ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު
(ގާނޫނު ނަންބަރު 2015-30)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަދި ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ކުރިއަރުވައި، ޒަމާނީ ފެންވަރުގައި ދިވެހިރާއްޖޭގައި ގައުމީ ކުޅިވަރު މަޖިލީހާއި މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގާއިމުކޮށް ރެގިއުލޭޓްކޮށް، ގައުމީ ކުޅިވަރު އެސޯސިއޭށަންތަކާއި ފެޑެރޭށަންތައް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ލިބިދޭ ބާރުތައް ބަޔާންކުރާ ގާނޫނެވެ. އަދި މި ގާނޫނަކީ ބައިނަލްއަގްވާމީ އަދި ގައުމީ އަދި ރަށު ފެންވަރުގައި ވާދަވެރި ކުޅިވަރާއި ސަގާފީ ކުޅިވަރުތައް ކުރިއަރުވައި، އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދީ، އެކަންކަމުގެ ތެރެއިން އެންމެންގެ ބައިވެރިވުމުން މުޅި ގައުމު ތަރައްގީކުރުމަށާއި އަދި ހުރިހާ އުމުރުފުރާގެ މީހުންގެ އާންމު ދިރިއުޅުން މުއްސަނދި ކުރުވުމަށް މަގުފަހި ކުރުވުމަށް ބޭނުންވާ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކޮށް ތަރުތީބުކުރާ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު" އެވެ.
2 ވަނަ މާއްދާ - މި ގާނޫނުގެ މަގްސަދުތައް
މި ގާނޫނުގެ މަގްސަދުތައް ތިރީގައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި ކުޅޭ ކުޅިވަރުތަކާއި ހިންގާ ސަގާފީ ހަރަކާތްތައް ހިންގުމުގައި ގައުމީ އަދި ރަށު ފެންވަރުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ މީހުންނަށްމެ ބައިވެރިވެވޭ ކުޅިވަރާއި ހަރަކާތްތައް ކަމުގައި ކަށަވަރުކޮށް، ކުޅިވަރުގެ ދާއިރާގެ ހުރިހާ ހަރަކާތެއް ރެގިއުލޭޓްކުރުމާއި، މި ދާއިރާގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައިވާ ފަރަގު ކުޅިވަރު މެދުވެރިކޮށް ކުޑަކުރުން؛
(ށ) ގައުމީ އަދި ރަށު ފެންވަރުގައި ފަގީރުކަމާއި އިޖްތިމާއީ މައްސަލަތަކުންނާއި އާންމު ބަލިމަޑުކަމުން ގައުމު ސަލާމަތްކޮށް، ކުޅިވަރު މެދުވެރިކޮށް ދުޅަހެޔޮ ސިއްހަތު ކުރިއެރުވުން؛
(ނ) ޒުވާނުންނަށް ކުޅިވަރުގައި ބައިވެރިވުމަށް އޮންނަ ފުރުސަތު އިތުރަށް ފުޅާކުރުމާއި ކުޑަކުދިންނާއި ޒުވާނުން އިތުރަށް ބާރުވެރިކުރުވައި، ތަރައްގީކޮށް، ކުޅިވަރުގެ ރިވެތި އުސޫލުތައް އުނގަންނައިދިނުން؛
(ރ) ދިވެހިރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގައި ބައިވެރިވުމަށް އޮންނަ ފުރުސަތު ފުޅާކުރުމާއި ކުޅިވަރުގެ ދާއިރާގައި މި ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން؛
(ބ) މުޖްތަމައުގައި ދިމާވާ އެކިއެކި ހަމަނުޖެހުމާއި ޖިނާއީ ކުށްކުރުން ކުޅިވަރު މެދުވެރިކޮށް މަދުކުރުވޭނެ ސިޔާސަތު ކަނޑައެޅުމަށާއި ކުޅިވަރުގެ އެކިއެކި ކަންތައްތައް ހިންގައި ކުރިއެރުވުމަށް ދިވެހިސަރުކާރަށް ލާޒިމުކޮށް ބާރުވެރިކުރުވުން؛
(ޅ) ގައުމީ އަދި ރަށު ފެންވަރުގައި އިޖްތިމާއީ ހަމަޖެހުމާއި ތަރައްގީ ހާސިލުކޮށް، މުޖްތަމައުގެ ތެރޭގައި ހާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުގެ ހާލަތު ކުޅިވަރު މެދުވެރިކޮށް ކުރިއެރުވުން؛
(ކ) ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާގައި ކޮރަޕްށަންގެ އަމަލުތަކާ ކޮރަޕްށަނަށް މަގުފަހިވާނެ ހާލަތްތައް ހުއްޓުވުން؛
(އ) ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާއަކީ މަނާ ބޭސް ބޭނުން ނުކުރާ ދާއިރާއެއް ކަމުގައި ހެދުން؛
(ވ) ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ސިއްހީ އިންށުއަރެންސް ފުރިހަމައަށް ލިބޭނެ މަގު ފަހިކުރުން؛
(މ) ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް ގާނޫނީ ހިމާޔަތްތެރިކަން ފޯރުކޮށްދިނުން؛
(ފ) ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފެއަރ ޕްލޭގެ އުސޫލުތައް ނަގަހައްޓައި ކުރިއެރުވުން؛
(ދ) މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާއި، މި ގާނޫނުން ބާރުލިބިގެން އަޅާ ފިޔަވަޅުތަކާއި، މި ގާނޫނުން ބާރުލިބިގެން ހެދޭ އެކިއެކި ގަވާއިދުތަކުގެ ދަށުން އެޅޭ ފިޔަވަޅުތަކަކީ އިންޓަނޭށަނަލް އޮލިމްޕިކް ކޮމިޓީގެ ޗާޓަރާއި، އިންޓަނޭށަނަލް ޕެރެލިމްޕިކް ކޮމިޓީގެ ޗާޓަރާއި އިންޓަނޭށަނަލް ސްޕޯޓްސް ފެޑެރޭށަންތަކުގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާގޮތަށް ކަމުގައާއި، ގައުމީ ކުޅިވަރު އެސޯސިއޭށަންތަކާއި ފެޑެރޭށަންތަކުގެ އަސާސީ ގަވާއިދުތައް އެކުލަވާލެވިފައިވަނީ ބައިނަލްއަގްވާމީ ކުޅިވަރު ގާނޫނުތަކާއި ގަވާއިދުތަކާ ފުށުނާރާ ގޮތަށްކަން ކަށަވަރުކުރުން.
(ތ) އިސްލާމީ ރިވެތި އުސޫލުތަކާއި މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުޅިވަރުތައް ކުރިއަރުވައި ތަރައްގީކުރުން.
3 ވަނަ މާއްދާ – ތަފާތުނުކުރުން
ދިވެހިރާއްޖޭގައި ކުޅޭ އެއްވެސް ކުޅިވަރެއް ކުޅުމުގައި ނުވަތަ އެއްވެސް ސަގާފީ ހަރަކާތެއް ހިންގުމުގައި ޖިންސު، ގައުމު، ނަސްލު، އުމުރު ނުވަތަ ސިއްހީ ހާލަތުގެ މައްޗަށް ބިނާކޮށް ތަފާތުކޮށްގެން ނުވާނެއެވެ. އެކަށީގެންވާ މިންގަނޑުން، ކޮންމެ މީހަކަށްމެ ދިވެހިރާއްޖޭގައި ކުޅޭ ކޮންމެ ކުޅިވަރެއްގައިމެ ނުވަތަ ކޮންމެ ސަގާފީ ހަރަކާތެއްގައިމެ ބައިވެރިވުމުގެ ފުރުސަތު ލިބިގެންވެއެވެ. ނަމަވެސް މި މާއްދާގެ ބޭނުމަށް:
(ހ) ވަކިވަކި މުބާރާތްތަކާއި ވަކިވަކި ކުޅިވަރުގެ އާންމު ގަވާއިދުގައިވާ ގޮތުގެމަތިން ވަކިވަކި ޓީމުތަކުގައި ނުވަތަ މުބާރާތްތަކުގައި ބައިވެރިވެވޭނީ ވަކި އުމުރު ފުރާއެއްގެ ނުވަތަ ގައުމެއްގެ ނުވަތަ ޖިންސެއްގެ ބައެއްކަމުގައި ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. އަދި؛
(ށ) ދިވެހިރާއްޖޭގައި އަންހެނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގައި ބައިވެރިވުމަށް އޮންނަ ފުރުސަތު ފުޅާކުރުމަށާއި، މުޖްތަމައުގެ ތެރޭގައި ހާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުގެ ހާލަތު ކުޅިވަރު މެދުވެރިކޮށް ކުރިއެރުވުމަށާއި، ކުޅިވަރުގެ ދާއިރާގައި މި ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެފަރާތްތަކަށް ހާއްސަކޮށް އަމާޒުކޮށްގެން އެކިއެކި ހަރަކާތްތައް ހިންގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. އަދި މިނޫނަސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މި މާއްދާ ހުރަސްނާޅާ އިތުރު އިސްތިސްނާ ހާލަތްތައް ކަނޑައެޅުމުގެ ބާރު ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިގެންވެއެވެ.
4 ވަނަ މާއްދާ - ކުޅިވަރު ބެހިގެންވާ ބައިތައް
- މި ގާނޫނުގެ ބޭނުމަށް ކުޅިވަރު ބެހިގެންވަނީ އަންނަނިވި ބައިތަކަށެވެ.
- ޓީމެއްގެ ސިފައިގައި ވާދަކުރާ ކުޅިވަރުތައް؛
- ވަކިވަކި ފަރުދުންގެ ގޮތުގައި ވާދަކުރާ ކުޅިވަރުތައް؛
- ކުޅިވަރު ތެރޭގައި ހިމެނޭ ސަގާފީ ހަރަކާތްތައް.
(ށ) މި މާއްދާގެ (ހ) ގައިވާ ކުޅިވަރު ބައިތަކުގެ ދަށުން ހިމެނޭ ކުޅިވަރުތައް ކަނޑައަޅާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަށްވަރާއާއެކު ކުޅިވަރާބެހޭ ގައުމީ މަޖިލީހުންނެވެ.
5 ވަނަ މާއްދާ – ރަޖިސްޓަރީކުރުން
(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ އެއްވެސް ކުޅިވަރެއް ނުވަތަ ހަރަކާތެއްމެ ވާދަވެރި އުސޫލުން ހިންގޭނީ ނުވަތަ މިއިން އެއްވެސް ކުޅިވަރެއް ނުވަތަ ހަރަކާތަކަށް ނިސްބަތްވާ ކްލަބް ނުވަތަ ޓީމު ނުވަތަ އެފަދަ ޖަމްއިއްޔާއެއް ގާއިމުކޮށް ހިންގޭނީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިގެންނެވެ. އެގޮތުން އަންނަނިވި ބާވަތްތަކުގެ ރަޖިސްޓަރީ ދޫކުރުމުގެ ބާރު ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލިބިގެންވެއެވެ.
- ގައުމީ ކުޅިވަރު ފެޑެރޭށަން؛
- ކުޅިވަރު އެސޯސިއޭށަން؛
- ވަކި ކުޅިވަރަކަށް ހާއްސަ ނޫން، ކުޅިވަރު ކްލަބް؛
- ވަކި ކުޅިވަރަކަށް ހާއްސަ ކުޅިވަރު ކްލަބް؛
- ސަގާފީ ކުޅިވަރު ހަރަކާތުގެ ކްލަބް؛
- ވަކި ކުޅިވަރަކަށް ހާއްސަ ކުޅިވަރު މުބާރާތް؛
- ގިނަ ކުޅިވަރުތައް ހިމެނޭ ކުޅިވަރު މުބާރާތް.
(ށ) މި މާއްދާގެ ދަށުން ރަޖިސްޓަރީ ކުރެވޭ ކްލަބްތަކާއި ޖަމްއިއްޔާތަކާއި އަދި މުބާރާތްތައް ރަޖިސްޓަރީކުރުމަށް ބޭނުންވާނެ ލިޔެކިޔުން ކަނޑައެޅުމާއި ރަޖިސްޓަރީ ކުރުމުގެ ށަރުތުތައް ކަނޑައެޅުމުގެ ބާރު ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލިބިގެންވެއެވެ.
ރަޖިސްޓަރީ ކުރުމުން ލިބޭ އިސްތިސްނާ
(ނ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި ވީނަމަވެސް، އެކިއެކި އިޖްތިމާއީ ކަންކަން ފާހަގަކުރުމުގެ ގޮތުން ރާވައި ހިންގާ ކުޅިވަރު މުބާރާތްތަކާއި، ދިވެހިރާއްޖޭގެ ސްކޫލުތަކާއި އެފަދަ ތައުލީމީ މަރުކަޒުތަކުން، އެފަރާތުގެ މަންހަޖުގެ ތެރެއިން ނުވަތަ އެނޫނަސް، ރާވައި ހިންގޭ އެކިއެކި މުބާރާތްތަކާއި ގައުމީ އެކިއެކި މުނާސަބާ ފާހަގަކުރުމަށް ރާވައި ހިންގޭ ކުޅިވަރު މުބާރާތްތައް ބޭއްވުމަކަށް، އެއްވެސް މީހަކަށް ވިޔަސް ނުވަތަ ޖަމްއިއްޔާއަކަށް ވިޔަސް މި މާއްދާ ހުރަހެއް ނާޅައެވެ.
ގަވާއިދު ހެދުން
(ރ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ދިވެހިރާއްޖޭގައި ހިންގާ އެކިއެކި ކްލަބްތަކާއި އެސޯސިއޭށަންތައް ހިންގާނެ ގޮތުގެ އުސޫލުތަކާއި، ދިވެހިރާއްޖޭގައި ރާވައި ހިންގޭ އެކިއެކި ކުޅިވަރު މުބާރާތްތައް ބޭއްވޭނެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅުމުގެ ބާރު ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިގެންވެއެވެ.
އިންތިގާލީ ކަންތައްތައް
(ބ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން ގާނޫނު ނަންބަރު 1/2003 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުޅިވަރު ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ކްލަބްފަދަ ތަންތަން، އެތަންތަނުގެ އަލަށް އިންތިހާބު ކުރެވޭ ހިންގާ ކޮމިޓީތައް އިންތިހާބު ކުރެވޭ ތާރީހުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ބ) ގައި ބަޔާންކުރާ އިންތިގާލީ މުއްދަތުގެ ތެރޭގައި ގާނޫނު ނަންބަރު 1/2003 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުޅިވަރު ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ކްލަބްތަކަށް މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ކުޅިވަރެއްގައި ނުވަތަ ހަރަކާތެއްގައި ބައިވެރިވެވިދާނެއެވެ.
ދެވަނަ ބާބު
ކޮމިށަނަރ އޮފް ސްޕޯޓްސް
6 ވަނަ މާއްދާ - ކޮމިށަނަރ އޮފް ސްޕޯޓްސް
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އަދި ކުޅިވަރާބެހޭ މިނިސްޓަރާއި ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ އިރުށާދާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތަކީ ކޮމިށަނަރ އޮފް ސްޕޯޓްސްއެވެ.
(ށ) ކޮމިށަނަރ އޮފް ސްޕޯޓްސް އައްޔަންކުރާނީ، ކުޅިވަރާބެހޭ މިނިސްޓަރާއި ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ލަފަޔާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން،
މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކޮމިށަނަރ އޮފް ސްޕޯޓްސްގެ މަގާމަށް މީހަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
(ނ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލިބިދޭ ބާރުތަކުގެ ބޭނުންހިފާގޮތާ ބެހޭގޮތުންނާއި މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ކުޅިވަރާބެހޭ މިނިސްޓަރަށާއި ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ޖަވާބުދާރީވާންޖެހޭނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލިބިދޭ ބާރުތަކުގެ ބޭނުން ހިފާގޮތާއި، ކޮމިށަނަރ އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތު އަދާކުރާނެ ގޮތުގެ އުސޫލުތަކާއި ސުލޫކީ މިންގަނޑު ކަނޑައެޅުމުގެ ބާރު ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - ކޮމިށަނަރ އޮފް ސްޕޯޓްސްގެ ށަރުތުތައް
ކޮމިށަނަރ އޮފް ސްޕޯޓްސްގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ބުއްދި ސަލާމަތުންހުރި ދިވެހިރައްޔިތެއް ކަމުގައިވުން؛
(ށ) ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން؛
(ނ) ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއްގައިވާ ފަރާތެއް ކަމުގައި ނުވުމާއި، ސަރުކާރުގެ އެއްވެސް ސިޔާސީ މަގާމެއްގައިހުރި ފަރާތެއް ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ ހިންގުމުގެ މަގާމެއްގައި އުޅޭ މީހެއް ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، އިންތިހާބު ކުރެވޭ އެއްވެސް މަގާމެއްގައިވާ ފަރާތެއް ކަމުގައި ނުވުން؛
(ރ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ކުޅިވަރު ކްލަބެއްގެ މެންބަރަކަށް ނުވަތަ ކުޅުންތެރިއަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ކުޅިވަރު ކްލަބެއްގެ މަގާމެއް ފުރަމުންގެންދާ ފަރާތަކަށް ނުވުން؛
(ބ) ދިވެހިރާއްޖޭގައި އިޖްތިމާއީ އަދި ގައުމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާގައި އަމަލީގޮތުން ކުޅެ/އުޅެ ހަރަކާތްތެރިވެ އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
8 ވަނަ މާއްދާ - ކޮމިށަނަރ އޮފް ސްޕޯޓްސްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް
ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަށްވަރާގެ މަތިން ކޮމިށަނަރ އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ފަރުދުންނާއި ކްލަބް ޖަމްއިއްޔާތަކާއި އެތަންތަނުގެ މެންބަރުންގެ ދަފްތަރު އޭގެ އެންމެ ފަހުގެ މައުލޫމާތާއެކު ބެލެހެއްޓުމާއި، ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާމެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތީން ފިޔަވަޅު އެޅުން؛
(ށ) ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމްއިއްޔާ އަދި އެސޯސިއޭށަންތައް ރަޖިސްޓަރީ ކުރުމާއި އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވެ، ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާމެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތީން ފިޔަވަޅު އެޅުން؛
(ނ) ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމްއިއްޔާ އަދި އެސޯސިއޭށަންގެ އަސާސީ އަދި ހިންގާ ގަވާއިދާ އެފަރާތުން ހިލާފުވެއްޖެނަމަ މި ގާނޫނުގެ ދަށުން އެފަރާތްތަކާމެދު ފިޔަވަޅު އެޅުން؛
(ރ) ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރާބެހޭ ސިޔާސަތު ކަނޑައެޅުމުގައި ކުޅިވަރާބެހޭ މިނިސްޓަރަށް ލަފާ އެރުވުން؛
(ބ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ކުޅިވަރު އެކިއެކި މުބާރާތްތަކުގައި ސަލާމަތީ އަދި ރައްކާތެރިކަން އެންމެ އެކަށީގެންވާ މިންވަރަށް ރޭވިފައިވޭތޯ ބަލައި ރެގިއުލޭޓް ކުރުން؛
(ޅ) އަދި މިނޫނަސް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކޮމިށަނަރ އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތުކަމަށް ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ބަޔާންކޮށްފައިވާ ކަންކަން ކުރުން.
9 ވަނަ މާއްދާ - ކޮމިށަނަރ އޮފް ސްޕޯޓްސްގެ މަގާމުގެ މުއްދަތު
މި ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން އައްޔަންކުރެވޭ ކޮމިށަނަރ އޮފް ސްޕޯޓްސްގެ މަގާމުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރު ދުވަހެވެ.
10 ވަނަ މާއްދާ - ކޮމިށަނަރ އޮފް ސްޕޯޓްސްގެ މަގާމު ހުސްވުން
މި ގާނޫނުގެ ދަށުން އައްޔަންކުރެވޭ ކޮމިށަނަރ އޮފް ސްޕޯޓްސް އައްޔަންކުރުމަށްފަހު، އެއްވެސް ސަބަބަކާހުރެ މި މަގާމު ހުސްވެފައިވާނަމަ، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެހެން ފަރާތެއް ކޮމިށަނަރ އޮފް ސްޕޯޓްސަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ. އަދި އެ މަގާމަށް މީހަކު އައްޔަންކުރެވެންދެން ވަގުތީ ގޮތުން ކޮމިށަނަރ އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތުތައް އަދާކުރާނީ ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން، އެއިން މެންބަރުން ކުރެ މެންބަރެކެވެ.
11 ވަނަ މާއްދާ - ކޮމިށަނަރ އޮފް ސްޕޯޓްސް އިސްތިއުފާދިނުން
ކޮމިށަނަރ އޮފް ސްޕޯޓްސްގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މަގާމުން އެފަރާތް އިސްތިއުފާ ދީފިކަމުގައި ބަލަންޖެހޭނެއެވެ.
ތިންވަނަ ބާބު
ކުޅިވަރާބެހޭ ގައުމީ މަޖިލިސް
12 ވަނަ މާއްދާ - ކުޅިވަރާބެހޭ ގައުމީ މަޖިލިސް އުފެއްދުން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ނ) ގެ ދަށުން އައްޔަންކުރެވޭ ފަރާތްތައް ހިމެނޭ ގޮތަށް، ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ނަމުގައި ކުޅިވަރާބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާނެ މަޖިލީހެއް ކުޅިވަރާބެހޭ ވަޒީރު އެކުލަވާލައި ގާއިމުކުރަންވާނެއެވެ.
(ށ) ކުޅިވަރާބެހޭ ގައުމީ މަޖިލިސް އިދާރީ ގޮތުން ހިނގާނީ ކުޅިވަރާބެހޭ ވުޒާރާގެ ބައެއްގެ ގޮތުގައެވެ.
(ނ) ކުޅިވަރާބެހޭ ގައުމީ މަޖިލިސް އެކުލެވިގެންވަނީ އަންނަނިވި 11 (އެގާރަ) މެންބަރުންގެ މައްޗަށެވެ.
- ކުޅިވަރާބެހޭ ވުޒާރާއިން މިނިސްޓަރު އައްޔަންކުރާ 2 (ދޭއް) މެންބަރުން؛
- މިނިސްޓަރު އައްޔަންކުރާ 2 (ދޭއް) އަންހެން މެންބަރުން؛
- އެޑިއުކޭށަން މިނިސްޓްރީ ތަމްސީލުކުރުމަށް މިނިސްޓަރު އައްޔަންކުރާ 1
(އެކެއް) މެންބަރު؛ - މިނިސްޓަރު އައްޔަންކުރާ 1 (އެކެއް) ގާނޫނީ ވަކީލު؛
- ގައުމީ ކުޅިވަރު އެސޯސިއޭށަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލުކުރުމަށް 2 (ދޭއް) މެންބަރުން އަދި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލުކުރުމަށް 2 (ދޭއް) މެންބަރުން؛
- މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ 1 (އެކެއް) މެންބަރު.
(ރ) މި މާއްދާގެ ދަށުން އައްޔަންކުރެވޭ ކައުންސިލް މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ބުއްދި ސަލާމަތުންހުރި ދިވެހިރައްޔިތެއް ކަމުގައިވުން؛
- ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން؛
- ދިވެހިރާއްޖޭގައި އިޖްތިމާއީ އަދި ގައުމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާގައި އަމަލީގޮތުން ހަރަކާތްތެރިވެ އެކަށީގެންވާ ތައުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން؛
- މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ގައުމީ ކުޅިވަރު އެސޯސިއޭށަނެއްގެ ނުވަތަ ފެޑެރޭށަނެއްގެ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގައި ހިމެނޭ މެންބަރެއް ކަމުގައިނުވުން.
13 ވަނަ މާއްދާ - ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް
ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) ދިވެހިރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ދިވެހިން ކުޅިވަރުގައި ބައިވެރިކުރުވުމާއި، ކުޅިވަރުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރުދީ ބާރުއެޅުން؛
(ށ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ހިންގާ ކުޅިވަރު އެސޯސިއޭށަންތައް ހިންގަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތައްތޯ ބެލުމާއި، މިފަރާތްތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފަހިކޮށްދިނުން؛
(ނ) ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކާއި ފެސްޓިވަލްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ފޮނުވޭ ކުޅުންތެރިންގައި ހުންނަންޖެހޭ ށަރުތުތަކާއި، އެފަދަ މުބާރާތެއްގައި ބައިވެރިވާ މީހުން ފުރިހަމަކުރަންޖެހޭ ށަރުތުތައް ކަނޑައެޅުމުގައި މިނިސްޓަރަށް ލަފަޔާއި މަށްވަރާދިނުން؛
(ރ) ކުޅިވަރުގެ ޖަމްއިއްޔާތަކުގެ މެންބަރުންނާއި، އެ ޖަމްއިއްޔާތަކާ ގުޅިގެން ކުޅިވަރުކުޅޭ ކުޅުންތެރިންނާއި، އެކިއެކި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންގެ ސުލޫކީ މިންގަނޑުތައް އެކަށައެޅުމުގައި މިނިސްޓަރަށް ލަފަޔާއި މަށްވަރާދިނުން؛
(ބ) ކުޅިވަރުގެ ގައުމީ ޖަމްއިއްޔާތަކާ ބެހޭގޮތުން އެ ޖަމްއިއްޔާތަކުގެ މެންބަރުން ނުވަތަ ޖަމްއިއްޔާތަކާ ގުޅިގެން ކުޅިވަރުކުޅޭ ކުޅުންތެރިންނާ ބެހޭގޮތުން ހުށަހެޅޭ މައްސަލައެއް އެ މައްސަލައެއް ހުށަހެޅުނު ފަރާތުން އިދާރީގޮތުން ނިންމިގޮތާމެދު ހިތްހަމަ ނުޖެހިގެން ހުށަހެޅޭ މައްސަލަތައް އިސްތިއުނާފުކޮށް، އެކަމާ ބެހޭގޮތުން އިދާރީ ފިޔަވަޅު އެޅުން؛
(ޅ) އިޖްތިމާއީ ތަރައްގީއަށްޓަކައި ކުޅިވަރުގެ ރޮނގުން އެކިއެކި ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ހިތްވަރުދީ، އެފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާނެ މާލީ އަދި ފަންނީ އެހީ ފަހިކޮށްދިނުން؛
(ކ) އާންމުކޮށް ކުޅިވަރުކުޅޭ ހުރިހާ މީހުންނަށް، ހާއްސަކޮށް ކުޅިވަރުގެ ރޮނގުން ކުރިއަށް ދިއުމަށް ބޭނުންވާ މީހުންނަށް ކުޅިވަރު ކުޅޭ ތަންތަން ހެޔޮގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުން؛
(އ) ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ދެމެހެއްޓުމަށްޓަކައި، ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ލިބެންހުރި ފުރުސަތުތަކާއި އެހީތައް ހޯދައި، އެ ފުރުސަތުތަކާއި އެހީ، ދިވެހިރާއްޖޭގެ ކުޅިވަރަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރެވޭނެ އިންތިޒާމު ރާވައި ހަމަޖެއްސުން؛
(ވ) ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރާބެހޭ ސިޔާސަތު ކަނޑައެޅުމުގައި ކުޅިވަރާބެހޭ މިނިސްޓަރަށް ލަފާ އެރުވުން؛
(މ) ގައުމީ ކުޅިވަރު އިނާމު ދިނުމުގައި ބެލެވޭ ކަންތައްތަކާއި ވަނަވަނައަށްދާ ފަރާތްތައް މިނެކިރޭ އުސޫލުތަކާ ބެހޭގޮތުން ކުޅިވަރާބެހޭ ވަޒީރަށް ލަފާ އެރުވުމާއި، ކުރިއަށް އޮތް އަހަރުގެ ދިވެހިސަރުކާރުގެ ނުވަތަ ދައުލަތުގެ އަހަރީ ބަޖެޓުގައި ކުޅިވަރަށް ކުރުމަށް ނިންމާފައިވާ ހޭދައާ ބެހޭގޮތުން މާލީ ވަޒީރަށް ލަފާ އެރުވުން؛
(ފ) ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތައް ކުރިއަރުވައި، ދާއިރާއަށް ވަންނަން އޮންނަ ފުރުސަތު ފަހިކުރުމާއި، ދޭދޭ ގައުމުތަކުގެ މެދުގައި ދިވެހިރާއްޖެއިން ބާއްވާ ބައިނަލްއަގްވާމީ އަދި ސަރަހައްދީ ގުޅުންތައް ކުޅިވަރު މެދުވެރިކޮށް ބަދަހިކުރުމާއި، ޒުވާނުންނާއި އާންމުންގެ މެދުގައި ލައިފް ސްކިލްސް އަދި ކުޅިވަރު މެދުވެރިކޮށް އިޖްތިމާއީ ޒިންމާ އާލާކޮށް ދިރުވާނެ ގައުމީ ކުޅިވަރު ސިޔާސަތު އެކުލަވާލުން؛
(ދ) ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމްއިއްޔާ އަދި އެސޯސިއޭށަންގެ އަސާސީ އަދި ހިންގާ ގަވާއިދާ އެފަރާތުން ހިލާފުވެއްޖެނަމަ މި ގާނޫނުގެ ދަށުން އެފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލަފާ ދިނުން؛
(ތ) މޯލްޑިވްސް ނޭށަނަލް ސްޕޯޓްސް އިންސްޓިޓިއުޓްގެ އެންމެހައި ކަންތައްތައް ވިލަރެސްކޮށް ހިންގުން؛
(ލ) ދިވެހިރާއްޖޭގެ ކުޅިވަރު މައިދާނުގައި އުފެދޭ ދެބަސްވުންތައް ހައްލުކުރުމަށްޓަކައި އާބިޓްރޭށަން ޕެނަލްއެއް އެކުލަވާލުމާއި އާބިޓްރޭށަންގައި ބޭނުންކުރާނެ ގަވާއިދުތަކާއި އުސޫލުތައް ހަދައި އެކަމަށް މަގުފަހިކޮށްދިނުން؛
(ގ) ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން އެކަށައަޅަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކަށައަޅައި ހިންގުން؛
(ޏ) ކޮމިށަނަރ އޮފް ސްޕޯޓްސް އެފަރާތުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރަމުން ދަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ކަމުގައި ނުވާނަމަ، އެކަމެއް އިސްލާހުކުރުމަށް ކޮމިށަނަރ އޮފް ސްޕޯޓްސްއަށް އިލްތިމާސްކުރުމާއި، މިފަދައިން ކުރެވޭ އިލްތިމާސަށް ކޮމިށަނަރ އޮފް ސްޕޯޓްސް އަމަލުނުކޮށްފިނަމަ އެފަރާތް މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުން؛
(ސ) ދިވެހިރާއްޖޭގެ ކުޅިވަރު މައިދާނުގައި ކޮރަޕްށަނަށް މަގުފަހިވާގޮތަށް ހުންނަ ކަންކަން ދެނެގަނެ އެފަދަ ކަންކަމަށް މީހުން ހޭލުންތެރިކުރުވައި، އެކަންކަމާމެދު ފިޔަވަޅު އެޅުމަށް އެންޓި-ކޮރަޕްށަން ކޮމިށަނަށް ފޮނުވުން؛
(ޑ) ކުޅިވަރުގެ ގައުމީ ޖަމްއިއްޔާތަކަށް ސަރުކާރުން ކަނޑައަޅާ ބަޖެޓުގެ ތެރެއިން ވަކިވަކި ޖަމްއިއްޔާތަކަށް ދޭނެ ފައިސާގެ މިންވަރުތައް ކަނޑައެޅުން؛
(ޒ) ދިވެހިރާއްޖޭގެ ކުޅިވަރު މައިދާނުގައި ޖެހޭ ދެބަސްވުންތައް ހައްލުކުރުމުގައި ބޭނުންކުރާނެ އާބިޓްރޭށަނާބެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން؛
(ޓ) މި ގާނޫނުގެ ދަށުން މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން.
14 ވަނަ މާއްދާ - ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް
މި ގާނޫނުގެ 12 ވަނަ މާއްދާއިން ގާއިމުކުރާ ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ރައީސަކީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ކަނޑައަޅާ ފަރާތެވެ. މި މަޖިލީހުގެ ނައިބު ރައީސަކީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން ނައިބު ރައީސްކަމަށް އައްޔަންކުރެވޭ ފަރާތެކެވެ.
15 ވަނަ މާއްދާ - ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ބައްދަލުވުންތައް
ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނެގޮތާއި، ބައްދަލުވުމުގެ އުސޫލުތަކާއި، ގަރާރު ފާސްކުރުމުގެ އުސޫލުތައްފަދަ ކަންތައްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅުމުގެ ބާރު ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިގެންވެއެވެ.
16 ވަނަ މާއްދާ - ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ނިންމުންތައް
ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ނިންމާ ނިންމުންތައް ނިންމަންވާނީ މަޖިލީހުގެ ބައްދަލުވުމަކަށް ހާޒިރުވެ ތިބި މެންބަރުންގެ އަގްލަބިއްޔަތުންނެވެ.
17 ވަނަ މާއްދާ - ކުޅިވަރާބެހޭ ގައުމީ މަޖިލިސް އެކުލަވާލުން
މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ފަރާތްތައް އައްޔަންކުރަންވާނެއެވެ.
18 ވަނަ މާއްދާ - ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުންގެ ދައުރު
މި ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވާލެވޭ މަޖިލީހުގެ ދައުރަކީ 4 (ހަތަރެއް) އަހަރު ދުވަހެވެ.
19 ވަނަ މާއްދާ - ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރެއްގެ މަގާމު ހުސްވުން
މި ގާނޫނުގެ ދަށުން އެކުލަވާލެވޭ ކުޅިވަރާބެހޭ ގައުމީ މަޖިލިސް އެކުލަވާލުމަށްފަހު އެއްވެސް ސަބަބަކާހުރެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ހުސްވި މަގާމަށް އެހެން ފަރާތެއް އައްޔަންކުރަންވާނެއެވެ.
20 ވަނަ މާއްދާ - ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާދިނުން
ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުން ކުރެ މެންބަރެއްގެ އިސްތިއުފާ ކުޅިވަރާބެހޭ ވަޒީރަށް ލިބުމުން، އެ މަގާމުން އެފަރާތް އިސްތިއުފާ ދީފިކަމުގައި ބަލަންޖެހޭނެއެވެ.
21 ވަނަ މާއްދާ - ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުން ވަކިކުރުން
(ހ) ތިރީގައިވާ ހާލަތެއްގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މަޖިލީހުގެ މަށްވަރާގެ މަތިން މި ގާނޫނުގެ ދަށުން އެކުލަވާލެވޭ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު ކުޅިވަރާބެހޭ ވަޒީރަށް ލިބިގެންވެއެވެ.
- ނިޔާއީ ހުކުމަކުން އިފްލާސްކުރުން؛
- މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުރުމަށް މި ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުން؛
- މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދާކުރުމުގައި އިހުމާލުވުން؛
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މަޖިލީހުގެ މަށްވަރާކަމުގައި ބެލެވޭނީ، ކަމާބެހޭ މެންބަރު ފިޔަވައި އެހެނިހެން މެންބަރުންގެ އަގްލަބިއްޔަތުން ނިންމާ ނިންމުމެކެވެ.
22 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
މި ގާނޫނުގެ ދަށުން ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިފައިވާ ބާރުގެ ދަށުން ހަދަންޖެހޭ ގަވާއިދު ހަދާނީ ކުޅިވަރާބެހޭ ގައުމީ މަޖިލީހުންނެވެ.
ހަތަރުވަނަ ބާބު
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަން އަދި މޯލްޑިވްސް ސްޕޯޓްސް ޗެނަލް
23 ވަނަ މާއްދާ - މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަން އުފެއްދުން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަންގެ ނަމުގައި ސަތޭކަ އިންސައްތަ ދިވެހިސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރަންވާނެއެވެ. މި ކުންފުންޏަކީ މި ގާނޫނުން އެއާ ހިލާފަށް ކަނޑައަޅާފައި ނެތް ހާލަތެއްގައި، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައިވާ އެންމެހައި މާއްދާތައް ހިނގާނެ ކުންފުންޏެކެވެ.
(ށ) މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަންއަކީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 15 ވަނަ މާއްދާގައި ބުނާ، އަމިއްލަ ނަމުގައި ދައުވާކޮށް ދައުވާ ލިބިގަތުމާއި މުދާ މިލްކުކޮށް މެންބަރުންނާ ވަކިން އުފެދިފައިވާ ވަކި ގާނޫނީ ށަހްސެކެވެ.
(ނ) މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަން ވުޖޫދަށް އަންނަ ތާރީހުން ފެށިގެން މީލާދީ ކަލަންޑަރުން 3 (ތިނެއް) އަހަރު ދުވަހަށް ކުންފުނި ހިންގުމަށް ބޭނުންވާނެ މިންވަރަށް އެކަށީގެންވާ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދޭންވާނެއެވެ. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަން ވުޖޫދަށް އަންނަ ތާރީހުން ފެށިގެން މީލާދީ ކަލަންޑަރުން 3 (ތިނެއް) އަހަރު ދުވަސް ފަހުން ކުންފުނި ހިންގާނީ މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ކުންފުންޏަށް ބަދަލުކުރެވޭ މުދާ އިންވެސްޓްކޮށްގެން ލިބޭ ވިޔަފާރި މަންފާ ހޯދައިގެން އެ ފައިސާއިންނެވެ.
ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު(ރ) މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަންގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާގޮތާއި، ކުންފުނީގެ ރައުސްމާލާއި، ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ އެހެނިހެން ކަންކަން ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުން ކަނޑައަޅަންވާނެއެވެ.
24 ވަނަ މާއްދާ - މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަންގެ މަގްސަދުތައްމޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަންގެ މަގްސަދުތައް ތިރީގައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗަރ ކުރިއެރުވުން؛
(ށ) މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނަގުލުކޮށްދެވޭ މުދަލާއި މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް ސްޕޯޓްސް ޗެނަލް ތަރައްގީކުރުން؛
(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުޅިވަރު ކްލަބްތަކަށާއި އެސޯސިއޭށަންތަކަށް އަދުލުވެރި މިންގަނޑުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުދަލުގެ ބޭނުން ހިފުމުގެ މަގު ފަހިކޮށްދީ، އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުން؛
(ރ) ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާ ތަރައްގީކޮށް ކުރިއެރުވުމާއި ކުޅިވަރު ދާއިރާއަށް ނިކުންނަން އެދޭ ޒުވާނުންނަށް ހިތްވަރުދީ އެކަމަށް އޮންނަ ފުރުސަތު ފަހިކުރުން؛
(ބ) ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރާ ތަމްރީނު ހޯދާނެ މަގު ފަހިކޮށްދިނުން؛
(ޅ) ކުޅިވަރާބެހޭ ގައުމީ މަޖިލީހާ ގުޅިގެން ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއަރުވައި، މި މާއްދާގެ އެހެން އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމަށް ބޭނުންތެރި ކޮންމެ ކަމެއް ކުރުން.
25 ވަނަ މާއްދާ - މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަނަށް މުދާ ބަދަލުކުރުން
މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުގެ މިލްކިއްޔާތުގައިވާ ކުޅިވަރާގުޅޭ މުދަލުގެ ތެރެއިން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަނަށް ބަދަލުކުރަން ކަނޑައެޅިފައިވާ މުދާ ކަނޑައަޅައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަނަށް ކުޅިވަރާބެހޭ ވުޒާރާއިން ނަގުލުކޮށް ބަދަލު ކުރަންވާނެއެވެ.
26 ވަނަ މާއްދާ - މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަންގެ އާމްދަނީ
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަނަށް އަންނަނިވި މަސްދަރުތަކުން އާމްދަނީ ހޯދިދާނެއެވެ.
(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާ؛
(ށ) މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނަގުލުކޮށްދެވޭ މުދަލާއި އެމުދާ އިންވެސްޓްކޮށްގެން ލިބޭ ފައިދާ؛
(ނ) މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އުފެއްދޭ މޯލްޑިވްސް ސްޕޯޓްސް ޗެނަލްގެ އެއާ ޓައިމް ވިޔަފާރި އުސޫލުން ވިއްކައިގެން ލިބޭ މަންފާ؛
(ރ) މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަންގެ މަގްސަދުތަކާއި ހިލާފުނުވާ ގޮތުގެމަތިން ހިންގޭ ހަރަކާތްތަކުން ލިބޭ މަންފާ.
27 ވަނަ މާއްދާ - މޯލްޑިވްސް ސްޕޯޓްސް ޗެނަލް އުފެއްދުން
މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އެކިއެކި ކުޅިވަރުތައް ޕްރޮމޯޓްކޮށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް ސްޕޯޓްސް ޗެނަލްގެ ނަމުގައި ޓީ.ވީ ޗެނަލެއް، ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ދައުލަތުގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ، އެފަރާތުގެ ވަސީލަތްތައް ބޭނުންކޮށްގެން ގާއިމުކުރަން ވާނެއެވެ.
28 ވަނަ މާއްދާ - މޯލްޑިވްސް ސްޕޯޓްސް ޗެނަލް ހިންގުން
މި ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މޯލްޑިވްސް ސްޕޯޓްސް ޗެނަލަކީ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަންއާ ދެމެދު ވެވޭ ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގެ ދަށުން ހިންގޭ، އަދި ޗެނަލް ހިންގައިގެން ދެފަރާތަށް ހަމަހަމައަށް މަންފާ ހޯދޭނެ ޗެނަލެކެވެ.
29 ވަނަ މާއްދާ - މޯލްޑިވްސް ސްޕޯޓްސް ޗެނަލްގެ އާމްދަނީ
މޯލްޑިވްސް ސްޕޯޓްސް ޗެނަލް ހިންގައިގެން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަނަށް ލިބޭ އާމްދަނީއަކީ މި ގާނޫނުގެ 31 ވަނަ މާއްދާގެ އަލީގައި ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ލިބޭ ފައިސާއެކެވެ.
30 ވަނަ މާއްދާ - މޯލްޑިވްސް ސްޕޯޓްސް ޗެނަލްގެ ހަރަދުތައް
މޯލްޑިވްސް ސްޕޯޓްސް ޗެނަލް ގާއިމުކުރެވޭ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަސް ވަންދެން، ޗެނަލް ހިންގާ ކުރިއެރުވުމަށްޓަކައި ދާނެ ހަރަދު ދައުލަތުގެ ބަޖެޓުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަނަށް ދިވެހިސަރުކާރުން ހަމަޖައްސައިދޭންވާނެއެވެ. މޯލްޑިވްސް ސްޕޯޓްސް ޗެނަލް ވުޖޫދަށް އަންނަ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަސް ފަހުން ޗެނަލް ހިންގުމަށްޓަކައި ހަރަދުކުރާނީ މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ކުންފުންޏަށް ލިބޭ އާމްދަނީންނެވެ.
31 ވަނަ މާއްދާ - މޯލްޑިވްސް ސްޕޯޓްސް ޗެނަލް ހިނގުމުގައި އެއާ ޓައިމް އަދި ހިންގައިގެން ލިބޭ އާމްދަނީ ބަހާނެ މިންގަނޑު
(ހ) މޯލްޑިވްސް ސްޕޯޓްސް ޗެނަލްގެ އެއާ ޓައިމް ވީ އެންމެ އަދުލުވެރި މިންގަނޑަކުން ހުރިހާ ކުޅިވަރަކަށްވެސް ހަމަހަމައަށް ލިބޭނެފަދަ އުސޫލަކުން ބަހަންވާނެއެވެ.
(ށ) މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަނަށް ލިބޭ އާމްދަނީ ހޭދަކުރާނީ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ލަފަޔާއެކު، ދިވެހިރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމަށެވެ.
(ނ) މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަން ހިންގުމުގައި، ވިޔަފާރި އުސޫލުން އެ އަހަރަކަށް ޖެހުނު ފައިދާ ނުބަހާ ރީ-އިންވެސްޓް ކުރުމަށް ނިންމުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
ފަސްވަނަ ބާބު
ގައުމީ އަދި ރަށު ފެންވަރުގައި ކުޅިވަރު ކުރިއެރުވުން
32 ވަނަ މާއްދާ - ގައުމީ ޓީމު ހަރަކާތްތަކަށް ވީއްލުން
ދިވެހިރާއްޖޭގެ އެކިއެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތައް ބައިވެރިވެރިވާ އެކިއެކި މުބާރާތް ނުވަތަ މުނާސަބާގައި ބައިވެރިވުމަށް އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންނާއި، މެޑިކަލް ސްޓާފުންނާއި، އޮފިށަލުންނާއި މެނޭޖަރުން، އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެ އޮފީހަކުން ނުވަތަ ކުންފުންޏަކުންމެ ވީއްލަންވާނެއެވެ.
33 ވަނަ މާއްދާ - ގައުމީ ޓީމުގެ ހަރަކާތްތަކަށް މުސާރަ ދިނުން
(ހ) ދިވެހިރާއްޖޭގެ އެކިއެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންނާއި، މެޑިކަލް ސްޓާފުންނާއި، އޮފިށަލުންނާއި މެނޭޖަރުންނަށް، ފުލްޓައިމް އުސޫލުން އަދި މަހުން މަހަށް ދެވޭ އެ ދުވަސްވަރަކަށް އެކަށީގެންވާ މުސާރައެއް ކަނޑައަޅައި، އެ މުސާރަ އެފަރާތްތަކަށް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނާ މުސާރަ ކަނޑައަޅާނީ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ލަފާގެމަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.
34 ވަނަ މާއްދާ - އެކިއެކި ކުޅިވަރު ހަރަކާތްތަކަށް ކުޅުންތެރިން ވީއްލުން
ދިވެހިރާއްޖޭގައި ކުޅޭ އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވާ އެކިއެކި ޓީމުތައް ބައިވެރިވާ އެކިއެކި މުބާރާތް ނުވަތަ މުނާސަބާތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މުބާރާތާއި މުނާސަބާތަކުގައި ބައިވެރިވުމަށް އެ ޓީމުގެ ކުޅުންތެރިންނާއި އޮފިށަލުން، އެފަރާތްތަކުގެ ވަޒީފާގެ ނުވަތަ ވިޔަފާރި މަސްއޫލިއްޔަތުތަކުން އެ އޮފީހަކުން ނުވަތަ ކުންފުންޏަކުންމެ ވީއްލުމަށް އެންގުމުގެ ބާރު ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލިބިގެންވެއެވެ. އަދި މިފަދައިން އަންގާ އެންގުން އެންގުމުގެ އުސޫލުތަކާއި އެފަދައިން ވީއްލުމަށް ކޮމިށަނަރ އޮފް ސްޕޯޓްސްއަށް އެންގޭނެ މުބާރާތާއި މުނާސަބާތަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމެނުމުގެ ބާރު ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިގެންވެއެވެ.
35 ވަނަ މާއްދާ - އެކިއެކި ކުޅިވަރު ހަރަކާތްތައް ސްޕޮންސަރކުރާ ފަރާތްތަކަށް ޓެކްސް އިނާޔަތް ލިބުން
(ހ) ދިވެހިރާއްޖޭގައި ކުޅޭ އެކިއެކި ވާދަވެރި އަދި އިޖްތިމާއީ ކުޅިވަރުތަކުގައި ބައިވެރިވާ އެކިއެކި ޓީމުތައް ސްޕޮންސަރކުރާ ފަރާތްތަކަށް އެފަރާތްތަކުން ހޭދަކޮށްފައިވާ ސްޕޮންސަރ ފައިސާގެ އަގަކީ ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ 10 ވަނަ މާއްދާގެ (ބ) އަދި (ޅ) ގެ ދަށުން އުނިކުރެވޭނެ އަދަދެކެވެ.
(ށ) ދިވެހިރާއްޖޭގައި ކުޅޭ އެކިއެކި ވާދަވެރި އަދި އިޖްތިމާއީ ކުޅިވަރުތަކުގެ އަޑާއި މަންޒަރު ދުރަށްދައްކުވައިދޭ ނުވަތަ ބްރޯޑްކާސްޓްކުރާ މީޑިއާތަކުގެ އެފަދަ ޕްރޮގްރާމްތައް ސްޕޮންސަރ ކުރާ ފަރާތްތަކަށް އެފަރާތްތަކުން ހޭދަކޮށްފައިވާ ސްޕޮންސަރ ފައިސާގެ އަގަކީ ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ 10 ވަނަ މާއްދާގެ (ބ) އަދި (ޅ) ގެ ދަށުން އުނިކުރެވޭނެ އަދަދެކެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބުނެފައިވާ އުނިކުރުންތަކާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވެއެވެ.
ހަވަނަ ބާބު
މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް
36 ވަނަ މާއްދާ - މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް
ދިވެހިރާއްޖޭގެ އެކިއެކި ކުޅިވަރު ކުޅޭ ފަރާތްތަކާއި ކުޅިވަރު ކްލަބް އަދި އެސޯސިއޭށަންތައް ހިންގާ ފަރާތްތަކަށް އެފަރާތްތަކުގެ ހުނަރާއި ގާބިލުކަން އިތުރުކޮށް އެފަރާތްތަކަށް ތަމްރީނު ދިނުމަށާއި ދާއިރާއަށް ކޮންމެހެން ބޭނުންތެރި ދިރާސާތައް ކުރުމަށްޓަކައި ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ސީދާ ބެލުމުގެ ދަށުން ހިންގާނެ މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަމުގައި ކުޅިވަރާބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައިވާ ވަކި ބައެއްގެ ގޮތުގައި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރަންވާނެއެވެ.
37 ވަނަ މާއްދާ - މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަގްސަދު
މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަގްސަދުތައް ތިރީގައި އެވަނީއެވެ.
(ހ) ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކުރިމަގު ބިނާކުރުމަށްޓަކައި، އެފަރާތްތަކަކީ ކުޅިވަރުގެ ރިވެތި އަހްލާގާއި ރޫހާއި މި ގާނޫނުގެ މަގްސަދު ހާސިލުކުރެވޭފަދަ ހާއްސަ ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި ދޭންޖެހޭ ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައި ހިންގުން؛
(ށ) ކުޅިވަރު މައިދާނުގައި ބައިނަލްއަގްވާމީ މުޖްތަމައުގައި ދިވެހިރާއްޖެއަށް ލިބެންހުރި ފުރުސަތުތަކާ ބެހޭގޮތުންނާއި، އެފަދަ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ރާއްޖެއަށް ފައިދާއާއި މަންފާ ލިބޭނެ ގޮތެއްގެމަތިން ދިވެހިރާއްޖޭގެ ކުޅިވަރު މަސްލަހަތު ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުން ދިރާސާކޮށް، އެފަދަ ދިރާސާގެ ނަތީޖާ ހަމަޖެހިފައި އޮންނަ އުސޫލެއްގެ ދަށުން އާންމުކޮށް، ހަމަޖެހިފައި އޮންނަ އުސޫލަކުން އާންމުންނަށް އޮޅުންފިލާނެހެން ށާއިއުކުރުން؛
(ނ) ޔުނެސްކޯ ކޮންވެންށަނާއި ވޯލްޑް އެންޓި ޑޯޕިންގ އެޖެންސީގެ ކޯޑާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ކުޅިވަރު މައިދާނުގައި ޑޯޕިންގ ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެކަށައަޅައި ހިންގުން؛
(ރ) ހުރިހާ އެންމެންނަކީ ކުޅިވަރުކުޅޭ ބަޔަކަށް ހެދުމަށްޓަކައި ދިވެހިރާއްޖޭގައި ކުޅިވަރާބެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން؛
(ބ) ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ކުޅިވަރު ދާއިރާގެ ސިއްހީ ރޮނގުން ހާއްސަ ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި ދޭންޖެހޭ ތަމްރީނުދިނުމާއި ތަމްރީނު ލިބުމުގެ މަގު ފަހިކޮށްދިނުން؛
(ޅ) ކުޅިވަރު ކުރިއެރުވުމަށްޓަކައި، ކުޅިވަރުގެ ސިޔާސަތުތައް މުތާލިއާކޮށް، އެކަމާ ބެހޭގޮތުން ދިރާސާކޮށް، ކުޅިވަރުގެ ދާއިރާގެ ތަފާސްހިސާބުތައް އެއްކޮށް ދިރާސާކޮށް، އެތަކެތީގެ އަލީގައި ކުޅިވަރު ތަރައްގީކުރުމަށް ކުރެވިދާނެ އިލްމީ ލިޔެކިޔުން ށާއިއުކޮށް، ކުޅިވަރު ޖަމްއިއްޔާތަކާ ގުޅިގެން އެކި ކުޅިވަރުތަކާ ބެހޭގޮތުން ދިވެހިރާއްޖޭގައި ދިރާސާކޮށް، ކުޅިވަރު ކުރިއެރުވުމަށް ކުރެވެންހުރި ކަންކަން ދެނެގަނެ، އެކަންކަމާ ބެހޭގޮތުން ޖަމްއިއްޔާތަކަށް ލަފަޔާއި އިރުށާދު ދިނުން؛
(ކ) ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކުރިމަގު ބިނާކުރުމަށްޓަކައި، އެފަރާތްތަކަކީ ކުޅިވަރުގެ ރިވެތި އަހްލާގާއި ރޫހާއި މި ގާނޫނުގެ މަގްސަދު ހާސިލުކުރެވޭފަދަ ހާއްސަ ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި ދޭންޖެހޭ ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައި ހިންގުން.
38 ވަނަ މާއްދާ - މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީ ގާއިމުކުރުން
މި ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގައި ޔުނެސްކޯ ކޮންވެންށަނާއި ވޯލްޑް އެންޓި ޑޯޕިންގ އެޖެންސީގެ ކޯޑާ އެއްގޮތްވާ ގޮތުގެމަތިން ކުޅިވަރު މައިދާނުގައި ޑޯޕިންގ ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީގެ ނަމުގައި ޑިޕާޓްމަންޓެއް ގާއިމުކުރަންވާނެއެވެ.
39 ވަނަ މާއްދާ - މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީގެ މަގްސަދު
މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީގެ މަގްސަދަކީ ޔުނެސްކޯ ކޮންވެންށަނާއި ވޯލްޑް އެންޓި ޑޯޕިންގ އެޖެންސީގެ ކޯޑާ އެއްގޮތްވާ ގޮތުގެމަތިން ޑޯޕިންގ ކޮންޓްރޯލްކުރުމުގެ މުހިންމުކަން ދިވެހިރާއްޖޭގެ ހުރިހާ ކުޅުންތެރިންނަށާއި ކުޅިވަރުގެ ދާއިރާތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަންގައިދީ، ކުޅިވަރުގެ ދާއިރާއިން ޑޯޕިންގ ފިލުވާލާ، މިރޮނގުން ބޭނުންވާ މީހުން ތަމްރީނުކޮށް، މިރޮނގުން ކުރިއަށް ދެވެންހުރި ފުރުސަތުތައް ރާއްޖޭގެ ޑޯޕިންގ ކޮންޓްރޯލް އޮފިސަރުންނަށް ހޯދައިދީ، ޓެސްޓު ކުރެވޭނެ ގޮތްތައް ރާވައި، މިފަދަ ކަންކަން ތަރައްގީ ކުރެވެންހުރި ގޮތްތައް ބަލައި، އެފަދަ ކުރިއެރުންތައް ހޯދައިދިނުމެވެ.
40 ވަނަ މާއްދާ - މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީގެ މަސްއޫލިއްޔަތުތައް
މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީން ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.
(ހ) ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި އެންޓި ޑޯޕިންގއާބެހޭ މައުލޫމާތުދީ މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރުން؛
(ށ) ދިވެހިރާއްޖޭގައި ބޭއްވޭ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ޑޯޕިންގ ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަމަށް މަގުފަހިކޮށްދީ އެކަމަށް ހިތްވަރުދީ އެހީތެރިވެދިނުމާއި އެކަންތައް ހިންގާނެ ގޮތްތައް ރާވައި ތަންފީޒުކުރުން؛
(ނ) ޓެސްޓު ކުރުމުގައި ގެންގުޅޭނެ އުސޫލުތަކަކީ ވޯލްޑް އެންޓި ޑޯޕިންގ އެޖެންސީގެ މިންގަނޑުތަކަށް ފެތޭގޮތަށް ކުރެވޭ ޓެސްޓުތަކެއް ކަމުގައި ހެދުން؛
(ރ) އެންޓި ޑޯޕިންގގެ އެންމެ ފަހުގެ ބައިނަލްއަގްވާމީ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހޯދައި ދިރާސާކޮށް ކުޅުންތެރިންނަށާއި އޮފިށަލުންނަށާއި ކަމާބެހޭ ދާއިރާގައި ހަރަކާތްތެރިވާ އެންމެހައި ފަރުދުންނަށް މައުލޫމާތު އަންގައި އޮޅުންފިލުވައިދީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނާ ހިލާފުނުވާ ގޮތުގެމަތިން އެންޓި ޑޯޕިންގގެ ބައިނަލްއަގްވާމީ ގަވާއިދުތައް ދިވެހިރާއްޖެއަށް ތައާރަފުކޮށް، ރާއްޖޭގައި ކުރެވޭ ޓެސްޓުތަކުގައި ބައިނަލްއަގްވާމީ ޓެސްޓުތައް ތަންފީޒުކުރުން؛
(ބ) އެޖެންސީގެ ތަމްރީނު ލިބިފައިވާ އޮފިސަރުންނަށް ލިބިފައިވާ ހުނަރު އިތުރަށް ހަރުދަނާ ކުރުމަށް ހިތްވަރު ދިނުމާއި، ގައުމީ އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެންޓި ޑޯޕިންގ އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ރާއްޖޭގެ އޮފިސަރުންނަށް ހޯދައިދިނުން؛
(ޅ) ބައިނަލްއަގްވާމީ އަދި ސަރަހައްދީ މުބާރާތްތަކުގައި ބައިވެރިވާ ދިވެހި ކުޅުންތެރިންގެ ޑޯޕިންގ ކޮންޓްރޯލް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން؛
(ކ) އެޖެންސީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެ، ޑޯޕިންގ ކޮންޓްރޯލްކުރުމާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމާއި، ޓެސްޓުކުރުވުމާއި، އެންޓި ޑޯޕިންގއާ ގުޅުންހުރި އެހެނިހެން ބައިނަލްއަގްވާމީ ދާއިރާތަކާއި ގުޅުން ބަދަހިކޮށް،
މި ދާއިރާގައި އިސްނަގައި އެކަންތައްތައް ތަންފީޒުކުރުން؛
(އ) އެންޓި ޑޯޕިންގ ތަރައްގީކުރުމަށްޓަކައި ރާއްޖެއާއި ރާއްޖޭން ބޭރުން ލިބެން ހުންނަ އެހީތައް ހޯދައި ކުރިއެރުވޭނެ އިތުރު ވަސީލަތްތައް ތަނަވަސް ކުރުން؛
(ވ) މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީއަކީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އެންޓި ޑޯޕިންގ އެޖެންސީތަކަށް ނަމޫނާ ބަޔަކަށްވުމަށް މަސައްކަތްކުރުން.
41 ވަނަ މާއްދާ - އެންޓި ޑޯޕިންގ އެޖެންސީގެ މަސައްކަތްތައް ބައްޓަން ކުރުމުގައާއި ހަރަކާތްތައް ހިންގުމުގައި އަމަލުކުރަންޖެހޭ މައިގަނޑު އުސޫލު
އެންޓި ޑޯޕިންގ އެޖެންސީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފުނުވާ ގޮތެއްގެމަތިން، ޔުނެސްކޯ ކޮންވެންށަނާއި ވޯލްޑް އެންޓި ޑޯޕިންގ އެޖެންސީގެ ކޯޑާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ކުޅިވަރު މައިދާނުގައި ޑޯޕިންގ ކޮންޓްރޯލް ކުރުމުގެ ނިޒާމު ބައްޓަންކުރަންވާނެއެވެ.
42 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ހިންގުމަށްޓަކައި ބޭނުންވާނެ ހުރިހާ ގަވާއިދެއް ހަދައި ހިންގާނީ ކުޅިވަރާބެހޭ ގައުމީ މަޖިލީހުންނެވެ.
ހަތްވަނަ ބާބު
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
43 ވަނަ މާއްދާ - މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގާއިމުކުރުން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގާނޫނު ނަންބަރު 1/2003 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ "މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ" ގެ ނަމުގައިވާ ޖަމްއިއްޔާ، މި ގާނޫނުގެ ދަށުން ބާރު ލިބޭ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނަމުގައި ވަކި ގާނޫނީ ށަހްސެއްގެ ގޮތުގައި ބަދަލުވީއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގައި ގާނޫނު ނަންބަރު 1/2003 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ "މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ" ގެ ހިންގާ ކޮމިޓީގެ ދައުރު ފުރިހަމަ ކުރަންވާނެއެވެ.
44 ވަނަ މާއްދާ - މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ގާނޫނީ ހައިސިއްޔަތު
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ މިލްކު ކުރުމާއި، ދަރަންޏަށް ޒިންމާވުމާއި، އެ މުދަލުން ތަސައްރަފްކުރުމުގެ ހައްގު ލިބިގެންވާ، މެންބަރުންނާއި ވަކިން އުފެދިފައިވާ ގާނޫނީ ގޮތުން އަމިއްލަ ށަހްސެކެވެ.
45 ވަނަ މާއްދާ - މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަގްސަދު
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަގްސަދަކީ އޮލިމްޕިކް ޗާޓަރާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި އޮލިމްޕިކްގެ ހަރަކާތްތައް ތަރައްގީކޮށް، ހަރުދަނާކޮށް، ފުޅާކޮށް ހިންގުމާއެކު އެ ހަރަކާތްތައް އުވިގެން ދިޔަނުދީ ރައްކާތެރިކުރުމެވެ.
46 ވަނަ މާއްދާ - މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަސްއޫލިއްޔަތުތައްމޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.
(ހ) އޮލިމްޕިސަމްގެ އަސާސީ ގަވާއިދުތައް ދިވެހިރާއްޖޭގައި ތަރައްގީކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުން؛
(ށ) އޮލިމްޕިކް ޗާޓަރާ އެއްގޮތަށް ދިވެހިރާއްޖޭގައި އަމަލުކުރޭތޯ ބެލުން.
47 ވަނަ މާއްދާ - މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބާރުތައް
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) އޮލިމްޕިކް ގޭމްސްއަށާއި އޭށިއަން ގޭމްސްއަށާއި ސަރަހައްދީ މުބާރާތްތަކާއި ކޮންޓިނެންޓަލް މުބާރާތްތަކާއި ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ކުޅިވަރު މުބާރާތްތަކަށް ޓީމުތައް ފޮނުވާނެގޮތް ކަނޑައެޅުން؛
(ށ) ކޮމިޓީގެ މަގްސަދުތައް ފުރިހަމަކުރުމަށްޓަކައި އޮލިމްޕިކް ޗާޓަރާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ދާއިރާތަކާއި އަމިއްލަ ޖަމާއަތްތަކާއެކު މަސައްކަތްކުރުން؛
(ނ) ކޮމިޓީގެ އަމިއްލަވަންތަކަން އަބަދުވެސް ދެމެހެއްޓުމަށާއި އޮލިމްޕިކް ޗާޓަރާ ހިލާފުވެދާނެ އެއްވެސް ބާވަތެއްގެ ފިއްތުންތަކަކަށް ނުވަތަ ގޮންޖެހުންތަކަކަށް ފިޔަވަޅު އެޅުން؛
(ރ) ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީ ގަބޫލުކުރާ ޖަމާއަތްތަކުގެ މެންބަރުކަން ހޯދައި ބައިވެރިވުން؛
(ބ) އޮލިމްޕިކް ޗާޓަރުގެ ދަށުންނާއި ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީގެ ފަރާތުން ކޮމިޓީއަށް ލިބިދޭ ހުރިހާ ބާރުތަކެއް ތަންފީޒުކޮށް ހިންގުން.
48 ވަނަ މާއްދާ - މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަސައްކަތްތައް ބައްޓަން ކުރުމުގައާއި ހަރަކާތްތައް ހިންގުމުގައި އަމަލުކުރަންޖެހޭ މައިގަނޑު އުސޫލު
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހިންގާ ހަރަކާތްތައް ހިންގަންވާނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފުނުވާ ގޮތެއްގެމަތިން، އޮލިމްޕިކް ޗާޓަރާއި ވޯލްޑް އެންޓި ޑޯޕިންގ ކޯޑާއި އިންޓަނޭށަނަލް އޮލިމްޕިކް ކޮމިޓީގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
49 ވަނަ މާއްދާ - އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު
މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިންގުމަށްޓަކައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވާއިދެއް އެކަށައަޅާފައި އޮންނަންވާނެއެވެ. އަދި އެ އަސާސީ ގަވާއިދުގައި އަންނަނިވި ކަންކަން ނުވަތަ އެކަންކަމާގުޅޭ އުސޫލުތައް ކަނޑައަޅަންވާނެއެވެ.
(ހ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޒިންމާތައް އަދާކުރާނެ ޖެނެރަލް އެސެމްބްލީއާއި ހިންގާ ކޮމިޓީ؛
(ށ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުންނާބެހޭ ކަންކަން؛
(ނ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެކިއެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރާނެ ނުވަތަ އައްޔަންކުރާނެ ގޮތާއި، އެ މަގާމުތަކުގެ ޒިންމާތައް ހަވާލުކުރެވޭނެ ގޮތާއި
އެ ޒިންމާތައް ހަވާލުކުރެވޭނެ މުއްދަތު؛
(ރ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އާންމު ޖަލްސާތަކާއި، އެ ޖަލްސާތައް ބޭއްވުމާއި،
އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، އެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
(ބ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އާންމު ޖަލްސާތަކާއި އެހެނިހެން ޖަލްސާތަކުގައި ވޯޓުދޭނެ ގޮތާއި، އެ ޖަލްސާތަކުގައި ކަންކަން ފާސްކުރެވޭނެގޮތް ނުވަތަ ކަންކަން ނިންމޭނެގޮތް؛
(ޅ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވާއިދަށް ބަދަލު ނުވަތަ އިސްލާހު ގެނެވޭނެގޮތް؛
(ކ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހަރަކާތްތައް ނިމުމަކަށް ގެންނާނެގޮތާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އުވާލަން ޖެހިއްޖެނަމަ އަމަލުކުރާނެގޮތް؛
(އ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރު ތަފްސީލުތަކާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުންނާއި އެކިއެކި މަގާމުތަކަށް އިންތިހާބުކުރެވިފައި ނުވަތަ އައްޔަންކުރެވިފައިވާ މެންބަރުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މުވައްޒަފުންނާއި މަންދޫބުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ
އިދާރީ ކަންތައްތަކާއި، މުވައްޒަފުންނާބެހޭ ކަންތައްތަކާއި، ފައިސާއާބެހޭ ކަންތައްތައް ހިންގާނެ ގޮތް.
50 ވަނަ މާއްދާ - މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ގަވާއިދު ހަދައި ހިންގުން
މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިންގުމަށްޓަކައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ހަދައި ހިންގާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންނެވެ.
އަށްވަނަ ބާބު
އެހެނިހެން
51 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން
މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވޭ ކްލަބް، ޖަމްއިއްޔާއެއްގެ ނުވަތަ ފެޑެރޭށަނެއްގެ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މަގާމަކަށް ނުވަތަ މަސްއޫލުވެރި މަގާމަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، އެފަރާތެއް އަދާކުރާ ވަޒީފާއެއްގެ ހައިސިއްޔަތުން މަސްލަހަތު ފުށުއަރާ ހާލަތެއްގައިހުރި އެއްވެސް ފަރާތަކަށް، އެފަދަ މަގާމުތަކަށް ކުރިމަތިލުމުގެ އިހްތިޔާރު ލިބިގެނެއް ނުވެއެވެ.
52 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ކުޅިވަރާބެހޭ ވުޒާރާއިންނެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
53 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 180 (ސަތޭކަ އައްޑިހަ) ދުވަހުން ފެށިގެންނެވެ.
54 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ނުވަތަ "ކުޅިވަރާބެހޭ ވުޒާރާ" ނުވަތަ "މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރު ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "މިނިސްޓަރ" ނުވަތަ "ކުޅިވަރާބެހޭ ވަޒީރު" ނުވަތަ "މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރު ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ މިނިސްޓްރަށެވެ.
(ނ) "ކޮމިށަނަރ އޮފް ސްޕޯޓްސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދެވަނަ ބާބުގެ ދަށުން އައްޔަންކުރެވޭ ކޮމިށަނަރ އޮފް ސްޕޯޓްސްއަށެވެ.
(ރ) "ވާދަވެރި އުސޫލުން" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ފަރާތްތަކުން އަމިއްލަ ނުވަތަ އިޖްތިމާއީ ބޭނުމަށް ނުވަތަ މުނިފޫހިފިލުވުމަށް ރާވައި ހިންގާ އުސޫލުން އެއްކިބާވެ، ވިޔަފާރީގެ މަންފާ ނުވަތަ ފައިދާ ލިބޭނެ ގޮތަށް ނުވަތަ ގައުމީ އަދި އިޖްތިމާއީ ފެންވަރުގައި ބަލައިގަނެ އާންމުކޮށް ހުޅުވާލައިގެން ރާވައި ހިންގޭ އުސޫލަށެވެ.
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު
- ނޭނަލް ސްޕޯޓްސް ވެޓެރަންސް އެމްބެސެޑަރސް ދަފުތަރު އެކުލަވަ އި ލުމާބެހޭ އުސޫލު (އުސޫލު ނަންބަރު 2024-11)
- މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1056)
- ކުޅުންތެރިންނާއި އޮފިށަލުން ވީއްލުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-31)
- ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-97)
ކިޔުންތެރިންގެ ހިޔާލު