ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު
(ގާނޫނު ނަންބަރު 2021-08)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މައިގަނޑު މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއެރުވުން؛
(ށ) ގައުމީ ޕޭމަންޓް ސިސްޓަމް ރެގިއުލޭޓްކޮށް އޯވަރސީކުރުން؛
(ނ) ޕޭމަންޓް ސިސްޓަމްތަކާއި، ކްލިއަރިންގ ސިސްޓަމްތަކާއި ސެޓްލްމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ހިދުމަތްތައް ރެގިއުލޭޓްކޮށް އޯވަރސީކުރުމުގެ ކަންކަން ބަޔާންކުރުން؛
(ރ) ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިންގ ސިސްޓަމްތައް އަދި ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ އިންޓަރއޮޕެރަބިލިޓީ ގާއިމުކުރުން؛
(ބ) ޕޭމަންޓް ސިސްޓަމްތަކުގެ، ކްލިއަރިންގ ސިސްޓަމްތަކުގެ އަދި ސެޓްލްމަންޓް ސިސްޓަމްތަކުގެ އެކްސެސިބިލިޓީ އިތުރުކުރުން؛
(ޅ) ހިދުމަތް ލިބިގަންނަ ފަރާތްތައް އެކަށީގެންވާ ގޮތެއްގައި ހިމާޔަތްކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުން؛
(ކ) ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ގާއިމުކުރުން؛
(އ) ފައިނޭންށަލް އިންކްލޫށަން އިތުރުކުރުން.
ދެވަނަ ބާބު
މަފްހޫމްތަކުގެ ރަދީފު
3 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް
މި ގާނޫނުގެ 4 ވަނަ މާއްދާއިން ފެށިގެން 13 ވަނަ މާއްދާގެ ނިޔަލަށް ބަޔާންވެގެންވާ ލަފުޒުތަކާއި އިބާރާތްތަކަކީ، މި ގާނޫނު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމްތަކެވެ. މި ގާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމްތައް މި ބާބުގައި ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ އަސްލު އެ ގޮތުގައި ދެމެހެއްޓުމަށާއި މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، ނުވަތަ މާނަކުރަންވާނީ، އެ މަފްހޫމްތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
4 ވަނަ މާއްދ - ގައުމީ ޕޭމަންޓް ސިސްޓަމް
"ގައުމީ ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް، ޕޭމަންޓް އިންސްޓްރަކްށަންތަކާއި ފައިސާގެ ޓްރާންސްފަރތައް ފޮނުވުމާއި ލިބުމާއި ޕްރޮސެސްކުރުމާ ގުޅުންހުރި އެންމެހައި ކަންކަމަށެވެ. މީގެ ތެރޭގައި އަންނަނިވި ކަންތައްތަކާއި ފަރާތްތައް ހިމެނޭނެއެވެ.
(ހ) ޕޭމަންޓް އިންސްޓްރުމަންޓް އިށޫކުރުމާއި މެނޭޖްކުރުން؛
(ށ) ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިންގ ސިސްޓަމްތައް އަދި ސެޓްލްމަންޓް ސިސްޓަމްތައް އޮޕަރޭޓްކުރުން އަދި އެ ސިސްޓަމްތަކާއި އެ ސިސްޓަމްތަކުން ދެވޭ ހިދުމަތްތަކާ ގުޅުންހުރި އިންތިޒާމްތަކާއި އިޖުރާއަތުތައް؛ މީގެ ތެރޭގައި ސެކިއުރިޓީޒްއާއި އެހެނިހެން ފައިނޭންށަލް އިންސްޓްރުމަންޓްތައް ޕްރޮސެސްކުރާ ސިސްޓަމްތައްވެސް ހިމެނޭނެއެވެ.
(ނ) ޕޭމަންޓް ހިދުމަތް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކާ ގުޅުންހުރި ކަންކަން؛
(ރ) ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކާއި އޮޕަރޭޓަރުންނާއި ބައިވެރިން އަދި އޭޖެންޓެއްގެ ގޮތުގައި ނުވަތަ އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން އެއިން ފަރާތެއްގެ ފަރާތުން މަސައްކަތްކުރާ ތިންވަނަ ފަރާތްތައް؛ މީގެ ތެރޭގައި، މިއިން ފަރާތެއްގެ ހިންގުން އެކުގައި ނުވަތަ ބައެއް ނަމަވެސް ދިވެހިރާއްޖޭގައި ފޯރުކޮށްދޭނަމަވެސް ހިމެނޭނެއެވެ.
5 ވަނަ މާއްދާ - ސިސްޓަމް
"ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް ސިސްޓަމެއް ނުވަތަ ކްލިއަރިންގ ސިސްޓަމެއް ނުވަތަ ސެޓްލްމަންޓް ސިސްޓަމަށެވެ.
6 ވަނަ މާއްދާ - ޕޭމަންޓް ސިސްޓަމް
"ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ފައިސާ ޓްރާންސްފަރކުރުމަށް ނުވަތަ ޕްރޮސެސްކުރުމަށް ނުވަތަ ކްލިއަރިންގ ހެދުމަށް ނުވަތަ ސެޓްލްމަންޓް ހެދުމަށްޓަކައި ބޭނުންކުރާ އެއްވެސް ސިސްޓަމަކަށް ނުވަތަ އިންތިޒާމަކަށެވެ. މީގެ ތެރޭގައި އެ ސިސްޓަމަކާގުޅޭ އިންސްޓްރުމަންޓްތަކާއި އިޖުރާއަތުތައްވެސް ހިމެނޭނެއެވެ.
7 ވަނަ މާއްދާ - ސެޓްލްމަންޓް ސިސްޓަމް
"ސެޓްލްމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް އިލްތިޒާމްތައް އަދާކުރުމަށް ނުވަތަ ސެކިއުރިޓީޒް ސެޓްލްކުރުމުގެ އިލްތިޒާމްތައް އަދާކުރުމަށް، ގާއިމުކޮށް ހިންގާ ސިސްޓަމަކަށެވެ.
8 ވަނަ މާއްދާ - ކްލިއަރިންގ ސިސްޓަމް
"ކްލިއަރިންގ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ކަންތައްތައް ހާސިލުކުރުމަށް އެކަށައަޅާފައިވާ ރަސްމީ އިޖުރާއަތުތަކަށެވެ.
(ހ) މަރުކަޒީ ނިޒާމެއް މެދުވެރިކޮށް ނުވަތަ ވަކި ތަނެއްގައި ފައިސާ ނުވަތަ ސެކިއުރިޓީޒް ޓްރާންސްފަރކުރުމާބެހޭ މައުލޫމާތު ސިސްޓަމެއްގެ ބައިވެރިން ހުށަހަޅައި އަދި އެ ބައިވެރިންގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށް؛ އަދި
(ށ) ދެ ބައިވެރިން ނުވަތަ އެއަށްވުރެ ގިނަ ބައިވެރިންގެ މެދުގައި އަދާކުރަންޖެހޭ އިލްތިޒާމްތަކުގެ ސެޓްލްމަންޓް ހެދުމަށް މަގުފަހިކުރުމަށްޓަކައި، ގްރޮސް ނުވަތަ ނެޓް އުސޫލުން، ބައިވެރިންގެ ޕޮޒިށަން ހިސާބުކުރުން.
9 ވަނަ މާއްދާ - ކްލިއަރިންގ ހައުސް
"ކްލިއަރިންގ ހައުސް" ކަމަށް ބުނެފައި އެވަނީ، ސިސްޓަމެއްގައި ހިމެނޭ ޕޭމަންޓް އިންސްޓްރުމަންޓް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކަށް ކްލިއަރިންގ ނުވަތަ ސެޓްލްމަންޓްގެ ހިދުމަތްތައް ފޯރުކޮށްދޭ އިދާރާއަކަށެވެ.
10 ވަނަ މާއްދާ - ޕޭމަންޓް ހިދުމަތް
"ޕޭމަންޓް ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ނޫޓާއި ފައިސާފޮތި ޖަމާކުރުމުގެ އަދި ނެގުމުގެ ހިދުމަތާއި، ޕޭމަންޓް މުއާމަލާތެއް ތަންފީޒުކޮށްދިނުމުގެ ހިދުމަތާއި، ޕޭމަންޓް އިންސްޓްރުމަންޓްތައް އިށޫކުރުމުގެ ހިދުމަތް ނުވަތަ ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތްތަކާއި، ރެމިޓެންސްގެ ހިދުމަތްތަކާއި، އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރގެ ހިދުމަތްތަކާއި، ޕޭމަންޓް އިނީށިއޭށަން ހިދުމަތްތަކާއި، އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތްތަކާއި، އަދި މިނޫންވެސް ފައިސާ ޓްރާންސްފަރކުރުމާ ގުޅުންހުރި ނުވަތަ ޕޭމަންޓް އެކައުންޓްތަކާ ގުޅުންހުރި އެހެނިހެން ހިދުމަތްތަކާއި އޮތޯރިޓީން ކަނޑައަޅާ އެހެންވެސް ޕޭމަންޓާގުޅޭ ހިދުމަތްތަކަށެވެ. މީގެ ތެރޭގައި، އިލެކްޓްރޯނިކް މަނީ އިށޫކުރުންވެސް ހިމެނޭނެއެވެ.
11 ވަނަ މާއްދާ - ޕޭމަންޓް އިންސްޓްރުމަންޓް
"ޕޭމަންޓް އިންސްޓްރުމަންޓް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް އިންސްޓްރަކްށަން އިނީށިއޭޓްކުރުމަށް ނުވަތަ/އަދި ޕްރޮސެސްކުރުމަށް ބޭނުންކުރާ ކޮންމެ ވަސީލަތަކަށް ނުވަތަ އިޖުރާއަތަށެވެ. ޕޭމަންޓް އިންސްޓްރުމަންޓްގެ ތެރޭގައި ޗެކް، ފަންޑްސް ޓްރާންސްފަރކުރުމަށް ބޭނުންކުރާ ވަސީލަތްތައް، އަދި ޕޭމަންޓް ކާޑު، ހަމައެކަނި މި ވަސީލަތްތަކަށް ހުދޫދުނުވާ ގޮތުގެމަތިން، ހިމެނެއެވެ.
12 ވަނަ މާއްދާ - ނެޓިންގ
"ނެޓިންގ" ކަމަށް ބުނެފައި އެވަނީ، ސިސްޓަމެއްގެ ދެ ބައިވެރިންގެ މެދުގައި ނުވަތަ އެއަށްވުރެ ގިނަ ބައިވެރިންގެ މެދުގައި އަދާކުރަންޖެހޭ ސެޓްލްމަންޓް އިލްތިޒާމްތަކުގެ ނެޓް ވެލިއު ކަނޑައެޅުމަށެވެ.
13 ވަނަ މާއްދާ - އިލެކްޓްރޯނިކް މަނީ
"އިލެކްޓްރޯނިކް މަނީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ފުރިހަމަވާ، އިށޫކުރި ފަރާތުގެ މައްޗަށް ކްލެއިމްކުރެވޭ މަނިޓަރީ ވެލިއުއަކަށެވެ.
(ހ) މެގްނެޓިކްކޮށް ހިމެނޭގޮތުން އިލެކްޓްރޯނިކްކޮށް، އެހެންވެސް މާއްދީ ނުވަތަ މައުނަވީ ޑިވައިސްއެއްގައި ރައްކާކުރެވިފައިވާ މަނިޓަރީ ވެލިއުއަކަށްވުން؛
(ށ) މަނިޓަރީ ވެލިއު އިށޫކޮށްފައިވަނީ އިށޫކުރި މަނިޓަރީ އަދަދަށްވާ ފައިސާ ލިބުމުން ކަމުގައިވުން؛ އަދި
(ނ) މަނިޓަރީ ވެލިއުއަކީ އިށޫކުރި ފަރާތް ފިޔަވައި އެހެން ފަރާތްތަކުން ޕޭމަންޓް ބަލައިގަތުމަށް ގަބޫލުކުރާ މަނިޓަރީ ވެލިއުއެއް ކަމުގައިވުން.
ތިންވަނަ ބާބު
ގާނޫނު ހިންގުން
14 ވަނަ މާއްދާ - އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
(ހ) ގައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމަށްޓަކައި، ގައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ރެގިއުލޭޓްކޮށް އޯވަރސީކުރާނީ އޮތޯރިޓީންނެވެ
(ށ) މި ގާނޫނު ހިންގައި ތަންފީޒުކުރުމަށް އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް، ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ނ) މި ގާނޫނު ތަންފީޒުކުރުމުގައި އަންނަނިވި ކަންކަން ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމްއާބެހޭ ސިޔާސަތު އެކަށައެޅުމާއި ތަންފީޒުކުރުން؛
- މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކަށް ލައިސަންސާއި ހުއްދަ ދިނުން އަދި އޮޕަރޭޓަރުންނަށް ލައިސަންސް ދިނުން؛
- ދިވެހިރާއްޖޭގެ "ސިސްޓެމިކަލީ އިމްޕޯޓަންޓް ޕޭމަންޓް ސިސްޓަމްތައް" ކަނޑައެޅުން އަދި އެފަދަ ސިސްޓަމްތައް ރެގިއުލޭޓްކޮށް އޯވަރސީކުރުމުގެ ކަންކަން ކަނޑައެޅުން؛
- މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ހޯދުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދީފައިވާ ސިސްޓަމްތަކާއި ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ހިމެނޭ ގޮތުން، ސިސްޓަމްތަކުގެ މެދުގައި އިންޓަރއޮޕެރަބިލިޓީ ގާއިމުކުރުމަށް، ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ މެދުގައި އިންޓަރއޮޕެރަބިލިޓީ ގާއިމުކުރުމަށް، އަދި ސިސްޓަމްތަކާއި ހިދުމަތްދޭ ފަރާތްތަކުގެ މެދުގައި އިންޓަރއޮޕެރަބިލިޓީ ގާއިމުކުރުމަށް އެ ފަރާތްތަކަށް އެންގުން؛
- މި ގާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ދޫކޮށްފައިވާ އިދާރާތަކާ ގުޅޭގޮތުން އަދި އެ އިދާރާތަކުގެ ހަރަކާތްތަކާ ގުޅޭގޮތުން، އާންމުކޮށް އަމަލުކުރެވޭނެ ގޮތަށް އަދި ވަކި އިދާރާއަކުން ނުވަތަ ވަކިވަކި ކަންކަމުގައި އަދި ވަކިވަކި ހާލަތްތަކުގައި އަމަލުކުރެވޭނެ ގޮތަށް، ގަވާއިދުތަކާއި އުސޫލުތަކާއި އިރުށާދުތަކާއި ސަރކިއުލަރތަކާއި މިންގަނޑުތަކާއި ށަރުތުތަކާއި އިޖުރާއަތުތައް އެކަށައެޅުން، އަދި އެއަށް އަމަލުކުރޭތޯ ބެލުން؛
- ޕޭމަންޓް ހިދުމަތްތަކާގުޅޭ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމަށްޓަކައި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ކަންކަން ކަނޑައެޅުން؛
- ޕޭމަންޓް ހިދުމަތެއް ނުވަތަ ހިދުމަތްތަކެއް ދިވެހިރާއްޖޭގައި ފޯރުކޮށްދިނުން މަނާކުރުމާއި ޕޭމަންޓް އިންސްޓްރުމަންޓެއް ނުވަތަ އިންސްޓްރުމަންޓްތަކެއް ރާއްޖޭގައި ބޭނުންކުރުން މަނާކުރުން؛
- ގައުމީ ޕޭމަންޓް ސިސްޓަމްގެ ސިޔާސަތުތަކާގުޅޭ ކަންކަމުގެ މަށްވަރާކުރާނެ ފޯރަމެއްގެ ގޮތުގައި ހަރަކާތްތެރިވުން؛
- އޮތޯރިޓީން ހިންގާ ސިސްޓަމްތަކާގުޅޭ އެހެން މަސައްކަތާއި، ޕޭމަންޓް އިންސްޓްރުމަންޓް އިށޫކުރުން؛
- ގައުމީ ޕޭމަންޓް ސިސްޓަމް ހިންގުމަށާއި ރެގިއުލޭޓްކުރުމަށް އެކަށައަޅަންޖެހޭ ގަވާއިދުތަކާއި އިރުށާދުތަކާއި އުސޫލުތަކާއި ސަރކިއުލަރތަކާއި އިޖުރާއަތުތައް އެކަށައެޅުން؛
- މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް ދިވެހިރާއްޖޭގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާއެކު މައުލޫމާތު ބަދަލުކުރުމާއި އެހީތެރިކަން ހޯދުމާއި އެހީތެރިކަން ފޯރުކޮށްދިނުން؛
- މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
(ރ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، "ސިސްޓެމިކަލީ އިމްޕޯޓަންޓް ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، އެ ސިސްޓަމަކުން ޕްރޮސެސްކުރާ ވަކިވަކި ޕޭމަންޓްތަކުގެ ބާވަތުން ނުވަތަ ބޮޑުމިނުގެ ސަބަބުން ނުވަތަ އެ ސިސްޓަމަކުން ޕްރޮސެސްކުރާ ޕޭމަންޓްތަކުގެ ޖުމްލަ ވެލިއުގެ ސަބަބުން، އެ ސިސްޓަމަކަށް ކުރިމަތިވާ މައްސަލައަކާ ގުޅިގެން މުޅި މާލީ ނިޒާމަށް ދަތިތަކާ ކުރިމަތިލާންޖެހޭފަދަ ސިސްޓަމަކަށެވެ.
(ބ) މި ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި އެ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު ކަނޑައެޅުމުގައި، ތަފާތު ބާވަތުގެ ޕޭމަންޓް ހިދުމަތްތަކަށް ނުވަތަ ތަފާތު ބާވަތުގެ ސިސްޓަމްތަކަށް، ތަފާތު ކެޕިޓަލްގެ އަދަދު އޮތޯރިޓީން ކަނޑައެޅިދާނެއެވެ. އަދި، ވަކި ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ނުވަތަ ވަކި ސިސްޓަމަކުން ޕްރޮސެސްކުރާނެ ކަމަށް ބެލެވޭ ޕޭމަންޓްތަކުގެ އަދަދާއި މިންވަރަށާއި އެހެން ކަންކަމުގެ މައްޗަށް ބެލުމަށްފަހު، އެ ހިދުމަތަކަށް ނުވަތަ އެ ސިސްޓަމަކުން ވަކި އަދަދެއްގެ ކެޕިޓަލް ބެހެއްޓުމަށް ކަނޑައަޅައި އެންގުމުގެ އިހްތިޔާރުވެސް އޮތޯރިޓީއަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ - އޮތޯރިޓީން ސިސްޓަމްތައް ހިންގުމުގައި ބައިވެރިވުން
އޮތޯރިޓީއަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.
(ހ) ސިސްޓަމްތަކުގެ މިލްކުވެރި ފަރާތަކަށްވުން، ނުވަތަ ސިސްޓަމްތައް ގާއިމުކުރުން، ނުވަތަ ސިސްޓަމްތައް ހިންގުން، ނުވަތަ ސިސްޓަމްތަކުގެ މިލްކުވެރިކަމުގައާއި ހިންގުމުގައި ބައިވެރިވުން؛
(ށ) ސިސްޓަމަކަށް ހަދާ ޓްރާންސްފަރތަކުގެ ކްލިއަރިންގ އަދި ސެޓްލްމަންޓް ހެދުމަށްޓަކައި އޮޕަރޭޓަރުންނަށާއި ބައިވެރިންނަށް އެކައުންޓް ހުޅުވައިދިނުމާއި ބެހެއްޓުން؛
(ނ) އޮޕަރޭޓަރުންނާއި ބައިވެރިންގެ ކޮލެޓަރަލް ބެހެއްޓުން؛
(ރ) އެކަށީގެންވާ ކޮލެޓަރަލްއެއް ނެގުމަށްފަހު ބައިވެރިންނަށް އިންޓްރާޑޭ ލިކުއިޑިޓީ ފޯރުކޮށްދިނުން.
16 ވަނަ މާއްދާ - ގައުމީ ޕޭމަންޓް ސިސްޓަމް ކައުންސިލް
މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި އޮތޯރިޓީއަށް ލަފާދިނުމަށް، މި ގާނޫނުގެ ދަށުން އޮތޯރިޓީން އެކުލަވާލާ ގަވާއިދަކުން، "ގައުމީ ޕޭމަންޓް ސިސްޓަމް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އޮތޯރިޓީއަށް އުފެއްދިދާނެއެވެ. އަދި އެ ކައުންސިލްގެ މަގްސަދުތަކާއި، ކައުންސިލް އެކުލެވިގެންވާ ގޮތާއި، ކައުންސިލްގެ މަސްއޫލިއްޔަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
ލައިސަންސާއި ހުއްދައާގުޅޭ ކަންކަން
17 ވަނަ މާއްދާ - ލައިސަންސާއި ހުއްދައާގުޅޭ ކަންކަން
(ހ) ދިވެހިރާއްޖޭގައި ޕޭމަންޓް ހިދުމަތެއް ދޭންވާނީ މި ގާނޫނުގެ ދަށުން އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތްތަކުންނެވެ. އަދި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ސިސްޓަމެއް ދިވެހިރާއްޖޭގައި ހިންގަންވާނީ މި ގާނޫނުގެ ދަށުން އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސް ލިބިގެންނެވެ.
(ށ) މި ގާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވޭނީ:
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށެވެ. އަދި
- ލައިސަންސްގެ ނުވަތަ ހުއްދައިގެ ސަބަބުން ދިވެހިރާއްޖޭގެ ފައިނޭންށަލް ސްޓެބިލިޓީ ދެމެހެއްޓުމަށް އަސަރެއް ނުކުރާނެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ އަދި އާންމުންގެ މަސްލަހަތަށް ފައިދާކުރާނެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ހާލަތްތަކުގައެވެ.
(ނ) އެއްވެސް ފަރާތަކުން، މި މާއްދާގެ (ހ) އާ ހިލާފަށް، ދިވެހިރާއްޖޭގައި ޕޭމަންޓް ހިދުމަތެއް ދޭކަމަށް ނުވަތަ ސިސްޓަމެއް ހިންގާކަމަށް ގަބޫލުކުރެވޭ ސަބަބެއް އޮތޯރިޓީއަށް ފެނިއްޖެނަމަ، އެފަދަ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަށް ގޮސް ނުވަތަ އެތަންތަނުގެ ސިސްޓަމްތަކާއި ފޮތްތަކާއި ލިޔެކިޔުންތަކާއި އެކައުންޓްތައް ގެނުވައިގެން އެތަކެތި ބެލުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދަ ހޯދުމުން އިސްތިސްނާވުން
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގައި އެހެން އޮތްކަމުގައި ވީނަމަވެސް، އަންނަނިވި ސިސްޓަމްތައް ހިންގުމަށް މި ގާނޫނުގެ ދަށުން ލައިސަންސެއް ހޯދާކަށްނުޖެހޭނެއެވެ.
- އޮތޯރިޓީން ހިންގާ ސިސްޓަމްތައް؛
- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން، ސެކިއުރިޓީޒް ކްލިއަރިންގ އަދި ސެޓްލްމަންޓްގެ އިލްތިޒާމްތައް އަދާކުރުމަށް ހިންގާ ސިސްޓަމްތައް؛
- ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން ހިންގާ ބޭންކުތަކުން އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތް ދިނުމަށް އެ ބޭންކުތަކުގައި ގާއިމުކޮށްފައިވާ އިން-ހައުސް ޕޭމަންޓް ސިސްޓަމްތައް؛
- ތިންވަނަ ފަރާތަކަށް ފައިސާ ފޮނުވުމަށް ނުވަތަ ކްލިއަރކުރުމަށް ނުވަތަ ސެޓްލްކުރުމަށް ބޭނުންނުކުރާ ގޮތަށް، އެއްވެސް ފަރާތަކުން ހަމައެކަނި އެ ފަރާތެއްގެ އިދާރީ ކަންކަމަށް ހިންގާ އިން-ހައުސް ސިސްޓަމްތައް؛
- އޮތޯރިޓީން ކަނޑައަޅައި އާންމުކުރާ އެހެން ސިސްޓަމްތައް.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އިސްތިސްނާދީފައިވާ ސިސްޓަމްތައް ހިންގާ ފަރާތްތަކުން، މި ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރުމަށް އޮތޯރިޓީން އަންގައިފިނަމަ އެ މާއްދާތަކަށާއި އޮތޯރިޓީން ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއަތުތަކަށް އަމަލުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން ލައިސަންސް ހޯދުމުން އިސްތިސްނާކުރެވޭ ސިސްޓަމްތައް ހިންގާ ފަރާތްތަކުން މި ގާނޫނުގެ ދަށުން ނުވަތަ އޮތޯރިޓީން ނެރޭ ގަވާއިދެއްގެ ދަށުން އަމަލުކުރަންޖެހޭ ވަކި މާއްދާތަކެއް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި އެފަދަ ފަރާތްތަކުން އަމަލުކުރަންޖެހޭ ކަންކަމާއި ށަރުތުތައް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި، އޮތޯރިޓީން ކަނޑައަޅާ ކަންކަމާއި ށަރުތުތަކަށް އެ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.
(ރ) ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ ދަށުން އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން ހިންގާ ބޭންކުތަކުން ޕޭމަންޓް ހިދުމަތް ދިނުމަށް މި ގާނޫނުގެ ދަށުން ލައިސަންސެއް ނުވަތަ ހުއްދައެއް ހޯދާކަށް ނުޖެހޭނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، މި ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރުމަށް އޮތޯރިޓީން އަންގައިފިނަމަ އެކަންކަމަށް އަދި ޕޭމަންޓް ހިދުމަތް ރެގިއުލޭޓްކޮށް އޯވަރސީކުރުމަށް އޮތޯރިޓީން ކަނޑައަޅާ އެހެން ކަންކަމަށް، ބޭންކުތަކުން އަމަލުކުރަންވާނެއެވެ.
(ޅ) އާންމު އުސޫލުން ޕޭމަންޓް ހިދުމަތެއް ކަމަށް ބެލެވޭނެ ހަރަކާތްތަކުގެ ތެރެއިން، މި ގާނޫނުގައި ބަޔާންކުރާ ލައިސަންސް ނުވަތަ ހުއްދަ ހޯދަންޖެހުމުން އިސްތިސްނާވާ ހަރަކާތްތައް އޮތޯރިޓީން ކަނޑައަޅައި އިސްތިސްނާކުރެވިދާނެއެވެ. އަދި، މި ގާނޫނުގައި ބަޔާންކުރާ ލައިސަންސް ނުވަތަ ހުއްދަ ހޯދަން ޖެހުމުން އިސްތިސްނާ ފަރާތްތަކެއް އޮތޯރިޓީން ކަނޑައެޅިދާނެއެވެ. މިގޮތަށް އޮތޯރިޓީން އިސްތިސްނާކޮށްދެވޭނެ ހަރަކާތްތަކެއް ނުވަތަ ފަރާތްތަކެއް ކަނޑައަޅައިފިނަމަ، އެކަން އާންމުކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން އިސްތިސްނާދެވުނު ނަމަވެސް، އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކުން މި ގާނޫނުގެ ދަށުން ނުވަތަ އޮތޯރިޓީން ނެރޭ ގަވާއިދެއްގެ ދަށުން އަމަލުކުރަންޖެހޭ ވަކި މާއްދާތަކެއް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި އެފަދަ ފަރާތްތަކުން އަމަލުކުރަންޖެހޭ ކަންކަމާއި ށަރުތުތައް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި، އޮތޯރިޓީން ކަނޑައަޅާ ކަންކަމާއި ށަރުތުތަކަށް އެ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.
(އ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، މި މާއްދާގެ (ޅ) ގެ ދަށުން ދީފައިވާ އިސްތިސްނާ އޮތޯރިޓީއަށް ބާތިލުކުރެވިދާނެއެވެ.
- މި ގާނޫނުގެ ދަށުން ނުވަތަ އޮތޯރިޓީން ނެރޭ ގަވާއިދެއްގެ ދަށުން އެ ފަރާތެއްގެ މައްޗަށް ހިނގާ އެއްވެސް މާއްދާއަކާ ހިލާފުވުން، ނުވަތަ އެ ފަރާތެއްގެ މައްޗަށް ކަނޑައަޅާފައިވާ އެއްވެސް ށަރުތަކާ ނުވަތަ ކަމަކާ ހިލާފުވުން، ނުވަތަ އޮތޯރިޓީގެ އެންގުމަކާ ހިލާފުވުން؛ ނުވަތަ
- އާންމުންގެ މަސްލަހަތަށްޓަކައި އިސްތިސްނާ ބާތިލުކުރަންޖެހޭ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން.
19 ވަނަ މާއްދާ - ލައިސަންސް އަދި ހުއްދަ ހޯދުމަށް އެދި ހުށަހެޅުން
(ހ) ސިސްޓަމެއް އޮޕަރޭޓްކުރުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާ ގޮތަކަށް، ތިރީގައިވާ މައުލޫމާތު ހިމެނޭގޮތުން ލިޔުމަކުން އޮތޯރިޓީއަށެވެ. މި އަކުރުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ލިޔެކިޔުންތަކުގެ އިތުރުން އެހެން މައުލޫމާތާއި ލިޔެކިޔުންތައް ހުށަހެޅުމަށް ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތަށް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- އެ ފަރާތުގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު؛
- ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މޭޖަރ ހިއްސާދާރުންނަކީ ކޮބައިކަން އެނގޭނެ މައުލޫމާތު؛
- ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި މެނޭޖްމަންޓްގެ އިސް ފަރާތްތައް އެނގޭނެ މައުލޫމާތާއި އެ ފަރާތްތަކުގެ ވަނަވަރު؛
- ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުގެ މެނޭޖްމަންޓް ރާވާފައިވާ ގޮތާއި، އިންޓަރނަލް ކޮންޓްރޯލް ސިސްޓަމްތަކާއި އޮޑިޓްގެ ތަފްސީލު؛ މީގެތެރޭގައި މި ކަންކަން އެކަށީގެންވާ އަދި ހަރުދަނާ ގޮތަކަށް ހިނގާނެކަން ދައްކުވައިދޭ އިދާރީ، ރިސްކް މެނޭޖްމަންޓް އަދި އެކައުންޓިންގ އިޖުރާއަތުތައް ހިމަނަންވާނެއެވެ.
- ސިސްޓަމްގެ ބައިވެރިންނަކީ ކޮން ބައެއްކަން އެނގޭނެ މައުލޫމާތު؛
- ސިސްޓަމް ރޫލްސް؛
- ސިސްޓަމްގެ އޮޕަރޭށަންސް މެނުއަލް؛
- ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުގެ ބިޒްނަސް ޕްލޭން؛ ބިޒްނަސް ޕްލޭންގައި، ކުރިއަށް އޮތް 3 (ތިނެއް) އަހަރުގެ ލަފާކުރެވޭ މާލީ ހިސާބުތައް ހިމަނަންވާނެއެވެ.
- ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުން ހިންގުމަށް ގަސްދުކުރާ މުއާމަލާތްތަކާއި، އޭގެ މިންވަރާއި، ބާވަތާއި، ރާވާފައިވާ ހަރަކާތްތަކުގެ ޕްލޭން؛
- ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުގެ ހިންގުމުގެ އިދާރީ އޮނިގަނޑު ކަނޑައަޅާފައިވާ ގޮތް؛ އޭގެތެރޭގައި، އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުމަށް ގަސްދުކުރާނަމަ އަދި ރާއްޖޭގެ ނުވަތަ ބޭރުގެ ސިސްޓަމެއްގައި ބައިވެރިވާނަމަ އެކަންކަމުގެ ތަފްސީލު ހިމަނަންވާނެއެވެ.
- ތިރީގައިވާ ކަންކަމާއި ފިޔަވަޅުތައް ހިމެނޭގޮތަށް، ސިސްޓަމްގެ އިންފޮމޭށަން ޓެކްނޮލޮޖީ ސިސްޓަމް އަދި ޓެކްނިކަލް ސްޓްރަކްޗަރގެ ތަފްސީލު؛
i. ސިސްޓަމްގެ ޕްރޮސެސްތައް އަދި ސިސްޓަމްގެ އާކިޓެކްޗަރަލް ޑިޒައިން؛
ii. ސިސްޓަމް ހިންގުމަށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް؛ އޭގެތެރޭގައި، ސިސްޓަމްގެ އާންމު އޮޕަރޭށަންތައް ހުއްޓުމަކަށް އަތުވެއްޖެ ހާލަތެއްގައި ސިސްޓަމްގެ އޮޕަރޭށަންތައް ކުރިއަށް ގެންދިއުމަށް އެކަށައަޅާފައިވާ ކޮންޓިންޖެންސީ ޕްލޭން ހިމެނޭނެއެވެ.
iii. ސިސްޓަމްގައި ހިމެނޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި އެހެން ފަރާތަކަށް ހާމަވިޔަނުދިނުމަށާއި ނަހަމަގޮތުގައި ބޭނުންކުރިޔަނުދިނުމަށާއި މައުލޫމާތަށް ގެއްލުމެއް ވިޔަނުދިނުމަށާއި މައުލޫމާތު ވަގަށް ނެގިޔަނުދިނުމަށްޓަކައި، ސިސްޓަމުން އިލެކްޓްރޯނިކްކޮށް މައުލޫމާތު ޕްރޮސެސްކުރުމުގައި އަދި މައުލޫމާތު ރައްކާކޮށްފައި ބެހެއްޓުމުގައި އަޅާފައިވާ ފިޔަވަޅުތައް. - ބައިވެރިއެއް އިފްލާސްވުމުގެ ސަބަބުން ނުވަތަ ބައިވެރިންނަށް ދިމާވާ ލިކުއިޑިޓީއާގުޅޭ މައްސަލަތަކުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކުން ސިސްޓަމަށް ކުރިމަތިވެދާނެ ރިސްކް އަދި އެ ރިސްކް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް؛
- ސިސްޓަމްގެ ވެރިފަރާތާއި އޮޕަރޭޓަރަކީ، މުޅިން ވަކި ދެ ށަހްސުކަމަށްވާނަމަ، އެ ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން.
(ށ) ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ނުވަތަ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާ ގޮތަކަށް، ތިރީގައިވާ މައުލޫމާތު ހިމެނޭގޮތުން ލިޔުމަކުން އޮތޯރިޓީއަށެވެ. މި އަކުރުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ލިޔެކިޔުންތަކުގެ އިތުރުން އެހެން މައުލޫމާތާއި ލިޔެކިޔުންތައް ހުށަހެޅުމަށް ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތަށް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- އެ ފަރާތުގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު؛
- ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ މޭޖަރ ހިއްސާދާރުންނަކީ ކޮބައިކަން އެނގޭނެ މައުލޫމާތު؛
- ހުށަހަޅާފައިވާ ޕޭމަންޓް ހިދުމަތުގެ ތަފްސީލު؛
- ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި މެނޭޖްމަންޓްގެ އިސް ފަރާތްތައް އެނގޭނެ މައުލޫމާތާއި އެ ފަރާތްތަކުގެ ވަނަވަރު؛
- ޕޭމަންޓް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަށް ގަސްދުކޮށްފައިވާ ގޮތް އެކުލެވޭ ތަފްސީލީ ބިޒްނަސް ޕްލޭނާއި އެ ޕްލޭންގައިވާ ކަންތައްތައް ހާސިލުކުރުމަށް ކުރިއަށް އޮތް 3 (ތިނެއް) އަހަރުގެ މުއްދަތަށް ލަފާކުރާ މާލީ ހިސާބުތައް؛ އެ ބިޒްނަސް ޕްލޭންގައި ޕޭމަންޓް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ، އެކަށީގެންވާ ސިސްޓަމްތަކާއި ވަސީލަތްތައް އަދި އިޖުރާއަތުތައް ގާއިމުކުރެވޭނެކަން ދައްކުވައިދޭންވާނެއެވެ.
- ޕޭމަންޓް ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ފައިސާ ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަޅުތައް؛
- ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅާފައިވާ ފަރާތުގެ މެނޭޖްމަންޓް ރާވާފައިވާ ގޮތާއި އިންޓަރނަލް ކޮންޓްރޯލް ސިސްޓަމްތަކާއި އޮޑިޓްގެ ތަފްސީލު؛ އޭގެތެރޭގައި އެ ކަންކަން އެކަށީގެންވާ އަދި ހަރުދަނާ ގޮތަކަށް ހިނގާނެކަން ދައްކުވައިދޭ އިދާރީ، ރިސްކް މެނޭޖްމަންޓް އަދި އެކައުންޓިންގ އިޖުރާއަތުތައް ހިމަނަންވާނެއެވެ.
- ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅާފައިވާ ފަރާތުގެ ހިންގުމުގެ އިދާރީ އޮނިގަނޑު ކަނޑައަޅާފައިވާ ގޮތް؛ އޭގެތެރޭގައި، އޭޖެންޓުން އައްޔަންކުރާނަމަ، ނުވަތަ ގޮފިތައް ގާއިމުކުރާނަމަ، ނުވަތަ އެހެން ފަރާތަކާ ހަވާލުކޮށްގެން ހިދުމަތް ދޭނަމަ، އަދި ރާއްޖޭގެ ނުވަތަ ބޭރުގެ ޕޭމަންޓް ސިސްޓަމެއްގައި ބައިވެރިވާނަމަ އެކަންކަމުގެ ތަފްސީލު ހިމަނަންވާނެއެވެ.
- މަނީ ލޯންޑްރިންގއާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާ ދެކޮޅަށް ކުރަންޖެހޭ ކަންކަން ކުރުމަށް ގާއިމުކޮށްފައިވާ އިންޓަރނަލް ކޮންޓްރޯލް ނިޒާމްތަކުގެ ތަފްސީލު؛
- އޮތޯރިޓީން ކަނޑައަޅާ އެހެނިހެން މައުލޫމާތާއި ލިޔެކިޔުންތައް.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހަޅާ އެޕްލިކޭށަނާއެކު އޮތޯރިޓީން ކަނޑައަޅާ އެޕްލިކޭށަން ފީ ހުށަހަޅަންވާނެއެވެ. އަދި އެގޮތުން ކަނޑައަޅާ އެޕްލިކޭށަން ފީ އޮތޯރިޓީން އާންމުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެޕްލިކޭށަން ފީއަކީ، އެ ހުށަހެޅުމަށް ލައިސަންސް ނުވަތަ ހުއްދަ ދެވެން ނެތްކަމަށް އޮތޯރިޓީން ނިންމާ ހާލަތުގައިވެސް، އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.
20 ވަނަ މާއްދާ - ލައިސަންސްގެ އަދި ހުއްދައިގެ ށަރުތުތައް
(ހ) ހުރިހާ ވަގުތެއްގައިވެސް ކޮންމެ އޮޕަރޭޓަރަކުވެސް ތިރީގައިވާ ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
- އޮތޯރިޓީން ކަނޑައަޅާ މިންވަރަށްވުރެ މަދުނޫން އަދަދަކަށް މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލް ބަހައްޓަންވާނެއެވެ.
- އޮޕަރޭޓަރުގެ މޭޖަރ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި މެނޭޖްމަންޓްގެ އިސް ފަރާތްތަކަކީ ހުރިހާ ވަގުތަކުވެސް ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމަށް ވާންވާނެއެވެ.
- ސިސްޓަމަށް، ނުވަތަ ސިސްޓަމާ ގުޅުންހުރި އެހެންވެސް މަސައްކަތަކަށް، ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އެކަށީގެންވާ ނިޒާމުތަކާއި އިންޓަރނަލް ކޮންޓްރޯލްތައް ގާއިމުކުރަންވާނެއެވެ.
- ސިސްޓަމަށް އެކްސެސް ދިނުން ހަމަޖައްސަންވާނީ ރައްކާތެރި އަދި ތަފާތުކުރުމެއްނުވާނެ ގޮތަށް ކަނޑައަޅާފައިވާ އުސޫލުތަކެއްގެ މަތިންނެވެ.
- އެންމެ ލަސްވެގެން ވެލިއު ޑޭޓް ނިމޭއިރު ފައިނަލް ސެޓްލްމަންޓް ހެދޭނެކަން ޔަގީންކުރަންވާނެއެވެ.
- އިންޓަރއޮޕެރަބިލިޓީ ގާއިމުކުރުމަށްޓަކައި އެހެން ސިސްޓަމްތަކާއެކު އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކާއެކު އެކަށީގެންވާ ގޮތަކަށް ގުޅާލެވޭނެ އިތުބާރުކުރެވޭ އަދި ރައްކާތެރި އިންފޮމޭށަން ޓެކްނޮލޮޖީގެ ނިޒާމެއް ގާއިމުކޮށްފައި ހުންނަންވާނެއެވެ. އަދި ސިސްޓަމަށް ކުރިމަތިވެދާނެ ބޮޑެތި މައްސަލަތައް ކޮންޓްރޯލްކޮށް ހައްލުކުރުމަށާއި އޭގެ ސަބަބުން ސިސްޓަމްގެ އޮޕަރޭށަން ހުއްޓުމަކަށް ނާންނާނެ ގޮތަށް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ހަރުދަނާ އިޖުރާއަތުތައްވެސް އެކަށައަޅާފައި ހުންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އޮޕަރޭޓަރުގެ މައްޗަށް އިތުރު ށަރުތުތައް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި އެގޮތުން ކަނޑައަޅާ ށަރުތުތައް ލައިސަންސް ދޫކުރުމަށްފަހުގައިވެސް، ލިޔުމަކުން ބަދަލުކުރުމާއި އުނިއިތުރު ގެނައުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ނ) އޮޕަރޭޓަރަކު ލައިސަންސްގެ ށަރުތަކާ ހިލާފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި ލައިސަންސް ބާތިލުކުރުމުގެ ނުވަތަ އެ ފަރާތާމެދު މި ގާނޫނުގައި ކަނޑައަޅާފައިވާ ފިޔަވަޅެއް އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ރ) ޕޭމަންޓް ހިދުމަތްދޭ ކޮންމެ ފަރާތަކުންވެސް، ހުރިހާ ވަގުތެއްގައި ވެސް، ތިރީގައިވާ ލައިސަންސްގެ އަދި ހުއްދައިގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
- އޮތޯރިޓީން ކަނޑައަޅާ މިންވަރަށްވުރެ މަދުނޫން އަދަދަކަށް މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލް ބަހައްޓަންވާނެއެވެ.
- ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ މޭޖަރ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި މެނޭޖްމަންޓްގެ އިސް ފަރާތްތަކަކީ ހުރިހާ ވަގުތަކުވެސް ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
- އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ޕޭމަންޓް ހިދުމަތްތައް ފިޔަވައި އެހެން ޕޭމަންޓް ހިދުމަތެއް ނުވަތަ އެހެން ވިޔަފާރިއެއް ހިންގައިގެންނުވާނެއެވެ.
- ޕޭމަންޓް ހިދުމަތްދިނުމުގެ މަސައްކަތަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އެކަށީގެންވާ ނިޒާމުތަކާއި އިންޓަރނަލް ކޮންޓްރޯލްތައް ގާއިމުކުރަންވާނެއެވެ.
- ޕޭމަންޓް މުއާމަލާތެއް ހެދުމަށްޓަކައި ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން ނަގާ ފައިސާ ރައްކާތެރިކުރުމަށްޓަކައި، އެ ފައިސާ ތިންވަނަ ފަރާތްތަކުގެ ފައިސާއާ އެއް ނުވާނެ ގޮތަށް ބެލެހެއްޓުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ދިވެހިރާއްޖޭގައި ޕޭމަންޓް ހިދުމަތްދިނުމުގެ ލައިސަންސްގެ ނުވަތަ ހުއްދައިގެ އިތުރު ށަރުތުތައް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި އެގޮތުން ކަނޑައަޅާ ށަރުތުތައް، ލައިސަންސް ނުވަތަ ހުއްދަ ދޫކުރުމަށްފަހުގައިވެސް، ލިޔުމަކުން ބަދަލުކުރުމާއި އުނިއިތުރު ގެނައުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ޅ) ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ލައިސަންސްގެ ނުވަތަ ހުއްދައިގެ ށަރުތަކާ ހިލާފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުމުގެ ނުވަތަ އެ ފަރާތަކާމެދު މި ގާނޫނުގައި ކަނޑައަޅާފައިވާ ފިޔަވަޅެއް އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ކ) މި މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ ށަރުތުތަކުގެ އިތުރުން، އިލެކްޓްރޯނިކް މަނީ އިށޫކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، އަންނަނިވި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
- ކްރެޑިޓްގެ އުސޫލުން އިލެކްޓްރޯނިކް މަނީ ހިދުމަތް ފޯރުކޮށްނުދިނުން؛
- ޕޭމަންޓް އިންސްޓްރަކްށަންތައް، އަވަސް ގޮތެއްގައި އަދި އޮތޯރިޓީން ކަނޑައަޅާ ވަގުތެއްގެ ތެރޭގައި، ފައިނަލް ސެޓްލްމަންޓް ހެދޭނެ ކްލިއަރިންގ އަދި ސެޓްލްމަންޓް ނިޒާމްތައް ހަމަޖެއްސުން؛
- އިލެކްޓްރޯނިކް މަނީގެ ވެލިއު، ފައިސާއަށް ބަދަލުކުރަން އެދުމުން، އިލެކްޓްރޯނިކް މަނީގެ ވެލިއުއާ އެއްވަރަށް އެ އަދަދަށްވާ ފައިސާ އެ އެދޭ ފަރާތަކަށް ދިނުން؛
- އިލެކްޓްރޯނިކް މަނީގެ ވެލިއުގެ ބަދަލުގައި ލިބޭ ފައިސާއަކީ ޑިޕޮސިޓެއްގެ ގޮތުގައި ނުބެލުން.
21 ވަނަ މާއްދާ - ލައިސަންސް ދޫކުރުމުގެ އިޖުރާއަތުތައް
(ހ) މި ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއި މައުލޫމާތާއި، ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ކުރިއަށް ގެންދިއުމަށްޓަކައި އިތުރު މައުލޫމާތެއް ބޭނުންވެއްޖެނަމަ، އޮތޯރިޓީއަށް ބޭނުންވެގެން އަންގާ އެހެނިހެން މައުލޫމާތު ލަސްނުކޮށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ހުށަހަޅަންޖެހޭ މައުލޫމާތު ފުރިހަމައަށް ހުށަހަޅާފައި ނުވާނަމަ، ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ބާތިލުކުރެވިދާނެއެވެ.
(ށ) ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމަކާމެދު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އޮތޯރިޓީއަށް އަމަލުކުރެވިދާނެއެވެ.
- ވަކި ށަރުތުތަކާއެކު ނުވަތަ ށަރުތަކާ ނުލައި ލައިސަންސް ނުވަތަ ހުއްދަ ދޫކުރުން؛ ނުވަތަ
- ލައިސަންސް ނުވަތަ ހުއްދަ ދޫނުކުރުން.
(ނ) ޕޭމަންޓް ހިދުމަތެއް ދިނުމަށް ނުވަތަ ސިސްޓަމެއް ހިންގަން ލައިސަންސް ނުވަތަ ހުއްދައެއް ދޫކުރުމަށް ނުވަތަ ދޫނުކުރުމަށް އޮތޯރިޓީން ނިންމުމުގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ދޫކުރުމުގެ ކަންކަމަށާއި ށަރުތުތަކަށާއި މިންގަނޑުތަކަށާއި، ހުށަހަޅާފައިވާ ހިދުމަތުގެ ނުވަތަ ސިސްޓަމުގެ ފެންވަރަށާއި، ހަރުދަނާކަމަށާއި، އިތުބާރުހުރި މިންވަރަށް ރިއާޔަތްކުރަންވާނެއެވެ.
(ރ) ޕޭމަންޓް ހިދުމަތެއް ދިނުމަށް ލައިސަންސް ނުވަތަ ހުއްދަ ދޫކުރާއިރު، ލައިސަންސް ނުވަތަ ހުއްދަ ދޫކުރާ ޕޭމަންޓް ހިދުމަތްދިނުމުގެ ބާވަތް ނުވަތަ ހަރަކާތްތައް ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.
22 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދަ ބަދަލުކުރުން
(ހ) ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އެ ފަރާތަށް ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ޕޭމަންޓް ހިދުމަތަށް ނުވަތަ ހިދުމަތްތަކަށް، އުނިއިތުރު ގެނައުމަށް ބޭނުންވާނަމަ، އެކަމުގެ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާނީ، އޮތޯރިޓީން އެކަމަށް ކަނޑައަޅާ ގޮތަކަށް، އޮތޯރިޓީން ކަނޑައަޅާ މައުލޫމާތާ އެކުގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަށް، އެޕްލިކޭށަން ފީއެއް ނެގުމަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި މިގޮތުން ކަނޑައަޅާ އެޕްލިކޭށަން ފީ އޮތޯރިޓީން އާންމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ފީއަކީ، އެ ހުށަހެޅުމަށް ހުއްދަ ދެވެން ނެތްކަމަށް އޮތޯރިޓީން ނިންމާ ހާލަތުގައިވެސް، އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް އޮތޯރިޓީއަށް ނިންމިދާނެއެވެ.
- އޮތޯރިޓީއަށް ފެންނަ ށަރުތުތަކަކާއެކު ނުވަތަ ހަނިކުރުންތަކަކާއެކު ނުވަތަ އެއިން އެއްވެސް ކަމެއް ނެތި ހުއްދަކުރުން؛ ނުވަތަ
- ހުއްދަ ދޫނުކުރުން.
23 ވަނަ މާއްދާ - ލައިސަންސް އަދި ހުއްދަ ހިފެހެއްޓުން ނުވަތަ ބާތިލުކުރުން
(ހ) އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ޕޭމަންޓް ހިދުމަތެއް ދިނުމަށް ދޫކޮށްފައިވާ ލައިސަންސެއް ނުވަތަ ހުއްދައެއް، ނުވަތަ ސިސްޓަމެއް އޮޕަރޭޓްކުރުމަށް ދޫކޮށްފައިވާ ލައިސަންސެއް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ލައިސަންސްގެ ނުވަތަ ހުއްދައިގެ ށަރުތުތަކުގެ ތެރޭގައި ސިސްޓަމް އޮޕަރޭޓްކުރަން ފަށަން ނުވަތަ ޕޭމަންޓް ހިދުމަތްދޭން ފަށަން 12 (ބާރަ) މަސްދުވަހަށްވުރެ ކުރު މުއްދަތެއް ދީފައިނުވާނަމަ، ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވުނު ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ސިސްޓަމް އޮޕަރޭޓްކުރަން ފަށާފައިނުވުން ނުވަތަ ޕޭމަންޓް ހިދުމަތްދޭން ފަށާފައިނުވުން؛
- 1 (އެކެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ސިސްޓަމް އޮޕަރޭޓްކުރުން ނުވަތަ ޕޭމަންޓް ހިދުމަތްދިނުން ހުއްޓާލާފައިވުން ނުވަތަ ހުއްޓިފައިވުން؛
- ސިސްޓަމް އޮޕަރޭޓްކުރުމަށް ލައިސަންސް ހޯދާފައިވަނީ ނުވަތަ ޕޭމަންޓް ހިދުމަތްދިނުމަށް ލައިސަންސް ނުވަތަ ހުއްދަ ހޯދާފައިވަނީ، ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅައިގެންކަން ނުވަތަ ނާޖާއިޒު ގޮތެއްގައިކަން ހާމަވުން؛
- ލައިސަންސްގެ ނުވަތަ ހުއްދައިގެ ށަރުތަކާ ހިލާފުވުން؛
- ސިސްޓަމް އޮޕަރޭޓްކުރުމުގެ ނުވަތަ ޕޭމަންޓް ހިދުމަތްދިނުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފައިނޭންށަލް ސްޓެބިލިޓީއަށް ނުރައްކާތެރިކަން އޮތްކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން؛
- މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން އޮތޯރިޓީން އެކުލަވާލާ ގަވާއިދަކާ ނުވަތަ ގައިޑްލައިނަކާ ނުވަތަ ކަނޑައަޅާ ށަރުތަކާ ނުވަތަ އަންގާ އެންގުމަކާ ނުވަތަ ދޭ އިރުށާދަކާ ނުވަތަ އަމުރަކާ ހިލާފުވުން ނުވަތަ ހިލާފުވެފައިވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން ނުވަތަ އަމަލުކުރުމަށް އޮތޯރިޓީން އަންގާ ކަމަކަށް އަމަލުކޮށްފައިނުވުން؛
- ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ މައްޗަށް ނުވަތަ އޮޕަރޭޓަރުގެ މައްޗަށް އިފްލާސްކުރުމުގެ މަރުހަލާ ފެށުން؛
- ސިސްޓަމްގެ އޮޕަރޭށަން ކުރިއަށް ގެންދިއުމުން ނުވަތަ ޕޭމަންޓް ހިދުމަތްދިނުމުން އާންމުންގެ މަސްލަހަތަށް ނުވަތަ ބައިވެރިންގެ މަސްލަހަތަށް ފައިދާނުކުރާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން؛
- އެ ފަރާތުގެ މާލީ ހާލަތު އޮތޯރިޓީއަށް ގަބޫލުނުކުރެވޭ މިންވަރަށް ދަށްވުން؛
- އެކަށީގެންނުވާ ނުވަތަ ހަރުދަނާ ނޫން ގޮތަކަށް ޕޭމަންޓް ހިދުމަތްދިނުމުގެ ހަރަކާތްތައް ނުވަތަ ސިސްޓަމް ހިންގުމުގެ ހަރަކާތްތައް ހިންގާފައިވާކަން ނުވަތަ ހިންގަމުންދާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން.
- އެ ފަރާތުގެ އެއްވެސް މޭޖަރ ހިއްސާދާރަކީ ކަމަށް އެކަށޭނަ ފަރާތެއް ކަމުގައި ނުވުން؛ ނުވަތަ
- އޮތޯރިޓީއަށް ތެދުނޫން ނުވަތަ އޮޅުންއަރާނެފަދަ މައުލޫމާތު ދިނުން ނުވަތަ އޮތޯރިޓީއަށް އޮޅުވާލުން.
(ށ) ލައިސަންސް ނުވަތަ ހުއްދަ ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް އޮތޯރިޓީން ނިންމައިފިނަމަ، އެކަން ވަގުތުން އޮޕަރޭޓަރަށް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަށް އަންގަންވާނެއެވެ.
(ނ) ލައިސަންސް ނުވަތަ ހުއްދަ ހިފަހައްޓައިފިނަމަ ނުވަތަ ބާތިލުކޮށްފިނަމަ، އޮތޯރިޓީއަށް ފެންނަ އެކަށީގެންވާ ގޮތެއްގައި އެކަން ވަގުތުން ބަޔާންކޮށް އާންމުކުރަންވާނެއެވެ.
24 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދަ ނުވަތަ ހައްގު ބަދަލުނުކުރެވުން
މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސަކީ އަދި ހުއްދައަކީ، އަދި މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ހައްގަކީ، އޮތޯރިޓީން އެހެން ގޮތަކަށް ކަނޑައަޅައިފި ހިނދެއްގައި މެނުވީ، އެހެން ފަރާތަކަށް، އެކުގައި ނުވަތަ އެއިން ބައެއް ނަމަވެސް، ބަދަލުކުރެވޭނެ އެއްޗެއްނޫނެވެ. އަދި މި މާއްދާއާ ހިލާފަށް ބަދަލުކުރާ ބަދަލުކުރުމަކީ ބާތިލު ބަދަލުކުރުމެއް ކަމުގައި ބެލެވޭނެއެވެ.
ފަސްވަނަ ބާބު
ސިސްޓަމް ރޫލްސް
25 ވަނަ މާއްދާ - ސިސްޓަމް ރޫލްސް
(ހ) ސިސްޓަމްތައް ހިންގުމާ ގުޅޭގޮތުން ސިސްޓަމް ރޫލްސް އެކުލަވާލަންވާނެއެވެ. ސިސްޓަމްތައް ހިންގުމާ ގުޅޭގޮތުން މި ބާބުގެ ދަށުން އެކުލަވާލާ ސިސްޓަމް ރޫލްސްގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ގާނޫނުތަކެވެ. އެ ސިސްޓަމް ރޫލްސްގައި އެންމެ މަދުމިނުން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ބައިވެރިންނަށް ހުއްދަ ނުވަތަ އެކްސެސް ދިނުމުގެ މިންގަނޑުތަކާއި، ބައިވެރިން ވަގުތީގޮތުން ނުވަތަ މުޅިން ވަކިކުރުމުގައި ބަލާނެ މިންގަނޑުތަކާއި ށަރުތުތައް؛
- ސިސްޓަމްގައި ބައިވެރިން ބައިވެރިވުމުގެ ނަތީޖާއެއްގެ ގޮތުން ލިބިދޭ ހައްގުތަކާއި އުފުލަންޖެހޭ އިލްތިޒާމްތައް؛
- ސިސްޓަމަށް ޓްރާންސްފަރ އޯޑަރެއް އެންޓަރކުރެވުނު ކަމަށް ބަލާނެ ވަގުތު؛
- ސިސްޓަމަށް އެންޓަރކުރެވޭ ޓްރާންސްފަރ އޯޑަރެއް ފައިނަލްވި ކަމަށް ބަލާނެ ވަގުތު؛
- ސިސްޓަމް އޮޕަރޭޓްކުރާނެ ގޮތާއި މެނޭޖްކުރާނެ ގޮތާއި ސިސްޓަމްގެ ގަވަރނަންސް؛ އޭގެތެރޭގައި މަދުވެގެން، ކޯޕަރޭޓް ގަވަރނަންސްއާއި ކޮންޓިންޖެންސީ އެރޭންޖްމަންޓްތައް އަދި އޮޕަރޭށަނަލް ރިސްކް، ލިކުއިޑިޓީ ރިސްކް، ކްރެޑިޓްއާއި ސެޓްލްމަންޓް ރިސްކް މެނޭޖްކުރާނެ ގޮތް ހިމަނަންވާނެއެވެ.
- އޮޕަރޭޓަރުގެ ހައްގުތަކާއި އިލްތިޒާމްތައް؛
- މައްސަލައެއް ކުރިމަތިވާހިނދު، މައްސަލަ ބެލުމުގެ އިހްތިސާސް އޮތް ށަރުއީ ކޯޓު ނުވަތަ ތަން، ނުވަތަ މައްސަލަ ބެލުމުގައި އަމަލުކުރާނެ ނިޒާމު؛ އަދި
- ސިސްޓަމްގެ ކަމަކާ ގުޅޭގޮތުން އޮޕަރޭޓަރަށް ގުޅަންޖެހިއްޖެ ހާލަތެއްގައި ގުޅާނެ ފަރާތެއްގެ ތަފްސީލު.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބައިވެރިންނަށް އެކްސެސްދިނުމުގެ މިންގަނޑުތައް ކަނޑައަޅަންވާނީ ތަފާތު ކުރުމަކާނުލައި، ހަމަހަމަ ގޮތެއްގައެވެ. އަދި ސެޓްލްމަންޓް ރިސްކް، އޮޕަރޭށަނަލް ރިސްކް، ބިޒްނަސް ރިސްކްފަދަ ރިސްކްތަކުން ސިސްޓަމް ރައްކާތެރިކުރުމަށާއި، ސިސްޓަމްގެ އޮޕަރޭށަނަލް އަދި ފައިނޭންށަލް ސްޓެބިލިޓީ ރައްކާތެރިކުރުމަށްޓަކައި ސިސްޓަމަށް އެކްސެސްދިނުން ހިފަހައްޓަންޖެހޭ އެންމެ މަދު މިންވަރަކަށް އެކްސެސް ހިފެހެއްޓޭ ގޮތަކަށެވެ.
(ނ) ސިސްޓަމްތައް ހިންގަން ފެށުމުގެ ކުރިން، ސިސްޓަމް ރޫލްސްއަށް އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ. އަދި އެ ސިސްޓަމް ރޫލްސްއަށް ގެނެވޭ އުނިއިތުރަކަށް އަމަލުކުރަންވާނީވެސް އޮތޯރިޓީން އެ އުނިއިތުރަކާ ގުޅޭގޮތުން ހުއްދަ ހޯދުމަށްފަހުގައެވެ.
(ރ) ސިސްޓަމް ރޫލްސްއަށް ގެނެވޭ އުނިއިތުރުތަކަށް އޮތޯރިޓީގެ ހުއްދަ ކުރިން ހޯދާފައި ނުވާނަމަ، ސިސްޓަމްގެ ބައިވެރިންގެ މައްޗަށް އެ ރޫލްސް ނުހިނގާނެއެވެ.
(ބ) ތިރީގައިވާ ކަންކަމަށް ރިއާޔަތްކޮށް، އޮތޯރިޓީއަށް ގަބޫލުކުރެވޭ ހާލަތެއްގައި ސިސްޓަމް ރޫލްސްއަށް އުނިއިތުރު ގެނައުމުގެ ނުވަތަ ސިސްޓަމް ރޫލްސްގެ ވަކި މާއްދާއެއް އުވާލުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- އާންމު މަސްލަހަތު؛
- އެއިރެއްގައި އެ ސިސްޓަމްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ މަސްލަހަތު؛
- މުސްތަގުބަލުގައި ސިސްޓަމްގައި ބައިވެރިވެ، ސިސްޓަމަށް އެކްސެސްކުރުމަށް ބޭނުންވެދާނެ ފަރާތްތަކުގެ މަސްލަހަތު؛
- ސިސްޓަމްގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ އެހެނިހެން ކަންކަން.
ހަވަނަ ބާބު
އޭޖެންޓުން އައްޔަންކުރުމާއި އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުން
26 ވަނަ މާއްދާ - އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުން
(ހ) ޕޭމަންޓް ހިދުމަތްދޭ ފަރާތެއް ނުވަތަ އޮޕަރޭޓަރެއް އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ، އެ ފަރާތުގެ ހިންގުމުގެ އެއްވެސް މަސައްކަތެއް އެހެން އެއްވެސް ފަރާތަކާ ހަވާލުކޮށްގެންނުވާނެއެވެ.
(ށ) އޮޕަރޭޓަރެއް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއް މި ގާނޫނުގެ ދަށުން އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުކުރޭތޯ އޮތޯރިޓީން ބެލުމަށް ދަތިވެދާނެ ގޮތަކަށް ނުވަތަ އެ ފަރާތެއްގެ އިންޓަރނަލް ކޮންޓްރޯލްތަކުގެ ފެންވަރު އެކަށީގެންނުވާ މިންވަރަކަށް ދަށްވެދާނެ ގޮތަކަށް، އެ ފަރާތެއްގެ ހިންގުމުގެ އެއްވެސް މުހިންމު މަސައްކަތެއް އެހެން އެއްވެސް ފަރާތަކާ ހަވާލުކޮށްގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ހިންގުމުގެ މުހިންމު މަސައްކަތެއް ކަމަށް ބެލެވޭނީ، އެ މަސައްކަތެއް ކުރުމުގައި ދިމާވާ މައްސަލައެއް ނުވަތަ އެ މަސައްކަތެއް ނުކުރެވުމުގެ ސަބަބުން، އޮޕަރޭޓަރެއް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއް ފޯރުކޮށްދޭ ހިދުމަތް ހަރުދަނާކޮށް އަދި މެދުނުކެނޑި ކުރިއަށް ގެންދިއުމުގައި، ނުވަތަ އެ ފަރާތަކަށް ދެވިފައިވާ ލައިސަންސްގެ ނުވަތަ ހުއްދައިގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމުގައި، ނުވަތަ އެ ފަރާތެއްގެ މާލީ ހާލަތު ދެމެހެއްޓުމުގައި، ދަތިތަކާ ކުރިމަތިވެދާނެ ކޮންމެ މަސައްކަތަކަށެވެ.
(ރ) އެއްވެސް އޮޕަރޭޓަރެއް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއް، އެ ފަރާތުގެ ހިންގުމުގެ މުހިންމު މަސައްކަތެއް އެހެން ފަރާތަކާ ހަވާލުކުރުމުގައި އަންނަނިވި ކަންކަން ކޮށްގެންނުވާނެއެވެ.
- އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުމުގެ ސަބަބުން އެ ފަރާތެއްގެ މެނޭޖްމަންޓްގެ އިސް ފަރާތެއްގެ އެއްވެސް ޒިންމާއެއް އެހެން ފަރާތެއްގެ މައްޗަށް ބަދަލުކުރުން؛
- ޕޭމަންޓް އިންސްޓްރުމަންޓް އިށޫކުރި ފަރާތާއި ބޭނުންކުރާ ފަރާތާ ދެމެދު އޮންނަންޖެހޭ ގުޅުމަށް، ނުވަތަ އިށޫކުރި ފަރާތުން ބޭނުންކުރާ ފަރާތުގެ މައްޗަށް އޮންނަންވާ އިލްތިޒާމްތަކަށް އެއްވެސް ބަދަލެއް ގެނައުން؛ އަދި
- ލައިސަންސްގެ ނުވަތަ ހުއްދައިގެ ށަރުތުތަކުގެ ތެރެއިން އެއްވެސް ށަރުތެއް ފުރިހަމަކުރުމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ކުރިމަތިވިޔަދިނުން.
27 ވަނަ މާއްދާ - އޭޖެންޓުން އައްޔަންކުރުން
(ހ) ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތެއްވެސް، އޭޖެންޓެއް މެދުވެރިކޮށް ހިދުމަތް ލިބިގަންނަ ފަރާތަށް ޕޭމަންޓް ހިދުމަތްދޭން ބޭނުންވެއްޖެނަމަ އޮތޯރިޓީން އަންގާ ގޮތަކަށް އަދި އަންގާ މައުލޫމާތާއެކު އެކަމުގެ ހުއްދައަށް އެދި ލިޔުމުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ށ) ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ އޭޖެންޓަކު އެ ހިދުމަތް ފޯރުކޮށްދެނީ އެ ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ އޭޖެންޓެއްގެ ގޮތުގައިކަން ހިދުމަތް ލިބިގަންނަ ފަރާތަށް ހާމަކުރާކަން އެ ޕޭމަންޓް ހިދުމަތެއްދޭ ފަރާތަކުން ޔަގީންކުރަންވާނެއެވެ.
(ނ) ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން އޭޖެންޓެއް މެދުވެރިކޮށް ޕޭމަންޓް ހިދުމަތް ދިނުމަށްޓަކައި، އެ ފަރާތުން އޭޖެންޓާއެކު ވެވޭ އޭޖެންސީ އެއްބަސްވުމުގައި، ޕޭމަންޓް ހިދުމަތްދޭ އެހެން ފަރާތެއްގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވެގެންނުވާނެ ކަމަށް ށަރުތުކޮށްގެންނުވާނެއެވެ.
28 ވަނަ މާއްދާ - އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުމާއި އޭޖެންޓުން އައްޔަންކުރުމުގެ ޒިންމާ
(ހ) އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތެއް، ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތެއް ނުވަތަ އޮޕަރޭޓަރެއް، އެ ފަރާތުގެ އޭޖެންޓުން އަދި މަސައްކަތް ހަވާލުކޮށްފައިވާ ފަރާތްތަކުން މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރޭތޯ ޔަގީންކުރަންވާނެއެވެ.
(ށ) އޮޕަރޭޓަރުންނާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، އެ ފަރާތެއްގެ އޭޖެންޓުންނާއި އެ ފަރާތެއްގެ ހިދުމަތާގުޅޭ ހަރަކާތެއް އެހެން ފަރާތަކާ ހަވާލުކޮށްފައިވާނަމަ އެފަދައިން ހަވާލުކޮށްފައިވާ ފަރާތްތަކުގެ އަމަލުތަކުގެ ފުރިހަމަ ޒިންމާ ނަގަންވާނެއެވެ.
29 ވަނަ މާއްދާ - ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުން
(ހ) ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކާމެދު އަމަލުކުރާ ގޮތް އޮތޯރިޓީން ރެގިއުލޭޓްކުރަންވާނެއެވެ.
(ށ) ޕޭމަންޓް ހިދުމަތްތައް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމަށްޓަކައި އަންނަނިވި ކަންކަން ހިމެނޭގޮތުން ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާއި ގައިޑްލައިންތައް އޮތޯރިޓީން އެކުލަވާލަންވާނެއެވެ.
- މުއާމަލާތުގައި ހިމެނޭ އެންމެހައި މާއްދާތަކާއި ށަރުތުތަކާއި، ފީތައް ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ހާމަކުރުން؛
- އެކަށީގެންވާ އަގު ކަނޑައެޅުން؛
- ހަމަހަމަކަމާއެކު ހިދުމަތް ލިބިގަންނަ ފަރާތްތަކާ އެކުގައި މުއާމަލާތުކުރުން.
ހަތްވަނަ ބާބު
ސެޓްލްމަންޓް، ނެޓިންގ އަދި ޕޭމަންޓް ފައިނަލިޓީ
30 ވަނަ މާއްދާ - ސެޓްލްމަންޓް އެކައުންޓް
ކޮންމެ ބައިވެރިއަކުވެސް ސެޓްލްމަންޓް ހެދުމަށްޓަކައި އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރަންވާނެއެވެ.
(ހ) އޮތޯރިޓީގައި ނުވަތަ އޮޕަރޭޓަރު ކަނޑައަޅާ މާލީ އިދާރާއެއްގައި ސެޓްލްމަންޓް އެކައުންޓްތައް ހުޅުވުން؛ ނުވަތަ
(ށ) އެ ބައިވެރިއަކު އެހެން ބައިވެރިއަކަށް ކޮންމެ ދުވަހެއްގެ ކްލިއަރިންގއިން އަދާކުރަންޖެހިފައިވާ އެންމެހައި އިލްތިޒާމްތައް ސެޓްލްކުރުމަށްޓަކައި، އޮތޯރިޓީގައި ނުވަތަ އޮޕަރޭޓަރު ކަނޑައަޅާ މާލީ އިދާރާއެއްގައި ސެޓްލްމަންޓް އެކައުންޓެއް ހުޅުވާފައިވާ އެހެން ބައިވެރިއެއް، ސެޓްލްމަންޓް އޭޖެންޓެއްގެ ގޮތުގައި އައްޔަންކުރުން.
31 ވަނަ މާއްދާ - ނެޓިންގ އެރޭންޖްމަންޓްތައް
(ހ) ޓްރާންސްފަރ އޯޑަރުތަކާއި އޭގެ ނެޓިންގ، ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން ތަންފީޒުކުރެވޭނެއެވެ. އަދި އެ ޒިންމާތަކަކީ ތިންވަނަ ފަރާތެއްގެ މައްޗަށް ގާނޫނީގޮތުން ބަނދެވޭނެ ޒިންމާތަކެކެވެ.
(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ސައްހަ އަދި ތަންފީޒުކުރެވޭ ކޮންމެ ނެޓިންގ އެރޭންޖްމަންޓަކަށް އަމަލުކުރަންވާނެއެވެ.
32 ވަނަ މާއްދާ - ފައިނަލިޓީ
(ހ) މި ގާނޫނާ އެއްގޮތްވާ ގޮތަށް އަދި އޮތޯރިޓީން ނެރޭ ގަވާއިދުތަކާއި ގައިޑްލައިންތަކާއި އިރުށާދުތަކާ އެއްގޮތްވާ ގޮތަށް، އޮޕަރޭޓަރު ހިންގާ ސިސްޓަމްގައި ފައިނަލިޓީވާނެ ގޮތް ކަނޑައަޅާނެ ގޮތުގެ އުސޫލުތައް އޮޕަރޭޓަރު އެކަށައަޅަންވާނެއެވެ. ޕޭމަންޓެއް ފައިނަލިޓީ ވުމަކީ އެ ޕޭމަންޓެއް އެއްވެސް ށަރުތެއް ނެތި، ބާތިލުނުކުރެވޭ ގޮތްވުމެވެ.
(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ސިސްޓަމް ރޫލްސްއާ އެއްގޮތަށް ޕޭމަންޓްއެއް ފައިނަލްވުމުން، އެ ޕޭމަންޓް އަދި އެ ޕޭމަންޓްއާގުޅޭ ޓްރާންސްފަރ އޯޑަރަކީ އަންނަނިވި ސިފަތައް ފުރިހަމަވާ ޓްރާންސްފަރ އޯޑަރެކެވެ.
- ސައްހަ އަދި ތަންފީޒުކުރެވޭނެ އެއްޗެއް؛ އަދި
- ބާތިލުނުވާނެ ނުވަތަ އަނބުރާ ނުނެގޭނެ ނުވަތަ އަމަލުނުކޮށް ނުބޭއްވޭނެ އެއްޗެއް؛ އަދި
- އަމަލުކުރުން ލާޒިމުވާނެ އެއްޗެއް.
33 ވަނަ މާއްދާ - ޕޭމަންޓް އަދި ސެޓްލްމަންޓްގެ ކޮލެޓަރަލް
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ސިސްޓަމެއްގައި އުފެދިފައިވާ ޕޭމަންޓް އިލްތިޒާމަކާ ނުވަތަ ކުރަންޖެހޭ ކަމެއްގެ އިލްތިޒާމަކާ ގުޅިގެން އޮޕަރޭޓަރަކަށް، ބައިވެރިއަކަށް، ކްލިއަރިންގ ހައުސްއަކަށް، ސެންޓްރަލް ކައުންޓަރ ޕާޓީއަކަށް، ސިސްޓަމެއްގައި ހިމެނޭ އެހެން ތިންވަނަ ފަރާތަކަށް، ނުވަތަ އޮތޯރިޓީއަށް، ސެކިއުރިޓީއެއްގެ ގޮތުން ދީފައިވާ ކޮލެޓަރަލްއާ ގުޅޭގޮތުން އެއިން ފަރާތަކަށް ލިބިފައިވާ ހައްގުތަކަށާއި، ހައްގުތައް ތަންފީޒުކުރެވޭނެ ގޮތްތަކަށް އިފްލާސްކުރުމުގެ މަރުހަލާއާ ގުޅިގެން އުނިކަމެއް ނުވަތަ ބަދަލެއް ނާންނާނެއެވެ.
(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ކޮލެޓަރަލްއާ ގުޅޭގޮތުން ކްރެޑިޓަރުންގެ ހައްގުތަކާއި ލިބިދެވޭނެ ބަދަލުތަކުގެ ހައްގުތަކަށް އަސަރުކުރާ އެއްވެސް ނިންމުމެއް ތަންފީޒުކުރުން ފަސްކުރުމުގެ މާއްދާއެއް ނުވަތަ އަމުރެއް، މި މާއްދާގެ (ހ) ގައި ބުނެފައިވާ ހައްގުތަކާއި ލިބިދެވޭނެ ބަދަލުތަކުގެ ނުވަތަ ހައްގުތައް ތަންފީޒުކުރެވޭނެ ގޮތްތަކުގެ މައްޗަކަށް ނުހިނގާނެއެވެ.
އަށްވަނަ ބާބު
އިފްލާސްކުރުމާ ގުޅިގެން އަމަލުކުރެވޭނެ އުސޫލު
34 ވަނަ މާއްދާ - އިފްލާސްކުރުމާ ގުޅިގެން އަމަލުކުރެވޭނެ އުސޫލު
(ހ) ސިސްޓަމެއް، ނުވަތަ އޮޕަރޭޓަރެއް ނުވަތަ ބައިވެރިއެއްގެ މައްޗަށް އިފްލާސްކުރުމުގެ މަރުހަލާ ކޯޓުގައި ފެށުމާއެކު ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި، އެކަން ކޯޓުން އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އިފްލާސްކުރުމުގެ މަރުހަލާ ކޯޓުގައި ފެށުމާއެކު، އަދި އެކަން ކޯޓުން އޮތޯރިޓީއަށް އެންގުމާއެކު، އެ ލިޔުން ރާއްޖޭގައި ގާއިމުކޮށްފައިވާ ސިސްޓަމްތަކާއި އޮޕަރޭޓަރުންނަށް، ވީ އެންމެ އަވަހަކަށް، އޮތޯރިޓީން ފޯރުކޮށްދޭންވާނެއެވެ. އަދި ބޭރުގެ ކަމާބެހޭ އިދާރާތަކާ ދެމެދު އެކުލަވާލާފައިވާ ބައިނަލްއަގްވާމީ އެއްބާރުލުމުގެ އެރޭންޖްމަންޓްތަކާއި އެއްބަސްވުންތަކުގެ ދަށުން، މިފަދަ ނިންމުމެއް ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ސިސްޓަމްތަކަށް ނުވަތަ އޮޕަރޭޓަރުންނަށް ފޮނުވުމަށް ހަމަޖެހިފައިވާނަމަ، އެ ފަރާތްތަކަށްވެސް އެ ނިންމުމުގެ ކޮޕީ ފޮނުވަންވާނެއެވެ.
(ނ) އޮތޯރިޓީން ސިސްޓަމެއްގެ ބައިވެރިއެއްގެ މައްޗަށް ނިންމުމެއް ނިންމާ ހާލަތުގައި، އެ ނިންމުމުގެ ނަތީޖާއަކީ، އިފްލާސްކުރުމުގެ މަރުހަލާ ފެށުންކަމަށްވާނަމަ، ވީ އެންމެ އަވަހަކަށް، އެކަން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ސިސްޓަމްތަކާއި އޮޕަރޭޓަރުންނަށް އޮތޯރިޓީން އަންގަންވާނެއެވެ. އަދި ބޭރުގެ ކަމާބެހޭ އިދާރާތަކާ ދެމެދު އެކުލަވާލާފައިވާ ބައިނަލްއަގްވާމީ އެއްބާރުލުމުގެ އެރޭންޖްމަންޓްތަކާއި އެއްބަސްވުންތަކުގެ ދަށުން، މިފަދަ ނިންމުމެއް ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ސިސްޓަމްތަކަށް ނުވަތަ އޮޕަރޭޓަރުންނަށް ފޮނުވުމަށް ހަމަޖެހިފައިވާނަމަ، އެ ފަރާތްތަކަށްވެސް އެ ނިންމުމުގެ ކޮޕީ ފޮނުވަންވާނެއެވެ.
(ރ) ބޭރުގެ ކަމާބެހޭ އިދާރާތަކާއެކު އެކުލަވާލާފައިވާ ބައިނަލްއަގްވާމީ އެއްބާރުލުމުގެ އެރޭންޖްމަންޓްތަކާއި އެއްބަސްވުންތަކުގެ ދަށުން، ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ސިސްޓަމްތައް ނުވަތަ އޮޕަރޭޓަރުން ނުވަތަ ބައިވެރިންގެ މައްޗަށް އިފްލާސްކުރުމުގެ މަރުހަލާ ފެށުނުކަމުގެ މައުލޫމާތު އޮތޯރިޓީއަށް ލިބިއްޖެނަމަ، އެފަދަ މައުލޫމާތު ވީ އެންމެ އަވަހަކަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ސިސްޓަމްތަކާއި، އޮޕަރޭޓަރުންނާއި ސިސްޓަމްގެ ސެޓްލްމަންޓް އޭޖެންޓުންނަށް އަންގަންވާނެއެވެ
35 ވަނަ މާއްދާ - އޮޕަރޭޓަރެއް ސިސްޓަމެއް ހިންގުން މަނާވާ ހާލަތް ނުވަތަ ބައިވެރިއެއް ސިސްޓަމެއްގައި ބައިވެރިވުން މަނާވާ ހާލަތް
އޮޕަރޭޓަރެއް ނުވަތަ ސިސްޓަމެއްގެ ބައިވެރިއެއްގެ މައްޗަށް އިފްލާސްކުރުމުގެ މަރުހަލާއެއް ފެށުމާއެކު ނުވަތަ އެ ފަރާތެއް އަމިއްލައަށް އުވާލުމަށް ނިންމުން ނިންމުމާއެކު، އޮތޯރިޓީގެ ހުއްދަނެތި އެ އޮޕަރޭޓަރެއް އެއްވެސް ސިސްޓަމެއް ހިންގުން ނުވަތަ އެ ބައިވެރިއެއް އެއްވެސް ސިސްޓަމެއްގައި ބައިވެރިވުމަކީ މަނާކަމެކެވެ.
36 ވަނަ މާއްދާ - ފައިނަލިޓީއަށް ބަދަލުނައުން
އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އިފްލާސްކުރުމުގެ މަރުހަލާ ފެށުނުކަމުގައިވީނަމަވެސް، އެ ކަމާބެހޭ ނިންމުމުގެ މައުލޫމާތު އޮޕަރޭޓަރަށް އެނގުމުގެ ކުރިން، ސިސްޓަމަކުން ޕްރޮސެސްކޮށްފައިވާ އެއްވެސް ޕޭމަންޓެއްގެ ފައިނަލިޓީއަށް ނުވަތަ ސިސްޓަމަކަށް އަޅާފައިވާ ޓްރާންސްފަރ އޯޑަރެއް ބާތިލުނުކުރެވޭ ގޮތަށް އޮތް އޮތުމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
37 ވަނަ މާއްދާ - ނެޓިންގ އެރޭންޖްމަންޓް އަދި ސިސްޓަމްގެ ނެޓިންގ އުސޫލުތަކަށް ލިކުއިޑޭޓަރ އަމަލުކުރުން
އިފްލާސްކުރުމުގެ މަރުހަލާ ފަށާފައިވާ އެ ބައިވެރިއެއްގެ ލިކުއިޑޭޓަރ، އަންނަނިވި ކަންކަން ފުރިހަމަވެފައިވާނަމަ، އެއްވެސް ޕޭމަންޓް ނުވަތަ ސެޓްލްމަންޓް އިލްތިޒާމަކާ ގުޅޭގޮތުން އެ ބައިވެރިއެއް ބައިވެރިވެފައިވާ ނެޓިންގ އެރޭންޖްމަންޓަކަށް ނުވަތަ އެ ބައިވެރިއެއް ބައިވެރިވެފައިވާ ސިސްޓަމްގެ ނެޓިންގ ރޫލްސްތަކާއި އަމަލުކުރާ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.
(ހ) އިފްލާސްކުރުމުގެ މަރުހަލާ ފެށުމާގުޅޭ ކޯޓުގެ އެންގުމުގެ ކޮޕީ ނުވަތަ އޮތޯރިޓީގެ ނިންމުން އެ ސިސްޓަމްގެ އޮޕަރޭޓަރަށް ލިބުމުގެ ކުރިން ނެޓިންގ ޕްރޮސެސްއަށް ޓްރާންސްފަރ އޯޑަރު އެންޓަރ ކުރެވިފައިވުން؛ އަދި
(ށ) އިފްލާސްކުރުމުގެ މަރުހަލާ ފެށުމާގުޅޭ ކޯޓުގެ އެންގުން އެންގި ނުވަތަ އޮތޯރިޓީގެ ނިންމުން ނިންމި ތާރީހުގައި ނުވަތަ ތާރީހުގެ ފަހުން ނެޓިންގ ޕްރޮސެސް ފުރިހަމަވެފައިވުން.
38 ވަނަ މާއްދާ - ހައްގުތައް ތަންފީޒުކުރުން
ސިސްޓަމަކުން ޕްރޮސެސްކޮށްފައިވާ އެއްވެސް ޕޭމަންޓެއްގެ ފައިނަލިޓީއަށް ނުވަތަ ސިސްޓަމަކަށް އަޅާފައިވާ ޓްރާންސްފަރ އޯޑަރެއް ބާތިލުނުކުރެވޭ ގޮތަށް އޮތްއޮތުމަށް، ނުވަތަ ނެޓިންގ އެރޭންޖްމަންޓެއްގެ ސައްހަކަމަށް ނުވަތަ އެފަދަ އެރޭންޖްމަންޓެއް ތަންފީޒުކުރުމަށް، އެއްވެސް އަސަރެއް ނުކުރާހާ ހިނދަކު، މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކަށް ލިބިދީފައިވާ ހައްގެއް ތަންފީޒުކުރުމަށް މި ބާބުގެ މާއްދާތައް ހުރަހެއް ނާޅައެވެ.
39 ވަނަ މާއްދާ - ބައިވެރިންގެ މައްޗަށް ހިނގާނެ ގާނޫނު
(ހ) މި ގާނޫނުގެ ހުދޫދުގެ ތެރެއިން ރާއްޖޭގެ ސިސްޓަމެއްގައި ހިމެނޭ، ރާއްޖެއިން ބޭރުގެ ބައިވެރިއެއްގެ މައްޗަށް އިފްލާސްކުރުމުގެ މަރުހަލާ ފެށިނަމަވެސް، އެ ބައިވެރިއަކު ސިސްޓަމުގައި ބައިވެރިވުމުން ލިބިދޭ ނުވަތަ ބައިވެރިވުމާ ގުޅިގެން ލިބިދޭ ހައްގުތަކާއި އަދާކުރަންޖެހޭ އިލްތިޒާމްތައް ނިހާއީ ގޮތެއްގައި ކަނޑައެޅުމުގައި އަމަލުކުރާނީ، ހަމައެކަނި ދިވެހިރާއްޖޭގެ ގާނޫނުތަކަށެވެ.
(ށ) ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ސިސްޓަމެއްގައި ހިމެނޭ، ރާއްޖޭގެ ބައިވެރިއެއްގެ މައްޗަށް އިފްލާސްކުރުމުގެ މަރުހަލާ ފެށިނަމަވެސް، އެ ބައިވެރިއަކު އެ ސިސްޓަމްގައި ބައިވެރިވުމުން ލިބިދޭ ނުވަތަ ބައިވެރިވުމާ ގުޅިގެން ލިބިދޭ އެ ފަރާތުގެ ހައްގުތަކާއި އަދާކުރަންޖެހޭ އިލްތިޒާމްތައް ނިހާއީ ގޮތެއްގައި ކަނޑައެޅުމުގައި އަމަލުކުރާނީ ހަމައެކަނި އެ ސިސްޓަމެއްގެ މައްޗަށް ހިނގާ ގާނޫނުތަކަށެވެ.
ނުވަވަނަ ބާބު
އޮޑިޓްކުރުން
40 ވަނަ މާއްދާ - އޮޑިޓްކުރުން
(ހ) އޮޑިޓްކުރުމުގެ ރޮނގުން ތަޖުރިބާ ލިބިފައިވާ އަދި އެކަމަށް ގާބިލު އެކްސްޓަރނަލް އޮޑިޓަރެއް، ޕޭމަންޓް ހިދުމަތްދޭ ކޮންމެ ފަރާތަކުން އަދި ކޮންމެ އޮޕަރޭޓަރަކުވެސް އައްޔަންކުރަންވާނެއެވެ. އެކްސްޓަރނަލް އޮޑިޓަރުކަމަށް އައްޔަންކުރަންވާނީ އޮތޯރިޓީން ގަބޫލުކުރާ ލައިސަންސްޑް އޮޑިޓަރެކެވެ.
(ށ) އޮޑިޓްކުރުމަށް އައްޔަންކުރެވޭ އެކްސްޓަރނަލް އޮޑިޓަރާއި ޕޭމަންޓް ހިދުމަތްދޭ ފަރާތް ނުވަތަ އޮޕަރޭޓަރު ތިރީގައިވާ ކަންކަމަށް އެއްބަސްވެ، އެ ދެފަރާތުގެ ދެމެދުގައި ކުރެވޭ އެއްބަސްވުމުގައި އެކަންކަން ހިމަނަންވާނެއެވެ.
- އެކްސްޓަރނަލް އޮޑިޓަރުން ތައްޔާރުކުރާ ހުރިހާ ރިޕޯޓުތަކާއި، އޮޑިޓްކުރުމުގައި މައްސަލައެއްގެ ގޮތުގައި ފާހަގަވާ ޓްރާންސެކްށަންތަކުގެ މަސައްކަތު ކަރުދާސްތައް އޮތޯރިޓީއަށް ހުށަހެޅުމަށް އޮތޯރިޓީން އެދިއްޖެ ހިނދެއްގައި، އެ ލިޔުންތައް އޮތޯރިޓީއަށް ހުށަހެޅުން؛
- އެ އިދާރާއާގުޅޭ އިތުރު މަސައްކަތެއްކުރުމަށް ނުވަތަ އިތުރު ރިޕޯޓެއް ތައްޔާރުކުރުމަށް އޮތޯރިޓީން އެކްސްޓަރނަލް އޮޑިޓަރަށް އަންގައިފި ހިނދެއްގައި، އެކަންކަން ކުރުން.
(ނ) އޮޕަރޭޓަރެއް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއް އޮޑިޓްކުރުމަށް އައްޔަންކުރަން ގަސްދުކުރާ ނުވަތަ އައްޔަންކޮށްފައިވާ އެކްސްޓަރނަލް އޮޑިޓަރަކީ ނުވަތަ އޮޑިޓް ފާރމެއްގެ އެއްވެސް މެންބަރަކީ އެ އިދާރާގެ ހިއްސާދާރެއް، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، މެނޭޖްމަންޓްގެ އިސް ފަރާތެއް، މުވައްޒަފެއް، އޭޖެންޓެއް ނުވަތަ އެ އިދާރާ ތަމްސީލުކުރާ ފަރާތެއް ކަމުގައި ވެގެންނުވާނެއެވެ. އަދި އެ އިދާރާގައި އެކްސްޓަރނަލް އޮޑިޓަރުގެ މަސްލަހަތެއް އޮވެގެންނުވާނެއެވެ. އިދާރާގައި އޮޑިޓަރުގެ މަސްލަހަތެއް އުފެދިއްޖެނަމަ، އެ މަސްލަހަތެއް އުފެދުނު ގޮތުގެ ތަފްސީލު ވީ އެންމެ އަވަހަކަށް އޮތޯރިޓީއަށް ލިޔުމުން އަންގައި، އެކްސްޓަރނަލް އޮޑިޓަރު ކަމުގައި އައްޔަންކުރުމަށް ނުވަތަ ދެމިހުރުމަށް އޮތޯރިޓީގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ، އެކްސްޓަރނަލް އޮޑިޓަރުކަމުގައި އެ ފަރާތް އައްޔަންކޮށްގެން ނުވަތަ ދަމަހައްޓައިގެންނުވާނެއެވެ.
(ރ) އެކްސްޓަރނަލް އޮޑިޓަރު، އެ އިދާރާގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތާގުޅޭ އެއްވެސް ހިދުމަތެއް ނުވަތަ މަސައްކަތެއް ކޮށްދީގެންނުވާނެއެވެ. އަދި މަދު ހާލަތްތަކެއްގައި، ތަމްރީނުދިނުމުގެ ގޮތުން ނޫންގޮތަކަށް، އެކްސްޓަރނަލް އޮޑިޓްކުރުމުގައި އެކަމަކާމެދު ލަފައެއް ދޭންޖެހޭނެފަދަ ކަމަކާގުޅޭ ހިދުމަތެއްދީ ނުވަތަ މަސައްކަތެއް ކޮށްދީގެންވެސް ނުވާނެއެވެ. މި މާއްދާގެ (ކ) އަދި (އ) ގެ ދަށުން އޮތޯރިޓީން އަންގާ ހާލަތްތަކުގައި މެނުވީ، އެކަށީގެންވާ އެކައުންޓިންގ ސިސްޓަމްތަކާއި އެކައުންޓިންގ އުސޫލުތައް ދެމެހެއްޓުމަށާއި، މާލީ ގޮތުންނާއި އެނޫންވެސް ގޮތަކުން ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންތައްތައް މަދުކުރުމަށް ފިޔަވަޅުތައް އެޅުމުގައި އެ އިދާރާއަށް އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އެފަދަ އެހީ ފޯރުކޮށްދޭންވާނީ އެ އިދާރާގެ އެކްސްޓަރނަލް އޮޑިޓަރު ފިޔަވައި އެހެން ލައިސަންސްޑް އޮޑިޓަރެކެވެ.
(ބ) އެކްސްޓަރނަލް އޮޑިޓަރުގެ ގޮތުގައި ހަރަކާތްތެރިވުމުގައި، އެ އިދާރާއަކާ ގުޅޭގޮތުން ލިބޭ މައުލޫމާތަކުން ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެފައިވާކަމަށް އޮޑިޓަރަށް ފެންނަނަމަ، އެކަން ވަގުތުން އޮތޯރިޓީއަށް އަންގަންވާނެއެވެ.
- އެ އިދާރާގެ ރައުސްމާލު %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑަށް ދަށްވެގެންދާނެ މިންވަރަކަށް ގެއްލުން ކުރިމަތިވުން؛
- އެ އިދާރާގެ ނުވަތަ އެ އިދާރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ މެނޭޖްމަންޓްގެ އިސް ފަރާތެއް ނުވަތަ އެހެންވެސް މުވައްޒަފެއް މަކަރާއި ހީލަތް ނުވަތަ އެހެންވެސް ޖިނާއީ ކުށެއް ކޮށްފައިވާކަމަށް ނުވަތަ ކުރަމުންގެންދާކަމަށް ތުހުމަތުކުރެވުން؛
- މި ގާނޫނާ ނުވަތަ އެހެންވެސް ގާނޫނަކާ ނުވަތަ އޮތޯރިޓީން ނެރެފައިވާ ގަވާއިދަކާ ނުވަތަ އެންގުމަކާ ހިލާފުވެފައިވާކަން ނުވަތަ އެއިން ގާނޫނެއް ނުވަތަ ގަވާއިދެއްގެ މާއްދާއަކަށް ފުރިހަމައަށް އަމަލުކުރަމުން ނުދާކަން ފާހަގަވުން؛
- އެ އިދާރާގެ މާލީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ފަހިވެދާނެ ބޮޑެތި ނުރައްކާތަކަކަށް ހުށަހެޅިދާނެ މިންވަރަށް އެ ފަރާތުގެ އިންޓަރނަލް ކޮންޓްރޯލްތައް ހީނަރުވެފައިވުން؛ ނުވަތަ
- ސިސްޓަމްގެ އާންމު އޮޕަރޭށަންތައް ހުއްޓުމަކަށް އަތުވެދާނެފަދަ، ނުވަތަ ޕޭމަންޓް ހިދުމަތް ދިނުމުގެ މަސައްކަތް ހުއްޓުމަކަށް އަތުވެދާނެފަދަ ގޮތަކަށް އެތަނުގެ ހިންގުމުގެ ހަރަކާތްތައް ހުރުން ނުވަތަ އިންފޮމޭށަން ޓެކްނޮލޮޖީގެ ކަންކަން ހުރުން.
(ޅ) އޮޑިޓަރެއް ނުވަތަ ކުރީގެ އޮޑިޓަރެއް، ހެޔޮ ނިޔަތުގައި މި މާއްދާގެ ދަށުން އޮތޯރިޓީއަށް އެއްވެސް ރިޕޯޓެއް ނުވަތަ މައުލޫމާތެއް ހުށަހަޅައިފި ހިނދެއްގައި، އެ ފަރާތުން އަމަލުކުރަންޖެހޭ އެއްވެސް ގާނޫނެއް، ގަވާއިދެއް، އެއްބަސްވުމެއް، ނުވަތަ އެ ފަންނުގެ ސުލޫކީ މިންގަނޑަކާ އެ ފަރާތުން ހިލާފުވީކަމުގައެއް ނުބެލެވޭނެއެވެ. އަދި އޮތޯރިޓީއަށް އެއްވެސް ރިޕޯޓެއް ނުވަތަ މައުލޫމާތެއް ހުށަހެޅުމުގެ ސަބަބުން އެ ފަރާތުގެ މައްޗަށް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުކުރެވޭނެއެވެ. ނުވަތަ އިދާރީ ފިޔަވަޅެއް ނޭޅޭނެއެވެ.
(ކ) އޮޕަރޭޓަރެއް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން އައްޔަންކޮށްފައިވާ އެކްސްޓަރނަލް އޮޑިޓަރަށް ތިރީގައިވާ ކަންތައްތައް ކުރުމަށް އޮތޯރިޓީން އެންގިދާނެއެވެ.
- އޮތޯރިޓީއަށް ފެންނަ އޮޑިޓްކުރުމާގުޅޭ އިތުރު މައުލޫމާތު ހުށަހެޅުން؛
- އޮޑިޓްކުރުމަށް ކަނޑައަޅާފައިވާ ދާއިރާ ފުޅާކުރުމަށް ނުވަތަ ކަނޑައަޅާފައިވާ ކަންކަން އިތުރުކުރުމަށް؛
- ރިޕޯޓެއް ހުށަހެޅުމަށް، ނުވަތަ އެގްޒެމިނޭށަނެއް ކުރިއަށް ގެންދިއުމަށް، ނުވަތަ އޮތޯރިޓީން އަންގާ ކަމަކާމެދު ލަފާދިނުމަށް؛
- މާލީ އަދި އެކައުންޓިންގއާބެހޭ ނިޒާމުތައް ހަމަޖެހިފައިވާ ގޮތާއި، އިންޓަރނަލް ކޮންޓްރޯލްއާބެހޭ ރިޕޯޓެއް އޮތޯރިޓީއަށް ހުށަހެޅުމަށް؛ ނުވަތަ
- ގަވާއިދުތަކާއި އިރުށާދުތަކާ އެއްގޮތްވާ ގޮތަށް، މަނީ ލޯންޑަރިންގއާއި ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުން ހުއްޓުވުމަށް އޮޕަރޭޓަރ ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތުން އެކަށީގެންވާ ފިޔަވަޅުތައް ކަނޑައަޅާފައިވާކަން ނުވަތަ ނޫންކަން، އަދި އެ ފިޔަވަޅުތަކަށް އަމަލުކުރަމުންދާކަން ނުވަތަ ނޫންކަން، އަންގައިދޭ ކަމާބެހޭ ގޮތުން ރިޕޯޓެއް އޮތޯރިޓީއަށް ހުށަހެޅުމަށް.
(އ) އޮތޯރިޓީން ކަނޑައަޅާ ވަކި ކަމަކާ ގުޅޭގޮތުން، އޮޕަރޭޓަރެއް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއް އައްޔަންކޮށްފައިވާ އެކްސްޓަރނަލް އޮޑިޓަރު ނުވަތަ އޮތޯރިޓީން ކަނޑައަޅާ އެނޫންވެސް ފަރާތަކުން ރިޕޯޓެއް ތައްޔާރުކޮށް އޮތޯރިޓީއަށް ހުށަހެޅުމަށް އޮޕަރޭޓަރަކަށް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށް އެންގިދާނެއެވެ. އޭގެތެރޭގައި، އެ ފަރާތުގެ އެކައުންޓިންގ ނިޒާމުގެ ފެންވަރާއި، އެ ފަރާތުން ގާއިމުކޮށްފައިވާ އިންފޮމޭށަން ޓެކްނޮލޮޖީ ސިސްޓަމްތަކުގެ ފެންވަރާއި، ހިންގުމުގެ އުސޫލުތަކާއި ކޮންޓްރޯލްތަކުގެ ހަރުދަނާކަންފަދަ ކަންކަން ހިމެނޭނެއެވެ.
(ވ) މި މާއްދާގެ (ކ) ގެ ދަށުން އޮޑިޓަރު ކުރުމަށް އޮތޯރިޓީން އަންގާ އިތުރު ކަންތައްތައް ކުރުމަށް އަދި މި މާއްދާގެ (އ) ގެ ދަށުން އޮތޯރިޓީން އަންގާ ރިޕޯޓު ތައްޔާރުކުރުމަށް ހިނގާ ހަރަދުތަކަށް ޒިންމާވާނީ އޮޑިޓަރު އައްޔަންކޮށްފައިވާ އޮޕަރޭޓަރު ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެވެ.
(މ) ކޮންމެ އޮޕަރޭޓަރަކު އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތަކުންވެސް، ކޮންމެ މާލީ އަހަރެއް ނިމޭތާ ގިނަވެގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އޮޑިޓްކޮށްފައިވާ އަހަރީ ހިސާބުތަކުގެ ކޮޕީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއެކު އޮޑިޓަރު މެނޭޖްމަންޓް ލެޓަރއެއް ފޮނުވާފައިވާނަމަ، އެ ލެޓަރގެ ކޮޕީވެސް އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއެކު އޮޓޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ފ) އޮޕަރޭޓަރަކު ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، މި މާއްދާގެ (މ) ގެ ދަށުން އޮތޯރިޓީއަށް ހުށަހަޅާ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާމެދު އަދި އޮޑިޓް ރިޕޯޓާމެދު އޮތޯރިޓީން ހިތްހަމަނުޖެހިއްޖެނަމަ ނުވަތަ އެކަމާމެދު ހިޔާލު ތަފާތުވުމެއް އުފެދިއްޖެނަމަ، އެ އިދާރާއެއްގެ ހަރަދުގައި އަދި އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، މުޅިން އާ އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމަށް އެހެން އޮޑިޓަރެއް އައްޔަންކުރުމަށް އޮތޯރިޓީން އެ އިދާރާއަކަށް އެންގިދާނެއެވެ.
41 ވަނަ މާއްދާ - ހާއްސަ އޮޑިޓް
(ހ) އަންނަނިވި ހާލަތްތަކުގައި، އޮޕަރޭޓަރެއް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ މާލީ ހިސާބުތަކާއި ރިކޯޑުތަކާއި އެހެނިހެން ލިޔެކިޔުންތަކާ ގުޅޭގޮތުން އޮޑިޓްކުރުމަށްޓަކާ، އެހެން އޮޑިޓަރެއް އޮތޯރިޓީއަށް އައްޔަންކުރެވިދާނެއެވެ.
- އޮޕަރޭޓަރެއް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން މި ގާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އޮޑިޓަރަކު އައްޔަންކޮށްފައިނުވުން؛
- މި ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އޮޕަރޭޓަރަކު ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން އައްޔަންކުރާ އޮޑިޓަރާ އެކުގައި އެހެން އޮޑިޓަރަކު މަސައްކަތްކުރުން މުހިންމުކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އޮޑިޓަރެއް އައްޔަންކޮށްފިނަމަ، އެ އޮޑިޓަރު އަންގާ އެ ފަރާތުގެ އެންމެހައި މާލީ ހިސާބުތަކާއި ރިކޯޑުތަކާއި ލިޔެކިޔުންތައް އަދި ސިސްޓަމްތައް އޮޑިޓަރަށް ބެލޭނެ އިންތިޒާމް އޮޕަރޭޓަރު ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތުން ހަމަޖައްސަންވާނެއެވެ. އަދި މި މާއްދާގެ ދަށުން އޮޑިޓަރު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށް، އެ އިދާރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި މުވައްޒަފުންގެ ކިބައިން އޮޑިޓަރު ބޭނުންވާ އެންމެހައި މައުލޫމާތު، އެ ފަރާތްތަކުން އޮޑިޓަރަށް ފޯރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އޮޑިޓަރަށް ހިނގާ އެންމެހައި ހަރަދުތަކަށް ޒިންމާވާނީ އެ އޮޑިޓަރު އައްޔަންކުރި އޮޕަރޭޓަރު ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުންނެވެ.
42 ވަނަ މާއްދާ - އޮޑިޓަރުގެ މަގާމުގެ މުއްދަތު
މި ގާނޫނުގެ ދަށުން އައްޔަންކުރާ އެކްސްޓަރނަލް އޮޑިޓަރުގެ މަގާމުގެ މުއްދަތަކީ 1 (އެކެއް) އަހަރުދުވަހެވެ. އަދި، އެ މަގާމަށް އައްޔަންކުރެވޭ އޮޑިޓަރަކު މެދުނުކެނޑި އައްޔަންކުރެވޭނީ ގިނަވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
43 ވަނަ މާއްދާ - އޮޑިޓަރު ވަކިކުރުން
(ހ) މި ގާނޫނުގެ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން، ނުވަތަ ކަމާބެހޭ އެހެންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން އޮޕަރޭޓަރެއް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ އޮޑިޓަރު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރެވޭކަމަށް ނުވަތަ އެނޫންވެސް ގޮތަކުން އެ ފަރާތަކީ ކަމަށް އެކަށޭނަ ފަރާތެއް ނޫންކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވިއްޖެނަމަ، އެ އޮޑިޓަރު ވަކި ކުރުމަށް އެ އިދާރާއަށް އޮތޯރިޓީން ލިޔުމުން އެންގިދާނެއެވެ. އަދި އެފަދައިން އަންގައިފިނަމަ އޮޑިޓަރު ވަކިކުރުމަށް އޮތޯރިޓީން އަންގާ އެންގުމާ އެއްގޮތަށް އޮޑިޓަރު ވަކިކޮށް، އާ އޮޑިޓަރެއް އެ އިދާރާއިން އައްޔަންކުރަންވާނެއެވެ.
(ށ) އޮޕަރޭޓަރަކު ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ އެކްސްޓަރނަލް އޮޑިޓަރު އައްޔަންކުރެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވަކިކުރަން ބޭނުންވެއްޖެނަމަ، ވަކިކުރެވޭނީ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގައެވެ. މިގޮތުން އޮތޯރިޓީގެ ހުއްދައަށް އެދި ހުށަހަޅާއިރު އެ އިދާރާއަކުން އޮޑިޓަރު ވަކިކުރަން ބޭނުންވާ ސަބަބު ބަޔާންކުރަންވާނެއެވެ.
44 ވަނަ މާއްދާ - އޮޑިޓަރު އަދި އޮޑިޓަރުގެ މުވައްޒަފުން ސިއްރު ހިފެހެއްޓުން
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގައި ނުވަތަ ހާލަތްތަކުގައި މެނުވީ، ނުވަތަ ށަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ހާމަކުރަންޖެހިއްޖެ ހާލަތެއްގައި މެނުވީ، މި ގާނޫނުގެ 40 ވަނަ މާއްދާއާއި 41 ވަނަ މާއްދާގެ ދަށުން އައްޔަންކޮށްފައިވާ އޮޑިޓަރެއް އަދި އެފަދަ އޮޑިޓަރެއްގެ މުވައްޒަފެއް، އެ ފަރާތުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެނގިގެންދާ އެއްވެސް މައުލޫމާތެއް އޮތޯރިޓީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ. މި މަނާކުރުމުގެ ތެރޭގައި، އޮޑިޓަރެއްގެ މުވައްޒަފަކަށް އެނގިގެންދާ މައުލޫމާތު އެ އޮޑިޓަރަށް ހާމަކުރުން ނުހިމެނޭނެއެވެ.
ދިހަވަނަ ބާބު
އޯވަރސީކުރުން
45 ވަނަ މާއްދާ - އިންސްޕެކްޓްކުރުން
ސިސްޓަމެއްގެ ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ ހަރަކާތްތައް ހިންގުމުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާ މިންވަރު ބެލުމަށް، އަދި މިނޫންވެސް ބަލަންޖެހޭކަމަށް އޮތޯރިޓީއަށް ފެންނަ ކަންތައްތައް ބެލުމަށް، އޮތޯރިޓީން އައްޔަންކުރާ ފަރާތެއް، ނުވަތަ އޮތޯރިޓީގެ އޮފިސަރުން މެދުވެރިކޮށް އޮތޯރިޓީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި، އޮންސައިޓް އިންސްޕެކްށަނެއް ހިންގިދާނެއެވެ. މިގޮތުން ހިންގާ އިންސްޕެކްށަނެއްގައި އެ ސިސްޓަމެއްގެ ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ ފޮތްތަކާއި އެކައުންޓްތަކާއި ލިޔެކިޔުންތަކާއި ރިކޯޑުތަކާއި ކޮމްޕިއުޓަރ ސިސްޓަމްތަކާއި މިނޫންވެސް ސިސްޓަމްތަކާއި މެށިންތައް އިންސްޕެކްޓްކުރެވިދާނެއެވެ. އަދި، މިއިން އެއްވެސް އެއްޗެއް ހިފަހައްޓަންޖެހޭކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ އެ އެއްޗެއް ހިފެހެއްޓިދާނެއެވެ. މިގޮތުން ހިންގާ އިންސްޕެކްށަނެއްގައި އެ ސިސްޓަމެއްގެ ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ މުވައްޒަފުންނާއި އެތަނަކާ ގުޅުންހުރި ފަރާތްތަކާ ސުވާލުކުރެވިދާނެއެވެ
46 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުން
ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތުން، އޮތޯރިޓީން އަންގާ މައުލޫމާތު ނުވަތަ ލިޔެކިޔުން ނުވަތަ ރިޕޯޓު، އޮތޯރިޓީން އަންގާ ގޮތަކަށް އަދި އަންގާ ވަގުތަކަށް ކޮންމެ އޮޕަރޭޓަރަކާއި، ބައިވެރިއަކާއި، ސެޓްލްމަންޓް އޭޖެންޓަކާއި، ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކާއި، އެއިން ފަރާތެއްގެ އޭޖެންޓަކާއި އެއިން ފަރާތެއްގެ ފަރާތުން މަސައްކަތްކުރާ ފަރާތްތަކުންވެސް ހުށަހަޅަންވާނެއެވެ.
(ހ) ސިސްޓަމް ހިންގުމާގުޅޭ މައުލޫމާތާއި ޕޭމަންޓް ހިދުމަތްތައް ދިނުމާބެހޭ މައުލޫމާތު؛ އަދި
(ށ) ދޭ ހިދުމަތާ ގުޅިގެން ނަގާ އަގުތަކާއި ފީތަކާއި އެނޫންވެސް ޗާޖުތައް.
47 ވަނަ މާއްދާ - އޮތޯރިޓީން މައުލޫމާތު ހާމަކުރުމާއި ސިއްރު ހިފެހެއްޓުން
އޮތޯރިޓީގެ މުވައްޒަފުންނާއި އޮފިސަރުންނާއި އޮތޯރިޓީން އައްޔަންކުރާ ފަރާތްތައް ހިމެނޭގޮތުން، އަންނަނިވި ކަންކަމުގައި ނުވަތަ ހާލަތްތަކުގައި މެނުވީ މި ގާނޫނުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް އޮތޯރިޓީން އެހެން ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.
(ހ) މި ގާނޫނު ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން އޮތޯރިޓީން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް؛
(ށ) ގައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރިކުރުމަށް ނުވަތަ އެކަށީގެންވާ ގޮތަށް ހިންގުމަށް ނުވަތަ ގައުމީ ޕޭމަންޓް ސިސްޓަމްގެ މާލީ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް؛
(ނ) ގާނޫނީ ގޮތުން ހުއްދަކުރާ ފަރާތަކަށް މައުލޫމާތު ހާމަކުރުމުގެ ގޮތުން؛
(ރ) ށަރުއީ ކޯޓެއްގެ އަމުރަކުން އެ މައުލޫމާތު ހާމަކުރުމަށް އެންގުމުން؛
(ބ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާކުރުމަށް؛
(ޅ) އޮތޯރިޓީން އެހެން ގައުމުތަކުގެ ސުޕަވައިޒަރީ އިދާރާތަކަށް މައުލޫމާތު ހާމަކުރުން.
48 ވަނަ މާއްދާ - މައުލޫމާތާއި ރިކޯޑުތައް ބެހެއްޓުން
(ހ) ކޮންމެ އޮޕަރޭޓަރަކު އަދި ސިސްޓަމެއްގެ ބައިވެރިއަކު އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތެއް، އޮތޯރިޓީން ކަނޑައަޅާ މައުލޫމާތު، އޮތޯރިޓީން ކަނޑައަޅާ މުއްދަތަކަށް ބަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އިލެކްޓްރޯނިކްކޮށް ރިކޯޑުތައް ބެހެއްޓުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
49 ވަނަ މާއްދާ - މަނީ ލޯންޑްރިންގ ހުއްޓުވުމުގެ ފިޔަވަޅުތަކަށް އަމަލުކުރުން
(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކުން ރައްކާތެރިވުމަށް އަދި އެފަދަ ހަރަކާތްތައް ހުއްޓުވުމަށްޓަކައި، އޮޕަރޭޓަރުންނާއި ބައިވެރިންނާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކާއި، އެފަދަ ފަރާތްތަކުގެ އޭޖެންޓުންނާއި އެފަދަ ފަރާތްތައް ތަމްސީލުކުރާ އެހެންވެސް ފަރާތްތަކުން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި އިރުށާދުތައް އެކުލަވާލުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން އަންގާ އެންމެހައި އެންގުންތަކަށް އެ އެންގުންތައް ނިސްބަތްވާ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.
އެގާރަވަނަ ބާބު
ފިޔަވަޅު އެޅުން
50 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދަނެތި ސިސްޓަމް ގާއިމުކުރުމާއި ހިންގުން
(ހ) މި ގާނޫނުގެ ދަށުން އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މެނުވީ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ޕޭމަންޓް ހިދުމަތެއް ދީގެންނުވާނެއެވެ. އަދި މި ގާނޫނުގެ ދަށުން އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން މެނުވީ އެއްވެސް ފަރާތަކުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ސިސްޓަމެއް ހިންގައިގެން ނުވާނެއެވެ. އަދި ލައިސަންސް ނުވަތަ ހުއްދަ ނެތި އެފަދަ ހިދުމަތެއް ދީ ނުވަތަ ހަރަކާތެއް ހިންގާކަމަށް ދައްކައި ނުވަތަ އިށްތިހާރުކޮށްގެންނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއާއި 10,000,000 (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
51 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުމުގައި އޮޅުވާލުމާއި، މައުލޫމާތު ނުދިނުން ނުވަތަ ރަނގަޅުނޫން މައުލޫމާތު ދިނުން
(ހ) އެއްވެސް ފަރާތަކުން، މި ގާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދައެއް ހޯދުމަށް އެދި ހުށަހެޅުމުގައި، ނުވަތަ މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތާއި މާލީ ހިސާބުތަކާއި ލިޔެކިޔުންތައް ހުށަހެޅުމުގައި، ނުވަތަ އޮތޯރިޓީން މި ގާނޫނު ހިންގުމުގައި އެ މައުލޫމާތަކަށް އިތުބާރުކޮށް އެ މައުލޫމާތުގެ މައްޗަށް އަމަލުކުރާނެކަމަށް ގަބޫލުކުރެވޭ މައުލޫމާތުތައް އޮތޯރިޓީއަށް ހުށަހެޅުމުގައި، އޮޅުން އަރާފާނެފަދަ މައުލޫމާތެއް ނުވަތަ ތެދުނޫން މައުލޫމާތެއްކަން އެނގިހުރެ އެ މައުލޫމާތެއް ހުށަހަޅައިފިނަމަ، އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއާއި 10,000,000 (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) މި ގާނޫނުގެ ދަށުން، އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިކޯޑެއް ހުށަހެޅުމަށް، އެއްވެސް ފަރާތަކަށް އޮތޯރިޓީން އެންގުމުން، އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިކޯޑެއް އޮތޯރިޓީއަށް ހުށަހަޅާފައިނުވާނަމަ، އެ ފަރާތެއް 50,000 (ފަންސާސް ހާސް) ރުފިޔާއާއި 10,000,000 (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ނ) އެއްވެސް އޮޕަރޭޓަރަކު ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއް ނުވަތަ ބައިވެރިއަކު ނުވަތަ އެ ފަރާތުގެ އޭޖެންޓެއް ނުވަތަ އެ ފަރާތްތަކުގެ ނިންމުންތައް ނިންމާ ފަރާތެއް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ، އެ ފަރާތެއް 10,000,000 (ދިހަ މިލިއަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި، އެކަމެއް ރަނގަޅުކުރަންދެން ދުވާލަކަށް 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- މި ގާނޫނުގެ ދަށުން، އޮތޯރިޓީއަށް ލިބިދީފައިވާ ރެގިއުލޭޓްކުރުމާއި އޯވަރސީކުރުމަށް އެއްވެސް ސިފައެއްގައި ހުރަސްއެޅުން؛
- އެކްސްޓަރނަލް އޮޑިޓަރުގެ މަސައްކަތްތަކަށް ހުރަސްއެޅުން ނުވަތަ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ބޭނުންވާ، ކޮންޓްރެކްޓްތަކާއި، އެކައުންޓްތަކުގެ ހިސާބުކިތާބާއި، ފޮތްތަކާއި، ލިޔެކިޔުންތަކާއި ޔައުމިއްޔާ ހިމެނޭގޮތަށް، ލިޔެކިޔުންތައް ދިނުމަށް އިންކާރުކުރުން.
52 ވަނަ މާއްދާ - އިދާރީ ފިޔަވަޅުތައް
(ހ) އޮޕަރޭޓަރެއް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއް، ނުވަތަ ބައިވެރިއެއް ނުވަތަ ސެޓްލްމަންޓް އޭޖެންޓެއް، ނުވަތަ މިއިން ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ މުވައްޒަފެއް ނުވަތަ މިނޫންވެސް އެ ފަރާތްތަކުގެ ނިންމުންތައް ނިންމާ އެހެންވެސް ފަރާތްތަކުން، ނުވަތަ އެއިން ފަރާތެއްގެ އޭޖެންޓެއް ނުވަތަ އެއިން ފަރާތެއްގެ ފަރާތުން މަސައްކަތްކުރާ ފަރާތަކުން، ނުވަތަ އެހެންވެސް ފަރާތަކުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިކަމަށް އޮތޯރިޓީއަށް ޔަގީންކުރެވިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ލިބިފައިހުރިނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުން ކުރެ، ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެ ފަރާތަކާމެދު އޮތޯރިޓީއަށް އެޅިދާނެއެވެ.
- މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ނުވަތަ ލައިސަންސްގެ ނުވަތަ ހުއްދައިގެ ށަރުތަކާ ނުވަތަ އޮތޯރިޓީގެ އަމުރަކާ ނުވަތަ އިރުށާދަކާ ހިލާފުވުން ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކަށް އަމަލުކޮށްފައިނުވުން؛ ނުވަތަ
- އެކަށީގެންނުވާ ގޮތަކަށް ނުވަތަ ހަރުދަނާ ނޫންގޮތަކަށް ވިޔަފާރި ނުވަތަ ހަރަކާތްތައް ހިންގުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް އޮތޯރިޓީއަށް ލިބިފައިވާނަމަ، ތިރީގައިވާ ފިޔަވަޅުތަކުންކުރެ، ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް، އެ ފަރާތަކާމެދު އޮތޯރިޓީއަށް އެޅިދާނެއެވެ.
- އެ ފަރާތުގެ ބައެއް ހަރަކާތްތައް ހުއްޓާލުމަށް އެންގުން؛
- އިތުރަށް ވިޔަފާރި ކުރިއަށް ގެންދިއުމަށް ވަކި ގޮތްތަކެއް ނުވަތަ ށަރުތުތަކެއް ކަނޑައެޅުން؛
- ހިއްސާދާރުންނަށް ފައިދާއިން ފައިސާ ބެހުން މަނާކުރުން، ނުވަތަ ބަހާ މިންވަރު ހުދޫދުކުރުން؛
- އެކަށީގެންވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ށަރުތުތަކަކާއެކު، އޮތޯރިޓީން ކަނޑައަޅާ އަދަދެއްގެ ފައިސާ ވަކި މުއްދަތަކަށް އޮތޯރިޓީގައި ޑިޕޮސިޓްކޮށްފައި ބެހެއްޓުމަށް އެންގުން؛
- ހިލާފުވެފައިވާ ކަންކަން ބެލުމާއި ދިރާސާކުރުމަށް، އަދި އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޯޑުގެ ޗެއަރމަންއަށް އެންގުން؛ މިގޮތުން ބާއްވާ ޖަލްސާތަކުގައި، އޮތޯރިޓީން ބޭނުންވެއްޖެނަމަ އޮތޯރިޓީ ތަމްސީލުކުރާ ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެރިކުރެވިދާނެއެވެ.
- ހިލާފުވެފައިވާ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، އެ ފަރާތުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނުވަތަ މެނޭޖިންގ ޑިރެކްޓަރު، ނުވަތަ އެހެން އެގްޒެކެޓިވް އޮފިސަރަކު ނުވަތަ އެ ފަރާތުގެ މުވައްޒަފުންގެ ތެރެއިން އެ ފަރާތުގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފެއް ނުވަތަ އެ ފަރާތުގެ ހިންގުން ހަވާލުކޮށްފައިވާ މުވައްޒަފު، ނުވަތަ އެ ފަރާތުގެ އޭޖެންޓެއް، ވަގުތީގޮތުން ނުވަތަ ދާއިމީކޮށް ވަކިކުރުމަށް އެ ފަރާތަށް އަމުރުކުރުން؛
- ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ނުވަތަ އެހެން މެންބަރަކު ބޯޑުން ވަކިކުރުމަށް އެ ފަރާތަށް އެންގުން؛
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ކަމެއްގައި ޒިންމާވަނީ، އެ ފަރާތުގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ނުވަތަ މެނޭޖިންގ ޑިރެކްޓަރު، ނުވަތަ އެހެން އެގްޒެކެޓިވް އޮފިސަރަކު ނުވަތަ އެ ފަރާތުގެ މުވައްޒަފުންގެ ތެރެއިން އެ ފަރާތުގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފެއް ނުވަތަ އެ ފަރާތުގެ ހިންގުން ހަވާލުކޮށްފައިވާ މުވައްޒަފެއް ނުވަތަ އެހެންވެސް މުވައްޒަފެއް ނުވަތަ އެ ފަރާތުގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތެއް ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެ ފަރާތެއް، 10,000,000 (ދިހަ މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވާނެ އަދަދަކުން ޖޫރިމަނާކުރުން؛
- 10,000,000 (ދިހަ މިލިއަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން؛
- އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެފައިވާ ހިލާފު ރަނގަޅުވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް 10,000,000 (ދިހަ މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވާނެ އަދަދަކުން ޖޫރިމަނާކުރުން؛
- އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން.
(ނ) ތިރީގައިވާ ފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ހިނގައިފިކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވިއްޖެނަމަ، އޮޕަރޭޓަރެއްގެ ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ ނުވަތަ ބައިވެރިއެއްގެ ނުވަތަ ސެޓްލްމަންޓް އޭޖެންޓެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ މެނޭޖްމަންޓްގެ އިސް ފަރާތެއް ނުވަތަ އެހެން މުވައްޒަފެއް އެ މަގާމަކުން ނުވަތަ އެ އިދާރާގެ ވަޒީފާއިން ވަކިކުރުމަށާއި، އެ ފަރާތަކުން އެ އިދާރާގެ ނުވަތަ މި ގާނޫނުގެ ދަށުން އޮތޯރިޓީން ސުޕަވައިޒްކުރާ އިދާރާއެއްގެ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމެއް ގަސްދުގައި ކުރުން، ނުވަތަ އެފަދަ ކަމެއް ކުރުމުގައި ބައިވެރިވުން، ނުވަތަ އެފަދަ ކަމަކާ ގުޅިގެން އޮތޯރިޓީން އަންގާ އަމުރަކަށް ގަސްދުގައި ނުކިޔަމަންތެރިވުން؛ އަދި
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ކަމެއްގެ ސަބަބުން، އެ އިދާރާއަށް މާލީ ނުވަތަ އެހެންވެސް ގެއްލުމެއް ލިބުން ނުވަތަ އެފަދަ ގެއްލުމެއް ލިބުމަކީ ގާތްކަމެއް ކަމުގައިވުން، ނުވަތަ އެކަމެއްކުރި ފަރާތަކަށް މާލީ ނުވަތަ އެހެންވެސް ފައިދާއެއްވުން؛ އަދި
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބުނެފައިވާފަދަ ކަމެއް ކޮށްފައިވަނީ އެކަމެއްކުރި ފަރާތުގެ ހިޔާނާތްތެރިކަމުގެ ސަބަބުންކަން، ނުވަތަ އެކަށީގެންވާ އަދި ހަރުދަނާގޮތަކަށް އެ އިދާރާ ހިންގުމަށް ގަސްދުގައި ނުވަތަ ދެމިހުންނަނިވި ގޮތަކަށް އަޅާނުލުމުގެ ސަބަބުންކަން ދޭހަވުން.
(ރ) އޮޕަރޭޓަރެއް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތެއް ނުވަތަ ބައިވެރިއެއް ނުވަތަ ސެޓްލްމަންޓް އޭޖެންޓެއް، ނުވަތަ މިއިން ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ މުވައްޒަފެއް ނުވަތަ މިނޫންވެސް އެ ފަރާތްތަކުގެ ނިންމުންތައް ނިންމާ އެހެންވެސް ފަރާތްތަކުން، ނުވަތަ އެއިން ފަރާތެއްގެ އޭޖެންޓެއް ނުވަތަ އެއިން ފަރާތެއްގެ ފަރާތުން މަސައްކަތްކުރާ ފަރާތަކުން، ތިރީގައިވާ ކަމެއް ކޮށްފިނަމަ އެ ފަރާތެއް، 10,000,000 (ދިހަ މިލިއަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި، އެކަމެއް ރަނގަޅުކުރަންދެން ދުވާލަކަށް، 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.
- ގަސްދުގައި ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން، ތެދުނޫން ނުވަތަ އެކަށީގެންވާ ވަރަށް ފުރިހަމަނުވާ ހިސާބުތަކާއި މައުލޫމާތު އޮތޯރިޓީއަށް ހުށަހެޅުން؛ ނުވަތަ
- އޮތޯރިޓީން، އެއްވެސް މައުލޫމާތެއް ފޯރުކޮށްދިނުމަށް އެންގުމުން، އެ މައުލޫމާތެއް ފޯރުކޮށްނުދިނުން ނުވަތަ އޮތޯރިޓީން އަންގާފައިވާ ވަގުތަށް ފޯރުކޮށްނުދިނުން.
53 ވަނަ މާއްދާ - އަދަބު ކަނޑައެޅިފައިނުވާ ކަންކަން
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވުމުން ވަކި ފިޔަވަޅެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި، ހިލާފުވި ފަރާތެއް، 5,000 (ފަސްހާސް) ރުފިޔާއާއި 10,000,000 (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެފައިވާ ހިލާފު ރަނގަޅުވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރަންދެން ދުވާލަކަށް، 5,000 (ފަސްހާސް) ރުފިޔާއަށްވުރެ އިތުރުނުވާނެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދަކާ ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފުވާ ފަރާތެއް 5,000 (ފަސްހާސް) ރުފިޔާއާއި 10,000,000 (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެފައިވާ ހިލާފު ރަނގަޅުވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރަންދެން ދުވާލަކަށް 5,000 (ފަސްހާސް) ރުފިޔާއަށްވުރެ އިތުރުނުވާނެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.
54 ވަނަ މާއްދާ - ޖިނާއީ ދައުވާ އުފުލުމަށް ހުރަހަކަށް ނުވުން
ވަކި ފަރާތަކުން މި ގާނޫނުގައި، ކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަކީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ކަމުގައިވާނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާމެދު މި ގާނޫނުގެ ދަށުން ކަނޑައެޅޭ އިދާރީ ފިޔަވަޅެއް ކަނޑައެޅުމުގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެމީހެއްގެ މައްޗަށް އެ ކުށުގެ ޖިނާއީ ދައުވާ އުފުލުމުކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
ބާރަވަނަ ބާބު
އެހެނިހެން ކަންކަން
55 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އެ ފަރާތުގެ ކަސްޓަމަރުންގެ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ. ލިޔުމުން އެ ކަސްޓަމަރެއްގެ ހުއްދައެއް ލިބިގެން މެނުވީ، ނުވަތަ އެ ކަސްޓަމަރެއް ނިޔާވެފައިވާނަމަ، އެ ފަރާތުގެ ގާނޫނީ ވަކީލު ނުވަތަ ވާރިޘެއްގެ ހުއްދައެއް ލިޔުމަކުން ލިބިގެން މެނުވީ، ނުވަތަ ކޯޓުގެ އަމުރެއްގެ ދަށުން މެނުވީ، ނުވަތަ ޖިނާއީ ކުށްތައް ތަހްގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިއްޖެ ހިނދެއްގައި މެނުވީ، ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އެދިއްޖެ ހިނދެއްގައި މެނުވީ، ނުވަތަ މި ގާނޫނުން އެފަދަ މައުލޫމާތެއް ހާމަކުރަން ހުއްދަކޮށްފައިވާ ކަމެއް ނުވަތަ ހާލަތެއްގައި މެނުވީ ކަސްޓަމަރުންގެ އެއްވެސް މައުލޫމާތެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ހާމަކޮށްގެންނުވާނެއެވެ. އަދި އެއްވެސް ސަބަބަކާ ގުޅިގެން ކަސްޓަމަރަކާއި އެ ފަރާތަކާ ދެމެދުގައިވާ ގުޅުން ކެނޑުނުކަމުގައި ވީނަމަވެސް، އެ ކަސްޓަމަރަކާބެހޭ އެފަދަ މައުލޫމާތެއް ހާމަކޮށްގެންނުވާނެއެވެ.
(ށ) ކޮންމެ އޮޕަރޭޓަރަކުވެސް، އެ ފަރާތުން ހިންގާ ސިސްޓަމްގައި ހިމެނޭ މައުލޫމާތުގެ ސިއްރު ހިފަހައްޓައި އެހެން ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.
(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގައި ނުވަތަ ހާލަތްތަކުގައި މެނުވީ، ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގައި ނުވަތަ އޮޕަރޭޓަރެއްގައި، މަސައްކަތްކުރަމުންދާ ނުވަތަ މަސައްކަތްކުރި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، އޮފިސަރެއް، މުވައްޒަފެއް، އޭޖެންޓެއް، ކޮންސަލްޓަންޓެއް ނުވަތަ އޮޑިޓަރެއް، މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތު ހާމަކޮށްގެންނުވާނެއެވެ. ނުވަތަ އެހެން ފަރާތަކަށް އެފަދަ މައުލޫމާތެއް ދީ ނުވަތަ އެހެން ފަރާތަކަށް އެފަދަ މައުލޫމާތެއް ބެލޭނެގޮތް މެދުވެރިކޮށްދީގެން ނުވާނެއެވެ.
(ރ) ތިރީގައިވާ ކަންތައްތަކުގައި ނުވަތަ ހާލަތްތަކުގައި މައުލޫމާތު ހާމަކުރުން، މި މާއްދާގެ (ހ) އަދި (ށ) ގައިވާ ކަންތައްތަކުން އިސްތިސްނާވާނެއެވެ.
- އެކްސްޓަރނަލް އޮޑިޓަރުން، އެ ފަރާތްތަކަށް ގާނޫނީގޮތުން ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި؛
- މި ގާނޫނުގެ ދަށުން ނުވަތަ ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ ފަރާތުން މައުލޫމާތެއް ނުވަތަ ލިޔެކިޔުންތަކެއް ހުށަހެޅުމަށް އެންގުމުން؛
- ކޮރަޕްށަން ހުއްޓުވުމަށާއި، މަނީ ލޯންޑްރިންގއާއި، ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދައިދިނުމާ އިދިކޮޅަށް، އެކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން، ހެޔޮ ނިޔަތުގައި އެޅޭ ފިޔަވަޅުތައް؛
- ޕޭމަންޓް ހިދުމަތްދޭ ފަރާތަކާއި ކަސްޓަމަރަކާދެމެދު ހިނގާފައިވާ މުއާމަލާތަކާ ގުޅޭގޮތުން ށަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި، އެފަދަ މުއާމަލާތަކާ ގުޅިގެން ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށް ލިބިދޭންޖެހޭ ހައްގެއް ސާބިތުކުރުމަށްޓަކައި މުއާމަލާތަކާބެހޭ ބައެއް ނުވަތަ ހުރިހާ މައުލޫމާތެއް ހާމަކުރުން؛
- އޮތޯރިޓީން ގަވާއިދަކުން ކަނޑައަޅާ އެހެން ކަންކަމާއި ހާލަތްތަކުގައި މައުލޫމާތު ހާމަކުރުން.
56 ވަނަ މާއްދާ - ހެކި
އިލެކްޓްރޯނިކް ފަންޑްސް ޓްރާސްފަރއެއް އޮންނަ އޮތުމާއި، އޭގައިވާ މައުލޫމާތާއި ޓްރާންސްފަރ އޯޑަރުގެ ވަގުތާއި ސިސްޓަމަކަށް އެ ޓްރާންސްފަރ އޯޑަރު އެންޓަރކުރެވުނުކަމާއި އެ ޓްރާންސްފަރ އޯޑަރު ތަންފީޒުކުރެވުނުކަމާއި، އަދި ޕޭމަންޓް އިންސްޓްރަކްށަން ދިނުމާއި ގަބޫލުކުރުމާއި ތަންފީޒުކުރުމާއި އަދި ސެޓްލްކުރުމާ ބެހޭގޮތުން، ލިޔުމުން ނުވަތަ އެނޫންވެސް ދާއިމީ ގޮތެއްގައި ފެންނަން އޮންނަ ވަސީލަތަކުން، އެއީ އިލެކްޓްރޯނިކް ނުވަތަ އޮޕްޓިކަލްކޮށް ވިޔަސް، މަދަނީ ނުވަތަ އިދާރީ ނުވަތަ ޖިނާއީ މައްސަލަތަކުގައި، ސިސްޓަމެއްގެ ބައިވެރިއަކު ނުވަތަ އޮޕަރޭޓަރަކު ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ނުވަތަ ތިންވަނަ ފަރާތަކުން ހެކީގެ ގޮތުގައި ހުށަހެޅިދާނެއެވެ. އަދި އިލެކްޓްރޯނިކް ނުވަތަ އޮޕްޓިކަލްކޮށް ބެހެއްޓިފައިވާ ލިޔުމެއްގެ ޕްރިންޓް ކުރެވިފައިވާ ހެކިވެސް ހުށަހެޅިދާނެއެވެ.
57 ވަނަ މާއްދާ - އެހެން ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުން
އެއްވެސް ފަރާތަކުން، މި ގާނޫނާ ހިލާފު އަމަލެއްކުރާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވިއްޖެނަމަ، އެ ފަރާތެއްގެ ސިސްޓަމްތަކާއި ފޮތްތަކާއި ލިޔެކިޔުންތަކާއި އެކައުންޓްތައް ބެލުމަށްޓަކައި އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަށް ވަނުމަށް ނުވަތަ އެ ފަރާތެއްގެ ސިސްޓަމްތަކާއި ފޮތްތަކާއި ލިޔެކިޔުންތަކާއި އެކައުންޓްތައް އޮތޯރިޓީއަށް ހޯދުމުގައި އޮތޯރިޓީއަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
58 ވަނަ މާއްދާ - އޮތޯރިޓީން ލައިސަންސްދީ ނުވަތަ ހުއްދަދީ ބަލަހައްޓާ އިދާރާއެއް ނުވަތަ އިދާރާތައް ބައިވެރިވުމަށް އެންގުމުގެ ބާރު
ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ހަރުދަނާކޮށް ތަރައްގީކުރުމަށް ނުވަތަ މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް އޮތޯރިޓީން ފަށާ ނުވަތަ ކުރިއަށްގެންދާ މަށްރޫއުތަކުގައި މާލީ އިދާރާއެއް ނުވަތަ އިދާރާތަކެއް ބައިވެރިވުމަށް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މިފަދަ އެންގުމެއް އޮތޯރިޓީން އަންގައިފިނަމަ، އޮތޯރިޓީން އަންގާ ގޮތެއްގެމަތިން އެ މަށްރޫއެއްގައި އެ އިދާރާއަކުން ނުވަތަ އެ އިދާރާތަކަކުން ބައިވެރިވާންވާނެއެވެ.
59 ވަނަ މާއްދާ - އިސްތިސްނާ ދިނުން
ވަކި ފަރާތަކުން ނުވަތަ ވަކި ސިސްޓަމެއް ނުވަތަ ވަކި ބާވަތެއްގެ ސިސްޓަމްތައް ހިންގާ އޮޕަރޭޓަރުން، ނުވަތަ ޕޭމަންޓް ހިދުމަތްދޭ ވަކި ފަރާތަކުން ނުވަތަ ވަކި ބާވަތެއްގެ ޕޭމަންޓް ހިދުމަތެއްދޭ ފަރާތްތަކުން، މި ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް، ވަކި މުއްދަތަކަށް، ކަނޑައެޅޭ ވަކި ށަރުތުތަކަކާއެކު، އަމަލުކުރަންނުޖެހޭ ގޮތަށް އޮތޯރިޓީން ކަނޑައެޅިދާނެއެވެ.
60 ވަނަ މާއްދާ - ޗެކުތަކުގެ ކްލިއަރިންގ
(ހ) ޗެކަކަށް ފައިސާ ލިބިގަތުމަށްޓަކައި، އެ ޗެކެއް ނިސްބަތްވާ ބޭންކަކަށް ޗެކުގެ މުހިންމު ސިފަތައް ހިމެނޭގޮތަށް ޗެކުގެ އަސްލު ނުވަތަ އިލެކްޓްރޯނިކް ޗެކެއްވެސް ކްލިއަރިންގއަށް ހުށަހެޅިދާނެއެވެ. މިގޮތުން ޗެކެއްގައި ހިމަނަންވާނެ މުހިންމު ސިފަތައް އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.
(ށ) ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅުމުގެ ބޭނުމަށްޓަކައި، އިލެކްޓްރޯނިކް ޗެކެއް ހުށަހެޅުމުން އެ ހުށަހެޅުން ބަލަންވާނީ، އެ ޗެކެއްގެ އަސްލު ހުށަހެޅުމާ އެއްފަދަ ހުށަހެޅުމެއް ކަމުގައެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އިލެކްޓްރޯނިކް ޗެކެއް ހުށަހެޅުމުން، އެ ޗެކަށް ފައިސާ ދޫކުރުމުގެ ބޭނުމަށްޓަކައި އެ ހުށަހެޅުން ބަލަންވާނީ ސައްހަ ހުށަހެޅުމެއްގެ ގޮތުގައެވެ.
61 ވަނަ މާއްދާ - ދެމިގެންދާ ކަންތައްތަކާއި އިންތިގާލީ މާއްދާތައް
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ޕޭމަންޓް ހިދުމަތްދެމުންދާ ފަރާތަކުން ނުވަތަ ސިސްޓަމެއް އޮޕަރޭޓްކުރަމުންދާ ފަރާތަކުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަސް ވަންދެން، އެ ހިދުމަތްދީ، ސިސްޓަމެއް އޮޕަރޭޓްކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތަށްފަހު އެއްވެސް ފަރާތަކުން ހިދުމަތްދީ، ސިސްޓަމެއް އޮޕަރޭޓްކުރަން ބޭނުންވާނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލައިސަންސަށް ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް ލައިސަންސް ނުވަތަ ހުއްދަ ދިނުމާމެދު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޮތޯރިޓީން ގޮތެއް ނިންމަންވާނެއެވެ.
(ރ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސެއް ލިބިގެން، ދިވެހިރާއްޖޭގައި މަނީ ރެމިޓެންސްގެ ހިދުމަތްދޭ ފަރާތްތަކަކީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މި ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕޭމަންޓް ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސް ލިބިފައިވާ، މަނީ ރެމިޓެންސްގެ ހިދުމަތް ފޯރުކޮށްދެވޭނެ ފަރާތްތަކެއް ކަމުގައި ބެލެވޭނެއެވެ. އަދި އެ ފަރާތްތަކުން މި ގާނޫނަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާއިރު، މިފަދަ ފަރާތްތަކުން މި ގާނޫނުގައި ކުރުމަށް އަންގާފައިވާ އެއްވެސް ކަމަކާ ހިލާފުވާނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރަށްވުރެ އިތުރު ނުވާގޮތަށް އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އެކަމެއް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް ކުރަންވާނެއެވެ.
62 ވަނަ މާއްދާ - ފީ އަދި އެހެނިހެން ޗާޖުތައް
(ހ) އަހަރީ ފީއެއް ނުވަތަ ލައިސަންސް ފީއެއް ނުވަތަ ހުއްދައިގެ ފީއެއް ދެއްކުމަށް އޮޕަރޭޓަރުންނަށް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކަށް އޮތޯރިޓީއަށް އެންގިދާނެއެވެ.
(ށ) އޮތޯރިޓީން ހިންގާ ސިސްޓަމްތަކުން ދޭ ހިދުމަތްތަކަށް ނުވަތަ އޮތޯރިޓީން ދޭ ހިދުމަތްތަކަށް ފީއެއް ނުވަތަ ޗާޖެއް ނެގިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޮތޯރިޓީން ނެގުމަށް ނިންމާ ފީއާއި ޗާޖު އާންމުކުރަންވާނެއެވެ.
63 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން
މި ގާނޫނުގެ އެއްވެސް މާއްދާއަކާ އެހެން ގާނޫނެއްގައިވާ މާއްދާއަކާ ތައާރުޒްވާނަމަ، އިސްކަންދޭންވާނީ މި ގާނޫނުގައިވާ މާއްދާއަށެވެ.
64 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ހިންގާނީ އޮތޯރިޓީންނެވެ. އަދި މި ގާނޫނުގައި ވަކި ކަމަކަށް ގަވާއިދު ހަދަންޖެހޭކަމަށް ބުނާ ކަންކަމާ ގުޅޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ށ) މި ގާނޫނު ތަންފީޒުކޮށް ހިންގުމަށްޓަކައި އޮތޯރިޓީން ބޭނުންވާ ގަވާއިދުތަކާއި، ގައިޑްލައިންތަކާއި، އިރުށާދުތަކާއި، އެންގުންތައް އަދި ސަރކިއުލަރތައް ނެރެވިދާނެއެވެ.
65 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
66 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
(ށ) "ބޭންކު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި ބޭންކަށް ދީފައިވާ މާނައިގައެވެ.
(ނ) "ޗެކް އިމޭޖް" ކަމަށް ބުނެފައި އެވަނީ، ސަލާމަތީ ގޮތުން މަދުވެގެން ހުންނަންޖެހޭ ވަކި މިންގަނޑެއް އޮތޯރިޓީން ކަނޑައަޅާފައިވާނަމަ އެ މިންގަނޑުތަކާ އެއްގޮތަށްވާ، ޗެކެއްގެ މޫނުމަތި އަދި ނުފުށް ދައްކުވައިދޭ ޑިޖިޓަލް އިމޭޖަކަށެވެ.
(ރ) "ކޮލެޓަރަލް" ކަމަށް ބުނެފައި އެވަނީ، އެ ކްރެޑިޓް ސެކިޔުއަރކުރުމަށްޓަކައި ދީފައިވާ، އެ ކޮލެޓަރަލްއެއް ބަލައިގަންނަ ފަރާތަށް ގަބޫލުކުރެވޭ، އެސެޓަކަށް ނުވަތަ ތިންވަނަ ފަރާތަކުންދޭ ޔަގީންކަމަކަށެވެ.
(ބ) "އިލެކްޓްރޯނިކް ޗެކް" ކަމަށް ބުނެފައި އެވަނީ، ޗެކުގެ މުހިންމު ސިފަތައް ހިމެނޭ މައުލޫމާތު، ޗެކް އިމޭޖް ނުވަތަ މި ދެ ބާވަތުގެ މައުލޫމާތު ހިމެނޭ ޗެކަކަށެވެ. މި ޗެކް ޖެނެރޭޓްކުރެވޭނީ، ޗެކުގައި ލިޔެވޭނީ، އަދި ސޮއިކުރެވޭނީ ރައްކާތެރި ސިސްޓަމެއްގައި، އަދި އެފަދަ ޗެކުގައި މަދުވެގެން ހުންނަންޖެހޭނެ ކަމަށް އޮތޯރިޓީން ކަނޑައަޅާ ސަލާމަތީ ސިފަތައް ހިމެނޭ ގޮތަށެވެ.
(ޅ) "އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކުން ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށް ކުރާ އަމުރެއް ނުވަތަ ދޭ ހުއްދައަކާ ގުޅިގެން، ހިދުމަތް ލިބިގަންނަ ފަރާތުގެ އެކައުންޓެއް، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ކްރެޑިޓް ނުވަތަ ޑެބިޓް ކުރުމަށެވެ. މީގެ ތެރޭގައި، ހަމައެކަނި މި ވަސީލަތްތަކަށް ހުދޫދުނުވާ ގޮތުގެމަތިން، ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް)، އޮޓޮމޭޓަޑް ޓެލަރ މެށިން (އޭޓީއެމް)، މޯބައިލް ފޯނު، އިންޓަރނެޓް އަދި ކާޑު މެދުވެރިކޮށް ހަދާ ކްރެޑިޓް ނުވަތަ ޑެބިޓް ހިމެނޭ ގޮތުންނެވެ.
(ކ) "ފައިނޭންށަލް އިންސްޓްރުމަންޓްތައް" ކަމަށް ބުނެފައި އެވަނީ، ދޭސީ އަދި ބިދޭސީ ކުންފުނިތަކުގެ ހިއްސާ، ކުންފުނިތަކުގައިވާ ހިއްސާތަކާ އެއްފަދަ އެހެން ސެކިއުރިޓީޒްއާއި ބޮންޑް، ކެޕިޓަލް މާރކެޓްގައި އެކަކުގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭ އެހެނިހެން ޑެޓް އިންސްޓްރުމަންޓް، އަދި ސަބްސްކްރައިބްކޮށްގެން ނުވަތަ ގަނެގެން ނުވަތަ ބަދަލުކޮށްގެން އެފަދަ ހިއްސާ ނުވަތަ ބޮންޑް ނުވަތަ ސެކިއުރިޓީޒް ލިބިގަތުމުގެ ހައްގު ލިއްބައިދޭ، ނުވަތަ ފައިސާ ލިބިގަތުމުގެ ހައްގު ލިއްބައިދޭ، އާންމު ގޮތެއްގައި ޑީލްކުރާ އެހެނިހެން ސެކިއުރިޓީޒްތަކަށެވެ. މީގެ ތެރޭގައި ޕޭމަންޓް އިންސްޓްރުމަންޓްތަކެއް ނުހިމެނޭނެއެވެ. އެހެންނަމަވެސް ކަލެކްޓިވް އިންވެސްޓްމަންޓް އަންޑަޓޭކިންގއާއި މަނީ މާކެޓް އިންސްޓްރުމަންޓްތަކާއި އަދި އިސްވެ ބުނެވިދިޔަ ބާވަތަކާ ގުޅޭގޮތުން އުފުލޭ ހައްގުތައް ހިމެނޭނެއެވެ.
(އ) "އިފްލާސްކުރުމުގެ މަރުހަލާ" ކަމަށް ބުނެފައި އެވަނީ، މީހަކު ނުވަތަ ގާނޫނީ ށަހްސަކު އިފްލާސްކުރުމަށް ނުވަތަ ގާނޫނީ ށަހްސެއް ރީއޯގަނައިޒްކުރުމަށް، ދިވެހިރާއްޖޭގެ ނުވަތަ އެހެން ގައުމެއްގެ ގާނޫނުތަކުގައި ބަޔާންކުރާ ފިޔަވަޅުތަކަށެވެ. މިފަދަ ފިޔަވަޅުތަކުގެ ތެރޭގައި، ފައިސާ ޓްރާންސްފަރކުރުން ނުވަތަ ޕޭމަންޓް މުއާމަލާތްތައް ވަގުތީ ގޮތުން ހުއްޓުވުން ނުވަތަ ހަނިކުރުމުގެ ގޮތުން ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި އިފްލާސްކުރުމުގެ މަރުހަލާގެ ތެރޭގައި ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ބޭންކުތައް އިފްލާސްކުރުމުގެ ގޮތުން ފިޔަވަޅު އެޅުންވެސް ހިމެނެއެވެ.
(ވ) "މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ށަހްސެއްގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ހައްގުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ)، ސީދާ ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީއަށް ގަބޫލުކުރެވޭ ގޮތުގައި އެ ށަހްސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.
(މ) "ނެޓިންގ އެރޭންޖްމަންޓް" ކަމަށް ބުނެފައި އެވަނީ، އެތަކެއް ކްލެއިމްތަކެއް ނުވަތަ އިލްތިޒާމްތަކެއް އެއް ނެޓް ކްލެއިމަކަށް ނުވަތަ އެއް އިލްތިޒާމަކަށް ބަދަލުކުރުމަށްޓަކައި ލިޔުމުން ކުރެވިފައިވާ އެރޭންޖްމަންޓަކަށެވެ.
(ފ) "އޮޕަރޭޓަރު" ކަމަށް ބުނެފައި އެވަނީ، ސިސްޓަމެއް ހިންގުމަށް އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ އިދާރާއަކަށެވެ.
(ދ) "ބައިވެރިއެއް" ކަމަށް ބުނެފައި އެވަނީ، ސީދާކޮށް ނުވަތަ ނުސީދާކޮށް ކަމުގައިވީނަމަވެސް، ސިސްޓަމެއް މެދުވެރިކޮށް އެހެން ބައިވެރިންނަށް ޓްރާންސްފަރކުރުމަށް ނުވަތަ ބައިވެރިންގެ މެދުގައި ކްލިއަރކުރުމަށް، ނުވަތަ ސެޓްލްކުރުމަށް، އެ ސިސްޓަމް ރޫލްސްގެ ދަށުން ށަރުތު ފުރިހަމަވާކަމަށް ގަބޫލުކުރާ ފަރާތަކަށެވެ.
(ތ) "ލައިސަންސްޑް އޮޑިޓަރު" ކަމަށް ބުނެފައި އެވަނީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓްކުރުމަށް ލައިސަންސް ދީފައިވާ އޮޑިޓަރަކަށެވެ.
(ލ) "ޕޭމަންޓް އިންސްޓްރަކްށަން" ކަމަށް ބުނެފައި އެވަނީ އެއްވެސް ފަރާތަކުން ސިސްޓަމްގެ ބައިވެރިއަކަށް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށް، ނުވަތަ ސިސްޓަމްގެ އެއް ބައިވެރިއެއް އެހެން ބައިވެރިއަކަށް، ޕޭމަންޓް މުއާމަލާތެއް ތަންފީޒުކޮށްދިނުމަށް އެދި، އިލެކްޓްރޯނިކް ވަސީލަތެއް ހިމެނޭގޮތުން ކޮންމެ ގޮތަކަށް ކަމުގައިވީނަމަވެސް، ކުރާ އަމުރަކަށް ނުވަތަ ދޭ ހުއްދައަކަށް ނުވަތަ އަންގާ އެންގުމަކަށެވެ.
(ގ) "ޕޭމަންޓް ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް ހިދުމަތެއް ދިނުމަށް މި ގާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ އިދާރާއަކަށެވެ.
(ޏ) "ރެމިޓެންސް ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ކޭށް ނުވަތަ އެނޫންވެސް ޕޭމަންޓް އިންސްޓްރުމަންޓްތައް އެއް ތަނެއްގައި ބަލައިގަނެ އަދި އެއަށްވާ އަދަދު، ކުރެވޭ މުއާމަލާތަކުން ނުވަތަ މެސެޖަކުން ނުވަތަ ޓްރާންސްފަރއަކުން ނުވަތަ އެ ފަންޑްސް ޓްރާންސްފަރކުރުމުގެ ހިދުމަތް ނިސްބަތްވާ ކްލިއަރިންގ ނެޓްވާރކެއް މެދުވެރިކޮށް، ކޭށްއިން ނުވަތަ އެނޫންވެސް އެއްޗަކުން އެހެން ތަނެއްގައި ހުރި ބެނިފިށަރީއަކަށް ފޯރުކޮށްދިނުމުގެ ހިދުމަތަކަށެވެ.
(ސ) "ސެޓްލްމަންޓް އެކައުންޓް" ކަމަށް ބުނެފައި އެވަނީ، ފައިސާއާއި ފައިނޭންށަލް އިންސްޓްރުމަންޓްތައް ބެހެއްޓުމަށާއި ބައިވެރިންގެ މެދުގައި ޓްރާންސްފަރ އޯޑަރުތައް ސެޓްލްކުރުމަށްޓަކައި، އޮތޯރިޓީގެ ނުވަތަ ސެޓްލްމަންޓް އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އެހެން އިދާރާއެއްގެ ފޮތްތަކުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ.
(ޑ) "ސެޓްލްމަންޓް އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ފައިސާ ބެހެއްޓުމަށާއި ސިސްޓަމެއްގެ ތެރޭގައި ޓްރާންސްފަރ އޯޑަރުތައް ސެޓްލްކުރުމަށްޓަކައި ސެޓްލްމަންޓް އެކައުންޓްތައް، ބައިވެރިންނަށް ފޯރުކޮށްދީ، ސެޓްލްކުރުމަށްޓަކައި ކްރެޑިޓް ދޫކުރަންޖެހިއްޖެ ހިނދެއްގައި ކްރެޑިޓް ދޫކުރާ ފަރާތަކަށެވެ.
(ޒ) "ޓްރާންސްފަރ އޯޑަރު" ކަމަށް ބުނެފައި އެވަނީ:
- ބައިވެރިއެއްގެ އެކައުންޓްތައް މެދުވެރިކޮށް ބުކް އެންޓްރީއެއް ނުވަތަ އިލެކްޓްރޯނިކް ޓްރާންސްފަރއެއްގެ ޒަރީއާއިން، އެހެން ފަރާތަކަށް ފައިސާ ލިބިދިނުމަށްޓަކައި ބައިވެރިއެއް ނުވަތަ ސިސްޓަމުން ދޭ އިރުށާދު؛ ނުވަތަ
- ފައިނޭންށަލް އިންސްޓްރުމަންޓެއްގެ މިލްކުވެރިކަން ނުވަތަ މަސްލަހަތެއް ބުކް އެންޓްރީއެއްގެ ޒަރީއާއިން ނުވަތަ އެނޫން އެހެންވެސް ގޮތަކަށް ބަދަލުކުރުމަށް ބައިވެރިއަކު ދޭ އިރުށާދަށް.
(ޓ) "ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭގޮތުންނެވެ.
(ޔ) "ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭގޮތުންނެވެ.
(ޕ) "ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭގޮތުންނެވެ.
(ޖ) "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" ކަމަށް ބުނެފައި އެވަނީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައް ހިމެނޭގޮތުންނެވެ.
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-42)
ކިޔުންތެރިންގެ ހިޔާލު