ޒަކާތުގެ ގާނޫނު
(ގާނޫނު ނަންބަރު 2025-27)
(މި ގާނޫނަށް އަމަލުކުރަން ފެށީ 1 ޖަނަވަރީ 2026 ގައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތަޢާރުފާއި ނަން
(ހ) މިއީ، އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެމަތިން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި، ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
(ށ) މި ޤާނޫނަށް ކިޔާނީ، "ޒަކާތުގެ ޤާނޫނު" އެވެ.
2 ވަނަ މާއްދާ – މަގުސަދު
މި ޤާނޫނުގެ މަޤްޞަދަކީ އަންނަނިވި ކަންކަން ޙާޞިލުކުރުމެވެ.
(ހ) އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެމަތިން ޒަކާތުގެ ކަންކަމާގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުން؛
(ށ) މި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުން؛
(ނ) ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން
ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގެމަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާގުޅޭ ޢާންމު އުސޫލުތައް ކަނޑައެޅުން؛
(ރ) ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށާއި އެ ފައިސާއިން އިތުރު މަންފާ ހޯދުމަށްޓަކައި ޒަކާތުގެ ފަންޑެއް އުފައްދައި، ފަންޑު ހިންގުމުގެ އުސޫލުތައް ބަޔާންކުރުން.
3 ވަނަ މާއްދާ - ޒަކާތުގެ ބާވަތްތައް
މި ޤާނޫނުގެ ދަށުން ނެގޭނީ އަންނަނިވި ބާވަތްތަކުގެ ޒަކާތެވެ.
(ހ) މުދަލު ޒަކާތް؛
(ށ) ފިތުރު ޒަކާތް.
ދެވަނަ ބާބު
ޤާނޫނު ހިންގުން
4 ވަނަ މާއްދާ - ޒަކާތާބެހޭ ސިޔާސަތު ކަނޑައެޅުމާއި ޤާނޫނު ހިންގުން
(ހ) ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭގޮތުން، ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ޤައުމީ ސިޔާސަތު ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު މި ޤާނޫނުގެ ދަށުން ޙަވާލުކުރެވިފައިވާ ފަރާތްތަކުން އެ ސިޔާސަތު ތަންފީޛުކުރުމުގައި ކުރަންޖެހޭ ކަންކަން ހަރުދަނާ ގޮތެއްގައި ކުރަމުންދޭތޯ ބަލައި، މި ޤާނޫނު ތަންފީޛުކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ މިނިސްޓަރެވެ.
5 ވަނަ މާއްދާ - މިނިސްޓަރުގެ މަސްއޫލިއްޔަތުތައް
މި ޤާނޫނު ހިންގައި ތަންފީޛުކުރުމުގެ ގޮތުން އަންނަނިވި ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިނިސްޓަރު އަދާކުރަންވާނެއެވެ.
(ހ) މި ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ސިޔާސަތުތައް ޢާންމުކޮށް، އެ ސިޔާސަތުތަކާ ގުޅޭގޮތުން މި ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ޢާންމު އިރުޝާދާއި ލަފާ ދިނުން؛
(ށ) ޒަކާތް ނެގުމާއި، ބެހުމަށްޓަކައި ހަމަޖައްސަންޖެހޭ ވަސީލަތްތަކާއި އިންތިޒާމުތައް ހަމަޖައްސައި ހަރުދަނާ ގޮތެއްގައި ޤާނޫނު ތަންފީޛުވަމުންދާކަން ކަށަވަރުކުރުން؛
(ނ) ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގައި ހިމެނޭ އިންސާނީ، ފަންނީ އަދި އިދާރީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބިނާކޮށް ކުރިއެރުވުމާގުޅޭ ޕްލޭންތައް އެކުލަވާލައި، އެ ޕްލޭންތައް ތަންފީޛުވަމުންދާކަން ކަށަވަރުކުރުން؛
(ރ) ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭގޮތުން މި ޤާނޫނު ތަންފީޛުކުރާ ފަރާތްތަކާއި، ދައުލަތުގެ އެހެނިހެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުން؛
(ބ) ޒަކާތް ޝަރުޢުކުރުމުގެ ޙިކުމަތާއި ޒަކާތް ދެއްކުމުގެ މުހިންމުކަމާއި ބޭނުންތެރިކަމާ ގުޅޭގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ޢާންމުން ހޭލުންތެރިކުރުވުމާގުޅޭ ޕްލޭންތައް އެކުލަވާލައި، އެ ޕްލޭންތައް ތަންފީޛުވަމުންދާކަން ކަށަވަރުކުރުން؛
6 ވަނަ މާއްދާ - ޒަކާތު ކައުންސިލް
(ހ) ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، "ޒަކާތު ކައުންސިލް" ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ.
(ށ) ޒަކާތު ކައުންސިލް އެކުލެވިގެންވަނީ، އަންނަނިވި 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.
- މިނިސްޓަރު،
- ޑިރެކްޓަރ ޖެނެރަލް،
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ 1 (އެކެއް) މެންބަރު،
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ 1 (އެކެއް) މެންބަރު،
- މާލިއްޔަތާބެހޭ ވުޒާރާގެ އިސް މުވައްޒަފުންގެ ތެރެއިން އެ ވުޒާރާއިން ކަނޑައަޅާ 1 (އެކެއް) މެންބަރު،
- އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ 1 (އެކެއް) މެންބަރު،
- މިނިސްޓްރީގެ އިސް މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 (އެކެއް) މެންބަރު،
- ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ 2 (ދޭއް) މެންބަރު،
(ނ) މި މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރުން ކައުންސިލަށް ޢައްޔަންކުރާނީ، ޢާންމުކޮށް އިޢުލާންކުރުމުން، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިންނެވެ.
(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތައް ފިޔަވައި، ކައުންސިލުގެ މެންބަރުންގެ ދައުރަކީ، 5 (ފަހެއް) އަހަރުދުވަހެވެ. އެހެންނަމަވެސް މެންބަރުންގެ ފުރަތަމަ ދައުރު ހަމަވުމުން، އިތުރު އެއް ދައުރަށް އެ މެންބަރުން ކައުންސިލަށް ޢައްޔަންކުރެވިދާނެއެވެ.
(ބ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތައް ކައުންސިލްގައި ހިމެނޭނީ މަޤާމުގެ ހައިސިއްޔަތުން ކަމުގައިވާތީ، އެ ފަރާތްތައް ކައުންސިލުގެ މެންބަރުންގެ ގޮތުގައި ދެމިތިބޭނީ އެ ފަރާތްތައް ކައުންސިލުގައި ހިމެނޭ މަޤާމުގައި ދެމިތިބިހާ ހިނދަކުއެވެ. އެ ފަރާތްތައް އެ މަޤާމުން ވަކިވެއްޖެނަމަ ކައުންސިލުގެ މެންބަރުކަމުން ވަކިވާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތައް ފިޔަވައި ކައުންސިލުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކުރެވޭ ފަރާތްތަކަކީ، ޒަކާތުގެ ޚިދުމަތްދޭ ވިޔަފާރިއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއްގައި މަޞްލަޙަތެއް އޮތް ފަރާތެއް ކަމުގައިވެގެން ނުވާނެއެވެ.
(ކ) ޒަކާތު ކައުންސިލުގެ ރިޔާސަތު ބަލަހައްޓާނީ މަޤާމުގެ ހައިސިއްޔަތުން މިނިސްޓަރެވެ.
(އ) ޒަކާތު ކައުންސިލުގެ މެންބަރުންނަށް ލިބިދެވޭ ޢިނާޔަތް ކަނޑައަޅާނީ، ޤާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން މާލިއްޔަތާބެހޭ ވުޒާރާއިންނެވެ.
7 ވަނަ މާޢްދާ - ކައުންސިލުގެ މެންބަރުންގެ ޝަރުތުތައް
މަޤާމުގެ ހައިސިއްޔަތުން ޒަކާތު ކައުންސިލަށް ޢައްޔަންކުރެވޭ މެންބަރުން ފިޔަވައި ކައުންސިލުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކުރެވޭ ފަރާތްތަކަކީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
(ހ) އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން ނުވަތަ މެކްރޯއިކޮނޮމިކްސް ނުވަތަ ފިސްކަލް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން އެކަށީގެންވާ ތަޢުލީމު ޙާޞިލުކޮށްފައިވާ މީހަކު ކަމުގައިވުން.
(ށ) ކަމާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
8 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުން އިސްތިޢުފާދިނުމާއި މެންބަރުކަމުން ވަކިކުރުން
(ހ) ޒަކާތު ކައުންސިލުގެ މެންބަރަކު އޭނާގެ މަޤާމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އޭނާ އެ މަޤާމުން ވަކިވީއެވެ.
(ށ) ޒަކާތު ކައުންސިލުގެ މެންބަރަކު، އެ މަޤާމާ އެކަށީގެންނުވާފަދަ ޢަމަލެއް ކުރިކަމަށް ނުވަތަ އެ މަޤާމު އަދާކުރުމަށް ޢުޛުރުވެރިވެއްޖެކަމަށް ނުވަތަ މަޤާމު އަދާކުރުމުގެ ޤާބިލުކަން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމަ، އޭނާ އެ މަޤާމުން ވަކިކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
9 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކާއި ކައުންސިލް ހިންގުމުގެ އުސޫލު
(ހ) ކޮންމެ މީލާދީ އަހަރެއްގައި، މަދުވެގެން 6 (ހައެއް) ފަހަރު ޒަކާތު ކައުންސިލުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ށ) ޒަކާތު ކައުންސިލުގެ ބައްދަލުވުމެއް ބޭއްވޭނީ، އެ ކައުންސިލުގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
(ނ) މި ޤާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޒަކާތު ކައުންސިލުގެ ނިންމުންތައް ފާސްކުރާނީ، އެ ކައުންސިލުގެ ބައްދަލުވުމަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
(ރ) ޒަކާތު ކައުންސިލް ހިންގުމާގުޅޭ އުސޫލުތަކާއި އިޖުރާއަތް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ބ) ޒަކާތު ކައުންސިލުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ ޒަކާތު ހައުސްއިންނެވެ.
10 ވަނަ މާއްދާ - ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
ޒަކާތު ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތުގެމަތިން މި ޤާނޫނު ހިންގައި ތަންފީޛުކުރުމުގެ ކަންކަމުގައި މިނިސްޓަރަށް ލަފާ ދިނުން.
(ށ) މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ޒަކާތު ހައުސްއަށް ލަފާ ދިނުން؛
(ނ) މި ޤާނޫނާ އެއްގޮތަށް ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ އެންމެހައި ކަންކަން ކުރެވެމުންދާކަން ކަށަވަރުކުރުން؛
(ރ) ޒަކާތާގުޅޭ ކަންކަމުގައި ޝަރުޢީ ގޮތުން ލަފައެއް ހޯދަން ކައުންސިލަށް ފެންނަ ކަންކަމުގައި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ލަފާ ހޯދުން؛
(ބ) ޒަކާތުގެ ކަންކަން ކުރިއަރުވައި ތަރައްޤީކުރެވޭނެ ގޮތްތައް ދިރާސާކުރުމާއި އެފަދަ ދިރާސާތަކުގެ އަލީގައި ޒަކާތުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާމެދު މިނިސްޓަރަށް ލަފާ ދިނުން؛
(ޅ) ޒަކާތު ފަންޑުން ފައިސާ ހޭދަކުރާނެ ދާއިރާތަކާއި އެ ދާއިރާތަކަށް ހޭދަކުރާނެ ފައިސާގެ މިންވަރުތަކާ ގުޅޭގޮތުން ޒަކާތު ހައުސްއަށް ލަފާ ދިނުން؛
(ކ) ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ އިދާރީ ހިންގުން ހަރުދަނާކޮށް ޑިރެކްޓަރ ޖެނެރަލް ޖަވާބުދާރީކުރުވުން؛
(އ) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ޒަކާތު ކައުންސިލުން އަދާކުރަންޖެހޭ އެނޫންވެސް އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
11 ވަނަ މާޢްދާ - މޯލްޑިވްސް ޒަކާތު ހައުސް
(ހ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޒަކާތު ހައުސް ހިނގަމުންދާނީ މިނިސްޓްރީގެ ދަށުންނެވެ. އަދި ޒަކާތު ހައުސްއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.
(ނ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސްގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި އެ އިދާރާގައި ބޭނުންކުރަމުންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އިދާރާއަށް އެކަށައަޅައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ޤާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އިދާރާއަށް ލިބިދޭ ޙައްޤުތަކާއި މަންފާތައް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޒަކާތު ހައުސް އުފެދުމާއެކު، އެ އިދާރާއަށް ބަދަލުވީއެވެ.
(ރ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސްގެ މުވައްޒަފުން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޒަކާތު ހައުސް އުފެދުމާއެކު އެ އިދާރާގެ މުވައްޒަފުން ކަމުގައި ހަމަޖެހުނީއެވެ.
12 ވަނަ މާޢްދާ - ޒަކާތު ހައުސްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް
މި ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި އަންނަނިވި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ޒަކާތު ހައުސްއާ ޙަވާލުކުރެވިގެންވެއެވެ.
(ހ) ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާގުޅޭ އެންމެހައި އިދާރީ ކަންކަން ރާވައި، ހިންގައި ބެލެހެއްޓުން؛
(ށ) ޒަކާތުގެ ބެހެނިވެރިންގެ ދަފުތަރުތައް އެކުލަވާލައި، އަދާހަމަކޮށް، ބެލެހެއްޓުން؛
(ނ) ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
(ރ) ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި، ޒަކާތް ދެއްކޭނެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުން؛
(ބ) ޒަކާތް ދައްކަންޖެހޭ ފަރާތްތަކުން، ޒަކާތް ދައްކަންޖެހޭ މިންވަރު ހިސާބުކުރަނީ، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން؛
(ޅ) ޒަކާތު ފަންޑުން ފައިސާ ހޭދަކުރާނެ ދާއިރާތަކާއި އެ ދާއިރާތަކަށް ހޭދަކުރާނެ ފައިސާގެ މިންވަރުތައް ކަނޑައެޅުން؛
(ކ) ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ އޭގެ ޙައްޤުވެރިންނަށް ބެހުމުގެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުން؛
(އ) ޒަކާތް ޝަރުޢުކުރުމުގެ ޙިކުމަތާއި ޒަކާތް ދެއްކުމުގެ މުހިންމުކަމާއި ބޭނުންތެރިކަމާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުން؛
(ވ) ޒަކާތު ފަންޑު ހިންގައި ބަލަހައްޓައި، އެ ފަންޑު ކުރިއެރުވުމަށް މަސައްކަތްކުރުން؛
(މ) މި ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އިސްލާމީ ޝަރީޢާ ހުއްދަކުރާ މިންގަނޑުގެ ތެރެއިން ޒަކާތު ފަންޑުގެ ފައިސާއިން އިންވެސްޓްކޮށް އިންވެސްޓްމަންޓްތައް މެނޭޖްކުރުން؛
(ފ) ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުމާ ގުޅޭގޮތުން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން؛
(ދ) މި ޤާނޫނުގެ ދަށުން އުފައްދާ ޒަކާތު ކައުންސިލާއި ކޮމިޓީތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ ކައުންސިލާއި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން؛
(ތ) ޒަކާތާގުޅޭ ތަފާތު މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުން؛
(ލ) ޒަކާތުގެ ތަފާސްހިސާބުތައް ބަލަހައްޓައި ރެކޯޑުކުރުން؛
(ގ) ޒަކާތް ނެގުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް ކަނޑައަޅައި، ޢާންމުކުރުން؛
(ޏ) ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭގޮތުން މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން؛
(ސ) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ޒަކާތު ހައުސްއިން އަދާކުރަންޖެހޭ އެނޫންވެސް އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
13 ވަނަ މާޢްދާ - ޑިރެކްޓަރ ޖެނެރަލް
(ހ) ޒަކާތު ހައުސް ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ފަރާތަކީ ޑިރެކްޓަރ ޖެނެރަލެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިރެކްޓަރ ޖެނެރަލް މަސައްކަތްކުރާނީ މި ޤާނޫނުގެ ދަށުން ކަނޑައަޅާ ޒަކާތާބެހޭ ޤައުމީ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި، މިނިސްޓަރުގެ ލަފައާއި އިރުޝާދުގެ ދަށުންނެވެ.
(ނ) ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ، އެކަމަށް ކުރިމަތިލުމަށް ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު، އެ ފަރާތްތަކުގެ ޤާބިލުކަމާއި، ތަޢުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ޒަކާތު ކައުންސިލުންނެވެ.
(ރ) ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
- އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން؛
- ޒަކާތާބެހޭ މަސައްކަތުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ޙާޞިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން.
(ބ) ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުމާ ގުޅޭގޮތުން ޒަކާތު ހައުސްއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އަދި ކަމާ ގުޅޭގޮތުން ޒަކާތު ހައުސްއިން ނިންމާ އެންމެހައި ނިންމުންތަކާ ގުޅޭގޮތުން، ޑިރެކްޓަރ ޖެނެރަލް މިނިސްޓަރަށާއި ޒަކާތު ކައުންސިލަށް ޖަވާބުދާރީވާންވާނެއެވެ.
(ޅ) ޑިރެކްޓަރ ޖެނެރަލްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ، ޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ ދަށުން، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި، ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، މާލިއްޔަތާބެހޭ ވުޒާރާއިންނެވެ.
14 ވަނަ މާޢްދާ - ޒަކާތު ހައުސްގެ މުވައްޒަފުން
(ހ) ޒަކާތު ހައުސްގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުންގެ މައްޗަށް ހިނގާނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކެވެ.
(ށ) މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ޒަކާތު ހައުސްގެ ފަންނީ އަދި އިދާރީ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށް، އެ މުވައްޒަފުންގެ މަޤާމުގެ ޝަރުޠުތަކާއި އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ ޢަދަދު ބަޔާންކުރާ މުވައްޒަފުންގެ އިދާރީ އޮނިގަނޑެއް، މިނިސްޓްރީގެ ލަފާގެމަތިން ޒަކާތު ހައުސްއިން އެކުލަވާލައި، ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ޒަކާތު ހައުސްއިން އެކުލަވާލާ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން، ޒަކާތު ހައުސްއަށް ބޭނުންވާ މުވައްޒަފުން ޢައްޔަންކޮށް ވަކިކުރާނީ، ސިވިލް ސަރވިސް ކޮމިޝަނުންނެވެ.
15 ވަނަ މާޢްދާ - މަޞްލަޙަތު ފުށުއަރާ ކަންކަމުން އެއްކިބާވުމާއި ސުލޫކީ ހަމަތައް
(ހ) ޑިރެކްޓަރ ޖެނެރަލް އަދި ޒަކާތު ހައުސްގެ މުވައްޒަފުން މި ޤާނޫނު ތަންފީޛުކުރުމުގެ ގޮތުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި ޢަމަލުކުރަންވާނީ، ވަކި ފަރާތަކަށް ބުރަނުވެ ނުފޫޒުން އެއްކިބާވެ ތިބެއެވެ.
(ށ) ޑިރެކްޓަރ ޖެނެރަލްގެ ނުވަތަ ޒަކާތު ހައުސްގެ އެއްވެސް މުވައްޒަފެއްގެ އަމިއްލަ މަޞްލަޙަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއް ކަމާބެހޭ ފަރާތަކުން ބަލާނަމަ ނުވަތަ އެފަދަ ކަމެއްގައި ގޮތެއް ނިންމާނަމަ، އެކަމެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ ފަރާތެއް ބައިވެރިވެގެން ނުވާނެއެވެ. އަދި އެއީ، އެފަދަ މަޞްލަޙަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއްކަން ކުރިން އެނގިފައި ނެތްނަމަވެސް، އެކަން އެނގުމާއެކު، އެކަމެއް ބެލުމުން ނުވަތަ އެކަމާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން އެ ފަރާތަކުން ތަނާޒުލުވާންވާނެއެވެ.
(ނ) ޑިރެކްޓަރ ޖެނެރަލް ނުވަތަ ޒަކާތު ހައުސްގެ އެއްވެސް މުވައްޒަފަކު، މި ޤާނޫނުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގައި، ވަކި ފަރާތަކަށް ބުރަވެވިދާނެފަދަ ގޮތެއްގައި އެއްވެސް ބާވަތެއްގެ ހަދިޔާއެއް ނުވަތަ މަންފާއެއް ލިބޭފަދަ ކަމެއް، އޭނާގެ އަމިއްލަ ނަމުގައި، ނުވަތަ އޭނާއާ ޢާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް ފަރާތެއްގެ ނަމުގައި، ޤަބޫލުކޮށްގެން ނުވާނެއެވެ.
(ރ) ޑިރެކްޓަރ ޖެނެރަލް އަދި ޒަކާތު ހައުސްގެ މުވައްޒަފުންނަށް މަޤާމުގެ ހައިސިއްޔަތުން ލިބޭ މަޢުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މަޢުލޫމާތެވެ. އެފަދަ މަޢުލޫމާތެއް، ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
16 ވަނަ މާޢްދާ - ޒަކާތު ހައުސްގެ ބަޖެޓު
(ހ) ޒަކާތު ހައުސްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުގައި ހިމަނައި، ދައުލަތުގެ މާލިއްޔާއިން ޒަކާތު ހައުސްއަށް ދޫކުރަންވާނެއެވެ.
(ށ) ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ކަންކަން ތަންފީޛުކުރުމަށްޓަކައި، އިސްލާމީ ޝަރީޢާ ހުއްދަކުރާ މިންގަނޑުގެ ތެރެއިން، ޒަކާތު ހައުސްއިން ކަނޑައަޅާ ގޮތެއްގެމަތިން އަދި ޒަކާތު ހައުސްއިން ކަނޑައަޅާ މިންވަރަކަށް، ޒަކާތު ފަންޑުން ޚަރަދުކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
(ނ) ޒަކާތު ހައުސްގެ އެންމެހައި ހިސާބުތަކާއި މާލީ ލިޔެކިޔުންތައް ބަލަހައްޓަންވާނީ، ޤާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
17 ވަނަ މާޢްދާ - ލޯކަލް ކައުންސިލުތަކުގެ ދައުރު
(ހ) މި ޤާނޫނުގެ ދަށުން ޒަކާތު ހައުސްގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކަނޑައެޅޭ ވަކި މަސްއޫލިއްޔަތުތަކެއް ކައުންސިލުތަކުގެ ފެންވަރުގައި ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލޯކަލް ކައުންސިލުތަކާ ޙަވާލުކުރެވިދާނެއެވެ.
(ށ) ޒަކާތު ހައުސްއިން ކައުންސިލުތަކާ އެއްވެސް މަސްއޫލިއްޔަތެއް ޙަވާލުކުރަންވާނީ އެ މަސްއޫލިއްޔަތު ތަންފީޛުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކައުންސިލެއްގައި ތަނަވަސްވެފައިވާކަން ކަށަވަރުކުރުމާ އެކުގައެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލުތަކާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތައް ޙަވާލުކުރަންވާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޒަކާތު ހައުސްއާއި އެ ކައުންސިލަކާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ރ) މި ޤާނޫނުގެ ދަށުން ކައުންސިލުތަކާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކުގެ ދާއިރާއާއި އެ މަސްއޫލިއްޔަތުތައް ތަންފީޛުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެގޮތާއި، ޒަކާތު ހައުސްއާއި ކައުންސިލުތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި، މަސައްކަތްތައް ވިލަރެސްކުރާނެ އުސޫލުތައް، މި މާއްދާގެ (ނ) ގެ ދަށުން ވެވޭ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.
18 ވަނަ މާޢްދާ - ލޯކަލް ކައުންސިލުތަކުގެ މަސްއޫލިއްޔަތުތައް
މި ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ:
(ހ) މި ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ޒަކާތު ހައުސްއިން ކަނޑައަޅާ ގޮތެއްގެމަތިން ކައުންސިލުގެ ފެންވަރުގައި ޒަކާތާގުޅޭ މަސްއޫލިއްޔަތުތައް ތަންފީޛުކުރުން؛
(ށ) އެ ކައުންސިލެއްގެ އިޚްތިޞާޞް ހިނގާ ދާއިރާގައި، ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި، ފައިސާ ބެހުމުގައި ޒަކާތު ހައުސްގެ ފަރާތުން ޙަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން؛
(ނ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ލާމަރުކަޒީ އުސޫލުން ތަންފީޛުކުރުމުގައި ޒަކާތު ހައުސްއަށް އެހީތެރިކަން ފޯރުކޮށްދިނުން؛
(ރ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކައުންސިލުތަކުން ކުރުމަށް ކަނޑައަޅާ އެންމެހައި ކަންކަން ކުރުން.
19 ވަނަ މާޢްދާ - ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ
(ހ) ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާގުޅޭ ކަންކަމުގައި މި ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ޝަރުޢީ ލަފައާއި އިރުޝާދު ދިނުމަށްޓަކައި، 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް ޢައްޔަންކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން، އެންމެ ދަށްވެގެން، ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ސަނަދެއް ޙާޞިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައި ވާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވާލަންވާނީ، ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެމަތިންނެވެ.
(ރ) މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައާއި މި ޤާނޫނުގެ ދަށުން ޒަކާތް ނެގުމާއި، ބެހުމާގުޅޭ ޝަރުޢީ އެންމެހައި ކަންކަމުގައި މި ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ލަފައާއި އިރުޝާދު ދޭނީ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީންނެވެ. އަދި، އެފަދަ ކަންކަމުގައި ގޮތެއް ނިންމައި، ތަންފީޛުކުރުމުގެ ކުރިން ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް އެކަމެއް ހުށަހަޅައި އެ ކޮމިޓީގެ ލަފާ އެ ފަރާތްތަކުން ހޯދަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީއަށް ޢައްޔަންކުރެވޭ ފަރާތްތަކުގެ ޝަރުޠުތަކާއި، ކޮމިޓީ އެކުލެވިގެންވާ ގޮތާއި،
ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި، ކޮމިޓީ ހިންގުމުގެ އުސޫލު ޒަކާތު ހައުސްއިން ހަދަންވާނެއެވެ.
(ޅ) ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންނަށް ލިބިދެވޭ ޢިނާޔަތް ކަނޑައަޅާނީ ޤާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ
ސިޔާސަތުގެ ޤާނޫނު) ގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، މާލިއްޔަތާބެހޭ ވުޒާރާއިންނެވެ.
ތިންވަނަ ބާބު
މުދަލު ޒަކާތް
20 ވަނަ މާޢްދާ - މުދަލު ޒަކާތް
(ހ) މި ޤާނޫނުގެ ދަށުން މުދަލު ޒަކާތް ދެއްކުން ލާޒިމުވުމުގެ ޝަރުޠުތައް ފުރިހަމަވާ ކޮންމެ ފަރާތަކުން، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ޒަކާތް ދެއްކުމަށް ރަޖިސްޓަރީކޮށް މުދަލު ޒަކާތް ދައުލަތަށް ދައްކަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މުދަލު ޒަކާތް ދެއްކުމަށް ރަޖިސްޓަރީކުރާ ފަރާތްތަކުން މުދަލު ޒަކާތް ދެއްކުމާގުޅޭ އެންމެހައި އުސޫލުތައް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
21 ވަނަ މާޢްދާ - މުދަލު ޒަކާތް ދައްކާ ފަރާތުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް
އަންނަނިވި ޝަރުޠުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު، މި ޤާނޫނުގައިވާ ގޮތުގެމަތިން ދައުލަތަށް މުދަލު ޒަކާތް ދައްކަންވާނެއެވެ.
(ހ) މުސްލިމަކު ކަމުގައިވުން؛
(ށ) މިނިވަނެއް ކަމުގައިވުން؛
(ނ) މުދަލު ޒަކާތް ދެއްކުން ލާޒިމުވާ މުދަލެއް ކަމުގައި މި ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ މުދަލެއްގެ ވެރިފަރާތް ކަމުގައިވުން.
22 ވަނަ މާޢްދާ - މުދަލު ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް
(ހ) އަންނަނިވި ޝަރުޠުތައް އެ މުދަލެއްގައި ފުރިހަމަވެއްޖެ ކޮންމެ މުދަލަކުން މުދަލު ޒަކާތް ދެއްކުން ލާޒިމުވާނެއެވެ.
- އެ މުދަލަކީ ޒަކާތް ދައްކާ ފަރާތުގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ މުދަލަކަށްވުން؛
- މި ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އެ މުދަލެއްގައި ޒަކާތުގެ ނިޞާބު ފުރިހަމަވެފައިވުން؛
- އެ މުދަލަކީ މި ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ޒަކާތް ދެއްކުން ލާޒިމު މުދަލަކަށްވުން؛
- މި ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އެ މުދަލެއްގައި ޒަކާތުގެ ނިޞާބު ހަމަވުމަށްފަހު މި ޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ޒަކާތް ލާޒިމުވުމުގެ މުއްދަތު ފުރިހަމަވެފައިވުން.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި ޙާލަތްތަކުގައި އެ މުދަލަކުން މުދަލު ޒަކާތް ދެއްކުން ލާޒިމުވެގެންނުވެއެވެ:
- އެ މުދަލަކުން އެ މުދަލުގެ މިލްކުވެރި ފަރާތަށް ފައިދާ ލިބިގަނެވެން ނެތުން؛
- އެ މުދަލަކުން އެ މުދަލުގެ މިލްކުވެރި ފަރާތަށް ހޭދަކުރުމުގެ ބާރު ލިބިފައި ނެތުން؛
- އެ މުދަލެއް ޒާތީ ނުވަތަ އަމިއްލަ ބޭނުމަކަށް ބޭނުންކުރެވެމުން ދިޔުން؛
- އެ މުދަލެއް ހަރުމުދަލުގެ ގޮތުގައި ބޭނުންކުރެވެމުން ދިޔުން.
23 ވަނަ މާއްދާ - ޒަކާތްދެއްކުން ލާޒިމު މުދާ
(ހ) މި ޤާނޫނުގެ ދަށުން މުދަލު ޒަކާތް ދެއްކުން ލާޒިމުވާނީ ހަމައެކަނި އަންނަނިވި ބާވަތްތަކުގެ މުދަލުންނެވެ.
- ރަން؛
- ރިހި؛
- ނަޤުދު ފައިސާ؛
- ވިޔަފާރި މުދާ؛
- ނަޢަމްސޫފި (ޖަމަލު، ގެރި، ބަކަރި)؛
- ދަނޑުވެރިކަމާއި، މޭވާ؛
- ރިކާޒާއި މަޢުދަން؛
- ޙިއްޞާއާއި، ޞުކޫކު؛
- ކަރުމުދާ؛
- އުޖޫރައާއި މުސާރަ؛
- ޒަކާތް ދެއްކުން ލާޒިމު މުދަލެއްގެ ގޮތުގައި ޒަކާތު ހައުސްއިން ކަނޑައަޅާ އެނޫންވެސް މުދާ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒަކާތް ދެއްކުން ލާޒިމު މުދަލުގެ ބާވަތްތަކުގެ ގޮތުގައި ބެލެވޭނެ ތަކެއްޗާއި، ކަމާގުޅޭ އެންމެހައި ތަފްސީލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
24 ވަނަ މާއްދާ - މުދަލު ޒަކާތް ދެއްކުން އިސްތިސްނާވާ މުދާ
(ހ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ބާވަތުގެ މުދާ މުދަލު ޒަކާތް ދެއްކުމުން އިސްތިސްނާވެގެންވެއެވެ.
- ދައުލަތާއި ސަރުކާރުގެ އިދާރާތަކުގެ މުދާ؛
- ޢާންމު މަންފާއަށް ޚާއްޞަކުރެވިފައިވާ އަދި ވަޤުފުކުރެވިފައި ހުންނަ މުދާ.
- ޚައިރާތު ފަންޑުތަކުގައި ހުންނަ މުދަލާއި ފައިސާ.
- މަދަނީ ޖަމްޢިއްޔާތަކުގެ މުދާ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒަކާތް ދެއްކުން އިސްތިސްނާވެގެންވާ މުދަލުގެ ބާވަތްތަކުގެ ގޮތުގައި ބެލެވޭނެ ތަކެއްޗާއި، ކަމާގުޅޭ އެންމެހައި ތަފްސީލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
25 ވަނަ މާއްދާ - މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުން
(ހ) މި ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލުގެ ތެރެއިން އެ މުދަލެއްގައި ނިޞާބު ހަމަވުމުން މެނުވީ މުދަލު ޒަކާތް ދެއްކުން ޝަރުޢީ ގޮތުން ލާޒިމުނޫން މުދަލުން މުދަލު ޒަކާތް ދައްކާނީ، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އެ މުދަލެއްގައި ނިޞާބު ހަމަވުމުންނެވެ.
(ށ) މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުމާއި، ނިޞާބު ހިސާބުކުރުމުގެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅާނީ ޒަކާތު ހައުސްއިންނެވެ.
(ރ) މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި މި މާއްދާގެ (ނ) ގެ ދަށުން ޒަކާތު ހައުސްއިން ކަނޑައަޅާ މިންވަރު ޢާންމުކުރަންވާނެއެވެ. އަދި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ނިޞާބު ހިސާބުކުރުމުގެ އުސޫލުތަކަށް ރިޢާޔަތްކޮށް ނިޞާބުގެ މިންވަރަށް އަންނަ ބަދަލުތައް އަދާހަމަކުރަމުން ގެންދަންވާނެއެވެ.
26 ވަނަ މާއްދާ - މުދަލު ޒަކާތް ލާޒިމުވުމުގެ މުއްދަތު.
(ހ) މި ޤާނޫނުގެ ދަށުން މުދަލު ޒަކާތް ދެއްކުން ލާޒިމުވާނީ، މި ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޒަކާތް ދައްކަންޖެހޭ މުދަލުގައި މި ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ޒަކާތުގެ ނިޞާބު ހަމަވާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ނުވަތަ އެ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވާ ތާރީޚުގައި އެ މުދަލުގައި ނިޞާބު ހަމަވެފައިވާނަމައެވެ.
(ށ) މި ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޒަކާތް ދައްކަންޖެހޭ ތަފާތު ބާވަތްތަކުގެ މުދަލުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނިޞާބުގެ މުއްދަތު ހަމަވޭތޯ ބެލުމުގައި މުއްދަތު ގުނުމުގެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
27 ވަނަ މާޢްދާ - މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު
(ހ) ނިޞާބު ހަމަވެފައިވާ މުދަލުން މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަށް، އިސްލާމީ ޝަރީޢާ ލާޒިމުކުރާ މިންވަރަށް ބިނާކޮށް މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ހިސާބުކޮށް ކަނޑައަޅާނީ، ޒަކާތް ދައްކާ ފަރާތުންނެވެ.
(ށ) މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ހިސާބުކުރުމުގައި ޒަކާތް ދައްކާ މުދަލުން އުނިކުރެވޭނެ މުދަލާއި ފައިސާގެ ބާވަތްތައް ހިމެނޭގޮތުން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ހިސާބުކުރުމާބެހޭ ތަފްސީލީ އުސޫލުތައް ޒަކާތު ހައުސްއިން ކަނޑައަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ހިސާބުކުރުމާބެހޭ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
28 ވަނަ މާޢްދާ - މުދަލު ޒަކާތުގެ ބެހެނިވެރިން
(ހ) މި ޤާނޫނުގެ ދަށުން މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަދި/ނުވަތަ މުދާ ބަހަންވާނީ ހަމައެކަނި އަންނަނިވި ފަރާތްތަކަށް އަދި/ނުވަތަ ބޭނުންތަކަށެވެ.
- ފަޤީރުން،
- މިސްކީނުން،
- ޢާމިލުން،
- މުއައްލަފަތުލްޤުލޫބު:
- ރިޤާބު (އަޅުން މިނިވަންކުރުން):
- ޣާރިމީން (ދަރަނިވެރިން):
- ފީ ސަބީލިﷲ:
- އިބްނުއްސަބީލް:
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބެހެނިވެރިން ނުވަތަ ބޭނުންތަކުގެ ތެރެއިން، އެ ފަރާތަކަށް، ނުވަތަ އެ ބޭނުމަކަށް މުދަލު ޒަކާތް ބެހުމުގައި ފުރިހަމަވާންޖެހޭ އަސާސީ ޝަރުޠުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ، އަދި/ނުވަތަ މުދާ ބަހާނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މުދަލު ޒަކާތުގެ ބެހެނިވެރިންގެ ގޮތުގައި ކަނޑައެޅޭ ފަރާތްތަކަށް ނުވަތަ ބޭނުންތަކަށެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، މުދަލު ޒަކާތުގެ ބެހެނިވެރިއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށްޓަކައި، ޢާންމުކޮށް ހުޅުވާލައި، އެފަދައިން ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ދަފުތަރެއް ޒަކާތު ހައުސްއިން ބަލަހައްޓަންވާނެއެވެ.
29 ވަނަ މާޢްދާ - މުދަލު ޒަކާތް ބެހުން.
މި ޤާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކަށާއި ބޭނުންތަކަށް އެއިން ކޮންމެ ބަޔަކަށް ނުވަތަ ބޭނުމަކަށް މުދަލު ޒަކާތުގެ ގޮތުގައި ބަހާނެ މިންވަރުތައް ކަނޑައަޅާނީ، ވަގުތެއްގައި އިސްކަންދޭން ޖެހިފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ޒަކާތު ހައުސްއިންނެވެ.
30 ވަނަ މާއްދާ - މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާ ޓެކުހުން އުނިކުރުން
މި ޤާނޫނުގެ ދަށުން މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާފައިވާ ފައިސާ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، އުނިކުރެވޭނެއެވެ.
31 ވަނަ މާޢްދާ - މުދަލު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ބަލައިގަތުން
(ހ) މި ޤާނޫނުގެ ދަށުން މުދަލު ޒަކާތް ދައްކަންޖެހޭ ފަރާތްތަކުން މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ދައްކާނީ ޒަކާތު ހައުސްއަށެވެ.
(ށ) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މުދަލު ޒަކާތް ދައުލަތަށް ދައްކަންވާނީ ފައިސާއިންނެވެ.
(ނ) މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ހައުސްއަށް ފައިސާ ދެއްކުމާއި، ފައިސާ ބަލައިގަތުމުގެ އިންތިޒާމު ޒަކާތު ހައުސްއިން ހަމަޖައްސައި، އެކަމަށްޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ޒަކާތު ހައުސްއިން ހަދަންވާނެއެވެ.
(ރ) މި ޤާނޫނުގެ ދަށުން މުދަލު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ޒަކާތު ހައުސްގެ ފަރާތުން ބަލައިގަތުމުގައި ޙަރަކާތްތެރިވާނެ މާލީ އިދާރާތައް ޢައްޔަންކުރުމުގެ އިޚްތިޔާރު ޒަކާތު ހައުސްއަށް ލިބިގެންވެއެވެ.
(ބ) މި ޤާނޫނުގެ ދަށުން މުދަލު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ޒަކާތު ހައުސްގެ ފަރާތުން ބަލައިގަތުމުގައި ޙަރަކާތްތެރިވާނެ މާލީ އިދާރާއެއް މި މާއްދާގެ (ރ) ގެ ދަށުން ޢައްޔަންކުރަންވާނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ޒަކާތު ހައުސްއާއި އެ އިދާރާއަކާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން މުދަލު ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގައި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ވަސީލަތްތައް ޒަކާތު ހައުސްއިން ހަމަޖައްސަންވާނެއެވެ.
32 ވަނަ މާއްދާ - ލާޒިމުވާ ޢަދަދަށްވުރެ އިތުރަށް މުދަލު ޒަކާތް ދެއްކިފައިވާނަމަ ޢަމަލުކުރާނެ ގޮތް
(ހ) މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ދެއްކިއިރ،ު އެ ދެއްކުނު ޢަދަދަކީ މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ލާޒިމުވެފައިވާ ޢަދަދަށްވުރެ އިތުރު ޢަދަދެއްކަމަށް ލިޔެކިޔުމުން ފާހަގަކުރެވިއްޖެނަމ،ަ ކަމާބެހޭ ހިސާބުތަކުގެ ތަފްޞީލާއެކު، ފައިސާ ދެއްކި ތާރީޚުން ފެށިގެން 60 )ފަސްދޮޅަސް( ދުވަހުގެ ތެރޭގައި އިތުރަށް ދެއްކުނު ފައިސާ އަނބުރާ ހޯދުމަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ޒަކާތު ހައުސްއިން ބެލުމަށްފަހ،ު ޒަކާތް ދައްކާފައިވަނީ ލާޒިމުވާ ޢަދަދަށްވުރެ އިތުރަށްކަން ފާހަގަކުރެވިއްޖެނަމ،ަ އެ ހުށަހެޅުން ހުށަހަޅާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހުގެ ތެރޭގައި އެކަން ޒަކާތް ދެއްކި ފަރާތަށް އަންގައި، އިތުރަށް ނެގިފައިވާ ފައިސާ އަނބުރާ އެ ފަރާތަށް ރައްދުކުރަންވާނެއެވެ.
33 ވަނަ މާއްދާ - މުދަލު ޒަކާތާގުޅޭ އެހެނިހެން އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުން
އަންނަނިވި ގަވާއިދުތައް ހިމެނޭގޮތުން، މި ޤާނޫނުގެ ދަށުން މުދަލު ޒަކާތް ނެގުމާއި ބެހުމުގެ ކަންކަމާގުޅޭ ގަވާއިދުތައް، މި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޒަކާތު ހައުސްއިން ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
(ހ) މުދަލު ޒަކާތް ދެއްކުން ލާޒިމު މުދާ ކަނޑައެޅުމާބެހޭ ގަވާއިދު؛
(ށ) މުދަލު ޒަކާތުގެ ނިޞާބު ހިސާބުކުރުމާއި، ނިޞާބު ކަނޑައެޅުމާބެހޭ ގަވާއިދު؛
(ނ) މުދަލު ޒަކާތުގެ ނިޞާބުގެ މުއްދަތު ހިސާބުކުރުމާބެހޭ ގަވާއިދު؛
(ރ) މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ހިސާބުކުރުމާއި، އެ މިންވަރު ކަނޑައެޅުމާބެހޭ ގަވާއިދު؛
(ބ) މުދަލު ޒަކާތުގެ ބެހެނިވެރިން ކަނޑައެޅުމާބެހޭ ގަވާއިދު؛
(ޅ) މުދަލު ޒަކާތް ދެއްކުމަށްޓަކައި، ރަޖިސްޓަރީކުރުމާބެހޭ ގަވާއިދު؛
(ކ) މުދަލު ޒަކާތާގުޅޭ މާލީ ބަޔާން ހުށަހެޅުމާބެހޭ ގަވާއިދު؛
(އ) މުދަލު ޒަކާތުގެ ގޮތުގައި، ދައްކަންޖެހޭ މިންވަރު، އުނިކުރުމާބެހޭ ގަވާއިދު؛
(ވ) މުދަލު ޒަކާތުގެ ބެހެނިވެރިއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ ގަވާއިދު؛
(މ) މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން މުދަލު ޒަކާތުގެ ބެހެނިވެރި ފަރާތްތަކަށާއި ބޭނުންތަކަށް ބަހާނެ މިންވަރު، ކަނޑައެޅުމާބެހޭ ގަވާއިދު؛
(ފ) މުދަލު ޒަކާތް ބަލައިގަތުމުގައި ޙަރަކާތްތެރިވާނެ މާލީ އިދާރާތައް، ޢައްޔަންކުރުމާބެހޭ ގަވާއިދު؛
(ދ) ޒަކާތާބެހޭ ޝަކުވާ ހުށަހެޅުމާއި، ޝަކުވާއާމެދު ގޮތެއް ކަނޑައެޅުމާބެހޭ ގަވާއިދު؛
ހަތަރުވަނަ ބާބު
ފިތުރު ޒަކާތް
34 ވަނަ މާޢްދާ - ފިތުރު ޒަކާތް
މި ޤާނޫނުގެ ދަށުން ފިތުރު ޒަކާތް ދެއްކުން، ލާޒިމުވުމުގެ ޝަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ބަޔާންކުރާ ގޮތުގެމަތިން ފިތުރު ޒަކާތް ދައްކަންވާނެއެވެ.
35 ވަނަ މާޢްދާ - ފިތުރު ޒަކާތް އަދާކުރާ ފަރާތުގެ ޝަރުތުތައް
(ހ) އަންނަނިވި ޝަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު، ފިތުރު ޒަކާތް ދައްކަންވާނެއެވެ.
- މުސްލިމަކު ކަމުގައިވުން؛
- ފިތުރު ޒަކާތް ދެއްކުމުގެ މާލީ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ފިތުރު ޒަކާތް ދެއްކުމުގެ މާލީ ޤާބިލުކަން ހުރި މީހެއް ކަމުގައި ބުނެފައި އެވަނީ، ފިތުރު ޢީދު ވިލޭރެއާއި ފިތުރު ޢީދު ދުވަހު، އެ މީހަކާއި، އެ މީހަކު ސީދާ ބަލަހައްޓަންޖެހޭ އާއިލާގެ މެންބަރުންގެ ކެއުން ބުއިމާއި އެނޫންވެސް އަސާސީ ބޭނުންތައް ފުއްދޭ މިންވަރަށްވުރެ އިތުރަށް އެ މީހެއްގެ މާލީ ޤާބިލުކަން ހުރުމަށެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް އެ މީހަކު ސީދާ ބަލަހައްޓަންޖެހޭ ޢާއިލާގެ މެންބަރުން ކަމަށް ބުނެފައި އެވަނީ، އެ މީހެއްގެ އުފަން ދަރިންނަށާއި އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ އެންމެހައި ފަރާތްތަކަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ކޮންމެ މީހަކު، އެ މީހާއާއި، އެ މީހަކު ސީދާ ބަލަހައްޓަންޖެހޭ ޢާއިލާގެ މެންބަރުންގެ ކިބައިން ފިތުރު ޒަކާތް ދައްކަންވާނެއެވެ.
36 ވަނަ މާޢްދާ - ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަނެވޭ ތަކެތި
ފިތުރު ޒަކާތް ދައްކާނީ، ދިވެހިރާއްޖޭގައި ޢާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތްތަކުން އަދި/ނުވަތަ އެ ބާވަތްތަކުގެ އަގަށްވާ ފައިސާއިންނެވެ.
37 ވަނަ މާޢްދާ - ފިތުރު ޒަކާތުގެ މިންވަރާއި މުއްދަތު ކަނޑައެޅުން
(ހ) ގޮވާމުގެ ބާވަތްތަކުން އަދި/ނުވަތަ ފައިސާއިން ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައަޅާނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޒަކާތު ހައުސްއިންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮންމެ އަހަރަކަށް ކަނޑައަޅާ މިންވަރު ޒަކާތު ހައުސްއިން ހިސާބުކުރުމަށްފަހު، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޢާންމުކުރަންވާނެއެވެ.
38 ވަނަ މާއްދާ - ފިޠުރު ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުން
(ހ) މި ޤާނޫނުގެ ދަށުން ފިޠުރު ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކުން، ގޮވާމުގެ ބާވަތްތަކުން އަދި/ނުވަތަ ފައިސާއިން ދައުލަތަށް ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ޒަކާތު ހައުސްއިން ހަމަޖައްސަންވާނެއެވެ.
(ށ) މި ޤާނޫނުގެ ދަށުން ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ޒަކާތު ހައުސްގެ ފަރާތުން ބަލައިގަތުމުގައި ޙަރަކާތްތެރިވާނެ މާލީ އިދާރާތައް ޢައްޔަންކުރުމުގެ އިޚްތިޔާރު ޒަކާތު ހައުސްއަށް ލިބިގެންވެއެވެ.
(ނ) މި ޤާނޫނުގެ ދަށުން ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ޒަކާތު ހައުސްގެ ފަރާތުން ބަލައިގަތުމުގައި ޙަރަކާތްތެރިވާނެ މާލީ އިދާރާއެއް މި މާއްދާގެ (ށ) ގެ ދަށުން ޢައްޔަންކުރަންވާނ،ީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ޒަކާތު ހައުސްއާއި
އެ އިދާރާއަކާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގައި، ފައިސާއިން ފިޠުރު ޒަކާތް ދައްކާ ފަރާތްތަކަށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ވަސީލަތްތައް ޒަކާތު ހައުސްއިން ހަމަޖައްސަންވާނެއެވެ.
39 ވަނަ މާއްދާ - ފިޠުރު ޒަކާތުގެ ގޮތުގައި ލިބޭ ގޮވާމުގެ ބާވަތްތަކާއި ފައިސާ ބެހުން
(ހ) ފިޠުރު ޒަކާތުގެ ގޮތުގައި ލިބޭ ގޮވާމާއި ފައިސާއިން ކޮންމެ ބެހެނިވެރިއަކަށް ބަހާނެ މިންވަރު ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރަންވާނެއެވެ.
(ށ) ޒަކާތު ހައުސްއިން ނުވަތަ ޒަކާތު ހައުސްއިން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް، ފިޠުރު ޒަކާތުގެ ގޮތުގައި ލިބޭ ގޮވާމާއި ފައިސ،ާ ފިޠުރު ޒަކާތުގެ ބެހެނިވެރިންނަށް ބެހުމުގެ އިންތިޒާމު ޒަކާތު ހައުސްއިން ހަމަޖައްސަންވާނެއެވެ.
40 ވަނަ މާއްދާ - ފިޠުރު ޒަކާތުގެ ބެހެނިވެރިން
(ހ) ފިޠުރު ޒަކާތުގެ ގޮތުގައި ލިބޭ ގޮވާމާއި ފައިސާ ބަހަންވާނީ އަންނަނިވި ފަރާތްތަކަށް އަދި/ނުވަތަ ބޭނުންތަކަށެވެ.
- ފަޤީރުން؛
- މިސްކީނުން؛
- ފިޠުރު ޒަކާތުގެ ބެހެނިވެރިން އަދި ބޭނުންތަކުގެ ގޮތުގައި ޒަކާތު ހައުސްއިން ކަނޑައަޅާ އެނޫންވެސް ޝަރުޢީ ގޮތުން ހުއްދަ ފަރާތްތަކާއި، ބޭނުންތައް.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ފިޠުރު ޒަކާތުގެ ބެހެނިވެރިއެއްގެ ގޮތުގައި ބެލުމަށް ފުރިހަމަވާންޖެހޭ އަސާސީ ޝަރުޠުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) ފިޠުރު ޒަކާތުގެ ގޮތުގައި ލިބޭ ގޮވާމާއި ފައިސާ ބަހާނ،ީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ފިޠުރު ޒަކާތުގެ ބެހެނިވެރިއެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ފިޠުރު ޒަކާތުގެ ބެހެނިވެރިއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށްޓަކައި ޢާންމުކޮށް ހުޅުވާލައި، އެފަދައިން ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ދަފުތަރެއް ޒަކާތު ހައުސްއިން ބަލަހައްޓަންވާނެއެވެ.
41 ވަނަ މާއްދާ - ފިޠުރު ޒަކާތާބެހޭ ގަވާއިދު ހެދުން
އަންނަނިވި ގަވާއިދުތައް ހިމެނޭގޮތުން، މި ޤާނޫނުގެ ދަށުން ފިޠުރު ޒަކާތް ނެގުމާއި ބެހުމުގެ ކަންކަމާގުޅޭ ގަވާއިދުތައް، މި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޒަކާތު ހައުސްއިން ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
(ހ) ފިޠުރު ޒަކާތުގެ ބެހެނިވެރިން ކަނޑައެޅުމާބެހޭ ގަވާއިދު؛
(ށ) ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަނެވޭނެ ގޮވާމާއި ފައިސާގެ ބާވަތްތައް ކަނޑައެޅުމާބެހޭ ގަވާއިދު؛
(ނ) ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ހިސާބުކުރުމާއި، އެ މިންވަރު ކަނޑައެޅުމާބެހޭ ގަވާއިދު؛
(ރ) ފިޠުރު ޒަކާތް ބަލައިގަތުމުގައި ޙަރަކާތްތެރިވާނެ މާލީ އިދާރާތައް ޢައްޔަންކުރުމާބެހޭ ގަވާއިދު؛
(ބ) ފިޠުރު ޒަކާތުގެ ބެހެނިވެރިއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ އިޖުރާއަތު؛
(ޅ) ފިޠުރު ޒަކާތުގެ ގޮތުގައި ބަހާނެ މިންވަރު ކަނޑައެޅުމާބެހޭ ގަވާއިދ.ު
ފަސްވަނަ ބާބު
ޒަކާތު ފަންޑު
42 ވަނަ މާއްދާ - ޒަކާތު ފަންޑު
(ހ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް، އަދި އެ ފައިސާއިން އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށްޓަކައި "ޒަކާތު ފަންޑު" ގެ ނަމުގައި ފަންޑެއް އުފެދުނީއެވެ. އަދި މި ފަންޑު ބަލަހައްޓަންވާނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެމަތިން، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޤާއިމުކުރެވޭ ވަކި އެކައުންޓެއްގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޒަކާތު ފަންޑު އުފެދުމާއެކު، ޤާނޫނު ނަންބަރު 3/2006 )ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު( ގެ 25 ވަނަ
މާއްދާގެ ދަށުން ޤާއިމުކޮށް ހިންގަމުންއައި "ޒަކާތު ފަންޑު"، އެ ފަންޑުގައިވާ އެންމެހައި ފައިސާއާއެކު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަންޑަށް ބަދަލުވީއެވެ.
43 ވަނަ މާއްދާ - ފަންޑުގެ ކަސްޓޯޑިއަން
(ހ) ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.
(ށ) ޒަކާތު ފަންޑުގެ ކަސްޓޯޑިއަންގެ މައިގަނޑު މަސްއޫލިއްޔަތުތަކ،ީ ޒަކާތު ފަންޑުގެ އެކި އެކައުންޓުތައް އެ އޮތޯރިޓީގައި ހުޅުވައި، އެ އެކައުންޓުތައް ބަލަހައްޓައި، ފަންޑުގެ އިންފްލޯ އަދި އައުޓްފްލޯ ރިޕޯޓުތައް، ޒަކާތު ހައުސްއިން ކަނޑައަޅާ ގޮތެއްގެމަތިން
ތައްޔާރުކުރުމެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް ކަސްޓޯޑިއަންއާ ޙަވާލުކުރުމުގެ ގޮތުން، ޒަކާތު ހައުސްއާއި އެ ފަރާތާ ދެމެދ،ު ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ވެވޭ އެއްބަސްވުމުގައި، ކަސްޓޯޑިއަންގެ ޚިދުމަތްތަކަށް ފީއެއް ކަނޑައަޅައި، އެ ފީ ނެގުމަކަށް މި ޤާނޫނު
ހުރަހެއް ނާޅައެވެ.
44 ވަނަ މާއްދާ - ފަންޑުގެ މަޤްޞަދުތައް
ޒަކާތު ފަންޑުގެ މަޤްޞަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ޤާނޫނުގެ ދަށުން ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާ ފައިސާ ފަންޑަށް ޖަމާކޮށް، އަމާނާތްތެރިކަމާއެކު ބެލެހެއްޓުން؛
(ށ) ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން، މި ޤާނޫނުގެ ދަށުން ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާއިން ޒަކާތުގެ ބެހެނިވެރި ފަރާތްތަކަށާއި ބޭނުންތަކަށް ހަލުވިމިނެއްގައި އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން؛
(ނ) މި ޤާނޫނުގެ ދަށުން ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާއިން ޒަކާތުގެ ބެހެނިވެރި ފަރާތްތަކަށާއި ބޭނުންތަކަށް ދޫކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، ފަންޑަށް ޖަމާކުރެވޭ ފައިސާ އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކުރުނ.ް
45 ވަނަ މާއްދާ - ފަންޑަށް ޖަމާކުރެވޭ ފައިސާ
މި ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ޤާއިމުކުރެވޭ ޒަކާތު ފަންޑުގެ ރައުސްމާލު އެކުލެވިގެންވަނީ އަންނަނިވި މާލީ މަންފާތަކުގެ މައްޗަށެވެ.
(ހ) މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާ ފައިސާ؛
(ށ) ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ؛
(ނ) ފަންޑުން ޤާއިމުކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސ.ާ
46 ވަނަ މާއްދާ - ޒަކާތު ފަންޑު ބޭނުންކުރެވޭނެ ކަންކަން
ދިވެހިރާއްޖޭގެ ޒަކާތު ފަންޑަށް ޖަމާކުރާ ފައިސާ ބޭނުންކުރެވޭނ،ީ ފަންޑުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ހަމައެކަނި އަންނަނިވި ބޭނުންތަކަށެވެ.
(ހ) މުދަލު ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ފައިސާ ދޫކުރުމަށް؛
(ށ) ފިޠުރު ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ފައިސާ ދޫކުރުމަށް؛
(ނ) ފަންޑަށް ޖަމާކުރެވޭ ފައިސާ އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކުރުމަށް؛
(ރ) ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ކަންކަން ތަންފީޛުކުރުމަށްޓަކައި، މި ޤާނޫނުގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ޒަކާތު ހައުސްއިން ޚަރަދުކުރުމަށް ކަނޑައަޅާ ކަންކަމަށ.ް
47 ވަނަ މާއްދާ - ފަންޑު ހިންގުން
(ހ) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޒަކާތު ފަންޑު ހިންގައި ބަލަހައްޓާނީ ޒަކާތު ހައުސްއިންނެވެ.
(ށ) އަންނަނިވި ކަންކަން ހިމެނޭގޮތުން، ޒަކާތު ފަންޑު ހިންގުމާބެހޭ ގަވާއިދު މިނިސްޓަރުގެ ލަފައާއެކު، ޒަކާތު ހައުސްއިން ހަދަންވާނެއެވެ. އަދި މި ގަވާއިދު އެކުލަވާލުމުގައި މާލިއްޔަތާބެހޭ ވުޒާރާގެ ލަފާ ހޯދަންވާނެއެވެ.
- ފަންޑަށް ލިބޭ ފައިސާ ބަލައިގަނ،ެ އެ ފައިސާ ފަންޑަށް ޖަމާކުރުމާބެހޭ އިޖުރާއަތު؛
- ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ފަންޑުން ފައިސާ ދޫކުރުމާބެހޭ އިޖުރާއަތު؛
- ފަންޑުގެ ފައިސާއިން އިންވެސްޓްކުރުމާގުޅޭ އިންވެސްޓްމަންޓް ޕްރިންސިޕަލްސްއާއި އިންވެސްޓްމަންޓް ސްޓްރެޓަޖީ.
48 ވަނަ މާއްދާ - އޮޑިޓްކުރުމާއި ރިޕޯޓުކުރުން
(ހ) ކޮންމެ މާލީ އަހަރަކު، ޒަކާތު ފަންޑ،ު އޮޑިޓަރ ޖެނެރަލް އޮޑިޓްކޮށް، އޮޑިޓް ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް އޮޑިޓަރ ޖެނެރަލް ހުށަހަޅަންވާނެއެވެ.
(ށ) ކޮންމެ މީލާދީ އަހަރެއް ނިމުމުން އެ އަހަރަކު ޒަކާތު ފަންޑު ހިންގި ގޮތުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް، އެ އަހަރެއް ނިމޭތާ 3 )ތިނެއް( މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް، އެ ރިޕޯޓު ޑިރެކްޓަރ ޖެނެރަލް ހުށަހަޅަންވާނެއެވެ.
ހަވަނަ ބާބު
އެހެނިހެން ކަންކަން
49 ވަނަ މާއްދާ - މަނާ ކަންކަން
(ހ) ޑިރެކްޓަރ ޖެނެރަލް ނުވަތަ ޒަކާތު ހައުސްގެ އެއްވެސް މުވައްޒަފަކު، ޒަކާތް ނެގުމާއި، ބެހުމާއި، ޒަކާތުގެ ފައިސާއިން އިންވެސްޓްކުރުމުގެ އެއްވެސް ކަމެއްގައި، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
- ޒަކާތް ދެއްކުން ލާޒިމުނުވާ ފަރާތެއްގެ އަތުން ޒަކާތް ނެގުން ؛
- ޒަކާތް ދެއްކުން ލާޒިމުނުވާ މުދަލަކުން ޒަކާތް ނެގުން؛
- ޒަކާތުގެ ބެހެނިވެރިއެއްކަމަށް ނުވާ ފަރާތަކަށް އަދި/ނުވަތަ ޒަކާތުގެ ބޭނުމަކަށް ނުވާ ބޭނުމަކަށް ޒަކާތުގެ ފައިސާ ދޫކުރުން؛
- މި ޤާނޫނުން ހުއްދަކޮށްފައިވާ ބޭނުންތަކަށް ފިޔަވައި، އެނޫން އެއްވެސް ބޭނުމަކަށް ޒަކާތުގެ ފައިސާ ބޭނުންކުރުން ނުވަތަ އެ ފައިސާއިން އިންވެސްޓްކުރުނ.ް
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްގެ އަދަބަކ،ީ އެ ކުށް ކުރި ފަރާތެއް 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.
(ނ) އެއްވެސް ފަރާތަކުން، ޞައްޙަ ނޫން ނުވަތަ ދޮގު މަޢުލޫމާތު ހުށަހަޅައިގެން ޒަކާތުގެ ފައިސާ ހޯދުން ނުވަތަ އެފަދައިން ފައިސާ ހޯދުމުގައި ބައިވެރިވުމަކީ ކުށެކެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކުށެއްގެ އަދަބަކ،ީ އެ ކުށް ކުރި ފަރާތަކުން ހޯދި ފައިސާއާ އެއްވަރުގެ ޢަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުމާއެކު، ޒަކާތު ހައުސްއިން ކަނޑައަޅާ މުއްދަތަކަށް ޒަކާތުގެ ބެހެނިވެރިންގެ ދަފުތަ ރުން އެ ފަރާތުގެ ނަން އުނިކުރުމެވެ.
(ބ) މި ޤާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމަކ،ީ ޤާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއްނަމަ، އެފަދަ ޢަމަލެއް ކުރާ ފަރާތަކާމެދު މި ޤާނޫނުގެ ދަށުން ކަނޑައެޅޭ
އިދާރީ ފިޔަވަޅެއް ކަނޑައެޅުމުގެ އިތުރުން، ޤާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ ދަށުން އެ މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
50 ވަނަ މާއްދާ - ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ލިބިގެންވާ އިމްތިޔާޒު
މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޒަކާތު ކައުންސިލުގެ މެންބަރުންނާއި، ޑިރެކްޓަރ ޖެނެރަލް އަދި ޒަކާތު ހައުސްގެ މުވައްޒަފުން ނުވަތަ ޒަކާތު ހައުސް ތަމްސީލުކުރާ އެހެން ފަރާތަކުން، ހެޔޮ ނިޔަތުގައި، އެ ފަރާތެއްގެ ވާޖިބުތައް އަދާކުރުމުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އޭނާގެ މައްޗަށް މަދަނީ ނުވަތަ ޖިނާއީ އެއްވެސް ދަޢުވާއެއް ނުއުފުލޭނެއެވެ.
51 ވަނަ މާއްދާ - ޝަކުވާ ހުށަހެޅުމުގެ ޙައްޤު
(ހ) ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ އެއްވެސް ކަމަކާ ގުޅޭގޮތުން މި ޤާނޫނުގެ ދަށުން ޒަކާތު ހައުސްއިން ނިންމާ ނިންމުމަކާ ގުޅިގެން، ކަމުގެ މަޞްލަޙަތު އޮތް ފަރާތްތަކަށް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފަސޭހައިން އެ ޝަކުވާ ހުށަހެޅޭނެ އަދި އެ ޝަކުވާތައް އަވަހަށް ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް މިނިސްޓްރީން ޤާއިމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބެލުމަށްޓަކައި މިނިސްޓްރީގައި މުރާޖަޢާ ކޮމިޓީއެއް އެކުލަވާލާފައި އޮންނަންވާނެއެވެ. އެގޮތުން އެކުލަވާލާ މުރާޖަޢާ ކޮމިޓީގައި އެ ޝަކުވާ ނިސްބަތްވާ ނިންމުން ނިންމުމުގައި ޝާމިލުވި ފަރާތެއް ހިމެނިގެން ނުވާނެ އެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ ޝަކުވާތައް ބަލައި ކަމާ ގުޅޭގޮތުން މިނިސްޓްރީން ގޮތެއް ކަނޑައެޅުމުގައި ޢަމަލުކުރާނެ އިޖުރާއަތ،ު މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
52 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް ހަދާނީ ޒަކާތު ހައުސްއިންނެވެ.
(ށ) މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 5 )ފަހެއް( މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
53 ވަނަ މާއްދާ - ޤާނޫނަށް ޢަމަލުކުރަން ފެށުން
ޤާނޫނަށް ޢަމަލުކުރަން ފަށާނ،ީ 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ.
54 ވަނަ މާއްދާ - މާނަކުރުން
މި ޤާނޫނުގައި، ލަފުޒެއް ނުވަތަ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތަކަށް ދީފައި އެވަނީ އެ ލަފުޒުތަކާއި ޢިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
(ހ) "ޒަކާތް" ކަމަށް ބުނެފައި އެވަނީ، މުދަލު ޒަކާތް އަދި ފިތުރު ޒަކާތް ހިމެނޭގޮތުންނެވެ.
(ށ) "މުދަލު ޒަކާތް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ޝަރުޠުތައް އެ މުދަލެއްގައި ފުރިހަމަވެއްޖެ ކޮންމެ މުދަލަކުން، މި ޤާނޫނުގައިވާ ގޮތުގެމަތިން ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާ ފައިސާއަށެވެ.
(ނ) "ފިތުރު ޒަކާތް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ ހަތަރުވަނަ ބާބުގައި ބަޔާންކުރާ ޝަރުޠުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު، މި ޤާނޫނުގައިވާ ގޮތުގެމަތިން ފިތުރު ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާ ގޮވާމުގެ ބާވަތްތައް ނުވަތަ ފައިސާއަށެވެ.
(ރ) "ޒަކާތް ނެގުން" ކަމަށް ބުނެފައި އެވަނީ، މުދަލު ޒަކާތް އަދި/ނުވަތަ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ނުވަތަ މުދާ ބަލައިގަތުމަށެވެ.
(ބ) "ޒަކާތް ދެއްކުން" ކަމަށް ބުނެފައި އެވަނީ، މުދަލު ޒަކާތް އަދި/ނުވަތަ ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ނުވަތަ ގޮވާމުގެ ބާވަތްތައް ދެއްކުމަށެވެ.
(ޅ) "ޒަކާތް ބެހުން" ކަމަށް ބުނެފައި އެވަނީ، ޒަކާތުގެ ބެހެނިވެރިންނަށް އަދި/ނުވަތަ ބޭނުންތަކަށް ޒަކާތު ފަންޑުގެ ފައިސާ ދޫކުރުމަށް، ނުވަތަ ގޮވާމުގެ ބާވަތްތައް ބެހެނިވެރިންނަށް ދިނުމަށެވެ.
(ކ) "ޒަކާތު ފަންޑު" (ނުވަތަ "ފަންޑު") ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އުފައްދާ ފަންޑަށެވެ.
(އ) "ޒަކާތު ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ޒަކާތު ކައުންސިލަށެވެ.
(ވ) "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރާ ޑިރެކްޓަރ ޖެނެރަލަށެވެ.
(މ) "މޯލްޑިވްސް ޒަކާތު ހައުސް" ނުވަތަ "ޒަކާތު ހައުސް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް ޒަކާތު ހައުސްއަށެވެ.
(ފ) "ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށެވެ.
(ދ) "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
(ތ) "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
(ލ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ޒަކާތާބެހޭ ކަންކަން ހިމެނޭގޮތުން އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ގ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ޒަކާތާބެހޭ ކަންކަން ހިމެނޭގޮތުން އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ޏ) "ލޯކަލް ކައުންސިލް" ނުވަތަ "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށެވެ.
(ސ) "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 1994-06 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން ޤާއިމުކޮށްފައިވާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށެވެ.
(ޑ) "މާލިއްޔަތާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ޒ) "މުދާ" ކަމަށް ބުނެފައި އެވަނީ، މުދަލާއި، ފައިސާއާއި އެނޫންވެސް މަންފާ ހިމެނޭގޮތުންނެވެ.
(ޓ) "ނިޞާބު" ކަމަށް ބުނެފައި އެވަނީ، އިސްލާމީ ޝަރީޢަތުގައި ޒަކާތް ދެއްކުމަށް ކަނޑައަޅާފައިވާ އެކި ބާވަތްތަކުގެ މުދަލުން، ޒަކާތް ދެއްކުމަށް ލާޒިމުވުމަށްޓަކައި އެ މީހަކަށް މިލްކުވާންޖެހޭ މިންވަރަށެވެ.
(ޔ) "އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ.
ކިޔުންތެރިންގެ ހިޔާލު