-

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-14) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-177)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 އޮކްޓޫބަރު 2022 ގައި)

ގަވާއިދު ނަންބަރު 2022-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

7 (އ)  މި ގަވާއިދުގެ 33 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، މި މާއްދާގެ (ނ) އާއި (ރ) އާއި (ބ) ގެ ދަށުން ތަރުޖަމާނަކު ހަމަޖެއްސުމަށް ދީފައިވާ މުއްދަތަށްވުރެ ކުރު މުއްދަތެއް، ތަރުޖަމާނަކު ހަމަޖެއްސުމަށް ދިނުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) އާއި (ރ) އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު.

(ހ) ވަޒީފާއާ ގުޅޭ މައްސަލައެއް ދިމާވެއްޖެ ނަމަ، ނުވަތަ ހިލާފެއް އުފެދިއްޖެ ނަމަ، އެ މައްސަލައެއް ދިމާވި ތާރީހުން ފެށިގެން، ނުވަތަ ހިލާފެއް އުފެދުނު ތާރީހުން ފެށިގެން، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މައްސަލަ ހުށަހަޅާ ފޯމު ނުވަތަ ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރެއިން ލިޔެކިޔުމެއް ދިވެހިބަސް ނޫން އެހެން ބަހަކުން އޮތް ނަމަ، މައްސަލަ ހުށަހަޅާ ފޯމު ނުވަތަ އެ ލިޔެކިޔުމެއް ދިވެހިބަހަށް ތަރުޖަމާކުރުމަށްފަހު، ޓްރައިބިއުނަލުން އަންގާ މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ލިޔުމުން އެންގުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އަދި ތަރުޖަމާކުރުމަށް ދިން މުއްދަތުގެ ތެރޭގައި ހުށަނޭޅުނު ސަބަބު، މައްސަލަ ހުށަހެޅި ފަރާތުން ލިޔުމުން ހުށަހަޅައިފިނަމަ، އެ ސަބަބަކީ މަގުބޫލު ސަބަބެއްނަމަ، ތަރުޖަމާކުރުމަށް ދިން މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރުތަކެއް އިތުރުކުރުން.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފޯމު އިސްލާހު ކުރުމަށް ރަޖިސްޓްރާރ ދީފައިވާ މުއްދަތުގައި އެ ކަމެއް އިސްލާހު ނުކޮށްފިނަމަ، ނުވަތަ މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ތަރުޖަމާ ކުރުމަށް ރަޖިސްޓްރާރ ދީފައިވާ މުއްދަތުގައި ތަރުޖަމާކޮށްފައިވާ ފޯމު ނުވަތަ ލިޔުން ހުށަހަޅައިފައި ނުވާނަމަ، އެ ފޯމު ބަލައިނުގަތުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ރ) އެއްބާވަތަށް ވުރެ ގިނަ ބާވަތުގެ މައްސަލަ، އެއް ފޯމަކުން ހުށަހަޅައިފައިވާ ހާލަތުގައްޔާއި، މި ގަވާއިދުގެ 18 ވަނަ މާއްދާ (އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ މައްސަލަ) އާ އެއްގޮތަށް ހުށަހަޅާ މައްސަލަތަކުގައި، އެ މައްސަލަތަކަކީ ވަކި މައްސަލަތަކެއްގެ ގޮތުގައި ހުށަހަޅަންޖެހޭ މައްސަލަތަކެއްކަމަށް ރަޖިސްޓްރާރއަށް ފެނިގެން، އެ މައްސަލަތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ހުށަހަޅަން އެންގުމުން، ރަޖިސްޓްރާރ ދީފައިވާ މުއްދަތުގައި އެގޮތަށް އިސްލާހުކޮށްފައި ހުށަހަޅައިފައި ނުވާނަމަ، އެ ފޯމު ބަލައިނުގަތުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ބ) މި ގަވާއިދުގެ 41 ވަނަ މާއްދާ (މައްސަލަ ރަޖިސްޓަރީވުމަށްފަހު އަނބުރާ ގެންދިއުން) ގެ (ށ) ގެ ދަށުން، ނުވަތަ މި ގަވާއިދުގެ 54 ވަނަ މާއްދާ (ހާޒިރުވުމުގެ އަމުރުގައި ނުހިފުން ނުވަތަ އަމުރު ލިބި، މަގުބޫލު އުޒުރެއް ނެތި ހާޒިރުނުވުން) ގެ (ނ) ގެ ދަށުން އަލުން ހުށަހަޅާ މައްސަލަތަކުގައި ދައްކަންޖެހޭ ފީ، ޓްރައިބިއުނަލުން އަންގާ މުއްދަތެއްގައި ދައްކައިފައި ނުވާނަމަ، އެ ފޯމު ބަލައިނުގަތުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ނ) އާއި (ރ) އާއި (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓްރާރ ދީފައިވާ މުއްދަތު ހަމަވުމަށްފަހުގައި ވެސް، މި ގަވާއިދުގެ 19 ވަނަ މާއްދާ (ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު) ގައި ބަޔާންކޮށްފައިވާ މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ފޯމު އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅިދާނެއެވެ. މިގޮތަށް ހުށަހެޅޭ މައްސަލަތަކުގައި މައްސަލަ ހުށަހެޅުނު ތާރީހުގެ ގޮތުގައި ބަލާނީ، އަލުން މައްސަލަ ހުށަހަޅާ ތާރީހެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ރަޖިސްޓަރީ ކުރުން 26.

(ހ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާމެދު ނިންމާ ގޮތް، މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 7 (ހަތެއް) ދުވަހުގެ ތެރޭގައި، މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

29. (ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ބާއްވާ ބައްދަލުވުންތަކުން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރެވިއްޖެނަމަ، ދެފަރާތުގެ ދެމެދުގައި ސުލްހަވެރިކަމާއެކު މައްސަލަ ނިންމި ގޮތުގެ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކު ސޮއިކޮށްފައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރެއް ނެރެންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިބްތިދާއީ ބައްދަލުވުން 31.

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ބޭއްވުމުގެ ކުރިން މައްސަލައާ ގުޅޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތާއި ގާނޫނީގޮތުންނާއި އިދާރީގޮތުން ނިންމަންޖެހޭ ކަންތައްތައް ކުރުމަށް އިބްތިދާއީ ބައްދަލުވުމެއް ނުވަތަ ބައްދަލުވުންތަކެއް، މައްސަލަ ބަލާ މަޖިލީހުން ބާއްވަންވާނެއެވެ. މި ގަވާއިދުގެ 69 ވަނަ މާއްދާ (އިޖުރާއީ ނުކުތާ) ގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ އިޖުރާއީ ނުކުތާއާ ގުޅިގެން ބޭއްވޭ އަޑުއެހުންތައް، ނުވަތަ މި ގަވާއިދުގެ 16 ވަނަ މާއްދާ (ވަގުތީ އަމުރު ނެރުން) ގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ވަގުތީ އަމުރާ ގުޅިގެން ބޭއްވޭ އަޑުއެހުންތައް ބޭއްވުމަށްފަހު، އިބްތިދާއީ ބައްދަލުވުމެއް ނުވަތަ ބައްދަލުވުންތަކެއް ބޭއްވުމަށް މި މާއްދާ ހުރަހެއް ނާޅާއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

33 (ކ). މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު ހުށަހަޅާއިރު، ޖަވާބު ހުށަހަޅާ ފޯމުގެއަސްލާއި، އެ ފޯމުގެ 2 (ދޭއް) ކޮޕީއާއި، މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމުގައިވާ ކަންތައްތައް ސާބިތުކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތަކުގެ 3 (ތިނެއް) ކޮޕީ ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

34 (ރ). މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމުގެ ބައެއް، ދިވެހިބަސް ނޫން ބަހަކުން ފުރިހަމަކޮށްފައިވާނަމަ، އަދި ޖަވާބު ހުށަހަޅާ ފޯމާއެކު ހުށަހަޅާ އެއްވެސް ލިޔެކިޔުމެއް ދިވެހިބަސް ނޫން ބަހަކުން އޮތްނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާ ގޮތެއްގެ މަތީން އެ ލިޔެކިޔުމެއްގެ ތަރުޖަމާއާއި، މައްސަލަ ރައްދުވާ ފަރާތަކީ ފަރުދަކަށް ވެފައި، އެ ފަރުދަކީ ދިވެހިބަހުން ލިޔަންކިޔަން އެނގޭ ފަރާތެއްކަމުގައި ނުވާނަމަ، އެ ފަރާތް ތަމްސީލުކުރާނެ ފަރާތެއް ނުވަތަ އެ ފަރާތުން ދައްކާ ވާހަކަ ތަރުޖަމާކުރާނެ ފަރާތެއް ހަމަޖެއްސިކަން އަންގައިދޭ ލިޔުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

36 (ށ). މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ލިޔެކިޔުންތައް ހުށަހަޅާއިރު، އެ ލިޔެކިޔުމެއްގެ އަސްލާއި، 2 (ދޭއް) ކޮޕީ ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

41 (ށ) ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ގެންދާ މައްސަލައެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ކުރިޔަށް ނުގެންދާނެކަން އެ މީހަކަށް އެންގި ތާރީހުން ފެށިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިދާރީ ފީގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ދެއްކުމަށްފަހު، ކުރިން ހުށަހެޅި މައްސަލައަށް އެއްވެސް އިސްލާހެއް ގެނައުމެއްނެތި އަލުން ހުށަހެޅިދާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

41 (ބ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ އަނބުރާ ގެންދިޔައިރު ކުރިޔަށް ގޮސްފައިވާ ހިސާބުން، މި މާއްދާގެ (ށ) ގެ ދަށުން އަލުން ހުށަހެޅޭ މައްސަލަ ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލައިގެ އަޑުއެހުމުގައި ދެކެވޭ ވާހަކަތަކުގެ ރިކޯޑު ބެލެހެއްޓުން 44.

(ހ) މައްސަލައިގެ އަޑުއެހުމުގައި އަނގަބަހުން ދެކެވޭ ވާހަކަތަކުގެ އޯޑިއޯރިކޯޑިންގ ނުވަތަ ވީޑިއޯ ރިކޯޑިންގ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަހައްޓަންވާނެއެވެ.

(ށ) މައްސަލައިގެ އަޑުއެހުމުގައި ދެކެވޭ ވާހަކަތައް އަކުރުން އަކުރަށް ލިޔެ، މަހްޒަރު ބަޔާނެއްގެ ގޮތުގައި ތައްޔާރުކޮށް، އެ ބަޔާން ބަލަހައްޓަންވާނެއެވެ. އެހެންނަމަވެސް، ދިވެހިބަސް ނޫން ބަހަކުން އަޑުއެހުމުގައި ދައްކާ ވާހަކަތައް ތަރުޖަމާކޮށްފައިވާނަމަ، ދިވެހިބަސް ނޫންބަހަކުން ދައްކާ ވާހަކަތައް މަހްޒަރުކުރުމަކަށް މި މާއްދާ ލާޒިމެއް ނުކުރެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ތައްޔާރުކުރާ މަހްޒަރު ބަޔާން ތައްޔާރުކުރުމަށްފަހު، އެ ބަޔާނުގައި ލިޔެފައިވަނީ އަޑުއެހުމުގައި ދެއްކި ވާހަކަތައްކަން ކަށަވަރުކުރުމަށް ޓަކައި އެ އަޑުއެހުމެއްގައި ވާހަކަދެއްކިފަރާތްތަކަށް މަހްޒަރު ބަޔާންތައް ހިއްސާކުރުމަށްފަހު، އެ މަހްޒަރުބަޔާނުގައި މައްސަލައެއް އޮތްނަމަ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި  3 (ތިނެއް) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެކަން އެންގުމަށް ފުރުސަތު ދިނުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 48 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

48 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕަވަރ އޮފް އެޓަރނީއާ އެކު، "ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް ވަކީލު ނުވަތަ ބަދަލު ހަމަޖައްސާ ފަރާތުގެ މައުލޫމާތު ފޯމު" ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

52 (ރ) ވަގުތީ އަމުރާ ގުޅިގެން، ނުވަތަ ނިންމުމެއް އިއްވުމަށް، ނުވަތަ މި ގަވާއިދުގެ 33 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގެ 1 (އެކެއް) ދުވަހުގެ ކުރިން، "ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު" އެ މީހަކަށް ފޮނުވުމަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 53 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

53 (ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 29 ވަނަ މާއްދާ (ކޮންސިލިއޭށަން ބައްދަލުވުން) ގެ (ނ) ގައި ބަޔާންކޮށްފައިވާ ކޮންސިލިއޭށަން ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ އަމުރާ އެއްގޮތަށް ހާޒިރުނުވާކަމަށް ކަނޑައެޅިއްޖެނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކު ސޮއިކޮށް، މައްސަލައިގައި ހިމެނޭ ހަސްމުންނަށް އެކަން އަންގަންވާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 54 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހާޒިރުވުމުގެ އަމުރުގައި ނުހިފުން، ނުވަތަ އަމުރު ލިބި، މަގުބޫލު އުޒުރެއް ނެތި ހާޒިރުނުވުން 54.

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމަށް، މައްސަލަ ރައްދުވާ ފަރާތަށް އަމުރު ފޮނުވުމުން، އެ އަމުރާ ހަވާލުނުވެއްޖެނަމަ، ނުވަތަ އެ އަމުރު ލިބި، މަގުބޫލު އުޒުރެއްނެތި، ޖުމުލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، މައްސަލަ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި، ހުށަހެޅިފައިވާ މައްސަލަ ކުރިޔަށް ގެންދިއުމާއި، މައްސަލައާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ނުވަތަ މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާތިލުކުރި މައްސަލައެއް، އެ މައްސަލަ ބާތިލުކުރިކަން،މައްސަލަ ހުށަހެޅި ފަރާތަށް އެންގި ތާރީހުން ފެށިގެން، ގިނަވެގެން  30 (ތިރީސް) ދުވަހުގެ ތެރޭގައި އިދާރީ ފީގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ދެއްކުމަށްފަހު، ކުރިން ހުށަހެޅި މައްސަލައަށް އެއްވެސް އިސްލާހެއް ގެނައުމެއްނެތި އަލުން ހުށަހެޅިދާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ، އެ މައްސަލައެއް އަލުން ޓްރައިބިއުނަލަކުން ނުބެލޭނެއެވެ

(ރ) ބާތިލުކުރާ މައްސަލައެއް، މި މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭނީ، ޖުމުލަ 1 (އެކެއް) ފަހަރުއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

54. (ބ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ބާތިލުކުރިއިރު ކުރިޔަށް ގޮސްފައިވާ ހިސާބުން، މި މާއްދާގެ (ނ) ގެ ދަށުން އަލުން ހުށަހެޅޭ މައްސަލަ ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 62 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

62 (ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހު، އެ މުއްދަތުގައި ފޯމު ހުށަހެޅިފައި ނުވާ ސަބަބު ބަޔާންކޮށް ހުށަހަޅާ ފޯމުތައް، އެ ސަބަބަކީ މަގްބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަނަމަ، އެ ކަމަކަށް ރިއާޔަތްކޮށް، އެ ފޯމުބަލައިގަތުމުގެ އިހްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 69 ވަނަ މާއްދާގެ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

69 (ޅ) މި މާއްދާގެ ދަށުން ހުށަހެޅޭ އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ލިޔުމުން ގޮތެއް ކަނޑައަޅައިފައި، މައްސަލައިގައި ހިމެނޭ ހަސްމުންނަށް އެކަން އަންގަންވާނެއެވެ. ނުވަތަ އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު މައްސަލައިގެއަޑުއެހުމުގައި، މައްސަލަ ބަލާ މަޖިލީހުން ގޮތެއް ކަނޑައަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 71 ވަނަ މާއްދާގެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލައާ ގުޅިގެން ހުށަހަޅާކަންތައްތައް ސާބިތުކުރުން 71.

(ހ) މި މާއްދާގެ (ށ) އާއި (ނ) އާއި (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތަކާއި، ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައެޅިގެންވަކި ގޮތަކަށް ސާބިތުކޮށްދިނުމަށް ބަޔާންކުރާ މައްސަލަތައް ފިޔަވައި،ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ކަމެއްސާބިތުކުރުމަކީ އެ ކަމެއް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 72 ވަނަ މާއްދާގެ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލައިގެ ލިޔުންތައް ދޫކުރުން 72.

(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއްގައި،މައްސަލައިގައި ހިމެނޭ ފަރާތަކުން މައްސަލައިގެ ލިޔެކިޔުންތައް ހޯދުމަށް ބޭނުންވާނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެކަން ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމުން، އެ ލިޔުމެއްގެ ކޮޕީ ހަދައިފައިވާ ކޮންމެ ގަނޑަކަށް 2 (ދޭއް) ރުފިޔާގެ މަގުން ފައިސާ ނެގުމަށްފަހު ދޫކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ލިޔެކިޔުންތައް ދޫކޮށްދޭން އެދޭ ހާލަތުގައި ފައިސާ ނުނަގައި ލިޔެކިޔުންތައް ދޫކުރުމުގެ އިހްތިޔާރު ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 72 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

72 (ނ) މި މާއްދާގެ (ށ) ގެ ދަށުން ލިޔުންތައް ދޫކުރެވޭނީ، އެ މައްސަލައެއްގެ އަޑުއެހުންތައް ނިމިފައި ނުވާނަމައެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 75 ވަނަ މާއްދާ އުނިކުރުން.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 102 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖޫރިމަނާ ކުރުން 102.

މި ގަވާއިދުގެ 101 ވަނަ މާއްދާ (މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލުތައް) ގައި ބުނާ ފަދައިން، މައްސަލައިގެ މަޖިލީހުގެ ނިޒާމާ ހިލާފުވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި 2،000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 121 ވަނަ މާއްދާ އުނިކުރުން.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 122 ވަނަ މާއްދާ އުނިކުރުން.

 

29 ވަނަ މާއްދާ -

މި ގަވާއިދުގެ 3 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. މި ގަވާއިދުގައި ދެންހުރި މާއްދާތަކަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު