-

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-14) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-102)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 އޮކްޓޫބަރު 2025 ގައި)

 

ގަވާއިދު ނަންބަރު 2022-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލައިގެ ލިޔެކިޔުން 33.

(ހ) މައްސަލަ ހުށަހަޅާ ފޯމު ބަލައިގަނެ މައްސަލައެއްގެ ގޮތުގައި ހަވާލުކުރުމާއި ޖަވާބު ޓްރައިބިއުނަލުގައި ރަޖިސްޓަރީކުރެވުމުން، މައްސަލަ ހުށަހަޅާ ހުށަހެޅުން ފޯމާއި ފޯމާއެކު ހުށަހަޅައިފައިވާ ހެކި، މައްސަލަ ރައްދުވާ ފަރާތަށް ހިއްސާކުރަންވާނެއެވެ. މިފަދައިން މައްސަލަ ހުށަހަޅާ ފޯމާއި ފޯމާއެކު ހުށަހަޅައިފައިވާ ހެކި، މައްސަލަ ރައްދުވާ ފަރާތަށް ހިއްސާކުރާ ތާރީހުން ފެށިގެން، 14 (ސާދަ) ދުވަހުގެ ތެރޭގައި، މައްސަލަ ރައްދުވާ ފަރާތުން މައްސަލައިގެ ޖަވާބު ހުށަހަޅަންވާނެއެވެ.

(ށ) މައްސަލައިގެ ޖަވާބު ހުށަހަޅަންވާނީ ޓްރައިބިއުނަލުން އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.

(ނ) ތިރީގައިވާ ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި މައްސަލައިގެ ޖަވާބު ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ޖަވާބު ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

  1. ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ގާނޫނަކުން ކަނޑައަޅައިފައިވާ މައްސަލަތައް.
  2. މައްސަލައިގެ ބާވަތުން ނުވަތަ މައްސަލައިގެ މައުޒޫއަށް ބަލައި، އަވަހަށް ނިންމަންޖެހޭ މައްސަލައެއްކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެންނަ މައްސަލަތައް.

(ރ) މި ގަވާއިދުގެ 69 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، އިޖުރާއީ ނުކުތާއެއް މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅައިފި ނަމަ، ނުވަތަ މައްސަލައިގެ ޖަވާބު ހުށަހެޅުމުގެ ކުރިން މި ގަވާއިދުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވަގުތީ އަމުރަކަށް އެދިއްޖެ ނަމަ، އެ އިޖުރާއީ ނުކުތާއަކާމެދު ނުވަތަ އެ ވަގުތީ އަމުރަކާމެދު ގޮތެއް ކަނޑައަޅާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހަށް ވުރެ ދިގުނޫން މުއްދަތެއް، މައްސަލައިގެ ޖަވާބު ހުށަހެޅުމަށް މައްސަލަ ރައްދުވާ ފަރާތަށް ދިނުމުގެ އިހްތިޔާރު މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) ނުވަތަ (ނ) ނުވަތަ (ރ) ގެ ދަށުން ޖަވާބު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދޭ ނަމަ، ޖަވާބު ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ސަބަބާއެކު މުއްދަތު އިތުރުކޮށްދިނުމަށް ލިޔުމުން އެދެންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ ސަބަބަކީ މަގުބޫލު ސަބަބެއްކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެންނަ ނަމަ، 7 (ހަތެއް) ދުވަހަށްވުރެ އިތުރު ނުވާނެ ގޮތުގެ މަތީން މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ. އަދި މިފަދައިން މުއްދަތު އިތުރުކުރެވުނުކަމުގައި ބަލަންވާނީ، ޓްރައިބިއުނަލުން ލިޔުމުން އެކަން އެންގުމުންނެވެ.

(ކ) މި މާއްދާގެ (ހ) ނުވަތަ (ނ) ނުވަތަ (ރ) ގެ ދަށުން ޖަވާބު ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ހުށަހަޅައިފައިނުވާ ނަމަ، އަދި މި މާއްދާގެ (ބ) އާ އެއްގޮތްވާ ގޮތުގެ މަތީން މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިނުވާ ނަމަ، މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރަންވާނެއެވެ.

(އ) ގަވާއިދު ނަންބަރު 2022-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޖަވާބު ހުށަހެޅުމަށް މުއްދަތު ދީފައިވާ މައްސަލަތަކުގައި، ޖަވާބު ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ހުށަހަޅައިފައިނުވާ ނަމަ، އަޑުއެހުމެއް ތާވަލުކުރަންވާނެއެވެ.

(ވ) މި މާއްދާގެ (ކ) ނުވަތަ (އ) ގެ ދަށުން ބޭއްވޭ އަޑުއެހުމުގައި، މައްސަލައިގެ ޖަވާބު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ސަބަބަކާއެކު މައްސަލަ ރައްދުވާ ފަރާތުން އެދިއްޖެ ނަމަ، އަދި ސަބަބަކީ މަގުބޫލު ސަބަބެއްކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެންނަ ނަމަ، 5 (ފަހެއް) ދުވަހަށްވުރެ އިތުރު ނުވާނެ ގޮތުގެ މަތީން މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

(މ) މި މާއްދާގެ (ކ) ނުވަތަ (އ) ގެ ދަށުން ބާއްވާ އަޑުއެހުމުގައި މައްސަލަ ރައްދުވާ ފަރާތުން މައްސަލައިގެ ޖަވާބު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ނޭދޭ ނަމަ، ނުވަތަ މުއްދަތު އިތުރު ނުކުރުމަށް މައްސަލަ ބަލާ މަޖިލީހުން ނިންމައިފި ނަމަ މައްސަލަ ރައްދުވާ ފަރާތުން މައްސަލައަށް ޖަވާބުދާރީ ނުވީކަމުގައި ކަނޑައަޅަންވާނެއެވެ.

(ފ) މި މާއްދާގެ (ހ) ނުވަތަ (ނ) ނުވަތަ (ރ) ގެ ދަށުން ޖަވާބު ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ހުށަހަޅައިފައިނުވާ ނަމަ، އަދި މި މާއްދާގެ (ބ) ގެ ދަށުން މުއްދަތު އިތުރުކޮށްދިނުމަށް އެދިފައި އޮތް ނަމަވެސް، މި މާއްދާގެ (ވ) ގެ ދަށުން ޖަވާބު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދީފައިނުވާ ނަމަ، މައްސަލައަށް ޖަވާބުދާރީ ނުވީކަމުގައި ކަނޑައަޅައި އެކަން މައްސަލަ ރައްދުވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ދ) މި މާއްދާގެ (ޅ) ނުވަތަ (ވ) ގެ ދަށުން ޖަވާބު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދޭ ނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން ސަބަބާއެކު މުއްދަތު އިތުރުކޮށްދިނުމަށް ލިޔުމުން އެދެންވާނެއެވެ. މިފަދައިން މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅި ނަމަވެސް، މުއްދަތު އިތުރުކޮށްދެވޭނީ މައްސަލަ ހުށަހެޅި ފަރާތުން އެކަމަށް އެއްބަސްވާ ނަމަ، އެ ފަރާތުން އެއްބަސްވާ މުއްދަތަކަށެވެ.

(ތ) މި މާއްދާގެ (ޅ) ނުވަތަ (ވ) ގެ ދަށުން ޖަވާބު ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ހުށަހަޅައިފައިނުވާ ނަމަ، އަދި މި މާއްދާގެ (ދ) ގެ ދަށުން މުއްދަތު އިތުރުކޮށްދީފައިނުވާ ނަމަ، މައްސަލައަށް ޖަވާބުދާރީ ނުވީކަމުގައި ކަނޑައަޅައި، އެކަން މައްސަލަ ރައްދުވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ލ) މި މާއްދާގެ (ދ) ގެ ދަށުން ދެވޭ މުއްދަތުގެ ތެރޭގައި މައްސަލައިގެ ޖަވާބު ހުށަހަޅައިފައިނުވާ ނަމަ، މައްސަލައަށް ޖަވާބުދާރީ ނުވީކަމަށް ކަނޑައަޅައި، އެކަން މައްސަލަ ރައްދުވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ގ) މި މާއްދާގެ (މ) ނުވަތަ (ފ) ނުވަތަ (ތ) ނުވަތަ (ލ) ގެ ދަށުން މައްސަލަ ރައްދުވާ ފަރާތުން މައްސަލައަށް ޖަވާބުދާރީ ނުވާކަމަށް ކަނޑައެޅިކަމުގައި ވީނަމަވެސް، މި ގަވާއިދުގެ 54 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މައްސަލަ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިޔުމަށް ކަނޑަނާޅައިހައި ހިނދަކު، މައްސަލައާ ގުޅިގެން ބާއްވާ އަޑުއެހުންތަކަށް ހާޒިރުވުމުގެ އަމުރު ފޮނުވައި، އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަރާތަށް ދޭންވާނެއެވެ.

(ޏ) މި މާއްދާގެ (ގ) ގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަރާތަށް ދެވުނުކަމުގައި ވީނަމަވެސް، އަޑުއެހުންތަކުގައި ހުށަހެޅުންތައް ހުށަހެޅުމާއި، މައްސަލައާ ގުޅިގެން ލިޔުމުން ބަޔާން ނުވަތަ ހެކި ހުށަހެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަރާތަށް ނުދެވޭނެއެވެ.

(ސ) މައްސަލައާ ގުޅިގެން ހޯދަންޖެހޭކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެންނަ ލިޔެކިޔުން މައްސަލަ ރައްދުވާ ފަރާތުގެ ކިބައިން ހޯދުމާއި މައްސަލަ ބަލާ މަޖިލީހުން މައްސަލައިގެ އަޑުއެހުމުގައި ނުވަތަ ލިޔުމުން މައްސަލަ ރައްދުވާ ފަރާތުގެ ކިބައިން ސާފުކުރަން ބޭނުންވާ މައުލޫމާތެއް ސާފުކުރުމަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 54 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކުރުމާއި، އެ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

ހާޒިރުވުމުގެ އަމުރުގައި ނުހިފުން ނުވަތަ އަމުރު ލިބި އަޑުއެހުމަށް ހާޒިރު ނުވުން 54.

(ބ) ވަގުތީ އަމުރާ ގުޅިގެން ނުވަތަ ވަގުތީ އަމުރެއްގެ ނިންމުމެއް އިއްވުމަށް ތާވަލުކުރެވޭ އަޑުއެހުމަކަށް މައްސަލަ ރައްދުވާ ފަރާތަށް އަމުރު ފޮނުވުމުން، އެ އަމުރާ ހަވާލުނުވެއްޖެ ނަމަ، ނުވަތަ އެ އަމުރު ލިބި އަޑުއެހުމަށް ހާޒިރުނުވެއްޖެ ނަމަ، މައްސަލަ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި އެ އަޑުއެހުން ކުރިޔަށް ގެންދިއުމާއި ވަގުތީ އަމުރުގެ ނިންމުން އިއްވުމުގެ އިހްތިޔާރު މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 69 ވަނަ މާއްދާގެ (ނ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިޖުރާއީ ނުކުތާ 69.

(ނ) ހުށަހެޅިފައިވާ މައްސަލަ ބަލައި ގޮތެއް ނިންމުމުގެ އިހްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލަ ރައްދުވާ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހަޅަން ބޭނުންވާ ނަމަ، މި ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން މައްސަލައިގެ ޖަވާބު ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެފަދަ އިޖުރާއީ ނުކުތާއެއް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ އިޖުރާއީ ނުކުތާއެއް ހުށަހެޅިއްޖެ ނަމަ، އިޖުރާއީ ނުކުތާއާ ގުޅިގެން އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް ބޭއްވުމުގެ އިހްތިޔާރު މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު