އަރުތަ ޕްރޮގްރާމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-110)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 އޮކްޓޫބަރު 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ސަރުކާރުގެ ހަރަދުގައި ކުޅިވަރުގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ހޯދައި، ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެ ފަހުރުވެރިކުރުވާ ފަދަ ކާމިޔާބީތަކެއް ހޯދޭނެ ހުނަރުވެރި މޮޅު އެތުލީޓުންތަކެއް އަރުތަ ޕްރޮގްރާމު މެދުވެރިކޮށް އުފެއްދުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ 52 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔަނީ "އަރުތަ ޕްރޮގްރާމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ވާދަވެރި ކުޅިވަރު ކުޅޭ އެތުލީޓުންނަށް، ސަރުކާރުގެ ހަރަދުގައި ކުޅިވަރުގެ ދާއިރާއިން މަތީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހޯދުމާއި އެތުލީޓުންގެ ތަމްރީނުތަކަށް އެހީތެރިވުމަށް ބޭނުންވާ ޓެކްނިކަލް އެކްސްޕާޓުން ތަމްރީނުކުރުމުގެ ކަންކަން، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ތަންފީޒުކުރުމެވެ.
3 ވަނަ މާއްދާ - އަރުތަ ޕްރޮގްރާމުގައި ބައިވެރިވެވޭނެ ފަރާތްތައް
މި ގަވާއިދުގައިވާ ގޮތުގެ މަތީން އަރުތަ ޕްރޮގްރާމުގައި ބައިވެރިވެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ އެތުލީޓުންނަށެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.
(ށ) ދިވެހިރާއްޖޭގެ ގައުމީ ހައިސިއްޔަތު ލިބިފައިވާ ކުޅިވަރު އެސޯސިއޭށަންތަކުގެ ފަރާތުން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެފައިވާ އެތުލީޓުން، ނުވަތަ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވާ އެތުލީޓުންނަށް ވުން.
(ނ) އަރުތަ ޕްރޮގުރާމުގައި ބައިވެރިވުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންޖެހޭ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "އަރުތަ ޕްރޮގުރާމަށް އެދި ހުށަހަޅާ ފޯމު" ގައިވާ ހުރިހާ މައުލޫމާތު ރަނގަޅަށް ފުރިހަމަކޮށް، މި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެ ފޯމުގައިވާ އިގުރާރުގައި ސޮއިކޮށްފައިވާ ފަރާތެއްކަމުގައި ވުން.
(ރ) އަރުތަ ޕްރޮގުރާމުގައި ބައިވެރިވުމަށް އެދި މިނިސްޓްރީއަށް އެޕްލިކޭށަން ހުށަހަޅާއިރު، އުމުރުން 35 (ތިރީސް ފަހެއް) އަހަރު ފުރިފައި ނުވުން.
(ބ) ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، ސަރުކާރުގެ ނުވަތަ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނުވަތަ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ނުވަތަ ގައުމީ ކުޅިވަރު އެސޯސިއޭށަނެއްގެ ނުވަތަ އިސްވެ ބަޔާންކޮށްފައިވާ ތަންތަން މެދުވެރިކޮށް ލިބިފައިވާ ކުޅިވަރު ޓްރެއިނިންގ ސްކޮލަރށިޕެއްގެ ތެރެއިން ނުވަތަ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ތަމްރީނު ޕްރޮގްރާމެއް ފެށި ނަމަ، މަގްބޫލު ސަބަބެއް މެދުވެރިވެގެން މެނުވީ، ތަމްރީނު ޕްރޮގްރާމު ނުވަތަ ކިޔެވުން ހުއްޓައިލައިފައިވާ ފަރާތަކަށް ނުވުން. މަގްބޫލު ސަބަބެއްކަމަށް ތިރީގައިމިވާ ކަންކަމަށް ރިއާޔަތް ކުރެވިދާނެއެވެ.
- ސިއްހީ މައްސަލައަކާ ގުޅިގެން ތަމްރީނު ޕްރޮގްރާމު ހުއްޓައިލަންޖެހުން.
- ކުޅިވަރު ޓްރެއިނިންގ ސްކޮލަރށިޕް ދިން ފަރާތުން ސްކޮލަރށިޕް ކެންސަލްކުރުން.
- ޓްރޭނިންގ ދޭ މަރުކަޒު ނިސްބަތްވާ ގައުމަށް ގުދުރަތީ ކާރިސާއެއް ދިމާވުން.
- މަތީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން އަރުތަ ޕްރޮގްރާމު ސިލެކްށަން ކޮމިޓީއަށް ގަބޫލުކުރެވޭ ފަދަ ހާލަތެއް މެދުވެރިވުން.
(ޅ) ސަރުކާރުގެ ހަރަދުގައި ކުޅިވަރު ތަމްރީނު ހޯދޭނެ އެހެން ގޮތެއް ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.
(ކ) އަރުތަ ޕްރޮގްރާމުގެ ދަށުން ތަމްރީނުވުމުގެ ފުރުސަތު އެއްފަހަރު ލިބި ތަމްރީނު ފެށި ޕްރޮގްރާމު، މަގްބޫލު އުޒުރެއްނެތި ފުރިހަމަނުކޮށް ހުއްޓައިލައިފައިވާ ފަރާތެއް ކަމުގައި ނުވުން. މަގްބޫލު އުޒުރެއްކަމަށް ބަލާނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކަށެވެ.
(އ) މި ގަވާއިދުގެ ދަށުން އަރުތަ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ އެތުލީޓުންނާއި، އެ އެތުލީޓުން ނިސްބަތްވާ ގައުމީ ކުޅިވަރު އެސޯސިއޭށަނާ ދެމެދު އެކުލަވައިލާ އެއްބަސްވުންތަކުގައި ތިރީގައިމިވާ މާއްދާތައް ބަޔާންކުރަންވާނެއެވެ.
- އެއްބަސްވުމުގެ ބައިވެރިން؛
- ތައާރުފު؛
- ޕްރޮގްރާމާއި، ޕްރޮގްރާމުގައި ދެވޭ ފައިސާ؛
- މިނިސްޓްރީ، އެތްލީޓް، ގައުމީ އެސޯސިއޭށަން އަދި ބެލެނިވެރިން ހިމެނޭ ހާލަތްތަކުގައި މި ފަރާތްތަކުގެ މަސްއޫލިއްޔަތު؛
- އެއްބަސްވުމުގެ މުއްދަތު؛
- މައުލޫމާތުގެ ސިއްރު ހިފެހެއްޓުން؛
- އޮޑިޓްކުރުމުގެ ހައްގު؛
- އެންޓި ބްރައިބަރީ ޕޮލިސީއާއި، އެންޓި ކޮރަޕްށަން ޕޮލިސީ؛
- ފޯސް މޭޖަރއާއި، އެއްބަސްވުމުގައި ނުހިމެނޭ ކަމެއް މެދުވެރިވެއްޖެ ނަމަ، އަމަލުކުރާނެ ގޮތް؛
- އެއްބަސްވުމަށް އުނިއިތުރު ގެނައުން؛
- އެއްބަސްވުން އުވައިލުން؛
- ގާނޫނީ ފިޔަވަޅުއެޅުން.
- ގާނޫނު ހިންގުން
- އިގުރާރު
(ވ) އަރުތަ ޕްރޮގުރާމުގެ އެއްބަސްވުމަށް، އެތުލީޓާއި އެ އެތުލީޓު ނިސްބަތްވާ ގައުމީ ކުޅިވަރު އެސޯސިއޭށަނުން އަމަލުކުރުމަށް އެއްބަސްވުން.
(މ) އެތުލީޓަކީ 18 (އަށާރަ) އަހަރުން ދަށުގެ އެތުލީޓެއް ނަމަ، އެތުލީޓުގެ ބެލެނިވެރިޔާ އަރުތަ ޕްރޮގުރާމުގެ އެއްބަސްވުމުގައި ގައުމީ ކުޅިވަރު އެސޯސިއޭށަނާއެކު ސޮއިކޮށް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވުން.
4 ވަނަ މާއްދާ - އަރުތަ ޕްރޮގުރާމަށް އެދި ހުށަހެޅުން
އަރުތަ ޕްރޮގުރާމަށް އެދި ހުށަހަޅާނީ މިނިސްޓްރީން އިއުލާނުކުރުމުން، އެކަމަށް ޓަކައި ތައްޔާރުކޮށްފައިވާ ފޯމު މެދުވެރިކޮށެވެ. ކުރިޔަށް އޮތް އަހަރަށް އަރުތަ ސްކޮލަރށިޕް ފަށާނެ އެތުލީޓުންގެ ނަންތައް ހިނގާ އަހަރުގެ ނޮވެންބަރު މަސް ނިމުމުގެ ކުރިން އިއުލާނުކުރަންވާނެއެވެ.
5 ވަނަ މާއްދާ - ތަމްރީނު ޕްރޮގުރާމުތަކުގެ ށަރުތު
އަރުތަ ޕްރޮގުރާމުގެ ދަށުން އެތުލީޓުންނަށް ބައިވެރިވެވޭނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ނުވަތަ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ނުވަތަ އެ ކުޅިވަރެއްގެ ގައުމީ ކުޅިވަރު އެސޯސިއޭށަނުން ގަބޫލުކުރާ ތަމްރީނު ޕްރޮގުރާމުތަކުގައެވެ.
6 ވަނަ މާއްދާ - ޕްރޮގުރާމުގެ މުއްދަތު
އަރުތަ ޕްރޮގުރާމުގެ ދަށުން ސަރުކާރުން ހަރަދުކުރާނީ 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށެވެ.
7 ވަނަ މާއްދާ - ސަރުކާރުން ހަރަދުކުރުން
ޕްރޮގުރާމުގައި ބައިވެރިވާ އެތުލީޓުންނަށް ސަރުކާރުގެ ފަރާތުން ހަރަދުކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ. އަދި މި ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ހަރަދުތައް ކުރާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން، ބަޖެޓުގައި ހިމަނައިގެންނެވެ.
(ހ) މި ގަވާއިދުގެ ދަށުން ކޮންމެ އަހަރެއްގައި ދޫކުރެވޭ ފައިސާއަކީ އެތުލީޓުގެ ތަމްރީނާއި ކުރިއެރުމަށް ހޭދަކުރުމަށް ދޭ ފައިސާއެވެ. އެތުލީޓަކަށް ދޫކުރެވޭނީ އަހަރަކަށް ގިނަވެގެން 300,000 (ތިންލައްކަ) ރުފިޔާއެވެ.
(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންމެ އަހަރަކަށް ދޫކުރާ ފައިސާގެ އަދަދު ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީއާއި އެތުލީޓާއި ގައުމީ އެސޯސިއޭށަނާ ދެމެދު ވާހަކަދެކެވި، ކަނޑައެޅިފައިވާ ފައިސާގެ އަދަދަށް އުނިއިތުރު ގެނެވިދާނެއެވެ.
(ނ) މި ފައިސާ ޖަމާކުރަމުން ގެންދާނީ، ކުޅިވަރަކަށް ހާއްސަކޮށްފައިވާ ގައުމީ އެސޯސިއޭށަނުގެ ބޭންކު އެކައުންޓަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާ އެސޯސިއޭށަނުގެ އެކައުންޓަށް ޖަމާވުމުން، އަރުތަ ޕްރޮގުރާމަށް ހޮވިފައިވާ އެތުލީޓަށް އެ އެތުލީޓުގެ ޓްރެއިނިންގ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން އެ ފައިސާ ހަރަދުކުރަންވާނެއެވެ. އަދި މި ފައިސާގެ އެއްވެސް މިންވަރެއް، އެސޯސިއޭށަނުގެ އިތުރު ކަމަކަށް ބޭނުންކޮށްގެން ނުވާނެއެވެ.
(ބ) އެ އަހަރަކަށް ދޫކުރާ ފައިސާ އެ އަހަރުގެ ތެރޭގައި ތަމްރީނުތަކަށް ބޭނުންކޮށްފައި ފައިސާ ބާކީވެއްޖެ ނަމަ ޖެހިގެން އަންނަ އަހަރު ދޫކުރަން ހަމަޖެހިފައިވާ ފައިސާގެ ތެރެއިން ކަނޑައި، ބާކީވާ ފައިސާ ގައުމީ ކުޅިވަރު އެސޯސިއޭށަނަށް ޖަމާކޮށްދެވޭނެއެވެ.
(ޅ) ތަމްރީނަށް ފުރަތަމަ ފައިސާ ދޫކުރުމަށްފަހު، ދެން ކޮންމެ އަހަރަކު ވެސް ފައިސާ ދޫކުރާނީ، އެންމެ ފަހުން ދޫކުރި ފައިސާ ހަރަދުކުރިގޮތުގެ ތަފުސީލު މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.
8 ވަނަ މާއްދާ - ގައުމީ ކުޅިވަރު އެސޯސިއޭށަނުގެ މަސްއޫލިއްޔަތުތައް
މި ޕްރޮގުރާމުގައި ބައިވެރިވާ އެތުލީޓުން ކަނޑައެޅުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް އެސޯސިއޭށަނުން ފުރިހަމަކޮށް އަދި މަސްއޫލިއްޔަތުތައް އަދާކުރުމަށް އެސޯސިއޭށަނުން އެއްބަސްވާންވާނެއެވެ. މި މަސްއޫލިއްޔަތުތަކާއި ސްޓްރަކްޗަރޑް ޕްލޭންތަކުގެ ސަބަބުން އެތުލީޓެއްގެ ކުރިއެރުމާއި ދުޅަހެޔޮކަމާއި ކުޅިވަރުގެ ދާއިރާއިން ކާމިޔާބީއާ ހަމަޔަށް ވާސިލުވުމަށް އެހީތެރިކަން ދެވޭކަން ކަށަވަރުކޮށްދޭން ވާނެއެވެ.
(ހ) އަރުތަ ޕްރޮގުރާމު ވިލަރެސްކުރުމަށް ޓަކައި ގައުމީ ކުޅިވަރު އެސޯސިއޭށަނުން ފޯކަލް ޕޮއިންޓެއް ގާއިމުކުރުން.
(ށ) އެތުލީޓުންނަށް ފައިދާކުރުވަނިވި ތަމްރީނު ޕްރޮގުރާމުތައް ހޯދައި، އެފަދަ ޕްރޮގުރާމުތަކުގައި ބައިވެރިކުރުވުން.
(ނ) ރެގިއުލަރ ޗެކްއިންތަކާއި، ރިޕޯޓުތަކާއި، ޕާފޯމަންސް އިވެލުއޭށަންތައް ހަދައި، އެތުލީޓުގެ ކުރިއެރުން މޮނިޓަރކުރަން ވާނެއެވެ. އަދި އެތުލީޓު ޓްރެކްގައި ދެމިހުރުމަށާއި، ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމަށް، ބިނާކުރަނިވި ފީޑްބެކް ދިނުން.
(ރ) ތިރީގައި މިވާ ރިޕޯޓުތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- ކުއާޓަލީ ރިވިއު: ކޮންމެ ތިންމަހެއް ނިމުމުން ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން (ހުށަހެޅުމަށް)
- ޓްރެއިނިންގ ލޮގް: ތަމްރީނުގެ ހަރަކާތްތަކުގެ ތަފުސީލީ ލޮގާއި، ގަޑިއާއި، ކުރިއެރުން.
- ޕާފޯމަންސް މެޓްރިކްސް: ފިޓްނަސް ލެވެލްއާއި މުބާރާތުގެ ނަތީޖާއާއި، ސްކިލް ޑިވެލޮޕްމަންޓް ފަދަ މުހިންމު ޕާފޯމަންސް އިންޑިކޭޓަރުތަކުގެ އަޕްޑޭޓްތައް.
- ޕާފޯމަންސް އިވެލުއޭށަން: ބޯޑާއި އެސޯސިއޭށަނާއި، އެތުލީޓުގެ އިވެލުއޭށަން ސެށަނެއް އިންތިޒާމުކޮށް އިވެލުއޭށަން ރިޕޯޓު.
- ހަރަދުގެ ރިޕޯޓު: ހަރަދުތަކުގެ އައިޓަމައިޒްޑް ލިސްޓު، އެއާ ގުޅޭ ލިޔެކިޔުންތަކާއެކު.
- ގޯލް އެޑްޖަސްޓްމަންޓް: ކުރިއެރުމާއި ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށް، ކުރު މުއްދަތުގެ ލަނޑުދަނޑިތައް އަލުން އެސެސްކޮށް، އެޑްޖަސްޓްކުރި ނަމަ، އެކަމުގެ ތަފުސީލު.
- އަހަރީ ރިޕޯޓު: ކޮންމެ އަހަރެއް ނިމުމުން ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން (ހުށަހެޅުމަށް)
- ކޮމްޕްރިހެންސިވް ރިޕޯޓު: ތަމްރީނާއި، ޕާފޯމަންސާއި، ކުރެވުނު ހަރަދުތައް ހިމަނައިގެން ތަފުސީލީ ރިޕޯޓެއް.
- ސްޓްރެޓެޖިކް މީޓިންގ: މިނިސްޓްރީއާ ބައްދަލުކޮށް ދިގު މުއްދަތުގެ ޕްލޭންތަކާއި، ލަނޑުދަނޑިތަކާއި މުސްތަގުބަލުގައި ފަންޑިންގ ރިކުއަރމަންޓްތަކާ ބެހޭގޮތުން މަށްވަރާކުރުން.
9 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތު
މި ގަވާއިދުގެ ދަށުން މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ:
(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕްރޮގުރާމުގައި ބައިވެރިވާ ކުޅުންތެރީންނަށް ދިނުމަށް ކަނޑައަޅައިފައިވާ ފައިސާ، އެ ކުޅުންތެރިޔަކު ނިސްބަތްވާ ގައުމީ އެސޯސިއޭށަންގެ އެކައުންޓަށް ޖަމާކުރުން.
(ށ) އެތުލީޓުންގެ ތަމްރީން ކުރިޔަށްދާ ގޮތް، ގައުމީ އެސޯސިއޭށަނުގެ ފޯކަލް ޕޮއިންޓް މެދުވެރިކޮށް، މޮނިޓަރ ކުރަންވާނެއެވެ. މިގޮތުން، ރެގިއުލަރ ޗެކްއިންތަކާއި، މާލީ ރިޕޯޓުތަކާއި، ޕާފޯމަންސް އިވެލުއޭށަންތައް ހޯދައި، އެތުލީޓުންގެ ކުރިއެރުން މޮނިޓަރ ކުރަންވާނެއެވެ.
(ނ) ގައުމީ އެސޯސިއޭށަނުން ހުށަހަޅާ ހުރިހާ ރިޕޯޓުތައް ރައްކައުތެރިކަމާއެކު ބަލަހައްޓައި ބޭނުންވެއްޖެ ހިނދެއްގައި ފަސޭހަކަމާއެކު، މި މައުލޫމާތު ފެންނާނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.
(ރ) ދެފުށް ފެންނަ އަދި ޒިންމާދާރުކަން ކަށަވަރުކުރުމަށް އެސޯސިއޭށަނުން ފައިސާ ހަރަދުކޮށްފައިވާ ގޮތް ބަޔާންކޮށްފައިވާ ރިޕޯޓުތަކުގެ އެހީގައި ކަށަވަރުކޮށް ގަވާއިދުން ބަލައި، ރިވިއުކުރަންވާނެއެވެ.
(ބ) މީޑިއާއާއި ޕަބްލިކް އެންގޭޖްމަންޓް މެދުވެރިކޮށް އެތުލީޓުގެ ކާމިޔާބީތައް އިށްތިހާރުކުރުމަށް އެހީތެރިވެދޭންވާނެއެވެ.
(ޅ) އެތުލީޓުންނާމެދު ކުރެވޭ އުންމީދުތަކާއި، ލިބެންހުރި ފުރުސަތުތަކާ ގުޅޭގޮތުން، އެއްހަމައެއްގައި މުއާމަލާތުކޮށް، ކުޅިވަރުގެ ގައުމީ އެސޯސިއޭށަނާއި، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެތުލީޓުންނަށް، ފުޅާ ދާއިރާއެއްގައި، އެހީތެރިކަން ފޯރުކޮށްދިނުމަށް، މަސައްކަތް ކޮށްދޭންވާނެއެވެ.
10 ވަނަ މާއްދާ - އެތުލީޓުންގެ މަސްއޫލިއްޔަތު
މި ގަވާއިދުގެ ދަށުން އެތުލީޓުންގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.
(ހ) ޓްރެއިނިންގ ސެންޓަރުން ނުވަތަ ކުޅިވަރުގެ ގައުމީ އެސޯސިއޭށަނުން ތައްޔާރުކޮށްފައިވާ ޓްރެއިނިންގ ށެޑިއުލާއި ޕްރޮގްރާމަށް އަމަލުކޮށް، ޕާފޯމަންސް ރަނގަޅުކުރުމަށް އަޒުމް ކަނޑައަޅައި މަސައްކަތްކުރުން.
(ށ) އެ އެތުލީޓަކު ބައިވެރިވުމަށް އެސޯސިއޭށަނުން ކަނޑައަޅައިފައިވާ މުބާރާތްތަކާއި އިވެންޓްތަކުގައި ބައިވެރިވުން.
(ނ) ތަމްރީނުގެ ކުރިއެރުމާއި، ގޮންޖެހުންތަކާއި ކާމިޔާބީތަކާ ގުޅޭ އަޕްޑޭޓްތައް ގައުމީ އެސޯސިއޭށަނަށް ފޯރުކޮށްދީ، ބޭނުންވާ އެޖަސްޓްމަންޓްތަކާ ބެހޭގޮތުން މަށްވަރާކުރުން.
(ރ) ކުޅިވަރުކުޅުމާއި ދަނޑުމަތީގައްޔާއި ދަނޑުން ބޭރުގައި ވެސް އަހްލާގު ހިފެހެއްޓުމާއި، ނަޒާހަތްތެރިކަން ދަމަހައްޓައި، ސްޓޭންޑަރޑް އޮފް ސްޕޯޓިންގ އެތިކްސް (ކުޅިވަރުގެ އަހްލާގީ މިންގަނޑު) އަށް ހުރުމަތްތެރިކޮށް ހިތުން.
(ބ) ޓްރެއިނިންގ ޕްރޮގްރާމުގެ މުއްދަތުގައި ޕްރޮގްރާމު ފުރިހަމަކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، މެޑިކަލް އެގްޒަމިނޭށަންތައް ފުރިހަމަކުރުން.
(ޅ) ޓްރެއިނިންގ ހިންގަމުންގެންދާ މަރުކަޒުގެ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމަޔަށް ކިޔަމަންތެރިކަމާއެކު އަމަލުކުރުން.
(ކ) ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ގޮސް ހުންނަ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމަޔަށް ހުރުމަތްތެރިކޮށް ހިތުމާއި، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުން.
(އ) އެންޓި-ޑޯޕިންގ ކޯޑަށް ތަބާވުން.
(ވ) ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ އެތުލީޓުންގެ ރީތި ނަމަށް އެއްވެސް ކިލަނބުކަމެއް ނުވަތަ ނުރަނގަޅު ނަމެއް އަތުވެދާނެ ފަދަ އެއްވެސް އަމަލެއްގައި ނުވަތަ ހަރަކާތެއްގައި، ބަހުންނާއި އަމަލުންނާއި އެނޫން ގޮތަކަށް ވެސް ބައިވެރިނުވުމާއި، އެފަދަ ހަރަކާތްތަކަށް ތާއީދު ނުދިނުން.
(މ) މިނިސްޓްރީގެ ޕްރޮގްރާމުތަކާއި ގައުމީ އެސޯސިއޭށަނުގެ ޕްރޮގްރާމުތަކާއި މަގްސަދުތައް ޕްރޮމޯޓްކޮށް މީޑިއާ އެންޑް ޕަބްލިކް އެޕިއަރެންސްތަކުގައި، މިނިސްޓްރީންނާއި ގައުމީ އެސޯސިއޭށަނުން ބޭނުންވާ ގޮތަށް މީޑިއާގެ މުއާމަލާތްތަކާއި އާންމުންގެ މެދުގައި ބައިވެރިވެ، ކުޅިވަރު ކުރިއެރުވުމާއި އެހެން މީހުންނަށް ހިތްވަރުދިނުން.
(ފ) އަރުތަ ޕްރޮގްރާމުގެ މުއްދަތު ނިންމުމަށްފަހު، ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދީ، ކުޅިވަރުގައި ކުރިއަރަމުން އަންނަ އެންމެހައި އެތުލީޓުންނަށާއި، މުޖުތަމައަށް ނަމޫނާ ށަހްސިއްޔަތަކަށް ވުން.
11 ވަނަ މާއްދާ - ބެލެނިވެރިންގެ މަސްއޫލިއްޔަތު
18 (އަށާރަ) އަހަރުން ދަށުގެ އެތުލީޓުން ށާމިލުކޮށްގެން އަރުތަ ޕްރޮގްރާމު ކުރިޔަށް ގެންދިއުމަށް ޓަކައި އެތުލީޓުންގެ ބެލެނިވެރިންގެ ފަރާތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) އެތުލީޓުން ގަވާއިދުން ތަމްރީނުގައި ބައިވެރިކޮށް، އެތުލީޓުންގެ ތަމްރީނު ކުރިޔަށްދާ މިންވަރު ދެނެގަތުން.
(ށ) އެތުލީޓުންގެ މެޑިކަލް ރިޕޯޓުތައް ބަލަހައްޓައި، އެތުލީޓަށް އަންނަ ބަދަލުތައް، އެތުލީޓު ނިސްބަތްވާ ގައުމީ ކުޅިވަރު އެސޯސިއޭށަނާ ގަވާއިދުން ހިއްސާކުރުން.
(ނ) އެތުލީޓުގެ ތަމްރީނުތައް ކުރިޔަށް ގެންދިޔުމަށް ކޯޗުންނަށް ބެލެނިވެރިއެއްގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުންދީ އެހީތެރިވުން.
(ރ) އެތުލީޓެއްގެ ސްޕޯޓްސް ޑިސިޕްލިންއަށް އެއްވެސް ބަދަލެއް އަންނަމުންދާކަން ފާހަގަކުރެވިއްޖެ ނަމަ، ކަމާ ގުޅޭ ފަރާތްތަކާ މަށްވަރާކޮށް، ގައުމީ ކުޅިވަރު އެސޯސިއޭށަނާ އެކަން ހިއްސާކުރުން.
(ބ) ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓަރީކުރުމާ ގުޅޭ އެންމެހައި ކަންތައްތައް ކުރުން.
(ޅ) ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންނަށް ގާނޫނުތަކުން ލިބެން ލާޒިމުކުރާ އެންމެހައި ހައްގުތައް އެތުލީޓަށް ލިބޭކަން ކަށަވަރުކުރުން.
12 ވަނަ މާއްދާ - ސިލެކްށަން ކޮމިޓީ
މި ކޮމިޓީއަކީ އަރުތަ ޕްރޮގްރާމުގައި ބައިވެރިވުމަށް މިނިސްޓްރީއަށް ހުށަހަޅާ އެތްލީޓުންގެ ތެރެއިން ޕްރޮގްރާމުގައި ބައިވެރިކުރާނެ އެތްލީޓުން ހޮވާނީ މި ކޮމިޓީއެވެ.
(ހ) މި ކޮމިޓީ އެކުލެވިގެންވަނީ ތިރީގައިމިވާ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ. މި ކޮމިޓީގެ މެންބަރުން އައްޔަނުކުރާނީ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތީން، ކުޅިވަރާބެހޭ ވަޒީރެވެ.
- މިނިސްޓްރީ ތަމްސީލުކުރާ 1 (އެކެއް) މެންބަރު
- ކުޅިވަރާބެހޭ ގައުމީ މަޖިލިސް ތަމްސީލުކުރާ 1 (އެކެއް) މެންބަރު
- މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ތަމްސީލުކުރާ 1 (އެކެއް) މެންބަރު
- މިނިސްޓަރު އައްޔަނުކުރާ އަންހެން 1 (އެކެއް) މެންބަރު
- ގައުމީ ކުޅިވަރު އެސޯސިއޭށަންތައް ތަމްސީލުކުރުމަށް 1 (އެކެއް) މެންބަރު (ކުޅިވަރުގެ ގައުމީ އެސޯސިއޭށަންތައް ތަމްސީލުކުރާ މެންބަރު ހޮވާނީ އެސޯސިއޭށަންތަކުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ.)
(ށ) ކޮމިޓީގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ.
(ނ) ކޮމިޓީގެ ޖަލްސާ ބޭއްވޭނީ ކޮމިޓީގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
(ރ) މި ކޮމިޓީގެ އެއްވެސް ނިންމުމެއް ނިންމޭނީ 4 (ހަތަރެއް) މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
(ބ) މި ކޮމިޓީގެ ދައުރަކީ 4 (ހަތަރެއް) މީލާދީ އަހަރުދުވަހެވެ.
(ޅ) ކޮމިޓީގެ މެންބަރުންގެ ދައުރު ހަމަވުމުގެ ކުރިން ވަކިކުރެވޭނީ ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިން ކުޅިވަރާބެހޭ މިނިސްޓަރަށެވެ.
13 ވަނަ މާއްދާ - ސިލެކްށަން ކްރައިޓީރިއާ
(ހ) އަރުތަ ޕްރޮގްރާމުގެ ސިލެކްށަން ކޮމިޓީ އެކުލަވައިލާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، މި ކޮމިޓީން އަރުތަ ޕްރޮގްރާމުގެ ސިލެކްށަން ކްރައިޓީރިއާއެއް އެކުލަވައިލައި، ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ސިލެކްށަން ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ.
(ށ) ސިލެކްށަން ކްރައިޓީރިއާގައި ހުންނަންޖެހޭ ށަރުތުތައް ކަނޑައަޅާނީ އަރުތަ ޕްރޮގްރާމުގެ ސިލެކްށަން ކޮމިޓީންނެވެ.
(ނ) އަރުތަ ޕްރޮގްރާމާ ގުޅިގެން ށަކުވާ ހުށަހަޅާނެ ގޮތުގެ އުސޫލެއް އަރުތަ ޕްރޮގްރާމުގެ ސިލެކްށަން ކޮމިޓީން އެކުލަވައިލަންވާނެއެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި އުސޫލު އެކުލަވައިލަން ވާނެއެވެ.
14 ވަނަ މާއްދާ - ފިޔަވަޅުއެޅުން
މި ގަވާއިދުގެ ދަށުން އަރުތަ ޕްރޮގްރާމުގެ ބައިވެރިޔަކަށް ފިޔަވަޅެއް އަޅަން ޖެހިއްޖެ ހިނދެއްގައި، ގާނޫނާއި ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅެއް އަޅާނީ އަރުތަ ޕްރޮގްރާމުގެ ސިލެކްށަން ކޮމިޓީންނެވެ.
15 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި، ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރަންވާނީ، އެ ލަފުޒުތައް ނުވަތަ އިބާރާތްތައް ތިރީގައި މާނަކޮށްފައިވާ ގޮތަށެވެ.
(ހ) "ކުޅިވަރާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ކުޅިވަރުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "ކުޅިވަރާބެހޭ ވަޒީރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ނ) "އެތްލީޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އަރުތަ ޕްރޮގްރާމަށް ހޮވޭ ފަރާތްތައްކަމަށްވާ ކުޅުންތެރީންނާއި، ކޯޗުންނާއި، މެޑިކަލް އޮފިށަލުންނާއި، ފިޒިއޯއިންނާއި، ޓެކްނިކަލް އޮފިށަލުން ހިމެނޭ ގޮތަށެވެ.
(ރ) "ގައުމީ ކުޅިވަރު އެސޯސިއޭށަން" ކަމަށް ބުނެފައި އެވަނީ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ގައުމީ ހައިސިއްޔަތު ދީފައިވާ އެސޯސިއޭށަންތަކަށެވެ.
(ބ) "ކުޅިވަރާބެހޭ ގައުމީ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ކުޅިވަރާބެހޭ ގައުމީ މަޖިލީހަށެވެ.
(ޅ) "ސަރުކާރު" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި އެ ފަރާތުގެ އެންމެހައި އިދާރާތައް ހިމެނޭ ގޮތުގެ މަތީންނެވެ.
(ކ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ އެތުލީޓެއްގެ މަންމަ/ބައްޕަ ނުވަތަ ގާނޫނީ ބަލަދުވެރިޔާއަށެވެ.
(އ) "ކަމާ ގުޅޭ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އެކިއެކި ޒިންމާތައް އަދާކުރުމަށް ހަވާލުކުރެވިފައިވާ ފަރާތްތަކަށެވެ.
16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
(މި ގަވާއިދުގެ އަންނަނިވި ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ޖަދުވަލު 1
(އަރުތަ ޕްރޮގްރާމަށް އެދި ހުށަހަޅާ ފޯމު)
ކިޔުންތެރިންގެ ހިޔާލު