-

ހާއްސަ ހާލަތުގައި މެނުއަލްކޮށް ހިދުމަތް ދިނުމުގެ އުސޫލު

(އުސޫލު ނަންބަރު 2025-22)

(މި އުސޫލަށް އަމަލުކުރަން ފެށީ 14 އޮކްޓޫބަރު 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގުޑްސް ޑިކްލަރޭށަން ނިންމުމާއި، މުދާ ބަލައި ފާސްކޮށް ދޫކުރުމުގައި ބޭނުންކުރާ ސިސްޓަމްތަކަށް މައްސަލަ ދިމާވެ އެ ސިސްޓަމްތައް ބޭނުންކޮށްގެން ގުޑްސް ޑިކްލަރޭށަން ނިންމުމާއި މުދާ ބަލައި ފާސްކޮށް ދޫކުރުމުގެ ހިދުމަތް ނުދެވި ހުއްޓުމަކަށް އަންނަ ހާލަތްތަކުގައި މެނުއަލްކޮށް ހިދުމަތް ދިނުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ހާއްސަ ހާލަތުގައި މެނުއަލްކޮށް ހިދުމަތް ދިނުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ގުޑްސް ޑިކްލަރޭށަން ނިންމުމާއި މުދާ ބަލައި ފާސްކޮށް ދޫކުރުމުގައި ބޭނުންކުރާ ސިސްޓަމްތަކަށް މައްސަލަ ދިމާވެ، އެ ސިސްޓަމްތައް ބޭނުންކޮށްގެން ގުޑްސް ޑިކްލަރޭށަން ނިންމުމާއި މުދާ ބަލައި ފާސްކޮށް ދޫކުރުމުގެ ހިދުމަތް ނުދެވި ހުއްޓުމަކަށް އަންނަ ހާލަތްތަކުގައި މެނުއަލްކޮށް ހިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާތުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ހާއްސަ ހާލަތު މެދުވެރިވެއްޖެކަމަށް ކަނޑައަޅާނެ ފަރާތް

ހާއްސަ ހާލަތު މެދުވެރިވެ ސިސްޓަމްތައް ބޭނުންކޮށްގެން ހިދުމަތް ނުދެވޭގޮތް މެދުވެރިވެއްޖެ ނަމަ، އެ ހާލަތު މެދުވެރިވެއްޖެކަމަށް ކަނޑައަޅާނީ އިންފޮމޭށަން ސިސްޓަމްސް އެންޑް އިންޓެގްރޭށަން ސެކްށަނުންނެވެ. މިގޮތުން ހާއްސަ ހާލަތު މެދުވެރިވެއްޖެކަމަށް ކަނޑައަޅައިފި ނަމަ، ކަމާބެހޭ ސެކްށަންތަކަށް އެކަން އަންގަންވާނެއެވެ.

 

4 ވަނަ މާއްދާ - ހާއްސަ ހާލަތު މެދުވެރިވެއްޖެކަމަށް ކަނޑައަޅާނެ ވަގުތު

(ހ) ހާއްސަ ހާލަތު އަދި ހާއްސަ ހާލަތު 2 މެދުވެރިވެގެން އުސޫލުގެ ދަށުން، މެނުއަލްކޮށް މުދާ ބަލައި ފާސްކޮށް ދޫކުރަންވާނީ، ސިސްޓަމަށް މައްސަލަ ޖެހިގެން ހިދުމަތް ނުދެވި، އަންނަނިވި ވަގުތުތަކަށް ވުރެ ވަގުތު އިތުރުވެއްޖެނަމައެވެ. މި ވަގުތު ގުނާނީ، އިންފޮމޭށަން ސިސްޓަމްސް އެންޑް އިންޓެގްރޭށަން ސެކްށަނުން ކަނޑައަޅާ ވަގުތުން ފެށިގެންނެވެ.

  1. ސިސްޓަމަށް މައްސަލަ ޖެހިފައި ހުންނަތާ 30 (ތިރީސް) މިނެޓަށް ވުރެ އިތުރުވެއްޖެ ނަމަ ވައިގެމަގުން އެކްސްޕޯޓުކުރާ މުދާ މެނުއަލްކޮށް ބަލައި ފާސްކޮށް ދޫކުރުން.
  2. ސިސްޓަމަށް މައްސަލަ ޖެހިފައި ހުންނަތާ 1 (އެކެއް) ގަޑިއިރަށް ވުރެ އިތުރުވެއްޖެ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ މުދާ މެނުއަލްކޮށް ބަލައި ފާސްކޮށް ދޫކުރުން.
    2.1 އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި.
    2.2 ގުދުރަތީ ކާރިސާއެއް ފަދަ ކުއްލި ހާލަތެއް ދިމާވެގެން، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔަކަށް ކުއްލި ހާލަތްތަކުގައި، އެހީތެރިކަން ފޯރުވައިދިނުމުގެ ގޮތުން އެތެރެކުރެވޭ މުދާ.
    2.3 ދިވެހި ރައްޔިތުންގެ އަސާސީ ހިދުމަތްތައް މެދުކެނޑުނަ ނުދިނުމަށް ޓަކައި ވަގުތުން ވަގުތަށް ބޭނުންވާ ތަކެތި.
    2.4 ބައްޔެއްގެ ސަބަބުން ކޮންމެހެން ފަރުވާ ދޭންޖެހޭ މީހަކަށް ނުވަތަ ބަޔަކަށް ވަގުތުން ވަގުތަށް ބޭނުންވާ ބޭސް.
  3. ހާއްސަ ހާލަތު 2 މެދުވެރިވާ ހާލަތުގައި، ކަނޑުމަގުން ގެންނަ މުދާ ބަލައި ފާސްކޮށް ނިމި، އެ މުދާ ނެރުމަށް ބޭނުންވާ ޓްރާންސްޕޯޓު ހަމަޖެހިފައިވާ ހާލަތުގައި ސިސްޓަމަށް މައްސަލަ ޖެހިފައި ހުންނަތާ 30 (ތިރީސް) މިނެޓަށް ވުރެ އިތުރުވެއްޖެ ނަމަ މެނުއަލްކޮށް މުދާ ދޫކުރުން.
  4. ހާއްސަ ހާލަތު މެދުވެރިވެގެން 12 (ބާރަ) ގަޑިއިރަށް ވުރެ އިތުރުވެއްޖެ ނަމަ އާންމު ޖެނެރަލް ކާގޯ މެނުއަލްކޮށް ބަލައި ފާސްކޮށްފައި ދޫކުރުން.
  5. ހާއްސަ ހާލަތު 2 މެދުވެރިވެގެން 24 (ސައުވީސް) ގަޑިއިރަށް ވުރެ އިތުރުވެއްޖެ ނަމަ، އާންމު ޖެނެރަލް ކާގޯ މެނުއަލްކޮށް ބަލައި ފާސްކޮށްފައި ދޫކުރުން.

(ށ) މި މާއްދާގެ އެހެން އަކުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ހާއްސަ ހާލަތު 1 ނުވަތަ ހާއްސަ ހާލަތު 2 މެދުވެރިވެގެން، މަދުވެގެން 3 (ތިނެއް) ގަޑިއިރަށް ވުރެ އިތުރުވާ ހާލަތުގައި މުދަލުގެ ވެރިފަރާތުން ޖެނެރަލް ކާގޯ ކްލިއަރކުރަން އެދިއްޖެ ނަމަ، އެކަމަށް އެދޭ ސަބަބަށް ރިއާޔަތްކޮށް، އެ ވަގުތަކު އެ ސެކްށަން ނުވަތަ އެ ސެކްށަން ހިމެނޭ ޑިވިޒަން / ޑައިރެކްޓަރޭޓް ބެލެހެއްޓުމުގައި އެންމެ އިސްކޮށްހުރި އޮފިސަރަކު ހުއްދަދޭ މުދާ މެނުއަލްކޮށް ބަލައިފާސްކޮށް ދޫކުރުމަށް މި އުސޫލު ހުރަހެއްނާޅައެވެ. މި ހާލަތުގައި މުދާ ދޫކުރަން ކަނޑައެޅި ސަބަބު އެ ސެކްށަނެއްގައި ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

5 ވަނަ މާއްދާ - ހާއްސަ ހާލަތު 1 މެދުވެރިވެގެން މުދާ ބަލައި ފާސްކޮށް ދޫކުރުމުގައި އަމަލުކުރާނެ ގޮތް

(ހ) ހާއްސަ ހާލަތު 1 މެދުވެރިވެގެން މުދާ ބަލައި ފާސްކޮށް މުދާ ދޫކުރުމުގެ ކުރިން އެ މުދަލުގެ ގުޑްސް ޑިކްލަރޭށަން ހުށަހަޅައި ފައިސާ ދައްކައިފައިވާކަން އެގްޒަމިނޭށަން ސެކްށަނުން ކަށަވަރުކުރަންވާނެއެވެ. މިކަން ކަށަވަރުކުރަންވާނީ އެ ހާލަތުގައި ބޭނުންކުރެވޭގޮތަށް ހުރި ސިސްޓަމްތައް ބޭނުންކޮށްގެންނެވެ.

(ށ) ހާއްސަ ހާލަތު 1 މެދުވެރިވެގެން މުދާ ބަލައި ފާސްކުރަންވާނީ މުދާ ބަލައި ފާސްކުރުމަށް ދެވޭ އިރުށާދާ އެއްގޮތަށެވެ.

(ނ) މުދާ ބަލައި ފާސްކުރުމަށް ސިސްޓަމުން އޮފިސަރުން އެސައިން ނުކުރެވޭ ނަމަ، އެކަން ކުރަންވާނީ ކަރުދާހެއްގައި ލިޔެގެން މެނުއަލްކޮށެވެ. ގުޑްސް އެގްޒަމިނޭށަން ރިޕޯޓު ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ މައުލޫމާތާއި ގޭޓް ރިލީޒް ނުވަތަ ގޭޓް ފާހަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެ ށީޓުގައި ހިމަނަންވާނެއެވެ. އަދި އެސައިންކުރި ސުޕަވައިޒަރާއި މުދާ ބަލައި ފާސްކުރި އޮފިސަރު އެ ށީޓުގައި ސޮއިކުރަންވާނެއެވެ.

(ރ) ސިސްޓަމަށް ދިމާވި މައްސަލަ ހައްލުވާ ވަގުތުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި (ކަސްޓަމްސް ބަންދު ދުވަސްތައް ނުހިމަނައި) ސިސްޓަމުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށްފައި ސިސްޓަމްތައް އަޕްޑޭޓްކުރަންވާނެއެވެ. މި ކަންތައް އެގްޒަމިނޭށަން ސެކްށަން ހިންގުމަށް ކަނޑައަޅައިފައިވާ އިސްވެރިޔާ ކަށަވަރު ކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ހާއްސަ ހާލަތު 2 މެދުވެރިވާ ހާލަތުގައި މުދާ ކްލިއަރ ކުރުމަށް ޓަކައި އެގްޒަމިނޭށަން ސެކްށަނަށް ހުށަހަޅަންޖެހޭ ލިޔުންތައް

ހާއްސަ ހާލަތު 2 މެދުވެރިވާ ހާލަތުގައި މުދާ ދޫކުރުމުގެ ކުރިން، ގުޑްސް ޑިކްލަރޭށަން ފިޔަވައި އެ ޑިކްލަރޭށަނާއެކު އެޓޭޗްކުރަންޖެހޭ ހުރިހާ ލިޔުންތަކާއި ހުއްދަތަކުގެ ހާޑް ކޮޕީއާއި ފައިސާ ދެއްކި ރަސީދު ނުވަތަ ފައިސާ ދެއްކިކަން އެނގޭނެ ލިޔުމެއް އެގްޒަމިނޭށަން ސެކްށަނަށް ހުށަހަޅައިފައިވާކަން ޔަގީންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ -  ހާއްސަ ހާލަތު 2 މެދުވެރިވާ ހާލަތުގައި މުދާ ބަލައި ފާސްކުރުމުގައި އަމަލުކުރާނެ ގޮތް

(ހ) ހާއްސަ ހާލަތު 2 މެދުވެރިވާ ހާލަތުގައި މުދާ ބަލައި ފާސްކޮށް ދޫކުރުމުގެ ކުރިން އެ މުދަލުގެ ގުޑްސް ޑިކްލަރޭށަން ހުށަހަޅައި ފައިސާ ދައްކައިފައިވާކަން އެގްޒަމިނޭށަން ސެކްށަނުން ކަށަވަރު ކުރަން ވާނެއެވެ.

(ށ) ހާއްސަ ހާލަތު 2 މެދުވެރިވާ ހާލަތުގައި، މުދާ ބަލައި ފާސްކުރަންވާނީ، ހުށަހަޅާ އިންވޮއިސްގެ ހާޑްކޮޕީއަށް ބަލައިގެންނެވެ. މި ހާލަތުގައި، ސައްތައިންސައްތަ މުދާ ބަލައި ފާސްކުރަންވާނެއެވެ.

(ނ) މުދާ ބަލައި ފާސްކުރުމަށް އޮފިސަރުން އެސައިންކުރަންވާނީ މެނުއަލްކޮށް، ކަރުދާހެއްގައި ލިޔެގެންނެވެ. ގުޑްސް އެގްޒަމިނޭށަން އެޑްވައިސް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ މައުލޫމާތާއި ގޭޓް ރިލީޒް ނުވަތަ ގޭޓް ފާހަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެ ކަރުދާހުގައި ހިމަނަންވާނެއެވެ. އަދި އެސައިންކުރި ސުޕަވައިޒަރާއި، މުދާ ބަލައި ފާސްކުރި އޮފިސަރު އެ ކަރުދާހުގައި ސޮއިކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ދޫކުރެވޭ މުދަލަކީ، ސަރުކާރުގެ އިދާރާއަކުން ހުއްދަ ދިނުމަށް ޓަކައި ބޭނުންކުރާ ސިސްޓަމެއްގެ ތެރެއިން ހުއްދަ ހޯދަންޖެހޭ މުދަލަކަށް ވެފައި، އެ ސިސްޓަމުގެ ތެރެއިން އެ އިދާރާއެއްގެ ހުއްދަ ހޯދެން ނެތް ހާލަތުގައި، އެ މުދަލުގެ އިންވޮއިސްގެ ހާޑްކޮޕީ ހުށަހަޅަންވާނީ، އެ އިދާރާއެއްގެ ރަސްމީ ތައްގަނޑާއި ހުއްދަދިން ފަރާތުގެ ސޮއި ހިމެނޭ ގޮތަށެވެ.

(ބ) ދިމާވި މައްސަލަ ހައްލުވާ ވަގުތުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި (ކަސްޓަމްސް ބަންދު ދުވަސްތައް ނުހިމަނައި) ސިސްޓަމުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށްފައި ސިސްޓަމްތައް އަޕްޑޭޓްކުރަންވާނެއެވެ. މި ކަންތައް އެގްޒަމިނޭށަން ސެކްށަނުގެ އިސްވެރިން ކަށަވަރު ކުރަން ވާނެއެވެ.

 

8 ވަނަ މާއްދާ -  ހާއްސަ ހާލަތު 2 މެދުވެރިވާ ހާލަތު މެދުވެރިވެގެން ޑިކްލަރޭށަން ހުށަހެޅެން ނެތް ހާލަތުގައި މުދާ ދޫކުރުން

(ހ) ހާއްސަ ހާލަތު 2 މެދުވެރިވެގެން، ގުޑްސް ޑިކްލަރޭށަން ހުށަހެޅެން ނެތް ހާލަތުގައި، ކަސްޓަމްސްއިން ދޭ އެކްސްއެމްއެލް (xml) ފޯމެޓްގައި އެ މުދަލުގެ މައުލޫމާތު ހުށަހެޅެން ނެތް ހާލަތުގައި މުދާ ދޫކުރުން، ޑޮކިޔުމެންޓޭށަން ސެކްށަނަށް ހުށަހަޅައިފައިވާކަން ޔަގީންކުރަންވާނެއެވެ. މިއީ ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ޕްރޮވިށަނަލް ނުވަތަ އެއްކޮށް މައުލޫމާތު ފުރިހަމަނުވާ ޑިކްލަރޭށަނެއް ކަމުގައި ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ މުދަލުގެ އަގު ކަނޑައަޅަންވާނީ، އީވެލުއޭޓަރ ބޭނުންކުރެވޭ ހާލަތުގައި ނަމަ އީވެލުއޭޓަރ ބޭނުންކޮށްގެންނެވެ. "އީވެލުއޭޓަރ" ބޭނުންނުކުރެވޭ ހާލަތުގައި ނަމަ، ހުށަހެޅި އިންވޮއިސްގައި ބަޔާންކޮށްފައިވާ އަގު، ޕްރޮވިށަނަލްކޮށް، ބަލައިގަންނާނީއެވެ. ސިސްޓަމްތަކަށް ދިމާވި މައްސަލަ ހައްލުވުމުން "އީވެލުއޭޓަރ" ބޭނުންކޮށްގެން އެ މުދަލުގެ އަގު ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުދަލުގެ އަގު ކަނޑައެޅުމަށްފަހު ނުވަތަ ޕްރޮވިށަނަލްކޮށް އަގު ބަލައިގަތުމަށްފަހު، އެ މުދަލަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު އެނގޭނޭހެން އެސެސްމެންޓް ނޯޓިހެއް މެނުއަލްކޮށް ތައްޔާރުކޮށްފައި މުދަލުގެ ވެރި ފަރާތާ ހަވާލުކުރަންވާނެއެވެ.

(ރ) މުދާ ބަލައި ފާސްކޮށް ދޫކުރެވޭނީ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެސެސްމެންޓް ނޯޓިހުގައި ބަޔާންކޮށްފައިވާ އަދަދަށް ފައިސާ ދެއްކުމުންނެވެ. މިއީ ޕްރޮވިށަނަލް ޑިކްލަރޭށަނުގައި ހިމެނޭ މުދަލުގެ ޑިއުޓީ ލިބިގަތުން ކަށަވަރުކުރުމަށް ޓަކައި ގަވާއިދު ނަންބަރު 2011-41 (ކަސްޓަމްސްގެ އާންމު ގަވާއިދު) ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަގާ ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ބެލެވޭނެއެވެ.

(ބ) ހާއްސަ ހާލަތު 2 މެދުވެރިވެގެން މުދާ ދޫކުރަންވާނީ، ކަސްޓަމްސްއިން ކަނޑައަޅާ އިގުރާރުގައި މުދަލުގެ ވެރިފަރާތުން ސޮއިކުރުމުންނެވެ. މުދަލުގެ ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތަކަށް އިގުރާރުގައި ސޮއިކުރެވޭނީ، މުދަލުގެ ވެރިފަރާތުން އެކަމަށް އޭނާ އައްޔަނުކޮށްފައިވާނަމައެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އިގުރާރު ފުރިހަމަކުރާނީ ޑޮކިޔުމެންޓޭށަން ސެކްށަނުންނެވެ.

(ކ) މުދާ ބަލައި ފާސްކުރަންވާނީ، ހުށަހަޅާ އިންވޮއިސްގެ ހާޑްކޮޕީއަށް ބަލައިގެންނެވެ. މި ހާލަތުގައި ސައްތައިންސައްތަ މުދާ ބަލައި ފާސްކުރަންވާނެއެވެ.

(އ) މުދާ ބަލައި ފާސްކުރުމަށް އޮފިސަރުން އެސައިންކުރަންވާނީ، ކަރުދާހެއްގައި ލިޔެގެން މެނުއަލްކޮށެވެ. ގުޑްސް އެގްޒަމިނޭށަން އެޑްވައިސް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ މައުލޫމާތާއި ގޭޓް ރިލީޒް ނުވަތަ ގޭޓް ފާހަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެ ކަރުދާހުގައި ހިމަނަންވާނެއެވެ. އަދި އެސައިންކުރި ސުޕަވައިޒަރާއި، މުދާ ބަލައި ފާސްކުރި އޮފިސަރު، އެ ކަރުދާހުގައި ސޮއިކުރަންވާނެއެވެ.

(ވ) މި މާއްދާގެ ދަށުން ދޫކުރާ މުދަލަކީ ސަރުކާރުގެ އިދާރާއަކުން ހުއްދަ ހޯދުމަށް ޓަކައި ބޭނުންކުރާ ސިސްޓަމެއްގެ ތެރެއިން ހުއްދަ ހޯދަންޖެހޭ މުދަލަކަށް ވެފައި، އެ ސިސްޓަމުގެ ތެރެއިން އެ އިދާރާގެ ހުއްދަ ހޯދެން ނެތް ހާލަތުގައި، އެ މުދަލުގެ އިންވޮއިސްގެ ހާޑްކޮޕީގައި އެ އިދާރާއެއްގެ ތައްގަނޑު ޖަހައި، ހުއްދަ ދިން ފަރާތުގެ ސޮއިކުރުވަންވާނެއެވެ.

(މ) ސިސްޓަމްތަކަށް ދިމާވި މައްސަލަ ހައްލުވެ، "ގުޑްސް ޑިކްލަރޭށަން" ހުށަހަޅާ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި (ކަސްޓަމްސް ބަންދު ދުވަސްތައް ނުހިމަނައި) ޑޮކިޔުމެންޓޭށަން ސެކްށަނުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށްފައި ސިސްޓަމްތައް އަޕްޑޭޓްކުރަންވާނެއެވެ. މި ކަންތައް ޑޮކިޔުމެންޓޭށަން ސެކްށަނުގެ އިސްވެރިން ކަށަވަރު ކުރަން ވާނެއެވެ.

(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޑޮކިޔުމެންޓޭށަން ސެކްށަނުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ނިމޭ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި (ކަސްޓަމްސް ބަންދު ދުވަސްތައް ނުހިމަނައި) އެގްޒަމިނޭށަން ސެކްށަނުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ސިސްޓަމްތައް އަޕްޑޭޓްކުރަންވާނެއެވެ. މި ކަންތައް އެގްޒަމިނޭށަން ސެކްށަނުގެ އިސްވެރިން ކަށަވަރު ކުރަން ވާނެއެވެ.

 

9 ވަނަ މާއްދާ - މޮޑިފިކޭށަން ހަދަންޖެހުން

މި އުސޫލުގެ ދަށުން މުދާ ބަލައި ފާސްކުރުމުގައި އެއްވެސް ސަބަބަކާހުރެ މޮޑިފިކޭށަން ހަދަން ޖެހިއްޖެނަމަ، މޮޑިފިކޭށަން ހަދަންޖެހުނު މުދަލާމެދު އަމަލުކުރަންވާނީ މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

10 ވަނަ މާއްދާ - މުދާ ބަލައި ފާސްކުރުމުގައި ގާނޫނާއި ގަވާއިދާ ހިލާފު މައްސަލަ ފާހަގަކުރެވުން

މުދާ ބަލައި ފާސްކުރުމުގައި ގާނޫނާއި ގަވާއިދާ ހިލާފު މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައިގައި ހިމެނޭ މުދާ ދޫކުރެވޭނީ ސިސްޓަމްތަކަށް ދިމާވި މައްސަލަ ހައްލުވުމުން، ކަނޑައެޅިފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހުގައެވެ.

 

11 ވަނަ މާއްދާ - މެނުއަލްކޮށް ހިދުމަތް ދިނުމުން އިސްތިސްނާވާނެ ފަރާތްތައް

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާއި، މުދަލާ ގުޅޭގޮތުން ނުވަތަ ކަސްޓަމްސްގެ ދާއިރާއާ ގުޅުންހުރި ގާނޫނާއި ގަވާއިދާ ހިލާފު އަމަލު ހިންގާ ފަރާތްތަކުގެ ގޮތުގައި ކަސްޓަމްސްގެ ރިސްކް މެނޭޖްމަންޓް ސެކްށަނުން ކަނޑައަޅާ ފަރާތްތައް މި އުސޫލުގެ ދަށުން މެނުއަލްކޮށް ހިދުމަތް ދިނުމުން އިސްތިސްނާވާނެއެވެ.

 

12 ވަނަ މާއްދާ - ޑެމެރޭޖް މާފުކޮށްދިނުމަށް އެދުން

(ހ) މި އުސޫލާ އެއްގޮތަށް މެނުއަލްކޮށް މުދާ ދޫކުރަންޖެހޭ ހާލަތުގައި ބަނދަރު ހިންގާ ފަރާތާ އެކަން ހިއްސާކުރަންވާނެއެވެ. އަދި ސިސްޓަމްތަކަށް ދިމާވި މައްސަލަ ހައްލުވާ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ސިސްޓަމުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން، ބަނދަރު ހިންގާ ފަރާތާ ގުޅިގެން ފުރިހަމަކޮށްފައި ސިސްޓަމްތައް އަޕްޑޭޓްކުރަންވާނެއެވެ. އަދި މި ކަންތައް، އެގްޒަމިނޭށަން ސެކްށަނުގެ އިސްވެރިން ކަށަވަރު ކުރަން ވާނެއެވެ.

(ށ) ސިސްޓަމްތަކަށް މައްސަލަ ދިމާވެ ގުޑްސް ޑިކްލަރޭށަން ނިންމުމާއި މުދާ ބަލައި ފާސްކޮށް ދޫކުރުމުގެ ހިދުމަތް ނުދެވި ހުއްޓުމަކަށް އައުމުގެ ސަބަބުން މުދަލުގެ ޑެމަރޭޖް މާފުކޮށްދިނުމަށް ބަނދަރު ހިންގާ ފަރާތުގައި އެދެންޖެހޭ ހާލަތުގައި އެކަމަށް އެދި ބަނދަރު ހިންގާ ފަރާތަށް ސަބަބާއެކު ލިޔުމުން އަންގަންވާނެއެވެ. އެކަން ކުރަންވާނީ އެގްޒަމިނޭށަން ސެކްށަނުންނެވެ. 

 

13 ވަނަ މާއްދާ - ހިދުމަތާ ގުޅޭ އެހެނިހެން މުއާމަލާތްތައް މެނުއަލްކޮށް ކުރުން

ގުޑްސް ޑިކްލަރޭށަން ނިންމުމާއި، މުދާ ބަލައި ފާސްކޮށް ދޫކުރުމުގެ ހިދުމަތާ ގުޅޭގޮތުން، ކަސްޓަމްސް ޕޯޓަލްއާއި އެނޫންވެސް ސިސްޓަމްތައް މެދުވެރިކޮށް ކަސްޓަމްސްއާއެކު ކުރަންޖެހޭ މުއާމަލާތްތައް މެނުއަލްކޮށް ކުރެވިދާނެއެވެ. ސިސްޓަމްތަކަށް ދިމާވި މައްސަލަ ހައްލުވާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި (ކަސްޓަމްސް ބަންދު ދުވަސްތައް ނުހިމަނައި) ކަމާ ގުޅުންހުރި ސެކްށަންތަކުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ސިސްޓަމްތައް އަޕްޑޭޓްކުރަންވާނެއެވެ. އަދި މި ކަންތައްތައް އެ ހިދުމަތްތައް ފޯރުކޮށްދިން ސެކްށަންތައް ހިންގުމާ ހަވާލުވެހުރި އިސްވެރިޔާ ކަށަވަރު ކުރަން ވާނެއެވެ.

 

14 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

ސިސްޓަމްތަކަށް މައްސަލަ ދިމާވެ ހިދުމަތް ނުދެވި ހުއްޓުމަކަށް އަންނަ ހާލަތުގައި، މެނުއަލްކޮށް ހިދުމަތް ދިނުމުގައި ސެކްށަނުން މެނުއަލްކޮށް ކުރާ ހުރިހާ ކަމެއްގެ ރިކޯޑާއި އެއާ ގުޅުންހުރި ލިޔުންތަކާއި، ދިމާވި މައްސަލަ ހައްލުވުމުން ސިސްޓަމުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ސިސްޓަމްތައް އަޕްޑޭޓްކުރެވޭ ގޮތުގެ ލޮގްތަކާއި ރިކޯޑު، ކަމާ ގުޅުންހުރި ސެކްށަނުން ތަރުތީބުކޮށް ބަލަހައްޓަންވާނެއެވެ.

 

15 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން

އުސޫލުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ ނުވަތަ ވަކިކަމެއް މި އުސޫލާ އެއްގޮތަށް ތަންފީޒުކުރުމުގައި ދަތިކަމެއް ދިމާވެއްޖެ ނަމަ، އެ ކަމަކާމެދު ގޮތެއް ނިންމާނީ ކޮމިށަނަރ ޖެނެރަލްގެ އެޑްވައިޒަރީ ބޯޑުންނެވެ.

 

16 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އަންނަނިވި ލަފުޒުތައް މާނަކޮށްފައިވާ ގޮތް ތިރީގައި މިވަނީއެވެ.

(ހ) "ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، އަސިކުޑާ، "ވޯލްޑް ކަސްޓަމްސް"، "ޕޯޓަލް"، "އީ-ކަސްޓަމްސް"، "އީވެލުއޭޓަރ"، "އޮފެންސް މެނޭޖްމެންޓް ސިސްޓަމް"، "އޭޑަބްލިޔޫ ޓެބް" އަދި މިފަދަ އިލެކްޓްރޯނިކް ވަސީލަތްތަކާއި އިންޓެގްރޭޓް ކޮށްފައި ހުންނަ އެހެން އިދާރާތަކުގެ ސޮފްޓްވެއަރތަކާއި މި ނޫނަސް ހިދުމަތް ދިނުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކަށް ނުވަތަ ޕްރޮގުރާމަކަށެވެ.

(ށ) "ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ގުޑްސް ޑިކްލަރޭށަން ނިންމުމާއި، މުދާ ބަލައި ފާސްކޮށް ދޫކުރުމަށް ކުރަންޖެހޭ ކަންކަމަށެވެ.

(ނ) "ހާއްސަ ހާލަތެއް މެދުވެރިވުން" ކަމުގައި ބުނެފައި އެވަނީ، ކަރަންޓު ކެނޑުމާއި، ކަސްޓަމްސްގެ ހިދުމަތް ދިނުމުގެ ނެޓްވާރކްގައި މައްސަލަޖެހުމާއި، ހިދުމަތް ދިނުމުގައި ބޭނުންކުރާ ސިސްޓަމަކަށް މައްސަލައެއް ދިމާވެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތް ދިނުން ހުއްޓުމަކަށް އަންނަ އެނޫންވެސް އެފަދަ ހާލަތެއް މެދުވެރިވުމަށެވެ.

(ރ) "ހާއްސަ ހާލަތު 1" ކަމަށް ބުނެފައި އެވަނީ، ހަމައެކަނި އަސިކުޑާ ވޯލްޑް ޕްރޮގްރާމަށް މައްސަލަ ދިމާވި ނަމަވެސް، އެހެން ސިސްޓަމުތަކުން ނުވަތަ ސިސްޓަމަކުން މުދަލުގެ ގުޑްސް ޑިކްލަރޭށަން ހުށަހަޅައި ފައިސާ ދައްކައިފައިވާކަން ބެލެން ހުންނަ ހާލަތަށް ނުވަތަ ހިދުމަތް ދިނުމަށް ބޭނުންވާ ކަންކަން އެ ސިސްޓަމްތަކުން ނުވަތަ ސިސްޓަމަކުން ކުރެވެން ހުންނަ ހާލަތަށެވެ.

(ބ) "ހާއްސަ ހާލަތު 2" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ދިނުމަށް ބޭނުންކުރާ ހުރިހާ ސިސްޓަމަކަށް މައްސަލަ ދިމާވާ ހާލަތާއި، އެ މުދަލުގެ ގުޑްސް ޑިކްލަރޭށަން ހުށަހަޅައި ފައިސާ ދައްކައިފައިވާކަން އެއްވެސް ސިސްޓަމަކުން ބެލެން ނުހުންނަ ހާލަތަށެވެ. މި ހާލަތުގެ ތެރޭގައި، ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާނުވި ނަމަވެސް، ކަރަންޓް ގޮސްގެން ނުވަތަ ނެޓްވޯކް މައްސަލައެއް ޖެހިގެން ނުވަތަ ކަސްޓަމްސްގެ ސިސްޓަމްތަކާ އިންޓެގްރޭޓްކޮށްފައި ހުންނަ އެހެން އިދާރާތަކުގެ ސިސްޓަމްތަކަށް މައްސަލައެއް ދިމާވެގެން ހިދުމަތް ނުދެވޭ ހާލަތު ހިމެނޭނެއެވެ.

(ޅ) "އެގްޒަމިނޭށަން ސެކްށަން" ކަމަށް ބުނެފައި އެވަނީ، އެ މުދާ ބަލައި ފާސްކުރުމަށް ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ސެކްށަންތަކަށެވެ.

(ކ) "ޑޮކިޔުމެންޓޭށަން ސެކްށަން" ކަމަށް ބުނެފައި އެވަނީ، މުދަލުގެ ގުޑްސް ޑިކްލަރޭށަން ނިންމުމަށް ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ސެކްށަންތަކަށެވެ.

(އ) "އިންފޮރމޭށަން ސިސްޓަމްސް އެންޑް އިންޓެގްރޭށަން ސެކްށަން" ކަމަށް ބުނެފައި އެވަނީ، އިންފޮރމޭށަން ޓެކްނޮލޮޖީއާ ގުޅުންހުރި މަސައްކަތްކުރުމަށް ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ސެކްށަންތަކަށެވެ.

(ވ) "ކޮމިށަނަރ ޖެނެރަލްގެ އެޑްވައިޒަރީ ބޯޑު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ގާނޫނީގޮތުން ހަވާލުކުރެވިފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ތަނުގެ ހާލަތު ދެނެގަނެ، އެކުލަވައިލަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް އެހީތެރިވެދީ، ލަފާދިނުމަށް އުފައްދައިފައިވާ ބޯޑަށެވެ.

 

17 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު (ގާނޫނު ނަންބަރު 2011-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު