-

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 102/2020)

(މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 14/2022 ގެ 124 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ ތައާާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 22/2020 (ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް 6 ވަނަ އިސްލާހްު ގެނައުމުގެ ގާނޫނު) ގެ ދަށުން އިސްލާހްު ކުރެވުނު، ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު) ގެ 4-88 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، [އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދު] އެވެ.

 

2 ވަނަ މާއްދާ - ޓްރައިބިއުނަލުގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދިއުން

ތިރީގައި ބަޔާންކޮށްފައިވާ ހްާލަތްތަކުގައި، އަދުލު އިންސާާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެ މަތިން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ހިންގާ މާލަމާއި، މައްސަލައިގައި ހިމެނޭ އެހެނިހެން ފަރާތްތައް ތިބޭ މާލަންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު، މައްސަލަ ބަލާ މެންބަރަށް ލިބިގެންވެއެވެ.

(ހ) ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހްާލަތެއް ނުވަތަ ކާރިސާގެ ހްާލަތެއްގެ ސަބަބުން މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުން؛

(ށ) ޖޯގުރަފީގެ ގޮތުން ރަށްތަކާއި ސަރަހައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް، މޫސުމީގޮތުންނާއި، ހަރަދުގެގޮތުންނާއި ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއް އުފުލަންޖެހޭ މާލީ ބުރައެއްގެ ސަބަބުން އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުން ލަސްވުމަށް މެދުވެރިވެ، އަދުލު އިންސާާފު ގާއިމުކުރުމަށް ބުރޫއަރާފާނެ ފަދަ ހްާލަތެއް އޮތުން.

(ނ) މޫސުން ގޯސްވުމުގެ ސަބަބުން، ނުވަތަ ދަތުރުފަތުރުގެ ހަރަދު ބޮޑުވުމުގެ ސަބަބުން، ނުވަތަ ދަތުރުފަތުރުގެ ދަތިކަން ހުރިގޮތުން، މައްސަލައިގައި ހެކިބަސްދޭ މީހާ ހުރި ރަށެއްގެ ކޯޓަށް ހާޒިރުކޮށްގެން ހެކިބަސް ނަގަންޖެހުން.

(ރ) މައްސަލައިގައި ހިމެނޭ ފަރާތެއް ނުވަތަ ހެކިވެރިޔަކު ހުރީ ދިވެހިރާއްޖެއިން ބޭރުގައި ކަމަށް ވާ ނަމަ، އަދި އެ މީހަކު ހުރީ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ގާއިމުކޮށްފައިވާ ގައުމެއްގައި ކަމަށް ވާ ނަމަ، އެ މީހަކު އެމްބަސީއަށް ނުވަތަ ހައިކޮމިށަނަށް ހާޒިރުކޮށްގެން ބަޔާން ނަގަންޖެހުން.

(ބ) މައްސަލައިގައި ހިމެނޭ ފަރާތެއް ނުވަތަ ހެކިވެރިޔަކު ހުރީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ކަމަށް ވެފައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ފަރާތުން ބަންދުގައި ހުރި މީހާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުކުރުމަށް ދަތިވުން.

(ޅ) މައްސަލައިގައި ހިމެނޭ ފަރާތަކީ ނުވަތަ ހެކިވެރިޔަކީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހެއްކަމަށް، ޑޮކްޓަރަކު ލިޔުން ދީފައިވުން.

(ކ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ކުޑަކުއްޖެއްގެ ހެކިބަސް ނަގަން ޖެހިއްޖެ ހްާލަތެއްގައި، ކުއްޖާ ޓްރައިބިއުނަލަށް ނުވަތަ ކޯޓަކަށް ހާޒިރުކޮށްގެން ހެކިބަސް ނެގުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ނޫންކަމަށް، މައްސަލަ ބަލާ މެންބަރަށް ގަބޫލު ކުރެވިއްޖެ ނަމަ، ކުޑަކުދިންގެ ހެކިބަސް ނަގަން އެކަށީގެންވާ ތަނަކަށް ކުއްޖާ ހާޒިރުކޮށްގެން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިބަސް ނަގަންޖެހުން.

(އ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލަތައް ނުނިމި ލަސްވާ ނަމަ، އަދި އެ ކަމުގެ ސަބަބުން އަދުލު އިންސާާފު ގާއިމުކުރުމަށް ބުރޫ އަރާފާނެކަމަށް މައްސަލަ ބަލާ މެންބަރަށް ފެނިއްޖެ ހްާލަތެއްގައި، އެ މައްސަލައެއްގެ އަޑުއެހުންތައް ކުރިއަށް ގެންދިއުން.

 

3 ވަނަ މާއްދާ - އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް ހޯސްޓުކުރުމާއި ކޮންފަރެންސްގައި ބައިވެރިވުން

(ހ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތައް ތާވަލުކޮށް ހޯސްޓުކުރާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.

(ށ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތަކުގައި ބައިވެރިވާނެ ވަސީލަތްތައް ލިބިފައިވާ ހަސްމުންނާއި ވަކީލުންނަށް، އެ ފަރާތްތަކުގެ އަމިއްލަ ވަސީލަތް ބޭނުންކޮށްގެން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ދެވިދާނެއެވެ.

 

4 ވަނަ މާއްދާ - ހެކިބަސް ނެގުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނަކުން އިސްތިސްނާ ކުރެވިފައި ނުވާ ހްާލަތުތަކުގައި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިބަސް ނަގާއިރު، ހެކިވެރިޔާ ހުންނަންވާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ނުވަތަ ކޯޓެއްގައި ނުވަތަ ދިވެހިރާއްޖޭގެ ހައިކޮމިށަނެއްގައި ނުވަތަ ދިވެހިރާއްޖޭގެ އެމްބަސީއެއްގައި ނުވަތަ އެނޫންވެސް ރަސްމީ އިދާރާއެއްގައެވެ.

(ށ) މި ގަވާއިދުގައިވާ ގޮތުގެ މަތިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިބަސްދޭ ފަރާތް ހުރީ ވަޒީފާއާބެހޭ ޓްރައިބިއުނަލް ނޫން އެހެން ތަނެއްގައި ނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - މެޖިސްޓްރޭޓް ކޯޓުތައް މެދުވެރިކޮށް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް ބޭއްވުން

(ހ) މި ގަވާއިދުގެ ދަށުން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތަކުގެ ތެރެއިން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ހިންގާ މާލަމާއި މެޖިސްޓްރޭޓް ކޯޓުތަކާ ގުޅުވައިލައިގެން ކުރިއަށް ގެންދާ އަޑުއެހުންތައް ބޭއްވުމުގެ އިދާރީ އިންތިޒާމު ހަމަޖައްސާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

(ށ) މި މާއްދާގައިވާ ގޮތުގެ މަތިން އަޑުއެހުންތައް ބާއްވާނެ ތާރީހާާއި ގަޑި ކަނޑައަޅައި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސްތައް ތާވަލުކުރާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް ހިންގާ މާލަމާ ގުޅުވައިލެވޭ މެޖިސްޓްރޭޓް ކޯޓަކާ މަށްްވަރާ ކުރުމަށްފަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތިން ބާއްވާ އަޑުއެހުންތައް ތާވަލުކުރެވޭ ވަގުތަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަންގައި އަމުރު ފޮނުވާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ. މިފަދައިން ފޮނުވޭ އަމުރުތައް، މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ރައްދު ކުރެވިދާނެއެވެ.

 

6 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގައިވާ ފަރާތެއް ހިމެނޭ މައްސަލަ ހިންގުން

(ހ) މައްސަލައިގައި ހިމެނޭ ފަރާތެއް ނުވަތަ ހެކިވެރިޔަކު ދިވެހިރާއްޖެއިން ބޭރުގައި ހުރި ނަމަ، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެ ފަރާތެއް އަޑުއެހުމުގައި ބައިވެރިވާގޮތަށް އަޑުއެހުން ބޭއްވިދާނެއެވެ.

(ށ) މައްސަލައިގައި ހިމެނޭ ފަރާތެއް ނުވަތަ ހެކިވެރިޔަކު އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތައް    ހިންގާ މާލަމާ ގުޅުވައިލެވެނީ ބޭރު ގައުމެއްގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޮމިށަނެއް ނުވަތަ އެމްބަސީއެއް މެދުވެރިކޮށް ކަމުގައި ވާ ނަމަ، އަޑުއެހުން ބާއްވާ ތާރީހާާއި ގަޑިއަށް އެ ފަރާތެއް އެމްބަސީއަށް ނުވަތަ ހައިކޮމިށަނަށް ހާޒިރުވުމަށް އަންގައި އަމުރު ފޮނުވާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތިން އަޑުއެހުންތައް ބާއްވާނެ ތާރީހާާއި ގަޑި ކަނޑައަޅައި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް ތާވަލުކޮށް، އަޑުއެހުމަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް އަމުރު ފޮނުވާނީ، އެ އަޑުއެހުމަކާ ގުޅުވައިލެވޭ އެމްބަސީއަކާ ނުވަތަ ހައިކޮމިށަނަކާ މަށްްވަރާ ކުރުމަށްފަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.

(ރ) ދިވެހިރާއްޖޭގެ އެމްބަސީއަކަށް ނުވަތަ ހައިކޮމިށަނަކަށް ހާޒިރުކުރެވޭ ފަރާތް ދިރިއުޅޭ ގައުމާއި ދިވެހިރާއްޖެއާ ދެމެދު ވަގުތުގެގޮތުން ބޮޑު ތަފާތެއް ހުރި ނަމަ، އެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ހުރި ގައުމުގެ ރަސްމީ ދުވަހެއްގެ ރަސްމީ ވަގުތުގައި ހެކިބަސް ނުވަތަ ބަޔާން ނެގުމުގެ އިންތިޒާމު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހަމަޖައްސަންވާނެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ފަދަ އިދާރާއެއް މެދުވެރިވުމަކާ ނުލައި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް ބާއްވާ ނަމަ، ދިވެހިރާއްޖޭގެ ރަސްމީ ދުވަހެއްގެ ރަސްމީ ވަގުތެއްގައި އަޑުއެހުން ބޭއްވުމަށް އިސްކަންދެވިދާނެއެވެ.

(ބ) މި މާއްދާގައިވާ ގޮތުގެ މަތިން، މައްސަލައެއްގައި ހިމެނޭ ފަރާތެއް އެމްބަސީއަކަށް ނުވަތަ ހައިކޮމިށަނަކަށް ހާޒިރުކޮށްގެން ހެކިބަސް ނުވަތަ ބަޔާން ނަގަން ފެށުމުގެ ކުރިން، ހެކިބަސް ނުވަތަ ބަޔާން ދޭ ފަރާތަކީ ކާކުކަން، އެ އެމްބަސީއަކުން ނުވަތަ ހައިކޮމިށަނަކުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަށަވަރުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ތަރުޖަމާނަކު ބޭނުންކުރަންޖެހޭ ހްާލަތުގައި އަމަލުކުރާނެ ގޮތް

މައްސަލައިގައި ހިމެނޭ ހަސްމަކަށް ނުވަތަ ހެކިވެރިޔަކަށް ދިވެހިބަސް ނޭނގޭ ނަމަ، ނުވަތަ އަޑުއިވުމުގެ ނުވަތަ ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަމެއް ހުރި ނަމަ، އެ ހަސްމަކު ނުވަތަ އެ ހެއްކަކު ހުށަހެޅި ފަރާތަކުން ހަމަޖައްސާ ތަރުޖަމާނަކު، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތަކުގައި ބައިވެރިކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ - އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ހެދުމަށް ހޯދަންޖެހޭ ތަކެއްޗާއި ގާއިމުކުރަންޖެހޭ ވަސީލަތްތައް

(ހ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅައިލެވޭ މާލަންތަކުގައި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގެ ނިޒާމު ގާއިމު ކުރުމަށް ޓަކައި، އަންނަނިވި ތަކެއްޗާއި ވަސީލަތްތައް ހަމަޖެހިފައި ހުންނަންވާނެއެވެ.

  1. ލެޕްޓޮޕެއް (އިންބިލްޓް ވެބްކެމާއި، ސްޕީކަރާއި، މައިކްރޯފޯނާއެކު) ނުވަތަ؛
  2. އެކަށީގެންވާ ފެންވަރެއްގެ ކޮމްޕިއުޓަރ ސިސްޓަމެއް (ޕްލަގްއިން ވެބްކެމާއި، ސްޕީކަރާއި، މައިކްރޯފޯނާއެކު) ނުވަތަ؛
  3. ސްމާޓްފޯނެއް ނުވަތަ ޓެބްލެޓެއް (ފްރޮންޓް ކެމެރާއާއި، ސްޕީކަރާއި،  މައިކްރޯފޯނާއެކު)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވަނީ، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުމެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެ މަދު މިންވަރެވެ.

 

9 ވަނަ މާއްދާ - ޓްރާންސްމިށަން ސްޕީޑާއި ބޭންޑްވިތުގެ މިންގަނޑު

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުން ކުރިއަށް ގެންދެވޭ ތަނަކީ، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ޓްރާންސްމިށަން އިންޓަރނެޓް ސްޕީޑް ލިބޭ ތަނެއްކަމުގައި ވާންވާނެއެވެ.

(ށ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތަކުގައި، އޯޑިއޯ އަދި ވީޑިއޯ ކޮލިޓީ އެކަށީގެންވާ މިންގަނޑެއްގައި ބެހެއްޓުމަށް ޓަކައި، ބޭންޑްވިތް ސްޕީޑް އެންމެ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އެމްބީޕީއެސް  (މެގަ ބައިޓް ޕަރ ސެކަންޑް) ގައި ހުންނަންވާނެއެވެ.

 

10 ވަނަ މާއްދާ - އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ވާންޖެހޭ ތައްޔާރީތައް

(ހ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ އަޑުއެހުންތަކަށް ހާޒިރުވުމަށް ފޮނުވާ އަމުރުގައި، އެ އަޑުއެހުމަށް ލޮގިންވުމަށް ބޭނުންވާ ލިންކާއި ޕާސްވޯޑް ހިމަނަންވާނެއެވެ. ނުވަތަ އަޑުއެހުން ތާވަލުކުރެވިފައިވާ ގަޑީގެ 30 (ތިރީސް) މިނިޓުގެ ކުރިން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނު މެދުވެރިކޮށް ލިންކާއި ޕާސްވޯޑު ފޮނުވަން ވާނެއެވެ.

(ށ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ އަޑުއެހުންތަކަށް ލޮގިންވުމާ ގުޅޭ އިތުރު މައުލޫމާތާއި އިރުށާދުތައް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދޭންވާނެއެވެ.

(ނ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދާ އަޑުއެހުންތަކަށް ލޮގިންވާ ފަރާތްތަކުން، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެދުމުން   އެ މައުލޫމާތު ހިއްސާކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތް

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުން ފެށުމުގެ ކުރިން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމް ރަނގަޅަށް މަސައްކަތްކުރާކަން ޔަގީންކޮށް، ގުޅިފައިވާ މާލަންތަކަށް އަޑާއި މަންޒަރު ލިބޭކަން، އެކަމަށް ޓްރައިބިއުނަލުން ކަނޑައަޅައިފައިވާ މުވައްޒަފު ކަށަވަރުކުރަންވާނެއެވެ. އަދި އަޑުއެހުމުގައި ބައިވެރިވާ ފަރާތްތަކުގެ ނަންތަކާއި އެ ފަރާތްތައް ތިބި ތަންތަން އެނގޭނޭހެން ލިސްޓެއް ތައްޔާރުކޮށްފައި، މައްސަލަ ބަލާ މެންބަރުގެ މޭޒުމަތީގައި ބާއްވަންވާނެއެވެ.

(ށ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވައިލެވިފައިވާ މާލަންތަކުގައި ތިބި ފަރާތްތަކަށް، އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެއްކަން، އަޑުއެހުން ފެށުމުގެ ކުރިން އަންގަންވާނެއެވެ.

  1. އަޑުއެހުން ކުރިއަށް ދަނިކޮށް، މައްސަލަ ބަލާ މެންބަރުގެ ހުއްދަނެތި އަޑުއެހުމުގެ މާލަން ދޫކޮށް ދިއުން؛
  2. އަޑުއެހުން ކުރިއަށްދަނިކޮށް، މައްސަލަ ބަލާ މެންބަރުގެ ހުއްދަ ނެތި އިތުރު އެއްވެސް މީހަކު އަޑުއެހުމުގެ މާލަމަށް ވެއްދުން؛
  3. މައްސަލަ ބަލާ މެންބަރުގެ ހުއްދަ ނެތި އަޑުއެހުމުގައި އެއްވެސް ވާހަކައެއް ދެއްކުން؛
  4. އަޑުއެހުން ކުރިއަށްދާ ވަގުތު އިތުރު އެހެން އެއްވެސް ކަމެއްގައި މަސްއޫލުވެ އުޅުން؛
  5. ޓްރައިބިއުނަލުގެ ހުއްދަ ނެތި އަޑުއެހުން ރެކޯޑުކުރުން؛
  6. މިނޫންވެސް، ޓްރައިބިއުނަލުގެ އަޑުއެހުން ހިންގުމަށް ދަތިވެދާނެ ނުވަތަ އުނދަގޫވެދާނެ އެއްވެސް ކަމެއް ކުރުން.

(ނ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުމެއްގައި ބައިވެރިވާ ފަރާތަކުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ   ހްުރުމަތްކެނޑޭ ފަދަ އަމަލެއް ހިންގައިފި ނަމަ، ގަވާއިދު ނަންބަރު 20/2015 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015) ގައިވާ ގޮތުގެ މަތިން އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ބަލާ މަޖިލީސް ފަށަންވާނީ ބިސްމީގެ ބަރަކާތުންނެއެވެ. މައްސަލަ ބަލާ މަޖިލީހުގެ ފެށުމާއި ނިމުން ރިޔާސަތުން އިއުލާނު ކުރަން ވާނެއެވެ. އަދި އެ އަޑުއެހުމަކީ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދެވޭ އަޑުއެހުމެއްކަމަށާއި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅިފައިވަނީ ކޮންތާކު ހުރި މާލަންތަކެއް ކަމާއި، އެ މާލަންތަކުގައި ތިބި، ކަމާ ގުޅުންހުރި ފަރާތްތަކުގެ ނަންތައް، އެ ފަރާތެއް އިން ތަނާއެކު ރިޔާސަތުން ބަޔާންކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ދިމާވާ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އަމަލުކުރާނެ ގޮތް

(ހ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ޓަކައި، އަޑުއެހުންތައް ފެށުމުގެ ކުރިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ޕްލެޓްފޯމްގެ ސެޓަޕް ތައްޔާރު ކުރަން ވާނެއެވެ.

(ށ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުންތައް ކުރިއަށް ގެންދާއިރު ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލު ކުރުމަށް ޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގައްޔާއި، ޓްރައިބިއުނަލުގެ އަޑުއެހުންތައް ހިންގާ މާލަމާ ގުޅައިލެވޭ މެޖިސްޓްރޭޓް ކޯޓުތަކާއި އެހެނިހެން އިދާރާތަކުގައި އެކަމަށް އަހުލުވެރި މީހަކު ހުންނަންވާނެއެވެ.

(ނ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް ކުރިއަށް ދަނިކޮށް، މައްސަލައިގައި ހިމެނޭ ފަރާތަކަށް އަޑު ނުވަތަ މަންޒަރު ލިބުމުގައި މައްސަލައެއް ދިމާވެއްޖެ ނަމަ، މައްސަލަ ބަލާ މެންބަރުގެ ނުވަތަ ޓްރައިބިއުނަލުގެ މުވައްޒަފުގެ ސަމާލުކަމަށް އެކަން ގެންނަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހްާލަތެއް މެދުވެރިވެއްޖެ ނަމަ، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތަކާ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅައިލައިފައިވާ ކޮންފަރެންސް މެދުކެނޑިއްޖެ ނަމަ، އެ ފަރާތަކާ އަލުން ގުޅައިލެވެންދެން މަޑުކުރެވިދާނެއެވެ. ނުވަތަ ޓެކްނިކަލް މުވައްޒަފުންނަށް އެކަން ހައްލުކުރެވެންދެން މައްސަލަ ބަލާ މަޖިލިސް ވަގުތީގޮތުން މެދުކަނޑައިލެވިދާނެއެވެ.

(ބ) މައްސަލައިގައި ހިމެނޭ ފަރާތަކުން އަޑުއެހުމުގައި ވާހަކަ ދައްކަމުން ދަނިކޮށް، އެ ފަރާތުން ދައްކާ ވާހަކަ މަހްްޒަަރު ނުކުރެވޭވަރަށް އަޑު ކެނޑެން ފަށައިފި ނަމަ، ވާހަކަދެއްކުން މެދުކަނޑައިލުމަށް ރިޔާސަތުން އަންގަންވާނެއެވެ. އަދި އެ މައްސަލަ ހައްލުކުރެވުމުން، އަޑު ކެނޑެން ފެށި ހިސާބަކުން ފެށިގެން އެ ފަރާތުން ދެއްކި ވާހަކަ ތަކުރާރުކުރުމަށް ރިޔާސަތުން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - އަޑުއެހުމުގައި ބައިވެރިވާ ފަރާތްތަކުން ހާާއްސަ ސަލާމުކަން ދޭންވީ ކަންތައްތައް

(ހ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސްގައި ބޭނުންކުރާ ލެޕްޓޮފާއި އެނޫންވެސް އާލާތްތައް ހުރީ ތައްޔާރީ ހްާލަތެއްގައިތޯ ބަލައި ކަށަވަރުކުރަންވާނެއެވެ. މިގޮތުން، ލެޕްޓޮޕާއި، ޓެބްލެޓާއި، ފޯނާއި ހެޑްސެޓް ފަދަ ތަކެތި ރަނގަޅަށް ޗާޖުކުރެވިފައިވާކަން ކަށަވަރުކުރަންވާނެއެވެ.

(ށ) އިތުރަށް ޗާޖުކުރަން ޖެހިދާނެކަމަށް ފެންނަ ނަމަ، އަޑުއެހުން ފެށުމުގެ ކުރިން ކަރަންޓާ ގުޅަންވާނެއެވެ.

(ނ) ބޭނުންކުރާ ހުރިހާ ޑިވައިސްތަކެއް ހުންނަންވާނީ ސައިލެންޓް މޯޑުގައެވެ.

(ރ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގައި ބައިވެރިވުމަށް އިހްތިޔާރުކުރާ ތަނަކީ ވީޑިއޯއިން މަންޒަރު ސާފުވާނޭހެން މޫނަށް ރަނގަޅަށް އަލި ލިބޭ، އަޑުއެހުން ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ތަނެއްކަން ކަށަވަރުކުރަންވާނެއެވެ.

(ބ) ވީހައިވެސް އަޑު މަޑު، ވައިފައި ނުވަތަ ނެޓްވޯކް ރޭންޖް ލިބޭ ތަނެއް ބޭނުންކުރަންވާނެއެވެ.

(ޅ) އަޑުއެހުން ކުރިއަށްދާ ވަގުތުގައި ވީޑިއޯ ހުންނަންވާނީ އަބަދުވެސް އޮންކޮށްފައެވެ.

(ކ) މައިކް އޮންކުރާނީ ހަމައެކަނި ވާހަކަދެއްކުމަށެވެ. އެނޫން ވަގުތުތަކުގައި މައިކް ހުންނަންވާނީ މިއުޓް ކޮށްފައެވެ.

 

14 ވަނަ މާއްދާ - އަޑުއެހުންތައް އާންމުކޮށް ހުޅުވައިލުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހްާލަތްތައް ފިޔަވައި އެހެން ހްާލަތްތަކުގައި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތައް ބާއްވަންވާނީ އާންމުކޮށް ހުޅުވައިލައިގެންނެވެ.

  1. މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމަށް ނުވަތަ މުޖުތަމައުގައި އަމަން އަމާންކަން ގާއިމުކުރުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫ އެރިޔަ ނުދިނުމަށް.
  2. ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދިންގެ މަސްލަހަތު ހްިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތުގެ މަސްލަހަތު ރައްކާތެރިކުރުން.
  3. އެހެން ގާނޫނަކުން ހުޅުވައިލައިގެން އަޑުއެހުން ބޭއްވުމަށް މަނާކުރާ ސަބަބެއް މެދުވެރިވުން.

(ށ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޮންފަރެންސް ފެށުމުގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ގޮތެއްގެ މަތިން އެ ފަރާތެއްގެ ނަން ނޯޓުކުރަން ވާނެއެވެ. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް އަޑުއެހުމަށް އެދޭ ފަރާތްތަކަށް "ޕްރައިވެޓް ލައިވް ފީޑް" ފޮނުވައިގެން ނުވަތަ ކޮންފަރެންސްގައި ބައިވެރިކުރުވައިގެން އަޑުއެހުމަށް ފުރުސަތު ދެވިދާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް އަޑުއަހަން ވަންނަ ފަރާތްތަކުން، އެ ފަރާތެއްގެ މައިކް އަބަދުވެސް މިއުޓްކޮށްފައި ބެހެއްޓުމަށާއި، އަޑުއެހުން ހިނގަމުންދާއިރު، އަޑުއެހުން ހިންގުމަށް ބުރޫ އަރާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އަންގަންވާނެއެވެ.

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތަކުގެ މަންޒަރާއި އަޑު އެއްވެސް ގޮތަކަށް ބަދަލުކޮށްގެން ނުވަތަ ރިޕްރޮޑިއުސްކޮށްގެން، އޭގެ އަސްލު އޮޅޭ ފަދަ ގޮތަކަށް ނުވަތަ މާނަ އޮޅޭ ފަދަ ގޮތަކަށް ބޭނުންކުރުމަކީ މަނާ ކަމެކެވެ.

(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުއްދަ ނެތި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެއްވެސް އަޑުއެހުމެއް ރެކޯޑުކުރުމަކީ ނުވަތަ ބްރޯޑްކާސްޓްކުރުމަކީ މަނާކަމެކެވެ.

 

15 ވަނަ މާއްދާ - މަހްްޒަަރު ބަޔާންތަކުގައި ސޮއިކުރުން

(ހ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތަކުގައި ދެކެވޭ ވާހަކަތައް ލިޔުމުން ބަޔާނުގެ ގޮތުގައި ރެކޯޑުކުރަންވާނެއެވެ.

(ށ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތަކުގެ މަހްްޒަަރު ބަޔާންތަކުގައި ސޮއިކުރުމަށް ޓަކައި، ބަޔާނުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބަޔާން ފޮނުވައިގެން ދެވޭ މުއްދަތުގައި، އެ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިށާން ޖެހުމަށްފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފޮނުވާފައި ނުވާ ނަމަ، ބަޔާން ތައްޔާރުކުރި މުވައްޒަފާއި ބަޔާން ޗެކްކުރި މުވައްޒަފު އެ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިށާން ޖެހުމުން، އެއީ ސައްހަ ބަޔާނެއްކަމުގައި ބެލެވޭނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އަޑުއެހުން ނިމި މަހްްޒަަރުކުރެވިފައިވާ ބަޔާންތަކުގައި ސޮއި ނުކުރެވި ހުރި ނަމަ، އަމަލުކުރާނީ، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިންނެވެ.

 

16 ވަނަ މާއްދާ - ރެކޯޑިންގ ބެލެހެއްޓުން

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ އަޑުއެހުންތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީހާުން ފެށިގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ.

 

17 ވަނަ މާއްދާ - އެހެނިހެން އިޖުރާއަތުތައް ހިނގުން

މި ގަވާއިދުގައި ކަނޑައެޅިގެން ވަކި ގޮތަކަށް އަމަލުކުރުމަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ، ގަވާއިދު ނަންބަރު 20/2015 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015) ގައިވާ އުސޫލުތައް ހިނގާނެއެވެ.

 

18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު  ށާއިއުކުރާ ތާރީހާުން ފެށިގެންނެވެ.

 

 

މި ގަވާއިދުގެ ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2008) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 22/2020)

 

އުވި ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު