތަކުގައި، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިބަސް ނަގާއިރު ހެކިވެރިޔާ ހުންނަންވާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ނުވަތަ ކޯޓެއްގައި ނުވަތަ ދިވެހިރާއްޖޭގެ ހައިކޮމިށަނެއްގައި ނުވަތަ ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ނުވަތަ އެނޫންވެސް ރަސްމީ އިދާރާއެއްގައެވެ.

(ށ) މި ގަވާއިދުގައިވާ ގޮތުގެ މަތީން އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިބަސްދޭ ފަރާތް ހުރީ ވަޒީފާއާބެހޭ ޓްރައިބިއުނަލް ނޫން އެހެން ތަނެއްގައި ނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާ ފޯމު ފުރިހަމަކުރަންވާނެއެވެ.

 

76 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުތައް މެދުވެރިކޮށް އޯޑިއޯ ކޮންފަރެން ސިންގއާއި ވީޑިއޯ ކޮންފަރެންސިންގ ބޭއްވުން

(ހ) މި ގަވާއިދުގެ ދަށުން އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތަކުގެ ތެރެއިން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ހިންގާ މަޖިލީހާއި، މެޖިސްޓްރޭޓް ކޯޓުތަކާ ގުޅުވައިލައިގެން ކުރިޔަށްގެންދާ އަޑުއެހުންތައް ބޭއްވުމުގެ އިދާރީ އިންތިޒާމު ހަމަޖައްސާނީ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.

(ށ) މި މާއްދާގައިވާ ގޮތުގެ މަތީން އަޑުއެހުންތައް ބާއްވާނެ ތާރީހާއި ގަޑި ކަނޑައަޅައި، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސްތައް ތާވަލުކުރާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ހިންގާ މަޖިލީހާ ގުޅުވައިލެވޭ މެޖިސްޓްރޭޓް ކޯޓަކާ މަށްވަރާ ކުރުމަށްފަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން ބާއްވާ އަޑުއެހުންތައް ތާވަލުކުރެވޭ ވަގުތަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަންގައި އަމުރު ފޮނުވާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.

 

77 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގައިވާ ފަރާތެއް ހިމެނޭ މައްސަލަ ހިންގުން

(ހ) މައްސަލައިގައި ހިމެނޭ ފަރާތެއް ނުވަތަ ހެކިވެރިޔަކު ދިވެހިރާއްޖެއިން ބޭރުގައި ހުރިނަމަ، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެ ފަރާތެއް އަޑުއެހުމުގައި ބައިވެރިވާގޮތަށް އަޑުއެހުން ބޭއްވިދާނެއެވެ.

(ށ) މައްސަލައިގައި ހިމެނޭ ފަރާތެއް ނުވަތަ ހެކިވެރިޔަކު އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ހިންގާ މަޖިލީހާ ގުޅުވައިލެވެނީ ބޭރު ގައުމެއްގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޮމިށަނެއް ނުވަތަ އެމްބަސީއެއް މެދުވެރިކޮށް ކަމުގައި ވާނަމަ، އަޑުއެހުން ބާއްވާ ތާރީހާއި ގަޑިއަށް އެ ފަރާތެއް އެމްބަސީއަށް ނުވަތަ ހައިކޮމިށަނަށް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ތަނަކަށް ހާޒިރުވުމަށް އަންގައި އަމުރު ފޮނުވާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން އަޑުއެހުންތައް ބާއްވާނެ ތާރީހާއި ގަޑި ކަނޑައަޅައި، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސް ތާވަލުކޮށް، އަޑުއެހުމަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް އަމުރު ފޮނުވާނީ، އެ އަޑުއެހުމަކާ ގުޅުވައިލެވޭ އެމްބަސީއަކާ ނުވަތަ ހައިކޮމިށަނަކާ މަށްވަރާ ކުރުމަށްފަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.

(ރ) ދިވެހިރާއްޖޭގެ އެމްބަސީއަކަށް ނުވަތަ ހައިކޮމިށަނަކަށް ހާޒިރުކުރެވޭ ފަރާތް ދިރިއުޅޭ ގައުމާއި ދިވެހިރާއްޖެއާ ދެމެދު ވަގުތުގެ ގޮތުން ބޮޑު ތަފާތެއް ހުރިނަމަ، އެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ހުރި ގައުމުގެ ރަސްމީ ދުވަހެއްގެ ރަސްމީ ވަގުތުގައި ހެކިބަސް ނުވަތަ ބަޔާން ނެގުމުގެ އިންތިޒާމު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހަމަޖައްސަންވާނެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ފަދަ އިދާރާއެއް މެދުވެރިވުމަކާ ނުލައި، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސް ބާއްވާނަމަ، ދިވެހިރާއްޖޭގެ ރަސްމީ ދުވަހެއްގެ ރަސްމީ ވަގުތެއްގައި އަޑުއެހުން ބޭއްވުމަށް އިސްކަންދެވިދާނެއެވެ.

(ބ) މި މާއްދާގައިވާ ގޮތުގެ މަތީން، މައްސަލައެއްގައި ހިމެނޭ ފަރާތެއް އެމްބަސީއަކަށް ނުވަތަ ހައިކޮމިށަނަކަށް ހާޒިރުކޮށްގެން ހެކިބަސް ނުވަތަ ބަޔާން ނަގަން ފެށުމުގެ ކުރިން، ހެކިބަސް ނުވަތަ ބަޔާން ދޭ ފަރާތަކީ ކާކުކަން، އެ އެމްބަސީއަކުން ނުވަތަ ހައިކޮމިށަނަކުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަށަވަރުކުރަންވާނެއެވެ.

 

78 ވަނަ މާއްދާ - ތަރުޖަމާނަކު ބޭނުންކުރަންޖެހޭ ހާލަތުގައި އަމަލުކުރާނެ ގޮތް

މައްސަލައިގައި ހިމެނޭ ހަސްމަކަށް ނުވަތަ ހެކިވެރިޔަކަށް ދިވެހިބަސް ނޭނގޭނަމަ، ނުވަތަ އަޑުއިވުމުގެ ނުކުޅެދުންތެރިކަމެއް ނުވަތަ ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަމެއް ހުރިނަމަ، އެ ހަސްމަކު ނުވަތަ އެ ހެއްކަކު ހުށަހެޅި ފަރާތަކުން ހަމަޖައްސާ ތަރުޖަމާނަކު، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތަކުގައި ބައިވެރިކުރެވިދާނެއެވެ.

 

79 ވަނަ މާއްދާ - އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ ކުރިޔަށް ގެންދިއުމަށް ހޯދަންޖެހޭ ތަކެއްޗާއި، ގާއިމުކުރަންޖެހޭ ވަސީލަތްތައް

(ހ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅައިލެވޭ މަޖިލިސްތަކުގައި، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގގެ ނިޒާމު ގާއިމުކުރުމަށް ޓަކައި، އަންނަނިވި ތަކެއްޗާއި ވަސީލަތްތައް ހަމަޖެހިފައި ހުންނަންވާނެއެވެ.

  1. ލެޕްޓޮޕެއް (ވެބްކެމާއި، ސްޕީކަރާއި، މައިކްރޯފޯނާއެކު) ނުވަތަ؛
  2. އެކަށީގެންވާ ފެންވަރެއްގެ ކޮމްޕިއުޓަރު ސިސްޓަމެއް (ވެބްކެމާއި، ސްޕީކަރާއި، މައިކްރޯފޯނާއެކު) ނުވަތަ؛
  3. ސްމާޓްފޯނެއް ނުވަތަ ޓެބްލެޓެއް (ފްރޮންޓް ކެމެރާއާއި، ސްޕީކަރާއި، މައިކްރޯފޯނާއެކު).

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވަނީ، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުމެއް ކުރިޔަށް ގެންދިއުމަށް ބޭނުންވާ އެންމެ މަދު މިންވަރެވެ.

 

80 ވަނަ މާއްދާ - ޓްރާންސްމިށަން ސްޕީޑާއި ބޭންޑްވިތުގެ މިންގަނޑު

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުން ކުރިޔަށްގެންދާ ތަނަކީ، އޯޑިއޯ ކޮންފަރެންސާއި ވީޑިއޯ ކޮންފަރެންސް ކުރިޔަށް ގެންދިއުމަށް އެކަށީގެންވާ ޓްރާންސްމިށަން އިންޓަރނެޓް ސްޕީޑް ލިބޭ ތަނެއްކަމުގައި ވާންވާނެއެވެ.

(ށ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތަކުގައި، އޯޑިއޯއާއި ވީޑިއޯގެ ކޮލިޓީ އެކަށީގެންވާ މިންގަނޑެއްގައި ބެހެއްޓުމަށް ޓަކައި، ބޭންޑްވިތް ސްޕީޑް އެންމެ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އެމް.ބީ.ޕީ.އެސް (މެގަ ބައިޓް ޕަރ ސެކަންޑް) ގައި ހުންނަންވާނެއެވެ.

 

81 ވަނަ މާއްދާ - އޯޑިއޯ ކޮންފަރެންސިން ގއާއި ވީޑިއޯ ކޮންފަރެންސިންގގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ވާންޖެހޭ ތައްޔާރީތައް

(ހ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށްގެންދާ އަޑުއެހުންތަކަށް ހާޒިރުވުމަށް ފޮނުވާ އަމުރުގައި، އެ އަޑުއެހުމަށް ލޮގިންވުމަށް ބޭނުންވާ ލިންކާއި ޕާސްވޯޑް ހިމަނަންވާނެއެވެ. ނުވަތަ އަޑުއެހުން ތާވަލުކޮށްފައިވާ ގަޑީގެ 30 (ތިރީސް) މިނިޓުގެ ކުރިން،މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނު މެދުވެރިކޮށް ލިންކާއި ޕާސްވޯޑު ފޮނުވަންވާނެއެވެ.

(ށ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށްގެންދާ އަޑުއެހުންތަކަށް ލޮގިންވުމާ ގުޅޭ އިތުރު މައުލޫމާތާއި އިރުށާދުތައް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދޭންވާނެއެވެ.

(ނ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށްގެންދާ އަޑުއެހުންތަކަށް ލޮގިންވާ ފަރާތްތަކުން، ޓްރައިބިއުނަލުން އެދުމުން، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމުގައިވާ މައުލޫމާތު، ވީޑިއޯއިން ސާފުކޮށް ފެންނާނޭހެން ދައްކަންވާނެއެވެ.

 

82 ވަނަ މާއްދާ - އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުންތައް ކުރިޔަށް ގެންދާނެ ގޮތް

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުން ފެށުމުގެ ކުރިން، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމް ރަނގަޅަށް މަސައްކަތްކުރާކަން ޔަގީންކޮށް، ގުޅިފައިވާ މަޖިލިސްތަކަށް އަޑާއި މަންޒަރު ލިބޭކަން، އެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފައިވާ މުވައްޒަފު ކަށަވަރު ކުރަން ވާނެއެވެ.

(ށ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވައިލެވިފައިވާ މަޖިލިސްތަކުގައި ތިބި ފަރާތްތަކަށް، އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެއްކަން، އަޑުއެހުން ފެށުމުގެ ކުރިން އަންގަންވާނެއެވެ.

  1. އަޑުއެހުން ކުރިޔަށްދަނިކޮށް، މައްސަލަ ބަލާ މެންބަރުގެ ހުއްދަނެތި އަޑުއެހުމުގެ މަޖިލިސް ދޫކޮށް ދިއުން؛
  2. އަޑުއެހުން ކުރިޔަށްދަނިކޮށް، މައްސަލަ ބަލާ މެންބަރުގެ ހުއްދަ ނެތި، އިތުރު އެއްވެސް މީހަކު އަޑުއެހުމުގެ މާލަމަށް ވެއްދުން؛
  3. މައްސަލަ ބަލާ މެންބަރުގެ ހުއްދަ ނެތި، އަޑުއެހުމުގައި އެއްވެސް ވާހަކައެއް ދެއްކުން؛
  4. އަޑުއެހުން ކުރިޔަށްދާ ވަގުތު، އިތުރު އެހެން އެއްވެސް ކަމެއްގައި މަށްޣޫލުވެ އުޅުން؛
  5. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުއްދަ ނެތި، އަޑުއެހުން ރިކޯޑުކުރުން؛
  6. މިނޫންވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުން ހިންގުމަށް ދަތިވެދާނެ ނުވަތަ އުނދަގޫވެދާނެ އެއްވެސް ކަމެއް ކުރުން.

(ނ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުމެއްގައި ބައިވެރިވާ ފަރާތަކުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުރުމަތްކެނޑޭ ފަދަ އަމަލެއް ހިންގައިފިނަމަ، މި ގަވާއިދުގެ 102 ވަނަ މާއްދާ (ޖޫރިމަނާކުރުން) އާއި، 103 ވަނަ މާއްދާ (ގާނޫނީ ވަކީލަކު މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފުވުން) ގައިވާ ގޮތުގެ މަތީން އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ބަލާ މަޖިލިސް ފަށަންވާނީ،ބިސްމީގެ ބަރަކާތުންނެވެ. މައްސަލަ ބަލާ މަޖިލީހުގެ ފެށުމާއި ނިމުން ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ. އަދި އެ އަޑުއެހުމަކީ އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށް ގެންދެވޭ އަޑުއެހުމެއްކަމަށާއި، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅިފައިވަނީ ކޮންތާކު ހުރި މަޖިލިސްތަކެއް ކަމާއި، އެ މަޖިލިސްތަކުގައި ތިބި، ކަމާ ގުޅުންހުރި ފަރާތްތަކުގެ ނަންތައް، އެ ފަރާތެއް ހުރި ތަނާއެކު ރިޔާސަތުން ބަޔާންކުރަންވާނެއެވެ.

 

83 ވަނަ މާއްދާ - ދިމާވާ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އަމަލުކުރާނެ ގޮތް

(ހ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުންތައް ކުރިޔަށް ގެންދިއުމަށް ޓަކައި، އަޑުއެހުންތައް ފެށުމުގެ ކުރިން، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ ޕްލެޓްފޯމުގެ ސެޓަޕް ތައްޔާރު ކުރަން ވާނެއެވެ.

(ށ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުންތައް ކުރިޔަށް ގެންދާއިރު ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް ޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގައްޔާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ހިންގާ މަޖިލިސް ގުޅައިލެވޭ މެޖިސްޓްރޭޓް ކޯޓުތަކާއި، އެހެނިހެން އިދާރާތަކުގައި އެކަމަށް އަހުލުވެރި މީހަކު ހުންނަންވާނެއެވެ.

(ނ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ ކުރިޔަށްދަނިކޮށް، މައްސަލައިގައި ހިމެނޭ ފަރާތަކަށް އަޑު ނުވަތަ މަންޒަރު ލިބުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، މައްސަލަ ބަލާ މަޖިލީހުގެ ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފެއްގެ ސަމާލުކަމަށް އެކަން ގެންނަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތަކާ އޯޑިއޯ ކޮންފަރެންސިންގއާއިވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅައިލައިފައިވާ ކޮންފަރެންސް މެދުކެނޑިއްޖެނަމަ، އެ ފަރާތަކާ އަލުން ގުޅައިލެވެންދެން މަޑުކުރެވިދާނެއެވެ. ނުވަތަ ޓެކްނިކަލް މުވައްޒަފުންނަށް އެކަން ހައްލުކުރެވެންދެން، މައްސަލަ ބަލާ މަޖިލިސް ވަގުތީގޮތުން މެދުކަނޑައިލެވިދާނެއެވެ. 

(ބ) މައްސަލައިގައި ހިމެނޭ ފަރާތަކުން އަޑުއެހުމުގައި ވާހަކަދައްކަމުން ދަނިކޮށް، އެ ފަރާތުން ދައްކާ ވާހަކަ މަހްޒަރު ނުކުރެވޭވަރަށް އަޑު ކެނޑެން ފަށައިފިނަމަ، ވާހަކަދެއްކުން މެދުކަނޑައިލުމަށް ރިޔާސަތުން އަންގަންވާނެއެވެ. އަދި އެ މައްސަލަ ހައްލުކުރެވުމުން، އަޑު ކެނޑެންފެށި ހިސާބަކުން ފެށިގެން އެ ފަރާތުން ދެއްކި ވާހަކަ ތަކުރާރުކުރުމަށް ރިޔާސަތުން އަންގަންވާނެއެވެ.

 

84 ވަނަ މާއްދާ - އަޑުއެހުމުގައި ބައިވެރިވާ ފަރާތްތަކުން ހާއްސަ ސަމާލުކަން ދޭންވީ ކަންތައްތައް

(ހ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގގައި ބޭނުންކުރާ ލެޕްޓޮޕާއި އެނޫންވެސް އާލަތްތައް ހުރީ ތައްޔާރީ ހާލަތެއްގައިތޯ ބަލައި ކަށަވަރުކުރަންވާނެއެވެ. މިގޮތުން، ލެޕްޓޮޕާއި، ޓެބްލެޓާއި، ފޯނާއި ހެޑްސެޓް ފަދަ ތަކެތި ރަނގަޅަށް ޗާޖުކޮށްފައިވާކަން ކަށަވަރު ކުރަންވާނެއެވެ.

(ށ) އިތުރަށް ޗާޖުކުރަން ޖެހިދާނެކަމަށް ފެންނަނަމަ، އަޑުއެހުން ފެށުމުގެ ކުރިން ކަރަންޓާ ގުޅަންވާނެއެވެ.

(ނ) ބޭނުންކުރާ ހުރިހާ ޑިވައިސްތަކެއް ހުންނަންވާނީ، އަޑުއެހުން ކުރިޔަށް ގެންދިއުމަށް ދަތިނުވާނޭހެން ސެޓިންގ ބަދަލުކޮށްފައެވެ.

(ރ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގގައި ބައިވެރިވުމަށް އިހްތިޔާރުކުރާ ތަނަކީ ވީޑިއޯއިން މަންޒަރު ސާފުވާނޭހެން މޫނަށް ރަނގަޅަށް އަލި ލިބޭ، ވީހައިވެސް އަޑު މަޑު، އަޑުއެހުން ކުރިޔަށް ގެންދިއުމަށް އެކަށީގެންވާ ތަނެއްކަން ކަށަވަރު ކުރަންވާނެއެވެ.

(ބ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގގައި ބައިވެރިވުމަށް ވައިފައި ނުވަތަ ނެޓްވޯކުގެ ރޭންޖް ލިބޭ ތަނެއް ބޭނުންކުރަންވާނެއެވެ.

(ޅ) އަޑުއެހުން ކުރިޔަށްދާ ވަގުތުގައި އަޑުއެހުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ މަންޒަރު އަބަދުވެސް ފެންނަން ހުންނަންވާނެއެވެ.

(ކ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ކުރިޔަށްދާ ވަގުތު މައިކް އޮންކުރަންވާނީ މައްސަލަ ބަލާ މަޖިލީހުން އެ ފަރާތަކަށް ވާހަކަދެއްކުމަށް ފުރުސަތު ދިނުމުންނެވެ. އެނޫން ވަގުތުތަކުގައި މައިކް ހުންނަންވާނީ މިއުޓްކޮށްފައެވެ.

 

85 ވަނަ މާއްދާ - އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ އަޑުއެހުންތައް އަޑުއެހުމަށް ޓަކައި ބައިވެރިވުން

(ހ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތައް އަޑުއެހުމަށް ޓަކައި ވަންނަން އެދޭ ފަރާތްތަކަށް، އަޑުއެހުން ފެށުމުގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ފަރާތެއްގެ ނަން ނޯޓުކުރަން ވާނެއެވެ. އޯޑިއޯ ކޮންފަރެންސިންގއާއިވީޑިއޯ ކޮންފަރެންސް އަޑުއެހުމަށް އެދޭ ފަރާތްތަކަށް "ޕްރައިވެޓް ލައިވް ފީޑް" ފޮނުވައިގެން ނުވަތަ ކޮންފަރެންސްގައި ބައިވެރިކުރުވައިގެން އަޑުއެހުމަށް ފުރުސަތު ދެވިދާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އޯޑިއޯ ކޮންފަރެންސިންގއާއިވީޑިއޯ ކޮންފަރެންސް އަޑުއަހަން ވަންނަ ފަރާތްތަކުން، އެ ފަރާތެއްގެ މައިކް އަބަދުވެސް މިއުޓްކޮށްފައި ބެހެއްޓުމަށާއި، އަޑުއެހުން ހިނގަމުންދާއިރު، އަޑުއެހުން ހިންގުމަށް ބުރޫއަރާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އަންގަންވާނެއެވެ.

(ނ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުމެއް މިސްމީޑިއާ ނުވަތަ ޓެލެކޮމިއުނިކޭށަންގެ ވަސީލަތެއް މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުމަށް މައްސަލަ ބަލާ މަޖިލީހުން ނިންމައިފިނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ އަޑުއެހުން އަޑުއެހުމަށް ޓަކައި ވަންނަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދެވުނީކަމުގައި ބަލަންވާނެއެވެ.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތަކުގެ މަންޒަރާއި އަޑު އެއްވެސް ގޮތަކަށް ބަދަލުކޮށްގެން ނުވަތަ ރީޕްރޮޑިއުސްކޮށްގެން، އޭގެ އަސްލު އޮޅޭ ފަދަ ގޮތަކަށް ނުވަތަ މާނަ އޮޅޭ ފަދަ ގޮތަކަށް ބޭނުންކުރުމަކީ މަނާ ކަމެކެވެ.

 

86 ވަނަ މާއްދާ - ރެކޯޑިންގ ބެލެހެއްޓުން

އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށްގެންދާ އަޑުއެހުންތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީހުން ފެށިގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުތެރިކޮށް ބަލަހައްޓަންވާނެއެވެ.

 

 

ސާދަވަނަ ބައި

ހެކިން ނުވަތަ ހަބީރުން ހާޒިރުކުރުމާއި ހެކިބަސްނެގުން

 

87 ވަނަ މާއްދާ - ހެކިން ނުވަތަ ހަބީރުން ހާޒިރުކުރުމާއި ހެކިބަސްނެގުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައެއްގައި، އިންސާފުވެރިކަމާއެކު މައްސަލަ ހިންގުމުގެ ގޮތުން، މައްސަލައިގެ މަޖިލީހަށް ހެކިން ނުވަތަ ހަބީރުން ހާޒިރުކޮށްގެން އެ މީހުންގެ ހެކިބަސް ނެގުމަށް ހުށަހެޅުމަށް ދެފަރާތަށް އެންގުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

88 ވަނަ މާއްދާ - ހެކިން ނުވަތަ ހަބީރުން ހާޒިރުކުރުން

(ހ) މައްސަލަ ސާބިތުކުރުމަށް ޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހެކިން ނުވަތަ ހަބީރުން ހާޒިރުކުރަން ހަސްމަކު ބޭނުންވާނަމަ، ހާޒިރުކުރަން ބޭނުންވާ ހެކީ ންގެ ނުވަތަ ހަބީރުންގެ ފުރިހަމަ މައުލޫމާތު، ހާޒިރުކުރަން ބޭނުންވާ ސަބަބާއެކު، މި ގަވާއިދުގެ 31 ވަނަ މާއްދާ (އިބްތިދާއީ ބައްދަލުވުން) ގައި ބަޔާންކޮށްފައިވާ މައްސަލައިގެ އިބްތިދާއީ ބައްދަލުވުމުގައި ނުވަތަ ބައްދަލުވުމުގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހެކިން ނުވަތަ ހަބީރުންގެ މައުލޫމާތު ހުށަހަޅައިފައި ނުވާނަމަ، މައްސަލައިގެ އަޑުއެހުންތައް ކުރިޔަށްދާ މަރުހަލާގައި ހެކިން ނުވަތަ ހަބީރުން ހުށަހެޅޭނީ، މައްސަލަ ބަލާ މަޖިލީހުގެ ހުއްދަ އެކަމަށް ލިބުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގެ ހުލާސާ އަޑުއެހުމުގައި ނުވަތަ ހުލާސާ އަޑުއެހުމަށްފަހު މައްސަލައާ ގުޅިގެން ހެއްކެއް ނުވަތަ ހަބީރެއް ހާޒިރުކޮށްދިނުމަށް އެދި މައްސަލައިގެ ހަސްމަކަށް ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގެ ހުލާސާ އަޑުއެހުމުގައި ނުވަތަ ހުލާސާ އަޑުއެހުން ނިމުމަށްފަހުގައި ވެސް ހަބީރެއް ހާޒިރުކުރުމަށް، މައްސަލަ ބަލާ މަޖިލީހަށް ނިންމިދާނެއެވެ.

(ބ) މި މާއްދާގެ ދަށުން ހާޒިރުކުރާ ހަބީރަކަށް ނުވަތަ މި ގަވާއިދުގެ 90 ވަނަ މާއްދާ (ހަބީރުންގެ ރައުޔު ލިޔުމުން ހުށަހެޅުން) ގައި ބަޔާންކޮށްފައިވާ ފަދައިން، ހަބީރުންގެ ރައުޔު ލިޔުމުން ހޯދާ ހާލަތުގައި، އެ ހަބީރަކަށް ފަންނީ ފީއެއް ދައްކަންޖެހޭނަމަ، އެ ފީއެއް ދައްކާނީ، އެ ފަރާތެއް ހާޒިރުކުރުމަށް އެދުނު ފަރާތުންނެވެ.

(ޅ) މައްސަލަ ބަލާ މަޖިލީހުގެ އަމިއްލަ އިސްނެގުމަށް ހާޒިރުކުރާ ހަބީރަކަށް ނުވަތަ މައްސަލަ ބަލާ މަޖިލީހުގެ އަމިއްލަ އިސްނެގުމަށް މި ގަވާއިދުގެ 90 ވަނަ މާއްދާ (ހަބީރުންގެ ރައުޔު ލިޔުމުން ހުށަހެޅުން) ގައި ބަޔާންކޮށްފައިވާ ފަދައިން، ހަބީރުންގެ ރައުޔު ލިޔުމުން ހޯދާ ހާލަތުގައި، އެ ހަބީރަކަށް ފަންނީ ފީއެއް ދައްކަންޖެހޭނަމަ، އެ ފީއެއް ދައްކާނީ،ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.

(ކ) މައްސަލަ ބަލާ މަޖިލީހުގެ އަމިއްލަ އިސްނެގުމަށް ހެއްކެއް ނުވަތަ ހަބީރެއް ޓްރައިބިއުނަލަށް ނުވަތަ ޓްރައިބިއުނަލުން ކަނޑައަޅާ ތަނަކަށް ހާޒިރުވުމަށް ޓަކައި ހެކިވެރިޔާ ނުވަތަ ހަބީރު ހުރި ރަށް ނޫން އެހެން ރަށަކަށް ދަތުރުކުރަންޖެހޭނަމަ، ދަތުރުގެ ހަރަދާއި، ޓްރައިބިއުނަލުގެ ބޭނުމަށް ރަށުން ބޭރުގައި ހުންނަ މުއްދަތުގައި، ހުރުމާއި ކެއުމުގެ ހަރަދު ހަމަޖައްސައިދިނުމަށް އެ ފަރާތަކުން އެދިއްޖެނަމަ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތު ގާނޫނު) އާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ހަރަދުތައް ޓްރައިބިއުނަލުން ހަމަޖައްސައިދޭންވާނެއެވެ.

 

89 ވަނަ މާއްދާ - ހެކިންގެ ހެކިބަހާއި ހަބީރުންގެ ރައުޔު ހޯދުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން ހެކީންގެ ހެކިބަސް ނުވަތަ ހަބީރެއްގެ ރައުޔު ހޯދަން ޖެހިއްޖެ ހާލަތެއްގައި، ހެކިބަސް ނުވަތަ ރައުޔު ހޯދާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ ފަރާތެއް ހާޒިރުކޮށް، މައްސަލަ ބަލާ މެންބަރުގެ ކުރިމަތީގައި ހުވާކުރުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މައްސަލަ ހިނގަމުން ދަނިކޮށް، އެއްވެސް ފަރާތެއްގެ ހެކިބަސް ނުވަތަ ރައުޔު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބޭނުންވާ ހާލަތްތަކުގައި، މި ގަވާއިދުގެ 75 ވަނަ މާއްދާ (އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިބަސް ނެގުން) ގެ (ހ) އާ އެއްގޮތަށް، މައްސަލަ ބަލާ މަޖިލީހުން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައި ހުވާކުރުމަށްފަހު، މުއާސަލާތީ ވަސީލަތެއް މެދުވެރިކޮށް، އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެ މަތީން ހެކިބަސް ނެގުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

90 ވަނަ މާއްދާ - ހަބީރުންގެ ރައުޔު ލިޔުމުން ހުށަހެޅުން

(ހ) ހަބީރުންގެ ހެކިބަސް، ލިޔުމުން އޮންނަ ރިޕޯޓެއްގެ ގޮތުގައި ދިނުމަށް މައްސަލަ ބަލާ މަޖިލީހަށް ކަނޑައެޅިދާނެއެވެ.

(ށ) ހަބީރުންގެ ރިޕޯޓުގެ ނިންމުމުގައި، ޓްރައިބިއުނަލުގެ މައްޗަށް ހަބީރަށް އޮތް ޒިންމާތައް އެނގުނުކަމާއި، އެ ޒިންމާތަކާ އެއްގޮތަށް އަމަލުކުރިކަން އަންގައިދޭ ބަޔާނެއް ހިމަނައި، ރިޕޯޓު އެ މައްޗަށް ބިނާކޮށްފައިވާ އަސާސްތައް ބަޔާން ކުރަން ވާނެއެވެ.

 

91 ވަނަ މާއްދާ - ދެ ހަސްމުން އެކުގައި އެއް ހަބީރަކު ހުށަހެޅުމަށް އެދުން

(ހ) ދެ ހަސްމުން އެއް ކަމަކާ ގުޅިގެން ހަބީރުންގެ ހެކިބަސް ހުށަހަޅަން ބޭނުންވާނަމަ، އެ ހަސްމުންގެ ފަރާތުން އެއް ހަބީރަކު ހުށަހެޅުމަށް މައްސަލަ ބަލާ މަޖިލީހަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާ އެންގުމަކާ އެއްގޮތަށް ހުށަހަޅާނެ ހަބީރަކާމެދު ހަސްމުންނަށް އެއްބަސްނުވެވޭނަމަ، މައްސަލަ ބަލާ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ހަބީރަކު ހަމަޖެއްސުމަށް ނުވަތަ ހަސްމުންގެ ފަރާތުން ހުށަހަޅާ ހަބީރުންގެ ލިސްޓަކުން ވަކި ހަބީރަކު ހަމަޖެއްސުމަށް، މައްސަލަ ބަލާ މަޖިލީހަށް ނިންމިދާނެއެވެ.

 

92 ވަނަ މާއްދާ - ހެކީންގެ ނުވަތަ ހަބީރުންގެ ހުވާ

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހިންގާ މައްސަލަތަކުގައި ހެކިން ނުވަތަ ހަބީރުން ހެކިބަސް ދޭން ފަށަންވާނީ، މައްސަލައިގެ މަޖިލީހުގައި އަންނަނިވި ހުވާ ކުރުމަށް ފަހުގައެވެ. "ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މި މައްސަލައިގައި އަހުރެންނާ ކުރެވޭ އެންމެހައި ސުވާލުތަކަށް ޖަވާބުދިނުމުގައްޔާއި، އަހުރެން ބުނާ ކޮންމެ ބަހެއްގައި ތެދު ބުނުމަށާއި، ހަގީގަތާ ހިލާފަށް އެއްވެސް އެއްޗެއް ނުބުނުމަށް، މާތްالله ގަންދީ ހުވާކުރަމެވެ."

 

93 ވަނަ މާއްދާ - ދޮގު ހެކި ދިނުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ މައްސަލައެއްގައި ދޮގުހެކި ދީފިކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެނިއްޖެނަމަ، އެ ކަމެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް، ކަމާބެހޭ އިދާރާއަށް ފޮނުވޭނެއެވެ.

 

 

ފަނަރަވަނަ ބައި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލައިގެ މަޖިލީހުގެ ނިޒާމާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުރުމަތް

 

94 ވަނަ މާއްދާ - މައްސަލައިގެ މަޖިލީހަށް މީހުން ވެއްދުން

(ހ) މައްސަލައިގެ މަޖިލީހަށް މީހުން ވައްދާނީ، ޓްރައިބިއުނަލް އޮފިސަރު ނުވަތަ އެކަމަށް ކަނޑައަޅައިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފަކު، އެ މީހަކީ ކާކުކަން ކަށަވަރުކުރުމަށްފަހު، މައްސަލައިގެ މަޖިލީހަށްހާޒިރުވާ މީހުންގެ ދަފުތަރުގައި ނަން ނޯޓުކުރުމަށްފަހުގައެވެ.

(ށ) މައްސަލައިގެ މަޖިލީހަށް މީހުން ވައްދާއިރު، ދެފަރާތުންކުރެ ފަރާތަކުން 1 (އެކެއް) ވަކީލަށްވުރެ ގިނަ ވަކީލުން ހާޒިރުވާ ހާލަތުގައި، މައްސަލައިގެ މަޖިލީހުގައި ޖާގައޮތް މިންވަރަށް ބަލައި، ވަކީލުންނަށް ވަދެވޭނެ އަދަދެއް ކަނޑައެޅުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އަދި މައްސަލައިގެ އަޑުއެހުމަށް ހާޒިރުވާ ފަރާތްތަކަށް ވެސް މައްސަލައިގެ މަޖިލީހަށް ވަނުމުގެ ފުރުސަތު ދެވޭނީ، މައްސަލައިގެ މަޖިލީހުގައި ޖާގަ އޮތް މިންވަރަށް ބަލައި، އަޑުއެހުމުގައި ބައިވެރިވުމަށް އެދުނު ތަރުތީބުންނެވެ.

(ނ) މައްސަލައިގެ މަޖިލީހަށް ވަންނަ ފަރާތްތަކުން މައްސަލައިގެ މަޖިލީހުގައި ތިބެންވާނީ، ޓްރައިބިއުނަލް އޮފިސަރު ނުވަތަ އެކަމަށް ކަނޑައަޅައިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފު ކަނޑައަޅާ ގޮތެއްގެ މަތީން، އެ ތަރުތީބުންނެވެ.

 

95 ވަނަ މާއްދާ - މައްސަލައިގެ މަޖިލީހަށް ވަންނަ ފަރާތްތައް އަޅަންޖެހޭ ހެދުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާ ފަރާތްތައް މައްސަލައިގެ މަޖިލީހަށް ވައްދާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުރުމަތާ އެކަށީގެންވާ ހެދުމެއްގައި ހުރިނަމައެވެ. މިގޮތުން އަންނަނިވި ބާވަތްތަކުގެ ހެދުމާއި ގަހަނާ އަޅައިގެން،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަކީ މަނާކަމެކެވެ.

  1. ނިވާކަން ކުޑަ ހެދުން؛
  2. ގައި ފެންނަވަރުގެ ތުނި ހެދުން؛
  3. އެކަށީގެންނުވާ ފަދަ އިބާރާތް ލިޔެފައި ހުންނަ ހެދުމާއި، އިސްލާމްދީނާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ށިއާރުތައް ރަމްޒުކޮށްދޭ ފަދަ ހެދުމާއި، ސިޔާސީ ލިޔުމެއް ނުވަތަ ކުރެހުމެއް ހުންނަ ހެދުމާއި، އެފަދަ ގަހަނާތައް؛
  4. ޓްރައިބިއުނަލަށް ހާޒިރުވުމަށް އެކަށީގެންނުވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅާ ކޮން މެ ހެދުމެއް.

(ށ) ޓްރައިބިއުނަލަށް ހާޒިރުވެ ހުރި އަންހެނަކީ، މޫނު ނިވާކޮށްގެން ހުރި މީހެއްނަމަ، މައްސަލައިގެ މަޖިލީހަށް ވެއްދުމުގެ ކުރިން، އެއީ ކާކުކަން، ޓްރައިބިއުނަލުން ކަނޑައަޅާ ފަރާތަކުން ކަށަވަރު ކުރަންވާނެއެވެ.މިގޮތުން ޓްރައިބިއުނަލުން ކަނޑައަޅާ ފަރާތަކީ އަންހެނެއް ކަމުގައި ވާންވާނެއެވެ.

 

96 ވަނަ މާއްދާ - މައްސަލައިގެ މަޖިލީހާ ގުޅޭ ކަންކަން އިއުލާނު ކުރުން

މައްސަލައިގެ މަޖިލީހަށް މެންބަރު ވަނުމުގެ ކުރިން، އެ މަޖިލީހަކީ ކޮން މައްސަލައެއްގެ މަޖިލީހެއްކަމާއި، އެ މައްސަލައިގެ މަޖިލީހުގައި ހިންގޭ މައްސަލައިގެ ރިޔާސަތު ބަލަހައްޓާ މެންބަރުގެ ނަމާއި، މައްސަލަ ބަލާ މަޖިލީހުގައި ހިމެނޭ މެންބަރުންގެ ނަމާއި، މައްސަލައިގެ ނިޒާމު ހިފަހައްޓަންޖެހޭ ގޮތާއި، މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލެއްކޮށްފިނަމަ އަމަލުކުރެވޭނެ ގޮތް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފަކު، ހުރިހާ ހާޒިރީންނަށް އިއްވަންވާނެއެވެ.

 

97 ވަނަ މާއްދާ - މައްސަލައިގެ މަޖިލިސް ފެށުން

މައްސަލައިގެ މަޖިލިސް ފެށޭނީ، "` ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލައިގެ މަޖިލިސް ފެށުނީ" މިހެން ކިޔައި، މައްސަލައިގެ މަޖިލިސް ފެށުނުކަން، މައްސަލަ ބަލާ މަޖިލީހުން އިއުލާނު ކުރުމުންނެވެ.

 

98 ވަނަ މާއްދާ - މައްސަލައިގެ މަޖިލިސް މެދުކަނޑައިލުން

މައްސަލައިގެ މަޖިލިސް ހިނގަމުންދަނިކޮށް، މައްސަލަ ބަލާ މަޖިލީހަށް ފެނިއްޖެ ހިނދެއްގައި، މައްސަލައިގެ މަޖިލިސް މެދުކަނޑައިލުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

99 ވަނަ މާއްދާ - މައްސަލައިގެ މަޖިލިސް ނިމުން

(ހ) މައްސަލައިގެ މަޖިލިސް ނިމޭނީ، މައްސަލައިގެ މަޖިލިސް ނިމުނުކަން، މައްސަލަ ބަލާ މަޖިލީހުން "މައްސަލައިގެ މަޖިލިސް ނިމުނީ" ކަމަށް އިއުލާނު ކުރުމުންނެވެ.

(ށ) މައްސަލައިގެ މަޖިލިސް ނިމުނުކަން އިއުލާނު ކުރުމުގެ ކުރިން، މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނަމަ، ފަހުން އެކަން އަންގާނެކަމާއި، އަދި މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެނަމަ، މައްސަލައިގެ އަޑުއެހުންތައް ނިމުނުކަން، މައްސަލަ ބަލާ މަޖިލީހުން އިއުލާނު ކުރަންވާނެއެވެ.

 

100 ވަނަ މާއްދާ - މައްސަލައިގެ މަޖިލީހުގެ ނިޒާމު ބެލެހެއްޓުން

(ހ) މައްސަލައިގެ މަޖިލިސް ކޮންޓްރޯލްކޮށް އެ މަޖިލީހުގެ ގަވާއިދުތަކާއި ނިޒާމު ބަލަހައްޓާނީ، އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މެންބަރެވެ.

(ށ) މައްސަލައިގެ މަޖިލީހުގައި ވާހަކަދެއްކޭނީ، މައްސަލަ ބަލާ މަޖިލީހުން ހުއްދަ ދިނުމުން، ހުއްދަ ދިން ފަރާތަކަށެވެ. މައްސަލަ ބަލާ މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅައިހައި ހިނދަކު، މައްސަލައިގެ މަޖިލީހުގައި ވާހަކަދައްކަންވާނީ، ކޮޅަށް ތެދުވެ ހުރެއެވެ.

(ނ) މައްސަލައިގެ މަޖިލީހަށް، މައްސަލައިގައި ހިމެނޭ ފަރާތުން ހުށަހަޅާ ލިޔެކިޔުމާއި ތަކެތި ހުށަހަޅާނީ، މައްސަލަ ބަލާ މަޖިލީހުން ހުއްދަ ދިނުމުން،ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފަކު މެދުވެރިކޮށެވެ.

(ރ) މައްސަލައިގެ މަޖިލީހުގައި ހިނގަމުންދާ މައްސަލައިގެ މައުޒޫއުން ބޭރުން، އެއްވެސް ފަރާތަކުން، އެހެން ފަރާތެއްގެ ނަފްސަށް ނުވަތަ ޒާތަށް ނުވަތަ އަބުރަށް ހަޑިހުތުރުކޮށް ދިމާކުރުމުގެ ގޮތުން ވާހަކަދެއްކުމަށް ފުރުސަތު ދީގެން ނުވާނެއެވެ. އަދި ހުށަހެޅޭ ބަޔާނެއްގައި މިފަދަ އިބާރާތްތައް ބޭނުންކޮށްފައިވާނަމަ، އެ އިބާރާތްތައް އުނިކުރުމަށް، މައްސަލަ ބަލާ މަޖިލީހުން އަންގަންވާނެއެވެ.

(ބ) މައްސަލައިގެ މަޖިލީހުގައި ދައްކަމުންދާ ވާހަކައަކީ ނުވަތަ ކުރަމުންދާ ކަމަކީ، މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފު ވާހަކައެއް ކަމަށް ނުވަތަ ކަމެއް ކަމަށް މައްސަލަ ބަލާ މަޖިލީހުން ކަނޑައަޅައި އަންގައިފިނަމަ، އެ ވާހަކައެއް ނުވަތަ އެ ކަމެއް އަލުން ތަކުރާރުކޮށްގެން ނުވާނެއެވެ.

(ޅ) މައްސަލައިގެ މަޖިލީހުގައި މެންބަރުގެ އެންގުންތަކަށް، އެ އެންގުން ރައްދުވާ ފަރާތްތަކުން ކިޔަމަންވާންވާނެއެވެ. އަދި މައްސަލައިގެ މަޖިލީހުގެ ހުރުމަތް ކެނޑޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ކޮށްގެން ނުވާނެއެވެ. އަދި މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފުވާފަދަ އެއްވެސް އަމަލެއް، މަޖިލީހުގެ ހާޒިރީންކުރެ އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.

(ކ) މައްސަލައިގެ އަޑުއެހުމަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ތެރެއިން ފަރާތެއް މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލެއްކޮށް އެކަން ރަނގަޅުކުރުމަށް އެންގުމުން ވެސް، އެކަން ތަކުރާރު ކުރާނަމަ، އެ ފަރާތެއް މައްސަލައިގެ މަޖިލީހުން ނެރުމުގެ ބާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފަށް ލިބިގެންވެއެވެ.

 

101 ވަނަ މާއްދާ - މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލުތައް

އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަކީ މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފުވުން ކަމުގައި ބަލަންވާނެއެވެ.

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައަކަށް ހުރަސްއެޅުން ނުވަތަ ހުރަސް އަޅަން މަސައްކަތްކުރުން.

(ށ) ހިނގަމުންދާ މައްސަލައެއްގައި މައްސަލަ ބަލާ މަޖިލީހަށް އިންސާފުވެރިކޮށް މައްސަލަ ނިންމުމަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލެއް ކުރުން.

(ނ) މައްސަލައަކާ ގުޅިގެން، މައްސަލައިގެ މަޖިލީހަށް ހާޒިރުވެ، މައްސަލައިގައި ދޭންޖެހޭ މައުލޫމާތު ދިނުމަށް އިންކާރުކުރުން.

(ރ) މައްސަލައިގެ މަޖިލީހަށް ހާޒިރުވެ، މައްސަލައެއްގައި ދޭންޖެހޭ ހެކިބަހެއް ދިނުމަށް ނުވަތަ ހެއްކެއްގެ ހައިސިއްޔަތުން ނުވަތަ ހެކިބަސް ދޭންޖެހޭ ފަދަ މަގާމެއްގައި ހުރެ މައްސަލައަށް ބޭނުންވާ މައުލޫމާތު ދިނުމަށް އިންކާރުކުރުން.

(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުއްދައާ ނުލައި، އަޑު ނުވަތަ މަންޒަރު ރިކޯޑުކުރެވޭ، ނުވަތަ ފޮޓޯނެގޭ އެއްވެސް ވަސީލަތެއް، މައްސަލައިގެ މަޖިލީހަށް ވައްދައި، އަޑު ނުވަތަ މަންޒަރު ރިކޯޑު ކުރުން.

(ޅ) މައްސަލައެއްގެ މަޖިލީހުގައި، އެ މައްސަލައިގައި ހިމެނޭ އެއް ފަރާތުން،މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ގޮތުން ކަމެއް ކުރުން.

(ކ) މައްސަލައާ ގުޅިގެން، މައްސަލައިގެ މަޖިލީހަށް ހާޒިރުވާ ހަސްމުންނާއި ވަކީލުން، މައްސަލައިގެ މަޖިލިސް ހިނގަމުންދަނިކޮށް، މައްސަލަ ބަލާ މަޖިލީހުގެ އިޒުނަ ނެތި، މައްސަލައިގެ މަޖިލީހުން ނުކުތުން ނުވަތަ މައްސަލައިގެ މަޖިލީހުގައި އެންގޭ އެންގުމަކަށް ނުކިޔަމަންތެރިވުން.

(އ) މައްސަލައިގެ މަޖިލީހަށް ވަންނަ ފަރާތްތަކުން، މައްސަލަ ބަލާ މަޖިލީހުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވުން.

(ވ) މީގެ އިތުރުން ވެސް، މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފުވާފަދަ އަމަލެއް ކުރުން.

 

102 ވަނަ މާއްދާ - ޖޫރިމަނާ ކުރުން

މި ގަވާއިދުގެ 101 ވަނަ މާއްދާ (މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލުތައް) ގައި ބުނާ ފަދައިން، މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފުވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި 5،000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

 

103 ވަނަ މާއްދާ - ގާނޫނީ ވަކީލަކު، މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފުވުން

މި ގަވާއިދުގެ 101 ވަނަ މާއްދާ (މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލުތައް) ގައިވާ ފަދަ އަމަލެއް ކޮށްފައިވަނީ ގާނޫނީ ވަކީލަކު ނަމަ، މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފަށް އެ ވަކީލަކު ކުރި އަމަލާއި، ޖޫރިމަނާއެއް ކުރެވުނުނަމަ، އެކަމުގެ މައުލޫމާތު، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގަންވާނެއެވެ.

 

 

ސޯޅަވަނަ ބައި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން

 

104 ވަނަ މާއްދާ - މައްސަލައިގެ ނިންމުން

(ހ) މައްސަލައިގެ އަޑުއެހުންތައް ނިމުމުން، އަޑުއެހުންތައް ނިމޭ ދުވަހު، ނުވަތަ އެއަށްވުރެ ފަހުގެ ތާރީހެއްގައި، އެ މައްސަލައެއްގެ ނިންމުން، މައްސަލަ ބަލާ މަޖިލީހުން އިއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނިންމުން އިއްވާނީ ފަހުގެ ތާރީހެއްގައިނަމަ، މައްސަލައިގެ ނިންމުމަށް ހާޒިރުވުމަށް، މި ގަވާއިދުގެ 52 ވަނަ މާއްދާ (ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަންގާ އަމުރު) އާ އެއްގޮތްވާ ގޮތުގެ މަތީން، މައްސަލައިގެ ހަސްމުންނަށް،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު ފޮނުވަންވާނެއެވެ.

 

105 ވަނަ މާއްދާ - މައްސަލަ ނިންމިދާނެ ގޮތްތައް

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކީ، ރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ މައްސަލައެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އަންނަނިވި އަމުރުތައް ހިމެނޭގޮތަށް، އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ހ) ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ އަމުރު.

(ށ) ވަޒީފާއިން ވަކިކޮށްފައިވާ މީހާއަށް އަނބުރާ ވަޒީފާ ދިނުމަށް ކުރާ އަމުރު.

(ނ) މީހަކަށް ގެއްލިފައިވާ މަންފާއެއް ނުވަތަ ފަސޭހައެއް އަނބުރާ އެ މީހަކަށް ލިބޭނެގޮތް ހެދުމަށް ކުރާ އަމުރު.

(ރ) ބަދަލު ދިނުމަށް ކުރާ އަމުރު.

(ބ) މަތީގައި ބަޔާންކޮށްފައިވާ އަމުރުތަކުގެ އިތުރުންވެސް، އެ މައްސަލައިގައި އިންސާފު ގާއިމު ކުރުމަށް ޓަކައި ނެރޭންޖެހޭކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެންނަ ކޮންމެ އަމުރެއް.

 

106 ވަނަ މާއްދާ - މައްސަލަ ބެލި މަޖިލީހުގެ ރައުޔު

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލައި ނިންމުމުގައި، މައްސަލަ ބަލާ މަޖިލީހުގެ ކޮންމެ މެންބަރަކަށް ފެނުނު ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ. މިގޮތުން، މައްސަލައާ ގުޅޭގޮތުން ފާހަގަކުރެވުނު ނުކުތާތަކާއި،ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ އަލީގައި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި، މައްސަލަ ބަލާ މަޖިލީހުގައިދެފަރާތުން ދެއްކި ވާހަކަތަކާއި، ހެކިން ދައްކައިފައިވާ ވާހަކަތަކާމެދު ދެކޭ ގޮތާއި، މައްސަލަ ނިންމި ގޮތަށް ވާސިލުވުމުގައި ވިސްނައިފަ އިވާ ކަންތައްތަކާއި، ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގައިދިނުމަށް އަމުރެއް ކުރާނަމަ، ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައެޅުމުގައި ބަލައިފައިވާ ކަންތައްތަކާއި، އެ މެންބަރަކަށް ފެންނަ މުހިންމު އެ ނޫން ނުކުތާތައް ވެސް ބަޔާންކުރަންވާނެއެވެ.

 

107 ވަނަ މާއްދާ - ހުލާސާ ރިޕޯޓު ދޫކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ކޮންމެ މައްސަލައެއްގައި ވެސް، މައްސަލައިގެ ނިންމުން އިއްވާ ދުވަހު، އެ މައްސަލައެއްގެ ހުލާސާ ރިޕޯޓު ތައްޔާރުކޮށް، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހަވާލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުލާސާ ރިޕޯޓުގައި، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި ފަރާތުގެ ފުރިހަމަ މައުލޫމާތާއި، މައްސަލައިގެ ނަންބަރާއި، މައްސަލަ ހުށަހެޅި ތާރީހާއި، މައްސަލަ ނިމުނު ތާރީހާއި، މައްސަލައިގެ ބާވަތާއި، މައްސަލަ ބެލި މަޖިލީހުގެ ރައުޔާއި، މައްސަލައިގެ ނިންމުން ހިމަނަންވާނެއެވެ. މި ރިޕޯޓުގައި، މައްސަލަ ބެލި މަޖިލީހުގެ މެންބަރުން ސޮއިކޮށްފައި އޮންނަންވާނެއެވެ.

 

108 ވަނަ މާއްދާ - ނިންމުމަށް ބަދަލު ނުގެނައުން

ހިސާބު ޖެހުމުގައި އަރައިފައިވާ އޮޅުމެއް ނުވަތަ ލިޔުމުގައިވާ އިމްލާ ކުށެއް އިސްލާހުކުރުން ފިޔަވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަކަށް ނުވަތަ ތަފާތުވި ރައުޔަކަށް ވިޔަސް ނިންމުން އިއްވުމަށްފަހު އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ.

 

109 ވަނަ މާއްދާ - ޓްރައިބިއުނަލުން ނިންމާ ނިންމުންތަކާއި މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު އާންމުކޮށް ށާއިއުކުރުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ވަގުތީ އަމުރުތަކާއި، އިޖުރާއީގޮތުން ނިންމާ ނިންމުންތަކާއި، މައްސަލަތަކާ ގުޅިގެން ނިންމާ އެ ނޫން ނިންމުންތަކާއި، މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު އާންމުކޮށް ފެންނަން ހުންނާނޭހެން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުގައި ށާއިއު ކުރަންވާނެއެވެ.

 

110 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ތައްޔާރުކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ މައްސަލައެއްގެ ނިންމުން އިއްވާ ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ތައްޔާރު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، މައްސަލަ ހުށަހެޅި ފަރާތުގެ ފުރިހަމަ މައުލޫމާތާއި، މައްސަލަ ރައްދުވި ފަރާތުގެ ފުރިހަމަ މައުލޫމާތާއި، މައްސަލައިގެ ނަންބަރާއި، މައްސަލަ ހުށަހެޅި ތާރީހާއި، މައްސަލަ ނިމުނު ތާރީހާއި، މައްސަލައިގެ ބާވަތާއި، މައްސަލަ ބެލި މަޖިލީހުގެ ރައުޔާއި، މައްސަލައިގެ ނިންމުމާއި، މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކުގެ ކޮޕީ ހިމަނަންވާނެއެވެ. އަދި މި ރިޕޯޓުގައި، މައްސަލަ ބެލި މަޖިލީހުގެ މެންބަރުން ސޮއިކޮށްފައި އޮންނަންވާނެއެވެ.

 

111 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ދޫކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ މައްސަލައެއް ނިމޭ ގޮތުގެ ރިޕޯޓު، މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެ ހިނދެއްގައި ލިބޭނެގޮތް ހަމަޖައްސައިދޭންވާނެއެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް އެދެންވާނީ،މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް އެދޭ ފޯމުންނެވެ.

(ށ) މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ދޫކުރެވޭނީ، އެ ރިޕޯޓުގައި ހިމެނޭ ކޮންމެ ސަފުހާއަކަށް 1 (އެކެއް) ރުފިޔާގެ މަގުން ފައިސާ ދެއްކުމުންނެވެ.

(ނ) އަމުރު ނެރޭ މައްސަލަތައް ފިޔަވައި އެހެނިހެން ގޮތްގޮތުން ނިންމާ މައްސަލަތަކުގެ ލިޔެކިޔުން ބޭނުންވެގެން މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެނަމަ، ސަފުހާއަކަށް 1 (އެކެއް) ރުފިޔާގެ މަގުން ލިޔުން ދޫކުރެވިދާނެއެވެ.

 

112 ވަނަ މާއްދާ - ނިންމުން އިސްތިއުނާފު ކުރުން

(ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފައިވާ ނިންމުމެއް ނިންމައިފައިވަނީ ށަރުއީ އުސޫލަކާ ހިލާފަށް، ނުވަތަ ގާނޫނީ އުސޫލަކާ ހިލާފަށް، ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންކަމަށް މައްސަލައިގައި ހިމެނޭ ފަރާތަކަށް ގަބޫލުކުރެވޭނަމަ، އެ ނިންމުމެއް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އިސްތިއުނާފަށް ހުށަހަޅާ މައްސަލައެއްގައި، ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅިގެން އެހެން ގޮތަކަށް އަމުރުނުކުރާހައި ހިނދަކު، އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފައިވާ ގޮތަށް އަމަލު ކުރަންވާނެއެވެ.

 

 

ސަތާރަވަނަ ބައި

މަތީ މަރުހަލާގެ ކޯޓެއްގެ ނިންމުމަކާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލުން

 

113 ވަނަ މާއްދާ - މަތީ މަރުހަލާގެ ކޯޓެއްގެ ނިންމުމަކާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރެވި، އެ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެ މައްސަލައެއްކަމަށް މަތީ މަރުހަލާގެ ކޯޓަކުން ކަނޑައަޅައިފިނަމަ، މައްސަލަ ނިންމިއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލައެއް އަލުން ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައަޅައިފައި ނުވާނަމަ، އެ ކޯޓުން އެ ގޮތަށް ކަނޑައެޅި ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަހުގެ ތެރޭގައި،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލަ ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ މުއްދަތު ފާއިތުވުމަށްފަހު، އެ މުއްދަތުގައި މައްސަލަ ހުށަހެޅިފައި ނުވާ ސަބަބު ބަޔާންކޮށް ހުށަހަޅާ މައްސަލައެއްގައި، އެ ސަބަބަކީ މަގުބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަނަމަ، އެ ކަމަކަށް ރިއާޔަތްކޮށް، އެ މައްސަލައެއް ބަލައިގަތުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެ ންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައްސަލައެއް ހުށަހަޅަންވާނީ،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ފޯމުންނެވެ.

(ރ) މި މާއްދާގެ ދަށުން ހުށަހަޅާ މައްސަލަތައް ވެސް ހުށަހަޅާއިރު، މި ގަވާއިދުގެ 21 ވަނަ މާއްދާ (މައްސަލަ ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

114 ވަނަ މާއްދާ - ވަޒީފާ އާބެހޭ ޓްރައިބިއުނަލަށް ތަހްވީލު ވާ މައްސަލަތައް ބެލުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރެވި، މައްސަލައިގައި ކަންހިނގައިފައިވާ ގޮތް އަލުން ބަލަންޖެހޭކަމަށް ކަނޑައަޅައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަހްވީލުކުރާ މައްސަލަ، ތަހްވީލު ކުރެވުނުކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންގުމުން، އެފަދަ މައްސަލައަށް އައު މައްސަލަ ނަންބަރެއް ދީ،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއް ގޮތުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ރަޖިސްޓަރީ ކުރެވޭ މައްސަލަތަކުގައި، މައްސަލަ ހުށަހެޅި ފަރާތްކަމުގައި ބަލާނީ، އެ މައްސަލައެއް އިސްތިއުނާފު ކުރި ފަރާތެވެ.

 

 

އަށާރަވަނަ ބައި

އެހެނިހެން ކަންތައްތައް

 

115 ވަނަ މާއްދާ - ހުޅުވައިލެވިފައިވާ މަޖިލީހެއްގައި މައްސަލަ ބެލުން

(ހ) ޓްރައިބިއުނަލުގެ މައްސަލައިގެ މަޖިލިސް ބާއްވަންވާނީ، އާންމުކޮށް ހުޅުވައިލައިފައިވާ މަޖިލީހެއްގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ލާޒިމުކުރާ ސަބަބެއް ނުވަތަ ހާލަތެއް މެދުވެރިވެއްޖެނަމަ، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ މަސްލަހަތަށް ޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ މައްސަލައެއް ނުވަތަ މައްސަލައިގެ ބައެއް، ސިއްރު މަޖިލީހެއްގެ ގޮތުގައި ބޭއްވުމަށް މައްސަލަ ބަލާ މަޖިލީހަށް ފެނިއްޖެނަމަ، އެ މަޖިލިސް ނުވަތަ މަޖިލީހުން ބައެއް ނަމަވެސް ސިއްރު މަޖިލީހެއްގެ ގޮތުގައި ބޭއްވުމުގެ އިހްތިޔާރު،މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

116 ވަނަ މާއްދާ - އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލިޔެކިޔުންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބުނުކަން ކަށަވަރުކުރުން

އީމެއިލް މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ ލިޔެކިޔުންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބުނުކަން ކަށަވަރުކުރުމަކީ އީމެއިލް މެދުވެރިކޮށް އެ ލިޔެކިޔުމެއް ފޮނުވި ފަރާތެއްގެ ޒިންމާއެކެވެ.

 

117 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ތަންފީޛުކުރުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައެއް ނިންމުމަށްފަހު، ޓްރައިބިއުނަލުން ދީފައިވާ މުއްދަތުގައި އެ ނިންމުން ރައްދުވާ ފަރާތުން އެ ނިންމުމާ އެއްގޮތަށް އަމަލުކޮށްފައިވާކަމަށް އަންގައިފައި ނުވާނަމަ، އެ ނިންމުމާ އެއްގޮތަށް އެ ނިންމުން ރައްދުވާ ފަރާތުން އަމަލުކޮށްފައިވޭތޯ ޓްރައިބިއުނަލުގެ އަމިއްލަ އިސްނެގުމުގައި ކަށަވަރު ކުރަން ޖެހޭނެއެވެ.

(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމާ އެއްގޮތަށް އެ ނިންމުން ރައްދުވާ ފަރާތުން އަމަލުކޮށްފައި ނުވާކަމަށް ޓްރައިބިއުނަލަށް އަންގައިފިނަމަ، ނުވަތަ ޓްރައިބިއުނަލުގެ ނިންމުމާ އެއްގޮތަށް އަމަލުކޮށްފައިވާކަން ނުވަތަ ނުވާކަން ޓްރައިބިއުނަލަށް އެންގުމަށް މައްސަލަ ރައްދުވި ފަރާތަށް ފޮނުވާ ލިޔުމަށް، ޓްރައިބިއުނަލުން ދީފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދީފައި ނުވާނަމަ، އެ ނިންމުން ތަންފީޛު ކުރުމަށް ޓަކައި، އެ ނިންމުން ތަންފީޛު ކުރުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން، އެ ނިންމުމެއް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގެ ނިންމުން ތަންފީޛުކޮށްފައި ނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން ޓްރައިބިއުނަލަށް އަންގާ ހާލަތުގައި، ޓްރައިބިއުނަލުގެ ނިންމުމާއެއްގޮތަށް އަމަލުކޮށްފައިވޭތޯ ބެލުމުގެ ގޮތުން، ނިންމުމާ އެއްގޮތަށް އަމަލުކުރަންޖެހޭ ފަރާތް ނުވަތަ ފަރާތްތަކާ މުއާމަލާތުކުރުމަށްފަހު، އެ ނިންމުން ތަންފީޛު ކުރުމަށް ޓަކައި، އެ ނިންމުން ތަންފީޛު ކުރުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ނިންމުމެއް ފޮނުވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) ވަޒީފާއާބޭހޭ ޓްރައިބިއުނަލުގެ ނިންމުންތައް ތަންފީޛު ކުރުމަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު، ތަންފީޛު ކުރުމަށް ހުށަހެޅޭ ކޯޓަކުން،ވަޒީފާއާބެހޭ ޓްރައިބިއުނަލާ ހިއްސާ ކުރަންވާނެއެވެ.

(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރޭ ވަގުތީ އަމުރުތައް ވެސް ތަންފީޛު ކުރަންވާނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

118 ވަނަ މާއްދާ - ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ އެއްވެސް ފަރާތަކުން، މައްސަލައާ ބެހޭގޮތުން ރަސްމީގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލާއި އެ ފަރާތާއެކު ކުރާ މުއާމަލާތެއްގައި ނޫން އެހެން ގޮތަކަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ހިނގަމުންދާ މައްސަލައަކާ ގުޅިގެން މައްސަލަ ބަލާ މަޖިލީހުގެ މެންބަރަކާ ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެހެން މެންބަރަކާ ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފަކާ ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާ ގޮތުންވިޔަސް ވާހަކަދައްކައި، މުއާމަލާތުކޮށްގެން ނުވާނެއެވެ. އަދި އެއިން ފަރާތަކަށް އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވަން މަސައްކަތް ކޮށްގެން ވެސް ނުވާނެއެވެ.

 

119 ވަނަ މާއްދާ - ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވުން

(ހ) މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމަކާ ބެހޭގޮތުން ގޮތެއް ނިންމާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން ގޮތެއް ނިންމައިފިނަމަ، އެ ނިންމުމެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުގައި އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

 

120 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގެ ބޭނުމަށް ޓަކައި، އިބާރާތް އޮތް ގޮތުން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުގެ މާނަކުރެވޭނީ، ތިރީގައި އޭގެ މާނަ ދީފައިވާ ގޮތުގެ މަތީންނެވެ.

(ށ) "މެންބަރު" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކަށެވެ.

(ނ) "މައްސަލަ ބަލާ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް އެކުލަވައިލެވޭ 1 (އެކެއް) މެންބަރު ނުވަތަ އޮނަހިރި އަދަދެއްގެ މެންބަރުން ހިމެނޭ ޕެނަލަކަށެވެ.

(ރ) "ޓްރައިބިއުނަލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުން ގާއިމުކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.

(ބ) "ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުންނަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކަށަވެ.

 

121 ވަނަ މާއްދާ - މުއްދަތު ގުނުން

މި ގަވާއިދުގައި ވަކިކަމެއް ކުރުމަށް މުއްދަތެއް ދީފައިވާނަމަ، އެ މުއްދަތު ގުނުމުގައި، އެ ކަމެއް ކުރުމަށް އަންގާ ދުވަހާއި، މުއްދަތު ހަމަވާ ދުވަހެއް ނުހިމެނޭނެއެވެ.

 

122 ވަނަ މާއްދާ - ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުއްދަޔާއެކު ފުރައިގެން ދިއުން ނުވަތަ ޗުއްޓީއަށް ދިއުން

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައެއްގައި ހިމެނޭ ހަސްމަކު ނުވަތަ އެ ފަރާތުގެ ވަކީލު ނުވަތަ ބަދަލުގައި ހަމަޖައްސައިފައިވާ ފަރާތް ނުވަތަ ހިނގަމުންދާ މައްސަލައެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް އަމުރު ރައްދުކުރެވިފައިވާ އެހެން ފަރާތަކުން ވެސް ޗުއްޓީއަށް ނުވަތަ އެ ފަރާތެއް ހާޒިރުވާންޖެހޭ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ފުރައިގެން ދާންވާނީ "މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާ މީހުން ޗުއްޓީއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުއްދަ، ލިޔުމުން ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދައަށް އެދި ހުށަހަޅާ ލިޔުމުގައި، އެ ފަރާތް ޗުއްޓީއަށް އެދޭ ސަބަބާއި، ޗުއްޓީ ބޭނުންވާ މުއްދަތާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އެ ފަރާތް ތަމްސީލުކޮށް، ކުރިޔަށްދާ މައްސަލަތަކުގެ ތަފުސީލު ހިމެނުމަށްފަހު، ޗުއްޓީއަށް ދިޔުމަށް ނުވަތަ ފުރަން ބޭނުންވާ ދުވަހުގެ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 3 (ތިނެއް) ދުވަހުގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހު، އެ މުއްދަތުގައި "މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާ މީހުން ޗުއްޓީއަށް އެދޭ ފޯމު" ހުށަހެޅިފައި ނުވާ ސަބަބު ބަޔާންކޮށް ހުށަހަޅާ ފޯމުތައް، އެ ސަބަބަކީ މަގްބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަނަމަ، އެ ކަމަކަށް ރިއާޔަތްކޮށް، އެ ފޯމު ބަލައިގަނެ، މި މާއްދާގެ (ރ) އާ އެއްގޮތަށް އަމަލުކުރުމުގެ އިހްތިޔާރު،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުއްދަ ލިބިގެން ޗުއްޓީއަށް ނުވަތަ އެ ފަރާތެއް ހާޒިރުވާންޖެހޭ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ފުރައިގެންދާ ފަރާތެއް ޗުއްޓީއަށް އެދިފައިވާ މުއްދަތު ނިމެންދެން އެ ފަރާތް ތަމްސީލުކުރާ މައްސަލަތަކުގެ އަޑުއެހުންތައް މަޑުޖައްސައިލުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގެ ހަސްމަކު ނުވަތަ އެ ފަރާތުގެ ވަކީލު ނުވަތަ ބަދަލުގައި ހަމަޖައްސައިފައިވާ ފަރާތެއް ޗުއްޓީއަށް ނުވަތަ ފުރައިގެން ދިއުމުގެ ހުއްދަ ދީފައިވިޔަސް، އެ ހަސްމެއްގެ ބަދަލުގައި އެހެން ފަރާތެއް ނުވަތަ އެ ހަސްމުގެ ފަރާތުން އެހެން ވަކީލެއް އައްޔަނު ކުރުމަށް އެންގުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އެހެން ފަރާތެއް އައްޔަނު ކުރުމަށް މައްސަލައިގެ ހަސްމަކަށް އެންގޭ ހާލަތުގައި، އެ ހަސްމެއްގެ ބަދަލުގައި އެހެން ފަރާތެއް ނުވަތަ އެ ހަސްމުގެ ފަރާތުން އެހެން ވަކީލެއް އައްޔަނު ކޮށްފައި ނުވާ ސަބަބަކީ އެކަށީގެންވާ ފަދަ ސަބަބެއްކަމަށް މައްސަލަ ބަލާ މަޖިލީހަށް ނުފެނިއްޖެ ހިނދެއްގައި، މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އަމަލުކުރުމުގެ ބަދަލުގައި، މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

123 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ފެބުރުވަރީ 2022 އިން ފެށިގެންނެވެ.

 

124 ވަނަ މާއްދާ - ކުރީގެ ބައެއް ގަވާއިދު އުވައިލުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2015-20 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކާއި، ގަވާއިދު ނަންބަރު 102/2020 (އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ކުރިޔަށްގެންދިއުމާބެހޭ ގަވާއިދު) އުވުނީއެވެ

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 02008-02)

 

އުވުނު ގަވާއިދު

  1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-20)
  2. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-102)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު