ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2022-42)
ފުރަތަމަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ޕޭމަންޓް ހިދުމަތްތައް ދިނުމަށް ލައިސަންސް ދޫކުރުމާއި، އެ ހިދުމަތްތައް ރެގިއުލޭޓްކުރުމާ ގުޅޭ ކަންކަން ކަނޑައެޅުމާއި، އެ ހިދުމަތްތަކާ ގުޅޭ އެހެނިހެން ކަންކަން ކަނޑައެޅުމާއި، ކަސްޓޯޑިއަން ބޭންކުގެ ޒިންމާތައް ކަނޑައެޅުމުގެ ގަވާއިދެވެ.
(ށ) މިއީ، ގާނޫނު ނަންބަރު 2021-08 (ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު) ގެ 64 ވަނަ މާއްދާއިން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.
(ނ) މި ގަވާއިދަށް ކިޔާނީ، "ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
3 ވަނަ މާއްދާ - ބޭންކުތަކުގެ މައްޗަށް ހިނގާ މާއްދާތައް
ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ ދަށުން އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން ހިންގާ ބޭންކުތަކުން ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތްތަކާ ގުޅޭގޮތުން ބޭންކުތަކުގެ މައްޗަކަށް މި ގަވާއިދެއް ނުހިނގާނެއެވެ. އެހެންނަމަވެސް، އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށް ކަސްޓޯޑިއަން އެކައުންޓްގެ ހިދުމަތްދޭ ބޭންކަކުން، މި ގަވާއިދުގެ 20 ވަނަ މާއްދާއާއި 21 ވަނަ މާއްދާގައި އެފަދަ ބޭންކަކުން އަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަންކަމަށް އަމަލުކުރަންވާނެއެވެ.
4 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ހަގީގީ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ސީދާކޮށް ނުވަތަ ނުސީދާކޮށް، އާހިރުގައި ގާނޫނީ ށަހުސެއްގެ މޭޖަރ ހިއްސާދާރަކަށްވާ ފަރުދަކަށެވެ.
(ށ) "ނޫޓާއި ފައިސާފޮތި ޖަމާކުރުމުގެ އަދި ނެގުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ އެއްވަނަ ށެޑިއުލްގައި އެ ހިދުމަތްކަމަށް ބަޔާންކޮށްފައިވާ ހިދުމަތަށެވެ.
(ނ) "ރެމިޓެންސްގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 66 ވަނަ މާއްދާގެ (ޏ) ގައި އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.
(ރ) "ބޭންކިންގ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ 116 ވަނަ މާއްދާގައި އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.
(ބ) "ބޭންކު-ނޫން މާލީ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 2 ވަނަ މާއްދާގައި އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.
(ޅ) "ކަސްޓޯޑިއަން އެކައުންޓް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ހުޅުވާ އެކައުންޓަށެވެ.
(ކ) "ކަސްޓޯޑިއަން ބޭންކު" ކަމަށް ބުނެފައި އެވަނީ، ކަސްޓޯޑިއަން އެކައުންޓް އޮތް ބޭންކަށެވެ.
(އ) "ކަސްޓަމަރުންގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް މުއާމަލާތްތައް އެކުޔަރކުރުމުގެ ހިދުމަތް ދިނުމުގައި ނުވަތަ ރެމިޓެންސް ހިދުމަތް ދިނުމުގައި ކަސްޓަމަރަކަށް ނުވަތަ ކަސްޓަމަރެއްގެ އަތުން، ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތަކަށް ލިބިފައިވާ، އަދި މަސައްކަތު ދުވަހެއް ނިމޭއިރު އެ ފަރާތުގެ އަތުގައި ހުރި ފައިސާއަށެވެ.
(ވ) "އަންއިމްޕެއަރޑް ކެޕިޓަލް" ކަމަށް ބުނެފައި އެވަނީ، ޕެއިޑްއަޕް ކެޕިޓަލްއާއި ކުންފުނީގެ ރިޒަރވްސްގެ ތެރެއިން ކުންފުނީގެ ގެއްލުން ކެނޑުމަށްފަހު އަންނަ ރައުސްމާލުގެ އަދަދަށެވެ. މީގެ ތެރޭގައި، އޮތޯރިޓީން އަންގާ ބާވަތެއްގެ ރިޒަރވްސްއެއް ނުހިމެނޭނެއެވެ.
(މ) "ކަސްޓަމަރ ސެކިއުރިޓީ ކްރެޑެންށަލްސް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރުކަން ޔަގީން ކުރުމުގެ ބޭނުމަށް ޓަކައި، ކަސްޓަމަރުގެ ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތަކުން ކަސްޓަމަރަށް ދީފައިވާ އެ ފަރާތަށް ހާއްސަކޮށްފައިވާ މައުލޫމާތަށެވެ.
(ފ) "އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ އެއްވަނަ ށެޑިއުލްގައި އެ ހިދުމަތްކަމަށް ބަޔާންކޮށްފައިވާ ހިދުމަތަށެވެ.
(ދ) "އިލެކްޓްރޯނިކް މަނީ" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 13 ވަނަ މާއްދާގައި އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.
(ތ) "އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ އެއްވަނަ ށެޑިއުލްގައި އެ ހިދުމަތްކަމަށް ބަޔާންކޮށްފައިވާ ހިދުމަތަށެވެ.
(ލ) "އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 66 ވަނަ މާއްދާގެ (ޅ) ގައި އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.
(ގ) "އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ އެއްވަނަ ށެޑިއުލްގައި އެ ހިދުމަތްކަމަށް ބަޔާންކޮށްފައިވާ ހިދުމަތަށެވެ.
(ޏ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981 (ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
(ސ) "މާލީ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރިއަށާއި، ބޭންކު-ނޫން މާލީ ވިޔަފާރިއަށެވެ.
(ޑ) "މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 66 ވަނަ މާއްދާގެ (ވ) ގައި ދީފައިވާ މާނައިގައެވެ.
(ޒ) "ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) އަށެވެ.
(ޓ) "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ޕޭމަންޓް ހިދުމަތެއް ނުވަތަ ޕޭމަންޓް ހިދުމަތްތަކެއް ދިނުމަށް، ގާނޫނުގެ ދަށުން އޮތޯރިޓީން ދޫކުރާ ލައިސަންސަށެވެ.
(ޔ) "ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް ހިދުމަތްދޭ ފަރާތަށް ލިބިފައިވާ ލައިސަސްގެ ދަށުން، އެ ފަރާތަކަށް ދެވޭނެ ޕޭމަންޓް ހިދުމަތަށް ނުވަތަ ޕޭމަންޓް ހިދުމަތްތަކަށެވެ.
(ޕ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-08 (ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު) އަށެވެ.
(ޖ) "ސީނިއަރ މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ މުވައްޒަފުންގެ ތެރެއިން އެ އިދާރާގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނަށާއި،އިދާރާގެ ހަރަކާތްތަކުގެ ތެރެއިން ބޮޑުބައެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފުންނަށާއި، އިންޓަރނަލް އޮޑިޓްގެ އެންމެ އިސް މުވައްޒަފަށާއި، ރިސްކް މެނޭޖްކުރުމުގެ މަސައްކަތުގެ އެންމެ އިސް މުވައްޒަފަށާއި، އެ އިދާރާއިން ގާނޫނުތަކަށާއި ގަވާއިދުތަކަށާއި ކަނޑައަޅައިފައިވާ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމާ ހަވާލުވެ ހުރި އެންމެ އިސް މުވައްޒަފަށެވެ. މިފަދަ މުވައްޒަފުން ކޮންމެ މަގާމެއްގައި ތިބި ނަމަވެސް ބެލެވޭނީ، "ސީނިއަރ މެނޭޖްމަންޓް" މެންބަރުން ކަމުގައެވެ. މިގޮތުން، ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ؛ ޖެނެރަލް މެނޭޖަރ؛ ޗީފް ފައިނޭންށަލް އޮފިސަރ؛ ހިމެނޭނީ "ސީނިއަރ މެނޭޖްމަންޓް" ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައެވެ.
(ޗ) "ޕޭއީ" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް މުއާމަލާތެއްގައި ހިމެނޭ ފައިސާ ލިބެންޖެހޭ ފަރާތަށެވެ.
(ހހ) "ޕޭޔަރ" ކަމަށް ބުނެފައި އެވަނީ، ފައިސާ ޓްރާންސްފަރ ކުރުމަށް ޓަކައި އަންގާ އެންގުމެއް، އިނީށީއޭޓްކުރާ ފަރާތަށް ނުވަތަ އިނީށިއޭޓް ކުރުމަށް ހުއްދަ ދޭ ފަރާތަށެވެ.
(ހށ) "ޕޭމަންޓް އެކައުންޓް" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތެއްގެ ނަމުގައިވާ ނުވަތަ އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކެއްގެ ނަމުގައިވާ، ޕޭމަންޓް މުއާމަލާތެއް ތަންފީޒުކުރުމަށް ބޭނުންކުރާ އެކައުންޓަކަށެވެ. މިފަދަ އެކައުންޓެއް ފިޒިކަލްކޮށް ނުވަތަ އިލެކްޓްރޯނިކްކޮށް ހުރި ނަމަވެސް ބެލެވޭނީ، ޕޭމަންޓް އެކައުންޓެއްގެ ގޮތުގައެވެ. ޕޭމަންޓް އެކައުންޓްގެ ގޮތުގައި، އިލެކްޓްރޯނިކް މަނީ އެކައުންޓާއި، ބޭންކު އެކައުންޓާއި، ޑެބިޓް ކާޑާއި، ކްރެޑިޓް ކާޑު ވެސް ހިމެނޭނެއެވެ.
(ހނ) "ޕޭމަންޓް ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 10 ވަނަ މާއްދާގައި ދީފައިވާ މާނައިގައެވެ.
(ހރ) "ޕޭމަންޓް ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 66 ވަނަ މާއްދާގެ (ގ) ގައި ދީފައިވާ މާނައިގައެވެ.
(ހބ) "ޕޭމަންޓް މުއާމަލާތެއް ތަންފީޒުކުރުމުގެ ހިދުމަތް" ކަމަށް ޜބުނެފައި އެވަނީ، މި ގަވާއިދުގެ އެއްވަނަ ށެޑިއުލްގައި އެ ހިދުމަތްކަމަށް ބަޔާންކޮށްފައިވާ ހިދުމަތަށެވެ.
(ހޅ) "ޕޭމަންޓް އިންސްޓްރުމަންޓްތައް އިށޫކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ އެއްވަނަ ށެޑިއުލްގައި އެ ހިދުމަތްކަމަށް ބަޔާންކޮށްފައިވާ ހިދުމަތަށެވެ.
(ހކ) "ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ އެއްވަނަ ށެޑިއުލްގައި އެ ހިދުމަތްކަމަށް ބަޔާންކޮށްފައިވާ ހިދުމަތަށެވެ.
(ހއ) "ޕޭމަންޓް އިނީށިއޭށަން ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ އެއްވަނަ ށެޑިއުލްގައި އެ ހިދުމަތްކަމަށް ބަޔާންކޮށްފައިވާ ހިދުމަތަށެވެ.
(ހވ) "ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރަކަށް ޕޭމަންޓް އެކައުންޓެއް ހުޅުވައިދީ ބަހައްޓައިދޭ ބޭންކަކަށް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށެވެ.
(ހމ) "ޕޭމަންޓް މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، ފައިސާ ލުމަށް، ނުވަތަ ފައިސާ ޓްރާންސްފަރކުރުމަށް ނުވަތަ ފައިސާ ނެގުމަށެވެ. ފައިސާގެ ތެރޭގައި، އިލެކްޓްރޯނިކް މަނީ ހިމެނޭނެއެވެ.
ދެވަނަ ބާބު
ލައިސަންސާ ގުޅޭ ކަންކަން
5 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ޕޭމަންޓް ހިދުމަތް ދިނުން
ގާނޫނުގެ 17 (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގައި ޕޭމަންޓް ހިދުމަތެއް ދޭންވާނީ ގާނޫނުގެ ދަށުން އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތްތަކުންނެވެ.
6 ވަނަ މާއްދާ - ލައިސަންސް ހޯދުމަށް އޮންނަ އޮތުމުން އިސްތިސްނާ ފަރާތްތައް
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތަށް އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭ ފަރާތްތައް، އެ ހިދުމަތް ދިނުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ލައިސަންސް ހޯދަންޖެހުމުން އިސްތިސްނާވާނެއެވެ. ނަމަވެސް، އެ ފަރާތްތަކުން މި މައްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.
(ށ) އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭނީ، ހަމައެކަނި އިށޫކުރި ފަރާތަށް ނިސްބަތްވާ ކަނޑައެޅިފައިވާ ވަކި ކަންތައްތަކަކަށް އެކަނި ކަމަށް ވެފައި، އިލެކްޓްރޯނިކް މަނީ ރިޑީމްކޮށް ނުދޭނަމަ އަދި ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ފުރިހަމަވާނަމައެވެ.
- އިލެކްޓްރޯނިކް މަނީ ހޯލްޑްކުރާ ފަރާތުން މުދާ ގަތުމަށް ނުވަތަ ހިދުމަތް ހޯދުމަށް އިލެކްޓްރޯނިކް މަނީ ބޭނުންކުރެވެނީ، އެ އިލެކްޓްރޯނިކް މަނީ އިށޫކުރި ފަރާތުގެ އިމާރާތުގައި ނުވަތަ އެ އިލެކްޓްރޯނިކް މަނީ އިށޫކުރި ފަރާތަށް ނިސްބަތްވާ އޮންލައިން ޕްލެޓްފޯމުގައި އެކަނި ކަމަށް ވުން؛
- އިލެކްޓްރޯނިކް މަނީ ހޯލްޑްކުރާ ފަރާތުން މުދާ ގަތުމަށް ނުވަތަ ހިދުމަތް ހޯދުމަށް އިލެކްޓްރޯނިކް މަނީ ބޭނުންކުރެވެނީ، ހިދުމަތްދޭ ފަރާތްތަކުގެ ލިމިޓެޑް ނެޓްވާރކްތަކަކުން އެކަނި ކަމަށް ވެފައި، އެ ފަރާތްތަކުން ސީދާ އިށޫކުރި ފަރާތާއެކު ވިޔަފާރީގެ އެއްބަސްވުންތަކެއް ހަދައިފައިވުން ނުވަތަ އެ ފަރާތްތަކަކީ ކޯޕަރޭޓް އެއް ގްރޫޕެއްގައި ހިމެނޭ ފަރާތްތަކަކަށް ވުން ނުވަތަ އެ ފަރާތްތަކަކީ އެއް ޓްރޭޑް ނަމަކާ ނުވަތަ ޓްރޭޑް މާކަކާ ނުވަތަ ލޯގޯއަކާ އެފިލިއޭޓްވެފައިވާ ފަރާތްތަކަކަށް ވުން؛ ނުވަތަ
- އިލެކްޓްރޯނިކް މަނީ ބޭނުންކުރެވެނީ ވަރަށް މަދު މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމަށް އެކަނި ކަމުގައި ވުން.
(ނ) މި މާއްދާގެ (ހ) ގައި އިސްތިސްނާ ދީފައިވާ ފަރާތްތަކުން، ތިރީގައިވާ ކަންކަމަށް އަމަލުކުރަންވާނެއެވެ.
- މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތަށް އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭ ފަރާތެއްކަން އޮތޯރިޓީއަށް އެންގުން؛
- އޮތޯރިޓީގެ ވެބްސައިޓްގައި ކަނޑައަޅައިފައިވާ އެ ފަރާތާބެހޭ މައުލޫމާތު އޮތޯރިޓީއަށް ހުށަހެޅުން؛
- ކޮންމެ މީލާދީ މަހެއް ނިމޭއިރު، އެ މަހެއްގެ ނިޔަލަށް ނިމުނު 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތުން ޕްރޮސެސްކުރި ޕޭމަންޓް މުއާމަލާތްތަކުގެ ޖުމުލަ ވެލިއު 1،000،000 (އެއް މިލިޔަން) ރުފިޔާއަށް ވުރެ އިތުރުވާނަމަ، އެ މަހަކާ ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން އެކަން އޮތޯރިޓީއަށް އެންގުން؛ އަދި
- އޮތޯރިޓީން އަންގާ އެހެން މައުލޫމާތު އޮތޯރިޓީއަށް ހުޅަހެޅުމާއި، އޮތޯރިޓީން އަންގާ އެންމެހައި އެންގުންތަކަށް އަމަލުކުރުން.
- މި މާއްދާގެ (ހ) ގައި އިސްތިސްނާ ދީފައިވާ ފަރާތަކުން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވެއްޖެނަމަ، ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފުވެއްޖެނަމަ، ނުވަތަ އާންމުންގެ މަސްލަހަތަށް ޓަކައި އިސްތިސްނާ ބާތިލުކުރަންޖެހޭ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެ ފަރާތަކަށް ދީފައިވާ އިސްތިސްނާ ބާތިލުކުރެވިދާނެއެވެ.
7 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހެޅުން
(ހ) ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާނީ،އޮތޯރިޓީގެ ވެބްސައިޓްގައި އެކަމަށް ކަނޑައަޅައިފައިވާ ފޯމު ފުރިހަމަކޮށް، ފުރިހަމަކޮށްފައިވާ ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު އޮތޯރިޓީއަށެވެ.
(ށ) ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމެއް އޮތޯރިޓީއަށް ލިބުމުން، ގާނޫނުގައްޔާއި އޮތޯރިޓީން ނެރެފައިވާ ލައިސަންސް ދޫކުރުމުގެ ގައިޑްލައިނުގައި ބަޔާންކޮށްފައިވާ ކަންކަމާއި، އެ ގައިޑްލައިނުގައި ބަޔާންކޮށްފައިވާ ލައިސަންސް ދޫކުރުމުގެ ށަރުތުތައް ފުރިހަމަވޭތޯ އޮތޯރިޓީން ބަލާނެއެވެ.
8 ވަނަ މާއްދާ - ލައިސަންސް ދޫކުރުމަށް ފުރިހަމަވާންޖެހޭ އާންމު ކަންކަން
(ހ) ލަައިސަންސް ދޫކުރެވޭނީ، ލައިސަންސަށް އެދި ހުށަހަޅައިފައިވާ ފަރާތުން، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ކުންފުނި ރަޖިސްޓަރީކުރުމުންނެވެ. އެ ކުންފުނި ވާންވާނީ، ޕޭމަންޓް ހިދުމަތް ދިނުމަށް ނުވަތަ މާލީ ވިޔަފާރިއެއް ކުރުމަށް އުފައްދާ ކުންފުންޏަކަށެވެ.
(ށ) ލައިސަންސް ދޫކުރެވޭނީ، ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ހަރަކާތްތައް، ދިވެހިރާއްޖޭގައި އޮފީހެއް ގާއިމުކޮށް، އެ ތަނުގައި ހިންގާ ގޮތަށެވެ.
9 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް
ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، ގާނޫނުގެ 20 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލައިސަންސްގެ ށަރުތުތަކުގެ އިތުރުން ތިރީގައިވާ ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް، ހުރިހާ ވަގުތަކު ވެސް އަމަލުކުރަންވާނެއެވެ.
(ހ) ލައިސަންސްގެ ށަރުތުތަކުގެ ތެރޭގައި، ވިޔަފާރި ފެށުމަށް 12 (ބާރަ) މަސްދުވަހަށްވުރެ ކުރު މުއްދަތެއް ދީފައި ނުވާނަމަ، ލައިސަންސް ދޫކުރި ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ވިޔަފާރި ފަށަންވާނެއެވެ.
(ށ) އޮތޯރިޓީން ކަނޑައަޅާ ރައުސްމާލު ބަހައްޓަންޖެހޭ މިންގަނޑުތަކަށާއި، ވިޔަފާރި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށް ޓަކައި އަމަލުކުރަން ޖެހޭ އެހެނިހެންކަންތައްތަކަށާއި، އޮތޯރިޓީން ކަނޑައަޅާ އެނޫންވެސް ކަންކަމަށް އަމަލުކުރަންވާނެއެވެ.
(ނ) ވިޔަފާރި ހިންގަންވާނީ، އޮތޯރިޓީއަށް ލައިސަންސް ހޯދުމަށް އެދި ހުށަހެޅި ހުށަހެޅުމާއެކު ހިމަނައިފައިވާ ބިޒްނަސް ޕްލޭނާ އެއްގޮތަށެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ބިޒްނަސް ޕްލޭނާ ތަފާތު ގޮތަކަށް ވިޔަފާރި ހިންގަން ބޭނުންވެއްޖެނަމަ، އެކަމަށް އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ.
(ރ) ވިޔަފާރި ހިންގަންވާނީ ހަރުދަނާކޮށް، ގާނޫނުތަކާއި އޮތޯރިޓީން ނެރޭ ގަވާއިދުތަކާއި އުސޫލުތަކާއި އިރުށާދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ބ) ވިޔަފާރި ހިންގަންވާނީ އަދި ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތް ދޭންވާނީ، އެ ވިޔަފާރި ހިންގުމަށާއި ހިދުމަތް ދިނުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ނަމުގައި އެކަންޏެވެ.
(ޅ) މަކަރު، ނުވަތަ ހީލަތް، ނުވަތަ ހިޔާނާތް، ނުވަތަ މަނީ ލޯންޑްރިންގ، ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށެއް، ނުވަތަ މިނޫންވެސް ކުށެއް ކޮށްގެން ނުވާނެއެވެ. އަދި އެފަދަ ކުށަކަށް މަގުފަހިވެދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ކ) ޕޭމަންޓް މުއާމަލާތެއް ހެދުމަށް ޓަކައި ކަސްޓަމަރުންގެ ކިބައިން ނަގާ ފައިސާ ރައްކާތެރި ކުރުމަށް ޓަކައި އެކަށީގެންވާ އިންޓަރނަލް ކޮންޓްރޯލްތަކާއި ފިޔަވަޅުތައް އަޅަންވާނެއެވެ.
(އ) ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތެއް، އޭޖެންޓެއް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދޭނަމަ، އެ ފަރާތްތަކުގެ ހަރަކާތްތައް މޮނިޓަރ ކުރަންވާނެއެވެ. އަދި، އެ ފަރާތްތައް ހަރަކާތްތެރިވަނީ އެ ފަރާތްތަކުން ހަރަކާތްތެރިވުމަށް ހުއްދަދީފައިވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެކަނިކަން ޔަގީންކުރަންވާނެއެވެ.
10 ވަނަ މާއްދާ - ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތަށް އުނިއިތުރު ގެނައުމަށް ހުށަހެޅުން
ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތަށް ނުވަތަ ހިދުމަތްތަކަށް އުނިއިތުރު ގެނައުމަށް ބޭނުންވާނަމަ، އެކަމުގެ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓްގައި އެކަމަށް ކަނޑައަޅައިފައިވާ ގޮތަށް، ކަނޑައަޅާ މައުލޫމާތާ އެކުގައެވެ.
11 ވަނަ މާއްދާ -- އެޕްލިކޭށަން ފީ
(ހ) ލައިސަންސަށް އެދި ހުށަހަޅާއިރު، އޮތޯރިޓީގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ލައިސަންސް އެޕްލިކޭށަން ފީ، އޮތޯރިޓީއަށް ދައްކަންވާނެއެވެ. ލައިސަންސްދޫކުރުމަށް ނުވަތަ ދޫނުކުރުމަށް އޮތޯރިޓީން ނިންމި ކަމުގައި ވިޔަސް، އެޕްލިކޭށަންފީއަކީ އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.
(ށ) ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތަށް ނުވަތަ ހިދުމަތްތަކަށް އުނިއިތުރު ގެނައުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، އޮތޯރިޓީގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ އެޕްލިކޭށަން ފީ، އޮތޯރިޓީއަށް ދައްކަންވާނެއެވެ. ހުއްދަ ދޫކުރުމަށް ނުވަތަ ދޫނުކުރުމަށް އޮތޯރިޓީން ނިންމި ކަމުގައި ވިޔަސް، އެޕްލިކޭށަން ފީއަކީ އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.
12 ވަނަ މާއްދާ - އަހަރީ ފީ
ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތަކަށް، އޮތޯރިޓީގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ އަހަރީ ފީ، އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް އަދި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އޮތޯރިޓީއަށް ދައްކަންވާނެއެވެ.
13 ވަނަ މާއްދާ - އަމިއްލައަށް އުވައިލުން
އެއްވެސް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އަމިއްލައަށް ކުންފުނި އުވައިލަންވާނީ، ނުވަތަ ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތް ދިނުން ހުއްޓައިލަންވާނީ، އެކަމުގެ ހުއްދަ އޮތޯރިޓީން ހޯދުމަށްފަހު އަދި އެ ފަރާތަށް ލިބިފައިވާ ލައިސަންސް އޮތޯރިޓީން ބާތިލުކުރުމުންނެވެ. މިގޮތުން ލައިސަންސް ބާތިލުކުރުމުގައި ށަރުތެއް ނުވަތަ ށަރުތުތަކެއް އޮތޯރިޓީން ކަނޑައަޅައިފިނަމަ، އެ ށަރުތަކާ ނުވަތަ ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
ތިންވަނަ ބާބު
ރައުސްމާލުގެ މިންގަނޑުތަކާއި، ސެކިއު ރިޓީ ޑިޕޮސިޓް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް
14 ވަނަ މާއްދާ - ރައުސްމާލުގެ މިންގަނޑު
(ހ) މި ގަވާއިދުގެ ދެވަނަ ށެޑިއުލްގައި ބަޔާންކޮށްފައިވާ ޕޭމަންޓް ހިދުމަތެއް ދިނުމަށް، ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ކޮންމެ ފަރާތަކުން ވެސް، ހުރިހާ ވަގުތަކު ވެސް، އެ ށެޑިއުލްގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ މަދު ނޫން އަދަދެއް، މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ ގޮތުގައި ބަހައްޓަންވާނެއެވެ. މި އަދަދަކީ އެއްވެސް ފަރާތަކަށް ދަރާފައިވާ، ނުވަތަ ރަހުނު ކޮށްފައިވާ ފައިސާއަކަށް ވެގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް، ވަކި ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ޕްރޮސެސްކުރާނެ ކަމަށް ބެލެވޭ ޕޭމަންޓްތަކުގެ އަދަދަށާއި މިންވަރަށާއި އެހެނިހެން ކަންކަމުގެ މައްޗަށް ބެލުމަށްފަހު، ގާނޫނުގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން، ވަކި އަދަދެއްގެ ކެޕިޓަލް ބެހެއްޓުމަށް އޮތޯރިޓީން ކަނޑައަޅައިފިނަމަ، އެ ފަރާތަކުން އެ އަދަދަށް ކެޕިޓަލް ބަހައްޓަންވާނެއެވެ.
15 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮސިޓް
(ހ) މި ގަވާއިދުގެ ތިންވަނަ ށެޑިއުލްގައި ބަޔާންކޮށްފައިވާ ޕޭމަންޓް ހިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ވެސް، ހުރިހާ ވަގުތަކު ވެސް، އެ ށެޑިއުލްގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ މަދު ނޫން އަދަދެއް، އެއިން ކޮންމެ ހިދުމަތަކަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އޮތޯރިޓީގައި ބަހައްޓަންވާނެއެވެ. ސެކިއުރިޓީ ޑިޕޮސިޓަކީ ޕޭމަންޓް ހިދުމަތްދޭ ފަރާތުން، އެ ފަރާތުގެ ކަސްޓަމަރުންނަށް އަދާކުރަންޖެހޭ އިލްތިޒާމްތަކަށް ބެހެއްޓޭ ޑިޕޮސިޓްއެކެވެ. އޮތޯރިޓީން އެހެން ގޮތަކަށް ނާންގާހައި ހިނދަކު، ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓާނީ، ކޭށް ޑިޕޮސިޓް ގޮތުގައެވެ.
(ށ) ޕޭމަންޓް ހިދުމަތްދޭ ފަރާތް އިފްލާސްކޮށްފިނަމަ، ނުވަތަ އުވައިލައިފިނަމަ، ނުވަތަ އެ ފަރާތުގެ ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތެއް ހުއްޓައިލައިފިނަމަ، ނުވަތަ އެ ފަރާތުގެ ލައިސަންސް ބާތިލުކޮށްފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން އެ ފަރާތުން ބަހައްޓައިފައިވާ ސެކިއުރިޓީ ޑިޕޮސިޓް، އެ ފަރާތުން ކަސްޓަމަރުންނަށް ދޭންޖެހިފައިވާ ފައިސާއެއްވާނަމަ އެ ފައިސާއެއް ހޯދުމަށް ކަސްޓަމަރުން ހުށަހަޅާ ކްލެއިމްތައް އަދާކުރުމަށް އޮތޯރިޓީން ބޭނުންކުރާނެއެވެ. އަދި ކަސްޓަމަރުން ހުށަހަޅާ ހުރިހާ ކްލެއިމްތަކަށް ދެވޭނެ މިންވަރަށް ސެކިއުރިޓީ ޑިޕޮސިޓް ނެތް ނަމަ، ކަސްޓަމަރުންގެ ކްލެއިމްތަކުގެ ބައެއް ސެކިއުރިޓީ ޑިޕޮސިޓްއިން އަދާކުރުމަށް އޮތޯރިޓީން ނިންމިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އަދި އެ ފަރާތުގެ އެއްވެސް ކަސްޓަމަރެއް ކްލެއިމެއް ހުށަހަޅައިފައި ނުވާނަމަ، ނުވަތަ ކަސްޓަމަރުން ހުށަހަޅައިފައިވާ ކްލެއިމްތަކަށް ފައިސާ ދައްކާ ނިމިއްޖެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، ސެކިއުރިޓީ ޑިޕޮސިޓްގެ ބާކީހުރި ފައިސާ، ޕޭމަންޓް ހިދުމަތްދޭ ފަރާތަށް އޮތޯރިޓީން ދޭނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، މި މާއްދާގެ (ހ) ގެ ދަށުން އެ ފަރާތުން ބަހައްޓައިފައިވާ ސެކިއުރިޓީ ޑިޕޮސިޓްއިން ފައިސާ ހޯދުމަށް ކަސްޓަމަރުން ކްލެއިމް ހުށަހަޅާނެ ގޮތްތަކާއި މުއްދަތު އޮތޯރިޓީން ކަނޑައަޅާ އާންމު ކުރާނެއެވެ.
16 ވަނަ މާއްދާ - ކަސްޓަމަރުންގެ ފައިސާ ވަކިން ބެހެއްޓުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ޕޭމަންޓް ހިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ވެސް، ކަސްޓަމަރުންގެ ފައިސާ ޑިޕޮސިޓްކުރުމަށް ޓަކައި، އެ ކަމަށް ހާއްސަކޮށްފައިވާ ބޭންކު އެކައުންޓެއް،ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ބޭންކެއްގައި ހުޅުވަންވާނެއެވެ.
- ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތް؛
- ރެމިޓެންސްގެ ހިދުމަތް؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ވެސް، ކަސްޓަމަރުންގެ ފައިސާ، އެންމެ ލަސްވެގެން، އެ ފައިސާ ލިބުނު ދުވަހަށް ފަހު އަންނަ ފުރަތަމަ މަސައްކަތު ދުވަހު، މި މައްދާގެ (ހ) ގެ ދަށުން ހުޅުވައިފައިވާ ބޭންކު އެކައުންޓަށް ޖަމާކުރަންވާނެއެވެ.
(ނ) ތިރީގައި ބަޔާންކޮށްފައިވާ ފައިސާ ފިޔަވައި އެހެން ފައިސާއެއް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭންކު އެކައުންޓުން ނަގައިގެން ނުވާނެއެވެ.
- އެ އެކައުންޓް ހުޅުވުމަށް ނުވަތަ އެކައުންޓް ބެލެހެއްޓުމަށް ޕޭމަންޓް ހިދުމަތްދޭ ފަރާތުން އެކައުންޓަށް ޖަމާކުރި ފައިސާ؛
- ޕޭމަންޓް މުއާމަލާތެއް ތަންފީޒު ކުރުމަށް ޓަކައި ކަސްޓަމަރަކަށް ނުވަތަ ބެނެފިށިއަރީއަކަށް ދޭންޖެހޭ ފައިސާ؛
- ކަސްޓަމަރަށް ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތަކަށް ޕޭމަންޓް ހިދުމަތްދޭ ފަރާތަށްދައްކަންޖެހޭ ފީއަށް ނުވަތަ ޗާޖަށް، އެ ފައިސާ ބޭނުންކުރެވޭނެ ކަމަށްކަސްޓަމަރަށް އަންގައިފައިވާނަމަ، އެ ފައިސާ؛ އަދި
- އޮތޯރިޓީން ހުއްދަކުރާ އެ ނޫން އެހެން ފައިސާ.
(ރ) އަންނަނިވި ފައިސާ ފިޔަވައި އެހެން ފައިސާއެއް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭންކު އެކައުންޓަށް ޖަމާކޮށްގެން ނުވާނެއެވެ.
- އެ އެކައުންޓް ހުޅުވުމަށް ނުވަތަ އެކައުންޓް ބެލެހެއްޓުމަށް ޕޭމަންޓް ހިދުމަތްދޭ ފަރާތުން އެކައުންޓަށް ޖަމާކުރާ ފައިސާ؛
- މި މާއްދާގެ (ށ) ގެ ދަށުން އެ އެކައުންޓަށް ޖަމާކުރަންޖެހޭ ކަސްޓަމަރުންގެ ފައިސާ؛
- ކަސްޓަމަރަށް ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތަކަށް ޕޭމަންޓް ހިދުމަތްދޭ ފަރާތަށް ދައްކާ ފީ ނުވަތަ ޗާޖް؛ އަދި
- އޮތޯރިޓީން ހުއްދަކުރާ އެނޫން އެހެން ފައިސާ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓްގައިވާ ފައިސާ، ކަސްޓަމަރުންނަށް ނުވަތަ އެ ފައިސާގެ ބެނެފިށިއަރީސްއަށް ދެއްކުމަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދައްކަންޖެހިފައިވާ ފައިސާއެއް ދެއްކުމަށް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ރަހުނެއް ކުރުމަށް ވެސް ބޭނުންކޮށްގެން ނުވާނެއެވެ.
(ޅ) ޕޭމަންޓް ހިދުމަތްދޭ ފަރާތް އިފްލާސްކޮށްފިނަމަ، ނުވަތަ އުވައިލައިފިނަމަ، ނުވަތަ އެ ފަރާތުގެ ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތެއް ހުއްޓައިލައިފިނަމަ، ނުވަތަ އެ ފަރާތުގެ ލައިސަންސް ބާތިލުކޮށްފިނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭންކު އެކައުންޓްގައި ހުރި ފައިސާ އެންމެ ފުރަތަމަ ބޭނުންކުރެވޭނީ، ޕޭމަންޓް މުއާމަލާތްތައް ތަންފީޒުކުރުމަށް އެ ފައިސާ ނިސްބަތްވާ އެ ފަރާތުގެ ކަސްޓަމަރުންނާއި ބެނެފިށިއަރީސްއަށް ދައްކަންޖެހިފައިވާ ފައިސާ ދެއްކުމަށެވެ.
17 ވަނަ މާއްދާ - ފައިސާ ޓްރާންސްފަރކުރުމާ ބެހޭ ކަންކަން
(ހ) ރެމިޓެންސް ހިދުމަށް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުންވެސް އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- އިންޓަރނޭށަނަލް އައުޓްވާރޑް ރެމިޓެންސް ހެދުމަށް ކަސްޓަމަރުން އެ ފަރާތާ ހަވާލުކުރާ ފައިސާ، އެ ފައިސާ ހަވާލުކުރާ ދުވަހުން ފެށިގެން މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ފައިސާގެ ބެނެފިށިއަރީސްއަށްލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން؛ އަދި
- ޑޮމެސްޓިކް ރެމިޓެންސް ހެދުމަށް ކަސްޓަމަރުން އެ ފަރާތާ ހަވާލުކުރާ ފައިސާއާއި، އިންޓަރނޭށަނަލް އިންވާރޑް ރެމިޓެންސް ހެދުމަށް ލިބޭ ފައިސާ، އެ ފައިސާ ލިބޭ ދުވަހުން ފެށިގެން މަސައްކަތު 2 (ދޭއް) ދުވަހުގެ ތެރޭގައި، އެ ފައިސާގެ ބެނެފިށިއަރީސްއަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން.
(ށ) ޕޭމަންޓް މުއާމަލާތެއް އެކުއަޔަރކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ކޮންމެ ފަރާތަކުން ވެސް، ޕޭމަންޓް މުއާމަލާތެއް ތަންފީޒުކުރުމަށް އެ ފަރާތަށް ލިބޭ ފައިސާ، އެ ފައިސާ ލިބޭ ދުވަހުން ފެށިގެން މަސައްކަތު 1 (އެކެއް) ދުވަހުގެ ތެރޭގައި، އެ ފައިސާގެ ބެނެފިށިއަރީސްއަށް ލިބިގެންދާނެ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.
ހަތަރުވަނަ ބާބު
އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް
18 ވަނަ މާއްދާ - އިލެކްޓްރޯނިކް މަނީ އިށޫކުރުމާއި ރިޑީމްކުރުމާބެހޭ ކަންކަން
އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަށް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ވެސް، ގާނޫނުގެ 20 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ތިރީގައިވާ ކަންކަމަށް އަމަލުކުރަންވާނެއެވެ.
- އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ ރުފިޔާ ފިޔަވައި އެހެން ފައިސާއަކުން އިލެކްޓްރޯނިކް މަނީ އިށޫ ނުކުރުން؛
- އޭޖެންޓެއް ނުވަތަ އެ ފަރާތުގެ ފަރާތުން އެހެން ފަރާތެއް މެދުވެރިކޮށް ވެސް އިލެކްޓްރޯނިކް މަނީ އިށޫ ނުކުރުން؛
- އިލެކްޓްރޯނިކް މަނީ އެކައުންޓްތަކުގައި ހުންނަ އިލެކްޓްރޯނިކް މަނީއަކީ ޑިޕޮސިޓްގެ ގޮތުގައި ނުބެލުން؛ އަދި
- އިލެކްޓްރޯނިކް މަނީ އެކައުންޓްތަކަށް އިންޓްރެސްޓް ނުވަތަ އެހެން މަންފާއެއް ވެސް ނުދިނުން.
(ށ) އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، އޭޖެންޓުން މެދުވެރިކޮށް އިލެކްޓްރޯނިކް މަނީ ޑިސްޓްރިބިއުޓް އަދި ރިޑީމްވެސް ކުރެވިދާނެއެވެ.
19 ވަނަ މާއްދާ - އިލެކްޓްރޯނިކް މަނީ އެކައުންޓް
(ހ) އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ވެސް، އެ ފަރާތަކުން އިށޫކުރާ އިލެކްޓްރޯނިކް މަނީ ހޯލްޑްކުރާ ކޮންމެ ފަރާތަކަށް ވެސް ވަކި އިލެކްޓްރޯނިކް މަނީ އެކައުންޓެއް ހުޅުވާ ބަލަހައްޓަންވާނެއެވެ. އެ ފަރާތަކުން، ކޮންމެ ކަސްޓަމަރަކަށް ވެސް ހުޅުވައިދެވޭނީ،އިލެކްޓްރޯނިކް މަނީ އެކައުންޓްގެ 1 (އެކެއް) އެކައުންޓެވެ. އަދި، އިލެކްޓްރޯނިކް މަނީ އެކައުންޓެއްގެ ވެރިފަރާތެއް ލިޔުމުން އެދުމުން، އެ ފަރާތެއްގެ އިލެކްޓްރޯނިކް މަނީ އެކައުންޓް ބަންދު ކުރުމަށްފަހު، އެ އެކައުންޓްގައިވާ އިލެކްޓްރޯނިކް މަނީ ރިޑީމްކޮށްދޭންވާނެއެވެ.
(ށ) އިލެކްޓްރޯނިކް މަނީ އެކައުންޓެއްގައި ގިނަވެގެން ބެހެއްޓޭނެ އިލެކްޓްރޯނިކް މަނީގެ އަދަދާއި، އިލެކްޓްރޯނިކް މަނީ އެކައުންޓަކުން ކުރެވޭނެ މުއާމަލާތްތަކުގެ ލިމިޓެއް އޮތޯރިޓީން ކަނޑައަޅައިފިނަމަ، އެއާ އެއްގޮތަށް އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަށް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭފަރާތަކުންވެސް އަމަލުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީން ވަކި ލިމިޓެއް ކަނޑައަޅައިފައިވާނަމަ، އެ ލިމިޓާ ހިލާފުނުވާނެ ގޮތަށް، ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން އަމިއްލަ ލިމިޓްތަކެއް ކަނޑައެޅިދާނެއެވެ.
20 ވަނަ މާއްދާ - ކަސްޓޯޑިއަން އެކައުންޓް
(ހ) އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ވެސް، އެ ފަރާތަކުން އިށޫކުރި އިލެކްޓްރޯނިކް މަނީގެ ބަދަލުގައި ލިބިފައިވާ ފައިސާ، ހުރިހާ ވަގުތަކުވެސް، ރައްކާތެރިކުރުމަށް ޓަކައި ކަސްޓޯޑިއަން އެކައުންޓެއްގައި ނުވަތަ ކަސްޓޯޑިއަން އެކައުންޓްތަކެއްގައި ބަހައްޓަންވާނެއެވެ. ކަސްޓޯޑިއަން އެކައުންޓް ވާންވާނީ، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ބޭންކެއްގައި ހުޅުވައިފައިވާ އެކައުންޓަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާ، އެއް ކަސްޓޯޑިއަން އެކައުންޓަށް ވުރެ ގިނަ ކަސްޓޯޑިއަން އެކައުންޓްތަކުގައި ބެހެއްޓުމަށް އޮތޯރިޓީއަށް އެންގިދާނެއެވެ.
(ނ) ކަސްޓޯޑިއަން އެކައުންޓަކީ ނުވަތަ އެކައުންޓްތަކަކީ އިންޓްރެސްޓް ނުވަތަ ފައިދާ ލިބޭ އެކައުންޓެއް ނުވަތަ އެކައުންޓްތަކެއްގެ ގޮތުގައި ހުޅުވިދާނެއެވެ. އެހެން ނަމަވެސް، އެކައުންޓަށް ލިބޭ އިންޓްރެސްޓް ނުވަތަ ފައިދާ ޖަމާކުރަންވާނީ ވަކި އެހެން އެކައުންޓަކަށެވެ.
(ރ) އެއް ކަސްޓޯޑިއަން އެކައުންޓަށް ވުރެ ގިނަ އެކައުންޓް ހުޅުވާނަމަ، އެއިން ކޮންމެ ކަސްޓޯޑިއަން އެކައުންޓަކަށް ނިސްބަތްވާ އިލެކްޓްރޯނިކް މަނީ، އެކައުންޓްތައް ސާފުކޮށް އެނގޭނެ ގޮތަށް ރިކޯޑުކޮށްފައި ހުންނަންވާނެއެވެ.
(ބ) ކަސްޓޯޑިއަން އެކައުންޓްގައިވާ ފައިސާ، އިލެކްޓްރޯނިކް މަނީ ހޯލްޑްކުރާ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާއެއް ދެއްކުމަށް ފިޔަވައި، އެހެން އެއްވެސް ފަރާތަކަށް ދައްކަންޖެހިފައިވާ ފައިސާއެއް ދެއްކުމަށް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ރަހުނެއް
ކުރުމަށް ވެސް ބޭނުންކޮށްގެން ނުވާނެއެވެ.
(ޅ) ކަސްޓޯޑިއަން އެކައުންޓްގައި ނުވަތަ އެކައުންޓްތަކުގައި، ހުރިހާ ވަގުތަކު ވެސް، ޕޭމަންޓް ހިދުމަތްދޭ ފަރާތުން އެ އިރަކު އިށޫކޮށްފައި ހުރި ޖުމުލަ އިލެކްޓްރޯނިކް މަނީގެ ވެލިއުއަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ބަހައްޓަންވާނެއެވެ.
(ކ) ކަސްޓޯޑިއަން އެކައުންޓަކުން ފައިސާ ނެގުމުން، އެކައުންޓްގައި ބާކީ ހުންނާނެ ފައިސާގެ އަދަދު މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ މަދު ނުވާނަމަ، ކަސްޓޯޑިއަން އެކައުންޓުން ޕޭމަންޓް ހިދުމަތްދޭ ފަރާތަށް ފައިސާ ނެގިދާނެއެވެ.
(އ) ޕޭމަންޓް ހިދުމަތްދޭ ފަރާތް އިފްލާސްކޮށްފިނަމަ، ނުވަތަ އުވައިލައިފިނަމަ، ނުވަތަ އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް ދިނުން ހުއްޓައިލައިފިނަމަ، ނުވަތަ އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް ދިނުމަށް ލިބިފައިވާ ލައިސަންސް ބާތިލުކޮށްފިނަމަ -
- އިލެކްޓްރޯނިކް މަނީ އެކައުންޓްތަކުގެ ވެރިފަރާތްތަކުން ހުށަހަޅާ ކްލެއިމްތައް އަދާކުރުމަށް ޓަކައި، ކަސްޓޯޑިއަން ބޭންކަކުން އެ އެކައުންޓްގައިވާ ފައިސާ ހިފަހައްޓަންވާނެއެވެ.
- ކަސްޓޯޑިއަން އެކައުންޓްގައި ހުރި ފައިސާ އެންމެ ފުރަތަމަ ބޭނުންކުރެވޭނީ، އެ ފައިސާ ނިސްބަތްވާ އިލެކްޓްރޯނިކް މަނީ އެކައުންޓްތަކުގެ ވެރިފަރާތްތަކުން ހުށަހަޅާ ކްލެއިމްތައް އަދާކުރުމަށެވެ. އަދި ކަސްޓޯޑިއަން އެކައުންޓްގައި ހުރި ފައިސާއެއް ޕޭމަންޓް ހިދުމަތްދޭ ފަރާތަށް ލިބޭނީ، ހުރިހާ އިލެކްޓްރޯނިކް މަނީ އެކައުންޓްތަކުގެ ވެރިފަރާތްތަކުން ހުށަހަޅާ ކްލެއިމްތައް އަދާކޮށް ނިމުމުންނެވެ.
- ކަސްޓޯޑިއަން އެކައުންޓްގައި ހުރި ފައިސާ ނިސްބަތްވާ އިލެކްޓްރޯނިކް މަނީ އެކައުންޓްތަކުގެ ވެރިފަރާތްތަކުން ހުށަހަޅާ ކްލެއިމްތައް އަދާކުރުމަށް، އިކެލްޓްރޯނިކް މަނީ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ތަފުސީލު ކަސްޓޯޑިއަން އެކައުންޓް އޮތް ބޭންކަށް ދޭންވާނެއެވެ.
(ވ) ކަސްޓޯޑިއަން އެކައުންޓް ހުޅުވައި ހިންގުމަށް ޓަކައި ކަސްޓޯޑިއަން އެކައުންޓް ހުޅުވާ ކޮންމެ ބޭންކަކާއި އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭ ފަރާތާ ދެމެދު ލިޔުމުން އެއްބަސްވުމެއް ވާންވާނެއެވެ. އެ އެއްބަސްވުމުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކަސްޓޯޑިއަން ބޭންކާއި އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭ ފަރާތުގެ މަސްއޫލިއްޔަތުތައް؛ އަދި
- ކޮންމެ ދުވަހަކު، އެ ބޭންކެއްގައި ހުޅުވައިފައިވާ ކަސްޓޯޑިއަން އެކައުންޓަށް ނިސްބަތްވާ އިލެކްޓްރޯނިކް މަނީ އެކައުންޓްތަކުގެ ޖުމުލަ ބާކީއާއި، އެ ކަސްޓޯޑިއަން އެކައުންޓްގެ ބާކީ، ބޭންކުން ރިކޮންސައިލް ކުރާނެ ގޮތުގެ އިންތިޒާމްތައް.
(މ) ކަސްޓޯޑިއަން އެކައުންޓް ހުޅުވައި ހިންގުމަށް ޓަކައި ކަސްޓޯޑިއަން އެކައުންޓް ހުޅުވާ ބޭންކަކާއި އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގައި ކަސްޓޯޑިއަން ބޭންކުން، އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭ އެހެން ފަރާތަކަށް ކަސްޓޯޑިއަން އެކައުންޓެއް ހުޅުވައި ނުދެވޭނެ ކަމަށް ނުވަތަ އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭ ފަރާތުން އެހެން ބޭންކެއްގައި ކަސްޓޯޑިއަން އެކައުންޓެއް ހުޅުވައިގެން ނުވާނެ ކަމަށް ބަޔާންކޮށްގެން ނުވާނެއެވެ.
(ފ) ކަސްޓޯޑިއަން އެކައުންޓަށް ނިސްބަތްވާ އިލެކްޓްރޯނިކް މަނީ އެކައުންޓްތަކުގެ ބާކީ ބެލުމަށް ޓަކައި، ކަސްޓޯޑިއަން ބޭންކަކުން އެދުމުން، އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭ ފަރާތުން، އެ ބޭންކަކަށް އެ ފަރާތުގެ އިލެކްޓްރޯނިކް މަނީ ސިސްޓަމަށް އެކްސެސް ދޭންވާނެއެވެ.
(ދ) ކަސްޓޯޑިއަން އެކައުންޓްގެ ޖުމުލަ ބާކީ، އެ އެކައުންޓަށް ނިސްބަތްވާ އިލެކްޓްރޯނިކް މަނީ އެކައުންޓްތަކުގެ ޖުމުލަ ބާކީއަށްވުރެ މަދުވާކަން، މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަސްޓޯޑިއަން ބޭންކުން، އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭ ފަރާތަށް އަންގައިފިނަމަ، އަންގާ ތާރީހުން ފެށިގެން،ލަސްވެގެން މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި، މަދުވާ ފައިސާ، އެ ފަރާތުން ކަސްޓޯޑިއަން އެކައުންޓަށް ޖަމާކުރަންވާނެއެވެ.
21 ވަނަ މާއްދާ - ކަސްޓޯޑިއަން ބޭންކުން އަމަލުކުރަންޖެހޭ އިތުރު ކަންކަން
(ހ) އެއްވެސް ބޭންކަކުން، އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭ ފަރާތެއްގެ ކަސްޓޯޑިއަން ބޭންކަކަށް ވުމުގެ ކުރިން، އެކަން ކުރުމަށް އޮތޯރިޓީގެ އިއުތިރާޒެއް ނެތްކަން ހޯދަންވާނެއެވެ.
(ށ) ކަސްޓޯޑިއަން އެކައުންޓްގައިވާ ފައިސާއަކީ އިލެކްޓްރޯނިކް މަނީ ހޯލްޑްކުރާ ފަރާތްތަކުގެ ޓްރަސްޓަށް ބެހެއްޓޭ ފައިސާއެއް ކަމަށްވާތީ، ޕޭމަންޓް ހިދުމަތްދޭ ފަރާތުން ކަސްޓޯޑިއަން ބޭންކަށް ދައްކަންޖެހިފައިވާ އެއްވެސް ދަރަންޏެއް، ސެޓް-އޯފް ކުރުމަށް އެ އެކައުންޓްގައިވާ ފައިސާ ކަސްޓޯޑިއަން ބޭންކުން ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ކަސްޓޯޑިއަން ބޭންކެއްގައި ހުޅުވައިފައިވާ ކަސްޓޯޑިއަން އެކައުންޓަށް ނިސްބަތްވާ އިލެކްޓްރޯނިކް މަނީ އެކައުންޓްތަކުގެ ޖުމުލަ ބާކީއާއި އެ ކަސްޓޯޑިއަން އެކައުންޓްގެ ބާކީ، ކަސްޓޯޑިއަން ބޭންކުން ރިކޮންސައިލް ކުރަންވާނެއެވެ. އަދި ކަސްޓޯޑިއަން އެކައުންޓްގެ ޖުމުލަ ބާކީ އިލެކްޓްރޯނިކް އެކައުންޓްތަކުގެ ޖުމުލަ ބާކީއަށްވުރެ މަދުވާނަމަ، އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭ ފަރާތަށް އެކަން އަންގަންވާނެއެވެ. އަދި އެ އެންގުން އަންގާ ތާރީހުން ފެށިގެން މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި، މަދުވާ ފައިސާ ކަސްޓޯޑިއަން އެކައުންޓަށް އެ ފަރާތުން ޖަމާނުކޮށްފިނަމަ، ކަސްޓޯޑިއަން ބޭންކުން، އޮތޯރިޓީއަށް އެކަން އަންގަންވާނެއެވެ.
(ރ) ކަސްޓޯޑިއަން ބޭންކަކުން އޮތޯރިޓީގެ ހުއްދަ ލިބިގެން އެ ބޭންކުގައި ހުޅުވައިފައިވާ ކަސްޓޯޑިއަން އެކައުންޓްގައިވާ ފައިސާ، އޮތޯރިޓީން ހުއްދަކުރާ، އިންޓްރެސްޓް ނުވަތަ ފައިދާ ލިބިދޭ މާލީ އިންސްޓްރުމަންޓްތަކުގައި އިންވެސްޓްކުރެވިދާނެއެވެ.
22 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން މަނާ ކުރުމުން އިސްތިސްނާކުރުން
ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގައި، ކަސްޓޯޑިއަން ބޭންކަށް، ތިރީގައިވާ މައުލޫމާތު ދިނުމަކީ، ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި މައުލޫމާތު ހާމަކުރުން މަނާކުރާ ކުރުމުން އިސްތިސްނާވާނެ ކަންކަމެވެ.
(ހ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކަސްޓޯޑިއަން އެކައުންޓްގައި ހުރި ފައިސާ ނިސްބަތްވާ އިލެކްޓްރޯނިކް މަނީ އެކައުންޓްތަކުގެ ވެރިފަރާތްތަކުން ހުށަހަޅާ ކްލެއިމްތައް އަދާކުރުމަށް، އިކެލްޓްރޯނިކް މަނީ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ތަފުސީލު،ކަސްޓޯޑިއަން ބޭންކަށް ދިނުން ؛ އަދި
(ށ) ކަސްޓޯޑިއަން އެކައުންޓަށް ނިސްބަތްވާ އިލެކްޓްރޯނިކް މަނީ އެކައުންޓްތަކުގެ ބާކީ ބެލުމަށް ޓަކައި ކަސްޓޯޑިއަން ބޭންކަކުން އެދުމުން، އެ ބޭންކަކަށް އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތްދޭ ފަރާތުގެ އިލެކްޓްރޯނިކް މަނީ ސިސްޓަމަށް އެކްސެސް ދިނުން.
ފަސްވަނަ ބާބު
ޕޭމަންޓް އިނީށިއޭށަން ހިދުމަ ތާއި އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތް
23 ވަނަ މާއްދާ - ޕޭމަންޓް އިނީށި އޭށަން ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އިތުރު ކަންކަން
ޕޭމަންޓް އިނީށިއޭށަން ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ތިރީގައިވާ ކަންކަމަށް އަމަލުކުރަންވާނެއެވެ.
(ހ) އެއްވެސް ވަގުތެއްގައި ޕޭޔަރގެ ފައިސާއެއް ހޯލްޑްކޮށްގެން ނުވާނެއެވެ.
(ށ) ޕޭޔަރގެ ޕޭމަންޓް އެކައުންޓް އޮތް ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތާ ނުވަތަ މުއާސަލާތު ކުރަންޖެހޭ އެހެން ފަރާތަކާ ވެސް މުއާސަލާތް ކުރަންވާނީ، އޮތޯރިޓީން ކަނޑައަޅާ ސައިބަރ ސެކިއުރިޓީ ކަންކަމާ އެއްގޮތަށް، ރައްކާތެރި ގޮތަކަށެވެ.
(ނ) ޕޭޔަރގެ "ކަސްޓަމަރ ސެކިއުރިޓީ ކްރެޑެންށަލްސް" ހުރީ ރައްކާތެރިކޮށް ކަމާއި، ޕޭޔަރއާއި ކްރެޑެންށަލްސް އިށޫކުރި ފަރާތް ފިޔަވައި އެހެން ފަރާތަކަށް އެކްސެސް ނުވާނެ ގޮތަކަށްކަން ޔަގީންކުރަންވާނެއެވެ.
(ރ) ޕޭޔަރ އެދިގެން ޕޭމަންޓް އިނީށިއޭށަން ހިދުމަތް ދިނުމުގެ ބޭނުން ފިޔަވައި، އެހެން ބޭނުމަކަށް އެ ފަރާތުގެ ޑޭޓާ ރައްކާކޮށްފައި ބަހައްޓައިގެން ނުވަތަ އެ ފަރާތުގެ ޑޭޓާއަށް އެކްސެސްވެގެން ނުވަތަ އެ ފަރާތުގެ ޑޭޓާ ޕްރޮސެސްކޮށްގެން ވެސް ނުވާނެއެވެ. ޕޭޔަރގެ ޑޭޓާގެ ތެރޭގައި، އެ ފަރާތަކީ ކާކުކަން އަންގައިދޭ ޒާތީ މާއުލޫމާތާއި މާލީ މައުލޫމާތު ހިމެނޭނެއެވެ.
(ބ) ޕޭޔަރގެ ހުއްދަޔާއެކު މެނުވީ، ޕޭމަންޓް މުއާމަލާތެއްގެ އަދަދު ނުވަތަ ޕޭއީ ނުވަތަ އެހެންވެސް ސިފައެއް ބަދަލުކޮށްގެން ނުވާނެއެވެ.
24 ވަނަ މާއްދާ - އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އިތުރު ކަންކަން
އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ތިރީގައިވާ ކަންކަމަށް އަމަލުކުރަންވާނެއެވެ.
(ހ) އެއްވެސް ވަގުތެއްގައި ޕޭޔަރގެ ފައިސާއެއް ހޯލްޑްކޮށްގެން ނުވާނެއެވެ.
(ށ) ޕޭޔަރގެ ޕޭމަންޓް އެކައުންޓް އޮތް ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތާ ނުވަތަ މުއާސަލާތު ކުރަންޖެހޭ އެހެން ފަރާތަކާ ވެސް މުއާސަލާތު ކުރަންވާނީ، އޮތޯރިޓީން ކަނޑައަޅާ ސައިބަރ ސެކިއުރިޓީ ކަންކަމާ އެއްގޮތަށް، ރައްކާތެރި ގޮތަކަށެވެ.
(ށ) ޕޭޔަރގެ "ކަސްޓަމަރ ސެކިއުރިޓީ ކްރެޑެންށަލްސް" ހުރީ ރައްކާތެރިކޮށްކަމާއި، ޕޭޔަރއާއި ކްރެޑެންށަލްސް އިށޫކުރި ފަރާތް ފިޔަވައި އެހެން ފަރާތަކަށް އެކްސެސް ނުވާނެ ގޮތަކަށްކަން ޔަގީންކުރަންވާނެއެވެ.
(ރ) ޕޭޔަރ އެދިގެން އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމުގެ ބޭނުން ފިޔަވައި، އެހެން ބޭނުމަކަށް އެ ފަރާތުގެ ޑޭޓާ ރައްކާކޮށްފައި ބަހައްޓައިގެން ނުވަތަ އެ ފަރާތުގެ ޑޭޓާއަށް އެކްސެސްވެގެން ނުވަތަ އެ ފަރާތުގެ ޑޭޓާ ޕްރޮސެސްކޮށްގެން ވެސް ނުވާނެއެވެ. ޕޭޔަރގެ ޑޭޓާގެ ތެރޭގައި، އެ ފަރާތަކީ ކާކުކަން އަންގައިދޭ ޒާތީ މައުލޫމާތާއި މާލީ މައުލޫމާތު ހިމެނޭނެއެވެ.
ހަވަނަ ބާބު
އެހެނިހެން ކަންކަން
25 ވަނަ މާއްދާ - ސަބްސިޑިއަރީއާއި ބްރާންޗް ގާއިމުކުރުން
(ހ) އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އެ ފަރާތުގެ ބްރާންޗެއް ނުވަތަ ސަބްސިޑިއަރީއެއް، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކޮށްގެން ނުވާނެއެވެ.
(ށ) ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ ބްރާންޗެއް ނުވަތަ ސަބްސިޑިއަރީއެއް ބަންދުކުރުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން، އެ ފަރާތުން ލިޔުމަކުން އޮތޯރިޓީއަށާއި ކަސްޓަމަރުންނަށް އެކަން އަންގަންވާނެއެވެ. މިގޮތުން އޮތޯރިޓީއަށް އަންގާއިރު ބަންދުކުރުމަށް ކަނޑައަޅައިފައިވާ ވިޔަފާރި ބަންދުކުރުމަށް ރާވައިފައިވާގޮތުގެ ތަފުސީލު ހުށަހަޅަންޖެހޭނެއެވެ.
26 ވަނަ މާއްދާ - ވިޔަފާރި ހިންގާ ތަން ބަދަލުވުން
ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ ވިޔަފާރި ހިންގާ ތަން ބަދަލުކުރަން ބޭނުންވާނަމަ، ބަދަލުކުރުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، ބަދަލުކުރާ ތަނުގެ އެޑްރެސް އޮތޯރިޓީއަށް އަންގަންވާނެއެވެ.
27 ވަނަ މާއްދާ - މާލީ އިދާރާއަކާ އެއްކޮށްލުން (މަރޖް ކުރުން)
އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެ ނުވީ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އެހެން މާލީ އިދާރާއަކާ އެއްކޮށްލައިގެން ނުވާނެއެވެ.
28 ވަނަ މާއްދާ - މިލްކުވެރިކަން ބަދަލުވުމާއި، މޭޖަރ ހިއްސާދާރަކަށް ވުން
(ހ) އެއްވެސް ފަރާތަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް، ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ މޭޖަރ ހިއްސާދާރަކަށް ނުވަތަ ހަގީގީ ވެރިފަރާތަކަށް ވާނެ ފަދަ މިންވަރަކަށް ހިއްސާ ހޯދުމަށް ގަސްތުކުރާނަމަ، އެފަދަ ހިއްސާއެއް ހޯދުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ. އެއްވެސް ފަރާތަކުން އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ހިއްސާ ހޯދާކަމަށް ބެލެވޭނީ،ރަސްމީ ނުވަތަ ނުރަސްމީ އެއްބަސްވުމެއްގެ ދަށުން އެ ފަރާތްތައް ގުޅިގެން ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ ވޯޓުދިނުމުގެ ބާރު ހޯދުމަށް މަސައްކަތްކުރާކަމަށް އޮތޯރިޓީއަށް ގަބޫލު ކުރެވޭނަމައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ހުށަހަޅާއިރު، ތިރީގައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.
- މޭޖަރ ހިއްސާދާރަކަށްވުމަށް ހުށަހަޅާ ފަރާތުގެ އަދި އެ ފަރާތުގެ ހިއްސާގެ ހަގީގީ ވެރިފަރާތަކީ އެހެން ފަރާތެއްނަމަ އެ ފަރާތެއްގެ ނަމާއި، ގައުމީ ނިސްބަތާއި، ދާއިމީ އެޑްރެހާއި، އަދާކުރާ ވަޒީފާ ނުވަތަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާއި، އެ ފަރާތެއްގެ މާލީ ހާލަތު އަންގައިދޭ މާލީ ހިސާބުތަކާއި، އޮތޯރިޓީން ކަނޑައަޅާ އެ ފަރާތަކާ ބެހޭ އެހެނިހެން މައުލޫމާތު؛ މިގޮތުން ހުށަހަޅާ މާލީ ހިސާބުތައް ހުންނަންވާނީ އޮޑިޓް ކޮށްފައި ކަމަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.
- މޭޖަރ ހިއްސާދާރަކަށް ވުމަށް ހުށަހަޅާ ފަރާތަކީ ގާނޫނީ ށަހުސެއްނަމަ، އެ ގާނޫނީ ށަހުސުގެ އަދި އެ ފަރާތުގެ ހަގީގީ ވެރިފަރާތްތަކާބެހޭ މި މާއްދާގެ (ށ) ގެ (1) ނަންބަރުގައިވާ މައުލޫމާތު، އަދި ގާނޫނީ ށަހުސުގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް؛ މިގޮތުން ހުށަހަޅާ ގާނޫނީ ށަހުސެއްގެ މާލީ ހިސާބުތަކުން ވެސް އެ ގާނޫނީ ށަހުސެއްގެ މާލީ ހާލަތު ވަކިން އެނގެން އޮތުމުގެ އިތުރުން އެ ށަހުސެއް ހިމެނޭ ގްރޫޕުގެ (ކޮންސޮލިޑޭޓަޑް) މާލީ ހާލަތު ވެސް ދައްކުވައިދޭން ވާނެއެވެ.
- މޭޖަރ ހިއްސާދާރަކަށް ވުމަށް ހުށަހަޅާ ކޮންމެ ފަރުދެއްވެސް އަދި ގާނޫނީ ށަހުސެއްގެ ހަގީގީ ވެރިފަރާތެއް ވެސް، އެ ފަރާތެއްގެ މައްޗަށް އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައި ނުވާނަމަ، ނުވަތަ އިފްލާސްކުރެވިފައިވާ ނުވަތަ އިފްލާސްކުރުމަށް ހުށަހަޅައިފައިވާ ކުންފުންޏެއްގެ ބޯޑު މެންބަރެއް ނުވަތަ ސީނިއަރ މެނޭޖްމަންޓް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާނަމަ، އެ ކަމެއް ބަޔާންކޮށް، ހަގީގަތްކަމަށް ބުނެ ސޮއިކޮށްފައިވާ ބަޔާނަކާއި، ޕޮލިސް ކްލިއަރެންސް ރިކޯޑެއް.
- މޭޖަރ ހިއްސާދާރަކަށް ވުމަށް ހުށަހަޅާ ހިއްސާދާރާއި، ހަގީގީ ވެރިފަރާތްތަކުގެ މަސްލަހަތެއްވާ ހުރިހާ އިދާރާތަކުގެ ލިސްޓަކާއި، އެ އިދާރާތައް ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި މަސްލަހަތު ހިމެނޭ މިންވަރު؛
- ހިއްސާ ހޯދުމުގައި ވެވޭނެ އެއްބަސްވުންތަކާއި، ށަރުތުތަކާއި، އެ ހިއްސާ ހޯދުމަށް ގަސްތުކުރާ ގޮތް؛
- ހޯދުމަށް ގަސްތުކުރާ ހިއްސާ ގަތުމަށް ނުވަތަ ހޯދުމަށް ބޭނުންވާ ފައިސާގެ އަދަދާއި، އެ ފައިސާ ހޯދާނެ ގޮތް؛
- ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ ވިޔަފާރިއަށް، އޮނިގަނޑަށް، ނުވަތަ މެނޭޖްމަންޓަށް މުހިންމު ބަދަލެއް ގެންނަން ގަސްތުކުރާނަމަ، އެ ބަދަލެއްގެ ތަފުސީލު؛ އަދި
- އޮތޯރިޓީން އަންގާ އެހެނިހެން މައުލޫމާތު.
(ނ) ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ އެއްވެސް މޭޖަރ ހިއްސާދާރެއް، ސީދާކޮށް ނުވަތަ ނުސީދާކޮށް ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް، އެ ކުންފުނީގެ ރައުސްމާލުގެ ނުވަތަ ވޯޓުދިނުމުގެ ބާރު ލިބިދޭ ހިއްސާގެ %20 (ވިހި އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވެގެންދާނެ، ނުވަތަ %33 (ތެއްތިރީސް އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވެގެންދާނެ، ނުވަތަ %50 (ފަންސާސް އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރުވެގެންދާނެ މިންވަރަކަށް ހިއްސާ އިތުރުކުރުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ. މިގޮތަށް ހުއްދައަށް އެދުމުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުރިހާ މައުލޫމާތު ނުވަތަ އެ މައުލޫމާތުތަކުގެ ތެރެއިން ބައެއް މައުލޫމާތު ހުށަހެޅުމަށް އޮތޯރިޓީން އެ ފަރާތަށް އެންގިދާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ނ) ގައިވާ ފަދައިން އެއްވެސް ފަރާތަކުން ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ ހިއްސާ ހޯދުމަށް ގަސްތުކުރާކަން އެ ފަރާތަށް އެނގުމުން،އެކަން ލަސްނުކޮށް އޮތޯރިޓީއަށް އަންގަންވާނެއެވެ.
29 ވަނަ މާއްދާ - ވިޔަފާރިއާއި ހިންގުމަށް ބަދަލުގެނައުން
ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ގޮތަށާއި އެ ފަރާތުގެ ސިސްޓަމްތަކަށް ބޮޑު ބަދަލެއް ގެންނަ ނަމަ، އެ ބަދަލެއް ގެނައުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ. ބޮޑު ބަދަލުގެ ތެރޭގައި، އަންނަނިވި ކަންކަން ހަމައެކަނި މިކަންކަމަށް ހުދޫދުނުވާގޮތެއްގެ މަތީން ހިމެނޭނެއެވެ.
(ހ) ޕޭމަންޓް ހިދުމަތްދޭ ފަރާތާއި އެ ފަރާތުގެ ކަސްޓަމަރުންގެ މައްޗަށް ހިނގާ ށަރުތުތަކާއި ހަމަތަކަށް ބޮޑު ބަދަލެއް ގެނައުން؛
(ށ) އެ ފަރާތުން ބޭނުންކުރާ ޓެކްނޮލޮޖިކަލް ޕްލެޓްފޯމްތަކަށް ބަދަލެއް ގެނައުން؛ އަދި
(ނ) އިންފޮމޭށަން ސެކިއުރިޓީ ގާއިމުކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ބަދަލެއް ގެނައުން.
30 ވަނަ މާއްދާ - އޮތޯރިޓީއަށް އަންގަންޖެހޭ ކަންކަން
އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، ޕޭމަންޓް ހިދުމަތްދޭ ކޮންމެ ފަރާތަކުން ވެސް، ވީ އެންމެ އަވަހަކަށް އޮތޯރިޓީއަށް އަންގަންވާނެއެވެ.
(ހ) އެ ފަރާތާ ދެކޮޅަށް މަދަނީ ނުވަތަ ޖިނާއި މައްސަލައެއް، ދިވެހިރާއްޖޭގެ ކޯޓަކަށް
ނުވަތަ އެހެންވެސް ކޯޓަކަށް ހުށަހެޅުން.
(ށ) އެ ކަމެއްގެ ސަބަބުން އެ ފަރާތުގެ ހިންގުމަށް ހުރަސް އެޅިފައިވާ ނުވަތަ ހިންގުން ކުރިއަށްގެންދިޔުމަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމެއް؛
(ނ) އެ ފަރާތް ސޮލްވަންޓް ނުވުން ނުވަތަ ސޮލްވަންޓް ނުވުމާ ގާތްވުން، ނުވަތަ މާލީ އިލްތިޒާމެއް، ނުވަތަ ގާނޫނީ އިލްތިޒާމެއް ނުވަތަ އެއްބަސްވުމެއްގެ ސަބަބުން އަދާކުރަންޖެހޭ އިލްތިޒާމެއް ނުވަތަ އެހެންވެސް އިލްތިޒާމެއް އަދާނުކުރެވުން؛
(ރ) އެ ފަރާތުގެ މައްޗަށް އޮތޯރިޓީ ނޫން އެހެން ރެގިއުލޭޓަރީ އިދާރާއަކުން، އެއީ ދިވެހިރާއްޖޭގެ ނުވަތަ އެހެން ތަނެއްގެ ރެގިއުލޭޓަރީ އިދާރާއަކަށް ވީނަމަވެސް އެ ތަނަކުން، އެއްވެސް އިސްލާހީ ފިޔަވަޅެއް އެޅުން ނުވަތަ ސުލޫކީ ފިޔަވަޅެއް އެޅުން؛
(ބ) އެ ފަރާތުގެ އަބުރަށް ނޭދެވޭ ބޮޑު އަސަރެއް ކުރުވައިފާނެ އެއްވެސް ކަމެއް މެދުވެރިވުން؛ އަދި
(ޅ) އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ކަންކަން.
31 ވަނަ މާއްދާ - އޭޖެންޓުން އައްޔަނުކުރުން
(ހ) ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އޭޖެންޓެއް ނުވަތަ އޭޖެންޓުން މެދުވެރިކޮށް ޕޭމަންޓް ހިދުމަތްދޭން ބޭނުންވެއްޖެނަމަ، ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އޮތޯރިޓީގެ ހުއްދަ ލިބުމަށްފަހު، ވަކިވަކި އޭޖެންޓުން އައްޔަނުކުރުމަށް އޮތޯރިޓީގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.
(ށ) ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އޭޖެންޓެއް އައްޔަނުކުރާތާ މަސައްކަތު 5) ފަހެއް) ދުވަހުގެ ތެރޭގައި، އައްޔަނުކުރި އޭޖެންޓުގެ ތަފުސީލުތައް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ނ) ޕޭމަންޓް ހިދުމަތްދޭ ފަރާތުން އޭޖެންޓެއް ވަކިކޮށްފިނަމަ ނުވަތަ އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހުއްޓައިލައިފިނަމަ، ވަކި ކުރި ނުވަތަ ހުއްޓައިލި ތާރީހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެކަން އޮތޯރިޓީއަށް އަންގަންވާނެއެވެ.
(ރ) ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ކޮންމެ އޭޖެންޓެއް އައްޔަނުކުރަންވާނީ، އެ އައްޔަނުކުރާ އޭޖެންޓަކާއެކު ލިޔުމުން އެއްބަސްވުމެއް ހެދުމަށްފަހުގައެވެ. އަދި އެ އެއްބަސްވުމުގައި ދެ ފަރާތުގެ ހައްގުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރަންވާނެއެވެ.
(ބ) ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ދިނުމުގައި އަންނަނިވި ކަންކަމަށް އަމަލުކުރަންވާނެއެވެ.
- އޭޖެންޓުން އައްޔަނުކުރުމުގެ ހަރުދަނާ ސިޔާސަތުތަކާއި އިޖުރާއަތުތައް ގާއިމުކޮށް، އެއަށް އަމަލުކުރުމާއި، އޭޖެންޓުން އައްޔަނުކުރުމުގައި ފުރިހަމަކުރަންޖެހޭ ޑިއުޑިލިޖެންސް ފުރިހަމަކުރުމާއި، އޭޖެންޓުންނާބެހޭ ފުރިހަމަ މައުލޫމާތުތައް ބެހެއްޓުން؛
- އޭޖެންޓުންނަށް އެކަށީގެންވާ ތަމްރީނު ދިނުން؛
- އޭޖެންޓުން އަމަލުކުރަންޖެހޭ ކަންކަމަށް އެ ފަރާތްތައް އަހުލުވެރިކުރުވައި،
އެ ކަންކަމަށް ފުރިހަމައަށް އަމަލުކުރޭތޯ ބެލުމަށް އެކަށީގެންވާ ނިޒާމުތައް ގާއިމުކުރުން؛ އަދި - އޭޖެންޓުން މެދުވެރިކޮށް ހިދުމަތްދިނުމުގައި ކުރިމަތިވެދާނެ ރިސްކްތައް ކުޑަކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުން. އެފަދަ ރިސްކްތަކުގެ ތެރޭގައި، އޮޕަރޭށަނަލް ރިސްކާއި، ލިކުއިޑިޓީ ރިސްކާއި، ރެޕިއުޓޭށަނަލް ރިސްކާއި، ކަސްޓަމަރުންގެ އަތުން ނަގައިފައިވާ ފައިސާގެ ރައްކާތެރިކަމާ ގުޅޭގޮތުން ކުރިމަތިވެދާނެ ރިސްކް ހިމެނެއެވެ.
(ޅ) އެ ފަރާތެއްގެ ހުރިހާ އޭޖެންޓުންގެ މައުލޫމާތު ހިމެނޭގޮތުން ރަޖިސްޓަރީއެއް ގާއިމުކޮށް، އެ ރަޖިސްޓަރީ އާންމުކުރަންވާނެއެވެ. އަދި އޭޖެންޓުން ބަދަލުވެއްޖެނަމަ،އެންމެ ލަސްވެގެން ވެސް، އެ ބަދަލެއް އަންނަދުވަހަށްފަހު، ޖެހިގެން އަންނަ ފުރަތަމަ މަސައްކަތު ދުވަހުގެ ތެރޭގައި އެ ރަޖިސްޓަރީ އަޕްޑޭޓްކުރަންވާނެއެވެ.
32 ވަނަ މާއްދާ - ރިކޯޑުތައް ބެހެއްޓުން
(ހ) ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، އެ ފަރާތްތަކުން ހިންގާ ވިޔަފާރީގެ ކަންކަން ހަރުދަނާ ގޮތެއްގައި ބެހެއްޓުމަށް އެކަށީގެންވާ ފޮތްތަކާއި ހިސާބުތަކާއި ރިކޯޑުތަކާއި ލިޔެކިޔުންތައް ބަހައްޓަންވާނެއެވެ.
(ށ) ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، ޕޭމަންޓް ހިދުމަތް ދިނުމުގެ ވިޔަފާރީގެ އިތުރުން، އެހެން މާލީ ވިޔަފާރިއެއް ކުރާނަމަ، ޕޭމަންޓް ހިދުމަތް ދިނުމުގެ ވިޔަފާރީގެ ހިސާބުތަކާއި ރިކޯޑުތައް ވަކިން ބަހައްޓަންވާނެއެވެ.
(ނ) އޮތޯރިޓީން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ވިޔަފާރީގެ ކަންކަމާ ގުޅޭ މާލީ ހިސާބުތަކާއި ރިކޯޑުތަކާއި ލިޔެކިޔުންތައް ބަހައްޓަންވާނީ ފަސޭހައިން އެކްސެސްވެވޭ ގޮތަށް، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ އެ ފަރާތުގެ ވިޔަފާރި ހިންގާ ތަނުގައެވެ. އަދި އެފަދަ މާލީ ހިސާބުތަކާއި ރިކޯޑުތަކާއި ލިޔެކިޔުންތައް ހުންނަންވާނީ ދިވެހިބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ.
(ރ) ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، މި ގަވާއިދުގެ ހަތަރުވަނަ ށެޑިއުލްގައި ބަޔާންކޮށްފައިވާ ރިކޯޑުތަކާއި ލިޔެކިޔުންތައް، މަދުވެގެން، އެ ތަކެތި ބެހެއްޓުމަށް އެ ށެޑިއުލްގައި ބަޔާންކޮށްފައިވާ މުއްދަތަށް ބަހައްޓަންވާނެއެވެ.
(ބ) ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގައި، މި ގަވާއިދުގެ ހަތަރުވަނަ ށެޑިއުލްގައި ބަޔާންކޮށްފައިވާ ރިކޯޑެއް ނެތް ނަމަވެސް، އެ ރިކޯޑެއްގައި ހުންނާނެ މައުލޫމާތު ހިމެނޭ އެފަދަ އެހެން ރިކޯޑެއް ހުރިނަމަ، އެ ރިކޯޑެއް، އެންމެ މަދުވެގެން، ފުރަތަމަ ބުނެވުނު ރިކޯޑު ބެހެއްޓުމަށް ށެޑިއުލްގައި ބަޔާންކޮށްފައިވާ މުއްދަތަށް ބަހައްޓަންވާނެއެވެ.
(ޅ) ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ރިކޯޑެއް، ނުވަތަ ކޯޓެއްގައި އެ މައްސަލައެއް ހިނގުން އެކަށީގެންވާކަމަށް ޕޭމަންޓް ހިދުމަތްދޭ ފަރާތަށް ގަ ބޫލު ކުރެވެންވާނެ ފަދަ ސަބަބުތަކެއް ހުރި އެއްވެސް މައްސަލައަކާ ގުޅޭ ރިކޯޑެއް، ނުވަތަ ތަހުގީގު ކުރަމުންދާ ޖިނާއީ މައްސަލައަކާ ގުޅޭ ގޮތުން ތަހުގީގީ އިދާރާއަކުން ބޭނުންވެދާނެކަމަށް ޕޭމަންޓް ހިދުމަތްދޭ ފަރާތަށް ގަބޫލު ކުރެވެންވާނެ ފަދަ ރިކޯޑެއް ނަމަ، މި ގަވާއިދުގެ ހަތަރުވަނަ ށެޑިއުލްގައިވާ މުއްދަތުގެ އިތުރުންވެސް އެ ރިކޯޑެއްގެ ބޭނުން ދެން ނުޖެހޭނެކަމަށް ޕޭމަންޓް ހިދުމަތްދޭ ފަރާތަށް ގަބޫލު ކުރެވެންދެން އެ ރިކޯޑެއް ބަހައްޓަންވާނެއެވެ.
(ކ) ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، ހުރިހާ ރިކޯޑުތަކާއި ލިޔެކިޔުންތައް، ދިވެހިރާއްޖޭގެ އެހެން ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް ބަހައްޓަންވާނެއެވެ. ރިކޯޑެއް ބެހެއްޓުމަށް މި ގަވާއިދުގެ ހަތަރުވަނަ ށެޑިއުލްގައި ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް އެ ރިކޯޑެއް ބެހެއްޓުމަށް އެހެން ގާނޫނެއްގައި ކަނޑައަޅައިފައިވާނަމަ، އެ ރިކޯޑެއް އެ ގާނޫނުއެއްގައި ބަޔާންކޮށްފައިވާ މުއްދަތަށް ބަހައްޓަންވާނެއެވެ.
(އ) ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން އެކައުންޓިންގ އުސޫލުތައް ބޭނުންކުރަންވާނީ، ފުރިހަމަ އެކްރުއަލް އެކައުންޓިންގ ހިމެނޭގޮތަށް ބައިނަލްއަގްވާމީ އެކައުންޓިންގ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ބޭނުންކުރާނެ އެކައުންޓިންގ އުސޫލުތަކާ ގުޅޭ ގޮތުން އޮތޯރިޓީން ހާއްސަ ގޮތްތަކެއް ކަނޑައަޅައިފައިވާނަމަ،އެފަދަ ގޮތްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
33 ވަނަ މާއްދާ - ސިސްޓަމް އޮޑިޓް
ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ވެސް، އޮތޯރިޓީން އެހެން މުއްދަތެއް ކަނޑައަޅައިފައިނުވާ ހިނދަކު، މަދުވެގެން ކޮންމެ 2 (ދޭއް) އަހަރަކުން އެއްފަހަރު، އެ ފަރާތުން ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތް ދިނުމަށް ބޭނުންކުރާ ޓެކްނޮލޮޖިކަލް ޕްލެޓްފޯމްތަކުގެ ސެކިއުރިޓީ އޮޑިޓްއެއް ހަދަންވާނެއެވެ. އަދި، އެންމެ ލަސްވެގެން ވެސް، އެ އޮޑިޓް ހަދަންޖެހޭ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، އެ އޮޑިޓް ރިޕޯޓުގެ ކޮޕީއެއް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި އޮޑިޓް ރިޕޯޓާއެކު، ޕޭމަންޓް ހިދުމަތްދޭ ފަރާތަށް އޮޑިޓަރުން ސިޓީއެއް ފޮނުވައިފައިވާނަމަ، އެ ސިޓީގެ ކޮޕީއެއް ވެސް އޮޑިޓް ރިޕޯޓާއެކު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
34 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާއިރު ހުރި ޕޭމަންޓް ހިދުމަތްދޭ ފަރާތްތައް
މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް މި ގަވާއިދަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.
35 ވަނަ މާއްދާ - އިދާރީ ފިޔަވަޅުތައް
ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ނުވަތަ އެ ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ނުވަތަ އެ ފަރާތުގެ ނިންމުންތައް ނިންމާ އެހެންވެސް ފަރާތަކުން ނުވަތަ މުވައްޒަފަކު، ނުވަތަ އެއްވެސް ފަރާތަކުން މި ގަވާއިދާ ހިލާފުވެއްޖެކަމަށް އޮތޯރިޓީއަށް ޔަގީންކުރެވިއްޖެނަމަ، ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ލިބިފައިހުރިނަމަ، ގާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެ ފަރާތަކާމެދު އޮތޯރިޓީއަށް އެޅިދާނެއެވެ.
އެއްވަނަ ށެޑިއުލް
ޕޭމަންޓް ހިދުމަތްތަކުގެ މާނަކުރުން
1 ޕޭމަންޓް ހިދުމަތްތަކުގެ މާނަކުރުން ތިރީގައި މި ވަނީއެވެ.
(ހ) "ނޫޓާއި ފައިސާފޮތި ޖަމާކުރުމުގެ އަދި ނެގުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް އެކައުންޓަކަށް ނޫޓާއި ފައިސާފޮތި ޖަމާކުރުމާއި، ޕޭމަންޓް އެކައުންޓަކުން ނޫޓާއި ފައިސާ ނެގުމުގެ ހިދުމަތަށެވެ.
(ށ) "ޕޭމަންޓް މުއާމަލާތެއް ތަންފީޒުކޮށްދިނުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރުގެ ޕޭމަންޓް އެކައުންޓް އޮތް ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތުގައި ނުވަތަ އެހެން ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގައި އޮތް ޕޭމަންޓް އެކައުންޓަކުން ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށްދިނުމުގެ ހިދުމަތަށެވެ.
(ނ) "ޕޭމަންޓް އިންސްޓްރުމަންޓްތައް އިށޫކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް މުއާމަލާތްތައް ހެދުމަށް ޓަކައި އެއްވެސް ފަރާތަކަށް ޕޭމަންޓް އިންސްޓްރުމަންޓެއް އިށޫކުރުމުގެ ހިދުމަތަށެވެ.
(ރ) "ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އެ ހިދުމަތްދޭ ފަރާތާއި ޕޭއީއަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޕޭއީއަށް ދޭ އެ ހިދުމަތުގެ ނަތީޖާއަކީ ޕޭމަންޓް މުއާމަލާތްތަކާ ގުޅިގެން ޕޭއީއަށް ފައިސާ ޓްރާންސްފަރވެގެންދިޔުން ކަމުގައިވާ، ޕޭމަންޓް މުއާމަލާތްތައް ބަލައިގަތުމާއި ޕްރޮސެސްކޮށްދިނުމުގެ ކޮންމެހިދުމަތަކަށެވެ. މީގެ ތެރޭގައި، ޕޮއިންޓް އޮފް ސޭލް ޓަރމިނަލްއާއި އޮންލައިން ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތް ވެސް ހިމެނެއެވެ.
(ބ) "ރެމިޓެންސްގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 66 ވަނަ މާއްދާގެ (ޏ) ގައި އެ ހިދުމަތަށް ދީފައިވާ މާނައިގައެވެ.
(ޅ) "އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރކޮށްދިނުމުގެ ހިދުމަތަށެވެ.
(ކ) "ޕޭމަންޓް އިނީށިއޭށަން ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތެއްގައި އޮތް ޕޭމަންޓް އެކައުންޓަކާ ގުޅޭގޮތުން، ކަސްޓަމަރެއް އެދިގެން ޕޭމަންޓް އިންސްޓްރަކްށަނެއް އިނީށިއޭޓްކުރުމަށް ފޯރުކޮށްދޭ އޮންލައިން ހިދުމަތަކަށެވެ.
(އ) "އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް ހިދުމަތްދޭ އެހެން ފަރާތެއްގައި ނުވަތަ ޕޭމަންޓް އެކައުންޓް ހިދުމަތްދޭ އެއް ފަރާތަކަށްވުރެ ގިނަ ފަރާތްތަކުގައި، ކަސްޓަމަރުގެ ނަމުގައިވާ އެއް ޕޭމަންޓް އެކައުންޓް ނުވަތަ އެއް އެކައުންޓަށްވުރެ ގިނަ ޕޭމަންޓް އެކައުންޓްގެ މައުލޫމާތު ކޮންސޮލިޑޭޓްކޮށް ފޯރުކޮށްދޭ އޮންލައިން ހިދުމަތަކަށެވެ.
(ވ) "އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް މަނީ އިށޫކޮށް، ޑިސްޓްރިބިއުޓްކޮށް އަދި ރިޑީމްކުރުމުގެ ހިދުމަތަށެވެ. މީގެ ތެރޭގައި، އިލެކްޓްރޯނިކް މަނީ މެދުވެރިކޮށް ދެވޭ ހުރިހާ ހިދުމަތްތަކާއި، އެ ހިދުމަތް ދިނުމުގެ ހިންގުމާ ގުޅޭ ހުރިހާ ކަންކަން ހިމެނޭނެއެވެ.
2. މި ށެޑިއުލްގެ 1 ވަނަ ނަންބަރުގައި އެހެން އޮތްކަމުގައި ވިޔަސް، ތިރީގައި ބަޔާންކޮށްފައިވާ ހިދުމަތްތައް، އެ ނަންބަރުގައި ބަޔާންކޮށްފައިވާ އެއްވެސް ހިދުމަތެއްގެ ގޮތުގައެއް ނުބެލެވޭނެއެވެ.
(ހ) ޕޭމަންޓް ސިސްޓަމެއްގައި ނުވަތަ ސެކިއުރިޓީސް ސެޓްލްމަންޓް ސިސްޓަމެއްގައި، ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ސެޓްލްމަންޓް އޭޖެންޓްތަކާއި ސެންޓްރަލް ކައުންޓަރ ޕާޓީތަކާއި ކްލިއަރިންގ ހައުސްތަކާއި ސެންޓްރަލް ބޭންކުތަކާއި އެ ސިސްޓަމެއްގެ އެހެން ބައިވެރިންތައް، މިއިން ފަރާތްތަކެއްގެ މެދުގައި ހިންގާ ޕޭމަންޓް މުއާމަލާތެއް ތަންފީޒުކުރުމުގެ ހިދުމަތް؛ އަދި
(ށ) ޕޭމަންޓް ހިދުމަތް ދިނުމަށް ސަޕޯޓްކޮށްދޭ، ޓެކްނިކަލް ހިދުމަތް ދޭ ފަރާތްތަކުން، ޓްރާންސްފަރ ކުރަންޖެހޭ ފައިސާ އެއްވެސް ވަގުތެއްގައި އެ ފަރާތުގެ އަތުގެވެރިކަމަށް ނުލިބޭގޮތަށް ދޭ އެއްވެސް ހިދުމަތެއް. މީގެ ތެރޭގައި ޕޭމަންޓް އިނީށިއޭށަން ހިދުމަތާއި އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތެއް ނުހިމެނޭއެވެ. އެހެންނަމަވެސް، މީގެ ތެރޭގައި، ތިރީގައިވާ ހިދުމަތްތައް ހިމެނޭނެއެވެ.
- ޑޭޓާ ޕްރޮސެސްކުރުމާއި ރައްކާކު ރުމުގެ ހިދުމަތް؛
- އިންފޮމޭށަން ޓެކްނޮލޮޖީ ސެކިއުރިޓީއާއި، ޓްރަސްޓް ނުވަތަ ޕްރައިވެސީ ޕްރޮޓެކްށަންގެ ހިދުމަތް؛
- ޑޭޓާއާއި އިދާރާގެ ސައްހަކަން ޔަ ގީންކޮށްދިނުމުގެ ހިދުމަތް؛
- އިންފޮމޭށަން ޓެކްނޮލޮޖީގެ ހިދުމަތް؛
- ކޮމިއުނިކޭށަން ނެޓްވާރކް ފޯރުކޮށްދިނުމުގެ ހިދުމަތް؛ އަދި އެއްވެސް ޕޭމަންޓް ހިދުމަތެއް ދިނުމުގައި ބޭނުންކުރާ އެއްވެސް ޑިވައިސްއެއް ނުވަތަ ޓަރމިނަލްއެއް ފޯރުކޮށްދިނުމުގެ ހިދުމަތާއި، މަރާމާތުކޮށްދިނުމުގެ ހިދުމަތް.
ދެވަނަ ށެޑިއުލް
މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލް
(1) ޕޭމަންޓް ހިދުމަތްދޭ ފަރާތަށް ލިބިފައިވާ ލައިސަންސްގެ ދަށުން ހުއްދަކުރަނީ ތިރީގައި ބަޔާންކޮށްފައިވާ ހިދުމަތްތަކުގެ ތެރެއިން އެއް ހިދުމަތް ދިނުމަށް ކަމަށް ވާނަމަ، އެ ހިދުމަތަކާ ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ އަ ދަދަށް ވުރެ މަދު ނޫން އަދަދެއް، މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ ގޮތުގައި ބަހައްޓަންވާނެއެވެ.
ލައިސަންސް ލިބިފައިވާ ހިދުމަތް | އަދަދު (ރުފިޔާއިން) | |
1. | ޕޭޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތް | 200،00 |
2. | ރެެމިޓެންސްގެ ހިދުމަތް | 200،00 |
3. | ޕޭމަންޓް އިނީށިއޭށަން ހިދުމަތް | 100،00 |
4. | އެެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތް | 100،00 |
5. | އިިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް | 500،000 |
(2) މި ށެޑިއުލްގެ 1 ވަނަ ނަންބަރުގައިވާ ބަޔާންކޮށްފައިވާ ހިދުމަތްތަކުގެ ތެރެއިން އެއް ހިދުމަތަށް ވުރެ ގިނަ ހިދުމަތްތައް ދިނުމަށް، ޕޭމަންޓް ހިދުމަތްދޭ ފަރާތަށް ލިބިފައިވާ ލައިސަންސްގެ ދަށުން ހުއްދަކުރާނަމަ، އެ ފަރާތަކުން މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ ގޮތުގައި ބަހައްޓަންޖެހޭނީ، އެ ހިދުމަތްތަކާ ގުޅޭގޮތުން 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެވެ.
ތިންވަނަ ށެޑިއުލް
ސެކިއުރިޓީ ޑިޕޮސިޓް
(1) މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓަންޖެހޭ އަދަދު، ތިރީގައި މިވަނީއެވެ.
ލައިސަންސް ލިބިފައިވާ ހިދުމަތް | އަދަދު (ރުފިޔާއިން) |
ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތް | 100،000 |
ރެމިޓެންސްގެ ހިދުމަތް | 100،000 |
އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް | 250،000 |
ހަތަރުވަނަ ށެޑިއުލް
ރިކޯޑު ބަހައްޓަންޖެހޭ މުއްދަތުތައް
(1) މި ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން ރިކޯޑު ބަހައްޓަންޖެހޭ މުއްދަތުތައް، ތިރީގައި މި ވަނީއެވެ.
ރިކޯޑު | މުއްދަތު | |
1. | އަހަރީ އޮޑިޓް ރިޕޯޓްތަކާއި، މާލީ ހިސާބުތައް | ދާއިމީކޮށް |
2. | އެ އިދާރާގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދު | ދާއިމީކޮށް |
3. | ޑިރެކްޓަރުންގެ ބޯޑުންނާއި ޑިރެކްޓަރުންގެ ބޯޑުގެ ކޮމިޓީތަކުން ނިންމާ ނިންމުންތަކާއި، ދާއިމީކޮށް ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތަކާއި، ޑިރެކްޓަރުންގެ ބޯޑުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް | ދާއިމީކޮށް |
4. | ހިއްސާދާރުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް | ދާއިމީކޮށް |
5. | މުވައްޒަފުންގެ ރިކޯޑު (މުވައްޒަފުންނަށް ރިފަރެންސް ސިޓީ ދެވޭނެ މިންވަރަށް ބޭނުންވާ ދާއިމީކޮށް ރިކޯޑުތައް) | ދާއިމީކޮށް |
6. | ދިވެހިރާއްޖޭގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ޕޭމަންޓް ނެޓްވާރކްތަކާއެކު ގާއިމުކޮށްފައިވާ ދާއިމީކޮށް އިންތިޒާމްތަކާބެހޭ ރިކޯޑުތައް |
ދާއިމީކޮށް |
7. | ޓްރާންސެކްށަން ވައުޗަރތައް (މީގެ ތެރޭގައި، ޓްރާންސެކްށަން ހެދުމަށް ކަސްޓަމަރު 7 އަހަރު އެދުނު ރިކޯޑު ހިމެނޭނެއެވެ.) | 7 އަހަރު |
8. | އިލެކްޓްރޯނިކް މަނީ އެކައުންޓްތައް ހިމެނޭގޮތުން ޕޭމަންޓް އެކައުންޓްތަކުން ކޮށްފައިވާ މުއާމަލާތްތަކުގެ ރިކޯޑްތައް | ކަސްޓަމަރަކާއެކު އޮންނަ ވިޔަފާރީގެ ގުޅުން ނިމޭ ތާރީހަށް ފަހު 7 އަހަރު |
9. | ޕޭމަންޓް އިނީށިއޭޓްކުރުމަށް ކަސްޓަމަރު ދީފައިވާ ހުއްދައިގެ ރިކޯޑް އަދި ޕޭމަންޓް އެކައުންޓަކަށް އެކްސެސް ދިނުމަށް ކަސްޓަމަރު ދީފައިވާ ހުއްދައިގެ ރިކޯޑް | 7 އަހަރު |
10. | ކުރިމަތިވާ މައްސަލަތަކާގުޅޭ މައުލޫމާތު | އެެ މައްސަލައެއް ނިމުނު އިރުން ފެށިގެން 7 އަހަރު |
11. | ކަސްޓޯޑިއަން އެކައުންޓްތަކުގެ ބޭންކު ސްޓޭޓްމަންޓްތައް އަދި ކަސްޓޯޑިއަން އެކައުންޓްތަކުގެ ރިކޮންސިލިއޭށަން ރިޕޯޓްތައް | 7 އަހަރު |
12. | އޭޖެންސީ އެއްބަސްވުން | އޭޖެންސީ އެއްބަސްވުން އުވައިލާ ތާރީހަށް ފަހު 5 އަހަރު |
13. | އެ އިދާރާގެ ރަސްމީ ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް | 5 އަހަރު |
14. | ކަސްޓަމަރުން ހުށަހަޅާ ށަކުވާތަކާއި މައްސަލަތަކުގެ ރިކޯޑް އަދި ށަކުވާތަކާއި މައްސަލަތައް ނިންމި ގޮތާއި އެއާ ގުޅިގެން އެޅުނު ފިޔަވަޅުތަކުގެ ރިކޯޑް | މައްސަލަ ނިންމުނު ތާރީހަށްފަހު 5 އަހަރު |
15. | ކަސްޓަމަރުންގެ ފައިލްތައް، މީގެ ތެރޭގައި ކަސްޓަމަރުންނަކީ ކާކުކަން ދެނެގަތުމަށް ހޯދާފައިވާ ލިޔެކިޔުންތަކާއި މުއާމަލާތެއްގެ ހަގީގީ ވެރިފަރާތްތަކާބެހޭ ރިކޯޑް | ކަސްޓަމަރަކާއެކު އޮންނަ ވިޔަފާރީގެ ގުޅުން ނިމޭ ތާރީހަށް ފަހު 5 އަހަރު |
16. | އެ އިދާރާއިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެދި ހުށަހަޅާފައިވާ އެޕްލިކޭށަންތައް | ކަސްޓަމަރަކާއެކު އޮންނަ ވިޔަފާރީގެ ގުޅުން ނިމޭ ތާރީހަށް ފަހު 5 އަހަރު |
17. | އިންޓަރނަލް އޮޑިޓް ރިޕޯޓްތައް | އަހަރު، މި މުއްދަތުގެ ތެރޭގައި އިންޓަރނަލް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމެއް ރަނގަޅު ކޮށްފައިނުވާނަމަ، އެ ކަމެއް ރަނގަޅުކޮށް ނިމެންދެން. |
18. | ކޮންމެ އަހަރެއްގެ ބިޒްނަސް ޕްލޭން އާއި ބަޖެޓް | 5 އަހަރު |
19. | ޕްރޮކިއުމަންޓްގެ ލިޔެކިޔުންތައް | ކޮންޓްރެކްޓް ނިމޭ ތާރީހަށް ފަހު 5 އަހަރު |
20. | ބިޑްކުރުމުގެ ލިޔެކިޔުންތައް | 5 އަހަރު |
21. | އާންމު ކޮންޓްރެކްޓްތައް | ކޮންޓްރެކްޓް އުވައިލާ ތާރީހަށް ފަހު 5 އަހަރު |
22. | ހިންގުމާބެހޭ އެކި އެކި ރެޖިސްޓްރީތައް | 5 އަހަރު |
23. | މުވައްޒަފުންގެ ފައިލްތައް | މުވައްޒަފެއް ވަކިވާ ތާރީހަފަހު 5 އަހަރު |
24. | މުވައްޒަފުން ވަޒީފާއަށް އެދި ހުށަހެޅި އެޕްލިކޭށަންތައް | ވަޒީފާއަށް ނުހޮވޭ ފަރާތްތަކުގެ އެޕްލިކޭށަން 6 މަސްދުވަހަށް؛ ވަޒީފާއަށް ހޮވުނު ފަރާތްތަކުގެ އެޕްލިކޭށަން ދާއިމީކޮށް |
25. | ސިސްޓަމް ޖާނަލްތަކާއި "އެންޑް-އޮފް-ޑޭ" ރިޕޯޓްތައް، މީގެ ތެރޭގައި އައިޓަމް ޕޯސްޓިންގް ރިޕޯޓްތައް ހިމެނޭނެއެވެ. | އެ އަހަރެއްގެ އިންޓަރނަލް އޮޑިޓް އަދި އެކްސްޓަރނަލް އޮޑިޓް ނިމެންދެން |
26. | މަތީގައި ބަޔާންކޮށްފައިނުވާ އެހެން ހުރިހާ ލިޔެކިޔުންތައް | 3 އަހަރު |
ކިޔުންތެރިންގެ ހިޔާލު