-

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2025-24)

(މި އުސޫލަށް އަމަލުކުރަން ފެށީ 16 އޮކްޓޫބަރު 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ނަން ހާމަކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ ށަރުތުތައް

(ހ) ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި ވަގުތީގޮތުން ހިދުމަތް މެދުކަނޑައިލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ފައިސާ ދައްކަން އަންގައިފައިވުމާއި އެ އެންގުމުގެ މުއްދަތު ފާއިތުވެފައިވުން.
  2. ނުދައްކާ ހުރި ފައިސާގެ ޖުމުލަ އަދަދު 10,000 (ދިހަ ހާސް) ދިވެހި ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވުން.

(ށ) ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި ވަގުތީގޮތުން ހިދުމަތް މެދުކަނޑައިލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ފައިސާ ދެއްކުމަށް އަންގާ ލިޔުން އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް ހަވާލުކުރެވިދާނެއެވެ.

  1. ފައިސާ ނުދައްކާ ފަރާތަށް ލިޔުން ހަވާލުކުރުން.
  2. އެ ފަރާތުން ކަސްޓަމްސްއަށް ދީފައިވާ އެޑްރެހަށް ލިޔުން ހަވާލުކުރުން ނުވަތަ ފޮނުވުން.
  3. އެ ފަރާތުގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ކަސްޓަމްސް ޕޯޓަލަށް ލިޔުން ފޮނުވުން.
  4. އެ ފަރާތުން ކަސްޓަމްސްއަށް ދީފައިވާ އީމެއިލް އެޑްރެހަށް ނުވަތަ އެ ފަރާތާ ގުޅޭނެ ފޯނު ނަންބަރުކަމަށް ކަސްޓަމްސްއަށް ދީފައިވާ ފޯނު ނަންބަރަށް ލިޔުން ފޮނުވުން.
  5. އެ ފަރާތުގެ ދާއިމީ އެޑްރެހަށް ލިޔުން ޕޯސްޓުކުރުން.

 

4 ވަނަ މާއްދާ - ހާމަކުރެވޭ މައުލޫމާތު

މި އުސޫލުގެ ދަށުން ހާމަކުރާނީ އަންނަނިވި މައުލޫމާތެވެ.

(ހ) ފައިސާ ދައްކަންޖެހޭ ފަރާތުގެ ފުރިހަމަ ނަން.

(ށ) ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ރަޖިސްޓަރީ ނަންބަރު (އަމިއްލަ ފަރުދެއް ނަމަ، އެ ފަރާތުގެ ނަމާއި ދާއިމީ އެޑްރެސް).

(ނ) ވިޔަފާރި ރަޖިސްޓަރީ ނަންބަރު (ގާނޫނީ ށަހްސެއް ނަމަ، އެ ފަރާތުގެ ރަޖިސްޓަރީ ނަންބަރު).

(ރ) ނަން ހާމަކުރާއިރު އެހައިތަނަށް ނުދައްކައި އޮތް ފައިސާގެ އަދަދު.

(ބ) ފައިސާގެ ބާވަތް / ފައިސާ ދައްކަންޖެހޭ ސަބަބު.

 

5 ވަނަ މާއްދާ - ނަން ހާމަކުރެވޭނެ މަރުހަލާތަކާއި މުއްދަތު

(ހ) މި އުސޫލުގެ ދަށުން ނަން ހާމަކުރެވޭނެ މަރުހަލާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ކަސްޓަމްސްގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށް ށާއިއުކުރުން.
  2. ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމާއެކު، ކަސްޓަމްސްގެ ރަސްމީ ސޯށަލްމީޑިއާ ޕްލެޓްފޯމުތަކުގައި އިއުލާނުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއް މަރުހަލާއިން އަނެއް މަރުހަލާއަށް އަންނާނީ އެ މަރުހަލާއެއްގައި މަދުވެގެން 15 (ފަނަރަ) ދުވަސް ފާއިތުވުމުންނެވެ.

(ނ) ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން، މަދުވެގެން ކޮންމެ 2 (ދޭއް) މަހަކުން 1 (އެކެއް) ފަހަރު އާންމުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ނަން ހާމަކޮށްފައިވާ ފަރާތަކުން ފައިސާ ދެއްކުން

މި އުސޫލުގެ ދަށުން ނަން ހާމަކޮށްފައިވާ ފަރާތަކުން އެ ފަރާތުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދައްކައިފި ނަމަ، ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާމެދު ކަސްޓަމްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި ނަމަ، އެ ފަރާތުގެ ނަން އުނިކުރެވޭނެއެވެ. ނަމަވެސް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، އެ ފަރާތެއްގެ ނަން އެ ލިސްޓުން އުނިއެއް ނުކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - ނަން ހާމަކުރުމަށް އިސްތިސްނާވާ ފަރާތްތައް

އަންނަނިވި ފަރާތްތައް މި އުސޫލުގެ ދަށުން ނަން ހާމަކުރުމުން އިސްތިސްނާވާނެއެވެ.

(ހ) ކަސްޓަމްސްއަށް ފައިސާ ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ދެއްކުމަށް އެއްބަސްވެ، އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން އަންނަ ފަރާތްތައް.

(ށ) ދައުލަތުގެ އިދާރާތައް.

(ނ) ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތައް.

(ރ) ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ހިނގަމުންދާ ޕްރޮޖެކްޓް ހިންގާ ފަރާތް.

(ބ) ނިޔާވެފައިވާ ފަރާތްތައް / ދުނިޔޭގައި ނެތް ފަރާތްތައް.

 

8 ވަނަ މާއްދާ - ސްޓިއަރިންގ ކޮމިޓީ

މި އުސޫލުގެ ދަށުން، 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިންގ ކޮމިޓީއެއް، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އެކުލަވައިލަންވާނެއެވެ. ސްޓިއަރިންގ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) އުސޫލުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުމުގައި ލަފާދިނުން.

(ށ) އުސޫލުގެ ދަށުން ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުން.

(ނ) އުސޫލުގެ ދަށުން ހުށަހެޅޭ ށަކުވާތައް ބަލައި ގޮތެއް ކަނޑައެޅުން.

 

9 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ނަން ހާމަކުރެވޭ ފަރާތުން އެއްވެސް ށަކުވާއެއް ހުށަހަޅަން ބޭނުންވެއްޖެ ނަމަ، ނަން ހާމަކުރާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ ށަކުވާއެއް ސްޓިއަރިންގ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހެޅޭ ށަކުވާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެއެވެ.

(ށ) މި އުސޫލުގެ ދަށުން ށަކުވާއެއް ހުށަހަޅައިފިނަމަ، އެ ފަރާތުގެ ނަން ދިވެހި ސަރުކާރުގެ ގެޒެޓުގައި ހާމަކުރާނީ އެ ށަކުވާއާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން ހުށަހެޅޭ ށަކުވާތައް ބަލައެއްނުގަނެވޭނެއެވެ.

 

10 ވަނަ މާއްދާ - މުއްދަތު ގުނުން

މި އުސޫލުގެ ދަށުން މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ.

 

11 ވަނަ މާއްދާ - ނަން ހާމަކުރުމާ ގުޅޭ ފަރާތް

މި އުސޫލު ތަންފީޒުކޮށް މި އުސޫލުގެ ދަށުން ނަން ހާމަކުރުމާ ގުޅޭ ކަންކަން ހިންގައި ކަންކަން ބަލަހައްޓާނެ ބަލަހައްޓާނީ ކަސްޓަމްސްގެ ފައިސާއާބެހޭ ކަންކަން ބަލަހައްޓާ ސެކްށަނުންނެވެ.

 

12 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ފައިސާ ނުދައްކާ ފަރާތްތައް

(ހ) މި އުސޫލަށް އަމަލުކުރަން ފަށާއިރު ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި، ފެށުމުގެ ކުރިން ފައިސާ ވަގުތީގޮތުން ހިދުމަތް މެދުކަނޑައިލުމުގައި އަމަލުކުރާ އުސޫލާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތައް ދެއްކުމަށް ލިޔުމުން މުއާމަލާތްކޮށްފައިވާ ފަރާތްތައް އެއީ މި އުސޫލުގެ ބޭނުމަށް ނޯޓިސް ދެވިފައިވާ ފަރާތްތައް ކަމުގައި ބަލައި އެ ފަރާތްތަކުގެ ނަންތައް، މި އުސޫލުގެ ދަށުން ނެރޭ ފުރަތަމަ ލިސްޓުގައި ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ފުރަތަމަ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކަސްޓަމްސްގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް

މި އުސޫލުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ، ނުވަތަ ވަކި ކަމެއް މި އުސޫލާ އެއްގޮތަށް

ދިމާވުން ތަންފީޒުކުރުމުގައި ދަތިކަމެއް ދިމާވެއްޖެ ނަމަ، އެ ކަމަކާމެދު ގޮތެއް ނިންމާނީ ކޮމިށަނަރ ޖެނެރަލްގެ އެޑްވައިޒަރީ ބޯޑުންނެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

(ހ) "ކަސްޓަމްސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" އަށެވެ.

ށ) "ކޮމިށަނަރ ޖެނެރަލްގެ އެޑްވައިޒަރީ ބޯޑު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ގާނޫނީގޮތުން ހަވާލުކުރެވިފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ތަނުގެ ހާލަތު ދެނެގަނެ، އެކުލަވައިލަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް އެހީތެރިވެދީ، ލަފާދިނުމަށް އުފައްދައިފައިވާ ބޯޑަށެވެ.

 

15 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު (ގާނޫނު ނަންބަރު 2011-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު