ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު (ގާނޫނު ނަންބަރު 2021-08) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2025-14)
(މި ގާނޫނަށް އަމަލުކުރަން ފެށީ 28 އޮގަސްޓު 2025 ގައި)
ގާނޫނު ނަންބަރު 2021-08 (ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އޮތޯރިޓީން ސިސްޓަމްތައް ހިންގުމުގައާއި ޕޭމަންޓް ހިދުމަތްތައް ދިނުމުގައި ބައިވެރިވުން 15.
(ހ) އޮތޯރިޓީއަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.
- ސިސްޓަމްތަކުގެ މިލްކުވެރި ފަރާތަކަށްވުން، ނުވަތަ ސިސްޓަމްތައް ގާއިމުކުރުން، ނުވަތަ ސިސްޓަމްތައް ހިންގުން، ނުވަތަސިސްޓަމްތަކުގެ މިލްކުވެރިކަމުގައާއި ހިންގުމުގައި ބައިވެރިވުން؛
- ސިސްޓަމަކަށް ނުވަތަ ސިސްޓަމަކުން ހަދާ ޓްރާންސްފަރތަކުގެ ކްލިއަރިންގ އަދި ސެޓްލްމަންޓް ހެދުމަށްޓަކައި އޮޕަރޭޓަރުންނަށާއި ބައިވެރިންނަށް އެކައުންޓް ހުޅުވައިދިނުމާއި ބެހެއްޓުން؛
- އޮޕަރޭޓަރުންނާއި ބައިވެރިންގެ ކޮލެޓަރަލް ބެހެއްޓުން؛
- އެކަށީގެންވާ ކޮލެޓަރަލްއެއް ނެގުމަށްފަހު ބައިވެރިންނަށް އިންޓްރާޑޭ ލިކުއިޑިޓީ ފޯރުކޮށްދިނުން.
(ށ) ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ހިދުމަތެއް ދިނުމަށްޓަކައި، ނުވަތަ ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއެރުވުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި، ހިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ޖޮއިންޓް ވެންޗަރއެއް އޮތޯރިޓީއަށް އުފެއްދިދާނެއެވެ. ނުވަތަ އެފަދައިން އުފައްދާފައިވާ ކުންފުންޏެއްގެ ނުވަތަ ޖޮއިންޓް ވެންޗަރއެއްގެ ހިއްސާދާރަކަށް ނުވަތަ ޕާޓްނަރށިޕެއްގެ ބައިވެރިއަކަށް އޮތޯރިޓީއަށް ވެވިދާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ބޭންކުތަކާއި، އެ މާއްދާގެ (ޅ) ގެ ދަށުން އޮތޯރިޓީން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އިސްތިސްނާކޮށްފައިވާ ހަރަކާތެއް ހިންގާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން، މި ގާނޫނުގެ ދަށުން އޮތޯރިޓީން އެކަމަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މެނުވީ، ދިވެހިރާއްޖޭގައި ޕޭމަންޓް ހިދުމަތެއް ދީގެންނުވާނެއެވެ. އަދި މި ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސިސްޓަމްތައް ހިންގާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން، މި ގާނޫނުގެ ދަށުން އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން މެނުވީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ސިސްޓަމެއް ހިންގައިގެންނުވާނެއެވެ. އަދި ލައިސަންސް ނުވަތަ ހުއްދަނެތެ، އެފަދަ ހިދުމަތެއް ދޭކަމަށް ނުވަތަ ހަރަކާތެއް ހިންގާކަމަށް ދައްކައިގެންނުވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ޕޭމަންޓް ހިދުމަތް ސޮލިސިޓްކުރުން 1-50.
(ހ) ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކާއި، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ބޭންކުތަކާއި، އެ މާއްދާގެ (ޅ) ގެ ދަށުން މި ގާނޫނުގައި ބަޔާންކުރާ ލައިސަންސް ނުވަތަ ހުއްދަ ހޯދަންޖެހުމުން އޮތޯރިޓީން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އިސްތިސްނާކޮށްފައިވާ ހަރަކާތެއް ހިންގާ ފަރާތެއް ފިޔަވައި އެހެން އެއްވެސް ފަރާތަކުން، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ތަނެއްގައި، އެ ފަރާތެއް އަމިއްލައަށް ނުވަތަ ދިވެހިރާއްޖޭގައިވާ ނުވަތަ އެހެން ތަނެއްގައިވާ ފަރާތެއް މެދުވެރިކޮށްނަމަވެސް ސޮލިސިޓްކޮށްގެން ނުވާނެއެވެ.
(ށ) ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކާއި، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ބޭންކުތަކާއި، އެ މާއްދާގެ (ޅ) ގެ ދަށުން މި ގާނޫނުގައި ބަޔާންކުރާ ލައިސަންސް ނުވަތަ ހުއްދަ ހޯދަންޖެހުމުން އޮތޯރިޓީން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އިސްތިސްނާކޮށްފައިވާ ހަރަކާތެއް ހިންގާ ފަރާތްތައްވެސް ހިމެނޭގޮތުން، ދިވެހިރާއްޖޭގައި ހުރި އެއްވެސް ފަރާތަކުން، ދިވެހިރާއްޖެއިން ބޭރުގެ ފަރާތެއްގެ ފަރާތުން ސޮލިސިޓްކޮށްގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖެއިން ބޭރުގެ ފަރާތަކީ ޕޭމަންޓް ހިދުމަތްދޭ ފަރާތެއް ނުވަތަ މި ގާނޫނުގެ 18 ވަނަ މާއްދާގެ
(ރ) ގައި ބަޔާންކުރާ ބޭންކެއް ނުވަތަ އެ މާއްދާގެ (ޅ) ގެ ދަށުން މި ގާނޫނުގައި ބަޔާންކުރާ ލައިސަންސް ނުވަތަ ހުއްދަ ހޯދަންޖެހުމުން އޮތޯރިޓީން އިސްތިސްނާކޮށްފައިވާ ފަރާތެއް ނުވަތަ އިސްތިސްނާކޮށްފައިވާ ހަރަކާތެއް ހިންގާ ފަރާތެއްނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަނާކުރުމުން އިސްތިސްނާވާނެއެވެ.
(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއާއި 10,000,000 )ދިހަ މިލިއަން( ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ ބޭނުމަށްޓަކައި "ސޮލިސިޓްކުރުން" ކަމަށް ބުނެފައި އެވަނ،ީ ދިވެހިރާއްޖޭގެ އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށްނަމަވެސް، ޕޭމަންޓް ހިދުމަތެއް ދިނުމަށް ހުށަހެޅުން ނުވަތަ ޕޭމަންޓް ހިދުމަތެއް ދިނުމުގެ ހުށަހެޅުމެއް ހިމެނޭ އިށްތިހާރެއް ކުރުން ނުވަތަ ޕޭމަންޓް ހިދުމަތެއް ދިނުމާ ގުޅޭގޮތުން އެއްބަސްވުމެއް ހެދުމަށް ހުށަހެޅުން ނުވަތަ އެފަދަ އެއްބަސްވުމެއް ހެދުމަށް ދައުވަތު ދިނުން ނުވަތަ އެފަދަ ހުށަހެޅުމެއް ނުވަތަ ދައުވަތެއް ހިމެނޭ އިށްތިހާރެއް ކުރުމަށެވެ. އެ ޕޭމަންޓް ހިދުމަތަކީ ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ތަނެއްގައިވާ ހިދުމަތެއް ކަމުގައިވީ ނަމަވެސް، ސޮލިސިޓްކުރުމުގެ މާނައިގައި ހިމެނޭނެއެވެ.
(ޅ) މި މާއްދާގެ ބޭނުމަށްޓަކައި، ޕޭމަންޓް ހިދުމަތެއް ސޮލިސިޓްކުރުން ކަމުގައި ބެލެވޭނެ ވަކިވަކި ކަންކަން ކަނޑައެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މިގޮތުން އޮތޯރިޓީން ޕޭމަންޓް ހިދުމަތެއް ސޮލިސިޓްކުރުން ކަމުގައި ބެލެވޭނެ ވަކިވަކި ކަންކަން ކަނޑައަޅައިފިނަމަ، އެކަންކަން އާންމުކުރަންވާނެއެވެ.
4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނ،ީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު (ގާނޫނު ނަންބަރު 2021-08)
ކޮންސޮލިޑޭޓެޑް ގާނޫނު
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-08)
ކިޔުންތެރިންގެ ހިޔާލު