-

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-10) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2026-10)

(މި ގާނޫނަށް އަމަލުކުރަން ފެށީ 31 އޮގަސްޓު 2026 ގައި)

 

ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނަކީ، މުދަލާއި ހިދުމަތުގެ އަގުން "ގުޑްސް އެންޑް ސަރވިސަސް ޓެކްސް" ނެގުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖީއެސްޓީ 2.

މި ގާނޫނުގެ ބޭނުމަށްޓަކައި ޖީއެސްޓީ ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ފޯރުވައިދޭ މުދަލާއި ހިދުމަތުން މި ގާނޫނުގެ ދަށުން ނަގާ ގުޑްސް އެންޑް ސަރވިސަސް ޓެކްސް އަށެވެ. މި ގާނޫނުގައި މީގެ ފަހުން "ޖީ.އެސް.ޓީ" މިފަދައިން އިށާރާތްކޮށްފައިވާނީ ގުޑްސް އެންޑް ސަރވިސަސް ޓެކްސް އަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުދާ 3.

(ހ) މި ގާނޫނުގެ ބޭނުމަށް މުދާ ކަމަށް ބުނެފައި އެވަނީ، މާއްދީ އުފުލޭ މުދަލަށާއި ނުއުފުލޭ މުދަލަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުދަލުގެ ތެރޭގައި އަންނަނިވި ބާވަތްތަކުގެ މުދަލެއް ނުހިމެނެއެވެ.

(1) ފައިސާ؛

(2) ވައިރު، ކޭބަލް، ރޭޑިއޯ ނުވަތަ އޮޕްޓިކަލް ނިޒާމެއް ނުވަތަ އެނޫންވެސް އިލެކްޓްރޯމެގްނެޓިކް ނިޒާމެއް ނުވަތަ އެފަދަ އެހެން ޓެކްނިކަލް ނިޒާމެއް މެދުވެރިކޮށް ޓްރާންސްމިޓްކުރެވޭ މުދާ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިދުމަތް 4.

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ހިދުމަތް ކަމަށް ބުނެވިފައި އެވަނީ، މުދަލުގެ ގޮތުގައި ނުހިމެނޭ އެންމެހައި ކަންކަމަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ހިދުމަތުގެ ތެރެއިން ފައިސާ ނުހިމެނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.

ދިވެހިރާއްޖޭގައި ފޯރުވައިދޭ މުދާ 1-5.

މުދާ ފޯރުވައިދެނީ ދިވެހިރާއްޖޭގައި ކަމުގައި އަންނަނިވި ހާލަތުތަކުގައި ބެލެވޭނެއެވެ.

(ހ) މުދާ ފޯރުވައިދިނުމުގައި، މުދާ ޓްރާންސްޕޯޓްކޮށްދިނުން ހިމެނޭނަމަ، އެ މުދާ ޓްރާންސްޕޯޓްކުރަން ފަށާ ގައުމަކީ ދިވެހިރާއްޖެ ކަމުގައިވުން؛ ނުވަތަ

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައިމެނުވީ، އެނޫން ހާލަތެއްގައިނަމަ، މުދާ ފޯރުވައިދޭ ފަރާތުން އެ މުދާ ދިވެހިރާއްޖޭގައި ލިބޭނެގޮތް ހަމަޖައްސައިދީފައިވުން.
 

5-2. ދިވެހިރާއްޖޭގައި ފޯރުވައިދޭ ހިދުމަތް

(ހ) އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ވިޔަފާރި ހިންގާ ތަނަކުން، ނުވަތަ އެފަދަ ތަނެއް މެދުވެރިކޮށް، ހިދުމަތެއް ފޯރުވައިދީފިނަމަ އެއީ ދިވެހިރާއްޖޭގައި ފޯރުވައިދިން ހިދުމަތެއް ކަމުގައި ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އޮތް ނަމަވެސް، ހިދުމަތް ލިބިގަންނަ ފަރާތަކީ ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ނުވާނަމަ ހިދުމަތް ފޯރުވައިދިނީ ދިވެހިރާއްޖޭގައި ކަމުގައި އަންނަނިވި ހާލަތުތަކުގައި ބެލެވޭނެއެވެ.

(1) އެ ހިދުމަތް ފޯރުވައިދިން ވަގުތު ދިވެހިރާއްޖޭގައި ހުރި ފަރާތަކުން އެ ހިދުމަތުގެ އަމަލީ މަސައްކަތް ދިވެހިރާއްޖޭގައި ކުރުން؛ ނުވަތަ

(2) އެ ހިދުމަތަކީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅޭ ހިދުމަތަކަށްވުން؛ ނުވަތަ

(3) އެ ހިދުމަތަކީ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ފޯރުވައިދިނުން ކަމުގައިވުން ނުވަތަ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަކާ ގުޅޭގޮތުން ފޯރުވައިދޭ އޭޖެންސީ ހިދުމަތެއް ނުވަތަ ބުކިންގ ހިދުމަތެއް ކަމުގައިވުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އުނިކުރުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖީ.އެސް.ޓީ ނެގުން 12.

މި ގާނޫނުގެ 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރޭޓުތަކުގައި، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ފޯރުވައިދޭ ޓެކްސް ނެގޭ މުދަލާއި ހިދުމަތުގެ އަގުން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖީ.އެސް.ޓީ ނަގަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ކަންކަމާއި މުދަލާއި ހިދުމަތަކީ ޓެކްސް ނެގޭ ހަރަކާތެއްގެ ބައެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް، މެދުކެނޑުމެއްނެތި ނުވަތަ ދާއިމީ ސިފައެއްގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިނުމަށްޓަކައި ހިންގާ ވިޔަފާރީގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ:

(1) ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިނުން؛

(2) ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިނުން؛

(3) ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިނުން؛

(4) ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީއަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިނުން.

(5) ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ހވ) ގައި މާނަކޮށްދީފައިވާ ފަދަ ދާއިމީ މަރުކަޒެއް މެދުވެރިކޮށް، މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިނުން؛

(6) ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ށނ) ގެ (2) ވަނަ ނަންބަރުގައި މާނަކޮށްދީފައިވާ ފަދަ ޕާޓްނަރށިޕަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިނުން؛

(7) ޓޫރިޒަމާބެހޭ މިނިސްޓްރީން ހިންގުމުގެ ހުއްދައެއް ލިބިގެން ހިންގާ ތަނަކުން ނުވަތަ އުޅަނދަކުން ނުވަތަ ހިންގުމުގެ ހުއްދައެއް ނަގައިގެން ހިންގަންޖެހޭ ތަނަކުން ނުވަތަ އުޅަނދަކުން ނުވަތަ ޗާޓަރ ލައިސަންސް ލިބިގެން ދުއްވައި ބަނދަރުކުރާ އުޅަނދަކުން ނުވަތަ ދުއްވައި ބަނދަރުކުރުމަށް ޗާޓަރ ލައިސަންސް ނަގަންޖެހޭ އުޅަނދަކުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިނުން؛

(8) އެ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ދިވެހިރާއްޖޭގައި ނެތް ފަރާތަކުން، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ދިވެހިރާއްޖޭގައި ފޯރުވައިދިނުން؛

(9) ދިވެހިރާއްޖޭގައި އެ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން، 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި، 90 (ނުވަދިހަ) ދުވަހުގެ މުއްދަތަކަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިނުން؛

(10) ދިވެހިރާއްޖޭގައި އެ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ހުރި ފަރާތަކުން، ފޯރުވައިދެމުންދާ މުދަލެއް ނުވަތަ ހިދުމަތެއް ޖުމްލަގޮތެއްގައި 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި 90 (ނުވަދިހަ) ދުވަހުގެ މުއްދަތަކަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ފޯރުވައިދޭނެކަމަށް އަންދާޒާކުރެވުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(6) ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓާއި އެފަދަ ޕްރޮޑަކްޓަކާ ގުޅޭގޮތުން ފޯރުވައިދޭ އޭޖެންޓް ނުވަތަ ބުކިންގ ހިދުމަތް.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(1-ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުދަލާއި ހިދުމަތުން ޖީ.އެސް.ޓީ ނަގާނީ، މި މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ ރޭޓުގައި، 1 އޮކްޓޫބަރު 2026 އިން ފެށިގެންނެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން ފަސް އަކުރު އިތުރުކުރުން.

(ޅ) މި މާއްދާގެ (ނ) ގެ ބޭނުމަށް، ޗާޓަރުގެ އަގު ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް އުޅަނދެއް ޗާޓަރުކުރުމުގެ މުއާމަލާތެއްގެ މުގާބިލުގެ ގޮތުގައި، އެ އުޅަނދު ޗާޓަރުކުރުމުގެ ހިދުމަތަށް، ޗާޓަރުކުރާ ފަރާތުން ފައިސާއިންނާއި އެނޫންވެސް ގޮތްގޮތުން ދައްކާ ޖުމްލަ އަގަށެވެ.

(ކ) މި މާއްދާގެ (ނ) ގެ ބޭނުމަށް ޗާޓަރެއް ކަމަށް ބުނެފައި އެވަނީ، އަންނަނިވި ބޭނުންތަކަށް ޓޫރިސްޓް އުޅަނދެއް ކުއްޔަށް ދޫކުރުމަށެވެ.

(1) ވަކި ދަތުރަކަށް ނުވަތަ ދަތުރުތަކަކަށް، 15 (ފަނަރަ) ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ނުވަތަ

(2) ކުއްޔަށް ހިފާ ފަރާތުގެ އަމިއްލަ ބޭނުމަށް ކުއްޔަށް ދޫކުރުމަށް.

(އ) ޓޫރިސްޓް އުޅަނދެއް، ކުއްޔަށް ދޫކުރާ ހާލަތުގައި މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާނަމަ، ކުއްޔަށް ދޫކުރާ ފަރާތާއި، ކުއްޔަށް ހިފާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގައި، އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އުޅަނދުން ފޯރުވައިދޭ މުދަލާއި ހިދުމަތުގެ އަގުން، އެ އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް އޮންނަ ފަރާތުން ޖީ.އެސް.ޓީ. ދައްކަންޖެހޭނެއެވެ.

(ވ) މި މާއްދާގެ (ކ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ބެލުމުގައި، ކުއްޔަށް ހިފާ ފަރާތާ ނުވަތަ ކުއްޔަށް ހިފާ ފަރާތާ ގުޅުންހުރި ފަރާތްތަކާއެކު 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތެއްގެ ތެރޭގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެންމެހައި އެއްބަސްވުންތަކުގައި ހިމެނޭ ދުވަސްތައް ގުނަންވާނެއެވެ.

(މ) މި މާއްދާގެ ބޭނުމަށް ވަކި މުދަލަކީ ނުވަތަ ހިދުމަތަކީ ޓޫރިޒަމް ދާއިރާގެ މުދަލެއް ނުވަތަ ހިދުމަތެއް ކަމަށް ބެލުމަށްޓަކައި، އެ މުދާ ނުވަތަ ހިދުމަތަކީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ތަންތަނުން ހިދުމަތް ލިބިގަންނަން އަންނަ މީހުންނަށް އަމާޒުކޮށް ވިއްކާ މުދަލަކަށް ނުވަތަ ދޭ ހިދުމަތަކަށްވުން ނުވަތަ އެފަދަ ތަންތަނުން މުދާ ނުވަތަ ހިދުމަތް ލިބިގަންނަ މީހާއަށް ވިއްކާ މުދާ ނުވަތަ ދޭ ހިދުމަތުގެ އާންމު މާނައިގައި ހިމެނޭ މުދަލަކަށް ނުވަތަ ހިދުމަތަކަށްވުން ލާޒިމެއް ނޫނެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ރ) ރަޖިސްޓަރީކޮށްފައިވާ ފަރާތުން ފޯރުވައިދޭ ކޮންމެ މުދަލަކަށްވެސް، އަންނަނިވި ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޓެކްސް އިންވޮއިސްއެއް ނުވަތަ ރަސީދެއް ތައްޔާރުކުރަންވާނެއެވެ.

(1) ފޯރުވައިދިން މުދަލަކީ އެ މުދާ ވިއްކާ ތަނުން ބޭރަށް ގެންދާ ޒާތުގެ މުދަލަކަށްވާނަމަ، އެ ތަނުން ބޭރަށް އެ މުދާ ގެންދާ ތާރީހް؛

(2) ފޯރުވައިދިން މުދަލަކީ އެ މުދާ ވިއްކާ ތަނުން ބޭރަށް ގެންދާ ޒާތުގެ މުދަލަކަށް ނުވާނަމަ، މުދާ ގަންނަ ފަރާތުގެ ބޭނުމަށް އެ މުދާ ފޯރުވައިދޭ ތާރީހް.

(ބ) ރަޖިސްޓަރީކޮށްފައިވާ ފަރާތުން ފޯރުވައިދޭ ކޮންމެ ހިދުމަތަކަށްވެސް، އެ ހިދުމަތް ފޯރުވައިދީ ނިމޭ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޓެކްސް އިންވޮއިސްއެއް ނުވަތަ ރަސީދެއް ތައްޔާރުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ނުވަތަ (ބ) ގައި ބަޔާންކޮށްފައިވާ ޓެކްސް އިންވޮއިސް ނުވަތަ ރަސީދު ތައްޔާރުކޮށްފައި ނުވިނަމަވެސް، ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު ބެލުމުގެ ބޭނުމަށް ޓެކްސް އިންވޮއިސްއެއް ނުވަތަ ރަސީދެއް އެ އަކުރުތަކުގައި ބަޔާންކުރާ މުއްދަތު ނިމޭ ދުވަހު ތައްޔާރުކުރިކަމަށް ބަލަންވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ބ) ދިވެހިރާއްޖޭގައި އެ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއްގެ އަގު ކަނޑައަޅާނީ އަންނަނިވި ގޮތުގެމަތިންނެވެ.

(1) އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއްގެ އަގު އަދާކުރަނީ ފައިސާއިން ކަމުގައިވާނަމަ، އެ ޕްރޮޑަކްޓްގެ އަގު ކަމުގައި ބަލާނީ، އެ ޕްރޮޑަކްޓްގެ މުގާބިލުގެ ގޮތުގައި އަދާކުރި ފައިސާއިން، އެ ޕްރޮޑަކްޓަކާ ގުޅިގެން ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ދައްކަންޖެހުނު މުގާބިލުގެ އަދަދު ކެނޑުމުން އަންނަ އަދަދުން ޖީއެސްޓީގެ އަދަދަށްވާ ފައިސާ ކެނޑުމުން އަންނަ އަދަދެވެ.

(2) އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއްގެ އަގު އަދާކުރަނީ ފައިސާ ނޫން އެހެން އެއްޗަކުން ކަމުގައިވާނަމަ، އެ ޕްރޮޑަކްޓްގެ އަގު ކަމުގައި ބަލާނީ، އެ ޕްރޮޑަކްޓްގެ މުގާބިލުގެ ގޮތުގައި ލިބުނު އެއްޗެއްގެ ބާޒާރުގެ އަގުން، އެ ޕްރޮޑަކްޓަކާ ގުޅިގެން ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ދައްކަންޖެހުނު މުގާބިލުގެ އަދަދު ކެނޑުމުން އަންނަ އަދަދުން ޖީއެސްޓީގެ އަދަދަށްވާ ފައިސާ ކެނޑުމުން އަންނަ އަދަދެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ޏ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(ސ) ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ ދަށުން، އޮޕަރޭޓިންގ ލައިސަންސެއް ނެގުމަށްފަހު ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ތަނަކުން، ދޭ ކުނި މެނޭޖުކުރުމުގެ ހިދުމަތް.

(ޑ) ދިވެހިސަރުކާރުން ނުވަތަ ދިވެހިސަރުކާރު މެދުވެރިކޮށް ސަރުކާރު ކުންފުންޏަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން، ބޭރު ގައުމަކާއެކު ނުވަތަ ބޭރުގެ މާލީ އިދާރާއަކާއެކު ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކާއެކު ވެފައިވާ ލޯނުގެ ނުވަތަ ހިލޭ އެހީގެ އެއްބަސްވުމެއްގައި، ޓެކްސް ނެގުމުން އިސްތިސްނާކޮށްފައިވާ މިންވަރަށް، އެ އެއްބަސްވުމެއްގެ ދަށުން ހިންގާ މަށްރޫއެއްގެ ބޭނުމަށް ދައުލަތުގެ އޮފީހަކަށް، ނުވަތަ ސަރުކާރު ކުންފުންޏަކަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ފޯރުވައިދޭ މުދަލާއި ހިދުމަތް ފޯރުވައިދިނުން.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދޭ ފަރާތަކުން އެ މުދާ ނުވަތަ ހިދުމަތް ފޯރުވައިދިނުމަށްޓަކައި ރަޖިސްޓަރީކޮށްފައިވާ އެހެން ފަރާތެއްގެ ކިބައިން ލިބިގަންނަ އެއްވެސް މުދަލަކަށް ނުވަތަ ހިދުމަތަކަށް އެ ފަރާތަށް ޖީ.އެސް.ޓީ ދައްކާފައިވީ ނަމަވެސް، އެގޮތުން ދައްކާފައިވާ ޖީ.އެސް.ޓީގެ އެއްވެސް ފައިސާއެއް މީރާއިން އަނބުރާ ނުހޯދުން.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާ އުނިކުރުން.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާ އުނިކުރުން.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާގެ (ށ) އުނިކުރުން.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ފޯރުވައިދޭ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ދިވެހިރާއްޖޭގައި ނެތްނަމަ އިންޕުޓް ޓެކްސްގެ ގޮތުގައި އައުޓްޕުޓް ޓެކުހުން އެއްވެސް އަދަދެއް އެ ފަރާތަކަށް އުނިއެއް ނުކުރެވޭނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ލިޔެކިޔުންތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، އެ ލިޔެކިޔުންތައް ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތު ނިމޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(މ) މި މާއްދާގެ (ހ) އިން ފެށިގެން (ވ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ އުސޫލުތައް ހިނގާނީ، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށެވެ.

(ފ) މި ގާނޫނު އެ ފަރާތެއްގެ މައްޗަށް ހިނގާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ށަރުތުތަކުންކުރެ ށަރުތެއް ފުރިހަމަވާ ކޮންމެ ފަރާތަކުން ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.

(1) އެއްވެސް 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި، ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ވިޔަސް، ދިވެހިރާއްޖޭގައި، އެ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ހުރި ފަރާތަކުން ދިވެހިރާއްޖޭގައި ފޯރުވައިދިން މުދަލާއި ހިދުމަތުގެ ޖުމްލަ އަގު 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތައް. 

(2) އެއްވެސް 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގައި އެ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ހުރި ފަރާތަކުން ދިވެހިރާއްޖޭގައި ފޯރުވައިދޭ މުދަލާއި ހިދުމަތުގެ ޖުމްލަ އަގު 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ އިތުރުވާނެކަމަށް އަންދާޒާކުރެވޭ ފަރާތްތައް؛

(3) މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ހިދުމަތް ފޯރުވައިދޭ ފަރާތްތައް؛

(4) އަމިއްލަ ބޭނުމަށް ފިޔަވައި ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރާ ދައުލަތުގެ އޮފީހަކަށް ނުވާ ފަރާތްތައް.

(ދ) ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން ޓެކްސް ނެގޭ ހަރަކާތެއް ހިންގަން ފަށާ ފަރާތަކަށް، އެއްވެސް މަހެއްގެ ނިޔަލަށް، މި މާއްދާގެ (ފ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައިވާ ށަރުތު ފުރިހަމަވާނަމަ، އެގޮތުން ށަރުތު ހަމަވާ މަހާ ވިދިގެން ފެށޭ މަސް ނިމުމުގެ ކުރިން މީރާގައި ރަޖިސްޓަރީކުރަން އެ ފަރާތުން ހުށަހަޅަންވާނެއެވެ.

(ތ) ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ކުރިން ޓެކްސް ނެގޭ ހަރަކާތެއް ހިންގަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރާތެއް އެއްވެސް މަހެއްގެ ނިޔަލަށް މި މާއްދާގެ (ފ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައިވާ ށަރުތު ފުރިހަމަވާނަމަ، އެގޮތުން ށަރުތު ހަމަވާ މަހާ ވިދިގެން ފެށޭ މަސް ނިމުމުގެ ކުރިން މީރާގައި ރަޖިސްޓަރީކުރަން އެ ފަރާތުން ހުށަހަޅަންވާނެއެވެ.

(ލ) ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން މި މާއްދާގެ (ފ) ގެ (3) ވަނަ ނަންބަރުގައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކުން، އެ ޓެކްސް ނެގޭ ހަރަކާތް ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.

(ގ) ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން މި މާއްދާގެ (ފ) ގެ (4) ވަނަ ނަންބަރުގައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކުން، އިމްޕޯޓްކުރަން ފެށުމުގެ ކުރިން މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުން 54.

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް އެދި މީރާއަށް ހުށަހަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(ށ) ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހާ ހަމައަށް މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީކުރަން ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް، އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

(1-ހ) މި މާއްދާގެ (ހ) ހިނގާނީ ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށެވެ.

(2-ށ) އަންނަނިވި ހުރިހާ ށަރުތުތައް ފުރިހަމަވާނަމަ، މި ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ކ) ގެ ނިޔަލަށް ހުރި އަކުރުތަކުގެ ތެރެއިން އަކުރެއްގެ ދަށުން، ނުވަތަ އެ މާއްދާގެ (ފ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގެ ތެރެއިން ނަންބަރެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ރަޖިސްޓަރީ ބާތިލުކޮށްދިނުމަށް އެދި އެ ފަރާތްތަކަށް ހުށަހެޅިދާނެއެވެ.

(1) އެއްވެސް މަހެއް ނިމޭ ހިނދު، ފާއިތުވި 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ފޯރުވައިދިން މުދަލާއި ހިދުމަތްތަކުގެ ޖުމްލަ އަގު 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ މަދުވުން؛ އަދި

(2) ކުރިއަށްއޮތް 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ފޯރުވައިދޭނެ މުދަލާއި ހިދުމަތްތަކުގެ ޖުމްލަ އަގު، 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ މަދުވާނެކަމަށް އަންދާޒާކުރެވުން؛ އަދި

(3) ރަޖިސްޓަރީ ބާތިލުކުރަން ހުށަހަޅާއިރު، މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަން ލާޒިމުވާ ށަރުތެއް ފުރިހަމަވެފައި ނުވުން.

(3-ހ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި އެންމެހައި ށަރުތުތައް ފުރިހަމަވާނަމަ، މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ރަޖިސްޓަރީ ބާތިލުކޮށްދިނުމަށް އެދި އެ ފަރާތްތަކަށް ހުށަހެޅިދާނެއެވެ.

(1) ޓެކްސް ނެގޭ ހަރަކާތް ހުއްޓާލުމަށްފަހު ކުރިއަށްއޮތް 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އަލުން އެ ހަރަކާތް ފަށަން ގަސްދުނުކުރުން؛ އަދި

(2) ރަޖިސްޓަރީ ބާތިލުކުރަން ހުށަހަޅާއިރު، މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަން ލާޒިމުވާ ށަރުތެއް ފުރިހަމަވެފައި ނުވުން.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ ދަށުން، ރަޖިސްޓަރީ ބާތިލުކުރުމަށް ހުށަހަޅާ ފަރާތްތަކުން މި ގާނޫނުގައިވާ ގޮތުގެމަތިން ޖީ.އެސް.ޓީ ދެއްކުން ހުއްޓާލާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މީރާއިން ކަނޑައަޅާ ތާރީހަކުން ފެށިގެންނެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(1-ށ) ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން އަމިއްލައަށް އެދިގެން، މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ރަޖިސްޓަރީ ބާތިލުކުރުމާގުޅޭ ށަރުތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ. އަދި އެގޮތުން، ގަވާއިދުގައި ކަނޑައަޅާ ށަރުތެއް ފުރިހަމަވެގެން ރަޖިސްޓަރީ ބާތިލުކުރެވޭ ފަރާތްތަކުގެ ރަޖިސްޓަރީ ބާތިލުކުރުމުގެ 7 (ހަތެއް) ދުވަސް ކުރިން މީރާއިން އެކަން އެ ފަރާތަށް އަންގަންވާނެއެވެ.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ޓެކްސް ނެގޭ ހަރަކާތެއް ހިންގަމުންގެންދާ ފަރާތެއް މީރާގައި ރަޖިސްޓަރީކުރާއިރު ރަޖިސްޓަރީކުރެވޭނީ މީހެއްގެ ނަމުގައި ރަޖިސްޓަރީކުރުމުގެ އިތުރުން އަންނަނިވި ގާނޫނީ ށަހްސުތަކުގެ ތެރެއިން ށަހްސެއްގެ ނަމުގައެވެ.

(1) ކުންފުނި؛

(2) ޕާޓްނަރށިޕް؛

(3) ކޯޕަރޭޓިވް ސޮސައިޓީ؛

(4) ޖަމްއިއްޔާ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓް ފޯރުވައިދޭ ފަރާތްތަކުގެ މައުލޫމާތު 1-59.

އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓް ފޯރުވައިދޭ ފަރާތްތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތްތައް، އެފަދައިން ރަޖިސްޓަރީކޮށްފައިވޭތޯ ބެލުމަށްޓަކައި ބޭނުންވާ މައުލޫމާތު، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ އަތުގައި ހުރިނަމަ، އެ ފަރާތަކުން އެ މައުލޫމާތު ހުށަހެޅުމަށް، މީރާއަށް އެންގިދާނެއެވެ.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 68 ވަނަ މާއްދާއަށް އަންނަނިވި މާނަކުރުންތައް އިތުރުކުރުން.

"އޮފީސް" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ހއ) ގައި މާނަކޮށްދީފައިވާ އޮފީސްތަކެވެ.

"އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓް" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގައި ހިންގާ އެކޮމޮޑޭށަން، ކެއުން، ދަތުރުފަތުރު ނުވަތަ އެނޫންވެސް އެހެން ޓޫރިސްޓް ހަރަކާތްތަކަށެވެ.

 

30 ވަނަ މާއްދާ -

މި ގާނޫނުން، ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، ބުނެވިދިޔަ ގާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-10)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2011-10) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު