-

ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދަލާއި ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ބާވަތް ދެނެގަތުމަށާއި މުދަލުގެ ގިންތި ކަނޑައެޅުމަށް ލެބޯޓަރީ ތަހުލީލުކުރުމުގެ އުސޫލު

(އުސޫލު ނަންބަރު 2025-23)

(މި އުސޫލަށް އަމަލުކުރަން ފެށީ 14 އޮކްޓޫބަރު 2025 ގައި)



1 ވަނަ މާޢްދާ - ތައާރުފާއި ނަން

(ހ) މިއީ ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދަލާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ބާވަތް ދެނެގަތުމަށާއި، މުދަލުގެ ގިންތި ކަނޑައެޅުމަށް ލެބޯޓަރީ ތަހުލީލުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދަލާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ބާވަތް ދެނެގަތުމަށާއި، މުދަލުގެ ގިންތި ކަނޑައެޅުމަށް ލެބޯޓަރީ ތަހުލީލުކުރުމުގެ އުސޫލު" އެވެ.

 

2 ވަނަ މާޢްދާ - މަގްސަދު

މި އުސޫލުގެ މަގްސަދަކީ، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދަލާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ބާވަތް ދެނެގަތުމަށާއި، މުދަލުގެ ގިންތި ކަނޑައެޅުމަށް ލެބޯޓަރީ ތަހުލީލުކުރުމުގައި، އަމަލުކުރަންވީ އިޖުރާއަތުތައް ބަޔާންކުރުމާއި ލެބޯޓަރީ ތަހުލީލަށް ބިނާކޮށް މުދަލުގެ ގިންތި ކަނޑައެޅުމުގައި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެއްހަމައެއްގައި އެއްގޮތަކަށް އަމަލުކުރުމަށް މަގުފަހިކުރުމެވެ.

 

3 ވަނަ މާޢްދާ - ލެބޯޓަރީ ތަހުލީލުކުރާ މުދާ/ތަކެތި

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލާއި އަދި ރީއެކްސްޕޯޓްކުރާ މުދަލުގެ ތެރެއިން އަންނަނިވި ބާވަތްތަކުގެ މުދާ/ތަކެތި އެ ތަކެތީގެ ބާވަތް ދެނެގަތުމުގެ ބޭނުމަށާއި ގިންތިކުރުމުގެ ބޭނުމަށް ލެބޯޓަރީ ތަހުލީލުކުރުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

  1. ކެއިންބުއިމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ބަނގުރާ (އަލްކޮހޯލް) އެކުލެވޭކަމަށް މުދަލުގެ ލޭބަލުގައި ބަޔާންކޮށްފައި ނުވި ނަމަވެސް، އެއީ ބަނގުރާ ހިމެނޭ މުދަލެއްގެ ގޮތުގައި ށައްކުވާ ބާވަތްތަކުގެ މުދާތަކެތި؛
  2. މުދާ ނުވަތަ ތަކެތި އުފައްދަން ބޭނުންކޮށްފައިވާކަމަށް މުދަލުގެ ނުވަތަ ތަކެތީގެ ލޭބަލުގައި ހިމަނައިފައިވާ މައުލޫމާތަށް ބަލާއިރު، މެޓީރިއަލް ނުވަތަ އިންގްރީޑިއަންޓުގެ ގޮތުގައި ހިމަނައިފައިވާ ބާވަތަކުން އެ މުދަލުގެ ނުވަތަ ތަކެތީގެ ބާވަތް އޮޅިދާނެކަމަށް ބެލެވޭ މުދާ ނުވަތަ ތަކެތި؛
  3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ އިތުރުން ވެސް، މުދަލުގެ ގިންތި ކަނޑައެޅުމަށް ޓަކައި، ލެބޯރަޓަރީ ތަހުލީލު ކުރަން ޖެހޭކަމަށް ކަސްޓަމްސްއަށް ގަބޫލުކުރެވޭ ބާވަތުގެ މުދަލާއި ތަކެތި.

(ށ) އަންނަނިވި ހާލަތްތަކުގައިވާ މުދަލަކީ ނުވަތަ ތަކެއްޗަކީ، މި އުސޫލުގެ ބޭނުމަށް ބަނގުރާ (އަލްކޮހޯލް) އެކުލެވޭ މުދާކަމުގައި ނުވަތަ ތަކެތިކަމުގައި ބެލެވޭނެއެވެ.

  1. ބަނގުރާ (އަލްކޮހޯލް) އެކުލެވޭކަމަށް މުދަލުގެ ލޭބަލުގައި ބަޔާންކޮށްފައި ނުވި ނަމަވެސް، އެއީ ބަނގުރާ ހިމެނޭ މުދަލެއްގެ ގޮތުގައި ބެލެވުން؛
  2. ފަރމެންޓް ކުރެވިފައިވާ މުދަލެއްކަން ލޭބަލިންގގައި ބަޔާންކޮށްފައިވުން؛
  3. ޕްރޮޑަކްޓް މާކެޓްކުރެވޭ ގޮތް؛
  4. ޕްރޮޑަކްޓުގެ ލޭބަލުގައި ބަނގުރާއަށް ހިތްވަރުދޭ މަންޒަރު ނުވަތަ އެފަދަ ލަފުޒުތައް އެކުލެވިފައިވުން؛
  5. މުދާ ޗެކްކުރާ މަރުހަލާގައި މުދަލުގައި ބަނގުރާ (އަލްކޮހޯލް) އެކުލެވިގެންވާކަމަށް ބެލެވިދާނެ ސަބަބެއް އޮތުން.

 

4 ވަނަ މާޢްދާ - ލެބޯޓަރީ ތަހުލީލުކުރުމުން އިސްތިސްނާވާ ހާލަތްތައް

މި އުސޫލުގެ ދަށުން، އަންނަނިވި ހާލަތްތަކުގައި ހުންނަ މުދާ ލެބޯޓަރީ ތަހުލީލުކުރުމުން އިސްތިސްނާ ކުރެވިދާނެއެވެ.

(ހ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ތެރެއިން މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ލެބޯޓަރީ ތަހުލީލުކޮށްފައިވާ މުދާ

(ށ) ކެއިންބުއިމަށް ބޭނުންކުރާ ތަކެތީގެ ލޭބަލުގައި، ނުވަތަ މުދަލުގައި ނުވަތަ މުދަލާއެކު ހުށަހަޅައިފައިވާ ލިޔުމެއްގައި، އެ ތަކެތީގައި އަލްކޮހޯލް ނުވަތަ އޫރުމަސް ނުވަތަ އޫރުމަހުގެ ބާވަތެއް އެކުލެވޭކަމަށް ބަޔާންކޮށްފައިވާ މުދާ

(ނ) މި އުސޫލުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ލެބޯޓަރީއަކުން ޓެސްޓްކޮށް އެ ތަނުން ދޫކޮށްފައިވާ ތަހުލީލު ރިޕޯޓާއެކު އިމްޕޯޓްކުރާ މުދާ

 

5 ވަނަ މާޢްދާ - މުދަލުގެ ސާމްޕަލް ނެގުން

(ހ) ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގެ 111 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދަލުގެ ލެބޯޓަރީ ތަހުލީލުކުރުމަށް ޓަކައި މުދަލުގެ ސާމްޕަލްގެ ގޮތުގައި ނަގަންވާނީ، ތަހުލީލުކުރުމަށް ބޭނުންވާނެ އެންމެ މަދު މިންވަރު ނުވަތަ އެންމެ ކުޑަ މިންވަރެކެވެ. ނަމަވެސް، ރާއްޖެއިން ބޭރަށް ފޮނުވައިގެން ހަދާ ތަހުލީލުތަކަށް ސާމްޕަލް ނެގުމުގައި، ދެވަނަ ތަހުލީލެއް ކުރެވޭ މިންވަރަށް މުދަލުގެ ސާމްޕަލް ނެގުމުގެ އިހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނަގާ ސާމްޕަލަށް ވަކި ގުޑްސް ޑެކްލަރޭށަނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. މިގޮތުން ނެގޭ ސާމްޕަލުގެ ރިކޯޑުތައް ކަސްޓަމްސްއިން ބަލަހައްޓަންވާނެއެވެ.

(ނ) މުދަލުގެ ތަހުލީލުގައި ބޭނުންކުރާ ސާމްޕަލަކީ ތަހުލީލުކުރުމަށް ބޭނުންވާ ސިޕްމަންޓުން ނަގައިފައިވާ ސާމްޕަލަކަށް ވާންވާނެއެވެ. އަދި ތަހުލީލުކުރެވޭ ލެބޯޓަރީއަށް ސާމްޕަލް ފޮނުވަންވާނީ ކަސްޓަމްސްގެ ބެލުމުގެ ދަށުންނެވެ.

(ރ) ލެބޯޓަރީ ތަހުލީލުކުރުމަށް އެދޭ ސާމްޕަލަކީ ކަސްޓަމްސްގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "ލެބޯޓަރީ އެނަލިސިސް ރިޒަލްޓް ލިސްޓު" ގައި ހިމަނައިފައިވާ އައިޓަމެއްކަން ކަށަވަރު ކުރަންވާނެއެވެ.

(ބ) މި އުސޫލުގެ ދަށުން ލެބޯޓަރީ ތަހުލީލުކުރުމަށް ނަގާ ސާމްޕަލާއެކު ކަސްޓަމްސްއިން ކަނޑައަޅައި އާންމުކޮށްފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ކަސްޓަމްސްގެ ޓެރިފް އެންޑް ކްލެސިފިކޭށަން ސެކްށަނަށް ފޮނުވަންވާނެއެވެ.

 

6 ވަނަ މާޢްދާ - ޕްރޮވިޒަނަލް ރިލީޒްގެ ގޮތުގައި މުދާ ދޫކުރުން

ލެބޯޓަރީ ތަހުލީލުކުރުމުގެ މަރުހަލާ ލަސްވާ ހާލަތުގައި، ޕްރޮވިށަނަލް ރިލީޒުގެ ގޮތުގައި މުދާ ދޫކުރުމާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ތަހުލީލުކުރުމަށްފަހު ސާމްޕަލް ހަވާލުކުރުން

(ހ) ސާމްޕަލުގެ ގޮތުގައި ނަގާ ތަކެތީގެ ތެރެއިން މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ނެގިފައިވާ ނަމަ، ލެބޯޓަރީ ތަހުލީލުގެ ނަތީޖާ ހިއްސާކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ތަކެތީގެ ވެރިފަރާތަށް ކަސްޓަމްސްއިން ހަވާލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުވެފައިނުވާ ތަކެއްޗާމެދު، އަމަލުކުރުމަށް، ގަވާއިދު ނަންބަރު 2011/R-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

(ނ) ލެބޯޓަރީ ތަހުލީލުކުރުމަށް ޓަކައި ނަގާ ސާމްޕަލް އަނބުރާ ހަވާލުކުރަންޖެހޭ ހާލަތުގައި، ވެރިފަރާތަށް ނުވަތަ ވެރިފަރާތުން ކަނޑައަޅާ ފަރާތަކަށް އެ ތަކެތި ހަވާލުކުރާނީ ކަމާ ގުޅުންހުރި ސެކްށަނަކުންނެވެ. މިގޮތުން ހާއްސަ ހުއްދައެއް އޮވެގެން އެތެރެކުރާ ތަކެތި/މުދާ ދޫކުރަންވާނީ، އެ ހުއްދަ އޮތް ފަރާތަކަށެވެ.

 

8 ވަނަ މާޢްދާ - ލެބޯޓަރީ ތަހުލީލުކުރުމަށް ޓަކައި ވަގުތީގޮތުން މުދާ ހިފެހެއްޓުން

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާ ގުޅޭގޮތުން ހުށަހަޅާ ލިޔުންތަކުގައި ނުވަތަ މުދަލުގައި އެ ތަކެއްޗާބެހޭ މައުލޫމާތު ހިމަނައިފައިނުވާ ނަމަ، ގިންތިކުރުމުގެ ބޭނުމަށް، ލެބޯޓަރީ ތަހުލީލުކުރުމަށް ޓަކައި އެ ތަކެތި ހިފެހެއްޓިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިފަހައްޓާ މުދާ ދޫކުރެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. އެ މުދަލަކީ ދައުލަތުގެ އިދާރާއެއްގެ ހާއްސަ ހުއްދައެއް އޮވެގެން އެތެރެކުރާ މުދަލެއް ނަމަ، އެ ހުއްދަ އޮތުން.
  2. އެ މުދަލެއްގެ ޑިއުޓީއާ އެއްވަރުގެ ސެކިއުރިޓީއެއް ކަސްޓަމްސްގައި ބަހައްޓައިފައިވުން.
  3. އެ މުދަލެއްގެ ބާވަތުން އެ މުދާ ދޫކުރުމަށް ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ އެހެންވެސް ށަރުތެއް އޮތް ނަމަ، އެކަން ފުރިހަމަވެފައިވުން

 

9 ވަނަ މާޢްދާ - ލެބޯޓަރީ ތަހުލީލުކުރާ ތަކެތީގެ ތަހުލީލު ނަތީޖާ ހިއްސާކުރުން

(ހ) ލެބޯޓަރީ ތަހުލީލުކުރާ ތަކެތީގެ ތަހުލީލު ނަތީޖާ، ލިބޭތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ މައުލޫމާތު، މުދަލުގެ ވެރިފަރާތަށާއި، ކަސްޓަމްސްގެ ކަމާބެހޭ ސެކްށަންތަކާ ހިއްސާ ކުރަންވާނެއެވެ.

(ށ) ލެބޯޓަރީ ތަހުލީލު ޓެސްޓް ރިޕޯޓަށް ރިއާޔަތްކޮށް މުދަލުގެ ކްލެސިފިކޭށަނަށް ބަދަލެއް ގެންނަންޖެހޭ ނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި، މުދަލުގެ ވެރިފަރާތަށް އެކަން އަންގަންވާނެއެވެ.

(ނ) ތަހުލީލުކުރެވޭ ތަކެތީގެ ބާވަތަށް ރިއާޔަތްކޮށް، މިފަދަ ތަކެތި އިމްޕޯޓުކުރާ އެހެން ފަރާތްތަކަށް ފެންނާނޭހެން އެ ތަކެތީގެ ކްލެސިފިކޭށަން އާންމުކުރަންވާނެއެވެ.

 

10 ވަނަ މާޢްދާ - ލެބޯޓަރީ ތަހުލީލުގެ ނަތީޖާ ދެމިއޮންނާނެ މުއްދަތު

(ހ) ކަސްޓަމްސްއިން މުދާ ގިންތިކުރުމުގެ ބޭނުމަށް ކުރާ ލެބޯޓަރީ ތަހުލީލުގެ ނަތީޖާ ސައްހަކަމުގައި ބަލައިގަނެވޭނީ، މުދަލުގެ ތަހުލީލު ނަތީޖާ ލިބޭތާ މީލާދީގޮތުން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތަހުލީލުކޮށްފައިވާ މުދަލެއްގައި ހިމެނޭ ބައިތަކަށް ބަދަލުއަންނަ ހާލަތުގައި، އެ މުދަލެއްގެ ސާމްޕަލް އަލުން ކަސްޓަމްސްއަށް ފޮނުވައި ނުވަތަ ގެނެސް ލެބޯޓަރީ ތަހުލީލުކުރަން ހުށަހެޅުމަކީ މުދަލުގެ ވެރިފަރާތުގެ ޒިންމާއެކެވެ.

 

11 ވަނަ މާޢްދާ - ކަސްޓަމްސްއިން ކުރާ ތަހުލީލުގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭ ނަމަ އަމަލުކުރާނެ ގޮތް

(ހ) ކަސްޓަމްސްގެ ފަރާތުން ކުރާ ލެބޯޓަރީ ތަހުލީލުގެ ނަތީޖާއާމެދު މުދަލުގެ ވެރިފަރާތުން ހިތްހަމަނުޖެހޭ ނަމަ، ކަސްޓަމްސްއިން ގަބޫލުކުރާ ލެބޯޓަރީއެއްގެ ތަހުލީލު ރިޕޯޓެއް ހުށަހެޅުމުގެ އިހުތިޔާރު މުދަލުގެ ވެރިފަރާތަށް ލިބިގެންވެއެވެ. މިގޮތުން ހުށަހަޅާ ރިޕޯޓު އޮންނަންވާނީ އިނގިރޭސި ބަހުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލެބޯޓަރީގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ތަހުލީލުކުރެވޭ ލެބޯޓަރީއަކީ ISO 17025 (އިންޓަނޭށަނަލް އޮގަނައިޒޭށަން ފޮރ ސްޓޭންޑަރޑައިޒޭށަން) އެކްރެޑިޓޭށަން ސަޓިފިކޭށަން ހާސިލުކޮށްފައިވާ ލެބޯޓަރީއެއް ކަމުގައި ވުން.
  2. ތަހުލީލު ރިޕޯޓު ދޫކޮށްފައިވާ ލެބޯޓަރީއަކީ، މުދާ އުފެއްދި ފަރާތުގެ ނުވަތަ މުދާ އެތެރެކުރާ ފަރާތުގެ ހިއްސާ ނުވަތަ ވިޔަފާރީގެ ބައިވެރިވުން އޮތް ލެބޯޓަރީއަކަށް ނުވުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލެބޯޓަރީއަކުން ދޫކޮށްފައިވާ ތަހުލީލު ރިޕޯޓާމެދު ކަސްޓަމްސްއިން އިތުރު މައުލޫމާތު ހޯދަން ބޭނުންވެއްޖެ ނަމަ، އެ ޓެސްޓް ރިޕޯޓު ދޫކުރި ލެބޯޓަރީއަކުން އެ މައުލޫމާތު ސާފުކުރުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. އަދި ކަސްޓަމްސްއިން ސާފުކުރަން ބޭނުންވާ މައުލޫމާތު އެ ފަރާތުން ފޯރުކޮށް ނުދީފި ނަމަ، އެ ޓެސްޓް ރިޕޯޓަށް އަމަލުނުކުރުމުގެ އިހުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޫކޮށްފައިވާ ތަހުލީލު ރިޕޯޓަކީ ކަސްޓަމްސްއަށް ގަބޫލުކުރެވޭ ރިޕޯޓެއް ނަމަ، އަދި އެއާ އެއްގޮތަށް މުދަލުގެ ކްލެސިފިކޭށަނަށް ބަދަލެއް ގެންނަންޖެހޭ ނަމަ، ކްލެސިފިކޭށަން އިސްލާހުކޮށްފައި 30 (ތިރީސް) ދުވަހުގެ ތެރޭގައި މުދަލުގެ ވެރިފަރާތަށް އެކަން އަންގަންވާނެއެވެ. އަދި މިފަދައިން ކްލެސިފިކޭށަން އިސްލާހުކުރުމަށްފަހު، ތަހުލީލަކުން އެހެން ގޮތަކަށް ސާބިތުނުވާހައި ހިނދަކު، އެ މުދަލުގެ ކްލެސިފިކޭށަން ދެމިއޮންނާނެއެވެ.

 

12 ވަނަ މާޢްދާ - މުދަލުގެ ވެރިފަރާތުން އެދިގެން ތަހުލީލުކުރުން

(ހ) އިމްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރުމަށް ގެންނަ މުދަލާ ގުޅިގެން ލެބޯޓަރީއެއްގެ ތަހުލީލީ ރިޕޯޓެއް ހުށަހެޅުމަށް މުދަލުގެ ވެރިފަރާތުން ބޭނުންވާ ނަމަ ކަސްޓަމްސްއިން ކަނޑައަޅައި އާންމުކޮށްފައިވާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން ފޯމު ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ރިޕޯޓަކީ މި އުސޫލުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ލެބޯޓަރީއަކުން ދޫކޮށްފައިވާ ރިޕޯޓަކަށް ވާންވާނެއެވެ.

 

13 ވަނަ މާޢްދާ - ތަހުލީލުކުރުމަށް ހިނގާ ހަރަދު

މި އުސޫލުގެ ދަށުން މުދަލުގެ ވެރިފަރާތުގެ ބޭނުމަށް ނުވަތަ ވެރިފަރާތުން އެދިގެން ލެބޯޓަރީ ތަހުލީލުކުރުމަށް ކުރަންޖެހޭ ހުރިހާ ހަރަދަކަށް ޒިންމާވާނީ އެ މުދަލުގެ ވެރިފަރާތުންނެވެ.

 

14 ވަނަ މާޢްދާ - މައްސަލަ ހުށަހެޅުން

(ހ) މުދަލުގެ ތަހުލީލަށް ބިނާކޮށް ކަސްޓަމްސްއިން މުދާ ގިންތިކުރިގޮތާމެދު މުދާ އެތެރެކުރި ފަރާތުން ހިތްހަމަނުޖެހޭ ނަމަ، ގަވާއިދު ނަންބަރު 2011/R-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގެ 169 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މުދަލުގެ ގިންތިއާއި ޑިއުޓީ ރޭޓު މުރާޖައާކޮށްދިނުމަށް އެދި ކަސްޓަމްސްގެ ޓެރިފް ކޮމެޓީއަށް ހުށަހެޅިދާނެއެވެ. އަދި މިފަދައިން ހުށަހެޅޭ މައްސަލަތައް، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނިންމައި، މައްސަލަ ހުށަހެޅި ފަރާތަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކަސްޓަމްސްގެ ޓެރިފް ކޮމެޓީން މައްސަލަ ނިންމާ ގޮތާމެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލަ ނިންމާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 108 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ މިނިސްޓަރަށް އެ މައްސަލަ ހުށަހެޅިދާނެއެވެ.

 

15 ވަނަ މާޢްދާ - މައުލޫމާތު ބެލެހެއްޓުން

ކަސްޓަމްސްއިން މުދާ ގިންތިކުރުމާއި މުދަލުގެ ބާވަތް ދެނެގަތުމުގެ ބޭނުމަށް ކުރާ ލެބޯޓަރީ ތަހުލީލުތަކުގެ މައުލޫމާތު ކަސްޓަމްސްއިން ބަލަހައްޓަންވާނެއެވެ.

 

16 ވަނަ މާޢްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން

މި އުސޫލުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ ނުވަތަ ވަކިކަމެއް އުސޫލާ އެއްގޮތަށް ތަންފީޒު ކުރުމުގައި ދަތިކަމެއް ދިމާވެއްޖެ ނަމަ އެކަމަކާމެދު ގޮތެއް ނިންމާނީ ކޮމިށަނަރ ޖެނެރަލްގެ އެޑްވައިޒަރީ ބޯޑުންނެވެ.

17 ވަނަ މާޢްދާ - މާނަކުރުން

މި އުސޫލުގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އަންނަނިވި އިބާރާތްތައް ނުވަތަ ލަފްޒުތައް މާނަކޮށްފައިވަނީ ތިރީގައި މާނަކޮށްފައިވާ ގޮތަށެވެ.

(ހ) "ކަސްޓަމްސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" އަށެވެ.

(ށ) "ކޮމިށަނަރ ޖެނެރަލްގެ އެޑްވައިޒަރީ ބޯޑު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ގާނޫނީގޮތުން ހަވާލުކުރެވިފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ތަނުގެ ހާލަތު ދެނެގަނެ، އެކުލަވައިލަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް އެހީތެރިވެދީ ލަފާދިނުމަށް އުފައްދައިފައިވާ ބޯޑަށެވެ.

 

18 ވަނަ މާޢްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު (ގާނޫނު ނަންބަރު 2011-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު